ޕޮޓޭސިއަމް
ޕޮޓޭސިއަމް(potassium) ހިމެނެނީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ހުރިހާ ދިރުތަކުގައެވެ. އަދި މިއީ ހަށިގަނޑުގައި ދައުރުކުރާ ދިޔަތަކުގައި ވެސް ހިމެނޭ މާއްދާ އެކެވެ. އެހެންކަމުން ޕޮޓޭސިއަމް އަކީ ވެސް ހަށިގަނޑުގެ ހިންގުން ފުރިހަމައަށް ހަރަކާތްތެރިވުމަށްޓަކައި ވަރަށް މުހިއްމު މަޢުދަނެކެވެ (ސާލިހު އަދި ވަހީދު، 2003). ޕޮޓޭސިއަމް އަކީ ކަނީޒު ތަކުގެ ތެރޭގައި ހިމެނޭ ރިހިކުލައިގައި ހުންނަ މަޑު ވަށްތި އެއް ނުވަތަ އުންސުރެކެވެ. މިއީ ދިރުން ހުރިހާ ތަކެއްޗަށް ބޭނުންވާ މުހިއްމު މައުދަންތަކުގެ ތެރެއިން އެކައްޗެވެ.
މަސްދަރުތައް
ޕޮޓޭސިއަމް އަކީ ވެސް ސޯޑިއަމް އެކޭ އެއްގޮތަށް ބޭނުންކުރާ ވަރަށް ގިނަ ކާނާގައި ހިމެނޭ ބާވަތެކެވެ. ޕޮޓޭސިއަމް ހިމެނޭ ކާނާގެ ތެރޭގައި، ހުރިހާ ވައްތަރެއްގެ މޭވާ، ޚާއްޞަކޮށް ދޮންކެޔޮ، ކުރުނބާ ފެން ހިމެނެއެވެ. އަދި ތަރުކާރީ އާއި ނުކަނޑާހުރި ގޮވާން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، 2014). ނިލާފައި ހުންނަ ކާނާ ނުވަތަ ވަކި ގޮތަކަށް ބަންދުކޮށްފައި ހުންނަ ކާނާގައި ޕޮޓޭސިއަމް ހުންނަވަރު ވަރަށް ދަށްވާނެއެވެ (ސާލިހު އަދި ވަހީދު، 2014). ޕޮޓޭސިއަމް ހިމެނޭ އެހެނިހެން ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިއްކި މޭވާގެ ބާވަތްތައް ( ހިކި މޭބިސްކަދުރު، ހިއްކި އެޕްރިކޮޓް)، ތޮޅި، މުގު، އަލުވި، ބަޓާނަޓް، ބްރޮކޮލީ، ބޯވެލިފަތް، އެވޮކާޑޯ، ދޮންކެޔޮ، ކެންޓަލޫޕް މެލަން، އޮރެންޖު، އޮރެންޖު ޖޫސް، ކުރުބާ ފެން، ޓޮމާޓޯ، ސޯޔާ ކިރު، އާމަންޑްކިރު، ޔޯގަޓް، ކަޖޫނަޓް، އާމަންޑް، ކުކުޅު ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަޑް ވެބްސައިޓް).
ދިވެހިރާއްޖެއިން
ލިބޭ ކާބޯތަކެތީގައި ޕޮޓޭސިއަމް ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
ދޮންކެޔޮ |
358 |
ހިމެރިތޮޅި |
216 |
ކައްޓަލަ |
337 |
އަލުވި |
161 |
މުރަނގަތޮޅި |
259 |
އަލަ |
158 |
އޮޅުއަލަ |
237 |
އަނބު |
156 |
މުގު |
230 |
ފަޅޯ |
119 |
ހަށިގަނޑުގައި
އެކުލެވޭ ޕޮޓޭސިއަމް
ހަށިގަނޑުގައި ޕޮޓޭސިއަމްގެ ބޮޑުބައި ހުންނަނީ ހަށިގަނޑުގެ ހުރިހާ ދިރުތަކުގެ އެތެރެ ފަރާތުގައެވެ. އަދި ބާކީ ބައި ހުންނަނީ ހަށިގަނޑުގައި ދައުރުކުރާ ދިޔަތަކުގައެވެ. އަދި މިދެބައި މީޒާންވުމަށް އަބަދު ވެސް މަސައްކަތް ކުރެއެވެ (ސާލިހު އަދި ވަހީދު، 2014). ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުތަކުގައި ޕޮޓޭސިއަމް ހުންނަނީ ޕޮޒިޓިވް ޗާޖުކުރެވިފައި ހުންނަ ކެރެވި އެއްގެ ގޮތުގައެވެ. ނުވަތަ ޕެރެވި އެއްގެ ގޮތުގައެވެ (ސާލިހު އަދި ވަޙީދު، 2014). ބޮޑުމީހެއްގެ ހަށިގަނޑުގައި 140 ގްރާމް ޕޮޓޭސިއަމް އެކުލެވެއެވެ (ސާލިހު އަދި ވަހީދު، 2003، 2014)
ޕޮޓޭސިއަމް
ގެ ވަޒީފާ
ޕޮޓޭސިއަމް ބޭނުންވަނީ ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމާއި، މަސްތައް ކުރުގަޅުވާ ދޫކޮށް ހެދުމަށެވެ(ސާލިހު އަދި ވަހީދު، 2003، 2014). ހިތުގެ މަސްތައް މަސައްކަތްކުރުމަށް ވެސް ޕޮޓޭސިއަމް ބޭނުންވެއެވެ. އެހެންކަމުން މިބާވަތަކީ ވެސް ހަށިގަނޑު ފުރިހަމައަށް މަސައްކަތްކުރުމަށްޓަކައި ވަރަށް މުހިއްމު ކަނީޒެއް ނުވަތަ މައުދަނެކެވެ (ސާލިހު އަދި ވަހީދު، 2014).
ޕޮޓޭސިއަމް
ވެސް ހަށިގަނޑަށް ބޭނުންކުރެވެނީ ހަށިގަނޑުގެ މާބޮޑު މަސައްކަތަކާއި ނުލައި އޭގެ
އަމިއްލަ ޒާތުގައެވެ. ޕޮޓޭސިއަމް ހަށިގަނޑުގައި މަދުވުމުން ލޭމައްޗަށްދިއުން،
ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ހުށަހެޅުމާއި ކައިރިކުރެއެވެ
(ސާލިހު އަދި ވަހީދު، 2003، 2014).
·
ހަށިގަނޑު
ދިޔަތަކާއި، އެސިޑް އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުން
·
ހަށިގަނޑުގެ އެއް
ތަނުން އަނެއް ތަނަށް ފޮނުވާ މެސެޖުތައް ރައްދުކޮށްދިނުން
·
މަސްތައް
ކުރުގަޅުވައި ދޫކޮށް ހެދުން
· ހިތުގެ މަސްތަކުގެ މަސައްކަތްތައް ފުރިހަމަކުރުން
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ޕޮޓޭސިއަމްގެ ކެލަމިން (ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު) އަކީ 2000 މިލިގްރާމް އެވެ. މިމިންވަރު ބޭނުންވުމުގައި ދުޅަހެޔޮ ފިރިހެނުންނާއި އަންހެނުންނަށް ތަފާތެއް ނެތެވެ. ހެޔޮހާލުގައި ތިބޭއިރު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިން ހަށިގަނޑަށް ބޭނުންވާ ވަރަށް ޕޮޓޭސިއަމް އާއި ސޯޑިއަމް ލިބެއެވެ. ބައެއް މުއްތިދާރުން ވިދާޅުވާގޮތުގައި ދުވާލަކަށް 3500 މިލިގްރާމް ގެ ޕޮޓޭސިއަމް ވެސް ގިނައެއް ނޫނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ޕޮޓޭސިއަމް
ހަށިގަނޑުން ބޭރުކުރުން
އާދައިގެ ގޮތެއްގައި ޕޮޓޭސިއަމް ހަށިގަނޑުން ބޭރުވަނީ ގައިން ހިއްލާ ދަލާއި، ފަހަރުވާ ނުވަތަ މޫންދުރަ (ކުޑަކަމުދާ އެއްޗެހި) އާއި އެކުވެގެންނެވެ. އެހެންކަމުން ގިނައިން ކުޑަކަމުދާންޖެހޭ މީހުންނަށް ޕޮޓޭސިއަމް މަދުވެދާނެ ކަމަށް ބަލަންޖެހެއެވެ. އެއާޢެކު ބޭރަށްހިންގުން ޖެހިއްޖެނަމަ، ހަށިގަނޑުން ބޭރުވާ ނަޖިހާއި ފެނާއި އެކު، ވަރަށް ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ސޯޑިއަމް ހަށިގަނޑުން ބޭރުވެއެވެ. އެހެންކަމުން ހަށިގަނޑުން ބޭރުވާ ބައި އަލުން އިޢާދަކުރުމަށްޓަކައި މިފަދަ ޙާލަތްތަކުގައި މިދެބާވަތް ހިމެނޭ ދިޔާތަކެތި ވަރަށް ގިނަ އަދަދަކަށް ބޭނުންކުރަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ބޯފެނުގައި ޕޮޓޭސިއަމް ހުންނަ ކަމުގައި ވިޔަސް މިފަދަ ހާލަތުގައި ހަމައެކަނި ބޯފެނަކީ ޕޮޓޭސިއަމް ހޯދުމަށް ބޭނުންކުރަން ފުދޭވަރުގެ ކީންޏެއް ނޫނެވެ (ސާލިހު އަދި ވަހީދު، 2014).
އިންސާނާގެ
ދުޅަހެޔޮކަމާއި ޕޮޓޭސިއަމް އަދި ސޯޑިއަމް
އިންސާނާގެ ހަށިގަނޑުގައި ސޯޑިއަމް އާއި، ޕޮޓޭސިއަމް އަކީ ގުޅި ލާމެހިގެން މަސައްކަތްކުރާ ދެ މައުދަނެވެ. މިއީ އެކުގައި މަސައްކަތްކުރާ ދެ މައުދަން ކަމުގައި ވިޔަސް ހަށިގަނޑުގައި ދެ މައުދަނުގެ ދެމެދުގައި ނޫނީ ދެމައުދަން މަސައްކަތްކުރާ އެއް މައުދަން އަނެއް މައުދަނާއި ދެމެދު "އިދިކޮޅު އަސަރު"(opposite effect) އުފެއްދުމުގައެވެ. މާނައަކީ ސޯޑިއަމް ވަކި ކަމެއް ކުރާނަމަ ޕޮޓޭސިއަމް ކުރާނީ އެއާއި ގުޅޭ އިދިކޮޅު މަސައްކަތެވެ. ދެމައުދަނަކީ ވެސް ހަށިގަނޑުގެ ތަބީޢީ ހަމަހަމަކަން ދެމެހެއްޓުމަށް ބޭނުންތެރި ދެމައުދަނެވެ. މީގެ އިތުރުން ދެމައުދަނާއި ވެސް ބޮޑެތި ބަލިތައް ޚާއްޞަކޮށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ކުރިމަތިވުމާއި ގުޅުމެއް ވާކަމަށް ހޯދިފައެވެ. މިސާލަކަށް މާގިނައިން ލޮނު ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. މީގެ ބަދަލުގައި ޕޮޓޭސިއަމް ގިނައިން ބޭނުންކުރާނަމަ ލޭހޮޅިތައް ކުރުގެޅުމުގެ ބަދަލުގައި ލޭހޮޅިތައް ހަމައަކަށް އެޅި، ހަށިގަނޑުން ސޯޑިއަމް ބޭރުކޮށްދީ ލޭގެ ޕްރެޝަރު ދަށްކޮށް ދެއެވެ. އެހެންކަމުން އަހަރެމެންގެ ހަށިގަނޑަށް ސޯޑިއަމް އަށްވުރެ ބޮޑަށް ކޮންމެ ދުވަހެއްގެ ކެއުމުގެ ތެރެއިން ޕޮޓޭސިއަމް ލިބުން މުހިއްމުވާނެ އެވެ.
ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމުގައި ކާނާގެ ބާވަތްތަކުގެ ތެރެއިން ސޯޑިއަމް ގިނައިން ހިމެނޭ އަދި ޕޮޓޭސިއަމް މަދުން ހިމެނޭ ބާވަތްތައް ހިމެނި މީޙުންނަށް ހާޓް އެޓޭކް ޖެހިގެން ނޫނީ އެހެން ވެސް ސަބަބަކާ ހުރެ މަރުވެގެންދިއުމުގެ ހިރާސް އިތުރުވެފައި ވެއެވެ. އެހެން ކަމުން ކެއުމުގައި ޕޮޓޭސިއަމް އިތުރުކުރުމަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ބޭނުންތެރި ކަމެކެވެ. އަދި ސޯޑިއަމް ގިނައިން ހިމެނޭ ބާވަތްތައް ކަމުގައިވާ ޕާން، ޗީޒް، ޕްރޮސެސްކޮށްފައި ހުންނަ މަހާއި، އެހެނިހެން ކާބޯތަކެތި ބޭނުންކުރުމާ ދުރުހެލިވުން މުހިއްމެވެ.
ޕޮޓޭސިއަމް
މަދުވުން
ހަށިގަނޑުގައި އިތުރުވާ ޕޮޓޭސިއަމް ކުޑަކަމު ނަޖިހުގެ ތެރެއިން ހަށިގަނޑުން ބޭރުކޮށްގެން، ލޭގައި ޕޮޓޭސިއަމް ގެ މިންވަރު އެއްވަރެއް ގައި ބެހެއްޓުމަށް ގުރުދާ މަސައްކަތް ކުރެއެވެ. މީގެ އިތުރުން ހަށިގަނޑުން ބޭރުވާ ދަލާއި، ބޮޑުކަމު ނަޖިހުގެ ތެރެއިން ވެސް ހަށިގަނޑުން ޕޮޓޭސިއަމް ބޭރުވެއެވެ. ހަށިގަނޑުން އާންމު އުސޫލުން ޕޮޓޭސިއަމް ބޭރުވާތީ، ދުވާލަކު މަދުވެގެން 800-400 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ޕޮޓޭސިއަމް ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް ބޭނުންވާނެ އެވެ. ބޭރަށްހިންގުން، ހޮޑުލެވުން އަދި ބޭހެއް ކެއުން ފަދަ ކަމެއްގެ ސަބަބުން ވެސް ހަށިގަނޑުން މާގިނައިން ދިޔާތަކެތި ބޭރުވާނަމަ ހަށިގަނޑުގައި ޕޮޓޭސިއަމްގެ މިންވަރު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
ޕޮޓޭސިއަމް
މަދުވުން މެދުވެރިކުރުވައިފާނެ ހާލަތްތައް
·
އަލްސެރޭޓިވް
ކޮލައިޓިސް:މިފަދަ ބަލިތަކުގެ ސަބަބުން ޕޮޓޭސިއަމް ހަށިގަނޑަށްނެގޭގޮތްނުވުމާ
ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ.
·
ކްރޯންސް ޑިޒީޒް
:މިފަދަ ބަލިތަކުގެ ސަބަބުން ޕޮޓޭސިއަމް ހަށިގަނޑަށް ނެގޭގޮތްނުވުން އަދި
ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ.
·
ބޭރަށްހިންގުން އަދި
ހޮޑުލެވުން : މިއީ ވެސް ޕޮޓޭސިއަމް ހަށިގަނޑުން ބޭރުވުން އިތުރުވެގެން ހިނގައިދާނެ
ކަމެކެވެ.
·
ޑަޔުރެޓިކްސް ފަދަ
ބޭހެއް ބޭނުންކުރުން: މިފަދަ ބޭސްތަކުގެ ސަބަބުން ޕޮޓޭސިއަމް މާގިނައިން
ހަށިގަނޑުން ބޭރުވެއެވެ.
· ހަށިގަނޑުން މެގްނީޒިއަމްގެ މިންވަރު ދަށްވުން : މެގްނީޒިއަމް އަކީ ޕޮޓޭސިއަމް ހަށިގަނޑަށް ނެގުމަށް ބޭނުންވާ މާއްދާ އެކެވެ.
ޕޮޓޭސިއަމް
މަދުވުމުން ފެނިދާނެ އަލާމާތްތައް
ޕޮޓޭސިއަމް
މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ވަރުބަލިވުން
·
ނުހުއްޓި އޮއްދާ
ހިއްލުން
·
ވޭލާ (ގިނަ
ދުވަސްތަކަކަށް) ބޭރަށްހިންގުން، ހޮޑުލެވުން
·
ކަންބޮޑުވުން
·
ގުރުދާގެ ބަލިތައް
ޖެހުން
·
އޮށާޅަނެގުން
·
ބަނޑުހިކުން
·
ލޮނާޢި ފެން
ހިފެހެއްޓުން ނޫނީ ޖަމާވުން
·
ހެދިބޮޑުވުން ހުއްޓި
ގުރުޑުވުން
·
ލޭދަށަށްދިއުން /ލޭގެ
ފިއްތުން (ޕްރެޝަރު) ދަށަށްދިއުން
·
ހިތުގެ ވިންދުގެ
ތަރުތީބު އޮޅުން
·
ހަދާންނެތުން
·
ހަދަންވީގޮތް ނޭނގުން
ނޫނީ ނޭނގިގެން އުޅެންޖެހުން
·
ލޭގައި ހަކުރު ހުންނަ
މިންވަރު ކޮންޓްރޯލްނުކުރެވުން
·
ކޮލެސްޓްރޯލް
މައްޗަށްދިއުން
·
އަނގައާއި ހަންގަނޑު
މާބޮޑަށް ހިކުން
ޕޮޓޭސިއަމް ގިނަވުން
ޕޮޓޭސިއަމް
މަދުވުން މެދުވެރިކުރުވައިފާނެ ހާލަތްތައް
·
ގުރުދާގެ ބަލިތައް
·
ބާރުގަދަ ތަދުކަނޑުވާ
ބޭސްތައް ބޭނުންކުރުން
· ޕޮޓޭސިއަމް ބޭސްޑް ސޯލްޓް ސަބްސްޓިޓިއުޓްސް ބޭނުންކުރުން
ޕޮޓޭސިއަމް ގިނަވުމުން
ފެނިދާނެ އަލާމާތްތައް
ޕޮޓޭސިއަމް ގިނަވުމުން ފެނިދާނެ އަލާމާތްތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ވިންދުގެ ރާގު
ނުހިފެހެއްޓުން
·
މަސްތައް
ވަރުބަލިވުން
·
ވާހަކަ ދައްކަން
ދަތިވުން
·
ވަރުނެތުން
·
ހަދަންވީ ގޮތެއް
ނޭނގިގެން އުޅުން
·
ގޮތެއް ނުނިންމިގެން
އުޅެންޖެހުން
·
މޭގައި ރިހުން
·
ނޭވާލާން އުދަނގޫވުން
·
މޭނުބައިކޮށް
ހޮޑުލެވުން
·
ވަރުބަލިވެ، ވާޅުވުން
ޕޮޓޭސިއަމް އިން ވިހަވާ ވަރެއްކަމަށް
ބެލެވެނީ ދުވާލަކު 18ގްރާމަށްވުރެ ގިނައިން ކެވިގެންނެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
ހަވާލާ / މައުލޫމާތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/potassium
No comments:
Post a Comment