Wednesday, February 15, 2012

ވައިރަލް ހެޕަޓައިޓިސް




ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން = ހެޕަޓައިޓިސް ޑީ،އީ، ޖީ

ހެޕަޓައިޓިސް(Hepatitis) އަކީ ފުރަމޭ ދުޅަވުމެވެ. ވައިރަލް ހެޕަޓައިޓިސް (Viral Hepatitis) އަކީ ވައިރަހެއްގެ ސަބަބުން މޭގަނޑު ނުވަތަ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން ފުރަމޭ ދުޅަވަނީ ވައިރަސްތަކުގެ ސަބަބުންނެވެ. ވައިރަސްގެ ސަބަބުން މޭގަނޑު ދުޅަވުން(Viral Hepatitis) އަކީ ދުނިޔޭގެ ނިސްބަތުން ކުރިމަތިލާންޖެހިފައިވާ ވަރަށް ބޮޑު ޞިއްޙީ މައްސަލައެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގައި މިމައްސަލައަށް ސަމާލުކަން ހޯދުމަށްޓަކައި 2010 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވުނު ވޯލްޑް ހެލްތު އެސެމްބްލީ ގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 28 ވަނަ ދުވަސް "ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް"(World Hepatitis Day) ގެ ގޮތުގައި ފާހަކުރުމަށް ކަނޑައަޅާފައި ވެއެވެ. އެގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ފާހަގަކޮށްފައިވަނީ 28 ޖުލައި 2011 ގައެވެ.

ލޯރީނދޫވެފައި
ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-
·         ހެޕަޓައިޓިސް ވައިރަސް ޑީ
·         ހެޕަޓައިޓިސް ވައިރަސް އީ
·         ހެޕަޓައިޓިސް ވައިރަސް ޖީ

ނޯޓް : ހެޕަޓައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރު ތަކަކީ ހެޕަޓައިޓިސް ބީ ، އަދި ހެޕަޓައިޓިސް ސީ އެވެ. އެއަށްފަހު ހެޕަޓައިޓިސް އޭ އެވެ. އެހެންކަމުން މި 3 ވައްތަރުން ޖެހޭ ހެޕަޓައިޓިސް އާއި ބެހޭގޮތުން މި ބްލޮގްގައި ވަކިން ލިޔުންތައް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި ބަލާލާނީ  ދެންހުރި ވައިރަސްތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ޑީ
ތަޢާރަފް : ހެޕަޓައިޓިސް ޑީ (Hepatitis D) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ޑީ ވައިރަސް(Hepatitis virus D) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.

ވައިރަސް : ހެޕަޓައިޓިސް ޑީ ވައިރަސް(Hepatitis virus D) ފުރަތަމަ ފަހަރަށް ހޯދާފައިވަނީ 1977 ވަނަ އަހަރު މާރިއޯ ރިޒެއްޓޯ އެވެ. މިވައިރަސް އަށް ޑެލްޓާ ވައިރަސް(Delta virus) މިހެން ވެސް ކިޔައެވެ. މިއީ އާރުއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. ވައިރަހުގެ ބޮޑުމިނުގައި 36 ނެނޯމީޓަރު ހުރެއެވެ. މީގައި ހެޕަޓައިޓިސް ޑީ އެންޓިޖެން، އަދި އާރުއެންއޭ ސްޓްރޭންޑް އެކުލެވިގެން ވެއެވެ. ހެޕަޓައިޓިސް ޑީ ވައިރަހުގެ ބޭރު ތޮށީގައި ހުންނަ ޕްރޮޓީންގެ ގޮތުގައި ބޭނުންކުރަނީ ހެޕަޓައިޓިސް ބީ ވައިރަސްގެ ސަތަހައިގައި ހުންނަ އެންޓިޖަން އެވެ. އެހެންކަމުން ވައިރަސް އާއި ތަޣައްޔަރުވެފައިވާ މޭގަނޑުގެ ސެލް ތަކުން ހެޕަޓައިޓިސް ޑީ ވައިރަސް ދޫކުރުމަށް ނުވަތަ ބޭރުކުރުމަށް އެމީހަކަށް ހެޕަޓައިޓިސް ބީ ޖެހިފައިހުރުން މުހިއްމެވެ. މާނައަކީ ހެޕަޓައިޓިސް ޑީ ކުރިމަތިވާނީ ހެޕަޓައިޓިސް ބީ އާއެކުގައި "ކޯއިންފެކްޝަން"(Coinfection) އެއްގެ ގޮތުގައެވެ. ހެޕަޓައިޓިސް ބީ ވައިރަސް އުފުލާ ކެރިއަރުންގެ ތެރެއިން 5 އިންސައްތަ މީހުންނަށް ހެޕަޓައިޓިސް ޑީ ޖެހޭކަމަށް ލަފާކުރެވެއެވެ.

ފެތުރޭގޮތް : ހެޕަޓައިޓިސް ޑީ ޖެހޭ އެންމެ އާންމު ގޮތެއް ކަމުގައި ބެލެވިފައިވަނީ  ވައިރަސް އާއި ތަޣައްޔަރުވެފައިވާ ސިރިންޖާއި ކަށި ފަދަ ތަކެތި އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމަށް، ބޭނުންކުރުމެވެ. މީގެ އިތުރުން ބަލިޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުމާއި، ބަލިޖެހިފައިވާ މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ވެސް މިބަލިޖެހެއެވެ. ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ލޭގެ ސަބަބުން ވެސް ހެޕަޓައިޓިސް ޑީ ފެތުރެއެވެ.

އަލާމާތްތައް : ހެޕަޓައިޓިސް ބީ އާއި ހެޕަޓައިޓިސް ޑީ އެއް ފަހަރާ ޖެހުމުން ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ހެޕަޓައިޓިސް ބީ އެކަނި ޖެހުމުން ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތަކާއި ދާދި އެއްގޮތްވާނެ އެވެ. ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ބައެއް ފަހަރު ވަރަށް އާދައިގެ މިންވަރަކަށް ފެނިފައި ހިގައިދާނެއެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ބޮޑަށް އެއުދަގޫތައް ކުރިމަތިވެދާނެ އެވެ. ވަކިން ހެޕަޓައިޓިސް ބީ ޖެހުނަސް ނުވަތަ ދެބަލި އެއްކޮށް ޖެހުމުން ވެސް ދާއިމީ ބައްޔަކަށް ބަދަލުވުމުގެ ފުރުޞަތު އޮންނަނީ ދާދި އެއްވަރަކަށެވެ. ދާއިމީ ބައްޔެއްގެ ގޮތަށް ހެޕަޓައިޓިސް ބަދަލުވަނީ ބަލިޖެހޭ މީހުންގެ ގާތްގަނޑަކަށް 5 އިންސައްތަ މީހުންނެވެ. ނަމަވެސް ހެޕަޓައިޓިސް ބީ އެކަނި ޖެހުމަށްވުރެ މިދެބަލި އެއްކޮށްޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މޭގަނޑުގައި ލަކުލުން މެދުވެރިވާލެއް މާއަވަހެވެ.
ހެޕަޓައިޓިސް ބީ ޖެހިފައިވަނިކޮށް އޭގެ ފަހުން ހެޕަޓައިޓިސް ޑީ ވައިރަސް އަށް ހުށަހެޅިއްޖެނަމަ، ހެޕަޓައިޓިސް ބީގެ ސަބަބުން ކުރިމަތިވާ ބަލީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މޭގަނޑުގައި ލަކުނުލުން، މޭގަނޑު ގުރުޑުވެ ހުލިވުން، އަދި މޭގަނޑުގެ މަސައްކަތް ހުއްޓުން ފަދަ ކަންތައްތައް މެދުވެރިވެގެން ދެއެވެ.

ދެނެގަތުން: ބަލިޖެހުމުން ހަށިގަނޑުގައި ހެޕަޓައިޓިސް ވައިރަސް ޑީ އާއި، ދެކޮޅަށް ދިފާޢި ނިޒާމުން ހަށިދަމަނަ އުފެދިފައިވޭތޯ ބަލާނެ އެވެ. ކޯއިންފެކްޝަން އަދި ސްޕަރއިންފެކްޝަން ވަކިކުރުމަށް ހެޕަޓައިޓިސްބީ ކޯރ އެންޓިޖެން އިމިޔުނޯގްލޯބިޔުލިން އެމް(HBcAg IgM) ހުރިނެތްވަރު ބެލެ އެވެ. ކޯއިންފެކްޝަން ގައި މިއެންޓިޖެން ޕޮޓިޒިވްވާއިރު، ސްޕަރއިންފެކްޝަން ގައި ނެގެޓިވް ވާނެއެވެ.
 
ފަރުވާ : ބައެއް ދިރާސާތައް ބުނާގޮތުގައި ހެޕަޓައިޓިސް ބީ އެކަނި ޖެހުމުން އެންޓިވައިރަލް ބޭނުންކުރުމުން ހަށިގަނޑަށް ކުރާ އަސަރަށްވުރެ، މިދެބަލި އެއްކޮށް ޖެހިއްޖެނަމަ، ބައްޔާއި ގުޅިގެންދޭ އެންޓިވައިރަލް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު ކުޑައެވެ. އަދި ބައެއް އެންޓިވައިރަލް ބޭސްތަކުން މިދެބަލި އެއްކޮށްޖެހުމުން މާބޮޑު ފައިދާއެއް ނުކުރެއެވެ.

ހެޕަޓައިޓިސް އީ
ތަޢާރަފް : ހެޕަޓައިޓިސް އީ (Hepatitis E) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް އީ ވައިރަސް(Hepatitis virus E) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.

ވައިރަސް : ހެޕަޓައިޓިސް އީ ވައިރަސް(Hepatitis virus E) ފުރަތަމަ ހޯދާފައިވަނީ 1983 ވަނަ އަހަރުގެ އުޒުބެކިސްތާނުގެ މީހެއްގެ ބޮޑުކަމު ނަޖިހުންނެވެ. މިއީ ކެލްސިވައިރަސް އެކެވެ. މިއީ އާރުއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. ވައިރަހުގެ ބޮޑުމިނުގައި 34-32 ނެނޯމީޓަރު ހުރެއެވެ. 

ފެތުރޭގޮތް : ހެޕަޓައިޓިސް އީ ވައިރަސް މައިގަނޑު ގޮތެއްގައި ފެންނަނީ ބަލިޖެހިފައިވަ މީހާގެ ބޮޑުކަމު ނަޖިހުންނެވެ. ބަލިގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހާގެ ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ އަތް، ނުވަތަ އިގިލި ސަލާމަތުންހުރި މީހާގެ އަނގަޔަށްލުމުންނެވެ.މިގޮތަށް ބަލިފެތުރުމަށް ކިޔަނީ"ބޮޑުކަމުން ނަޖިހުން-އަގަޔަށް ބަލިފެތުރުން"(Faeco-oral transmission) މިހެންނެވެ. ބަލީގެ ވައިރަސް އެކުލެވޭ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. ބަލިޖެހިފައިވާ މާބަނޑު މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ވެސް މިބަލި ޖެހިދާނެއެވެ. ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް 9-2 ހަފްތާގެ މުއްދަތެއް ހޭދަވެއެވެ.

އަލާމާތްތައް : ހެޕަޓައިޓިސް އީ އާންމުކޮށް ޖެހެނީ ޒުވާނުންނަށެވެ. ހެޕަޓައިޓިސް އީ ޖެހުމުން ބަލީގެ ކުރީކޮޅުގައި ދިމާވާ އުދަގޫތައް ހެޕަޓައިޓިސް ބީ ޖެހުމުން ދިމާވާ އުދަގޫތަކަށް ވުރެ ކުޑައެވެ. އަދި މިދުވަސްވަރު މޭގަނޑުގެ މަސައްކަތް ހުންނަ ނުހުންނަގޮތް ޓެސްޓުކޮށް ބަލާއިރު މޭގަނޑުގައި "އަމައިނޯޓްރާންފެރޭސް" ހުންނަ މިންގަނޑަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. މާބަނޑުމީހަކަށް ފަހު ތިންމަހުގެ  ތެރޭގައި ހެޕަޓައިޓިސް އީ ޖެހިއްޖެނަމަ، ފުރާނައަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ހެޕަޓައިޓިސް އީގެ ސަބަބުން މޭގަނޑުގެ މަސައްކަތްހުއްޓިި، މަސައްކަތް ފޭލްވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ފަހަރު ފަރުވާގެ ގޮތުގައި އާމޭގަނޑެއް އިންދަން ޖެހެއެވެ.

ދެނެގަތުން: ބަލިޖެހުމުން ހަށިގަނޑުގައި ހެޕަޓައިޓިސް ވައިރަސް އީ އާއި، ދެކޮޅަށް ދިފާޢި ނިޒާމުން ހަށިދަމަނަ އުފެދިފައިވޭތޯ ބަލާނެ އެވެ.

ފަރުވާ : ހެޕަޓައިޓިސް އީ ގެ ފަރުވާ އާންމުކޮށް ބިނާކުރެވިފައި އޮންނަނީ ދިމާވާ އުދަގޫތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ޖީ
ހެޕަޓައިޓިސް ޖީ (Hepatitis G) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ޖީ ވައިރަސް(Hepatitis Virus G) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. މިވައިރަސް ނިސްބަތްވަނީ "ފްލެވިވިރިޑޭ"(Flaviviridae)ކިޔާ ވައިރަސްގެ އާއިލާއަކަށެވެ. ހެޕަޓައިޓިސް ސީ ވައިރަސް އަދި ޑެންގޫ ވައިރަސް ވެސް ނިސްބަތްވަނީ މިއާއިލާއަށެވެ.

ހެޕަޓައިޓިސް ޖީ ފެތުރެނީ ލޭއެޅުމުގެ ޒަރީޢާއިންނެވެ. ބައެއް ފަހަރު ހެޕަޓައިޓިސް ބީ އާއެކު ހެޕަޓައިޓިސް ޖީ ކޯއިންފެކްޝަން އެއްގެ ގޮތުގައި ޖެހޭއިރު އަނެއްބައި ފަހަރު ހެޕަޓައިޓިސް ސީ އާއެކު ކޯއިންފެކްޝަން އެއްގެ ގޮތުގައި ހެޕަޓައިޓިސް ޖީ ޖެހެއެވެ.

މައުލޫމާތު :-
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް




No comments:

Post a Comment