Tuesday, February 7, 2012

ކޯފުއްޕި


ކޯފުއްޕި
ތަޢާރަފް
ކޯފުއްޕި(Mumps)  އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޯފުއްޕި ޖެހުމުން ކަންފަތާއި، ކޯކަށިގަނޑާއި، ދެމެދު އިންނަ ''ޕެރޮޓިޑް ގްލޭންޑް''(Parotid gland)އޭ ކިޔޭ ކުޅުބޭރުކުރާ ގޮށެއް ދުޅަވެގެން ދެއެވެ. އާންމުގޮތެއްގައި ކޯފުއްޕި ޖެހެނީ 15-5 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކަމަށް ވަނީ ފާހަގަކުރެވި ފައެވެ. ހަމަމިހެން ފިރިހެން ކުދިންނަށް ކޯފުއްޕި ޖެހޭ ނިސްބަތް އިތުރުކަން ވެސް ފާހަގަ ކުރެވެއެވެ. ކޯފުއްޕި ޖެހުމުން އެމީހާގެ ހަށިގަނޑުގައި މުޅި އުމުރަށް ކޯފުއްޕިން ދިފާޢުވުމުގެ ބާރު އުފައްދައިދެއެވެ. އެހެންކަމުން އެއްފަހަރު ކޯފުއްޕި ޖެހުމަށްފަހު، ދެވަނަ ފަހަރު ކޯފުއްޕި ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ސަބަބު
ކޯފުއްޕި ޖެހެނީ މަމްޕްސް ވައިރަސް(Mumps virus) ގެ ސަބަބުންނެވެ. މިއީ އާރުއެންއޭ ވައިރަސް އެކެވެ. މިއީ ޕެރަމިކްސޯ ވައިރަސް ތަކުގެ ތެރޭގައި ހިމެނޭ ވައިރަހެކެވެ. މިއީ އިރުގެ އަލިން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކާއި، ހޫނަށް ނާޒުކު ވައިރަހެކެވެ. އިންސާނުންނަކީ މިވައިރަސްގެ ހަމައެކަނި ރިޒާވަރ އެވެ.

ބަލިފެތުރުން
ކޯފުއްޕި ޖައްސާ ވައިރަސް ހަށިގަނޑަށް އެތެރެވަނީ ނޭފަތާއި، އަނގައިގެ ޒަރީޢާއިންނެވެ. ކޯފުއްޕި ފެތުރެނީ ބަލިޖެހިފައިވާ މީހާ، ކެއްސުން، ކިބިހިއެޅުން، ފަދަ ކަންތައްތައް ކުރުމުގެ ތެރޭގައި ކައިރީގައި ހުރި މީހާގެ ހަށިގަނޑަށް އަނގަޔާއި، ނޭފަތުގެ ޒަރީއާއިން ވައިރަސް ވާސިލްވުމުންނެވެ. ވައިރަސް ހުރި ކުޅާއި، ތަޣައްޔަރު ވެފައިވާ ރުމާ، ޓިޝޫ، ފެންބޯތަށި ފަދަ ތަކެތީގެ ސަބަބުން ވެސް ބަލި ފެތުރެއެވެ. އެއީ އެފަދަ ތަކެތީގައި އަތްލުމުން އަތް ބަލީގެ ވައިރަސް އާއި ތަޣައްޔަރު ކުރުވާތީ އެވެ. އަދި އެއަތްނުދޮވެ، ލޯ، އަނގަ އަދި ނޭފަތުގައި ޖައްސައިފިނަމަ، އެމީހަކަށް ފަސޭހަކަމާއެކު ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. ބަލިމީހާ ބޭނުންކޮށްފައިވާ ފެންބޯއްޓަކުން ނުދޮވެ، ބޭނުންކުރުމަކީ ވެސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ޖަރާސީމު ވާޞިލްވެދާނެ ކަމެކެވެ.

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކޯފުއްޕި ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 18-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު 25 ދުވަހަށް މިމުއްދަތު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ބަލިފަތުރާ މުއްދަތު (Infectious period): ބަލިޖެހިފައިވާ މީހުންގެ ފަރާތުން އެހެންމީހުންނަށް ވައިރަސް ފަތުރަނީ ކޯފުއްޕުމުގެ 3-1 ދުވަސް ކުރިންނާއި، އަދި ކޯފުއްޕުމަށް ފަހު އަންނަ ފުރަތަމަ 7-5 ދުވަހާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.

ކޯފުއްޕީގެ އަލާމާތްތައް
ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަށް 18-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އިތުރުވެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެތުރެން ފެށުމުންނެވެ. މިގޮތުން ކުޅުބޭރުކުރާ ގޮށްތައް، ޗިސްމޭ، އޮށް، ބިސްރަވަ، އަދި މިނޫން ހިސާބުތަކަށް ވެސް ވައިރަސް ފެތުރި ވާސިލްވެގެން ދެއެވެ. އާންމުގޮތެއްގައި 10-7 ދުވަހުގެ މުއްދަތަށް އަލާމާތްތައް ދެމިހުރެއެވެ. ކޯފުއްޕި ޖެހޭ މީހުންގެ ތެރެއިން 3/1 ގެ މީހުންނަށް ކޯފުއްޕީގެ އަލާމާތްތައް ނުފެނި ހިގައިދެއެވެ. ޚާއްޞަކޮށް ދެއަހަރުން ދަށުގެ ކުދިންނަށް ބައެއް ފަހަރު މިގޮތަށް ކޯފުއްޕި ޖެހުނަސް ނޭގި ހިގައިދާނެ އެވެ. ބޮޑެތި މީހުންނަށް ކުޑަކުދިންނަށްވުރެ ބޮޑަށް ކޯފުއްޕި އުދަނގޫތައް މެދުވެރިވާކަން ފާހަގަ ކުރެވެއެވެ.

ކޯފުއްޕި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތްނުވުން، ނުތަނަވަސްވުން، މާއަވަހަށް ވަރުބަލިވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މިއުދަނގޫތައް 2-1 ދުވަސްވަންދެން ދެމިހުރެއެވެ.
މިއުދަނގޫތައް ފެންނަތާ 3 ވަނަ ދުވަހުގައި "ޕެރޮޓިޑް ގްލޭންޑް"(Parotid gland) އޭ ކިޔާ ކުޅުބޭރުކުރާ ގޮށް ދުޅަވެ، ކޯފުއްޕާނެއެވެ. މިގޮތުން ދެފަރާތް ނުވަތަ އެއްފަރާތުގައި ވާ ''ޕެރޮޓިޑް ގްލޭންޑް'' ވެސް ދުޅަވެ ކޯފުއްޕައިދާނެ އެވެ. ''ޕެރޮޓިޑް ގްލޭންޑް'' ހުންނަނީ ކޮލުގައި ކަންފަތާއި، ކޯކަށިގަނޑާއި ދެމެދުގައެވެ. ކުރިންވެސް ބުނެވުނު ފަދައިން ކޯފުއްޕައި ދުޅަވަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ 3 ވަނަ ދުވަހުގައެވެ. އެހެން ކަމުން ކޯފުއްޕި އޭ ކިޔަނީ މިބަލި ޖެހުމުން ''ޕެރޮޓިޑް ގްލޭންޑް'' ދުޅަވެ، ކޯ އާދަޔާ ޚިލާފަށް ބޮޑުވެ، ފުއްޕާތީ އެވެ. މިބަލި ޖެހުމުން ގާތްގަނޑަކަށް 10-7 ވަރަކަށް ދުވަހުގެ މުއްދަތަށް ކޯފުއްޕާފައި ހުރުމަކީ ވެދާނެ ގޮތެކެވެ.

ކޯފުއްޕި ނޫން ބައެއް އެހެން ބަލިތަކުގެ ސަބަބުން ވެސް ''ޕެރޮޓިޑް ގްލޭންޑް'' ދުޅަވެ، ބޮޑުވެދާނެ އެވެ. ކޯފުއްޕި ޖެހި ކޯދުޅަވުމުން ކޮލުގައި ރިއްސުމާއި، އަދި ކޮލުގައި އަތްޖެއްސުން ނުވަތަ ބީހިލުމުން ވެސް ރިއްސުން ހުންނާނެއެވެ. އާންމުގޮތެއްގައި 25 އިންސައްތަ މީހުންގެ ފުއްޕަނީ އެއްފަރާތު ކޮލެވެ. ބާކީ 75 އިންސައްތަ މީހުންގެ ދެފަރާތުގެ ކޯފުއްޕައެވެ. މީގެ އިތުރުން ކޯކަށިގަނޑުތިރިއާއި، ދުލުގެ ދަށުގައިވާ ކުޅުބޭރު ކުރާ ގޮށްތައް ވެސް ބައެއް ފަހަރު ދުޅަވާގޮތް ވެއެވެ. އާންމު ގޮތެއްގައި ކޯފުއްޕި ޖެހޭ މީހުންގެ ތެރެއިން 95 އިންސައްތަ މީހުންގެ ކޯދުޅަވެ ފުއްޕާކަން ފާހަގަ ކުރެވެއެވެ.

ކޯފުއްޕި ޖެހުމުން ބައެއް ފަހަރު ކޮލުގައި ހުންނަ ރިހުން ކަންފަތަށް ވާޞިލްވެ، ކަންފަތުގައި ރިހިދާނެއެވެ. އަދި އަނގަފާރުވުން، އަނގަ ހުޅުވާލާއިރު ނުވަތަ ކާތަކެތި ދިރުވާއިރު ނުވަތަ ހަފާއިރު ރިއްސުން، ފަދަ ކަންކަމަކީ ވެސް ވަރަށް ގިނައިން ބަލިމީހުން ކުރާ ޝަކުވާ ތަކެކެވެ. އަދި ބައެއް ފަހަރު ހުތް ކާނާގެ ބާވަތްތައް ބޭނުންކުރާ އިރު ކޮލުގައި ރިއްސުން ހުންނަކަން ފާހަގަ ކުރެވެއެވެ. މިގޮތުން އޮރެންޖް ޖޫސް، ނުވަތަ ހުތް މޭވާ އެއް ބޭނުން ކުރާއިރު ރިއްސުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ފުރަތަމަ ދުޅަވަނީ ކޮންމެ ވެސް އެއްފަރާތެއްގެ ކޮލެވެ. އެއަށްފަހު ދެވަނަ ފަރާތުގެ ކޯ ދުޅަވެއެވެ.

އާންމުގޮތެއްގައި ހަށިގަނޑުގެ ފިނިހޫނު މިން ހުންނަނީ 37-36ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ. ނަމަވެސް ކޯފުއްޕި ޖެހުމުން 40-38 ޑިގްރީ ސެލްޒިއަސް އާއި، ދެމެދުގެ މިންވަރަކަށް ފިނިހޫނުމިން މަތިވެގެންދެއެވެ. ކޯފުއްޕި އާއި ގުޅިގެން ގައިގައި ރިއްސާއިރު، މަސްތަކާއި، ހުޅުތައް ހުންނަ ހިސާބުތަކުގައި ރިއްސުން ހުންނަ ކަން ފާހަގަ ވާނެ އެވެ.
 
ނުރައްކާތައް
(ހ) – ސިކުނޑި ދުޅަވުން އަދި އޭގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން: މިއީ ވަރަށް މަދުން މެނުވީ މެދުވެރި ނުވާ ދެހާލަތެވެ. ސިކުނޑި ދުޅަވެއްޖެނަމަ ބައެއް ފަހަރު ވަގުތީ ނުވަތަ ދާއިމީ ސިފައަކަށް ބީރުވުން ފަދަ ކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަތައް ސިކުނޑިއާއި އެކު ދުޅަވެފައިވާނަމަ ކަދުރާ ހަރުއެރުން، ބޮލުގައި ރިހުން، ބޯއެބުރުން، އަދި ތާއްޔަށް ޖެހުން ފަދަ ކަމެއް މެދުވެރި ވެދާނެ އެވެ.

(ށ) - އޮށާއި، އުރަވަޅީގައި ރިހި، ބޮޑުވެ، ދުޅަވުން: މިކަމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް ވަގުތީ ގޮތުން ދަރިން ނުލިބުމުގެ މައްސަލަ ފިރިހެނުންނަށް ކުރިމަތިވާކަމަށް ބުނެވެއެވެ. ކޯފުއްޕީގެ ސަބަބުން އުރަވަޅި އަށް އަސަރު ކޮށްފިނަމަ ބައެއް ފަހަރު، އުރަވަޅި ހިނދި ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އުރަވަޅި އަށް ވަރަށް ބޮޑަށް ރިއްސައި ތަދުވާނެ އެވެ. ބައެއް ފަހަރު ތަދު ގަދަވުމުގެ ސަބަބުން ކެތްނުކުރެވޭތީ ހޮސްޕިޓަލުގައި އެދުމަތިކޮށްގެން، ތަދުކެނޑުވުމަށް މަސައްކަތްކުރަން ޖެހެއެވެ. 90 އިންސައްތަ މީހުންގެ ދެއުރަވަޅި ދުޅަވެ ބޮޑުވާކަން ފާހަގަ ކުރެވެއެވެ. އާންމު ގޮތެއްގައި އުރަވަޅި ވެސް ދުޅަވަނީ ކޮންމެ ވެސް އެއްފަރާތެއްގެ އެވެ. ނަމަވެސް މަދުން ނަމަވެސް ދެފަރާތުގެ އުރަވަޅި އެއްކޮށް ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ނ) – ބީރުވުން : އާންމު ގޮތެއްގައި ބީރުވަނީ އެއްފަރާތުގެ ކަންފަތެވެ. ނަމަވެސް ބައެއް ފަހަރު ދެފަރާތުގެ ކަންފަތް ވެސް ކޯފުއްޕި ޖެހުމާއި ގުޅިގެން ބީރުވެދާނެކަން ހަދާން ބަހައްޓަން ޖެހެއެވެ. ގިނަ ފަހަރު ބީރުވަނީ ދާއިމަށެވެ.

(ރ) – ބައިގެންދިއުން : މާބަނޑުމީހަކަށް ބަލިވެ އިންނަތާ ކުރީކޮޅު ކޯފުއްޕި ޖެހިއްޖެނަމަ، ބައިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

(ބ) – ވަރަށް މަދުން ދިމާވާ ނުރައްކާތައް : އޭގެ ތެރޭގައި ޗިސްމޭ ދުޅަވުން، އުރަމަތި ދުޅަވުން، ބިސްރަވަ ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބިސްރަވަ ދުޅަވެފައި ވާނަމަ ދަށްބަނޑުގެ ތިރީގައި ރިއްސުން ހުރުމަކީ ވެދާނެ ގޮތެކެވެ. ޗިސްމޭ ދުޅަވެއްޖެނަމަ ދަށްބަނޑުގައި ރިހި، މޭނުބައިކޮށް ހޮނޑުލެވޭގޮތް ވެދާނެ އެވެ. އަދި މަދުން ނަމަވެސް ހިތުގެ ބޭރު މަސްގަނޑު ދުޅަވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. މީގެ އިތުރުން އަތްފައިގެ ނާރުތަކަށް ގެއްލުންވުން، ތައިރޮއިޑް ދުޅަވުން، ގުރުދާ ދުޅަވުން، ނިއުމޯނިޔާ ފަދަ ނުރައްކާތައް ވެސް ބައެއް މީހުންނަށް މެދުވެރި ވެއެވެ.

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟ (ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތައް)
އަންނަނިވި ޙާލަތްތައް މެދުވެރިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         39 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައި ހުންހުރުން
·         ހަށިގަނޑުން ފެން ހުސްވުމުގެ ނިޝާންތައް ފާހަގަވުން : އެއްވެސް ދިޔާއެއްޗެއް ބޮވޭގޮތްނުވުން
·         ދަންބަނޑުގައި ރިހުމާއެކު، ހުއްޓިނެތި ހޮޑުލެވުން
·         މާބޮޑަށް ވަރުބަލިވެ، ވަރުދެރަވުން، އަދި ވާނުވާ ވަކިކުރަން ނޭގުން
·         ކަރުހަރުއެރުން : މިއީ ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުމުން ފެންނަ އަލާމާތެކެވެ.
·         އުރަވަޅި ދުޅަވެ، ބޮޑުވެ، ރިހުން

ދެނެގަތުން
އާންމު ގޮތެއްގައި ކޯފުއްޕި ޖެހިފައިވާ ކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ކުރިމަތިވާ އަލާމާތްތަކުގެ އެހީގައެވެ. މާނައަކީ ކޯފުއްޕުމާއި އެކު ހުންއައުން، ގައިގައި ރިހުން ފަދަ ކަންތައްތައް ކުރިމަތިވެފައިތޯ ބަލައިގެންނެވެ. ނަމަވެސް ޔަގީންކުރުމަށްޓަކައި ބައެއް ފަހަރު ލޭގެ ޓެސްޓެއް ހެދެއެވެ. މިޓެސްޓްގެ ބޭނުމަކީ ކޯފުއްޕި ޖައްސާ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަ އުފައްދާފައި މިންވަރު ބެލުމެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެއްޗާއި، ކުޅު ފަދަ މާއްދާތައް ނަގައިގެން ވައިރަސް ކަލްޗަރ ކޮށްގެން ވެސް ކޯފުއްޕި ޖައްސާ ވައިރަސް ހުރިތޯ ނުވަތަ ނެތްތޯ ދެނެގަނެވެއެވެ.

ފަރުވާ
ކޯފުއްޕި އަކީ ވައިރަހުން ޖެހޭ ބައްޔަކަށް ވުމުން އެކަމަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ބައެއް ފަހަރު އެއްވެސް ކަމެއް ނުކުރިޔަސް 10-7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އޭގެ ޒާތުގައި، އެއްކޮށް ރަގަޅުވެ ފަސޭހަވެދާނެ އެވެ. އާންމުގޮތެއްގައި ފަރުވާކުރެވެނީ ދިމާވާ އުދަނގޫތަކަށް ރިޢާޔަތްކޮށްގެންނެވެ.
ކޯފުއްޕި ޖެހި ދިގުދެމި ދިއުމުން ކުރިމަތިވާ އިތުރު އުދަގޫތައް މެދުވެރި ނުވާނަމަ ގޭގައި އަރާމު ކުރުމާއި އެކު ކޯފުއްޕިއަށް ފަރުވާ ލިބިގަނެވިދާނެއެވެ. މިގޮތުން ހުމާއި، ތަނދު ފިލުވުމަށް ތައްޔާރު ކޮށްފައި ހުންނަ ބޭސް ގޭގައި ބޭނުންކުރެވިދާނެ އެވެ. ''އެސްޕިރިން'' 20 އަހަރުން ދަށު ކުދިންނަށް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އިތުރު މައްސަލައެއް މަދުން ނަމަވެސް ދިމާވެދާނެ ތީ އެވެ.
ކޯފުއްޕި ޖެހި ދިގުދެމި ދިއުމުން ކުރިމަތިވާ އިތުރު އުދަގޫތައް މެދުވެރިވެފައި ވާނަމަ ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ލިބިގަންނަށް ޖެހެއެވެ.
ކޯފުއްޕި ޖެހިފައިވާ ކުދިން ސުކޫލް، ގުރުއާން ކްލާސް، އަދި އާންމުން އެއްވެ، އުޅޭތަންތަނަށް ފޮނުވައި، ނެރެހަދައި، އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އެކުދިންގެ ފަރާތުން އެހެން ކުދިންނަށް ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައެވެ.

ކޯފުއްޕި ޖެހިފައިވާނަމަ ސަމާލުވެވިދާނެ ބައެއް ކަންތައްތައް
- ޕެނަޑޯލް ފަދަ ބޭހެއް ހުން ފިލުވުމަށާއި، ތަނޑު ކެނޑުވުމަށް ދޭށެވެ. ''އެސްޕިރިން'' 20 އަހަރުން ދަށު ކުދިންނަށް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އިތުރު މައްސަލައެއް މަދުން ނަމަވެސް ދިމާވެދާނެ ތީ އެވެ.

- ފުއްޕާފައިވާ ކޮލުގައި ރިހުން ގަދަޔަށް ހުރި ނަމަ އާދައިގެ ވަރަކަށް ހޫނު ނުވަތަ ފިނި ޕެކެއް ކޯމަތީގައި ބާއްވާށެވެ. ޕެކްގެ ދަށުގައި ކޯމަތީގައި ތުނި ތުވާލިކޮޅެއް ފަދަ އެއްޗެއް ބާއްވާށެވެ. މީގެ ބޭނުމަކީ ހޫނު ނުވަތަ ފިނިން ހަންގަނޑު ހިމާޔަތް ކުރުމެވެ. 20 މިނިޓް ބޭއްވުމަށް ފަހު ޕެކް ނަގާށެވެ. ފިނި ނުވަތަ ހޫނު ޕެކެއް އިޚްތިޔާރު ކުރާނީ ބަލިމީހާގެ ކައިރީގައި އެހުމަށް ފަހު އޭނާ އަށް ރަގަޅުގޮތަކަށެވެ. މާނައަކީ ފިނި ޕެކެއް ރަގަޅު ނަމަ ބާއްވާނީ ފިނި ޕެކެކެވެ. ޕެކްބޭނުންކޮށްގެން ބޮޑިތާން ވެސް ކުރެވިދާނެ އެވެ.

- ކޯފުއްޕި އާއި ގުޅިގެން އުރަވަޅި ދުޅަވެފައި ވާނަމަ ދޭތެރެ ދޭތެރެއިން ފިނި ޕެކެއް އުރަވަޅި މަތީގައި ބާއްވައިގެން މަސާޖު ކުރާށެވެ. މިކަމުގެ ސަބަބުން ތަދުކުޑަކޮށް، ދުޅަތިރިކޮށް ދޭނެ އެވެ.
- އައިސްކްރީމް ފަދަ ފިނިބުއިންތައް ބޯށެވެ. ކާތަކެތި ބޭނުންކުރާ މަޑު ހަފަންނުޖެހޭ ފަދަ ކާތަކެތި އިޚްތިޔާރު ކުރާށެވެ. ހަމަމިހެން ގިނަގިނައިން ދިޔާތަކެތި ބޯށެވެ.
- ހުތް ބުއިންތަކާއި، ކާނާގެ ބާވަތްތައް ބޭނުން ނުކުރާށެވެ. އެއީ ދުޅަވެފައިވާ ''ޕެރޮޓިޑް ގްލޭންޑް'' އަކީ ހުތްތަކެއްޗަށް ނާޒުކު އެއްޗަކަށް ވާތީ އެވެ. އަދި ހަމަމިހެން ހުތް ތަކެތި ބޭނުންކުރުމުން ކުޅު އުފެއްދުމަށް ބާރު އަޅާތީ އެވެ.
-  އުރަވަޅި ދުޅަވެފައިވާނަމަ ގަޔަށް ދޫ ޖަގިޔާ، ހަރުވާޅު ފަދަ ތަކެތި އިޚްތިޔާރު ކުރާށެވެ.

ރައްކާތެރިވުން
ކޯފުއްޕިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު ކަމަކީ އެމްއެމްއާރު ވެކްސިން ދިނުމެވެ.

އެމްއެމްއާރު ވެކްސިން
އެމްއެމްއާރު ވެކްސިން(MMR vaccine) އަކީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އުމުރުން 15-12 މަހާ ދެމެދު (13ވަނަ މަހުގައި) ނުވަތަ 18 މަހުގައި ދެވޭ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިވެ، ހިމާޔަތް ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯފުއްޕި، ހިމަބިހި، އަދި ޖަރުމަނު ހިމަބިހި މި 3 ބައްޔެވެ. މިވެކްސިންގެ ބޫސްޓަރ ޑޯޒެއް އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.

އުމުރުން 13 މަސްވުމަށްފަހުގައި އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ރާއްޖޭގައި މިވެކްސިން ދެނީ އުމުރުން 18 މަހުގައެވެ. ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒެއް (ބޫސްޓަރ ޑޯޒެއް) އުމުރުން 5-3 އަހަރާއި (ނުވަތަ 6-4 އަހަރާދެމެދު) ދެމެދުގައި ނުވަތަ ދެއެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ބޫސްޓަރ ޑޯޒް އުމުރުން 14-11 އަހަރާއި ދެމެދުގައި ވެސް ދީއުޅެއެވެ.

މާބަނޑު މީހުންނަށް އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.އަދި ވެކްސިން ދިނުމަށްފަހު 1 މަސް ފާއިތުވުމުގެ ކުރިން ބަލިވެ އިނުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ގާތުން ކިރުދޭ މައިމީހާއާއި އަދި ގާތުން ކިރުދޭ ދަރިފުޅަށް ވެސް އެމްއެމްއާރު ވެކްސިން ދެވިދާނެ އެވެ.

ކޯފުއްޕިން ރައްކާތެރިވުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތައް
(ހ) - ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

(ށ) - ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ކޯފުއްޕި ޖެހިފައި ތިބިމީހުންނާއި، ކުދިންނާއި ގައިގޯޅިވެ އުޅޭމީހުންނަށް ''އެންޓިމަމްޕްސް އިމިޔުނޯގްލޯބިޔުލިން'' ދިނުމަކީ ރަގަޅު ކަމެކެވެ.

(ނ) - ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ކުޑަކުދިން ކޯފުއްޕި ޖެހިފައިވާ ދުވަސްވަރު ސުކޫލަށް ފޮނުވުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ކޯފުއްޕިއަކީ ފަސޭހަ ކަމާއެކު ގައިންގަޔަށްއަރާ ބައްޔަކަށްވާތީ އެވެ. އެހެންކަމުން ކޯފުއްޕާ ދުވަހުން ފެށިގެން 7-5 ދުވަސްވަންދެން ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަކީ ބުއްދިވެރި ގޮތެކެވެ.

(ރ) – ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން : ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކި ކޮޓަރި އެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިއްމެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.

(ބ) - ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން : ސައިބޯނި ނުވަތަ އެނޫނަސް ޖަރާސީމު މަރުވާ ދިޔަ ދިޔާ މާއްދާއެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
މައުލޫމާތު :-
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް


2 comments:

  1. ކޯފުއްޕީގެ ސަބަބުން ދިމާވާ އެހެން މައްސަލަތަކެއް ހުންނަކަމަށް އަޅުގަނޑަށް އަޑުއިވިފައިވޭ. އިތުރު ކަނކަންކަމަށް ބައްލަވާލަ ދެއްވުން އެދެން

    ReplyDelete
  2. can you give me an example or a hint

    ReplyDelete