ޑައުން ސިންޑްރޯމް
ޑައުން ސިންޑްރޯމް(Down
syndrome) އަކީ އުފެދުމުގައި އުނިކަމެކެވެ.
މިއީ އުފަންވާއިރު ހުންނަ ޢައިބެކެވެ. މިއުނިކަމަށް "ޓްރައިސޯމީ 21"(trisomy21)، ވެސް ކިޔައި އުޅެއެވެ. މިއުނިކަމަށް
ޓްރައިސޯމީ 21 ކިޔަނީ 21 ވަނަ ޖޯޑުގައި 2
ކްރޯމޮސޯމްގެ ބަދަލުގައި 3 ކްރޯމޮސޯމް ހުންނާތީ އެވެ. ކްރޯމޮސޯމް އެއްގައި ހުންނަ
އައިބެއްގެ ސަބަބުން އުގެނުމުގައި ނުކުޅެދުންތެރިކަން ކުޑަކުދިންނަށް މެދުވެރި
ކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމް އެވެ.
ޑައުން ސިންޑްރޯމް މިނަން ދެވިފައިވަނީ 1866 ގައި
މިއުނިކަން ފުރަތަމަ ފަހަރަށް ހޯއްދެވި ޑޮކްޓަރ ޖޯން ލޭންގޑޮން ޑައުން ގެ ނަމާއި
ގުޅުވައިގެންނެވެ. މިބަލިޖެހޭ ސަބަބަކީ 21 ވަނަ ކްރޯމޮސޯމް ޖޯޑުގައި އިތުރު
ކްރޯމޮސޯމް އެއް އިނުންކަން ހޯދިފައިވަނީ 1959 ވަނަ އަހަރު އެވެ.
ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔެއަށް އުފަންވާ
ކޮންމެ 830 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ
ކުއްޖެކެވެ. 35 އަހަރުން މަތިވުމަށްފަހު ވިހާ އަންހެނުންނަށް ލިބޭ ކުދިންނަށް
ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ.
ޢަލާމާތްތައް
ޑައުން ސިންޑްރޯމް އާއެކު އުފަންވާ ތުއްތު ކުދިންގެ
ކިބައިން އެންމެ އާންމުކޮށް ފެނިދާނެ (ފާހަގަ ކުރެވިދާނެ) ކަންތައްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ފުޅާ ފަތި (ފަތާ) މޫނެއް އިނުން
·
ބޯ ކުޑަވުން
·
ކަރު ކުރުވުން
·
ތުންފަތް ބޮޑުވުން
·
ދޫ ބޮޑުވުން ، އަދި ދޫބޮޑުކަމުން ބޭރަށް ނިކުމެފައި އޮންނަހެން
ސިފަވުން
·
ނޭފަތް ކުޑަވުން
·
ލޯ މައްޗަށް ލެނބިފައި އިނުން
(އާމަންޑު-ބައްޓަމަށް ލޯހުރުން)
·
ކަންފަތް ތިރިއަށް ޖެހިފައި
އިނުން / ނުވަތަ ކަންފަތް ކުޑަވުން
·
މަސްތަކުގައި ވަރުނުހުރުން /
ހުޅުތައް ދޫވުން
·
އަތްތިލަ ކުރުކޮށް، ފުޅާކޮށް
ހުރުމާއެކު، އާންމުކޮށް އަތްތިލައިގައި ހުންނަ 3-2 ރޮނގުގެ ބަދަލުގައި ޑައުން
ސިންޑްރޯމް ކުދިންގެ ފާޅުކޮށް ފެންނަން ހުންނާނީ އެންމެ ރޮނގެކެވެ.
·
އަތްތިލަ އަދި ފައިތިލަ
ނިސްބަތުން ކުޑަވުން އަދި އަތްފައިގެ އިގިލިތައް ނިސްބަތުން ކުރުވުން
·
އާދަޔާ ޚިލާފަށް ބޮޑަށް އެކި
ފަރާތް ފަރާތަށް ލެނބިހެދުމުގެ ގާބިލިއްޔަތުކަން ލިބިފައިވުން
·
ލޮލުގެ ކަޅުކަޅީގައި
ހުދުކުލައިގެ ތިއްކެއް(ތިކިތަކެއް) ހުރުން
·
އިސްކޮޅުން ކުރުވުން
·
ހިތް އަދި ގުރުދާ (ކިޑްނީ)
ރަގަޅަށް އުފެދިފައި ނެތުން
·
ސިކުނޑީގައި އުނިކަމެއް ހުރުން
·
ފައިތިލަ، އަތްތިލަ، އަދި
އަތްފައިގެ އިގިލިތަކުގެ ރޮނގުތައް ތަފާތުކޮށް ހުރުން (އަތްތިލައިގައި އެންމެ ރޮނގެއް ހުރުން)
·
އުގެނުމާއި ދޭހަވުމުގައި
ލަސްކަމެއްހުރުން (އުގެނުމުގެ ނުކުޅެދުންތެރިކަމެއް ހުރުން)
·
ކަންކަމުގައި ގޮތެއް ނިންމަން
އުދަނގޫވުން
·
ކުއްޖާ ހެދިބޮޑުވުން ލަސްވުން
·
ކުއްޖާއި އުޅުމާއި ސުލޫކް
އެހެން ކުދިންނާއި ތަފާތު ގޮތެއްހުރުން : ސަމާލުކަން ނުދިނުން، ގޮތްދޫނުކުރުން،
ހަރުކަށިވުން، ހަލަނިވުން، މަޑުން ނުހުރެވުން
·
ވާހަކަ ދެއްކުން ލަސްވުން /
ވާހަކަ ދައްކާއިރު އުދަނގޫގޮތެއް ހުރުން (ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން
ހުރުން)
ޑައުން ސިންޑްރޯމް ހުންނަ ކުދިން އެހެންކުދިންނަށްވުރެ
ބޮޑުވާލެއް ލަސްވާނެ އެވެ. އަދި ގިނަ ފަހަރު އުމުރުގެ އެހެން ކުދިންނަށްވުރެ
އިސްކޮޅުން ކުރުވެދާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40
އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ވަނީ
ފާހަގަ ކުރެވިފައެވެ. ޑައުން ސިންޑްރޯމް ޖެހުމުން ކްރޯމޮސޯމް އަންނަ ބަދަލު ގެ
ހަގީގަތް އަދި ހޯދިފައެއް ނުވެއެވެ.
ދިމާވެދާނެ
ނުރައްކާތެރި މައްސަލަތައް
ޑައުން ސިންޑްރޯމް ހުންނަކުދިންނާއި ތަފާތު ބޮޑެތި ޞިއްޙީ
މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ ވަރަށް ކައިރި ކަމެކެވެ. އެގޮތުން ދިމާވެދާނެ
މައްސަލަތަކުގެ ތެރޭގައި:-
(ހ) - އުފަންވާއިރު ހުންނަ ހިތުގެ މައްސަލަތައް
: ޑައުން
ސިންޑްރޯމް ހުންނަ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ އުފަންވާއިރު
ކޮންމެ ވެސް ކަހަލަ އައިބެއް ނުވަތަ އުނިކަމެއް ހިތުގައި ހުންނަ ކުދިންނެވެ.
މިގޮތުން ހުންނަ ޢައިބުތަކާއި އުނިކަމަކީ އޭގެ ސަބަބުން ފުރާނަށް ނުރައްކާވެދާނެ
ކަންކަމެވެ. އަދި އެހުރި އުނިކަމެއް ރަގަޅުކުރުމަށް ތުއްތު އިރު ސާޖަރީއެއް
ހަދަންޖެހިދާނެ އެވެ.
(ށ) - ލޭގެ ކެންސަރު ޖެހުން : ޑައުން ސިންޑްރޯމް
ހުންނަ ކުޑަކުދިންނަށް ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ
ކުރެވެއެވެ.
(ނ) - ގައިންގަޔަށްއަރާ ބަލިތައް ޖެހުމުގެ
ފުރުޞަތު ބޮޑުވުން : ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ދިފާޢީ ނިޒާމްގައި ހުންނަ އުނިކަމެއްގެ
ސަބަބުން ޑައުން ސިންޑްރޯމް ކުދިންނަށް ގައިންގަޔަށްއަރާ ބަލިތައް ޖެހުމަކީ ވަރަށް
ކައިރި ކަމެކެވެ.
(ރ) - ހަދާންނެތުން : ޑައުން ސިންޑްރޯމް ހުންނަ
ކުދިންނަށް ހަދާން ނެތުމުގެ މައްސަލަ ދިމާވުމުގެ ފުރުޞަތު ރަގަޅަށް ތިބޭ
ކުދިންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ކުދިންނަށް ފިޓްޖެހޭ
މިންވަރު ނިސްބަތުން އިތުރުކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުރުމަކީ
އުމުރުން ދުވަސްވުމުން ކުރިމަތިވާ ހަދާންނެތޭ ބައްޔެއް ކަމުގައިވާ
"އަލްޒައިމާ ބަލި" ޖެހުމުގެ ފުރުޞަތު ވެސް އިތުރުކުރާ ކަމެކެވެ.
(ބ) - ނިދީގައި ގުގުރިދެމުން : ޑައުން ސިންޑްރޯމް
ހުންނަ ކުދިންނާއި މީހުންނަށް ނިދީގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑެވެ. މިހެން
ދިމާވަނީ ޑައުން ސިންޑްރޯމް އާއި ގުޅިގެން ކަރުތެރެ ނޭވާލާ ނިޒާމްގެ މަތީބައި
ހިމެނޭ ހިސާބުގެ ބައިތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ނޭވާ ހިނގާ މަގު
ހަނިކޮށް ބައްދާލާތީ އެވެ.
(ޅ) - މާބޮޑަށް ފަލަވުން : މާބޮޑަށް ފަލަވުމުގެ
ފުރުޞަތު ޑައުން ސިންޑްރޯމް ކުދިންނަށް އެހެންކުދިންނަށްވުރެ އިތުރުކަން ފާހަގަ
ކުރެވެއެވެ.
(ކ) - އެހެނިހެން މައްސަލަތައް : ޑައުން ސިންޑްރޯމް
ހުންނަ ކުދިންނަށް ދިމާވެދާނެ އެހެން ޞިއްޙީ މައްސަލަ ތަކުގެ ތެރޭގައި ތައިރޮއިޑް
ގްލޭންޑްގެ މައްސަލަތައް ހުރުން، ބަނޑާއި ގޮހޮރުގެ މައްސަލަތައް، ފިޓުޖެހުން،
ކަންފަތުގެ މައްސަލަތައް، ބީރުވުން، މާއަވަހަށް އިއްދައިން ކެނޑުން، ހަމުގެ
މައްސަލަތައް، ކަށީގެ މައްސަލަތައް އަދި ލޮލުގެ ފެނުން ދަށްވުން ފަދަ ކަންތައްތައް
ހިމެނެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި
އުފަންވާއިރު ތަފާތު ޢައިބުތައް ހުރުމަކީ ވެދާނެ ކަމެކެވެ. އެގޮތުން އެންމެ
އާންމުކޮށް ހުންނަނީ އުފެދުމުގައި ހިތުގައި އުފެދޭ ޢައިބުތަކެވެ. ކުޑަގޮހޮރު
ބެދިފައިހުރުން ފަދަ ކަންކަމަކީ މަދުން ނަމަވެސް ހުރެދާނެ ޢައިބެކެވެ. ޑައުން
ސިންޑްރޯމް ހުންނަ ކުދިންނަކީ ތަފާތު ޞިއްހީ މައްސަލަތައް ދިމާވާނެ ބައެކެވެ.
އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި މަތިންއަރާ ބަލި ހުރުން، ގްލޫޓެން
ކިޔާ ޕްރޮޓީން އަކަށް ތަހައްމަލުނުކުރެވުމުން ކުރިމަތިވާ ސިލިއެކް ޑިޒީޒް
ފެންމަތިވުން، އަދި ތައިރޮއިޑް ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކަންފަތުގެ
އަޑުއިވުމަށާއި، ލޮލުގެ ފެނުމަށް އަސަރު ކުރުމުގެ ފުރުޞަތު ޑައުން ސިންޑްރޯމް
ހުންނަ ކުދިންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. މަދު ކުއްޖަކަށް ލޭގެ
ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް އޮވެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން
ކުދިންނަށްވުރެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަ ކުދިންނެވެ. އުޅުމާއި
ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ. މިސާލަކަށް
ކަންކަމަށް ސަމާލުކަންދޭލެއް ކުޑަވެދާނެ އެވެ. މާހަލަނިކޮށް އުޅެފާނެ އެވެ.
ގޮތްދޫނުކުރާގޮތް ހުރެދާނެ އެވެ. ކުއްލިއަކަށް ރުޅިއައިސް ހިތްހަމަނުޖެހިގެން
އުޅެދާނެ އެވެ. މަޑުން ހިފިހިމޭނުން ހުންނަން އުދަނގޫވެދާނެ އެވެ. ޑައުން
ސިންޑްރޯމް ހުންނަ ބައެއް ކުދިންގެ ކިބައިން "އޯޓިޒަމް"ގެ އަސަރު
ފެންނަކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް އުމުރު ގެ
ފަހުކޮޅަށް އެޅުމުން ހަދާންނެތޭ ބައްޔެއް ކަމުގައިވާ "އަލްޒައިމާ ބަލި"
ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ޑައުން
ސިންޑްރޯމް ހުންނަ ކުދިންގެ ހެދިބޮޑުވުމުގައި ހުންނަ ތަފާތުތައް
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން
ކުދިންނަށްވުރެ ހެދިބޮޑުވުން ލަސްކުދިންނެވެ. ހެދިބޮޑުވުމުގެ މަރުހަލާތަކުގައި
ހިނގާ ތަފާތު ކަންތައްތައް ޑައުން ސިންޑްރޯމް ހުންނަ ކުދިން ފުރިހަމަކުރާލެއް
ނިސްބަތުން އެތައް ގުނައެއް ލަސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޑައުން
ސިންޑްރޯމް ހުންނަ ކުދިންގެ ކޮންމެ ވަރަކަށް އުގެނުމުގައި އަދި ދޭހަވުމުގައި
ނުކުޅުދުންތެރިކަމެއް ހުރުމަކީ ވެދާނެ ގޮތެކެވެ. ޑައުން ސިންޑްރޯމް ހުންނަ
ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަ ކުދިންނެވެ.
އުޅުމާއި ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ.
ހެދިބޮޑުވުމުގައި ކުރިމަތިވާ ތަފާތު މަރުހަލާތައް ރަގަޅު
ކުދިންނަށް ކުރިމަތިވާ މުއްދަތާއި، އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް
ކުރިމަތިވެދާނެ މުއްދަތާއި ދުވަސްވަރު ތިރީގައި މިވާ ޖަދުވަލުގައި މިވަނީ އެވެ.
ހެދި ބޮޑުވުމުގެ މަރުހަލާތަކުގައި ކުރާ ކަންތައްތައް
|
ރަގަޅު ކުދިން
|
ޑައުން ސިންޑްރޯމް ހުންނަ ކުދިން
|
ހަރަކާތްތައް
|
||
އިށީނު
|
9 – 5 މަސް
|
30 – 6 މަސް
|
ފިރުކުން
|
12 – 6 މަސް
|
22 – 8 މަސް
|
ކޮޅަށް ތެދުވުން
|
17 – 8 މަސް
|
3.25 – 1 އަހަރު
|
ހިނގުން
|
18 – 9 މަސް
|
4 – 1 އަހަރު
|
ވާހަކަ ދެއްކުން
|
||
ފުރަތަމަ ބަސް ބުނުން
|
3 – 1 އަހަރު
|
4 – 1 އަހަރު
|
ދެބަހުގެ ޖުމުލަ ބުނުން
|
32 – 15 މަސް
|
7.5 – 2 އަހަރު
|
އިޖުތިމާއީ /
އަމިއްލައަށް ކަންކަންކުރުން
|
||
ހިނިތުންވުން
|
3 – 1 މަސް
|
5 – 1.5 މަސް
|
އިގިލިން ނަގައިގެން ތަކެތި ކައިހެދުން
|
14 – 7 މަސް
|
24 – 10 މަސް
|
މީހެއްގެ އެހީއާއި ނުލައި ތަށިން ފެންބުއިން
|
17 – 8 މަސް
|
32 – 12 މަސް
|
ސަމުސަލުން ކެއުން
|
20 – 12 މަސް
|
39 – 13 މަސް
|
ބޮޑުކަމުދިއުން ކޮންޓްރޯލްވުން
|
42 – 16 މަސް
|
7 - 2 އަހަރު
|
މީހެއްގެ އެހީއާއި ނުލައި އަންނައުނު ލައިހެދުން
|
5 – 3.25 އަހަރު
|
8.5 – 3.5 އަހަރު
|
ސަބަބު
ޑައުން ސިންޑްރޯމް އަކީ ކްރޯމޮސޯމް ގެ 21 ވަނަ ޖޯޑުގައި
އިތުރު ކްރޯމޮސޯމް އެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ ޢައިބެކެވެ. ނުވަތަ
ބައްޔެކެވެ. އެހެންކަމުން މިހާލަތުގައި އާންމު ގޮތެއްގައި ހުންނަ 46 ކްރޯމޮސޯމްގެ
ބަދަލުގައި އެފަދަ މީހެއްގެ ހަށިގަނޑުގައި 47 ކްރޯމޮސޯމް ހުންނާނެ އެވެ.
އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގައި އާންމު ގޮތެއްގައި 23
ޖޯޑު ކްރޯމޮސޯމް ޖުމުލަ 46 ކްރޯމޮސޯމް ހުރެއެވެ. ކޮންމެ ޖޯޑެއްގައި ހިމެނޭ 2
ކްރޯމޮސޯމްގެ ތެރެއިން އެއް ކްރޯމޮސޯމް ލިބެނީ މަންމަގެ ފުށުންނެވެ. އަނެއް
ކްރޯމޮސޯމް ލިބެނީ ބައްޕަގެ ފުށުންނެވެ. ޑައުން ސިންޑްރޯމް އުފަންވެގެން އަންނަނީ (ކްރޯމޮސޯމްގެ
21 ވަނަ ޖޯޑުގައި ސެލްތައް އުފެދިގެން އައުމުގައި) ސެލްތައް ހެދިބޮޑުވުމުގައި 21
ވަނަ ކްރޯމޮސޯމް ޝާމިލްވާގޮތަށް އަރާ ލޮޅުމެއް (ބުރޫއެރުން) ގެ ސަބަބުންނެވެ.
އެގޮތުން އަރާ ލޮޅުމުގެ ސަބަބުން ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް އިންނަ
2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް އުފެދިގެން ދަނީ އެވެ.
އެހެންކަމުން އާންމުކޮށް 23 ޖޯޑު މަތިން އިންނަ 46 ކްރޯމޮސޯމްގެ ބަދަލުގައި ޑައުން
ސިންޑްރޯމް ހުންނަ ކުދިންގެ 47 ކްރޯމޮސޯމް ހުންނާނެ އެވެ. ޑައުން ސިންޑްރޯމް
ހުންނަ ކުއްޖެއްގެ ފުށުން ފެންނަ
ސިފަތަކާއި، ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ކުރިމަތިވަނީ މިބަދަލުގެ
ސަބަބުންނެވެ. މިބައްޔަށް ބައެއް ފަހަރު ޓްރައިސޯމީ 21 ކިޔަނީ 21 ވަނަ ކްރޯމޮސޯމް
ޖޯޑުގައި 3 ކްރޯމޮސޯމް ހުންނާތީ އެވެ.
ބަޔާންކުރެވުނު ގޮތަށް ވިރާސީ ބަހާއަށް ތަފާތު 3
ބަދަލެއް އައުމުން ޑައުންސިންޑްރޯމް ފެންމަތި ކުރުވައެވެ. އެއީ:-
(ހ) - ޓްރައިސޯމީ 21 (Trisomy 21): ޑައުން ސިންޑްރޯމް
ހުންނަ ކުދިންގެ 95 އިންސައްތަ ކުދިންނަކީ ޓްރައިސޯމީ 21 ގެ އަހުލުވެރިންނެވެ.
މިވައްތަރުގައި ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގެ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި
އާންމުކޮށް އިންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް އުފެދިގެން ދަނީ
އެވެ. މިއީ ފިރިހެނާގެ ދަރިފަނީގެ ސެލްތައް ނުވަތަ އަންހެނާގެ ބިހުގެ ސެލްތައް
ހެދިބޮޑުވުމުގައި ސެލްތައް ބައިވެ އިތުރުވެގެން އަންނައިރު އުފެދޭ އުނިކަމަކުން
ދިމާވާ ކަމެކެވެ.
(ށ) - މޯޒޭއިކް ޑައުން ސިންޑްރޯމް (Mosaic Down Syndrome): ވަރަށް މަދުން ފެންނަ މިވައްތަރުގައި ބައެއް ސެލްތަކުގެ ކްރޯމޮސޯމްގެ 21
ވަނަ ޖޯޑުގައި އާންމުކޮށް އިންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް
އުފެދިގެން ދަނީ އެވެ. އަދި އަނެއް ބައި ސެލްތަކުގައި ހުންނާނީ 2 ކްރޮމޯސޯމް އެވެ.
މިއީ އަންހެނާގެ ބިހާއި ފިރިހެނާގެ ދަރިފަނި އެއްވެ މުޑުވަށްވުމަށްފަހު، ސެލްތައް
ހެދިބޮޑުވުމުގައި ސެލްތައް ބައިވެ އިތުރުވެގެން އަންނައިރު އުފެދޭ އުނިކަމަކުން
ދިމާވާ ކަމެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރޭގައި މިވައްތަރު ހުންނަ
ކުދިންގެ ނިސްބަތަކީ 2 އިންސައްތަ އެވެ.
(ނ) - ޓްރާންސް ލޮކޭޝަން ޑައުން ސިންޑްރޯމް (Translocation Down Syndrome): މަދުން ނަމަވެސް ފެންނަ މިވައްތަރުގައި ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި
އާންމުކޮށް އިންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރަށް އިންނަ ކްރޯމޮސޯމް އެހެން
ކްރޯމޮސޯމް އަކާއި ތަތްވާގޮތް ވަނީ އެވެ. އެހެންކަމުން މިފަދަ ކުދިންގެ ކްރޯމޮސޯމްގެ
21 ވަނަ ޖޯޑުގައި އާންމުކޮށް އިންނަ 2 ކްރޯމޮސޯމް ހުންނާނެ އެވެ. އަދި 21 ވަނަ
ކްރޯމޮސޯމް ޖޯޑުގައި އިތުރަށް އިން ކްރޯމޮސޯމް އެހެން ކްރޯމޮސޯމް އަކަށް
ނަގުލުވަނީ އެވެ. ނުވަތަ އެހެން ކްރޯމޮސޯމް އަކާއި ތަތްވެ ހަރުލާގޮތް ވަނީ އެވެ. ޑައުން
ސިންޑްރޯމް ހުންނަ ކުދިންގެ ތެރޭގައި މިވައްތަރު ހުންނަ ކުދިންގެ ނިސްބަތަކީ 3
އިންސައްތަ އެވެ. ޑައުން ސިންޑްރޯމްގެ މިވައްތަރު މައިންބަފައިންގެ ފުށުން
ދަރިންނަށް ވާރުތަ ވުމުގެ ފުރުޞަތު އޮވެއެވެ. އެއީ މިވައްތަރުގެ ކެރިއަރުން ތިބޭތީ
އެވެ.
ޑައުން ސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ދިރިއުޅުމުގައި
ގެންގުޅެވޭ އާދަތަކުން ކަމެއް ނުވަތަ ދިރިއުޅޭ މާހައުލުގައި ހުންނަ ވަކި ކަހަލަ
ކަންތައްތަކެއްގެ ސަބަބުންކަން އަދި ހޯދިފައެއް ނުވެއެވެ.
މަގުފަހިކުރާ
ކަންތައްތައް
ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމަށް
މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
(ހ) - މައިމީހާގެ އުމުރުން މަތިވުން : ބަލިވެ އިންނައިރު
މައިމީހާގެ އުމުރުން މަތިވުމަކީ (35 އަހަރަށްވުރެ މަތިވުން) ޑައުން ސިންޑްރޯމް
ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. އުމުރުން 35 އަހަރު
ވުމަށްފަހު ބަލިވެ އިންނަ އަންހެނުންނަށް ލިބޭ ކުދިންގެ ތެރެއިން ކޮންމެ 350
ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު
އޮވެއެވެ. އުމުރުން 40 އަހަރުވުމަށްފަހު ބަލިވެ އިންނަ މީހުންނަށް ލިބޭ ކުދިންގެ
ތެރެއިން ކޮންމެ 100 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް
ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އަދި އުމުރުން އުމުރުން 45 އަހަރުވުމަށްފަހު
ބަލިވެއިދެ ލިބޭ ކުދިންގެ ތެރެއިން ކޮންމެ 30 ކުދިންގެ ތެރެއިން 1 ކުއްޖަކަށް
ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.
(ށ) - ކުރިން ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު
ލިބިފައިވުން : ކުރިން ޑައުން ސިންޑްރޯމް ކުދިން ލިބިފައިވާ އަންހެނުންނަށް ދެވަނަ ފަހަރަށް
ވެސް ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު ލިބުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ
ކުރެވެއެވެ.
(ނ) - ދެމަފިރިންނަކީ ޓްރާންސްލޮކޭޝަން ޑައުން
ސިންޑްރޯމް ހުންނަ ކެރިއަރުންނަށްވުން : މަންމައާއި ބައްޕަގެ ފުށުން ވެސް ދަރިންނަށް
ބައްޔާއި ގުޅުންހުރި ބަހާތައް ވާރުތަވެދާނެ އެވެ.
ދެނެގަތުން
ބަނޑުގައިވާ ދަރިފުޅަކީ ޑައުން ސިންޑްރޯމް
ކުރިމަތިވެފައިވާ ކުއްޖެއްތޯ ބެލުމަށް މާބަނޑު ދުވަސްވަރު ޓެސްޓުކުރެވިދާނެ އެވެ.
އެގޮތުން ކުރެވޭ ކަމަކީ ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް
ހުރިތޯ ބެލުމަށް ސްކްރީން ކުރުމާއި،
ޑައުން ސިންޑްރޯން ކުރިމަތިވެފައި ހުރިތޯ ބަލައި ދެނެގަތުމެވެ. މާނައަކީ ސްކްރީން
ޓެސްޓު އަދި ޑައިގްނޯސްޓިކް ޓެސްޓު ހެދުމެވެ. ސްކްރީން ކުރުމުގެ މާނައަކީ ބަނޑުގައިވާ
ދަރިފުޅަކީ ޑައުން ސިންޑްރޯމް ގެ އަސަރު ހުރި ކުއްޖަކަށްވުމުގެ ފުރުޞަތު އޮތްތޯ
ބެލުމެވެ. ޑައިގްނޯސްޓިކް ޓެސްޓު ހެދުމުން ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި
ޑައުން ސިންޑްރޯމް ހުރިކަން ނުވަތަ ނެތްކަން ދެނެގަނެވޭނެ އެވެ.
މާބަނޑު
ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިތޯ ސްކްރީން
ކުރުން
ބައެއް ގައުމުތަކުގައި ބަލިވެ އިނުން ގަވާޢިދުން ކުރާ
ކަމެއްގެ ގޮތުގައި ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ޑައުން ސިންޑްރޯމް ހުރިތޯ
ސްކްރީން ކުރެއެވެ. ބަނޑުގައިވާ ދަރިފުޅަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ
ފުރުޞަތު އޮތްތޯ ބެލުމަށް ތަފާތު ސްކްރީން ޓެސްޓުތައް ހެދެއެވެ. ހަދާން
ބަހައްޓަންވީ ސްކްރީން ކުރުމަކުން އަދި ދަރިފުޅަށް ޑައުން ސިންޑްރޯމް
ކުރިމަތިވެފައިވާކަން ދެނެނުގަނެވޭނެ ކަމެވެ. އާންމު ގޮތެއްގައި ހަދައި އުޅޭ 3
ސްކްރީން ޓެސްޓަކީ:-
(ހ) - ފަސްޓް ޓްރައިމެސްޓަރ ކޮމްބައިންޑް ޓެސްޓު
(First Trimester combined test): މިއީ ދެފިޔަވަޅެއްގެ މަތިން ހެދޭ ޓެސްޓެކެވެ. ނުވަތަ
މީގައި ތަފާތު ދެ ޓެސްޓެއް ހަދަން ޖެހެއެވެ. އެއީ ލޭގެ ޓެސްޓު ހެދުމާއި ، ސްކޭން
ކުރުން އެވެ.
·
ލޭގެ ޓެސްޓު (blood test): ލޭގެ ޓެސްޓުގައި ބެލެނީ "މާބަނޑުވުމުން އުފެދޭ ޕްލާޒްމާ ޕްރޮޓީން –
އޭ"(PAPP-A)
އަދި " މާބަނޑު ހޯރމޯން"(Pregnancy
hormone) ގެ ގޮތުގައި މަޝްހޫރުވެފައިވާ
"ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރަޕިން "(HCG) ހޯރމޯން ގެ މިންވަރެވެ. މި ދެމާއްދާގެ މިންވަރަށް ބަދަލު
އައިސްފައި ހުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް ހުރުން
ކަމުގައި ފަހަރުގައި ވެދާނެ އެވެ.
·
ސްކޭން ކުރުން(Ultrasound) : ސްކޭން ކުރުމުގައި ޚާއްޞަ ގޮތެއްގައި ބެލެނީ ބަނޑުގައިވާ ދަރިފުޅުގެ ކަރުގެ
ފަހަތުގައިވާ ޚާއްޞަ ހިސާބެކެވެ.މިއީ "ނޫކަލް ޓްރާންސްލިއުސެންސީ ސްކްރީނިންގ
ޓެސްޓު"(nuchal translucency screening
test) ގެ ނަން ދެވިފައިވާ ޓެސްޓެކެވެ.
ކުޑަދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އާންމުކޮށް ހުންނަވަރަށްވުރެ
ބޮޑަށް ކަރުގެ ޓިޝޫ ތަކުގައި ދިޔާތަކެތި (ފެން) ހަރުލާފައި ހުންނަގޮތް ވާނެއެވެ.
މާބަނޑު މީހާގެ އުމުރާއި، މަތީގައި ބަޔާންކުރެވުނު ލޭގެ
ޓެސްޓާއި، ސްކޭންގެ ނަތީޖާއަށް ބަލައި ޑައުން ސިންޑްރޯމް ހުރި ކުއްޖަކު ލިބުމުގެ
ފުރުޞަތު އޮތް މިންވަރު ޑޮކްޓަރުންނަށް ކަނޑައެޅުމަށް ފަސޭހަވެގެން ދެއެވެ.
(ށ) - އިންޓެގްރޭޓެޑް ސްކްރީނިންގ ޓެސްޓު (Integrated screening test): މިއީ ވެސް ދެބަޔަކަށް ހެދޭ ޓެސްޓެކެވެ. އެގޮތުން މާބަނޑުވުމަށްފަހު ފުރަތަމަ
3 މަސް ދުވަހާއި، ދެވަނަ 3 މަސް ދުވަހުގެ ތެރޭގައި ޓެސްޓު ހަދަން ޖެހެއެވެ.
ފުރަތަމަ ބައި ހެދެނީ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައެވެ. އަދި ދެވަނަ ބައި
ހެދެނީ ދެވަނަ 3 މަސް ދުވަހުގެ ތެރޭގައެވެ.
·
ފުރަތަމަ ބައި - ފުރަތަމަ
3 މަހުގެ ތެރޭގައި : މިބައިގައި ހިމެނެނީ މާބަނޑުވުމުން އުފެދޭ ޕްލާޒްމާ ޕްރޮޓީން- އޭ ގެ
މިންވަރު ބެލުމަށް ލޭގެ ޓެސްޓު ހެދުމާއި، ސްކޭން ކުރުމެވެ.
·
ދެވަނަ ބައި - ދެވަނަ
3 މަހުގެ ތެރޭގައި : މިބައިގައި މާބަނޑުވުމުން އުފެދޭ ތަފާތު 4 މާއްދާއެއް ލޭގައި ހުރި މިންވަރު
ދެނެގަނެވޭނެ އެވެ. އެގޮތުން އަލްފާ ފީޓޯޕްރޮޓީން(Alpha
fetoprotein)، އެސްޓްރައިއޯލް(Estriol)،
ހިއުމަން
ކޮރިއޮނިކް ގޯނާޑޮޓްރޮޕިން(HCG)،
އަދި
އިންހިބިން އޭ(Inhibin A) ލޭގައި ހުރި މިންވަރު ބެލޭނެ އެވެ. މިޓެސްޓުގައި
ތަފާތު 4 ޕްރޮޓީން އެއް ހުރި މިންވަރު ދެނެގަނެވޭތީ "ކްއެޑްރަޕްލް
ޓެސްޓް"(Quadruple test) އޭ ކިޔައި އުޅެއެވެ.
(ނ) - ސެލް ފްރީ ފީޓަލް ޑީއެންއޭ އެނަލިސިސް (Cell-Free fetal DNA Analysis): މިޓެސްޓުގައި މައިމީހާގެ ލޭގެ ތެރޭގައި ދައުރުވާ ތުއްތު ދަރިފުޅުގެ ޑީއެންއޭ
ޓެސްޓު ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމުގެ ލިބުމުގެ ފުރުޞަތު
ބޮޑު އަންހެނުންނަށް މި ޓެސްޓު ހެދުމަށް އިރުޝާދު ދެވެއެވެ. މަތީގައި ބަޔާންކުރެވުނު
ޓެސްޓުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް މިޓެސްޓު ހަދަން އިރުޝާދު ދީފާނެ އެވެ.
އާންމުކޮށް މިޓެސްޓު ހަދައިއުޅެނީ މާބަނޑުވާތާ 10 ހަފްތާ ފަހުންނެވެ. މިއީ ޑައުން
ސިންޑްރޯމް ހުރިތޯ ބެލުމަށް ހެދޭ ވަކިން ޚާއްޞަ ޓެސްޓެއްކަން ފާހަގަ ކުރެވެއެވެ.
މިޓެސްޓުގެ އެހީގައި ޑައުން ސިންޑްރޯމް ހުރިކަމަށް ޝައްކު ކުރެވޭނަމަ ޑައިގްނޯސްޓިކް
ޓެސްޓުތައް ހަދަން ލަފާދީފާނެ އެވެ.
މާބަނޑު
ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިކަން
ދެނެގަތުން
މާބަނޑުވުމަށްފަހު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި
ޑައުން ސިންޑްރޯމް ހުރިތޯ ސްކްރީން ކުރުމަށް ހަދާ ޓެސްޓުތަކުން ޑައުން ސިންޑްރޯމް
ހުރިކަމަށް ޝައްކުކުރެވޭފަދަ ނަތީޖާއެއް ލިބިއްޖެނަމަ، ޑައުން ސިންޑްރޯމް ތުއްތު
ދަރިފުޅުގެ ކިބައިގައި ހުރިކަން ޔަގީންކުރުމަށް ނުވަތަ ދެނެގަތުމަށް އިތުރު
ޓެސްޓުތައް ހަދަން ލަފާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައިވާ
ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިކަން ދެނެގަތުމަށް ހެދޭ
ޑައިގްނޯސްޓިކް ޓެސްޓުތަކުގެ ތެރޭގައި:-
(ހ) އެމްނީއޯސެންޓީސިސް (Amniocentesis): އެމްނީއޯސެންޓީސިސް އަކީ އުފެދުމުގައި ޢައިބެއް ހުރިތޯބެލުމަށް
ކުރެވޭ އެންމެ ޢާންމު އެއް ޓެސްޓެވެ. ޢާންމުކޮށް މިޓެސްޓް ހަދަނީ ބަލިވެއިނުމަށް
ފަހު 18-15ވަނަ ހަފްތާއާއި ދޭތެރޭގައެވެ.
ޓެސްޓް ހަދާގޮތް : ކުޑަދަރިފުޅުގެ ވަށައިގެން ލެވިފައިވާ ''ފެންދުލި''(Amniotic sac)ނުވަތަ ''ފެން ކޮތަޅު''ގެ ތެރެއިން ތިނޯހެއް
ބޭނުންކޮށްގެން "ފެނު''(Amniotic
fluid)ގެ
ސާމްޕަލްއެއް ނެގެއެވެ. ފެންދުލީގައި ހުންނަ ފެނުގެ ތެރޭގައި ޓެސްޓްކުރުމަށް
ބޭނުންކުރެވޭ ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތައް ހުރެއެވެ. މިސެލްތައް
ކުޑަދަރިފުޅެކޭ އެއްފަދައިން ވިރާސީ ސިފަތައް އުފުލައެވެ.
ޓެސްޓްހެދުމަށްޓަކައި ބަނޑުހާމަކުރުމަށްފަހު މާބަނޑު
އަންހެނާ އުއްޑުން ބާއްވައެވެ. އެންމެ ފުރަތަމަ ތިނޯސް ވައްދަންވީ ދިމާ
ހޯދުމަށްޓަކައި ސްކޭން ކުރެވޭނެ އެވެ. އެއީ ތިނޯހުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި
ބީހުނަ ނުދިނުމަށްޓަކައިއެވެ. އެއަށްފަހު ފަރުވާތެރިކަމާއިއެކު، ބަނޑާއި،ރަހިމުގެ
ތެރެއިން ތިނޯސް ފެންކޮތަޅަށް ނުވަތަ ފެން ދުއްޔަށް ފޯރުވައެވެ. އައުންސެއް
ހުންނަވަރުގެ ކުޑަފެން ނުވަތަ ދިޔަކޮޅެއް ނަގައެވެ. އެއްމާބަނޑު ދެކުދިން ބަނޑުގައި
އޮތްނަމަ ކޮންމެ ފެން ދުއްޔަކުން ވަކިން ސާމްޕަލްއެއް ނުވަތަ ނަމޫނާއެއް ނަގައެވެ.
ނެގުނު ދިޔައިގެ ބަދަލުގައި އެބައި ފޫބެއްދުމަށް ކުޑަދަރިފުޅުގެ ހަށިގަނޑުން
އިތުރަށް ފެން އުފައްދައެވެ.
ނެގިފައިވާ ފެނުގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ.
އެއަށްފަހު ޚާއްޞަ ދިޔަ(Specific
fluid)އެއް
ގައި ދުވަސްކޮޅެއް ވަންދެން ބޮޑުކުރުމަށް(Grow) ބަހައްޓައެވެ. ނާދިރު ހާލަތެއްގައި ނުވަތަ މަދު ފަހަރަކު މިގޮތަށް
ބަހައްޓާ ސެލްތައް ބޮޑުނުވުމަކީ ވެދާނެކަމެކެވެ. މިހެން ދިމާވެއްޖެނަމަ އަލުން
ޓެސްޓްހަދަން ޖެހެއެވެ.މީގެ މާނައަކީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް
ހުރުމެއް ނޫނެވެ. ފެންދުލިން ނެގޭ ފެން ބޭނުންކޮށްގެން ހަދާ މިޓެސްޓް
ބިނާވެގެންވަނީ ޓެސްޓްކުރެވޭ މާބަނޑުއަންހެނާއާއި، އޭނާގެ ޢާއިލާގައި ވާރުތަކުރާ
ބަލިތައް ހުރިނެތްގޮތެއްގެ މައްޗަށެވެ. ބަޔާންކުރެވުނު ގޮތަށް ލެބޯޓަރީގައި
ސެލްތައް ބޮޑުކުރުމަށް ފަހު ޓެސްޓް ހެދުމަށް 2ހަފްތާ ނަގައެވެ.
އުފެދުމުގައި ޢައިބެއް ހުރިތޯ ބެލުމަށް ސީދާ ފެންދުލިން
ނެގޭ ފެން ވެސް ބޭނުންކުރެވެއެވެ. މިގޮތުން އެފެން ބޭނުންކޮށްގެން ހެދޭ އެއް
ޓެސްޓަކީ ''އަލްފާ ފީޓޯޕްރޮޓީން ޓެސްޓް''(Alpha-fetoprotein
test)އެވެ.
އަލްފާ ފީޓޯޕްރޮޓީން އަކީ ބަނޑުގައި ބޮޑުވަމުން އަންނަ ކޮންމެ ކުޑަކުއްޖެއްގެ
ހަށިގަނޑުން އުފައްދާ ޕްރޮޓީން އެކެވެ. އަލްފާ ފީޓޯޕްރޮޓީންގެ މަދުމިންވަރެއް
މެނުވީ ފެންދުލީގެ ތެރެއަށް ވާސިލެއް ނުވެއެވެ. އެހެންކަމުން ފެންދުލީގެ ފެނުގައި
ތެރޭގައި މާގިނައަދަދަކަށް އަލްފާ ފީޓޯޕްރޮޓީން ހުރިނަމަ އެއީ އުފެދުމުގައި ޢައިބެއް
ހުރިކަމުގެ ނިޝާނެކެވެ. މިސާލަކަށް ''ނިއުރަލް ޓިއުބުގައި ޢައިބެއް ހުރުން''(Neural tube defects) ނުވަތަ
''ކުޑަދަރިފުޅުގެ ބަނޑުގައި ލޯވަޅެއް ހުރުން''(Openings
in the fetus abdomen) ނުވަތަ ޑައުން
ސިންޑްރޯމް ހުރުން ފަދަ ކަންކަމެވެ.
ކުރިމަތިވެދާނެ މައްސަލަތައް : އެމްނީއޯސެންޓީސިސް
އަކީ އެހާ ނުރައްކާތެރި ޓެސްޓެއް ނޫނެވެ. ނަމަވެސް ޓެސްޓްގެ ސަބަބުން ބައެއް
ކަހަލަ އުދަގޫތައް މެދުވެރިވުމަކީ ވެދާނެކަމެކެވެ. މިގޮތުން އަކުނިވަޔަށް
ދެމުން،ނުވަތަ ވާޅުވުން، ލޭފޭބުން، އިންފެކްޝަން އަށަގަތުން ފަދަ ކަންކަން
މެދުވެރިވެދާނެއެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަ މީހުންގެ ތެރެއިން ކޮންމެ
200ން 1އަށް ބައިގެންދިއުން(Miscarriage) ކުރިމަތިވެއެވެ. މިޓެސްޓު ހެދުމުގެ ތެރޭގައި ބަނޑުގައިވާ
ކުޑަދަރިފުޅަށް އަނިޔާ ލިބުމަކީ ވަރަށް ނާދިރުކަމެކެވެ.
(ށ) ކޮރީއޮނިކް ވިލަސް ސާމްޕްލިންގ (Chorionic villus sampling): މިއީ ޢާންމުގޮތެއްގައި އެމްނީއޯސެންޓީސިސް އަށްވުރެ އަވަހަށް ބަލިވެ އިންނަތާ
ކުރީކޮޅު ހަދާ ޓެސްޓެކެވެ. ޢާންމުގޮތެއްގައި މިޓެސްޓް ހަދަނީ ބަލިވެއިނުމަށްފަހު
12-10ވަނަ ހަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ. ނުވަތަ ބަލިވެއިންނަތާ 10 ހަފްތާގެ
ފަހުންނެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ
ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އެކަން ދެނެގަނެއެވެ.
ޓެސްޓު ހަދާގޮތް : މިޓެސްޓް ހެދުމަށްޓަކައި ރަހިމުގެ
ތެރޭގައި ތުއްތު ދަރިފުޅުގެ ހަށިގަނޑާއި މައިމީހާ ގުޅުވައިދޭ ވަޞީލަތް ނުވަތަ މަހު(Placenta)ގެ ސެލްތަކުން ކުޑަ ސާމްޕަލްއެއް ނެގެއެވެ. ކޮރީއޮނީކް
ވިލައި(chorionic villi) އަކީ މަހުގެ ކުދި ބައިތަކެވެ. ''ވިލައި''(Villi) އުފެދެނީ މުޑުވައްވެފައިވާ ބިހުންނެވެ. ކުޑަދަރިފުޅުގެ
ހަށިގަނޑުގައި ހުންނަ ވިރާސީ ބަހާ(Gene)އާއި، އެއްގޮތް ވިރާސީ
ބަހާތައް ''ވިލައި'' ވެސް އުފުލައެވެ.
ބަނޑުގައިވާ ދަރިފުޅަށް ކާނާ ގެންގޮސްދޭ މަހުގެ ސެލްތައް
ނެގިދާނެ ދެގޮތެއް ވެއެވެ.އެއީ ފަރުޖު ނުވަތަ އަންހެނާގެ ކުރިމަތި ފަރާތަށް (Vagina) އެއްޗެއް
ބާނައިގެން މަހުން ސެލްތައް ނެގުމާއި،ބަނޑުގެ ތެރެއަށް އެއްޗެއް ބާނައިގެން މަހުން
ސެލްތައް ނެގުމެވެ.
ފަރުޖު ނުވަތަ އަންހެނާގެ ކުރިމަތި ފަރާތުގެ ޒަރީޢާއިން މަހުން
ސެލްތައް ނެގުމުގައި އެންމެ ފުރަތަމަ ''ސްޕެކިއުލަމް'' (Speculum)އެއް ކުރިމަތި
ފަރާތުގެ އެތެރެއަށް ލެވެއެވެ. އެއަށްފަހު ވަރަށް ހަނި ނުވަތަ ހިމަ ޕްލާސްޓިކް
ހޮޅިއެއް ފަރުޖުގެ ތެރެއިން ރަހިމުގެ ތެރެއަށް ފޯރުވައެވެ. ''އަލްޓްރާ ސައުންޑް''(Ultra sound)ގެ އެހީގައި މިބުނި ހޮޅިކޮޅު މަހާއި ހަމައަށް ފޯރުވައެވެ.
ދެން މަހުގެ ސެލްތަކުގެ ކުޑަ ސާމްޕަލްއެއް ނެގެއެވެ.
ބަނޑުގެ ޒަރީޢާއިން މަހުގެ ސެލްތައް ނެގުމުގައި ''އެމްނީއޯސެންޓީސިސް''އެކޭ
އެއްގޮތަށް ބަނޑުގެ ތެރެއަށް ހިމަ ތިނޯހެއް ބާނައިގެން މަހާއި ހަމައަށް ފޯރުވައެވެ.
އެއަށްފަހު ނެގުނު ''ކޮރިއޮނިކް ވިލައި''ގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ.
ލެބޯޓަރީގައި ޓެސްޓްކުރުމަށްޓަކައި ބޮޑުކުރެވެއެވެ.
ޖިންސީގުޅުމުން އަރާ ބައްޔެއް ހުރުން، މާބަނޑު ދުވަސްވަރު
ލޭފޭބުން، ރަހިމުގެ ކަރުގައި މައްސަލައެއް ހުރުން މިއިން ކަމެއް ކުރިމަތިވެފައިވާނަމަ
''ކޮރީއޮނިކް ވިލަސް ސާމްޕްލިންގ'' ޓެސްޓްހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.
އެކަމަކު އެއީ ހަމައެކަނި ބަނޑުގެ ޒަރީޢާއިންނެވެ. އެހެން އެއްވެސް ހާލަތެއްގައި
''ކޮރީއޮނިކް ވިލަސް ސާމްޕްލިންގ'' ހެދޭ ދެގޮތުންކުރެ އެއްގޮތަކީ ވެސް އެންމެ
ރަގަޅު އިޚްތިޔާރުކަމުގައެއް ނުބެލެވެއެވެ.
ނަތީޖާ : އެމްނީއޯސެންޓީސިސް އެކޭ
އެއްގޮތަށް މިޓެސްޓަކީ ވެސް އުފެދުމުގައި ހުންނަ އައިބުތައް ދެނެގަތުމަށް ހެދޭ
ޓެސްޓެކެވެ. ނަމަވެސް ''ނިއުރަލް ޓިއުބުގައި ހުންނަ އައިބު''ތައް މިޓެސްޓަކުން
ނުހޯދެއެވެ. ''ކޮރީއޮނިކް ވިލަސް ސާމްޕްލިންގ'' ޓެސްޓް ހަދާފައިވާނަމަ
ވިހަންކައިރިވުމުން(ބަލިވެއިންނަތާ ފަހުކޮޅު) ލޭގައި ''އަލްފާ ފީޓޯޕްރޮޓީން'' ހުރި
މިންވަރު ބެލިދާނެއެވެ. އެއީ ނިއުރަލް ޓިއުބުގައި ޢައިބެއް ހުރިތޯ ބެލުމަށެވެ.
މިޓެސްޓްގެ ނަތީޖާ ޢާންމުގޮތެއްގައި 10ދުވަހުގެ ތެރޭގައި ލިބެއެވެ.
ކުރިމަތިވެދާނެ މައްސަލަތައް : އެމްނީއޯސެންޓީސިސް
ހެދުމަށްވުރެ ކޮރީއޮނިކް ވިލަސް ސާމްޕްލިންގ ހެދުމުން ބައިގެން ދިއުމުގެ ފުރުސަތު
ބޮޑެވެ. އެއީ މިޓެސްޓް ހަދަނީ ބަލިވެއިންނަތާ ކުރީކޮޅު ކަމުގައިވާތީއެވެ.
މައިމީހާގެ ހަށިގަނޑުގައި އިންފެކްޝަން އަށަގަތުމަކީ ވެސް ވެދާނެކަމެކެވެ.
ބަލިވެއިންނަތާ 10ވަނަ ހަފްތާގެ ކުރިން މިޓެސްޓް ހަދައިފިނަމަ ވަރަށް
މަދުހާލަތެއްގައި ކުޑަދަރިފުޅުގެ އަތްފައިގައި ޢައިބު(Limb
deformities) ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
(ނ) ކޯޑޯސެންޓީސިސް (Cordocentesis): ކޯޑޯސެންޓީސިސް ގެ
މާނައަކީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ފޫޅު ދަނޑިން ލޭނަގައިގެން އޭގައި
ކްރޯމޮސޯމްގެ ޢައިބުތައް ހުރިތޯ ޓެސްޓުކުރުމެވެ. މިޓެސްޓަށް "ޕާކިޔުޓެނިއަސް
އަމްބްލިކަލް ކޯޑް ބްލަޑް ސާމްޕްލިންގ"(PUBS) އޭ ވެސް ކިޔައެވެ. މިޓެސްޓު އާންމުކޮށް ހަދައި އުޅެނީ ބަނޑަށް
22-18 ހަފްތާއާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.
ކުރިމަތިވެދާނެ މައްސަލަތައް : ބަޔާންކުރެވުނު
ދެޓެސްޓަށްވުރެ މިޓެސްޓު ހެދުމުގެ ސަބަބުން ބައިގެން ދިއުމުގެ ފުރުޞަތު ބޮޑެވެ.
އެހެންކަމުން މިޓެސްޓު ހަދަން އިރުޝާދުދެނީ މަތީގައި ބަޔާންކުރެވުނު ޓެސްޓުތަކުން
އެދެވޭ ނަތީޖާއެއް ނުލިބިއްޖެ ހާލަތެއްގައެވެ.
އުފަންވުމަށްފަހު
ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޑައުން ސިންޑްރޯމްގެ އަސަރު ހުރިތޯ ބެލުން
އުފަންވުމަށްފަހު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޑައުން
ސިންޑްރޯމްގެ އަސަރު (ޑައުން ސިންޑްރޯމްގެ ސިފަތައް) ފެންނަން ހުރެދާނެ އެވެ.
ނަމަވެސް ހަދާން ބަހައްޓަންވީ މީގެ ތެރެއިން ބައެއް ކަންކަމަކީ ޑައުން ސިންޑްރޯމް
ނުހުންނަ ކުދިންގެ ކިބައިން ވެސް ފެނިދާނެ ކަންތައްތަކެއް ކަމެވެ. އެހެން ކަމުން
ތުއްތު ދަރިފުޅު އުފަންވުމަށްފަހު ޑައުން ސިންޑްރޯމް އަށް ޝައްކު ކުރެވޭނަމަ
"ކްރޯމޮސޯމަލް ކެރީއަޓައިޕް"(Chromosomal
karyotype) ކިޔޭ ލޭގެ ޓެސްޓެއް ހެދެއެވެ.
މިޓެސްޓުގައި ކްރޯމޮސޯމް ތައް ތަހުލީލުކޮށް ދިރާސާ ކުރެވެއެވެ. ހުރިހާ
ސެލްތަކެއްގެ ނުވަތަ ބައެއް ސެލްތަކުގެ 21 ވަނަ ކްރޯމޮސޯމް ޖޯޑުގައި އިތުރު
ކްރޯމޮސޯމް އިންކަމަށްވާނަމަ އޭގެ މާނައަކީ ޑައުން ސިންޑްރޯމް އެކުއްޖެއްގެ
ކިބައިގައި ހުރުމެވެ.
ކްރޯމޮސޯމަލް ކެރީއަޓައިޕިންގ ޓެސްޓަކީ ޑައުން ސިންޑްރޯމް
ހުރިކަން ޔަގީންކޮށްދޭނެ ޓެސްޓެކެވެ. ޑައުން ސިންޑްރޯމް ހުރިކަން ޔަގީންވުމުން
އިތުރު ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން
ހަދަން ލަފާދީފާނެ ޓެސްޓުތަކުގެ ތެރޭގައި:-
·
ހިތުގެ އީކޯ ޓެސްޓެއް ހެދުން
(އީކޯކާޑިއޯގްރާމް)
·
އީސީޖީ ނެގުން
·
މޭގެ އެކްސްރޭ ނެގުން
މީގެ އިތުރުން
އަންނަނިވި ކަންކަމަށް ސްކްރީންކޮށް ޗެކުކުރެވެއެވެ.
·
ލޮލުގެ ޓެސްޓު ހެދުން (އެންމެ
ކުޑައިރު އަހަރަކު އެއް ފަހަރު)
·
ކަންފަތުގެ ޓެސްޓު ހެދުން (
ކޮންމެ 12 – 6 މަހުގެ މުއްދަތެއްގައި )
·
ދަތްތައް ޗެކުކޮށް ހެދުން (
ކޮންމެ 6 މަހުން އެއްފަހަރު )
·
ކަރުގެ މައިބައިދައިގެ
ކަށިތަކުގެ އެކްސްރޭ ނެގުން (5 – 3 އަހަރާއި ދެމެދުގައި)
·
ތައިރޮއިޑް ޓެސްޓު ހެދުން
(އަހަރަކު އެއް ފަހަރު)
·
ޕެޕް ސްމިއަރ އަދި ޖިންސީ
ގުނަވަން ހިމެނޭ ހިސާބު ބަލައި ހެދުން (ބާލިޣުވުމަށްފަހު / އުމުރުން 21
އަހަރުވުމުން)
ޑައުން
ސިންޑްރޯމް އާއެކު ދިރިއުޅުން
ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ހުންނަ
ޢައިބެއްކަމުން މިއީ މުޅި އުމުރަށް ހުންނާނެ ބައްޔެކެވެ. މިއީ ވަކި ޚާއްޞަ
ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. މިބަލީގެ ފަރުވާ އަކީ ބަލިކުދިންނާއި އަޅާލައި
އޯގާތެރިކޮށް ކަންތައް ކުރުމާއި، އެކުދިންނަށް ފަސޭހަވާނެ ހެން އެކި ކަންކަން
ބައްޓަން ކޮށްދިނުމެވެ. އެކުދިންނަށް ބޭނުންވާ އެކި ކަހަލަ ބޭނުންތައް ފުދޭނެ ގޮތް
ހަމަޖައްސައިދީފައި ހުރުމެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެންމެ
ކުޑައިރުއްސުރެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ބެލެހެއްޓުމަކީ މުހިއްމު
ކަމެކެވެ. އެފަދަ ކުދިންނަށް ބޭނުންވާނެ ޚިދުމަތްތައް އެކިއެކި ސިފަސިފައިގައި
ގާއިމްކުރެވެން ޖެހެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކަށް ބޭނުންވާނެ މައިގަނޑު
ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފިޒިކަލް ތެރަޕީ، ސްޕީޗް ތެރަޕީ، އަދި
އޮކިޔުޕޭޝަނަލް ތެރަޕީ އެވެ. ސްޕީޗް ތެރަޕީ އަކީ ވާހަކަ ދެއްކުމުގެ ހުނަރު
ރަގަޅުކުރުމަށް އެހީވެދޭނެ މަގެކެވެ. ފިޒިކަލް ތެރަޕީ އަކީ ތަފާތު ޖިސްމާނީ
ހަރަކާތްތައް ރަގަޅުކޮށްދޭނެ ކަމެކެވެ. އޮކިޔުޕޭޝަނަލް ތެރަޕީ އަކީ ދިރިއުޅުމުގައި
ދިމާވާ އެކިއެކި ކަންކަން ފުރިހަމަކުރުމަށް ލިބިދޭ ބާރަކަށްވާނެ ކަމެކެވެ. އެހެން
ކަމުން މިފަދަ ޚިދުމަތްތައް އެކުދިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިފައި
ހުރުން މުހިއްމެވެ.
ޑައުން ސިންޑްރޯމް އާއި ގުޅިގެން އުފެދޭ އައިބުތަކުގެ
ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ ޢައިބުތައް ފިޔަވައި އެހެން ގިނަ
ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. އަދި އެފަދަ މީހުން ބޮޑުވެ
ފުރާ ފުރިހަމަ މީހެއްގެ ގޮތުގައި އުޅުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ.
އާންމުކޮށް ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންނަކީ
އުމުރު ކުރު ބައެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި އެމީހުންގެ އުމުރު އުޅެނީ 55
އަހަރުން ދަށުގައެވެ. މާނައަކީ 55 އަހަރު ވުމުގެ ކުރިން މަރުވެއެވެ. މިހެން ދިމާވާ
މައިގަނޑު ސަބަބެއް ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން ދުވަސްވުމުން
ކުރިމަތިވާ ''ޑިޖެނެރޭޓިވް ކަންޑިޝަން'' ނުވަތަ ހަށިގަނޑުގެ ސެލްތައް
ހަލާކުކޮށްނެތިދާ މަރުޙަލާ މާއަވަހަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް
ކުރިމަތިވާތީ އެވެ. އަދި އެމީހުންނަކީ ސިނކުޑީގައި އުނިކަމެއް ހުންނަ ބަޔަކަށް
ވެފައި ގިނަ ފަހަރު އަމިއްލަ އިޚްތިޔާރު ގައި ކަންކަން ކުރަން ނޭނގޭ ބަޔަކަށް ވާތީ
އެވެ.
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ބޭނުމުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު :
No comments:
Post a Comment