ފުރަމޭ ހަލާކުވުން
ފުރަމޭ ހަލާކުވުން(liver cirrhosis) ދާއިމީ ސިފައެއްގައި ފުރަމޭގައި
ލަކުނުލައި، ފުރަމޭ ހަލާކުވެ، ފުރަމޭގެ މަސައްކަތަށް ބުރޫއެރުމެވެ. މިއީ
އެކަމެއްގެ ސަބަބުން ފުރަމޭގެ މަސައްކަތްތައް ފޭލްވެ، ފުރަމޭ ހުއްޓުމަކަށް
އަތުވެދާނެ ކަމެކެވެ. ފުރަމޭގައި ލަކުނުލައި ހަލާކުވަނީ ދިގުމުއްދަތަކަށް
ފުރަމެޔަށް ލިބޭ ގެއްލުން ދެމިހުރުމުންނެވެ. ނޫނީ ގެއްލުންވަމުން ދިއުން
ދިގުލައިދިއުމުންނެވެ. ފުރަމޭގައި ލަކުނުލާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި
ބަނގުރާ ބޭނުންކުރުމާއި، ތަފާތު ބޭސްތައް ބޭނުންކުރުން އަދި ތަފާތު ވައިރަސްތަކުން
ޖެހޭ އިންފެކްޝަން ތައް މެދުވެރިން ފަދަ ކަންތައްތައް ހިމެނެއެވެ.
ފުރަމޭ ހަލާކުވުމަކީ ފުރަމޭގެ ބަލީގެ
އެންމެ ފަހު މަރުހަލާއެވެ. މިހާލަތުގައި ފުރަމޭގައި ހުންނަ ދުޅަހެޔޮ ސެލޯށިތައް
ހަލާކުވެ ނެތި ގޮސް ފުރަމޭގައި ލަކުނު އުފެދެއެވެ. އެންމެ އާންމުކޮށް މިކަން
ދިމާވަނީ ދިގުމުއްދަތަކަށް ދެމިހުންނަ ފުރަމޭ ދުޅަވުން ކުރިމަތިވުމުންނެވެ. ފުރަމޭ
ދުޅަވެ، ހަލާކުވާއިރު އެކަން ރަނގަޅުކުރުމަށް ނޫނީ ފޫބެއްދުމަށް ހަލާކުވެ، ފާރުވި
ހިސާބު ރަނގަޅުވަމުން އަންނައިރު އެތަނުގައި ލަކުނު އުފެދެމުންދާނެ އެވެ. ނަމަވެސް
މާގިނައިން ނޫނީ މާބޮޑަށް ފުރަމޭގައި ލަކުނު އުފެދުމުން ފުރަމޭގެ މަސައްކަތަށް
ބުރޫއަރައި، ފުރަމޭ ހުއްޓުމަކަށް އާދެއެވެ. އެހެންކަމުން އާޚިރު ނަތީޖާއަކަށް ވަނީ
ފުރަމޭގެ މަސައްކަތްތައް ހުއްޓި އެއްކޮށް ފޭލްވުމެވެ.
ސަބަބުތައް
ތަފާތު ވަރަށް ގިނަ ބަލިތަކުގެ ސަބަބުން
ފުރަމެޔަށް ގެއްލުންދީ، ފުރަމޭގައި ލަކުނު އުފެދި ހަލާކުވުން މެދުވެރިކުރުވައެވެ.
އެގޮތުން ފާހަގަކުރެވޭ ބައެއް ބަލިތަކާއި ހާލަތްތައް ތިރީގައި މިވަނީ އެވެ.
·
ދިގު މުއްދަތަކަށް ބަނގުރާ ބުއިން ނޫނީ ގިނަ ދުވަސްތަކެއް
ވަންދެން ބަނގުރާ ބޭނުންކުރުން
·
ތަފާތު ވައިރަސް ތަކުގެ ސަބަބުން ޚާއްޞަކޮށް ހެޕަޓައިޓިސް
ބީ، ސީ، އަދި ޑީ ފަދަ ވައިރަސްތަކުގެ ސަބަބުން ފުރަމޭ ދުޅަވުން
·
ފުރަމޭގައި ސަރުބީ ހަރުލުން ނޫނީ ޖަމާވުން
·
ހަށިގަނޑުގައި ދަގަނޑު ހަރުލައި
"ހީމޮކްރޯމަޓޯސިސް" ކުރިމަތިވުން
·
ހަށިގަނޑުގެ ދިފާޢީ ނިޒާމުން އަމިއްލަ ހަށިގަނޑަށް ނޫނީ
ފުރަމެޔާ ދެކޮޅަށް މަސައްކަތްކޮށް ފުރަމޭ ދުޅަވުން ކުރިމަތިވުން
·
ބައިލްދޫކުރާ ނިޒާމުގެ ހޮޅިތައް ދުޅަވެ، ބައިލްދޫކުރާ
ނިޒާމުގެ ބައިތަކަށް ގެއްލުންވުން
·
ބައިލްދޫކުރާ ޑަކްޓް ނޫނީ މަގުތަކާއި ހޮޅިތަކުގައި
ލަކުނުލައި ހަރުއެރުން
·
ފުރަމޭގައި ރަންވަންލޯ ނޫނީ ކޮޕަރ ހަރުލައި ވިލްސަން
ޑިޒީޒް މެދުވެރިވުން
·
އުފެދުމުގައި ފުއްޕާމޭގައި ލަކުނުލައި ސިސްޓިކް ފައިބްރޯސިސް ކުރިމަތިވުން
·
އަލްފާ1 އެންޓިޓްރައިޕްސިން މަދުވުން
·
ބައިލް ދައުރުވާ މަގުތަކާ ހޮޅިތައް ބެދި ބިލިއަރީ އެޓްރީސިއާ ކުރިމަތިވުން
·
ލޭގައި ގެލެކްޓޯޒް ގިނަވެ، ގެލެކްޓޮސީމިއާ ކުރިމަތިވުން އަދި ގްލައިކޯޖަން
ސްޓޯރޭޖް ޑިޒީޒް ކުރިމަތިވުން
·
ހަޖަމުކުރާ ނިޒާމަށް ވިރާސީ ގޮތުން ކުރިމަތިވާ އެލެޖައިލް ސިންޑްރޯމް ކިޔާ
ބައްޔެއް ކުރިމަތިވުން
·
ސިފިލިސް ނޫނީ ބުރުސެއްލޯސިސް ފަދަ އިންފެކްޝަންތައް ޖެހުން
·
ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް މިތޮޓްރެކްސޭޓް އަދި
އައިސޯނިއެޒިޑް ފަދަ ބޭސްތައް
ފުރަމޭގައި ހަލާކުވުމަށް
މަގުފަހިކުރާ ކަންތައްތައް
·
ބަނގުރާ މާގިނައިން ބޭނުންކުރުން
·
ހުންނަށްޖެހޭ ވަރަށްވުރެ ބަރުދަން އިތުރުވުން ނޫނީ އާދަޔާ
ޚިލާފަށް ހަށިގަނޑު ބުރަހެލިވެ ފަލަވުން
·
ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން ކުރިމަތިވުން
އަލާމާތްތައް
ފުރަމޭގައި ވަރަށް ބޮޑަށް ލަކުނު
ނުލަނީސް މެނުވީ ފުރަމޭގައި ލަކުނުލުމަކުން އަލާމަތްތަކެއް ނުފެނިދާނެ އެވެ.
އަލާމާތްތައް ފެންނަ އިރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
·
ވަރުބަލިވެ، ވާޅުވުން
·
ވަރަށް ފަސޭހައިން ހަށިގަނޑުގެ ތަންތަނުން ލޭހިލުން ނޫނީ
ލޭއައުން
·
ކާހިތްނުވުން
·
މޭނުބައިކުރުން
·
ފައި، ފައިތިލަ، ތަނބިކަށި ހިމެނޭ ހިސާބު ފޮއްސިވެ،
ދުޅަވުން
·
ބަރުދަން ލުއިވުން
·
ހަންގަނޑު އަދި ލޯ ރީނދޫވުން
·
ހަމުގައި ހިރުވައި ކެހުން
·
ބަނޑުގައި ފެންހެދުން
·
އަތުގެ ހުދު ހަން ރަތްވުން
·
ހަމުގެ ލޭހޮޅިތައް ފާޅުވެ ފައިދިގުމަކުނުގެ ސިފަޔަށް
ފެންނަށްހުރުން
·
ބޮޑުވައި އިގިލި އަދި ޝަހާދަތް އިގިލީގެ ނިޔަފަތި ހުދުވެ
ދޮންފޫޑުވުން
·
ނިޔަފަތިތަކުގެ ކޮޅު ވަށްވުން (ސަމުސާ ބައްޓަމަށް
ބަދަލުވުން)
·
އިއްދައިގެ މުއްދަތާއި ގުޅުމެއްނެތި ހައިޟުނުވުން ނޫނީ
އިއްދައިން ނުކެނޑެނީސްވެސް ހައިޟުނުވުން (އަންހެނުން)
·
ޖިންސީ ގޮތުން ބަލިކަށިވުން (ފިރިހެނުން)
·
ފިރިހެނުންގެ އުރަމަތި ބޮޑުވުން
·
ވާނުވާނޭނގުން
·
ވާހަކަދައްކާއިރު އާގަތުން ނޫނީ އަޅައަޅައިގަތުން
·
އަބަދު ތާއްޔަށް ޖެހިފައިހުރުން
ފުރަމޭ ހަލާކުވުމުން
ދިމާވެދާނެ ނުރައްކާތައް
·
ފުރަމެއިން ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކުގެ
ލޭގެ ޕްރެޝަރު މަތިވުން (portal
hypertension): ފުރަމޭގައި ލަކުނުލުމަކީ ފުރަމޭގައި ލޭދައުރުވުން
ލަސްކޮށްލާ ކަމެކެވެ. މިކަމުގެ ސަބަބުން ފުރަމެއިން ނުސާފުލޭ އުފުލައިދޭ ލޭހޮޅި(hepatic veins) ތަކުގައި ލޭގެ ޕްރެޝަރު މަތިވެގެންދެއެވެ.
·
ފައި އަދި ބަނޑު ފުފި ބޮޑުވުން ނޫނީ ފޮއްސިވުން :
ފުރަމެއިން ނުސާފުލޭ އުފުލައިދޭ
ލޭހޮޅިތަކުގެ ޕްރެޝަރު މަތިވުމުން ފައި އަދި ބަނޑުގައި ފެން ހިފެހެއްޓޭގޮތް ނޫނީ
ޖަމާވާގޮތް ވެއެވެ. ފައިގައި ފެން އިތުރުވެ ޖަމާވުމުން ފައި ފޮއްސިވެ(odema) ދުޅަވެއެވެ. ބަނޑުގައި ފެން ހިފެހެއްޓޭގޮތް ވުމުން ބަނޑުގައި
ފެންހެދި(ascites) ބަނޑުބޮޑުވެ ފުއްޕައެވެ. މީގެ އިތުރުން
ފުރަމެއިން "އަލްބިއުމިން" ކިޔާ ޕްރޮޓީން އެއް އެކަށޭނަ ވަރަށް
ނުއުފެއްދުމަކީ ވެސް ފައިފޮއްސިވެ، ބަނޑުގައި ފެންހަރުލައިފާނެ ކަމެކެވެ.
·
ހުންކޮށި ބޮޑުވުން (splenomegaly): ފުރަމެއިން ނުސާފު ލޭ
އުފުލައިދޭ ލޭހޮޅިތަކުގައި ޕްރެޝަރު މަތިވުމަކީ ހުންކޮށީގައި ލޭގެ ސެލްތަކުގައި
ލޭގެ ހުދުސެލް ތައް އަދި ޕްލޭޓްލިޓް ތައް ތާށިވާނެ ކަމެކެވެ. މިކަމުގެ ސަބަބުން
ހުންކޮށި ދުޅަވެ ބޮޑުވާގޮތް ދިމާވެއެވެ. ލޭގައި ހުދު ސެލްތައް އަދި ޕްލޭޓްލިޓްގެ މިންވަރު
މަދުވުމަކީ ފުރަމޭގައި ލަކުނުލުމުގެ ފުރަތަމަ ނިޝާނަށް ވެދާނެއެވެ.
·
ލޭހިލުން(bleeding) : ފުރަމެއިން ނުސާފު ލޭ
އުފުލައިދޭ ލޭހޮޅިތަކުގައި ޕްރެޝަރު މަތިވުމަކީ ނުސާފުލޭ އުފުލައިދޭ ކުދި
ލޭހޮޅިތަކާ ދިމާލަށް ލޭގެ މިސްރާބު ބަދަލުވާނެ ކަމެކެވެ. ނުސާފުލޭ އުފުލައިދޭ ކުދި
ލޭހޮޅިތަކަށް ލިބޭ އިތުރު ޕްރެޝަރާއި ބާރުގެ ސަބަބުން މިލޭޙޮޅިތައް ކުއްލިއަކަށް
ފަޅައިގެން ގޮސް ލޭހިލޭގޮތް ވެއެވެ. މީގެ އިތުރުން ފުރަމެއިން ނުސާފު ލޭ
އުފުލައިދޭ ލޭހޮޅިތަކުގައި ޕްރެޝަރު މަތިވުމަކީ ކާތަކެތި ހިނގާހޮޅި އަދި ބަނޑުގައި
ހުންނަ ނުސާފުލޭ އުފުލައިދޭ ލޭހޮޅިތައް ދުޅަވެ، ފުއްޕައި، ފަލަވާނެ(varices) ކަމެކެވެ. މިގޮތަށް މިދެންނެވި ހިސާބުތަކުގައި ހުންނަ ލޭހޮޅިތައް
ފުޅާވެ ފަލަވުމަކީ ފަޅައިގެން ގޮސް އާދަޔާ ޚިލާފަށް ލޭހިލިދާނެ ކަމެކެވެ.
ފުރަމެއިން އެކަށޭނަ ވަރަށް ލޭގަނޑުކުރާ މާއްދާތައް އުފައްދައިނުދޭނަމަވެސް
މިގޮތަށް ލޭހިލުމަށް އިތުރު ބާރެއް ލިބިގެން ދެއެވެ.
·
އިންފެކްޝަންތައް އަށަގަތުން : ފުރަމޭގައި ލަކުނުލުމަކީ ހަށިގަނޑުގައި އިންފެކްޝަން
އުފައްދާނެ ކަމެކެވެ. ބަނޑުގައި ފެންހަރުލުމަކީ އެތެރެހަށީގެ ގުނަވަންތަކުގެ
ވަށައިގެންވާ ބަތާނަ ފަށަލަ ބެކްޓީރިއާގެ ސަބަބުން ދުޅަވެ(bacterial peritonitis) އިންފްލެމޭޝަން އުފެދޭނެ
ކަމެކެވެ.
·
މެލްނިއުޓްރިޝަން(malnutrition): ކާތަކެތި އެކަށޭނަ
ވަރަށް ހަށިގަނޑަށް ނުނެގުމުން ބަރުދަން ލުއިވެ، ވަރުދެރަވެ، ހަށިގަނޑު ހިކި
އަނަރޫފަވާގޮތް ވެއެވެ. ފުރަމޭގައި ލަކުނު ލުމަކީ ކާތަކެތި ހަށިގަނޑަށް ނެގުމަށް
ކުރާ މަސައްކަތަށް ހުރަސްއަޅައިފާނެ ކަމެކެވެ.
·
ސިކުނޑީގައި ވިހަތައް ހަރުލުން : ފުރަމޭގައި ލަކުނުލުމުން ދުޅަހެޔޮ ފުރަމެއިން ވިހަ
ސާފުކޮށްދޭ ގޮތަށް ފުރަމެއިން ވިހަތައް ސާފުކޮށެއް ނުދެއެވެ. މިހެންވުމުން
ސިކުނޑީގައި މިގޮތަށް ބޭރުނުކުރެވޭ ނޫނީ ސާފުނުކުރެވޭ ވިހަތައް ހަރުލާގޮތް ވެއެވެ.
އޭގެ ސަބަބުން ވާނުވާ ނޭގުން، އަދި ސަމާލުކަންދޭން ދަތިވުން ކުރިމަތި
ކުރުވައެވެ.މިހާލަތަށް ކިޔަނީ ހެޕަޓިކް އެންކެފަލޮޕަތީ(hepatic encephalopathy) އެވެ. މިހާލަތުގައި ގިނަ ދުވަސްވުމުން ފަހަރުގައި މީހާ އެއްކޮށް
ހޭނެތި ކޮމާ އަށް ގޮސްދާނެއެވެ.
·
ރީނދޫވުން (Jaundice): ރީނދޫވުން ކުރިމަތިވަނީ
ފުރަމެއިން އެކަށޭނަ ވަރަށް ލޭގައި ހުންނަ ބޭކާރު މާއްދާތައް
ބޭރުނުކުރެވުމުންނާއި، ހަލާކުފައިވާ ފުރަމެއިން އެކަށޭނަ ވަރަށް ބިލިރޫބިން ބޭރު
ނުކުރެވުމުންނެވެ. ރީނދޫވުމުން ލޮލުގެ ހުދުކަޅި، ހަންގަނޑު ރީނދޫވެ، ކުޑަކަމު
ނަޖިސްގެ ކުލަ ގަދަ ވެއެވެ.
·
ކަށީގެ ބަލިތަކުގެ ހިރާސް އިތުރުވުން : ފުރަމޭގައި ލަކުނުލުމުން ބައެއް މީހުންގެ ކަށިތަކުގެ ބާރު
ދަށްވެ، ފަސޭހައިން ކަށިތައް ބިނދޭގޮތް ވެއެވެ.
·
ފުރަމޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވުން :
ފުރަމޭގެ ކެންސަރު ޖެހިފައި ތިބޭ ވަރަށް
ގިނަ މީހުންގެ ކިބައިގައި ކުރިން ފުރަމޭގައި ލަކުނުލުން ހުރިކަން ފާހަގަ
ކުރެވެއެވެ.
ދެނެގަތުން
ފުރަމޭގައި ލަކުނުލާތާ ކުރީކޮޅު ބަލީގެ
އެއްވެސް އަލާމާތެއް ފާޙަގަ ނުވެދާނެ އެވެ. އާންމު ގޮތެއްގައި ފުރަތަމަ މިކަން
ފާހަގަކުރެވެނީ ހަށިގަނޑު އާންމު އުސޫލުން ބަލައި ޗެކުކުރަން ހަދާ ޓެސްޓުތަކުގެ
ތެރެއިންނެވެ. ބަލިހުރިކަން ކަށަވަރުކޮށް ޔަގީންކުރުމަށްޓަކައި ލެބޯޓަރީ
ޓެސްޓުތަކާއި އިމޭޖިންގ ޓެސްޓުތައް ހަދަންޖެހެއެވެ. އެގޮތުން ހަދައިފާނެ ޓެސްޓުތައް
ތިރީގައި މިވަނީ އެވެ.
(ހ) ލޭގެ ޓެސްޓުތައް : އެގޮތުން ފުރަމޭގެ މަސައްކަތް ހުރިގޮތް (ބިލިރޫބިންގެ
މިންވަރު އަދި ފުރަމޭގެ އެންޒައިމްތަކުގެ މިންވަރު) އަދި ގުރުދާގެ މަސައްކަތްތައް
ހުރިގޮތް (ކްރިއެޓިނިން ގެ މިންވަރު) ބެލެއެވެ. އަދި ކޮމްޕްލީޓް ބްލަޑް ކައުންޓް
ބެލެއެވެ. މީގެ އިތުރުން ހެޕަޓައިޓިސް ވައިރަސް ތަކަށް ވެސް ސްކްރީން ކުރެވެއެވެ.
އަދި ލޭގަނޑުކުރުމުގެ ގާބިލިއްޔަތު ހުރި މިންވަރު ބެލުމަށް އިންޓަނޭޝަނަލް
ނޯމަލައިޒްޑް ރޭޝިއޯ ވެސް ބެލެއެވެ.
(ށ) އިމޭޖިންގ ޓެސްޓުތައް : އެގޮތުން ހަދައިފާނެ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި
މެގްނެޓިކް ރިސޮނަންސް އިލާސްޓޮގްރަފީ، މެގްނެޓިކް ރިސޮނަންސް އިމޭޖިންގ،
ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސްކޭން އަދި އަލްޓްރާ ސައުންޑް ސްކޭން ހިމެނެއެވެ.
(ނ) ބަޔޮޕްސީ ހެދުން : ބައެއް ފަހަރު ފުރަމޭ އިން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ
ވެސް ހަދައިފާނެއެވެ.
ފަރުވާ
ފުރަމޭގައި ލަކުނުލުމުގެ ފަރުވާ
ބަރޯސާވަނީ ފުރަމޭގައި ލަކުނުލާން މެދުވެރިވި ސަބަބު އަދި ފުރަމެޔަށް ލަކުނުލުމުގެ
ސަބަބުން ގެއްލުން ލިބިފައި ހުރި މިންވަރެއްގެ މައްޗަށެވެ. ފަރުވާގެ އަމާޒަކީ
ލަކުނުލުން ލަސްކޮށްދީ، ކުރިމަތިވާ ނުރައްކާތައް ކުޑަކޮށްދީ، ދިމާވެދާނެ
ނުރައްކާތަކަށް ފަރުވާކޮށްދީ ހެދުމެވެ.
ފުރަމޭ ހަލާކުވުމަށް މެދުވެރިވި ސަބަބަށް ފަރުވާކުރުން
ފުރަމޭގައި ލަކުނުލާތާ ކުރީކޮޅު
ލަކުނުލާން މެދުވެރިވި ސަބަބަށް ފަރުވާކުރުމަކީ ފުރަމެޔަށް ލިބިދާނެ ގެއްލުން
ކުޑަކުރެވިދާނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
(ހ) ބަނގުރަލަށް ދެވިހިފުމަށް
ފަރުވާކުރުން : މާގިނައިން ބަނގުރާ ބުއިމުގެ
ސަބަބުން ފުރަމޭގައި ލަކުނުލުން ކުރިމަތިވެފައިވާނަމަ ބަނގުރާ ބޭނުންކުރުން
ހުއްޓާލެވިދާނެ އެވެ. އަމިއްލައަށް ބަނގުރާ ބޭނުންކުރުން ހުއްޓާލަން
އުދަނގޫވާނަމަ، އެކަން ހުއްޓުވުމަށް ޚާއްޞަ ޕްރޮގްރާމްތަކުގެ އެހީ
ހޯދަންޖެހިދާނެއެވެ. އެހެންކަމުން ފުރަމޭގައި ލަކުނުލާފައިވާނަމަ، ބަނގުރާ
ބޭނުންކުރުން ހުއްޓާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
(ށ) ބަރުދަން ލުއިކުރުން : ފުރަމޭގައި ލަކުނުލީ ފުރަމޭގައި ސަރުބީ ހަރުލައިގެން
ކަމުގައިވާނަމަ، ބަރުދަން ލުއިކުރުމާއި، ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް
ކުރުމަކީ އިތުރަށް ފުރަމޭ ހަލާކުވެގެން ދިޔުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ.
(ނ) ހެޕަޓައިޓިސް
ކޮންޓްރޯލްކުރުމަށް ބޭސް ބޭނުންކުރުން : ހެޕަޓައިޓިސް
ބީ ނޫނީ ހެޕަޓައިޓިސް ސީ ފަދަ ވައިރަސް އެއްގެ ސަބަބުން ފުރަމޭ ދުޅަވެ
އިންފްލެމޭޝަން ކުރިމަތިވެފައިވާނަމަ، އެކަމަށް ޚާއްޞަ ބޭސް ބޭނުންކުރުމަކީ
އެކަމުގެ ސަބަބުން އިތުރަށް ފުރަމެޔަށް ގެއްލުން ވުން ކުޑަކުރެވިދާނެ ކަމެކެވެ.
(ރ) އެހެނިހެން ސަބަބުތައް
ކޮންޓްރޯލްކުރުމަށް ބޭސް ބޭނުންކުރުން : މިސާލަކަށް
ފުރަމޭގައި ލަކުނުލައި ހަލާކުވީ ޕްރައިމަރީ ބިލިއަރީ ކޮލަންޖައިޓިސް ފަދަ
ހާލަތެއްގެ ސަބަބުން ނަމަ، އެކަމަށް ބޭސް ބޭނުންކުރުމުން ފުރަމޭގައި ލަކުނުލުން
އިތުރަށް ގޯސްވެގެން ދިއުން ކުޑަކުރެވެއެވެ. ފުރަމޭގެ މައްސަލަތަކާއި ގުޅިގެން
ކުރިމަތިވާ ގައިހިރުވައިކެހުން، ރިހުންތަކާއި ތަދުތައް އަދި ވަރުބަލިވުމާއި
ވާޅުވުން ފަދަ ކަންކަމަށް ވެސް ބޭސް ބޭނުންކުރެވިދާނެ އެވެ. ކާނާ ގޯސްވުން ފަދަ
ކަމެއް ހުރިނަމަ، ނިއުޓްރިޝަން ސަޕްލިމެންޓްސް އަދި ކަށިފީވުން ފަދަ ކަމެއް
ހުރިނަމަ، އެކަމަށް ޚާއްޞަ ސަޕްލިމެންޓް ތައް ވެސް ބޭހުގެ ގޮތުގައި
ބޭނުންކުރެވިދާނެ އެވެ.
ފުރަމޭ ހަލާކުވުމުން
ކުރިމަތިވާ ނުރައްކާތަކަށް ފަރުވާކުރުން
(ހ)
ހަށިގަނޑުގައި ފެން ޖަމާވުން (fluid
build up): ބަނޑުގައި ފެންހެދުން އަދި އަތްފައި ފޮއްސިވެ، ދުޅަވުން
ކުޑަކުރުމަށް ލޮނު (ސޯޑިއަމް) މަދު ކެއުން ޚިޔާރު ކުރެވިދާނެ އެވެ. މާބޮޑަށް
ބަނޑުގައި ފެންހެދިފައިވާނަމަ ފެންތައް ނަގަންޖެހިދާނެ އެވެ. ނޫނީ އޮޕަރޭޝަން
ކުރަންޖެހިދާނެ އެވެ.
(ށ) ޕޯޓަލް ހައިޕަޓެންޝަން (portal
hypertension): ލޭގެ ޕްރެޝަރު ދަށްކުރުމަށްދޭ ބޭސްތަކުގެ އެހީގައި
ފުރަމެޔަށް ނުސާފުލޭ ފޮނުވައިދޭ ލޭހޮޅިތަކުގެ ތެރޭގެ ޕްރެޝަރު ދަށްކުރެވިދާނެ
އެވެ. އަދި މިގޮތަށް ޕްރެޝަރު ދަށްކޮށްގެން ލޭހިލުމުން ސަލާމަތް ކުރެވިދާނެ އެވެ.
އެންޑޮސްކަޕީގެ އެހީގައި ކާތަކެތި ހިނގާހޮޅި ނުވަތަ މައިދާގެ ތެރޭގައި ނުސާފުލޭ
ދައުރުކުރާ ލޭހޮޅި ފުޅާވެ، ފުއްޕައި ބޮޑުވެފައި(varices)ވޭތޯ
ބެލިދާނެ އެވެ. މިގޮތަށް ނުސާފުލޭ ދައުރުކުރާ ލޭހޮޅިތައް ފުޅާވެ، ފަލަވެ ފުއްޕައި
ބޮޑުވެފައިނަމަ ފަޅައިގެން ގޮސް ލޭހިލުން ކުރިމަތިވުން ކުޑަކުރުމަށްޓަކައި ބޭސް
ބޭނުންކުރަންޖެހިދާނެ އެވެ. މިގޮތަށް ބަޔާންކުރެވުނު ހިސާބުތަކުގައި ހުންނަ
ފުޅާވެފައިވާ ނުސާފުލޭ ދައުރުވާ ލޭހޮޅިން ލޭހިލޭނަމަ ނޫނީ ލޭހިލުމުގެ ފުރުޞަތު
ބޮޑުނަމަ "ބޭންޑް ލައިގޭޝަން"(band ligation) ޕްރޮސީޖަރ
ހެދެއެވެ. ބޭންޑް ލައިގޭޝަންގެ މާނައަކީ ފުޅާވެފައިވާ ހިސާބުން ބޭންޑެއް
އަޅުވާލުމެވެ. މިގޮތަށް ހެދުމުން ލޭހިލުން ހުއްޓެއެވެ. ނޫނީ މުސްތަގުބަލްގައި
ލޭހިލުމުގެ ހިރާސް ކުޑަކުރެވެއެވެ.
(ނ) އިންފެކްޝަން (infection): ފުރަމޭގައި
ލަކުނުލުމުން އުފެދިދާނެ އިންފެކްޝަން އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ނަގަން
ޖެހިދާނެއެވެ. މީގެ އިތުރުން ދިމާވެދާނެ އިންފެކްޝަން ތަކުން ރައްކާތެރިވެ
ހުރުމަށް ވެކްސިން ދިނުމަށް ވެސް ލަފާދެއެވެ. އެގޮތުން ޖެހުމަށް ލަފާދީފާނެ
ވެކްސިން ތަކުގެ ތެރޭގައި ހެޕަޓައިޓިސް ވެކްސިން، ނިއުމޯކޯކަލް ވެކްސިން އަދި
އިންފުލުއެންޒާ ވެކްސިން ހިމެނެއެވެ.
(ރ) ސިކުނޑީގައި ވިހަތައް
ހަރުލުން (hepatic
encephalopathy): ފުރަމޭގައި ލަކުނުލުމުން ދުޅަހެޔޮ ފުރަމެއިން ވިހަ
ސާފުކޮށްދޭ ގޮތަށް ފުރަމެއިން ވިހަތައް ސާފުކޮށެއް ނުދެއެވެ. ފުރަމޭގެ މަސައްކަތް
ދަށްވުމުގެ ސަބަބުން ލޭގައި ވިހަތައް ޖަމާވެ، ސިކުނޑިއަށް އޭގެ
އަސަރުކޮށްފާނެއެވެ. މިހެންވުމުން ސިކުނޑީގައި މިގޮތަށް ބޭރުނުކުރެވޭ ނޫނީ
ސާފުނުކުރެވޭ ވިހަތައް ހަރުލާގޮތް ވެއެވެ. އޭގެ ސަބަބުން ވާނުވާ ނޭގުން، އަދި
ސަމާލުކަންދޭން ދަތިވުން ކުރިމަތި ކުރުވައެވެ. އަދި
މިހާލަތުގައި ލޭގައި ވިހަތައް ޖަމާވެ، ސިކުނޑިއަށް އޭގެ އަސަރުކޮށްފާނެތީ އެކަން
ކުޑަކުރުމަށް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ލިޔެދިނުމަކީ އެކަށީގެންވާ
ކަމެކެވެ.
ފުރަމޭ ބަދަލުކުރުން
ފުރަމޭ ބަދަލުކުރުމަކީ ފުރަމޭގައި
ލަކުނުލައި، ފުރަމޭ ހަލާކުވެ، ފުރަމޭގެ މަސައްކަތް އެއްކޮށް ހުއްޓުމުން ކުރެވޭ
ކަމެކެވެ. އެގޮތުން ފުރަމޭގައި ލަކުނުމުގެ ސަބަބުން ހަލާކުވެފައިވާ ފުރަމޭ ނަގައި،
ހަދިޔާ ކުރެވުނު ފުރަމޭ ލެއްވެއެވެ. ފުރަމޭގައި ލަކުނުލުމަކީ ފުރަމޭ
ބަދަލުކުރުމަށް ލަފާދޭ އެންމެ މުހިއްމު އެއް ސަބަބެވެ.
ރައްކާތެރިވުން
ފުރަމޭގައި ހަލާކުވުމުން
ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·
ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން
·
ހަށިގަނޑަށް ފައިދާހުރި މިންހެޔޮ ގޮތަކަށް ކެއުން
ބައްޓަންކުރުން
·
އެކަށޭނަ ބަރުދަނެއްގައި ހަށިގަނޑުގެ ބަރުދަން
ހިފެހެއްޓޭތޯ ބެލުން
·
މަސްތުވާތަކެތި ބޭނުންކުރުމާ ދުރުހެލިވުން
·
ރައްކާތެރިގޮތުގައި ޖިންސީ ގުޅުން ހިންގުން
·
ހެޕަޓައިޓިސް ބީ އަދި ސީ އަށް ވެކްސިން ޖެހުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.mayoclinic.org/diseases-conditions/cirrhosis/symptoms-causes/syc-20351487
· https://my.clevelandclinic.org/health/diseases/15572-cirrhosis-of-the-liver