Thursday, February 4, 2016

ފުރަމޭގެ ކެންސަރު

ފުރަމޭގެ ކެންސަރު
ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. 

ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް ކުރެވޭ ފަރުވާ ބިނާވެފައި އޮންނަނީ ކެންސަރާއި ގުޅިގެން އުފެދޭ ޓިއުމަރު ނުވަތަ ގޮށްގަނޑު ގެ ސައިޒާއި، ޓިއުމަރު ހުރި ހާލަތެއްގެ މައްޗަށެވެ.


ފުރަމޭ އަކީ ނޭވާލުމަށް އެހީވުމަށް ބަނޑުގެތެރޭގައިވާ ޑައިފްރަމް އޭ ކިޔާ މަސްގަނޑުގެ ދަށުގައި ބަނޑުގެ މަތީ ބައިގެ ކަނާތްފަރާތުގައިވާ ގުނަވަނެކެވެ. ފުރަމޭގައިވާ ސެލްތަކަކީ ވަރަށް ޚާއްޞަ ސެލްތަކެކެވެ. އެސެލްތައް ބާވުމުން އެސެލްތައް އަލުން އާކުރުމުގެ ގާބިލިއްޔަތު ފުރަމެޔަށް ލިބިފައި ވެއެވެ. މިބަލި އޭޝިޔާގައި އާންމުވެފައިވަނީ ހެޕަޓައިޓިސް ނުވަތަ ފުރަމޭ ދުޅަވުމުގެ ސަބަބުންނެވެ.ފުރަމޭގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. 

ފުރަމޭގެ ކެންސަރު ބެހިގެންވާ ގޮތާއި ވައްތަރުތައް 
ފުރަމޭގެ ކެންސަރު ދެބަޔަކަށް ބެހެއެވެ. އެއީ ޕްރައިމަރީ ކެންސަރު އަދި ސެކަންޑަރީ ކެންސަރެވެ. ޕްރައިމަރީ ކެންސަރަކީ ފުރަމޭގައި ކެންސަރު އުފެދުމެވެ. ސެކަންޑަރީ ކެންސަރަކީ އެހެން ކޮންމެވެސް ތަނެއްގައި އުފެދޭ ކެންސަރުގެ ސެލްތައް ފުރަމެޔަށް ދަތުރުކޮށް، އެތާގައި ހާލި ހެދުމެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށްޖެހޭ ކެންސަރު އެހާ ފަސޭހައިން ފުރަމެޔަށް ވާޞިލްވާގޮތްވަނީ ފުރަމެޔަކީ ލޭސާފުކޮށްދޭ ގުނަވަނަކަށްވެފައި، ލޭ ސާފުކުރުމުގެ ތެރޭގައި ނުވަތަ ލޭދައުރުވުމުގެ ތެރޭގައި ކެންސަރު ފެތުރޭތީ އެވެ. އާންމު ގޮތެއްގައި ފުރަމެޔަށް ކެންސަރު ފެތުރެނީ ބޮޑުގޮހޮރު، ޗިސްމޭ، ބަނޑު، ފުއްޕާމޭ އަދި އުރަމަތީގެ ކެންސަރުގެ ސަބަބުންނެވެ.

ފުރަމޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ "ހެޕަޓޮސެލިއުލާ ކާސިނޯމާ" އޭ ކިޔޭ ވައްތަރެވެ. މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ފުރަމޭގައި އެންމެ ގިނައިން ހުންނަ ''ހެޕަޓޮސައިޓް" އޭ ކިޔޭ ސެލްތަކުންނެވެ. ފުރަމެޔަށްޖެހޭ ކެންސަރުގެ ކޮންމެ 5 ހާލަތަކުން އެއް ހާލަތަކީ މިވައްތަރުގެ ކެންސަރުކަން ފާހަގަ ކުރެވެއެވެ.މީގެ އިތުރުން "ކޮލަންޖީއޯކާސިނޯމާ" ކިޔާ ކެންސަރުގެ ވައްތަރެއް ވެސް ފުރަމެޔަށް ޖެހެއެވެ. މިވައްތަރަށް "ބައިލް ޑަކްޓްގެ ކެންސަރު" މިހެން ވެސް ކިޔައި އުޅެއެވެ. ފުރަމެޔަށްޖެހޭ ކެންސަރުތަކުގެ ތެރެއިން ކޮންމެ 10 ހާލަތަކުން 2-1 އަކީ މިވައްތަރުގެ ކެންސަރުކަން ފާހަގަ ކުރެވެއެވެ.އުމުރުން 4 އަހަރުން ދަށުގެ ކުޑަކުދިންނަށް ފުރަމޭގެ ކެންސަރުގެ ބާވަތެއް ކަމުގައިވާ "ހެޕަޓޯބްލާސްޓޯމާ" ޖެހެއެވެ. ފުރަމެޔަށް ކެންސަރު ޖެހުމަށްފަހު އެހެން ގުނަވަންތަކަށް ފެތުރުމަކީ ވެދާނެ ގޮތެކެވެ.

ސަބަބު
ފުރަމޭގެ ކެންސަރު ޖެހޭ ހަގީގީ ސަބަބުތައް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ފުރަމޭގެ ކެންސަރަށް މަގުފަހިކޮށްދޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:-
·         ފުރަމޭގައި ލަކުނުލުން ނުވަތަ ފުރަމޭ ހަލާކުވުން : ފުރަމޭގައި ލަކުނު ލުމަކީ އެއްވެސް ސަބަބަކާހުރެ ފުރަމޭގެ ޓިޝޫ ތަކުގައި ލަކުނުލައި، ފުރަމޭހަލާކުވެ، ފުރަމޭގެ މަސައްކަތަށް ބުރޫއެރުމެވެ. ފުރަމޭގައި ލަކުނުލުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފުރަމޭ ދުޅަވުމުގެ ވައްތަރުތައް ކުރިމަތިވުމާއި، ބަނގުރާބުއިން ފަދަ ކަންތައްތައް ހިމެނެއެވެ.
·         ފުރަމޭ ދުޅަކުރާ ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ސީގެ ޖަރާސީމް ހަށިގަނޑުގެތެރެއަށް ވަނުން ނުވަތަ މިބަލިތައް ޖެހުން (ފުރަމޭ ދުޅަވުން): ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ގެ އަސަރު ދިގުމުއްދަތަކަށް ހަށިގަނޑުގައި ހުރުމަކީ ފުރަމޭގެ ކެންސަރަށް މަގުފަހިކޮށްދާނެ ކަމެކެވެ.
·         ފުރަމެޔަށްޖެހޭ ބައެއް ކަހަލަ ބަލިތައް ވާރުތަވުން : މިސާލަކަށް ފުރަމޭގައި މާގިނައިން ދަގަނޑު ހަރުލުން ފަދަ ހާލަތްތަކަކީ ފުރަމޭގެ ކެންސަރަށް މަގުފަހިކޮށްފާނެ ހާލަތެކެވެ.
·         ބަނގުރާ ބޭނުންކުރުން : ދިގު މުއްދަތަކަށް ބަނގުރާ ބޭނުންކުރުމަކީ ފުރަމޭގައި ލަކުނު އުފެދި، ފުރަމޭ ހަލާކުވެ، ފުރަމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.
·         ފުރަމޭގައި ސަރުބީ ޖަމާވުން : ފުރަމޭގައި ސަރުބީ ޖަމާވުމަކީ ފުރަމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
·         ހަކުރު ބަލިޖެހުން : ހަކުރު ބަލީގެ އަހުލުވެރިންނަށް ހަކުރު ބަލި ނުހުންނަމީހުންނަށްވުރެ، ފުރަމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.
·         ބައެއް ކަހަލަ ވިހަ މާއްދާތަކުގެ އަސަރުކުރުން ނުވަތަ ބައެއް ބާވަތުގެ ކެމިކަލް އަށް ހުށަހެޅުން : ބައެއް ކަހަލަ ކާތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓުމުން އޭގައި އުފެދޭ "އެފްލަޓޮކްސިން" އޭ ކިޔާ ވިހައަކަށް ތަޣައްޔަރުވުމަކީ ވެސް ފުރަމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.
·         ގުދުރަތީ ބައެއް ކާނާގައި ވެސް ކެންސަރު އުފައްދާ ބައެއް މާއްދާތައް ހުރުމާއެކު މިފަދަ ކާނާ ގިނައިން ބޭނުންކުރުން
·         ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ފުރަމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.
·         މާބޮޑަށް ފަލަވުން : މާބޮޑަށް ފަލަވުމަކީ ފުރަމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.
·         ވާރުތަވުމުގެ ފުރުޞަތު އޮވެގެން ބަލިޖެހުން
·         ރޭޑިޔޭޝަނަށް ހުށަހެޅުން
·         ދުފުން
·         ފިތުހިލަ ހުރެގެން އޮޕަރޭޝަންކޮށްގެން ފިތް ނެގުން
·         ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ކިޔާ ހަމާއި، އެތެރެ ހަށީގެ ގުނަވަންތަކަށް އަސަރު ފޯރާ ބައްޔެއްހުރުން
·         ދިފާޢީ ބާރު ދަށްވުން
އަލާމާތްތައް
·         ބަނޑުގައި ރިހުން : މިރިހުން ބައެއް ފަހަރު ގަދަވެއެވެ. އަދި އަނެއްބައި ފަހަރު އަބަދު ހުންނަ ރިހުމަކަށް ބަދަލުވެގެން ދެއެވެ.
·         ވަރުދެރަވުން
·         ބަނޑުހައިވުން
·         ބަނޑުގެ ކަނާތް ފަރާތުގައި ރިހުން ނުވަތަ އުނދަގޫވުން
·         ކަނާތު ކޮނޑުހުޅުގެ އެއްފަރާތަށް ތަދުވުން
·         ފުރަމޭ ސައިޒުން ބޮޑުވުން
·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން
·         ކާހިތްނުވުން
·         ހަޖަމުގޯސްވުން
·         ބަނޑުހިކުން
·         ބަނޑުގައި އަތްޖައްސާލުމުން ހަރުތަނެއް އޮންނަކަން އިހްސާސްވުން
·         ބަނޑުގައި ފެންހެދުން
·         ލޭގެ އަލްފާ ފީޓޯޕްރޮޓީން ޓެސްޓްހަދާއިރު މިމާއްދާ އިތުރުވެފައިވުން
·         ގައިގެ ހަންގަނޑު ހުދުވެ، ލޯރީނދޫވުން
ފުރަމޭގެ ކެންސަރު ޖެހިފައިވާކަން ދެނެގަތުން
ފުރަމޭގެ ކެންސަރު ޖެހިފައިވާކަން ދެނެގަތުމަށް ކުރެވިދާނެ ޓެސްޓުތަކުގެ ތެރޭގައި :-
(ހ) ލޭގެ ޓެސްޓުކުރުން : ލޭގެ ޓެސްޓުތަކުގެ އެހީގައި ފުރަމޭގެ މަސައްކަތް ހުރިނެތްގޮތް ދެނެގަނެވިދާނެ އެވެ.
(ށ) އިމޭޖިންގ ޓެސްޓުތައް ހެދުން : މިސާލަކަށް ބަނޑުގެ ސްކޭންކުރުން ، ސީޓީ ސްކޭން ހެދުން، އެމްއާރުއައި ހެދުން ފަދަ ޓެސްޓްތައް ފުރަމޭގެ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ހަދަންޖެހިދާނެ އެވެ.
(ނ) ފުރަމެއިން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ހެދުން : ބަޔޮޕްސީ ހެދުމަށްޓަކައި ފުރަމެއިން އެތިކޮޅެއް ނެގުމަށްފަހު އޭގައި ކެންސަރު ގެ އަސަރު ހުރިތޯ ބެލޭނެ އެވެ.
ފަރުވާ
·         އޮޕަރޭޝަން ކުރުން
·         ރޭޑިއޭޝަން ދިނުން
·         ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މައުލޫމާތު :
·         ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
·         ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ
·         ކެންސަރ – ފުރާނައަށް ނުރައްކާތެރި ބައްޔެއް – ޔާސިރު ޞޯލިހް


No comments:

Post a Comment