ހޯއްގޮވާ
ކެއްސުން
ހޯއްގޮވާ ކެއްސުން (Pertussis or Whooping
cough)
އަކީ ނޭވާލާ ނިޒާމަށް ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ފިނިމޫސުމުގެ
ދުވަސްވަރު މިބަލި ފެތުރޭ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. މިބަލި ފުރަތަމަ
ފެނިފައިވަނީ މީލާދީން 1640 ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާ ފަދަ
ގައުމުތަކުގައި ވެކްސިން އިން ރައްކާތެރިކުރެވޭ ބަލިތަކުގެ ތެރެއިން 5 އަހަރުން
ދަށުގެ ކުދިންނަށް އެންމެ އާންމުކޮށް ޖެހޭ ބައްޔެއްކަމަށް ތަފާތު ހިސާބުތަކުން
ދައްކަނީ ހޯއްގޮވާ ކެއްސުމެވެ. މިއީ އަރިދަފުސް ރޯގާ، މޫސުމީ އަރިދަފުސް ރޯގާ އަދި
އޫރު ރޯގާ ފަދަ ބަލިތަކާއި އެއްގޮތް ސިފަތަކެއް ފެންނަ ބައްޔަކަށްވުމުން ބައެއް
ފަހަރު މިބަލި ދެނެގަންނަން އުދަގޫވެއެވެ.
މިއީ އާންމު ގޮތެއްގައި ޅަފަތުގައި ޖެހޭ ބައްޔެއް
ކަމަށްވިޔަސް ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހެއެވެ. އާންމު ގޮތެއްގައި ބަލީގައި
ބޮޑުވަރުވަނީ ކުޑަކުދިންނަށެވެ. ބަލިޖެހޭ ބޮޑެތި މީހުންގެ ތެރެއިން ކެއްސާފައި
އެތެރެއަށް ނޭވާލާއިރު ހޯއްއަޑުގޮވުން ކުރިމަތިވަނީ ގާތްގަނޑަކަށް ބަލިޖެހޭ ބޮޑެތި
މީހުންގެ 40-20 އިންސައްތަ އާއި ދެމެދުގެ އަދަދެއްގެ މީހުންނަށެވެ.
ސަބަބު
މިބަލިޖެހެނީ ބެކްޓީރިޔާގެ ބާވަތެއް ކަމުގައިވާ
"ބޯޑިޓެލާ ޕާޓަސިސް"(Bordetella pertussis) ގެ ސަބަބުންނެވެ. މިއީ ގްރާމް
ނެގެޓިވް ބެކްޓީރިޔާ އެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން މިޖަރާސީމުގެ
ހަމައެކަނި ރިޒާވަރ އަކީ "އިންސާނާ" އެވެ. މިބަލި ޖައްސާ ޖަރާސީމު
ފުރަތަމަ ހޯދިފައިވަނީ 1906 ވަނަ އަހަރުގައެވެ.
ފެތުރޭގޮތް، އަދި ބަލިޖެހުމުންވާގޮތް
ހޯއްގޮވާ ކެއްސުން ފެތުރެނީ:-
ü
ބަލިޖެހިފައިވާ މީހާ
ކެއްސައި ކިނބިއަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި،
ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުން
ü
ބަލިޖައްސާ ޖަރާސީމާއި،
ތަޣައްޔަރުވެފައި ހުރި ތަނެއް ނުވަތަ އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ،
އަނގަޔަށް ލޮލަށް، ނުވަތަ ނޭފަތަށްލުން
ނޭވާހިނގާ މަގުގެ ތެރޭގައި މިޖަރާސީމު ހެދިބޮޑުވެ،
ނޭފަތާއި ނޭވާ ހިނގާ މަގުގެ ބައެއް ހިސާބުތަކުގައި ހުންނަ ނަރުވާ ތަކަށް
ގެއްލުންދޭ ވިހައެއް އުފައްދައެވެ. މިނަރުވާ ތަކަކީ ނޭވާލުމުގެ އެތެރޭގައި
ހަށިގަނޑަށް އެތެރެވާ ކުންޏާއި ހިރަފުސް ފަދަ ތަކެތިން ހަށިގަނޑު ހިމާޔަތްކޮށްދޭ
އައްޑަނަ ތަކެކެވެ. މިގޮތަށް ނަރުވާތަކަށް ގެއްލުންވެ އަނިޔާވުމުގެ ނަތީޖާ އަކީ
ނޭވާހިނގާމަގު ދުޅަވެގެން ދިއުމެވެ. އަދި ހޯއްގޮވާ ކެއްސުން ފެށިގެން އައުމެވެ.
އަލާމާތްތައް އަދި ނުރައްކާތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް
ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް
ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން
ހޯއްގޮވާ ކެއްސުން ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް
ފަހު އޭގެ އަލާމާތްތައް ފެނުމަށް 14-7 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.
އެވްރެޖުކޮށް ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތެއް ނަގައެވެ.
ގައިންގަޔަށްއަރާ މުއްދަތު (Infectious period): ހޯއްގޮވާ ކެއްސުން
ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ ޖަރާސީމު
ހަށިގަނޑަށް ވަންނަތާ 7 ދުވަހުން ފެށިގެން (ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން
ފެށިގެން) ގޮސް، ހޯއްގޮވާ ކެއްސުން
ފެށުމަށްފަހު އަންނަ 3 ހަފްތާގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ބަލި
އެންމެ ބޮަޑަށް އެހެން މީހުންނަށް ފަތުރަނީ ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ނުވަތަ
އެންޓިބަޔޮޓިކް ދޭނަމަ، 5 ދުވަހު އެންޓިބަޔޮޓިކް ބޭނުންކޮށް ނިމެންދެނެވެ.
އަލާމާތްތައް : ހޯއްގޮވާ ކެއްސުމުގެ
އަލާމާތްތައް 3 މަރުހަލާއަކަށްބެހި ދެތިން ހަފްތާއަށް ދިގުދެމިދެއެވެ.
ފުރަތަމަ ހަފްތާގެ ތެރޭގައި: މިއީ ބަލިފެށިގެން އަންނަ
ހަފްތާ އެވެ. ނުވަތަ މިއީ ނޭފަތުން ފެން އަންނަ މަރުހަލާ(Catarrhal stage) އެވެ. މިމަރުހަލާ އާންމު ގޮތެއްގައި
2-1 ހަފްތާގެ މުއްދަތަށް ދެމިހުރެއެވެ. މިމަރުހަލާގައި ފެންނަ އަލާމާތްތަކުގެ
ތެރޭގައި:-
Ø
ކެއްސުން (އާންމުކޮށް
ހުންނާނީ ހިކި ކެއްސުމެކެވެ.)
Ø
ކިނބިހިއެޅުން
Ø
ނޭފަތުގެ ފާރު ދުޅަވެ، ނޭފަތުން
ފެންއަންނަ ގޮތްވުން
Ø
ބައެއް ފަހަރު:
o
އާދައިގެ ވަރަކަށް ހުންއައުން
o ލޯރަތްވެ ފެންއައުން
o ކަރުތެރެ ހަލާކުވުން
ދެވަނަ ހަފްތާގެ ތެރޭގައި : މިއީ ރޯގާގެ އުދަނގޫތައް ރަގަޅުވެ، ހޯއްގޮވާ ކެއްސުން
ފެށިގެން އަންނަ މަރުހަލާ(Paroxysmal stage) އެވެ.ނުވަތަ ހަފްތާ އެވެ.
މިމަރުހަލާގެ މުއްދަތު އެކި މީހުންނަށް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން
6-1 ހަފްތާ އާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާއިރު، ބައެއް ފަހަރު 10 ހަފްތާގެ
މުއްދަތަށް ވެސް ދިގުދެމި ދިއުމަކީ ވެދާނެ ގޮތެކެވެ. މިމަރުހަލާގައި ފެންނަ
އަލާމާތްތަކުގެ ތެރޭގައި:-
Ø
ކެއްސުން އިތުރުވުން
ނުވަތަ އަވަސް އަވަހަށް ގިނަގިނައިން ކެއްސުން : މިއީ ފުއްޕާމޭގެ ތެރޭގައި ވައިހިނގާ މަގުތަކުގައި ތަތްލާފައި ހުންނަ އޮލަ
ތަތް ދަވަތައް ބޭރުކުރަން އުދަގޫވުމުން ދިމާވާ ކަމެކެވެ.
Ø
ވަރަށް އުދަނގުލުން
ކެއްސުން
Ø
ކެއްސުން ދިގުލުން އަދި
ކެއްސާއިރު ދެލޯ ވަރަށް ބޮޑަށް ހުޅުވިފައި ހުރުން
Ø
އެތެރެއަށް ނޭވާލާއިރު
ހޯއް އަޑުގޮވުން
Ø
އެއަށްފަހު
(ހޯއްއަޑުގޮވައި ކެއްސުމަށްފަހު) ހޮނޑުލުން
Ø
ރޭގަނޑާއި ދުވާލުވެސް
މިކަން ތަކުރާރުވުން
ހޯއްގޮވާ ކެއްސުން ޖެހުމުން ކެއްސާ މިންވަރު ރޭގަނޑުގައި
އިތުރެވެ. އެވްރެޖްކޮށް 24 ގަޑި އިރުގެ ތެރޭގައި 15-12 ފަހަރު ހޯއްގޮވާ ގޮތަށް
ކެއްސައެވެ. އެގޮތަށް ކެއްސާ ފަހަރަކު 2-1 މިނިޓްވަރު ކެއްސުމުގައި ހޭދަވެއެވެ.
ކެއްސާލާ ކޮންމެ ފަހަރަކު މޫނުމަތި ރަތްވެ ކުލަ ބަދަލުވެގެން ދެއެވެ.
ކުޑަކުދިންނަށް ކެއްސުން ގަނޑުގެ ތެރޭގައި ނޭވާހުއްޓެން އުޅޭގޮތްވެ، ހަށިގަނޑުގެ
ބައިތަކަށް އޮކްސިޖަން ނުލިބި، ކުއްޖާ ނޫވެގެން ވެސް ދިއުމަކީ ވެދާނެ ގޮތެކެވެ. އާންމު
ގޮތެއްގައި ދެކެއްސުން ގަނޑުގެ ދެމެދުގައި ބަލިމީހާ ފެންނަ ފެނުމަށް ރަގަޅުހެން
ހީވާނެއެވެ. ބައެއް މީހުންނަށް އާދަޔާ ޚިލާފަށް ވަރުބަލިކަން އިހްސާސް ކުރެވޭނެ އެވެ.
6 މަހުން ދަށުގެ
ކުދިންނަށް:-
Ø
ކެއްސާފައި ހޮނޑުލުން
Ø
ކެއްސާއިރު
ހޯއްއަޑުނުގޮވުން
Ø
ބޮޑަށް ކެއްސާނަމަ ލޮލުން
ލޭއައުން ނުވަތަ ލޮލަށް ލޭއެރުން
ތިންވަނަ ހަފްތާގެ ތެރޭގައި: މިއީ ބަލި ރަގަޅުވާ މަރުހަލާ(Convalescent stage) އެވެ. މިމަރުހަލާ ދެތިން ހަފްތާއިން ފެށިގެން
ދެތިން މަހަށް ދިގުދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިމަރުހަލާގައި މަޑުމަޑުން
ކެއްސުން ރަގަޅުވަމުން އަންނާނެ އެވެ. ނަމަވެސް ރަގަޅުވަމުން އަންނަ މުއްދަތުގައި
އަރިދަފުސްޖެހި ކަމެއް ދިމާވެއްޖެނަމަ އަނެއްކާ ވެސް ކެއްސުން އިތުރަށް ގޯސްވެގެން
ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
ދިގުލައި ދިއުމުން މެދުވެރިވާ ނުރައްކާތައް
·
ނިއުމޯނިޔާ ޖެހުން :
ބަލިޖެހޭ ކޮންމެ 20 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ނިއުމޯނިޔާ ޖެހެއެވެ.
·
ބޭރަށްހިންގުމާއެކު
ހަށިގަނޑުން ފެންހުސްވުން
·
ސިކުނޑި ދުޅަވުން
·
ސިކުނޑިއަށް ލޭއެޅުން
·
ވާގިއެރުން ނުވަތަ
ފިޓްޖެހުން
·
ނޭވަޔަށް އުދަނގޫކުރުން
·
ބީރުވުން
·
ކާނާ ގޯސްވުން
·
ކެއްސާއިރު އުފެދޭ ޕްރެޝަރުގެ
ސަބަބުން ކުރާ އަސަރު
o ފުރަގަސް ފަރާތް ބޭރަށް ނިކުތުން
o ފޫޅުދަނޑީވައި ކުރިމަތިވުން
o ސިކުނޑިއަށް ލޭއެޅުން
o ނޭފަތުން ލޭއައުން
o ހަމުގެ ދަށަށް ލޭހިލުން
ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތައް
Ø
ނޭވާލަން ދަތިވެ
އުދަނގޫވުން
Ø
ހުންތިރިކުރުމަށް ބޭސް
ދިންނަމަވެސް ހުން މައިތިރިނުވެހުރުން
Ø
ދިޔާތަކެތި ބުއިމަށް
ނުކުޅެދުން
Ø
އަވަސް އަވަހަށް
ނޭވާލުމާއެކު، ކުއްޖާ ނޫވުން
Ø
ހަށިގަނޑުން ފެން
ހުސްވާކަމުގެ ނިޝާނެއް ފެނުން
ދެނެގަތުން
ހޯއްގޮވާ ކެއްސުން ބަލިމީހާއަށް ދިމާވެފައިވާ
އުދަނގޫތަކާއި، ހަށިގަނޑު ބަލައި ޗެކްކުރާ ޗެކުރުންތައް އަދި ކެއްސުމުގައި ހުންނަ
ސިފަތަކުން ނަގަައިގަނެވިދާނެ އެވެ. މީގެ އިތުރުން ބައެއް ފަހަރު ލޭގެ ޓެސްޓުތައް
ވެސް ހަދައެވެ. އެއީ ޖަރާސީމުގެ އަސަރު ހުރިނެތްގޮތް ބެލުމަށާއި، އެހެނިހެން
ބައިތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށްޓަކައެވެ. އަދި ބައެއް ފަހަރު
ފުއްޕާމޭގެ އެކްސްރޭ ވެސް ނަގައެވެ. މިއީ ބައްޔާއި ގުޅިގެން ދިމާވެދާނެ ނިއުމޯނިޔާ
ފަދަ ބަލިތަކުގެ އަސަރު ދެނެގަތުމަށް ކުރެވޭ ކަމެކެވެ.
ހޯއްގޮވާ ކެއްސުން ދެނެގަނެ އެބަލިކަން ޔަގީންކުރުމަށް
ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ ނޭފަތުން ނުވަތަ ކަރު ތެރެއިން ދަވަކޮޅެއް
ނަގައިގެން އޭގައި ބަލި ޖައްސާ ޖަރާސީމު ހުރިތޯ ބެލުމެވެ. ދަވަކޮޅު ނެގުމަށްޓަކައި
"ކެލްސިއަމް އެލްޖިނޭޓް" ނުވަތަ "ޑެކްރޯން" އިން
ތައްޔާރުކޮށްފައިވާ ސޯބެއް ބޭނުންކުރުން މުހިއްމެވެ. އެއީ އާންމުކޮށް ބޭނުންކުރެވޭ
ސޯބުގައި ހުންނަ ކަފަޔަކީ މިޖަރާސީމު ހެދިބޮޑުވުމަށް ހުރަސްއަޅާ އެއްޗެކެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުގައި ބަލީގެ ކުރީކޮޅު ދަވަ ނަގައިގެން
ކަލްޗަރކުރުމުން އޭގެ ނަތީޖާ ޕޮޒިޓިވް ވުމުގެ ފުރުޞަތު ބޮޑެވެ. ޖަރާސީމު މަރާ ބޭސް
ބޭނުންކުރާތާ 5 ދުވަސް ފަހުން ދަވަ ނަގައިގެން ބަލައިފިނަމަ، ނަތީޖާ
ނެގެޓިވްވާނެއެވެ. ހަމަ މިގޮތަށް
ޕޮލިމެރޭޒް ޗެއިން ރިއެކްޝަން ކިޔާ ޓެސްޓެއްގެ އެހީގައި ވެސް ބަލިޖައްސާ ޖަރާސީމު
ދަވައިގައި ހުރިތޯ ބެލިދާނެ އެވެ.
ފަރުވާ
ގޭގައި ދެވިދާނެ ފަރުވާ : ކުޑަކުދިންނަކީ
ބަލިޖެހުމުން ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ބޮޑުބަޔަކަށް ވުމުން ގިނަ
ފަހަރު ކުޑަކުދިންނަށް ބަލިޖެހުމުން ހޮސްޕިޓަލުގައި އެދުމަތި ކުރެވެއެވެ.
އެދުމަތިކޮށްގެން ފަރުވާ ދޭންނުޖެހޭ މީހުންނާއި ކުދިންނަށް ބަލިޖެހުމުން ގޭގައި
ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
ü
ބަލިޖެހިފައިވާ މީހާ
އެހެންމީހުންނާއި އެކަހެރިކޮށް (5 ދުވަހުގެ ޖަރާސީމުމަރާ ބޭސް ބޭނުންކޮށް
ނިމެންދެން) ވަކި ކޮޓަރިއެއްގައި ބޭއްވުން. މިމުއްދަތުގައި ބަލިމީހާއާއި
ގައިގޯޅިވާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް މާސްކު، ރުމާ ފަދަ އެއްޗެއް ބޭނުންކުރުން
ü
ރަގަޅަށް އަތްދޮވުމުގެ
އާދަ ހިފެހެއްޓުން: މިބަލީގެ ޖަރާސީމަކީ ތަންތަނުގައި ހަރުލުމަށްފަހު،
އެހެންމީހުންގެ އަތް ޖަރާސީމާއި ތަޣައްޔަރު ކުރުވުމުގެ ގާބިލިއްޔަތު ހުރި
ޖަރާސީމެކެވެ.
ü
ގިނަގިނައިން ދިޔާތަކެތި
ބުއިން : އެގޮތުން ސާދާ ފެން، ޖޫސް، ކުރުނބާ ފަނި، ސުރުވާ، ފަދަ ތަކެތި
ބޭނުންކުރެވިދާނެ އެވެ.
ü
މަދު އެތިކޮޅުކޮޅުން
ގިނަގިނައިން ކެއުން : މިގޮތަށް ހެދުމުން ހޮނޑުލެވުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
ü
ޑޮކްޓަރުގެ އިރުޝާދާއި
ނުލައި ކެއްސުމަށް ބޭހެއް ބޭނުން ނުކުރާށެވެ.
ü
ގޭގައި އާވި އެރުވުން :
އާވި އެރުވުމަކީ ކެއްސުން ލުއިކޮށްދީ، ދަވަތައް ވިރުވައިދޭނެ ކަމެކެވެ.
ü
ބަލިމީހާ އޮންނަ ތަނާއި
ގޭތެރެ، ހިރަފުހާއި، ދުމާއި، ދުންފަތުގެ ދުމުން ހިމާޔަތްކޮށްފައި ބޭއްވުން
މުހިއްމެވެ. މިއީ ބަލިމީހާގެ ޙާލަތު އިތުރަށް ގޯސްކުރުވާނެ ކަންތައްތަކެވެ.
ü
ހަށިގަނޑުން
ފެންހުސްވުމުގެ ނިޝާނެއް ފެނޭތޯ ބަލަމުންގެންދިއުން: އެގޮތުން ތުންފަތާއި ދޫހިކި،
ހަންގަނޑު ހިކި ކުރަކިވެ، ކުޑަކަމުދެވޭ މިންވަރު މަދުވެ، ރޯއިރު ކަރުނަ ނައިސް
ހުރުން ފަދަ ކަންތައްތައް މޮނީޓަރ ކުރެވިދާނެ އެވެ.
ބޭހުގެ ފަރުވާ : ބައްޔަށް ވަކި ޚާއްޞަ
ފަރުވާއެއް ނޯވެއެވެ. ނަމަވެސް މިއީ ޖަރާސީމުގެ ތެރެއިން ބެކްޓީރިޔާ އިން ޖެހޭ
ބައްޔަކަށް ވުމުން ޖަރާސީމުމަރާ ބޭސް ދެވެއެވެ. އެގޮތުން މިބައްޔާއި ގުޅިގެން
ޖަރާސީމު މަރާ ބޭސް ދެވެނީ ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށާއި،
އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަ ކުރުމަށްޓަކައެވެ. ޖަރާސީމު މަރާ
ބޭހުގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ބަލީގެ ކުރީކޮޅުގައި ދެވިއްޖެނަމައެވެ.
ü
ސޭންފޯރޑް
ގައިޑްލައިންގައި ބުނާގޮތުން އަންނަނިވި ޖަރާސީމު މަރާ ބޭސްތައް ދެވިދާނެ އެވެ.
o އެޒިތްރޯމައިސިން 5 ދުވަހުގެ މުއްދަތަށް ނުވަތަ
o ކްލެރިތްރޯމައިސިން 7 ދުވަހުގެ މުއްދަތަށް ނުވަތަ
o އެރިތްރޯމައިސިން 14 ދުވަހުގެ މުއްދަތަށް ނުވަތަ
o ޓްރައިމީތަޕްރިމް+ ސަލްފަމިތޮކްސަޒޯލް ކޮމްބިނޭޝަން 14
ދުވަހުގެ މުއްދަތަށް
ü
ބޯޑިޓެލާ ޕާޓަސިސް ގެ
ބައެއް ސްޓްރެއިންތައް ބައެއް ކަހަލަ ޖަރާސީމުމަރާ ބޭހަކަށް ނުގުޑައެވެ.
މިހެންވުމުން ބަލި ގޯސްވެގެން ދެއެވެ.
ü
ބަލިޖެހިފައިވާ
ކުއްޖާއަށް ޖަރާސީމު މަރާ ބޭހުން ފަރުވާކުރުމުގެ އިތުރުން ގޭގައި އުޅޭ މީހުންނަށް
ވެސް ރައްކާތެރިވުމުގެ ގޮތުން ޖަރާސީމު މަރާ ބޭސް ދެވިދާނެއެވެ.
ü
7 އަހަރުން ދަށުގެ ވެކްސިން
ފުރިހަމަކޮށްފައިނުވާ ކުއްޖަކު ބަލިމީހަކާ ނުވަތަ ކުއްޖަކާއި ގައިގޯޅިވި ނަމަވެސް
އެކުއްޖަކު ޖަހަންޖެހޭ ވެކްސިން ގަވާޢިދުން ޖަހައި ފުރިހަމަ ކުރަންވާނެއެވެ
ü
ބޮޑުމީހަކު ބަލީގެ
ޖަރާސީމަށް ހުށަހެޅިއްޖެނަމަ ޑީޕީޓީ ވެކްސިން ޖަހަން ޖެހޭނެ އެވެ.
ü
ބަލިޖެހިފައިވާ މީހާ
އެންޓިބަޔޮޓިކް ނަގާނަމަ، ފަށާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން، އަދި
އެންޓިބަޔޮޓިކް ނުނަގާނަމަ، ހޯއްގޮވާ ކެއްސަން ފެށިތާ 3 ހަފްތާ ވަންދެން
އެހެންމީހުންނާއި އެކަހެރިކޮށް ވަކިން އުޅުމަކީ ބުއްދިވެރި ކަމެކެވެ.
ރައްކާތެރިވުން
ވެކްސިން ދިނުން
ހޯއްގޮވާ ކެއްސުމުން ރައްކާތެރިވުމަށް ޚާއްޞަ ވެކްސިނެއް
އުފައްދައި ދެމުން ގެންދެއެވެ. އެއީ ޑީ.ޕީ.ޓީ ވެކްސިނެވެ. މިއީ ދިވެހިރާއްޖޭގެ
ވެކްސިން ޝެޑިއުލްގައިވެސް ހިމެނިގެން ދެމުންގެންދާ ވެކްސިނެކެވެ. މިވެކްސިނަކީ
ތަފާތު 3 ބައްޔަކުން ރައްކާތެރިކޮށް ދިނުމަށް ތައްޔާރުކުރެވިފައިވާ ވެކްސިނެކެވެ.
އެ 3 ބައްޔަކީ ކަރުފޮޅު، ހޯއްގޮވާ ކެއްސުން އަދި އިދިފުށަށްދަމާ ބަލި މިއެވެ. މިވެކްސިން
ފުރަތަމަ ތަޢާރަފްކުރެވުނީ 1940 ގައެވެ. މިވެކްސިން ދެނީ ފައިގެ ފަލަމަސްގަނޑަށް
ނުވަތަ އަތުގެ މުލައްދަނޑިއަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައެވެ.
ކަރުފޮޅު
|
D
|
ހޯއްގޮވާ ކެއްސުން
|
P
|
އިދިފުށަށްދަމާ ބަލި
|
T
|
ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން
ޑީޕީޓީގެ 3 ޑޯޒު ދެއެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ދެނީ އަންނަނިވި ގޮތަށެވެ.
ü
ފުރަތަމަ ޑޯޒް : އުމުރުން
½ 1 މަހުގައި (6ހަފްތާ)
ü
ދެވަނަ ޑޯޒް : އުމުރުން ½ 2 މަހުގައި ( ފުރަތަމަ
ޑޯޒް ދިންތާ 1 މަސް ފަހުން )
ü
ތިންވަނަ ޑޯޒް : އުމުރުން
½ 3 މަހުގައި (ދެވަނަ ޑޯޒް
ދިންތާ 1 މަސް ފަހުން )
ނޯޓް: ދިވެހިރާއްޖޭގައި
މިވެކްސިންގެ އިތުރު ޑޯޒެއް ނުދެއެވެ.
ބޭރުގެ ބައެއް ގައުމުތަކުގައި މިވެކްސިން ދެވެނީ
އަންނަނިވި ގޮތަށެވެ.
ü
ފުރަތަމަ ޑޯޒް : އުމުރުން
2 މަހުގައި
ü
ދެވަނަ ޑޯޒް : އުމުރުން 4
މަހުގައި (ފުރަތަމަ ޑޯޒުދޭތާ 2 މަސް ފަހުން)
ü
ތިންވަނަ ޑޯޒް : އުމުރުން
6 މަހުގައި (ދެވަނަ ޑޯޒުދޭތާ 2 މަސް ފަހުން)
ü
ހަތަރުވަނަ ޑޯޒް :
އުމުރުން 18-15 މަހާއި ދޭތެރޭގައި
ü
ފަސްވަނަ ޑޯޒް : އުމުރުން
6-4 އަހަރާއި ދޭތެރޭގައި
ü
ބޫސްޓަރ ޑޯޒް : އުމުރުން
11 އަހަރުގައި – ކުޑަކުދިންނަށް
ü
ބޫސްޓަރ ޑޯޒް : ކޮންމެ 10
އަހަރަކުން އެއްފަހަރު – ބޮޑެތި މީހުންނަށް
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ އެހެނިހެން
ކަންތައްތައް
ü
ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި
ނޭފަތް ނިވާކުރުން
ü
ގިނަގިނައިން އަތްދޮވުން
ü
ޖަރާސީމު ހަރުލާފައި
ހުންނަ ތަންތަނުގައި ވީވަރަކުން އަތްނުލުން
ü
ލޯ، އަނގަ، ނޭފަތަށް
އަތްނުލުން
މައުލޫމާތު :-
·
ކުޑަދަރިފުޅަށް ވެކްސިން
ދީގެން މިފަދަ ބަލިތަކުން ރައްކާތެރިކުރެވިދާނެ – ވެކްސިން ތަކަށް ޚާއްޞަ ޕޯސްޓަރ –
ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – 1999
·
ދަރިމައިވުމުގެ ޞިއްޙަތު
19 – ތުއްތު ކުދިންނަށް ވެކްސިންދިނުން – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު –
އދ.އާބާދީ އާއި ބެހޭ ޖަމްޢިއްޔާ – ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން
·
އިންޓަނެޓްގައިވާ ބައެއް
މެޑިކަލް ވެބްސައިޓްތައް
No comments:
Post a Comment