މުހިއްމު ސަފުހާތައް

Thursday, September 28, 2023

ވިޓަމިން ޑީ

ވިޓަމިން ޑީ

ވިޓަމިން ޑީ(vitamin D)  އަކީ ވިޓަމިން އެއް އަދި ހަށިގަނޑުން އުފައްދާ ހޯރމޯން އެކެވެ. ވިޓަމިން ޑީ އަކީ ތެލަށްގިރޭ ވިޓަމިނެކެވެ. މިވިޓަމިން އަށް ކެލްސިފަރޯލް(calciferol) ވެސް ކިޔައި އުޅެއެވެ. މިވިޓަމިން އާންމު ވެފައިވަނީ ވިޓަމިން ޑީ ގެ ނަމުންނެވެ. ވިޓަމިން ޑީ އަކީ ކަށީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކެލްސިއަމް އަދި ފޮސްފަރަސް ހަށިގަނޑަށް ނެގުމާއި، ހަށިގަނޑުގައި އެ ދެމައުދަން ބަހައްޓައިދޭކަމަށް މަޝްހޫރުވެފައިވާ ވިޓަމިނެކެވެ.


ވިޓަމިން ޑީގެ ބާވަތްތައް

ވިޓަމިން ޑީ ގެ 3 ބާވަތް ހުރެއެވެ. އެއީ ވިޓަމިން ޑީ1، ވިޓަމިން ޑީ2، އަދި ވިޓަމިން ޑީ3 އެވެ. މީގެ ތެރެއިން ވިޓަމިން ޑީގެ 3ވަނަ ބާވަތަކީ ހަށިގަނޑުގައި އުފައްދާ ވިޓަމިން ތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އިރުގެ އަލިން އަންނަ އަލްޓްރާ ވައިލެޓް ދޯދި، އިންސާނާގެ ހަންގަނޑަށް އެޅުމުން ވިޓަމިން ޑީ3 އުފައްދައެވެ. އަދި ކާބޯތަކެތީގެ ތެރެއިން ބައެއް ބާވަތްތަކުގައި ވެސް ވިޓަމިން ޑީ3 ހުރެއެވެ. ވިޓަމިން ޑީ2 އުފައްދަނީ ކަމީރުގައި ޖަހާ ފުލަކަށް އަލްޓްރާ ވައިލެޓް އަލި އަޅުވައިގެންނެވެ. ކާބޯތަކެތި މުއްސަދި ކުރަން ބޭނުންކުރަނީ މިބާވަތުގެ ވިޓަމިން ޑީ2 އެވެ. މި ތަފާތު ގޮތަކަށް ލިބުނު ކަމުގައި ވިޔަސް، ހަށިގަނޑު ބޭނުންކުރަނީ އެއް މަސައްކަތެއް ކުރުވުމަށެވެ.

ވިޓަމިން ޑީ ގެ ވަޒީފާ

ވިޓަމިން ޑީ އެންމެ މުހިއްމު ބައެއް ކުޅެނީ ހަށިގަނޑަށް ކެލްސިއަމް ނަގައި ދިނުމަށެވެ. އެހެންކަމުން ހަށިގަނޑުގެ އޮނިގަނޑު ބިނާވަނީ މިވިޓަމިނުގެ އެހީ ވަރަށް ބޮޑަށް ލިބިގެންނެވެ. ހޯރމޯން އެއްގެ ގޮތުގައި މަސައްކަތްކޮށް، ގޮހޮރުގައި އުފެދޭ ވިޓަމިން ޑީ ތައިރޮއިޑްއިން އަދި އެހެން ހޯރމޯން ތައް އުފެއްދުމަށް ވެސް އެހީތެރިވެދެއެވެ. އެހެން ކަމުން ވިޓަމިން ޑީ އަކީވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މުހިއްމު އެއްޗެކެވެ. ވިޓަމިން ޑީ އިން ހަށިގަނޑަށް ލިބޭ ކެލްސިއަމް ގެ ސަބަބުން ދަތްތަކާއި ކަށި ވަރުގަދަ ކޮށްދެއެވެ. ވިޓަމިން ޑީ އަކީ އިއްދައިން ކެނޑުމާއި ގުޅިގެން ކަށިގިރެމުންދާ ބައްޔަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.

ލެބޯޓަރީ ތަހުލީލުތަކުގެ ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިން ޑީ އަކީ ކެންސަރުގެ ސެލްތައް ހެދިބޮޑުވުން ދަށްކޮށްދޭ މާއްދާ އެކެވެ. އިންފެކްޝަން ކުޑަކޮށްދީ، ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ތައް ވެސް ދަށްކޮށް ރަނގަޅުކޮށްދެއެވެ. ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކާއި،ސެލޯށިތަކުގައި ވިޓަމިން ޑީ ބަލައިގަތުމަށް ނޫނީ ލިބިގަތުމަށް ރިސެޕްޓަރު ތައް ހުރެއެވެ. މިއިން ދައްކައިދެނީ ކަށީގެ ދުޅަހެޔޮކަމުގެ އިތުރުން އެހެން ހިސާބުތަކާއި ބައިތަކަށް ވެސް ވިޓަމިން ޑީ ބޭނުންވާ މިންވަރެވެ (ހާވަރޑް.އެޑިޔު، 2023).

މަޞްދަރު

ވިޓަމިން ޑީ އެކުލެވިގެންވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި މަހުން ނަގާ ތެޔޮ، ޚާއްޞަކޮށް ކޮޑްލިވަރ އޮއިލް، ތަރުކާރީ ތެޔޮ، މަހުމޭގަނޑު، ކުކުޅު ބިސް، އަދި ވިޓަމިންޑީ އަޅާ މުއްސަދިކޮށްފައިވާ ކިރު ހިމެނެއެވެ. އިރުގެ އަލިން އަންނަ އަލްޓްރާ ވައިލެޓް ދޯދި، އިންސާނާގެ ހަންގަނޑަށް އެޅުމުން ވިޓަމިން ޑީ3 އުފައްދައެވެ. އަދި ކާބޯތަކެތީގެ ތެރެއިން ބައެއް ބާވަތްތަކުގައި ވެސް ވިޓަމިން ޑީ3 ހުރެއެވެ (ސާލިހު އަދި ވަހީދު، 2014). ނަމަވެސް ކާބޯތަކެތީގެ ތެރެއިން އެކަށޭނަ ވަރަށް ވިޓަމިން ޑީ ހޯދުމަކީ ދަތިކަމަކަށްވާތީ، ގިނަ ފަހަރު ވިޓަމިން ޑީ ހޯދެނީ ގުޅަ ބޭހުގެ ސިފައިގައެވެ (ހާރވަޑް.އެޑިޔު، 2023).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ވިޓަމިން ޑީ ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ބަޓަރު

127.0

ރިތްމަސް

8.6

ގެރިކިރު

97.6

ކަނޑުމަސް

5.8

ބަކަރިކިރު

29.3

ގިތެޔޮ

2.5

ވެންމަސް

10.0

ކުކުޅުބިސް

1.5

ޑިނގާ

9.1

ބިންބި

0.5

ވިޓަމިން ޑީ ގުޅަ ބޭހުގެ ގޮތުގައި ހުންނަނީ ދެވައްތަރެކެވެ. އެއީ ވިޓަމިން ޑީ2 ނުވަތަ "އާރގޯކެލްސިފެރޯލް"(erogocalciferol) އަދި ވިޓަމިން ޑީ3 ނުވަތަ "ކޮލެކެލްސިފެރޯލް"(cholecalciferol) އެވެ. މި ދެވައްތަރަކީ ވެސް ތަބީއީ ގޮތުން ވެސް އުފެދޭ ދެވައްތަރެވެ. އެގޮތުން ވިޓަމިން ޑީ2 ގަސްގަހާ ގެހިން އަދި ފަންގަސް އިން ލިބޭއިރު، ވިޓަމިން ޑީ3 އުފައްދަނީ ޖަނަވާރުންނާއި، އިންސާނާގެ ހަށިގަނޑުގައެވެ. ވިޓަމިން ޑީ ގެ ތަބީޢީ އަސާސީ މަޞްދަރަކީ އިރުގެ އައްޔަށް ހުށަހެޅުމުން ހަމުގައި އުފެދޭ ވިޓަމިން ޑީ އެވެ. ނަމަވެސް އިރުގެ އަލިކަން ނުލިބޭ، ނޫނީ ދުވާލުގެ ގިނަވަގުތު ގޭތެރޭގައި ނޫނީ ހިޔަލުގައި ހޭދަކުރާ މީހުން، އަދި އަހަރުގެ ގިނަ ދުވަސްތައް ފިނިމޫސުމުގައި ހޭދަކުރާ ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ހަށިގަނޑުގައި ނިސްބަތުން ވިޓަމިން ޑީ މަދެވެ.  މީގެ އިތުރުން ހަމުގެ ކުލަ އަނދިރި، ނޫނީ ކަޅު މީހުންގެ ހަށިގަނޑުގައި ވެސް ވިޓަމިން ޑީ ގެ މިންވަރު ދަށްވެއެވެ. މިގޮތަށް ދިމާވަނީ ކަޅުމީހުންގެ ހަމުގައި ހުންނަ ޕިގްމެންޓް (މެލަނިން) "ހިޔާ"ގެ ގޮތުގައި ހަރަކާތްތެރިވެ، ވިޓަމިން ޑީ އުފެއްދުން ދަށްކުރެއެވެ. ހަމައެއާއެކު އިރުގެ އަލިން ހަމަށް ލިބޭ ގެއްލުން ވެސް ކަޅު މީހުންނަށް ކުޑަވާކަން ފާހަގަ ކުރެވެއެވެ (ހާރވަޑް.އެޑިޔު، 2023).

ހަށިގަނޑުގައި ވިޓަމިން ޑީ

އިރުގެ އަލިން، ކާބޯތަކެތިން އަދި ގުޅަ ބޭހުގެ ސިފައިގައި ވިޓަމިން ޑީ އިންސާނާގެ ހަށިގަނޑަށް އެތެރެވުމުން އޭގެ ބޭނުން ހަށިގަނޑުގައި ހިފުމަށް ހައިޑްރޮކްސީލޭޝަން(hydroxylation) ދެފަހަރަށް ހިނގައެވެ. ފުރަތަމަ ހައިޑްރޮކްސީލޭޝަން ހިނގަނީ ފުރަމޭގައެވެ. ފުރަމޭގައި ވިޓަމިން ޑީ "25-ހައިޑްރޮކްސީވިޓަމިން ޑީ"(25-hydroxyvitamin D) އަށް ބަދަލުވެއެވެ. މިހާލަތުގައި ވިމިޓަމިން ޑީ އަށް ކިޔަނީ "ކެލްސިޑިއޯލް"(calcidiol) އެވެ. ދެވަނަ ހައިޑްރޮކްސީލޭޝަން ހިނގަނީ ގުރުދާ ގައެވެ. އަދި އުފެދެނީ "1،25 ޑައިހައިޑްރޮކްސީ ވިޓަމިން ޑީ"(1,25-dihydroxyvitamin D) އެވެ. މިހާލަތުގައި ވިމިޓަމިން ޑީ އަށް ކިޔަނީ "ކެލްސިޓްރިއޯލް"(calcitriol) އެވެ (އެންއައިއެޗް، 2021).

ވިޓަމިން ޑީ އަކީ ގޮހޮރުން ހަށިގަނޑަށް ކެލްސިއަމް ނެގުން ހަލުވިކޮށްދޭ އެއްޗެކެވެ. ކެލްސިއަމް އާއި ފޮސްފަރަސްގެ މިންވަރު ލޭގައި އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އެކަމުގެ ސަބަބުން ކަށީގައި ހުންނަންޖެހޭ މިންވަރަށް މި ދެމައުދަން ހިފަހައްޓައިދީ، ކެލްސިއަމް ދަށްވެގެން ޓެޓަނީ (ޓެޓަނީ އަކީ ބޭއިޚްތިޔާރުގައި މަސްތައް ކުރުގެޅި އަކުނިވަޔަށްދެމުމެވެ) ކުރިމަތިވުމުން ރައްކާތެރިކޮށް ދުރުކޮށްދެއެވެ. ކަށިތަކުގެ ހެދިބޮޑުވުމަށާއި، ކަށީގެ ސެލްތައް އާކޮށް ރިމޮޑެލް ކުރުމަށް ވެސް ވިޓަމިން ޑީ އެހީތެރިވެދެއެވެ. ވިޓަމިން ޑީ އެކަށޭނަ ވަރަށް ހުރުމަކީ ކުޑަކުދިން ރިކެޓްސް އިން ރައްކާތެރިކޮށްދީ، ބޮޑެތި މީހުން އޮސްޓިއޯމެލާސިއާ އިން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ކެލްސިއަމް އާއި ވިޓަމިން ޑީ ބައިވެރިވެގެން ދުވަސްވުމުން ދިމާވާ ކަށިފީވުމުން ރައްކާތެރިކޮށްދެއެވެ.    

ކެއުމަށް ލަފާދޭ މިންވަރު

ކަނޑައެޅިފައިވާ ވިޓަމިން ޑީ ގެ ކެލަމިން ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް މިހާރު ބަލަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ދުވާލަކު 5 މައިކްރޯގްރާމް އެވެ.އެހެން ނަމަވެސް މިވިޓަމިން މަދުވެދާނެ ކަމަށް ލަފާކުރެވޭނަމަ ދުވާލަކު 25 މައިކްރޯގްރާމް ކެއުން މުސްކުޅިންނަށް ރަނގަޅުވާނެއެވެ (ސާލިހު އަދި ވަހީދު، 2014). ނަމަވެސް މާބަނޑު އަންހެނުންނާއި، ކުޑަކުދިންނަށް ދުވަހެއްގެ މައްޗަށް، 10 މައިކްރޯގްރާމްގެ ވިޓަމިން ޑީ ލިބޭ ކާނާ ބޭނުންކުރުމަށް ލަފާދެއެވެ (ސާލިހު އަދި ވަހީދު، 2014).  

 

ފަހުގެ ހޯދުންތަކުގައި ކެއުމުގައި ވިޓަމިން ޑީ ލިބިދޭންޖެހޭ މިންވަރުތައް  އުމުރު ފުރާ އަށް ރިއާޔަތްކޮށްގެން ބަޔާންކޮށްފައިވާގޮތް ތިރީގައި މިވަނީ އެވެ.

އުމުރު

ފިރިހެން : mcg އިން

އަންހެން: mcg  އިން

12-0 މަހާއި ދެމެދު

10mcg

10mcg

13-1 އަހަރާއި ދެމެދު

15mcg

15mcg

18-14 އަހަރާއި ދެމެދު

15mcg

15mcg

19-50 އަހަރާއި ދެމެދު

15mcg

15mcg

50-70 އަހަރާއި ދެމެދު

15mcg

15mcg

70 އަހަރުން މަތި

20mcg

20mcg

މާބަނޑު އަންހެނާ

-

15mcg

ގާތުންދޭ މައިން

-

15mcg

ރައްކާތެރި މަމިން

ހަށިގަނޑަށް ވިޓަމިން ޑީ ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު 50 މައިކްރޯގްރާމް އެވެ. ވިޓަމިން ޑީ ގެ ވިހަވާވަރެއް ހުރިހާ އުމުރުފުރާއަކަށް ހޯދިފައެއް ނެތެވެ (ފޮތް ލިޔުމަށް މައުލޫމާތު ހޯދުމާއި ހަމައަށް، ސާލިހު އަދި ވަހީދު، 2014). ކުޑަކުދިން ކެލަމިންގެ 5 ގުނައަށްވުރެ އިތުރަށް ނުކެއުމަށް އެމެރިކާގެ މުއްތިދާރުން ނުވަތަ މުއްތިދާރުންގެ އަށީގައި ހިމެނޭ މާހިރުން ލަފާދީފައި ވެއެވެ.

އިރުގެ އަލި އަދި ވިޓަމިން ޑީ

ހަމަށް އިރުގެ އަލި އެޅުމުން ވިޓަމިން ޑީ 3 އުފެދެއެވެ. ވިޓަމިން ޑީ3 ހަމުގައި އުފެދެނީ ހަމުގައި "ކެމިކަލް ރިއެކްޝަން" އެއް ހިނގައިގެންނެވެ. މިރިއެކްޝަން ހަންގަނޑުގައި ހިނގަނީ އިރުގެ އަލީގެ ދޯދިތަކުން ހަމުގައި ހުންނަ ސްޓީރޮއިޑް "7-ޑިހައިޑްރޯކޮލެސްޓްރޯލް"(7-dehydrocholesterol) ހަލާކުވެ ބައިކޮށްލުމުންނެވެ. އިރުގެ އަލި ލިބުމަށް ހުރަސްއަޅާ ހާލަތްތަކުގެ ސަބަބުން ހަށިގަނޑަށް ވިޓަމިން ޑީ ނެގުމަށް ހުރަސްއަޅައެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ހާލަތްތައް ހިމެނެއެވެ.

·         ސަންސްކްރީން ބޭނުންކުރުން

·         މުޅިގައި ނިވާވާގޮތަށް ހެދުން އެޅުން

·         ބޭރު ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުން މަދުވުން

·         ހަންގަނޑު ކަޅުވުން

·         އުމުރުން ދުވަސްވުން

·         ފިނި ހިސާބުތަކުގައި ދިރިއުޅުން

ވިޓަމިން ޑީ މަދުވުން

ހަށިގަނޑުން ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކީ ޅަކުދިންގެ ކަށިމަޑުވުން، ބޮޑެތި މީހުންގެ ގައިގައި ރިއްސާ ކަށިބަލިވުން، ނުވަތަ މުރަނަވުން ފަދަ ގޮތްތައް ދިމާވުމެވެ. މިގޮތުން އޮސްޓިއޯ މަލަސިއާ(osteomalacia)  ކިޔާ ބައްޔެއް ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ވިޓަމިން މަދުވުމުން ދިމާވެދާނެ އަނެއް ބައްޔަކީ "ރިކެޓްސް"(rickets) އެވެ ރިކެޓްސް އަކީ ތުއްތު ކުދިންނާއި، ކުޑަކުދިންގެ ކަށިތައް ހަރުވުން ފޭލްވެ، އައިބުތައް މެދުވެރިކުރުވާ ހާލަތެކެވެ (ހާރވަޑް.އެޑިޔު، 2023). ވިޓަމިން ޑީ މަދުވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ގައިގައި ރިހުން، ކަރުތެރެހިކުން، ތަލައިން ގިނައިން ދާހިއްލުން، އަދި ދުރުނުފެނުން ހިމެނެއެވެ. އަދި ހިތުގެ ބަލިތައް ޖެހުމާއި، ކުޑަކުދިންނަށް ނޭވާހިއްލާގޮތްވުން ފަދަ ކަންތައްތައް ދިމާވާކަން ވެސް ފާހަގަ ކުރެވެއެވެ (ސާލިހު އަދި ވަހީދު، 2014).

މީގެ އިތުރުން އާންމު ގޮތެއްގައި ވިޓަމިން ޑީ މަދުވުމުން ރާއްޖޭ ބައްޔޭ ކިޔާ ކަށިތައް އައިބުވާ ބަލި (ރޫމަޓޮއިޑް އާތުރައިޓިސް) ޖޭހޭގޮތް ދިމާވެއެވެ. މިހާރު ގެރިކިރަށް ވިޓަމިން ޑީ އަޅާ މުއްސަދި ކުރާތީ ވިޓަމިން މަދުވެގެން މިދެންނެވި ބަލި ރޫމަޓޮއިޑް އާތުރައިޓިސް ކުރިމަތިވުމަކީ ނާދިރު ކަމެކެވެ. ހަމައެކަނި ގާތުންކިރުދޭ ކުދިން ހެދުނު އަތްވަށް ނުނެރޭނަމަ، އެކުދިންގެ ގައިގައި ވިޓަމިން ޑީ ހުންނަންޖެހޭ ވަރަށްވުރެ މާމަދުކަމުގައި ދައްކައެވެ. އިރުއުދަރެހުން ފާއްދާލާއިރު ދޭ އަތްވަށް ދިވެހިން ބޭސް އަތްވޭ ކިޔައެވެ. އަދި މިގޮތަށް ކިޔަނީ އެކަމުން ކުދިންނަށް ފައިދާވާކަމަށް އެނގިފައިވާތީ އެވެ. ހަމައެކަނި ކައިރިން ކިރުދޭނަމަ، ތުއްތު ދަރިފުޅަށް ބަކުން ކައްކާއިރު، ވިޓަމިން ޑީ މީޒާންކުރުމަށް ތެޔޮފޮދެއް އަޅަންވާނެއެވެ. ވިޓަމިން ޑީ އަކީ އިއްދައިން ކެނޑުމާއި ގުޅިގެން ކަށިގިރެމުންދާ ބައްޔަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2014).

ވިޓަމިން ޑީ މަދުވުމަށް މެދުވެރިވެދާނެ ސަބަބުތައް

ވިޓަމިން ޑީ މަދުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކާބޯތަކެތިން ވިޓަމިން ޑީ ލިބުން މަދުވުން، ހަށިގަނޑަށް ވިޓަމިން ޑީ ނުނެގުން، ގިރިބިން ކުރުމުގެ ބޭނުމަށް ގިނަ އަދަދަކަށް ވިޓަމިން ޑީ ބޭނުންވުން ، އަދި އިރުގެ އައްޔަށް ހުށަނޭޅުން ފަދަ ކަންތައްތައް ހިމެނެއެވެ. އިރުގެ އަލިކަން ނުލިބޭ، ނޫނީ ދުވާލުގެ ގިނަވަގުތު ގޭތެރޭގައި ނޫނީ ހިޔަލުގައި ހޭދަކުރާ މީހުން، އަދި އަހަރުގެ ގިނަ ދުވަސްތައް ފިނިމޫސުމުގައި ހޭދަކުރާ ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ހަށިގަނޑުގައި ނިސްބަތުން ވިޓަމިން ޑީ މަދެވެ.  މީގެ އިތުރުން ހަމުގެ ކުލަ އަނދިރި، ނޫނީ ކަޅު މީހުންގެ ހަށިގަނޑުގައި ވެސް ވިޓަމިން ޑީ ގެ މިންވަރު ދަށްވެއެވެ. މިގޮތަށް ދިމާވަނީ ކަޅުމީހުންގެ ހަމުގައި ހުންނަ ޕިގްމެންޓް (މެލަނިން) "ހިޔާ"(shade)ގެ ގޮތުގައި ހަރަކާތްތެރިވެ، ވިޓަމިން ޑީ އުފެއްދުން ދަށްކުރެއެވެ. ހަމައެއާއެކު އިރުގެ އަލިން ހަމަށް ލިބޭ ގެއްލުން ވެސް ކަޅު މީހުންނަށް ކުޑަވާކަން ފާހަގަ ކުރެވެއެވެ (ހާރވަޑް.އެޑިޔު، 2023).

ވިޓަމިން ޑީ މަދުވުމުގެ ހިރާސް އިތުރުކުރާ ފަރާތްތައް

·         އަލްސަރޭޓިވް ކޮލައިޓިސް، ކްރޯންސް ބަލި ފަދަ ކްރޯނިކް އިންފްލެމޭޓަރީ ޑިޒީޒް ހުންނަ މީހުން : ފެޓް ހަށިގަނޑަށް ނުނެގުން – ވިޓަމިން ޑީ އަކީ ތެލަށްގިރޭ ވިޓަމިނެކެވެ. އެހެންކަމުން ނެގުން ބަރޯސާވަނީ ހަށިގަނޑަށް ފެޓް ނަގައިދޭ ދިނުމަށެވެ.

·         ގެސްޓްރިކް ބައިޕާސް ސާޖަރީ ހަދާފައިވާ މީހުން : ވިޓަމިން ޑީ ހަށިގަނޑަށް ނަގާ ހިސާބު ނުވަތަ ކުޑަގޮހޮރުގެ މަތީބައި އޮޕަރޭޝަންކޮށްގެން ނެގުން

·         މާބޮޑަށް ހަށިގަނޑު ބަރުހެލިކޮށް ފަލަކޮށް ތިބޭ މީހުން : ގިނަވެފައި ހުންނަ ސަރުބީ ގައި ވިޓަމިން ޑީ ހަރުލައެވެ. އަދި ހަށިގަނޑުގެ އޭގެ ބޭނުން ހިފަން އުދަނގޫތަކާ ކުރިމަތިވެއެވެ.

ވިޓަމިން ޑީ ގިނަވުން

ވިޓަމިން ޑީ އަކީ ކޮށާރު ކުރެވޭ އެއްޗަކަށްވާތީ އިތުރުވާގޮތް ވެދާނެ އެވެ. މިމާގިނައިން ކެއުމުން ނޫނީ ހަށިގަނޑުގައި ވިޓަމިން ޑީ ގިނަވުމުން ލޭގައި ކެލްސިއަމް ގިނަވެ، އޭގެ ސަބަބުން ލޮލުން ފެންއައުން، ގައިކެހުން، އަދި ހޮނޑުލެވުން ފަދަ ކަންތައް ދިމާވެއެވެ. ހަށިގަނޑުގައި ވިޓަމިން ޑީ ގިނަވެއްޖެނަމަ ހޮޑުލަވާގޮތްވުން ނުވަތަ މޭނުބައިކުރުން، ވަރުދެރަވުން އަދި ހަނުހުރުމަށް އުދަނގޫވުން ފަދަ ކަންތައްތައް ދިމާވެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ވިޓަމިން ޑީ ހަށިގަނޑުގައި ގިނަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކާހިތްނުވުން، ބަރުދަން ލުއިވުން، ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން އަދި ލޭގައި ކެލްސިއަމް ގިނަވެ، އެކަމުގެ ސަބަބުން ލޭހޮޅިތައް ހަރުއަރައި، ހިތާއި ގުރުދާއަށް ގެއްލުންވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/vitamin-d/

·         https://ods.od.nih.gov/factsheets/VitaminD-HealthProfessional/

 

  

No comments:

Post a Comment