ވިޓަމިން
ބީ6 (ޕައިރިޑޮކްސިން)
ވިޓަމިން ބީ6(Vitamin B6) ނުވަތަ ޕައިރިޑޮކްސިން(pyridoxine) އަކީ ފެނަށްގިރޭ ހަކުރު ފާޑުގެ ހުދުކުލައިގެ ފުށްތަކެކެވެ. ލޭގައި ވިޓަމިން ބީ 6 ހުރިތޯ ބެލުމަށް މިންކުރެވެނީ "ޕައިރިޑޮކްސަލް 5 ފޮސްފޭޓް"(pyridoxal 5 phosphate) މިންކޮށްގެންނެވެ. މިއީ ޕައިރިޑޮކްސިން އެންމެ ހަރަކާތްތެރި "ކޯއެންޒައިމް"(coenzyme) ފޯމް އެވެ (ހާރވަޑް.އެޑިޔު، 2023).
ޕައިރިޑޮކްސިންގެ
ފައިދާ
ޕައިރިޑޮކްސިން
އަކީ ހަށިގަނޑަށް އެތެރެވޭ ކާނާ ބޭނުން ހަށިގަނޑަށް ހިފޭނެ ގޮތް ހަދައިދީ،
ކާނާގައި ހުންނަ ކާބޯހައިޑްރޭޓް، ފެޓް އަދި ޕްރޮޓީން ގިރިބިންކޮށްދޭ އެއްޗެކެވެ. ކާނާއިން
ހަށިގަނޑުގެތެރޭގައި ހަކަތަ އުފެއްދުމުގައި އެހީތެރިވެދީ ޕްރޮޓީންގެ ބައިތައް
އުފެއްދުމުގައި، އެހީތެރިވެދޭ އެއްޗެކެވެ. މިއީ އެކިވައްތަރުގެ ހޯރމޯން ޚާއްޞަކޮށް
އިންސިއުލިން އާއި އެޑްރެނަލިން އުފެދުމަށް ބާރުއަޅައިދޭ އެއްޗެކެވެ. އަދި ލޭގައި
އުފެދޭ ލޭގެ ރަތް ދިރު ނުވަތަ ލޭގެ ރަތް ސެލް ތައް އުފެދުމަށް ބޭނުންވާ ދިޔަތައް
ހަށިގަނޑުގައި އުފެއްދުމަށް ވެސް ބާރުއަޅާ ދެއެވެ. ޚާއްޞަކޮށް ދިރު ތަކުގައި
ވާރުތީ ސާމާރު ހަރުކޮށްދެނީ މިބާވަތުގެ ވިޓަމިން އެވެ. ޚާއްޞަކޮށް ދިރު (ސެލް)ތައް
ބައިބައިވެ، މައުލަދިވަމުންދާއިރު ނޫނީ ގިނަވަމުން ދާއިރު ވާރުތީ ސިފަތައް (ވާރުތީ
ސާމާރު) ނުވަތަ ދަރިފަސްކޮޅަށް ވާރުތަވާ ޖިސްމާނީ އަދި ޝަޚްޞީ ސިފަތައް
ހަރުކޮށްދެނީ މިބާވަތުގެ ވިޓަމިނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި
ވަހީދު، 2014).
މިވިޓަމިން
ލޭގައި ހުންނަ ވަރަށްވުރެ 25 ގުނައިން 50 ގުނައާއި ދޭތެރޭގެ އަދަދަކަށް
ސިކުނޑީގައި ގިނައެވެ. މިއީ މިވިޓަމިންގެ މުހިއްމު ކަން އަންގައިދޭ އަލާމާތެކެވެ
(ސާލިހު އަދި ވަހީދު، 2014).
ޕައިރިޑޮކްސިން
އަކީ މުހިއްމު ފެޓީ އެސިޑް ތައް އުފެއްދުމުގައި އެހީވެދޭ އެއްޗެކެވެ. ޚާއްޞަކޮށް
ސޯޑިއަމް އާއި ޕޮޓޭސިއަމް މީޒާން ކުރުމަށާއި، ނާރުތަކުގެ ނިޒާމު ފުރިހަމަވުމަށާއި،
ހިތާއި ލޭހިނގުމުގެ ކަންތައްތައް މަދަނަކޮށް ހިފެހެއްޓުމަށް ބޭނުންވާ މާއްދާ
އެކެވެ. މީގެ އިތުރުން މިއީ ޕްރޮޓީން ގިރިބިންކޮށްދީ މުހިއްމު ފެޓީ އެސިޑްތައް
އުފެއްދުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2014).
ޕައިރިޑޮކްސިން
އަކީ އުފަންވަނިވުމުގެ ކަންތައްތައް މަދަނަކޮށްދީ، ބަލިވެއިނުން ފަހިކޮށްދޭ
ވިޓަމިނެކެވެ. އެހެންކަމުން މާގަމައިން ނުވަތަ މާބަނޑު އަންހެނުންނަށް މީ ވަރަށް
މުހިއްމު އެއްޗެކެވެ. ނޫނީ މުހިއްމު ބާވަތެކެވެ. މާބަނޑު ދުވަސްވަރު ވަރަށް
ގިނައިން މިބާވަތުގެ ވިޓަމިން އިތުރަށް ދިނުމުން ވެސް އެކަނބަލުންގެ ލޭގައި
ހުންނަށްވާ ވަރަށް މިވިޓަމިން ނުހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ އެހާލަތުގައި
ބޭނުންވާވަރު އިތުރުވުމާއި، މޫންދުރައާއެކު ބޭރުވާ މިންވަރު ވެސް އިތުރު ކަމުން
ނޫނީ ގިނަކަމުންނެވެ (ސާލިހު އަދި ވަހީދު، 2014).
ޕައިރިޑޮކްސިން
އަކީ މައްސަރު ކަންތައް ފެށުމުގެ ކުރިން ދިމާވާ އުދަނގޫތަކާއި، ނޭވާހިއްލުމާއި،
ކަށީގައި ރިހުން އަދި ތަކެއްޗަށް ނޭއްދާރުވުމުގެ ފަރުވާއެއްގެ ގޮތުގައި ވެސް
ދެވިދާނެ ވިޓަމިނެކެވެ. މާބަނޑު ދުވަސްވަރު ކުރީކޮޅު ހެދުނު ހޮޑުލެވޭ މާބަނޑު
މީހުންނަށް މި ވިޓަމިން ދިނުމުން އުދަނގޫތައް ލުއިވާ ކަމަށް ވެއެވެ. ނަމަވެސް
ހަކުރު ބަލީގެ މީހުން މިވިޓަމިން ބޭހެއްގެ ގޮތުގައި ބޭނުންކުރުމުގައި ރައްކާތެރިވެ
ސަމާލުވާން ވާނެއެވެ (ސާލިހު އަދި ވަހީދު، 2014).
ދޭތެރެ
ދުރުކުރުމަށް ބޭސް ކެއުމަކީ މިވިޓަމިން ހަށިގަނޑުން މަދުވާ ކަމެކެވެ. އެފަދަ ބޭސް
ކާން އަންހެނުން ޕައިރިޑޮކްސިން ކެއުމަށް ސަމާލުކަން ދޭންވާނެ އެވެ. އެކަމަކު
ދުވާލަކު 50 މިލިގްރާމް އަށްވުރެ އިތުރުވުމުން 21 އިންސައްތަ އަންހެނުންނަށް
ހުދުހަން އައްސިވުމާއި، ކަންތައް ވިލަރެސްކުރަން ދަތިވުން އަދި އެހެންވެސް
ނާރުތަކުގެ ނިޒާމަށް ދިމާވާ އުދަނގޫތައް އިހުސާސް ކުރެވުނެވެ (ސާލިހު އަދި ވަހީދު،
2014).
ނޭވާހިއްލުމަށާއި،
ހިތުގެ ބަލިތަކަށާއި، ފޫހިވުމަށާއި، އަދި މައްސަރުގެ ކުރިން ދިމާވާ އުނދަގޫތަކަށް
ބޭހެއްގެ ގޮތުގައި މިވިޓަމިން ބޭނުން ކުރެވެއެވެ. އެހެން ނަމަވެސް ހަކުރު ބަލީގެ
މީހުން މިވިޓަމިން ބޭހެއްގެ ގޮތުގައި ބޭނުންކުރުމުގައި ރައްކާތެރި ވާންވާނެއެވެ.
ޕައިރިޑޮކްސަލް
5 ފޮސްފޭޓް އަކީ ޕްރޮޓީން، ފެޓް، ކާބޯހައިޑްރޭޓް ބައިބައިކޮށް ވަކިކުރުން،
ހޯމޯސިސްޓެއިންގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުން، ސިކުނޑީގެ ދުޅަހެޔޮކަމަށް
އެހީތެރިވެދިނުން، ދިފާޢީ ނިޒާމަށް ވާގިވެރިވުން ފަދަ ތަފާތު މަސައްކަތްތަކުގައި
ބައިވެރިވާ 100 އަށްވުރެ ގިނަ ޅިންތާ( އެންޒައިމް) އަށް އެހީތެރިވެދޭ ކޯއެންޒައިމް
އެކެވެ (ހާވރޑް.އެޑިޔު، 2023).
މަޞްދަރު
ޕައިރިޑޮކްސިން
އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ގެރިމަސް، ކަނޑުމަސް، ކުކުޅުމަސް، މޭގަނޑު އަދި
ކުކުޅު ބިސް، ޕާން ފިހަން އަޅާ ޔީސްޓް ހިމެނެއެވެ. އަދި އެވަކާޑޯ އާއި ބިންމަދާއި ދޮންކޭލަކީ
ވެސް މިބާވަތުގެ ވިޓަމިން ގިނަ ތަކެއްޗެވެ. ޕައިރިޑޮކްސިން އެކުލެވޭ އެހެން
ކާބޯތަކެތީގެ ތެރޭގައި ރަތްހަނޑޫ، ހިމަގޮދަން، ފެހިއޮށް، އަކުރޯދުމަދު (ވޯލްނަޓް)،
ހިމެނެއެވެ. ޕައިރިޑޮކްސިން އެކުލެވޭ ކާނާ އާދަވެގެން ކޮންމެ ދުވަހަކު
ބޭނުންކުރަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ވެސް
ޕައިރިޑޮކްސިން ހިމެނޭ ކާބޯތަކެތީ ގެ ތެރޭގައި ސީރިއަލް، ސަނާމުގު، ފެހިކުލަގަދަ
ފަތްޕިލާވެލި، ފަޅޯ، އޮރެންޖު އަދި މެލަން ނުވަތަ ކެންޓަލޫޕް ފަދަ ބާވަތްތައް
ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).
ކާބޯތަކެތި
ނިލުމުން، ނޫނީ ވަކި ހަމަތަކުން ބަދަލު ގެނެސް ގިނަ ދުވަހު ހުންނަގޮތް ހެދުމުން
ނުވަތަ ފިނިކޮށް ގަނޑުކޮށްފައި ބެހެއްޓުމުން، އެތަކެތީގައި ހުންނަ ޕައިރިޑޮކްސިން
އުނިވެގެންދެއެވެ. މިގޮތުން 70-15 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ތަރުކާރީ
އާއި މޭވާއިން، އަދި 70-50 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ކަނޑުމަހާއި
އެއްގަމު މަހުން އުނިވެގެން ދެއެވެ. ގޮވާން ކަނޑައި ފުށަށް ހެދުމުން އެތަކެތީގައި
ހުންނަ ޕައިރިޑޮކްސިން %90 އާއި ހަމައަށް އުނިވެގެން ދެއެވެ (ސާލިހު އަދި ވަހީދު،
2014).
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ޕައިރިޑޮކްސިން ހުންނަ މިންވަރު
100ގ
ގައި |
މިލިގްރާމް |
100ގ
ގައި |
މިލިގްރާމް |
ކުކުޅމަސް |
0.4 |
އަކުރޯދުމަދު |
0.6 |
ކަނޑުމަސް |
0.4 |
ރަތްހަނޑޫ |
0.5 |
ކުރަނޑި |
0.4 |
ދޮންކެޔޮ |
0.4 |
ކުކުޅު
ބިސް |
0.4 |
ބިންމަދު |
0.3 |
ޗީޒް |
0.1 |
ހިމަގޮދަން |
0.1 |
ކެލަމިން
ވިޓަމިން
ބީ6 (ޕައިރިޑޮކްސިން) ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު )
ކަމަށް ބަލަނީ ބޮޑުމީހަކަށް ދުވާލަކު 1.3 މިލިގްރާމް އެވެ. މާބަނޑު އަންހެނުންނަށް
މަދުވެގެން ދުވާލަކު 2.5 މިލިގްރާމް ބޭނުންވާނެ އެވެ (ސާލިހު އަދި ވަހީދު، 2014). ނަމަވެސް
ހާރވަޑް.އެޑިޔު (2023) ވެބްސައިޓްގައި ބަޔާންކޮށްފައިވާގޮތުން 50-14
އަހަރާދެމެދުގެ ފިރިހެނަކަށް ދުވާލަކަށް 1.3 މިލިގްރާމް ބޭނުންވާއިރު 50 އަހަރުން
މަތީގެ ފިރިހެނަކަށް ދުވާލަކު 1.7 މިލިގްރާމްގެ ޕައިރިޑޮކްސިން ބޭނުންވާނެ އެވެ. އަންހެނުންނަށް
ބަލާއިރު 18-14 އަހަރާ ދެމެދުގެ އަންހެނަކަށް ދުވާލަކު 1.2 މިލިގްރާމް، 50-19
އަހަރާއި ދެމެދުގެ އަންހެނަކަށް ދުވާލަކު 1.3 މިލިގްރާމް އަދި 50 އަހަރުން މަތީގެ
އަންހެނުންނަށް ދުވާލަކަށް 1.5 މިލިގްރާމްގެ ޕައިރިޑޮކްސިން ބޭނުންވާނެ އެވެ.
މާބަނޑު އަންހެނުންނަށް ދުވާލަކު 1.9 މިލިގްރާމް ބޭނުންވާއިރު ގާތުންދޭ މައިންނަށް
ދުވާލަކު 2 މިލިގްރާމްގެ ޕައިރިޑޮކްސިން ބޭނުންވާނެ އެވެ (ހާރވަޑް.އެޑިޔު، 2023).
ރައްކާތެރި މިންވަރު
ހަށިގަނޑަށް ޕައިރިޑޮކްސިން
ތަހައްމަލުކުރެވޭ ގިނަ މިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު 100
މިލިގްރާމް އެވެ. ޕައިރިޑޮކްސިން ވިހަވާވަރެއް ކަމަށް ބަލަނީ ދުވާލަކު 2000-200
މިލިގްރާމް އާއި ދެމެދުގެ އަދަދަކަށް އެތައް ދުވަހަކު ކެއުމުންނެވެ. މިގޮތަށް
ކާންދިން މީހުންގެ ބައެއް ތަންތަން އައްސިވުމާއި، އިހުސާސް ނެތުން ފާހަގަ
ކުރެވުނެވެ. މައްސަރުގެ ކުރިން ދިމާވާ އުދަނގޫތައް ކުޑަކުރުމަށް ދުވާލަކު 117
މިލިގްރާމްގެ ޕައިރިޑޮކްސިން 2 އަހަރާއި 9 މަސް ވަންދެން ކެއުމުން ހަންގަނޑު
އާސްތާނަ ވުމާއި، ކަށީގައި ރިހުން މިދިރާސާގައި ބައިވެރިވި އަންހެނުންނަށް
ފާހަގަކުރެވުނެވެ. ބައެއް ޑޮކްޓަރުން ލަފާދެއްވަނީ ބޭހެއްގެ ގޮތުގައި ކާނަމަ
ދުވާލަކަށް 50 މިލިގްރާމް އަށްވުރެ އިތުރު ނުކުރުމަށެވެ (ސާލިހު އަދި ވަހީދު،
2014).
ޕައިރިޑޮކްސިން
މަދުވުން
ހަށިގަނޑުން
މިވިޓަމިން މަދުވެއްޖެކަން އެނގޭނެ އަލާމާތަކީ ވަރުދެރަވުން، ކާހިތްކެނޑުން،
އަނގަފާރުވުން، ތުންފަތް ފެޅުން، ބަރުދަން ލުއިވުން، އަދި ހަންގަނޑު އަނދާގޮތްވުން
އެވެ. ގުރުދާގައި ހިލައުފެދުން އަކީވެސް މިކަމުގެ އަލާމާތެކެވެ (ސާލިހު އަދި
ވަހީދު، 2003) ހަށިގަނޑުން ވިޓަމިން ބީ6 މަދުވުމުން ފެންނަ އަލާމާތްތައް ވަރަށް
ގިނައެވެ. އޭގެ ތެރޭގައި އޮށާޅަނެގުން، ފޮޅުނެގުން، އިސްތަށި ބޮޑިބޮޑިއަށް ފޭބުން،
ކާހިތްނުވުން، އަނގަފާރުވުން، އަދި އަނގައިގެ މިޔަކެނޑުން، ލޯކެހުން،
ވަރުދެރަވުން، ބަރުދަން ލުއިވުން އަދި މޮޅިވުން ހިމެނެއެވެ. ހުޅުހުޅުގައި
ރިއްސުމާއި، ފާރުގަނޑު ފަސޭހަވުން ލަސްވުމާއި، އަދި ކަށިތަކެއް ހަރާހެން
އައްސިވުމަކީ ވެސް ޕައިރިޑޮކްސިން މަދުވުމުގެ އަލާމާތް ތަކެވެ. މާގިނަ ދުވަސް
ވަންދެން މަދުވެއްޖެނަމަ، ގޮހޮރުގެ ނިމޭކޮޅު ދުޅަވުން، މަސްތަކުގެ ކޮންޓްރޯލް
ހީނަރުވުން، އަދި އަބަހައްދުވާގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2014).
ޕައިރިޑޮކްސިން
މަދުވުމަށް މަގުފަހިވަނީ ޕައިރިޑޮކްސިން ހަށިގަނޑަށް ނެގުމަށް ހުރަސްއެޅޭ ފަދަ
ކަންކަމުގެ ސަބަބުންނެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ގުރުދާގެ ބަލިތައް،
ސިލިއެކް ޑިޒީޒް، އަލްސަރޭޓިވް ކޮލައިޓިސް، އަދި ކްރޯންސް ޑިޒީޒް ފަދަ ގޮހޮރުގެ
ބަލިތައް، ރާއްޖެ ބަލި އަދި އާދަކޮށް ބަނގުރާބުއިން ފަދަ ކަންތައްތައް ހިމެނެއެވެ
(ހާރވަޑް.އެޑިޔު، 2023).
ޕައިރިޑޮކްސިން
ގިނަވުން
ޕައިރިޑޮކްސިން
ގިނަވެ ވިހަވާވަރުވުމަކީ ވަރަށް ނާދިރު ކަމެކެވެ. ޕައިރިޑޮކްސިން އަކީ ފެނަށްގިރޭ
ވިޓަމިނަކަށްވުމުން އިތުރުވާ ބައި ކުޑަކަމު ނަޖިހާއެކު ހަށިގަނޑުން ބޭރުވެގެން
ދެއެވެ. ނަމަވެސް ދުވާލަކު 1000 މިލިގްރާމް އަށްވުރެ ގިނައިން ހަށިގަނޑަށް
ޕައިރިޑޮކްސިން އެތެރެވެއްޖެނަމަ އޭގެ ސަބަބުން ވިހަވުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން ޕައިރިޑޮކްސިން އިތުރުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަތް ފައި
އައްސިވުން، މަސްތަކުގެ ވިލަރެސްކަން ދަށްވުން، އަދި މޭނުބައިކުރުން ފަދަ
ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/vitamin-b6/
No comments:
Post a Comment