Thursday, November 16, 2023

ހައިޑްރޯކެފަލަސް : ސިކުނޑީގައި ފެންހެދުން

ހައިޑްރޯކެފަލަސް : ސިކުނޑީގައި ފެންހެދުން

ހައިޑްރޯކެފަލަސް(hydrocephalus) އަކީ ސިކުނޑީގެ ވެންޓްރިކަލް(ventricle) ތަކުގެ ތެރޭގައި ސިކުނޑިއާއި މައިބަދައިގެ ތެރޭގައި ނުވަތަ ވަށައިގެން ހުންނަ ފެން "ސެރެބްރޯސްޕައިނަލް ފުލުއިޑް"(cerebrospinal fluid) ހަރުލާ ހާލަތެކެވެ. ލަފްޒީގޮތުން ބަލާއިރު "ހައިޑްރޯ"(hydro)ގެ މާނައަކީ "ފެން"(water) އަދި "ކެފަލަސް"(cephalus) ގެ މާނައަކީ "ސިކުނޑި"(brain) އެވެ. އެހެންކަމުން ލަފްޒީގޮތުން ބަލާއިރު ހައިޑްރޯކެފަލަސް ގެ މާނައަކީ "ސިކުނޑީގައި ފެންހަރުލުން"، ނުވަތަ ސިކުނޑީގައ ފެންހެދުން މިއެވެ. ސިކުނޑީގައި ފެންދައުރުވާ މަގު ބެދުމުން ފެން ސިކުނޑީގައި ހަރުލާގޮތް ވެއެވެ. މިގޮތަށް ސިކުނޑީގައި ފެންހަރުލުމުން ސިކުނޑީގައިވާ ވެންޓްރިކަލް ތައް ބޮޑުވާން ފަށައެވެ. އަދި ބޯ ނުވަތަ ސިކުނޑި ތެރޭގެ ޕްރެޝަރު މަތިވެ، "ހައިޑްރޯކެފަލަސް" ކުރިމަތި ކުރުވައެވެ(ހޮޕްކިންސްމެޑިސިން.ކޮމް، 2023).


 

ސިކުނޑީގެ ވެންޓްރިކަލް(brain ventricles) ތަކަކީ ސިކުނޑީގެ މައިގަނޑު ބައި "ސެރަބްރަމް"(cerebrum) މެދުން "ލޮންޖިޓިއުޑިނަލް ސެރަބްރަލް ފިޝަރ"(Longitudinal cerebral fissure)ގެ އެހީގައި ހަނދުފަޅި ބުރުގެ ބައްޓަމަށް ވާގޮތަށް ސިކުނޑި އެތެރެއިން ދެފަޅި(cerebral hemisphere)އަށް ބެހިފައިވާއިރު އެތެރެއިން މިއިން ކޮންމެ ފަޅިއެއްގެ މެދުތެރެއިން އިންނަ ހުސް ޖާގަ އެކެވެ. މިޖާގައަށް ކިޔަނީ "ލޭޗްރަލް ވެންޓްރިކަލް"(lateral ventricles) އެވެ. އާންމު ގޮތެއްގައި ހައިޑްރޯކެފަލަސް މާނަކުރަނީ މިވެންޓްރިކަލް ތަކުގައި ފެން ހަރުލުމަށެވެ. މިގޮތަށް ފެންހަރުލުމުން ވެންޓްރިކަލްތަކުގެ ސައިޒުން ބޮޑުވެގެންދާނެ އެވެ. އެކަމުގެ ސަބަބުން ސިކުނޑީގެ އެތެރޭގެ ޕްރެޝަރު އިތުރުވެގެންދާނެ އެވެ. ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދިޔަތައް ވެންޓްރިކަލްތައް ހުރަސްކޮށް ވެސް ދައުރުވެއެވެ. އިތުރުވެ ގިނަވާ ސެރެބްރޯސްޕައިނަލް ފުލުއިޑްގެ ސަބަބުން ސިކުނޑިއަށް ގެއްލުންވެ، ސިކުނޑިން ކުރާ މަސައްކަތްތަކަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް، 2023).

ހައިޑްރޯކެފަލަސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް ކުރިމަތިވަނީ ތުއްތު ކުދިންނާއި، އުމުރުން 60 އަހަރަށްވުރެ މަތީ އުމުރުގެ މީހުންނަށެވެ. އޮޕަރޭޝަން ކުރުމުން ސިކުނޑީގައި ހުންނަ ސެރެބްރޯ ސްޕައިނަލް ފުލުއިޑްގެ މިންވަރު ހަމައަކަށް އެޅެއެވެ. އެކަށޭނަ ފަރުވާ ދީގެން ހައިޑްރޯކެފަލަސް އާއި ގުޅިގެން ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ގެނެސް ދެއެވެ.  

ސަބަބު

ހައިޑްރޯކެފަލަސް ކުރިމަތިވަނީ ސެރެބްރޯސްޕައިނަލް ފުލުއިޑް އުފައްދާ މިންވަރާއި، މިފުލުއިޑް ލެޔަށް ނަގާ މިންވަރާއި ދެމެދު ހުންނަންޖެހޭ ހަމަހަމަކަން ނެތުމުންނެވެ. ނޫނީ ދެމިންވަރު އެއްވަރު ނުވުމުންނެވެ. ސެރެބްރޯސްޕައިނަލް ފުލުއިޑް އުފައްދަނީ ސިކުނޑީގެ ތެރޭގައިވާ ވެންޓްރިކަލްގެ ބަތާނަފަށުގެ ސެލޯށިތަކުންނެވެ. ވެންޓްރިކަލްތަކުގެ ތެރޭގައި ސެރެބްރޯސްޕައިނަލް ފުލުއިޑް ދައުރުވަނީ އެކަމަށް ޚާއްޞަ މަގުތަކެއްގައެވެ. ނޫނީ ހޮޅިތަކެއްގައެވެ. އެއަށްފަހު މިދިޔަ ނުވަތަ ފުލުއިޑް ގޮސް ހުސްވަނީ ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ ވަށައިގެންވާ ހުސް އާގަ ނުވަތަ ޖާގަ ތަކަށެވެ. ސެރެބްރޯސްޕައިނަލް ފުލުއިޑް އާންމުކޮށް ލެޔަށް ދަމަނީ ނޫނީ ނަގަނީ ސިކުނޑީގެ ސަތަހައިގައިވޭ ލޭހޮޅިތަކުންނެވެ. ނުވަތަ ލޭނާރު ތަކުންނެވެ (މެޔޯކްލިނިކް، 2023).

ސެރެބްރޯސްޕައިނަލް ފުލުއިޑް އަކީ ސިކުނޑީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ސެރެބްރޯސްޕައިނަލް ފުލުއިޑް އިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނިސްބަތުން ބަރުދަނުން ބަރު ސިކުނޑި، ބޮލުގެ ނާށިގަނޑުގެ ތެރޭގައި ހިފެހެއްޓުން

·         ސިކުނޑިއަށް ލިބޭ އަނިޔާތަކުން މިންޖުކޮށް ރައްކާތެރިކުރުމަށް "ބާލީހެއް" ގެ ދައުރު އަދާކުރުން

·         ސިކުނޑީގައި ހިންގާ ގިރިބިންކުރުމުގެ މަސައްކަތުން އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކުރުން

·         ސިކުނޑިއާއި މައިބަދަ ހިމެނިފައިވާ ހުސް ޖާގައިގެ ތެރޭގައި ދިޔަވަރެއްގެ ސިފައިގައި ދައުރުވުން

ވެންޓްރިކަލް ތަކުގައި މާގިނައިން ސެރެބްރޯސްޕައިނަލް ފުލުއިޑް ޖަމާވާން ދިމާވަނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސަބަބުންނެވެ.

·         ބެދުން : ވެންޓްރިކަލް ތަކުގައި ސެރެބްރޯސްޕައިނަލް ފުލުއިޑް ޖަމާވާ އެންމެ އާންމު ސަބަބަކީ ސެރެބްރޯސްޕައިނަލް ފުލުއިޑް ދައުރުވާ މަގެއް ބެދި، ދައުރުވުން ހުއްޓުމެވެ.

·         ލެޔަށް ނެގުން ދަށްވުން : ބައެއް ފަހަރު ސެރެބްރޯސްޕައިނަލް ފުލުއިޑް ލެޔަށް ނެގުން ދަށްވެއެވެ. ބައްޔެއްގެ ސަބަބުން ސިކުނޑިއަށް ލިބޭ އަނިޔާއެއްގެ ސަބަބުން ސިކުނޑި ދުޅަވެ، ސެރެބްރޯސްޕައިނަލް ފުލުއިޑް ލެޔަށް ނެގުން ދަށްވާގޮތް ވެއެވެ.

·         މާގިނައިން އުފެއްދުން : ވަރަށް މަދުން ނަމަވެސް ލެޔަށް ސެރެބްރޯސްޕައިނަލް ފުލުއިޑް ނެގޭ މިންވަރަށް ވުރެ އަވަހަށް ނޫނީ ގިނައިން ސެރެބްރޯސްޕައިނަލް ފުލުއިޑް އުފައްދާގޮތް ދިމާވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ވަރަށް ގިނަ ފަހަރު ހައިޑްރޯކެފަލަސް ކުރިމަތިވަނީ ސީދާ ކީއްވެގެންކަން ކަނޑައެޅި ބުނެދޭން ނޭނގިދާނެއެވެ. ނަމަވެސް ހެދިބޮޑުވުމުގައި ހުންނަ ކަމެއް ނޫނީ ޞިއްހީ މައްސަލައެއްގެ ސަބަބުން ވެސް ސިކުނޑީގައި ފެންއުފެދޭގޮތް ވެދާނެއެވެ. ނޫނީ ހައިޑްރޯކެފަލަސް ކުރިމަތިވާގޮތް ވެދާނެ އެވެ.

ތުއްތު ކުދިންނަށް ހައިޑްރޯކެފަލަސް ކުރިމަތިވުމަށް މަގުފަހިވާ ކަންތައްތައް

އުފަންވާއިރު ނޫނީ އުފަންވުމުގެ ކުރިން ވެސް ހައިޑްރޯކެފަލަސް ކުރިމަތިވެފައި ހުރެދާނެ އެވެ. މިފަދަ ހާލަތުގައި ކުރިމަތިވާ ހައިޑްރޯކެފަލަސް އަށް ކިޔަނީ "ކޮންޖެނިޓަލް ހައިޑްރޯކެފަލަސް" އެވެ. އުފަންވާތާ ދުވަސްކޮޅަކަށްފަހު ވެސް ހައިޑްރޯކެފަލަސް ކުރިމަތިވެދާނެ އެވެ. އެހެންކަމުން އަންނަނިވި ކަންތައްތަކުގެ ސަބަބުން ތުއްތު ކުދިންނަށް ހައިޑްރޯކެފަލަސް ކުރިމަތިވެދާނެއެވެ.

·         މަރުކަޒީ ނާރުތަކުގެ ނިޒާމު އުފެދިފައިވާ ގޮތުން ސެރެބްރޯސްޕައިނަލް ފުލުއިޑް ދައުރުވުން ހުއްޓޭގޮތް ދިމާވުން

·         ސިކުނޑީގެ ވެންޓްރިކަލްތަކަށް ލޭއެޅުން ނޫނީ ވެންޓްރިކަލްތަކުގެ ތެރޭގައި ލޭހިލުން : މިއީ ދުވަސްނުފުރާ އުފަންވުމުން ދިމާވެދާނެ ކަމެކެވެ.

·         މާބަނޑު ދުވަސްވަރު ރަހިމުގައި އިންފެކްޝަން އުފެދުން މިސާލަކަށް ރުބެއްލާ އިންފެކްޝަން ނޫނީ ސިފިލިސް ފަދަ އިންފެކްޝަނެއް އުފެދުމަކީ ތުއްތުކުދިންނަށް ހައިޑްރޯކެފަލަސް ކުރިމަތިކުރުވައިފާނެ ކަމެކެވެ. މިފަދަ އިންފެކްޝަންތަކުގެ ސަބަބުން ތުއްތު ކުދިންގެ ސިކުނޑި ދުޅަވާގޮތް ދިމާވެއެވެ (މެޔޯކްލިނިކް، 2023).

ހައިޑްރޯކެފަލަސް އަށް މަގުފަހިކުރާ އެހެނިހެން ކަންތައްތައް

ކޮންމެ އުމުރާ ފުރައަކަށް ވެސް ހައިޑްރޯކެފަލަސް އަށް މަގުފަހިކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ސިކުނޑިއާއި މައިބަދައިގެ ނާރުފަށުގައި ޓިއުމަރެއް އުފެދުން

·         މަރުކަޒީ ނާރުތަކުގެ ނިޒާމުގައި އިންފެކްޝަން ހެދުން : މިސާލަކަށް ކޯފުއްޕިޖެހުން، މެނިންޖައިޓިސް ކުރިމަތިވުން

·         ސްޓްރޯކް ޖެހުން ނޫނީ ބޮލަށްލިބޭ އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭއެޅުން

·         ބޮލަށް ލިބޭ އެހެން އަނިޔާތައް

ހައިޑްރޯކެފަލަސްގެ ވައްތަރުތައް

އަލާމާތްތައް

ހައިޑްރޯކެފަލަސްގެ އަލާމާތްތައް އެކަން ކުރިމަތިވި މީހެއްގެ އުމުރަށް ބަލައި ތަފާތުވެގެން ދިއުމަކީ އެކަށިގެންވާ ކަމެކެވެ.

ތުއްތު ކުދިންގެ ފުށުން ފާހަގަވެދާނެ އަލާމާތްތައް

ބޮލަށް އަންނަ ބަދަލުތައް

·         އާންމުކޮށް ހުންނަ ވަރަށްވުރެ ބޯ ބޮޑުކޮށް ހުރުން

·         ކުއްލިއަކަށް ތުއްތު ދަރިފުޅުގެ ބޮލުގެ ސައިޒު ބޮޑުވުން ނޫނީ ބޮޑުވާން ފެށުން

·         ބޯމަތީގައި ދުޅައެއް ނޫނީ ފުއްޕުމެއް ހެން ތަނެއް ފުއްޕާފައި ހުރުން

ޖިސްމާނީ ގޮތުން ފާހަގަވާނެ އަލާމާތްތައް

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ނިދިލަކިޖެހުން ނޫނީ ތާއްޔަށްޖެހުން

·         އުދަނގުލެއްވާތީ އުޅުން

·         ރަނގަޅަށް ނުކެވުން

·         ފިޓުޖެހުން

·         އަބަދު ތިރިއަށް ބަލަން އިނުން

·         މަސްތަކުގެ ވަރު އަދި ބާރު ނުހުރުން

ކުޑަކުދިންގެ ފުށުން ފާހަގަވެދާނެ އަލާމާތްތައް

ޖިސްމާނީ ގޮތުން ފާހަގަވާނެ އަލާމާތްތައް

·         ބޮލުގައި ރިހުން

·         ލޮލުގެ ފެނުން ފުސްކޮށްހުރުން / އެއްޗެހި ތަކުރާރުކޮށް ފެނުން

·         ލޮލުގެ ހަރަކާތްތައް ތަފާތުވުން

·         ކުޑަ ދަރިފުޅުގެ ބޯބޮޑުވުން

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ނިދިލަކިޖެހުން ނޫނީ ތާއްޔަށްޖެހުން

·         ހަށިގަނޑުގެ ހަމަ ހިފަހައްޓަން އުދަނގޫވުން

·         ހަށިގަނޑުގެ ހަރަކާތްތައް ވިލަރެސްކުރަން ދަތިވުން

·         ކާހިތްނުވުން

·         ބޭއިޚްޔާރުގައި އަމިއްލަގަޔަށް ފަހަރުވާލުން ނޫނީ ކުޑަކަމުދެވުން

އުޅުމާއި ވިސްނުމަށް އަންނަ ބަދަލުތައް

·         އުދަނގުލެއްވާތީ އުޅުން

·         ޝަޅްޞިއްޔަތަށް ބަދަލުއައުން

·         ސުކޫލް ، ކުލާހުގައި ކުއްޖާގެ ގާބިލިއްޔަތު ދަށްވުން ނޫނީ ސުކޫލް އިން ދޭ ފިލާވަޅުތަކަށް ސަމާލުކަން ނުދިނުން

·         ހިނގުން، ވާހަކަ ދެއްކުން ފަދަ ކަންތައްތައް ކުރަން ފެށުން ނޫނީ ކުރުން ލަސްވުން

ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ ފުށުން ފާހަގަވާނެ އަލާމާތްތައް

·         ބޮލުގައި ރިހުން

·         ނިދިލަކިޖެހުން ނޫނީ ތާއްޔަށްޖެހުން

·         ހަށިގަނޑުގެ ހަމަ ހިފަހައްޓަން އުދަނގޫވުން

·         ހަށިގަނޑުގެ ހަރަކާތްތައް ވިލަރެސްކުރަން ދަތިވުން

·         ބޭއިޚްޔާރުގައި އަމިއްލަގަޔަށް ފަހަރުވާލުން ނޫނީ ކުޑަކަމުދެވުން

·         ލޮލުގެ ފެނުމަށް މައްސަލަތަކާ ދިމާވުން

·         ހަދާންނެތުން، ސަމާލުކަން ނުދެވުން، އަދި މަސައްކަތްތަކާއި ގުޅުންހުރި ހުނަރުތައް ދަށްވުން

އުމުރުން ދުވަސްވީ މީހުން ފުށުން ފެނިދާނެ އަލާމާތްތައް

·         ބޭއިޚްޔާރުގައި އަމިއްލަގަޔަށް ފަހަރުވާލުން ނޫނީ ކުޑަކަމުދެވުން

·         ހަދާންނުހުރުން

·         ވިސްނުންކޮށިވުން

·         ސަމާލުކަން ނުދެވުން

·         ހިގަން އުދަނގޫވުން

·         ހަށިގަނޑުގެ ހަމަ ހިފަހައްޓަން އުދަނގޫވުން

·         ހަށިގަނޑުގެ ހަރަކާތްތައް ވިލަރެސްކުރަން ދަތިވުން

ދިމާވެދާނެ ނުރައްކާތައް

ހައިޑްރޯކެފަލަސް ގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         އުގަނުމުގެ ނުކުޅެދުންތެރިކަން

·         ހެދިބޮޑުވުމުގެ މައްސަލަތައް

·         ޖިސްމާނީގޮތުން ޢައިބުތައް ހުރުން

·         ފުރާނަޔަށް ނުރައްކާވެ، މަރުވުން

ދެނެގަތުން

ހައިޑްރޯކެފަލަސް ދެނެގަތުމަށް ބަރޯސާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

·         ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތައް

·         ޖިސްމާނީ ގޮތުން އާންމުކޮށް ބަލާބެލުން

·         ސިކުނޑިއާއި ނާރުތަކާ ގުޅޭ ބެލުންތައް

·         ސިކުނޑީގެ އިމޭޖިންގ ޓެސްޓުތައް

ސިކުނޑިއާއި ނާރުތަކާ ގުޅޭ ބެލުންތައް

ސިކުނޑި އާއި ނާރުތަކާ ގުޅުންހުރި ބެލުން ތައް ބަރޯސާވަނީ ބަލިމީހާގެ އުމުރަށެވެ. ވަރަށް ކުދިކުދި ބައެއް ސުވާލުތައް ކޮށް މައުލޫމާތު އޮޅުން ފިލުވައިގެންނާއި، އާދައިގެ ބައެއް ޓެސްޓުތައް ހަދައިގެން ހަށިގަނޑުގެ މަސްތަކާއި ނާރުތަކުގެ ހާލަތު، މަސްތަކުގެ ހަރަކާތް، މަސްތަކުގެ އިހުސާސް ހުރިނެތްގޮތް ބަލައި ހަދައިފާނެއެވެ.

ސިކުނޑީގެ އިމޭޖިންގ ޓެސްޓުތައް

ސިކުނޑީގެ އިމޭޖިންގ ޓެސްޓުތަކަކީ ހައިޑްރޯކެފަލަސް ދެނެގަތުމަށް ބޭނުންކުރެވޭ ޓެސްޓު ތަކެކެވެ. މީގެ އިތުރުން ހައިޑްރޯކެފަލަސް ކުރިމަތިވާން މެދުވެރިވާ ބައެއް ސަބަބުތައް ވެސް މިފަދަ ޓެސްޓުތަކުގެ އެހީގައި ދެނެގަނެވިދާނެއެވެ. އެގޮތުން އާންމުކޮށް ހެދޭ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

(ހ)  އަލްޓްރާ ސައުންޑް ސްކޭން ކުރުން : ތުއްތު ކުދިންނަށް އެންމެ ފުރަތަމަ ހަދާނެ ޓެސްޓަކީ މިއީ އެވެ. އެއީ މިއީ އެންމެ ފަސޭހައިން ހެދޭ ޓެސްޓުކަމަށްވާތީ އެވެ. އަދި ޓެސްޓު ހެދުމުގެ ތެރޭގައި ނުރައްކާ ކުރިމަތިވުމުގެ ހިރާސް ވެސް އެންމެ ކުޑަ ޓެސްޓު ކަމަށްވާތީ އެވެ. އަލްޓްރާ ސައުންޑްގެ އާލަތް ބޮލުގެ ނާށިގަނޑުގެ މަތީގައި ނުވަތަ ބޯ މަތީގައި ފުއްޕާފައިވާ މަޑު ތަންކޮޅުގައި ޖައްސައިގެން ސްކޭން ކޮށް ބެލެއެވެ. އުފަންވުމުގެ ކުރިން ވެސް ބައެއް ފަހަރު މާބަނޑު ދުވަސްވަރު ހަދާ ސްކޭންތަކުގެ ތެރެއިން ހައިޑްރޯކެފަލަސް ހުރިކަން ފާހަގަ ކުރެވިދާނެ އެވެ.

(ށ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ހެދުން : މިއީ އޮށޯވެގެން ހަދަންޖެހޭ، ޓެސްޓު ހެދުމުގެ ތެރޭގައި ބާރުއަޑުފަށްގަނޑެއް އިވިދާނެ، އަދި ޓެސްޓު ހެދުމުގެ ސަބަބުން ރިހުމެއް ކުރިމަތިނުވާނެ ޓެސްޓެކެވެ. އެމްއާރުއައި ގެ އެހީގައި ސެރެބްރޯސްޕައިނަލް ފުލުއިޑް ޖަމާވުމުގެ ސަބަބުން ބޮޑުވެފައިވާ ވެންޓްރިކަލް ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން އެމްއާރުއައި ގެ އެހީގައި ހައިޑްރޯކެފަލަސް ކުރިމަތިވި ސަބަބު ވެސް ދެނެގަނެވިދާނެ އެވެ. ކުޑަކުދިންގެ އެމްއާރުއައި ހަދާއިރު ފަހަރުގައި ހިމޭންކޮށް ހަމައަކަށް އަޅުވަން ނިދާ ބޭސް ފަދަ ބޭހެއް ދީފާނެ އެވެ.  

(ނ) ސީޓީ ސްކޭން ހެދުން : ސިކުނޑީގެ ސީޓީ ސްކޭން އަކީ ވެސް ހައިޑްރޯކެފަލަސް ދެނެގަތުމަށް ހެދޭ އިމޭޖިންގ ޓެސްޓެކެވެ. މިއީ ރިހުމެއް ނުއުފައްދާ، ވަރަށް އަވަހަށް ހަދާލެވޭ ޓެސްޓެކެވެ. މިއީ ވެސް އޮށޯވެގެން ހަދަންޖެހޭ ޓެސްޓެކެވެ. އެހެންކަމުން ތުއްތު ކުދިންނަށް ސީޓީ ސްކޭން ހަދާނަމަ ނިދާ ބޭހެއް ފަދަ ބޭހެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ސީޓީ ސްކޭން ހެދުމުގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް ރޭޑިއޭޝަން އަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ފަރުވާ

ހައިޑްރޯކެފަލަސް އަށް ފަރުވާކުރުމަށް ބޭނުންކުރެވެނީ މައިގަނޑު ދެ އޮޕަރޭޝަނެކެވެ. އެއީ ޝަންޓް ލެއްވުން އަދި "އެންޑޯސްކޮޕިކް ތާރޑް ވެންޓްކިޔުލޮސްޓަމީ" ހެދުމެވެ.

ޝަންޓް ލެއްވުން

ހައިޑްރޯކެފަލަސް އަށް ދެވޭ އެންމެ އާންމު ފަރުވާ އަކީ އޮޕަރޭޝަން ކޮށްގެން ސިކުނޑީގެ ތެރެއަށް ހޮޅިކޮޅެއް ލެއްވުމެވެ. ނުވަތަ އޮޕަރޭޝަންކޮށްގެން ސިކުނޑީގެ ތެރޭގައި (ވެންޓްރިކަލްގެ ތެރޭގައި) ޖަމާވެފައިވާ ސެރެބްރޯސްޕައިނަލް ފުލުއިޑް ބޭރުކުރާނެ ނިޒާމެއް ގާއިމު ކުރުމެވެ. އެގޮތުން މިދިޔަ ބޭރުކުރުމަށް ލެއްވޭ ހޮޅިކޮޅަކީ "ޝަންޓް"(Shunt) އެވެ. މިއީ ވޭލް އަކާއެކު ދިގުކޮށް އިންނަ ފަހެލި ހޮޅި އެކެވެ. މިގޮތަށް ލެއްވޭ ހޮޅިކޮޅު އެހީގައި ސިކުނޑީގެ ތެރޭގައި ގިނަވެފައިވާ ފެން ނުވަތަ ސެރެބްރޯސްޕައިނަލް ފުލުއިޑް ދާންޖެހޭ މަގުން ދާންޖެހޭ ރޭޓްގައި ގޮސް ސިކުނޑިން ބޭރުކުރެއެވެ.

އޮޕަރޭޝަންކޮށްގެން ލެއްވޭ ހޮޅިކޮޅުގެ އެއްކޮޅު އިންނަނީ ސިކުނޑީގެ ތެރޭގައިވާ ވެންޓްރިކަލް ގައެވެ. ހޮޅީގެ އަނެއްކޮޅު ގެންގޮސް ގުޅުވެނީ ހިތް ނޫނީ ބަނޑުގެ ތެރެއަށެވެ. މިހެންހެދުމުން ގިނަވާ ފެން ނުވަތަ ދިޔަ ފަސޭހަކަމާއެކު ހަށިގަނޑަށް ދަމައި ނެގޭގޮތް ވެއެވެ.

ހައިޑްރޯކެފަލަސް ހުންނަ މީހުން މިހޮޅިކޮޅު މުޅި އުމުރަށް ލައްވާފައި ބަހައްޓަން ޖެހޭނެ އެވެ. އަދި މިގޮތަށް ލެއްވޭ ހޮޅިކޮޅު ގަވާއިދުން މޮނީޓަރ ކުރަމުން ގެންދަންޖެހޭނެ އެވެ.

އާންމު ގޮތެއްގައި ޝަންޓް ސިސްޓަމް ބިނާވެގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެއީ:-

·         ކަލެކްޝަން ކެތީޓަރ : މިއި ސިކުނޑީގެ ވެންޓްރިކަލްތަކުގައި ހަރުކުރެވިފައިވާ ކެތީޓަރ އެކެވެ.

·         ވޭލް މެކޭނިޒަމް : މިއީ ސިކުނޑީގެ ތެރޭގައި ފެންދައުރުވުން ކޮންޓްރޯލްކޮށްދޭނެ ނިޒާމް އެކެވެ.

·         އެގްޒިޓް ކެތީޓަރ : މިއީ ހަށިގަނޑުގެ އެހެން ބަޔަކަށް ސިކުނޑީގައި ގިނަވާ ފެން ބޭރުކޮށްދޭ ކެތީޓަރ އެކެވެ.

އެންޑޯސްކޮޕިކް ތާރޑް ވެންޓްރިކިޔުލޮސްޓަމީ

ބައެއް މީހުންނަށް އެންޑޯސްކޮޕިކް ތާރޑް ވެންޓްރިކިޔުލޮސްޓަމީ(endoscopic third ventriculostomy) ހަދަން ޖެހެއެވެ. މިސާޖަރީ ހެދުމަށް ޑޮކްޓަރުން ސިކުނޑީގެ އެތެރެ ބެލުމަށް ކުޑަ ވީޑިއޯ ކެމެރާ އެއް ބޭނުންކުރެއެވެ. މިކެމެރާގެ އެހީގައި ޑޮކްޓަރުން ސިކުނޑީގެ ވެންޓްރިކަލްގެ އެންމެ އަޑީގައި ލޯވަޅެއް އަޅައެވެ. މިލޯވަޅުގެ އެހީގައި ގިނަވެފައިވާ ސެރެބްރޯސްޕައިނަލް ފުލުއިޑް ސިކުނޑިން ބޭރުކޮށްދެއެވެ.

 

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/hydrocephalus  

·         https://www.mayoclinic.org/diseases-conditions/hydrocephalus/symptoms-causes/syc-20373604 

No comments:

Post a Comment