ލޭގެ ކެންސަރުގެ ތެރެއިން - ލިމްފޯމާ
ލިމްފޯމާ(lymphoma) އަކީ ލިމްފެޓިކް ސިސްޓަމްގެ ބައިތަކަށް ޖެހޭ ކެންސަރެވެ. ނުވަތަ ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް ސެލްތަކަށް ޖެހޭ ކެންސަރެވެ. ލޭގެ ސެލްތަކުގެ ތެރެއިން މިކެންސަރުގައި އަސަރުކުރަނީ ލޭގެ ހުދުސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އަށެވެ. ލިމްފަސައިޓް އަކީ އިންފެކްޝަން އާއި ދެކޮޅަށް މަސައްކަތްކުރާ ސެލްތަކެކެވެ. ޣައިރު ތަބީޢީ ލިމްފަސައިޓް ތައް ލިމްފޯމާ ސެލްތަކަށް ނޫނީ ލިމްފޮއިޑް ސެލްތަކަށް ބަދަލުވެ، ބައިބައިވެ، ގިނަވެ، ލިމްފް ގޮށްތަކާއި ލިމްފެޓިކް ނިޒާމުގެ ބައިތަކުގައި ހަރުލައެވެ. އޭގެ ސަބަބުން ދިފާޢީ ނިޒާމުގެ މަސައްކަތަށް ބުރޫއަރައެވެ.
ލިމްފޯމާ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގައި ޝާމިލްވާ ލިމްފް ދައުރުވާ
ނިޒާމަށް ކުރިމަތިވާ ކެންސަރެވެ. ލިމްފް ދައުރުވާ ނިޒާމުގައި ޝާމިލްވާ ބައިތަކަކީ
ލިމްފް ގްލޭންޑް ނުވަތަ ލިމްފް ގޮށް، ތައިމަސް ގްލޭންޑް، ހުންކޮށި އަދި ކަށީގެ
މަދެވެ. މިހުރިހާ ބައިތަކާއި، ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ލިމްފޯމާގެ
އަސަރު ކުރެއެވެ (މެޔޯކްލިނިކް، 2023).
ލިމްފޯމާ އަކީ ލިމްފް ގްލޭންޑް ތަކުގައި އުފެދޭ ކެންސަރަށް ކިޔާ ނަމެކެވެ. ހަށިގަނޑުގެ އެކި ތަންތާގައި އުފެދޭ ކެންސަރު ލިމްފް ގްލޭންޑް ތަކަށް ފެތުރެއެވެ. ނަމަވެސް ލިމްފޯމާ އޭ ކިޔަނީ ލިމްފް ގޮށްތަކަށް ޖެހޭ ކެންސަރަށެވެ. ލިމްފޯމާ ކެންސަރު ބަހާލެވިފައިވަނީ 2 ބަޔަކަށެވެ. އެއީ ހޮޖްކިންސް ލިމްފޯމާ އަދި ނަން ހޮޖްކިންސް ލިމްފޯމާ އެވެ (އިސްމާއީލްފުޅު، 2005).
ސަބަބު
ލިމްފޯމާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބެލެވިފައިވާ ގޮތުގައި ލިމްފޯމާ ފެށިގެން އަންނަނީ ލޭގެ ހުދުސެލް ތަކުގެ ތެރެއިން ދިފާޢީ ނިޒާމުގައި ބައިވެރިވާ ލިމްފަސައިޓް ސެލްތަކުގެ ވާރުތީ ސާމާރު އަށް ވިރާސީގޮތުން ބަދަލުއައުމުންނެވެ. ވިރާސީ ގޮތުން އައި ބަދަލު، ސެލްއަށް ގިނަވެ އިތުރުވުމަށް އަންގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވިރާސީގޮތުން ބަދަލުއައިސްފައިވާ ސެލްތައް ގިނަވެ، އިތުރުވެގެން ދެއެވެ. ވިރާސީގޮތުން އަންނަ ބަދަލުގެ ސަބަބުން ރަނގަޅު ސެލްތައް މަރުވެދާއިރުވެސް ވިރާސީގޮތުން ބަދަލު އައިސްފައިވާ ސެލްތައް ދިރިހުރެއެވެ. މީގެ ސަބަބުން ވިރާސީގޮތުން ބަދަލުއައިސްފައިވާ ސެލްތައް ލިމްފް ގޮށްތަކުގައި ގިނަވެ، ލިމްފް ގޮށްތައް، ހުންކޮށި އަދި ފުރަމޭ ދުޅަވެ، ފުއްޕާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).
މަގުފަހިކުރާ
ކަންތައްތައް
ލިމްފޯމާގެ
ހިރާސް އިތުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައްއް ހިމެނެއެވެ.
(ހ)
އުމުރު : ބައެއް ވައްތަރުގެ ލިމްފޯމާ ބޮޑަށް އާންމީ ކުޑަކުދިންގެ
ތެރޭގައެވެ. އަނެއްބައި ވައްތަރުގެ ކެންސަރު ދެނެގަނެވެނީ އުމުރުން 55
އަހަރުވާފަހުންނެވެ.
(ށ)
ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ލިމްފޯމާ
ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާޙަގަ ކުރެވެއެވެ.
(ނ) ދިފާޢީ
ނިޒާމު ބަލިކަށިވެފައިވުން : ދިފާޢީ ނިޒާމުގެ މައްސަލައެއް ހުރެގެން
ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ މެދުގައި ލިމްފޯމާ މާ އާންމުކަން ފާހަގަ
ކުރެވިފައި ވެއެވެ. ނުވަތަ ނަގާ ބޭހެއްގެ ސަބަބުން ދިފާޢީ ބާރުދަށްވާ މީހުންނަށް
ވެސް މިފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.
(ރ) ބައެއް ކަހަލަ އިންފެކްޝަންތައް : ބައެއް ކަހަލަ އިންފެކްޝަންތައް ޖެހުމަކީ ލިމްފޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކުރާ ކަމެކެވެ. އެގޮތުން އެޕްސްޓެންބަރ ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަން އަދި ހެލިކޯބެކްޓަރ ޕައިލޮރީ ކިޔާ ބެކްޓީރިޔާ އިން ޖެހޭ އިންފެކްޝަންގެ ސަބަބުން ލިމްފޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.
ލިމްފޯމާގެ
ވައްތަރުތައް
ލިމްފޯމާގެ
ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ނަމަވެސް މައިގަނޑު ދެވައްތަރަކީ ހޮޖްކިންސް
ލިމްފޯމާ އަދި ނަން ހޮޖިކިންސް ލިމްފޯމާ އެވެ.
(ހ) ހޮޖްކިންސް
ލިމްފޯމާ
ހޮޖްކިންސް
ލިމްފޯމާ އަކީ އެއްވެސް ތަދުވުމެއް ރިހުމެއްނެތި، ލިމްފް ގްލޭންޑް ތައް
ބޮޑުވުމެވެ. ކުޑަކުދިންނަށް ހޮޖްކިންސް ލިމްފޯމާ ޖެހޭލެއް މަދެވެ. ހޮޖްކިންސް
ލިމްފޯމާ ވަކިކުރެވޭނީ ދުޅަވެފައިޥާ ލިމްފް ގްލޭންޑް އަކުން ކުޑަ ތަންކޮޅެއް
ނަގައިގެން، ބަޔޮޕްސީ ޓެސްޓު ހަދައިގެންނެވެ.
ހޮޖްކިންސް
ލިމްފޯމާ ޖެހުމަށް މެދުވެރިވާ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ
(އިސްމާއީލްފުޅު، 2005).
ބަލީގެ އަލާމާތްތައް
·
ކަރުގެ
އެއްފަރާތުގައި ގޮށްލުން
·
މެޔާއި
ބަނޑުގައިވާ ލިމްފް ގްލޭންޑްތައް ދުޅަވުން
·
ބަރުދަން
ލުއިވުން
·
ކާހިތް ކުޑަވުން
އަދި ވަރުބަލިކަން އިހުސާސްވުން
·
ދޭތެރެ
ދޭތެރެއިން ހުންއައުމާއި އެކަމުގެ ސަބަބުން ވަރުދެރަވުން
ދެނެގަތުން:
ބަލި ދެނެގަތުމަށް ކުރެވޭ ޓެސްޓުތަކުގެ ތެރޭގައި ލޭގެ
ޓެސްޓު ހެދުމާއި، ބަލިޖެހިފައިވާ ގްލޭންޑް އަކުން ކުޑަ އެތިކޮޅެއް ނަގައިގެން
ޓެސްޓު ކުރުމާއި، މެޔާއި ބަނޑުގެ އެކްސްރޭ ނެގުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބަލީގެ
ފަރުވާ
(ހ)
އޮޕަރޭޝަންކުރުން : އޮޕަރޭޝަން ކުރެވޭނީ ހަށިގަނޑުގެ އެއް ހިސާބަކަށް
ބަލިޖެހިފައިވާ ނަމަ އެވެ.
(ށ)
ރޭޑިއޭޝަން ދިނުން : ތަފާތު އެކި ހިސާބުތަކަށް ކެންސަރު ޖެހިފައިވާނަމަ ނޫނީ
ބަލި ފެތުރިފައިވާނަމަ ރޭޑިއޭޝަން ދޭނީ އެކި ބައިތަކަށް ވަކިވަކީންނެވެ.
(ނ) ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީގެ ފަރުވާއަށް ބޭނުންވާނީ ހަށިގަނޑުގެ ވަރަށް ގިނަ ހިސާބުތަކަށް ބަލި ފެތުރިފައި ހުރުމުންނެވެ. އަދި ފަރުވާގައި ގިނަ ބޭސް އެއްކުރަން ބޭނުންވާނެ އެވެ.
(ށ) ނަން
ހޮޖްކިންސް ލިމްފޯމާ
ނަން ހޮޖްކިންސް
ލިމްފޯމާ އަކީ އާންމު ގޮތެއްގައި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ޖެހޭ
ކެންސަރުގެ ބާވަތެކެވެ. މިބާވަތުގެ ކެންސަރު ވަރަށް ހަލުވިކަމާއެކު ފެތުރިގެން
ދެއެވެ. ނަމަވެސް މިބާވަތުގެ ކެންސަރު ގިނަ ފަހަރަށް ފަސޭހަ ކުރެވެއެވެ. ނަން
ހޮޖްކިންސް ލިމްފޯމާ ޖެހުމަށް މެދުވެރިވާ ވަކި ސަބަބެއް އަދި ހޯދިފައި ނުވެއެވެ(އިސްމާއީލްފުޅު،
2005).
ބަލީގެ
އަލާމާތްތައް
·
ކެންސަރު
ޖެހިފައިވާ ލިމްފް ގޮށްތައް ވަރަށް އަވަހަށް ބޮޑުވުމާއި، ރިއްސުމެއް ކަހަލަ
ކަމެއްނެތި ލިމްފް ގޮށްތައް ހަރުވުން
·
ވަރުބަލިވުމާއި ކަންނެތްވުން
·
ބަރުދަން
ލުއިވުން
·
ހުންއައުމާއި
ދާހިއްލުން
ނަން ހޮޖްކިންސް
ލިމްފޯމާ ޖެހިގެން ފެންނަ އަލާމާތްތަކަށް ބަލާއިރު، ހަށިގަނޑުގެ އެކި ހިސާބުތަކަށް
މިކެންސަރު ޖެހުމުން ފެންނަ އަލާމާތްތައް ތަފާތު ވެއެވެ. މިސާލަކަށް ނަން
ހޮޖްކިންސް ލިމްފޯމާ މޭގައި އުފެދިއްޖެނަމަ ނޭވާލުމަށް ދަތިވެ، ކެއްސާގޮތް ވެއެވެ.
މިކެންސަރު ބަނޑުގައި އުފެދިއްޖެނަމަ ބަނޑު ފުފި ބޮޑުވާގޮތް ވެއެވެ
(އިސްމާއީލްފުޅު، 2005).
ދެނެގަތުން:
ނަން ހޮޖްކިންސް ލިމްފޯމާ ދެނެގަތުމަށް ލޭގެ ޓެސްޓު
ހެދުން، އެކްސްރޭ ނެގުން، ސީޓީ ސްކޭން ހެދުން އަދި ބަޔޮޕްސީ ޓެސްޓު ހެދުން ފަދަ
ކަންތައްތައް ކުރެވެއެވެ
ބަލީގެ
ފަރުވާ
(ހ)
އޮޕަރޭޝަންކުރުން
(ށ) ރޭޑިއޭޝަން
ދިނުން
(ނ) ކީމޯތެރަޕީ
ދިނުން
ބަލީގެ
އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި، ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް
ކަނޑައަޅާނީ ފަރުވާ ދެއްވާ ޑޮކްޓަރުންނެވެ.
(ނ)
ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ
ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ އަކީ ލޭގެ ހުދުސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް އިން ފެށިގެން އަންނަ، ވަރަށް މަދުން ކުރިމަތިވާ ލޭގެ ކެންސަރުގެ ވައްތަރެކެވެ. ޓީ ލިމްފަސައިޓް އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ނެގެހެއްޓުމުގައި ބައިވެރިވާ ލޭގެ ހުދު ސެލް އެކެވެ. ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ ގައި ޓީ ލިމްފަސައިޓްގައި ހުންނަ ނޫނީ އުފެދޭ ޣައިރު ތަބީޢީ ކަމެއްގެ ސަބަބުން ޓީ ލިމްފަސައިޓް ތަކުން ހަމަށް ހަމަލާދެއެވެ. ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާގައި ހަމުގައި ރަތްކުލައިގައި ކުޑަކޮށް އުފުލިފައި ހުންނަ ބިހިތަކެއް ނަގައެވެ. ނުވަތަ ތޮށިލާފައި ވަށްކޮށް ހުންނަ ޕެޗެއް ހަމުގައި ނަގައެވެ. އަދި ބައެއް ފަހަރު ހަމުގައި ޓިއުމަރު އުފެދެއެވެ.
(ރ)
ކިޔުޓެނިއަސް ބީ ސެލް ލިމްފޯމާ
ކިޔުޓެނިއަސް ބީ
ސެލް ލިމްފޯމާ އަކީ ލޭގެ ހުދުސެލް ގެ ވައްތަރެއް ކަމުގައިވާ ބީ ލިމްފަސައިޓް އިން
ފެށިގެން އަންނަ، ވަރަށް މަދުން ކުރިމަތިވާ ލޭގެ ކެންސަރުގެ ވައްތަރެކެވެ.
މިވައްތަރުގެ ކެންސަރުގެ އަސަރު ހަމަށް ކުރެއެވެ. ކިޔުޓެނިއަސް ބީ ސެލް ލިމްފޯމާ
ގެ ތަފާތު 4 ވައްތަރެއް ހުރެއެވެ.
·
ޕްރައިމަރީ ކިޔުޓެނިއަސް ފޮލިކްލް ސެންޓަރ
ލިމްފޯމާ
·
ޕްރައިމަރީ
ކިޔުޓެނިއަސް މާޖިނަލް ޒޯން ބީ ސެލް ލިމްފޯމާ
·
ޕްރައިމަރީ
ކިޔުޓެނިއަސް ޑިފިއުޒް ލާޖް ބީ ސެލް ލިމްފޯމާ ލެގް ޓައިޕް
·
އިންޓްރަވެސްކިޔުލަރ
ޑިފިއުޒް ލާޖް ބީ ސެލް ލިމްފޯމާ
މިވައްތަރުގެ ލިމްފޯމާގައި ހަމުގައި ފާރމް ބަމްޕް(firm bump) އެއް ނަގައެވެ. ބައެއް ފަހަރު މިގޮތަށް ނަގާ ބަމްޕް ގެ ކުލަ ހަމާއި އެއްކުލައިގައި ހުރެދާނެއެވެ. އަނެއްބައި ފަހަރު ބަމްޕްގެ ކުލަ މާގަދަކޮށް ހުރެދާނެއެވެ. ނޫނީ ބަމްޕް ގެ ކުލަ ފިޔާތޮށި ކޮށް ނޫނީ ދަނބުކުލައިގައި ވެސް ހުރެދާނެ އެވެ.
މީގެ އިތުރުން
"ވެލްޑަން ސްޓްރޯމް މްކެރޯގްލޯބިޔުލިނީމިޔ"(Walden strom macroglobulinemia) އަކީ ވެސް ލިމްފޯމާގެ ވައްތަރެކެވެ.
ލިމްފޯމާގެ
އަލާމާތްތައް
ލިމްފޯމާގެ
އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ފައިވަޅު ނޫނީ
އުކުޅުވަޅު، ކިހިލިފަތްދޮށް އަދި ކަރުދޮށުގެ ރިހުމެއްނެތި ގޮށްލުން
·
ވަރުބަލިކަމާ
ވާޅުކަން ނުފިލާހުރުން
·
ހުންއައުން
·
ރޭގަނޑަށް ދާހިއްލުން
·
ނޭވާލާން
އުދަނގޫވުން
·
އާދަޔާ ޚިލާފަށް
ބަރުދަން ލުއިވުން
· ހަންގަނޑު ހިރުވައި ކެހުން
ލިމްފޯމާ
ދެނެގަތުން
ލިމްފޯމާ
ހުރިކަން ދެނެގަތުމަށް ހަދައިފާނެ ޓެސްޓުތަކާއި، އިޖުރާއާތު ތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ)
ޖިސްމާނީގޮތުން ހަށިގަނޑު ބަލައިޗެކުކުރުން : އެގޮތުން
ހަށިގަނޑު ބަލާބެލުންތަކުގެ ތެރެއިން ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި
މިސާލަކަށް ކަރުދޮށް، ކިހިލިފަތްދޮށް، ދޯނގިދޮށް، އުކުޅުވަޅު ފަދަ ތަނެއްގައި
ގޮށްލައިފައިހުރިތޯ ބަލާނެ އެވެ. މީގެ އިތުރުން ފުރަމޭ އަދި ހުންކޮށި ފަދަ
ގުނަވަނެއް ހުންނަންޖެހޭ ސައިޒަށްވުރެ ބޮޑުވެފައި ވޭތޯ ވެސް ބަލާނެ އެވެ.
(ށ)
ލިމްފް ގޮށުގެ ބަޔޮޕްސީ އެއް ހެދުން : ލިމްފް ގޮށުގެ ބަޔޮޕްސީ އެއް ހެދުމަށް
ލިމްފް ގޮށުން ބައެއް ނޫނީ ލިމްފް ގޮށް އެއްކޮށް ވެސް ނަގައިގެން ޓެސްޓު ކޮށްދާނެ
އެވެ. އެގޮތުން ނެގޭ ބަޔޮޕްސީ ސާމްޕަލް ގައި ލިމްފޯމާގެ ސެލްތައް ހުރިތޯ އަދި ހުރީ
ކޮން ވައްތަރެއްގެ ސެލް އެއްތޯ ވެސް ބަލައި ޗެކުކުރެވޭނެ އެވެ.
(ނ)
ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުގެ އެހީގައި ލޭގެ ސެލްގެ
އެކި ވައްތަރުތައް ލޭގެ ތެރޭގައި ހުރި މިންވަރު ދެނެގަނޭވެނެ އެވެ.
(ރ) ބޯންމެރޯ ބަޔޮޕްސީ ހެދުން : ބޯންމެރޯ ބަޔޮޕްސީ އަކީ ކަށީގެ މަދު ނަގައިގެން ޓެސްޓު ކުރުމެވެ. އާންމު ގޮތެއްގައި މިސާމްޕަލް ނަގަނީ އުކުޅުވަޅު ކަށިގަނޑުގެ ކަށީގެ މަދުންނެވެ. ނެގުނު ސާމްޕަލް ގައި ލިމްފޯމާ ގެ ސެލްތައް ހުރިތޯ ބަލައި ޗެކުކުރެވޭނެ އެވެ.
(ބ)
އިމޭޖިންގ ޓެސްޓުތައް ހެދުން : އެގޮތުން ހަށިގަނޑުގެ އެހެން
ހިސާބުތަކުގައި ލިމްފޯމާ ގެ އަސަރު ހުރިތޯ ބެލެއެވެ. އެގޮތުން ހަދައިފާނެ
ޓެސްޓުތަކުގެ ތެރޭގައި ސީޓީ ސްކޭން، އެމްއާރުއައި ، އަދި ޕެޓް ސްކޭން ހިމެނެއެވެ.
މީގެ އިތުރުން ހެދޭ އެހެނިހެން ޓެސްޓުތަކާއި، އިޖުރާއާތުތައް ބަރޯސާވަނީ ބަލިމީހާގެ ހާލަތަށެވެ.
ފަރުވާ
ލިމްފޯމާ ޖެހިފައިވާ މީހަކަށް ދެވޭ އެންމެ އެކަށޭނަ ފަރުވާ ބަރޯސާވަނީ ލިމްފޯމާގެ ވައްތަރާއި، ކެންސަރުގެ މަރުހަލާ، ބަލިޖެހިފައިވާ މީހާގެ އާންމު ދުޅަހެޔޮކަން، އަދި ފަރުވާގައި އިސްކަންދޭގޮތް ފަދަ ކަންކަމުގެ މައްޗަށެވެ. ފަރުވާގެ މައިގަނޑު އަމާޒަކީ ވީ އެންމެ ގިނައިން ކެންސަރުގެ ސެލްތައް މަރައި، ބަލި އިތުރަށް ފެތުރުވުން ނޫނީ ހަށިގަނޑުގެ ތެރޭގައި ބަލި އިތުރަށް ފެތުރިގެންދިއުން ހުއްޓުވުމެވެ. ލިމްފޯމާގެ ފަރުވާގައި އާންމުކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ގާތުން ބަލަމުން ގެންދިއުން : ބައެއް ވައްތަރުގެ ލިމްފޯމާގެ ޓިއުމަރު ހެދިބޮޑުވަނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން ބައެއް ފަހަރު ޓިއުމަރު ހެދިބޮޑުވަމުން އައުން، އަދި އެއާއި ގުޅިގެން ކުރިމަތިވާ އުދަނގޫތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރު ފޯރުވުން ކުރިމަތިވޭތޯ ބަލަމުން ގެންދާނެއެވެ. އަދި އެގޮތަށް އާންމު ދިރިއުޅުމަށް އޭގެ އަސަރު ފޯރަން ފެށުމުން ފަރުވާ ކުރިޔަށް ގެންދަން ފަށާނެ އެވެ. އަދި އެހިސާބަށް ދަންދެން، ޓެސްޓު ތައް ހަދައި ބަލަމުން ގެންދާނެއެވެ.
(ށ) ކީމޯތެރަޕީ : އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި ފަރުވާ އަކީ ކީމޯތެރަޕީ އެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ކެންސަރުގެ ވައްތަރަށް ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ.
(ނ) ރޭޑިޔޯތެރަޕީ : މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ. މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ. މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.
(ރ) ކަށީގެ މަދު ބަދަލުކުރުން : ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ ކެންސަރުގެ ފަރުވާގައި ކުރެވޭ ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ވެސް ކިޔައި އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް ނުވަތަ މުޅިން އައު ކަށީގެ މަދު (ލިޔުކީމިޔާގެ ސެލްތައް ނެތް) ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ކަށީގެ މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.
(ބ)
އެހެނިހެން ފަރުވާތައް : ލިމްފޯމާ އަށް
ދެވޭ އެހެނިހެން ފަރުވާ ތަކުގެ ތެރޭގައި ކެންސަރުގެ
ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ ޣައިރު ތަބީކަމަށް އަމާޒުކޮށްދެވޭ ބޭހުގެ ފަރުވާ
"ޓާގެޓެޑް ތެރަޕީ" އާއި، އިމިޔުނޯ ތެރަޕީ ފަދަ ފަރުވާތައް ހިމެނެއެވެ.
މީގެ އިތުރުން މިފަހުން ތައާރަފުކުރެވުނު ކިމެރިކް އެންޓިޖަން ރިސެޕްޓަރ ޓީ ސެލް
ތެރަޕީ(CAR T-cell
therapy) ވެސް ލިމްފޯމާގެ ފަރުވާގައި
ބޭނުންކުރެވެއެވެ.
ނޯޓް
: މިއީ
މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު،
މއ.މާފުނަ – 2005
- https://www.mayoclinic.org/diseases-conditions/lymphoma/diagnosis-treatment/drc-20352642
No comments:
Post a Comment