ވިޓަމިން
އީ
ވިޓަމިން އީ(vitamin E) އަކީ ސަރުބީއަށް ގިރޭ ވިޓަމިނެކެވެ. ވިޓަމިން އީ ހޯދުނީ 1920 ވަނަ އަހަރު ސަރުބީގައި ހިމެނޭ މިބާވަތް ނުލާ މީދަލަށް ކާންދިނުމުން ދަރިން އުފެދޭގޮތް ނުވުމުންނެވެ. ނުވަތަ ދަރިމައިނުވާކަން ސާބިތު ކުރެވުމުންނެވެ. މިވިޓަމިނަށް ދީފައިވާ ނަމަކީ '''ޓޮކޮފީރޯލް'''(Tocopherol) އެވެ. ގްރީކް ބަހުން މީގެ މާނައަކީ '''ދަރިފަސްކޮޅެއް ނެތުން''' އެވެ. ނުވަތަ "ދަރިން ވިހާ ބަނގުރާ" އެވެ. އެއީ މިވިޓަމިން މަދުވެއްޖެނަމަ މާބަނޑު މީހުން ނުވަތަ މާގަމައިން ބައިގެންދާގޮތް ވުމާއި، ފިރިހެނުންގެ އުރަވަޅީގެ އޮށް ކުޑަވާތީ އެވެ (ސާލިހު ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ޓޮކޮފީރޯލްގެ
އަށް ވައްތަރު ހުރެއެވެ. އޭގެ ތެރެއިން އިންސާނުންނަށް ގިރިބިން ކުރެވެނީ ތަބައީ
ގޮތުން އުފެދިފައިވާ އަލްފާ ޓޮކޮފީރޯލް އެކަންޏެވެ. އެހެންކަމުން އެހެން
ވައްތަރުގެ ޓޮކޯފީރޯލްތައް ކީމިޔާވީ ގޮތުން ބަދަލު ގެނެސްގެން ވިޓަމިން އީ ހުންނަ
ބޭސްތައް އުފައްދައެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން
އީ ގެ ވަޒީފާ
ވިޓަމިން
އީ އަކީ ވެސް އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. ނުވަތަ
ލޭނާރުތަކުގައި ސަރުބީ ހަރުލިޔަ ނުދޭން ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން
ދިރުތައް އުފެދެމުންދާއިރު، ދިމާވާ ނޭއްގާނީ ކަންތައްތަކުން ރައްކާތެރިކޮށްދީ،
ކެންސަރު އަދި ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދޭ އެއްޗެއްވެސް މެއެވެ.
އަދި މިއީ އަންހެންކުދިން ފުރާވަރަށް އަޅާ ދުވަސްވަރާއި، އަންހެނުން އިއްދައިން
ކެނޑޭ ދުވަސްވަރު ޚާއްޞަކޮށް އިތުރަށް ބޭނުންވާ ވިޓަމިނެކެވެ. އަދި އުމުރުން
ދުވަސްވަމުންދާއިރު މުސްކުޅިވުން ލަސްކޮށްދޭ ވިޓަމިނެކެވެ. އަދި ލޭހޮޅިތަކުގެ
ތެރޭގައި ސަރުބީ ގަނޑުގަތުން ލަސްކޮށްދީ، ހިތުގެ ބަލިތަކާއި، ލޭނާރުތަކުގެ
ބަލިތައް ޚާއްޞަކޮށް ސިކުނޑީގެ ނާރުތައް ހީނަރުވިޔަ ނުދިނުމަށް އެހީތެރިވެދޭ
އެއްޗެއް ވެސް މެއެވެ. ހަމަމިއާއެކު މުހިއްމު ފެޓީ އެސިޑް ތަކާއި، ވިޓަމިން އޭ
ހިމާޔަތްކޮށް ދިނުމަށް ވެސް ބޭނުންވާ ވިޓަމިނެކެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން
އީ ފެނުނުތާ ކައިރީގައި މިއީ ވަރަށް ގިނަ ކަންތައްތަކަށް ފަރުވާއެއް ކަމުގައި
ބެލެވުނެވެ. އޭގެ ތެރޭގައި ފުރަހަ ރަނގަޅުކުރުން، ކުޅިވަރު ދަނޑުގައި
ކާމިޔާބުހޯދުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަން
ދެމެހެއްޓުމަށް މުހިއްމު ވިޓަމިނެއްކަން މިހާރުވަނީ ކަށަވަރު ކުރެވިފައެވެ (ސާލިހު
އަދި ވަހީދު، 2014).
ވިޓަމިން
އީ އަކީ ދަރިން ނުލިބުމަށާއި، ލޮލަށް ފުސްއެރުމާއި، ނޭވާހިއްލުމާއި، ހަމުގެ
އެކިއެކި ބަލިތަކަށް ބޭހެއްގެ ގޮތުގައި ވެސް ދީއުޅޭ ވިޓަމިން އެކެވެ. އަދި
ހަކުރުބަލީގެ މީހުންނަށާއި، ކެންސަރު ބަލީގައި އުޅޭ މީހުންނަށް ވެސް ފަރުވާ
ދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. މައްސަރު ދުވަސްވަރުގެ ތަދާއި އުދަނގޫތަކުން
ރައްކާތެރިވުމުގެ ގޮތުން ލޭފެނުމުގެ 2 ދުވަސްކުރިންނާއި، ލޭފައިބާތާ ފުރަތަމަ 3
ދުވަހު 500 އައިޔޫ ގެ ވިޓަމިން އީ އަންހެނުންނަށް ދީއުޅެއެވެ (ސާލިހު އަދި ވަހީދު،
2014).
ދިރާސާއަކުން
ހާމަވިގޮތުގައި 2 އަހަރު ދުވަސް ވަންދެން ވިޓަމިން އީ ގުޅަ ބޭހުގެ ގޮތުގައި
ބޭނުންކުރި މީހުންނަށް އެކަން އެގޮތަށް ނުކުރި މީހުންނަށް 40-20% ހިތުގެ
ބަލިޖެހުމުގެ ފުރުޞަތު ދަށްވެގެން ދިޔައެވެ (ހާރވަޑް.އެޑިޔު،
2023). ފިންލޭންޑްގައި ހެދި ދިރާސާއަކުން އެނގިފައިވާގޮތުގައި ވިޓަމިން އީ
އާންމުކޮށް ބޭނުންކުރި މީހުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގައި މަރުވާ މިންވަރު
މަދުވުމާއި ގުޅުން އޮތެވެ (އެންއައިއެޗް، 2021).
ކެއުމަށް
ލަފާދޭ މިންވަރު
ވިޓަމިން
އީ ގެ ކެލަމިން (ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) ކަމަށް ބަލަނީ
ފިރިހެނަނަކަށް 10 މިލިގްރާމް އަލްފާ ޓީއީ (ޓޮކޮފީރޯލް އީކްވަލެންޓް) އާއި،
އަންހެނަކަށް 8 މިލިގްރާމް އަލްފާ ޓީއީ އެވެ (ސާލިހު އަދި ވަހީދު، 2003). ވިޓަމިން
އީ ގެ ކެލަމިން ކަމަށް ބަލަނީ 13-9 އަހަރާއި ދެމެދުގެ ކުޑަކުއްޖަކަށް ދުވާލަކަށް
11 މިލިގްރާމް އެވެ. 14 އަހަރުން މަތީގެ ކުދިންނާއި، އަދި ބޮޑުމީހަކަށް 15
މިލިގްރާމް އެވެ. އެއީ އަލްފާ ޓީއީ (އޭ-ޓޮކޯފީރޯލް އީކުއިވަލެންޓް) ނުވަތަ 22.4
އައިޔޫ އެވެ. ނުވަތަ ޑީއެލް ޓޮކޯފީރޯލްގެ 33 އައިޔޫ އެވެ.
އުމުރު |
ފިރިހެން : mg އިން |
އަންހެން: mg އިން |
6-0 މަހާއި ދެމެދު |
4mg |
4mg |
12-7 މަހާއި ދެމެދު |
5mg |
5mg |
3-1 އަހަރާއި ދެމެދު |
6mg |
6mg |
8 - 4 އަހަރާއި ދެމެދު |
7mg |
7mg |
13 - 9 އަހަރާއި ދެމެދު |
11mg |
11mg |
18 - 14 އަހަރާއި ދެމެދު |
15mg |
15mg |
މާބަނޑު އަންހެނާ |
- |
15mg |
ގާތުންދޭ މައިން |
- |
19mg |
މަސްދަރު
ވިޓަމިން
އީ އަކީ ވަރަށް ގިނަ ވައްތަރުގެ ކާނާގައި ހުންނަ ބާވަތެކެވެ. ވިޓަމިން އީ ބޭހެއްގެ
ގޮތުގައި ކެއުމަށް ވުރެ ރަނގަޅީ ވިޓަމިން އީ އެކުލެވޭ ކާބޯތަކެތި ގިނައިން
ކެއުމެވެ. ވިޓަމިން އީ އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި އެވަކާޑޯ، ސަންފްލާވަރ
ތެޔޮ، އެކިވައްތަރުގެ މަދު، އެއްގަމުސް މަސް، ކުކުޅު ބިސް، ގޮވާމުގެ ތެރެއިން
ގޮދަން އަދި ފެހިކުލަ ގަދަ ފަތާއި ބައެއް ތަރުކާރީ ހިމެނެއެވެ. ތަރުކާރީ ތެލަކީ
ފަސޭހައިން މިބާވަތް ލިބިދޭ އެއްޗެކެވެ. ވިޓަމިން އީ ބޭހެއްގެ ގޮތުގައި
ކެއުމަށްވުރެ ރަގަޅީ ވިޓަމިން އީ އެކުލެވޭ ކާނާ އާއި މޭވާ ތަރުކާރީ ގިނައިން
ކެއުމެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ވެސް ވިޓަމިން އީ ހުންނަ
ބާވަތްތަކުގެ ތެރޭގައި ބަރަބޯއޮށް، ސަންފްލާވަރ އޮށް، ސަތާވަރީ، އަނބު، ބޯވެލިފަތް،
ޕީނަޓް، ޕީނަޓް ބަޓަރު، އަދި އާމަންޑް ފަދަ ބާވަތްތައް ހިމެނެއެވެ
(ހާވަރޑް.އެޑިޔު، 2023).
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ވިޓަމިން އީ ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
ސަންފްލާވަރތެޔޮ |
41.1 |
ކުކުޅުބިހުގެ ގޮބޮޅި |
2.6 |
ބަދަންމަދު |
24.6 |
ބޯވެލިފޮތް |
2.7 |
ކެށޫމަދު |
11.0 |
އިހި |
2.2 |
ބިންމަދު |
7.8 |
ފަރުމަސް |
1.1 |
ޕީނަޓް ބަޓަރު |
6.3 |
ބޯވަ |
1.0 |
ވިޓަމިން
އީ ގިނަވުން
ވިޓަމިން
އީ ހަށިގަނޑަށް ތަހައްމަލުކުރެވޭ ގިނަ މިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ
ދުވާލަކު 1000 މިލިގްރާމް ނުވަތަ 1500 އައިޔޫ އަލްފާ ޓޮކޯފީރޯލް އެވެ. ވިޓަމިން އީ
އަކީ ގިނައިން ބޭނުންކުރުމުން ވެސް ހަށިގަނޑަށް ގެއްލުންވާ އެއްޗެއް ނޫނެވެ.
ނަމަވެސް މާގިނައިން ބޭނުންކުރުމުން ބޭރަށް ހިންގައި ބަނޑުގައި ރިއްސައި، ބޮލުގައި
ރިއްސުން ފަދަ ގޮތްތައް މެދުވެރިވެދާނެއެވެ. ދިރާސާއެއްގައި 10 ހާސް މީހުންނަށް 11
އަހަރު ވަންދެން ދުވާލަކު 200 އައިޔޫ އާއި 3000 އައިޔޫ ކާންދިނުމުން ފެނުނު ނަތީޖާ
އަކީ މިއީ އެވެ. މިކަން މިހެން އޮތަސް ދުވާލަކު 400 އައިޔޫ އަށްވުރެ ގިނައިން
ވިޓަމިން އީ ބޭހެއްގެ ގޮތުގައި ނުވަތަ އިތުރުކާނާއެއްގެ ގޮތުގައި ކެއުން ރަނގަޅެއް
ނޫނެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން
އީ މަދުވުން
ވިޓަމިން
އީ މަދުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާނެ ކަމެއް ނޫނެވެ. ހަޖަމުކުރުމުގެ
މައްސަލައެއް ހުންނަ މީހުން ނޫނީ ސަރުބީ ހަށިގަނޑަށް ނެގުމުގައި މައްސަލަތައް
ހުންނަ މީހުން މިސާލަކަށް ޗިސްމޭދުޅަވުން، ސިސްޓިކް ފައިބްރޯސިސް، އަދި ސިލިއެކް
ޑިޒީޒް ފަދަ ބަލިތައް ހުންނަ މީހުންނަށް ވިޓަމިން އީ މަދުވުން ކުރިމަތިވުމަކީ ގާތް
ކަމެކެވެ. ވިޓަމިން އީ މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ
އަލިދުއްޔަށް ގެއްލުންވެ، ލޮލުގެ ފެނުމަށް އަސަރުކުރުވުން، އަތްފައިގެ ނާރުތަކަށް
ގެއްލުންވެ، އަތްފައި އައްސިވެ، ރިހުން، ހަށިގަނޑުގެ ހަރަކާތްތައް
ކޮންޓްރޯލްނުކުރެވުން ނުވަތަ އެޓެކްސިއާ ކުރިމަތިވުން އަދި ހަށިގަނޑުގެ ދިފާޢީ
ބާރު ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).
ވިޓަމިން
އީ މިންކުރުން
ވިޓަމިން
އީ ދެގޮތަކަށް މިނާތީ އޮޅުން އަރާގޮތް ވެއެވެ. ވިޓަމިން އީ ގެ އައިޔޫ އަކީ 0.67
މިލިގްރާމް ޑީ-އަލްފާ ޓޮކޯފީރޯލް ނުވަތަ 0.45 މިލިގްރާމް ޑީއެލް-އަލްފާ ޓޮކޯފީރޯލް
އެސެޓޭޓް އެވެ. ފަހުން މިބުނި ވައްތަރަކީ 8 ވައްތަރު އެކުވެގެން ހެދިފައިވާ
މަސްނޫޢީ މަޒީޖެއް ނުވަތަ މިކްސްޗަރ އެކެވެ. މަޒީޖުގައި އެކުލެވިފައިވާ ބައިތަކުން
ހަށިގަނޑަށް ލިބޭވަރު ބަލާފައި ވަޒަންކުރަނީ އެވެ. ވިޓަމިން އީ ގެ އައިޔޫ އަދި
ވިޓަމިން އޭ ގެ އައިޔޫ އާއި ވަޒަނެއްގެ ގޮތުގައި ބަލާނަމަ މިއީ އަޅާކިޔޭނެ
ދެއެއްޗެއް ނޫނެވެ (ސާލިހު އަދި ވަހީދު، 2014).
ހޭލުންތެރި
ފޯރުންތެރި ވިލާތުގެ ގައުމުތަކުގައި ވިޓަމިން ސީ އަށްފަހު އެންމެ ގިނައިން
އިތުރުކާނާގެ ގޮތުގައި ވިކޭ ވިޓަމިން އަކީ ވިޓަމިން އީ ހުންނަ ބާވަތްތަކެވެ. ވިޓަމިން
އީ ބޭނުންކުރާ ދުވަސްވަރު އެންޓިކޯގްލެންޓް ބޭހެއް ބޭނުން ކުރުން ރަގަޅެއް ނޫނެވެ.
ވީމާ ލޭމައްޗަށްދިއުން ހުންނަ މީހުން، ހިތުގެ ބަލި ތައް ޖެހިފައިވާ މީހުން، އަދި
ތައިރޮއިޑް ފަދަ ބަލި ތައް ހުންނަމީހުން މިވިޓަމިން ބޭހެއްގެ ގޮތުގައި
ބޭނުންކުރާނަމަ ވަރަށް ބޮޑަށް ބަލަންޖެހޭނެއެވެ (ސާލިހު އަދި ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/vitamin-e/
·
https://ods.od.nih.gov/factsheets/VitaminE-HealthProfessional/
No comments:
Post a Comment