މުހިއްމު ސަފުހާތައް

Wednesday, February 1, 2023

ސަލްފަރ

ސަލްފަރ

ސަލްފަރު(sulphur) އަކީ ވެސް ވަރަށް ބޭނުންތެރި މަޢުދަނެކެވެ. ސަލްފަރ އަކީ ކުނިވެފައިވާ ކުކުޅުބިހުން ދުވާ ކަހަލަ ނުބައިވަހެއް ދުވާ ރީނދޫ ކުލައިގެ ފުށެކެވެ. ނުބައި ވަސް ދުވިޔަސް މިއީ ވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި އުންސުރެކެވެ. މިއީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކޮންމެހެން ކާންޖެހޭ 21 މައުދަނުގެ ތެރޭގައި ހިމެނޭ މާމަދުން ބޭނުންވާ ޒާރީ ވައްތި އެކެވެ. ނުވަތަ އުންސުރެކެވެ. ސަލްފަރ އަކީ ކެލްސިއަމް އާއި ފޮސްފަރަސް އަށްފަހު، ހަށިގަނޑުގައި އެންމެ ގިނައިން ހުންނަ މައުދަނެވެ (ސާލިހު އަދި ވަހީދު، 2003، 2014). ކެލްސިއަމް އަދި ފޮސްފަރަސް ނެގުމަށްފަހު ހަށިގަނޑުގައި ދެން އެންމެ ގިނައިން (މާނައަކީ ހަށިގަނޑުގައި 3 ވަނައަށް އެންމެ ގިނަ) ހުންނަ މައުދަނަކީ ސަލްފަރ އެވެ.

މަޞްދަރު

ސަލްފަރ އެކުލެވޭ ކާނާގެ ތެރޭގައި، އެއްގަމު މަސް، ކަނޑު މަސް، ފަރު މަސް، ކުކުޅު ބިހުގެ ގޮބޮޅި، ކިރު، ކިރުގެ ތަފާތު ބާވަތްތައް، މަދު، މުގު، ފިޔާ، ލޮނުމެދު، ރެވި، ކޯޅިމާ (ކޮލިފްލާވަރ)، ބްރޮކޮލީ، އަދި ފެހިތޮޅި ހިމެނެއެވެ. ސަލްފަރ ގެ ބާވަތެއް ކަމަށްވާ ސަލްފޭޓް ހަށިގަނޑަށް ލިބެނީ ބޯން ބޭނުންކުރާ ފެނުންނާއި، މޭވާ، ތަރުކާރީގެ ބާވަތްތަކުންނެވެ.

ދިވެހިރާއްޖެއިން ލިބޭ ކާބޯތަކެތީގައި ސަލްފަރ ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

އިހިމަސް

425

ބޮޑިކޮޕީ

180

ބިންމަދު

380

މުގު

177

ކުކުޅުމަސް

300

މުރަނގަތޮޅި

137

ކޯޅިމާ

231

ބަށި

44

ކުކުޅުބިސް

180

ޗިޗަންޑާ

35

 

ސަލްފަރ ގެ ވަޒީފާ

ސަލްފަރ އަކީ ކަށިތަކާއި، ދަތްތަކާއި ހަމާއި، އިސްތަށި އަދި ނިޔަފަތި ފަދަ ސެލޯށިތަކަށް ގަދަކަމާއި ހަރުކަން ގެނެސްދީ، އަދި އޭގެ ސިފަ ފުރިހަމަ ކުރުމަށް ބޭނުންވާ މާއްދާ އެކެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ޕްރޮޓީން، ކާބޯސް، އަދި ފެޓް ހަކަތަ އަށް ބަދަލުކުރުމުގައި ސަލްފަރ މުހިއްމު ރޯލެއް އަދާކުރެއެވެ. އަދި ލޭގަނޑުވުމާއި، އިންސިއުލިން ކިޔާ ހޯރމޯން އުފެއްދުމަށް ބޭނުންވާ އޮކްސިޖަން ދިރުތަކަށް ޚާއްޞަކޮށް ސިކުނޑިއަށް ގެންގޮސް ދިނުމުގައި ވެސް ސަލްފަރ އެހީތެރި ވެދެއެވެ (ސާލިހު އަދި ވަހީދު، 2003).

ސަލްފަރ އަކީ ހަށިގަނޑަށް ވަންނަ ވިހަތަކުން ހަށިގަނޑު ދިފާއުކޮށްދޭ އެއްޗެކެވެ. ޚާއްޞަކޮށް ރޭޑިއޭޝަން އާއި ޕޮލިއުޝަން ނުވަތަ ކަރަނބުވުމުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ރަމަތަކުރުމުގައި އެހީތެރިވެދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ލޮނުމެދު ކެއުމުން ލޭގައި ހުންނަ ކޮލެސްޓްރޯލް ދަށްވުމާއި، ލޭގެ ޕްރެޝަރު ދަށްވުމާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވާ ސަބަބަކީ ލޮނުމެދުގައި ހުންނަ ސަލްފަރ އެވެ. ސަލްފަރ އަކީ ނާރުތަކުގައި ސަރުބީ ގަޑުވުން ވެސް މަދުކުރާ އެއްޗެކެވެ. އަދި މިއީ ހުޅުތަކުގެ ވިލުން ދަމަހައްޓައިދީ، ޕްރޮޓީންގެ ސިފަ ހިފަހައްޓައިދޭ އެއްޗަކަށްވާތީ، މުސްކުޅިވުމުން ދުރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2014). ހަށިގަނޑުގައި ސަލްފަރ ހުންނަނީ ޕްރޮޓީންގެ އޮނިގަނޑުގައެވެ. އެގޮތުން އިސްތަށީގައި ހިމެނޭ ކެރަޓިން ގައި ސަލްފަރ ހުރެއެވެ. އަދި މިފަދަ ޕްރޮޓީންތަކަށް ހިފެހެއްޓުންތެރިކަން ގެނެސްދިނުމުގައި ސަލްފަރ ބައިވެރި ވެއެވެ. އިންސިއުލިން، ހެޕަރިން، އަދި ކައްޓާއި މަޑުކަށީގައި ހިމެނޭ ކޮންޑްރޯޓިން އުފެއްދުމުގައި ވެސް ސަލްފަރ ގެ ދައުރެއް އޮވެއެވެ (ހަވާއީ ޔުނިވަސިޓީ، 2022). ހަށިގަނޑުގައި އިތުރުވާ ސިސްޓައިން އަދި މެތިއޮނިން އޮކްސިޑާއިޒް ވަނީ ސަލްފޭޓް އަށެވެ. މިގޮތަށް ސަލްފޭޓް އަށް ބަދަލުވުމަށްފަހު ކުޑަކަމުނަޖިހާއެކު ބޭރުވެއެވެ. ނޫނީ ގުލުޓަތިއޯންގެ ގޮތުގައި ހަށިގަނޑުގައި ކޮށާރުކުރެވެއެވެ (ހަވާއީ ޔުނިވަސިޓީ، 2022).

ހަށިގަނޑުގައި ސަލްފަރ

ބޮޑުމީހެއްގެ ހަށިގަނޑުގައި ގާތްގަނޑަށް 140 މިލިގްރާމްގެ ސަލްފަރ ހުރެއެވެ. އަދި މީގެ ބޮޑުބައި އެކުލެވިގެންވަނީ  3 އެމިނޯ އެސިޑް ގައެވެ. އެއީ ސިސްޓީން، ސިސްޓައިން، އަދި މެތިއޮނިން ގައެވެ. މިއީ އެކި ސެލޯށިތަކުގައި ޕްރޮޓީން އަށް އޭގެ ބައްޓަމާއި، ސިފަ ގެނެސްދިނުމަށާއި، ގުޅުވައިދިނުމުގައި ބޭނުންވާ މާއްދާ ތަކެކެވެ. ސިސްޓައިން އަދި މެތިއޮނިން އަކީ އެންޓިއޮކްސިޑެންޓް އެއްގެ ގޮތުގައި މަސައްކަތްކުރާ ގުލުޓަތިއޮން ޕިރޮކްސިޑޭޒް އެންޒައިމްގެ އުފެދުމަށް ބޭނުންތެރި އެމިނޯއެސިޑް ތަކެކެވެ. ސަލްފަރ މައިގަނޑު ގޮތެއްގައި ހަށިގަނޑުގައި ހުންނަނީ ޕްރޮޓީން ހުންނަވަރު މަތިކޮށް ހުންނަ ސެލޯށި ތަކުގައެވެ. އެހެންކަމުން ސަލްފަރ ގިނަ އަދަދަކަށް އެކުލެވޭ ސެލޯށި އާންމުކޮށް ހުންނަނީ ކަށިތަކުގަޔާއި، ދަތްޕިލާގަޔާއި، ހަންގަނޑުގަޔާއި، އިސްތަށްޓާއި ނިޔަފަތި ތަކުގައެވެ. ސަލްފަރ ހަށިގަނޑަށް ނަގަނީ އެމިނޯއެސިޑް އާއި އެކުވެގެން ކުޑަގޮހޮރު ގެ ތެރެއިންނެވެ. ބާކީވާ ބައި ފަހަރުވާ (ކުޑަކަމުދާ ތަކެތި) އާއި ނުވަތަ ނަޖިސް ( ބޮޑުކަމުދާ ތަކެތި ) އާއި އެކުވެގެން ހަށިގަނޑުން ބޭރުވެދެއެވެ (ސާލިހު އަދި ވަހީދު، 2003، 2014). ހަށިގަނޑުގައި ހިމެނޭ ވިޓަމިންބީ ގެ ބާވަތްތަކުގެ ތެރެއިން ތަޔަމިން އަދި ބަޔޮޓިން ގައި ވެސް ސަލްފަރ ހުރެއެވެ. މިއީ ހަށިގަނޑުގައި އެސިޑްގެ މިންވަރު ރަމަތަކުރުމުގައި އެހީތެރިވެދޭ ވިޓަމިން ތަކެކެވެ. އިންއޯގެނިކް ސަލްފޭޓްގެ ގޮތުގައި ހުންނަނީ ވަރަށް ކުޑަ މިންވަރެކެވެ. އޯގެނިކް ސަލްފޭޓް ލިބެނީ ސަލްފަރ އެކުލެވޭ ކާބޯތަކެތިންނެވެ.  

 

ހަށިގަނޑަށް ބޭނުންވާ މިންވަރު

ސަލްފަރ ގެ ކަނޑައެޅިފައިވާ ވަކި ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ޕްރޮޓީން ހިމެނޭ ކާނާ އެކަށޭނަ ވަރަށް ކާނަމަ، ސަލްފަރ ހަށިގަނޑަށް ލިބިދޭނެއެވެ. ދުވަހެއްގެ ކެއުމުގައި 850 މިލިގްރާމްގެ ސަލްފަރ އެކުލެވިފައިވާނަމަ، ފުދޭވަރުވާނޭ ކަމަށް ބެލެވެއެވެ.

ސަލްފަރ މަދުވުން

ސަލްފަރ މަދުވެގެން ދިމާވާ މައްސަލަތަކެއް ހުންނަކަމަކަށް އަދި ފާހަގަކުރެވިފައެއް ނުވެއެވެ. އެކަމަކު ހިތުގެ ބަލިތައް ޖެހުމާޢި، ހަދާންނެތިދާ ބަލިޖެހުމާއި، އަދި މޮޓާވުން، ސަލްފަރ މަދުވުމުން ދިމާވާކަމަށް މުއްތިދާރުން ވިދާޅުވެއެވެ. މީގެ އިތުރުން ސަލްފަރ މަދުވުމުން ލޭގައި ހަކުރުމަތިވުން، ކޮލެސްޓްރޯލް މަތިވުން، އަދި ހުޅުހުޅުގައި ރިހުން އިތުރުވާކަމަށް ބެލެވެއެވެ. ނިޔަފަތި އަދި އިސްތަށިގަނޑު މުރަނަވުމާއި، އޮށާޅަނެގުމަކީ ވެސް ސަލްފަރ މަދުވުމުގެ އަލާމާތްތައް ކަމުގައި ބެލެވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ވެސް ސަލްފަރ އާއި ގުޅިފައި ވެއެވެ. އެގޮތުން ސަލްފަރ މަދުވުމުން މޮޅިވުން، ހިތްދަތިވުން، ރުޅިގަދަވުން ފަދަ ކަންތައްތައް އިތުރުވާކަމަށް ވެއެވެ. އަދި ކުޑަކުދިން ބޮޑުވަމުންދާއިރު ތަންމައްޗަށް ހީސްލެވެނީ ވެސް ފުދޭވަރަށް ސަލްފަރ ހުންނަ ތަކެތި ނުދެވޭތީ ކަމަށް ބެލެވިފައި ވެއެވެ (ސާލިހު އަދި ވަހީދު، 2014).  

ސަލްފަރ އިތުރުވުން

ސަލްފަރ އެކުލެވޭ ކާނާ ގިނައިން ކެއުމަކުން ސަލްފަރ އިތުރުވާނެ ކަމަކަށް ނުވަތަ ވިހަވާނެ ކަމަކަށް ނުވެއެވެ. ސަލްފަރ ހަށިގަނޑުގައި އިތުރުވާ ވަރުވެއްޖެނަމަ، ސަލްފޭޓް އަށް ބަދަލުވެ ދިރުތަކުގައި ހިމެނޭ އެހެނިހެން މައުދަންތަކާއި އެކުވެދެއެވެ.

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://pressbooks.oer.hawaii.edu/humannutrition2/chapter/10-sulfur/

·         https://nutritionandmetabolism.biomedcentral.com/articles/10.1186/1743-7075-4-24

  

No comments:

Post a Comment