ވާބަލި (ޕޯލިއޯ)
ވާބަލި(Poliomyelitis) ނުވަތަ ޕޯލިއޯ އަކީ
ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ތަރައްގީވަމުން އަންނަ 3 ވަނަ
ދުނިޔޭގެ ގައުމުތަކުގައި ވާބަލި ބޮޑަށް
ޢާންމު ވެފައިވަނީ ތުއްތު ކުދިންނާއި ޕްރީސުކޫލް އުމުރުފުރާގެ ކުދިންގެ
މެދުގައެވެ. ނަމަވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި މިބަލި ބޮޑަށް އާންމީ
ބޮޑެތި މީހުންގެ މެދުގައެވެ. އާންމު ގޮތެއްގައި ފިރިހެނުންނަށް ބަލިޖެހޭ ނިސްބަތް
އިތުރެވެ. އަދި ހޫނު މޫސުމުގައި ފެތުރޭ މިންވަރު ވެސް މައްޗެވެ. ނިސްބަތުން
ރަށްފުށުގައި މިބަލި ފެތުރުން އިތުރެވެ.
ސަބަބު
ވާބަލި ޖައްސާ ވައިރަސް އަކީ "ޕޯލިއޯ ވައިރަސް"(Polio virus) އެވެ. މިއީ އާރުއެންއޭ އެކުލެވޭ
ވައިރަހެކެވެ. މިއީ އެންޓިރޯވައިރަސް ގުރޫޕަށް ނިސްބަތްވާ ވައިރަހެކެވެ. ބަލިޖެހިފައިވާ
މީހާގެ ބޮޑުކަމުނަޖިހުގައި ވައިރަސް ހުންނާނެ އެވެ. ބަލިޖެހުމަށްފަހު އެތަކެއް
ހަފްތާއެއް ވަންދެން އެމީހެއްގެ ބޮޑު ކަމުނަޖިހާއެކު ވައިރަސް ދޫކުރަމުން
ގެންދާނެއެވެ. މިވައިރަސް އިންސާނާގެ ހަށިގަނޑުގައި ގޮހޮރުގެ ބައިތަކުގެ ތެރޭގައި
ގިނަވެ އިތުރުވެއެވެ. އެއަށްފަހު ވައިރަސްތައް ނާރުތަކުގެ ނިޒާމަށް ވާޞިލް ވެއެވެ.
އެގޮތުން ހަޖަމުކުރާ ނިޒާމުން ނާރުތަކުގެ ނިޒާމަށް ވައިރަސް ވާޞިލްވަނީ ބަލިޖެހޭ
މީހުންގެ ތެރެއިން އެންމެ 2 އިންސައްތަ މީހުންގެ އެވެ.
ފެތުރޭގޮތް
Ø
ކެއްސާ ކިނބިހިއަޅާއިރު
ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން
Ø
ވައިރަސް އާއި
ތަޣައްޔަރުވެފައިހުރި ކާބޯތަކެތި ކެއުމާއި ބުއިން
Ø
ވައިރަސް އާއި
ތަޣައްޔަރުވެފައިވާ އަތްނުދޮވެ، އަނގަޔަށް، ލޮލަށް ނޭފަތަށްލުން
Ø
ވައިރަސް ހުރި ދަވަ،
އަރިދަފުސް، ބޮޑުކަމު ނަޖިހުގައި ބީހުން
Ø
ބަލިޖެހިފައިވާ މީހެއްގެ
ބޮޑުކަމުނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތީގައި ބީހުން
Ø
ބަލިޖެހިފައިވާ މީހަކާއި
މާބޮޑަށް ގައިގޯޅިވެއުޅުން
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް
ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް
ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ވާބަލި
ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ
އަލާމާތްތައް ފެނުމަށް 14-7 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. މިމުއްދަތު
35-5 ދުވަހާއި ދެމެދުގެ މުއްދަތަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.
ގައިންގަޔަށްއަރާ މުއްދަތު (Infectious period): ހޯއްގޮވާ ކެއްސުން
ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ
ޖަރާސީމު ހަށިގަނޑަށް ވަންނަތާ 7 ދުވަހުން ފެށިގެން (ބަލީގެ އަލާމާތްތައް ފެންނަ
ދުވަހުން ފެށިގެން) ގޮސް، ހޯއްގޮވާ
ކެއްސުން ފެށުމަށްފަހު އަންނަ 3 ހަފްތާގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ.
ބަލި އެންމެ ބޮަޑަށް އެހެން މީހުންނަށް ފަތުރަނީ ބަލީގެ ފުރަތަމަ ހަފްތާގެ
ތެރޭގައެވެ. ނުވަތަ އެންޓިބަޔޮޓިކް ދޭނަމަ، 5 ދުވަހު އެންޓިބަޔޮޓިކް ބޭނުންކޮށް
ނިމެންދެނެވެ.
އަލާމާތްތައް
3-1 ދުވަހުގެ ތެރޭގައި:
Ø
ބަލިފާނޑުވުން
Ø
ހުންއައުން
Ø
ރަގަޅުވާހެން ހީވުން
5-3 ދުވަހުގެ ތެރޭގައި:
Ø
ބޮލުގައރި ރިހުން
Ø
ކަރު އެނބުރޭގޮތްނުވުން
ނުވަތަ ކަނދުރާ ހަރުވުން
Ø
ތަކުރާރުކޮށް ހުންއައުން
Ø
ގައިގައި ރިއްސުން
7-5 ދުވަހުގެ ތެރޭގައި:
Ø
އެއް ފައިތިލަ ނުވަތަ
އެއް ކޮނޑު ކުޑަކޮށް ވާގިނެތުން ނުވަތަ
Ø
ދެއަތާއި، ދެފައި، އަދި
މެޔަށް ބޮޑަށް މިއަސަރު ފޯރުން
ބަލިޖެހުމުގެ ފަހުން:
Ø
ބަލިޖެހުނު ފަހުން ބަލީގެ
އަސަރު ފޯރާފައިވާ ގުނަވަންތަކުން ވާގިނެތުން
ވާބަލި 3 ވައްތަރަކަށް ނުވަތަ ބަޔަކަށް ބަހާލެވިދާނެ އެވެ.
އެއީ އާދައިގެ ރޯގާއެއްގެ ސިފައިގައި އުދަނގޫތައް ފެނިލުން، ވާގިނެތުން ކުރިމަތިވާ
ވައްތަރާއި، ވާގިނެތުން ކުރިމަތިނުވާ ވައްތަރެވެ.
އާދައިގެ ރޯގާއެއްގެ ސިފައިގައި ވާބަލީގެ
އުދަނގޫތައް ފެނުން (Subclinical Infection): ވާބަލި ޖެހޭ
ބަލިމީހުންގެ ތެރެއިން 95 އިންސައްތަ މީހުންނަށް އާދައިގެ ރޯގާއެއްގެ އުދަނގޫތައް
ފެނިލާފައި ރަގަޅުވެދެއެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި،
ހުންއައުން، ބޮލުގައި ރިހުން، ކަރުތެރެ ހަލާކުވުން، ކަރުތެރެ ރަތްވުން އަދި
ހޮނޑުލެވުން ހިމެނެއެވެ. މިފަދަ ބައެއް މީހުންނަށް އަލާމާތެއް ނުފެނި ވެސް
ހިގައިދާނެއެވެ. މިއުދަނގޫތައް 3-2 ދުވަހަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ.
ވާބަލި ކްލިނިކަލް ގޮތުން ބަލާއިރު އެންމެ ބޮޑަށް
އަސަރުކުރަނީ ނާރުތަކުގެ ނިޒާމަށެވެ. އެގޮތުން ސިކުނޑިއަށާއި، ސްޕައިނަލް ކޯޑަށް
އަސަރު ކުރެއެވެ. އެގޮތުން ކުރިމަތިވަނީ ވާގިނެތުން ކުރިމަތިނުވާ ވައްތަރަކާއި،
ވާގިނެތުން ކުރިމަތިވާ ވައްތަރެކެވެ. މިވައްތަރުތައް ކުރިމަތިވަނީ ކުރިން ބުނި
އާދައިގެ އުދަނގޫތައް ފެނުމަށްފަހު ގައެވެ.
ވާގިނެތުން ކުރިމަތިނުވާ ވައްތަރު (Non-paralytic polio): މިވައްތަރުގައި ފުރަތަމަ
ކުރިން ބުނި ވަރަށް އާދައިގެ ކުދިކުދި އުދަނގޫތަކެއް ފެންނާނެއެވެ. އެއަށްފަހު ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވެ ވާޅުވުން، ގައިގައި ރިހުން، ބުރަކަށީގައި
ރިހުން، ބޭރަށްހިންގުން، ބޮލުގައި ރިހުން، ހުންއައުން، ފައިގެ ކުޑަކަޅުވާގައި
ރިހުން، ހަށިގަނޑުގެ އެކި ހިސާބުތަކުގެ މަސްތައް ހަރުއަރައި، ކުރުގެޅި ގުޅަކެއުން،
އަތް މަސްތަކުގައި ބީހުމުން ތަދުވުން، ކަނދުރާ ހަރުވުން، ކަރުއެނބުރޭގޮތް ނުވުން،
ގައިން ބިހިނެގުން، ހޮނޑުލުން އަދި އަތްފައިގައި ރިހުން ފަދަ އުދަނގޫތައް
ހިމެނެއެވެ. މިމީހުންގެ ބޮޑުކަމުނަޖިހާއެކު ބަލީގެ ވައިރަސް ދިގު މުއްދަތަކަށް
ދޫކުރަމުން ގެންދާނެ އެވެ. މިއުދަނގޫތައް އާންމުކޮށް 2-1 ހަފްތާގެ މުއްދަތަށް
ދެމިހުރެއެވެ.
ވާގިނެތުން ކުރިމަތިވާ ވައްތަރު (Paralytic polio): ވާބަލި ޖެހުމުން
ވާގިނެތޭ ވައްތަރު ކުރިމަތިވަނީ ބަލިޖެހޭ އެންމެ 2 އިންސައްތަ މީހުންނަށެވެ. މިއީ
ހަޖަމުކުރާ ނިޒާމުގައި ހުރި ބަލީގެ ވައިރަސް ނާރުތަކުގެ ނިޒާމަށް ވާޞިލްވެ،
ސިކުނޑިއާއި ސްޕައިނަލް ކޯޑުގައި ވައިރަސް އެޅުމުން ކުރިމަތިވާ ކަމެކެވެ.
މިވައްތަރުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ރަގަޅަށް އިހްސާސްނުކުރެވުން،
ނުވަތަ އިހްސާސް ދަށްވުން، ބަނޑު ފުރިފައި ހުންނަހެން ހީވުން، ބަނޑުހިކުން، ކާތަކެތި
ދިރުވަން އުދަނގޫވުން، ނޭވާލާން ދަތިވުން، ފަހަރުވާނުދެވި، ކުޑަކަމުދާން ދަތިވެ،
ކުޑަކަމު ނަޖިސް ހަށިގަނޑުގައި ޖަމާވުން، އަނގައިން ކުޅުފޭބުން، ތަކުރާރުކޮށް
ހުންއައުން، ބޮލުގައި ރިހުން، މިޒާޖަށް ބަދަލުއައުން، މަސްތަކުގައި ރިހުން، ކަނދުރާ،
ކުޑަކަޅުވާ އަދި ބުރަކަށީގެ މަސްތަކުގެ މަސްގުޅަކެއުން، ކަނދުރާ ހަރުވުން،
ކަރުއެނބުރޭގޮތް ނުވުން، އަދި ހަށިގަނޑުގެ މަސްތަކުގެ ބާރުދޫވެ، ވާގިނެތުން
ހިމެނެއެވެ. މީގެ އިތުރުން މިވައްތަރު ޖެހުމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި
އުފެދުމުގައި ތަބީޢީ ގޮތުން ހުންނަ ރިފްލެކްސް ތައް ނެތިދެއެވެ. އާދަޔާ ޚިލާފަށް
މަސްތަކަށް ތަދުވެ، ހަރުއަރައި، ކުރުގެޅި ގުޅަކާގޮތް ވެއެވެ. އަތްފައި ދޫވެ،
ބާރުނެތިގެން ދެއެވެ.
ވާބަލި ޖެހިގެން ވާގިނެތޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް
10-5 އިންސައްތަ މީހުން ނޭވާލުމުގެ މަސައްކަތް ފޭލްވެ ހުއްޓުމުގެ ސަބަބުން
މަރުވެއެވެ. އެއީ ނޭވާލުމުގެ ޝާމިލްވާ މަސްތައް ވާގިނެތި ބާރުދިއުމުން
އަމިއްލައަށް ނޭވާލުމަށް ބަލިމީހާ ނުކުޅެދުމުގެ ސަބަބުންނެވެ.
ވާބަލިޖެހުމުން ވާގިނެތުން ކުރިމަތިވާ ވައްތަރު
ސިކުނޑިއަށް ބަލީގެ އަސަރު ފޯރުވާ ހިސާބަށް ރިޢާޔަތްކޮށް 3 ބަޔަކަށް ބަހާލެވެއެވެ.
އެއީ:-
(ހ) – ސްޕައިނަލް ކޯޑަށް އަސަރުކުރުން(Spinal polio)
(ށ) – ސިކުނޑީގެ މުލަށް އަސަރުކުރުން(Bulbar polio)
(ނ) – ސިކުނޑީގެ މުލާއި ސްޕައިނަލް ކޯޑަށް އަސަރުކުރުން (Bulbospinal polio)
ނުރައްކާތައް
ވާބަލި ޖެހުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
Ø
ނިއުމޯނިޔާ ޖެހުން
Ø
ލޭމައްޗަށްދިއުން
Ø
ގުރުދާގައި ހިލައުފެދުން
Ø
ހަރަކާތްނުކުރެވުން
ނުވަތަ މުޅިމީހާ އެއްކޮށްވާގިނެތި ނުކުޅެދޭމީހަށްވުން
Ø
ހިތުގެ ބޭރު މަސްފަށަލަ
ދުޅަވުން
Ø
ހިމަ ގޮހޮރުގެ ބާރުދޫވެ،
މަސައްކަތްނުކުރުން
Ø
ޝޮކުޖެހުން
Ø
ޕޯސްޓް-ޕޯލިއޯ
ސިންޑްރޯމް : މިއީ ޕޯލިއޯ ނުވަތަ ވާބަލި ޖެހުމަށްފަހު ނުކުޅެދުންތެރިކަން
އަހަރުތަކަކަށް ދެމިގެން ދިއުމެވެ އެގޮތުން 35-25 އަހަރާއި ދެމެދުގެ މުއްދަތަކަށް
ވެސް މިނުކުޅެދުންތެރިކަން ދެމިގެން ހިގައިދާނެ އެވެ. އެގޮތުން ޕޯލިއޯ
ޖެހުމަށްފަހު ދިގުމުއްދަތަކަށް ދެމިހުންނާނެ އަލާމާތްތަކުގެ ތެރޭގައި:-
Ø
މަސްތަކާއި ހުޅުތަކުގައި
ރިހި، މަޑުމަޑުން އެބައިތަކުގެ ބާރުދެރަވަމުން ދިއުން
Ø
ކިތަންމެ
ކުޑަކަމެއްކޮށްލި ނަމަވެސް ވަރަށް ބޮޑަށް ވަރުބަލިވެ ވާޅުވުން
Ø
ހަށިގަނޑުގެ މަސްތައް
ހިނދި ވަޅޯވުން
Ø
ނޭވާލާން ދަތިވުމާއި،
ކާތަކެތި ދިރުވަން އުދަނގޫވުން
Ø
ނިދީގައި ގުގުރި ދެމުން
Ø
ފިއްޔަށް
ތަހައްމަލުކުރަން ދަތިވުން ނުވަތަ ފިނިވުމުން އުދަނގޫވުން
ދެނެގަތުން
ވާބަލި ޖެހިފައިވާކަން ދެނެގަނެވެނީ ބަލިމީހާ
ދޭމައުލޫމާތާއި، ކުރިމަތިވެފައިވާ އުދަނގޫތަކާއި، ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑު
ހޯދައި ބަލާބެލުން ތަކުގެ މައްޗަށެވެ. ބަލިޖެހިފައިވާ މީހަކާއި
ގައިގޯޅިވެފައިވުމާއި، ނުވަތަ ބަލީގެ ވައިރަހަށް ހުށަހެޅުމާއި، ކުރިން ބައްޔާއި
ދެކޮޅަށް ރައްކާތެރިކޮށްދޭ ވެކްސިން ނުދީ ހުރުމަކީ ބަލިޖެހުމަށް މަގުފަހިވާނެ
ކަމެކެވެ.
ވާބަލިޖެހިފައިވާކަން ދެނެގަތުމަށް ލޭގެ ޓެސްޓު ހަދައިގެން
ލޭގައި ބައްޔާއި ގުޅިގެން އުފެދޭ ހަށިދަމަނަ އުފެދިފައިވޭތޯ ބަލާނެއެވެ. މީގެ
އިތުރުން ހަށިގަނޑުން ދިޔައެއް (ދަވަ، އަރިދަފުސް، ބޮޑުކަމުނަޖިސް، ނުވަތަ
ސިކުނޑީގެ ތެރޭގައިވާ ދިޔަ) ނަގައިގެން އެއިންދައި ހައްދައިގެން އޭގައި ބަލި
ޖައްސާ ވައިރަސް ހުރިތޯ ވެސް ދެނެގަނެ ވެއެވެ.
ފަރުވާ
ވާބަލި ޖެހުމުން ދެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް
ނުވެއެވެ. އެހެންކަމުން އެންމެ މުހިއްމު ކަމަކީ ބަލިޖެހުމުން ކުރިން ބަލިން
ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމެވެ. ވާބަލިޖެހި، ވާގިނެތޭ
ވައްތަރު ކުރިމަތިވުމުގެ ކުރިން، ބަލިމީހާގެ ހާލަތު ރަގަޅަށް ބަލަމުންގެންދިއުން
މުހިއްމެވެ. އަދި ވާގިނެތޭ ވައްތަރު ކުރިމަތިވެފައިވާ މީހުންނަށް ނޭވާލާ ނިޒާމުގެ
މަސައްކަތަށް އަންނަ ބަދަލުތައް ބަލަމުން ގެންދިއުން މުހިއްމެވެ.
ވާބައްޔަށް ހަގީގީ ފަރުވާއެއް ނުވިޔަސް އޭގެ އުދަނގޫތައް
ކުޑަކޮށްދިނުމަށް ދެވޭ ފަރުވާ ހުރެއެވެ. އެގޮތުން ކުޑަކަމުދާ ނިޒާމަށް ދިމާވާ
މައްސަލަތަކަށް ފަރުވާ ކުރުމަށާއި، ތަދުކެނޑުވުމާއި، މަސްގުޅަކެއުން ފަދަ
ކަންތައްތަކަށް ފަރުވާގެ ގޮތުގައި ބޭސްތައް ތައްޔާރު ކުރެވިފައި ހުރެއެވެ.
ހަށިގަނޑުގެ ގުނަވަންތަކުގެ ވާގިނެތުމުން ދެވޭ މައިގަނޑު
ފަރުވާ އަކީ އެކަން ލުއިކުރުމަށް ދެވޭ ފަރުވާ އެކެވެ. އެގޮތުން އެންމެ އާންމުކޮށް
ދެވެނީ ކަސްރަތުގެ ފަރުވާ(Physiotherapy) އެވެ. ހަށިގަނޑަށް ފައިދާހުރި
ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ގިނަގިނައިން އަރާމުކުރުމަކީ ބަލީގެ
އުދަނގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމެވެ.
ރައްކާތެރިވުން
އޯރަލް ޕޯލިއޯ ވެކްސިން
ވާބަލިން ރައްކާތެރިވުމުގެ ގޮތުން ދީއުޅޭ ވެކްސިން އަކީ
ޕޯލިއޯ ވެކްސިން އެވެ. މިއީ ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން
ގަވާޢިދުން ދެމުންގެންދާ ވެކްސިނެކެވެ. ޕޯލިއޯ ވެކްސިން ދެނީ އަނގަޔަށް ތިއްކެއް ޖައްސައިގެންނެވެ.
އެގޮތުން 2 ތިކި ކޮންމެ ފަހަރަކު ވެސް ދޫމައްޗަށް ޖައްސާނެ އެވެ. މިވެކްސިންގެ 4
ޑޯޒު ދެވެއެވެ. އެއީ:-
Ø
ފުރަތަމަ ޑޯޒް :
އުފަންވުމާއެކު
Ø
ދެވަނަ ޑޯޒް : ފުރަތަމަ
ޑޯޒް ދިންތާ 1 މަސް ފަހުން
Ø
ތިންވަނަ ޑޯޒް : ދެވަނަ
ޑޯޒް ދިންތާ 1 މަސް ފަހުން
Ø
ހަތަރުވަނަ ޑޯޒް :
ތިންވަނަ ޑޯޒް ދިންތާ 1 މަސް ފަހުން
ނޯޓް : ދިވެހިރާއްޖޭގައި
މިވެކްސިންގެ އިތުރު ޑޯޒެއް ނުދެއެވެ. ނަމަވެސް ބައެއް ގައުމުތަކުގައި
މިވެކްސިންގެ ބޫސްޓަރ ޑޯޒެއް އުމުރުން 24-18 މަހާއި ދެމެދުގައި ދީއުޅެއެވެ. އަދި
ބޫސްޓަރ ޑޯޒެއް ސުކޫލަށް ވައްދާ އުމުރުގައި ދީއުޅެއެވެ.
އިންއެކްޓިވޭޓަޑް ޕޯލިއޯ ވެކްސިން
ބޭރު ބައެއް ގައުމުތަކުގައި އިންއެކްޓިވޭޓަޑް ޕޯލިއޯ
ވެކްސިން(IPV) ދީއުޅެއެވެ. މިވެކްސިންގެ ޖުމުލަ 4
ޑޯޒް ދެވެއެވެ.
Ø
އުމުރުން 2 މަހުގައި
ޑޯޒެއް
Ø
އުމުރުން 4 މަހުގައި
ޑޯޒެއް
Ø
އުމުރުން 18-6 މަހާއި
ދޭތެރޭގައި ޑޯޒެއް
Ø
އުމުރުން 6-4 އަހަރާއި
ދެމެދު ބޫސްޓަރ ޑޯޒެއް
ބޮޑެތި މީހުންނަށް ވެކްސިން ދޭންޖެހޭނެތަ؟
ގިނަ ބޮޑެތި މީހުންނަށް ވެކްސިން ބޭނުމެއް ނުވާނެ އެވެ.
ސަބަބަކީ ކުޑައިރުގައި ގިނަ މީހުންނަށް ވެކްސިން ޖަހާފައި ހުންނާތީ އެވެ. ބޮޑެތި
މީހުންގެ ތެރެއިން އަންނަނިވި ފަރާތްތަކަށް އަންނަނިވި ހާލަތްތަކުގައި ވެކްސިން
ދޭން ޖެހެއެވެ.
Ø
ޕޯލިއޯ އާންމު
ހިސާބުތަކަށް ދަތުރުކުރުން
Ø
ލެބޯޓްރީގައި ޕޯލިއޯ
ވައިރަސް ހުރި ނަމޫނާތައް އުފުލައިހަދާ މީހުން
Ø
ޞިއްޙީ ދާއިރާގައި
މަސައްކަތްކުރާ މީހަކަށްވުން
ބޮޑެތި މީހުންގެ ތެރެއިން މިދެންނެވި 3 ގުރޫޕްގައި ހިމެނޭ
ފަރާތްތަކަށް ކުރިން ވެކްސިން ދީފައިނުވާނަމަ، އިންއެކްޓިވޭޓަޑް ޕޯލިއޯ ވެކްސިންގެ
3 ޑޯޒު ދޭން ޖެހެއެވެ. އެއީ:-
Ø
ފުރަތަމަ ޑޯޒް : ކޮންމެ
ވަގުތަކު ވެސް ދެވިދާނެ
Ø
ދެވަނަ ޑޯޒް : ފުރަތަމަ
ޑޯޒް ދިންތާ 2-1 މަސްފަހުން
Ø
ތިންވަނަ ޑޯޒް : ދެވަނަ
ޑޯޒް ދިންތާ 12-6 މަސްފަހުން
ވާބަލިން ރައްކާތެރިވުމަށް އާންމު ގޮތެއްގައި
ކުރެވިދާނެ ކަންތައްތައް
·
ޞިއްޙީ ހޭލުންތެރިކަން :
ބަލިފެތުރެނީ ކިހިނެއްކަން އޮޅުން ފިލުވައިދިނުން މުހިއްމެވެ.
·
ސާފު ބޯފެން ލިބޭނޭ
ނިޒާމެއް ހަމަޖެހިފައި އޮތުން
·
ކުނިބުނި ނައްތާލާނޭ
ހަރުދަނާ ނިޒާމެއް ހަމަޖެހިފައި އޮތުން
·
މެހި ފަދަ ތަކެތި
ކާބޯތަކެތި ރައްކާތެރިކުރުން
·
ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުން
·
ނަޖިސް ނައްތާލާނެ
ނިޒާމެއް ހަމަޖެހިފައި އޮތުން
·
ކާތަކެތީގެ
ސާފުތާހިރުކަމަށް ރައްކާތެރިވުން
·
ކާނާ އުފުލާމީހުންގެ
ސްޕަވިޝަން އެއް ހެދުން
·
ގިނަގިނައިން އަތްދޮވުން
·
ރޯމޭވާ ތަރުކާރީ
ރަގަޅަށްދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން
·
ބަލިޖެހިފައިވާ މީހުންނާއި
މާބޮޑަށް ގައިގޯޅިވެ ނޫޅުން
·
ކެއްސާ ކިނބިހިއަޅާއިރު
އަނގަޔާއި ނޭފަތް ނިވާކުރުން
·
ޖަރާސީމު ހުންނާނެހެން
ހީވާތަންތާގައި އަތްނުލުން
·
އަނގަޔާއި ނޭފަތާއި
ލޮލުގައި އަތްލުމުން ދުރުހެލިވުން
·
އާންމު ސާފުތާހިރުކަމަށް
ރައްކާތެރިވުން
·
ދިރިއުޅޭ ތަން ވައިދައުރުވާނޭހެން
ހުރުން
·
ގޭތެރެ ހިރަފުސް ވިޔަނުދީ
ފޮޅައި ސާފުކުރުން
·
މާބޮޑަށް
ތޮށްޖެހިފައިވާގޮތަށް ގެތައް ބިނާނުކުރުން
·
ކުދި ތަންތަނުގައި ތަނާ
އެކަށޭނަވަރަށްވުރެ ގިނައިން މީހުން ނޫޅުން
މައުލޫމާތު :-
·
ކުޑަދަރިފުޅަށް ވެކްސިން
ދީގެން މިފަދަ ބަލިތަކުން ރައްކާތެރިކުރެވިދާނެ – ވެކްސިން ތަކަށް ޚާއްޞަ ޕޯސްޓަރ –
ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – 1999
·
ޕޯލިއޯން
ރައްކާތެރިވުމަށް ތުއްތު ދަރިފުޅަށް ވެކްސިންގެ 4 ޑޯޒުދެއްވާ – ޕޯސްޓަރ – ޑިޕާޓްމަންޓް
އޮފް ޕަބްލިކް ހެލްތު - 2007
·
ދަރިމައިވުމުގެ ޞިއްޙަތު
19 – ތުއްތު ކުދިންނަށް ވެކްސިންދިނުން – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު –
އދ.އާބާދީ އާއި ބެހޭ ޖަމްޢިއްޔާ – ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން
·
އިންޓަނެޓްގައިވާ ބައެއް
މެޑިކަލް ވެބްސައިޓްތައް
No comments:
Post a Comment