ވިޓަމިން ބީ 7(ބަޔޮޓިން)
ވިޓަމިން ބީ7(Vitamin B7) ނުވަތަ ބަޔޮޓިން(Biotin) އަކީ ފެނަށްގިރޭ އަދި ކައްސަދުވާނި އެކުލެވިގެންވާ ވިޓަމިނެކެވެ. ބަޔޮޓިން އަކީ ޕެންޓޯތެނިކް އެސިޑް، ފޯލިކް އެސިޑް، އަދި ކޯބަލަމިން (ވިޓަމިން ބީ12) އާއި އެކުވެގެން އޭގެ ވަޒީފާ އަދާކުރާ ނޫނީ ކުރެވޭ އެއްޗެކެވެ. އަދި ޕެންޓޯތެނިކް އެސިޑް އާއި ވަރަށް އެއްވައްތަރު އެއްޗެއްވެސް މެއެވެ.
ބަޔޮޓިން އަކީ ފެނަށްގިރޭ ވިޓަމިނެއް ކަމަކު، މިއިން ބައެއް ފެޓް އާއި އެކު މޭގަނޑުގައި ކޮންމެވެސް ވަރަކަށް ކޮށާރު ކުރެވެއެވެ. ބަޔޮޓިންގެ 8 ވައްތަރު ހުންނައިރު، ތަބައީ ގޮތުން ލިބޭ ޑީ-ބަޔޮޓިން ނޫނީ ހަށިގަނޑަށް ފުރިހަމައެއްކޮށް ބޭނުމެއް ނުކުރެވެއެވެ.
ބަޔޮޓިންގެ
ފައިދާ
އިންސާނާގެ
ހަށިގަނޑުގައި ބަޔޮޓިން ބޭނުންކުރަނީ ފެޓް އާއި، އެކި ބާވަތްތަކުގެ ޕްރޮޓީން
ބައިބައިކޮށް ހަކަތަ އުފެއްދުމުގައި، އެހީވެދޭ އެއްޗެއްގެ ގޮތުގައެވެ. ޚާއްޞަކޮށް
ސެލި ތަކުގައި ވާރުތީ ސާމާރު ނޫނީ ވާރުތީ ވިސަތައް ( ދަރިފަސްކޮޅަށް ވާރުތަވާ
ޖިސްމާނީ އަދި ޝަޚްޞީ ސިފަތައް) ހަރުކޮށްދިނުމުގައި މިބާވަތުގެ ވިޓަމިން
އެހީވެދެއެވެ. އިސްތަށިގަނޑާއި ނިޔަފަތި މުރަނަވިޔަނުދީ، ރީތިކޮށް ބެހެއްޓުމަށް
ބަޔޮޓިން ބޭނުންވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ބަޔޮޓިން އަކީ އިންސިއުލިން އެކޭ އެއްގޮތަށް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީވެދޭ ވިޓަމިނެކެވެ. ބަޔޮޓީން އަކީ ހަކުރުބަލީގެ މީހުންނާއި، ހަމުގެ ބަލިތައް ހުންނަ މީހުންނަށް ވެސް ބޭހެއްގެ ގޮތުގައި ބޭނުންކުރާ މާއްދާ އެކެވެ. އަދި މިއީ ހަށިގަނޑުގައިވާ އެކި ކަހަލަ އެންޒައިމް ނުވަތަ ޅިންތާ ތަކުގެ ތެރެއިން 9 ޅިންތާ އެއްގެ މަސައްކަތަށް ބޭނުންވާ އެއްޗެއްކަން ސައިންސްވެރިން ވަނީ ސާބިތުކޮށްދީފައެވެ (ސާލިހު އަދި ވަހީދު، 2014).
މަޞްދަރު
ބަޔޮޓިން
އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ކުކުޅުބިހުގެ ގޮބޮޅި، މޭގަނޑު، އަދި ފެހިކުލަ
ގަދަ ތަރުކާރީ، ސީރިއަލް، ކަމީރު އަދި އޮރެންޖް ހިމެނެއެވެ. އަދި ސޯޔާބީން އާއި
އާމަންޑް އަކީ ބަޔޮޓިންގެ މާއްދާ ވަރަށް ގިނަ ދެބާވަތެވެ. ނިސްބަތުން ތަރުކާރީއާއި
މޭވާގައި ބަޔޮޓިން ހުންނަނީ ވަރަށް މަދުންނެވެ. ކުކުޅު ބިހުގެ ގޮބޮޅީގައި ބަޔޮޓިން
ގިނައިރު، ކުކުޅު ބިހުގެ ރޯލޮނދި މިއީ ބަޔޮޓިން ހަލާކުކުރާ އެއްޗެއްކަން ވެސް
ހަދާންކުރަން ޖެހެއެވެ.
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ބަޔޮޓިން ހުންނަ މިންވަރު
100ގ
ގައި |
މައިކްރޯގްރާމް |
100ގ
ގައި |
މައިކްރޯގްރާމް |
ކުކުޅުބިހުގެ
މޭގަނޑު |
170 |
އަކުރޯދުމަދު |
2.0 |
ކުކުޅުބިހުގެ
ގޮބޮޅި |
25 |
ކޯޅިމާ |
2.0 |
ޗީޒް |
6.0 |
ވިލާތުބަށި |
2.0 |
އެވޮކާޑޯ |
3.0 |
|
|
ކެލަމިން
ބަޔޮޓިން ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ
މިންވަރު ) ކަމަށް ބަލަނީ 30 މައިކްރޯގްރާމް އާއި 100 މައިކްރޯގްރާމް އާއި
ދޭތެރޭގެ އަދަދެކެވެ. މިއީ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މަދު އަދަދެކެވެ.
ބަލިވެ އިނުމަކީ ހަށިގަނޑަށް ބޭނުންވާ ބަޔޮޓިން އިތުރަށް ބޭނުންވާ ހާލަތެއްކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މާބަނޑު މީހުންގެ މޫންދުރައިގައި ބަޔޮޓިން ގިނަކަމުން ދޭހަކޮށްދެނީ ޅަފުތާ (ބަނޑުގައިވާ ދަރިފުޅު) ބޮޑުވަމުންދާއިރު، ބަޔޮޓިން ގިނައިން ކާންޖެހޭނެ ކަމެވެ.
ބަޔޮޓިން އަކީ ހަމުގެ ބަލިތަކަށާއި، ހަކުރުބަލީގެ މީހުންނަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރާ މާއްދާ އެކެވެ. ހަށިގަނޑަށް ބޭނުންކޮށް ބާކީވެފައި ހުންނަ ބަޔޮޓިން ކުޑަކަމުދާ ތަކެއްޗާއި އެކު ހަށިގަނޑުން ބޭރުވެދެއެވެ.
ބަޔޮޓިން
މަދުވުން
ބަޔޮޓިން
ހަށިގަނޑުން ހީނަރުވެގެންދާ އެއް ސަބަބަކީ އެންޓިބަޔޮޓިކް ގިނަ ދުވަހަށް
ބޭނުންކުރުމެވެ. މަޔޮނައިސް ފަދަ ކުކުޅު ބިހުގެ ލޮނދި ނުކައްކައި ހަދާފައި ހުންނަ
ކާބޯތަކެތި ކެއުމުން، ހަށިގަނޑުގައި ހުންނަ ބަޔޮޓިން ހަލާކުކޮށްލައެވެ. އެއީ
ކުކުޅު ބިހުގެ ރޯ ލޮނދީގައި އެވިޑިން ކިޔާ ކެމިކަލް އެއް ބަޔޮޓިން އާއި
އެކުވުމުންނެވެ(ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން އާދަކޮށް ބަނގުރާ
ބުއިމަކީ ވެސް ހަށިގަނޑުން ބަޔޮޓިން މަދުވުމަށް ދިމާވާ ސަބަބެކެވެ (ހާރވަޑް.އެޑިޔު،
2023). ބައެއް ފަހަރު މާބަނޑު އަންހެނުންގެ ފުށުން ވެސް ބަޔޮޓިން މަދުވާކަން
ފާހަގަ ކުރެވިފައިވެއެވެ. ނަމަވެސް ކަނޑައެޅިގެން އެހެން ދިމާވާ ސަބަބެއް
ހޯދިފައެއް ނުވެއެވެ (ހާރވަޑް.އެޑިޔު، 2023).
ހަށިގަނޑުން
ބަޔޮޓިން މަދުވުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އެއީ މިބާވަތުގެ ވިޓަމިނަކީ
ވެސް ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދައިދޭ އެއްޗަކަށްވާތީ އެވެ. އެހެން
ނަމަވެސް ހަށިގަނޑަށް ފުދޭވަރަށް ގޮހޮރުން ބަޔޮޓިން އުފެއްދުމާއި މެދު،
ދިރާސާވެރިންގެ މެދުގައި ޚިޔާލު ތަފާތުވެއެވެ. އެހެންކަމުން ކާބޯތަކެތީގައި
ބަޔޮޓިން ހިމަނަންޖެހެއެވެ (ސާލިހު އަދި ވަހީދު، 2014).
ބަޔޮޓިން
މަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ، ގައިގައި ރިހުން، ކާހިތްނުވުން، އިސްތަށި ބޮޑިބޮޑިއަށް
ފޭބުން، އިސްތަށިގަނޑު ތުނިވުން، ނިދިމަދުވުން، ހަންގަނޑު ކުރަކިވުން، ހަމުގައި
ތޮށިލުން، ނިޔަފަތި ތައް ބިދުން، މޮޅިވުން، އަދި ވަރުދެރަވުން އެވެ (ސާލިހު އަދި
ވަހީދު 2003، ސާލިހު އަދި ވަހީދު، 2014). ލޭމައްޗަށް ދިއުމާއި، ލޭގައި ސަރުބީ
މަތިވުމަކީ ވެސް ބަޔޮޓިން މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ
(ސާލިހު އަދި ވަހީދު، 2014).
ދިގުމުއްދަތަކަށް އެންޓިބަޔޮޓިކެއް ބޭނުންކުރާނަމަ، ހަށިގަނޑުގައި އުފައްދާ ބަޔޮޓިން މަދުވެ، އަދި ބައެއް ފަހަރު އުފެއްދުން ހުއްޓޭގޮތް ވެސް ވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ބަނގުރާ ބޯން އާދަވެފައި ތިބޭ މީހުންގެ ލޭގައި އާންމުކޮށް ބަޔޮޓިން ހުންނަނީ މަދުންނެވެ. ދުވަސްވެފައިވާ މީހުންނާއި، ކުޅިވަރުތައް ކުޅޭ މީހުންގެ ލޭގައި ވެސް އެހެން މީހުންގެ ލޭގައި ބަޔޮޓިން ހުންނަ ވަރަށް ވުރެ މަދުކަމަށް ފާހަގަ ކުރެވިފައި ވެއެވެ (ސާލިހު އަދި ވަހީދު، 2014).
ބަޔޮޓިން
ގިނަވުން
ބަޔޮޓިން އަކީ ފެނަށް ގިރޭ ވިޓަމިނެކެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ބައި ކުޑަކަމުނަޖިހާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ (ހާރވަޑް.އެޑިޔު، 2023). އެހެންކަމުން ބަޔޮޓިން ގިނަވުމަކީ ދިމާވާ ކަމެއް ނޫނެވެ. ދުވާލަކު 10 މިލިގްރާމް ކާންދީގެން ވެސް ނޭސަރެއް ނުވަތަ ނިކުންނަންވީ ނަތީޖާ ނޫން ނުރަނގަޅު އަސަރެއް ފެނިފައެއް ނުވެއެވެ (ސާލިހު އަދި ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/biotin-vitamin-b7/
No comments:
Post a Comment