Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 3 ވަނަ ހަފްތާ - ގަރުބަގަތުން

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ތިންވަނަ ހަފްތާ - ގަރުބަގަތުން
ބަލިވެއިނުން ނޫނީ މާބަނޑު ދުވަސްވަރު ގުނަން ފަށަނީ އެންމެ ފަހުން މައްސަރު ކަންތައްޖެހުނު ދުވަހުން ފެށިގެންކަމަށްވާތީ، ދެވަނަ ހަފްތާއަށް ދާއިރު އަދި ބަލިވެއެއް ނީންނާނެ އެވެ. ނަމަވެސް ދެވަނަ ހަފްތާގެ ތެރޭގައި އަންހެނާގެ ބިސްއުފައްދާ ތަނުން ދޫކުރި ބިހާއި، ޖިމާއުވުމުގެ ތެރޭގައި ކުރިމަތި ފަރާތުން ރަހިމުގެ ތެރެއަށް އެޅިގެންދިޔަ ދަރިފަނި ބިސްދަތުރުކުރާ ހޮޅީގައި ބައްދަލުވެ މުޑުވަށްވާނެ އެވެ.

އޭގެ ދުވަސްކޮޅެއްފަހުން، މުޑުވަށްވެފައިވާ ބިސް ރަހިމަށް އައިސް، ރަހިމުގެ ފާރުގެ ތެރޭގައި އިންދުމުގެ މަސައްކަތް (ގަރުބަގަތުމުގެ މަސައްކަތް) ފަށާނެ އެވެ. މިހާރު ހިނގަމުންދަނީ ތުއްތު ދަރިފުޅަކު ހެދިބޮޑުވުމުގެ މަސައްކަތެވެ. ބިސްދަތުރުކުރާ ހޮޅިން ރަހިމަށްކުރާ 4-3 ދުވަސްވަރު ހޭދަވާ ދަތުރުގައި މުޑުވަށްވެފައިވާ ބިސް (ޒައިގޮޓް) ހުރިހާ ގޮތަކުން އެއްގޮތް (މުޅިން އެއްގޮތް) 16 ސެލް އަށް ބައިބައިވެގެންދާނެ އެވެ. ބިސްދަތުރުކުރާ ހޮޅިން ރަހިމުގެ ތެރެއަށް މުޑުވަށްވެފައިވާ ބިސް ގެންދިއުން ހަލުވިކޮށްދެނީ ބިސްދަތުރުކުރާ ހޮޅީގެ އެތެރޭގައި ހުންނަ ކުދި ލޯލި އިސްތަށިތައް ނޫނީ "ސިލިއާ" ތަކެވެ. ޒައިގޮޓް ރަހިމުގެ ތެރެއަށް ވަނުމުން އެއަށްކިޔަނީ "މޮރިޔޫލާ" އެވެ. އޭގެ 2-1 ދުވަސް ފަހުން ލެއިން މުއްސަދިވެފައިވާ ރަހިމުގެ ފާރުގެ ތެރޭގައި މުޑުވަށްވެފައިވާ ބިސް {މޮރިޔޫލާ} ގަރުބަގަންނާނެ އެވެ.
މިހާރު ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅަކީ ހެދިބޮޑުވެ އިތުރުވާ އެތައް ސަތޭކަ ސެލް އެއްގެ މައްޗަށް އެކުލެވޭ ކުޑަ ވަށް ބޯޅައެއްގެ ސިފައިގައި އޮންނަ އެއްޗެކެވެ. ޢިލްމުވެރިން މިއަށް ކިޔަނީ  "ބްލާސްޓޯސައިޓް" އެވެ. ބްލާސްޓޯސައިޓް އެކުލެވިގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެއީ:-
  • އެތެރެއިން ލެވިފައިވާ ސެލް ބޮޑިވަރު : ތުއްތު ދަރިފުޅަށް ވާނީ މިސެލް ފުނިވަރެވެ.
  • ދިޔައިން ފުރިފައިވާ ހުސްޖާގަ : ފެން ދުއްޔަށް ވާނީ މިޖާގައެވެ.
  • ބޭރުން ލެވިފައިވާ ސެލް ބޮޑިވަރު : މިސެލް ފުނިވަރު ވާނީ ތުއްތު ދަރިފުޅަށް އޮކްސިޖަން އާއި ކާނާ ގެންގޮސްދޭ މަހަށެވެ.
ބްލާސްޓޯސައިޓްގެ ބައިތަކުގެ ތެރެއިން ބޭރުން ލެވިފައިވާ ސެލް ފުނިވަރުން ނޫނީ ސެލްތަކުގެ ބައިން "ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން ހޯރމޯން" އުފައްދާނެއެވެ. މާބަނޑުވުމުން ހަދާ ޓެސްޓު ޕޮޒިޓިވް ވަނީ މިހޯރމޯން ކުޑަކަމު ނަޖިހުގައި ނޫނީ ލޭގައި ހުރިނަމަ އެވެ. މިބުނި ހޯރމޯން އިން ބިސް އުފައްދާތަނުން ބިސް އުފެއްދުން ހުއްޓާލުމަށް އަންގާނެއެވެ. އަދި އެސްޓްރަޖަން އާއި ޕްރޮޖެސްޓަރޯން އުފެއްދުމަށް ބާރުއަޅާނެއެވެ. މިދެހޯރމޯން ރަހިމުގެ ބަތާނަ ފަށް ނޫނީ ފާރު ހަލާކުވިޔަނުދީ، އަދި ރަހިމުގެ ފާރުގައި ގަރުބަގަނެފައިވާ ތުއްތު ދަރިފުޅު ބީވެގެންދިޔަނުދީ (ނެއްޓިގެންދިޔަނުދީ) އޭގެ މަގާމުގައި ހިފަހައްޓައިދޭނެ އެވެ. މީގެ އިތުރުން މިދެ ހޯރމޯން އިން މަސް އުފެދި ބޮޑުވުމަށް ބާރުއަޅާނެ އެވެ.
ހަމަ މިދުވަސްވަރު (ބްލާސްޓޯސައިޓް ވަށައިގެން) ފެންދުލިލެވި، ފެންދުލީގައި ފެންހަރުލާނެއެވެ. މިފެންދުއްޔަކީ ވިހަންދެން ތުއްތު ދަރިފުޅު އެދުލީގައި ހުންނަ ފެނުގެ ތެރޭގައި ހިފެހެއްޓި، ދެމިހުރެދާ ދުއްޔެކެވެ. މިދުވަސްވަރު ބްލާސްޓޯސައިޓް އަށް އޮކްސިޖަން އާއި ކާނާ ލިބިގެންދަނީ އުފެދެމުންދާ ލޭދައުރުކުރާ ނިޒާމުންނެވެ. މިދެންނެވި ނިޒާމު ބިނާވެފައިވަނީ އުފެދެމުންދާ ތުއްތު ދަރިފުޅާއި ރަހިމުގެ ފާރުގައި ހުންނަ ކުދި ލޭހޮޅިތައް ގުޅުވައިދޭ ލޮލަށް ނުފެންނަވަރުގެ ކުދިކުދި މަގުތަކެއްގެ މައްޗަށެވެ. އަންނަ ހަފްތާ ނިމުމުގެ ކުރިން މެނުވީ ތުއްތު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން އާއި، ކާނާ ފޯރުކޮށްދޭ ވަރަށް، މަސް އުފެދި ފުރިހަމަ އެއް ނުވާނެއެވެ.
ތިންވަނަ ހަފްތާ : ގަރުބަގަތުން
ފެންދުލި : ފެންދުލީގެ ތެރޭގައި ފެންހަރުލާން ފަށާނެއެވެ. ފެންދުއްޔަކީ ދުވަސްކޮޅެއްގެ ތެރޭގައި ހެދިބޮޑުވާން ފަށާ، ތުއްތު ދަރިފުޅުގެ ވަށައިގެން އޮޅާލެވޭ ރައްކާތެރިކަމުގެ ސާލެކެވެ.
ބްލާސްޓޯސައިޓް : މިއީ ވަރަށް އަވަހަށް ހެދިބޮޑުވެ އިތުރުވާ އެތައް ސަތޭކަ ސެލް އެއްގެ މައްޗަށް އެކުލެވޭ ކުޑަ ވަށް ބޯޅައެއް ފަދަ އެއްޗެކެވެ.
އުފެދެމުން އަންނަ ތުއްތު ދަރިފުޅު : ހެދިބޮޑުވާން ފަށާ ތުއްތު ދަރިފުޅު އުފެދުމަށްޓަކައި ބޭނުންވާ ސެލްތައް ދެބަރިއަކަށް ނޫނީ ދެފަށަލައަކަށް ފަތިކޮށް އެތުރެން ފަށާނެއެވެ.
މަހުގެ ސެލްތައް : މިސެލްތައް ދުވަސްކޮޅަކުން މަހަށް ބަދަލުވާނެއެވެ. މިމުއްދަތުގައި މިސެލްތަކުން "ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން ހޯރމޯން" އުފައްދާނެއެވެ. މާބަނޑުވުމުން ހަދާ ޓެސްޓު ޕޮޒިޓިވް ވަނީ މިހޯރމޯން ކުޑަކަމު ނަޖިހުގައި ނޫނީ ލޭގައި ހުރިނަމަ އެވެ.
ރަހިމުގެ ބަތާނަ : ލެއިން މުއްސަދިވެފައިވާ ރަހިމުގެ ބަތާނަ ފަށުގެ ތެރެއަށް ބްލާސްޓޯސައިޓް ވަންނަން ފަށާނެއެވެ.
ކުރިމަތި ފަރާތް : މިހަފްތާ ނިމޭތަނުގައި ބައެއް ފަހަރު ކުރިމަތި ފަރާތުން ލޭފައިބައިފާނެއެވެ. މިގޮތަށް ދިމާވަނީ ރަހިމުގެ ބަތާނަ ފަށުގެ ތެރެއަށް ބްލާސްޓޯސައިޓް ވަންނަން ފެށުމުންނެވެ.
ޔޯކް ސެކް : މިއީ އުފެދެމުން އަންނަ ތުއްތު ދަރިފުޅާއި ގުޅިފައި އިންނަ ކޮތަޅެކެވެ. މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ ރަތް ސެލްތައް އުފައްދައިދީ، ކާނާ ފޯރުކޮށްދެނީ މިކޮތަޅުންނެވެ.
ތިންވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ކާނާއިން މުއްސަދި ރަހިމުގެ ބަތާނަ ފަށުގައި ހާލި ހަދައި، ގަރުބަނެފައިވާ ހެދިބޮޑުވެ އިތުރުވާ އެތައް ސެލްތަކެއްގެ މައްޗަށް އެކުލެވޭ ބޯޅަ އެއްފަދަ އެއްޗަކީ "ބްލާސްޓޯ ސައިޓް" އެވެ. ތުއްތު ދަރިފުޅުގެ ގޮތުގައި ހެދިބޮޑުވެގެން އަންނަނީ މިސެލްތަކެވެ. މިހަފްތާގައި މިސެލްތަކުން މާބަނޑު ހޯރމޯން{ހިއުމަން ކޮރީއޮނިކް ގޯނާޑޮޓްރޮޕިން ހޯރމޯން} ވާނީ އުފައްދަން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިސްއުފައްދާ ތަނުން އިތުރަށް ބިސްދޫކުރުން ހުއްޓާލުމަށް އަންގާނެ އެވެ.
މައުލޫމާތު :


No comments:

Post a Comment