Sunday, June 14, 2015

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް
މިއަދަކީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ލޭހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ހިލޭ ސާބަހަށް ލޭހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރުމާއި، ލޭހަދިޔާކުރުމުގެ ބޭނުންތެރިކަމާމެދު އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ލޭހަދިޔާކުރުމަށް ބާރުއެޅުމެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ" އެވެ. މީގެ އިތުރުން މިއަހަރުގެ ޝިޢާރާއި ގުޅުވައިގެން ލޭހަދިޔާކުރުމުގެ ކެމްޕޭންތައް ހިންގަނީ "ހެޔޮހިތުން ދީ، ގިނަގިނައިން ދީ، ލޭހަދިޔާކުރުން މުހިއްމު" މި ސްލޯގަންގެ ދަށުންނެވެ. މިޝިއާރާއި، ސްލޯގަން އަމާޒުކޮށްފައިވަނީ ލޭހަދިޔާ ކުރާ މީހުންނަށް ޝުކުރުވެރިވެ، އެމީހުންގެ އެއިންސާނީ ޚިދުމަތް އަގުވަޒަންކޮށް، އެހެންމީހުންނަށް ލޭހަދިޔާކުރުމަށް ބާރުއެޅުމަށެވެ. 


ލޭހަދިޔާކުރުމަކީ ހެޔޮ ޞަދަގާތެކެވެ. އެއީ ހެޔޮ އަމަލެކެވެ. ތަފާތު ހާދިސާތަކުގައި ގެއްލުންވާ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ލޭހަދިޔާކުރުން އެހީއަކަށް ވެގެންދެއެވެ. ބައެއް ބާވަތުގެ އޮޕަރޭޝަން ކުރެވޭނީ ތައްޔާރީ ހާލަތުގައި ލޭ ލިބޭނެގޮތް އިންތިޒާމު ކުރެވިފައި ހުރިނަމަ އެވެ.  ލޭއަޅާ ބަލި ފަދަ ބަލިތައް ތަހައްމަލުކުރަމުން ގެންދާ ކުދިންނަކީ ކޮންމެ ހަފްތާއަކު ނުވަތަ ދެހަފްތާއިން އެއްފަހަރު ލޭއަޅަންޖެހޭ ކުދިންނެވެ. މިފަދަ ކުދިންގެ މައިންބަފައިން ލޭހޯދުމަށް ކުރާ ބުރަ މަސައްކަތާއި، ލޭހޯދުމަށް އުޅޭ ހާލު ވަޒަންކުރެވޭނީ އެމަންޒަރު ކައިރިން ފެންނަ ބަޔަކަށެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އަމާޒަކީ 2020 ވަނަ އަހަރާ ހަމައަށްދާއިރު، ބަލިމީހުންނަށް ފޯރުކޮށްދެވޭ ހުރިހާ ލެޔަކީ ހިލޭ ސާބަހަށް ލޭހަދިޔާކުރާ މީހުންގެ ފަރާތުން ފޯރުކޮށްދޭ ލެޔަކަށް ހެދުމެވެ. އެގޮތުން ލޭހަދިޔާކުރުމަށް އެއްވެސް ޚަރަދެއް ކުރަންނުޖެހި، އަމިއްލައަށް އިސްނަގައިގެން ލޭހަދިޔާކުރުމަށް ބާރުއަޅައި، ކޮންމެ މީހަކީ ވެސް އެމީހެއްގެ ހާލަތު ރިއާޔަތްކުރާގޮތެއްގެ މަތިން ހުރަހެއް ނެތްނަމަ، ލޭދޭން ފަސްނުޖެހޭ މީހަކަށް ހެދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ. 

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް، ދުނިޔޭގެ ޞިއްޙަތު ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.

No comments:

Post a Comment