Saturday, December 24, 2022

މެގްނީޒިއަމް

 މެގްނީޒިއަމް                   

މެގްނީޒިއަމް(magnesium) އަކީ ކެމިކަލް ޢުންޞުރެކެވެ. މިއީ ރިހި ކުލައިގެ ވަރަށް ލުއި މައުދަނެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މަހާ މައުދަން ތަކުގެ ތެރެއިން އެއް ބާވަތެވެ. މެގްނީޒިއަމްގެ ރަމްޒަކީ Mgއެވެ. އެޓަމިކް ނަންބަރަކީ 12 އެވެ.މެގްނީޒިއަމް އަކީ ހަށިގަނޑުގައިވާ ސެލޯށިތަކުގައި އެކުލެވޭ އެކި ވައްތަރުގެ މަޢުދަން ތަކުގެ ތެރެއިން 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ސެލޯށިތަކުގައި އެކުލެވިގެންވާ މަޢުދަނެކެވެ(ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014). ކާބޯތަކެތީގައި ހުންނަ މެގްނީޒިއަމްގެ ތެރެއިން ހަށިގަނޑަށް ބޭނުންކުރެވެނީ ½ އެވެ.

މެގްނީޒިއަމް އަކީ ތަބީއީ ގޮތެއްގައި ވަރަށް ގިނަ ކާބޯތަކެތީގައި އެކުލެވޭ މައުދަނެކެވެ. ގުޅަ ބޭހުގެ ގޮތުގައި ވެސް މެގްނީޒިއަމް ހުރެއެވެ. މީގެ އިތުރުން އެންޓަސިޑް އަދި ލެކްޒޭޓިވް ބޭސްތަކުގައި ވެސް މެގްނީޒިއަމް ހިމަނާފައި ހުރެއެވެ. ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް، އެކިއެކި ކެމިކަލް ރިއެކްޝަންތައް އުފެއްދުމަށް 300 އަށްވުރެ ގިނަ ޅިންތާ (އެންޒައިމް) އަށް މެގްނީޒިއަމް އެހީތެރިވެދެއެވެ. މިކަންކަމުގެ ސަބަބުން ފުރިހަމަވާ ކަންތައްތަކުގެ ތެރޭގައި ޕްރޮޓީން އުފެދުން، ކަށިތައް ވަރުގަދަވުން، ލޭގެ ހަކުރު ކޮންޓްރޯލްކުރެވުން، މަސްތަކާއި ނާރުތަކުގެ މަސައްކަތްތައް ފުރިހަމަކުރުން އަދި ލޭގެ ޕްރެޝަރު ތަންޒީމުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022). މީގެ އިތުރުން މަސްތައް ކުރުގެޅުމަށް އިލެކްޓްރިކް ކޮންޑަކްޓަރ އެއްގެ ގޮތުގައި ވެސް މެގްނީޒިއަމް ހަރަކާތްތެރި ވެއެވެ. އަދި ހިތުގެ ވިންދުގެ ރާގު އެއްހަމައެއްގައި ހިފެހެއްޓުމަށް ވެސް އެހީތެރި ވެދެއެވެ (ހާވަރޑް.އެޑިޔު، 2022).


މަޞްދަރުތައް

މެގްނީޒިއަމް އަކީ ގަސްތަކުގެ ފަތްތަކަށް އަވިއެޅުމުން ފެހިކަން ގެނެސްދެމުންދާއިރު އުފެދޭ މާއްދާ އަކަށްވާތީ މިއީ ގިނަ ކާބޯތަކެތީގައި ކޮންމެވެސް ވަރަކަށް ހުންނަ މާއްދާ އެކެވެ. އެކަމަކު ގޮވާން ކެނޑުމުންނާއި، ތަރުކާރީ ނިލުމުން ނުވަތަ ޕްރޮސެސް ކުރުމުން އުނިވެގެންދާ މާއްދާ އެކެވެ. މެގްނީޒިއަމް ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި، ތޮޅިއާއި ތޮޅިއޮށް، އެކި ވައްތަރުގެ މަދާއި އޮށުގެ ބާވަތްތައް (ކަޖޫނަޓް، ޕީނަޓް، އާމަންޑް) ، ބޯވެލިފަތް ފަދަ ފެހިކުލަ ގަދަ ފަތުގެ ބާވަތްތައް، ނުކަނޑާ ހުންނަ ގޮވާން، ބަދަން، ދޮންކެޔޮ، އަދި އެޕްރިކޮޓް އާއި ފެހިކުލަގަދަ ފަތް، ފެހިކަން ގަދަ ތަރުކާރީ، އަދި ކިރުގެ ބާވަތްތައް ހިމެނެއެވެ. މޭވާގެ ތެރެއިން ދޮންކެޔޮ، ވައްތީނި އަދި އެވޮކާޑޯގައި މެގްނީޒިއަމް ހުރެއެވެ (ސާލިހު އަދި ވަޙީދު، 2014). މީގެ އިތުރުން ބަރަބޯ އޮށް، ޕީނަޓް ބަޓަރު، ގުރުދާ ބީންސް، ކަޅު ބީންސް، ސޯޔާ ބީންސް، ސޯޔާ މިލްކް، މުށި ހަނޑޫ، ކައްކާފައި ހުންނަ ބޯވެލިފަތް، ސްވިސް ޗާރޑް، އޯޓްސް، ހުދުއަލުވި، ސެލްމަން، ކަނޑުމަސް، ގެރިމަސް، ދޫނި މަސް، ކިރު، ޔޯގަޓް، ހިކި މޭބިސްކަދުރު އަދި ޑާކް ޗޮކްލެޓް ފަދަ ބާވަތްތަކުގައި ވެސް މެގްނީޒިއަމް ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި މެގްނީޒިއަމް ހުންނަ މިންވަރު

 

މިލިގްރާމް

100ގ ގައި

މިލިގްރާމް

ބަރަބޯއޮށް

534

ކައްޓަލަފަތް

61

ބަދަންމަދު

286

ބާމިޔާތޮޅި

57

ބިންމަދު

245

އެވޮކާޑޯ

29

ހިމެރިތޮޅި

224

ދޮންކެޔޮ

27

ބޯވެލި

75

ދަހީ(ޔޯގަޓް)

19

ހަށިގަނޑުގައި އެކުލެވޭ މެގްނީޒިއަމް

އާދައިގެ ބޮޑު މީހެއްގެ ހަށިގަނޑުގައި 20 އާއި 28 ގްރާމް އާއި ދެމެދުގެ މިންވަރަކަށް މިމާއްދާ ހުރެއެވެ. އަދި މިމިންވަރުގެ ތެރެއިން 60 އިންސައްތަ ހުންނަނީ ދަތްތަކާއި، ކަށިތަކުގައެވެ. އަދި ބާކީ 40 އިންސައްތަ ހިމެނެނީ މަސްތަކުގަޔާއި، މަޑު ސެލޯށި ތަކުގައި އަދި ހަށިގަނޑުގެ ދިޔަތަކުގައެވެ. މެގްނީޒިއަމް ގިނަ އަދަދަކަށް ހަށިގަނޑުގެ ސެލި/ދިރު ތަކުގައި އެކުލެވިގެން ވެއެވެ. ޚާއްޞަކޮށް ސިކުނޑީގެ ސެލިތަކާއި އަދި ހިތުގެ ސެލި ތަކުގައި މެގްނީޒިއަމް ގިނައެވެ. ލޭގައި 3-2 ގްރާމްގެ މެގްނީޒިއަމް ކޮންމެ ޑެސިލިޓަރަކަށް ހުރެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ހަށިގަނޑުގެ ދިޔަތަކުގައި ހުންނަ މެގްނީޒިއަމްގެ ތެރެއިން ލޭގައި ހުންނަނީ އެންމެ %1 ގެ މެގްނީޒިއަމް އެވެ. އެކަމަކު މި މިންވަރަށް ލޭގައި މެގްނީޒިއަމް ހަމައަށް ބެހެއްޓުމަށް ހަށިގަނޑު ވަރަށް މަސައްކަތް ކުރެއެވެ.

މެގްނީޒިއަމް ހަށިގަނޑުގައި ގިރިބިން ކުރުމުގައި ބައެއް އެހެން މާޢްދާތަކާއި ވާދަކުރެއެވެ. އެގޮތުން ޒިންކް އަދި ޕްރޮޓީން އެއް ކެއުމެއްގައި ގިނަނަމަ، މެގްނީޒިއަމް ގިރިބިން ކުރުން މަދުވެއެވެ. މީގެ އަނެއްކޮޅުން ވިޓަމިން ޑީ ގިނަނަމަ، މެގްނީޒިއަމް ގިރިބިން ކުރެވޭ މިންވަރު އިތުރުވެއެވެ.

މެގްނީޒިއަމްގެ ވަޒީފާ

·         ކަށިތަކާއި ދަތްތަކުގެ އޮނިގަނޑުގެ ތެރޭގައި ފޮސްފަރަސް ހުރެއެވެ.

·         ވަރަށް ގިނަ ޅިންތާ (އެންޒައިމް) ތައް ހީވާގިކޮށް މުރާލި ކުރުވައެވެ. އެގޮތުން ހަށިގަނޑުގައިވާ ޅިންތާ ތަކުގެތެރެއިން 300 ޅިންތާ ގެ މަސައްކަތް ހަށިގަނޑުގައި ހިންގުމަށް މެގްނީޒިއަމް ބޭނުންވެއެވެ. ޚާއްޞަކޮށް ހަކަތަ އުފައްދައި ދިނުމުގައި ހަރަކާތްތެރިވާ އެންޒައިމް ތަކަށް މެގްނީޒިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ.

·         ސެލްގެ ބޭރު ފަށަލަ ހުރަސްކޮށް ސެލްގެ ތެރެއަށް ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ފަދަ މާއްދާތައް ގެންދިއުމަށް މި އުންޞުރުގެ އެހީތެރިކަން ބޭނުންވެއެވެ.

·         މަސްތައް ހަރަކާތް ކުރުމާއި، ސިކުނޑިއަށް ތަފާތު ސިގްނަލްތައް ފޮނުވުމަށް މެގްނީޒިއަމް އެހީތެރި ވެއެވެ.

·         ކާބޯސް، ފެޓް، ޕްރޮޓީން، ވިޓަމިންބީ، ވިޓަމިން އީ ގިރިބިންކޮށް ނޫނީ ބޭނުންކުރެވޭގޮތް ހެދުމަށާއި، އިންސިއުލިން މަސައްކަތަށް އަދި ޑީއެންއޭ އުފެއްދުމަށާއި ނުވަތަ ވާރުތީ ވިސަތައް އަށަގެންނެވުމަށާއި، ގުލްކޯޒު ހަޖަމުކުރުމަށް ވެސް މެގްނީޒިއަމް ބޭނުންވެއެވެ.

·         ހަށިގަނޑަށް އެކިގޮތްގޮތުން އެތެރެވާ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް މެގްނީޒިއަމް އެހީތެރިވެދެއެވެ.

·         މަސްތަކާއި، ނާރުތަކުގެ މަސައްކަތަށާއި، ހިތުގެ ރާގު ހިފެހެއްޓުމަށާއި، ދިފާޢީ ނިޒާމު މަދަނަކޮށް ބެހެއްޓުމަށާއި، ކަށިތަކުގެ ދުޅަހެޔޮކަމަށް މެގްނީޒިއަމް ބޭނުންވެއެވެ.

·         މެގްނީޒިއަމް އަކީ ހަށިގަނޑުގެ ދެމިކުރުވާ މަސްތަކަށް ކުރަންވީ ކީއްކަން އަންގައިދޭ މެސެޖުތައް ގެންގޮސްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

·         މެގްނީޒިއަމް އަކީ ނާރުތައް ދޫކޮށް ހަމަޖެހިލުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.

·         ހަށިގަނޑު ހަމައިން ނެއްޓިދާނެ ފަދަ ހާލަތްތައް ދިފާއުކުރުމަށް ވެސް މިސާލަކަށް ލޭމައްޗަށްދިއުން، ނޫނީ ހަކުރުމައްޗަށްދިއުން ، ނާރުގެ ބަލިތައް ފަދަ ކަންކަން ހަމައަކަށް އެޅުވުމަށް ވެސް މްގެނީޒިއަމް ބޭނުންވެއެވެ.

·         މެގްނީޒިއަމް އަކީ އެހެން ބައެއް މައުދަންތަކާއެކު މަސައްކަތްކުރާ މައުދަނެކެވެ. ޚާއްޞަކޮށް ސޯޑިއަމް، ޕޮޓޭސިއަމް އަދި ކެލްސިއަމް އާއެކު ކުރާ މަސައްކަތްތަކުގެ ތެރޭގައި ކަރަވައިވަރު ރަމަތަކުރުން ހިމެނެއެވެ. ކަރައިވަރަކީ ހަށިގަނޑުގައި ހިންގާ ކަރަންޓް އޮއިވަރެވެ.

·         މެގްނީޒިއަމް އަކީ ލެސިތިން އުފެއްދުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.ލެސިތިން އަކީ ދޯހަޅި ނުވަތަ ނުބައި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރާ އެއްޗެކެވެ 

މެގްނީޒިއަމް ހަށިގަނޑުން ބޭރުކުރުން

މެގްނީޒިއަމް ހަށިގަނޑަށް ގިރިބިންކޮށްދެނީ ނުވަތަ ހަށިގަނޑަށް ބޭނުންކުރެވޭ ގޮތް ހަދައިދެނީ ހިމަ ގޮހޮރުންނެވެ. ހަށިގަނޑުން ބޭރުކޮށްލަނީ ގުރުދާ ތެރެއިން ގޮސް ކުޑަކަމުނަޖިހާ އެކުގައެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).  

މެގްނީޒިއަމް ހަށިގަނޑަށް ބޭނުންވާ މިންވަރު

މެގްނީޒިއަމްގެ ކެލަމިން (ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) ކަމަށް ބަލަނީ ފިރިހެނުންނަށް 420 މިލިގްރާމް އަންހެނުންނަށް 320 މިލިގްރާމް އެވެ. އެކަމަކު އުމުރުން 18-15 އަހަރާ ދެމެދުގެ އުމުރުފުރާގެ އަންހެންކުދިންނަށް މިއަށްވުރެ އިތުރަށް މެގްނީޒިއަމް ބޭނުންވެއެވެ. އަދި މާބަނޑުވުމުން އިތުރަށް މެގްނީޒިއަމް ކާންޖެހެއެވެ. ކާބޯތަކެތީގައި ހުންނަ މެގްނީޒިއަމް ގެ ތެރެއިން ގިރިބިން ކުރެވެނީ ކިބައެކެވެ. ނުވަތަ ދެބައިން ބައެކެވެ (ސާލިހު އަދި ވަޙީދު، 2014).

ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި މެގްނީޒިއަމްގެ ކެލަމިން އަކީ ފިރިހެނުންނަށް ދުވާލަކަށް 420-400 މިލިގްރާމް އާއި ދެމެދުގެ މިންވަރެކެވެ. އަދި އަންހެނުންނަށް ދުވާލަކަށް 320-310 މިލިގްރާމް އެވެ. މާބަނޑު ދުވަސްވަރު 360 – 350 މިލިގްރާމް އާއި ދެމެދުގެ މިންވަރެއް ބޭނުންވާނެއެވެ. އަދި ގާތުންދޭއިރު ދުވާލަކު 320-310 މިލިގްރާމް އާޢި ދެމެދުގެ މިންވަރެއް ބޭނުންވާނެ އެވެ (ހާވަރޑް.އެޑިޔު، 2022). ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ގުޅަބޭހުގެ ގޮތުގައި މެގްނީޒިއަމް ބޭނުންކުރުން އެދެވޭ ރައްކާތެރި އެންމެ މަތީ މިންވަރަކީ ދުވާލަކަށް 350 މިލިގްރާމް އެވެ (ހާވަރޑް.އެޑިޔު، 2022). މެގްނީޒިއަމްގެ ރައްކާތެރި މަމިން ނުވަތަ މަތީ މިނަކީ 19-9 އަހަރާ ދެމެދުގެ މީހުންނަށް ދުވާލަކު 350 މިލިގްރާމް އެވެ (ސާލިހު އަދި ވަޙީދު، 2014).

މެގްނީޒިއަމް މަދުވުން

މެގްނީޒިއަމް މާބޮޑަށް ހަށިގަނޑުން މަދުވެ މައްސަލަތައް ދިމާވުމަކީ ވަރަށް ނާދިރު ކަމެކެވެ. ގިނަ ފަހަރު މިގޮތަށް މަދުވިނަމަވެސް އޭގެ ސަބަބުން މާބޮޑު އުދަނގޫތަކެއް ކުރިމައްޗެއް ނުވާނެއެވެ. ހަށިގަނޑުގައި މެގްނީޒިއަމްގެ މިންވަރު މަދުވެއްޖެނަމަ އެކަން އޭގެ ޒާތުގައި ރަނގަޅުކުރެއެވެ. މިގޮތަށް މިކަން ކުރިމަތިވަނީ ކުޑަކަމު ނަޖިހާއެކު މެގްނީޒިއަމް ބޭރުކުރުން މަދުކޮށްގެންނާއި، އަދި ގޮހޮރުން ހަށިގަނޑަށް މެގްނީޒިއަމް ނަގާ މިންވަރު އިތުރުކޮށްގެންނެވެ (ހާވަރޑް.އެޑިޔު، 2022).

މެގްނީޒިއަމް މަދުވެދާނެ ސަބަބުތައް

·         އުމުރުން ދުވަސްވުން

·         ބަނގުރާ ބުއިން

·         ހަށިގަނޑަށް މެގްނީޒިއަމް ނެގުމަށް ހުރަސްއެޅޭ ފަދަ ހާލަތްތައް : މިސާލަކަށް ސިލިއެކް ޑިޒީޒް، ކްރޯންސް ބަލި، އަދި ކުޑަގޮހޮރުން ހަށިގަނޑަށް މެގްނީޒިއަމް ނަގައިދޭ ބައި ސާޖަރީކޮށްގެން ނެގުން ފަދަ ހާލަތްތަކުގައި މިގޮތަށް ދިމާޥުމަކީ އެކަށީގެންވާ ކަމެކެވެ.

·         ހަކުރުބަލި ޖެހުން

ފެނިދާނެ އަލާމާތްތައް

މެގްނީޒިއަމް މަދުވުމުން ފުރަތަމަކޮޅު ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކާހިތްނުވުން، ވަރުބަލިވެ ވާޅުވުން، މޭނުބައިކުރުން، އަދި ހޮޑުލަވާގޮތްވުން ފަދަ ކަންތައްތައް ހިމެނެއެވެ. މާބޮޑަށް ނޫނީ މާގިނަ ދުވަހު ހަށިގަނޑުގައި މެގްނީޒިއަމް މަދުވެއްޖެނަމަ އައްސިވުން، ހީލިކެރުވުން، ހިތުގެ ވިންދުގެ ތަރުތީބުގެއްލުން އަދި އަކުނިވަޔަށް ދެމުން ފެށިގެން ދެއެވެ. އަދި ނަފްސާނީ ބަލިތައް މިސާލަކަށް ކަންބޮޑުވުން، މޮޅިވެރިވުން، ހަނުނުހުރެވުން، ފުއްމައިގަނެވޭގޮތްވުން އަދި ހަންޑިފެންނަހެން ހީވުން(hallucination)  ފަދަ ކަންތައްތައް ވާން ފަށައެވެ. މީގެ އިތުރުން މެގްނީޒިއަމް ހަށިގަނޑުން މަދުވެއްޖެނަމަ، ފިޓުޖެހުން، ހިތުގެ ބަލިތައް ޖެހުން، ލޭމައްޗަށްދިއުން، ބޮލުގެ އެއްފަޅީގައި ރިހުން، ނޭވާހިއްލުން، ގުރުދާގައި ހިލައުފެދުން ފަދަ ބަލިތައް ޖެހުން ދިމާވާގޮތް ވެއެވެ(ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

މެގްނީޒިއަމް ގިނަވުން

ގުރުދާ ބަރާބަރަށް މަސައްކަތްކުރާ މީހަކަށް މެގްނީޒިއަމް އިތުރަށް ކެވިގެން ވިހަވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ އަބަދުވެސް ގުރުދާ އިން ފުރާނައި އިތުރުވާ ބައި ހަށިގަނޑުން ބޭރުކޮށްލާތީ އެވެ. ހަށިގަނޑުގައި އެކަށީގެންވާ ވަރަށް މެގްނީޒިއަމް ކޮށާރުކޮށްފައި ބެހެއްޓޭވަރަށް މެގްނީޒިއަމް ކާބޯތަކެތީގައި ހިމެނުމަކީ ހިތުގެ ބަލިތަކުންނާއި ދިފާޢީ ނިޒާމު ހީނަރުވިޔަ ނުދިނުމަށް ބޭނުން ކަމެކެވެ. އާދަޔާ ޚިލާފަށް މެގްނީޒިއަމް ހަށިގަނޑުގައި ގިނަވެއްޖެނަމަ ނޫނީ ހަށިގަނޑުގައި ކޮށާރުކުރެވޭ ވަރަށްވުރެ ގިނައިން ކާނަމަ، ގައިގެ ހަންގަނޑު ކުރަކިވުން، ކަރުހިއްކުން، ލޭދަށްވުން، ވަރުބަލިވުން، ނޭފަތުން ފެންފޭބުން، ހޮނޑުލެވުން، އަދި އަންހެނުންނަށް މައްސަރުގެ ކުރިން ދިމާވާ އުދަގޫތައް ބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

މެގްނީޒިއަމް ގިނަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބޭރަށްހިންގުން، މަސްތަކުގެ ބާރުދޫވުން، މޮޅިވެރިވުން، މާޔޫސްވެ ދެރަވުން، ހިތުގެ ވިންދުގެ ތަރުތީބުގެއްލުން، ލޭގެ ޕްރެޝަރު ދަށްވުން އަދި ހާޓް އެޓޭކްޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

މެގްނީޒިއަމް އެކުލެވޭ ބޭސްތައް

މެގްނީޒިއަމް އެކުލެވޭ ބޭސްތައް ހިތުގެ ބަލިތަކަށާއި، ގުރުދާގައި ހިލަ އުފެދޭ މީހުންނަށާއި، އަދި އަބަދު ވަރުބަލިކަން އިހްސާސްވާ މީހުންނަށް، ދީއުޅެއެވެ. އެކަމަކު ގުރުދާގެ ބަލިތައް ޖެހިފައިވާ މީހުންނާއި، ހިތުގެ ބަލިތައް ޖެހިފައިވާ މީހުންނަށް މިބޭސް ދިނުމުގައި ރައްކާތެރިވާން ޖެހެއެވެ(ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014). ބަނޑުހިކުމުން ބަނޑު ފަސޭހަކުރުމަށްދޭ ލެކްޒޭޓިވް ގެ ތެރޭގައި މެގްނީޒިއަމް ހައިޑްރޮކްސައިޑްގެ ގޮތުގައި މެގްނީޒިއަމް ހިމަނާފައި ހުރެއެވެ. މީގެ އިތުރުން ގޭހުގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައި ހުންނަ އެންޓަސިޑް ބޭސްތަކުގައި ވެސް މެގްނީޒިއަމް ހިމަނާފައި ހުރެއެވެ (ހާވަރޑް. އެޑިޔު، 2022).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.

ހަވާލާ

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/magnesium/

No comments:

Post a Comment