Thursday, November 16, 2023

މައެސްތީނިއާ ގްރޭވިސް

މައެސްތީނިއާ ގްރޭވިސް

މައެސްތީނިއާ ގްރޭވިސް(Myesthenia Gravis) އަކީ ހަށިދަމަނަ(antibody)ތަކުން ނާރުތަކާއި މަސްތަކާއި ދެމެދުގައި ހިނގާ ގުޅުމަށް ނޫނީ އޮންނަ ގުޅުމަށް ނުވަތަ ނާރުތަކާއި މަސްތަކާއި ދެމެދު ކުރެވޭ މުއާމަލާތަށް ހުރަސްއެޅުން ނޫނީ ގެއްލުންދިނުމުގެ ސަބަބުން މަސްތަކުގެ ބާރުދެރަވާ އުޓޯއިމިޔޫން ޑިސްއޯޑަރ(autoimmune disorder) އެކެވެ. މައެސްތީނިއާ ގްރޭވިސް ގެ އަސަރު ބޮޑަށް ކުރަނީ ހަށިގަނޑުގައި އޭގެ ބާރު އަމިއްލައަށް ހިންގޭ ނޫނީ ކޮންޓްރޯލްކުރެވޭ މަސްތަކަށެވެ. މިސާލަކަށް އަތްފައި، ކަރު، ލޯ، އަދި އަނގައިގެ މަސްތައް ކޮންޓްރޯލްކުރާ ނާރުތަކަށެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). އެހެންކަމުން މައެސްތީނިއާ ގްރޭވިސް ގައި ހަށިގަނޑުގައި އަމިއްލައަށް ބާރުހިންގޭ މަސްތައް ވަރުދެރަވެ، އަވަހަށް ވާޅުވާ ގޮތް ވެއެވެ. މިގޮތަށް ދިމާވަނީ މަސްތަކާއި ނާރުތަކާއި ދެމެދު އޮންނަ ގުޅުން ނުވަތަ މުއާމަލާތް ކެނޑުމުންނެވެ (މެޔޯކްލިނިކް، 2023).


ކޮންމެ އުމުރެއްގެ މީހަކަށް ވެސް މައެސްތީނިއާ ގްރޭވިސް ކުރިމަތިވެދާނެއެވެ. ނަމަވެސް އެންމެ ގިނައިން ފެންނަނީ އުމުރުން 30-20 އަހަރު އުމުރުފުރާގެ އަންހެނުންގެ ފުށުންނާއި، އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންގެ ފުށުންނެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). މެޔޯކްލިނިކް ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި މައެސްތީނިއާ ގްރޭވިސް އެންމެ އާންމުކޮށް ކުރިމަތިވަނީ އުމުރުން 40 އަހަރުން ދަށުގެ އަންހެނުންނާއި، އުމުރުން 60 އަހަރުން މަތީގެ ފިރިހެނުންނަށެވެ (މެޔޯކްލިނިކް، 2023). މައެސްތީނިއާ ގްރޭވިސް ގައި ކުރިމަތިވާ އެންމެ ބޮޑު ނުރައްކާ މައެސްތީނިއާ ކްރައިސިސް ގައި ނޭވާލާން އުދަނގޫވުމާއި، ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

މައެސްތީނިއާ ގްރޭވިސް ކުރިމަތިވަނީ ކީއްވެގެންކަން ސީދާ އަދި ހޯދިފައެއްނުވެއެވެ. އަދި މިބައްޔަށް ވަކި ޚާއްޞަ ފަރުވާޢެއް ވެސް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ދުރާލާ ދެނެގަނެ، އެކަށޭނަ ފަރުވާ ދެވިއްޖެނަމަ، ގިނަ މީހުންނަށް އާންމު ދިރިއުޅުން އުޅެލެވޭ ވަރުވެއެވެ.

ސަބަބު

މައެސްތީނިއާ ގްރޭވިސް އަކީ ވާރުތަވާ ބައްޔެއް ނޫނެވެ. އަދި މިއީ ގައިންގަޔަށްއަރާ ބައްޔެއް ވެސް ނޫނެވެ. އާންމު ގޮތެއްގައި މިކަން ކުރިމަތިވަނީ އުމުރުގެ ފަހުކޮޅުގައި ހަށިގަނޑުގައި ހިމެނޭ ހަށިދަމަނަތަކުން މަސްތަކުގައި ހުންނަ ތަބީޢީ ރިސެޕްޓަރުތަކަށް ހަމަލާ ދިނުމުންނެވެ. މިގޮތަށް ހަމަލާ ދިނުމުން މަސްތައް ކުރުގެޅި ހަރަކާތްކުރުމަށް ބާރުއަޅައިދޭ ކެމިކަލްގެ މަސައްކަތްތައް ހުއްޓުވައެވެ. ނޫނީ ހުއްޓެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

މައެސްތީނިއާ ގްރޭވިސް ހުންނަ އަންހެނެއްގެ ފުށުން މާބަނޑު ދުވަސްވަރު ބަނޑުގައިވާ ދަރިފުޅަށް ހަށިދަމަނަތައް ވާޞިލްވެއްޖެނަމަ، ބަނޑުގައިވާ ތުއްތު ދަރިފުޅަށް މައެސްތީނިއާ ގްރޭވިސް ގެ ވަގުތީ ވައްތަރެއް ކުރިމަތި ވެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). ވަރަށް މަދުން ނަމަވެސް ދިމާވެދާނެ މިވައްތަރަށް ކިޔަނީ "ނިއޯނޭޓަލް މައެސްތީނިއާ ގްރޭވިސް"(neonatal myasthenia gravis)  އެވެ (މެޔޯކްލިނިކް، 2023). ނަމަވެސް އާންމު ގޮތެއްގައި މިވައްތަރު ކުރިމަތިވި ނަމަވެސް އުފަންވާތާ 3-2 މަސްދުވަހުގެ ތެރޭގައި ރަނގަޅުވެދެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). ބައެއް ކުދިން އުފަންވާއިރު މައިމީހާގެ ފުށުން މައެސްތީނިއާ ގްރޭވިސް ގެ ވައްތަރެއް ވަރަށް މަދުން ނަމަވެސް ވާރުތަވެފައި ހުރެއެވެ. މިގޮތަށް ތުއްތު ދަރިފުޅު އުފަންވާއިރު މައިމީހާގެ ފުށުން ވާރުތަވެގެން ކުރިމަތިވާ ވައްތަރަށް ކިޔަނި "ކޮންޖެނިޓަލް މައެސްތީނިކް ސިންޑްރޯމް"(congenital myasthenic syndrome) އެވެ.

ހަށިދަމަނަތައް

ނާރުތަކާއި މަސްތައް މުއާމަލާތް ކުރަނީ ނާރުތަކުން ދޫކުރާ ކެމިކަލް "ނިއުރޯޓްރާންސްމިޓަރު"(neurotransmitter) ތައް މެދުވެރިކޮށެވެ. މިނިއުރޯޓްރާންސްމިޓަރު ތަކަކީ ނާރުތަކާއި މަސްތައް ގުޅޭ ހަތަރު-އަގޮޅީ(nerve-muscle junction) ގައި ހުންނަ ރިސެޕްޓަރު(receptor) ތަކަށް ފެތިގެންދާ އެއްޗެކެވެ (މެޔޯކްލިނިކް، 2023).  

މައެސްތީނިއާ ގްރޭވިސް ގައި ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކުން މަސްތަކުގައި ހުންނަ އެސިޓީލްކޯލިން(acetylcholine)  އޭ ކިޔޭ ނިއުރޯޓްރާންސްމިޓަރު ތަކަށް ހުންނަ ގިނަ ރިސެޕްޓަރު ތައް ބަންދުކޮށްލައެވެ. ނޫނީ ހަލާކުކޮށްލައެވެ. މަސްތަކުގައި އެސިޓީލްކޯލިން އަށް ހުންނަ ރިސެޕްޓަރުތައް މަދުވުމުން ނާރުން މަސްތަކަށް ސިގުނަލް ލިބޭލެން ވެސް މަދުވެއެވެ. މީގެ ސަބަބުން މަސްތަކުގެ ބާރުދޫވެއެވެ (މެޔޯކްލިނިކް، 2023).  

ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކުން "ޓައިރޯސީން ކައިނޭސް"(tyrosine kinase) ކިޔާ ޕްރޮޓީން އެއްގެ ގޮތުގައި ބެލެވޭ މަސްތަކަށް ޚާއްޞަ ރިސެޕްޓަރު(muscle-specific receptor) ނުވަތަ ޕްރޮޓީން އެއް ބަންދުކޮށްލައެވެ. މިޕްރޮޓީން އަކީ މަސްތަކާއި -ނާރުތައް ގުޅޭ ހަތަރުއަގޮޅި އުފެއްދުމަށް އެހީތެރިވެދޭ ޕްރޮޓީން އެކެވެ. މިޕްރޮޓީން އާއި ދެކޮޅަށް އުފެދޭ ހަށިދަމަނަ ތަކުން ވެސް މައެސްތީނިއާ ގްރޭވިސް ކުރިމަތިވުމަށް މަގުފަހިކުރުވައެވެ. އެހެން ޕްރޮޓީން އަކާއި ދެކޮޅަށް ހަށިދަމަނަ އުފެދުމަކީ ވެސް މައެސްތީނިއާ ގްރޭވިސް ކުރިމަތިވުމަށް މަގުފަހިކުރާ ކަމެއްކަމަށް ބެލެވިފައި ވެއެވެ. އެއީ "ލައިޕޯޕްރޮޓީން ރިލޭޓަޑް ޕްރޮޓީން 4"(lipoprotein-related protein 4) އެވެ (މެޔޯކްލިނިކް، 2023).

ބައެއް މީހުންނަށް މައެސްތީނިއާ ގްރޭވިސް ކުރިމަތިވަނީ މަތީގައި ބަޔާންކުރެވުނު ޕްރޮޓީންތައް ހަށިދަމަނަތަކުން ބަންދުކޮށްލުމަކުން ނޫނެވެ. މިވައްތަރުގެ މައެސްތީނިއާ ގްރޭވިސް އަށް ކިޔަނީ "ސީރޯނެގެޓިވް މައެސްތީނިއާ ގްރޭވިސް"(seronegative myasthenia gravis) ނުވަތަ "އެންޓިބޮޑީ ނެގެޓިވް މައެސްތީނިއާ ގްރޭވިސް"(antibody negative myasthenia gravis) އެވެ. ނަމަވެސް އާންމު ގޮތެއްގައި ދިރާސާ ވެރިން ގަބޫލުކުރަނީ ހަށިދަމަނަތައް ހުރިކަން ނުހޯދުނު ނަމަވެސް މިވައްތަރުގެ މައެސްތީނިއާ ގްރޭވިސް ވެސް ކުރިމަތިވަނީ ދިފާޢީ ނިޒާމުން އޭގެ ޒާތުގައި މަސްތަކާއި ދެކޮޅަށް ދޭ ހަމަލާތަކުގެ ސަބަބުން ކަމަށެވެ (މެޔޯކްލިނިކް، 2023).

ތައިމަސް ގްލޭންޑް

ތައިމަސް ގްލޭންޑް(thymus gland)  އަކީ ދިފާއީ ނިޒާމުގެ ބައެކެވެ. މިގްލޭންޑްގެ އިންނަނީ ކަރުގެ ތިރިން މޭމަތީގައި ތިނަކަށިގަނޑު ނުވަތަ އުރަމަތީ ކަށިގަނޑުގެ ދަށުގައެވެ. ދިރާސާވެރިން ގަބޫލުކުރާގޮތުގައި އެސިޓީލްކޯލިން އާއި ދެކޮޅަށް ހަށިދަމަނަ އުފެއްދުމަށް އެހީތެރިވެދެނީ ތައިމަސް ގްލޭންޑް އެވެ. އާންމު ގޮތެއްގައި ތުއްތު ކުދިންގެ ނޫނީ ކުޑަކުދިންގެ ތައިމަސް ގްލޭންޑް އިންނާނީ ބޮޑުކޮށެވެ. އަދި ބޮޑެތި މީހުންގެ ތައިމަސް ގްލޭންޑް އިންނާނީ ކުޑަކޮށެވެ. ނަމަވެސް މައެސްތީނިއާ ގްރޭވިސް ހުންނަ ބައެއް މީހުންގެ ތައިމަސް ގްލޭންޑް އާންމުކޮށް ހުންނަ ވަރަށް ވުރެ ބޮޑުކަން ފާހަގަކުރެވެއެވެ. އަދި މައެސްތީނިއާ ގްރޭވިސް ހުންނަ ބައެއް މީހުންގެ ތައިމަސް ގްލޭންޑްގައި އާދައިގެ ޓިއުމަރު "ތައިމޯމާ"(thymoma) އުފެދިފައި ހުރެއެވެ. ތައިމޯމާ އަކީ ކެންސަރުގެ ޓިއުމަރެއް ނޫނެވެ. ނަމަވެސް ތައިމަސް ގްލޭންޑްގައި އުފެދޭ މިފަދަ ޓިއުމަރު ނުވަތަ ތައިމޯމާ ކެންސަރަށް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ.

މައެސްތީނިއާ ގްރޭވިސް ގެ ހާލަތު ގޯސްކުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ވަރުބަލިވެ ވާޅުވުން

·         އޮޕަރޭޝަނެއް ކުރުން

·         ވަރަށް ބޮޑަށް ބަލިވުން ނޫނީ އިންފެކްޝަނެއް ޖެހުން

·         ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ބޮޑުވެ، ހާސްވެ ކަންބޮޑުވުން

·         މާބަނޑުވުން

·         މައްސަރުކަންތައްޖެހުން

·         ބައެއް ކަހަލަ ބޭސްތައް (މިސާލަކަށް ބީޓާ ބްލޮކަރ ގުރޫޕްގެ ބޭސްތައް،ކްއިނިޑިން ގްލޮކޮނޭޓް އަދި ކްއިނިޑިން ސަލްފޭޓް) ބޭނުންކުރުން

އަލާމާތްތައް

މައެސްތީނިއާ ގްރޭވިސް އާއި ގުޅިގެން ބާރުދޫވެފައިވާ މަސްގަނޑުގެ ނޫނީ މަސްތަކުގެ ބޭނުން ހިފުމުން (އެމަސްތައް ބައިވެރިވެގެން ކުރަންޖެހޭ ހަރަކާތެއް ކުރުމުން) މައެސްތީނިއާ ގްރޭވިސް ގެ އަސަރު އިތުރަށް ގޯސްވާގޮތް ވެއެވެ. އެއީ މަސްތަކުން ހަރަކާތްނުކޮށް ނޫނީ މަސްތަކުގެ ބޭނުން ނުހިފައި އަރާމުކުރުމުން ނޫނީ ކަމެއް ނުކޮށް އަރާމުކުރުމުން މައެސްތީނިއާ ގްރޭވިސް ގެ އުދަނގޫތައް ލުއިވާތީ އެވެ. މަސްތަކުގެ ބާރުދޫވުން ރަނގަޅުވެ، ގޯސްވެ، އަނެއްކާ ރަނގަޅުވެ، އެގޮތަށް ބަދަލުވަމުން ދިއުމަކީ މައެސްތީނިއާ ގްރޭވިސް ގައި ދިމާވާނެ ކަމެކެވެ. ނަމަވެސް ދުވަސްވާވަރަކަށް ބަލީގެ އުދަނގޫތައް ގޯސްވަމުންދިއުމުގެ ފުރުޞަތު ބޮޑެވެ. ބަލިޖެހޭތާ ދެތިން އަހަރުގެ ތެރޭގައި އާންމުކޮށް ބަލީގެ އެންމެ ގޯސް ހާލަތަށްދާކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2023).

މައެސްތީނިއާ ގްރޭވިސް ގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ލޮލާއި ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް : މިސާލަކަށް ލޮލުގެ މަތީބޮޑި ތިރިއަށް ވެއްޓިފައި އޮތުން، އަދި އެކައްޗެއް ތަކުރާރުކޮށް ފެނުމަކީ ވެދާނެ ގޮތެކެވެ.

·         މަސްތައް ވާޅުވެ، ވަރުބަލިވެ، މަސްތަކުގެ ބާރުދަށްވުން : މިގޮތަށް މަސްތައް ވާޅުވެ ވަރުބަލިވާ މިންވަރު އެކި ވަގުތާއި، ދުވަސްވަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަސްތަކުގެ ބޭނުންހިފުމުން އަވަހަށް އެބޭނުން ހިފި މަސްތަކެއް ވަރުބަލިވެ ވާޅުވުން ކުރިމަތި ވެއެވެ.

·         މޫނުމަތީގެ މަސްތަކަށް އަސަރުކުރުން : މޫނުމަތީގެ މަސްތަކަށް މައެސްތީނިއާ ގްރޭވިސް ގެ އަސަރުކުރުމުން މޫނުމަތި ފެންނަށް ހުންނަގޮތަށް "މާސްކް-ލައިކް އެޕީއެރެންސް"(mask-like appearance) އޭ ކިޔައެވެ. މިގޮތަށް ހުންނައިރު ހިނިތުވުންމުން ވެސް މޫނު ހީވަނީ ރުޅިއައިސްފައި ހުންނަ މީހެއްގެ މޫނުހެންނެވެ.

·         ކާތަކެތި ދިރުވަން އުދަނގޫވުން އަދި ބަސްތައް ކިޔަން އުދަނގޫވުން

·         ކަރާއި އަތްފައިގެ މަސްތަކުގެ ބާރުދަށްވުން

މައެސްތީނިއާ ގްރޭވިސްގައި ފެންނަ އަލާމާތްތައް ނާރުގެ އެހެން މައްސަލަތަކާއި ގުޅިގެން ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މައެސްތީނިއާ ގްރޭވިސްގެ އަލާމާތްތައް ނޫނީ އުދަނގޫތައް ދޭތެރެއަކުން ކުރިމަތިވެފައި، ދޭތެރެއަކުން ރަނގަޅުވެ،ނޫނީ ލުއިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އެގޮތަށް ރަނގަޅުވެފައި ނޫނީ ލުއިވެފައި އަނެއްކާވެސް އަލާމާތްތައް ފެނި، ގޯސްވުމަކީ ވެސް ވެދާނެ ގޮތެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

ހަށިގަނޑުގައި އަމިއްލަ ބާރު ހިންގޭ ކޮންމެ މަސްތަކެއްގެ ގުރޫޕަކަށް ވެސް މައެސްތީނިއާ ގްރޭވިސް ގެ އަސަރުކޮށްފާނެ އެވެ. އާންމުކޮށް އަސަރުކުރާ ބައެއް ހިސާބުތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2023). 

ލޮލުގެ މަސްތައް

މައެސްތީނިއާ ގްރޭވިސް ކުރިމަތިވާ މީހުންގެ ތެރެއިން ½ މީހުންނަށްވުރެ ގިނަ މީހުންނަށް އެންމެ ފުރަތަމަ ބަލީގެ އަސަރު ފާހަގަވަނީ ލޮލަށް އަސަރުކުރުމުންނެވެ. އެގޮތުން ފާހަގަވެދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ(މެޔޯކްލިނިކް، 2023). 

·         ލޮލުގެ މަތީބޮޑި ތިރިއަށް ވެއްޓުން

·         އެކައްޗެއް ތަކުރާރުކޮށް ފެނުން

މޫނާއި ކަރުގެ މަސްތައް

މައެސްތީނިއާ ގްރޭވިސް ކުރިމަތިވާ މީހުންގެ ތެރެއިން %15 މީހުންނަށް ފުރަތަމަ ބަލީގެ އަސަރު ފާހަގަވަނީ މޫނާއި ކަރުގެ މަސްތަކަށް ބަލީގެ އަސަރުކުރުމުންނެވެ. ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2 2023).

·         ވާހަކަދައްކަން އުދަނގޫވުން

·         ކާތަކެތި ދިރުވަން އުދަނގޫވުން

·         ކާތަކެތި ހަފަން އުދަނގޫވުން

·         މޫނުމަތީގެ ޝުޢޫރަށް ބަދަލުއައުން : ހިނިތުންވާއިރު ރުޅިއައިސްފައިހުންނަ ސިފަޖެހުން

ކަދުރާ އާއި އަތްފައިގެ މަސްތައް

މައެސްތީނިއާ ގްރޭވިސް ގެ އަސަރު ކަދުރާއާއި އަތްފައިގެ މަސްތަކަށް ވެސް ކުރެއެވެ. ފައިގެ މަސްތަކަށް އަސަރުކުރުމުން ހިނގަން އުދަނގޫވެދާނެއެވެ. އަދި ކަދުރާގެ މަސްތަކަށް އަސަރުކުރުމުން ކަދުރާ ނޫނީ ކަރު އެއްގޮތަކަށް ބަހައްޓަން އުދަނގޫވެދާނެ އެވެ (މެޔޯކްލިނިކް،2 2023).

ނުރައްކާތައް

މައެސްތީނިއާ ގްރޭވިސް ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކަކީ ފަރުވާކުރެވިދާނެ ކަންކަމެވެ. ނަމަވެސް ބައެއް ކަންކަމަކީ ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ. މައެސްތީނިއާ ގްރޭވިސް އާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

މައެސްތީނިއާ ކްރައިސިސް

މައެސްތީނިއާ ގްރޭވިސް އާއި ގުޅިގެން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ "މައެސްތީނިއާ ކްރައިސިސް"(myasthenia crisis)  ކުރިމަތިވުމެވެ. މިއީ ފުރާނައަށް ނުރައްކާވެދާނެ ހާލަތެކެވެ. މިއީ އާދަޔާ ޚިލާފަށް ބޮޑަށް މަސްތަކުގެ ބާރުދޫވާ ޙާލަތެކެވެ. ޚާއްޞަކޮށް ނޭވާލުމަށް އެހީތެރިވެދޭ މޭމަތީގެ މަސްތަކާއި، ޑަޔަފްރަމްގެ މަސްތަކުގެ ބާރުދޫވުން ކުރިމަތި ކުރުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރުކޮށް ތިލަކޮށް ނޭވާލެވެއެވެ. ނޫނީ ނޭވާލުމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އަރުތެރޭގެ މަސްތައް ބާރުދެރަވުމާއި، އަރުތެރޭގައި އަދި ނޭވާހިނގާމަގުގައި ދަވަޖަމާވެ، ނޭވާހިނގާމަގު ބެދޭގޮތް ވެއެވެ. ބައެއް ފަހަރު ބަލިމީހާއަށް ނޭވާނުލެވި، ވެންޓިލޭޓަރަށް ވެސް ލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).   

ތައިމަސް ގްލޭންޑްގައި ޓިއުމަރު އުފެދުން

މައެސްތީނިއާ ގްރޭވިސް ހުންނަ ބައެއް މީހުންގެ ތައިމަސް ގްލޭންޑްގައި އާދައިގެ ޓިއުމަރު "ތައިމޯމާ"(thymoma) އުފެދިފައި ހުރެއެވެ. ތައިމޯމާ އަކީ ކެންސަރުގެ ޓިއުމަރެއް ނޫނެވެ. ނަމަވެސް ތައިމަސް ގްލޭންޑްގައި އުފެދޭ މިފަދަ ޓިއުމަރު ނުވަތަ ތައިމޯމާ ކެންސަރަށް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ.(ހޮޕްކިންސްމެޑިސިން.އޯރގް، 2023,، މެޔޯކްލިނިކް، 2023).

އެހެނިހެން ސަބަބުތައް

މައެސްތީނިއާ ގްރޭވިސް ގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތަކަށް ބަދަލު ގެނުވައެވެ. އެކަމުގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް ދަށްވުން ނޫނީ ތައިރޮއިޑް ދަށްވުން ނުވަތަ ހައިޕޯތައިރޮއިޑިޒަމް ނޫނީ ތައިރޮއިޑްގެ މަސައްކަތްތައް އިތުރުވުން ނުވަތަ ތައިރޮއިޑް މަތިވުން ނުވަތަ ހައިޕަތައިރޮއިޑިޒަމް ކުރިމަތި ކުރުވައެވެ. ތައިރޮއިޑް ދަށްވުމުން ފިނިވުން، ބަރުދަން އިތުރުވުން ފަދަ ކަންކަން ކުރިމަތިވާއިރު، ތައިރޮއިޑް މަތިވުމުން ހޫނުވުން، ބަރުދަން ލުއިވުން ފަދަ ކަންތައްތައް ކުރިމަތިވާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).

މީގެ އިތުރުން މައެސްތީނިއާ ގްރޭވިސް ހުންނަ މީހުންނަށް ރޫމަޓޮއިޑް އާތުރައިޓިސް، އަދި ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް ފަދަ އުޓޯއިމިޔޫން ޑިޒީޒްތައް ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަކުރެވެއެވެ (މެޔޯކްލިނިކް، 2023).

ބަލިޖެހިފައިވާ މީހާ ބޭނުންކުރަމުން ބޭސް ހުސްވުން، އަރިދަފުސް ރޯގާޖެހުން، ޖަޒުބާތީ ފިއްތުންތައް (މާބޮޑަށް ދެރަވުން، ރުޅިއައުން ފަދަ ފިއްތުންތައް)، އޮޕަރޭޝަނެއްކުރުން، އަދި އާންމު ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ފަދަ ކަންތައްތަކުގެ ސަބަބުން މައެސްތީނިއާ ގްރޭވިސް ގެ އުދަނގޫތައް ކުރިމަތި ކުރުވައެވެ. (ހޮޕްކިންސްމެޑިސިން.އޯރގް، 2023).  

ދެނެގަތުން

މައެސްތީނިއާ ގްރޭވިސް ދެނެގަންނަނީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކާއި، ހެދޭ ބައެއް ޓެސްޓުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށްގެންނެވެ. ޖިސްމާނީގޮތުން ހަށިގަނޑު ބަލައި ހަދާއިރު، ދިމާވެފައިވާ އުދަނގޫތަކާއި، ބަލިމީހާގެ ބަލިޖެހުމުގެ ކުރިން ޞިއްޙީ ހާލަތު ހުރިނެތްގޮތް ނުވަތަ ބަލީގެ މާޒީ އޮޅުން ފިލުވައި ސާފުކުރާނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

މައެސްތީނިއާ ގްރޭވިސް ދެނެގަތުމަށް އާންމުކޮށް ބޭނުންކުރެވޭ އެއްގޮތަކީ ބައެއް ކަހަލަ ބޭސްތަކަށް އިޖާބަދޭ މިންވަރު ނޫނީ ގޮތް ޓެސްޓު ކުރުމެވެ. މިސާލަކަށް "އެންޓިކޮލިނެސްޓެރޭޒް"(anticholinesterase) ގެ ގޮތުގައި ބެލެވޭ ބޭހެއް (މިސާލަކަށް ނިއޯސްޓިގްމައިން، ފައިސޯސްޓިގްމައިން، ޕައިރިޑޯސްޓިގްމައިން ފަދަ ބޭޙެއް) ދިނުމުން ބާރުދޫވެފައިވާ މަސްތަކުގެ ނޫނީ ބާރުދަށްވެފައިވާ މަސްތަކުގައި ވަގުތުކޮޅަކަށް ނޫނީ ކުރުމުއްދަތަކަށް ބާރުޖެހޭގޮތް ވެއެވެ. މިގޮތަށް ދޭބޭހަށް އިޖާބަދޭނަމަ އޭގެ މާނައަކީ މައެސްތީނިއާ ގްރޭވިސް އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

އާންމުކޮށް ހަދައިއުޅޭ ބައެއް ޓެސްޓުތައް

(ހ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތަކުގެ އެހީގައި މައެސްތީނިއާ ގްރޭވިސް ހުންނަ މީހުންގެ ލޭގައި ހަށިދަމަނަ ހުރިތޯ ޔަގީން ކުރެވޭނެ  އެވެ. (ހޮޕްކިންސްމެޑިސިން.އޯރގް، 2023). މިހަށިދަމަނަ ތަކަކީ ނާރުތަކާއި މަސްތައް ގުޅޭ ހަތަރުއަގޮޅިތަކުގއި ނާރުތަކާއި މަސްތައް މުއާމަލާކުރުން ފުރިހަމަކޮށްދިނުމުގައި ބައިވެރިވާ ނިއުރޯޓްރާންމިޓަރުތަކަށް ހުންނަ ރިސެޕްޓަރުތައް ބަންދުކޮށްލާ އެއްޗެކެވެ. އޭގެ ސަބަބުން ނާރުތަކުން މަސްތަކަށް ލިބެންޖެހޭ ރަސްމީ ސިގުނަލް ލިބުމަށް ހުރަސްއެޅި، ނާރުތަކާއި މަސްތަކުގެ ގުޅުމަށް ހީނަރުކަން ގެނުވައެވެ (މެޔޯކްލިނިކް، 2023).  

(ށ) ނާރުގެ ޓެސްޓުތައް : ސިކުނޑިން ނިކުމެފައިވާ ފަތިނާރު ތަކުގެ ދުޅަހެޔޮކަން ދެނެގަތުމަށް އަންނަނިވި ކަންތައްތައް ފުރިހަމަކޮށްފާނެ އެވެ.

·         ނާރވް ތަކާއި ގުޅޭ އެކި ރިފްލަކްސް ތައް ޗެކުކުރުން

·         މަސްތަކުގެ ބުންވަރު ޗެކުކުރުން

·         މަސްތަކުގެ ޓޯން ޗެކުކުރުން

·         ފެނުމާއި ބީހުމުގެ އިހުސާސް ޗެކުކުރުން

·         މަސްތަކުގެ ވިލަރެސްކަން ޗެކުކުރުން

·         ހަށިގަނޑުގެ ހަމަހިފެހެއްޓުން ޗެކުކުރުން

(ނ) ނާރވް ކޮންޑަކްޝަން ސްޓަޑީޒް : މައެސްތީނިއާ ގްރޭވިސް ދެނެގަތުމަށް ހަދާ ނާރުގެ ޓެސްޓަށް ކިޔަނީ "ރިޕިޓިޓިވް ނާރވް ސްޓިމިއުލޭޝަން"(repetitive nerve stimulation)  އެވެ (ހޮޕްކިންސް މެޑިސިން، 20203، މެޔޯކްލިނިކް، 202). މިޓެސްޓު ހެދުމަށްޓަކައި ޓެސްޓުކުރަން ބޭނުންވާ މަސްގަނޑު ހިމެނޭ ދިމާލުގެ ހަމަށް އިލެކްޓްރޯޑް އެއް ގުޅެއެވެ. އަދި މިއިލެކްޓްރޯޑަށް ކުޑަކުޑަ ކަރަންޓް ވިންދެއް ދައުރުކުރުވައެވެ. މި ކަރަންޓް ވިންދުން ނާރުން މަސްތަކަށް ސިގުނަލް ފޮނުވައިދޭ މިންވަރު މިންކުރެއެވެ (މެޔޯކްލިނިކް، 2023).

(ރ) އިލެކްޓްރޯމެޔޯގްރާމް ހެދުން (electromyography): އިލެކްޓްރޯމެޔޯގްރާފަކީ އަކީ މަސްގަނޑެއްގައި ކަރަންޓްގެ ހަރަކާތް ހުރިގޮތް މިންކުރުމަށް ހަދާ ޓެސްޓެކެވެ. ނުވަތަ ސިކުނޑި އާއި މަސްތަކާއި ދެމެދު ކަރަންޓް ދަތުރުކުރާ މިންވަރު މިންކުރާ ޓެސްޓެކެވެ. ކޮންމެ މަސްގަނޑަކަށް ވަކިން އެމަސްގަނޑަކާއި ސިކުނޑިއާއި ދެމެދު ކަރަންޓްގެ އޮއިވަރު ދައުރުވާގޮތް ޓެސްޓުކުރެވޭނެ އެވެ (މެޔޯކްލިނިކް، 2023). އިލެކްޓްރޯމެޔޯގްރާމް ގެ އެހީގައި މައެސްތީނިއާ ގްރޭވިސް ނުވަތަ ނާރުގެ އެހެން މައްސަލައަކާއި ގުޅިގެން ނަމަވެސް މަސްގަނޑުގެ ކަރަންޓްގެ މަސައްކަތަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

(ބ) އައިސް ޕެކް ޓެސްޓް ހެދުން : މައެސްތީނިއާ ގްރޭވިސް އާއި ގުޅިގެން ލޮލުގެ މަތީބޮޑި ތިރިޔަށް ޖެހި ވެއްޓިފައިވާނަމަ، ލޮލުގެ މަތީ ބޮޑި މަތީގައި އައިސް ނުވަތަ ގަނޑުފެން އަޅާ ފުރާފައިވާ ކޮތަޅެއް ބާއްވައެވެ. ކޮތަޅު ބާއްވާތާ 2 މިނިޓް ފަހުން ކޮތަޅު ލޮލުގެ ބޮޑިމަތިން ނަގައެވެ. އަދި ލޮލުގެ ބޮޑި ތިރިއަށް ވެއްޓިފައިވާ ވެއްޓުމަށް ބަދަލު އައިސްފައިވޭތޯ ބަލައެވެ (މެޔޯކްލިނިކް، 2023)

(ޅ) އެހެނިހެން ޓެސްޓުތައް : މައެސްތީނިއާ ގްރޭވިސް އާޢި ގުޅިގެން ހެދޭ އެހެން ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

·         ޖެނެޓިކް ޓެސްޓުތައް : މިއީ އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އާދޭތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.

·         އިމޭޖިން ޓެސްޓުތައް : ތައިމައިސް ގްލޭންޑްގައި ޓިއުމަރު އުފެދިފައިވޭތޯ ބެލުމަށް ސީޓީ ސްކޭން ހެދުން، އެމްއާރުއައިހެދުން ފަދަ ޓެސްޓުތައް ހަދަން ލަފާދީފާނެ އެވެ.

·         ފުއްޕާމޭގެ މަސައްކަތްހުރިނެގޮތް ބެލުން : މިއީ މައެސްތީނިއާ ގްރޭވިސް ގެ ސަބަބުން ނޭވާލާން އުދަނގޫވުން ފަދަ ކަމެއް ހުރިނަމަ ހެދުމަށް ލަފާދީފާނެ ޓެސްޓެކެވެ.

ފަރުވާ

މައެސްތީނިއާ ގްރޭވިސް ދެވޭ ފަރުވާ ބަރޯސާވަނީ އަންނަނިވި ކަންތައްތަކަށެވެ.

·         ބަލިމީހާގެ އުމުރު

·         ބަލިމީހާގެ އާންމު ދުޅަހެޔޮކަން ، އަދި މާޒީގެ ދުޅަހެޔޮކަން ހުރިނެތްގޮތް

·         ބަލީގެ ނުރައްކާތެރިކަން

·         ބައްޔާއި ގުޅިގެން ދެވޭ ފަރުވާއެއް، ކުރެވޭ ކަމެއް ނޫނީ ދެވޭ ބޭހަކަށް ތަހައްމަލުކުރެވިދާނެ ކަމަށް ލަފާކުރެވޭ މިންވަރު

·         ބަލި ދިގުލައިދެމިދާނެ ކަމަށް ލަފާކުރެވޭ މުއްދަތު

·         ބަލިމީހާ އިސްކަންދޭ ކަންކަމާއި ގޮތްތައް

މައެސްތީނިއާ ގްރޭވިސް އަށް ވަކި ފަރުވާއެއް ނޯވެއެވެ. މިއީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ބަލީގެ އުދަނގޫތައް ބޭސްދީގެން ކޮންޓްރޯލް ކުރެވިދާނެ އެވެ. މިއީ މުޅިއުމުރަށް ހުންނަ ހާލަކަށް ވުމުން ، ދުރާލާ ދެނެގަނެ ފަރުވާ ފެށުމަކީ މުހިއްމު ކަމެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

މައެސްތީނިއާ ގްރޭވިސް އަށް ދޭ ފަރުވާގެ މައިގަނޑު އަމާޒަކީ މަސްތަކުގެ މަސައްކަތްތައް ރަނގަޅުކޮށް، ހަލުވިކޮށްދީ، ކާތަކެތި ދިރުވުމާއި، ނޭވާލުމަށް ދިމާވެދާނެ މައްސަލަތަކުން (މިސާލަކަށް ނޭވާހާސްވުން، ކޮށިއެރުން، ކަރުގައި އެއްޗެއް ތާށިވުން ފަދަ ކަންކަމުން) ރައްކާތެރިކޮށް ދުރުކޮށްދިނުމެވެ. ބަލިޖެހޭ ގިނަ މީހުންނަށް ފަރުވާއެކު މަސްތަކުގެ ބާރުޖެހި، ގާތްގަނޑަށް އާންމު މީހެކޭ އެއް އުސޫލުން އުޅެވޭ ވަރުވާނެއެވެ. މާބޮޑަށް ގޯސް ހާލަތްތަކުގައި ނޭވާލުމަށާއި، ކެއުމަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ޖެހިދާނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

މައެސްތީނިއާ ގްރޭވިސް ގެ ފަރުވާގައި ކުރެވޭ ކަންކަމާއި، ދެވިދާނެ ބޭސްތައް ތިރިގއި މިވަނީ އެވެ

(ހ) ބޭސްދިނުން : މައެސްތީނިއާ ގްރޭވިސްގެ ފަރުވާގެ ގޮތުގައި ދޭ ބޭސްތަކުގެ ތެރޭގައި އެންޓިކޮލިނެސްޓެރޭޒް (މިސާލަކަށް ނިއޯސްޓިގްމިން، އަދި ޕައިރިޑޯސްޓިގްމިން ފަދަ ބޭސްތައް)، ސްޓީރޮއިޑް (މިސާލަކަށް ޕްރެޑްނިސޯން ފަދަ ބޭސްތައް)، އަދި ދިފާޢީ ބާރުދަށްކުރާ ބޭސް (މިސާލަކަށް އެޒެތިއޯޕްރައިން، ސައިކްލޯސްޕޯރިން، މައިކޯފެނޮލޭޓް މޮފެޓިލް، މީތޮޓްރެކްސޭޓް، ޓެކްރޯލިމަސް ފަދަ) ، ފަދަ ބޭސްތައް ފަހަރުގައި ދީފާނެ އެވެ.

(ށ) ތައިމަސް ގްލޭންޑް ނެގުން (Thymectomy): މިއީ އޮޕަރޭޝަންކޮށްގެން ތައިމަސް ގްލޭންޑް ނެގުމެވެ. މައެސްތީނިއާ ގްރޭވިސް އާއި ތައިމައިސް ގްލޭންޑްގެ ގުޅުން މުޅިން ހޯދިފައެއް ނުވެއެވެ. ތައިމަސް ގްލޭންޑް ނެގުމުން ފަހަރުގައި ބަލީގެ އުދަނގޫތައް ލުއިވެސް ވެދާނެއެވެ. އަދި ފަހަރުގައި ލުއި ނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ތެރެއިން ތައިމަސް ގްލޭންޑްގެ ކެންސަރު ޖެހިފައިނުވާނަމަ، ތައިމަސް ގްލޭންޑް ނެގުމުން %70 މީހުން ބަލީގެ އުދަނގޫތަކުން ދުރުކޮށްދޭކަން ފާހަގަ ކުރެވިފައި ވެއެވެ. މިކަން މިގޮތަށް ދިމާވަނީ ދިފާޢީ ނިޒާމުން ދޭ އިޖާބައަށް ބަދަލުގެނުވައިގެންކަން ފާހަގަކުރެވެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

ތައިމަސް ގްލޭންޑް އޮޕަރޭޝަންކޮށް ނެގުމަކީ ފަޅައިގެން ވެސް ކުރެވިދާނެ އޮޕަރޭޝަނެކެވެ. ކުޑަ ލޯވަޅެއް އަޅައިގެން ވީޑިއޯގެ އެހީތެރިކަން ބޭނުންކޮށްގެން ނޫނީ ރޮބޮޓިކް ސިސްޓަމް އެއްގެ އެހީގައި ވެސް މިހާރު މިސާޖަރީ ހެދިދާނެއެވެ (މެޔޯކްލިނިކް، 2023).

(ނ) ޕްލާޒްމާފެރީސިސް ހެދުން (plasmapheresis): މިއީ ލޭގައި ހިމެނޭ ޣައިރު ތަބީޢީ ހަށިދަމަނަތައް ލެއިން ވަކިކޮށްދޭ އިޖުރާއާތެކެވެ. އަދި ހަދިޔާކުރެވުނު ލޭ (އޭގައި ތަބީޢީ ހަށިދަމަނަތައް ހިމެނޭ) އޭގެ ބަދަލުގައި ހަށިގަނޑަށް އެޅެއެވެ. މިކަންކުރަނީ ހަމަ ޑަޔަލިސިސް ވެސް ހަދާގޮތަށެވެ.

(ރ) އިމިޔުނޯގްލޯބިއުލިން ދިނުން (Immunoglobulin): މިއީ ދިފާޢީ ނިޒާމުން ނާރުތަކުގެ ނިޒާމަށް ހަމަލާ ދިނުން ކުޑަކޮށް ދަށްކުރުމަށް އިންޖެކްޝަންގެ ސިފައިގައި ލެޔަށް ފޯރުކޮށްދޭ ލޭގެ އުފެއްދުމެވެ. ނޫނީ ޕްރޮޓީން އެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). މިއިންޖެކްޝަން ޖަހާތާ 3 ހަފްތާއެއްހާ މުއްދަތެއްގެ ތެރޭގައި އޭގެ އަސަރު ނޫނީ ފައިދާ ފެންނަށް ފަށައެވެ (މެޔޯކްލިނިކް، 2023).

(ބ) މޮނޯކްލޯނަލް އެންޓިބޮޑީޒް ދިނުން (monoclonal antibody): މޮނޯކްލޯނަލް އެންޓިބޮޑީޒްގެ ގޮތުގައި ބެލެވޭ "ރިޓަކްސިމެބް"، އަދި "އެކިޔުލިޒުމެބް" ފަދަ ބޭސްތައް އާންމުކޮށްދެނީ މައެސްތީނިއާ ގްރޭވިސް އަށްދޭ އެހެން ފަރުވާތައް ދީގެން ނަތީޖާއެއް ނުފެނުނުނަމަ އެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/myasthenia-gravis

·         https://www.mayoclinic.org/diseases-conditions/myasthenia-gravis/symptoms-causes/syc-20352036 

No comments:

Post a Comment