Monday, March 26, 2012

ލެޕްޓޯސްޕައިރޯސިސް



ލެޕްޓޯސްޕައިރޯސިސް
ލެޕްޓޯސްޕައިރޯސިސް(Leptospirosis) އަކީ ޖަރާސީމެއްގެ ސަބަބުން ޖަނަވާރުންގެ ފުށުން އިންސާނުންނަށް ޖެހޭ (Zoonotic disease) ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ އިންސާނުންނާއި ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ. އިންސާނުންގެ މެދުގައި މިބަލި ގައިންގަޔަށްއަރަނީ ވަރަށް މަދުންނެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެންނަ މިބަލި ބޮޑަށް އާންމު ވެފައިވަނީ ހޫނު ހިސާބުތަކުގައެވެ. ލެޕްޓޯސްޕައިރޯސިސް އަށް ބައެއް ފަހަރު "ވެއިލްސް ޑިޒީޒް"(Weil’s disease) މިހެން ވެސް ކިޔައި އުޅެއެވެ. މިއީ ދުނިޔެއިން ފެނުން އިތުރުވެ، އާންމުވަމުން އަންނަ ބައްޔެކެވެ. ކޮންމެ އަހަރަކު 10 މިލިޔަން މީހުންނަށް މިބަލިޖެހޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަބަބު
ލެޕްޓޯސްޕައިރޯސިސް ޖެހެނީ ޖަރާސީމުގެ ބާވަތެއް ކަމުގައިވާ "ސްޕައިރަކީޓް"(Spirochaete) ގެ ވައްތަރެއް ކަމުގައިވާ "ލެޕްޓޯސްޕައިރާ"(Leptospirae) ގެ ސަބަބުންނެވެ. އެންމެ އާންމުކޮށް މިބަލި ޖައްސަނީ ޖަރާސީމްގެ ސީރޯޓައިޕެއް ކަމުގއިވާ "ލެޕްޓޯސްޕައިރާ އިކްޓިރޯހިމޮރެޖިކާ"(Leptospira icterohaemorrhagica) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. މިޖަރާސީމުގެ އެހެން އެތައް ސީރޯޓައިޕް(Serotype) އެއް ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 250 ސީރޯޓައިޕް ހޯދިފައި ވެއެވެ.

ބަލީގެ ޖަރާސީމު އުފުލާ ރިޒާވަރުން
މިޖަރާސީމު އުފުލާ ރިޒާވަޔަރ(Reservoir) ގެ ތެރޭގައި 160 އަށްވުރެ ގިނަ ޖަނަވާރުގެ ބާވަތްތައް ހިމެނެއެވެ. އޭގެތެރޭގައި، ގެރި، ބަކަރި،ކަންބަޅި، މުސަޅު، ބުޅާ،ހިކަނދި، މީދާ، އަސް، ހިމާރު،ހިޔަޅު، ނީލަގެރި، އޫރު، ކުއްތާ، ފަދަ އެއްގަމު ޖަނަވާރުތައް ހިމެނެއެވެ. މިޖަރާސީމު ހަށިގަނޑުން ބޭރުވާ ދޮރާއްޓަކީ ކުޑަކަމު ނަޖިހެވެ. އަދި އަނެކާގެ ހަށިގަނޑަށް ވަންނަ ދޮރާއްޓަކީ ހަމާއި، ތެތްދުލިފަށަލަ ތަކެވެ. މިޖަރާސީމު ޖަނަވާރެއްގެ ހަށިގަނޑަށްވަދެ އެއަށް ބަލިޖެއްސުމަށްފަހު، އެ ޖަނަވާރުތަކުގެ ކުޑަކަމުދާ ތަކެއްޗާއެކު ދޫކުރެއެވެ. މައިގަނޑު ގޮތެއްގައި އިންސާނުންނަށް މިބަލި ޖެއްސުމުގައި މުހިއްމު ދައުރެއް އަދާކުރާ ދިރޭ އެއްޗަކީ މީދަލެވެ.

ލެޕްޓޯސްޕައިރާ އަކީ އާންމުކޮށް ފެނުގައި އުޅޭ ޖަރާސީމެކެވެ. ތާޒާ ފެންގަނޑާއި، ޗަކަ ބިންގަނޑު، ދަނޑުބިންތައް، އަދި ކޯރާއި، ކުޅިފަދަ ތަންތަނުގައި ހުންނަ މަޑުގަނޑުގެ ތެރޭގައި މިޖަރާސީމު އާލާވެފައި ހުރެއެވެ. ފެން ބޮޑުވުން ފަދަ ހާދިސާތަކާއި ގުޅިގެން މިޖަރާސީމު ފެތުރުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

ފެތުރޭގޮތް
ބަލިޖެހެނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ބަލިޖެހިފައިވާ ޖަނަވާރެއްގެ ކުޑަކަމުދާ ތަކެއްޗަށް ހުށަހެޅިގެންނެވެ. މާހައުލުގައި ލެޕްޓޯސްޕައިރާގެ ޖަރާސީމު ދިރިހުރުމަށް ތެތްފިނި ކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލި އާންމުކޮށް ޖެހެނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ.
v     ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނުގައި(ޖަނަވާރުގެ ކުޑަކަމުދާ ތަކެއްޗާއި ތަޣައްޔަރުވެފައިވާ) ބީހުމުގެ ތެރޭގައި ހަމުގެ ތެރެއަށް ޖަރާސީމު ވަނުން
v     ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެން ބުއިން ނުވަތަ ކާތަކެތި ކެއުން
v     ބަލިޖެހިފައިވާ ޖަނަވާރުގެ މަސް، ގުނަވަން ފަދަ އެއްޗެއް އުފުލައިހެދުމުގައި ޖަރާސީމާއި ބީހިގެން ހަށިގަނޑަށް ޖަރާސީމު ވަނުން
v     ޖަރާސީމާއި ތަޣައްޔަރުވެފައި ހުރި ވެލީގައި، ނުވަތަ ފެނުގައި ބީހިގެން ހަށިގަނޑުން ކަނޑައިގެން ގޮސްފައިވާ ތަން، ނުވަތަ ތެތް ދުލިފަށަލަ އެއް ހުރަސްކޮށް ހަމުގެ ތެރެއަށް ޖަރާސީމު ވަނުން
v     އިންސާނުންގެ މެދުގައި ބަލި ގައިންގަޔަށް އެރުމަކީ ވަރަށް ނާދިރު ކަމެކެވެ.

އިންސާނުންގެ ގައިންގަޔަށް އެރުން
އިންސާނުންގެ ތެރޭގައި އެކަކުގައިން އަނެކާގެގަޔަށް ލެޕްޓޯސްޕައިރޯސިސް އަރަނީ ވަރަށް މަދުންނެވެ. އެގޮތުން އިންސާނުންގެ ގައިންގަޔަށް މިބަލި އަރަނީ:-
ü      ބަލިޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުމުން
ü      ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް
ü      ބަލިޖެހިފައިވާ މައިމީހާ ގާތުން ދިނުމުން ތުއްތު ދަރިފުޅަށް
ނޯޓް : ބަލިޖެހިފައިވާ މީހާގެ ކުޑަކަމު ނަޖިހަކީ ބަލިފަތުރާ އެއްޗެއް ކަމުގައި ބަލަންވާނެ އެވެ.

ޖަރާސީމު ހަށިގަނޑަށް ވަންނަގޮތް
ލެޕްޓޯސްޕައިރާ ގެ ޖަރާސީމު އިންސާނާގެ ހަށިގަނޑަށް ވަންނަނީ ހަމުގައި ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ކަފައިގެން ގޮސްފައިވާ ތަންތަން އަދި މަށައިގެން ގޮސްފައިވާ ތަންތަން ހުރަސްކޮށެވެ. މީގެ އިތުރުން ތެތް ދުލިފަށަލަ ފަދަ ތަންތަން މިސާލަކަށ ލޯ، އަނގަ، ނޭފަތް ފަދަ ތަންތަން ހުރަސްކޮށް ހަށިގަނޑަށް މިޖަރާސީމު ވަދެދާނެ އެވެ. ބައެއް ފަހަރު ޖަނަވާރުގެ ކުޑަކަމު ނަޖިހުގެ ތިއްކެއް އެތެރެއަށް ނޭވާލުމުގެ ތެރޭގައި ދަމާލެވިގެން ވެސް ޖަރާސީމު ހަށިގަނޑަށް އެތެރެ ވެދާނެ އެވެ. އަދި ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިން ނުވަތަ ކާތަކެތި ކެއުމުގެ ތެރޭގައި ވެސް ޖަރާސީމު ހަށިގަނޑަށް އެތެރެ ވެދާނެ އެވެ.

ޖަރާސީމުގެ ހަށިގަނޑަށް އެތެރެވުމަށްފަހު ވާގޮތް
އިންސާނާގެ ހަށިގަނޑަށް ލެޕްޓޯސްޕައިރާ ޖަރާސީމު ވަނުމަށްފަހު ލޭގެ ތެރެއަށް ދެއެވެ. އެއަށްފަހު ލޭގެ ތެރެއިން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކާއި ޓިޝޫ ތަކަށް ވާޞިލްވެއެވެ. އެއަށްފަހު ގިނަ ޖަރާސީމުތައް ހަށިގަނޑުން އެއާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން ނެތިދެއެވެ. ނަމަވެސް ބައެއް ޖަރާސީމުތައް ގުރުދާގެ އެތެރޭގައިވާ ހިމަ ހޮޅިތަކުން ހިޔާވަހިކަން ހޯދައި، ކުޑަކަމުދާ ތަކެއްޗާއެކު މިޖަރާސީމު ހަށިގަނޑުން ބޭރުކުރެއެވެ. އެގޮތުން ދެތިން ހަފްތާއިން ފެށިގެން ދެތިން މަސްދުވަހުގެ މުއްދަތަށް މިގޮތަށް ބަލިޖެހިފައިވާ މީހާގެ ކުޑަކަމުނަޖިހާއެކު ލެޕްޓޯސްޕައިރާ ގެ ޖަރާސީމުތައް ދޫކޮށް ހުރެއެވެ. އެއަށްފަހު ގުރުދާ އާއި އެހެނިހެން ގުނަވަންތަކުން ވެސް ޖަރާސީމު އަސަރު ފިލައި ދެއެވެ. ނަމަވެސް ލޮލުގައި ތަންކޮޅެއް ގިނަ ދުވަސްތަކެއް ވަންދެން ޖަރާސީމު ހަރުލާފައި ހުރެއެވެ.  

ބަލިޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
·        މަސްވެރިން
·        ދަނޑުވެރިން
·        ނަރުދަމާ ނިޒާމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން
·        ޖަނަވާރު ގެންގުޅޭ ފަރާތްތައް
·        ކިރު އުފެއްދުމުގެ މަސައްކަތުގައި ގެރިގެންގުޅޭ މީހުން
·        އެެއްގަމު ޖަނަވާރުގެ މަސް ވިއްކުމުގެ މަސައްކަތުގައި އުޅޭމީހުން
·        އަސްކަރީ ކޭމްޕުތަކުގައި އުޅޭ މީހުން
·        ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކުޅި، ފެންގަނޑު، ކޯރުތަކަށް އެރިއުޅޭ މީހުން
·        ހަނޑޫ ދަނޑުގައި މަސައްކަތްކުރާ މީހުން
·        ފެނުގެ ކުޅިވަރުތަކުގައި ބައިވެރިވާ މީހުން
·        ފެނުތެރޭގައި އެއްޗެތި ދުއްވައި، ކުޅެހަދާ މީހުން

·        ރަށްފުށުގައި ދިރިއުޅޭމީހުން
·        އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން
·        އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުން

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ލެޕްޓޯސްޕައިރޯސިސް ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 30-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އެވްރެޖުކޮށް ގާތްގަނޑަކަށް 10-7 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.
 
އަލާމާތްތައް : ލެޕްޓޯސްޕައިރޯސިސް ގެ އަލާމާތްތައް އެކިމީހުންނަށް ފެންނަ މިންވަރާއި، ކުރިމަތިވާގޮތް ވެސް ތަފާތެވެ. ބައެއް މީހުންނަށް ލެޕްޓޯސްޕައިރޯސިސް ޖައްސާ ޖަރާސީމު ހަށިގަނޑަށް ވަތްނަމަވެސް އޭގެ އަލާމާތްތައް ނުފެނި ހުރެދާނެއެވެ. އާންމު އުޞޫލަކަށް ބަލާއިރު ލެޕްޓޯސްޕައިރޯސިސް އާއި ގުޅިގެން ފެންނަ އަލާމާތްތައް މައިގަނޑު 4 ބަޔަކަށް ބަހާލެވިދާނެ އެވެ.
Ø      އާދައިގެ ވަރަކަށް ކުރިމަތިވާ ރޯގާގެ އުދަނގޫތައް
Ø      ވެއިލްސް ޑިޒީޒް : ރީނދޫވުން،މޭގަނޑު ފޭލްވުން، ގުރުދާ ފޭލްވުން، އެތެރެއަށް ލޭހިލުން، ހިތުގެ ބޭރު މަސްފަށަލަ ދުޅަވުން، އަދި ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން
Ø      ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، ސިކުނޑިއާއި އަދި އޭގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން
Ø      ފުއްޕާމޭގެ ތެރެއަށް ލޭހިލި، ނޭވާލުމުގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށްއައުން

ބައެއް ފަހަރު ލެޕްޓޯސްޕައިރޯސިސް އުދަނގޫތައް ދެމަރުހަލާއަކަށް ބަހާލެވެއެވެ.
(ހ) - ފުރަތަމަ މަރުހަލާގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ގަދަޔަށް ބޮލުގައި ރިހުން، ހީކެރުވުން، ގައިގައި ރިހުން، ،މޭނުބައިކުރުން، ހޮނޑުލުން، އަދި ބޭރަށްހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ގައިން ބިހިތަކެއް ވެސް ނަގައިފާނެ އެވެ. އަދި ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ރީނދޫވުން، ލޯރަތްވުން، ލޮލުން ފެންއައުން، ބަނޑުގައި ރިހުން، ނޭވާލާއިރު އަޑުކިޔުން، ކަށިތަކުގައި ރިހުން، ގޮށްލުން، ހުޅުތަކުގައި ރިހުން، މަސްތައް ހަރުއެރުން، މަސްތަކުގައި ބީހުމުން ރިހުން، ކަރުތެރެ ހަލާކުވުން، ގައިން ބިހިނެގުން، ފަދަ ކަންތައްތައް ހިމެނެއެވެ. މިއަލާމާތްތައް އާންމުކޮށް 9-5 ދުވަހާއި ދެމެދުގައި ރަގަޅުވާނެ އެވެ. ގިނަ ފަހަރު ލެޕްޓޯސްޕައިރޯސިސް ޖެހޭމީހުންނަށް މިމަރުހަލާ ފެނުމަށްފަހު ބަލި ރަގަޅު ވެދެއެވެ.

(ށ) - ދެވަނަ މަރުހަލާގައި ނުރައްކާތައް ފެންމަތިވެގެން އާދެއެވެ. މިއީ ގިނަ ފަހަރު ފަރުވާނުކޮށް ދޫކޮށްލުމުން ދިމާވެދާނެ ކަންކަމެވެ. ކުރިން ފެނުނު ކަންތައްތައް އަނެއްކާ އިއާދަވުމަކީ ވެސް މިމަރުހަލާގައި ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ކަރުހަރުއެރުން، ގުރުދާ ފޭލްވުން، ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، މޭގަނޑުގެ މަސައްކަތް ފޭލްވުން، އަދި ނޭވާކުރުވެ، ނޭވާލާން ދަތިވެ، ނޭވާލުން ހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. މަދުފަހަރަކު ފުރާނައަށް ނުރައްކާވެ، މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ވެއިލް ޑިޒީޒް އޭ ކިޔަނީ ލެޕްޓޯސްޕައިރޯސިސް ގެ ސަބަބުން ގުރުދާ ފޭލްވުމާއި، މޭގަނޑު ފޭލްވެ، ވަރަށް ބޮޑަށް ރީނދޫވުން ކުރިމަތިވާ ޙާލަތަކަށެވެ.

އާންމު ގޮތެއްގައި ބަލިޖެހޭ 10 އިންސައްތަ މީހުންނަށް ރީނދޫވުން ކުރިމަތިވެ، ގުރުދާ އާއި މޭގަނޑުގެ މަސައްކަތްތައް ފޭލްވެ ހުއްޓުމަކަށް އާދެއެވެ. ރީނދޫވާން ފަށަނީ ބަލިޖެހޭތާ 9-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އަދި އޭގެ 5-4 ދުވަސް ފަހުން ވަރަށް ބޮޑަށް ރީނދޫވެފައި ހުރިކަން ފާހަގަ ވާނެއެވެ. ބައެއް ފަހަރު މި ރީނދޫވުމުގެ އަސަރު މަސް ދުވަސް ވަންދެން ވެސް ދެމިހުންނަގޮތް ވެއެވެ.

މާބަނޑު ދުވަސްވަރު ލެޕްޓޯސްޕައިރޯސިސް ޖެހުން : މާބަނޑު ދުވަސްވަރު މިބަލި ޖެހިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅު މަރުވުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު މަރުވެފައި އޮތުން، ބައިގެންދިއުން، އަދި އުފަންވާއިރު ތުއްތު ދަރިފުޅަށް ލެޕްޓޯސްޕައިރޯސިސް ޖެހުން ހިމެނެއެވެ.

ނުރައްކާތައް
ü      މާބަނޑު އަންހެނުންނަށް : ބައިގެންދިއުން
ü      މޭގަނޑުގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށް އައުން
ü      ގުރުދާގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށް އައުން
ü      ޕްލޭޓްލިޓްގެ މިންވަރު ދަށްވުން
ü      އެތެރެހައްޓަށް ލޭހިލުން : ޚާއްޞަކޮށް ގޮހޮރުގެ ތެރެއަށް
ü      ފުއްޕާމޭގެ ތެެރެއަށް ލޭހިލުން
ü      ލޮލުގެ މައްސަލަތައް މެދުވެރިވުން
ü      ނޭވާލާން އުދަނގޫވެ ދަތިވުން
ü      ލޭގެ ޕްރެޝަރު ދަށްވުން
ü      ސިކުނޑީގެ ތެރެއަށް ލޭއެޅުން
ü      ހިތުގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށް އައުން

ދެނެގަތުން
ލެޕްޓޯސްޕައިރޯސިސް ދެނެގަތުމަށް ތަފާތު ޓެސްޓުތައް ހަދައި އުޅެއެވެ. އޭގެ ތެރޭގައި:-
v     ލޭގެ ޓެސްޓުހަދައިގެން ބައްޔާއި ގުޅިގެން އުފެދޭ ހަށިދަމަނަ އުފެދިފައިވޭތޯ ބެލުން : އެގޮތުން ހެދޭ އެންމެ އާންމު ޓެސްޓަކީ "މައިކްރޮސްކޯޕިކް އެގުލުޓިނޭޝަން ޓެސްޓު"(Microscopic agglutination test) އެވެ.
v     ލޭ، ކުޑަކަމު ނަޖިސް،ސިނކުޑީގެ ތެރޭގައި ހުންނަ ދިޔަ، ނުވަތަ ހަށިގަނޑުން އެހެން ޓިޝޫއަކުން އެތިކޮޅެއް ނަގައިގެން ވަކި ކަހަލަ މީޑިއަމް އެއްގައި އިންދައި ހައްދައިގެން ޖަރާސީމު ހުރިތޯ ބެލުން
v     ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން
v     ލޭޓެސްޓު ކޮށްގެން މޭގަނޑުގެ މަސައްކަތް ހުރިނެތްގޮތް ބެލުން
v     އެހެނިހެން ޓެސްޓުތައް : ޕޮލިމެރޭޒް ޗެއިން ރިއެކްޝަން ޓެސްޓު، އެލައިޒާ ޓެސްޓު، ޑޮޓް ބްލޮޓް އިމޔުނޯ އެސޭ،

ފަރުވާ
ލެޕްޓޯސްޕައިރޯސިސް އަށް ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން ބަލީގެ ފަރުވާގެ ގޮތުގައި ދެވޭ އެންޓިބަޔޮޓިކް ފަށަންވާނެ އެވެ. އެންމެ އެދެވިގެންވަނީ ބަލިވާތާ ކުރީކޮޅު ބައްޔަށް ފަރުވާ ކުރުމެވެ. ޚާއްޞަކޮށް ބަލީގެ އުދަނގޫތައް ފެންނަން ފަށާތާ 5 ދުވަހުގެ ތެރޭގައި ފަރުވާ ފަށަން ޖެހޭނެ އެވެ. ސަބަބަކީ ބަލީގެ އުނދަގޫތައް ފެންނަށް ފެށިތާ 5 ދުވަސް ވުމަށްފަހު އެންޓިބަޔޮޓިކް ބޭނުންކުރި ނަމަވެސް އޭގެ އެކަށޭނަ ފައިދާ ނުލިބިދާނެތީ އެވެ. ނަމަވެސް ގިނަ ޑޮކްޓަރުން މިބައްޔަށް ފަރުވާ ކުރުމުގައި ބަލީގެ އަލާމާތްތައް ފެންނަން ފެށި ދުވަހަކަށް ބެލުމެއްނެތި އެންޓިބަޔޮޓިކް ދޭކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އެންޓިބަޔޮޓިކް ފެއްޓުމަށް ކޮންމެހެން ލެބޯޓްރީގައި ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް މަޑުކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ ބައްޔާއި ގުޅިގެން ހަށިގަނޑުގައި އުފެދޭ ހަށިދަމަނަތަކަށް ޓެސްޓް ޕޮޒިޓިވްވާނީ ބަލިޖެހޭތާ ހަފްތާއެއްގެ ފަހުން ކަމަށްވާތީ އެވެ. އަދި ކަލްޗަރ ޓެސްޓު ޕޮޒިޓިވްވުމަށް ދެތިން ހަފްތާވަރު ނަގާތީ އެވެ.

ނުރައްކާތެރި ހާލަތްތަކުގައި ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހެއެވެ. ޚާއްޞަކޮށް ހަށިގަނޑުގައި ދިޔާތަކެތީގެ ބައިގެ ހަމަ ހިފެހެއްޓުމަށް ސަމާލުވާން ޖެހެއެވެ. ގުރުދާ ފޭލްވެއްޖެނަމަ ޑަޔަލިސިސް ހަދަންޖެހެއެވެ. ފުއްޕާމޭގެ ތެރެއަށް ލޭހިލި، ނޭވާލުމަށް ހުރަސްތަކާ ކުރިމަތިވެއްޖެނަމަ ވެންޓިލޭޓަރަށް ބަލިމީހާ ލާންޖެހޭ ފަހަރުވެސް އާދެއެވެ. ބައެއް ފަހަރު ވިޓަމިން ކޭ އިންޖެކްޝަން ވެސް ޖަހަން ޖެއެވެ. އަދި މޭގެ އެކްސްރޭ ވެސް ބައެއް ހާލަތްތަކުގައި ނަގަން ޖެހެއެވެ.

ލެޕްޓޯސްޕައިރޯސިސްގެ ނުރައްކާތެރި ހާލަތުގައި ފަރުވާގެ ގޮތުގައި އިންޖެކްޝަންގެ ސިފައިގައި ޕެނިސިލިން ޖީ ދެވެއެވެ. ތަންކޮޅެއް އާދައިގެ ވަރަކަށް ބަލިޖެހިފައިވާ މީހުންނަށް ގުޅަ ބޭސް ނުވަތަ ކެޕްސޫލްގެ ގޮތުގައި އެމޮކްސިސިލިން، އެމްޕިސިލިން، ޑޮކްސީސައިކްލިން، ނުވަތަ އެރިތްރޯމައިސިން ދެވެއެވެ. މީގެ އިތުރުން ބައެއް ފަހަރު ސެފްޓްރިއެކްސޯން، ސިފޮޓެކްޒައިމް، އަދި ކިނޯލޯން ފަދަ ބޭސްތައް ވެސް ބޭނުން ކުރެވެއެވެ. އަދި މިހާރަކަށް އައިސް އެޒިތްރޯމައިސިން ވެސް ދެމުން ގެންދާކަން ފާހަގަ ކުރެވެއެވެ. މިފަހަކަށް އައިސް އެންމެ އާންމުކޮށް ބޭނުންކުރެވޭ އެއް ބޭހަކީ ޑޮކްސީ ސައިކްލިން އެވެ. މިބޭސް ދިނުން ބޮޑަށް އެދެވިގެންވަނީ ބަލިޖެހޭތާ 48 ގަޑިއިރުގެ ތެރޭގައެވެ. ނުވަތަ ބަލީގެ ކުރީކޮޅުގައެވެ.

ރައްކާތެރިވުން
ލެޕްޓޯސްޕައިރޯސިސް އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުން އަމާޒުކުރެވެނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެއީ:-
v     ބަލި ޖައްސާ މަޞްދަރު
v     ބަލި ފެތުރޭގޮތް
v     އިންސާނުންނަށް ބަލިޖެހުން

ބަލި ޖައްސާ މަޞްދަރު ކޮންޓްރޯލްކުރުން
ބަލި ޖައްސާ މަޞްދަރު ކޮންޓްރޯލް ކުރުމަށް ބަލާއިރު އެތަނެއްގައި ބަލީގެ ޖަރާސީމުގެ ރިޒާވަޔަރ ގެ ގޮތުގައި އުޅެނީ ކޮންކަހަލަ ޖަނަވާރުތަކެއްތޯ ބެލުން މުހިއްމެވެ. ނުވަތަ ކަނޑައެޅުން މުހިއްމެވެ. އެގޮތުން އެތަނެއްގައި އުޅޭ ޖަނަވާރެއް ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް ހޯދައި އެކަންކަން ކުރުން މުހިއްމެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
v     އެތަނެއްގައި އުޅޭ ދިރޭތަކެތި ކޮންޓްރޯލްކުރުން : މިސާލަކަށް ރާއްޖޭގައި ނަމަ މީދާ ކޮންޓްރޯލްކުރުން
v     މީހުން އުޅޭ ތަންތަނަށް އެފަދަ ތަކެއްޗަށް (ބުޅާ މީދާ ފަދަ ޖަނަވާރުތަކަށް) ނުވަދެވޭނެ ގޮތް ހެދުން : މިސާލަކަށް މީދަލާއި ބުޅަލަށް ނުވަދެވޭނެހެން ބަދިގެ ގުދަން ފަދަ ތަންތަން ތައްޔާރުކުރުން.
v     މީހުން ދިރިއުޅޭ ހިސާބުތަކުގައި ކުނިބުނި ޖަމާކޮށްފައި ނުބެހެއްޓުން.
v     ގެޔާއި ގޯތި ތެރޭގައި އުފެދޭ ކުނިބުނި ވެސް ގަވާޢިދުން ނައްތާލުން
v     މީހުން ދިރިއުޅޭ ތަންތަނާއި، ގެޔާއި ބަދިގެ ފަދަ ތަންތަނަށް ކާތަކެތި އަޅާފައި ހާމަޔަށް ނުބެހެއްޓުން

ބަލިފެތުރުން ކޮންޓްރޯލްކުރުން
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
v     ޖަނަވާރުގެ ކުޑަކަމު ނަޖިހުގައި އަތްނުލުން
v     ބަލިޖެހިފައިވާ ޖަނަވާރު ގައިގައި އަތްލައި ނުހެދުން، ބުޅާ މީދާ ފަދަ އެއްޗެއްގައި އަތްލެވުނުނަމަ ލަސްނުކޮށް ސައިބޯނިލައިގެން އަތްދޮވުން
v     ބަލީގެ ޖަރާސީމު ހުރެދާނެ ހެން ހީވާ ތަންތާގައި އަތްނުލުން : މިސާލަކަށް ގޯތި ތެރޭގައި ކުނި ފަދަ ތަކެތި ހުންނަ ތަންތަން، ދަރުފުނި ފަދަ ތަންތަން
v     ދަނޑުގެ މަސައްކަތްތަކާއި، ނަރުދަމާގެ މަސައްކަތްތައް ފަދަ މަސައްކަތްތައް ކޮށްއުޅޭއިރު، ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އަންގި، ބޫޓު ފަދަ ތަކެތި ބޭނުންކުރުން
v     ގައިގައި ފާރުގަނޑެއް ފަދަ ތަނެއް އިންނަމަ ފެން ނުވަންނާގޮތަށް ރަގަޅަށް ނިވާކުރުން
v     ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކޯރު، ކުޅި، ފެންގަނޑު ފަދަ ތަންތަނަށް އެރިނޫޅުން އަދި އެފަދަ ތަނަކަށް އެރޭނަމަ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
o       ގައިގައި ފާރުގަނޑެއްހުރިނަމަ ފެން ނުވަންނާނެހެން ނިވާކުރުން
o       އަންގިއާއި، ބޫޓު ފަދަ ތަކެއްޗަށްއެރުން
o       ނިމިގެން ރަގަޅަށް މުޅި ހަށިގަނޑު އަވަހަށް ދޮވެ ސާފުކުރުން
o       އޮއިނުދެމޭ ފެންގަނޑުތަކަށް އެއްގޮތަކަށް ވެސް އެރިނޫޅުން

އިންސާނުންނަށް ބަލިޖެހުން ކޮންޓްރޯލްކުރުން
v     ބައްޔާއި ބެހޭ މަޢުލޫމާތު އޮޅުން ފިލުވައިދިނުން: ބަލިޖެހެނީ ކިހިނެއް ކަމާއި، ފެތުރޭގޮތް، ފެންނަ އަލާމާތްތަކާއި އުދަނގޫތައް އޮޅުން ފިލުވައި ދިނުމުން ބަލިވި ނަމަވެސް އަވަހަށް ޑޮކްޓަރަށް ދިއުމަށް އެހީއަކަށް ވެއެވެ.
v     ބަލީގެ ޖަރާސީމަށް ހުށަހެޅުނުހެން ހީވާނަމަ ހަށިގަނޑުގައި ބަލި އާލާވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ޑޮކްސީސައިކްލިން އެންޓިބަޔޮޓިކް ބޭނުންކުރެވިދާނެ އެވެ.
v     ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުން : ބައެއް ގައުމުތަކުގައި ވެކްސިން ތައްޔާރުކޮށްގެން ވެކްސިން ދީއުޅެއެވެ. ނަމަވެސް ހަދާން ބަހައްޓަންވީ ވެކްސިންގެ ފުށުން ލިބޭ ރައްކާތެރިކަން އޮންނަނީ ވަކި މުއްދަތަކަށް ކަމަށްވެފައި، އެވެކްސިނަކުން ރައްކާތެރިކަން ލިބޭނީ އެވެކްސިނެއް އަމާޒުކޮށްފައިވާ ޖަރާސީމުންޖެހޭ ބަލީގެ ވައްތަރަށް ނުވަތަ ބައްޔަށް އެކަނިކަމެވެ.

ނޯޓް: ލެޕްޓޯސްޕައިރޯސިސް އިން ރައްކާތެރިވުމަށް އާންމު އުޞޫލަކުން ދީއުޅޭ ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ. ނަމަވެސް ފްރާންސްފަދަ ބައެއް ގައުމުތަކުގައި ވެކްސިނެއް ތައްޔާރުކޮށްގެން ދެމުން ގެންދެއެވެ. ބޭރު ގައުމުތަކުގައި ޖަނަވާރުންނަށް ވެކްސިން ދީއުޅޭކަން ފާހަގަ ކުރެވެއެވެ.
މައުލޫމާތު :-
·        އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް



No comments:

Post a Comment