Thursday, November 16, 2023

އެޓެކްސިއާ

 

އެޓެކްސިއާ

އެޓެކްސިއާ(ataxia) ގެ މާނައަކީ "ވިލަރެސްކުރުމާ ނުލައި" އެވެ. އެޓެކްސިއާ އަކީ ހަށިގަނޑު ހަމަހިފެހެއްޓުން، ވިލަރެސްކުރުން(coordination) އަދި ވާހަކަދެއްކުމަށް އަސަރުކުރުވާ ނިއުރޮލޮޖިކަލް ޑިސްއޯޑަރ އެކެވެ.  އެޓެކްސިއާ ހުންނަ މީހުންގެ އަތްފައިގެ މަސްތަކުގެ ކޮންޓްރޯލް ގެއްލެއެވެ. މިކަމުގެ ސަބަބުން، ހަށިގަނޑުގެ ހަމަހިފެހެއްޓުން، ވިލަރެސްކުރުން، އަދި ހިނގުން ފަދަ ކަންކަމުގައި ދަތިތަކާ ދިމާވެއެވެ. މީގެ އިތުރުން ކާތަކެތި ދިރުވުން އަދި ލޮލުގެ ހަރަކާތްތައް ކުރުމުގައި ވެސް އުދަނގުލާއި ކުރިމަތިވެއެވެ. އެޓެކްސިއާގެ އަސަރު ފޯރާ ބައިތަކުގެ ތެރޭގައި ، އިގިލިތައް، އަތްތިލަ، ފައި، ފައިތިލަ، ހަށިގަނޑު، ވާހަކަ ދެއްކުން، އަދި ލޮލުގެ ހަރަކާތްތައް ހިމެނެއެވެ.

އެޓެކްސިއާ އާންމުކޮށް ކުރިމަތިވަނީ ސިކުނޑީގައި ހަށިގަނޑުގެ މަސްތަކުގެ ވިލަރެސްކަން ކޮންޓްރޯލްކުރާ ބައި "ސެރެބިލަމް"(cerebellum) އަށް ގެއްލުންވުމުންނެވެ.


އެޓެކްސިއާގެ ވައްތަރުތައް

އުޓޯސޯމަލް ޑޮމިނަންޓް އެޓެކްސިއާ

(ހ) ސްޕައިނޯސެރެބިލާ އެޓެކްސިއާ (spinocerebellar ataxia): ސައިންސްވެރިން ވަނީ 140 އަށްވުރެ ގިނަ އުޓޯސޯމަލް ޑޮމިނަންޓް އެޓެކްސިއާ(autosomal dominant ataxia)  ޖީން ހޯދާފައެވެ. އަދި ވެސް އިތުރު ޖީންތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. ސްޕައިނޯސެރެބިލާ އެޓެކްސިއާ ގެ ހުރިހާ ވައްތަރެއްގައި ވެސް ސެރެބިލާ އެޓެކްސިއާ ކުރިމަތިވުމުގެ އިތުރުން ސެރެބިލާ ޑިޖެނެރޭޝަން ވެސް އާންމުކޮށް ކުރިމަތިވެއެވެ. މީގެ އިތުރުން ނިއުރޮލޮޖިކަލް އެހެނިހެން އަލާމާތްތަކާއި، ކަންކަން ފާހަގަ ކުރެވެއެވެ.

(ށ) އެޕިސޯޑިކް އެޓެކްސިއާ (Episodic ataxia): ދޭތެރެ ދޭތެރެއިން އެޕިސޯޑް ތަކުގެ ސިފައިގައި ކުރިމަތިވާ ތަފާތު 8 ވައްތަރެއްގެ އެޓެކްސިއާ ފާހަގަ ކުރެވިފައި ވެއެވެ. އެންމެ އާންމު ދެވައްތަރަކީ އެޕިސޯޑިކް އެޓެކްސިއާ 1 އަދި އެޕިސޯޑިކް އެޓެކްސިއާ 7 އެކެވެ. މައިގަނޑު ވައްތަރު ތަކަކީ އެޕިސޯޑިކް އެޓެކްސިއާ 1 ން ފެށިގެން ގޮސް 7 އަށް ވާ 7 ވައްތަރާއި، ލޭޓް އޮންސެޓް އެޕިސޯޑިކް އެޓެކްސިއާ އެވެ.

އެޕިސޯޑިކް އެޓެކްސިއާ 1 ގައި ދެތިން ސިކުންތުން ފެށިގެން ދެތިން މިނިޓަށް ކުރު އެޕިސޯޑެއްގެ ގޮތަށް ދެމިގެންދާހެން އެޓެކްސިއާ ކުރިމަތި ވެއެވެ. މިގޮތަށް މިކަން ދިމާވުމަށް ބާރުއަޅާ ކަންކަމުގެ ތެރޭގައި ސްޓްރެސް، ކުއްލި ހަރަކާތަށް ގެނައުން ނޫނީ ކުރެވުން، އަދި ބޭއިޚްތިޔާރުގައި މަސްތައް ކުރުގެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެޕިސޯޑިކް އެޓެކްސިއާ 2 ގައި އާންމު ގޮތެއްގައި 30 މިނިޓުން ފެށިގެން 6 ގަޑިއިރުގެ މުއްދަތަށް ދެމިގެންދާ އެޕިސޯޑެއްގެ ގޮތަށް އެޓެކްސިއާ ކުރިމަތި ވެއެވެ. މިވައްތަރުގައި އާންމު ގޮތެއްގައި އެޓެކްސިއާ އެޕިސޯޑްގެ މުއްދަތު ދިގުވާނެ އެވެ. މިގޮތަށް މިކަން ދިމާވުމަށް ވެސް ބާރުއަޅާ މައިގަނޑު އެއްކަމަކީ ސްޓްރެސް އެވެ. މިއެޓެކްސިއާ އެޕިސޯޑް އާއެކު، ބޯއެނބުރުން، ވަރުބަލިވެ ވާޅުވުން އަދި މަސްތަކުގެ ވަރުދެރަވުން ފަދަ ކަންތައްތައް ކުރިމަތިވެ އެވެ. ބައެއް ފަހަރު އަލާމާތްތައް އުމުރުގެ ފަހުކޮޅު ރަނގަޅުވެ، ލުއިވެގެން ދެއެވެ. އާންމު ގޮތެއްގައި ދޭ ބޭސްތަކުން އުދަނގޫތައް ލުއިވެ ރަނގަޅުވެގެން ދެއެވެ.

އުޓޯސޯމަލް ރިސެސިވް އެޓެކްސިއާ

(ހ) ފްރީޑްރެއިކްސް އެޓެކްސިއާ (Friedreich’s ataxia): މިއީ ހެރެޑިޓަރީ އެޓެކްސިއާގެ އެންމެ އާންމު ވައްތަރެވެ. މިވައްތަރުގެ އެޓެކްސިއާ ކުރިމަތިވުމުގައި ސެރެބިލަމް، ސްޕައިނަލް ކޯޑް އަދި އަރިމަތީ ފަތިނާރު(peripheral nerve) ތަކަށް ގެއްލުންވުން ސަބަބަކަށް މެދުވެރިވެއެވެ. އަރިމަތީ ފަތިނާރު ތަކަކީ އަތް ފައިން ނާރީ ސިގުނަލްތައް ސިކުނޑިއާއި ސްޕައިނަލް ކޯޑް އަށް ގެންގޮސްދޭ މެދުވެރިޔާ އެވެ. ގިނަ ފަހަރު އެޓެކްސިއާގެ އަލާމާތްތަކާއި، ނިޝާންތައް އުމުރުން 25 އަހަރުވުމުގެ ކުރިން ފެންނަށް ފަށައެވެ. ސިކުނޑީގެ ސްކޭން އިން ސެރެބިލަމް ފެންނާނީ ތަބީއީ ކޮށެވެ.

ފްރީޑްރެއިކްސް އެޓެކްސިއާ ގައި އެންމެ ފުރަތަމަ ފާހަގަވާނެ ކަމަކީ ހިނގަން އުދަނގޫވުމެވެ. އެއަށްފަހު އެޓެކްސިއާގެ އަސަރު ހަށިގަނޑާއި، އަތުން (އަތާއި މުލައްދަނޑި) ފާހަގަވާން ފަށައެވެ. ގުދުލުމާއި، ފައިތިލައިގެ ދަށްފުށުން އުފުލިފައިހުރުން ފަދަ އައިބުތައް ފާހަގަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ފާހަގަވެދާނެ އެހެން އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި އިޚްތިޔާރަކާއި ނުލައި ލޯތެޅުން ނުވަތަ ލޯހަރަކާތްކުރުން، ވަރުބަލިވެ، ވާޅުވުން އަދި ވާހަކަދައްކާއިރު އާގަންނަގޮތެއްހުރުން ، ބީރުވުން ނޫނީ އަޑުއިވުން ދަށްވުން، ހިތުގެ މަސްގަނޑު ސައިޒުން ބޮޑުވުން ނޫނީ ހިތް ދުޅަވުން، އަދި ހިތުގެ މަސައްކަތްތައް ފޭލްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) އާރުއެފްސީ1 އެސޯސިއޭޓަޑް އެޓެކްސިއާ(RFC1 associated ataxia) : މިއީ އުމުރުގެ ފަހުކޮޅަށް އެޅުމުން އެންމެ އާންމުކޮށް ފެންނަ އެޓެކްސިއާ އެވެ. އެޓެކްސިއާގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ އިތުރުން ބޯއެނބުރުން، ހަށިގަނޑު އައްސިވުން، އަދި ކަށިހަރާހެންހީވުން، އަދި ބައެއް ފަހަރު ބުނެދޭން ނޭނގޭ ކެއްސުމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) އެޓެކްސިއާ ޓެލެންގިއެކްޓޭސިއާ (ataxia telangiectasia): މިއީ ޅަފަތުގައި ތުއްތު ކުދިންނަށް ވަރަށް ނާދިރުކޮށް ދިމާވާ ހާލަތެކެވެ. މިހާލަތުގެ ސަބަބުން ސިކުނޑި އަދި ދިފާޢީ ނިޒާމަށް ގެއްލުން ލިބެއެވެ. މިހާލަތުގެ ސަބަބުން އެހެން ބަލިތައް މިސާލަކަށް ތަފާތު އިންފެކްޝަންތަކާއި، ޓިއުމަރުތައް އުފެދުމުގެ ހިރާސް އިތުރުކުރުވައެވެ. ޓެލެންގިއެކްޓޭސިއާގެ މާނައަކީ ތުއްތު ދަރިފުޅުގެ ލޮލުގެ ކަނުގައި، ކަންފަތުގައި ނޫނީ ކޯތާފަތުގައި "ފައިދިގުމަކުނު"ގެ ސިފަޔަށް ކުދި ރަތްކުލައަށް ހުންނަ ނުސާފުލޭހޮޅި ތަކެއް އުފެދުމެވެ. އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ވާހަކަ ދައްކަން އުދަނގޫވުން، ހަށިގަނޑުގެ ހަމަނުހިފެހެއްޓުން، އަދި އަތްފައިގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނޭ އަތްފައިގެ ހަރަކާތްތައް ނޫނީ "މޮޓޯ ސްކިލްސް"(motor skills) ތައް ދަސްވުން ލަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން ސައިނަސް އިންފެކްޝަން އަދި ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް މިސާލަކަށް އަރިދަފުސް ރޯގާ ފަދަ އިންފެކްޝަން ތައް ޖެހުމަކީ ވެސް ގާތް ކަމެކެވެ.

(ރ) ކޮންޖެނިޓަލް ސެރެބިލަރ އެޓެކްސިއާ (congenital cerebellar ataxia): މިވައްތަރުގެ އެޓެކްސިއާ ކުރިމަތިވަނީ އުފަންވާއިރު ސެރެބިލަމް އަށް ގެއްލުންވެފައި ހުރުމުންނެވެ.

(ބ) ވިލްސަން ޑިޒީޒް (Wilson disease): މިބަލި ހުންނަ މީހުންގެ ސިކުނޑި، ފުރަމޭ އަދި އެހެން ގުނަވަންތަކުގައި ކޮޕަރ ޖަމާވާގޮތް ވެއެވެ. އަދި އެކަމުގެ ސަބަބުން އެޓެކްސިއާ އަދި އެހެނިހެން ނިއުރޮލޮޖިކަލް މައްސަލަތައް މެދުވެރިވެއެވެ.

އަންނަނިވި ހާލަތްތަކުގެ ސަބަބުން އެޓެކްސިއާގެ އަލާމާތްތައް ފެންމަތި ކުރުވައެވެ.

·         ސްޓްރޯކްޖެހުން

·         މަލްޓިޕަލް ސްކެލިރޯސިސް

·         އަލްކޮހޮލިޒަމް

·         ޓިއުމަރެއްހުރުން

·         ފަތިނާރަށް ގެއްލުންވުން

·         މެޓަބޮލިކް ޑިސްއޯޑަރ ތައް

·         ވިޓަމިންތައް މަދުވުން

މަތީގައި ބަޔާންކުރެވުނު ހާލަތްތަކާއި ގުޅިގެން އެޓެކްސިއާގެ އަލާމާތްތައް ކުރިމަތިވެއްޖެނަމަ، އެހާލަތްތަކަށް ފަރުވާކުރުމުން އެޓެކްސިއާގެ އަލާމާތްތައް ފިލައިދެއެވެ.

މީގެ އިތުރުން އުމުރަށް ބަލައި އެޓެކްސިއާ ބަހާލެވިދާނެ ގޮތް ތިރީގައި މިވަނީ އެވެ.

(ހ) ހެރެޑިޓަރީ އެޓެކްސިއާ (hereditary ataxia): މިވައްތަރުގެ އެޓެކްސިއާ ކުރިމަތިވަނީ އުފަންވާއިރު ވިރާސީ ބަހާއެއްގައި ހުންނަ އުނިކަމެއްގެ ސަބަބުންނެވެ. އެހެންކަމުން މިއީ ވިރާސީ ކަމަކަށް ވެދާނެއެވެ. މިވައްތަރުގެ އެޓެކްސިއާ އަކީ ޑިޖެނެރޭޓިވް ޑިސްއޯޑަރ އެކެވެ. އަދި ކުރިމަތިވަނީ ގިނަ ދުވަހުން ނޫނީ އަހަރުތަކަކުންނެވެ. އެޓެކްސިއާގެ ސަބަބުން ކުރިމަތިވާ ނުކުޅެދުންތެރިކަމުގެ ބޮޑުމިން ބަރޯސާވަނީ އެޓެކްސިއާގެ ވައްތަރު، އަލާމާތްތައް ފެންނަށް ފެށި އުމުރު، އަދި އެހެނިހެން ކަންތައްތަކަށެވެ. ހެރެޑިޓަރީ އެޓެކްސިއާގެ ބައެއް ވައްތަރު ޅައުމުރުގައި ފެށިގެން އަންނައިރު، އަނެއްބައި ވައްތަރުތައް ފެށިގެން އަންނަނީ ބޮޑުމީހަކަށް ވުމަށްފަހުގައެވެ.

(ށ) ސްޕޮރަޑިކް އެޓެކްސިއާ (sporadic ataxia): މިވައްތަރުގެ އެޓެކްސިއާ ފާހަގަވަނީ ބޮޑުވުމުންނެވެ. ނޫނީ ބޮޑުމީހެއްގެ އުމުރަށް އެޅުމުންނެވެ. އަދި މިވައްތަރުގެ އެޓެކްސިއާގައި އާއިލާގެ ތެރޭގައި ބަލި ދައުރުވުން ފާހަގަ އެއް ނުކުރެވެއެވެ.

ސަބަބު

އެޓެކްސިއާ ކުރިމަތިވަނީ ވިރާސީ ބަހާއެއްގައި ހުންނަ އުނިކަމަކުން ޣައިރު ތަބީޢީ ޕްރޮޓީން އެއް އުފައްދައި، އޭގެ ސަބަބުން ނާރު ސެލް ތައް ހަލާކުވުމުންނެވެ. ބަލީގައި ގިނަ ދުވަސް ވާވަރަކަށް ސިކުނޑީގެ ކޮމާންޑް ތަކަށް މަސްތައް އިޖާބަދިނުން ދަށްވެގެން ދެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ހަމަހިފެހެއްޓުން އަދި ވިލަރެސްކަން ނޫނީ ވިލަރެސްކުރުން ދަށްވެގެން ދެއެވެ.

އެޓެކްސިއާ އާންމުކޮށް ކުރިމަތިވަނީ ސިކުނޑީގައި ހަށިގަނޑުގެ މަސްތަކުގެ ވިލަރެސްކަން (ކޯޑިނޭޝަން) ކޮންޓްރޯލްކުރާ ބައި "ސެރެބިލަމް" އަށް ގެއްލުންވުމުންނެވެ.  ސެރެބިލަމް އިންނަނީ ސިކުނޑީގެ ދަށުގައެވެ. ނޫނީ ތިރީގައެވެ. ސެރެބިލަމް ތިރިން ގުޅިފައިވަނީ ސިކުނޑީމޫ ނުވަތަ ބްރެއިން ސްޓެމް އާއެވެ. ސެރެބިލަމް އަކީ ހަށިގަނޑުގެ ހަމަހިފެހެއްޓުން، ލޮލުގެ ހަރަކާތްތައް، ކާތަކެތި ދިރުވުން އަދި ވާހަކަ ދެއްކުން ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ސިކުނޑީގެ ބައެވެ.

އެޓެކްސިއާ މެދުވެރިވުމަށް ދިމާވާ ސަބަބުތައް 3  ގޮތަކަށް ގިންތި ކުރެވިފައި ވެއެވެ. އެއީ އެކްއާރޑް (ޖެހޭ ބައްޔަކުން ކުރިމަތިވާ / ކުރެވޭ ކަމަކުން ނޫނީ އަންނަ ބަދަލަކުން ލިބިގަންނަ) ސަބަބުތައް، ޑިޖެނެރޭޓިވް ސަބަބުތައް (އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ) އަދި ހެރެޑިޓަރީ  (ވާރުތީ ނުވަތަ ވިރާސީގޮތުން ވާރުތަވާ) ސަބަބުތައް މި 3 ގިންތި އެވެ.

އެކްއާރޑް (ޖެހޭ ބައްޔަކުން / ކުރެވޭ ކަމަކުން / އަންނަ ބަދަލަކުން) ސަބަބުތައް

އެޓެކްސިއާ ކުރިމަތިވާ މިފަދަ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ބަނގުރާބުއިން (alcohol): ދިގުމުއްދަތަކަށް ގިނަ ދުވަސްތަކެއް ވަންދެން ގިނައިން ބަނގުރާ ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ދާއިމަށް ދެމިހުންނަ އެޓެކްސިއާ ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް އެއްކޮށް ބަނގުރާ ބުއިން ހުއްޓާލުމުން ފަހަރުގައި އެޓެކްސިއާ އެއްކޮށް ރަނގަޅުވެގެންދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ށ) ބައެއް ކަހަލަ ބޭސްތައް (medications): ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރުގެ ގޮތުގައި ވެސް އެޓެކްސިއާ ކުރިމަތިވެދާނެ އެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ބާބިޗިއުރޭޓްގެ ގޮތުގައި ހިމެނޭ ފީނޯބާރބިޓަލް، ސިޑޭޓިވްސް ގެ ތެރޭގައި ހިމެނޭ ބެންޒޯޑައެޒީޕިން، ފިޓްޖެހުމާ ދެކޮޅަށްދޭ ބޭސްތަކުގެ ތެރޭގައި ހިމެނޭ ފެނިޓޮއިން އަދި ކީމޯތެރަޕީގައި ބޭނުންކުރާ ބޭސްތައް ހިމެނެއެވެ.

(ނ) ތަފާތު ވިހަތައް ( certain toxins): ވިހަތަކުގެ ގޮތުގައި ބަލާ ބައެއް ކެމިކަލް ތައް މިސާލަކަށް ތިނަރު، ވިހާރަކަ އަދި ތިމަރަ ފަދަ ކެމިކަލްތަކަށް ވިހަވުމަކީ އެކަމުގެ ސަބަބުން އެޓެކްސިއާ މެދުވެރިވެދާނެ ކަމެކެވެ.

(ރ) ވިޓަމިންތައް މަދުވުން (vitamin deficiency): ބައެއް ކަހަލަ ވިޓަމިންތައް މަދުވުން މިސާލަކަށް ވިޓަމިން އީ މަދުވުން، ވިޓަމިން ބީ1 އަދި ވިޓަމިން ބީ12 ފަދަ ވިޓަމިންތައް މަދުވުމަކީ އެޓެކްސިއާ ކުރިމަތި ކުރުވައިފާނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ބީ6 މަދުވުން ނޫނީ ވިޓަމިން ބީ6 ގިނަވުމަކީ ވެސް އެޓެކްސިއާ މެދުވެރިކުރުވައިފާނެ ކަމެކެވެ. އެޓެކްސިއާ ކުރިމަތިވީ މިފަދަ ވިޓަމިނެއް މަދުވެގެންތޯ ބެލުން މުހިއްމެވެ. ސަބަބަކީ ވަރަށް ގިނަ ފަހަރު މިގޮތަށް ދިމާވާ އެޓެކްސިއާ އަކީ އަނބުރާ ރަނގަޅުކުރެވޭ ހާލަތަކަށްވާތީ އެވެ.

(ބ) ތައިރޮއިޑް މައްސަލަތައް (thyroid disorders): ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުމަކީ ވެސް އެޓެކްސިއާ މެދުވެރިކުރުވައިފާނެ ކަމެކެވެ.

(ޅ) ސްޓްރޯކް ޖެހުން (stroke): ސްޓްރޯކް ޖެހުމުން ކުއްލިއަކަށް އެޓެކްސިއާގެ އުދަނގޫތައް ފެންނަށް ފެށުމަކީ އެކަށީގެންވާ ކަމެކެވެ. ސިކުނޑީގެ ހިސާބަކަށް ލޭލިބުން ދަށްވުން ނޫނީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ލޭއައުމުން ވެސް ސްޓްރޯކްޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ކ) މަލްޓިޕަލް ސްކެލީރޯސިސް (multiple sclerosis): މިއީ އެޓެކްސިއާ މެދުވެރިކުރުވާ ނިއުރޮލޮޖިކަލް ޑިސްއޯޑަރ އެކެވެ.

(އ) އުޓޯއިމިޔޫން ޑިޒީޒްތައް (autoimmune diseases): އުޓޯއިމިޔޫން ޑިޒީޒް ގެ ތެރޭގައި ހިމެނޭ ސިލިއެކް ޑިޒީޒް، ސާކޮއިޑޯސިސް، ބައެއް ވައްތަރުގެ އެންކެފަލޯމައިއެލައިޓިސް އަދި އެހެނިހެން އުޓޯއިމިޔޫން ޑިޒީޒް ތަކުގެ ސަބަބުން އެޓެކްސިއާ މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ވ) އިންފެކްޝަންތައް (infections): ޅައުމުރުގައި ފާނަބަސަނދު ޖެހުމުން ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި އެޓެކްސިއާ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން އެޗްއައިވީ ނުވަތަ އެއިޑްސް، އަދި ލައިމް ޑިޒީޒް ފަދަ ވައިރަލް އިންފެކްޝަންގެ ސަބަބުން ވެސް އެޓެކްސިއާ ކުރިމަތިވެދާނެ އެވެ. ފަހަރުގައި ޖެހިފައިވާ އިންފެކްޝަންގެ ފަހު މަރުހަލާގައި ނޫނީ ރަނގަޅުވަމުން އަންނަ ދުވަސްވަރު ވެސް އެޓެކްސިއާ މެދުވެރިވެދާނެ އެވެ.

(މ) ކޮވިޑް 19 އިންފެކްޝަން : ކޮވިޑް 19 އިންފެކްޝަންގެ ނުރައްކާތެރި ހާލަތުގައި އެޓެކްސިއާ މެދުވެރިވުމަކީ ވެދާނެ ކަމެކެވެ.

(ފ) ޕެރަނިއޯޕްލާސްޓިކް ސިންޑްރޯމް (paraneoplastic syndrome): މިއީ ވަރަށް ނާދިރު ޑިޖެނެރޭޓިވް ޑިސްއޯޑަރ އެކެވެ. މިހާލަތު އާންމު ގޮތެއްގައި އުފެދިގެން އަންނަނީ ކެންސަރުގެ ޓިއުމަރަށް ދިފާޢީ ނިޒާމުން ދޭ އިޖާބަ އިންނެވެ. ދިފާޢީ ނިޒާމުން މިގޮތަށް އިޖާބަދޭ ކެންސަރު ގެ ޓިއުމަރުގެ ތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރުގެ ޓިއުމަރު، ބިސްރަވައިގެން ކެންސަރުގެ ޓިއުމަރު، ލިމްފޯމާގެ ޓިއުމަރު އަދި އުރަމަތީ ކެންސަރުގެ ޓިއުމަރު ހިމެނެއެވެ. އެހެންކަމުން ކެންސަރު ދެނެގަނެވުމުގެ ދެތިން މަހެއް ކުރިން އެޓެކްސިއާގެ އަލާމާތްތައް ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(ދ) ސިކުނޑީގައި ޣައިރު ތަބީޢީ ކަމެއް ހުރުން (abnormalities in the brain): ސިކުނޑީގައި ޖަރާސީމު ހަރުލާފައި ހުންނަ ބައެއް ނުވަތަ ސިކުނޑީގައި މުލިއްސެއް ފަދަ އެއްޗެއް އުފެދުމަކީ އެޓެކްސިއާ ކުރިމަތިވެދާނެ ކަމެކެވެ. ސިކުނޑީގައި ގަނޑެއް ނޫނީ ކެންސަރުގެ ޓިއުމަރެއް އުފެދުމަކީ ވެސް އެކަމުގެ ސަބަބުން އެޓެކްސިއާ ކުރިމަތިވެދާނެ ކަމެކެވެ.

(ތ) ބޮލަށް އަނިޔާވުން (head injury): ބޮލަށް އަނިޔާވެ ސިކުނޑިއަށް ގެއްލުންވެއްޖެނަމަ ސެރެބިލަރ އެޓެކްސިއާ ކުރިމަތިވެއެވެ. އަދި ބޮލަށް އަނިޔާ ލިބޭތާ ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަހުގެ މުއްދަތުގެ ތެރޭގައި އެޓެކްސިއާ މިހާލަތުގައި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ލ) ސެރެބްރަލް ޕަލްސީ (cerebral palsy): ސެރެބްރަލް ޕަލްސީ އަކީ މާބަނޑު ދުވަސްވަރު، ނޫނީ ވިހެއުމުގެ ތެރޭގައި ނޫނީ އުފަންވުމަށްފަހު ޅަފަތުގައި ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތައް ވިލަރެސް ކުރުމަށް ދަތިވެއެވެ.

ޑިޖެނެރޭޓިވް ސަބަބުތައް

ޑިޖެނެރޭޓިވް ސަބަބުތައް(degenerative causes) ނޫނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކުގެ ތެރެއިން އެޓެކްސިއާ ކުރިމަތިވާ ހާލަތަކީ "މަލްޓިޕަލް ސްކެލިރޯސިސް"(multiple sclerosis) އެވެ. އާންމުގޮތެއްގައި މިހާލަތު ކުރިމަތިވަނީ އުމުރުން 50 އަހަރުގެ މީހުންނަށެވެ. އެޓެކްސިއާގެ އިތުރުން މަލްޓިޕަލް ސްކްލިރޯސިސް ގައި ފެނިދާނެ އެހެން ހާލަތްތަކުގެ ތެރޭގައި ފަހަރުވާ ނުހިފެހެއްޓުން ނުވަތަ ބޭއިޚްތިޔާރުގައި ގަޔަށް ކުޑަކަމުދެވުން، ލޭގެ ޕްރެޝަރު ދަށްވުން، ކޮޅަށް ހުރުމުން އަނބުރައިގަތުން، އަދި ރެޕިޑް އައި މޫވްމަންޓް ސްލީޕް ޑިސްއޯޑަރ ފަދަ ހާލަތްތައް ހިމެނެއެވެ.

ހެރެޑިޓަރީ ސަބަބުތައް

އެޓެކްސިއާ ކުރިމަތިކުރުވާ ބައެއް ހާލަތްތަކަކީ އަދި އެޓެކްސިއާގެ ބައެއް ވައްތަރުތަކަކީ ވާރުތަވެގެން އަންނަ ހާލަތްތަކެކެވެ. ނޫނީ ވައްތަރު ތަކެކެވެ. މިފަދަ ހާލަތަކާއި އެކު އުފަންވިނަމަ، ޣައިރު ތަބީޢީ ޕްރޮޓީން އުފައްދައިދިނުމަށް ބާރުއަޅާ ވިރާސީ ބަހާއަކަށް ބަދަލު އައިސްފައިވުން އެކަށީގެންވެއެވެ.

ވިރާސީ ބަހާ އަށް އަންނަ ބަދަލާއި ގުޅިގެން އުފެދޭ ޣައިރު ތަބީޢީ ޕްރޮޓީން ނާރު ސެލްތަކުގެ މަސައްކަތަށް ހުރަސްއަޅައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ސެރެބިލަމް އަދި ސްޕައިނަލް ކޯޑުގައި ހުންނަ ނާރު ސެލްތައް ހަލާކުކޮށްލައެވެ. ބަލީގައި ގިނަ ދުވަސްވާވަރަކަށް މަސްތަކުގެ ވިލަރެސްކަން ގޯސްކުރުވައެވެ.

އާންމު ގޮތެއްގައި އެޓެކްސިއާގެ ވައްތަރުތަކުގެ ތެރެއިން ޖެނެޓިކް އެޓެކްސިއާ މައިންބަފައިންކުރެ އެކެއްގެ ފަރާތުން ވާރުތަވާ ޑޮމިނަންޓް ޖީން (autosomal dominant disorder) އެއްގެ ސަބަބުން ނޫނީ މައިންބަފައިންގެ ތެރެއިން ދެމީހުންގެ ފުށުން ވާރުތަވާ ރިސެސިވް ޖީން (autosomal recessive disorder) އެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. ރިސެސިވް ޑިސްއޯޑަރ ގައި މައިންބަފައިންގެ ކިބައިގައި އެޓެކްސިއާގެ އަސަރު ނެތަސް، އެޓެކްސިއާގެ އަސަރު ހުރި އެއްބަނޑު އެއްބަފާ މީހުން ތިބެދާނެ އެވެ.

އަލާމާތްތައް

އެޓެކްސިއާގެ އަލާމާތްތައް އަދި އަލާމާތްތައް ފެންނަށް ފަށާ ދުވަސްވަރު އެޓެކްސިއާގެ ވައްތަރަށް ބަލާފައި ތަފާތު ވެއެވެ. އެޓެކްސިއާ އަކީ ކުއްލިއަކަށް ނޫނީ މަޑުމަޑުން ގިނަ ދުވަހުން ގޮސް ވެސް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން ފާހަގަވާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަށިގަނޑުގެ މަސްތަކުގެ ވިލަރެސްކަން ދަށްވުން

·         ހަށިގަނޑުގެ ހަމަނުހިފެހެއްޓުން

·         ހިނގާއިރު ދެފައި ދުރުގައި އެޅުން

·         އަތްފައި، އަދި އަތްތިލައާއި އިގިލިތަކުގެ ހަރަކާތްތަކުގެ ވިލަރެސްކަން ގެއްލުން ނޫނީ ވިލަރެސްކަން ދަށްވުން

·         ވާހަކަ ދައްކާއިރު އާގަތުން ނޫނީ އާގަންނަގޮތެއް ހުރުން / ވާހަކަ ދައްކަން އުދަނގޫވުން

·         ލިޔުމާއި، ކެއުން އަދި ގޮށްއެޅުވުން ފަދަ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވުން ނޫނީ ދަތިވުން

·         ލޮލުގެ ހަރަކާތް ދަށްވުން / އިޚްތިޔާރަކާ ނުލައި ލޯ ދެފަރާތަށް ނޫނީ ކަޅި ދެފަރާތަށް ހަރަކާތްކުރުން

·         ކާތަކެތި ދިރުވަން އުދަނގޫވުން

ނުރައްކާތައް

އެޓެކްސިއާގެ ތަފާތު ވައްތަރުތަކާއި ގުޅިގެން ހާލަތު ބަދަލުވަމުން އަންނަގޮތް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ގޯސް ހާލަތުގައި ހަށިގަނޑު ހަރަކާތް ކުރަން އުދަނގޫވާ މިންވަރަށް ހަށިގަނޑު ހަރުއެރުން، ނޭވާލާން ދަތިވެ އުދަނގޫވުން، އަދި ނޭވާހާސްވެ ފުރާނަޔަށް ގެއްލުންވުން ނުވަތަ މަރުވުން ފަދަ ކަމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކާއި ގުޅިގެން ފަރުވާގެ ގޮތުގައި ސީޕެޕް މެޝިން ބޭނުންކުރަންޖެހުން، ޓްރެޗިއޯސްޓަމީ ހެދުން އަދި ކާންދޭހޮޅި ލެއްވުން ފަދަ ކަންތައްތައް ކުރަންޖެހިދާނެ އެވެ.

އެދުމަތިވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި ތަންފާރުވުން، އިންފެކްޝަންތައް ހެދުން، އަނިޔާވުން، ގަނޑުލޭކޮޅު އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ހަދާންނެތުން، މާޔޫސްވެމޮޅިވެރިވުން އަދި އުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަށޭނަ ފަރުވާ ކުރިޔަށް ގެންދިއުމަށް ހުރަސްތަކާ ކުރިމަތިވެއެވެ. މީގެ އިތުރުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބޯއެނބުރުން / އަނބުރައިގަތުން

·         ހަށިގަނޑު ހަރުއެރުން

·         މުޅި ހަށިގަނޑު ތުރުތުރުލުން

·         މުޅި ހަށިގަނޑުގައި ރިހުން

·         ވާޅުވެ ވަރުބަލިވުން

·         ލޭގެ ޕްރެޝަރު އިށީދެ ނޫނީ ކޮއްޅަށް ހުންނައިރު މާބޮޑަށް ދަށްވުން

·         ކުޑަކަމު ބޮޑުކަމު ދިއުމަށް ދަތިވުން

·         ޖިންސީ ވަޅޯކަން އައުން

ދެނެގަތުން

އެޓެކްސިއާ ދެނެގަތުމަށްޓަކައި ބަލިމީހާގެ ދުޅަހެޔޮކަމުގެ މާޒީއޮތްގޮތް، ހަށިގަނޑު ބަލާ ބެލުންތަކާއި، ބަލިމީހާގެ އާއިލާގެ ދުލަހެޔޮކަމުގެ މާޒީ އޮތްގޮތާއި، އަދި ނާރުތަކުގެ މަސައްކަތްހުރިގޮތް ފަދަ ކަންތައްތައް ބަލާނެއެވެ. މީގެ އިތުރުން އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ.

(ހ) ލެބޯޓްރީ ޓެސްޓުތައް : އެގޮތުން ލޭގެ ޓެސްޓު އަދި ކުޑަކަމުދާތަކެތީގެ ޓެސްޓުތައް ހަދައިފާނެއެވެ. މިއީ އާންމު ގޮތެއްގައި އެޓެކްސިއާ މެދުވެރިވުމަށް ދިމާވާ ފަރުވާ ކުރެވެނިވި ސަބަބުތައް ދެނެގަތުމަށް ހެދޭ ޓެސްޓު ތަކެކެވެ.

(ށ) ޖެނެޓިކް ޓެސްޓިންގ (genetic testing): މިއީ ވާރުތަވާ ފަދަ ހާލަތެއް ކުރިމަތިވުމުގެ ހިރާސް އޮތްތޯ ބެލުމަށް، ވިރާސީ ބަހާއަށް ބަދަލެއް އައިސްފައިވޭތޯ ނުވަތަ ކްރޯމޯސޯމް އަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ނ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ (MRI): އެމްއާރުއައި ހަދަނީ އެޓެކްސިއާ މެދުވެރިކުރުވައިފާނެ ހާލަތްތަކެއް ނުވަތަ ބައްޔެއް ހުރިތޯ ބެލުމަށެވެ. ނޫނީ އެޓެކްސިއާ މެދުވެރިވިކުރުވި ސަބަބު ދެނެގަތުމަށެވެ. އާންމު ގޮތެއްގައި އެޓެކްސިއާ ހުންނަ މީހުންގެ އެމްއާރުއައި އިން ސިކުނޑީގެ ސެރެބިލަމް ހިނދިފައި ނޫނީ ސެރެބިލަމް އަދި އެހެން ބައިތައް ހިނދިފައިވާ ކަން ފާހަގަ ކުރެވިދާނެ އެވެ. މީގެ އިތުރުން ސިކުނޑީގައި ގަނޑުލޭކޮޅެއްހުރުން، ޓިއުމަރެއް ހުރުން ފަދަ ކަންތައްތައް ވެސް އެމްއާރުއައިގެ އެހީގައި ދެނެގަނެވިދާނެ އެވެ.

ބައެއް ކަހަލަ ހާލަތްތަކުގެ ސަބަބުން ކުއްލިއަކަށް އެޓެކްސިއާ ކުރިމަތިކުރުވައިފާނެ އެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި ބޮލަށް އަނިޔާވުން، ސްޓްރޯކްޖެހުން، ސިކުނޑީގައި އިންފެކްޝަން ހެދުން، ސިކުނޑިއަށް ލޭއެޅުން، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން، ހިތުގެވިންދުޖެހުން ހުއްޓުން ނޫނީ ނޭވާލުން ހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގެ ސަބަބުން އެޓެކްސިއާ މަޑުމަޑުން ކުރިމަތިވަމުން އަތުވެދާނެ އެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ތައިރޮއިޑް ދަށްވުން، ބަނގުރާ ބޭނުންކުރުން، ބައެއް ކަހަލަ ބޭސްތައް ދާއިމީ ސިފައެއްގައި ބޭނުންކުރުން، ބައެއް ވިޓަމިންތައް މަދުވުން، މަލްޓިޕަލް ސްކެލިރޯސިސް އަދި ވެސް އެހެން ބައެއް ކަންތައްތައް ހިމެނެއެވެ.

(ރ) ލަމްބަރ ޕަންކްޗަރ (lumbar puncture): އެޓެކްސިއާގެ ބައެއް ހާލަތްތަކުގައި މިޓެސްޓު ވެސް ހަދަންޖެހިދާނެ އެވެ. ނޫނީ ހެދުމަށް ލަފާދީފާނެ އެވެ. މިޓެސްޓު ހެދުމަށް އުނަގަނޑާއި ދިމާލުން މައިބަދައިގެ ދެކަށިކޮޅު ދޭތެރެއިން ހިމަ ކައްޓަށް މައިބަދައިން ފެން ނެގުމަށް ހަރާލެވެއެވެ.އެއަށްފަހު ނެގުނު ފެން ޓެސްޓު ކުރެވެއެވެ.

ފަރުވާ

ހެރެޑިޓަރީ އެޓެކްސިއާ އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އަދި އެޓެކްސިއާގެ ބައެއް އަލާމާތްތައް ލުއިކޮށް ކުޑަކުރުމަށް ވަކި ޚާއްޞަ ބޭހެއް ވެސް ނުހުރެއެވެ. ވަކި ހާލަތަކާއި ގުޅިގެން އެޓެކްސިއާ ކުރިމަތިވި ނަމަ، އެހާލަތަކަށް ފަރުވާކުރުމުން އެޓެކްސިއާ ރަނގަޅުވެދެއެވެ. ހަށިގަނޑުގެ ހަމަނުހިފެހެއްޓުން އަދި ވިލަރެސްކަން ގެއްލުން ފަދަ ކަންކަން ރަނގަޅުކުރުމަށްޓަކައި ނޫނީ އެކަންކަމަށް ފަރުވާކުރުމަށްޓަކައި، އެޑަޕްޓިވް ޑިވައިސް(adaptive device) ފަދަ އެއްޗެހި ބޭނުންކުރުމަށް ލަފާދެއެވެ. މިއީ ވީވަރަކުން ބަލިމީހާއަށް އަމިއްލަ ހާލައިގެން އުޅުމަށް ބާރުއެޅުމަށް ކުރެވޭ ކަމެކެވެ. މިފަދަ އެޑަޕްޓިވް ޑިވައިސް ތަކުގެ ތެރޭގައި އަސާ، ދަނޑިގަނޑު، ފުރޮޅުލީގޮޑި، ވޯކަރ ފަދަ ތަކެތި ހިމެނެއެވެ. ނިދަންއުދަނގޫވުން، މޮޅިވެރިވެ، މާޔޫސްވުން، ތުރުތުރުއެޅުން އަދި ހަރުއެރުން ފަދަ ކަންކަން ކުޑަކުރުމަށްޓަކައި، ފިޒިއޮތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ސްޕީޗްތެރަޕީ އަދި ބައެއް ކަހަލަ ބޭސްތައް ފަރުވާގެ ގޮތުގައި ބޭނުންކުރެވެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/ataxia

·         https://www.mayoclinic.org/diseases-conditions/ataxia/symptoms-causes/syc-20355652

No comments:

Post a Comment