ނާރުތަކުގެ ނިޒާމް
ނާރުތަކުގެ ނިޒާމް(Nervous system) އަކީ އިންސާނާގެ
ހަށިގަނޑުގައިވާ މަސްތަކުގެ ތަކުގެ ހަރަކާތްތައް ހިންގައިދީ، ގުނަވަންތަކުގެ
މަސައްކަތް ބަލަހައްޓައިދީ، ތަފާތު އިޙްސާސްތައް ގެނެސްދީ، އަދި ތަފާތު
ހަރަކާތްތައް ކުރުމުގައި އިންސާނާ އަށް އެހީތެރިވެ، އެއްބާރުލުން ފޯރުކޮށްދޭ
ނިޒާމެކެވެ. މިއީ ހަށިގަނޑުގެ އެތެރެއާއި ބޭރުން އަންނަ ބަދަލުތައް ދެނެގަނެ،
އެކަންކަމަށް ހަށިގަނޑު އިޖާބަ ދިނުމުގައި ޒިންމާވާ އެންމެ މުހިއްމު ނިޒާމެވެ.
ހަށިގަނޑު ދުޅެހޔޮކަންމަތީ ސަލާމަތުން ބެހެއްޓުމަށް ހޯރމޯން އުފައްދައި ދޫކުރާ
ނިޒާމާއި ގުޅިގެން ނާރުތަކުގެ ނިޒާމުން މަސައްކަތް ކުރެއެވެ. ނާރުތަކުގެ ނިޒާމު
އެކުލެވިގެންވަނީ ސިކުނޑި(Brain)، ނާރުވާފަށް(Spinal cord)،
އަދި ނާރުވާފަށުން މޫލައި، ކުރިފަޅައިގެން
ނިކުމެފައިވާ އަރިމަތީ ނާރު(Peripheral nerves) ތަކުގެ މައްޗަށެވެ. ނާރުތަކުގެ ނިޒާމްގައި އެންމެ ފާހަގަކޮށްލެވޭ
ދެބައިވެރިންނަކީ ''ނާރުތައް''(Nerves)
އަދި ''ނިއުރޯންތައް''(Neurons)
އެވެ.
ނާރުތަކުގެ ނިޒާމް
ބެހިގެންވާ ބައިތައް
އިންސާނާގެ ހަށިގަނޑުގައި
ނާރުތަކުގެ ނިޒާމް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ:-
·
ސެންޓްރަލް ނާރވަސް ސިސްޓަމް (Central nervous system): ސެންޓްރަލް ނާރވަސް ސިސްޓަމްގައި
ހިމެނެނީ ސިކުނޑި(Brain)
އަދި ސްޕައިނަލް ކޯޑް (Spinal cord) އެވެ.
·
ޕެރިފެރަލް ނާރވަސް ސިސްޓަމް (Peripheral nervous system): ޕެރިފެރަލް ނާރވަސް ސިސްޓަމް ގައި
ހިމެނެނީ ސިކުނޑިއާއި ސްޕައިނަލް ކޯޑުން ބޭރުގައިވާ ނާރުތަކެވެ. އޭގެ ތެރޭގައި
ހިމެނެނީ "ކްރެނިއަލް ނާރު"(Cranial nerves)ތަކާއި"ސްޕައިނަލް ނާރު"(spinal
nerves)ތަކެވެ.މީގެތެރެއިން ބައެއް ނާރުތަކަކީ
އިހްސާސް އުފުލައިދޭ ނާރު(Sensory nerves) ތަކެވެ.އަނެއްބައި ނާރުތަކަކީ ހަރަކާތް އުފުލައިދޭ ނާރު(Motor nerves) ތަކެކެވެ. އެހެންކަމުން
ކުރާ މަސައްކަތުގެ ގޮތުން އިތުރު ދެބަޔަކަށް ބެހިގެން ގޮސްފައި ވެއެވެ. އެއީ:-
o އިހްސާސްތައް
އުފުލައިދޭ ބައި (Sensory
division): މިއީ ތަފާތު އިހްސާސްތައް ގެނެސްދިނުމުގައި ބައިވެރިވެ
ޒިންމާވާ ބައެވެ.
o ހަރަކާތްތައް
އުފުލައިދޭ ބައި (Motor
division): ހަރަކާތް
އުފުލައިދޭ ބައި ޝާމިލްވަނީ ތަފާތު ހަރަކާތްތަކުގައެވެ. އެގޮތުން މިބައި ވެސް
އިތުރު ދެބަޔަކަށް ބެހިގެން ދެއެވެ. އެއީ:-
§
އަހަރެމެންގެ ބާރާއެކު ހިނގާ ހަރަކާތްތައް (މިސާލަކަށް ގައިގެ މަސްތަކުގެ
ހަރަކާތްތައް) ކޮންޓްރޯލް ކުރުމުގައި ބައިވެރިވަނީ އަހަރެމެންގެ އެއްބާރުލުމާއެކު
މަސައްކަތްކުރާ ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic nervous system) އެވެ.
§
އަހަރެމެންގެ ބާރަކާ ނުލައި ހިނގާ ހަރަކާތްތައް (މިސާލަކަށް ހަށިގަނޑުގެ
އެތެރޭގެ ބައިތަކުގެ މަސައްކަތްތައް) ކޮންޓްރޯކުރުމުގައި ބައިވެރިވަނީ އޭގެ
ޒާތުގައި މަސައްކަތްކުރާ އުޓޮނޮމިކް ނާރވަސް ސިސްޓަމް(Autonomic nervous system) އެވެ. އުޓޮނޮމިކް ނާރވަސް ސިސްޓަމް އިތުރު
ދެބަޔަކަށް ބެހިފައި ވެއެވެ. އެއީ:-
·
ސިމްޕަތެޓިކް ނާރވަސް ސިސްޓަމް (Sympathetic nervous system)
·
ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް (Parasympathetic
nervous system)
ސެންޓްރަލް ނާރވަސް
ސިސްޓަމް
ސެންޓްރަލް ނާރވަސް ސިސްޓަމް(Central nervous system / CNS)
އަކީ ނާރުތަކުގެ ނިޒާމްގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ބައެވެ.މިއީ ނާރުތަކުގެ
ނިޒާމުގެ މައި މަރުކަޒޭ ވެސް ބުނެވިދާނެއެވެ. ނުވަތަ މިއީ މަރުކަޒީ ނާރުތަކުގެ
ނިޒާމޭ ވެސް ބުނެވިދާނެ އެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހިމެނޭ ސިކުނޑި
އޮންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައެވެ. ސްޕައިނަލް ކޯޑް އިންނަނީ މައިބަދައިގެ
މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގު(Vertebral column) ގެ
ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ.
ކުޑަ ދަރިފުޅު ބަނޑުގައި
އުފެދެމުން އަންނައިރު ސެންޓްރަލް ނާރވަސް ސިސްޓަމް އުފެދިގެން އަންނަނީ
''ނިއުރަލް ޕްލޭޓް''(Neural plate) އިންނެވެ. ނިއުރަލް ޕްލޭޓް އަކީ ކުޑަ ދަރިފުޅުގެ ހަށިގަނޑުގެ
ބައިތައް އުފެދިގެން އަންނަ މައި ތިން ފަށަލައިގެ ތެރެއިން އެންމެ ބޭރަށް އިންނަ
''އިކްޓޮޑާރމް''(Ectoderm)
ގެ ބައެކެވެ. ހަށިގަނޑުގައި ކުޑަ ދަރިފުޅު ބޮޑުވެގެން އަންނަ އައުމުގެ ތެރޭގައި
ނިއުރަލް ޕްލޭޓް ''ނިއުރަލް ޓިއުބު''(Neural tube) އަށް ބަދަލު ވެއެވެ. ނިއުރަލް ޓިއުބުގެ އެތެރޭ ބައިން ސިކުނޑީގެ
ތެރޭގައިވާ ވެންޓްރިކަލްތަކުގެ ނިޒާމް އުފެދޭއިރު، ނިއުރަލް ޓިއުބުގެ އެހެން
ބައިތަކުން ސިކުނޑި އަދި ސްޕައިނަލް ކޯޑް އުފެދިގެން ދެއެވެ. އަދި ސިކުނޑިން
ބްރެއިން ސްޓެމް އާއި އެހެނިހެން ބައިތައް އުފެދިގެން ދެއެވެ.
ސިކުނޑި
ސިކުނޑި(Brain) އަކީ ސެންޓްރަލް ނާރވަސް ސިސްޓަމް ކޮންޓްރޯލް ކުރާ މަރުކަޒެވެ.
އަދި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއްގުނަވަން ވެސް މެއެވެ.
މީހާގެ އުޅުމާއި މިޒާޖު، މީހާގެ ސުލޫކާއި، އަޚްލާގު، ފަދަ ކަންތައްތައް
ފުރިހަމަކޮށް، އެކަންކަން ހުންނަ ނުހުންނަގޮތް ކަނޑައެޅުމުގައި ޒިންމާވަނީ ސިކުނޑި
އެވެ. ބޮލުގެ ނާށިގަނޑަކީ ތަފާތު ގެއްލުންތަކުން ސިކުނޑި ހިމާޔަތްކޮށް ރައްކާތެރި
ކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ.
ހަށިގަނޑުގެ ބަރުދަނުގެ
ފަސްބައިކުޅަ އެއްބަޔަކީ ސިކުނޑި އެވެ. ސިކުނޑި އޮންނަނީ ބޮލުގެ ނާށިގަނޑުގެ
ތެރޭގައި ރައްކާތެރި ކުރެވިފައެވެ. ސިކުނޑި އެކުލެވިގެންވަނީ "ސެރަބްރަމް"(Cerebrum) އަދި
"ސެރަބެލަމް"(Cerebellum) ގެ މައްޗަށެވެ. ސެރެބްރަމް ގައި ހިމެނެނީ ޑައިއެންސެފަލޯން(Diencephalon) އަދި
ސިކުނޑީގެ މޫ(Brain stem) އެވެ. ޑައިއެންސެފަލޯން ގައި ހިމެނޭ ބައިތަކުގެ ތެރޭގައި
"ތަލަމަސް"(Thalamus)
އަދި "ހައިޕޯތަލަމަސް"(Hypothalamus)،
އަދި "ޕައިނީއަލް ގްލޭންޑް"(Pineal gland) އެވެ. މީގެ
އިތުރުން ސެރަބްރަމް ގައި "ސެރަބްރަލް ކޯޓެކްސް"(Cerebral
cortex) އަދި " ކޯޕަސް
ކެލޯސަމް"(Corpus callosum) ހިމެނެއެވެ. ސިކުނޑީގެ މުލުގެ ތެރޭގައި ހިމެނެނީ "މިޑް
ބްރެއިން"(Midbrain)، "ޕޮންސް"(Pons)
އަދި "މިޑަލާ އޮބްލޯންގާޓާ"(Medulla oblongata) އެވެ.
ސްޕައިނަލް ކޯޑް
ނާރު ރޮނދި، ނުވަތަ ނާރު ވާފަށް
ނުވަތަ ސްޕައިނަލް ކޯޑް(Spinal cord) އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން
އުފެދިފައިވާ މަގު(Vertebral column)ގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި
އިންނާނީ ސިކުނޑީގެ ތިރީގައިވާ "މިޑަލާ އޮބްލޯންގާޓާ" އިންނެވެ.
ނިމިފައިވަނީ ބަނޑުހިމެނޭ ހިސާބުގައިވާ މައިބަދައިގެ ފުރަތަމަ ކަށިކޮޅު ގެ ތިރީ
ކައިރިއަށެވެ. ފިރިހެނެއްގެ ހަށިގަނޑުގައި ސްޕައިނަލް ކޯޑުގެ ދިގުމިނުގައި 45
ސެންޓިމީޓަރު ހުރެއެވެ. އަދި ބޯމިނުގައި ކުޑަވައި އިގިލީގެ ބޮޑުމިން ހުރެއެވެ.
އެހެންކަމުން ބޮލުގެ ނާށިގަނޑު ސިކުނޑި ހިމާޔަތްކޮށްދޭ އައްޑަނަ އަކަށް ވާފަދައިން
މައިބަދައިގެ ކަށިތަކަކީ ސްޕައިނަލް ކޯޑް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި
ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ. ސްޕައިނަލް ކޯޑްގެ މައި ވަޒީފާ އަކީ
ޕެރިފެރަލް ނާރވަސް ސިސްޓަމް ސިކުނޑިއަށް ފޮނުވާ ސިގްނަލްތައް ސިކުނޑިއާއި
ހަމައަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ.
ސްޕައިނަލް ކޯޑުގެ ވަށައިގެން
ދުލިފަށަލަ(Meninges)
ތަކެއް ވެއެވެ. މިދުލިފަށަލަތަކުގެ ތެރޭގައި "ސެރެބްރޯސްޕައިނަލް
ފުލުއިޑް"(CSF)
ކިޔާ ދިޔާ މާއްދާ އެއް ހުރެއެވެ.
ޕެރިފެރަލް ނާރވަސް
ސިސްޓަމް
ޕެރިފެރަލް ނާރވަސް ސިސްޓަމް(Peripheral nervous system)
އަކީ އިންސާނާގެ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ބައެކެވެ. މިބައިގައި ހިމެނެނީ
ސިކުނޑި އާއި ސްޕައިނަލް ކޯޑް އިން ބޭރުގައިވާ ނާރުތަކާއި ނިއުރޯން ތަކެވެ. އަތް
ފަޔާއި، ހަށިގަނޑުގެ ގުނަންތަކުގެ ހަރަކާތް ކޮންޓްރޯލް ކުރުމުގައި މި ނިޒާމްގެ
ނާރުތައް ބައިވެރި ވެއެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް އާއި ޚިލާފަށް ޕެރިފެރަލް
ނާރވަސް ސިސްޓަމް ވަނީ ކަށިތަކަކުން ހިމާޔަތް ކުރެވިފައެއް ނޫނެވެ. މާނައަކީ
ފަސޭހަކަމާއެކު ވިހަތަކަށް ހުށަހެޅި ގެއްލުން ލިބުމުގެ ފުރުޞަތު ޕެރިފެރަލް
ނާރވަސް ސިސްޓަމް އަށް ބޮޑެވެ. ޕެރިފެރަލް ނާރވަސް ސިސްޓަމް ވަނީ މައިގަނޑު ދެބަޔަކަށް
ބެހިފައެވެ. އެއީ ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic
nervous system) އަދި އުޓޮނޮމިކް ނާރވަސް
ސިސްޓަމް(Autonomic nervous system) އެވެ.
ޕެރިފެރަލް ނާރވަސް ސިސްޓަމް
މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ
·
ސްޕައިނަލް ނާރު ތައް : 31 ޖޯޑު
·
ކްރެނިއަލް ނާރު ތައް : 12 ޖޯޑު
·
އުޓޮނޮމިކް ނާރވަސް ސިސްޓަމް
ސޮމެޓިކް ނާރވަސް
ސިސްޓަމް
ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic nervous system) އަކީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ ބައެކެވެ. ހަށިގަނޑު ހަރަކާތްތައް
ވިލަރެސްކުރަނީ ކުރަނީ ސޮމެޓިކް ނާރވަސް ސިސްޓަމް އިންނެވެ. އަހަރެމެންގެ
އިޚްތިޔާރާއި ބާރުގެ ދަށުން ހިންގޭ ހަރަކާތްތައް ހިންގައި ކޮންޓްރޯލް ކުރުމުގައި
ޒިންވާ ނާރުތަކުގެ ނިޒާމަކީ ވެސް މިއީއެވެ. މާނައަކީ މިނިޒާމު މަސައްކަތްކުރަނީ
އަހަރެމެންގެ އިޚްތިޔާރާއި ބާރުގެ ދަށުންނެވެ. ބޭރު މާހައުލުން ކުރިމަތިވާ
ކަންތައްތަކަށް ހުށަހެޅޭ ހިނދު އިޖާބަދޭ ނާރުތަކުގެ ނިޒާމަކީވެސް މިއީއެވެ.
މިސާލަކަށް އެއްޗެއް ފެނުމުން، އަޑެއް އިވުމުން، އެއްޗެއް ގައިގައި ބީހުން ފަދަ
ކަންތައްތަކުން ކުރިމަތިވާ ބަދަލުތަކާއި ހަށިގަނޑު ގުޅުވާލަދޭ ނިޒާމަކީ ވެސް މިއީއެވެ.
ސޮމެޓިކް ނާރވަސް ސިސްޓަމް ގެ
ތެރޭގައި މަސްތަކާއި، ހަންގަނޑާއި، އަދި އިހްސާސް ގެނެސްދޭ ގުނަވަންތަކާއި
ގުޅިފައިވާ ހުރިހާ ނިއުރޯންތައް ހިމެނެއެވެ. ސޮމެޓިކް ނާރވަސް ސިސްޓަމް
އެކުލެވިގެންވަނީ އިހްސާސްތައް އުފުލައިދޭ ނުވަތަ ގެނެސްދޭ ''އޭފެރަންޓް ނާރވްސް''(Afferent nerves) އަދި
ހަރަކާތްތައް އުފުލައިދޭ ''އީފެރަންޓް ނާރވްސް''(Efferent
nerves) ތަކުގެ މައްޗަށެވެ. ''އޭފެރަންޓް ނާރވްސް''(Afferent nerves) ތަކުން ބޭރުގެ
މަސްދަރުތަކުން ލިބޭ ''ސެންސަރީ އިންފޮމޭޝަން''ތައް ބަލައި ގަނެއެވެ. ''އީފެރަންޓް
ނާރވްސް''(Efferent nerves) އިން މަސްތައް ކޮންޓްރެކްޓުވުމުގައި ޒިންމާވެއެވެ.
ސޮމެޓިކް ނާރވަސް ސިސްޓަމްގައި
ހިމެނެނީ:
·
ސްޕައިނަލް ނާރު ތައް : 31 ޖޯޑު : މިނާރު ތަކަކީ ސްޕައިނަލް ކޯޑު އިން
ކުރިފަޅައިގެން ނިކުމެފައިވާ ނާރުތަކެކެވެ.
o 8 ޖޯޑު : ކަރު ހިމެނޭ ހިސާބުން ނިކުމެފައި
o 12 ޖޯޑު : މޭމަތި ހިމެނޭ ހިސާބުން ނިކުމެފައި
o 5 ޖޯޑު : ބަނޑު ހިމެނޭ ހިސާބުން ނިކުމެފައި
o 5 ޖޯޑު : އުނަގަނޑު ހިމެނޭ ހިސާބުން ނުވަތަ
ސެކްރަމް ހިމެނޭ ހިސާބުން ނިކުމެފައި
o 1 ޖޯޑު : އެންމެ ފަހުކޮޅު ކޮކްސިކްސް ހިމެނޭ
ހިސާބުން ނިކުމެފައި
·
ކްރެނިއަލް ނާރު ތައް : 12 ޖޯޑު : މިނާރުތަކަކީ ސިކުނޑިން ކުރިފަޅައިގެން
ނިކުމެފައިވާ ނާރުތަކެކެވެ.
1- އޮލްފެކްޓަރީ ނާރވް (Olfactory nerve): ވަހުގެ
އިހްސާސް އުފުލައިދޭ ނާރު
2- އޮޕްޓިކް ނާރވް (Optic
nerve): ފެނުމުގެ އިހްސާސް ގެނެސްދޭ
ނާރު
3- އޮކިޔުލޮމޮޓޯ ނާރވް (Oculomotor nerve): ލޮލުގެ
މަސްތަކުގެ ހަރަކާތް ގެނެސްދޭ ނާރު
4- ޓްރޮކްލިއަރ ނާރވް (Trochlear nerve): ލޮލުގެ
މަސްތަކުގެ ހަރަކާތް ގެނެސްދޭ ނާރު
5- ޓްރައިޖެމިނަލް ނާރވް (Trigeminal nerve): މޫނު މަތީގެ
ހަރަކާތްތަކާއި، އިހްސާސްތައް އުފުލައިދޭ ނާރު
6- އެބުޑިއުސެންޓް ނާރވް (Abducent nerve): ލޮލުގެ
ލެޗުރަލް ރެކްޓަސް މަސްކޮޅުގެ ހަރަކާތް ގެނެސްދޭ ނާރު
7- ފޭޝަލް ނާރވް (Fascial
nerve): މޫނުމަތީގެ ހަރަކާތްތައް
ގެނެސްދީ، އިހުސާސް އުފުލައިދޭ ނާރު
8- ވެސްޓިބިއުލޯކޮކްލިއަރ ނާރވް (Vastibulocochlear nerve):
އަޑުގެ އިހުސާސް އުފުލައިދޭ ނާރު
9- ގްލޮސޯފެރިންޖިއަލް ނާރވް (Glossopharyngeal nerve):
އަނގަޔާއި ކަރުތެރޭގެ ހަރަކާތްތަކާއި އިހްސާސްތައް އުފުލައިދޭ ނާރު
10- ވޭގަސް ނާރވް (Vagus
nerve): އެތެރެހަށީގެ ގުނަވަންތަކުގެ
ހަރަކާތްތަކާއި އިހްސާސް އުފުލައިދޭ ނާރު
11- އެކްސެސަރީ ނާރވް (Accessory
nerve): ކަރުގެ އެތެރެއާއި ބޭރުގެ ބައެއް
މަސްތަކުގެ ހަރަކާތް އުފުލައިދޭ ނާރު
12- ހައިޕޯގްލޯސަލް ނާރވް (Hypoglossal nerve): ދުލުގެ
ހަރަކާތް ގެނެސްދޭ ނާރު
އުޓޮނޮމިކް ނާރވަސް
ސިސްޓަމް
އުޓޮނޮމިކް ނާރވަސް ސިސްޓަމް(Autonomic nervous system) އަކީ އިންސާނާގެ ހަށިގަނޑު އެތެރޭގެ ގުނަވަންތައް ކޮންޓްރޯލްކޮށް
އެގުނަވަންތަކުގެ މަސައްކަތް ހަމަހަމަ ކަމާއެކު ސާބިތުކަންމަތީ ހިފަހައްޓައިދީ،
ބެލެހެއްޓުމުގައި ޒިންމާވާ ނާރުތަކުގެ ނިޒާމްގެ ބައެކެވެ. މިއީ ފެރިފެރަލް ނާރވަސް
ސިސްޓަމްގެ ބައެކެވެ. މިނިޒާމްގެ މަސައްކަތްތައް ހިންގަނީ އަހަރެމެންގެ
އިޚްތިޔާރަކާ ނުލައި، ނުވަތަ އަހަރެމެންނަށް އެގުމަކާ ނުލައެވެ.
އުޓޮނޮމިކް ނާރވަސް ސިސްޓަމް އިން
ބާރުފޯރުވާ ހަރަކާތްތަކުގެ ތެރޭގައި ހިތުގެ ވިންދު ޖެހުން، ކާތަކެތި ހަޖަމުކުރުން،
ނޭވާލާ މިންވަރު، ކުޅު އުފެއްދުން، ދާހިއްލުން، ކުޑަކަމުދިއުން، ކަޅި ބޮޑުވުން،
އަދި ފިރިހެން ހަށި ވާންވެ ވަރުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
އުޓޮނޮމިކް ނާރވަސް ސިސްޓަމް 2ބަޔަކަށް
ބެހިފައި ވެއެވެ.އެއީ
* ސިމްޕަތެޓިކް
ނާރވަސް ސިސްޓަމް (Sympathetic nervous system)
* ޕެރަސިމްޕަތެޓިކް ނާރވަސް
ސިސްޓަމް (Parasympathetic nervous system)
ސިމްޕަތެޓިކް ނާރވަސް
ސިސްޓަމް
ސިމްޕަތެޓިކް ނާރވަސް ސިސްޓަމް (Sympathetic nervous system) އަކީ އުޓޮނޮމިކް ނާރވަސް ސިސްޓަމްގެ ބައެކެވެ. ޢާންމު ގޮތެއްގައި ވެސް
މިނިޒާމަކީ ހަރަކާތްތެރި އެއްޗެކެވެ. ދިރިއުޅުމުގައި ފިއްތުންތައް ދިމާވާ
ޙާލަތްތަކުގައި މި ނިޒާމް މުރާލިވެ، ހީވާގިކަމާއެކު އިތުރަށް ހަރަކާތްތެރިވާން
ފަށައެވެ. ނާރުތަކުގެ ނިޒާމްގައި ހިމެނޭ އެހެނިހެން ބައިތަކެކޭ އެއްގޮތަށް
ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ވެސް މަސައްކަތްކުރަނީ ގުޅިލާމެހިފައިވާ
ނިއުރޯންތަކެއްގެ އެހީގައެވެ. ސެންޓްރަލް ނާރވަސް ސިސްޓަމްގެ ތެރޭގައި ހުންނަ
ސިމްޕަތެޓިކް ނިއުރޯންތަކާ މެދު ބެލެވެނީ އެއީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ
ބައެއްގެ ގޮތުގައެވެ. ސްޕައިނަލް ކޯޑް ގައި ހިމެނޭ ސިމްޕަތެޓިކް ނިއުރޯންތައް
ޕެރިފެރަލް ސިމްޕަތެޓިކް ނިއުރޯންތަކާ ގުޅެނީ ''ސިމްޕަތެޓިކް ގެންގްލިއާ''(Sympathetic ganglia) ތަކުގެ
އެހީގައެވެ.
ޕެރަސިމްޕަތެޓިކް
ނާރވަސް ސިސްޓަމް
ޕެރަސިމްޕަތެޓިކް ނާރވަސް
ސިސްޓަމް(Parasympathetic nervous system)
އަކީ
އުޓޮނޮމިކް ނާރވަސް ސިސްޓަމްގެ ބައެކެވެ. ޢާންމު ގޮތެއްގައި ސިމްޕަތެޓިކް ނާރވަސް
ސިސްޓަމް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އެކަތި
އަނެކައްޗާއި އިދިކޮޅު މަސައްކަތްތަކެވެ. ނަމަވެސް މިގޮތަށް މަސައްކަތްކުރަނީ
ގުޅިފައިވާ ދެބައިގެ ގޮތުގައެވެ. މާނައަކީ އެއްބައިން ވަކިކަމެއް މަތިކުރާއިރު
އަނެއްބައިން އެކަމެއް ދަށްކޮށްދެއެވެ. މިސާލަކަށް އެއްނިޒާމަކުން ލޭހޮޅިތައް
ފުޅާކޮށްލާއިރު އަނެއް ނިޒާމަކުން ލޭހޮޅިތައް ހަނިކޮށް ފިއްތާލައި ދިނުން ފަދަ
ކަންތައްތައް ފުރިހަމަކޮށްދެއެވެ.
ޢާންމު ގޮތެއްގައި ސިމްޕަތެޓިކް
ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އަވަސް އިޖާބައެއް ބޭނުންވާ ފަދަ ކަންކަމާއި
ގުޅިގެންނެވެ. މާނައަކީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކަހަލަ ހާދިސާތަކާއި
ގުޅިގެންނެވެ. ނަމަވެސް ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ
ކޮންމެހެން އަަވަސް އިޖާބައެއް ބޭނުންނުވާ ކަންކަމާއި ގުޅިގެންނެވެ. މާނައަކީ
ރަގަޅަށް ހުންނައިރު ނުވަތަ އަރާމުކުރާ ވަގުތުތަކުގައެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
No comments:
Post a Comment