މެންގަނީޒް
މެންގަނީޒް އަކީ ހަށިގަނޑަށް ބޭނުންތެރި ޓްރޭސް އެލިމެންޓްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޢުދަނެކެވެ. މެންގަނީޒް އަކީ ކިލާ ހުދުކުލައިގެ މުރަނަ މައުދަނެކެވެ. މެންގަނީޒް އަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާނާގައި ހިމަނަންޖެހޭ 21 މައުދަންގެ ތެރޭގައި ހިމެނޭ ޒާރީ ވައްތިއެކެވެ. މިކަން ހޯދިފައިވަނީ 1937-1936 ހިސާބުގައެވެ.
މަސްދަރު
މެންގަނީޒް
ގިނައިން ހުންނަ ކާނާގެ ތެރޭގައި ނުކަނޑާ ހުންނަ ގޮވާން، އެކިވައްތަރުގެ މުގާއި،
އޮށާއި، މަދާއި، މޭވާ އާއި ތާޒާ ތަރުކާރީ ހިމެނެއެވެ. އެވޮކާޑޯ އާއި، އިނގުރާއި،
ކަރަންފުލަކީ މެންގަނީޒް ގިނައިން ހުންނަ ބާވަތްތަކެވެ (ސާލިހު އަދި ވަހީދު،
2014). މިމާއްދާ ލިބޭ ބާވަތްތަކުގެ ތެރޭގައި ފެހިކުލަގަދަ ފަތް، މޭވާ އަދި
މުގުގުގެ ބާވަތްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003).
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި މެންގަނީޒް ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
އަސޭމިރުސް |
30 |
މުރަނގަފަތް |
0.4 |
ކާފޫރުތޮޅި |
28 |
މާޅޮސް ކެޔޮ |
0.3 |
ބަދަންމަދު |
10.3 |
ކަށްޓަލަ |
0.2 |
ކާށި |
1.2 |
ފަޅޯ |
0.2 |
ބަރަބޯއޮށް |
0.5 |
ދޮންކެޔޮ |
0.2 |
މެންގަނީޒް
ވަރަށް ގިނަ ވައްތަރުގެ ކާބޯތަކެތީގައި ހުރެއެވެ. ބޯފެނުގައި މަދު މިންވަރަކަށް
ހުރެއެވެ. މެންގަނީޒް އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ބޮލިމަސް (މަސެލް، އިހި،
ކްލެމްސް)، މަދުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ހޭޒަލް ނަޓް އަދި ޕީކަން މަދު،
އޯޓްމީލް، މުށި ހަނޑޫ، ޕީނަޓް، މުގު، ގުރުދާ ތޮޅި، ސޯޔާބީންސް، މުގު، ސަނާމުގު،
އަސޭމިރުސް، ބޯވެލިފަތް، ކަޅު ސައި އަދި އަލަނާސި ހިމެނެއެވެ (ހާވަރޑް.އެޑިޔު،
2022).
ހަށިގަނޑުގައި
މެންގަނީޒް
އާދައިގެ
ބޮޑު މީހެއްގެ ހަށިގަނޑުގައި މެންގަނީޒް 12 މިލިގްރާމް އާއި 20 މިލިގްރާމްއާއި
ދޭތެރޭގެ މިންވަރަކަށް ހުރެއެވެ. މީގެ ތެރެއިން ގިނަ މިންވަރެއް ކަށިތަކުގައާއި،
ފުރަމޭ، ގުރުދާ އަދި ހިތުގައި އެކުލެވިގެންވެއެވެ (ސާލިހު އަދި ވަހީދު، 2003،
ސާލިހު އަދި ވަހީދު، 2014). މެންގަނީޒް ހަށިގަނޑަށް ނަގަނީ ކުޑަ ގޮހޮރުންނެވެ.
މައިގަނޑު ގޮތެއްގައި ރައްކާކުރެވިފައި ހުންނަނީ ކަށިތަކުގައެވެ. ނަމަވެސް މަދު
މިންވަރަކަށް ސިކުނޑި، ގުރުދާ، ފުރަމޭ، އަދި ޗިސްމޭގައި ރައްކާކުރެވިފައި ހުރެއެވެ
(ހާވަރޑް.އެޑިޔު، 2022).
މެންގަނީޒްގެ
ވަޒީފާ
މެންގަނީޒް
ހަށިގަނޑުގައި ހިމެނޭ އެންޒައިމް ތަކާއެކު ހަކަތަ އުފެއްދުމަށާއި، އަދި
ހަށިގަނޑުގައި ހިމެނޭ ސެލޯށިތައް ފުރިހަމަ ޞިއްޙަތުގައި ދެމެހެއްޓުމަށް
އެހީތެރިވެދެއެވެ. (ސާލިހު އަދި ވަހީދު، 2003). ދިރާސާތަކުން ހޯދިފައިވާ ގޮތުގައި
މެންގަނީޒް އަކީ ހަށިގަނޑު ހެދިބޮޑުވުމަށާޢި، ކަށިތައް ތަރައްގީވުމަށާއި،
ދަރިމައިވުމަށާއި، ނާރުތަކާއި ބެހޭ މައިގަނޑު މަސައްކަތްތައް ހިންގުމަށް ބޭނުންވާ
މައުދަނެކެވެ. އެހެންކަމުން މިއީ ޒާރީ ވައްތި ތަކުގެ ތެރޭގައި ހިމެނޭ ވަރަށް
މުހިއްމު މައުދަނެކެވެ (ސާލިހު އަދި ވަހީދު، 2014).
ކަށިތައް
އުފެދުމަށާއި، ސެލޯށިތައް ގުޅުވުމަށާއި، ހަށިގަނޑުގައި ހިމެނޭ ޅިންތާތަކާއި،
އެކުވެގެން ފެޓްސް އިން ހަކަތަ އުފެއްދުމަށާއި، ނާރުތަކާއި ބެހޭ ނިޒާމު
ހިންގުމަށް، އަދި ދަރިމައިވުމަށާއި، ދިރުތައް އުފެދެމުންދާއިރު އެތަކެތީގައި
ވާރުތީ ސިފަތައް އަށަގެންނެވުމަށާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ބެލެހެއްޓުމަށް
މެންގަނީޒުގެ އެހީތެރިކަން ބޭނުންވެއެވެ. ހަށިގަނޑަށް އެތެރެވާ އޮށްޓަރުތަކުގެ
ތެރެއިން ބަޔޮޓިން، ތިޔަމިން، ވިޓަމިން ސީ އަދި ޗޯލައިން، ފަދަ މުހިއްމު
އޮށްޓަރުތައް ގިރިބިން ކޮށްދެނީ ވެސް މެންގަނީޒްގެ އެހީތެރިކަމާ އެކުގައެވެ.
މެންގަނީޒް އަކީ ލޭހޮޅިތަކުގައި ދޯޅަޖެހުން ނުވަތަ ސަރުބީ ގަނޑުވުމުން ދުރުކޮށްދޭ
މާއްދާ އެކެވެ. މެންގަނީޒް އަކީ ބޭހެއްގެ ގޮތުގައި ދެވޭ ބާވަތެއް ވެސް މެއެވެ.
އެގޮތުން ވެއްޓޭ ބަލި، ހަކުރު ބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ
(ސާލިހު އަދި ވަހީދު، 2003).
ކާނާއާއެކު
ހަށިގަނޑަށް އެތެރެވާ މެންގަނީޒްގެ ތެރެއިން 5-3 އިންސައްތައާއި ދެމެދުގެ
މިންވަރެއް މެނުވީ ހަށިގަނޑަށް ބޭނުން ހިފޭގޮތެއް ނުވެއެވެ. އެގޮތުން ހަށިގަނޑަށް
އެތެރެވާ 4-3 އިންސައްތަ ގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށް ވާޞިލް ވެއެވެ. އަދި މަދު
އެތިކޮޅެއް މޭގަނޑުގައި ކޮށާރުކޮށް ދެއެވެ. ބާކީވާ މެންގަނީޒް ގިރިބިން ނުކުރެވި،
ނުވަތަ ހަށިގަނޑަށް ބޭނުންހިފޭ ގޮތެއްނުވެ، ބޮޑުކަމުދާ ތަކެއްޗާއި އެކު
ބޭރުވެދެއެވެ. މޫންދުރައިގައި ވެސް ވަރަށް މަދުއަދަދަކަށް މެންގަނީޒް ހޭކިފައި
ހުރެއެވެ (ސާލިހު އަދި ވަހީދު، 2003).
މެންގަނީޒް
އަކީ ކޯއެންޒައިމް އެކެވެ. މިއީ ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ސަރުބީ
ހަށިގަނޑުގައި ގިރިބިން ކުރުމުގައި ބައިވެރިވާ ކޯއެންޒައިމް އެކެވެ. މީގެ އިތުރުން
ކަށިތައް ބިނާކުރުމާއި، ދިފާޢީ ނިޒާމު އަދި އުފަންވެނިވި ޞިއްހަތުގެ
މަސައްކަތްތައް ދެމެހެއްޓުމުގައި މެންގަނީޒް އެހީތެރިވެދެއެވެ (ހާވަރޑް.އެޑިޔު،
2022).
ހަށިގަނޑަށް
ބޭނުންވާ މިންވަރު
މެންގަނީޒްގެ
ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އަކީ އުމުރުން 13-9 އަހަރާއި
ދެމެދުގެ ކުދިންނަށް 1.9 މިލިގްރާމް އެވެ. 50-19 އަހަރާއި ދެމެދުގެ އުމުރުފުރާގެ
ދެޖިންސްގެ ފިރިހެނުންނަށް 2.3 މިލިގްރާމް އެވެ. އަދި މިއުމުރުގެ އަންހެނުންނަށް
1.8 މިލިގްރާމެވެ. މެންގަނީޒު ލިބުމަށް ކާނާ ކާއިރު ހަދާންކުރަންވީ މެންގަނީޒް ގިނައިން
ހުންނަ ބާވަތްތަކާއެކު ދަގަނޑު އެކުލެވޭ ބާވަތެއް ބޭނުންކުރާނަމަ، ގިރިބިންކުރެވޭ
މިންވަރު މަދުވާނެ ކަމާއި، އަދި ދަގަނޑު ގިނައިން ހުންނަ ބާވަތްތަކާއެކު
އެތެރެކުރެވޭ މެންގަނީޒް ގިރިބިންކުރެވޭލެން މަދުވާނެ ކަމެވެ. މެންގަނީޒުގެ
ރައްކާތެރި މަމިން އަކީ 11 މިލިގްރާމް އެވެ (ސާލިހު އަދި ވަހީދު، 2003).
މެންގަނީޒް
މަދުވުން
މެންގަނީޒް
މަދުވުމަކީ ވަރަށް މަދު ފަހަރެއްގައި މެނުވީ ދިމާވާނެ ކަމެއް ނޫނެވެ. މެންގަނީޒު
މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ކަށި ބަންގޫރުވުން (ނުވަތަ ލޮޅުން އެރުމުގެ
ފަސޭޙައިން ބިދުން)، މައިކަށީގެ މައްސަލަތައް ދިމާވުން، ގައިން ފިތްނެގުމާއި
މޭނުބައިކުރުން، ކޮލެސްޓްރޯލް މައްޗަށް ދިއުން، އުރަމަތީގެ އުދަނގުލާއި،
އުފަންވަނި ގުނަވަންތައް ކަމުގައިވާ އުރަވަޅީގައިވާ އޮށާއި، ބިސްރަވައިގެ
މައްސަލަތައް ހިމެނެއެވެ. ކުޑަކުދިންނަށް މިމާއްދާ މަދުވެއްޖެނަމަ ކަންފަތާއި،
ލޮލާއި، ހަދާން ބަލިވުމުގެ މައްސަލަތައް ދިމާވެއެވެ (ސާލިހު އަދި ވަހީދު، 2014). މެންގަނީޒް
މަދުވުމުން ދިމާވާ ކަންތައްތަކުގެ ތެރޭގައި ކަށި ގިރުމުގެ ބަލި، އަދި ހަކުރު
ބައްޔަށް މީހާ ހުށަހެޅޭގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2003). އެކަމަކު
މެންގަނީޒް ހަށިގަނޑުން މަދުވުމަކީ ވަރަށް މަދު ފަހަރަކު ނޫނީ ދިމާވާ ކަމެއް
ނޫނެވެ.
ފެނިދާނެ
އަލާމާތްތައް
·
ކަށިތައް
ބަންގޫރުވުން
·
މައިކަށީގެ
މައްސަލަތައް ދިމާވުން
·
ގައިން ފިތްނެގުން
·
މޭނުބައިކުރުން
·
ސަރުބީ މަތިވުން
·
އުފަންވަނިވި
ޞިއްހަތުގެ ގުނަވަންތައް ކަމުގައިވާ އޮށާއި ބިސްރަވައިގެ މައްސަލަތައް ދިމާވުން
·
ހަދާން ބަލިވުން
·
ކަންފަތާއި ލޮލުގެ
މައްސަލަތައް ދިމާވުން
މެންގަނީޒް
ގިނަވުން
މިއީ
ގިނައިން ކެވުނު ކަމުގައި ވިޔަސް ވިހަވުން ވަރަށް ދުރު މާއްދާ އެކެވެ. މެންގަނީޒް
އިން ވިހަވާގޮތް މިހާތަނަށް ގިނައިން ދިމާވެފައިވަނީ މެންގަނީޒް ކޮނެގެން ނަގަން
މަދިޔާތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. އެއީ ހިރަފުހާއެކު ނޭވާ ހިނގާ
ނިޒާމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުމުންނެވެ. ވިހަވާ ދަރަޖައަށް މެންގަނީޒް
ކެވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކާހިތްކުޑަވުން، ވަކިގޮތެއް ނިންމަން
ނޭނގުން، ނިދިނައުން ހިމެނެއެވެ. ހިރަފުހުން ވިހަވުމުގެ އަލާމާތްތަކަކީ
ހަނުނުހުރެވުން އަދި ހަންޑިފެންނަހެންހީވުން ފަދަ ކަންތައްތަކެވެ (ސާލިހު އަދި
ވަހީދު، 2014). ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި
މެންގަނީޒް ހިމެނޭ ކާނާ ގިނައިން ކައިގެން ވިހަވި ކަމުގެ ރިޕޯޓެއް މިހާތަނަށް
ލިބިފައެއް ނުވެއެވެ. މިހާތަނަށް ބޮޑަށް ރިޕޯޓްކޮށްފައިވަނީ މެންގަނީޒް މަތީ
މިންވަރަކަށް ހިމެނޭ ފެން ބުއިމުގެ ސަބަބުންނެވެ. މީގެ އިތުރުން ހިރަފުހާއެކު
ވެލްޑިންގ މަސައްކަތްކުރާ މީހުންނާއި، މައިންގެ މަސައްކަތްކުރާ މީހުންނަށް
ނޭވާލާނިޒާމުގެ ތެރެއަށް މެންގަނީޒް ވާޞިލްވެގެން ވިހަވުން ރިޕޯޓުކޮށްފައި ވެއެވެ.
ލޭމަދުވުމުމަކީ ނޫނީ ލޭގައި ދަގަނޑުގެ ބައި މަދުވުމަކީ މެންގަނީޒް ހަށިގަނޑަށް
ނެގުން އިތުރުވާ ކަމެކެވެ (ހާރވަޑް.އެޑިޔު، 2022).
ފެނިދާނެ
އަލާމާތްތައް
މެންގަނީޒްއަށް
ވިހަވުމުން މައިގަނޑުގޮތެއްގައި އަސަރުކުރަނީ ނާރުތަކުގެ ނިޒާމަށެވެ. އެހެންކަމުން
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ތުރުތުރުއެޅުން
·
މަސްގުޅަކެއުން
·
އަތާއި-ލޮލުގެ
ވިލަރެސްކަން ދަށްވުން
·
ހަށިގަނޑު
ހަމަހިފެހެއްޓުން ގެއްލުން
·
ބޮލުގައި ރިހުން
·
ބީރުވުން
·
މިޒާޖަށް
ބަދަލުއައުން / އުޅުމަށް ބަދަލުއައުން
·
މާޔޫސްވެ، ދެރަވެ،
މޮޅިވެރިވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/manganese/
No comments:
Post a Comment