ކެއްސުން ބަލި
''ކެއްސުން ބަލި''(Tuberculosis) ނުވަތަ ޓީބީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ''މައިކޮބެކްޓީރިއަމް
ޓިއުބަކިއުލޯސިސް''(Mycobacterium
tuberculosis)
އޭކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެ ކެވެ. މިއީ އާންމު
ގޮތެއްގައި ވައިގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ޓީބީ ޖެހުމަށް ވަކި އުމުރެއް
އަދި ޖިންސެއް ޚާއްޞަ ވެފައެއް ނުވެއެވެ. މިއީ ދިގުމުއްދަތަކަށް ފަރުވާކޮށްގެން
މުޅިން ރަގަޅުކުރެވޭ ބައްޔެކެވެ.
ޓީބީ ޖެހުން
އަދި ޓީބީ ފެތުރުން
ޓީބީ ޖެހެނީ ''މައިކޮބެކްޓީރިއަމް
ޓިއުބަކިއުލޯސިސް''(Mycobacterium tuberculosis) އޭކިޔާ ޖަރާސީމަކުންނެވެ.
މިޖަރާސީމް އަށަގަންނަނީ ހަށިގަނޑުގައި ފުއްޕާމޭ ފަދަ ލެޔާއި އޮކްސިޖަން އިން
މުއްސަދިވެފައިވާ ހިސާބުތަކުގައެވެ.
ޓީބީ ފެތުރެނީ
ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ނުވަތަ ބަލިޖެހިފައިވާ ގެރީގެ ކިރު
ބޭނުންކުރުމުންނެވެ. މައިގަނޑު ގޮތެއްގައި ޓީބީ އަކީ ވައިގެ ޒަރީޢާއިން ފެތުރޭ
ބައްޔެކެވެ. ބަލިޖެހިފައިވާ މީހުންގެ ފަރާތުން ޓީބީ ފެތުރެނީ އެފަދަ މީހަކު
ކެއްސުން، ކިނބިހިއެޅުން، ކުޅުޖެހުން، ލަވަކިޔުން، ހުނުން، ފަދަ ކަމެއް ފުރިހަމަ
ކުރުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމް، ނޭވާލުމުގެ ޒަރީޢާއިން
ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. ކުރިން ބުނި ޢަމަލުތައް
ފުރިހަމަ ކުރުމުގެ ތެރޭގައި ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ޖަރާސީމް ހިރަފުހާއި
އެކުވެގެން ވައިގެ ތެރޭގައި އެތައް ގަޑިއިރެއް ވަންދެން މަރުނުވެ ދިރިހުރެއެވެ.
އާންމު ގޮތެއްގައި ޓީބީ
ޖެހެނީ ފުއްޕާމެޔަށް ކަމަށްވިޔަސް ކުޑަކަމުދާ ނިޒާމްގެ ބައިތައް، ނާރުތަކުގެ
ނިޒާމްގެ ބައިތައް، ގޮހޮރު، ހުޅުތައް މައިބަދަ، ސިކުނޑި އަދި ކަށިތަކަށް ވެސް ޓީބީ
ޖެހެއެވެ. މިބައިތަކަށް ޖެހޭ ޓީބީ ގައިން ގަޔަށް އެރުމުގެ ފުރުޞަތު ކުޑައެވެ. ގައިން
ގަޔަށްޖެހުމުގެ ފުރުޞަތު ބޮޑީ ފުއްޕާމެޔަށް ޖެހޭ ޓީބީގައެވެ.
އަންނަނިވި
ކަންތައްތަކުގެ ސަބަބުން ޓީބީއެއް ނުފެތުރޭނެ އެވެ.
·
ބަލިޖެހިފައިވާ މީހަކާއި
ސަލާމްކުރުން
·
ބަލިމީހާ ބޭނުންކުރާ
ބެޑްޝީޓް، ތުވާލީ ފަދަ ތަކެތީގައި އަތްލުން
·
ބަލިމީހާ ބޭނުންކުރާ ދަތް
އުގުޅާ ބުރުސް ބޭނުންކުރުން
·
ބޮސް ދިނުން ނުވަތަ ކިސްކުރުން
ޓީބީގެ ޖަރާސީމް
ހަށިގަނޑުގެ އެތެރެއަށް ވަންނަ ކޮންމެ މީހަކަށް ޓީބީއެއް ނުޖެހޭނެއެވެ.
ޓީބީ ޖެހުމުގެ ފުރުޞަތު
ބޮޑު މީހުންގެ ތެރޭގައި:-
·
ޓީބީ އިން ދިފާޢުވުމަށް
ޖަހާ ބީސީޖީ ވެކްސިން ނުޖަހާ ތިބޭ ކުދިންނާއި މީހުން
·
ހަކުރު ބަލި، ހިތުގެ
ބަލިތައް، ގުރުދާގެ ބަލިތައް، ލޭމައްޗަށްދިއުން، ނޭވަަޔަށް އުދަނގޫކުރުން،
ކެންސަރު، ދާއިމީ ބޮޑެތި ބަލިތައް
ތަހައްމަލު ކުރަމުން ގެންދާ މީހުން
·
ހަށިގަނޑު ދިފާޢީ ބާރު
ދެރަވެފައި ތިބޭމީހުންް
·
އެއިޑްސް ބަލީގެ
އަހުލުވެރިން
·
ޓީބީ ޖެހިފައި ހުރި
މީހާއާއި ގައިގޯޅިވެ އުޅޭމީހުން
ބަލި
ކުރިއަރަމުންދާގޮތް
ޓީބީ އެކަކު ގައިން
އަނެކަކުގެ ގަޔަށް ވާޞިލްވަނީ ބަލީގެ ޖަރާސީމް ހިމެނޭ މީހުންގެ ނޭފަތާއި އަނގައިން
ބޭރުވާ ތަކެތި ވައިގެ މަގުން ސަލާމަތުން ތިބޭ މީހުންނަށް (ހަށިގަނޑަށް) އެތެރެ
ކުރެވިގެންނެވެ. އާންމު ގޮތެއްގައި މިބަލީގެ ޖަރާސީމް ފުރަތަމަ ހަށިގަނޑުގެ
ތެރެއަށް ވަންނަނީ އެނގުމަކާ ނުލައެވެ. މިބަލި ހަށިގަނޑުގައި އަށަގަތް ކަމުގެ
އަސަރުކުރާނީ މަދު ހަފްތާކޮޅެއްގެ ތެރޭގައެވެ. ހަށިގަނޑުގެ ތެރެއަށް ފުރަތަމަ
ވަންނަ ޖަރާސީމުން އުފައްދާ ފާރުކޮޅު އިތުރު ބަދަލުތަކެއް ހަށިގަނޑަށް ނުގެނެސް
އަމިއްލަ ޒާތުގައި ފަސޭހަވެގެން ހިގައިދާނެއެވެ. ނަމަވެސް ބައެއް ފަހަރު
ވައިނޮޅީގެ ތިރީކޮޅުގައި ހަރުވެފައި ހުންނަ ގޮށްތަކެއް ލެވިފައި ހުރެއެވެ. މިއީ
ބަލި ހަށިގަނޑުގެ ތެރެއަށް ފެތުރުމުގެ ކޮޅުމައްޗެވެ. ދިރޭ ޖަރާސީމް ފަސޭހަވެފައިވާ
ލަކުނުތަކުގެ ތެރޭގައި މަރުނުވެ ދިރިއުޅޭނެ އެވެ. މިދުވަސްކޮޅު ތަބައީ ގޮތުން ބަލި
ރަގަޅުވެފައިވާ ދުވަސްކޮޅެއް ކަމަށް ބެލެވުނަސް ބަލީގެ ޖަރާސީމް އަލުން އާލާވެދާނެ
ކަމުގެ ބިރު އުމުރު ދުވަހަށް ވެސް އެބައޮތެވެ. ކޮންމެ ސަތޭކައަކުން %95 ކުދިންނަކީ
ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ވަދެފައި ތަބައީ ގޮތުން ރަގަޅުވެފައި
ތިބޭކުދިންނެވެ. ނަމަވެސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަ ކުދިންގެ ތެރެއިން
%5 ކުދިންނަކީ ތަބައީގޮތުން ބަލި ރަގަޅުނުވެ، ސީދާ ފުއްޕާމޭގައި ބަލި
އާލާވާގޮތްވެފައިވާ ކުދިންނެވެ. ހަށިގަނޑުގައި ދައުރުކުރާ ލެޔާއި އެހެނިހެން
ދިޔަވަރުގެ ވަޞީލަތުން ފުއްޕާމޭ ނޫނަސް ހަށިގަނޑުގެ ތަފާތު ގުނަވަންތަކަށް މިބަލި
ވާޞިލްވާގޮތް މެދުވެރި އެވެ. އޭގެތެރޭގައި މިލިއަރީ ޓީބީ، އަދި ސިކުނޑީގެ
ބޭރުގައިވާ ދުލި، އަދި މިނޫން ގުނަވަންތަކަށް ޖެހޭ ޓީބީ ހިމެނެއެވެ. މިއީ ކޮންމެ
އުމުރެއްގައި ވެސް ޖެހިދާނެ ބައްޔެކެވެ. ވިހާތަނުން ލަސްނުކޮށް ބީސީޖީ ވެކްސިން
ދިނުމުގެ %99 ކާމިޔާބު ވުމާއި ގުޅިގެން ބަލި އާންމުކޮށް ފެތުރިގެން ދިއުންވަނީ
މަދުކުރެވިފައެވެ.
ޓީބީޖެހޭ އެހެނިހެން
ގުނަވަންތަކުގެ ތެރޭގައި ސިކުނޑީގެ ބޭރުގައިވާ ދުލި، ކަރުދޮށުގައި ހުންނަ
ގޮށްތައް، ކަށި، ހުޅުހުޅު، މައިބަދަ، ގޮހޮރު، ހިތުގެ ބޭރުފަށަލަ، ކުޑަކަމުދާ
ނިޒާމްގެ ބައިތައް އަަދި މިނޫން ކިތައްމެ ގުނަވަނެއް ހިމެނެއެވެ.
ފުރަތަމަ ހަށިގަނޑަށް
ވަންނަ ޖަރާސީމް އަލުން އާލާވާ ދެގޮތެއް ވެއެވެ.
·
ފުރަތަމަ ގޮތަކީ
ހަށިގަނޑުގެ އެތެރޭގެ މާހައުލުގެ ދިފާޢީ ބާރު ދެރަވުން
·
ދެވަނަ ގޮތަކީ
ތަކުރާރުކޮށް ބޭރުން ހަށިގަނޑުތެރެއަށް ބަލި (ޖަރާސީމް) ވާޞިލްވުން
މިއިން ކޮންމެ ގޮތަކުން
ބަލި އާލާވިނަމަވެސް ބަލި އަށަގަންނަ ޖަގަހައަކަށް ވާނީ ފުއްޕާމޭ އެވެ. އެދެވޭ
ވަގުތުގައި އެދެވޭ ފަރުވާ ނުދެވިއްޖެނަމަ ބަލިމީހާގެ ފުރާނައަށް ނުރައްކާވެ
މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ބަލި
ވާޞިލްވާގޮތް – ބަލި ދަތުރުކުރާގޮތް – ބަލީގެ ވައްތަރުތައް
އެންމެ ފަސޭހައިން އެކަކު
ގައިން އަނެކަކުގެ ގަޔަށް ޓީބީ ވާޞިލްވާ މަގަކީ ބަލިމީހާ ކެއްސާ ކިނބިހި އަޅާ
ހަދާއިރު އަނގައިންނާއި ނޭފަތުން ބޭރުވާ ގިނަ އަދަދެއްގެ ޖަރާސީމް ވައިގެ މަގުން
ސަލާމަތުން ހުންނަ މީހާގެ ހަށިގަނޑުގެ އެތެރެއަށް ނޭވާލާއިރު އަނގައިންނާއި
ނޭފަތުން ވާޞިލްވުމުންނެވެ. ކުޅުގައި ފަނި ހުންނަ ކޮންމެ ޓީބީގެ ބަލިމީހަކު ކެއްސާ
ކިނބިހިއަޅާއިރު ގިނަ އަދަދެއްގެ ޓީބީ ޖަރާސީމް ވައިގެ ތެރެއަށް ބޭރުވެއެވެ.
ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމް ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ވާޞިލްވެދާނެ
އެވެ. ސަލާމަތުން ހުންނަ މީހާ ނޭވާލުމުގެ ތެރޭގައި އެތެރެ ކުރެވޭ ޖަރާސީމްގެ
އަދަދު ގިނަވެއްޖެނަމަ މިޖަރާސީމްތައް ފުއްޕާމޭގެ ތެރޭގައި ބަނޑަހަޖަހައިގެން ތިބެ
ޓީބީ ބަލި ފުއްޕާމޭގެ ތެރޭގައި ތަރައްގީ ކުރަން ފަށައެވެ. ފުއްޕާމޭގައި ބަލި
އަށަގަތުމަށްފަހު، ލެޔާއި ހަށިގަނޑުގެ އެހެނިހެން ދިޔަވަރުގެ ވަޞީލަތްތަކުން
ހަށިގަނޑުގެ އެހެނިހެން ބައިތަކަށާއި، އަދި ވައިނޮޅީގެ ދުރުގޮފިތަކުން ލައިގެން
ފުއްޕާމޭގެ އެހެނިހެން ހިސާބުތަކަށް ބަލި ފެތުރޭގޮތް ވެއެވެ.
ޓީބީ ގެ
ވައްތަރުތައް
ޓީބީގެ މައިގަނޑު ދެވައްތަރެއް
ވެއެވެ. އެއީ ލޭޓެންޓް ޓީބީ ނުވަތަ މައިތިރި(ހިމޭން) ޓީބީ އަދި އެކްޓިވް ޓީބީ
ނުވަތަ ހަރަކާތްތެރި ޓީބީ އެވެ.
ލޭޓެންޓް ޓީބީ
ލޭޓެންޓް ޓީބީ(Latent TB) ގެ މާނައަކީ ހަށިގަނޑުގައި ޓީބީ ޖައްސާ ޖަރާސީމް ހުރެ އޭގެ އަލާމާތްތައް
ނުފެނުމެވެ. އަދި އެހެން މީހުންނަށް އޭނާގެ ފަރާތުން ޓީބީ ނުފެތުރުމެވެ.
މިހާލަތުގައި ޓީބީ ޖަރާސީމް ހަށިގަނޑުގައި ހުންނަނީ މައިތިރިކަމާއި ހިމޭން
ކަންމަތީ ފޮރުވިފައިވާ ހާލަތެއްގައެވެ. މިފަދަ މީހުންނަށް އެކްޓިވް ޓީބީ
ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.
މިސާލަކަށް މިހާލަތުގައި
ވަނިކޮށް އެއްވެސް ސަަބަބަކާހުރެ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެއްޖެނަމަ،
ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމްތައް ހީވާގިވެ، އެކްޓިވް ޓީބީ ނުވަތަ
ހަރަކާތްތެރި ޓީބީ އަށް ބަދަލުވެއެވެ. މާނައަކީ ޓީބީ ހަށިގަނޑުގައި ފެތުރިގެން
ދެއެވެ. އަދި އެހެން މީހުންނަށް އެމީހެއްގެ ކިބައިން ޓީބީ ޖެހޭގޮތް ވެއެވެ.
ލޭޓެންޓް ޓީބީ ޖެހިފައި ތިބޭމީހުންގެ ތެރެއިން 10-5 އިންސައްތަ މީހުންނަށް
ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި އެކްޓިވް ޓީބީގެ އުދަގޫތަކާއި
ކުރިމަތިލާންޖެހެއެވެ.
ލޭޓެންޓް
ޓީބީގައި ބަލިނުޖެހި ޖަރާސީމް ހިމޭންކަންމަތީ ފޮރުވިފައިވާ ހާލަތެއްގައި އެތަކެއް
ދުވަހު އުޅެދާނެއެވެ. މިހެންވުމުން :-
·
ހަމުގެ ޓެސްޓުން ޓީބީ
ހުރިކަން ދައްކައިދެއެވެ. އަދި ލޭގެ ޓެސްޓުން ވެސް ޓީބީހުރިކަން ދައްކައިދެއެވެ.
·
އެއްވެސް ކަހަލަ
އުދަގުލެއް އިހްސާސެއް ނުވާނެއެވެ.
·
ތިމާގެ ފުށުން އެހެން
މީހުންނަށް ޓީބީ އެއް ނުފެތުރޭނެ އެވެ.
·
ލޭޓެންޓް ޓީބީގެ
މަރުހަލާގައި ކީމޮޕްރޮފިލެކްސިސް ގެ އެހީގައި ބަލި ނުޖެހެނީސް ހަށިގަނޑަށް ވަތް
ޖަރާސީމް ނައްތާލެވިދާނެއެވެ.
އެކްޓިވް ޓީބީ
އެކްޓިވް ޓީބީ(Active
TB) ގެ މާނައަކީ ހަށިގަނޑުގައި ޓީބީ
ޖަރާސީމް ފެތުރެމުން ދިއުމެވެ. އަދި އެމީހަކަށް ޓީބީގެ އުދަގޫތައް ނުވަތަ
އަލާމާތްތައް ކުރިމަތިވާނެއެވެ. އަދި އެހެން މީހުންނަށް އެމީހެއްގެ ކިބައިން ޓީބީ ފެތުރޭނެ
(ޖެހޭގޮތް) ވެއެވެ. އެއީ މިހާލަތުގައި ޓީބީ ޖަރާސީމް ހުންނަނީ ހަރަކާތްތެރި
ހާލަތެއްގައި ކަމަށްވާތީ އެވެ. ބައެއް މީހުންނަށް ޓީބީގެ ޖަރާސީމް ހަށިގަނޑަށް
ވަނުމާއެކު (ދެތިން ހަފްތާގެ ތެރޭގައި) ޓީބީގެ އުދަގޫތައް އިހްސާސް ކުރެވެން
ފަށައެވެ. އަދި އަނެއް ބައި މީހުންނަށް މިފަދަ އުދަގޫތައް އިހްސާސް ވާންފަށަނީ
ކޮންމެވެސް ސަބަބަކާހުރެ، ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުމުންނެެވެ. މިސާލަކަށް
އޭޑްސް ފަދަ ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހަކަށް
ލޭޓެންޓް ޓީބީ ޖެހިއްޖެނަމަ އެމީހަކު އެކްޓިވް ޓީބީއަށް ބަދަލުވުމުގެ ފުރުޞަތު
އެތައް ގުނައެއް އިތުރުވެގެންދެއެވެ.
ލޭޓެންޓް ޓީބީ
އެކްޓިވް ޓީބީ އަށް ބަދަލުވެދާނެ ޙާލަތްތައް
ލޭޓެންޓް ޓީބީ އެކްޓިވް
ޓީބީ އަށް ބަދަލުވުމުގެ ފުރުޞަތު އަންނަނިވި ހާލަތްތަކުގައި އިތުރުކުރުވައެވެ.
·
ދިފާޢީ ނިޒާމްގެ ބާރު
ދެރަކޮށްލާ ބަލިތަކަށް ހުށަހެޅުން : މިސާލަކަށް ކެންސަރު، ކޮންޓްރޯލް ނުކުރެވޭ ހަކުރު ބަލި ، އަދި އެއިޑްސް ފަދަ ބަލިތަކަށް
ހުށަހެޅުން
·
ޢާންމު ޞިއްޙަތަށް ފަރުވާ
ކުޑަކުރުން ނުވަތަ އެކަށޭނަ ޞިއްޙީ ޚިދުމަތް ލިބިފައިނެތުން
·
މަސްތުވާ ތަކެއްޗާއި
ބަނގުއާވި ބޭނުންކުރުން
·
ދިގުމުއްދަތަކަށް
ކޯޓިކޯސްޓީރޮއިޑް އެކުލެވޭ ބޭސްތައް ބޭނުންކުރުން
·
މާބޮޑަށް ހަށިގަނޑު
ނިކަމެތިވެ އަނަރޫފަވެފައިވުން
·
ސިލިކޯސިސް ފަދަ ދާއިމީ ބައްޔެއް
ފުއްޕާމެޔަށް ޖެހިފައިވުން
·
ދިފާޢީ ނިޒާމަށް ބުރޫއަރާ
ފަދަ ކަމެއް ދިމާވެފައިވުން : ވިހެއުން، ގުނަވަނެއް ބަދަލުކުރުން، ޢުމުރުން
ދުވަސްވުން
ލޭޓެންޓް ޓީބީ
އާއި އެކްޓިވް ޓީބީގެ ތަފާތު
ކަންތައްތައް
|
ލޭޓެންޓް ޓީބީ
|
އެކްޓިވް ޓީބީ
|
އަލާމާތްތައް
|
އަލާމާތްތަކެއް ނުފެންނާނެ!
|
އަންނަނިވި އަލާމާތްތައް ފެންނާނެ!
|
3ހަފްތާއަށްވުރެ ދިގުމުއްދަތަށް ކެއްސުން
|
||
ކެއްސާއިރު އަރިދަފުސް އައުން
|
||
ކެއްސާއިރު ލޭއައުން
|
||
ރޭގަނޑަށް ދާހިތްލުން
|
||
ހަވީރަށް ހުންއައުން / ހީކެރުވުން
|
||
މޭގައި ރިހުން
|
||
ވަރުބަލިވެ ވަރުދެރަވުން
|
||
އާދަޔާ ޚިލާފަށް ބަރުދަން ލުއިނުވުން
|
||
ކާހިތްނުވުން
|
||
ބަލީގެ އުދަގޫތައް
|
އިހްސާސެއް ނުވާނެ
|
އިހްސާސްވާނެ
|
ބަލިފެތުރުން
|
އެހެންމީހުންނަށް ބަލި ނުފަތުރާނެ!
|
އެހެން މީހުންނަށް ބަލި ފަތުރާނެ!
|
ހަމުގެ އަދި ލޭގެ ޓެސްޓް
|
ޕޮޒިޓިވް ވާނެ
|
ޕޮޒިޓިވް ވާނެ
|
ފުއްޕާމޭގެ އެކްސްރޭ
|
ރަގަޅު
|
ޓީބީގެ ނިޝާން ހުރުން
|
އަރިދަފުސް ޓެސްޓް
|
ނެގެޓިވް
|
ޕޮޒިޓިވް
|
ފަރުވާ
|
އެކްޓިވް ޓީބީ އަށް ބަދަލުވިޔަ ނުދިނުމަށްދޭ ފަރުވާ
|
ޓީބީގެ ފަރުވާ ދިނުން
|
ފުއްޕާމެޔަށް
ޖެހޭ ޓީބީ
ޓީބީ ޖެހޭމީހުންގެ
ތެރެއިން %80 އަށްވުރެ ގިނަމީހުންނަށް ޓީބީ ޖެހެނީ ފުއްޕާ މެޔަށެވެ. ބޮޑެތި
މީހުންނަށް ޖެހޭ ޓީބީގައި ގިނަފަހަރު ކުޅުގައި ފަނިހުރެ، ބަލި ފެތުރޭ މިންވަރު
މާމައްޗެވެ. ކުޅުގައި ފަނި ނުހުންނަ އެކަމަކު ކަލްޗަރ ކޮށްގެން ފަނި ހުންނަކަމަށް
ބެލެވޭ ޓީބީ ބަލީގެ މީހަކަށްވުރެ ކުޅުގައި ފަނިހުންނަ ޓީބީގެ ބަލިމީހަކު ބަލި
ފަތުރާ މިންވަރު 10-7 ގުނަ މައްޗެވެ.
ފުއްޕާމޭ ނޫން
އެހެން ތަންތަނަށްޖެހޭ ޓީބީ
ލޭގެ ތެރެއަށް ޓީބީގެ
ޖަރާސީމް ހިގައްޖެނަމަ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ޓީބީ ޖެހިދާނެއެވެ.
އޭގެތެރޭގައި ހަށިގަނޑުގެ އެކި ހިސާބުގައި ހުންނަ ގޮށްތައް، ސިކުނޑީގެ ބޭރުގައިވާ
ދުލި، ކަރުދޮށުގައި ހުންނަ ގޮށްތައް، ކަށި، ހުޅުހުޅު، މައިބަދަ، ގޮހޮރު، ހިތުގެ
ބޭރުފަށަލަ، ކުޑަކަމުދާ ނިޒާމްގެ ބައިތައް، ނާރުތަކުގެ ނިޒާމްގެ ބައިތައް ހިމެނެއެވެ. މިގޮތަށް ޖެހޭ
ޓީބީ ދެނެގަތުމަކީ މާ ފަސޭހަކަމަށް ނުވެއެވެ. ވުމާއެކު ހަށިގަނޑުގެ އެހެން
ހިސާބުތަކަށް ޖެހޭ ޓީބީ ދެނެގަތުމަށްޓަކައި ކަމާއި ބެހޭ ޚާއްޞަ މާހިރެއްގެ
ލަފަޔާއި އިރުޝާދު ރިކޯޑްކުރެވިފައި އޮންނަންވާނެއެވެ. ފުއްޕާމޭ ނޫން އެހެން
ތަންތަނަށް ޖެހޭ ޓީބީ ފުއްޕާމޭ މެދުވެރިނުވެ ޖެހޭ މިންވަރު ވަރަށް ދަށެވެ.
ކުޑަކުދިންނާއި
ޓީބީ
ކުޑަކުދިންގެ
ކުޅުނެގުމަކީ ފަސޭހަ ކަމަކަށް ނުވެފައި، ކުޅު ނެގުނު ކަމުގައި ވިޔަސް ޖަރާސީމް
ދިރުވައިގެންނާއި ސީދާ މައިކްރޮސްކޯޕުން ބަލައިގެން ވެސް ގިނަފަހަރަށް އޮންނާނީ
ޓީބީ ޖަރާސީމް ނުފެނިފައެވެ. ވުމާއެކު ކުޑަކުދިންގެ ކިބައިގައި ޓީބީ ހުރިކަން
ސާބިތުކުރެވެނީ މައިގަނޑު ގޮތެއްގައި ކްލިނިކްގައި ބެލޭ ކަންތައްތަކުގެ ތެރެއިން
:-
·
ކުއްޖާގެ ކިބައިން ފެންނަ
އަލާމާތްތައް
·
ބަލި މީހަކާއި
ގައިގޯޅިވެފައިވާ މިންވަރު
·
ކުރީގެ ބެލުންތަކުން
އެނގިފައިވާ މިންވަރު
·
އެކްސް ރޭ
·
ޓިއުބަރކިއުލިން ޓެސްޓް ހެދުން
ކަމާއި ބެހޭ މާހިރަކަށް
މިފަދަ ގޮތްގޮތުން ކުޑަކުދިންނަށް ބަލިޖެހިފައިވާކަން ދެނެގަނެވިދާނެ އެވެ.
ޓީބީ ޖެހުމުން
ފެންނަ އަލާމާތްތައް
ފުއްޕާމެޔަކީ އެންމެ
އަވަހަށް ޓީބީގެ ޖަރާސީމް އަށަގަންނަ މަރުކަޒެވެ. ލޭޓެންޓް ޓީބީ ހުރިނަމަ އޭގެ
އަލާމާތްތަކެއް ނުފެންނާނެއެވެ. މިފަދަ މީހުންނަށް ޓީބީގެ ޖަރާސީމް ހަށިގަނޑުގައި
ހުރިނަމަވެސް ނޭނގި ހިނގައިދާނެއެވެ. އަލާމާތްތައް ފެންނަށް ފަށަނީ އެކްޓިވް
ޓީބީގެ ޙާލަތަށް ބަދަލުވުމުންނެވެ. އެކްޓިވް ޓީބީ ހުރިނަމަ އެމީހެއްގެ ފުށުން
އެހެން މީހުންނަށް ފަސޭހަ ކަމާއެކު ބަލި ފަތުރުވައެވެ. ޓީބީ ޖެހިފައިވާ ހިސާބު
ނުވަތަ ގުނަވަނެއްގެ މައްޗަށް ރިޢާޔަތްކޮށް ފެންނަ އަލާމާތްތައް ތަފާތު ވާނެއެވެ. މިސާލަކަށް
މައިބަދައަށް ޓީބީ ޖެހިފައިވާނަމަ ބުރަކަށީގައި ރިހުން، އުނަގަނޑުގައި ރިހުން ފަދަ
އުދަގޫތައް މެދުވެރި ކުރުވައެވެ.
(ހ) - އެކްޓިވް
ޓީބީ ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި :-
·
ހަވީރަށް ހުންއައުން
·
ހީކެރުވުން
·
ރޭގަނޑަށް ދާހިއްލުން
·
އާދަޔާ ޚިލާފަށް ބަރުދަން
ލުއިވުން ( ހަށިގަނޑު ނިކަމެތިވެ އަނަރޫފަވުން )
·
ކާހިތްނުވުން
·
ވަރުބަލިވެ ހަށިގަނޑުގެ
ވަރުދެރަވުން
(ށ)
- އެކްޓިވް ޓީބީ ޖެހުމުން ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·
ނޭވާކުރުވުން
·
ކަރުގައި ގޮށްލުން
·
ހަށިގަނޑުގެ ވިންދު އަވަސްވުން
(ނ)
- ފުއްޕާމެޔަށް ޓީބީ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި :-
·
ތިން ހަފްތާއަށްވުރެ ދިގު
މުއްދަތަކަށް ކެއްސުން
·
ކެއްސާއިރު ގަނޑުގަނޑަށް
ހުންނަ އަރިދަފުސް ނުވަތަ ދަވަ ބޭރުވުން : މިގޮތުން ބޭރުވާ އަރިދަފުހުގެ ކުލަ
ބައެއް ފަހަރު ރީނދޫކޮށް، އަނެއްބައި ފަހަރު މަޑު ފެހިކުލައިގައި، އަދި އަނެއް
ބައިފަހަރު ގަދަ ފެހިކުލައިގައި ވެސް ހުރެދާނެ އެވެ.
·
ކެއްސާއިރު އަންނަ
އަރިދަފުހުގައި ލޭހުރުން : މިގޮތުން އަންނަ އަރިދަފުސް ބައެއް ފަހަރު ލޭ
ކުލައިގައި ހުރެދާނެއެވެ. އަދި އަނެއްބައި ފަހަރު ދަބަރު ކުލައިގައި ވެސް ހުރެދާނެ
އެވެ.
·
މޭގައި ރިހުން
ފުއްޕާމެޔަށް ޖެހޭ
ބައްޔެއް ކަމުގައިވާ ނިއުމޯނިޔާ އާއި ފުއްޕާމޭގެ ކެންސަރު ޖެހުމުން ފެންނަ އަލާމާތްތަކާއި،
ޓީބީ ޖެހުމުން ފެންނަ އަލާމާތްތަކުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންކަމުން
މިބަލިތަކުގެ ތަފާތު ދެނެގަނެވެނީ ކުރެވޭ ޓެސްޓްތަކުގެ އެހީގައެވެ.
(ރ) - ފުއްޕާމޭ
ނޫން ޓީބީގެ އާންމު އަލާމާތްތައް
ފުއްޕާމޭ ނޫން އެހެން
ގުނަވަންތަކަށް ޖެހޭ ޓީބީގެ ޢަލާމާތްތައް ފެންނާނީ ޖެހޭ ގުނަވަނެއްގެ މައްޗަށް
ބުރަވެ، ތިރީގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.
·
ހަށިގަނޑުގެ ގޮށަކަށް
ޓީބީ ޖެހިއްޖެނަމަ : އެގޮށެއް ދުޅަވެ ތަދުވުން
·
ހުޅަކަށް ޓީބީ
ޖެހިއްޖެނަމަ : ހުޅު ދުޅަވެ ތަދުވުން
·
ސިކުނޑީގެ ބޭރުގައިވާ
ދުލިފަށަލަ އަށް ޓީބީ ޖެހިއްޖެނަމަ : ބޮލުގައި ރިހުން، ހުންއައުން،
ކަރަށްބާރުއެރުން، ސިކުނޑި ގޯސްވާގޮތްވުން
·
ކޮންމެ ތަނަކަށް ޓީބީ
ޖެހުނަސް ހުންއައުމަކީ ޢާންމު ކަމެކެވެ.
ޓީބީ ޖެހުމުން
ވާގޮތް
ޓީބީ ޖެހެނީ
މައިކޮބެކްޓީރިއަމް ޓިއުބަކިއުލޯސިސް އޭ ކިޔާ ޖަރާސީމެއް ނޭވާލުމުގެ ތެރެއިން
ފުއްޕާމެޔަށް ވާޞިލްވުމުންނެވެ. ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު އޭގެ ސަބަބުން
އުފެދޭ ޓީބީގެ އަސަރު އާންމުކޮށް އަށަގެންފައި ހުންނަނީ ފުއްޕާމޭގައެވެ. ނަމަވެސް
ފަހުން ޖަރާސީމް ލޭގެ ޒަރީޢާއިން ހަށިގަނޑުގެ އެކި ހިސާބުތަކަށް ވާޞިލްވެ،
ހަށިގަނޑުގެ އެހެން ބައިތަކަށް ޓީބީގެ އަސަރު ފޯރުވައެވެ.
ޓީބީގެ ޖަރާސީމް
އަށަގަންނަތާ ކުރީކޮޅު އޭގެ އަސަރު ނުފެނި ހިނގައިދާނެއެވެ. ހަށިގަނޑުގެ ދިފާޢީ
ނިޒާމް ރަގަޅު ނަމަ، ބައްޔާއި ދެކޮޅަށް ހަށިގަނޑު ހަނގުރާމަ ކުރެއެވެ. އެގޮތުން
ޖަރާސީމްގެ ވަށައިގެން ދިފާއީ ނިޒާމްގައި ބައިވެރިވާ ސެލްތައް ގުޅިގެން ފާރެއް
އެކުލަވައިލައެވެ. މިގޮތަށް ވުމުން ޖަރާސީމް ދިރިހުރިނަމަވެސް، އެހެން
ހިސާބުތަކަށް، ނުވަތަ ބަލީގެ އަސަރު އެހެންމީހުންނަކަށް ނުފޯރާނެއެވެ. މިއީ ކުރިން
ބުނެވުނު ލޭޓެންޓް ޓީބީގެ މަރުހަލާ އެވެ. ލޭޓެންޓް ޓީބީކަން ދެނެގަނެވެނީ ހަމުގެ
ޓެސްޓް އަދި ލޭގެ ޓެސްޓްތަކުގެ އެހީގައެވެ.
ޓީބީގެ ޖަރާސީމް
ހަށިގަނޑުގައި އަށަގަތުމަށްފަހު ޖަރާސީމްތައް ބޮޑުވެ އިތުރުވުން ހުއްޓުވުމަށް
ދިފާޢީ ނިޒާމް ނުކުޅެދިއްޖެނަމަ، އެކްޓިވް ޓީބީގެ ޙާލަތަށް ބަލި ބަދަލުވެގެން
ދެއެވެ. ފުރަތަމަ ފަހަރަށް ޓީބީ ޖަރާސީމް އަށަގަންނަތާ 2 އަހަރުގެ ތެރޭގައި
ލޭޓެންޓް ޓީބީ ހުރި 5 އިންސައްތަ މީހުން އެކްޓިވް ޓީބީގެ ހާލަތަށް ބަދަލުވާކަމަށް
ދިރާސާ ތަކުން ދައްކައެވެ. އަދި އަނެއް 5 އިންސައްތަ މީހުންނަށް ހަޔާތުގެ ކޮންމެވެސް
ހިސާބެއްގައި އެކްޓިވް ޓީބީގެ އުދަނގޫތައް ފޯރާކަމަށް ދިރާސާތަކުން ދައްކައެވެ.
ޓީބީ ޖެހުމުގެ
ސަބަބުން ދިމާވާ އެހެނިހެން އުދަގޫތައް
(ހ) - ފުއްޕާމޭގެެ
ބޭރުދުލީގެ ތެރެއަށް ވަައިވަނުން : ދޭތެރެ ދޭތެރެއިން
ފުއްޕާމޭގެ ބޭރުގައިވާ ދުލީގެ ތެރެއަށް ވައިވަންނަގޮތް ދިމާވަނީ ޓީބީ ޖެހުމުގެ
ސަބަބުން ފުއްޕާމެޔަށް ލިބިފައިވާ ގެއްލުމާއި ގުޅިގެން ފުއްޕާމޭ ހަލާކުވެގެންނެވެ.
މިކަމާއި ގުޅިގެން ނޭވާކުރުވާގޮތް ވެއެވެ. މިފަދަ މީހުން އަވަހަށް ހޮސްޕިޓަލަށް
ފޮނުވަން ވާނެއެވެ.
(ށ) - ފުއްޕާމޭގެ
ބޭރުދުލީގެ ތެރޭގައި ފެންހެދުން : ފުއްޕާމޭގެ ބޭރުގައިވާ
ދުލީގެ ތެރޭގައި ހެދިފައިވާ ފެނުގެ މިންވަރު މާގިނަ ނޫންނަމަ ( ބަލިމީހާގެ ނޭވާ
ކުރެއްނުވާނެ އެވެ. އަދި އިންނާނީ ހަމަޖެހިގެންނެވެ. ) އޭނާއަށް އުދަގުލެއް ނުވާނެ
އެވެ. އެދެވޭގޮތެއްގައި ބޭހުގެ ފަރުވާ ދެވިއްޖެނަމަ ގިނަ ދުވަހެއް ނުވެ
ރަގަޅުވެދާނެ އެވެ. ފެންހެދުމުގެ ސަބަބުން ބަލިމީހާގެ ނޭވާ ކުރުވަމުންދާނަމަ
އަވަހަށް ހޮސްޕިޓަލަށް ފޮނުވާށެވެ.
(ނ) - ފުއްޕާމެޔާއި
ހިތުގެ މަސައްކަތަށް ބުރޫއެރުން : ފުއްޕާމެޔަށް ލިބޭ ބޮޑު
ގެއްލުމެއްގެ ސަބަބުން ފުއްޕާމެޔާއި، ހިތުގެ މަސައްކަތަށް ބުރޫއަރައިފިނަމަ
ބަލިމީހާ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާށެވެ. އަދި އަވަހަށް
ހޮސްޕިޓަލަށް ފޮނުވާށެވެ.
(ރ) - ފުއްޕާމޭގެ
އެތެރޭގެ ކުދި ވައިހޮޅިތައް ފުޅާވުމާއި ފުއްޕާމޭގައި ލަކުނު ގިނަވުން : ފުއްޕާމޭގެ އެތެރޭގެ ކުދި ވައިހޮޅިތައް ފުޅާވެ،
ފުއްޕާމޭގައި ލަކުނު ގިނަވުމުގެ ސަބަބުން ހަރުކަށިވާގޮތް ވުމަކީ މާގަދަޔަށް ޓީބީ
ޖެހުމުން ދިމާވެދާނެ ކަމެކެވެ. މިފަދަ މީހުންނަށް ހުންނަ އަލާމާތްތަކަށް ފަރުވާ
ދޭންޖެހޭނެ އެވެ. އަލާމާތްތައް އިތުރަށް ގޯސްވަމުން ދާނަމަ އެތެރެހަށީގެ ޚާއްޞަ
ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.
(ބ) - ކެއްސާފައި
ކަރުންލޭއައުން : ކެއްސާފައި ކަރުން ލޭއަންނަ އަލާމާތް ހުންނަ ބަލިމީހުން
އަރާމުކުރުމަށް ނަސޭހަތްތެރިވުމާއެކު އެންޓި ޓަސިވް ނުވަތަ ކެއްސުން މަނާކުރާ ބޭސް
އެއް ދީފައި ހޮސްޕިޓަލަށް ފޮނުވާށެވެ.
(ޅ) - ފުއްޕާމޭ
ނޫން އެހެން ގުނަވަންތަކަށް ޓީބީގެ ސަބަބުން ދިމާވާ އިތުރު އުދަގޫތައް : ފުއްޕާމޭ ނޫން އެހެން ގުނަވަންތަކަށް ޓީބީގެ ސަބަބުން
ދިމާވާ އިތުރު އުދަގޫތައް ބިނާވެގެންވަނީ އެވަގުތަކު ޓީބީ ޖެހިފައިވާ ގުނަވަނެއްގެ
މައްޗަށެވެ. އެހެންކަމުން މިފަދަ ބަލި މީހުން ބެލުމަށްޓަކައި އެހިސާބާބެހޭ
މާހިރުންގެ ލަފާ ބޭނުން ވެއެވެ.
ޓީބީ ޖެހުމަށް
މަގުފަހިކުރާ ކަންތައްތައް
ޓީބީ ޖެހުމަށް
މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·
ޓީބީ ޖެހިފައިހުރި
މީހާއާއި ގައިގޯޅިވެއުޅުން ނުވަތަ އެފަދަ މީހާއާއި ގާތްގުޅުމެއް އޮތުން :
މިސާލަކަށް ޓީބީ ޖެހިފައިވާ މީހަކާއި އެއްގޭބިސީއެއްގައި އުޅޭނަމަ، ސަލާމަތުން
ހުރި މީހާގެ ހަށިގަނޑަށް ޓީބީ ޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެއީ އެފަދަ މީހުން
ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމް އެމީހާއާއި އެކުގައި
އުޅޭމީހުންގެ ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު ވެސް ބޮޑުވާނެތީ އެވެ.
·
ޓީބީ ޖެހިފައިހުރި
މީހާއާއި އަޅާލައި ފަރުވާ ދިނުމުގައި ބައިވެރިވުން : މިގޮތުން ޞިއްޙީ ދާއިރާގައި
މަސައްކަތްކުރާ ޑޮކްޓަރުން، ނަރުހުން، ޞިއްޙީ އެހީތެރިންނަށް ބައެއް ފަހަރު
ބަލިމީހާގެ ފުށުން ޓީބީ ޖެހޭގޮތް ވެއެވެ.
·
މީހުން ގިނަ ބައިބޯ
މާހައުލެއްގައި އުޅެންޖެހިފައިވުން ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން :
މިފަދަ ތަނެއްގައި އުޅޭއިރު އެތަނެއްގައި ޓީބީ ޖެހިފައިވާ މީހަކު އުޅޭނަމަ، އެފަދަ
މީހުންގެ ފުށުން ސަލާމަތުން ތިބި މީހުންގެ ގަޔަށް ވަރަށް ފަސޭހައިން ޓީބީގެ
ޖަރާސީމް ވާޞިލްވާގޮތް ވެއެވެ. މިސާލަކަށް ޖަލުތަކާއި، ހޮސްޕިޓަލް، ސުކޫލް
މަދަރުސާ ފަދަ މީހުން ގިނައިން އެއްވާ ތަންތަން ފާހަގަކުރެވެއެވެ.
·
މަސްތުވާތަކެއްޗާއި
ބަނގުރާ ބޭނުންކުރުން : މަސްތުވާ ތަކެއްޗާއި ބަނގުރާ ބޭނުން ކުރުމުން ހަށިގަނޑުގެ
ދިފާޢީ ބާރު ދަށްވެ، ވަރަށް ފަސޭހައިން ބަލިތަކަށް މީހާ ހުށަހެޅޭގޮތް ވެއެވެ.
·
އާންމު ޞިއްޙަތަށް ފަރުވާ
ކުޑަކުރުން : އާންމު ޞިއްޙަތަށް ފަރުވާ ކުޑަކުރުމަކީ ވަރަށް ގިނަ ބަލިތަކަށް
ހުށަހެޅޭނެ ކަމެކެވެ.
·
ޓީބީ އާންމު ހިސާބުތަކަށް
ދަތުރުކުރުން ނުވަަތަ އެއިން ހިސާބަކުން އަންނަ ފަތުރުވެރިއެއްގެ ކިބައިން ޓީބީ
ޖެހުން: ޓީބީ އާންމު ހިސާބުތަކުގެ ތެރޭގައި ކެރީބިއަންގެ ގައުމުތައް، ލެޓިން
އެމެރިކާ، ޔޫރަޕް، އޭޝިޔާ، އަދި ރަޝިޔާ ފަދަ ގައުމުތައް ހިމެނެއެވެ.
ހަށިގަނޑު ދިފާޢީ ނިޒާމް
ނުވަތަ ދިފާޢީ ބާރު ދަށްކޮށްދޭ ތަފާތު ބަލިތަކާއި ކަންތައްތަކުގެ ސަބަބުން ވެސް
ފަސޭހައިން ޓީބީ ޖެހޭގޮތް (އެކްޓިވް ޓީބީ ) ވެއެވެ. ނުވަތަ ޓީބީ ޖެހުމުގެ ފުރުޞަތު
ބޮޑުވެގެން ދެއެވެ. އާންމު ގޮތެއްގައި ބަލާއިރު ކުޑަކުދިންނަކީ އުފެދުމުގައި ވެސް
އެމީހުންގެ ދިފާޢީ ބާރު ބޮޑެތި މީހުންނަށްވުރެ ދަށްބައެކެވެ.
ދިފާޢީ ބާރު
ދަށްކޮށްލާފަދަ ކަންތަައްތަކުގެ ތެރޭގައި :-
·
އެއިޑްސް ޖެހުން
·
މަސްތުވާތަކެތި
ބޭނުންކުރުން
·
ސިލިކޯސިސް ކިޔާ
ފުއްޕާމޭގެ ބައްޔެއް ޖެހުން
·
ހަކުރު ބަލި
·
ނުރައްކާތެރި ގުރުދާގެ
ބަލިތައް
·
މާބޮޑަށް ބަރުދަން ލުއި
މީހުން
·
ގުނަވަން ބަދަލުކުރުން
·
ބޮލާއި ކަރުގެ ކެންސަރު
·
ކޯޓިކޯސްޓީރޮއިޑް ފަދަ
ބޭހެއް ދިގުމުއްދަތަކަށް ބޭނުންކުރަމުން ގެންދިއުން
·
ރޫމަޓޮއިޑް އާތްރައިޓިސް
(ހުޅުހުޅު ދުޅަވުމުގެ ވައްތަރެއް ) އަދި ކްރޯންސް ބައްޔަށް (ގޮހޮރަށްޖެހޭ
ބައްޔެއް) ފަރުވާކުރަމުން ދިއުން
ޓީބީ
ޖެހިފައިހުރިކަން ދެނެގަތުން
އެކްޓިވް ޓީބީގެ އަސަރު
ހުރިކަން ދެނެގަންނަނީ ޓީބީ އާއި ގުޅިގެން ފެންނަ އަލާމާތްތަކުންނާއި، ޑޮކްޓަރުން
ހަށިގަނޑު ޗެކްކޮށް ބަލާ ބެލުންތަކުންނެވެ.
މީގެ އިތުރުން އެކްޓިވް ޓީބީ ހުރިކަން އެނގެނީ ކުޅާ އަރިދަފުސް ޓެސްޓް ކުރުމުގެ
ތެރޭގައި އޭގައި ޓީބީ ޖައްސާ ޖަރާސީމް ހުރުމުންނެވެ.
ލޭޓެންޓް ޓީބީ ހުރިކަން
އެނގެނީ ޓިއުބަކިއުލިން ސްކިން ޓެސްޓް އޭ ކިޔާ ހަމުގެ ޓެސްޓަށް، ނުވަތަ ލޭގެ
ޓެސްޓްތަކުން ޓީބީ އަށް ޕޮޒިޓިވްކޮށް ދެއްކުމުންނެވެ. ޓީބީގެ އަސަރު ހުރިތޯ
ބެލުމަށް ވަރަށް ގިނަ ފަހަރު ފުއްޕާމޭގެ އެކްސްރޭ ނަގަން ވެސް ޖެހެއެވެ.
ޓީބީ ޖެހިފައި ހުރިކަން
ދެނެގަނެވެނީ ޓީބީގެ ޖަރާސީމް ހަށިގަނޑުގައި ހުރިތޯ ޓެސްޓްކޮށްގެންނެވެ. ޓިއުބަކިއުލިން
ސްކިން ޓެސްޓް އޭ ކިޔާ ހަމުގެ ޓެސްޓަށް، ނުވަތަ ލޭގެ ޓެސްޓްތަކުން ޓީބީ އަށް
ޕޮޒިޓިވްކޮށް ދެއްކުމުގެ މާނައަކީ ޓީބީ ޖަރާސީމް ހަށިގަނޑުގައި ހުރުމެވެ. އެއިން
އެކްޓިވް ޓީބީ ޖެހިފައިވާކަން އަންގައެއް ނުދެއެވެ. އެކްޓިވް ޓީބީ ޖެހިފައިވާކަން
އެނގެނީ މޭގެ އެކްސްރޭ ނަގައިގެންނާއި، އަދި ކުޅު ޓެސްޓްކޮށްގެންނެވެ.
ފުއްޕާމެޔަށް ޓީބީ
ޖެހިފައި ހުރިތޯ ބެލުމަށް ޢާންމުކޮށް ކުރެވޭ ޓެސްޓްތަކުގެ ތެރޭގައި :-
·
ޓީބީގެ އަލާމާތްތައް
ކުރިމަތިވެފައިވޭތޯ ބެލުން
·
ކުޅާއި އަރިދަފުސް
ޓެސްޓްކުރުން
·
ލޭޓެސްޓްކުރުން
·
ފުއްޕާމޭގެ އެކްސްރޭ
ނެގުން
·
ހަމުގެ ޓެސްޓެއް ހެދުން
ފުއްޕާމޭ ނޫން
އެހެން ހިސާބަކަށް ޓީބީ ޖެހިފައިވާނަމަ:-
·
ބަލީގެ އަސަރު ހުރިކަމަށް
ޝައްކުކުރެވޭ ހިސާބުގެ އެކްސްރޭ ނެގުން
·
ބަލިޖެހިފައިވާ ކަމަށް
ޝައްކުކުރެވޭ ހިސާބު ސްކޭންކުރުން،
·
ބަލިޖެހިފައިވާ ކަމަށް
ޝައްކު ކުރެވޭ ހިސާބެއްގެ ޓިޝޫތަކުން އެތިކޮޅެއް ނަގައިގެން ޓެސްޓްކުރުން
·
ކުޑަކަމުދާ ތަކެތި
ޓެސްޓްކުރުން
އެކްޓިވް ޓީބީ
ދެނެގަތުން
އެކްޓިވް ޓީބީ
ޖެހިފައިވާކަމަށް ޝައްކުކުރެވޭ ހިސާބުން އެމީހަކު ރަގަޅަށް ބަލައި ޗެކްކުރަން
ޖެހެއެވެ. އެއީ ޓީބީއަށް ޝައްކުކުރެވޭތީ ހަށިގަނޑު ބަލައިގެންނާއި، އަދި ހެދޭ
ޓެސްޓްތަކުން ޓީބީގެ އަސަރު ހުރިތޯ ދެނެގަތުމަށްޓަކައެވެ. އަދި އެކަމުގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ބަލީގެ ތާރީޚް : ބަލީގެ
ތާރީޚް ހޯދުމަށްޓަކައި، ބަލިމީހާގެ ކިބައިން ޓީބީ ޖެހިފައިވާ މީހަކާއި
ގައިގޯޅިވެފައިވޭތޯ އަހައި އޮޅުން ފިލުވަން ވާނެއެވެ. ބަލިމީހާ މަސައްކަތްކުރަނީ
ކޮންތާކުތޯ އާއި، ބަލިމީހާ ޓީބީ އާންމު ގައުމަކަށް ދަތުރުކޮށްފައިވޭތޯ އަހައި
އޮޅުން ފިލުވުން ވެސް މުހިއްމެވެ. އެއިޑްސް ބަލި އަދި މިނޫނަސް ހަށިގަނޑުގެ ދިފާޢީ
ބާރު ދަށްވާފަދަ ޙާލަތެއް މެދުވެރިވެފައިތޯ ދެނެގަތުން ވެސް މުހިއްމެވެ.
·
ހަށިގަނޑު ބަލައި
ޗެކްކުރުން :ހަށިގަނޑު ބަލާ ބެލުންތަކުން ޖުމްލަކޮށް ބަލިމީހާގެ ޙާލަތު
ދެނެގަނެވޭނެ އެވެ. އޭގެ ސަބަބުން ޓީބީ ޖެހިފައިވާނަމަ، ފަރުވާކުރިއަށް ގެންދާނެ
ގޮތެއް ކަނޑައެޅުމަށް ފަސޭހަވެގެން ދެއެވެ.
·
ޓީބީއަށް ޓެސްޓުކުރުން (
ހަމުގެ ޓެސްޓް ނުވަތަ ލޭގެ ޓެސްޓް ) : ޓީބީ އަށް ޓެސްޓުކުރުމަށް އާންމުކޮށް ހެދެނީ
ޓިއުބަކިއުލިން ސްކިން ޓެސްޓް ނުވަތަ މެންޓޫކްސް ޓެސްޓް ކިޔާ ހަމުގެ ޓެސްޓެއް އަދި
ލޭގެ ޓެސްޓެކެވެ. މެންޓޫކްސް ޓެސްޓްގައި
އަތްދަނޑީގެ ބަޔަކުން ހަންގަނޑަށް ''ޓިއުބަކިއުލިން'' ކިޔާ ދިޔައިގެ ކުޑަ
އެތިކޮޅެއް އިންޖެކްޝަން އިން ފޮނުވާލެވެއެވެ. އަދި އިންޖެކްޝަން ޖެހި ހިސާބުގެ
ހަންގަނޑު ހަރުވުން ފަދަ ކަމެއް ކުރިމަތިވެފައިވޭތޯ 72-48 ގަޑިއިރާއި ދެމެދުގެ
މުއްދަތެއް ގެ ފަހުން ބަލަން ޖެހެއެވެ.
·
މޭގެ އެކްސްރޭ ނެގުން :
ޓީބީ ދެނެގަތުމަށް މޭގެ އެކްސްރޭ ނަގަނީ ޓީބީގެ ސަބަބުން އެއްވެސް ބަދަލެއް
ފުއްޕާމެޔަށް އައިސްފައިވޭތޯ ބެލުމަށެވެ. ނުވަތަ ފުއްޕާމޭގައި ޓީބީގެ އަސަރު
ހުރިތޯ ބެލުމަށެވެ. ޓީބީގެ އަސަރު ފުއްޕާމޭގެ ކޮންމެ ހިސާބަކުން ވެސް
ފެނިދާނެއެވެ. އަދި އޭގެ އަސަރު ފެންނަން ހުންނަވަރާއި، ކުޑަ ބޮޑުމިން، އެކި
މީހުންނަށް ތަފާތު ވާނެއެވެ. ބައެއް ފަހަރު ވަޅުގަނޑެއްގެ ސިފައިގައި ޓީބީ އަސަރު
ފުއްޕާމޭއިން ފެންނަން ހުންނާނެއެވެ. މޭގެ އެކްސްރޭ އިން ފެންނަ ކަންތައްތަކުން
މުޅިން ޓީބީކަން ނުނިންމިދާނެއެވެ. ޓީބީގެ އަލާމާތްތައް ނުފެނުނު ނަމަވެސް ހަމުގެ
އަދި ލޭގެ ޓެސްޓު ޓީބީއަށް ޕޮޒިޓިވް ވެފައި، ފުއްޕާމޭގެ އެކްސްރޭގައި ޓީބީގެ
އަލާމާތްތައް ހުރިނަމަ، އެއީ ފުއްޕާމެޔަށް ޓީބީ ޖެހިފައިވުން ކަމަށްވުން ގާތެވެ.
·
ކުޅު ނުވަތަ އަރިދަފުސް
ޓެސްޓުކުރުން : ކުޅު ނުވަތަ އަރިދަފުހުގައި އެސިޑް ފާސްޓް ބެސިލައި ހުރުމަކީ
އެކްޓިވް ޓީބީ ހުރިކަން އަންގައިދޭ ކަމެކެވެ. އެސިޑް ފާސްޓް ބެސިލައި ހުރުމަކީ
ޓީބީ ޖެހިފައިވާކަން ޔަގީންކޮށްދޭނެ ކަމެއް ނޫނެވެ. ސަބަބަކީ ބައެއް އެސިޑް ފާސްޓް
ބެސިލައި ތަކަކީ މައިކޮބެކްޓީރިއަމް ޓިއުބަކިއުލޯސިސް އަށް ނުވުމެވެ. އެހެން
ކަމުން ކުޅު ނުވަތަ އަރިދަފުސް ޓެސްޓް ކުރުމާއެކު ޓީބީ ޖެހިފައިވާކަން
ޔަގީންކުރުމަށް ކަލްޗަރ (ޖަރާސީމް އިންދައި ހެއްދުން) ހަދަން ޖެހެއެވެ. ކަލްޗަރ
ހަދާއިރު ޓީބީ ޖައްސާ ޖަރާސީމް ހުރުމަކީ އެކްޓިވް ޓީބީ ޖެހިފައިވާކަން
ޔަގީންވުމެވެ. ކުޅުގެ ޓެސްޓް ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ކަލްޗަރ ހަދަންޖެހޭނެ
އެވެ.
·
ބޭހަށް ނުގުޑުން :
ކަލްޗަރ ހެދުމަށްފަހު ޓީބީ ޖަރާސީމް ހުރިކަން ޔަގީންވުމުން ބޭހަށް ނުގުޑުން
ކުރިމަތިވެފައިވޭތޯ ޓެސްޓުކުރުން މުހިއްމެވެ. ރަގަޅު ފަރުވާއެއް ފެށުމަށް ވީއެންމެ
އަވަހަކަށް ޓީބީ ބޭހަށް ނުގުޑާތޯ ބެލުން މުހިއްމެވެ.
މެންޓޫކްސް
ޓެސްޓް : މެންޓޫކްސް ޓެސްޓްގައި އަތްދަނޑީގެ ބަޔަކުން ހަންގަނޑަށް
''ޓިއުބަކިއުލިން'' ކިޔާ ދިޔައިގެ ކުޑަ އެތިކޮޅެއް އިންޖެކްޝަން އިން
ފޮނުވާލެވެއެވެ. އަދި އިންޖެކްޝަން ޖެހި ހިސާބުގެ ހަންގަނޑު ހަރުވުން ފަދަ ކަމެއް
ކުރިމަތިވެފައިވޭތޯ 72-48 ގަޑިއިރާއި ދެމެދުގެ މުއްދަތެއް ގެ ފަހުން ބަލަން
ޖެހެއެވެ. އިންޖެކްޝަން ޖެހި ހިސާބު ހަރުވެފައިވުން ގެ މާނައަކީ ޓެސްޓްގެ ނަތީޖާ
ޕޮޒިޓިވް ވުމެވެ.
ޓިއުބަރކިއުލިން
ޓެސްޓް
ޓިއުބަރކިއުލިން ޓެސްޓްގެ
މުހިއްމު ކަމަކީ ކުޑަކުއްޖެއްގެ މިޓެސްޓް ހަދައިގެން ޕޮޒިޓިވްކޮށް ދައްކައިފިނަމަ
އެއިން އެނގޭ ކަމަކީ ކުއްޖާގެ ހަށިގަނޑަށް ދާދިފަހުން ޓީބީ ޖަރާސީމް
ވަދެއްޖެކަމާއި، މުސްތަގުބަލްގައި އެކުއްޖާގެ ހަށިގަނޑުގައި ބަލި ފެށުމުގެ ބިރު
އޮތްކަމެވެ.
ޓިއުބަރކިއުލިން ޓެސްޓް
ހެދުމަށްޓަކައި 10 ޓީޔޫގެ ބާރުމިނުގެ ޕީޕީޑީ ހަންގަނޑުގެ ތެރެއަށް އިންޖެކްޝަންގެ
ގޮތުގައި ޖަހައެވެ. ވަކި މިންގަނޑެއް ކަނޑައެޅުމަށްޓަކައި އެދެވޭ މިންވަރަށް މައުލޫމާތު އެއްކުރެވެންދެން
ޓެސްޓްކުރަން އިންޖެކްޝަން ޖެހިތަން 10 މިލިމީޓަރަށްވުރެ ބޮޑުކޮށް ފާހަގަވާން
ހުރެއްޖެނަމަ ބެލެވޭނީ ޓެސްޓް ޕޮޒިޓިވް ވީކަމަށެވެ.
މާންޓޫ ޓެސްޓް
ހެދުމަށްޓަކައި ޕީޕީޑީ ދެވުނުގޮތް ރަގަޅު ނޫންކަމަށް ފެންނަނަމަ، (އެއީ ހަމުގެ
ދަށަށް ފޮނުވިގެން ނުވަތަ ފޮނުވުނު މިންވަރު މަދުވެގެން) ވަގުތުން ތަކުރާރުކޮށް
ޓެސްޓް ހަދަންވާނެ އެވެ. ތަކުރާރުކޮށް ހަދާ ޓެސްޓް ފުރަތަމަ ޓެސްޓް ހެދުމަށްފަހު 2
ހަފްތާއަށްވުރެ ލަސްވެގެން ނުވާނެއެވެ.
ލޭގެ ޓެސްޓް : ޓީބީ އަށް ޓެސްޓް ކުރުމަށް ހެދޭ ޚާއްޞަ ލޭގެ ޓެސްޓް އަކީ
''އިންޓަރފީރޯން ގާމާ ރިލީޒް އެސޭސް'' އެވެ. މިއީ ޓީބީ ޖަރާސީމްއަށް ދިފާޢީ ނިޒާމް
އިޖާބަދޭގޮތް މިނެކިރައިދޭ (ކަނޑައަޅައިދޭ) ޓެސްޓެކެވެ.
ބީސީޖީ
ޖަހާފައިވާ މީހުން ޓީބީއަށް ޓެސްޓުކުރުން
ބީސީޖީ އަކީ ޓީބީއިން
ދިފާޢުކޮށްދޭ ވެކްސިނެކެވެ. ބީސީޖީ ވެކްސިން ޖަހާފައިވާނަމަ ހަމުގެ ޓެސްޓަށް
ޕޮޒިޓިވް ވެދާނެ އެވެ. މީގެ ސަބަބުން ފަރުވާއެއް ފަށަން އުދަގޫވެއެވެ. ބީސީޖީ
ވެކްސިން އިން ހަމުގެ ޓެސްޓްގެ ނަތީޖާއަށް އަސަރުކުރާ ކަމަށްވިޔަސް، ޓީބީއަށް ޓެސްޓުކުރުމަށް ހަމުގެ ޓެސްޓް
ހެދިދާނެއެވެ. މިފަދަ މީހުން ހަމުގެ ޓެސްޓު ހަދާއިރު ރިއެކްޝަންގެ ސައިޒުން އެއީ
ލޭޓެންޓް ޓީބީގެ ސަބަބުން ކުރިމަތިވި ޕޮޒިޓިވް ރިއެކްޝަން އެއްތޯ ނުވަތަ ކުރިން
ބީސީޖީ ޖަހާފައިވާތީ ދިމާވި ރިއެކްޝަން އެއްކަން ކަނޑައަޅައެއް ނުދެއެވެ.
ޓީބީއަށް ޓެސްޓްކުރަންޖެހޭ
މީހުން
·
އެކްޓިވް ޓީބީ
ޖެހިފައިވާކަން ޔަގީންވެފައިވާ މީހަކާއި ގައިގޯޅިވުން ނުވަތަ އެފަދަ މީހަކާއެކު
ވަގުތު ހޭދަކުރުން
·
ހަށިގަނޑު ދިފާޢީ ބާރު
ދަށްވާފަދަ ހާލަތެއް ކުރިމަތިވެފައިވުން
·
އެކްޓިވް ޓީބީގެ
އަލާމާތްތައް ފެނުން
·
ޓީބީ އާންމު ގައުމަކަށް ދަތުރުކޮށްފައިވުން
·
ޓީބީ އާންމު ތަނެއްގައި
އުޅެންޖެހިފައިވުން
·
މަސްތުވާތަކެތި
ބޭނުންކުރުން
ޓީބީއަށް
ފަރުވާ ކުރަމުންދާ ދުވަސްވަރު ޓެސްޓްކުރުން
ޓީބީ އަށް ފަރުވާ
ކުރަމުންދާ ދުވަސްވަރު ކުޅު އަދި އަރިދަފުސް މަހަކު އެއްފަހަރު ނުވަތަ އެއަށްވުރެ
ގިނައިން ޓެސްޓް ކުރެވެއެވެ. މީގެ ބޭނުމަކީ ޓީބީއަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ
ބޭސްތަކުން މަންފާއެއް ކުރޭތޯ ނުވަތަ ނުކުރޭތޯ ޔަގީން ކުރުމެވެ. ފަރުވާކޮށް ނިމެން
ކައިރިވުމުން ބައެއް ފަހަރު ފުއްޕާމޭގެ އެކްސްރޭ އެއް ނެގެއެވެ. އޭގެ ބޭނުމަކީ
މުސްތަގުބަލްގައި އެފަދަ ކަމެއްވިޔަސް އަޅާކިޔުމަށްޓަކައި އެކްސްރޭ އެއް ނަގާފައި
ބޭއްވުމެވެ.
ޓީބީ އާއި ގުޅިގެން
ފަރުވާގެ ގޮތުގައި ދެވޭ ބޭސްތަކުން ހަށިގަނޑަށް ނޭދެވޭ އަސަރެއް ކުރޭތޯ ބެލުމަށް
ވެސް ޓީބީއަށް ފަރުވާ ކުރަމުން ގެންދާ ދުވަސްވަރު ބައެއް ޓެސްޓްތައް ކުރެވެއެވެ.
އެގޮތުން ކުރެވޭ ޓެސްޓްތަކުގެ ތެރޭގައި:-
·
ފުރަމޭގެ މަސައްކަތް
ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓްތައް
·
ލޮލުގެ ޓެސްޓްތައް
·
އަޑުއެހުމުގެ ޓެސްޓްތައް
މިޓެސްޓްތައް ހެދުމުގެ
ބޭނުމަކީ ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން ފުރަމޭ، ލޯ، އަދި ކަންފަތް ފަދަ
ގުނަވަނަކަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރިމަތިވެފައިވޭތޯ ބެލުމެވެ.
ޓީބީ
ބަލިމީހަކީ ކޮބައިކަން ދެނެގަތުން
ޓީބީ ބަލިމީހެއްކަމަށް
ބެލެވޭނީ އެމީހެއްގެ ކުޅުގައި އެސިޑް ފާސްޓް ބެސިލައި ފެންނަ މީހުންނާއި، އަދި
ކުޅުގައި ފަނި ނެތް ނަމަވެސް ޑޮކްޓަރުން ބަލާބެލުމަށާއި، އެކްސްރޭގެ ޒަރީޢާއިން
ޓީބީ ބަލިހުރިކަން ސާބިތުކުރެވޭ މީހުންނެވެ. ފުއްޕާމޭ ނޫން އެހެން ގުނަވަނަކަށް
ޓީބީ ޖެހިފައިހުރި ބަލިމީހެއް ކަމަށްބެލެވޭނީ ކަމާބެހޭ މާހިރަކު އޭނާގެ ފުއްޕާމޭ ނޫން
އެހެން ގުނަވަނަކަށް ޓީބީ ޖެހިފައި ހުރިކަން ކަނޑައަޅާ ބުނާނަމަ އެވެ. ކުޅުގައި
ފަނި ހުރި ނަމަވެސް އަދި ނެތް ނަމަވެސް ހުރިހާ ބަލިމީހުން ރަޖިސްޓްރީ ކުރެވެން
ވާނެއެވެ.
ފުއްޕާމެޔަށް
ޖެހޭ ޓީބީ
·
ކުޅުގައި ފަނި
ހުންނަ ބަލިމީހުން : ކުޅުގައި ފަނި ހުންނަ ޓީބީގެ ބަލިމީހެއް ކަމަށް ބެލެވޭނީ 3
ދުވަހު ނަގާ ކުޅުން 2 ދުވަހު ނަގާ ކުޅުގައި އެސިޑް ފާސްޓް ބެސިލައި، ނުވަތަ ޓީބީގެ
ފަނި ހުރުމާއެކު، ފުއްޕާމޭގެ އެކްސްރޭގައި ޓީބީ ފެތުރިގެން ދިއުމުގެ ނިޝާން ފެންނަ
ހުރުމުންނެވެ.
·
ކުޅުގައި ފަނި
ނުހުންނަ ބަލިމީހުން : ކުޅުގައި ފަނި ނުހުންނަ ޓީބީގެ ބަލިމީހެއް ކަމަށް
ބެލެވޭނީ 3 ދުވަހު ނަގާ ކުޅުން އެއް ދުވަހު ވެސް ޓީބީގެ ފަނި ނުފެނުމާއި، މީހާގެ
ބަލިހާލު ބޮޑުކަމުން ކުޅު ޓެސްޓް ކުރެވޭގޮތް ނުވުމާއި، އެކުވެސް އޭނާގެ
ހަށިގަނޑުގައި ޓީބީ ހުރިކަމަށް ސާބިތުކުރެވޭ ކިތައްމެ ކަމެއް ޑޮކްޓަރަށް ފެނުމާއި
ގުޅިގެންނެވެ. މިފަދަ ބަލިމީހުން ވެސް ފަރުވާކުރަން އޮންނަ މުއްދަތަށް ފަރުވާ
ކުރަންވާނެ އެވެ. މިފަދަ ކުޑަކުދިންނާމެދު ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ
ބޭނުންވާނެ އެވެ.
ފުއްޕާމޭ ނޫން
އެހެން ގުނަވަނަށްޖެހޭ ޓީބީ
ފުއްޕާމޭ ނޫން އެހެން
ގުނަވަނަކަށް ޓީބީ ޖެހިފައިހުރިކަމަށް ބެލެވޭނީ ކަމާއި ބެހޭ ޚާއްޞަ މާހިރަކު ބަލާ
ބެލުންތަކާއި، ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބުރަވެ ބުނާ ބުނުމަށެވެ.
މިފަދަ މީހުން ވެސް ފަރުވާ ކުރަން އޮންނަ މުއްދަތަށް ފަރުވާ ކުރަންވާނެ އެވެ.
ފަނި ދިރުވުން
(ކަލްޗަރ)
އެސިޑް ފާސްޓް ބެސިލަސް
ކަލްޗަރ ކުރަންޖެހޭނީ އަންނަނިވި ހާލަތްތަކުގައެވެ.
1-
ފަރުވާ ފެއިލްވާ
ބަލިމީހުން ބެލެހެއްޓުމުގެ ދަށުން 3 މަސް ދުވަހު ފަރުވާ ދިނުމަށްފަހު ކުޅުގައި
ފަނި ހުންނަ މީހުން
2-
ފަރުވާ ދިނުމަށްފަހު ބަލި
އާލާވާމީހުން : މިއީ ފަރުވާގެ މުއްދަތު ހަމަވެ ފަސޭހަވެގެން ދޫކޮށްލައިފައިވާ
މީހާގެ ކުޅުން އަނެއްކާވެސް ޓީބީގެ ފަނިފެނުން
3-
ކޮންމެ އޮޕަރޭޝަނެއްގެ
ޒަރީޢާއިން ވިޔަސް ގައިން ނެގޭ ސެލޯށިއަކުން ޓީބީއަށް ޝައްކުކުރެވުން
4-
ކުޑަކަމުދާ އެއްޗެތި
ބަލާއިރު ސްޓެރައިލް ކަމަށް ބެލެވުނަސް ގުރުދާގެ ޓީބީކަމަށް ޝައްކުކުރެވޭ މީހުން
5-
ގައިގެ އެއްވެސް ތާކުން
ފައިބާ ދިޔަވަރެއް ޓީބީއަށް ޝައްކުކުރެވުން
6-
ސިކުނޑީގެ ބޭރުގައިވާ
ދުއްޔަށް ޓީބީ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭނަމަ ސިކުނޑީގެ ބޭރުގައިވާ ފެން
(ސީއެސްއެފް)
7-
އަޖުމަ ބެލުމަށްޓަކައި
ޓީބީއަށްދޭ ފަރުވާ ފެއްޓުމަށް އައިޖީއެމްއެޗްއަށް ފޮނުވޭ މީހުން
ނޯޓް: ބޭހުން
އަަސަރުކުރޭތޯ ކުރާ ޓެސްޓް ކުރެވޭނީ ހަމައެކަނި ފަރުވާ ފެއިލްވާ މީހުންގެ އެވެ.
ޓީބީ ބަލި
ސާބިތުކުރުން (ޑައިގްނޯޒްކުރުން)
ބަލިމީހުން
ހޯދާގޮތް
ޓީބީއަށް ޝައްކު
ކުރަންވާނީ އަރިދަފުސް އައުމާއެކު މެދުނުކެނޑި 3 ހަފްތާ ވަންދެން ކެއްސާ
މީހުންނާއި މެދުގައެވެ. 3 ހަފްތާ އަށްވުރެ މަދުން ކެއްސާ މީހުންނަކީ ޓީބީގެ
ބަލިމީހުން ނޫންކަމުގައި ނުބެލެވޭނެ އެވެ. ވީމާ އެހެން އަލާމާތްތަކަށް ބެލުން
މުހިއްމެވެ.
ކުޅުގައި ލޭހުރުމާއެކު،
މޭގައި ރިއްސާ، ހުންއައުމާއެކު ހުންމަޑުވެ ރޭގަނޑަށް ދާހިއްލާ، އަދި ބަރުދަން
ލުއިވަމުންދާ މީހުން ވެސް ޓީބީއަށް ޝައްކުކުރަންވާނެ އެވެ. 3 ހަފްތާއަށްވުރެ
ދިގުމުއްދަތަށް ބާރުލާފައި ކެއްސާފައި އަރިދަފުސް އަންނަ މީހުންނާއި، މަތީގައި
ބުނެވިދިޔަ އަލާމާތްތައް، ހުންނަ މީހުންނާއި ބެހޭ މަޢުލޫމާތު އާންމުންނަށާއި،
ޞިއްޙީ މަސައްކަތްތެރިންނަށް ލިބިފައި އޮންނަން ވާނެއެވެ.
ބަލިމީހާއާއި ގައިގޯޅިވެ
އުޅޭމީހުންގެ ތެރެއިން ޚާއްޞަކޮށް ކުޅުގައި ފަނި ހުންނަ މީހުންނާއި ގައިގޯޅިވެ
އުޅޭ މީހުންނާއި، ވަރަށް ރަގަޅަށް ވާހަކަ ދައްކައި މަޢުލޫމާތު ސާފުކުރުން
މުހިއްމެވެ. އެކްސްރޭ ނެގެން ނެތްނަމަ، ނުވަތަ ފުއްޕާމޭ ނޫން އެހެން ގުނަވަނަކަށް
ޓީބީ ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅޭ މީހުން ނަމަވެސް، އެމީހެއްގެ ކުޅު
ޓެސްޓް ކުރަންވާނެ އެވެ.
ޑައިގްނޯޒްކުރުން
ފުއްޕާމެޔަށް ޓީބީ ޖެހިފައިހުރިކަން
ކަނޑައަޅާ ބުނަން އެނގޭ އެންމެ ޔަގީން ގޮތަކީ ކުޅު ޓެސްޓްކޮށްގެން އެއިން ޓީބީ
ޖަރާސީމް (އެސިޑް ފާސްޓް ބެސިލައި) ފެނުމެވެ. މިޓެސްޓް ކުރުމުގެ ގަވާޢިދެއްގެ
ގޮތުން 3 ދުވަހު ހެދުނު ކުޅު ނެގުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިގޮތަށް
ނޫންނަމަ 3 ފަހަރުގެ ކުޅު ނަގާނީ ތިރީގައި ބަޔާންކުރާ ގޮތަށެވެ.
1 ވަނައަށް :
ވަގުތުންނަގާ ކުޅު ނުވަތަ ހެދުނުނަގާ ކުޅު : ފުރަތަމަ ނަގާކުޅު
ނުވަތަ ހެދުނު ނަގާކުޅު ނަގާނީ ބަލިމީހާ ޞިއްޙީ ފަރުވާދޭ ތަނަކަށް
އައުމާއެކުގައެވެ. މިގޮތަށް ކުޅުނަގާއިރު ކުޅު ޓެސްޓްކުރުމުގެ މުހިއްމުކަން ބަލިމީހާ
އަށް އޮޅުން ފިލުވައި ދިނުމާއެކު، ޓެސްޓްކުރުމަށްޓަކައި ނަގާކުޅު އެއީ ކެއްސާފަ
ފުއްޕާމޭގެ އެންމެ އަޑިން ގެނެވޭ އެއްޗަކަށް ވުމުގެ ބޭނުންތެރިކަން ވެސް އޮޅުން
ފިލުވައި ދޭންވާނެ އެވެ.
2 ވަނައަށް :
ހެދުނުނަގާ ކުޅު : ފުރަތަމަ ކުޅު ނެގުމަށްފަހު އަނެއްދުވަހު ހެދުނު ކުޅު
ނަގަން އަންނަންވާނީ ހުސްބަނޑާ ހުރެގެންކަން ބަލިމީހާއަށް ކިޔައިދީ
ނަސޭހަތްތެރިވާން ވާނެއެވެ.
3 ވަނައަށް :
ހެދުނުނަގާ ކުޅު : 3 ވަނަ ފަހަރަށް ބަލިމީހާ ކުޅު ނަގަން އައުމާއެކު ދެވަނަ
ފަހަރަށް ނުވަތަ ދެވަނަ ދުވަހު ކުޅު ނެގިގޮތަށް ކުޅު ނަގަން ނަޞޭހަތްތެރި ވާންވާނެ
އެވެ.
ހުރިހާ ކުޅެއްވެސް
ޓެސްޓްކުރަންވާނީ އެންމެ ކައިރީގައި ހުރި ޞިއްޙީ މަރުކަޒަކުންނެވެ. ޞިއްޙީ
މަރުކަޒުގައި ކުޅު ޓެސްޓް ކުރެވެން ނެތްނަމަ، ކުޅު ނެގިތަނަކުން ސްލައިޑް
ތައްޔާރުކުރުމަށްފަހު، ފާހަގަކުރެވޭގޮތަށް ނަންބަރުޖަހާ ޓެސްޓްކުރުމަށް އެންމެ
ގާތުގައި ހުރި ސަރަހައްދީ ހޮސްޕިޓަލަކަށް ފޮނުވާނީ އެވެ. ސްލައިޑްތައް ޒީލް
ނީލްސަން މެތަޑަށް ސްޓެއިން ކުރުމަށްފަހު ބައިބައި ވަކިކުރާށެވެ.
ބަލިމީހާ ފުރަތަމަ
ފަހަރަށް ވަގުތުން ނެގި ކުޅުގައި ފަނި ހުރެފައި، ދެވަނަ ފަހަރަށް ކުޅު ނަގަން
ނާންނަމަ އެމީހާ ވީތަނެއް ހޯދައި ފަރުވާ ލިބިގަތުމަށް އައުމަށް
ނަޞޭހަތްތެރިވާށެވެ. ކުޅު ނަގާ ދުވަސްވަރު ބަލިމީހާގެ ހުރި ޢަލާމާތްތަކަށް ފަރުވާ
ދިން ނަމަވެސް ޓީބީއާއި އިދިކޮޅަށްދޭ ޚާއްޞަ ފަރުވާދީގެން ނުވާނެއެވެ.
3 ދުވަސް ވަންދެން ނެގި
ކުޅުން ޓީބީގެ ޖަރާސީމް ނުފެނިއްޖެނަމަ، ބަލިމީހާގެ ހުރި އަލާމާތްތަކަށް 10-7
ދުވަސްވަންދެން ފަރުވާ ދިނުމަށްފަހު އަލާމާތްތައް ރަގަޅުނުވާނަމަ، މިފަދަ
ބަލިމީހުންގެ އެކްސްރޭ ނަގަންވާނެ އެވެ.
ދެދުވަސް ނުވަތަ
އެއްދުވަހު ކުޅުގައި ފަނިހުރެފައި، ޓީބީ ބަލިމީހެއްކަމަށް އެކްސްރޭ އިން
ދައްކާނަމަ، މިފަދަ މީހުންނަށް ފަރުވާ ކުރަންވާނީ ކުޅުގައި ފަނިހުރެގެން
ފަރުވާކުރާ މީހުންގެ ގޮތުގައެވެ.
ކުޅުގައި ފަނި ނުހުންނަ
މީހުންނަށް ޑޮކްޓަރ ވަކިގޮތެއް ކަނޑައަޅަންވާނީ ކްލިނިކްގައި ބެލިބެލުމުން ލިބުނު
އެހީއަކާއި، ބަލިމީހާގެ ފަރާތުން ލިބުނު ފުރިހަމަ މައުލޫމާތާއި، އަލާމާތުގެ
މައްޗަށްބަލާ، އަދި އެކްސްރޭ ނެގެންހުރި ތަނެއްނަމަ، އެކްސްރޭ ނަގާ ބެލުމަށްފަހު ގައެވެ.
ބަލި
ދެނެގަތުމުގައި އެކްސްރޭ ކުޅެދޭ ރޯލް
ތިރީގައި
ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި އެކްސްރޭ އަކީ ވަރަށް މުހިއްމު އެއްޗެކެވެ.
·
ކުޑަކުދިންނަށް ޓީބީ
ޖެހިފައިވޭތޯ ހޯދުން
·
ޓީބީގެ އަލާމާތްތައް
ހުންނަ ބޮޑެތި މީހުންގެ ތެރެއިން ކުޅުގައި ފަނި ނުހުންނަ މީހުންނާއި އަދި ކުޅު
ބެލޭގޮތް ނުވާމީހުން އިތުރަށް ޓެސްޓްކުރަންޖެހުން
·
ފުއްޕާމޭ ނޫން އެހެން
ތަނަކަށްޖެހޭ ޓީބީ ޑައިގްނޯޒްކުރަންޖެހުން
·
ތިންދުވަހު ނެގޭކުޅު
މައިކްރޮސްކޯޕުން ބަލައިގެން ދެދުވަހުގެ ކުޅުގައި ފަނި ހުރުމުގެ ސަބަބުން ޓީބީ
ކަމަށް ބެލެވޭ މީހުން ފަސޭހައިން އެކްސްރޭ ނެގޭގޮތް މެދުވެރިވެފައިވާ
ހާލަތްތަކުގައި ބޭސް ފެށުމުގެ ކުރިން ނެގޭ އެކްސްރޭ އަކާއި، ބޭސްނިމި
ރަގަޅުވެއްޖެކަން ސާބިތުވުމުން ނެގޭ އެކްސްރޭ އެއް ރިކޯޑްކުރުމަށްޓަކައި އޮތުން
ޓީބީގެ ފަނިހުރި
ބަލިމީހުންނާއި ގައިގޯޅިވެ އުޅޭމީހުންނަށް ދިގުމުއްދަތަކަށް ޖަރާސީމަށް ހަމަލާދޭ
ބޭސް ދިނުމަށްފަހު ވެސް ޓީބީގެ އަލާމާތްތައް ހުންނަ މީހުންގެ ތެރެއިން 3 ދުވަހުގެ
ކުޅުން ފަނި ނުފެނުނު ނަމަވެސް އެކްސްރޭ ނަގަން ޖެހޭނެއެވެ.
ޓީބީ އަށްދެވޭ
ފަރުވާ
ފުއްޕާމޭ ނުވަތަ
ހަށިގަނޑުގެ އެހެން ހިސާބަކަށް ވެސް އެކްޓިވް ޓީބީގެ އަސަރު ކޮށްފައިވާނަމަ، އޭގެ ފަރުވާގެ ގޮތުގައި އާންމުކޮށް ތަފާތު 4
އެންޓިބަޔޮޓިކެއް ބޭނުންކުރެވެއެވެ. އެންޓިބަޔޮޓިކް އަކީ ތަފާތު ވައްތަރު ޖަރާސީމް
ނުވަތަ ބެކްޓީރިޔާ މަރައި ނައްތާލާ އެއްޗެކެވެ.
ލޭޓެންޓް ޓީބީ އަށް
ފަރުވާގެ ގޮތުގައި ހަމައެކަނި އައިސޯނިއެޒިޑް 9 މަސް ވަންދެން، ނުވަތަ
ރިފަމްޕިސިން 4 ނުވަތަ 6 މަސް ވަންދެން ނަގަންޖެހެއެވެ. މިކަމުގެ ސަބަބުން
ލޭޓެންޓް ޓީބީ އެކްޓިވް ޓީބީ އަށް ބަދަލުވުން ކުޑަކޮށްދީ، އެކަމުން ހިމާޔަތްކޮށް
ރައްކާތެރިކޮށްދެއެވެ.
އެކްޓިވް ޓީބީ އަށް 6
މަސް ދުވަސްވަންދެން ފަރުވާ ކުރަންޖެހެއެވެ. ބައެއް ފަހަރު 6 މަސް ފަހުން އަލުން
ޓީބީ އަށް ޓެސްޓްކުރާއިރު، ޓީބީ އަށް ޕޮޒިޓިވްކަމަށް ދައްކައިފިނަމަ، ބޭސްކާން ޖެހޭ މުއްދަތު 8 މަސް ނުވަތަ 9 މަސް ދުވަހުގެ
މުއްދަތަށް އިތުރުކުރަންޖެހެއެވެ.
ޓީބީއަށް
ފަރުވާކުރުމަށް އާންމުކޮށްދޭ ބޭސްތަކަކީ:-
·
އައިސޯނިއެޒިޑް
·
ރިފަމްޕިސިން
·
ޕައިރަޒިނަމައިޑް
·
އީތަމްބިޔުޓޯލް
ބައެއް
ފަހަރުދޭ ބޭސްތަކުގެ ތެރޭގައި:-
·
ސްޓްރެޕްޓޮމިސިން
·
އިތިއޮނަމައިޑް
·
ސައިކްލޮސިރިން
·
ކެޕްރިއޮމިސިން
ޓީބީ އަށް ފަރުވާ
ލިބިގަތުމުގައި ސަމާލުކަން ދޭންޖެހޭ އެންމެ މުހިއްމު ކަމަކީ ގަވާޢިދުން
ބޭސްބޭނުންކުރުމެވެ. ބޭސްތައް ބޭނުންކުރުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން
ހުއްޓާލައިފިނަމަ، ބޭސް ބޭނުންކުރަންޖެހޭ މުއްދަތު އިތުރުވެ، އަދި ބައެއް ފަހަރު
އަލުން އާފެށުމަކުން ޓީބީއަށް ފަރުވާކުރަން ފަށަންޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ.
އެކްޓިވް ޓީބީ އަށް އެކަށޭނަ ގޮތެއްގައި ފަރުވާ ނުކުރެވިއްޖެނަމަ، ފުއްޕާމެޔާއި
އެހެނިހެން ގުނަވަންތަކަށް ޓީބީގެ އަސަރު ފޯރައި، އާޚިރު ނަތީޖާއެއްގެ ގޮތުން މަރާ
ކުރިމަތިލާންޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ.
މީގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ބޭސްކެއުން
ހުއްޓާލައިފިނަމަ، ނުވަތަ ގަވާޢިދުން ބޭސް ބޭނުން ނުކުރާނަމަ، ޓީބީ ޖައްސާ
ޖަރާސީމް ބޭހަށް ހޭނި، ބޭހަށް ނުގުޑާ
އެއްޗަކަށް ޖަރާސީމް ވެގެން ދިއުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި މިކަމުގެ
ސަބަބުން ބަލިމީހާގެ ފުރާނައަށް ނުރައްކާވުމަކީ ވެސް ވެދާނެގޮތެކެވެ.
ބޭސްކުރުމުގެ
މަގްޞަދު
ޓީބީއަށް ބޭހުގެ ފަރުވާ
ދިނުމުގެ ބޭނުން ތިރީގައި އެވަނީ އެވެ.
-
ޓީބީ ޖެހިފައިވާ
ބަލިމީހަކު ފަސޭހަކުރުން
-
ޓީބީ ޖެހުމުގެ ސަބަބުން
ނުވަތަ އޭގެ ފަހުން ކުރާ އަސަރުން ފުރާނަ ސަލާމަތްކުރުން
-
ޓީބީ ދެވަނަ ފަހަރަށް
އެމީހެއްގެ ހަށިގަނޑުގައި އާލާވިޔަނުދިނުން
-
އެކަކު ގައިން އަނެކަކު
ގަޔަށް ޓީބީ ވާޞިލްވާ މިންވަރު މަދުކުރުން
ބުނެވިދިޔަ މަގުޞަދުތައް
ހާޞިލްކުރެވޭއިރު ބޭހަށް ނުގުޑާ ފަނި ބަލިމީހާގެ ހަށިގަނޑުގެ ތެރޭގައި
އުފެދޭނެގޮތް މެދުވެރިވިޔަ ނުދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭހުގެ ފަރުވާ
ފަށާއިރު ބަލަންޖެހޭ އެންމެ މުހިއްމު ކަމަކީ އެކަށީގެންވާ އަދަދަކަށް ހޮވާލެވޭ
ބޭސްތަކެއް ދެވިއްޖެކަމަށްވަނީ ނަމަ ބޭހަށް ހޭނޭ (ނުގުޑާ) ފަންޏެއް ނުއުފުދޭނެ
ކަމެވެ.
ބޭހަށް ހޭނުން
(ބޭހަށް ނުގުޑާ ޓީބީ ޖަރާސީމް އުފެދުން)
ގުދުރަތީގޮތުން
ބޭހަށް ހޭނުން : ޓީބީ ޖަރާސީމްގެ ގުދުރަތީ މާހައުލުގައި އޭގެ އަމިއްލަ
ޒާތުގައި ބޭހަށް ހޭނޭ ފަދަ ބަދަލެއް އައިސް، މީހެއްގެ ހަށިގަނޑަށް ވަދެވޭއިރު،
މީގެ ކުރިން އެއްވެސް ޓީބީ ބޭހުގެ އަސަރެއް ނުފޯރާވެސް ވަކިބޭހަކަށް ނުގުޑާގޮތް
ވެސް ވެދާނެ އެވެ. މިގޮތަށް ދެވައްތަރެއްގެ ބޭހަށް އެއްފަހަރާ ހޭނުމަކީ ވަރަށް
މަދުން ދިމާވާ ކަމެކެވެ.
ލިބިގަންނަ
ބޭހަށް ހޭނުން : ދެވަނަ ގޮތަކަށް ނުވަތަ ލިބިގަންނަ ބޭހަށް ހޭނެން
މެދުވެރިވާ ސަބަބަކީ ގަވާޢިދާ ޚިލާފަށް ބޭސް ދިނުމާއި، ފަރުވާ މެދުކަނޑާލުމާއި،
އަދި އެކަށޭނަ މުއްދަތަކަށް ފަރުވާ ބޭނުން ނުކުރުމުންނެވެ.
އަލަށް ބޭހަށް
ހޭނުން : ޞިއްޙަތު ސަލާމަތުން ހުރި މީހަކަށް ކުރީގައި ބަލި
ޖެހިގެން ބޭހަށް ހޭނިފައިހުރި ބަލިމީހެއްގެ ފަރާތުން ބަލިޖެހިއްޖެނަމަ، އޭނާ އަކީ
ކުރިން ދުވަހަކުވެސް ޓީބީއަށްދޭ ބޭސް ބޭނުންނުކުރާ އަލަށް ބަލިޖެހުނު
މީހެއްކަމުގައި ވިޔަސް، އޭނާގެ ހަށިގަނޑުގެ ތެރެއަށްދިޔަ ޓީބީގެ ޖަރާސީމް ހުންނާނީ
ޓީބީގެ ބޭހަށް ހޭނިފައެވެ.
މިހެންވުމާއެކު ކުޅުގައި
ފަނިހުރެގެން ފަރުވާދޭ މީހުންނަށް ފުރަތަމަ 2 މަސް ދުވަހު ބޭސްދޭންވާނީ 4 ބޭސް
އެއްކޮށްގެން ސީދާ ބެލުމުގެ ދަށުންނެވެ. އަނެއް 4 މަސް ދުވަހު ބޭސް ކުރިޔަށް
ގެންދަންވާނީ 3 ބޭސް އެއްކޮށްގެންނެވެ.
ދެފަހަރަށް ބޭސް ފަށަންޖެހޭ
ފަންތީގެ މީހުންނަށް ފުރަތަމަ 3 މަސް ދުވަހު ބޭސް ދޭންވާނީ 5 ބޭސް އެއްކޮށްގެން
ސީދާ ބެލުމުގެ ދަށުންނެވެ. އަނެއް 4 މަސް ދުވަހު ބޭސް ކުރިޔަށް ގެންދަންވާނީ 3
ބޭސް އެއްކޮށްގެންނެވެ. މިގޮތަށް ތަކުރާރުކޮށް ބޭސް ފަށަންޖެހޭ މީހުން
އެމީހުންނަށް ބޭސް ފެށުމުގެ ކުރިން ވަރަށް ރަގަޅަށް ބޭސްދީ ހެދުމަކީ މުހިއްމު
ކަމެކެވެ.
ސީދާ ބެލުމުގެ
ދަށުންދެވޭ ފަރުވާ (ޑޮޓްސް)
ޓީބީ އަކީ ދިގު
މުއްދަތަކަށް ގަވާޢިދުން ބޭސް ބޭނުންކޮށްފިނަމަ ރަގަޅުވާ ބައްޔެކެވެ. އާންމު
ގޮތެއްގައި ބޭސް ބޭނުންކުރަން ޖެހެނީ 8-6 މަހާއި ދެމެދުގެ މުއްދަތަކަށެވެ. ޓީބީ އަށް
ފަރުވާކުރުމުގައި އެންމެ ރަގަޅު އަދި އެންމެ ފަސޭހަގޮތް ކަމަށް މިހާރު ބެލެވެނީ ޓީބީ
ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފަށާފައިވާ ޕްރޮގްރާމް ''ސީދާ
ބެލުމުގެ ދަށުންދެވޭ ފަރުވާ'' ނުވަތަ ޑޮޓްސް(ޑިރެކްޓްލީ އޮބްޒާރވްޑް ޓްރީޓްމަންޓް
ޝޯރޓްކޯސް) އެވެ. ޑޮޓްސް އަކީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން
ކުރުމުއްދަތެއްގައި ގިނަ ބޭސްތަކެއް ބޭނުންކޮށްގެން ޓީބީ ޖަރާސީމް ނައްތާލުމަށް
ކަންތައް ކުރަންވީ ގޮތް އެވެ. ޑޮޓްސް ގައި ބަލިމީހާއަށް ބޭސްދެވޭނީ ސީދާ
ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ބެލުމުގެ ދަށުންނެވެ.
ސީދާ ބެލުމުގެ
ދަށުންދެވޭ ފަރުވާގެ ފައިދާ
·
ޓީބީ ޖެހި
ރަގަޅުވާމީހުންގެ ނިސްބަތް 95 އިންސައްތަ އަށްވުރެ މައްޗަށްދިއުން
·
ބަލީގެ ޖަރާސީމް
އެހެންމީހުންނަށް ފެތުރުނަނުދީ ހިފެހެއްޓުން
·
ބޭހަށް ނުގުޑާ ޓީބީ
ޖަރާސީމް އުފެދުމަށް ހުރަސްއެޅުން
·
ޓީބީ ހުރިކަން
ސާބިތުކުރުމުގެ ޔަގީންކަން ދެގުނައަށް ބޮޑުވުން
ލޭޓެންޓް
ޓީބީގެ ފަރުވާ
ލޭޓެންޓް ޓީބީ ޖެހުމުގެ
މާނައަކީ ހަށިގަނޑުގައި ޓީބީ ޖައްސާ ޖަރާސީމް ހުރެ އެބަލީގެ އުދަގޫތައް އިހްސާސް
ނުވުމެވެ. އެއީ ޖަރާސީމް ހުންނަނީ މައިތިރި ހިމޭން ހާލަތެއްގައި ކަމަށްވާތީ އެވެ.
އެހެންކަމުން މިފަދަ މީހުންގެ ފުށުން އެހެންމީހުންނަށް ބައްޔެއް ނުފެތުރޭނެ އެވެ.
ނަމަވެސް ފަހުން މިފަދަ މީހުންގެ ގައިން ޓީބީ ބަލި ނުވަތަ އެކްޓިވް ޓީބީގެ އަސަރު
ފެނިދާނެ އެވެ. އެހެންކަމުން ލޭޓެންޓް ޓީބީ އަށް ދެވޭ ފަރުވާ ދެވެނީ ލޭޓެންޓް ޓީބީ
އެކްޓިވް ޓީބީ އަށް ބަދަލުވިޔަނުދީ އެކަމުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ. އެއީ
މިފަދަ މީހުންގެ ހަށިގަނޑުގައި ޓީބީ ޖަރާސީމް ހުންނަލެން މަދުވެފައި، ފަރުވާކުރަން
ފަސޭހަވާނެތީ އެވެ. ބައެއް މީހުންނަކީ ލޭޓެންޓް ޓީބީ ޖެހުމަށްފަހު އެކްޓިވް ޓީބީ
އަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. ލޭޓެންޓް ޓީބީ އަށް ފަރުވާކުރަން
ފެށުމުގެ ކުރިން އެކްޓިވް ޓީބީ އަށް އެމީހެއްގެ ޙާލަތު ބަދަލުވުމުގެ ފުރުޞަތު އޮތް
މިންވަރު ބަލާ ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ.
އާންމު ގޮތެއްގައި
ލޭޓެންޓް ޓީބީ އަށް ފަރުވާކުރުމަށް (ތަފާތު
3 ގޮތެއްގެ މަތީން) ދެވެނީ އައިސޯނިއެޒައިޑް ނުވަތަ ރިފަމްޕިސިން އެވެ. ތަފާތު 3 ގޮތުގެ ތެރެއިން އެންމެ އެދެވޭ ފަރުވާ
އަކީ އައިސޯނިއެޒައިޑް ލޭޓެންޓް ޓީބީ އަށް ފަރުވާކުރުމަށް 9 މަސް ދުވަހުގެ މުއްދަތަށް
ބޭނުންކުރުމެވެ. މިއީ ހަށިގަނޑުގައި ހުންނަ ޓީބީގެ ޖަރާސީމް މަރާލާ ބޭހެކެވެ.
އެއިޑްސް ފަދަ ބަލިތަކާއެކު ޓީބީ ޖެހިފައި ތިބޭ މީހުންނާއި ކުޑަކުދިން 9 މަސް
ދުވަހަށްވުރެ ދިގު މުއްދަތަކަށް މިބޭސް ބޭނުންކުރަން ޖެހުމަކީ އެކަށީގެންވާ
ކަމެކެވެ.
ލޭޓެންޓް ޓީބީ އަށް
ފަރުވާ ފަށާއިރު އެފަރުވާދޭ ޓީބީ ބަލީގެ އަހުލުވެރިޔަކީ އައިސޯނިއެޒައިޑް
ބޭނުންކުރަމުންދިޔަ ޓީބީޖެހިފައިވާ މީހެއްގެ ފުށުން ޓީބީ ޖެހުނު މީހެއްނަމަ،
ނުވަތަ ބޭހެއް ނުގުޑާ ޓީބީ ޖެހިފައިވާ މީހެއްގެ ފުށުން ޓީބީ ޖެހުނު މީހެއްނަމަ،
ލޭޓެންޓް ޓީބީ އަށް ދެވޭ ފަރުވާ ބަދަލުކުރަން ޖެހެއެވެ. އަދި މިހާލަތުގައި
ފަރުވާކުރުން އެދެވިގެންވަނީ ޚާއްޞަ ޑޮކްޓަރެއްގެ އިރުޝާދާއި ބެލުމުގެ ދަށުންނެވެ.
އަދި ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ އަކީ އެންމެ އެކަށޭނަ ފަރުވާ އަށް ނުވެ
ހިނގައިދާނެއެވެ.
ލޭޓެންޓް
ޓީބީގެ ފަރުވާ ދޭންޖެހޭ ފަރާތްތައް
ޓީބީ ޖެހުމުން ހަދާ ހަމުގެ ޓެސްޓު (ޓިއުބަކިއުލިން ސްކިން ޓެސްޓް) ގެ ރިއެކްޝަން 5
މިލިމީޓަރަށްވުރެ އިތުރުނަމަ އަންނަނިވި ފަރާތްތަކަށް (އެކްޓިވް ޓީބީ އަށް
ބަދަލުވުމުގެ ފުރުޞަތު ބޮޑު ފަރާތްތައް) ލޭޓެންޓް ޓީބީގެ ފަރުވާ ފަށަންޖެހެއެވެ.
·
އެއިޑްސް ޖެހިފައިވާ
މީހުން
·
އެކްޓިވް ޓީބީ ޖެހިފައިވާ
މީހަކާ ފަހުގެ ދުވަސްވަރެއްގައި ގައިގޯޅިވެ، ޓީބީ ޖެހިފައިވާ މީހުން
·
މޭގެ އެކްސްރޭ އިން
ކުރިން ޓީބީ ޖެހިފައިވާ ކަމުގެ ނިޝާން ފެންނަހުރުން
·
ގުނަވަން
ބަދަލުކޮށްފައިވާ މީހުން
·
މަތީގައި ބަޔާންކުރެވުނު
ކަންތައްތައް ފިޔަވައި އެހެންކަމެއްގެ ސަބަބުން ދިފާޢީ ބާރު ދެރަވުން : މިސާލު ދުވާލަކު
15 މިލިގްރާމް އަށްވުރެ އިތުރަށް ޕްރެޑްނިސޯން (ކޯޓިކޯސްޓީރޮއިޑް) ބޭނުންކުރުން،
ނުވަތަ ޓިއުމަރ ނެކްރޯސިސް ފެކްޓަރ ބޭނުންކުރަމުން ގެންދިއުން
މީގެ އިތުރުން ޓީބީ
ޖެހުމުން ހަދާ ހަމުގެ ޓެސްޓު (ޓިއުބަކިއުލިން ސްކިން
ޓެސްޓް) ގެ ރިއެކްޝަން 10 މިލިމީޓަރަށްވުރެ އިތުރުނަމަ އަންނަނިވި ފަރާތްތަކަށް (އެކްޓިވް
ޓީބީ އަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ފަރާތްތައް) ލޭޓެންޓް ޓީބީގެ ފަރުވާ
ފަށަންޖެހެއެވެ.
·
ޓީބީ އާންމު ގައުމަކުން
އައިތާ 5 އަހަރު ނުވާ މީހުން
·
އިންޖެކްޝަންގެ
ޒަރީޢާއިން މަސްތުވާތަކެތި ބޭނުންކުރާ މީހުން
·
މާބޮޑަށް ބައިބޯ
މުޖުތަމަޢެއްގައި އުޅެންޖެހިފައިވާ ނުވަތަ މަސައްކަތްކުރާ މީހުން
·
ޓީބީގެ ޓެސްޓުތައް
ހެދުމަށް ޚާއްޞަ ލެބޯޓްރީއެއްގައި މަސައްކަތްކުރާ މީހުން
·
ގައިގައި ހުރި ބައްޔެއްގެ
ސަބަބުން އެކްޓިވް ޓީބީއަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުމީހުން
·
4 އަހަރުން ދަށުގެ ކުޑަކުދިން
އާންމު ގޮތެއްގައި
ލޭޓެންޓް ޓީބީ އަށް ފަރުވާކުރެވެނީ ކުރިން ދެންނެވުނު ގޮތުގެ މަތިން ކަމަށްވިޔަސް
(އެއިޑްސްޖެހުން، ބޭހަށް ނުގުޑާ ޓީބީ، މާބަނޑުމީހަކަށް ޓީބީޖެހުން، ކުޑަކުއްޖަކަށް
ޓީބީޖެހުން ފަދަ) ޚާއްޞަ ޙާލަތްތަކުގައި ފަރުވާކުރާ މުއްދަތު އިތުރުވެ، އެމުއްދަތަށް
ބަދަލު އަތުވެދާނެކަން ހަދާންކުރަން ޖެހެއެވެ.
ލޭޓެންޓް
ޓީބީއަށް ބޭސް ކާންޖެހޭ ގޮތް އަދި މުއްދަތު
ބޭސް
|
މުއްދަތު (މަހުން)
|
އިންޓާވަލް
|
އެންމެ މަދު ޑޯޒްގެ އަދަދު
|
އައިސޯނިއެޒައިޑް
|
9
|
ދުވާލަކު 1 ފަހަރު
|
270
|
ހަފްތާއަކު 2 ފަހަރު
|
76
|
||
އައިސޯނިއެޒައިޑް
|
6
|
ދުވާލަކު 1 ފަހަރު
|
180
|
ހަފްތާއަކު 2 ފަހަރު
|
52
|
||
ރިފަމްޕިސިން
|
4
|
ދުވާލަކު 1 ފަހަރު
|
120
|
ރިފަމްޕިސިން/ ޕައިރަޑިނަމައިޑް
|
އާންމުކޮށް ލޭޓެންޓް ޓީބީގެ ފަރުވާގައި ދިނުން
އެދެވިގެނެއް ނުވެއެވެ.
|
ލޭޓެންޓް ޓީބީ އަށް
ފަރުވާ ކުރަމުންދާ ދުވަސްވަރު އަންނަނިވި ފަރާތްތަކުން ލެބޯޓްރީ ޓެސްޓް ހަދައިގެން
ފުރަމޭގެ މަސައްކަތްތައް ހުރިނެތްގޮތް ބެލުން މުހިއްމެވެ. އެއީ ބޭހުގެ ސަބަބުން
ފުރަމޭ ގެއްލުން ފަދަ ކަމެއް ކުރިމަތިވެދާނެތީ އެވެ. މީގެ އިތުރުން ކޮންމެ މަހަކު
ޑޮކްޓަރަށް ދެއްކުމުން ހަށިގަނޑު ބަލައި ޗެކްކުރުމުގެ އިތުރުން ރަގަޅަށް ބޭސް
ބޭނުންކުރޭތޯ އާއި އަދި އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ބޭހުގެ ސަބަބުން
ކޮށްފައިވޭތޯ ބަލަންވާނެއެވެ.
·
ފުރަމޭގެ ބައްޔެއް
ޖެހިފައިހުރުން
·
އެއިޑްސް ޖެހިފައިވުން
·
މާބަނޑުވުން
·
ދާއިމީކޮށް ބަނގުރާ
ބުއިން
ލޭޓެންޓް ޓީބީ
ގެ ބޭސް އަދި އެހެން ބޭސް އެކުގައި ބޭނުންކުރުމުން ދިމާވެދާނެ ކަންތައްތައް
ލޭޓެންޓް ޓީބީ އަށް
ފަރުވާކުރުމަށް ބޭސްތައް ލިޔެދިނުމުގެ ކުރިން މިހާރު ބޭނުންކުރަމުން ގެންދާ
ބޭސްތަކަކީ ކޮބައިތޯ ބަލާށެވެ. ޓީބީގެ ބޭހާއި އެހެން ބައެއް ބޭސްތައް އެކުގައި
ބޭނުންކުރުމުން ދިމާވެދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
އައިސޯނިއެޒިޑް ގެ
ސަބަބުން ފިނައިޓޮއިން އަދި ޑައިސަލްފިރަމްގެ ލޭގައި ހުންނަންޖެހޭ މިންވަރު
މަތިކުރުވައެވެ.
·
ރިފަމްޕިސިން އަކީ ވަރަށް
ގިނަ ބޭސްތަކުގެ ލޭގައި ހުންނަންޖެހޭ މިންވަރު ދަށްކުރާ އެއްޗެކެވެ. މިސާލަކަށް
ދޭތެރެ ދުރުކުރާ ބޭސް، މެތަޑޯން، އަދި ވާރފަރިން ފަދަ ބޭސްތައް
·
އެއިޑްސް ޖެހިފައި
ތިބޭމީހުންނަށް ރިފަމްޕިސިން ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. ސަބަބަކީ
އެއިޑްސް ބަލީގެ ފަރުވާގައި ބޭނުންކުރެވޭ ބޭސް ތަކަކީ ޕްރޮޓިއޭޒް އިންހިބިޓަރސް
ތަކެއްގެ އިތުރުން ނަންނިއުލިއޯސައިޑް ރިވާސް ޓްރާންކްރިޕްޓޭޒް އިންހިބިޓަރސް
ތަކެއް ކަމަށްވާތީ އެވެ.
ލޭޓެންޓް ޓީބީ
ގެ ބޭހުން ދިމާވެދާނެ ނޭދެވޭ އަސަރުތައް
ލޭޓެންޓް ޓީބީ ޖެހިފައިވާ
މީހާއަށް ބޭސް ލިޔެދޭއިރު ބޭހުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް
ދިމާވެއްޖެނަމަ އެކަން ޞިއްޙީ ޚިދުމަތް ދެއްވާ ފަރާތްތަކެއް އަންގަންޖެހޭނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި :-
·
އާދަޔާ ޚިލާފަށް
ކާހިތްނުވުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ކުޑަކަމުދާ ތަކެތި ކަޅުކުލައިގައި
ހުރުން
·
އަތްފައި އަބަދުވެސް
އައްސިވެފައިހުރުން
·
އަބަދުވެސް ވަރުބަލިވެ
ވަރުދެރަވެ، ހުންއައިސްފައި ހުންނަހެން ހީވުން އަދި ބަނޑުގައި ބީހިލުމުން ތަދުވުން
·
ވަރަށް ފަސޭހައިން
ހަށިގަނޑުން ލޭހިލުން
ހަށިގަނޑުން ބޭރުވާ
ދިޔަތައް ރީނދޫކުލައަކަށް ބަދަލުވުމަކީ ފަރުވާގެ ގޮތުގައި ރިފަމްޕިސިން ބޭނުންކުރާ
މީހުންނަށް ދިމާވެދާނެ ކަމެކެވެ.
އެކްޓިވް
ޓީބީގެ ފަރުވާ
އެކްޓިވް ޓީބީ ޖެހިފައި
ތިބޭ މީހުންގެ ހަށިގަނޑުގައި ގިނަ އަދަދަަކަށް ޓީބީ ޖައްސާ ޖަރާސީމް ހުންނާނެ
އެވެ. 12-6 މަސް ދުވަހުގެ މުއްދަތަކަށް ގިނަ ބޭސްތަކެއް ބޭނުންކޮށްގެން އެކްޓިވް
ޓީބީ އަށް ފަރުވާ ކުރެވިދާނެ އެވެ. ޓީބީގެ މިވައްތަރު ޖެހިފައި ތިބޭމީހުން ގަވާޢިދުން
އޮންނަ މުއްދަތު ހަމަވަންދެން ބޭސް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭސް
ބޭނުންކުރަން ފެށުމަށްފަހު މުއްދަތު ހަމަނުކޮށް ހުއްޓާލައިފިނަމަ، އަނެއްކާވެސް
ބަލިވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭސް ރަގަޅަށް ގަވާޢިދުން ބޭނުން ނުކުރާނަމަ،
ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމް އެބޭސްތަކަށް ހޭނި، ބޭހަށް ނުގުޑާ ޓީބީ އަށް
ބަދަލުވެއެވެ. ބޭހަށް ނުގުޑާ ޓީބީ އަށް ފަރުވާ ކުރުމަކީ މާއުދަގޫ އަދި ޚަރަދުގެ
ގޮތުން ބެލިނަމަވެސް ތަކުލީފު ބޮޑުކަމެކެވެ.
އެކްޓިވް ޓީބީ އަށް
ފަރުވާކުރުމަށް ސާބިތުކުރެވިފައިވާ 10 ބޭހެއް މިހާތަނަށް ހޯދިފައިވެއެވެ.
އޭގެތެރެއިން ފުރަތަމަ ސަފުގައި ގުނާލެވޭ ބޭސްތަކަކީ:-
·
އައިސޯނިއެޒިޑް
·
ރިފަމްޕިސިން
·
ޕައިރަޒިނަމައިޑް
·
އީތަމްބިޔުޓޯލް
އެކްޓިވް ޓީބީ އަށް
ފަރުވާކުރުމަށް ފެށުމުގެ ގޮތުން ބޭސް ދެވެނީ 2 މަސް ދުވަހުގެ މުއްދަތަށެވެ. އަދި
އޭގެ ފަހުން ކަނޑައެޅޭ ވަކިގޮތެއްގެ މަތިން 7-4 މަހާ ދެމެދުގެ މުއްދަތަކަށް ފަރުވާ
ކުރިޔަށް ގެންދަންޖެހެއެވެ. ފަރުވާ ނިންމުން ކަނޑައަޅަނީ ދީފައިވާ މުއްދަތުގައި ނަގާފައިވާ
(ކައިފައިވާ) ބޭހުގެ ޑޯޒްގެ މައްޗަށެވެ. އާންމު ގޮތެއްގައި ޓީބީ އަށް
ފަރުވާކުރެވެނީ މިދެންނެވި ގޮތުގެ މަތިން ކަމަށްވިޔަސް (އެއިޑްސްޖެހުން، ބޭހަށް
ނުގުޑާ ޓީބީ، މާބަނޑުމީހަކަށް ޓީބީޖެހުން، ކުޑަކުއްޖަކަށް ޓީބީޖެހުން ފަދަ) ޚާއްޞަ
ޙާލަތްތަކުގައި ފަރުވާކުރާ މުއްދަތު އިތުރުވެ، އެމުއްދަތަށް ބަދަލު އަތުވެދާނެކަން
ހަދާންކުރަން ޖެހެއެވެ.
ބޭހަށް ނުގުޑާ
ޓީބީ
ބޭހަށް ނުގުޑާ ޓީބީގެ
މާނައަކީ ޓީބީއަށް ފަރުވާކުރާ ބޭހަށް ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމް
ނުގުޑުމެވެ. އެހެންކަމުން ބޭސް ބޭނުން ކުރި ނަމަވެސް ހަށިގަނޑުގައި ހުރި ޓީބީގެ
ޖަރާސީމް މަރެއް ނުވާނެއެވެ.
ބޭހަށް
ނުގުޑާގޮތް މެދުވެރިވުން
ބޭހަށް ނުގުޑާ ޓީބީ
މެދުވެރިވަނީ ގަވާޢިދުން ބޭނުންކުރަންޖެހޭ ގޮތަށް (ދުވާލަކު އެއްފަހަރު ނުވަތަ
ދެފަހަރު) އޮންނަ މުއްދަތަށް ( 2 މަސް، 6 މަސް، 7 މަސް 9 މަސް ދުވަސް ) ބޭސް
ބޭނުން ނުކުރުމުންނެވެ. މިސާލަކަށް:-
·
ބަލިމީހާ ބޭސް
ބޭނުންކުރަންޖެހޭ މުއްދަތު ފުރިހަމަ ނުކުރުން
·
ޞިއްޙީ ޚިދުމަތްދޭ ފަރާތަކުން
ނުބައިކޮށް ބޭސްތައް ލިޔެދިނުން : އެގޮތުން ބޭނުންކުރަންވީ ޑޯޒް އަދި މުއްދަތު
ނުބައިކޮށް ލިޔެދިނުން
·
ބޭނުންވާ ބޭސް
ލިބެންނެތުން
·
ފެންވަރުދަށް ބޭސް ބޭނުން
ކުރުން
ބޭހަށް ނުގުޑާ
ޓީބީ ޖެހުމުގެ ފުރުޞަތު ބޮޑުމީހުން
ބޭހަށް ނުގުޑާ ޓީބީ
ޖެހުން އަންނަނިވި ފަރާތްތަކަށް އާންމުކަން ފާހަގަ ކުރެވެއެވެ.
·
ގަވާޢިދުން ބޭސް
ބޭނުންނުކުރުން
·
ޞިއްޙީ ޚިދުމަތް
ފޯރުކޮށްދޭ ފަރާތުން އެންގެވި ފަދައިން ހުރިހާ ބޭހެއް ބޭނުންނުކުރުން
·
ޓީބީއަށް ފަރުވާކޮށް
ނިމިފައިވަނިކޮށް އަނެއްކާވެސް އެކްޓިވް ޓީބީ ޖެހުން
·
ދުނިޔޭގައި ބޭހަށް ނުގުޑާ
ޓީބީ އާންމު ހިސާބަކުން އައުން
·
ބޭހަށް ނުގުޑާ ޓީބީ
ޖެހިފައިވާ މީހަކާއެކު ވަގުތުތައް ހޭދަކޮށްފައިވުން
ގިނަ ބޭހަށް
ނުގުޑާ ޓީބީ
ގިނަ ބޭހަށް ނުގުޑާ
ޓީބީގެ މާނައަކީ ޓީބީއަށް ފަރުވާކުރާ ބޭސް(ފުރަތަމަ ސަފުގައި ބޭނުންކުރާ) ތަކުގެ
ތެރެއިން އެންމެ މަދުވެގެން ދެބޭހަށް ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމް
ނުގުޑުމެވެ. މިގޮތުން ހިމެނޭ ދެބޭހަކީ އެކްޓިވް ޓީބީގެ ހުރިހާ ބަލި މީހުންނަށް
ވެސް ފުރަތަމަ ސަފުގައި އާންމުކޮށް ބޭނުންކުރަންޖެހޭ
ދެބޭސް ކަމުގައިވާ އައިސޯނިއެޒިޑް އަދި ރިފަމްޕިސިން އެވެ.
އާދަޔާ
ޚިލާފަށް ގިނަ ބޭހަށް ނުގުޑާ ޓީބީ
އާދަޔާ ޚިލާފަށް ގިނަ
ބޭހަށް ނުގުޑާ ޓީބީގެ މާނައަކީ ޓީބީއަށް ފަރުވާކުރާ ބޭސް(ފުރަތަމަ ސަފުގައި
ބޭނުންކުރާ) ތަކުގެ ތެރެއިން އެންމެ މަދުވެގެން ދެބޭހަށް (އައިސޯނިއެޒިޑް އަދި
ރިފަމްޕިސިން) ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމް ނުގުޑުމުގެ އިތުރުން، ދެވަނަ
ސަފުގައި ގުނާލެވޭ ފްލޯރޯކިނޯލޯން އެކުލެވޭ ބޭހަކަށް ހަށިގަނޑުގައި ހުރި ޓީބީ
ޖަރާސީމް ނުގުޑުމާއި، އަދި ޓީބީއަށް ފަރުވާ ކުރުމަށް ދެވަނަ ސަފުގައި ގުނާލެވޭ އިންޖެކްޝަންގެ
ގޮތުގައި ދެވޭ 3 ބޭހުގެ (އެމިކެސިން، ކެނަމިސިން، ކެޕްރިއޯމިސިން) ތެރެއިން އެންމެ
މަދުވެގެން އެއް ބޭހަކަށް ހަށިގަނޑުގައި ހުރި ޓީބީގެ ޖަރާސީމް ނުގުޑުމެވެ.
މިސަބަބާހުރެ އާދަޔާ
ޚިލާފަށް ގިނަ ބޭހަށް ނުގުޑާ ޓީބީ ޖެހިފައިވާނަމަ ކުރެވޭ ފަރުވާއިން އެކަށޭނަ
ނަތީޖާއެއް ނުލިބުމަކީ ވެދާނެ ގޮތެކެވެ. އަދި އެކަމުގެ ސަބަބުން ނުރަގަޅު
ނަތީޖާއެއް ވެސް ނިކުމެދާނެ އެވެ. އާދަޔާ ޚިލާފަށް ގިނަ ބޭހަށް ނުގުޑާ ޓީބީ
އެއިޑްސް ޖެހިފައިވާ މީހަކަށް ޖެހިއްޖެނަމަ، ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު
ދަށްވެފައިވާ މީހަކަށް ޖެހިއްޖެނަމަ، އެމީހެއްގެ ހަށިގަނޑުގައި އެކްޓިވް ޓީބީ
ފެށުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި ޓީބީ ޖެހުމަށްފަހު އެމީހެއްގެ ފުރާނައަށް
ނުރައްކާވުމުގެ ފުރުޞަތު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.
ބޭހަށް ނުގުޑާ
ޓީބީގެ ފަރުވާ
ބޭހަށް ނުގުޑާ ޓީބީ އަކީ
ޓީބީއަށް ފަރުވާގެ ގޮތުގައި ފުރަތަމަ ސަފުގައި ދޭ ބޭސްތަކުގެ ތެރެއިން އެންމެ
މަދުވެގެން އެއްބޭހަށް ޓީބީ ޖަރާސީމް ނުގުޑުމެވެ. ގިނަ ބޭހަށް ނުގުޑާ ޓީބީ އަކީ
ޓީބީ އަށް ފަރުވާގެ ގޮތުގައި ފުރަތަމަ ސަފުގައި ދޭ ބޭސްތަކުގެ ތެރެއިން އެންމެ
މަދުވެގެން ދެބޭހަށް ޓީބީ ޖަރާސީމް ނުގުޑުމެވެ. އެންމެ މަދުވެގެން އައިސޯނިއެޒިޑް
އަދި ރިފަމްޕިސިން އަށް ނުގުޑުމެވެ.
ބޭހަށް ނުގުޑާ ޓީބީއަށް
ފަރުވާ ކުރުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ރަގަޅު ގޮތުގައި ފަރުވާ
ނުކުރެވިއްޖެނަމަ ބަލިމީހާގެ ފުރާނަ އަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.
ބޭހަށް ނުގުޑާ ޓީބީއަށް ފަރުވާކުރުން އެދެވިގެންވަނީ ޚާއްޞަ ޑޮކްޓަރެއްގެ
އިރުޝާދާއި ބެލުމުގެ ދަށުންނެވެ.
ބޭހަށް ނުގުޑާކަން
އެނގެނީ އެކަމަށްޓަކައި ހެދޭ ޚާއްޞަ ޓެސްޓަކަށް ފަހުގައެވެ. މިޓެސްޓް ހެދުމަށް
ދެތިން ހަފްތާ ހޭދަވާތީ ބޭހަށް ނުގުޑާ ޓީބީކަމަށް ޝައްކުކުރެވޭ ހިސާބުން ފަރުވާ
ފަށަން ޖަހައެވެ. ޓެސްޓްގެ ނަތީޖާ ލިބުމުން ނަތީޖާއަށް ބަލާފައި ފަރުވާ އަށް
ބަދަލުގެންނަން ޖެހޭނެއެވެ. މިގޮތަށް ފަރުވާ ނަގަމުންދާ ދުވަސްވަރު ވަރަށް
ކައިރިން ބަލިމީހާ ކަންތައްތައް ބަލަމުން ގެންދަން ވާނެއެވެ. ބޭހަށް ނުގުޑާ
ޓީބީއަށް ފަރުވާކުރުމަށް އެންމެ ރަގަޅު ގޮތަކީ ސީދާ ބެލުމުގެ ދަށުން ދެވޭފަރުވާ
އާއި އެއްގޮތަށް ކުރަމުން ގެންދިއުމެވެ.
ސަމާލުވާންޖެހޭ
ޚާއްޞަ ޙާލަތްތައް
އެއިޑްސް ބަލި
ޖެހިފައިވާ މީހުން
ބޭހަށް ނުގުޑާ ޓީބީ
ޖެހިފައިވާ މީހާއަށް އެއިޑްސް ބަލި ޖެހިފައިވާނަމަ އެމީހަކަށް ފަރުވާކުރަނީ
އެއިޑްސް ބަލި ނުޖެހި ހަމައެކަނި ޓީބި ޖެހިފައިވާ މީހަކަށް ވެސް ފަރުވާކުރާ
ބީދައިންނެވެ. އެއިޑްސް ބައްޔާއި ގުޅުންހުރި ޓީބީ އަށް ފަރުވާކުރުމުގައި އެންމެ
މުހިއްމު އަދި އެންމެ އެދެވިގެންވާ ކަމަކީ ފަރުވާދާ ޑޮކްޓަރަކީ އެއިޑްސް ބަލި އަދި
ޓީބީއަށް ފަރުވާ ކުރުމުގައި ވެސް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުމެވެ. ޓީބީ
ބޭހާއި އެއިޑްސް ބައްޔަށްދޭ ތަފާތު އެންޓިރެޓްރޯވައިރަލް ބޭސްތައް އެކުގައި
ބޭނުންކުރުމުން ދިމާވެދާނެ ކަންތައްތައް ވަރަށް ކައިރިން ޞިއްހީ ޚިދުމަތް ފޯރުކޮށްދޭ
ފަރާތުން ބަލަމުންގެންދަން ވާނެއެވެ. ގިނަ އެންޓިރެޓްރޯވައިރަލް ބޭސްތަކާއެކު
ރިފަމްޕިސިން ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. އެފަދަ ހާލަތްތަކުގައި
ރިފަމްޕިސިންގެ ބަދަލުގައި ރިފަބިއުޓިން ބޭނުންކުރެވިދާނެއެވެ. މިއީ
އެންޓިރެޓްރޯވައިރަލް ބޭސްތަކާއެކު ބޭނުންކުރުމުން މައްސަލަތައް ދިމާވުން ކުޑަ
ބޭހެކެވެ.
ކުޑަކުދިން
ބޭހަށް ނުގުޑާ ޓީބީ
ޖެހިގެން ކުޑަކުދިންނަށް ފަރުވާކުރަން ފެށުމުގެ ކުރިން އެކުއްޖަކަށް ޓީބީ ޖެހުނީ
ކިހިނެއްތޯ ބަލާލުން މުހިއްމެވެ. ކުއްޖާއަށް ކުރިމަތިވެފައިވަނީ ބޭހަށް ނުގުޑާ
ޓީބީކަން ނޭގޭނަމަ 4 ބޭސް ފަރުވާ ފަށާއިރު ދޭންޖެހޭނެއެވެ. މިގޮތަށް ދޭނީ
އެކުއްޖާއަށް ޖެހިފައިވަނީ ބޭހަށް ނުގުޑާ ޓީބީކަން ޔަގީން ވަންދެންނެވެ.
ކުއްޖާއަށް ޖެހިފައިވާ ޓީބީ އަކީ އައިސޯނިއެޒިޑް އަށް ނުގުޑާ ޓީބީ ނަމަ،
އީތަމްބިއުޓޯލް (20-15 މިލިގްރާމް / ބަރުދަނުން ކިލޯއަކަށް / ދުވާލަކު)
ރައްކާތެރިކަމާއެކު ބޭނުން ކުރެވިދާނެއެވެ.
މާބަނޑު މީހުން
ބޭހަށް ނުގުޑާ ޓީބީ
މާބަނޑު މީހަކަށް ޖެހިއްޖެނަމަ އެމީހަކު ފަރުވާ ލިބިގަންނަން ޖެހޭނީ ކަމަށް ޚާއްޞަ
ޑޮކްޓަރެއްގެ އިރުޝާދާއި ބެލުމުގެ ދަށުންނެވެ. އެއީ ޓީބީގެ ފަރުވާގައި ދެވަނަ
ސަފުގައި ބޭނުންކުރެވޭ ގިނަ ބޭސްތަކަކީ އޭގެ ސަބަބުން ބަނޑުގައިވާ ތުއްތު
ދަރިފުޅަށް ނޭދެވޭ އަސަރުތަކެއް ކުރާ އެއްޗަކަށްވާތީ އެވެ. އަދި މިފަދަ މީހަކަށް
ފަރުވާކުރާ އިރު ޕައިރަޒިނަމައިޑް ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.
މާބަނޑުމީހަކަށް ޓީބީ ޖެހިއްޖެނަމަ، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތަކާއި ގެއްލުންތައް ކިޔައިދީ، އަދި ކައުންސިލިންގ އެމީހަކަށް
ފޯރުކޮށްދެންވާނެ އެވެ.
ބޭހަށް ނުގުޑާ
ޓީބީ ޖެހިފައިވާ މީހަކާއި ގައިގޯޅިވެފައިވާ މީހުން
އައިސޯނިއެޒިޑް
އަށް ނުގުޑާ ޓީބީގެ ބަލިމީހާ އާއި ގައިގޯޅިވެފައިވާ މީހުން: އައިސޯނިއެޒިޑް އަށް ނުގުޑާ ޓީބީ ޖެހިފައިވާ
މީހަކާއި ގައިގޯޅިވުމުގެ ސަބަބުން ނުވަތަ ރިފަމްޕިސިން އަށް ނުގުޑާ ކަމަށް
ތުހުމަތުކުރެވޭ ޓީބީ ޖެހިފައިވާ މީހަކާއި ގައިގޯޅިވުމުގެ ސަބަބުން، ލޭޓެންޓް ޓީބީ
ޖެހިފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ފަރުވާގެ ގޮތުގައި 4 މަސް ދުވަހު ދުވާލަކު 1
ފަހަރު ރިފަމްޕިސިން ބޭނުންކުރުން އެދެވިގެން ވެއެވެ. ރިފަމްޕިސިން ބޭނުން
ނުކުރެވޭ މީހެއްނަމަ، ރިފަބިއުޓީން ބޭނުންކުރެވިދާނެ އެވެ.
ގިނަ ބޭހަށް
ނުގުޑާ ޓީބީގެ ބަލިމީހާ އާއި ގައިގޯޅިވެފައިވާ މީހުން : އެގޮތުން އައިސޯނިއެޒިޑް
އަދި ރިފަމްޕިސިން އަށް ނުގުޑާ ލޭޓެންޓް ޓީބީ ޖެހިފައިވާ ނަމަ، އެނޫން ބޭސް ބޭނުންކުރަން
ޖެހެއެވެ. އެގޮތުން ޓީބީ ޖައްސާ ޖަރާސީމް އެބޭހަކަށް ނާޒުކު ދެބޭހެއް ބޭނުން
ކުރަން ޖެހެއެވެ. އަދި އޭގެ ތެރޭގައި ކޮންމެ ދުވަހަކު ފްލޯރޯކިނޯލޯން
ހިމަނަންޖެހެއެވެ. ބޭހަށް ނުގުޑާ ޓީބީ އަށް ފަރުވާކުރާ މީހުން ފަރުވާގެ މުއްދަތު
ނިމުނަސް 2 އަހަރު ދުވަސް ވަންދެން ޑޮކްޓަރަށް ދައްކައި މީހާގެ ޞިއްޙީ ޙާލަތު
ބަލައި، އެއްވެސް ބަދަލެއް އާދޭތޯ ދެނެގަންނަން ވާނެއެވެ.
ބޭހަށް ނުގުޑާ
ޓީބީއިން ރައްކާތެރިވުން
ބޭހަށް ނުގުޑާ ޓީބީއިން
ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު ކަމަކީ ޑޮކްޓަރުން ލިޔެދެއްވާ ގޮތަށް
ގަވާޢިދުން ބޭސް ބޭނުންކުރުމެވެ. ބޭހުގެ އެއްވެސް ޑޯޒެއް ނުކައި ދޫކޮށްލައިގެން
ނުވާނެއެވެ. އަދި ބޭސް ކާންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ބޭސް ކެއުން ހުއްޓާލައިގެން
ނުވާނެއެވެ. ބޭސްކަމުންދާ ދުވަސްވަރު އެއްވެސް އުދަގުލެއް ވާނަމަ އެކަން ޞިއްޙީ
ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަންގަންވާނެއެވެ. ދިރިއުޅޭ ރަށް ނޫން
އެހެންތަނަކަށް ދާނަމަ ބޭނުންވާވަރަށް ބޭސް ގެންދަން ހަދާން ކުރަން ވާނެއެވެ.
ބޭހަށް ނުގުޑާ ޓީބީއަށް
ފަރުވާ ލިޔެދިނުމަށްފަހު، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބަލިމީހާ
ގަވާޢިދުން ބޭސް ބޭނުންކުރަމުން ގެންދޭތޯ ބެލުން މުހިއްމެވެ. އަދި ބޭސް
ބޭނުންކުރަމުންދާ ދުވަސްވަރު ބަލިމީހާ އަށް އަންނަ ބަދަލުތަކާއި، އަދި ބޭސް
ބޭނުންކުރަންޖެހޭ މުއްދަތަށް ބޭނުންކޮށް ނިންމިތޯ ބެލުމަކީ ވެސް ބޭހަށް ނުގުޑާ
ޓީބީ އިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކެވެ.
މީގެ އިތުރުން ބޭހަށް
ނުގުޑާ ޓީބީ ޖެހިފައިވާ މީހުންނާއި އެއްމާހައުލެއްގައި އުޅޭނަމަ އެފަދަ މީހުންނާއި
ވީވަރަކުން ގައިގޯޅިނުވެ އުޅުން މުހިއްމެވެ. އަދި ޓީބީ ޖެހިފައިވާ މީހުންނަށް
ފަރުވާދޭ ހޮސްޕިޓަލް ފަދަ ތަނެއްގައި މަސައްކަތް ކުރާނަމަ، ރައްކާތެރިވުމުގެ
ގޮތުން ބޭނުންކުރެވޭ މާސްކް ފަދަ ތަކެތި ބޭނުންކުރުން މުހިއްމެވެ.
މާބަނޑު
މީހުންނަށް ޓީބީ ޖެހުން
މާބަނޑު މީހަކަށް ޓީބީ
ޖެހި ފަރުވާނުކޮށް ހުރުމަކީ އޭގެ ސަބަބުން މައިމީހާ އަށާއި ބަނޑުގައިވާ ތުއްތު
ދަރިފުޅަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ޓީބީ ޖެހިފައިވާ މާބަނޑު މީހާއަށް ލިބޭ
ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުމާއި، އަދި ލިބޭ ތުއްތު ދަރިފުޅަށް ޓީބީ ޖެހުމަކީ
އެކަށީގެންވާ ކަމެކެވެ. ޓީބީއަށް ފަރުވާ ކުރުމުގައި ފުރަތަމަ ސަފުގައި
ބޭނުންކުރެވޭ ބޭސްތަކަކީ މަސް ހުރަސްކޮށް ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ވާޞިލްވާ
އެއްޗަކަށް ވިޔަސް އޭގެ ސަބަބުން ތުއްތު ދަރިފުޅަށް ގެއްލުން ލިބޭކަމަށް
ފާހަގަކުރެވިފައެއް ނުވެއެވެ.
މާބަނޑު
ދުވަސްވަރު ޓީބީއަށް ޓެސްޓުކުރުން
މާބަނޑުވުމަށްފަހު ކޮންމެ
ދުވަސްވަރެއްގައި ވެސް ޓީބީއަށް ޓެސްޓުކުރުމަށް ހަމުގެ ޓެސްޓު ހެދިދާނެ އެވެ. އަދި
ލޭގެ ޓެސްޓު ވެސް ހެދިދާނެ އެވެ. އެކަމަކު މާބަނޑުމީހުންނަށް ޓީބީ ޖެހިފައިވާކަން
ޔަގީންކުރުމަށް މިޓެސްޓެއް ހަދައެއް ނޫޅެއެވެ. އެހެން ކަމުން މިފަދަ ޙާލަތުގައި
އެމާބަނޑު މީހާއަށް ޓީބީޖެހިފައިވާކަން ޔަގީންކުރުމަށް އިތުރު ޓެސްޓުތައް ހަދަން
ޖެހޭނެއެވެ.
މާބަނޑު
ދުވަސްވަރު ޓީބީއަށް ފަރުވާކުރުން
ލޭޓެންޓް ޓީބީ
: މާބަނޑު ދުވަސްވަރު ލޭޓެންޓް ޓީބީ އަށް ފަރުވާކުރުމަށް
އެންމެ އެދެވިގެންވާ ގޮތަކީ އައިސޯނިއެޒިޑް ދުވާލަކު އެއްފަހަރު ނުވަތަ 2 ފަހަރު 9
މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރުމެވެ. މާބަނޑު ދުވަސްވަރު އައިސޯނިއެޒިޑް
ބޭނުންކުރާނަމަ އެއާއެކު ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ނަގަންޖެހޭނެއެވެ.
އެކްޓިވް ޓީބީ
: އެކްޓިވް ޓީބީއަށް ޝައްކު ކުރެވޭ ހިސާބުން މާބަނޑު މީހުން
ޓީބީގެ ފަރުވާ ފަށަން ޖެހޭނެއެވެ. އެންމެ އެދެވިގެންވާ ގޮތަކީ އައިސޯނިއެޒިޑް،
ރިފަމްޕިސިން، އީތަމްބިޔުޓޯލް ދުވާލަކު އެއްފަހަރު 2 މަސް ދުވަހުގެ މުއްދަތަށް ނެގުމަށްފަހު،
އައިސޯނިއެޒިޑް އަދި ރިފަމްޕިސިން ދުވާލަކު ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު
2 ފަހަރު 7 މަސް ވަންދެން ނެގުމެވެ. އެހެންކަމުން މިގޮތަށް ފަރުވާ ކުރިއަށް
ގެންދިއުމުން ޖުމްލަ ފަރުވާކުރެވޭނީ 9 މަސް ދުވަހުގެ މުއްދަތަށެވެ.
އެއިޑްސް
ޖެހިފައިވުން : އެއިޑްސް ޖެހިފައިވާ މާބަނޑުމީހަކަށް ޓީބީ ޖެހިފައިވާ
ކަމަށް ޝައްކުކުރެވިއްޖެނަމަ ލަސްނުކޮށް ފަރުވާ ފަށަންޖެހޭނެއެވެ.
އެއިޑްސްޖެހިފައިވާ މާބަނޑު މީހަކަށް ޓީބީގެ ފަރުވާދޭއިރު ރިފަމައިސިން ހިމެނުމަކީ
އެދެވިގެންވާ ކަމެކެވެ.
ދިނުން
އެދެވިގެންނުވާ ބޭސްތައް
ޓީބީއަށް ފަރުވާކުރުމަށް
ދެވޭ އަންނަނިވި ބޭސްތައް މާބަނޑު ދުވަސްވަރު ދިނުން އެދެވިގެނެއް ނުވެއެވެ.
·
ސްޓްރެޕްޓޮމިސިން
·
ކެނަމިސިން
·
އެމިކެސިން
·
ފްލޯރޯކިނޯލޯން
ގާތުން ދިނުން
ޓީބީއަށް ފަރުވާކުރުމަށް
ފުރަތަމަ ސަފުގައި ގުނާލެވޭ ބޭސްތައް ބޭނުންކުރާ މީހުން ވިހެއުމަށްފަހު ގާތުން
ދިއުން ކުރިއަށް ގެންދެވިދާނެއެވެ. ސަބަބަކީ މައިމީހާގެ ކިރުގެ ޒަރީޢާއިން ތުއްތު
ދަރިފުޅަށް ވާޞިލްވަނީ މިފަދަ ބޭސްތަކުގެ ވަރަށް ކުޑަ މިންވަރެއް ކަމަށްވާތީ އެވެ.
ހަމަމިއާއެކު ކިރާއެކު ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ވާޞިލްވާ ބޭހުގެ މިންވަރަކީ
ހުދު ބަލިޖެހިފައިވާ ތުއްތު ދަރިފުޅަށް ވެސް ފަރުވާކުރަން އެކަށޭނަ މިންވަރެއް
ނޫނެވެ. ގާތުން ދެމުންދާ ދުވަސްވަރު ޓީބީގެ ފަރުވާއަށް އައިސޯނިއެޒިޑް
ބޭނުންކުރާނަމަ އެއާއެކު ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ނަގަންޖެހޭނެއެވެ.
މާބަނޑު
ދުވަސްވަރު އަދި ގާތުން ކިރުދޭ ދުވަސްވަރު ޓީބީއަށް ފަރުވާދިނުން
ޓީބީގެ ބަލިމީހުންނަށް
މާބަނޑު ދުވަސްވަރު ވެސް ޓީބީގެ ފަރުވާ ދެވިދާނެ އެވެ. ނަމަވެސް
ސްޓްރެޕްޓޮމައިސިން ނުދެވޭނެ އެވެ. އެއީ ސްޓްރެޕްޓޮމައިސިން އަކީ މަސް ހުރަސްކޮށް
ކުއްޖާއަށް އުނިކަންދޭ އެއްޗަކަށްވާތީ އެވެ.
ގާތުންކިރުދޭ ޓީބީގެ
ބަލިމީހުންނަށް ފަރުވާ މެދުކަނޑާނުލާ ކުރިއަށް ގެންދަން ޖެހޭނެ އެވެ. ނަމަވެސް
މައިމީހާގެ ކިރުގައި ޖަރާސީމް ހުންނަނަމަ، ކުޅުން ޖަރާސީމް ނެތެންދެން ކުޑަ
ދަރިފުޅަށް ޕްރޮފިލެކްޓިކް ޓީބީ ފަރުވާ ދޭންޖެހޭނެއެވެ. މާންޓޫ ޓެސްޓް
ނެގެޓިވްނަމަ ކުޑަ ދަރިފުޅަށް ބީސީޖީ ވެކްސިން ދޭންޖެހޭނެ އެވެ.
ކުޅުގައި ޖަރާސީމް ހުންނަ
ޓީބީގެ ބަލިމީހުންނާއި ގައިގޯޅިވެ އުޅޭ ހުރިހާ އެންމެން ރަގަޅަށް ބެލުމަށްފަހު
ގާތްގާތްކޮށް ބަލަމުން ގެންދަންވާނެއެވެ. އާންމު އުސޫލެއްގެ ގޮތުން މިފަދަ
މީހުންގެ ކުޅު ޓެސްޓްކުރުމާއެކު އެކްސްރޭ ވެސް ނަގަންޖެހޭނެ އެވެ.
ސިކުނޑީގެ ބޭރު
ދުއްޔަށް ޓީބީ ޖެހުން ( ޓީބީ މެނިންޖައިޓިސް)
ސިކުނޑީގެ ބޭރު ދުއްޔަށް
ޓީބީ ޖެހި ފަރުވާ ނުލިބިއްޖެނަމަ އެއީ ފުރާނަ އަށް ނުރައްކާތެރި ކަމެކެވެ.
މިސަބަބަށްޓަކައި ވީހާ އަވަހަށް ބަލި ސާބިތުކުރުމަކީ މުހިއްމު ކަމެކެވެ. އަދި ވަކި
ބައްޔެއް ނޭގިގެން އުޅޭ ހާލަތްތަކުގައި ޓީބީ މެނިންޖައިޓިސް އަށް ވެދާނެތޯ ވިސްނާލުމަށް
އަބަދުވެސް ފުރުޞަތު ހޯދަންޖެހެއެވެ. ބަލީގެ ފުރަތަމަ އަލާމާތްތަކަކީ ވަކި
ބައްޔަށް ނިސްބަތްވާ އަލާމާތްތަކެއް ނޫނެވެ. މިސަބަބަށްޓަކައި އަވަހަށް ބަލި
ސާބިތުކުރަން ބޭނުންނަމަ، ލަމްބަރ ޕަންކްޗަރ ( އުނަގަނޑުގެ ބަދަތަކާއި ހަމައިން
ސިކުނޑީގައި އުފައްދާ ސާފުދިޔަ އެއްކަމަށްވާ ސެރެބްރޯ ސްޕައިނަލް ފުލުއިޑް ނެގުން
) ހެދުން ކޮންމެހެން މަޖުބޫރެވެ. އައިޖީއެމްއެޗް އަދި ސަރަހައްދީ ހޮސްޕިޓަލް
ތަކުން ލަމްބަރ ޕަންކްޗަރ ހެދެން ހުރެއެވެ.
މައިބަދައިން ނަގާ ދިޔަ
ބަލާއިރު އޭގައި ޕްރެޝަރު މަތިވެފައި، އޭގެ ކުލަ ސާފުކޮށް ނުވަތަ މަޑި
ކިލަނބުކުލައެއް ހުރުމާއެކު ތަނެއްގައި ބަހައްޓައިފިނަމަ އެތިކޮޅުކޮޅު ގަނޑުވާގޮތް
ވެއެވެ. މިދިޔައިގައި ހުންނަ ބައި ވަކިކުރާއިރު އޭގައި ގިނަ އަދަދަކަށް
ލިމްފޮސައިޓް ހުރުމާއި، ޕްރޮޓީންގެ މިންވަރު މަތިވެ، ހަކުރުގެ މިންގަޑު ދަށްކަމަށް
ބެލެވެއެވެ. ކަލްޗަރ ކުރެވެން ހުރެއްޖެނަމަ ކަލްޗަރ ހަދަންޖެހޭނެ އެވެ.
އެއިޑްސް
ބައްޔާއި ޓީބީ
އެއިޑްސް ބަލީގެ ސަބަބުން
ހަށިގަނޑުގައި އާލާނުވެ ހުންނަ ޓީބީގެ ޖަރާސީމްތައް ދިރުވާ ޓީބީ ބަލި އަށަގަނެ
އަލާމާތްތައް ފެންނަގޮތަށް ބަދަލުކޮށްލައެވެ. އާންމު އާބާދީގެ ތެރެއިން ކުޅުގައި
ފަނި ހުންނަ މީހުންނަށްވުރެ އެއިޑްސް ޖެހިފައިވާ ބަލިމީހުންގެ ކުޅުގައި ފަނި
ހުންނަ މިންވަރު 6-4 ދެމެދުގެ ގުނައަކަށް ގިނައެވެ.
އެޗްއައިވީ ޕޮޒިޓިވް
ބަލިމީހުންގެ ހަށިގަނޑުގައި ހުންނަ ޓީބީގެ އަސަރު ޓީބީގެ ބައްޔަށް ބަދަލުވާ
މިންވަރު މުޅި ހަޔާތުގެ ނުރައްކަލަކަށް ބަލާއިރު އެޗްއައިވީ ހަށިގަނޑުގައި
ނުހުންނަ މީހުންނަށްވުރެ %60 އިތުރެވެ. ވުމާއެކު އަލަށް ސާބިތުކުރެވޭ ކުޅުގައި
ފަނި ހުންނަ ޓީބީގެ ބަލި މީހުންނަށް ސީދާ ބެލުމުގެ ދަށުންދެވޭ ގިނަ ބޭހުގެ
ފަރުވާއިން އަސަރުނުކޮށްފިނަމަ، އެފަދަ މީހުން އެޗްއައިވީ ހުރިތޯ ބެލުމަށް
ޓެސްޓްކުރަންވާނެ އެވެ. އެޗްއައިވީ ހުންނަ ޓީބީގެ ބަލިމީހުންނަށް ޓީބީގެ ފަރުވާ
ދެވިދާނެ އެވެ. ނަމަވެސް ތައިއެސިޓަޒޯން، އަދި ސްޓްރެޕްޓޮމައިސިން ދީގެންނުވާނެ
އެވެ. މިފަދަ ބަލީމީހުންނަށް ދިގުމުއްދަތަކަށް
ފަރުވާ ދޭންޖެހޭނެއެވެ.
ޓީބީ އިން
ރައްކާތެރިވުން
ޓީބީ އިން
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·
ޓީބީ އިން ދިފާޢުވުމަށްދޭ
ބީސީޖީ ވެކްސިން ތުއްތު ދަރިފުޅަށް ދިނުން
·
ކެއްސާ ކިނބިއަޅާއިރު
އަނގަޔާއި ނޭފަތް ނިވާކުރުން
·
މަގުމައްޗާއި މީހުން
އެއްވެ އުޅޭ ތަންތަނަށް ކުޅުޖެހުން ފަދަ އާދަތަކާއި ދުރުހެލިވުން
·
ބަލިޖެހިފައި ތިބޭ މީހުން
ގަވާޢިދުން ފަރުވާ ލިބިގަތުން
·
ޓީބީ ޖެހިފައިވާ
މީހުންނާއި ގައިގޯޅިވެ ނޫޅުން
·
ޓީބީ ޖެހިފައިވާ މީހާއާއި
އެއް ކޮޓަރިއެއްގައި ނުނިދުން
·
ޓީބީ ޖެހިފައިވާ މީހާ
ބޭނުންކުރާ ސަމުސާ ތަށިފަދަ ތަކެތި އެހެން މީހުން ބޭނުންނުކުރުން
·
ބަލިޖެހިފައިވާ މީހަކާއި
އެއް ގޭބިސީއެއްގައި އުޅޭނަމަ ދޭތެރެއަކުން ޓީބީ އަށް ޓެސްޓްކުރުން
·
ހަށިގަނޑަށް ފައިދާހުރި
ޞިއްޙީ ރަގަޅު ކާނާ ބޭނުންކުރުން
·
ޢާންމު ޞިއްޙަތަށް
ފަރުވާތެރިވެ ރައްކާތެރިވުން
ޓީބީ
ޖެހިފައިވާ މީހާ ބަލިން ފަސޭހަވުމަށް ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި:-
·
ޑޮކްޓަރުގެ އިރުޝާދުގެ
މަތިން ގަވާޢިދުން ބޭސް ބޭނުންކުރުން
·
ބޭސް ބޭނުންކުރަމުންދާ
ދުވަސްވަރު ޞިއްޙަތަށް ފައިދާހުރި ރަގަޅުކާނާ ކެއުން
·
ގިނަގިނައިން
އަރާމްކުރުން
·
ހަރަކާތްތެރިވެ
ހެލިފެލިވެއުޅުން
·
ސާފުވައި ލިބޭތަނެއްގައި
ހޭދަކުރުން
ބީސީޖީ ވެކްސިން
ބީސީޖީ (ބެސިލެ ކެލްމިޓޭ
ގޫރިން) ވެކްސިން އަކީ ކެއްސުން ބަލި ނުވަތަ ޓީބީ އިން ދިފާޢުވުމަށް ދެވޭ
ވެކްސިނެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުޑަކުދިންގެ ވެކްސިން
ޝެޑިއުލް ގައި ބީސީޖީ ވެކްސިން ހިމަނާފައި ވެއެވެ. މިއީ އުފަންވާ ތަނުން ދީއުޅޭ
ވެކްސިނެކެވެ. ބީސީޖީ ވެކްސިން ދިނުމަކީ ޓީބީ ޖެހުމުން މުޅިން ރައްކާތެރިކޮށް
ދިފާޢުކޮށްދޭ ކަމެއް ނޫނެވެ.
ބީސީޖީ ވެކްސިން
ޖަހާފައިވާނަމަ، ހަމުގެ ޓެސްޓު ޕޮޒިޓިވް ވުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް
ޕޮޒިޓިވް ވުމަކީ ބީސީޖީ ވެކްސިންގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެއެވެ. ނުވަތަ
ޓީބީގެ ޖަރާސީމް ހުރުމުގެ ސަބަބުން (ޓީބީޖެހިފައިވުމުން) ދިމާވި ކަމަކަށް ވެސް
ވެދާނެ އެވެ.
އަންނަނިވި
ޙާލަތްތަކާއެކު ހަމުގެ ޓެސްޓު ޕޮޒިޓިވްނަމަ އޭގެ މާނައަކީ ޓީބީ ޖެހިފައިވުމެވެ.
·
އެކްޓިވް ޓީބީ ޖެހިފައިވާ
މީހަކާއެކު ފަހުގެ ދުވަސްވަރެއްގައި ގައި ވަގުތުތައް ހޭދަކޮށްފައިވުން
·
އެކްޓިވް ޓީބީ އާންމު
ހިސާބެއްގައި އުޅެފައި އައުން ، ނުވަތަ އެފަދަ ހިސާބެއްގައި ދިރިއުޅުން
·
އެކްޓިވް ޓީބީ ޢާންމު
ތަނެއްގައި ވަގުތުތައް ހޭދަކުރުން
ވެކްސިން
ދިނުން އެދެވިގެންވާ ފަރާތްތައް
ކުޑަކުދިން : ޓީބީއާއި ގުޅިގެން ހަދާ ހަމުގެ ޓެސްޓަށް ކުޑަކުއްޖާ
ނެގެޓިވް ނަމަ، ނުވަތަ ޓީބީ ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅެންޖެހޭނަމަ
(އެމީހާ ޓީބީއަށް ފަރުވާނުކުރުން، އަދި ޓީބީގެ ބޭސް ގަވާޢިދުން ބޭނުން ނުކުރުން)
އެކުއްޖަކަށް ބީސީޖީ ވެކްސިން ދޭންޖެހެއެވެ. އަދި އެކުއްޖާ އަށް ޖެހިފައިވަނީ
އައިސޯނިއެޒިޑް އަދި ރިފަމްޕިސިން އަށް ނުގުޑާ ޓީބީކަމުގައި ވާނަމަ ވެސް ބީސީޖީ
ވެކްސިން ދިނުން އެދެވިގެންވެއެވެ.
ޞިއްޙީ
ޚިދުމަތް ފޯރުކޮށްދޭ މީހުން : ޞިއްޙީ ޚިދުމަތް
ފޯރުކޮށްދޭ ފަރާތް އުޅޭ ތަނުގައި ބޭހަށް
ނުގުޑާ ޓީބީ (އައިސޯނިއެޒިޑް އަދި ރިފަމްޕިސިން އަށް ނުގުޑާ ޓީބީ) ގިނަ އަދަދެއްގެ
ބަލިމީހުން ފަރުވާ ހޯދަމުންދާނަމަ އެމީހަކު ވެކްސިން ޖެހުން މުހިއްމެވެ. އަދި
ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ތެރޭގައި ވެސް ބޭހަށް ނުގުޑާ ޓީބީ
ފެތުރިފައިވާނަމަ ވެކްސިން ޖެހުން މުހިއްމެވެ.
ވެކްސިން
ދިނުން އެދެވިގެންނުވާ ފަރާތްތައް
ދިފާޢީ ބާރު
ދަށްވުން : ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހުން (އެއިޑްސް
ޖެހިފައިވާ މީހުން) އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުމުގެ ފުރުޞަތު އޮތްމީހުން
(ގުނަވަނެއް ބަދަލުކުރަން އުޅޭމީހުން) ބީސީޖީ ވެކްސިން ޖެހުން އެދެވިގެނެއް
ނުވެއެވެ.
މާބަނޑުވުން : މާބަނޑު ދުވަސްވަރު ބީސީޖީ ވެކްސިން ޖެހުން އެދެވިގެނެއް
ނުވެއެވެ. ކުޑަ ދަރިފުޅަށް ވެކްސިން އިން ގެއްލުން ލިބޭކަން ހޯދިފައި ނެތަސް މިއީ
އަދިވެސް ދިރާސާ ކުރެވެމުންދާ ކަމަކަށްވާތީ އެންމެ އެދެވިގެންވާ ގޮތަކީ މާބަނޑު
ދުވަސްވަރު ބީސީޖީ ވެކްސިން ނުޖެހުމެވެ.
ބީސީޖީ
ވެކްސިން
ބީސީޖީ ވެކްސިން އަކީ
ޓީބީއިން ދިފާޢުކޮށްދޭ ވެކްސިނެކެވެ. މިއީ ބަލިކޮށްފައި ހުންނަ ބޯވައިން
ޓިއުބަކްލް ބެސިލަސް އެވެ. ޓީބީގެ އަސަރު ނުފޯރާ ކުޑަކުދިންގެ ހަށިގަނޑުގައި ޓީބީ
އަށަގަތަނުދިނުމަށްޓަކައި އިންޖެކްޝަނެއްގެ ގޮތުގައި ކުއްޖާގެ ހަމުގެ ތެރެއަށް
(ދެހަންދޭތެރެއަށް) ފޮނުވައެވެ. މިވެކްސިންގެ ޑޯޒް އަކީ 0.1 އެމްއެލް ނުވަތަ 5
ޓީޔޫ އެވެ.
ބީސީޖީ ވެކްސިން
އުފެއްދުމުގެ މަސައްކަތް ފައްޓާފައިވަނީ ފްރާންސްގެ ދެ ސައިންޓިސްޓުން ކަމުގައިވާ
ޕްރޮފެސަރ ކަލްމޭޓް އަދި ޕްރޮފެސަރ ގުއަރީން އެވެ. މިވެކްސިން އުފެއްދުމަށް
ގެރިބަކަރިއަށް ޓީބީގެ ޖަރާސީމްދީ 13 އަހަރުގެ ދިގުމުއްދަތެއްގައި ދިރާސާކޮށްފައި
ވެއެވެ. މިމަސައްކަތް ފައްޓާފައިވަނީ 1906 ވަނަ އަހަރު އެވެ.
ބީސީޖީ ނަންގުޅިފައިވަނީ
އެދެޕްރޮފެސަރުންނާއި އަދި ބެސިލަސް އާއި އެވެ. ބީ އަކީ ބެސިލަސް އެވެ. ސީ އަކި
ކަލްމޭޓް އެވެ. އަދި ޖީ އަކީ ގުއަރީން އެވެ. މިވެކްސިން އުފެއްދުމަށްފަހު 1921
އާއި 1925 ވަނަ އަހަރާއި ދެމެދު ވެކްސިން ދުނިޔެއަށް ތަޢާރަފްކޮށް އިންސާނުންނަށް
ދޭން ފަށާފައިވަނީ އަގަޔަށް ތިކި ޖަހައިގެންނެވެ. ދެހަންދޭތެރެއަށް ބީސީޖީ
ވެކްސިން އިންޖެކްޝަން ގެ ސިފައިގައި ދޭން ފަށާފައިވަނި 1927 ވަނަ އަހަރު އެވެ.
އުފަންވުމާއެކު ބީސީޖީ ވެކްސިން ދިނުމަކީ ޅަފަތުގައި ޖެހޭ ޓީބީ އާއި ޓީބީ
މެނިންޖައިޓިސް އިން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ދެކުނު
އޭޝިޔާގެ ގައުމުތަކަށް މިވެކްސިން ތަޢާރަފްވެފައިވަނީ 1946 ވަަނަ އަހަރު ގައެވެ. ރާއްޖޭގައި
މިވެކްސިން ދޭން ފަށާފަައިވަނީ އޭގެ 6 އަހަރު ފަހުން 1952 ވަނަ އަހަރުގައެވެ.
ރާއްޖޭގައި ވެކްސިން ޢާންމުކޮށް ދޭން ފަށާފައިވަނީ 7 އޮކްޓޯބަރު 1970 ގައެވެ.
އެދުވަހު މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވެކްސިން ދެވުނެވެ. މިއީ ރާއްޖޭގައި
އާންމުކޮށް ބޭނުންކުރަން ފެށުނު 3 ވަނަ ވެކްސިން އެވެ. ފުރަތަމަ ތަޢާރަފްކުރެވުނީ
1956 ވަނަ އަހަރު ކަށިވިދުރި ވެކްސިން
އެވެ. ދެވަނަ އަށް 1967 ވަނަ އަހަރު ޕޯލިއޯ ވެކްސިން އެވެ.
ބީސީޖީ ވެކްސިން އަކީ
މައިނަސް 8 އާއި ޕްލަސް 4 އާއި ދެމެދުގެ ކޯލްޑް ޗެއިންއެއްގެ ތެރޭގައި ގެންގުޅެންޖެހޭ
ވެކްސިން އެކެވެ.
ވެކްސިންގެ
ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް
·
އިންޖެކްޝަން ޖަހާތަނުގެ
ސަބްކިއުޓަނަސް ފަށަލަ އުމަގުވުން
·
އިންޖެކްޝަން ޖަހާތަން
ފާރުވުން
އިންޖެކްޝަން ޖަހާތަނުގެ
ކައިރީގައި ހުންނަ ގޮށްތައް ފާރުވެފައި ނުވަތަ ފާރުނުވެ ދުޅަވުން
ފަރުވާއަށް ވާގޮތްބެލުން
ފަރުވާއަށް ވާގޮތް
ބެލެވެމުންދަނީ ކޮންމެ 4 މަހުން 1 މަހު ފޮނުވާ ރިޕޯޓްގައިވާ ކުޅުގައި ފަނި ހުންނަ
މީހުންނަށްދެވޭ ފަރުވާގެ ނަތީޖާ ތިރީގައިވާ ބައިތަކުގެ މައްޗަށް ބަލާފައެވެ.
ފަސޭހަވި: ފަރުވާ ދެވެމުންދާއިރު 4މަހާއި 5މަހާއި ދެމެދު އަދި
ފަރުވާ ނިމުމަށްފަހު ކުޅުގައި ފަނިނެތުން
މަރުވުން: ޓީބީއަށް ފަރުވާ ދެމުންދަނިކޮށް ޓީބީގެ ސަބަބުން ބަލިމީހާ
މަރުވުން
ފެއިލްވުން: ކުޅުގައި ފަނިހުރި މީހަކަށް ފަރުވާ ދެމުންގޮސް 5 މަސް
ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް ފަރުވާ ދެވުނުއިރު ކުޅުގައި ފަނިހުރުން
ދެވަނަ ފަހަރަށް
ބަލިޖެހުން :ފަސޭހަވެއްޖެކަމަށް ރިޕޯޓްކުރެވުނު ބަލިމީހަކު އަލުން
ކުޅުގައިފަނިހުރެގެން ޞިއްޙީ ޚިދުމަތަށް އައުން
ފަރުވާ
މެދުކެނޑުން: ވަކި މުއްދަތަކަށް ފަރުވާކުރުމަށް ރެޖިސްޓްރީކޮށް ފަރުވާ
ފެށިމީހަކު 2 ނުވަތަ އެއަށްވުރެ ގިނަދުވަހަށް ފަރުވާ ހޯދަން ނައިސްހުރުން
އެހެންތަނަކަށް
ފޮނުވުން :ފަރުވާދީ ރިޕޯޓްފޮނުވުމަށް އެހެން މަރުކަޒަކަށް ފޮނުވުނު
ބަލިމީހެއްގެ ފަރުވާގެ ނަތީޖާއަށް ވީގޮތް ނޭގުން
ކުޅުގައި
ފަނިހުންނަ ފަރުވާދެވޭ މީހުން: އިންޓެންސިވް ފޭސް
ނިމޭއިރު ކުޅުގައި ފަނިނުހުންނަ، ނަމަވެސް ކޮންޓިނުއޭޝަން ފޭސްގައި އެންމެ
ފަހަރަކު ނުވަތަ އަމުދުން ކުޅު ނުލިބި ފަރުވާ ނިމުނުއިރު ވެސް ކުޅު ނެގިފައި
ނެތުން
ދިވެހިރާއްޖޭގައި
ޓީބީގެ ޙާލަތު
ދިވެހިރާއްޖޭގެ ޓީބީގެ
ޙާލަތަށް ބަލާއިރު 1960 ގެ އަހަރުތަކުގައި ޓީބީ ވެފައިވަނީ ދިވެހިރާއްޖެއަށް އޭރު
ކުރިމަތިވެފައި އޮތް ބޮޑު މައްސަލައަށެވެ. އެއީ ޓީބީއަށް ޓެސްޓް ކުރެވޭނެ ގޮތެއް
އަދި ފަރުވާދެވޭނެ ގޮތެއް އޭރު ގާއިމް ކުރެވިފައި ނުވާތީ އެވެ. ދިވެހިރާއްޖޭގައި
ޓީބީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ފެށިގެން އައީ 1962 ވަނަ އަހަރު ''ޓީބީ
ކްލިނިކް''ގެ ނަމުގައި ޓީބީ އަށް ޓެސްޓްކޮށް ފަރުވާ ކުރުމަށް ޚާއްޞަ ކްލިނިކެއް
ހުޅުވުމުންނެވެ. މިކްލިނިކް ހުޅުވުމާއެކު މައިކްރޮސްކޯޕްގެ އެހީގައި ޓީބީ ބަލި
ތަހްލީލްކޮށް ޓީބީއަށް ދެވޭ ފަރުވާ ތަޢާރަފް ކުރެވިގެންދިޔައެވެ. 2000 ވަނަ
އަހަރާއި ހަމައަށް ޓީބީ ކޮންޓްރޯލް ކުރުމަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ
އަކީ ޓީބީ ޖެހޭ މީހުންގެ އަދަދު ކޮންމެ 10 ހާހަކުން 2 މީހުންނަށް ދަށްކުރެވިގެން
ދިއުން އެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ
ލަނޑުދަޑިއަށް ޓީބީ ބަލި ހޯދޭ ނިސްބަތް ޙާޞިލްކުރި 5 ގައުމުގެ ތެރޭގައި ވެސް
ދިވެހިރާއްޖެ ހިމެނިފައިވެއެވެ. މިއަމާޒު ދިވެހިރާއްޖެ ޙާޞިލްކޮށްފައިވަނީ 1996
ވަނަ އަހަރުގައެވެ. ޓީބީއަށް ފަރުވާ
ކުރުމުގައި ބޭނުންކުރެވޭ ޑޮޓްސްގެ ނަތީޖާ އަކީ 1997 ވަނަ އަހަރުގެ ފަހުން ޓީބީ
ބޭހަށް ނުގުޑާ ބަލިމީހުން ދިވެހިރާއްޖެއިން ފެނިފައިނުވުން އެވެ.
ޓީބީގެ ތާރީޚް
ޓީބީގެ ތާރީޚަށް ބަލާއިރު
މީގެ 3000 އަހަރުކުރިން މަރުވެފައިވާ މިޞްރު މީހެއްގެ ކަށިތަކުގައި ޓީބީގެ ނިޝާން
ހުރިކަމަށް ލިޔުންތަކުން ދައްކައެވެ. ގްރީކުންގެ ޒަމާނުގައި ޓީބީއަށް ''Phthisis '' ކިޔާ އުޅުނެވެ. މާނައަކީ
''ހުލިވެދިއުން'' އެވެ. 17 ވަނަ ގަރުނުގައި ހޮލޭންޑްގެ ފްރޭންސިސްއަސް ސިލްވިއަސް
''ޓިއުބަކްލް'' މިނަން ބޭނުންކުރަން ފަށާފައި ވެއެވެ. އެއީ ހުލިވެ ނުވަތަ
އަނަރޫފަވަމުން ގޮސް މަރުވަމުންދާ ބަލި މީހުންގެ ފުއްޕާމޭގައި ޓީބީ ބަލީގެ ނިޝާން
ހުންނަކަމަށް ސާބިތުކުރެވިފައި ވާތީއެވެ. މިހާރު މިކިޔާ ޓިއުބަރކިއުލޯސިސް މިނަން
ބޭނުންކުރަންފަށާފައިވަނީ 1839 ވަނަ އަހަރު ޖޮހާން ޝެލީން ކިޔާ ސައިންސް
ވެރިއެކެވެ.
ޓީބީ ޖައްސާ ޖަރާސީމް
މައިކޮބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ހޯދާފައިވަނީ 1882 ވަނަ އަހަރު ޖަރުމަނު
ވިލާތުގެ ސައިންސްވެރިއެއްކަމަށްވާ ޑރ ރޮބާޓް ކޮކް އެވެ. މިކާމިޔާބީގެ ސަބަބުން
ޓީބީގެ ނަން ކޮކްސް ޑިޒީޒް ގެ ނަމަށް ބަދަލުވެ، ޚާއްޞަ މެޑިކަލް ޓާމިނޮލޮޖީ ގައި
ކޮކްސް ޑިޒީޒް މިނަން ބޭނުން ކުރެވުނެވެ. މީގެ އިތުރުން ދުނިޔޭގެ ޓީބީގެ ދުވަހުގެ
ގޮތުގައި ކޮންމެ އަހަރެއްގެ މާރޗް 24 ފާހަގަކުރަން ނިންމާފައިވަނީ ޑރ ރޮބާޓް ކޮކް
ޓީބީ ޖަރާސީމް ހޯދިތާ 100 އަހަރު ފާހަގަކުރުމުގެ ގޮތުން 1982 ވަނަ އަހަރު އެވެ.
ޓީބީއިން ދިފާޢުކޮށްދޭ
ވެކްސިން ބީސީޖީ ފުރަތަމަ ދޭންފަށާފައިވަނީ 1921 ވަނަ އަހަރު އެވެ. އޭރު ދިނީ
އަގަޔަށްޖައްސާ ތިއްކެއްގެ ސިފައިގައެވެ. ދެހަންދޭތެރެެއަށް އާންމުކޮށް ބީސީޖީ
ވެކްސިން ދޭންފަށާފައިވަނީ 1927 ވަނަ އަހަރު އެވެ. މިވެކްސިން ދުނިޔޭގެ
މަގްބޫލްކަން ލިބި އާންމުކޮށް ބޭނުންކުރެވެން ފެށީ 1948 ވަނަ އަހަރު ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ ވުޖޫދަށް އައުމަށްފަހު ގައެވެ.
ދުނިޔޭގެ ނިސްބަތުން ޓީބީ
ބަލީގެ %95 ދިރިއުޅެމުން އަންނަނީ ތަރައްގީވަމުން އަންނަ ގައުމުތަކާއި ފަގީރު
ގައުމުތަކުގައެވެ. އެއީ ދެކުނު އިރުމަތީ އޭޝިޔާ، ހުޅަނގު ޕެސިފިކް، އަދި
އެފްރިކާގެ ގައުމުތަކުގައެވެ. ދުނިޔޭގެ ނިސްބަތުން ޓީބީ ބަލީގެ %38 ދިރިއުޅެނީ
ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާގައެވެ. މިސަރަހައްދުގައި އެންމެ
ގިނައިން ޓީބީ ޖެހި މަރުވަމުންދަނީ އުފެއްދުންތެރި އުމުރުފުރާ ކަމުގައިވާ 45-15
އަހަރާއި ދެމެދުގެ މީހުންނެވެ. މިގައުމުގެ ތަކުގައި ޓީބީ ޖެހޭ މީހުންގެ ތެރެއިން
ކޮންމެ 10 ކުން 8 ހިމެނެނީ މިދެންނެވި އުމުރުފުރާގެ ތެރޭގައެވެ.
1948 ވަނަ އަހަރު
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އުފެދުނު ފަހުން އެޖަމްޢިއްޔާއިން މުޅި ދުނިޔެއަށް
އަމާޒު ކޮށްގެން އެންމެ ފުރަތަމަ ޕްރޮގްރާމެއްގެ ގޮތުގައި ހިންގަންފެށި
ޕްރޮގްރާމަކީ ޓީބީ ކޮންޓްރޯލް ޕްރޮގްރާމް އެވެ.
ތާރީޚީ
ނަޒަރަކުން - ދިވެހިރާއްޖޭގައި ޓީބީގެ ޙާލަތު
ދިވެހިރާއްޖެއިން
ފުރަތަމަ ޓީބީ ބަލީގެ މީހަކު ފެނުނު ތާރީޚެއް އެނގޭކަން ނެތެވެ. ނަމަވެސް މިއީ ޒަމާނުއްސުރެ
ރާއްޖޭގައި އުޅެމުން އައިސްފައިވާ ބައްޔެއްކަން އެނގެއެވެ. މިކަން ގަބޫލުކުރެވޭ
އެއް ސަބަބަކީ ޓީބީގެ ވައްތަރެއް ކަމުގައިވާ މައިބަދައަށް ޖެހޭ ޓީބީ މީގެ 40
ވަރަކަށް އަހަރު ކުރިއްސުރެ ރާއްޖެއިން ފެންނަމުން ގޮސްފައިވާ ކަމެވެ. ޓީބީގެ
ޖަރާސީމް ހަށިގަނޑުގައި އަށަގަނެ މައިބަދައަށް އަސަރުކޮށް ގުދުލާގޮތް ވަނީ ޓީބީގެ
އެންމެ ނުރައްކާތެރި އެއް ވައްތަރު ކަމުގައިވާ ''ޕޮޓްސް ޑިޒީޒް'' ގެ ސަބަބުންނެވެ.
ނުވަތަ ސްޕައިން ޓިއުބަރކިއުލޯސިސް ގެ ސަބަބުންނެވެ. މިގޮތަށް ދިމާވެފައިވާ
މީހުންނާއި ކުދިން އޭރު ފެންނަމުން ދާތީ މިބައްޔަށް ''ރާއްޖެބަލި''ގެ ނަމުން
ނަންދީފައި ވެއެވެ. 1960 ގެ އަހަރުތަކުގައި މިފަދަ ޙާލަތުގައި ތިބި ކުދިންނާއި
މީހުން ރާއްޖެއިން ފެނިފައި ވެއެވެ.
ޓީބީ ބަލިމީހުން ހޯދާ
ފަރުވާ ދިނުމަށްޓަކައި 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓީބީ
ކްލިނިކްގެ ނަމުގައި ކްލިނިކެއް އުފެއްދެވި އެވެ. ނަމަވެސް ޓީބީއަށް ޝައްކުކުރެވޭ
މީހުންގެ ކުޅު ޓެސްޓްކޮށް ފުރިހަމައަށް މިމަސައްކަތް ހިނގައިގަތީ 1964 ވަނަ އަހަރުގެ
މެދެއްހާ ހިސާބުގައެވެ.
ދިވެހިރާއްޖޭގައި ޞިއްޙީ
ޚިދުމަތްދޭ ތަނަކުން ޓީބީއަށް ތަހްލީލުކޮށް ޓީބީއަށް ޑޮކްޓަރީ ބޭސްފަރުވާ ފުރަތަމަ
ދޭންފަށާފައިވަނީ 1956 ވަނަ އަހަރު އައްޑު އަތޮޅުގައި އިގިރޭސީންގެ ހަރަކާތްތައް
ހިންގި ދުވަސްވަރު އެވެ. އެދުވަސްވަރު އައްޑު އަތޮޅުގައި ގާއިމްކުރައްވާފައިވާ
ޕާކިސްތާން މެޑިކަލް ސެންޓަރުން ޓީބީއަށް ތަހްލީލްކޮށް ފަރުވާކުރަން ފައްޓަވާފައި
ވެއެވެ. މިތަނަށް ގޭން ސިކް ކްއާރޓާރސް ވެސް ކިޔާ އުޅުނެވެ.
ޓީބީ އަކީ އާންމު
ޞިއްޙަތާއި ގުޅުންހުރި ސީރިއަސް މައްސަލައެއްކަމުގައި އެންމެ ފުރަތަމަ ރަސްމީ
ސިފައެއްގައި ސަރުކާރުގައި ދަންނަވާފައިވަނީ 8 ޖެނުއަރީ 1963 ދުވަހުގެ ރޭ
ވުޒާރަތުއް ޞިއްޙާ ގައި ބޭއްވުނު މެޑިކަލް ސްޓާފް މީޓިންގ އެއްގައި އެދުވަސްވަރު
ރާއްޖެއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފޮނުވާފައިވާ މަޝްހޫރު
ޑޮކްޓަރެއްކަމުގައިވާ ޑރ ނީމަރ އެވެ. މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ
އޭރުގެ ވަޒީރުއްޞިއްޙާ އަލްމަރުހޫމް އަހުމަދު ޙިލްމީ ދީދީ އެވެ. ގިނަ
މަޝްވަރާތަކަށްފަހު ނިންމުނީ ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމުގެ މަޝްރޫޢެއް
ފެށުމަށެވެ.
1963 ވަނަ އަހަރު ޑރ
ނީމަރ ގެ ހުށަހެޅުމަށް 7 އަހަރު ފާއިތުވީފަހުން، 16 ސެޕްޓެމްބަރު 1970 ދުވަހު
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފޮނުއްވި ޓީބީގެ މާހިރެއް ކަމުގައިވާ ޑރ އާރު
ޒިސްކޯ ރާއްޖެއަށް ޒިޔާރަތްްކުރައްވައި މާލެއާއި، އަރިއަތޮޅުގައި ޓީބީ އާއި ބެހޭ
ދިރާސާތަކެއް ކުރެއްވި އެވެ. މިދިރާސާއަށްފަހު ރާއްޖޭގެ އާބާދީގައި ކޮންމެ 1000 ން
35 މީހުންނަށް ޓީބީގެ އަސަރުފޯރާފައިވާ މީހުން
ތިބެދާނެކަމަށް ލަފާކުރައްވާކަމަށް ހުށަހަޅުއްވާފައި ވެއެވެ. ކޮންމެ އަކަސް
1963 ވަނަ އަހަރު ޑރ ނީމަރ ގެ ހުށަހެޅުމާއި، 1970 ވަނަ އަހަރު ޑރ ޒިސްކޯގެ
ހުށަހެޅުން ވެގެންދިޔައީ ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަޝްރޫއެއް
ހިންގުމަށް އެޅުނު ފުރަތަމަ ބިންގާ ކަމުގައެވެ.
1994 ވަނަ އަހަރު ސީދާ
ބެލުމުގެ ދަށުންދެވޭ ކުރުމުއްދަތުގެ ފަރުވާ ޑޮޓްސް ރާއްޖޭގެ ޓީބީ ފަރުވާކުރާ
ހުރިހާ މީހުންނަށް ދޭންފެށުނެވެ.
މައުލޫމާތު:-
·
ތާރީޚީ ނަޒަރަކުން
ރާއްޖޭގައި ޓީބީ ބަލި ކޮންޓްރޯލްކުރުމުގެ މަޝްރޫޢަށް ބަލާލުމެއް – އިބްރާހީމް
ޝިހާމް – 2005 – މިނިސްޓްރީ އޮފް ހެލްތު
·
ޓީބީ ބަލި
ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާނޭ
ގޮތްތަކާމެދު، ޞިއްޙީ އެހީތެރިންނަށް ތަމްރީނު ދިނުމަށް ތައްޔާރުކޮށްފައިވާ
އަތްމަތީފޮތް – 1997 – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – ދިވެހިރާއްޖެ
·
ސީދާ ބެލުމުގެ ދަށުންދެވޭ
ފަރުވާ ޓީބީ ޖެހިފައިވާ މީހުންގެ ޝިފާ – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބްލިކް
ހެލްތު – 2002
·
ޓީބީއިން
ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު – ލީފްލެޓް - ސީސީއެޗްޑީސީ – 2009
·
ޞިއްޙީ ހޭލުންތެރިކަން –
ޓީބީ – ލުއިފޮތް – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު
·
އިންޓަނެޓްގެ ބައެއް
ވެބްސައިޓްތައް
No comments:
Post a Comment