މުހިއްމު ސަފުހާތައް

Thursday, September 28, 2023

ފޯލިކް އެސިޑް

ފޯލިކް އެސިޑް

ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑް(Folic acid) އަކީ ވިޓަމިން ބީ ކޮމްޕްލެކްސްގައި ހިމެނޭ ވިޓަމިން އެކެވެ. ފޯލިކް މިނަން ނަގާފައިވަނީ ލެޓިން ބަހެއް ކަމުގައިވާ ފޮލިއޭޖް(Foliage) އިންނެވެ.  އެއީ ލެޓިން ބަހުން ފަތްތަކަށް ކިޔާ ނަމެވެ. އެއީ މިމާއްދާ އެންމެ ގިނައީ ފެހިކުލަ ގަދަ ފަތުގައި ކަމަށްވާތީ އެވެ. މިއެސިޑް ފުރަތަމަ ލެބޯޓަރީގައި ހޯދީ ބޯވެލި ފަތުންނެވެ. މިއީ ފެނަށް ގިރޭ ވިޓަމިނެކެވެ. އަދި ކެއްކުމުން ފަސޭހައިން ފޫދިގެންދާ އެއްޗެކެވެ. އަދި ދަޅުގައި ބަންދުކުރުމުން އުނިވެސް ވާ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2014).

"ފޯލިކް އެސިޑަކީ ވިޓަމިން ބީ ގެ ބާވަތެއްކަމުގައިވާ ވިޓަމިން ބީނުވައެކެވެ. މިވިޓަމިނަކީ ހަޔާތުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށްވަރަށް މުހިންމު އެއްޗެކެވެ. މިވިޓަމިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުންނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައިއުފެދުމުގައިއުނިކަން ހުންނަ ކުދިން ލިބުމާއި ހައްޔަރުން ނެއްޓުމާއި ކުޑަކުދިން އުމުރާއެއްގޮތަށް ހެދި ބޮޑުވުމަށް ބުރޫއެރުމާއި ހަށިގަނޑުގައި ލޭ އުފެދޭ މިންވަރުމަދުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ"(ޑރ ނުސައިބާ ފާރޫގު ޙަސަން، 2015 ، ސަންއޮންލައިން)


ފޯލިކް އެސިޑްގެ ތެރޭގައި ހިމެނެނީ ދެބަޔެކެވެ. އެއީ ފޯލޭޓް އަދި ފޮލާސިން އެވެ. މިދެބާވަތުގެ ކީމިޔާވީ އޮނިގަނޑާއި އޮއްޓަރު އެއްގޮތް ކަމުން މިދެބާވަތް ވެސް ހިމަނަނީ ފޯލިކް އެސިޑްގެ ތެރޭގައެވެ (ސާލިހު އަދި ވަހިދު، 2014).

ފޯލިކް އެސިޑްގެ ބޭނުން ނުވަތަ ފައިދާ

ފޯލިކް އެސިޑް އަކީ ލޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ދިރުކަމުގައިވާ ލޭގެ ރަތް ދިރު(red cell) އުފައްދައިދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި ވަކިން ޚާއްޞަކޮށް ބަލިވެ އިންނަ ދުވަސްވަރު ގައްޔާއި، ހަށިގަނޑު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރުގައި ފޯލިކް އެސިޑްގެ ބޭނުން އިތުރަށް މުހިއްމު ވެގެންދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ބައިތަކުގައި ހިމެނޭ ތަފާތު ސެލިތަކުގެ އަސްލު ބިންގާ ކަމުގައިވާ ޑީއެންއޭ(DNA) އުފެދުމަށް ވެސް ފޯލިކް އެސިޑް ގެ ބޭނުންތެރިކަން ބޮޑެވެ. ބަލިވެ އިންނަ ދުވަސްވަރު އެކަށޭނަ ވަރަކަށް ފޯލިކް އެސިޑް ނުލިބިއްޖެނަމަ، ދަރިފުޅުގެ ސެލި(cell)ތައް ރަގަޅަށް އުފެދުމަށް ދަތިވެއެވެ. އެހެން ކަމުން ކުއްޖާ އުފަންވާއިރު ޢައިބު ހުންނަގޮތް ދިމާވެއެވެ. ވަކިން ޚާއްޞަކޮށް ނާރުތަކުގެ ޢައިބު ތަކަކީ ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ދިމާވާ މައްސަލަ އެކެވެ.

ފޯލިކް އެސިޑް ފުދޭ ވަރަކަށް ކެއުމުން ބަލިވެ އިނުމުގައި ދިމާވާ މައްސަލަތަކުން ރައްކާތެރިވުމާއި ލިބޭ ދަރިފުޅު ޢައިބުވުމުން ސަލާމަތް ވެއެވެ. ފޯލިކް އެސިޑް އަކީ ދަރިވެހިވުމުގެ ޞިއްޙަތު ދަމަހައްޓައިދޭ އެއްޗެކެވެ. އެހެންކަމުން އަންހެނުންނާއި އެއްގޮތަށް ފިރިހެނުންގެ މަނީގެ މަދަނަކަން ދެމެހެއްޓުމަށް ވެސް ފޯލިކް އެސިޑް ބޭނުންވެއެވެ.(ސާލިހު އަދި ވަޙީދު، 2014).

ފޯލިކް އެސިޑަކީ ދިރުތައް ބައިބައިވެ، ގުނަވެ އިތުރުވުމަށާއި، އިތުރުވަމުންދާއިރު، ޚާއްޞަ މާބަނޑުގައި އޮންނަ ކުއްޖާ ނުވަތަ ޅަފުތާ ހެދިބޮޑުވަމުން ދާއިރު، ދިރުތަކުގައި ވާރުތީ ސިފަތައް އަށަގެންނެވުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ވިޓަމިނެވެ. ހަމައެފަދައިން މައިބަދަ އާއި، ބޮލުގެ ނާށިގަނޑާއި، ސިކުނޑިއާއި، ނާރުތަކުގެ ނިޒާމު ފުރިހަމަކުރުމަށް ބޭނުންވާ ދިރުތައް އުފެއްދުމަށް މުހިއްމު ވިޓަމިނެކެވެ. އަދި ލޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ދިރުކަމުގައިވާ ލޭގެ ރަތް ދިރު އުފައްދާ ދަމަހައްޓާ ދިނުމަށް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ބައިތަކުގައި ހިމެނޭ ތަފާތު ދިރުތަކުގެ ވާރުތީ ވިސަތައް ކޮށާރު ކުރެވިފައިވާ އެސިޑް ކަމުގައިވާ ޑީއެންއޭ އުފެއްދުމަށް ވެސް ފޯލިކް އެސިޑްގެ ބޭނުންތެރިކަން ބޮޑެވެ (ސާލިހު އަދި ވަހީދު، 2014).  

ފޯލިކް އެސިޑް އަކީ މައިބަދަ އާއި ސިކުނޑި އުފެދުމުގައި އެންމެ އިސްރޯލެއްކުޅޭ އެއް ވިޓަމިނެވެ. ފޯލިކް އެސިޑް 4 މަސް ދުވަސް ވަންދެން، މޭގަނޑު އަދި އެހެން ސެލޯށި(tissue) ތަކުގައި ކޮށާރުކުރެވިފައި ހުރެއެވެ. އަދި މަދުމަދުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގެ އެކި ބައިތަކަށް ފޯރުވައިދެއެވެ. އެކަމަކު ކާބޯތަކެތީގައި ހުންނަ ފޯލިކް އެސިޑް ގެ ތެރެއިން ހަށިގަނޑަށް ނެގެނީ ހަމައެކަނި ½ ހާ އެތިކޮޅެކެވެ.

ފޯލިކް އެސިޑް އަކީ ދަރިން އުފެދުމުގައި ދިމާވާ ޢައިބުތަކުން ދުރުހެލިވުމަށާއި، ލޭމަދުވުމަށް ފަރުވާ ދިނުމަށާއި، ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ފަރުވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ފޯލިކު އެސިޑު ނުވަތަ ވިޓަމިން ބީ9 އަކީ އުފެދުމުގައި ދަރިފުޅަށް ދިމާވާ ބައެއް އުނިކަންތައްތަކުން ދަރިފުޅު ހިމާޔަތް ކޮށްދޭ މާއްދާއެކެވެ.

ފޯލިކު އެސިޑު ހަށިގަޑަށް ބޭނުންވަނީ ޑީއެންއޭ އުފެއްދުމާއި ރަނގަޅުކުރުމާއި އޭގެ ވަޒީފާ ފުރިހަމަ ކުރުމަށެވެ. އަދި ހަށިގަނޑުގައި އާ ހަތާތައް އުފެއްދުމަށެވެ. ވުމާއެކު ނިސްބަތުން ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ބަނޑުގައިއުންނަ ދަރިފުޅުގެ ހަތާތައް އުފެއްދުމަށް މިއީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ލޭގައި އުފެދޭ އަމައިނޯ އެސިޑެއްކަމުގައިވާ ހޯމޯސިސްޓީން މިތިއޮނިން ކިޔާ އެހެން އަމައިނޯ އެސިޑަކަށް ބަދަލު ކޮށްދެނީވެސް ފޯލިކު އެސިޑެވެ. ފޯލިކު އެސިޑު މަދުވުމަކީ ލޭގައި ހޯމޯސިސްޓިން އިތުރުވާ ކަމެކެވެ. އަދި ލޭގައި މިމާއްދާ އިތުރު ވުމަކީ ދަރފުޅު އުފެދުމުގައި އުނިކަން އެފެދޭ މައިގަޑު ސަބަބެވެ. އަދި މިމާއްދާ ލޭގައި އިތުރުވުމަކީ ރަހިމުގައިވާ މަހުން ލޭއައުމާއި ބައިގެންދިއުން އަދި ވިހާއިރު ދަރިފުޅު މަރުވުންވެސް އިތުރު ކުރާ ކަމެކެވެ. " (ޑރ މުހައްމަދު ފައިސަލް އަހުމަދު، 2006، ކަވާސާ،ކޮމް).

ބަލިވެ އިންނަ ދުވަސްވަރު އެކަށޭނަ ވަރަށް ފޯލިކް އެސިޑް ނުލިބިއްޖެނަމަ، ދަރިފުޅުގެ ދިރުތައް ރަނގަޅަށް އުފެދުމަށް ދަތިވެއެވެ. އެހެންކަމުން ޅަފުތާ އުފަންވާއިރު އައިބުވެފައި ހުންނަގޮތް ދިމާވެއެވެ. އޭގެތެރޭގައި ޖިސްމާނީ އައިބުތަކާއި، ނާރުތަކުގެ ނިޒާމު ފުރިހަމަ ނުވުމުގެ ސަބަބުން ދިމާވާ ނަފްސާނީ ހީނަރުކަން ހިމެނެއެވެ. ޖިސްމާނީ އައިބުތަކުގެ ތެރޭގައި މައިކަށި އަނަރޫފަވުން، ތަލިނެތުން، ތުންކެނޑުން ނުވަތަ މަތީތުންފަތް މެދުން ކެނޑިފައިހުރުން އަދި ހިތް ހެދިބޮޑުވުމުގެ އައިބުތައް މިސާލަކަށް ހިތުގައި ލޯވަޅެއްހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަފްސާނީ ހީނަރުކަމުގެ ތެރޭގައި ނާރުތަކުގެ ނިޒާމު ފުރިހަމަނުވުމުން ދިމާވާ ކަންތައްތައް ހިމެނެއެވެ. އޭގެ ތެރޭގައި މޮޅިވެރިކަން، ކަންބޮޑުވުން، ސިހުން ހިމެނެއެވެ. ވިހާތަނުން ނުވަތަ ތުއްތު އިރު ފާހަގަ ނުކުރެވުނަސް، އުމުރުން ދޮށިވަމުން ދާ ވަރަކަށް މިކަހަލަ ކަންތައްތައް ފާޅުވަމުން ދެއެވެ (ސާލިހު އަދި ވަހީދު، 2014).

ފޯލިކް އެސިޑް އަކީ ދަރިން އުފެދުމުގައި ދިމާވެދާނެ އައިބުތަކުން ރައްކާތެރިވުމަށާއި، ލޭފަނޑުވުން ނުވަތަ ލޭމަދުވުމުން ދުރުކުރުމަށާއި، ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ބޭނުންވާ ވިޓަމިނެކެވެ. މޭގަނޑުގައި ހިފާ ސަރުބީ ތުނިކޮށްދީ، އަދި ޕްރޮޓީން އިން ތަފާތު އެމިނޯއެސިޑް ތައް އުފެއްދުމަށް ވެސް ބޭނުންތެރި އެއްޗެކެވެ. ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރާ އަންހެނުން ފޯލިކް އެސިޑް އިތުރަށް ކާންޖެހެއެވެ (ސާލިހު އަދި ވަހީދު، 2014).

ފޯލިކް އެސިޑް އަކީ ހަދާންނެތުމުގެ ބައްޔާއި އަލްޒައިމާ ބައްޔާއި، މުސްކުޅިވުމުން ދިމާވާ ކަންފަތާއި ލޯކޮށިވުން އަދި މަސްތައް ދޫވުމަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރާ ވިޓަމިނެކެވެ (ސާލިހު އަދި ވަހީދު، 2014).  

" ފޯލިކް އެސިޑް : އުފަންވެނި ޞިއްޙަތުގެ ޚާއްޞަ އެހީތެރިއެއް

ފޯލިކް އެސިޑްބޭނުންކުރުން އެންމެ މުހިންމު އެއްބަޔަކީ ދަރިމައިވާއުމުރުފުރައިގެ އަންހެނުންނެވެ. ވަކިން ޚާއްޞަކޮށް ބަލިވެއިނުމުގެކުރިންނާއި ބަލިވެ އިންނަ ދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރުމިވިޓަމިންގެ މުހިންމުކަން އިތުރުވެއެވެ. މައިމީހާގެ ރަޙިމުގައި ތުއްތުދަރިފުޅު ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މައިމީހާގެހަށިގަނޑުގައި މިވިޓަމިން ހުންނަންވާ މިންވަރަށް ވުރެ މަދުކަމުގައިވާ ނަމަ،ތުއްތު ދަރިފުޅު ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމުގެ ނުރައްކާވަރަށް ބޮޑެވެ. މީގެ އިތުރުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް' ނުވަތަ ސިކުނޑިއާއި މައިބަދަ އުފެދެންވާ ގޮތް ނޫން ގޮތްގޮތަށް އުފެދުމުގެ ފުރުޞަތުބޮޑެވެ. ހޯދުންތަކުން ދައްކާގޮތުގައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑްގަވާއިދުން ބޭނުން ކުރުމުން ތުއްތު ދަރިފުޅުގެ ސިކުނޑި އާއި މައިބަދައުފެދުމުގައި ހުންނަ އުނިކަންކަން ނުވަތަ 'ނިއުރަލް ޓިއުބް ޑިފެކްޓް'އެއްހުރުމުގެ ފުރުޞަތު 70 އިންސައްތަ ކުޑަކޮށްދެއެވެ. " (ޑރ ނުސައިބާ ފާރޫޤު ޙަސަން،2015 ސަންއޮންލައިން)

 

މާބަނޑު މީހުންނަށް ބޭނުންވަނީ ކިހާ ފޯލިކް އެސިޑެއް؟

" ބަލިވެއިނުމުގެ މަދުވެގެން މަހެއްކުރިން ފޯލިކު އެސިޑު ބޭނުން ކުރަން ފަށަން ޖެހޭނެއެވެ. މިދުވަސްވަރު ދުވާލަކށް ހަށިގަނޑަށް ބޭނުން ވަނީ 400 މައިކުރޯގުރާމެވެ. މިއީ ބަލިވެއިނުމުން އުފެދެމުންދާ ދަރިފުޅުގެ ނިއުރަލް ޓިއުބުގެ އުނިކަމެއް އުފެދުމުން ހިމާޔަތް ކޮށްދޭނެ ކަމެކެވެ. ނިއުރަލް ޓިއުބު އުފެދެން ފަށަނީ ބަލިވެއިދެ ފުރަތަމަ މަހުގެ މެދެއްހާ ހިސާބުގައެވެ.

ބަލިވެއިނުމަށްފަހު ދުވާލަކު މަދުވެގެން 600 މައިކުރޯގުރާމު ފޯލިކު އެސިޑު ބޭނުން ކުރަން ޖެހޭނެއެވެ. ބައެއް ޑޮކުޓަރުނބް ވިދާޅުވަނީ މަދުވެގެން 800 މައިލކުރޯ ގުރާމު ބޭނުން ކުރަން ޖެހޭނެ ކަމުގައެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުން ބޭނުންކުރާ ވިޓަމިންތަކުގައި 1000 މައިކުރޯ ގުރާމު ފޯލިކު އެސިޑު ހުންނާނެއެވެ.

ފޯލިކު އެސިޑު ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް ގެއްލުންވާ ކަމެއްނޫނެވެ. އެއީ މިއީ ފެނަށް ގިރާ ވިތަމިނަކަށް ވުމުން ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ އިތުރުވާބައި ފެނާއިއެކު ބޭރުވެގެންދާނެއެވެ. ނަމަވެސް މިއިން އިސްތިސްނާވާ ބައެއް އަންހެނުން ތިބެއެވެ. އެއީ ބައެއް އަންހެނުން ފޯލިކު އެސިޑު ބޭނުންވާވަރަށް ވުރެ ގިނައިން ނެގުމަކީ ހަށިގަނޑުން ވިޓަމިން ބީ 12 މަދުވާ ސަބަބެކެވެ. ނަމަވެސް ވިޓަމިން ބީ 12 ހަށިގަނޑުން މަދުވުމަކީ ވަރަށް ނަދިރުކޮށް ނޫނީ ނުވާނެ ކަމެކެވެ. ހާއްސަކޮށް ޒުވާން އަންހެނުން ނަށެވެ.

ނިއުރަލްޓިއުބުގެ އުނިކަމެއްހުރި ދަރިޔަކު ލިބިފައިވާ މަޔަކު ނުވަތަ އާއިލާގެ މެންބަރަކަށް ވިޔަސް އެފަދަ ކުއްޖަކު ލިބިފައިވާނަމަ އެފަދަ އަންހެންނު 4000 މައިކުރޯ ގުރާމުގެ ފޯލިކު އެސިޑު ދުވާލަކު ބޭނުން ކުރަން ޖެހޭނެއެވެ. އެއީ ބަލިވެއިނުމުގެ މަދުވެގެން އެއްމަސްކުރިން ފަށައިގެންނެވެ. އަދި ބަލިވެއިދެ ފުރަތަމަ ތިންމަސް ނިމެންދެން ބޭނުން ކުރަމުން ގެންދަންވާނެއެވެ. " (ޑރ. މުޙައްމަދު ފައިސަލް، ކަވާސާ.ކޮމް)

ކާނާގެ އިތުރުން ފޯލިކު އެސިޑު ބޭނުން ކުރަން ޖެހޭތަ؟

" ބަލިވެއިނުމުގެ މަދުވެގެން އެއްމަސް ކުރިން ފެށިގެން ފޯލިކު އެސިޑު ކާނަގެ އިތުރުން ބޭނުން ކުރަން ޖެހޭނެއެވެ. އެއީ އާއްމުކޮށް ކާކާނާއިން ހަށިގަނޑަށް ބޭނުންވާވަރަށް ފޯލިކު އެސިޑެއް ނުލިބޭނެއެވެ. އެއީ ކިތައްމެ ރަނގަޅަށް ކެއުން ބެހެއްޓިނަމަވެސްއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާބޯތަކެތީގައި ހުންނަ ފޯލިކު އެސިޑަށް ވުރެ ގުޅަބޭހުން ބޭނުން ކުރާ ފޯލިކު އެސިޑުން ހަށިގަނޑަށް މާ ފައިދާ ކުރެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ހަމައެކަނި ގުޅަބޭހުން ފޯލިކު އެސިޑު ހޯދުމުގެ ބަދަލުގައި ފޯލިކު އެސިޑު ހުންނަ ކާބޯތަކެތި ގިނައިން ބޭނުން ކުރުމާއި އެކު ފޯލިކު އެސިޑު ގުޅަބޭސް ބޭނުން ކުރުމެވެ. " (ޑރ. މުޙައްމަދު ފައިސަލް، ކަވާސާ.ކޮމް)

ފޯލިކް އެސިޑް ހުންނަ ކާނާގެ ބާވަތްތައް

ފޯލިކް އެސިޑް ހިމެނޭ ކާބޯތަކެއްޗަކީ ބޯވެލި ފަދަ ފެހިކުލަ ގަދަ ފަތް، ގެރިމަސް އަދި ކަމީރު އެވެ. ގޮވާމުގެ ބާވަތްތަކުގައި ވެސް މިބައި ހިމެނެއެވެ. ފޯލިކް އެސިޑް އަކީ ފެނުކެއްކުމުންނާއި، ކެއްކުމަށްފަހު މަތިނުޖަހާ ގިނައިރު ބެހެއްޓުމުން ހަލާކުވެދާ އެއްޗެކެވެ. އެހެންކަމުން ކައްކާ މީހުން މިކަމަށް ފަރުވާތެރި ވާންޖެހޭނެއެވެ.

" ކާބޯތަކެތީގައި ދުވާލަކަށް ބޭނުންވާ ފޯލިކު އެސިޑުގެ މަދުވެގެން %20 ހިމެނެން ޖެހޭނެއެވެ. ފޯލިކު އެސިޑު ގިނަ ކާނާގެ ތެރޭގައި ބަތް ބަނަސް ފެހިކުލަގަދަ ފަތް ހިމެނެއެވެ. ތިރީގައި އެވަނީ ފޯލިކު އެސިޑު ހޯދުމަށް ކެއުން ރަނގަޅު ބައެއް ކާބޯތަކެއްޗެވެ.

- ފަޅޯ (މެދުމިނު ފަޅޮލަކުން 115 މައިކުރޯ ގުރާމު ފޯލިކު އެސިޑު ލިބޭނެއެވެ.)

- ބޮރޮކްލީ (ބައިތަށިން 52 މައިކުރޯ ގުރާމް ލިބޭނެއެވެ.)

- ސްޓޯބެރީ ( ސްޓޯބެރީ ތައްޓަކުން 40 މައިކުރޯ ގުރާމު ލިބޭނެއެވެ.)

- އޮރެންޖު (އާދައިގެ އޮރެންޖަކުން 39 މައިކުރޯގުރާމު ލިބޭނެއެވެ.) " (ޑރ މުޙައްމަދު ފައިޞަލް، ކަވާސާ.ކޮމް)

" ތަފާތު ބާވަތުގެ ތޮޅިއާއި، މުގާއި، ބޯވެލި ފަތާއި، ލެޓިއުސް ފަތާއި، އެވޮކާޑޯއާއި،ބްރޮކޮލީއާއި، ކޯލީފްލާވަރ، އަކީ މިވިޓަމިން ގިނަ ތަރުކާރީގެ ބާވަތްތަކެވެ.މޭވާގެތެރެއިން އަނބާއި، އަންނާރާއި، ފަޅޮލާއި، ކިވީއާއި، ދޮންކޭލާއި،އޮރެންޖަކީ މިވިޓަމިން ގިނަ މޭވާތަކެވެ. ކުކުޅު ބިހުގެ ގޮބޮޅިއާއި،ގޮދަނުގެބާވަތްތަކާއި، ކިރަކީވެސް ފޯލިކް އެސިޑް ލިބިދޭ ކާބޯތަކެތީގެ ބާވަތްތަކެވެ. " (ޑރ ނުސައިބާ ފާރޫޤު ޙަސަން،2015 ސަންއޮންލައިން)

ފޯލިކް އެސިޑް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ބޯވެލިފަތް ފަދަ ފެހިކުލަ ގަދަ ފަތާއި، ތޮޅިއާއި، ތޮޅިއޮށް، ގެރިމަސް، ކަމީރު އަދި ބައެއް މޭވާ ހިމެނެއެވެ. ފޯލިކް އެސިޑް އަކީ ކެއްކުމުންނާއި، ކެއްކުމަށްފަހު މަތިނުޖަހާ ގިނައިރު ބެހެއްޓުމުން ހަލާކުވެދާ އެއްޗެކެވެ. ދިރާސާތައް ދައްކަނީ ކާބޯތަކެތި ތައްޔާރުކުރާއިރު، އެތަކެތީގައި ހުންނަ ފޯލިކް އެސިޑްގެ ކިބައެއް ނުވަތަ ދެބައިން ބައެއް ގެއްލިދެއެވެ. އެހެންކަމުން ކައްކާ މީހުން މިކަމަށް ފަރުވާތެރިވުން މުހިއްމެވެ. އެތެރެވާ ކާބޯތަކެތީގައި ހުންނަ ފޯލިކް އެސިޑްގެ ތެރެއިން ގިރިބިން ކުރެވެނީ ވެސް ½ ހާ އެތިކޮޅެކެވެ (ސާލިހު އަދި ވަހީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ފޯލިކް އެސިޑް ހުންނަ މިންވަރު

 

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ބޯވެލިފަތް

194.0

ބާމިޔާތޮޅި

105.1

ކޮޕީފަތް

166.0

ހިކަނދިފަތް

93.9

ރީނދޫމުގު

147.5

ކަންކުންފަތް

57.0

ކުދީނާފަތް

114.0

ދޮންކެޔޮ

20

 

ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު (RDA): ފޯލިކް އެސިޑް ގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 200 މައިކްރޯގްރާމް އެވެ. އަދި އަންހެނަކަށް ނަމަ 180 މައިކްރޯގްރާމް އެވެ. މާބަނޑު ދުވަސްވަރު 300 އާއި 400 މައިކްރޯގްރާމް އާއި ދެމެދުގެ މިންވަރަކަށް ފޯލިކް އެސިޑް ބޭނުންވެއެވެ.

ފޯލިކް އެސިޑް 4 މަސް ވަންދެން، މޭގަނޑު އަދި އެހެނިހެން ސެލޯށިތަކުގައި ކޮށާރު ކުރެވިފައި ހުރެއެވެ. އަދި މަދުމަދުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގެ އެކި ބައިތަކަށް ފޯރުވައިދެއެވެ. ފޯލިކް އެސިޑްގެ ކެލަމިން ކަމަށް ބަލަނީ ބޮޑު މީހަކަށް ދުވާލަކަށް 400 މައިކްރޯގްރާމެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މަދުވެގެން 400 މައިކްރޯގްރާމްގެ ފޯލިކް އެސިޑް އިތުރަށް ބޭނުންވެއެވެ. ބައެއް މުއްތިދާރުން ލަފާދެއްވަނީ ބަލިވެ އިނުމުގެ ކުރިންނާއި، އަދި ބަލިވެ އިނުމުން 400 މައިކްރޯގްރާމް ނުވަތަ އެއަށްވުރެ ގިނައިން ފޯލިކް އެސިޑް ދުވަހެއްގެ ކެއުމުގައި އިތުރުކުރުމަށެވެ.

ރައްކާތެރި މަމިން

ހަށިގަނޑަށް ފޯލިކް އެސިޑް ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު 1000 މައިކްރޯގްރާމް އެވެ. ފޯލިކް އެސިޑް ގިނަވެގެން ވިހަވާކަން ސާބިތުކުރެވިފައެއް ނެތެވެ. ކެލަމިންގެ 100 ގުނަ އިތުރަށް ކެއުމުން ވެސް ނޭސަރެއް ނުވަތަ ނޭދެވޭ އަސަރެއް ފެނިފައެއް ނެތެވެ. އެހެން ނަމަވެސް ގިނައިން ކެއުމުން ލިބޭ ސައްލިއެއް (ރަނގަޅެއް) އޮތް ކަމެއް ނޭނގޭތީ އާންމު ކޮށް ޑޮކްޓަރުން ފޯލިކް އެސިޑް ގިނައިން ކެއުމަކަށް ލަފައެއް ނުދެއެވެ (ސާލިހު އަދި ވަހީދު، 2014).

ފޯލިކް އެސިޑް މަދުވުން ދިމާވާ މައްސަލަތައް

ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ބޭރަށްހިންގުން، ހަށިގަނޑުގެ ވަރުދެރަވުން، ބަރުދަން ލުއިވުން، ބޮލުގައި ރިހުން، އަނގަފާރުވުން، ފަދަ ގޮތްތައް ދިމާވެއެވެ. ހަދާން ބަލިވުމާއި.، ރުޅިއިސްވެ، ރުންކުރުވާގޮތް ވެސް ފޯލިކް އެސިޑް މަދުވުމުން ދިމާވެއެވެ (ސާލިހު އަދި ވަހީދު، 2014).

ފޯލިކު އެސިޑު އާދައިގެވަރަކަށް ހަށިގަނޑުން މަދުވިޔަސް އެއްވެސް އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފޯލިކު އެސިޑު މަދުވެގެން އަލާމާތްތައް ފަންނަނީ ވަރަށްބޮޑަށް މަދު ނަމައެވެ. ވީމަ އަލާމާތްތަށް ފެންނަންދެން ފޮލިކު އެސިޑު ބޭނުން ނުކޮށް ހުރުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. އާއްމުކޮށް ފެންނަ އަލާމާތް ތަކަކީ ބޭރަށްހިންގުން، ކާހިތްނުވުން، ހަށިގަނޑު އަނަރޫފަވުން. ބަލިކަށިވުން، ދޫފާރުވުން، ބޮލުގައި ރިއްސުން، ހިތުގެ ހިނގުން އަވަސްވެ ހިތްތެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ.

(ހ) - ސްޕައިނާ ބިފިޑާ : ސްޕައިނާ ބިފިޑާ ފަދަ ބަލިތަކަކީ ފޯލިކު އެސިޑު ބޭނުން ނުކުރާ މައިންގެ ދަރިން އުފަންވާއިރު ޖެހުން ވަރަށް ގާތް ބަލިތަކެކެވެ. ސްޕައިނާ ބިފިޑާ އަކީ މައިބަދަ ފުރިހަމަ އަށް ނުއުފެދުމުގެ ސަބަބުން ނުވަތަ މައިބަދަ އުފެދުމުގައި ދިމާވާ އުނިކަމެއްގެ ސަބަބުން މައިބަދައިގެ އެތެރޭގައި ހުންނަ ސްޕައިނަލް ކޯޑް ނުވަތަ އެތެރޭގެ މަދު ބޭރުވުމަށް ކިޔާނަމެކެވެ. ނުވަތަ މިއީ މައިބަދަ ރަގަޅަށް ބެދިފައިނުވުމެވެ. އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ޖެހޭ މިބައްޔަކީ މައިމީހާ ފޯލިކު އެސިޑު އެކަށީގެންވާވަރަށް ބޭނުން ކުރާނަމަ ދަރިފުޅަށް ޖެހުން ވަރަށް ދުރު ބައްޔެކެވެ. އަދި މައިމީހާ އެކަށީގެންވާވަރަށް ފޯލިކު އެސިޑު ބޭނުން ނުކުރާނަމަ މިބަލި ދަރިފުޅަށް ޖެހުމުގެ %70 އިތުރުވެއެވެ.

(ށ) - އެހެނިހެން މައްސަލަތައް : ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ބޭރަށްހިންގުން، ބަރުދަން ލުއިވުން، ވަރުދެރަވުން، ބޮލުގައި ރިހުން، އަނގަފާރުވުން ފަދަ ގޮތްތައް ދިމާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެކަށީގެންވާވަރަށް ފޯލިކު އެސިޑު ބޭނުން ނުކުރާ މީހުންގެ ތެރޭގައި ބައިގެންދިއުންވެސް އިތުރެވެ. އަދި ތުންފަތާއި ތަލި ރަނގަޅަށް ނުއުފެދުމާއި އިގިއްޔެއް މަދުވުމާއި ނުވަތަ އައިބު ވުމާއި ހިތުގައި ލޯވަޅު އުފެދުމަކީ ފޯލިކު އެސިޑު އެކަށީގަނވާ ވަރަށް ބޭނުން ނުކުރާ މައިންނަށް ލިބޭ ދަރިންގެ މެދުގައި ނިސްބަތުން ގިނަ ބަލިތަކެކެވެ.

 

" ނިއުރަލް ޓިއުބަށް ކުރާ ނޭދެވޭ އަސަރު (ނިއުރަލް ޓިއުބު ޑިފެކްޓް ތައް)

ނިއުރަލް ޓިއުބަކީ ގަރުބަގަތުމަށް ފަހު އެންމެ ފުރަތަމަ ދޮޅުމަހެއްހާދުވަހުގެ ތެރޭގައި ބެދިގެންދާ 'ހޮޅި' އެކެވެ. އެއީ 'ޕަރސް' އެއްގެ ޒިޕުދަމާލައި ލައްޕާލުން ކަހަލަ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ތުއްތުދަރިފުޅު ގަރުބަގަންނަތާ 28 ދުވަސް ވާއިރު އާންމުކޮށް ނިއުރަލް ޓިއުބުބެދެއެވެ. މިއީ ގިނަ މީހުންނަށް ބަލިވެ އިންކަމުގެ އިހުސާސް ވެސް ނުވާހާކުރީކޮޅެވެ. މިމުއްދަތުގެ ތެރޭގައި މި 'ހޮޅި' ބެދުމަށް ފަހު ތުއްތުދަރިފުޅުގެ ސިކުނޑި އާއި މައިބަދަ އުފެދެން ފަށައެވެ. 'ނިއުރަލް ޓިއުބް' ނުވަތަ މިހޮޅި ބެދޭއިރު އެއްވެސް ހިސާބެއްގައި ހީނަރުކަމެއް ހުރެއްޖެނަމަ،އެމައްސަލަ ހުރި ހިސާބެއްގެ ގޮތުން، ސިކުނޑިން ނުވަތަ މައިބަދައިން ބައެއްނިކުމެފައި ހުރުމުގެ އިތުރުން އެހެނިހެން ތަފާތުތައް ހުރުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ތުއްތު ދަރިފުޅު ޅަފަތުގައި މަރުވުމުގެފުރުޞަތު އިތުރުވެއެވެ. ފުރާނަ ސަލާމަތްވާ ކުދިން ވެސްބޮޑެތި އޮޕަރޭޝަންތަކަށް ފަހު ވެސް އެކުއްޖަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ އެކަށޭނަކަންވަރަށް ބޮޑެވެ. ބަލިވެ އިނުމުގެ ފުރުޞަތު އޮތް ކޮންމެ އަންހެނަކު ވެސް ފޮލިކް އެސިޑު ކެއުމަށް ޑޮކްޓަރުން ލަފާދެއްވަނީ މިސަބަބާ ހުރެއެވެ.

ނިއުރަލް ޓިއުބް ޑިފެކްޓުތަކަށް ނަންދެވިފައި ވަނީ ނިއުރަލް ޓިއުބު ނުވަތަހޮޅި ބެދުމުގައި ހީނަރުކަން ހުންނަ ހިސާބަކާ ގުޅުވައިގެންނެވެ.
(ހ) - އެންއެންކެފަލީ (anencephaly): އެންއެންކެފަލީ އަކީ ސިކުނޑި އުފެދިފައި ނުވުމެވެ. މިއީ ވަރަށް ގިނަފަހަރަށް ބައިގެންދާން މެދުވެރިވާ ސަބަބެއް ވެސް މެއެވެ. މިފަދަ ކުއްޖަކުދުނިޔެއަށް އުފަންވީ ނަމަވެސް، ވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއްގެމެހެމާނަކަށެވެ
(ށ) - އެންކެފަލޯސީލް (encephalocele): އެންކަފަލޯސީލް އަކީ ބޮލުގެ ނާށިގަނޑުގައި އައިބެއް ހުރުމުގެ ސަބަބުން ސިކުޑިން ބައެއް ބޭރަށްނިކުމެފައިހުރުމެވެ.
(ނ) - މެނިންގޯސީލް (meningocele): މެނިންގޯސީލް އަކީ ސިކުނޑި އާއި މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށްނިކުމެފައި ހުރުމެވެ.

(ރ) - މެނިންގޯމައިލޯސީލް (meningomyelocele): މެނިންގޯމައިލޯސީލް އަކީ ސިކުނޑި އާއި މައިބަދައިގެވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމުގެ އިތުރުން މައިބަދައިގެނާރުތައް އެއްކޮށް ނުވަތަ އެއިން ބައެއް ބޭރަށް ނިކުމެފައި ހުރުމެވެ
(ބ) - ސްޕައިނާ ބިފިޑާ (Spina bifida): ސްޕައިނާ ބައިފިޑާ އަކީ ވެސް ނިއުރަލް ޓިއުބް ޑިފެކްޓެކެވެ. ސްޕައިނާބިފިޑާ އަކީ މައިބަދަ ބެދިފައި ނުވުމެވެ. މިމައްސަލަ ހުންނަ ކުދިންގެތެރެއިން ބައެއް ކުދިންގެ ބޮލުގައި ފެން އުފެދުން(hydrocephalus) އެކަށީގެންވެއެވެ.

އެހެނިހެން ގުނަވަންތަކަށް ފޯރާ ނޭދެވޭ އަސަރު

މައިމީހާގެ ހަށިގަނޑުގައި ފޯލިކް އެސިޑް މަދުވުމާއި އުފެދުމުގައި ހުންނައެހެނިހެން އައިބުތަކާ ވެސް ގުޅުން ހުންނަ ކަމަށް ފަހުގެ ބައެއްދިރާސާތަކުން ދައްކައެވެ. ހިތާއި ކުޑަކަމުދާ ނިޒާމު އުފެދުމުގައި ދިމާވާބައެއް މައްސަލަ ތަކާއި އޯޓިޒަމް ސްޕެކްޓްރަމް ޑިސޯޑަރސް އާވެސް މައިމީހާގެހަށިގަނޑުގައި ފޯލިކް އެސިޑް މަދުވުމާ ކޮންމެ ވެސް ވަރެއްގެ ގުޅުމެއްވާކަމުގެ ބައެއް އިޝާރާތްތައް ފެނިފާއިވާ ކަމަށް ހޯދުންތަކުން ދައްކައެވެ. މާބަނޑު ދުވަސްވަރު ފޯލިކް އެސިޑް ބޭނުންކުރުމަކީ ކުޑަކުދީންގެ ވިސްނުން ތޫނުވާ ކަމެއްކަމަށް ހޯދުންތަކުން ދައްކައެވެ(ޑރ ނުސައިބާ ފާރޫޤު ޙަސަން،2015 ސަންއޮންލައިން)

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         ފޯލިކް އެސިޑް : ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި -2015– ޑރ ނުސައިބާ ފާރޫޤް ޙަސަން ، ސަންއޮންލައިން

·         ފޯލިކު އެސިޑް ...ކުޑަދަރިފުޅު އުނިކަމުން ހިމާޔަތްކޮށްދޭ –2006- ޑރ މުޙައްމަދު ފައިޞަލް އަހުމަދު ، ކަވާސާ.ކޮމް

  

No comments:

Post a Comment