Friday, July 30, 2021

ލޮލަށް ފުސްއެރުން

 

ލޮލަށް ފުސްއެރުން

ލޮލަށް ފުސްއެރުން(Cataract)  މިއީ ލޮލުގެ ބައްޔެކެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ދިމާވެދާނެ ބައްޔެކެވެ. ލޮލަށް ފުސްއެރުން ނިސްބަތްކުރެވެނީ ލޮލުގެ ލެންސް މައްޗަށް ފުސްއެރުމަށެވެ. ނޫނީ ލޮލުގެ ލެންސް ފުސްވުމަށެވެ. ލޮލަށް ފުސްއަރާފައި ހުރިނަމަ، ފުސްއަރާފައި ހުރި ލޮލުން އެމީހަކަށް ތަންތަން ފެންނާނީ ފުސްކޮށް، ފަނޑުކޮށެވެ. މިސާލަކަށް ބިއްލޫރި ދޮރަކަށް އާވިއެރުމުން، ނޫނީ ދުންފިނި ހިފާފައިވާ ކުޑަދޮރަކަށް ބަލާއިރު ފެންނަ ފަދަ ފުސް ގޮތަކަށެވެ. ލޮލަށް ފުސްއެރުމަކީ އެކަމުގެ ސަބަބުން ޢާންމު ދިރިއުޅުމުގައި ކުރެވޭ ބައެއް ކަންތައްތައް މިސާލަކަށް ފޮތްކިޔުން، އުޅަނދެއް ދުއްވުން ފަދަ ކަންކަމަށް ހުރަސްތަކާ ކުރިމަތިވެދާނެ ކަމެކެވެ.

ގިނަ ފަހަރަށް ލޮލަށް ފުސްއަރަމުން އަންނަނީ މަޑުމަޑުންނެވެ. އަދި ކުރީކޮޅު ލޮލުގެ ފެނުމަށް މާބޮޑަކަށް އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ގިނަ ދުވަސްވާވަރަކަށް ލޮލުގެ ފެނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.


ލޮލަށް ފުސްއެރުން ކުރިމަތިވާގޮތް

ލޮލަށް ފުސްއަރައި  ފުސް ޖަމާވާ ތަން "ލެންސް" އިންނަނީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައެވެ. ލޮލުގެ ލެންސް މަސައްކަތަކީ ލޮލަށް އެޅޭ އަލީގެ ދޯދިތައް ނުވަތަ ލޮލަށް ފެންނަ މަންޒަރު (ތަސްވީރު) ތައް ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުއްޔަށް ފޯކަސް ކުރުވުން ނޫނީ އަމާޒުކުރުވުމެވެ. އެހެންކަމުން ލޮލަށް ވަންނަ އަލީގެ ދޯދިތައް ރިފެރިކޮށްގެން އަހަރެމެންނަށް ފެނުމަށް އެހީތެރިވެދޭ މަޞްދަރަކީ ލެންސް އެވެ. ލެންސް އަކީ އޭގެ ޒާތުގައި ސާފުކޮށް އިންނަ އެއްޗެކެވެ.  

އުމުރުން ދުވަސްވާވަރަކަށް ލެންސްގައި ހުންނަ ފަހެލިކަން(flexibility) ކުޑަވަމުންދެއެވެ. އެތެރެ ސާފުކޮށް ފެނުން ނޫނީ ހާމަކަމާއެކު ފެނުން ކުޑަވެ، ލެންސް ބޯވެގެންދެއެވެ. އުމުރުން ދުވަސްވުމާއި، އެހެނިހެން ޞިއްޙީ މައްސަލަތަކާ ހުރެ، ލެންސް އެތެރޭގެ ސެލޯށިތައް ހަލާކުވެ، ހަލާކުވި ސެލޯށިތައް އެކަތި އަނެކައްޗާއި، ތަތްވެ، އެއްވެ، އެކަތިގަނޑަކަށް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލެންސް އިން ތަންކޮޅަކަށް ފުސްއަރައެވެ.

ލޮލަށް ފުސްއެރުން ގިނަ ދުވަސްވާރަކަށް ފުސްއެރުން އިތުރުވެ، ލެންސްގެ ބޮޑުބަޔަކަށް ފުސްއަރާގޮތް ވެއެވެ. ލެންސް އަށް ފުސްއެރުމުން ، ލޮލަށް ވަންނަ އަލީގެ ދޯދިތައް ލެންސް މެދުވެރިކޮށް، ލޮލުގެ ފަހަތުގައިވާ އަލިދުއްޔަށް ފޯރުވުމަށް ހުރަސްއަޅައެވެ.

ސަބަބު

ލޮލަށް ފުސްއަރަން މެދުވެރިވާ އެންމެ އާންމު ސަބަބަކީ އުމުރުން ދުވަސްވުމެވެ. އުމުރުން ދުވަސްވުމުން ލޮލަށް ފުސްއަރަން ފަށަނީ އާންމު ގޮތެއްގައި އުމުރުން 55 އަހަރުވާފަހުންނެވެ. އެއީ އާންމު ގޮތެއްގައި ލެންސް ގައި ހުންނަ ޕްރޮޓީންތައް ހަލާކުވާން ފަށަނީ އުމުރުން 55-60 އަހަރުވުމަށްފަހުގައި ކަމަށްވާތީ އެވެ. ލެންސް ފުސްވާން ފަށަނީ މިގޮތަށް ޕްރޮޓީންތައް ބައިބައިވެ، ހަލާކުވާން ފެށުމުންނެވެ. މީގެ އިތުރުން ލޮލުގެ ލެންސްގެ ސެލޯށިތަކަށް ލޮލަށް ލިބޭ އަނިޔާއެއްގައި ގެއްލުންވުމަކީ ވެސް ލޮލަށް ފުސްއެރުން ކުރިމަތިކުރުވަފާނެ ކަމެކެވެ.

ވިރާސީ ގޮތުން ވާރުތަވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކުގެ ސަބަބުން ލޮލަށް ފުސްއެރުމުގެ ހިރާސް އިތުރުވެއެވެ. ކުރިން ލޮލުގެ އޮޕަރޭޝަން ކޮށްފައިވުމާއި، އެހެނިހެން ލޮލުގެ މައްސަލަތައް ހުރުމާއި، ހަކުރު ބަލި ފަދަ ކަންކަމަކީ ވެސް ލޮލަށް ފުސްއެރުމަށް މަގުފަހިކުރާ ކަންކަމެވެ. ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ސްޓީރޮއިޑް، ކްލޮރޯޕްރޮމޭޒިން ފަދަ ބޭސްތައް ދިގުމުއްދަތަކަށް ބޭނުންކުރުމަކީ ވެސް ލޮލަށް ފުސްއެރުމަށް މަގުފަހިވެދާނެ ކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް

ލޮލަށް ފުސްއެރުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އުމުރުން ދުވަސްވުން

·         ހަކުރު ބަލި ހުރުން

·         ގިނައިރު އަވީގައި ނޫނީ ބޭރުތެރޭގައި އުޅެންޖެހުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         މާބޮޑަށް ހަށިގަނޑު ފަލަވެ ބުރަހެލިވުން

·         ލޭމައްޗަށްދިއުން

·         ކުރިން ލޮލަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެފައިވުން

·         ކުރިން ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވުން

·         ކުރިން ރޭޑިޔޭޝަންގެ ފަރުވާ ހޯދާފައިވުން

·         ސްޓީރޮއިޑް ދިގުމުއްދަތަކަށް ބޭނުންކުރުން

·         މާގިނައިން ބަނގުރާ ބުއިން

·         އާއިލާގެ މެންބަރުންގެ ތެރޭގައި ވާރުތަވާ ކަމެއްގެ ގޮތުގައި ލޮލަށް ފުސްއެރުން ދައުރުވަމުން އައުން

·         ވިޓަމިން ސީ، ވިޓަމިން އީ ، އަދި ކެރޮޓިނޮއިޑް ފަދަ މާއްދާތައް މަދުވުން

ލޮލަށް ފުސްއެރުމުގެ ވައްތަރުތައް

ލެންސް އެކުލެވިގެންވަނީ ފިޔައެއް ހެން ފަށަލަތަކެއްގެ މައްޗަށެވެ. އެގޮތުން ލެންސްގެ އެންމެ ބޭރަށް އިންނަނީ އޭގެ ކެޕުސޫލް ނުވަތަ ބޭރު ދުއްޔެވެ. އެޖެހިގެން އެތެރެއަށް އިންނަނީ ކޯޓެކްސް ނުވަތަ ތޮށްޓެވެ. ތޮށީގެ އެތެރެއަށް އިންނަނީ އޭގެ މަދު ނުވަތަ ނިއުކްލިއަސް އެވެ. މިބައިތަކަށް ރިއާޔަތްކޮށް ލޮލަށް ފުސްއެރުން ބެހިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ.

(ހ) ނިއުކްލިއަރ ކެޓަރެކްޓް (Nuclear Cataract): މިއީ ލެންސްގެ މެދަށް ފުސްއެރުން ކުރިމަތިވުމެވެ. ލެންސްގެ މެދަށް ފުސްއެރުމުން ކުރީކޮޅު ފަހަރުގައި ކައިރީގައި ހުންނަ ތަކެތި ރަނގަޅަށް ފެނިފައި، ދުރުގައި ހުންނަ ތަކެތި ނުފެނިދާނެ އެވެ. ނޫނީ ދުރުގައި ހުންނަ ތަކެތި ފުސްކޮށް ފެނިދާނެ އެވެ. ނަމަވެސް ދުވަސްވާވަރަކަށް  ލެންސް ކުލަ ރީނދޫކުލައަށް ބަދަލުވެ، ފެނުމަށް ދަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު މުށިކުލައަށް ވެސް ބަދަލުވެދާނެ އެވެ.

(ށ) ކޯޓިކަލް ކެޓަރެކްޓް (Cortical Cataract): މިއީ ލެންސްގެ އަރިމައްޗަށް ނޫނީ ކައިރިފަށަށް ފުސްއެރުން ކުރިމަތިވުމެވެ. ލެންސްގެ އަރިމައްޗަށް ފުސްއަރާއިރު، ފުސް ހުންނަނީ އަރިމަތީގައި ކުދިކުދި ރޮނގުބުރިތަކެއްގެ ސިފަޔަށެވެ. ނުވަތަ އަރިމަތީގައި ހުންނަ ކޫރުން ތަކެއްހެނެވެ. ދުވަސްވާވަރަކަށް ފުސްއެރުން އިތުރުވެ، އަރިމަތީގައި ހުންނަ ކޫރުންތައް ލެންސްގެ މެދާ ދިމާލަށް ގޮސް، ލެންސްގެ މެދުން ލޮލަށް ވަންނަ އަލި ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުއްޔަށް ފޯރުވުމަށް ހުރަސްއަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ.

(ނ) ޕޯސްޓީރިއަރ ސްބްސްކެޕިޔުލަރ ކެޓަރެކްޓް (Posterior Subscapular Cataract): މިއީ ލެންސްގެ ފަހަތަށް ނުވަތަ ފުރަގަހަށް ފުސްއެރުމެވެ. މިވައްތަރުގައި ފުސްއެރުން ފެށިގެން އަންނަނީ ލެންސްގެ ފުރަގަހުގައި އަލިދަތުރުކުރާ މަގަށްވާގޮތަށް އުފެދޭ، ކުޑަ، ފުސްކޮޅެއްގެ ސިފައިގައެވެ. މިވައްތަރުގައި ފުސްއެރުން ކުރިމަތިވުމުން ފޮތްކިޔުން ފަދަ ކަންކަމަށް ހުރަސްއެޅެއެވެ. ފަނޑުއަލީގައި ލޮލުގެ ފެނުން ދަށްވެއެވެ. އަދި ރޭގަނޑު ބޮކި ނުވަތަ ހޮޅިބުރިއަށް ބެލުމުން ވަށައިގެން ވިދުން ނުވަތަ ވިދުވަރުތަކެއް ހުންނަހެން ހީވެދާނެ އެވެ. ނޫނީ ވިދުވަރު ފެންނަހެން ފެނިދާނެއެވެ. މިވައްތަރުގެ ފުސްއެރުން ވަރަށް އަވަހަށް ކުރިއަރަމުން ނޫނީ ފެތުރި ބޮޑުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

(ރ) ކޮންޖެނިޓަލް ކެޓަރެކްޓް (Congenital Cataract): މިއީ އުފެދުމުގައި ލޮލަށް ފުސްއެރުމެވެ. ބައެއް މީހުން އުފަންވާއިރު ވެސް ލޮލަށް ފުސްއަރާފައި ހުރެއެވެ. ނޫނީ އުފަންވުމަށްފަހު ޅަފަތުގައި ލޮލަށް ފުސްއެރުން ކުރިމަތި ކުރުވައެވެ. މިއީ އުފެދުމުގައި ހުރި ކަމަކުން ކުރިމަތިވި ކަމަކަށް ވެސް ވެދާނެ އެވެ. ބަނޑުގައި ނުވަތަ ރަހިމުގައި އޮއްވައި ކުރިމަތިވާ އިންފެކްޝަން އެއް ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން ވެސް މިވައްތަރުގެ ފުސްއެރުން ކުރިމަތި ކުރުވައިފާނެ އެވެ. އުފެދުމުގައި ލޮލަށް ފުސްއެރުން ކުރިމަތި ކުރުވައިފާނެ ހާލަތްތަކުގެ ތެރޭގައި "މެޔޯޓޮނިކް ޑިސްޓްރޮފީ"، "ލޭގައި ގެލެކްޓޯޒް ހުރުން"، ރުބެއްލާ އިންފެކްޝަން، އަދި ނިއުރޯފައިބްރޯމަޓޯސިސް ޓައިޕް 2 ފަދަ ހާލަތްތައް ހިމެނެއެވެ. އުފެދުމުގައި ހުންނަ ފުސްއެރުމުގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރު ނުކޮށްފާނެއެވެ. ނަމަވެސް ލޮލުގެ ފެނުމަށް އަސަރުކުރާނަމަ އެންމެ އެދެވިގެންވަނީ ލަސްނުކޮށް ލޮލުގެ ފުސްކޮޅު ކަހާލުމެވެ.

އަލާމާތްތައް

ލޮލަށް ފުސްއެރުމުން އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ލޮލުގެ ފެނުން ފުސްވުން ނޫނީ ފަނޑުވުން، ނޫނީ ދަށްވުން

·         ރޭގަނޑު ލޮލަށް ފެނުމުގައި ދަތިވުން / ރޭގަނޑު ތަންދޮރު ވަކިނުވުން

·         އައްޔާއި، ވިދުވަރު ތަހައްމަލުނުކުރެވުން / ނޫނީ މާއަލިވުމުން ނުވަތަ ވިދުމުން ލޮލަށް އުދަނގޫވުން

·         ފޮތްކިޔުމާއި، އެހެނިހެން ކަންކަން ފުރިހަމަކުރުމަށް މަޑު އައްޔެއް  ހުންނަށް ބޭނުންވުން

·         ބޮކި ނުވަތަ ހޮޅިބުރި ފަދަ ތަކެތީގެ ވަށައިގެން ކުދި "އަލި"ތަކެއް ނުވަތަ ވިދުން ނޫނީ ވިދުވަރު ތަކެއް ހުންނަހެން ފެނުން ނުވަތަ ހީވުން

·         އަވަސް އަވަހަށް ގާތް ގާތުގައި އައިނުގެ ނަންބަރު ނުވަތަ ލެންސްގެ ނަންބަރު ބަދަލުކުރަންޖެހުން

·         އަލިތަކެތީގެ ކުލަތައް  ފޭދި، ފަނޑުވުން ނޫނީ ރީނދޫކުލައަށް ފެނުން

·         ކޮންމެ ވެސް އެއް ލޮލަކުން އެއްޗެއް ދެއެއްޗެއްގެ ގޮތުގައި ފެނުން ( އެއްޗެއް އެއްފަހަރާ ތަކުރާރުކޮށް ފެނުން)

ލޮލަށް ފުސްއަރާއިރު ކުރީކޮޅު ހަމައެކަނި ލެންސްގެ ކުޑަ ތަންކޮޅަކަށް ފުސްއަރާފައި ހުރެދާނެއެވެ. މިހާލަތުގައި ފެނުމަށް އަސަރު ނުކޮށްފާނެ އެވެ. ނަމަވެސް ގިނަ ދުވަސްވާވަރަކަށް ލެންސް މައްޗަށް ފުސްއަރާ މިންވަރު އިތުރުވެ، ލޮލުގެ ފެނުމަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

ލޮލަށް ފުސްއެރުން ހުރިތޯ ދެނެގަތުމަށް ބަލިމީހާގެ ފަރާތުން ބޭނުންވާ ތަފާތު މައުލޫމާތު ތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ. އަދި ލޮލުގެ ހާލަތު ހުރިނެތްގޮތް ބަލައި ހަދާނެއެވެ. މީގެ އިތުރުން އަންނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ވިޝުއަލް އެކުއިޓީ ޓެސްޓު (Visual acuity test): މިއީ ލޮލުގެ ފެނުން ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށްޓަކައި ޓެސްޓުހެދުމުގައި ބޭނުންކުރެވޭ އެކި މިނުގެ ފޮންޓުގައި ލިޔެފައިވާ އަކުރުތައް ހިމެނޭ ޗާޓު ފާރުގައި ހަރުކުރުމަށްފަހު، އެޗާޓުގައިވާ އަކުރުތައް ކިޔުމަށްޓަކައި ނޫނީ ކިޔޭތޯ ބެލުމަށްޓަކައި ކަނޑައެޅޭ ވަކި ދުރުމިނެއްގައި ބަލިމީހާ ބެހެއްޓުމަށްފަހު، ޗާޓުގައިވާ އަކުރުތައް ކިޔަން އިރުޝާދު ދެއެވެ. ޓެސްޓުހެދޭނީ ފަހަރަކު ލޮލެކެވެ. ކޮންމެ ލޮލެއްގެ ޓެސްޓު ހަދާއިރު އަނެއް ލޯ ހުންނާނީ ރަނގަޅަށް ނިވާކުރެވިފައެވެ.

(ށ) ސްލިޓް ލޭމްޕް އެގްޒަމިނޭޝަން (slit lamp examination): މިއެގްޒާމްގެ ތެރެއިން މައިކްރޮސްކޯޕް އެއްގެ އެހީގައި ލޮލުގެ އެތެރޭގެ ބައިތައް ހުރިނެތްގޮތް ބަލާލެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ލޮލުގެ ހާމަދުލި، ލޮލުގެ ލެންސް، ލޮލުގެ ކަޅުކަޅި، އަދި ކަޅުކަޅި އާއި ލެންސް އާއި ދެމެދުގައިވާ ހުސްޖާގަ ފަދަ ބައިތަކުގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި ލޮލުގެ ޑޮކްޓަރަށް ދައްކާއިރު ޑޮކްޓަރުގެ ކޮޓަރީގައި ލޯބަލައި ޗެކުކުރަނީ ސްލިޓް ލޭމްޕް ގެ އެހީގައެވެ.

(ނ) ރެޓިނަލް އެގްޒާމް (Retinal exam): މިއީ ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުލި ހުރިނެތްގޮތް ބެލުމެވެ. ލޮލުގެ އަލިދުލި ބެލުމަށްޓަކައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ލޮލުގެ ކޮއި ފުޅާކޮށްލުމަށް އެހީވެދޭ ތިއްކެއް ލޮލަށް ޖައްސާނެއެވެ. މިތިކި ލޮލަށް ޖައްސައި، ލޮލުގެ ކޮއި ފުޅާކޮށްލުމުން ލޮލުގެ އަލިދުލި ހުރިނެތްގޮތް ބެލުމަށް ފަސޭހަވެގެންދެއެވެ. ސްލިޓް ލޭމްޕް ނޫނީ އޮފްތަލްމޯސްކޯޕް އެއްގެ އެހީގައި ލޮލުގެ ލެންސްގައި ފުސްއެރުމުގެ އަސަރެއް ހުރިތޯ ބަލައި ޗެކުކުރާނެ އެވެ.

ފަރުވާ

ލޮލަށް ފުސްއަރައި، ލޯފުސްވެ، ނަންބަރު އައިނު އެޅުމުން ވެސް ލޮލުގެ ފެނުން ރަނގަޅުނުވާނަމަ، ދެންޖެހޭނީ ލޮލުގެ ފުސް ކަހާލުމަށްޓަކައި އޮޕަރޭޝަން ކުރާށެވެ. އޮޕަރޭޝަންކުރުމާއި ބެހޭގޮތުން ޑޮކްޓަރާއި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވިދާނެ އެވެ. ގިނަ ލޮލުގެ ޑޮކްޓަރުން ލޮލުގެ ފުސްކަހާލުމަށް ލަފާދެނީ ލޮލަށް ފުސްއެރުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންތައްތައް މިސާލަކަށް ފޮތްކިޔުން، އުޅަނދެއް ދުއްވުން ފަދަ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވާ މިންވަރަށް ލޮލަށް ފެނުމުގެ ދަތިކަން ކުރިމަތިވާނަމަ އެވެ.

ލޮލަށް ފުސްއެރުމުން ފުސް ކަހާނުލައި ލަސްކޮށްގެން ވަކި އިތުރު މައްސަލަތަކެއް ދިމާނުވެދާނެ އެވެ. ނަމަވެސް ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުންގެ ލޮލަށް ފުސްއެރުމުން ވަރަށް އަވަހަށް ލޮލުގެ ފެނުމަށް އަސަރުކުރާކަން ފާހަގަ ކުރެވެއެވެ.

ލޮލުން ފުސްކަހާލުން

ލޮލުން ފުސްކަހާލުމުގެ ތެރޭގައި ފުސްއަރާފައިވާ ލެންސް ނަގައި، އޭގެ ބަދަލުގައި ސާފު މަސްނޫޢީ ލެންސް އެއް ލޮލުގައި ހަރުކުރެވެއެވެ. ނޫނީ ލޮލަށް ލެއްވެއެވެ. މިލެންސް ހަރުކުރެވެނީ ލޮލުގައި އާންމުކޮށް ވެސް ލެންސް ހުންނަ މަގާމުގައެވެ. އަދި ލޮލުގެ ދާއިމީ ބައެއްގެ ގޮތުގައި ހަރުކުރެވުނު މަޞްނޫޢީ ލެންސް ހުރެއެވެ.

ބައެއް މީހުންނަށް ލޮލުގެ ހުންނަ އެހެން މައްސަލަތަކާއި ހެދި، މަޞްނޫޢީ ލެންސް ލެއްވޭގޮތް ނުވެއެވެ. މިފަދަ މީހުންނަށް ލޮލުން ފުސް ކަހާލުމަށްފަހު ލޮލުގެ ފެނުމަށް އެހީތެރިވުމަށްޓަކައި، ނަންބަރު އައިނު އަޅަން ނޫނީ ލެންސް ލައްވަން ލަފާދެއެވެ.

ލޮލުން ފުސްކަހާލުމަކީ އާންމު ގޮތެއްގައި ޑޮކްޓަރަށް ދައްކައިގެން ދުވަހުން ދުވަހަށް ވެސް ކުރެވިދާނެ ކަމެކެވެ. އޮޕަރޭޝަން ކުރުމަށްޓަކައި ލޮލުގެ ވަށައިގެންވާ ހިސާބު އައްސިކޮށްލާނެއެވެ. އާންމު ގޮތެއްގައި ފުސްކަހާލުމުގެ އޮޕަރޭޝަން ކުރާއިރު ބަލިމީހާގެ ހޭވެރިކަން ހުންނާނެ އެވެ. މިއީ އާންމު ގޮތެއްގައި ރައްކާތެރި އޮޕަރޭޝަނެކެވެ. އެހެން ނަމަވެސް ފުސްކަހާލުމަށްފަހު އިންފެކްޝަން ހެދުމާއި، ފުސްކަހާލި ހިސާބުން ލޭފޭބުމުގެ ފުރުޞަތު އޮވެއެވެ. ލޮލުން ފުސްކަހާލުމަކީ ލޮލުގެ އަލިދުލި ނައްޓައިގެން ދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް މިންވަރަކަށް އުދަނގޫވެދާނެ އެވެ. އާންމު ގޮތެއްގައި ލޮލުގެ ފުސްކަހާލުމަށްފަހު އެއްކޮށް ރަނގަޅުވުމަށް ގާތްގަނޑަކަށް 8 ހަފްތާ ވަރު ހޭދަވެއެވެ. ދެލޮލުގެ ފުސްކަހާލަން ޖެހޭނަމަ ދެވަނަ ލޮލުގެ ފުސްކަހާލާނީ ފުރަތަމަ ލޯ އެއްކޮށް ރަނގަޅުވީމަ އެވެ.  

ރައްކާތެރިވުން

ލޮލަށް ފުސްއެރުމުން ރައްކާތެރި ކުރެވޭނެ ގޮތެއް ނޫނީ ލޮލަށް ފުސްއެރުމަށްފަހު އެފެތުރުން އިތުރަށް ކުޑަކުރެވޭނެ ގޮތެއް ދިރާސާތަކެއްގެ އަލީގައި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ކަންތައްތަކަކީ ލޮލަށް ފުސްއެރުމުގެ ފުރުޞަތު ކުޑަކޮށްދީ، އަދި ފުސްއެރުމަށްފަހު އިތުރަށް އެފެތުރުން ކުޑަކޮށްދީފާނެ ކަންތައްތަކުގެ ގޮތުގައި ގަބޫލުކުރެވި ބެލެވިފައި ވެއެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ގަވާއިދުން ލޯ ޑޮކްޓަރަށް ދައްކައި، ލޮލުގެ ހާލަތު ބަލަމުން ގެންދިއުން

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

(ނ) އެހެން ޞިއްޙީ މައްސަލަތައް (ލޭމައްޗަށްދިއުން، ހަކުރުބަލި ފަދަ) ހުރިނަމަ އެކަންކަމަށް ފަރުވާކުރުން

(ރ) ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން : ޚާއްޞަކޮށް ކެއުމުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން ހިމެނުން މުހިއްމެވެ.

(ބ) ބޭރުތެރޭގައި ނޫނީ އަވީގައި އުޅޭއިރު އަވިއައިނު އެޅުން

(ޅ) ބަނގުރާ ބޭނުންކުރުމާއި ދުރުހެލިވުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/cataracts/symptoms-causes/syc-20353790

·         https://www.aao.org/eye-health/diseases/what-are-cataracts

·         https://www.aoa.org/healthy-eyes/eye-and-vision-conditions/cataract?sso=y

 

No comments:

Post a Comment