ލޭގެ
ކެންސަރުގެ ތެރެއިން - ލިޔުކީމިޔާ
ލިޔުކީމިޔާ އަކީ ކަށީގެ މަދަށްޖެހޭ ކެންސަރު އެވެ. ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލިޔުކީމިޔާ އަކީ ލޭ އުފައްދާ ސެލްތަކަށް ޖެހޭ ކެންސަރެވެ. ލިޔުކީމިޔާގައި ކަށީގެ މަދުން އާދަޔާ ޚިލާފަށް ގިނައިން ލޭގެ ހުދު ސެލްތައް އުފައްދައެވެ. އަދި ލޭގެ ރަތްސެލް ތަކާއި، ޕްލޭޓްލިޓް، ހުދުސެލްތައް އަދި ޕްލޭޓްލިޓް ސެލްތަކަށްވުރެ ގިނައިން މިފަދަ އުނި ސެލްތައް އުފެދި، އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭގެ އަސްލު މަސައްކަތަށް ހުރަސް އަޅައެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހިދާނެ ކެންސަރެކެވެ.
ލޭގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.ލިޔުކީމިޔާ ޖެހިއްޖެނަމަ ބައެއް ފަހަރު ބަލީގެ މުއްދަތު ވަރަށް ކުރުވެ، މަރާ ކުރިމަތިލާން ޖެހެއެވެ. އަދި އަނެއްބައި ފަހަރު އެކަށީގެންވާ ދިގުމުއްދަތެއް ބަލީގައި ހޭދަކުރަން ޖެހެއެވެ. ބަލީގެ މުއްދަތުގެ ދިގުކުރުމިން ބިނާވެފައި އޮންނަނީ ބަލީގެ ސީރިއަސްކަން ހުރި ނިސްބަތެއްގެ މައްޗަށާއި، ބަލިޖެހިފައިވާ ލޭގެ ހުދު ސެލްގެ ބާވަތުގެ މައްޗަށެވެ.
ލޭގެ ތެރޭގައި ހިމެނޭ ލޭގެ ހުދު ސެލް ހަރަކާތްތެރިވަނީ ބަލިބަލިން ހަށިގަނޑު ދިފާޢުކޮށް ދިނުމުގައެވެ. ލޭގެ ހުދު ސެލްގެ ވަރަށް ގިނަ ބާވަތްތައް ލޭގެތެރޭގައި ހިމެނެއެވެ. ކުޑަކުދިންނަށް ގިނައިން ޖެހޭ ލިޔުކީމިޔާއަށް ކިޔަނީ އެކިއުޓް ލިމްފޯބްލާސްޓިކް ލިޔުކީމިޔާ އެވެ. މިއީ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ލިމްފޮސައިޓް އަށް ޖެހޭ ކެންސަރެކެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ 3/1 އަކީ މިބާވަތުގެ ކެންސަރެވެ. މިއީ އުމުރުން 7-2 އަހަރާއި ދެމެދުގެ ކުދީންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. އުމުރުން 15 ވުމަށްފަހު މިބާވަތުގެ ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
ލިޔުކީމިޔާ
ޖެހުމަށް މެދުވެރިވާ ސަބަބުތައް
ލޭގެ ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބެލެވިފައިވާގޮތުގައި ލޭގެ ކެންސަރު ޖެހެނީ ވާރުތީ ސަބަބު ތަކާއި، މާހައުލީ ސަބަބުތައް އެކުވެގެންނެވެ. އެގޮތުން ލޭގެ ކެންސަރު ޖެހޭ ސަބަބެއް ކަމަށް ބެލެވެނީ ލޭގެ ސެލްތަކުގެ ވާރުތީ ސާމާރު ނުވަތަ ޑީއެންއޭ އަށް ބަދަލު އައުމެވެ. ސެލްގެ ޑީއެންއޭ އަކީ އަމަލުކުރަންވީ ލަފާތައް ހިމެނޭ ބައެވެ. އާންމުގޮތެއްގައި ސެލް އެއް ހެދިބޮޑުވާ މިންވަރާއި، ވަގުތު އަދި މަރުވާނެ ވަގުތު ކަނޑައަޅަނީ އެސެލް ގައި ހިމެނޭ ޑީއެންއޭ އިންނެވެ. ލިޔުކީމިޔާގައި ޑީއެންއޭ އަށް އަންނަ ބަދަލުގެ ސަބަބުން ޑީއެންއޭ އިން ލޭގެ ކެންސަރު ޖެހޭ ސެލްތަކަށް ހުއްޓުމެއްނެތި، ހެދިބޮޑުވެ، ސެލްތައް ބައިބައިވުން ކުރިޔަށް ގެންދިއުމަށް ލަފާދެއެވެ. ނޫނީ އަމުރު ދެއެވެ. މިގޮތަށް އަމުރު ލިބުމުން ލޭގެ ސެލްތައް ކޮންޓްރޯލެއް ނޫނީ ހައްދެއް އިމެއް ނެތި އުފެދި ހެދިބޮޑުވާން ފަށައެވެ. ދުވަސްތަކެއް ފަހުން މިގޮތަށް ހެދިބޮޑުވާ ސެލްގެ މިންވަރު ގިނަވެ، ލޭގައި ދުޅަހެޔޮ ސެލްތައް ( ލޭގެ ހެދުސެލް، ލޭގެ ރަތްސެލް، ލޭގެ ޕްލޭޓްލިޓްތައް) މަދުވެ، ލިޔުކީމިޔާގެ އަލާމާތްތައް ފެންނަށް ފަށައެވެ.
ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް
ލިޔުކީމިޔާ އުފެދުމާއި ގުޅުންހުރިކަމަށް ބެލެވޭ ކަންތައްތަކެއްވަނީ ފާހަގަ
ކުރެވިފައެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އުމުރު : އާންމުގޮތެއްގައި ލިޔުކީމިޔާ ޖެހެނީ އުމުރުން 60
އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުންނަށް ވެސް
ޖެހިދާނެއެވެ.
·
ޢާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުން : އާއިލާގެ މެންބަރަކަށް ކުރިން ލޭގެ ކެންސަރު ޖެހިފައިވުމަކީ ވެސް އެއާއިލާގެ
މެންބަރުންނަށް ފަހުން ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެދާނެ ކަމެކެވެ.
- ކުރިން ކެންސަރުގެ ފަރުވާއެއް ހޯދާފައިވުން : ކުރިން ކީމޯތެރަޕީ ނަގާފައިވުން ނުވަތަ ދިގުމުއްދަތަކަށް ކެންސަރުގެ
ބޭސް ބޭނުންކުރަންޖެހުން ނުވަތަ ކުރިން ރޭޑިއޭޝަންގެ ފަރުވާ ނެގުމަކީ ލޭގެ
ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކޮށްދާނެ ކަމެކެވެ
·
ވިރާސީ ބަހާ އަށް ނޫނީ ކްރޯމޯސޯމް އަންނަ ބަދަލެއްގެ ސަބަބުން އުފެދުމުގައި
ކުރިމަތިވާ ބައްޔެއް ހުރުން : މިސާލަކަށް
ޑައުން ސިންޑްރޯމް ފަދަ ބައްޔެއް ހުރުމަކީ ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު
އިތުރުކުރާ ކަމެކެވެ.
- ރޭޑިއޭޝަން : ( އެކްސްރޭ ނަގާއިރު ފޮނުވައިދޭ ރޭޑިއޭޝަންގެ ބާވަތްތަކާއި، ދެވަނަ ބޮޑު
ހަނގުރާމައިގެ ދުވަސްވަރު ޖަޕާންގެ ހީރޯޝީމާ އަދި ނަގަސާކީ އަށް އެޅި ބޮމުން
އުފައްދައި ދިންފަދަ، ރޭޑިޔޯއެކްޓިވް މާއްދާތައް މީގެ ތެރޭގައި ހިމެނެއެވެ. )
- ބައެއް ކަހަލަ ކެމިކަލްތަކަށް ހުށަހެޅުން : މިސާލަކަށް ސިނާޢީ މަސައްކަތުގައި ބޭނުންކުރާ ބެންޒިން ކިޔާ ކެމިކަލް
އަށް ހުށަހެޅުމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ލޭގެ
ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
- އިންސާނުންގެ ޓީސެލް ލިޔުކީމިޔާ ޖައްސާ ވައިރަސް
ވާޞިލްވެފައިވުން : ޓީ ސެލް
ފެތުރެނީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އިންޖެކްޝަނާއި،
ލޭއެޅުމުގެ ތެރެއިން، ޖިންސީ ގުޅުން ހިންގުމުންނާއި، މައިމީހާ ގާތުން
ދަރިފުޅަށް ކިރު ދިނުމުންނާއި، އަދި މާބަނޑު ދުވަސްވަރު މައިމީހާގެ
ހަށިގަނޑުން ބަނޑުގައިވާ ދަރިފުޅަށެވެ.
- ބައެއް ކަހަލަ ލޭގެ ޑިސްއޯޑަރ އެއްހުރުން : މިސާލަކަށް މައިއެލޯޑިސްޕްލާސްޓިކް ސިންޑްރޯމް ކުރިމަތިވެފައިވުން
ލިޔުކީމިޔާ ބަހާލެވިފައިވާގޮތް
ލިޔުކީމިޔާ މައިގަނޑު 2 ބަޔަކަށް ބެހިފައިވާ ބައްޔެކެވެ. ކުރިޔަށްދާ
ހަލުވިކަމަށް ބަލައި ބަހާލެވޭ ގޮތާއި، ސެލްގެ ވައްތަރަށް ބަލައި ބަހާލެވޭ
ގޮތެވެ.ކުރިޔަށްދާ ހަލުވިކަމަށް ބަލައި ބަހާލެވެނީ އެކިޔުޓް ލިޔުކީމިޔާ އަދި
ކްރޯނިކް ލިޔުކީމިޔާއަށެވެ. އެހެން ކަމުން މިއީ އެކިޔުޓް (ވަގުތީ) ނުވަތަ ކްރޯނިކް
(ދާއިމީ) ބައްޔަކަށް ވެސް ވެދާނެ އެވެ.
(ހ) އެކިއުޓް ލިޔުކީމިޔާ: އެކިއުޓް ލިޔުކީމިޔާ އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި
ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ
ބާވަތެކެވެ. އެކިޔުޓް ލިޔުކީމިޔާ އުފެދެނީ
އުފެދެމުން ނުވަތަ ބޮޑެތި ވަމުން އަންނަ ސެލްތަކުންނެވެ. ނޫނީ ފުރިހަމަނުވާ
އިމެޗުއަރ ސެލްތަކުންނެވެ. މިފަދަ ސެލްތައް ނުވަތަ ބްލާސްޓް ތައް އަބަދުވެސް
ގިނަގިނައިން ބައިބައިވެއެވެ. އެކިޔުޓް ލިޔުކީމިޔާގެ ސެލްތަކަކީ އެފަދަ އެހެން
ސެލްތަކާ އެއްގޮތަށް ބައިބައިވުން ހުއްޓޭ ސެލްތަކެއް ނޫނެވެ. މިބާވަތުގެ ކެންސަރު
ނުވަތަ އެކިޔުޓް ލިޔުކީމިޔާ ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި
އެކްސްރޭ ނަގައިގެން ބަލައެވެ.
(ށ) ކްރޮނިކް ލިޔުކީމިޔާ : ކްރޮނިކް ލިޔުކީމިޔާގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ އެވެ. ކްރޯނިކް ލިޔުކީމިޔާގައި ލިޔުކީމިޔާގެ ސެލްތައް އުފެދެނީ ފުރިހަމަވެފައިވާ އާދަޔާ ޚިލާފު ނުވަތަ އުނި ސެލްތަކުންނެވެ. ކްރޯނިކް ލިޔުކީމިޔާ 2 ބަޔަކަށް ބެހެއެވެ. އެއީ މައިލެޖިނަސް އަދި ލިމްފޮސައިޓިކް ލިޔުކީމިޔާއެވެ.
ސެލްގެ ވައްތަރަށް ބަލައި ލިޔުކީމިޔާ ބަހާލެވެނީ ލިމްފަސައިޓިކް ލިޔުކީމިޔާ
އަދި މައެލޯޖިނަސް ލިޔުކީމިޔާއެވެ.
(ހ) މައިލެޖިނަސް ލިޔުކީމިޔާ : މައިލެޖިނަސް
ލިޔުކީމިޔާ އުފެދެނީ މައިލޮއިޑް ސެލްތަކުންނެވެ. މައިއެލޮއިޑް ސެލްތަކުން ލޭގެ
ހުދުސެލްތައް ރަތްސެލްތައް އަދި ޕްލޭޓްލިޓް ސެލްތައް އުފައްދައެވެ. މިވައްތަރުގައި
އެކިޔުޓް މައިލެޖިނަސް ލިޔުކީމިޔާ އަދި ކްރޯނިކް މައިލެޖިނަސް ލިޔުކީމިޔާ ވެސް
ހުރެދާނެ އެވެ. މައިލެޖިނަސް ލިޔުކީމިޔާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.
(ށ) ލިމްފޮސައިޓިކް ލިޔުކީމިޔާ : ލިމްފޮސައިޓިކް ލިޔުކީމިޔާ އުފެދެނީ ކަށީގެ މަދުގައި ލިމްފޮބްލާސްޓް ނުވަތަ ލިމްފޮސައިޓް ސެލްތަކުންނެވެ. މިއީ ވެސް އެކިޔުޓް ނުވަތަ ކްރޯނިކް ބައްޔަކަށް ވެދާނެއެވެ. އެއީ އެކިޔުޓް ލިމްފޮސައިޓިކް ލިޔުކީމިޔާ އަދި ކްރޯނިކް ލިމްފޮސައިޓިކް ލިޔުކީމިޔާ އެވެ. ލިމްފޮސައިޓިކް ލިޔުކީމިޔާގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.
ލިޔުކީމިޔާގެ ވައްތަރުތައް
ލިޔުކީމިޔާ މައިގަނޑު 4 ވައްތަރެއް ވެއެވެ.
(ހ) އެކިޔުޓް މައިއެލޯޖިނަސް ލިޔުކީމިޔާ : ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ޖެހޭ ލޭގެ އާންމު ކެންސަރެކެވެ.
އެންމެ އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ.
(ށ)
ކްރޯނިކް މައިއެލޯޖިނަސް ލިޔުކީމިޔާ : އާންމުކޮށް
މިވައްތަރު ޖެހެނީ ބޮޑެތި މީހުންނަށެވެ. އަލާމާތްތައް ނުފެނި އެތައް އަހަރެއް ވެސް
ވެދާނެއެވެ. އެހެން ހުރެފައި ކުއްލިއަކަށް އަލާމާތްތައް ފެންނަށް ފަށައިފާނެއެވެ.
(ނ)
އެކިޔުޓް ލިމްފަސައިޓިކް ލިޔުކީމިޔާ : ކުޑަކުދިންގެ
މެދުގައި އެންމެ އާންމު ވައްތަރަކީ މިއީ އެވެ. ބޮޑެތި މީހުންނަށް ވެސް
ޖެހިދާނެއެވެ.
(ރ) ކްރޯނިކް ލިމްފަސައިޓިކް ލިޔުކީމިޔާ: ދިގުމުއްދަތަކަށް ދެމިހުންނަ، ބޮޑެތި މީހުންނަށް ޖެހޭ އެންމެ އާންމު ލޭގެ ކެންސަރެވެ. ފަރުވާއަކާ ނުލައި އަހަރު ތަކެއް ވެސް އުދަނގުލެއް ނެތި އުޅެވިދާނެއެވެ.
ލިޔުކީމިޔާގެ އާންމު އަލާމާތްތައް
ލިޔުކީމިޔާގެ އަލާމާތްތަކަކީ ކުއްލިއަކަށް ނޫނީ ލަސްލަހުން ކުރިމަތިވެދާނެ
ކަންކަމެވެ. ލިޔުކީމިޔާގެ އާންމު އަލާމާތްތައް ތިރީގައި މިވަނީއެވެ.
·
ހުންއައުން އަދި ހީކެރުވުން
·
ވަރުބަލިވުން ނޫނީ އަބަދު ވަރުބަލިވެފައިހުރުން ނޫނީ ވާޅުވެފައިހުރުން
·
އަވަސް އަވަހަށް ގާތްގާތުގައި އިންފެކްޝަންޖެހުން
·
ބަރުދަން ލުއިވުން (އޭގެ ޒާތުގައި) ނުވަތަ ބަރުދަން ލުއިކުރުމަށް
މަސައްކަތްކުރުމަކާ ނުލައި ބަރުދަން ލުއިވުން
·
ގޮށްތައް، ހުންކޮށި، އަދި ފުރަމޭ އާދަޔާ ޚިލާފަށް ބޮޑުވުން
·
އާދަޔާ ޚިލާފަށް ލޭއައުން : ހަށިގަނޑުގެ އެކި ހިސާބުތަކުން އެހެން ހުރެލާފައި
ހަމަލޭއައުން މިސާލަކަށް ނޭފަތުން ދޭތެރެ ދޭތެރެއިން ލޭއައުން
·
ހަމުގައި ކުދިކުދި ރަތް ތިކިތަކެއް ހުރުން
·
އާދަޔާ ޚިލާފަށް ދާހިއްލުން (ޚާއްޞަކޮށް ރޭގަނޑު)
·
ކަށިތަކުގައި ރިހުން
·
ގައިހިރުވުން ނުވަތަ ކެހުން
·
ކަސްރަތުކުރުމުން ވަރުބަލިވެ އެކަން ނުކުރެވޭވަރުވުން
·
ނިކަމެތިވުން ނުވަތަ އަނަރޫފަވުން
އެކިއުޓް ލިޔުކީމިޔާގެ އަލާމާތްތައް |
ކްރޯނިކް ލިޔުކީމިޔާގެ އަލާމާތްތައް |
ވަރުބަލިވުން |
ވަރުބަލިވުން |
އެކިއެކިބަލިތައް އަވަސް އަވަހަށް ޖެހުން |
ކާހިތްނުވުން ކާހިތް ކެނޑުން |
ކަށީގައި ރިހުން |
ބަރުދަން ލުއިވުން |
ކާހިތްނުވުން ކާހިތް ކެނޑުން |
ހުންއައުން |
ބަރުދަން ލުއިވުން |
ހުންކޮށި ދުޅަވުން – އަދި ބަނޑުގައި ރިހުން |
ބަލިޖެހޭތާ ކުރީކޮޅު ހުންފާޑުވެ ވަރުބަލިވުން |
އެކި ހިސާބުތަކުން ލޭއައުން : ނޭފަތް / ހަމުގެ ދަށް / ހިރުގަނޑު ފަދަ |
ލޭމަދުވުން |
|
ހުންކޮށި ދުޅަވުން – އަދި ބަނޑުގައި ރިހުން |
|
އެކި ހިސާބުތަކުން ލޭއައުން : ނޭފަތް / ހަމުގެ ދަށް / ހިރުގަނޑު ފަދަ |
|
ލޭގެ
ކެންސަރު ދެނެގަތުމަށް ކުރެވިދާނެ ނޫނީ ކުރެވޭ ކަންތައްތައް
·
ޖިސްމާނީގޮތުން ހަށިގަނޑު ބެލުން : މިގޮތުން
ހަށިގަނޑު ބަލާ ބެލުމުގައި ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ކުދި ދުޅަތައް
ނުވަތަ ލަމްޕްސް ފަދަ ތަކެތި ނަގާފައިވޭތޯ ބެލޭނެއެވެ. ހަންގަނޑު ދޮންފޫޑުވެ،
ހުދުވެ، ލޭމަދުވުމުގެ އަލާމާތްތައް ހުރިތޯ ވެސް ބެލޭނެއެވެ. މީގެ އިތުރުން
ހަށިގަނޑުގެ އެކި ހިސާބުތަކުގައި ލިމްފް ގޮށްތައް ދުޅަވެ ގޮށްލާފައިވޭތޯ އާއި،
ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވެފައިވޭތޯ ވެސް ބަލައި ޗެކުކުރެވޭނެ
އެވެ.
·
ލޭގެ ޓެސްޓުކުރުން : މިއީ ލޭގެ ހުދުސެލްތަކުގެ
ފެންވަރު، މިންވަރު ވައްތަރު ބެލުމަށް ހެދޭ ޓެސްޓުތައް ހެދުމެވެ. ލޭގައި ލޭގެ
ހުދުސެލްތައް، ލޭގެ ރަތްސެލްތައް އަދި ޕްލޭޓްލިޓް ހުރިގޮތް ބެލޭނެއެވެ. އެ
ސެލްތަކުގައި އާދަޔާ ޚިލާފު ކަމެއް ހުރިނަމަ އެކަން ފާހަގަކުރެވޭނެ އެވެ. ހުރިހާ
ލިޔުކީމިޔާއެއްގައި ކެންސަރުގެ ސެލްތައް ލޭގެ ތެރޭގައި ދައުރުނުވެދާނެ އެވެ
.ބައެއް ވައްތަރުގެ ލިޔުކީމިޔާގައި ކެންސަރުގެ ސެލްތައް ހަމައެކަނި ކަށީގެ
މަދުގައި ވެސް ހުރެދާނެއެވެ.
·
ބަޔޮޕްސީ ހެދުން ނުވަތަ ކަށީގެ މަދު ޓެސްޓުކުރުން ނުވަތަ ލޭގެ ބަޔޮޕްސީ އަދި ކަށީގެމަދުގެ
ބަޔޮޕްސީ ހެދުން : ބޯންމެރޯ ބަޔޮޕްސީ އަކީ ކަށީގެ
މަދު ނަގައިގެން ޓެސްޓޫ ކުރުމެވެ. އާންމު ގޮތެއްގައި މިސާމްޕަލް ނަގަނީ އުކުޅުވަޅު
ކަށިގަނޑުގެ ކަށީގެ މަދުންނެވެ. ނެގުނު ނަމޫނާ ނުވަތަ ސާމްޕަލް ލެބޯޓަރީ ގައި
ބަލައި، އޭގެ ލިޔުކީމިޔާއާއި ގުޅިގެން ސެލްތަކަށް ބަދަލު އައިސްފައިވޭތޯ
ޗެކުކުރެވޭނެ އެވެ.
·
ސައިޓޯޖީނިކް އެނަލިސިސް : މިއީ ލިމްފޯސައިޓްސްގެ
ކްރޯމޯސޯމް ތަކަށް ބަދަލުއައިސްފައިވޭތޯ ބެލުމެވެ.
·
ލަމްބަރ ޕަންކޗަރ ހެދުން : މިއީ މައިބަދައިން
ފެން ނަގައިގެން ތަހުލީލުކުރުމެވެ.
· އިމޭޖިންގ ޓެސްޓުތައް ހެދުން : އެކްސްރޭ ނެގުން، ސްކޭންކުރުން، ސީޓީ އެމްއާރުއައި އަދި ޕެޓް ސްކޭން ފަދަ ޓެސްޓުތައް ހަދައިފާނެއެވެ. މިއީ ގޮށްލުން، ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވުން ، އެހެން ހިސާބުތަކަށް ކެންސަރުގެ އަސަރު ފެތުރުން ދެނެގަތުމަށް ބޭނުންކުރެވިދާނެ ޓެސްޓު ތަކެކެވެ
ލޭގެ ކެންސަރަށް އާންމުކޮށްދެވޭ ފަރުވާ
ލޭގެ ކެންސަރުގެ ފަރުވާ ވަރަށް ގިނަ ކަންކަމަށް ބަރޯސާ ވެއެވެ. އެގޮތުން
ރިއާޔަތްކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ބަލިމީހާގެ އުމުރު
·
ބަލިމީހާގެ އާންމު ދުޅަހެޔޮކަން
·
ކުރިމަތިވެފައިވާ ލިޔުކީމިޔާގެ ވައްތަރު
·
ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިފައިވުން
އާންމުކޮށްދޭ ފަރުވާ ތައް ތިރީގައި މިވަނީ އެވެ.
(ހ) ކީމޯތެރަޕީ (chemotherapy): އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި ފަރުވާ އަކީ ކީމޯތެރަޕީ އެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ލިޔުކީމިޔާގެ ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ.
(ށ) ރޭޑިޔޯތެރަޕީ (radiotherapy): މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ. މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ. މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.
(ނ)
ކަށީގެ މަދު ބަދަލުކުރުން (bone
marrow transplantation) ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ ކެންސަރުގެ ފަރުވާގައި ކުރެވޭ
ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ވެސް ކިޔައި
އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ
ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް ނުވަތަ މުޅިން އައު ކަށީގެ މަދު
(ލިޔުކީމިޔާގެ ސެލްތައް ނެތް) ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ
ކަމެކެވެ.
އާންމު ގޮތެއްގައި ކަށީގެ މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.
(ރ) އިމިޔުނޯތެރަޕީ (immunotherapy): އިމިޔުނޯތެރަޕީ ދިނުމުން ދިފާޢީ ނިޒާމުން ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާނެއެވެ. އާންމު ގޮތެއްގައި ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާ ނުދީފާނެއެވެ. އެއީ ކެންސަރު ސެލްތަކުން އުފައްދާ ޕްރޮޓީން އަކުން ދިފާޢީ ނިޒާމަށް ކެންސަރުގެ ސެލްތައް ފޮރުވައިލުމަށް އެހީތެރިވާތީ އެވެ. އިމިޔުނޯތެރަޕީގެ ބޭނުމަކީ މިދެންނެވި ކެންސަރު ސެލްތައް ފޮރުވައިލުމުގެ މަސައްކަތަށް ހުރަސްއެޅުމެވެ. ވީމާ ކެންސަރު ސެލްތައް ނުފޮރުވި ހާމައަށް ހުރުމުން، އިމިޔުނޯތެރަޕީ ދީގެން، ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާދެވެއެވެ.
(ބ) ޓާގެޓެޑް ތެރަޕީ (targeted
therapy): މިއީ ކެންސަރުގެ ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ ޣައިރު ތަބީކަމަށް
އަމާޒުކޮށްދެވޭ ބޭހުގެ ފަރުވާ އެކެވެ. އެގޮތުން ކެންސަރުގެ ސެލްތަކުގެ ތެރޭގައި
ހުންނަ "ޣައިރު ތަބީޢީކަން" ހުއްޓުވައިގެން ކެންސަރުގެ ސެލްތައް
މަރާލައެވެ. ޓާގެޓެޑް ތެރަޕީގެ އަސަރު ކުރޭތޯ ބެލުމަށް ލިޔުކީމިޔާގެ ކެންސަރުގެ
ސެލްތައް ޓެސްޓު ކުރެވޭނެ އެވެ.
އެކިޔުޓް ލިޔުކީމިޔާގެ ފަރުވާ
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ
ކްރޯނިކް ލިޔުކީމިޔާގެ ފަރުވާ
·
އޮޕަރޭޝަން ކުރުން :
އޮޕަރޭޝަންކުރަނީ ހަމައެކަނި ހުންކޮށި ބޮޑުވެ،
ރިހޭގޮތްވުމުން ހުންކޮށި ނެގުމަށެވެ.
- ރޭޑިއޭޝަން ދިނުން : ރޭޑިއޭޝަން ދެނީ ހުންކޮށި
ބޮޑުވުމާއި ގުޅިގެން ހުންކޮށި އޮންނަ ހިސާބަށެވެ. މިކަމުގެ ސަބަބުން ހުންކޮށި
ކުޑަވެއެވެ. އަދި ލޭގައި ލިޔުކީމިޔާގެ އަސަރު ހުންނަ ސެލްގެ އަދަދު
މަދުވެއެވެ.
- ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީ ދިނުމުން ހަށިގަނޑުގައި ހުންނަ ލިޔުކީމިޔާގެ އަލާމާތްތައް ފިލައިދެއެވެ. ބަލީގެ އަލާމާތްތައް ނުފެނި ގިނަ ދުވަސްތަކަކަށް ދެމިހުރެއެވެ. ހުންކޮށި ބޮޑުވެފައިވާނަމަ އޮޕަރޭޝަން ކުރުމުގެ ކުރިން ބައެއް ފަހަރު ކީމޯތެރަޕީ ދެވެއެވެ. މިއީ އޮޕަރޭޝަން ކުރުމަށްޓަކައި ކެންސަރުގެ އަސަރު ކުޑަކުރުމަށް ކުރާ ކަމެކެވެ
ކަށީގެ މަދު ބަދަލުކުރުން
ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ
ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ
ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ލޭނާރުގެ މަގުން
ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން
ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި
ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި،
ނުވަތަ އެއްބަނޑު ކުއްޖެކެވެ.
ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ
ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި
އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ
މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.
ނޯޓް : މިއީ
މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު،
މއ.މާފުނަ – 2005
- https://www.mayoclinic.org/diseases-conditions/leukemia/symptoms-causes/syc-20374373
No comments:
Post a Comment