Thursday, May 30, 2013

ނާރު

ނާރު
ކޮންމެ ނާރެއް(nerves) އުފެދިފައިވަނީ އެތަކެއް ނާރު ސެލް(nerve cell or neuron) ތަކެއް ގުޅި ލާމެހިގެންނެވެ. ކޮންމެ ނާރެއްގެ ވަށައިގެން ރައްކަލަކަށް ފަށަލަތަކެއް ލެވިފައި ވެއެވެ. އެގޮތުން ލެވިފައިވާ ފަށަލަ ތަކަކީ "އެންޑޯނިއުރީއަމް"(endoneurium) ، "ޕެރިނިއުރީއަމް" (perineurium)، އަދި "އެޕިނިއުރީއަމް"(epineurium) އެވެ.



ނާރުތަކުގެ ނިޒާމުގައި ހިމެނޭ ޕެރިފެރަލް ނާރވަސް ސިސްޓަމް ބިނާވެފައިވަނީ ސިކުނޑިއާ ސްޕައިނަލް ކޯޑުން ނިކުމެފައިވާ ނާރުތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ "ކްރެނިއަލް ނާރު"(Cranial nerves)ތަކާއި"ސްޕައިނަލް ނާރު"(spinal nerves)ތަކެވެ.މީގެތެރެއިން ބައެއް ނާރުތަކަކީ އިހްސާސް އުފުލައިދޭ ނާރު(Sensory nerves) ތަކެވެ.އަނެއްބައި ނާރުތަކަކީ ހަރަކާތް އުފުލައިދޭ ނާރު(Motor nerves) ތަކެކެވެ.

އިހުސާސް އުފުލައިދޭ ނާރުތައް
އިހުސާސް އުފުލައިދޭ ނާރު(sensory or afferent nerves)  ތަކަކީ ހަށިގަނޑުގެ އެކި ހިސާބުތަކުން ސްޕައިނަލް ކޯޑަށް މައުލޫމާތު ތައް ފޯރުކޮށްދޭ ނާރު ތަކެކެވެ. މާނައަކީ މިއީ އަހަރެމެންނަށް ތަފާތު އިހުސާސްތައް ގެނެސްދިނުމުގައި ޒިންމާވާ ނާރުތަކެވެ. އެއަށްފަހު މިމައުލޫމާތުތައް ސިކުނޑިއަށް ފޯރާނީ ސްޕައިނަލް ކޯޑުގައި ތެރޭގައި ހިމެނޭ "ގުޅުވައިދޭ ނިއުރޯން"(connector neurons) ތަކުގެ އެހީގައެވެ.

ހަރަކާތް އުފުލައިދޭ ނާރުތައް
ހަރަކާތް އުފުލައިދޭ ނާރު(motor or efferent nerves) ތަކަކީ ސިކުނޑި، ސްޕައިނަލް ކޯޑު އަދި އުޓޮނޮމިކް ގޭންގްލިއާ ތަކުން ފެށިގެން ހަށިގަނޑުގެ އެކި ހިސާބުތަކަށް ( މަސްތައް، ގްލޭންޑް ތަކަށް) މައުލޫމާތު ފޯރުކޮށްދޭ ނާރުތަކެކެވެ. މާނައަކީ މިއީ އަހަރެމެންގެ ތަފާތު ހަރަކާތްތައް ފުރިހަމަކުރުމުގައި ޒިންމާވާ ނާރުތަކެވެ. މިފަދަ ނާރުތަކުގެ ދެވައްތަރެއް ހުރެއެވެ. އެއީ:-
·         ސޮމެޓިކް ނާރވްސް (somatic nerves): މިއީ ހަށިގަނޑުގައި ބޭރުފުށަށް ފެންނަން ހުންނަ މަސްތައް ކޮންޓްރެކްޓް ކުރުމުގައި ބައިވެރިވާ ނާރުތަކެކެވެ. މާނަ އަކީ އަހަރެމެންގެ ބާރާއެކު ހިނގާ ހަރަކާތްތައް (މިސާލަކަށް ގައިގެ މަސްތަކުގެ ހަރަކާތްތައް) ކޮންޓްރޯލް ކުރުމުގައި ބައިވެރިވަނީ އަހަރެމެންގެ އެއްބާރުލުމާއެކު މަސައްކަތްކުރާ ސޮމެޓިކް ނާރު ތަކެވެ.
·         އުޓޮނޮމިކް ނާރވްސް (autonomic nerves): މިއީ ހިތާ އެތެރެހަށީގެ ގުނަވަންތަކުގެ މަސްތައް ކޮންޓްރެކްޓްވުމާ، އެކި ގްލޭންޑް ތަކުން މާއްދާ ތައް ދޫކުރުމުގައި ބައިވެރިވާ ނާރުތަކެކެވެ. މާނައަކީ އަހަރެމެންގެ ބާރަކާ ނުލައި ހިނގާ ހަރަކާތްތައް (މިސާލަކަށް ހަށިގަނޑުގެ އެތެރޭގެ ބައިތަކުގެ މަސައްކަތްތައް) ކޮންޓްރޯކުރުމުގައި ބައިވެރިވަނީ އޭގެ ޒާތުގައި މަސައްކަތްކުރާ އުޓޮނޮމިކް ނާރު ތަކެވެ.
ކްރެނިއަލް ނާރު ތަކާ ސްޕައިނަލް ނާރުތައް
ޕެރިފެރަލް ނާރވަސް ސިސްޓަމްގައި ހިމެނޭ ސޮމެޓިކް ނާރވަސް ސިސްޓަމް ގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސްޕައިނަލް ނާރު ތަކާ އަދި ކްރެނިއަލް ނާރު ތަކެވެ. އެނާރުތައް ހިމެނިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ސްޕައިނަލް ނާރު ތައް (Spinal nerves): 31 ޖޯޑު : މިނާރު ތަކަކީ ސްޕައިނަލް ކޯޑު އިން ކުރިފަޅައިގެން ނިކުމެފައިވާ ނާރުތަކެކެވެ.
o  8 ޖޯޑު : ކަރު ހިމެނޭ ހިސާބުން ނިކުމެފައި
o  12 ޖޯޑު : މޭމަތި ހިމެނޭ ހިސާބުން ނިކުމެފައި
o  5 ޖޯޑު : ބަނޑު ހިމެނޭ ހިސާބުން ނިކުމެފައި
o  5 ޖޯޑު : އުނަގަނޑު ހިމެނޭ ހިސާބުން ނުވަތަ ސެކްރަމް ހިމެނޭ ހިސާބުން ނިކުމެފައި
o  1 ޖޯޑު : އެންމެ ފަހުކޮޅު ކޮކްސިކްސް ހިމެނޭ ހިސާބުން ނިކުމެފައި

ކްރެނިއަލް ނާރު(Cranial nerves) ތައް : 12 ޖޯޑު : މިނާރުތަކަކީ ސިކުނޑިން ކުރިފަޅައިގެން ނިކުމެފައިވާ ނާރުތަކެކެވެ.
1-      އޮލްފެކްޓަރީ ނާރވް (Olfactory nerve): ވަހުގެ އިހްސާސް އުފުލައިދޭ ނާރު
2-      އޮޕްޓިކް ނާރވް (Optic nerve): ފެނުމުގެ އިހްސާސް ގެނެސްދޭ ނާރު
3-      އޮކިޔުލޮމޮޓޯ ނާރވް (Oculomotor nerve): ލޮލުގެ މަސްތަކުގެ ހަރަކާތް ގެނެސްދޭ ނާރު
4-      ޓްރޮކްލިއަރ ނާރވް (Trochlear nerve): ލޮލުގެ މަސްތަކުގެ ހަރަކާތް ގެނެސްދޭ ނާރު
5-      ޓްރައިޖެމިނަލް ނާރވް (Trigeminal nerve): މޫނު މަތީގެ ހަރަކާތްތަކާއި، އިހްސާސްތައް އުފުލައިދޭ ނާރު
6-      އެބުޑިއުސެންޓް ނާރވް (Abducent nerve): ލޮލުގެ ލެޗުރަލް ރެކްޓަސް މަސްކޮޅުގެ ހަރަކާތް ގެނެސްދޭ ނާރު
7-      ފޭޝަލް ނާރވް (Fascial nerve): މޫނުމަތީގެ ހަރަކާތްތައް ގެނެސްދީ، އިހުސާސް އުފުލައިދޭ ނާރު
8-      ވެސްޓިބިއުލޯކޮކްލިއަރ ނާރވް (Vastibulocochlear nerve): އަޑުގެ އިހުސާސް އުފުލައިދޭ ނާރު
9-      ގްލޮސޯފެރިންޖިއަލް ނާރވް (Glossopharyngeal nerve): އަނގަޔާއި ކަރުތެރޭގެ ހަރަކާތްތަކާއި އިހްސާސްތައް އުފުލައިދޭ ނާރު
10-   ވޭގަސް ނާރވް (Vagus nerve): އެތެރެހަށީގެ ގުނަވަންތަކުގެ ހަރަކާތްތަކާއި އިހްސާސް އުފުލައިދޭ ނާރު
11-   އެކްސެސަރީ ނާރވް (Accessory nerve): ކަރުގެ އެތެރެއާއި ބޭރުގެ ބައެއް މަސްތަކުގެ ހަރަކާތް އުފުލައިދޭ ނާރު
12-  ހައިޕޯގްލޯސަލް ނާރވް (Hypoglossal nerve): ދުލުގެ ހަރަކާތް ގެނެސްދޭ ނާރު 


ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment