މުހިއްމު ސަފުހާތައް

Saturday, January 7, 2023

ދަގަނޑު

 

ދަގަނޑު

ދަގަނޑު(iron)   ނުވަތަ އަޔަން އަކީ ބިމުގައި އެންމެ ގިނައިން އެކުލެވޭ އެއް މަޢުދަނެވެ. އަދި މިއީ ވަރަށް މުހިއްމު ޓްރޭސް އެލިމެންޓް އެކެވެ. މިއީ ސާފުކޮށް ހުންނައިރު ރިހި އަޅި ކުލައިގައި ދަޅައެއް ހުންނަ މައުދަނެކެވެ. މިއީ ބިމުގައި އެންމެ ގިނަ އުންސުރެވެ. ދަގަނޑަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާންޖެހޭ 21 މައުދަނުގެ ތެރެއިން ކާނާގައި ކޮންމެހެން ހިމަނަންޖެހޭ ޒާރީ އުންސުރެކެވެ (ސާލިހު އަދި ވަހީދު، 2014). 


 

މަޞްދަރު

ދަގަނޑު ހުންނަ ކާބޯތަކެތީގެ ތެރޭގައި އެއްގަމުމަސް (ގެރިމަސް، ބަކަރިމަސް، ކުކުޅުމަސް، ޚާއްޞަކޮށް މިފަދަ ޖަނަވާރުގެ މޭގަނޑު)، ކަނޑުމަސް، ކަކުނި، ރާކަނި ފަދަ ހަރު ތޮށިގަނޑެއް ހުންނަ ބޮލިމަސް، ކުކުޅުބިސް، މޭވާ އަދި ފެހިކުލަގަދަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).   

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ދަގަނޑު ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ރީނދޫ

41.4

ކުދީނާފަތް

15.6

މުރަނގަފަތް

28.2

ކާށި

7.8

މައްސާގުފަތް

18.4

މާޅޮސްކެޔޮ

6.7

އަސޭމިރުސް

14.3

ބޯވަ

5.3

ކޮތަނބިރި

15.9

ދަނޑިއަލުވި

1.6

ކާނާއިން ލިބޭ ދަގަނޑުގެ ބައި ދެވައްތަރަކަށް ބެހެއެވެ. އެއީ ޖަނަވާރުތަކުން ލިބޭ ހީމް އަޔަން(heme iron)  އަދި ގަސްގަހާ ގެހިން ލިބޭ ނަން ހީމް އަޔަން(non heme iron) އެވެ. ހީމް އަޔަން ލިބެނީ އެއްގަމުމަހުގެ ބާވަތްތައް، ދޫނި މަހުގެ ބާވަތްތައް އަދި ކަނޑުކާނާ އިންނެވެ. ނަން ހީމް އަޔަން ލިބެނީ އޮށާއި، މަދު، އަދި ލެގިޔޫމްސް އާއި ހޯލް ގްރެއިންސް އިންނެވެ (ހާވަރޑް.އެޑިޔު، 2022).

ހީމް އަޔަން ލިބޭ މަސްދަރުތަކުގެ ތެރޭގައި އިހި، ކްލެމްސް، މަސެލް ފަދަ ކަނޑުކާނާގެ ބާވަތްތަކާއި، ކުކުޅުމޭ، ގެރިމޭ، ގެރިމަސް ފަދަ އެއްގަމު މަހުގެ ބާވަތްތައް އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ މިފަދަ ބާވަތްތައް ހިމެނެއެވެ. ނަން ހީމް އަޔަން ލިބޭ މަސްދަރުތަކުގެ ތެރޭގައި ތޮޅި، މުގު، ބޯވެލިފަތް، ކަޅު ޗޮކްލެޓް، އަލުވި، އޮށާއި މަދުގެ ބާވަތްތައް ފަދަ ކާނާގެ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

އިންސާނާގެ ހަށިގަނޑުގައި ދަގަނޑު

މީހެއްގެ ހަށިގަނޑުގައި 3.5 ނުވަތަ 4 އާއި 4.5 ގްރާމް ގެ ދަގަނޑު ހުރެއެވެ. މީގެ ތިންބައިކުޅަ ދެބައި (ދެތުނި) ހުންނަނީ ލޭގައެވެ. އަނެއް ބައި ކޮށާރު ކުރެވިފައި ހުންނަނީ ކަށީގެ މަދުގައްޔާއި، ހުންކޮށި ގަޔާއި، އަދި ފުރަމޭ ނުވަތަ މޭގަނޑުގައެވެ (ސާލިހު އަދި ވަހީދު، 2014).  

ދަގަނޑުގެ ވަޒީފާ

ދަގަނޑު އަކީ ލޭގައި ހިމެނޭ ރަތް މާއްދާ ކަމުގައިވާ ހީމޯގްލޯބިން އުފެއްދުމަށް ބޭނުންވާ އެންމެ މުހިއްމު އެއްބާވަތެވެ. ހީމޯގްލޯބިންގެ މުހިއްމު މަސައްކަތަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފުއްޕާމޭ އިން ނަގައިގެން ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ދިރު ތަކަށް ގެންގޮސް ދިނުމެވެ. މީގެ އިތުރުން ދަގަނޑު އަކީ ހަށިގަނޑުގައި ހިމެނޭ ދިރުތައް ބަރާބަރަށް މަސައްކަތްކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހަށިގަނޑަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށް ކުރުމަށް ބޭނުންވާ ކެމިކަލް ބަދަލުތައް ގެނައުމުގައި ދަގަނޑު މުހިއްމު ރޯލެއް އަދާކުރެއެވެ (ސާލިހު އަދި ވަހީދު، 2014).

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގައި ދަގަނޑު ހިމެނޭ ތަކެތި ބޭނުންކުރުމަކީ ތިރީގައި އެވާ ހާލަތްތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.

* ލޭގެ ތެރޭގައި ހިމެނޭ ކޮންމެ ރަތް ދިރެއްގެ (ލޭގެ ރަތް ސެލް) އުމުރަކީ 4 މަސް ދުވަހެވެ. އެއަށްފަހު އެދިރުތައް ފަނާވެ ނެތިދެއެވެ. އަދި އިތުރު އާދިރުތައް އުފެދޭނެ އެވެ. މިގޮތަށް ދިރުތައް ފަނާވުމަށާއި، އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. ނޫނީ ދަގަނޑު ހިމެނޭ ކާނާ ކެއުމުގައި ހިމެނުން މުހިއްމެވެ.

* ތަފާތު ހާލަތްތަކުގައި ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ތަނެއް ކަނޑައިގެން ގޮސްގެން ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށް ނުވަތަ އަންހެނުން މައްސަރު ކަންތައް ޖެހުމާއި ގުޅިގެން ބޭރުވާ ލޭ އަލުން އުފެއްދުމަށް ދަގަނޑު ބޭނުންވާނެ އެވެ.

* ހަށިގަނޑުގައި އުފެދޭ ސެލޯށި ތަކާއި، ލޭގެ ރަތް ދިރު ތައް އިތުރު ވަމުންދާ މިންވަރުން ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ކުޑަކުދިން ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު، ހަށިގަނޑުގައި އިތުރުކުރަން ބޭނުންވާ ސެލޯށިތަކާއި، ދިރުތައް އުފެދުމަށްޓަކައި، ދަގަނޑު ހިމެނޭ ކާނާ ބޭނުން ވެއެވެ. އަދި މާބަނޑު ދުވަސްވަރު އާ ސެލޯށިތަކާއި ލޭގެ ރަތް ދިރުތައް އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ މާބަނޑު މީހުން އިތުރަށް ކާން ޖެހެއެވެ.

* ލޭގެ ރަތްދިރުތައް އުފެއްދުމުގެ އިތުރުން ހަށިގަނޑު ބަލިތަކުން ދިފާއުވުމަށް ބޭނުންވާ ލޭގެ ހުދު ދިރުތައް އުފެއްދުމަށް ވެސް ދަގަނޑު ބޭނުން ވެއެވެ. އެހެންކަމުން ދަގަނޑު މަދުވެއްޖެނަމަ، ބަލިތައް ޖެހުން އަވަސްވެގެން ދެއެވެ.

* ދަގަނޑު ފަސޭހައިން ގިރިބިން ވަނީ ކޮށާރުކުރެވިފައި، ހުރި ދަގަނޑު މަދުވުމުންނެވެ. ކޮށާރުން ދަގަނޑު ނަގައި ދިނުމުގައި ވިޓަމިން އޭ ބޭނުންވެއެވެ. އެހެންކަމުން ވިޓަމިން އޭ މަދުނަމަ، ދަގަނޑު މަދުވެ، ލޭފަނޑުވެދާނެ އެވެ.

* ދިރާސާތަކުން މިހާރު ސާބިތުވާ ގޮތުގައި ދަގަނޑު ހަށިގަނޑުގައި މަދުނަމަ، ތޫނުފިލިކަން ދަށަށް ގޮސް، ތަކެތި ދަސްކުރުމަށް ދަތިވެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރު

ދަގަނޑުގެ ކެލަމިން ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) ފިރިހެނުންނަށް 8 މިލިގްރާމް އަދި އިއްދައިން ނުކެނޑޭ އަންހެނުންނަށް 18 މިލިގްރާމް އެވެ. ކާބޯތަކެތީގައި ހުންނަ ދަގަނޑުން ހަށިގަނޑަށް ނެގެނީ ދުވަހަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައެވެ (ސާލިހު އަދި ވަހީދު، 2003). ހަށިގަނޑަށް ދަގަނޑު ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވަހަކަށް 45 މިލިގްރާމް އެވެ(ސާލިހު އަދި ވަހީދު، 2014). ދަގަނޑުގެ ކެލަމިން އަކީ 9 އަހަރާއި 13 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ދުވާލަކު 8 މިލިގްރާމް އެވެ. މާގަމައިން ނުވަތަ މާބަނޑު މީހުން ދުވާލަކަށް 30 މިލިގްރާމް ކެއުމަށް ލަފާދެއެވެ (ސާލިހު އަދި ވަހީދު، 2014).

ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އުމުރުން 50-19 އަހަރާއި ދެމެދުގެ މީހުންނަށް ދަގަނޑުގެ ކެލަމިން އަކީ ކޮންމެ ދުވަހަކު ފިރިހެނުންނަށް 8 މިލިގްރާމް، އަންހެނުންނަށް 18 މިލިގްރާމް، މާބަނޑު މީހުންނަށް 27 މިލިގްރާމް އަދި ގާތުންދޭ މީހުންނަށް 9 މިލިގްރާމް އެވެ. ފުރާވަރު ކުދިންނަށް މި މިންވަރު ތަންކޮޅެއް މައްޗެވެ. އެގޮތުން އުމުރުން 18-14 އަހަރާއި ދެމެދުގެ ފުރާވަރު ކުދިންނަށް ކޮންމެ ދުވަހަކަށް ދަގަނޑު ކެލަމިން އަކީ ފިރިހެން ކުދިންނަށް 11 މިލިގްރާމް، އަންހެންކުދިންނަށް 15 މިލިގްރާމް، މާބަނޑު މީހުންނަށް 27 މިލިގްރާމް އަދި ގާތުންދޭ މީހުންނަށް 10 މިލިގްރާމް އެވެ. އުމުރުން 50 އަހަރުން މަތީގެ ދެޖިންސުގެ މީހުންނަށް ދުވަހެއްގެ ކެލަމިން އަކީ ދުވާލަކަށް 8 މިލިގްރާމް އެވެ (ހާވަރޑް.އެޑިޔު، 2022).  

ދަގަނޑު މަދުވުން

ދަގަނޑު މަދުވުމުން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި މީގެ ބޭސް ދެވެއެވެ. އެކަމަކު ދަގަނޑަކީ މެގްނީޒިއަމް، ކޮޕަރ، ކެލްސިއަމް، އަދި ޒިންކް ހަށިގަނޑަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ގޮހޮރުގައި އެއްމާއްދާ އަނެއް މާއްދާއާއި ވާދަކުރާ ބާވަތްތަކެކެވެ. އެހެންކަމުން މީގެ ތެރެއިން އެކައްޗެއް މާގިނަވެއްޖެނަމަ އެހެން މާއްދާތައް ހަށިގަނޑަށް ލިބުން މަދުވެއެވެ.

ދަގަނޑު މަދުވުން އެންމެ އާންމުކޮށް ކުރިމަތިވަނީ ކުޑަކުދިން، މާބަނޑު މީހުން އަދި އިއްދައިން ނުކެނޑޭ އަންހެނުންނަށެވެ. އަދި ކެއުމުގައި ދަގަނޑު ހިމެނޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރާ މީހުންނަށެވެ. ނޫނީ މަދުން ބޭނުންކުރާ މީހުންނަށެވެ. ދަގަނޑު މަދުވުން ކުރިމަތިވަމުން އަންނަނީ މަރުހަލާތަކެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އާދައިގެ ވަރަކަށް ދަގަނޑު މަދުވެއެވެ. މިހާލަތުގައި ކޮށާރުކުރެވިފައިވާ ދަގަނޑުގެ ބައި މަދުވެއެވެ. އެއީ ކެއުމުގައި ދަގަނޑު ހިމެނޭ ކާނާ ބޭނުންކުރުން މަދުވުން ނޫނީ ހަށިގަނޑުގެ ތަނަކުން ލޭހިލުމުގެ ސަބަބުން ދަގަނޑު މަދުވެންދިއުމުގެ ސަބަބުންނެވެ. މިހާލަތު ރަނގަޅު ނުކުރެވިއްޖެނަމަ، ދަގަނޑުގެ ބައި ވަރަށް ބޮޑަށް މަދުވެގެން ދެއެވެ. އަދި ލޭގެ ރަތް ދިރުތަކުގެ މިންވަރު ވެސް ދަށްވެގެން ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަގަނޑު މަދުވުމާޢި ގުޅިގެން ލޭމަދުވުން ކުރިމަތިވެގެން ދެއެވެ (ހާވަރޑް.އެޑިޔު، 2022).

ދަގަނޑުގެ މަދުވުމުގެ ހިރާސް އޮންނަ ފަރާތްތައް

·         މާބަނޑު މީހުން

·         މައްސަރުކަންތައް ޖެހޭމީހުން (އިއްދައިން ނުކެނޑޭ މީހުން)

·         ކުޑަކުދިން

·         އުމުރުން ދުވަސްވީމިހުން

·         ގުރުދާ ފޭލްވެގެން ޑަޔަލިސިސް ހަދާ މީހުން

·         ހަމައެކަނި ތަރުކާރީ ކެއުމުގައި ހިމަނާ މީހުން

ފެނިދާނެ އަލާމާތްތައް

·         ލޭފަނޑުވުން

·         މިޔަކަންކެނޑުން

·         ދޫރަތްވެ ދުޅަވުން

·         މޮޅިވުން

·         ބޯއެނބުރުން

·         ހިންދިރުވަން އުދަނގޫވުން

·         ނިޔަފަތިތަކާއި ކަށިތައް މުރަނަވުން

·         އާގަތުން

·         ނޭވާކުރުވުން

·         ވިންދު އަވަސްވުން

·         ވާނުވާ ނޭނގުން

·         ފިންޏަށް ތަހައްމަލުނުކުރެވުން / ފިނިވުމުން އުދަނގޫވުން

·         ވަރުބަލިވުން / ވާޅުވުން

·         ކިޔެވުން ދަށަށް ދިއުން

·         ތުއްތުކުދިންގެ ތޫނުފިލިކަން ދަށްވުން

·         ތުއްތު ކުދިން ގުރުޑުވުން

·         ދިފާޢީ ބާރު ދަށްވުން

·         ހަށިގަނޑުގެ ތާފަނާކަން ހިފެހެއްޓުން ދަތިވުން

ދަގަނޑު ގިނަވުން

ދަގަނޑު ގިނަވުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ގިނަ ފަހަރު ދަގަނޑު ގިނަވަނީ ބޭހެއްގެ ގޮތުގައި ދަގަނޑު އެކުލެވޭ ބޭސް މާގިނައިން ބޭނުންކުރުމުންނެވެ. މީގެ އިތުރުން ދަގަނޑު ހަށިގަނޑަށް ނެގުން އިތުރުކުރުވާ ވާރުތި ބައްޔެއްގެ ސަބަބުން ވެސް ދަގަނޑު ހަށިގަނޑުގައި އިތުރުވެދާނެ އެވެ (ސާލިހު އަދި ވަހީދު، 2014).

ދަގަނޑު އިތުރަށް ބޭނުންވެގެން ބޭހެއްގެ ގޮތުގައި ދަގަނޑު އެކުލެވިގެންވާ ބޭސް ބޭނުން ކުރުމުގައި ބަނޑުގައި ފާރު ހުންނަ މީހުންނާއި، ގިނަގިނައިން ލޭ އަޅަންޖެހޭ މީހުން ފަރުވާތެރި ވާންޖެހެއެވެ. އެއީ ދިރުތައް ހަލާކުވެގެންދާއިރު އޭގައި ހުންނަ ދަގަނޑުކޮޅު ގެއްލުނަނުދީ އަލުން ހަށިގަނޑު ބޭނުންކުރާތީ އެވެ (ސާލިހު އަދި ވަހީދު، 2014).

ދަގަނޑު ގިނަވުމުގެ އަލާމާތްތައް

ދަގަނޑު ގިނަވުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ގައިގައި ރިހުން، ކާހިތްނުވުން އަދި ބޯއެނބުރުން ހިމެނެއެވެ. ބޯއެނބުރުމަކީ ދަގަނޑު މަދުވުމުން އަދި ގިނަވުމުން ވެސް ދިމާވެދާނެ ކަމެކެވެ (ސާލިހު އަދި ވަޙީދު، 2014). މީގެ އިތުރުން ބަނޑުގައި ރިހުން، މޭނުބައިކުރުން، ހޮޑުލެވުން، ބަނޑަށް އުދަނގޫވުން އަދި ބަނޑުހަރުވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ބައެއް މީހުންގެ ކިބައިގައި އުފެދުމުގައި ހަށިގަނޑުގައި ދަގަނޑު ޖަމާވުން އިތުރުކުރުވާ ހާލަތެއް ހުރެއެވެ. މިހާލަތަށް ކިޔަނީ "ހީމޮކްރޯމަޓޯސިސް"(haemochromatosis) އެވެ. މިފަދަ މީހުން ކެއުމުގައި ދަގަނޑު ހިމެނޭ ބާވަތްތައް މަދުކުރުމާއި، ދަގަނޑު އަދި ވިޓަމިން ސީ އެކުލެވޭ ބޭސްތައް ބޭނުންކުރުމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑު އިތުރުވެއްޖެނަމަ ހިތާއި، ފުރަމޭ ފަދަ ގުނަވަންތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ (ހާވަރޑް.އެޑިޔު، 2022).

ދަގަނޑަކީ ލޮނު ފުއްޕާ ނުވަތަ އޮކްސިޑައިޒް ވާ އެއްޗަކަށްވާތީ، ބޭނުންވާ ވަރަށްވުރެ މާ އިތުރަށް ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ ދަގަނޑު އެންމެ ގިނައިން ހުންނަނީ ލޭގެ ރަތް ދިރުތަކުގައި ކަމަށްވެފައި، އެފަދަ ދިރުތަކަކީ 4 މަސް ދުވަހުން ހަލާކުވެގެންދާ އެއްޗަކަށްވާއިރު، އޭގައި ހުންނަ ދަގަނޑުކޮޅު ފަނާވެގެންނުދާތީ، އެފަދަ ދިރުތަކުގައި ހުންނަ ދަގަނޑުކޮޅު އަނބުރާ ހަށިގަނޑު ބޭނުންކުރެއެވެ. އެހެންކަމުން އިތުރަށް ކާނަމަ، ހަށިގަނޑުގައި ވިހަވާ މިންވަރަށް ދަގަނޑު ގިނަވެދާނެ އެވެ. އަދި އިތުރުވާބައި ހުންކޮށީގައި ޖަމާވެ، ދުޅަވާގޮތް ވެއެވެ (ސާލިހު އަދި ވަޙީދު، 2014).

އަޔަން އާއި، ކެލްސިއަމް އަކީ ގިރިބިން ކުރުމަށް ގޮހޮރުގައި އެކަތި އަނެކައްޗާއި، ވާދަކުރާ ދެމާއްދާ އެވެ. ދުވާލަކު 2 ގްރާމުގެ ކެލްސިއަމް ކާނަމަ، ދަގަނޑު ގިރިބިންކުރެވޭ މިންވަރު މަދުވާނެ އެވެ. އެހެންކަމުން އާދަކޮށް ކެލްސިއަމް ބޭހެއްގެ ގޮތުގައި ބޭނުންކުރާނަމަ، އަޔަން ހަށިގަނޑުން މަދުވެދާނެކަމަށް ސަމާލުވާން ޖެހޭނެ އެވެ. އިތުރު ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އާދައިގެ ގޮތެއްގައި ދުވަހެއްގެ ކާނާގައި ހުންނަ ދަގަނޑުން ހަށިގަނޑަށް ނެގެނީ 10 އިންސައްތަ ކަމަށްވާއިރު، ވިޓަމިން ސީ އާއެކު ކާނަމަ 30 އިންސައްތަ ނަގައިދެއެވެ.

·         ކާބޯތަކެތީގައި ހުންނަ ދަގަނޑު ގިރިބިން ކުރުމަށް ސައި އަދި ކޮފީ ހުރަސްއަޅައެވެ.

·         ވިޓަމިން އީ ގިނަ ވިޔަސް ކާބޯތަކެތީގައި ހުންނަ ދަގަނޑު ގިރިބިން ކުރުމަށް ހުރަސްއަޅައެވެ.

·         ދަގަނޑު ގިރިބިން ކުރެވޭނީ ވިޓަމިން ބީ2 އާޢި، ވިޓަމިން ބީ6 ހަށިގަނޑުގައި ފުދޭވަރަކަށް ހުރުމުންނެވެ،

 

ދަގަނޑު ބޭހެއްގެ ގޮތުގައި ބޭނުންކުރުން

ދަގަނޑު މަދުވުމުން ޖެހޭ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ދަގަނޑު އެކުލެވޭ ބޭސް ދެވެއެވެ. އެކަމަކު ދަގަނޑު، މެގްނީޒިއަމް، ކޮޕަރ އަދި ކެލްސިއަމް އާޢި ޒިންކް އަކީ ގިރިބިން ކުރުމުގައި އެއްމާއްދާ އަނެއް މާއްދާއާއި، ގޮހޮރުގައި ވާދަކުރާ ބާވަތްތަކެވެ. އެހެންކަމުން މީގެ ތެރެއިން އެކައްޗެއް މާގިނަވެއްޖެނަމަ، އެހެން މާއްދާތައް ހަށިގަނޑަށް ނެގުން މަދުވެއެވެ (ސާލިހު އަދި ވަހީދު، 2014).

ދަގަނޑު އިތުރަށް ބޭނުންވެގެން ބޭހެއްގެ ގޮތުގައި ދަގަނޑު އެކުލެވިގެންވާ ބޭސް ބޭނުންކުރުމުގައި ބަނޑުގައި ފާރު ހުންނަ މީހުން އަދި ގިނަގިނައިން ލޭއަޅަންޖެހޭ މީހުން ފަރުވާތެރި ވާންޖެހެއެވެ. އެއީ ދިރުތައް ހަލާކުވެގެންދާއިރު، އޭގައި ހުންނަ ދަގަނޑުކޮޅު ގެއްލުނަނުދީ، އަލުން ހަށިގަނޑުގައި ކޮށާރުކޮށް ބަހައްޓާތީ އެވެ (ސާލިހު އަދި ވަހީދު، 2014).

ދަގަނޑު ހުންނަ ބޭސްތައް ކެއުމުގައި ވިހަވެދާނޭ ކަމަށް ވިސްނަން ވާނެއެވެ. މިހެން ވިހަވަނީ ގިނަ ދުވަހު ގިނައިން ކެއުމަށްވުރެ ކުއްލިއަކަށް ނުވަތަ ވަރަށް ކައިރި ކައިރީގައި މިފަދަ ބޭސްތައް ގިނައިން ކެއުމުންނެވެ. ދަގަނޑު ހިމެނޭ ބޭސް ކައިގެން ވިހަވާ ވަރެއްކަމަށް ބަލަނީ ހަށިގަނޑުގެ ބަރުދަނުގެ ކިލޯގްރާމް އަކަށް 30-20 އާއި ދެމެދުގެ ވަށްތި އަޔަން ކެއުމުންނެވެ. ވަށްތި އަޔަން ހުންނަ ވަރުގެ 3 މިސާލު ތިރީގައި މިވަނީ އެވެ.

·         325 މިލިގްރާމްގެ ފެރަސް ސަލްފޭޓް ގުޅައެއްގައި 65 މިލިގްރާމް ނުވަތަ 20 އިންސައްތަ ވަށްތި އަޔަން

·         325 މިލިގްރާމްގެ ފެރަސް ގުލްކޮނޭޓް ގުޅައެއްގައި 39 މިލިގްރާމް ނުވަތަ 12 އިންސައްތަ ވަށްތި އަޔަން

·         325 މިލިގްރާމްގެ ފެރަސް ފިއުމެރޭޓް ގުޅައެއްގައި 107.25 މިލިގްރާމް ނުވަތަ 33 އިންސައްތަ ވަށްތި އަޔަން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/iron/

 

No comments:

Post a Comment