Monday, March 26, 2012

އިދިފުށަށްދަމާ ބަލި


އިދިފުށަށްދަމާ ބަލި

އިދިފުށަށްދަމާ ބަލި (Tetanus) އަކީ ޖަރާސީމަކުން ފެތުރޭ ނާރުތަކަށް އަސަރުކުރުވާ ބައްޔެކެވެ. މިބަލި ޖެހެނީ ބަލީގެ ޖަރާސީމު ހަށިގަނޑުގައި އުފެދިފައިވާ ފާރުގަނޑު، ނުވަތަ ކެނޑިފައި ހުންނަ ތަންތަން ހުރަސްކޮށް ހަށިގަނޑަށް ވާޞިލްވުމުންނެވެ. މިއީ ބަލިޖެހިފައިވާ މީހެއްގެ ފުށުން އަނެކާގެ ގަޔަށް ފެތުރޭ ނުވަތަ ގައިން ގަޔަށްއަރާ ބައްޔެއް ނޫނެވެ. އިދިފުށަށްދަމާ ބަލި ފިރިހެނުންނަށް ޖެހޭ މިންވަރު އިތުރުކަން ތަފާތު ހިސާބުތަކުން ދައްކައެވެ. ދަނޑުވެރިންނާއި، ޖަނަވާރު ގެންގުޅޭ މީހުން، އަދި އަސްކަރީ ޚިދުމަތުގައި އުޅޭ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ މިފަދަ މީހުންނަކީ ވެއްޔާއި، ބިމުގައި ހުންނަ ހިރަފުސް، އަދި ޖަނަވާރުގެ ނަޖިސް ފަދަ ތަކެއްޗަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުބަޔަކަށްވާތީ އެވެ. އަދި ދަނޑުވެރި، ރަށްފުށުގެ ހިސާބުތަކުގައި މިބަލި އާންމެވެ.

ސަބަބު
އިދިފުށަށްދަމާ ބަލި ޖެހެނީ "ކްލަސްޓްރިޑީއަމް ޓެޓަނައި"(Clostridium tetani) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. ނުވަތަ މިޖަރާސީމުން އުފައްދައި ދޫކޮށް، ވެއްޔާއި، ޖަނަވާރުގެ ބޮޑުކަމު ނަޖިހުގެ ތެރޭގައި ހުންނަ ކުދިކުދި "ސްޕޯރ"(Spores)  ތަކަކުންނެވެ. ސްޕޯރ ތަކެއްގެ ސިފައިގައި ވެލީގެ ތެރޭގައި އެތައް އަހަރު ތަކެއް ވަންދެން ދިރިހުރުމުގެ ގާބިލިއްޔަތު ކްލަސްޓްރިޑީއަމް ޓެޓަނައި އަށް ލިބިފައި ވެއެވެ. މިބެކްޓީރިޔާ ފުރަތަމަ ހޯދާފައިވަނީ 1889 ވަނަ އަހަރު އެސް ކިޓަސާޓޯ ކިޔާ ޢިލްމުވެރި އެކެވެ.

ü      ބަލިޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ "ކްލަސްޓްރިޑީއަމް ޓެޓަނައި" އެވެ. ދެގޮތަކަށް މިބެކްޓީރިޔާ ހުރެއެވެ.
o       ހިމޭންކަންމަތީ ދިރިހުންނަ (Dormant): ސްޕޯރ (Spore)
o       ހަރަކާތްތެރި ކަންމަތީ ދިރިހުންނަ (Active form): ވެޖިޓޭޓިވް ސެލް (vegetative cell): ގިނަވެ އިތުރުވާނެ
ü      ވެލި، ހިރަފުސް، އަދި ޖަނަވާރުގެ ނަޖިހުގައި ސްޕޯރ ތައް އެތައް އަހަރެއް ވަންދެން ރައްކާތެރިކަމާއެކު ދިރިހުރެއެވެ. މިސްޕޯރ ތަކަކީ ގަދަ ހޫނާއި ގަދަ ފިނީގައި ވެސް ދިރިހުރުމުގެ ގާބިލިއްޔަތު ލިބިފައިވާ އެއްޗެކެވެ.
ü      ކަނޑައިގެންދާ ތަންތަނާއި ފާރުގަނޑު ފަދަ ތަންތަން މިސްޕޯރ ގެ ސަބަބުން ތަޣައްޔަރުވުމަކީ އާންމު ކަމެކެވެ. އިދިފުށަށްދަމާ ބަލި ޖެހޭނީ މިސްޕޯރ ތައް ފާރުގަނޑުގެ ތެރޭގައި ގިނަވެ، އިތުރުވެ، ހަރަކާތްތެރި ބެކްޓީރިއަލް ސެލް އަކަށް ބަދަލުވެއްޖެނަމަ އެވެ.
ü      ހަރަކާތްތެރި ބެކްޓީރިއަލް ސެލް ތަކުން ދެ ވައްތަރެއްގެ ވިހަ ދޫކުރެއެވެ. އެއީ:-
o       ޓެޓަނޯލައިސިން(Tetanolysin)
o       ޓެޓަނޯސްޕާޒްމިން(Tetanospasmin)
ü      ޓެޓަނޯލައިސިންގެ މަސައްކަތަކީ ކޮބައިކަން އަދި ހޯދިފައެއް ނުވެއެވެ. އިދިފުށަށްދަމާ ބަލި ޖެހެނީ ޓެޓަނޯސްޕާޒްމިން ގެ ސަބަބުންނެވެ.

އިދިފުށަށްދަމާ ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތައް
ü      ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިނުވުން، ނުވަތަ ވެކްސިން ފުރިހަމަ ނުކުރުން
ü      ހަށިގަނޑުގެ ތަނެއް ކެނޑި، ފެޅި، ތޮރުފިގެން އަނިޔާ ލިބުނު އިރު ހަށިގަނޑަށް ބަލި ޖައްސާ ޖަރާސީމުން އުފެދޭ ސްޕޯރ ތައް އެތެރެވުން
ü      ޖަރާސީމު އުފައްދަނިވި އެހެން ބެކްޓީރިޔާއެއް ހުރުން
ü      ހަށިގަނޑުގެ ހިސާބަކަށް އަނިޔާވެ ގެއްލުންވުން
ü      ހަށިގަނޑުގެ އެތެރެއަށް މޮހޮރު، ކީލި، ކަށި ފަދަ އެއްޗެއް ވަދެ ހަރުލާފައިހުރުން
ü      އަނިޔާވެފައިވާ ހިސާބު ވަށައިގެން ދުޅަވެފައިހުރުން

އިދިފުށަށްދަމާ ބަލި ފެންމަތިވެދާނެ އަނިޔާގެ ވައްތަރުތައް
v     އާންމު ގޮތެއްގައި ބަލި ފެށިގެން އަންނަނީ ހަށިގަނޑަށް ލިބޭ އަނިޔާއެއްގައި ހަށިގަނޑުގެ ތަނެއް ކެނޑި، ކެފި، ފަޅައިގެން ދިއުމުގެ ތެރޭގައެވެ. ގިނަ ހާލަތްތައް ފެންނަނީ:-
o       ތޮރުފިގެން އުފެދޭ ފާރުގަނޑު (Punctured wound): މިސާލަކަށް މޮހޮރެއްވަނުން/ ކައްޓެއް ހެރުން
o       ކެފިގެން ނުވަތަ ކެނޑިގެން އުފެދޭ ފާރުގަނޑު (Laceration or cut): މިސާލަކަށް ވަޅިއެއް ފަދަ އެއްޗަކުން ތަނެއް ކެނޑުން
o       މެށިގެން އުފެދޭ ފާރުގަނޑު (Abrasions): މިސާލަކަށް ހަންމަށައިގެން ދިއުން
v     އިދިފުށަށްދަމާ ބަލި ޖެހުމަށް މަގުފަހިވާ އެހެން ކަންތައްތަކުގެ ތެރޭގައި:
o       އޮޕަރޭޝަނެއް ކުރުން : އޮޕަރޭޝަން ކުރުމުން އުފެދޭ ފާރުގަނޑު
o       މުލިއްސެއް ޖެހުން : މުލިހި ފެޅުމުން އުފެދޭ ފާރުގަނޑު
o       ވިހެއުން : ވިހެއުމުގެ ތެރޭގައި ތަނެއް ކަފާލުމުން ނުވަތަ އިރައިގެން ދިއުމުން އުފެދޭ ފާރުގަނޑު
o       ހަށިގަނޑުގެ ބައެއް ފިސްފިސްވުން ނުވަތަ ޗިސްވުން
o       އިންޖެކްޝަންގެ ޒަރިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުން
o       މާބޮޑަށް ފިނިވެގެން ހަށިގަނޑުގެ ބައެއް މަރުވުން
o       ދިރޭއެއްޗެއް ދަތްއެޅުން، ހެފުން، ކަށިޖެހުން
o       ތުއްތު ދަރިފުޅު ފޫޅުކެނޑުމަށް ބޭނުންކުރެވޭ އާލާތް ޖަރާސީމުން އެއްކިބާ ކުރެވިފައިނުވުން
o       ހަކުރުބަލީގެ މީހުންގެ ފައިގައި އުފެދޭ ފާރުގަނޑު
o       ފިހުން ނުވަތަ އެނދުމުގެ ސަބަބުން އުފެދޭ ފާރުގަނޑު
o       ހަތިޔާރަކުން ހަމަލާ ދިނުމުން އުފެދޭ ފާރުގަނޑު
v     މަރުވެފައިވާ ޓިޝޫ ހުންނަ ފާރުގަނޑާއި، އެފަދަ ފާރުގަނޑުގައި ހަރުލާފައި ހުންނަ ކުނިބުނީގެ ސަބަބުން ވެސް އިދިފުށަށްދަމާ ބަލި ފެށިގެން އައުމަށް މަގުފަހިވެގެން ދެއެވެ.
v     އިދިފުށަށްދަމާ ބައްޔަށް ވެކްސިން ނުޖެހުމުން ދިފާޢީބާރު ނުހުންނަ މީހުންނާއި، ބޫސްޓަރ ޑޯޒު ދީގެން ދިފާޢީބާރު ދެމެހެއްޓުމަށް ނުކުޅެދިފައިވާ މީހުންނަށް އިދިފުށަށްދަމާ ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ބަލި ފެތުރޭގޮތް ނުވަތަ ބަލި ޖެހޭގޮތް
އިދިފުށަށްދަމާ ބަލި ޖެހެނީ ހަށިގަނޑުގައި އުފެދޭ ފާރުގަނޑު، ނުވަތަ ކެނޑިފައި ހުންނަ ތަންތަނުގެ ޒަރިއްޔާއިން ބަލި ޖައްސާ ޖަރާސީމު "ކްލަސްޓްރިޑީއަމް ޓެޓަނައި" (Clostridium tetani) ހަށިގަނޑަށް ވާޞިލްވުމުންނެވެ. ކިތަންމެ ކުޑަ ފާރުކޮޅަކުން ވެސް މިބަލިޖެހިދާނެ އެވެ. އާންމުގޮތެއްގައި މިޖަރާސީމު ހަށިގަނޑަށް ވަންނަނީ ކެނޑިގެންދާ ތަންތަނުގައި އުފެދޭ ފާރުގަނޑުންނެވެ. އެގޮތުން މޮހޮރެއްވަނުން، ވަޅި ފިޔޮހި ފަދަ ތޫނު އާލަތަކުން ކަނޑައިގެންދިއުން، ފަނިފަކުސަ ދަތްއެޅުން ނުވަތަ ކަށިޖެހުން، އައިވީ ގުޅުމަށް އިންޖެކްޝަން ޖަހާ ތަން، ހަމުން ފެޅި ކަފައިގެންދާ ތަންތަން، އަދި ފިހުމާއި ގުޅިގެން އުފެދޭ ފާރުގަނޑު ފަދަ ތަންތަނުން މިޖަރާސީމު ހަށިގަނޑަށް އެތެރެވެދާނެ އެވެ.

އެގޮތުން ކްލަސްޓްރިޑީއަމް ޓެޓަނައި އިން ދޫކުރާ "ސްޕޯރ" ތަކުން ކުރިން ބަޔާންކުރެވުނު ފަދަ ފާރުގަނޑު ތަޣައްޔަރުވެގެން ދިއުމަކީ އިދިފުށަށްދަމާ ބަލި ޖެހުމުގެ އެއް މަޞްދަރެވެ. އެގޮތުން ފާރުގަނޑު މި ސްޕޯރ އާއި ތަޣައްޔަރުވުމުން ފާރުގަނޑުގެ ތެރޭގައި ސްޕޯރ ތައް ހީވާގީވެ، ގްރާމް ޕޮޒިޓިވް ބެކްޓީރިޔާ އަަކަށް ނުވަތަ ހީވާގި ބެކްޓީރިއަލް ސެލް އަކަށް ބަދަލުވެއެވެ. އަދި އެބެކްޓީރިޔާ ބޮޑުވެ އެއިން "ޓެޓަނޯސްޕާޒްމިން"(Tetanospasmin) ކިޔާ ވަރަށް ބާރުގަދަ ވިހަ އެއް އުފައްދައެވެ. މިއީ މަސްތަކަށް އަސަރުކުރުވަނިވި ވިހަ އެކެވެ.

ކްލަސްޓްރިޑީއަމް ޓެޓަނައި އިން ދޫކުރާ ސްޕޯރ ތައް އަހަރެމެން ދިރިއުޅޭ މާހައުލުގެ އެކި ތަންތަނުގައި ހަރުލާފައި ހުރެދާނެ އެވެ. އެގޮތުން އެންމެ ގިނައިން ހުންނަނީ، ވެލި، ހިރަފުސް، ކުނިބުނި، އަދި ޖަނަވާރުގެ ބޮޑުކަމު ނަޖިހުގެ ތެރޭގައެވެ.

އިދިފުށަށްދަމާ ބަލިޖެހުމުން ހަށިގަނޑުގެ މަސްތަކަށް ވަރަށް ބޮޑަށް ވާންވެ، މަސްތައް ހަރުއަރައި ކުރުގެޅި ވަރަށް ބޮޑަށް މީހާ އިދިފުށަށް ދަމައެވެ. އެގޮތުން ދެދަތްޕިލަ ޖެހި ބާރުވެ، އަނގަހުޅުވަން އުދަނގޫވެ މުޅި ހަށިގަނޑު އިދިފުށަށް ދަމައެވެ. ބައެއް ޙާލަތްތަކުގައި ނޭވާލުމުގެ މަސައްކަތުގައި ބައިވެރިވާ މަސްތަކަށް އަސަރުކޮށް، އޮކްސިޖަން ހަށިގަނޑުގެ ބައިތަކަށް ފޮނުވުމައި ހުރަސްތަކާއި ދިމާވެ، ފުރާނައަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ބަލިޖެހުމުން ވާގޮތް
އިންސާނުންނަށް އިދިފުށަށްދަމާ ބަލި ޖެހެނީ ހަށިގަނޑުން ކެނޑިފައިވާ ތަނެއް ނުވަތަ ފާރުގަނޑެއް، ކްލަސްޓްރިޑީއަމް ޓެޓަނައި އިން ދޫކުރާ ސްޕޯރ ތަކާއި ތަޣައްޔަރުވުމުގެ ސަބަބުންނެވެ. އިދިފުށަށްދަމާ ބަލި ޖެހުމުގައި ޒިންމާވަނީ މިބެކްޓީރިޔާ އިން އުފައްދައި ދޫކުރާ ބާރުގަދަ ވިހަ(Tetanospasmin) އަކުންނެވެ. ޓެޓަނޯސްޕާޒްމިން ތަތްލަނީ މަސްތައް ކޮންޓްރޯލްކުރާ ހަށިގަނޑުގެ ހަރަކާތްތައް ގެނައުމުގައި ބައިވެރިވާ ނާރު(Motor nerves) ތަކުގައެވެ. އެގޮތުން މިނާރުތަކުގެ ކޮޅުން ނިކުމެފައިވާ "އެކްސޮން"(Axon) އޭކިޔާ ބައިތަކުން ދައުރުކޮށް "ސްޕައިނަލް ކޯޑް" (Spinal cord) އަދި "ސިކުނޑީގެ މޫ" (Brainstem)  ގައިވާ މިފަދަ ނާރުތަކުގެ މައި ޖިސްމު (body) އަށް ވާޞިލްވެއެވެ. އެއަށްފަހު މިވިހަތައް ނާރުސެލް (Nerve cell) ތަކުގެ ދެމެދުގައިވާ "ސިނެޕްސް"(Synapse) އޭކިޔާ ހުސްތަނަށް ވާޞިލްވެ، އެތަނުގައި ހުންނަ "ޕްރިސިނެޕްޓިކް ނާރވް ޓާރމިނަލް" (Presynaptic nerve terminals) ތަކުގައި ތަތްލައެވެ. އަދި މިތަނުގައި ނާރުތަކުގެ ދެމެދުގައި ސިގްނަލް ފޮނުވުމުގައި ޝާމިލްވާ ބައެއް އިންހިބިޓަރީ ނިއުރޯޓްރާންސްމިޓަރ (Neurotransmitter) ތައް ކަމުގައިވާ "ގްލައިސިން" (Glycine) އަދި "ގާމާ-އެމިނޯބިޔުޓައިރިކް އެސިޑް" (Gamma-aminobutyric acid) ދޫކުރުން ހުއްޓުވައެވެ. އެހެންނާރުތަކުން ހަށިގަނޑަށް ހަރަކާތް ގެނެސްދޭ ނާރުތަކަށް "އިންހިބިޓަރީ ސިގްނަލް" (Tetanospasmin) ތައް ނުލިބުމުން، ހަރަކާތް ގެނެސްދޭ ނާރުތަކަށް ލިބޭ ކެމިކަލް ސިގްނަލް (Tetanospasmin) ތައް ބާރުގަދަވެ، ވަރުގަދަ ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހުއްޓުމެއްނެތި މަސްތަކަށް ވާންވެ، ހަރުއަރައި، ކުރުގެޅި، އިދިފުށަށްދަމައެވެ. ފާރުގަނޑު ނުވަތަ ކަނޑައިގެންދިޔަ ތަން ހުރި ހިސާބުން ޓެޓަނޯސްޕާޒްމިން ލޭހޮޅިތަކަށް، ނުވަތަ ލިމްފް ދައުރުކުރާ ހޮޅިތަކަށް ވާޞިލްވެއްޖެނަމަ، ތަފާތު "ޕްރިސިނެޕްޓިކް ނާރވް ޓާރމިނަލް" ތަކަށް ވާޞިލްވެ، ހަށިގަނޑުގެ އެކި ހިސާބުގެ މަސްތަކަށް ވާންވެ، އިދިފުށަށް ދަމާގޮތް ވެއެވެ.

އަލާމާތްތައް އަދި ނުރައްކާތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން އިދިފުށަށްދަމާ ބަލި ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 14 ދުވަހުގެ މުއްދަތެއް ނަގައެވެ. ނަމަވެސް މިމުއްދަތު 2 ދުވަހުން ފެށިގެން 2 މަސްދުވަހުގެ މުއްދަތަށް ދެމިގެންދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.  

އަލާމާތްތައް : އިދިފުށަށްދަމާ ބަލީގެ މައިގަނޑު ސިފަޔަކީ މަސްތަކަށް ވާންވެ، ހަރުއަރައި، ކުރުގެޅި، މުޅި ހަށިގަނޑު އިދިފުށަށް ދެމުމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުށުން އިދިފުށަށްދަމާ ބަލީގެ ސަބަބުން ފެންނަ އާންމު އަލާމާތްތައް ތިރީގައި މިވަނީ އެވެ.
ތުއްތު ކުދިންގެ ފުށުން ފެންނަ އަލާމާތްތައް
އަލަށް އުފަންވާ ތުއްތު ދަރިފުޅަށް މިބަލި ޖެހެނީ ވިހެއުމުގެ ތެރޭގައި ފޫޅުކެނޑުމަށް ބޭނުންކުރެވޭ އާލާތަކީ ރަގަޅަށް ޖަރާސީމުން އެއްކިބާ ކުރެވިފައިނުވާ، އިދިފުށަށްދަމާ ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެއްޖެނަމަ އެވެ.
އުފަންވާއިރު :
Ø      ތުއްތު ދަރިފުޅު ފެންނާނީ ރަގަޅަށެވެ.
Ø      ރަގަޅަށް ބުއްވެސް ބޯނެއެވެ.

އުފަންވާތާ 7-5 ދުވަސް ފަހުން :
Ø      ކުޑަ ދަރިފުޅުގެ ހިރުގަނޑުޖެހި ބާރުވެ އަނގަހުޅުވޭގޮތް ނުވުން
Ø      ބުއްބުއިން ހުއްޓާލުން

އުފަންވާތާ 10-7 ދުވަސް ފަހުން :
Ø      ކުޑަ ދަރިފުޅަށް ބުއްބޮވޭގޮތް ނުވުން
Ø      މުޅި ހަށިގަނޑަށް ވާންވެ އިދިފުށަށް ދެމުން
Ø      ކުޑަ ދަރިފުޅު މަރުވުން

ބޮޑެތި ކުދިންނާއި، މީހުންގެ ފުށުން ފެންނަ އަލާމާތްތައް
ބޮޑެތި މީހުންނާއި ކުދިންނަށް މިބަލި ޖެހެނީ ހަށިގަނޑުގައި އުފެދޭ ފާރުގަނޑު، ނުވަތަ ކެނޑިފައި ހުންނަ ތަންތަނުގެ ޒަރިއްޔާއިން ބަލި ޖައްސާ ޖަރާސީމު ހަށިގަނޑަށް ވާޞިލްވުމުންނެވެ. ކިތަންމެ ކުޑަ ފާރުކޮޅަކުން ވެސް މިބަލިޖެހިދާނެ އެވެ.
Ø      ދަތްޕިލަޖެހި ބާރުވެ ހަށިގަނޑު އިދިފުށަށްދެމުން
Ø      ދެއަތާއި ދެފަޔަށް ވާންވެ އިދިފުށަށްދެމުން
Ø      މުޅި ހަށިގަނޑަށް ވާންވެ އިދިފުށަށްދެމުން
Ø      ވަރަށް ގިނަ ފަހަރު ކުއްޖާ މަރުވާގޮތް ދިމާވުން
Ø      މަދު ފަހަރަކު ބައެއް ކުދިން ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއުޅުމަށްފަހު ރަގަޅުވާގޮތްވުން

އިދިފުށަށްދަމާ ބަލި ބަހާލެވިދާނެ ވައްތަރުތައް
(ހ) – މުޅި ހަށިގަނޑު އިދިފުށަށްދެމުން (Generalized tetanus): އިދިފުށަށްދަމާ ބަލީގެ މައިގަނޑު ސިފަޔަކީ މަސްތަކަށް ވާންވެ، ހަރުއަރައި، ކުރުގެޅި، މުޅި ހަށިގަނޑު އިދިފުށަށް ދެމުމެވެ. މިވައްތަރުގައި އާންމުކޮށް އަސަރުކުރާނީ ހަށިގަނޑުގައި ހިމެނޭ ކަށިތަކާއި ގުޅިފައިވާ(Skeletal muscle) މަސްތަކަށެވެ. އެހެންކަމުން މިފަދަ ހާލަތުގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް އިދިފުށަށްދަމާ ބަލި ޖެހިފައިވާ ބަލިމީހާގެ ފަރާތުން ފާހަގަކުރެވޭނެ އެވެ.
ü      ހިމޭނުންނުހުރުން(ތެޅިފޮޅުން)، އަކުނިވަޔަށްދެމުން، މަސްތަކުގެ ބާރުދޫވުން، ކާތަކެތި ދިރުވަން އުދަނގޫވުން
ü      އެންމެ ފުރަތަމަ އަސަރުކުރަނީ މޫނުމަތީގެ މަސްތަކަށެވެ. އެގޮތުން ދެދަތްޕިލަޖެހި ބާރުވެ އަނގަހުޅުވޭގޮތް ނުވުން(Lockjaw or Trismus) މިއީ ވަރަށް އާންމުކަމެކެވެ. މިއީ ކާތަކެތި ހެފުމުގައި ޒިންމާވާ ދަތްދޮޅީގެ މަސްތަކަށް ވާންވެ ހަރުއެރުމުން ދިމާވާ ކަމެކެވެ. މޫނުމަތީގެ މަސްތަކަށް އަސަރުކުރުމުން މޫނުމަތިން "ބިރުވެރި ހިނިތުންވުމެއް"(Risus sardonicus) ގެ ސިފަ ފާޅުވެގެން ދެއެވެ.
ü      މަސްތަކަށް ވާންވުން ކުރިއަށް ގޮސް މުޅިހަށިގަނޑު އިދިފުށަށް ދަމައެވެ. މިހާލަތުގައި ބޮލާއި ދެފައި ފަހަތަށް ނުވަތަ ފުރަގަހަށްދެމި، ބުރަކަށި އަދި ބަނޑާވީ ހިސާބުން އެތެރެއަށްޖެހި، ބުރަކައްޓާއިވީ ދިމާލުން އަޑިގަނޑެއް އުފެދިފައި އިންނަ ގޮތަށް(Opisthotonus position) މީހާ އިދިފުށަށް ދެމިގެން ދެއެވެ. މަސްތަކަށްވާންވެ، އިދިފުށަށްދަމާ މިންވަރު ބޮޑުވުމުގެ ސަބަބުން ކަށިތައް ބިނދި، ނުވަތަ ރެނދުލައި، ހުޅުތައް ނެއްޓިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
ü      ނުރައްކާތެރި ހާލަތުގައި ލަނގޮޑިފިތި، ނޭވާލުމުގައި ބައިވެރިވާ މަސްތަކަށް ވާންވެ، ނޭވާލުމަށް ދަތިވެ، ފުރާނައަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ށ) – މޫނާއި ބޯ ހިމެނޭ ހިސާބު އިދިފުށަށްދެމުން (Cephalic tetanus): މިވައްތަރުގެ އިދިފުށަށްދެމުން މެދުވެރިވަނީ މޫނުމަތީގެ މަސްތަކަށެވެ. މިވައްތަރުގެ އިދިފުށަށް ދެމުން ދިމާވަނީ ކަންފަތަށް ނުވަތަ ބޮލަށް އަނިޔާއެއް ލިބޭތާ 2-1 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.މިވައްތަރުގައި ވެސް ދެދަތްޕިލަޖެހި ބާރުވެ އަނގަނުހުޅެވޭގޮތް ވާނެއެވެ.އަދި މޫނުމަތީގެ އެހެން ބައެއް މަސްތަކުގެ ބާރުދޫވާގޮތް ވާނެއެވެ. މިވައްތަރުގެ ކުރިމަތިވާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަށް ވަރަށް ފަސޭހައިން މުޅިހަށިގަނޑު އިދިފުށަށްދެމުން(Generalized tetanus) ކުރިމަތިވާގޮތް ވެއެވެ.

(ނ) – ވަކި ތަންކޮޅެއް އިދިފުށަށްދެމުން (Local tetanus): މިއީ އިދިފުށަށްދަމާ ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފާރުގަނޑު، ނުވަތަ ކެނޑިފައިވާ ތަނުގައި ނުވަތަ އެހިސާބު ކައިރީގައިވާ މަސްތަކަށް ވާންވެ، އިދިފުށަށް ދެމުމެވެ. މިވައްތަރުގެ ކުރިމަތިވާ މީހުންނަށް ވެސް ބައެއް ފަހަރު މުޅިހަށިގަނޑު އިދިފުށަށްދެމުން(Generalized tetanus) ކުރިމަތިވާގޮތް ވެއެވެ.

(ރ) – ތުއްތު ކުދިން އިދިފުށަށްދެމުން (Neonatal tetanus): މިއީ އުމުރުން އެއް މަހުން ދަށުގެ ތުއްތު ކުދިންނަށް އުފަންވުމަށްފަހު ދިމާވާ އިދިފުށަށް ދެމުމުގެ ވައްތަރެކެވެ. ބޮޑެތި މީހުންގެ މުޅިހަށިގަނޑު އިދިފުށަށްދެމުމުން ފެންނަ އަލާމާތްތަކާއި ތުއްތު ކުދިންނަށް އިދިފުށަށް ދެމުމުން ފެންނަ އަލާމާތްތައް ދާދި އެއްގޮތެވެ. ތުއްތު ދަރިފުޅު އިދިފުށަށް ދެމުމުން ފެންނަ އަލާމާތްތައް މަތީގައި ބަޔާންކޮށްފައިވާނެ އެވެ.

ނޯޓް : ބައެއް ފަހަރު ވިހެއުމަށްފަހު މައިންނަށް ވެސް އިދިފުށަށްދަމާ ބަލީގެ އުދަނގޫ ކުރިމަތިވާގޮތް ވެއެވެ.

ދެނެގަތުން
އިދިފުށަށްދަމާ ބަލި ދެނެގަނެވެނީ ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑުން ބަލާ ބެލުންތަކާއި، އަދި އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ.
ü      ފަހުގެ ތާރީޚެއްގައި ހަށިގަނޑުން ތަނެއްކަނޑައިގެން ގޮސްފައިވުން
ü      އިދިފުށަށްދަމާ ބަލިން ދިފާޢުވުމަށްދޭ ވެކްސިން ފުރިހަމަކޮށްފައިނުވުން
ü      މަސްތަކަށްވާންވެ، ހަރުއަރައި، ގުޅަކައި، ކުރުގެޅެމުން ގޮސް މުޅި ހަށިގަނޑު އެއްކޮށް އިދިފުށަށްދެމުން
ü      ހުންއައުން
ü      ލޭގެ ޕްރެޝަރަށް ބަދަލުއައުން (އާންމުކޮށް ހުންނާނީ ލޭމައްޗަށް ގޮސްފައެވެ)
ü      ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން (އާންމުކޮށް ހިތުގެ ވިންދު ޖެހުން އަވަސްވާނެ އެވެ)
ü      ވަކި ތަންކޮޅެއް އިދިފުށަށް ދެމުމުން : އެތަނަށް ތަދުވެ، އަކުނިވަޔަށްދަމައި، ހަރުއަރައި ގުޅަކެއުން
ü      ތުއްތުކުދިން އިދިފުށަށްދެމުމުން : މަސްތައް ގުޅަކައި ކުރުގެޅުން، ރަގަޅަށް ބުއްނުބުއިން
ü      އިދިފުށަށްދަމާ ބަލި ދެނެގަތުމަށް ލެބޯޓްރީ ޓެސްޓުތައް ހެދެނީ ވަރަށް މަދުފަހަރަކު އެވެ.

ފަރުވާ
ގޭގައި ކުރެވިދާނެ ކަންތައްތައް
ü      ހަމުގައި ކެނޑިފައިވާ އެއްވެސް ތަނެއް އިންނަމަ ފެނާއި ސާބޯނިލައިގެން ރަގަޅަށް ސާފުކުރުން
ü      ހުޅުވިފައި ހުންނަ ފާރުގަނޑަކީ ވަރަށް ފަސޭހައިން މިބަލީގެ ޖަރާސީމު ވާޞިލްވެދާނެ ތަންތަނެވެ.
ü      ކަނޑައިގެން ގޮސްފައިވާ ތަނުން ލޭއަންނަނަމަ،އެކަން މަނާކުރުމަށް ސާފު ހިކި ފޮތިކޮޅެއް އޮޅާލާށެވެ.
ü      ކަނޑައިގެން ގޮސްފައިވާ ތަނުން ލޭއަންނަނަމަ އެހިސާބުގެ ވަށައިގެން ބާރަށް ފިތައި އޮއްބާލާށެވެ. އޭރުން ލޭމަނާވާނެ އެވެ.
ü      ތަނެއް ކަނޑައިގެން ދިއުމުން މާގިނައިން ލޭއަންނަނަމަ، ނުވަތަ ވެކްސިން ދީފައިވާކަން ޔަގީންނުވާނަމަ، ނުވަތަ ފާރުގަނޑުގެ ތެރެއަށް ވެލި، ހިރަފުސް ފަދަ ހަޑިތަކެތި ގޮސްފައިވާކަމަށް ޝައްކުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ.

ބޭހުގެ ފަރުވާ
އިދިފުށަށްދަމާ ބައްޔާއި ގުޅިގެންދެވޭ ބޭހުގެ ފަރުވާގެ ދެމަގްޞަދެއް ވެއެވެ. އެއީ:-
(1)   – ޖަރާސީމު ބޮޑުވުން ހުއްޓުވައި، ވިހަ ދޫކުރުން ހުއްޓުވުން
(2)   – ޖަރާސީމުން ދޫކޮށްފައިވާ ވިހަތައް ނިއުޓްރަލައިޒްކޮށް އޭގެ ބާރު ދުއްވާލުން
ü      އެންޓިބަޔޮޓިކް : މެޓްރަނިޑަޒޯލް، ޑޮކްސީސައިކްލިން، ޕެނިސިލިން ޖީ އަކީ އާންމުކޮށް ޖަރާސީމު މެރުމަށްދީއުޅޭ ބޭސްތަކެވެ. މީގެ އިތުރުން އިދިފުށަށްދަމާ ބައްޔާއި ދެކޮޅަށް ދޭ ވެކްސިންގެ ބޫސްޓަރ ޑޯޒެއް ދެވިދާނެ އެވެ. އަދި ވިހަތައް ނިއުޓްރަލައިޒް ކުރުމަށްޓަކައި އެންޓިޓޮކްސިން(Tetanus immunoglobulin) ދެވިދާނެއެވެ.
ü      ފާރުގަނޑު ރަގަޅަށް ސާފުކުރާށެވެ. ދޮސްހުރިނަމަ ނެރެބޭރުކޮށް ސާފުކުރާށެވެ.
ü      ތަދުވާނަމަ ތަދުކަނޑުވާ ބޭސް ދެވިދާނެ އެވެ.
ü      މަސްތަކުގެ ވާންކަމާއި ހަރުކަމާއި ގުޅަކެއުން ކުޑަކުރުމަށްޓަކައި މަސްތައް ހަމައަކަށްއެޅުވުމަށް ބޭސް ދެވިދާނެ އެވެ.
ü      ނޭވާލުން ހުއްޓިއްޖެނަމަ ވެންޓިލޭޓަރ ގެ އެހީ ވެސް ހޯދަންޖެހިދާނެއެވެ.
ü      ބައެއް ފަހަރު އައިވީ ގުޅައިގެން ފެން ދޭންޖެހިދާނެ އެވެ. އެއީ ހަށިގަނޑުން ފެން ހުސްވިޔަ ނުދިނުމަށްޓަކައެވެ.

ރައްކާތެރިވުން
ވެކްސިން ދިނުން
އިދިފުށަށްދަމާ ބަލިން ރައްކާތެރިވުމަށް ޚާއްޞަ ވެކްސިނެއް އުފައްދައި ދެމުން ގެންދެއެވެ. އެއީ ޑީ.ޕީ.ޓީ ވެކްސިނެވެ. މިއީ ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައިވެސް ހިމެނިގެން ދެމުންގެންދާ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިކޮށް ދިނުމަށް ތައްޔާރުކުރެވިފައިވާ ވެކްސިނެކެވެ. އެ 3 ބައްޔަކީ ކަރުފޮޅު، ހޯއްގޮވާ ކެއްސުން އަދި އިދިފުށަށްދަމާ ބަލި މިއެވެ. މިވެކްސިން ފުރަތަމަ ތަޢާރަފްކުރެވުނީ 1940 ގައެވެ. މިވެކްސިން ދެނީ ފައިގެ ފަލަމަސްގަނޑަށް ނުވަތަ އަތުގެ މުލައްދަނޑިއަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައެވެ.
ކަރުފޮޅު
D
ހޯއްގޮވާ ކެއްސުން
P
އިދިފުށަށްދަމާ ބަލި
T


ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ޑީޕީޓީގެ 3 ޑޯޒު ދެއެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ދެނީ އަންނަނިވި ގޮތަށެވެ.
ü      ފުރަތަމަ ޑޯޒް : އުމުރުން ½ 1 މަހުގައި (6ހަފްތާ)
ü      ދެވަނަ ޑޯޒް : އުމުރުން ½ 2 މަހުގައި ( ފުރަތަމަ ޑޯޒް ދިންތާ 1 މަސް ފަހުން )
ü      ތިންވަނަ ޑޯޒް : އުމުރުން ½ 3 މަހުގައި (ދެވަނަ ޑޯޒް ދިންތާ 1 މަސް ފަހުން )
ނޯޓް: ދިވެހިރާއްޖޭގައި މިވެކްސިންގެ އިތުރު ޑޯޒެއް ނުދެއެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި މިވެކްސިން ދެވެނީ އަންނަނިވި ގޮތަށެވެ.
ü      ފުރަތަމަ ޑޯޒް : އުމުރުން 2 މަހުގައި
ü      ދެވަނަ ޑޯޒް : އުމުރުން 4 މަހުގައި (ފުރަތަމަ ޑޯޒުދޭތާ 2 މަސް ފަހުން)
ü      ތިންވަނަ ޑޯޒް : އުމުރުން 6 މަހުގައި (ދެވަނަ ޑޯޒުދޭތާ 2 މަސް ފަހުން)
ü      ހަތަރުވަނަ ޑޯޒް : އުމުރުން 18-15 މަހާއި ދޭތެރޭގައި
ü      ފަސްވަނަ ޑޯޒް : އުމުރުން 6-4 އަހަރާއި ދޭތެރޭގައި
ü      ބޫސްޓަރ ޑޯޒް : އުމުރުން 11 އަހަރުގައި – ކުޑަކުދިންނަށް
ü      ބޫސްޓަރ ޑޯޒް : ކޮންމެ 10 އަހަރަކުން އެއްފަހަރު – ބޮޑެތި މީހުންނަށް

އާންމު ގޮތެއްގައި އިދިފުށަށްދަމާ ބަލިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑުގެ ތަނެއް ކަނޑައިގެން ގޮސްފިނަމަ، "ޓެޓަނަސް ޓޮކްސޮއިޑް"(Tetanus toxoid) އިންޖެކްޝަންގެ ސިފައިގައި ދޭންވާނެ އެވެ. މިއީ އިދިފުށަށްދަމާ ބަލިން ކުރުމުއްދަތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ދިފާޢީ މާއްދާ އެކެވެ.

ތުއްތު ދަރިފުޅާއި މައިމީހާ އިދިފުށަށްދަމާ ބަލިން ރައްކާތެރިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
v     ވިހެއުމުގެ ތެރޭގައި ޚާއްޞަކޮށް ގޭގައި ވިހާނަމަ ބޭނުންކުރާ އަދަވާތްތަކަކީ ޖަރާސީމުން އެއްކިބާ ކުރެވިފައިވާ ތަކެތި ކަމުގައި ހެދުން
v     ވިހެއުމަށްފަހު ތުއްތު ދަރިފުޅުގެ ފޫޅު ރަގަޅަށް ސާފުކޮށް ބެލެހެއްޓުން
v     މާބަނޑު ދުވަސްވަރު އިދިފުށަށްދަމާ ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގެ މުހިއްމުކަން އަންގައިދިނުން
v     މައިމީހާއަށް ވެކްސިން ދިނުން
o       ވިހާ އުމުރުގެ ނުވަތަ މާބަނޑު ހުރިހާ މީހުންނަށް މާބަނޑު ދުވަސްވަރު 2 ޑޯޒް ޓެޓަނަސް ޓޮކްސޮއިޑް ދިނުމަކީ މުހިއްމު ކަމެކެވެ. ދެވަނަ ޑޯޒު ދޭނީ ފުރަތަމަ ޑޯޒު ދިންތާ މަހެއް ވުމުންނެވެ. މިވެކްސިން ދޭން ފަށާނީ ވިހެއުމުގެ 2 މަސްކުރިންނެވެ.
o       ދެވަނަ ފަހަރު ބަލިވެ އިންނައިރު ޓެޓަނަސް ޓޮކްސޮއިޑް އެއް ޑޯޒުދިނުން
o       ކޮންމެ 5 އަހަރަކުން އެއް ފަހަރު ޓެޓަނަސް ޓޮކްސޮއިޑް ޑޯޒެއް ދޭންވާނެ އެވެ.
o       5 ވަނަ ޑޯޒު ދިނުމުން މުޅި އުމުރަށް މިބަލިން އެމީހަކު ދިފާޢުކޮށްދޭނެ އެވެ.

އިދިފުށަށްދަމާ ބަލީގެ އެހެން ވައްތަރުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
v     ފާރުގަނޑަށް ފަރުވާކޮށް އަޅާލާ ހެދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ފަރުވާ ކުރިޔަށް ގެންދިއުން
v     ބަލިޖެހުމުގެ ފުރުޞަތު ބޮޑު މީހުންނަށް ވެކްސިން ދިނުން
(ހ) – ފޯރމަލް ޓޮކްސޮއިޑް : 3 ޑޯޒް / 1 އެމްއެލް / މަހަކު 1 ފަހަރު
(ށ) – އެލުމިނަމް ޕްރެސިޕިޓޭޓަޑް ޓޮކްސޮއިޑް : 2 ޑޯޒް / 1 އެމްއެލް / މަހަކު 1 ފަހަރު
(ނ) – ޑީޕީޓީ ވެކްސިން
      1- ތުއްތުކުދިންނަށް : 2،4،6، ވަނަ މަހުގައި
      2- ބަލިޖެހުމުގެ ފުރުޞަތު ބޮޑުމީހުންނަށް ކޮންމެ 5 އަހަރަކުން 1 ޑޯޒު
      3- ތަނެއްކެނޑުމުން : އެންޓިޓެޓަނިކް ސީރަމް ނުވަތަ ޓެޓަނަސް އިމިޔުނޯގްލޯބިޔުލިން

މައުލޫމާތު :-
·         ކުޑަދަރިފުޅަށް ވެކްސިން ދީގެން މިފަދަ ބަލިތަކުން ރައްކާތެރިކުރެވިދާނެ – ވެކްސިން ތަކަށް ޚާއްޞަ ޕޯސްޓަރ – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު - 1999
·         ދަރިމައިވުމުގެ ޞިއްޙަތު 19 – ތުއްތު ކުދިންނަށް ވެކްސިންދިނުން – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – އދ.އާބާދީ އާއި ބެހޭ ޖަމްޢިއްޔާ – ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން
·         އިންޓަނެޓްގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް




No comments:

Post a Comment