Thursday, March 29, 2012

ޝިގެއްލާ


ޝިގެއްލާ
ޝިގެއްލާ (Shigellosis) އަކީ ބޭރަށްހިންގުމުގެ ވައްތަރެކެވެ. މިއީ ޝިގެއްލާ ކިޔާ ބެކްޓީރިޔާގެ ގުރޫޕަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ 6 މަހާއި 5 އަހަރާއި ދެމެދުގެ ތުއްތު ކުދިންނަށް ކަމަށް ވިޔަސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް މިބަލި ޖެހިދާނެ އެވެ.

ސަބަބު
ޝިގެއްލާ ޖެހެނީ ޝިގެއްލާ ކިޔާ ބެކްޓީރިޔާ ގެ ގުރޫޕެއްގެ ސަބަބުންނެވެ. ޝިގެއްލާ ބެކްޓީރިޔާގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ޝިގެއްލާ ޖައްސާކަމަށް ފާހަގަކުރެވިފައިވާ ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ:-
·        ޝިގެއްލާ ޑިސެންޓްރިއާ
·        ޝިގެއްލާ ޝިގެއްލާ
·        ޝިގެއްލާ ޝިމިޓްޒީ
·        ޝިގެއްލާ ފްލެކްސްނެރީ
·        ޝިގެއްލާ ބޮއިޑީ
·        ޝިގެއްލާ ސޮނޭއި

ބަލިފެތުރޭގޮތް
(ހ) - ޝިގެއްލާ ޖައްސާ ޖަރާސީމާއިި ތަޣައްޔަރުވެފައިވާ އަތް ނުވަތަ އިގިލި އަނގަޔަށްލުން : މިސާލަކަށް ޝިގެއްލާ ޖެހިފައިވާ މީހަކު ފާޚާނާކޮށް ނިމިގެން ސާފުވެފައި، ރަގަޅަށް އަތްނުދޮންނަނަމަ އެމީހެއްގެ އަތުގައި ޖަރާސީމު ހުންނާނެ އެވެ. އަދި އެހެންމީހަކާއި ސަލާންކޮށް ހަދައިފިނަމަ އެމީހެއްގެ އަތަށް ޖަރާސީމް ވާޞިލްވެދާނެ އެވެ. އެއަށްފަހު އެމީހަކު އަތް ނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. މީގެ އިތުރުން އެފަދަ މީހަކު ބޭނުންކުރާ ތަކެތީގައި ވެސް ޖަރާސީމު ހުރެދާނެ އެވެ. އަދި އެފަދަ އެއްޗެއްގައި އަތްލައި، އަތް ޖަރާސީމާއި ތަޣައްޔަރުވެފައި ވަނިކޮށް ނުދޮވެ، އަނގަޔަށް އަތް ލެވިއްޖެނަމަ ބަލިޖެހިދާނެ އެވެ.

(ށ) - ޝިގެއްލާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި،ކިރު ކިރުން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރުން : ބައެއް ފަހަރު ބޭނުންކުރެވޭ ފެނަކީ ނަޖިހާއި ތަޣައްޔަރުވެފައިވާ ފެނަކަށް ވެދާނެ އެވެ. އަދި އެގޮތުން ކޮލެރާގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނެއް ބުއިމަކީ ވަރަށް ފަސޭހައިން ބަލިޖެހޭނެ ކަމެކެވެ.



(ނ) - ޝިގެއްލާ ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ މޭވާ ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުން : މިސާލަކަށް ޝިގެއްލާ ޖެހިފައިވާ މީހެއްގެ އަތް ޖަރާސީމާއި ތަޣައްޔަރުވެފައި ވަނިކޮށް (ފާޚާނާކޮށްގެން ރަގަޅަށް އަތްނުދޮވެ)، ކާތަކެތި އުފުލައި ހެދުމުން އެތަކެތި ޖަރާސީމާއި ތަޣައްޔަރު ވެއެވެ. އަދި އެއަށްފަހު ސަލާމަތުންހުރި މީހަކު އެތަކެތި ކައިފިނަމަ އެމީހަކަށް ބަލިޖެހިދެއެވެ.

(ރ) - މެހިފަދަ ތަކެތި އަދާކުރާ ދައުރު: މެހި ފަދަ ތަކެއްޗަކީ ޝިގެއްލާ ފަދަ ބަލިތައް ފެތުރުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ސަބަބަކީ އެކަތިން އަނެކައްޗަށް ބަލި ޖައްސާ ބެކްޓީރިޔާ އުފުލަނީ މެހިފަދަ ތަކެތި ކަމަށްވާތީ އެވެ. މިސާލަކަށް ފަސް މައްޗަށް ޝިގެއްލާ ޖެހިފައިވާ މީހާ ބޮޑުކަމު ހިގައްޖެނަމަ، މެހި ފަދަ ތަކެތި އޭގައި ޖައްސައި، އެއަށްފަހު ގޮސް ކާތަކެތީގައި ޖެއްސުމުން އެކާތަކެތި ބޮޑުކަމު ނަޖިހާއި ތަޣައްޔަރު ކުރެއެވެ. އެއަށްފަހު އެކާތަކެތި ކައިފިނަމަ ސަލާމަތުން ހުރި މީހާއަށް ބަލިޖެހިދާނެ އެވެ.

(ބ) – ޖިންސީގުޅުންހިންގުން : ވަރަށް މަދު ހާލަތެއްގައި ބަލިޖެހިފައިވާ މީހަކާއެކު އަނގައިން ނުވަތަ ފުރަގަސް ފަރާތުން ޖިންސީގުޅުން ހިންގައިފިނަމަ ޝިގެއްލާ ޖެހިދާނެއެވެ.

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޝިގެއްލާ ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 7-1  ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

އަލާމާތްތައް : ޝިގެއްލާ ޖެހުމުން ބައެއް މީހުންގެ ފުށުން އެއްވެސް އަލާމާތެއް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން އެހެންމީހުންނަށް ބަލި ފަތުރަމުންގެންދާނެ އެވެ. ޝިގެއްލާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ލޭބޭރަށްހިންގުން، ބަނޑުގައި ރިހުން، ބޮޑުކަމުދާއިރު ތަދުވުން، ބޮޑުކަމުދާ ތަކެތީގައި ދަވަ ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު މޭނުބައިކޮށް ހޮނޑުލެވިދާނެ އެވެ. މިކަންތައްތައް ފެށެނީ ޖަރާސީމަށް ހުށަހެޅޭތާ 2-1 ދުވަހުގެ ތެރޭގައެވެ. އާންމުގޮތެއްގައި ޝިގެއްލާގެ އުދަނގޫތައް 7-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅުވެއެވެ. ބައެއް މީހުންނަށް އާދަޔާ ޚިލާފަށް ބޮޑަށް ނުވަތަ ގިނައިން ބޭރަށްހިންގައި ހޮސްޕިޓަލުގައި ބާއްވަންޖެހޭ ފަހަރު ވެސް އާދެއެވެ. ޝިގެއްލާ ޖެހުމާއި ގުޅިގެން 2 އަހަރުން ދަށުގެ ކުދިންނަށް މާބޮޑަށް ބޭރަށްހިންގައި، ހުންއައުމާއެކު ފިޓުޖެހުމަކީ ވެދާނެ ގޮތެކެވެ.

ނުރައްކާތައް
(ހ) – ހަށިގަނޑުން ފެންހުސްވުން (Dehydration): ޝިގެއްލާ ހުރިހާ ވައްތަރެއް ޖެހުމުން ވެސް ހަށިގަނޑުން ފެންހުސްވުން މެދުވެރިވުމުގެ ފުރުޞަތު އޮވެއެވެ. ޝިގެއްލާ ޖެހުމުން ބޭރަށްހިންގައި ހަށިގަނޑުން ފެންހުސްވުމަކީ ވެދާނެ ގޮތެކެވެ. ފެންހުސްވެފައިވާ މިންގަނޑު ކަނޑައަޅަނީ ބޭރުވެފައިވާ ފެނުގެ މިންވަރުގެ މައްޗަށެވެ. ބޭރަށްހިންގުން ޖެހި އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ހަށިގަނޑުން ފެން މަދުވުމަކީ ވަރަށް ގާތް ކަމެކެވެ.

(1) - ހަށިގަނޑުން ފެންމަދު ވުމުން ބޮޑެތިމީހުންގެ ފުށުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:- ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން، ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން، އަނގަޔާއި ދޫ ހިކިފައި ހުރުން، ލޯވަޅުވަނުން، ވަރުބަލިކަން އިހްސާސްވުން، ބޯއެނބުރުން، ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން، އަވަސް އަވަހަށް ފުންކޮށް ނޭވާލުން، ވިންދު ބަލިވުން، ލަސްލަހުން ވިންދު ޖެހުން، ލޭދަށްވުން ނުވަތަ ލޭގެ ޕްރެޝަރު ދަށްވުން، ވާނުވާ ނޭގުން ، އަދި ޝޮކުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
(2) - ފެންމަދުވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:- ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން، ރޯވަގުތުގައި ކަރުނަ ނެތުން، ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން، ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން، ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން، ހުން ވަރަށް ގަދަކޮށް ހުރުން، އުނދަގޫތަކެއްވާތީ އުޅުން، ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން ބަރުދަން ލުއިވުން، ފަދަ ކަންތައްތައް ހިމެނެއެވެ.
(ށ) – ރެއިޓާރސް ސިންޑްރޯމް (Reiter’s syndrome): ޝިގެއްލާ ފްލެކްސްނެރީ ކިޔާ ބެކްޓީރިޔާ އިން ޝިގެއްލާ ޖެހޭ 3 އިންސައްތަ މީހުންނަށް ލޯހިރުވައި،ކަހައި، ތަދުވެ، އުދަނގޫވުން، ކުޑަކަމުދާއިރު ތަދުވުން، އަދި ހުޅުތަކުގައި  ރިހުން ކުރިމަތި ކުރުވައެވެ. މިހާލަތަށް ކިޔަނީ "ރެއިޓާރސް ސިންޑްރޯމް"އެވެ. މިއުދަނގޫތައް ދެތިން މަހުން ފެށިގެން ދެތިން އަހަރަށް ވެސް ހުރެދާނެއެވެ. އަދި ދާއިމީ ސިފައެއްގައި ހުޅުތައް ދުޅަވުމުގެ މައްސަލަ ފެންމަތިވެގެން ދެއެވެ.

(ނ) – އެހެން ބައެއް ކަންތައްތައް
·        ލޭގައި ޖަރާސީމު އެޅުން (Bacteremia): މިކަން ބޮޑަށް ދިމާވަނީ ރަަގަޅުކާނާ ނުލިބޭ ކުދިންނަށެވެ. މިކަންދިމާވާ 20 އިންސައްތަ ކުދިން މަރުވެއެވެ. އެފަދަ ކުދިން މަރުވަނީ ގުރުދާ ފޭލްވުން، ލޭގެ ރަތްސެލްތައް ބައިބައިވުން، ލޭގެ ޕްލެޓްލެޓްގެ މިންވަރު ދަށްވުން، ގޮހޮރުގެ ތެރެއަށް ލޭހިލުން އަދި ޝޮކުޖެހުން ފަދަ ކަންތައްތައް މެދުވެރިވެގެންނެވެ.
·        ހިމޮލިޓިކް ޔުރިމިކް ސިންޑްރޯމް (Haemolytic uremic syndrome): މިއީ ވެސް ޝިގެއްލާ ޖެހޭ ބައެއް މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ. މިކަންދިމާވާ 50 އިންސައްތަ މީހުން މަރުވެއެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި ލޭގެ ރަތް ސެލްތައް ބައިބައިވުން، ގުރުދާ ފޭލްވުން، ލޭގައި ޔޫރިއާ ޖަމާވުން، ގުރުދާ ފޭލްވުން ފަދަ ކަންކަން ހިމެނެއެވެ.
·        ލޭގައި ސޯޑިއަމްގެ މިންވަރު މަދުވުން (Hyponatraemia): މިއީ ބޭރަށްހިންގުމުން ހަށިގަނޑުން ލޮނުގެ ބައި މަދުވެގެންދާތީ ދިމާވާ ކަމެކެވެ.
·        ނާރުތަކުގެ ބަލިތައް (Neurologic disease): ފިޓުޖެހުމަކީ ހުންއައުމުން ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. މީގެ އިތުރުން ބޮލުގައި ރިހުން ވާނުވާނޭގުން ފަދަ ކަންތައްތައް މެދުވެރިވެއެވެ.

ދެނެގަތުން
ޝިގެއްލާކަން ދެނެގަތުމަށް ބަލިމީހާދޭ މައުލޫމާތާއި ދިމާވެފައިވާ އުދަނގޫތައް އަދި ހަށިގަނޑުން ފެންނަ ނިޝާންތަކަކީ މުހިއްމު ކަންތައްތަކެވެ. ޝިގެއްލާ ޖެހުމުން އާންމު ގޮތެއްގައި ލޭގެ ޓެސްޓު ހަދާނެއެވެ. އެއީ ޖަރާސީމު އަސަރުހުރިތޯ ނުވަތަ ނެތްތޯ ބެލުމަށެވެ. މީގެ އިތުރުން ބޮޑުކަމު ނަޖިސް ބޭނުންކޮށްގެން ކަލްޗަރ ހަދައި ޖަރާސީމު ހުރިތޯ ބަލާނެއެވެ.

ފަރުވާ
ޝިގެއްލާ ފަރުވާގައި އެންމެ މުހިއްމު ކަމަކީ ހަށިގަނޑުން ފެން ހުސްވިޔަނުދީވޭތޯ ބެލުމެވެ. ބޭރަށްހިންގުން ހުއްޓުވުމަށް އެއްވެސް ބޭހެއް ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ.

ހަށިގަނޑުން ފެންހުސްވިޔަ ނުދިނުމަށްޓަކައި ޝިގެއްލާ ޖެހުމުން ލޮނު ފެން ތައްޔާރުކޮށްގެން އެތިފޮދުފޮދުން ދެވިދާނެ އެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު ލޮނު ފެންތަށްޓެއް ބޭނުންކުރެވިދާނެ އެވެ. އާންމުކޮށް ކާން ބޭނުންކުރާ ތަކެތި ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ހަކުރާއި، ސަރުބީ ގިނަ ކާނާ ބޭނުންކުރުން ރަގަޅެއް ނޫނެވެ. ކުޅިހަވާދުލީ ތަކެތި ބޭނުންކުރުން ވެސް ރަގަޅެއް ނޫނެވެ. އަދި ކޮފީ ފަދަ ތަކެތި ބޭނުންކުރުން ވެސް ރަގަޅެއް ނޫނެވެ.
އާދައިގެ ވަރަކަށް ދިމާވާ ޝިގެއްލާއަށް އެންޓިބަޔޮޓިކް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އާންމު އުޞޫލަކުން ބަލާއިރު ޝިގެއްލާ އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރާނެ އެވެ. ޝިގެއްލާ އަށް ފަރުވާކުރުމަށް އާންމުކޮށް ބޭނުންކުރެވޭ އެންޓިބަޔޮޓިކް ތަކުގެ ތެރޭގައި އެމްޕިސިލިން، ސެޕްޓްރާން، ސެފްޓްރިއެކްސޯން، އެޒިތްރޯމައިސިން، އަދި ސިޕްރޯފްލޮކްސަސިން ހިމެނެއެވެ.

ރައްކާތެރިވުން
ޝިގެއްލާއިން ރައްކާތެރިވުމަށް އާންމު ގޮތެއްގައި ކުރެވިދާނެ ކަންތައްތައް
·        ޞިއްޙީ ހޭލުންތެރިކަން : ބަލިފެތުރެނީ ކިހިނެއްކަން އޮޅުން ފިލުވައިދިނުން މުހިއްމެވެ.
·        ސާފު ބޯފެން ލިބޭނޭ ނިޒާމެއް ހަމަޖެހިފައި އޮތުން
·        ކުނިބުނި ނައްތާލާނޭ ހަރުދަނާ ނިޒާމެއް ހަމަޖެހިފައި އޮތުން
·        މެހި ފަދަ ތަކެތި ކާބޯތަކެތި ރައްކާތެރިކުރުން
·        ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުން
·        ނަޖިސް ނައްތާލާނެ ނިޒާމެއް ހަމަޖެހިފައި އޮތުން
·        ކާތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
·        ކާނާ އުފުލާމީހުންގެ ސްޕަވިޝަން އެއް ހެދުން
·        ގިނަގިނައިން އަތްދޮވުން
·        ރޯމޭވާ ތަރުކާރީ ރަގަޅަށްދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން
·        ރައްކާތެރިގޮތުގައި ދީނުގެ ހަމަތަކާ އެއްގޮތަށް ޖިންސީގުޅުންހިންގުން

ބަލިޖެހިފައިވާ މީހަކުނަމަ އެހެންމީހުންނަށް ބަލިފެތުރުނަ ނުދިނުމަށްޓަކައި:-
·        ގިނަގިނައިން އަތްދޮވުން : މިއީ އެހެންމީހުންނަށް ބަލިފެތުރުނަ ނުދިނުމަށްކުރެވޭނެ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ފާޚާނާ ކޮށްގެންނާއި، ކެއުމުގެ ކުރިން ދެއަތްތިލަ ސައިބޯނިލައިގެން ރަގަޅަށް ދޮންނަން އާދަކުރާށެވެ. ކުޑަކުދިން ޑައިޕަރ ނުވަތަ ނެޕީ ބަދަލުކުރުމަށްފަހު ވެސް އަތްދޮންނަށްވާނެ އެވެ.
·        ގޭތެރޭގައި ގިނައިން އަތްލައިހެދޭ ތަކެތި ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުން : އެގޮތުން ފާޚާނާ، ދޮރުގެ އަތްގަނޑު، ފޯނުއަތްގަނޑު، ދޮރުގެ ގޮބު، ދޮރުގެ ތަޅު، ފަދަ ގިނައިން އަތްލެވޭ ތަންތަން ރަގަޅަށް ދޮވެ ސާފުކުރާށެވެ.
·        އެހެންމީހުންނަށް ކާތަކެތި ތައްޔާރުކުރުމާއި ކާތަކެތި އުފުލައި ހެދުމުން ދުރުހެލިވުން: ޚާއްޞަކޮށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ނުވަތަ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނަމަ، ބަލި ރަގަޅުވަންދެން މަސައްކަތާއި ދުރުހެލިވުން މުހިއްމެވެ.
·        ބަލިޖެހިފައިވާ މީހެއްނަމަ ރަގަޅުވަންދެން އެހެންމީހުންނާއި އެކު ޖިންސީގުޅުން ނުހިންގުން

މައުލޫމާތު :-
·        އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް



No comments:

Post a Comment