ސޯޑިއަމް
ސޯޑިއަމް(Sodium) އަކީ ކެމިކަލް ޢުންޞުރެކެވެ. ސޯޑިއަމްގެ ރަމްޒަކީ Na އެވެ. އޭގެ އެޓަމިކް ނަންބަރަކީ 11 އެވެ.ސޯޑިއަމް އަކީ ލޭ އަދި އެހެންވެސް ދިޔަތަކުގައި ހިމެނޭ ޕޮޒިޓިވް ޗާރޖު ކުރެވިފައި ހުންނަ ކެރެވި(Ions) އެވެ (ސާލިހު އަދި ވަހީދު، 2003). ސޯޑިއަމް އަކީ ކަނީޒު(minerals) ގެ ތެރޭގައި ހިމެނޭ ހުދު ރިހިކުލައިގެ މަޑު ވަށްތި(element)އެއް ނުވަތަ އުންސުރެކެވެ (ސާލިހު އަދި ވަހީދު 2014). މިއީ ހުރިހާ ހައިވާނުންނާއި، ބައެއް ގަސްގަހާ ގެއްސަށްވެސް ބޭނުންވާނެ މާއްދާ އެކެވެ.
އިންސާނާގެ ހަށިގަނޑުގައި ސޯޑިއަމް ހުންނަނީ ލެޔާއި، އެހެނިހެން ވެސް ދިޔަތަކުގެ ތެރޭގައި ނެގެޗިވް ޗާޖުވެފައިވާ "ކެރެވި"(ions) ނުވަތަ "ނެރެވި"(anions) އެއްގެ ގޮތުގައެވެ. ކެރެވި އަކީ އެލެކްޓްރޯން އެއް އިތުރުވެގެން ނުވަތަ އުނިވެގެން އެލެކްޓްރިކް ޗާޖު އައިސްފައިވާ އޮލާރި އެކެވެ. އޮލާރި(molecule) އަކީ ކީމިޔާވީ ވަށްތިއެއް ދެން އިތުރަށް ބައިނުކުރެވޭނެ ކަމަށްބަލާ އެންމެ ކުޑަ ޒައްރާ އެވެ. ސޯޑިއަމްގެ ޕެރެވި(cations) ނުވަތަ ޕޮޒިޓިވް ޗާޖުވެފައިވާ ކެރެވި ދިރުތަކުގެ ބޭރުގައި ލެޔާއި އެހެން ވެސް ދިޔަވަރުތަކުގެ ތެރޭގައި ވާއިރު، ސޯޑިއަމްގެ ނިބޫ ޕޮޓޭސިއަމް ހުންނަނީ ދިރު ތަކުގެ އެތެރޭގައެވެ. މިދެބައި މީޒާންވުމަށް އަބަދުވެސް މަސައްކަތްކުރެއެވެ (ޞާލިހު އަދި ވަހީދު، 2014).
ސޯޑިއަމް ހަށިގަނޑަށް ބޭނުންކުރެވެނީ ނުވަތަ ގިރިބިން ކުރެވެނީ ހަށިގަނޑުގެ މާބޮޑު މަސައްކަތަކާއި ނުލައި އޭގެ އަމިއްލަ ޒާތުގައެވެ (ސާލިހް އަދި ވަހީދު، 2003، 2014). ސޯޑިއަމް ހަށިގަނޑުން މަދުވުމަކީ ވަރަށް ހޫނު ގަދަ ތަނެއްގައި ވަރަށް ބަރު މަސައްކަތްކުރާ މީހުންނަށް ނޫނީ ދިމާވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ލޮނުގަދަކޮށް ކެއުމަށް އާދަވެފައި ތިބެއެވެ. މިފަދަ މީހުން އުމުރުން ދުވަސްވުމުން ލޭމައްޗަށްދިއުން އަކީ ވެދާނެ ގޮތެކެވެ (ސާލިހު އަދި ވަހީދު، 2003). އާދައިގެ ކެއުން ކައިގެން އުޅޭ މީހެއްގެ ހަށިގަނޑުން ސޯޑިއަމް މަދުވުމަކީ ނާދިރު ކަމެކެވެ. މިހެން ދިމާވަނީ ހޫނު ގަދަ ތެތްފިނިކަން މަތީ ތަނެއްގައި ބުރަ މަސައްކަތް ކުރާ މީހުންނާއި، ލޭމައްޗަށްދާތީ މާމަދުން ލޮނުކާ މީހުންނަށެވެ (ސާލިހު އަދި ވަހީދު، 2014).
ސޯޑިއަމް ހަށިގަނޑުގައި ފެނާއި، ކަރައިވަރު (އިލެކްޓްރޯލައިޓް)ގެ ހަމަހަމަކަން ތަންޒީމުކުރުމުގައި ޒިންމާވާ މަޢުދަނެކެވެ. ލޭގައި ސޯޑިއަމްގެ މިންވަރު ކޮންޓްރޯލްކުރުން ބަރޯސާވަނީ ގުރުދާއިން ހަށިގަނޑަށް ސޯޑިއަމް ނެގުމާއި، ބޭރުކުރުމުގެ މައްޗަށެވެ. މިކަން (ސޯޑިއަމް ހަށިގަނޑަށް ގުރުދާއިން ނެގުމާއި ބޭރުކުރުން) ކޮންޓްރޯލްކުރަނީ ހޯރމޯންތަކާއި، ފަތިނާރު ތަކުންނެވެ. ބައެއް ކަހަލަ މާއްދާތަކާއި ، ފެން މައިދާއިން ހަށިގަނޑަށް ނެގުމަށް (ދެމުމަށް) ވެސް ސޯޑިއަމްގެ ބޭނުން ހިފައެވެ. ސޯޑިއަމް އަކީ އާންމުކޮށް ބޭނުންކުރާ ލޮނު ސޯޑިއަމް ކްލޮރައިޑް(NaCl) ގައި ހިމެނޭ ބައެކެވެ.
ސޯލްޓް ނުވަތަ ލޮނަކީ ސޯޑިއަމް ކްލޮރައިޑް އެވެ. މީގައި
އެކުލެވޭ %40 އަކީ ސޯޑިއަމް އެވެ. އަދި %60 އަކީ ކްލޮރައިޑް އެވެ.
މަޞްދަރުތައް
ސޯޑިއަމްގެ މައިގަނޑު މަޞްދަރަކީ ޓެބްލެޓް ސޯލްޓް އެވެ. މާނައަކީ ކައްކާއިރު ބޭނުންކުރާ ލޮނެވެ. އަދި ސޯޑިއަމް އަކީ އާންމުކޮށް ބޭނުންކުރާ ގިނަ ކާބޯތަކެތީގައި އެކުލެވޭ ބާވަތެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ސޯޑިއަމް އެކުލެވެނީ ލޮނުގައެވެ. އެހެންކަމުން ލޭގެ ފިއްތުން ނުވަތަ ލޭމައްޗަށްދިއުން ފަދަ ކަމެއް ދިމާވެގެން ލޮނުމަދުކުރާއިރު ސޯޑިއަމް މަދުވާނެކަމަށް ބަލަންޖެހެއެވެ.
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި
ސޯޑިއަމް ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
ލޮނު |
38760 |
ރީނދޫ މުގު |
73 |
ޗީޒް |
965 |
ސައްކެޔޮ އޮށް |
63 |
މާޖެރިން |
943 |
ދޮންކެޔޮ |
36 |
ކުރުބާ ފެން |
105 |
ކަރާ |
104 |
ލޮނުގެ 100 ގުރާމްގައި ދުވަހަކަށް މީހަކަށް ބޭނުންވާ ސޯޑިއަމް އެންމެ ގިނަ މިންވަރަށްވުރެ 1600 އިންސައްތަ ގިނައެވެ.
އެމެރިކާގެ ސީޑީސީ އިން ބަޔާންކޮށްފައިވާ ގޮތުގައި އެންމެ ގިނައިން ސޯޑިއަމް ލިއްބައިދޭ މަސްދަރުތަކުގެ ތެރޭގައި ޕާން، ރޯލްސް، ޕިއްޒާ، ސޭންޑްވިޗް، އެއްގަމު މަސް، ސުރުވާ، ބުރިޓޯސް، ޗިޕްސް، ޕޮޕްކޯން، ކްރެކަރސް، ކުކުޅު، ޗީޒް، ކުކުޅުބިސް އަދި ބިސްގަނޑު ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް ވެބްސައިޓް)
ހަށިގަނޑުގައި
އެކުލެވޭ ސޯޑިއަމް
ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމްގެ 70 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. 30 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. ލޭގެ ކޮންމެ ލިޓަރެއްގައި 143-137 މިލިއީކްއަލެންޓް ގެ ސޯޑިއަމް ހުރެއެވެ.
ބޮޑުމީހެއްގެ ހަށިގަނޑުގައި 90 ގްރާމްގެ ސޯޑިއަމް އެކުލެވެއެވެ. މީގެތެރެއިން ½ އުޅެނީ ހަށިގަނޑުގެ ތެރޭގައި ސެލިތައް ނުވަތަ ދިރުތައް ދޮވެވޭ ދިޔަގަނޑު(Interstitial fluid) ގައެވެ. 3/1 ހުންނަނީ ގިރިގެންނުދާ ކަނީޒުތައް ނުވަތަ މަޢުދަންތަކާއި އެކުވެ ކަށިތަކުގައެވެ (ސާލިހު އަދި ވަޙީދު، 2003، 2014).
ސޯޑިއަމްގެ ވަޒީފާ
·
ލޭގެ ޕްލާޒްމާގެ ވޮލިއުމް
އަދި އޮސްމެޓިކް ޕްރެޝަރުގެ ހަމަ ހިފެހެއްޓުން
·
މަސްތައް ހަރަކާތް
ކުރުމުގައި ބައިވެރިވުން
·
ސިކުނޑިއަށް ތަފާތު
މެސެޖްތައް ފޮނުވުމުގައި ބައިވެރިވުން
·
އެސިޑް-ބޭސް އެކުލެވޭ
މިންވަރު ހަމަހަމަކަމާއެކު ތަންޒީމްކޮށް ބެލެހެއްޓުން
·
ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި
ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް
ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް
ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·
ހަށިގަނޑުގެ
ދިޔަތަކުގައި ހުންނަށްޖެހޭ ފެނުގެ މިންވަރު ބަރާބަރުކޮށްދިނުން
·
ލޭގައި ހުންނަ ހަކުރު
ފަދަ ތަކެތި ދިރުތަކަށް ވަދެނިކުތުމާއި، ހަށިގަނޑުގެ އެތަން މިތަނަށް މެސެޖުތައް
ރައްދުކޮށްދިނުމަށާއި، އަދި މަސްތައް ކުރުގަޅުވައި ދެމުމަށް އެހީތެރިވެދިނުން
· ހަށިގަނޑުގައި ލޭގެ ޕީއެޗް ލެވެލް މީޒާންކޮށް ބެހެއްޓުމަށް އެހީތެރިވުން : ޕީއެޗް އަކީ ގިނަވެގެން ލޭގައި ދަމިލަ ހުންނަށްޖެހޭ މިންވަރު ނުވަތަ ވަރެވެ.
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ސޯޑިއަމްގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) އަކީ 500 މިލިގްރާމް އެވެ. މިމިންވަރު ފިރިހެނުންނާއި އަންހެނުންނަށް ތަފާތެއް ނެތެވެ (ސާލިހު އަދި ވަހީދު، 2003). ނުވަތަ ސޯޑިއަމްގެ ކެލަމިން އަކީ 500-250 މިލިގްރާމް އާއި ދެމެދުގެ މިންވަރެކެވެ. ސޯޑިއަމްގެ ރައްކާތެރި މަތީ މިންވަރަކީ 2300 މިލިގްރާމް އެވެ. އެއްވެސް އުމުރުފުރާ ވަރެއްގައި މިއަށްވުރެ އިތުރުކުރުމަށް ލަފައެއް ނުދެއެވެ (ޞާލިހު އަދި ވަހީދު، 2014).
2005 ވަނައަހަރު އެމެރިކާގެ އިރުޝާދު ފިލާގައި ވަނީ 50 އަހަރަށްވުރެ އުމުރު މައްޗަށް ދިއުމުން ސޯޑިއަމްގެ ކެލަމިން 1500 އަށްވުރެ މައްޗަށް ނުގެންދިއުމަށެވެ. އަދި އުމުރުން 70 އަހަރުވުމުން ސޯޑިއަމްގެ ކެލަމިން 1200 އަށްވުރެ މަތި ނުކުރުމަށެވެ (ސާލިހު އަދި ވަޙީދު، 2014).
ސޯޑިއަމް
ހަށިގަނޑުން ބޭރުކުރުން
ސޯޑިއަމްގެ 95 އިންސައްތަ ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިންނެވެ. މީގެ އިތުރުން ބޭރަށްހިންގުން ޖެހިއްޖެނަމަ، ހަށިގަނޑުން ބޭރުވާ ނަޖިހާއި ފެނާއި އެކު، ވަރަށް ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ސޯޑިއަމް ހަށިގަނޑުން ބޭރުވެއެވެ. އެހެންކަމުން ހަށިގަނޑުން ބޭރުވާ ބައި އަލުން އިޢާދަކުރުމަށްޓަކައި މިފަދަ ޙާލަތްތަކުގައި މިދެބާވަތް ހިމެނޭ ދިޔާތަކެތި ވަރަށް ގިނަ އަދަދަކަށް ބޭނުންކުރަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، 2014).
އިންސާނާގެ
ދުޅަހެޔޮކަމާއި ސޯޑިއަމް
ގިނަ މީހުންނަށް ލޭގައި ސޯޑިއަމް ގިނަވެ އިތުރުވުމަކީ އެކަމުގެ ސަބަބުން ގުރުދާއަށް މައްސަލަތައް ކުރިމަތިކުރުވާ ކަމަކަށް އޮންނަނީ ވެފައެވެ. ސޯޑިއަމް ހަށިގަނޑުގައި ޖަމާވާ ވަރަކަށް ފެނުން ސޯޑިއަމް ޑައިލޫޓްކޮށް އޭގެ ތާސީރު ދަށްކުރެއެވެ. މިހެންވުމުން ދިރުތަކުގެ ދެމެދުގައި ހުންނަ ދިޔަވަރު ނޫނީ ދިރުތައް ދޮވެވޭ ދިޔަވަރު އަދި ލޭގެ ވޮލިއުމް ނުވަތަ މިންވަރު އިތުރުވެގެން ދެއެވެ. ލޭގެ ވޮލިއުމް އިތުރުވާ ވަރަކަށް ހިތުގެ މަސައްކަތަށް ބާރުބޮޑުވެ، ލޭގެ ހޮޅިތަކުގެ ޕްރެޝަރު އިތުރުވެއެވެ. ނޫނީ ލޭހޮޅިތަކަށް ފިއްތުން ބޮޑުވެއެވެ. މިގޮތުގައި ދުވަސްވާވަރަކަށް ހިތުގެ މަސައްކަތަށް ބާރުބޮޑުވެ، ލޭހޮޅިތަކުގެ ފިއްތުން އިތުރުވެ، ލޭހޮޅިތައް ހަރުއަރައި، އޭގެ ނަތީޖާއެއްގެ ގޮތުން ލޭމައްޗަށްދިއުން، ހާޓް އެޓޭކްޖެހުން އަދި ސްޓްރޯކްޖެހުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. ނޫނީ މިކަންކަން ކުރިމަތިވާގޮތް ވެއެވެ. މާގިނައިން ސޯޑިއަމް ހަށިގަނޑަށް އެތެރެވުމަކީ ހިތް، ހިތުން ލޭފޮނުވައިދޭ ބޮޑުލޭހޮޅި، އަދި ގުރުދާ ފަދަ ގުނަވަންތަކަށް ގެއްލުން ލިބޭކަމެއްކަމަށް ދިރާސާތަކުން ހޯދިފައި ވެއެވެ.
ސޯޑިއަމް މަދުވުން
އަލާމާތްތައް
ސޯޑިއަމް މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި
އަންނަނިވި އަލާމާތްތައް ހިމެނެއެވެ.
·
ކާހިތްނުވުން
·
ރަހަ އިހުސާސްނުވުން
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ތެދަށް ހިނގަށް
ދަތިވުން
·
ވަރުނެތުން
·
ވާގިނެތުން
·
އަނބުރައިގަތުން
·
އޮޅުންބޮޅުންވުން
/ވާނުވާނޭނގުން
· އިދިފުށަށްދެމުން
ސޯޑިއަމް މަދުވެދާނެ ހާލަތްތައް
ހަށިގަނޑުން ސޯޑިއަމް މަދުވެދާނެ ހާލަތްތަކުގެ ތެރޭގައި
އަންނަނިވި ހާލަތްތައް ހިމެނެއެވެ.
·
މާބޮޑަށް
ހޫނުވެ ދާހިއްލުން : މިސާލަކަށް ހޫނު މާހައުލެއްގައި ގިނައިރު ކަސްރަތު
ކުރުމަކީ ނުވަތަ ބުރަ މަސައްކަތްކުރުމަކީ ދާހިއްލުން އިތުރުވެ، ހަށިގަނޑުން
ފަހަރުގައި ސޯޑިއަމް މަދުވެދާނެ ކަމެކެވެ.
·
ބޭރަށްހިންގުން
: ބޭރަށް ހިންގުމުން ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވެއެވެ.
·
އެޑިސަން'ސް
ޑިޒީޒް : އެޑިސަން ޑިޒީޒް ގައި އަލްޑޮސްޓަރޯން ( ގުރުދާއިން ސޯޑިއަމް އާއި ފެން
ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ހޯރމޯން) ހޯރމޯން އުފެއްދުމަށް ހުރަސްއެޅުމުން ގުރުދާއިން
ސޯޑިއަމް ހަށިގަނޑުގައި ހިފަހައްޓައިދިނުމަށް ނުކުޅެދެއެވެ.
·
ގުރުދާ
ފޭލްވުން : ބައެއް ފަހަރު ގުރުދާ ފޭލްވުމުން ހަށިގަނޑުން ސޯޑިއަމް ބޭރުވެގެންދާ ގޮތް
ވެއެވެ.
·
ބައެއް
ކަހަލަ ބޭސްތައް : ޑަޔުރެޓިކްސް ފަދަ ބޭސްތައް ބޭނުންކުރުމުން ކުޑަކަމުދާ
ތަކެތީގެ ޒަރީޢާއިން ގިނަ އަދަދެއްގެ ސޯޑިއަމް ބޭރުވުމަށް އެހީތެރިވެދެއެވެ.
ސޯޑިއަމް ގިނަވުން
ސޯޑިއަމް ގިނަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ރަނގަޅަށް ނުވިސްނުން
·
ލޭމައްޗަށްދިއުން
·
މަސްތައް
ތުރުތުރުލުން
·
އަނގަހިއްކުން /
ކަރުހިއްކުން
·
ފެން ނުވަތަ
ދިޔާއެއްޗެއް ބޯހިތްވުން
·
މަޑުންނުހުރެވުން
·
ކުޑަކަމުދިއުން
އިތުރުވުން
·
ހިތުގެ މައްސަލަތައް
ދިމާވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/potassium/
No comments:
Post a Comment