Thursday, May 30, 2013

ނާރު ސެލް

ނިއުރޯން (ނާރު ސެލް)
ނާރު ސެލް(Nerve cell)  ނުވަތަ ނިއުރޯން(Neuron) އަކީ އިންސާނާގެ ނާރުތަކުގެ ނިޒާމްގައި ސިކުނޑިއަށާއި، ސިކުނޑިން ހަށިގަނޑުގެ ބައިތަކަށް އެކިއެކި މެސެޖް އުފުލައިދޭ ނާރު ސެލް ތަކެވެ. މިސެލްތަކަށް ސަޕޯޓް ލިބެނީ "ނިއުރޯގްލިއާ"(Neuroglia) ކިޔާ ވަރަށް ޚާއްޞަ ކަނެޓިކްޓިވް ޓިޝޫގެ ސެލްތަކަކުންނެވެ.


ނިއުރޯން އުފެދިފައިވާ ގޮތް
ކޮންމެ ނިއުރޯން އެއް އެކުލެވިގެންވަނީ "ސެލްގެ ޖިސްމު"(Cell body) އަދި އެއިން ނިކުމެފައިވާ ނިގުލާއި، ނަރުވާ ތަކެއްގެ މައްޗަށެވެ. ކޮންމެ ސެލްގެ ޖިސްމަކުން ނިކުމެފައި އިންނާނީ އެންމެ ނިގުލެކެވެ. މިއަށް ކިޔަނީ "އޭކްސަން"(Axon) އެވެ. އަދި ބައިވަރު ނަރުވާ ތައް ހުރެއެވެ. މިނަރުވާ ތަކަށް ކިޔަނީ "ޑެންޑްރައިޓްސް"(Dendrites) އެވެ. ނާރެއް އުފެދެނީ އެތައް ބައިވަރު ނާރު ސެލް ތަކެއް ގުޅި ލާމެހިގެންނެވެ.

އިންސާނާގެ ހަށިގަނޑުގައި ނާރު ސެލްތައް ބައިވެ އިތުރުވެ ގިނައެއް ނުވާނެއެވެ. އަދި މިސެލްތައް ސަލާމަތުން ހުރުމަށް ކާނާ(ހަކުރު) އަދި އޮކްސިޖަން ބަރާބަރަށް މެދު ނުކެނޑި ލިބެންޖެހެއެވެ. ހަށިގަނޑުގައި ހިމެނޭ އެހެން ސެލްތަކާ ޚިލާފަށް ނާރު ސެލްތަކުން "ކެމިކަލް ހަކަތަ"(ATP) އުފައްދާނީ ހަމައެކަނި "ހަކުރު" ންނެވެ.

ނާރު ސެލްއެއްގެ މަސައްކަތް ފެށެނީ ހަށިގަނޑުގެ ބޭރުން ނުވަތަ ހަށިގަނޑުގެ އެތެރެއިން އެމަސައްކަތެއް ކުރުމަށް ލިބޭ ބާރަކާ އެކުގައެވެ. މިސާލަކަށް ހަށިގަނޑުގައި އަތްލުމުން އެއަތްލިކަމުގެ އިހްސާސް ނާރު ސެލްތައް އިހްސާސް އުފުލައިދޭ ނާރުތައް މެދުވެރިގެން ސިކުނޑިއާއި ހަމައަށް ފޯރުކޮށްދެއެވެ. ލޭގެތެރޭގައި ވިހަ ކާބަންޑައި އޮކްސައިޑްގެ މިންވަރު މަތިވުމުން އެކަން ސިކުނޑިއަށް އެންގުމާއެކު ވިހަތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ނޭވަޔަށް އުދަގޫވުން ފެށިގެން ދެއެވެ.

ސެލްގެ ޖިސްމު
ކޮންމެ ނާރު ސެލް އެއް ވެސް އޭގެ ސައިޒާއި ބައްޓަމުން ތަފާތުވެދާނެ އެވެ. އަދި މިއީ ހަމަ ލޮލަށް ފެންނަވަރަށްވުރެ ކުދި ސެލްތަކެކެވެ. ނާރުތަކުގެ ނިޒާމުގައި ހިމެނޭ "ގްރޭ މެޓަރ"(grey matter) އޭ ކިޔާ ބައި އުފެދެނީ "ސެލްގެ ޖިސްމު" ތަކުންނެވެ. ބޮޑަށް ހުންނަނީ ސިކުނޑީގެ ވަށައިގެންނާއި، ސްޕައިނަލް ކޯޑްގެ މެދުންނެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ސެލްގެ ޖިސްމުތައް އެކުވެގެން އުފެދޭ ގުރޫޕަށް ކިޔަނީ "ނިއުކްލިއައި"(nuclei) އެވެ. އަދި ޕެރިފެރަލް ނާރވަސް ސިސްޓަމް ގައި ސެލްގެ ޖިސްމުތައް އެކުވެގެން އުފެދޭ ގުރޫޕަށް ކިޔަނީ "ގެންގްލިއާ"(ganglia) އެވެ. މިއާއި ހަމައެކަނި ތަފާތުވާ ނިއުކްލިއައި އަކީ "ސެރަބްރަމް"(cerebrum) ގައިވާ "ބޭސަލް ގެންގްލިއާ"(basal ganglia) އެވެ.

އޭކްސަން އަދި ޑެންޑްރައިޓްސް
އޭކްސަން އަދި ޑެންޑްރައިޓްސް އަކީ ސެލްގެ ޖިސްމުން ކުރިފަޅައި ނިކުމެފައިވާ ނިގުލާއި ނަރުވާ ތަކެވެ. އޭކްސަން އަކީ ސެލްގެ ޖިސްމުން ނިކުމެފައިވާ ނިގުލެކެވެ. އަދި ޑެންޑްރައިޓްސް އަކީ ސެލްގެ ޖިސްމުން ނިކުމެފައިވާ ނަރުވާ ތަކެކެވެ. ނާރުތަކުގެ ނިޒާމްގައި ހިމެނޭ "ވައިޓް މޭޓަރ"(white matter) އޭ ކިޔާ ބައި އުފެދެނީ ސެލް ޖިސްމުން ނިކުމެފައިވާ މިބުނި ނިގުލާއި ނަރުވާ ތަކުންނެވެ.

އޭކްސަން
އޭކްސަން(axon) ތައް ހުންނަނީ ސިކުނޑީގެ އެތެރޭގަޔާއި، ސްޕައިނަލް ކޯޑު ގެ އަރިމަތީގައެވެ. ސިކުނޑީގެ ތެރޭގައި ހުންނަ އޭކްސަން ތައް ހުންނަނީ ގުރޫޕު ގުރޫޕަށެވެ. މިފަދަ ގުރޫޕުތަކަށް ކިޔަނީ "ޓްރެކްޓް"(tracts) އެވެ. އަދި ސްޕައިނަލް ކޯޑުގެ އަރިމަތީގައިވާ އޭކްސަން ތަކަކީ "ނާރު"(Nerves) ތަކެވެ. މާނައަކީ މިއީ ސިކުނޑިއާއި ސްޕައިނަލް ކޯޑުން ކުރިފަޅައި ނިކުމެފައިވާ ނާރު ތަކެވެ.

ކޮންމެ ނާރު ސެލް އެއްގައި އިންނަނީ އެންމެ "އޭކްސަން"(Axon) އެކެވެ. މިއޭކްސަން ނިކުމެފައި އިންނަނީ ސެލްގެ ޖިސްމުގައިވާ "އޭކްސަން ހިލޮކް"(Axon hillock) ކިޔާ ހިސާބަކުންނެވެ. ސިކުނޑިން ފޮނުވާ މެސެޖުތައް ސެލްގެ ޖިސްމުން ދުރަށް ގެންގޮސްދެނީ މި އޭކްސަން އިންނެވެ. އޭކްސަން ޑެންޑްރައިޓް ތަކަށްވުރެ ދިގުވާނެ އެވެ. ބައެއް ފަހަރު އޭކްސަން ގެ ދިގުމިނުގައި 100 ސމ ވަރުހުރެއެވެ. އޭކްސަން ގެ ވަށައިގެންވާ ތުނި ފަށަލަ އަށް ކިޔަނީ "އޭކްސަލެމާ"(Axollema) އެވެ.

ޑެންޓްރައިޓްސް
ޑެންޓްރައިޓްސް(dendrites) އަކީ ސެލްގެ ޖިސްމުން ނިކުމެފައިވާ ނަރުވާ ތަކެއް ފަދަ ބައިތަކެވެ. ޑެންޑްރައިޓްސް އަކީ ތަފާތު މެސެޖުތައް ލިބިގަނެ، ސެލްގެ ޖިސްމަށް އެމެސެޖްތައް ފޮނުވައިދޭ މެދުވެރި އެކެވެ. މިއީ އުފެދުމުގައި އޭކްސަން އާއި އެއްގޮތް، ނަމަވެސް ސައިޒުން ކުޑަ، ކަފިކަތްޕަށް ހުންނަ ބައިތަކެކެވެ.

ހަރަކާތް އުފުލައިދޭ ނިއުރޯން ތަކުގައި "ސައިނެޕްސް"(synapse) ތައް އުފެދުމުގައި ޑެންޑްރައިޓްސް ބައިވެރި ވެއެވެ. އަދި އިހުސާސް އުފުލައިދޭ ނިއުރޯން ތަކުގައި އިހުސާސް އުފުލައިދޭ ރިސެޕްޓަރު ތައް އުފެދުމުގައި ޑެންޑްރައިޓްސް ބައިވެރި ވެއެވެ.

ނޯޓް : އެއް ނިއުރޯން އަނެއް ނިއުރޯން އާ ޖިސްމާނީ ގޮތުން ގުޅި ލާމެހިފައެއް ނުވާނެއެވެ. އެއް ނިއުރޯން އިން އަނެއް ނިއުރޯން އަށް މެސެޖު ނުވަތަ ސިގުނަލް ދައުރުވަނީ ވަކި ޕޮއިންޓެއް ހުރަސްކޮށެވެ. އެގޮތުން އެއް ނިއުރޯން އިން އަނެއް ނިއުރޯން އަށް ސިގުނަލް ގެންގޮސްދޭ ޕޮއިންޓަށް ކިޔަނީ "ސައިނެޕްސް"(synapse) އެވެ.

ނިއުރޯންގެ ވައްތަރުތައް
މައިއެލިން ފަށަލަ ލެވިފައިވާ ނިއުރޯން ތައް (myelinated neurons): ބޮޑެތި "އޭކްސަން" ތަކާ، އަތްފައިގައިވާ ނާރުތަކުގެ ވަށައިގެން "މައިއެލިން ޝީތު"(myelin sheath) ކިޔާ ފަށަލަ އެއް ލެވިފައި ވެއެވެ. މިއީ އޭކްސަން ވަށައިގެން އެއްކޮޅުން އަނެއްކޮޅަށް އެތުރިފައި ހުންނަ "ޝްވާން ސެލް"(Schwann cell) ގެ ސިލްސިލާ އެކެވެ. ކޮންމެ އޭކްސަން އެއްގެ ވަށައިގެން ޝްވާން ސެލް ތަކުން އުފެދިފައިވާ "ޕްލާޒްމާ މެންބްރޭން"ގެ ފަށަލަތައް މަތިމައްޗަށް އެތުރިފައި ހުންނާނެ އެވެ. ޕްލާޒް މެންބްރޭން ފަށަލަތަކުގެ ދެމެދުގައި "މައިއެލިން"(myelin) ކިޔާ ތެޔޮ މާއްދާއެއް ހުންނާނެ އެވެ. ޝްވާން ސެލް ތަކުން އުފެދިފައިވާ "ޕްލާޒްމާ މެންބްރޭން"(plasma membrane) ގެ އެންމެ ބޭރު ފަށަލަ އަށް ކިޔަނީ "ނިޔުރަލެމާ"(neurilemma) އެވެ. އޭކްސަން ގެ ވަށައިގެންވާގޮތަށް އެއްކޮޅުން އަނެއްކޮޅަށް އެތުރިފައި ހުންނަ ޝްވާން ސެލްތަކުގެ ދެމެދުގައި އޭކްސަން ގެ ވަށައިގެން ހުންނަ "އޭކްސަލެމާ"(axollema) ހާމަވާގޮތަށް ފެންނަން ހުންނަ ތަންކޮޅެއް ހުރެއެވެ. މިތަންކޮޅަށް ކިޔަނީ " ނޯޑްސް އޮފް ރަންވިއޭ"(nodes of ranvier) އެވެ.
މައިއެލިން ފަށަލަ ލެވިފައިނުވާ ނިއުރޯން ތައް (non-myelinated neurons): އާންމު ގޮތެއްގައި "ޕޯސްޓް ގޭންގްލީއަނިކް ފައިބަރު"(post ganglionic fibers) ތައް އަދި ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހިމެނޭ ކުދި ނާރު ފައިބަރު ތަކުގެ ވަށައިގެން މައިއެލިން ފަށަލަ ލެވިފައެއް ނުހުރެއެވެ. މިވައްތަރުގެ ނިއުރޯންތަކުގައި ޝްވާން ސެލް ތަކުން އުފެދިފައިވާ ޕްލާޒްމާ މެންބްރޭން ގެތެރެއަށް އެތަކެއް އޭކްސަން އެއް ފެތިފައި ހުރެއެވެ. އަދި ކުރިން ބުނި ވައްތަރާ ޚިލާފަށް ހުރިހާ ޝްވާން ސެލްތަކެއް ހުންނަނީ ގުޅިފައެވެ. މިވައްތަރުގެ ނިއުރޯން ތަކުގައި ނާރުގެ މެސެޖުތަކާ ސިގްނަލް ތައް ދަތުރުކުރާ މިންވަރު ލަސްވާނެ އެވެ.

ނޯޓް : "ގޭންގްލީއަން"(ganglion) އަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެތުރިފައި ހުންނަ ނާރު ސެލްތަކުގެ ފުނިވަރެކެވެ. އެގޮތުން ސެންޓްރަލް ނާރވަސް ސިސްޓަމް އިން މިބުނި ނާރު ސެލްތަކުގެ ފުނިވަރަށް ގޮސްފައި އިންނަ ނާރު ފައިބަރަކީ "ޕްރީގޭންގްލީއަނިކް ފައިބަރު"(preganglionic fibers) އެވެ. އަދި އެނާރު ސެލް ފުނިވަރުން ފެށިގެން އޭގެ މަސައްކަތް ރައްދުވާ ގުނަވަނަށް ގޮސްފައި އިންނަ ނާރު ފައިބަރަކީ "ޕޯސްޓް ގޭންގްލީއަނިކް ފައިބަރު" (post ganglionic fibers) އެވެ.

ނާރުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ނުވަތަ ނާރެއްގެ ތެރޭގައި ސިގުނަލް ދައުރުވާގޮތް
ވަކި ނާރެއްގެ މަސައްކަތް ފެށިގެން އަންނަނީ އިހްސާސް އުފުލައިދޭ ނާރެއްގެ ކޮޅު(sensory nerve endings) ހީވާގިވެ މުރާލިވުމުން، ނުވަތަ އެއް ނާރަކުން ފޮނުވަމުން (އުފުލަމުން)ދާ މެސެޖެއް އަނެއް ނާރަކަށް ވާޞިލްވުމުންނެވެ. އެގޮތުން ނާރެއް މަސައްކަތް ހިގަން ފަށަނީ ނާރު ސެލްގެ ފަށަލަ(nerve cell membrane) ހުރަސްކޮށް "އަޔަން"(ions) ތައް އެއްފަޅިން އަނެއް ފަޅިއަށް ދައުރުވުމުންނެވެ. އެއްވެސް ކަމެއްނެތި އަރާމުކުރާ ހާލަތު (resting state)ގައި ނާރުސެލްގެ ފަށަލަ ހުންނާނީ "ޕޮލަރައިޒްޑް"(polarized) ކޮށެވެ. މާނައަކީ ނާރުސެލްގެ ފަށަލައިގެ ކޮންމެ ފަރާތެއްގައިވާނީ ވަކި ނުވަތަ ތަފާތު "އިލެކްޓްރިކަލް ޗާރޖް"(electrical charge) އެކެވެ. މިގޮތަށް ހުރުމަށް ކިޔަނީ "ރެސްޓިންގ މެންބްރޭން ޕޮޓެންޝަލް"(RMP) އެވެ. އަދި މިހާލަތުގައި ނާރުސެލްގެ ފަށަލައިގެ ބޭރުގައި ހުންނާނީ ޕޮޒިޓިވް އިލެކްޓްރިކް ޗާރޖް(positive electric charge) އެވެ. އަދި ނާރު ސެލް ފަށަލައިގެ އެތެރޭގައި ހުންނާނީ ނެގެޓް އިލެކްޓްރިކް ޗާރޖް(negative electric charge) އެވެ. އެގޮތުން ނާރުސެލްގެ ފަށަލައިގެ ދެފަރާތުގައި މައިގަނޑު ގޮތެއްގައި ހިމެނޭ އަޔަން(ions) ތަކަކީ ސޯޑިއަމް އަދި ޕޮޓޭޝިއަމް އެވެ. އާންމު ގޮތެއްގައި ސޯޑިއަމް ހުންނަނީ ސެލްތަކުން ބޭރުގައެވެ. ޕޮޓޭޝިއަމް ހުންނާނީ ސެލްތަކުގެ އެތެރޭގައެވެ.

އެއްވެސް ކަމެއްނެތި އަރާމު ކުރާ ހާލަތުގައި މިއަޔަންތައް ނާރު ސެލްގެ ފަށަލައިގެ ކޮންމެ ފަރާތަކަށް ދިއުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ. އެކަމަކު އެއީ ނާރު ސެލް ފަށަލައިގެ އެތެރެ ނުވަތަ ބޭރުގައި އެމާއްދާ (އަޔަން) އެއް ހުންނަ މިންވަރެއްގެ މައްޗަށް ނިސްބަތްކޮށެވެ.

ނާރު ސެލް އެއް ހީވާގިކުރުމުން ނާރު ސެލް ފަށަލަ ހުރަސްކޮށް އެއްފަރާތުން އަނެއް ފަރާތަށް ކުރިން ބުނި އަޔަން ތައް ގެންދިއުމަށް ނާރު ސެލް ފަށަލައަށް ލިބިފައިވާ ގާބިލްކަމަށް ބަދަލު އާދެއެވެ. އެގޮތުން ސެލްތަކުގެ ބޭރުގައި ހުންނަ ދިޔަ(ECF) އިން ސޯޑިއަމް ނިއުރޯންގެ ތެރެއަށް ދަމާލާނެ އެވެ. ހަމައެއާއެކު ނިއުރޯންގެ އެތެރޭގައި ހުރި ޕޮޓޭޝިއަމް ނިއުރޯން އިން ބޭރުކޮށްލާނެ އެވެ. މިގޮތަށް ވުމުން ނާރު ސެލް ފަށަލަ "ޑިޕޮލަރައިޒޭޝަން"(depolarization) ކިޔާ ހާލަތަކަށް ބަދަލު  ވެއެވެ. މާނައަކީ މިހާލަތުގައި ނާރު ސެލް އިން ސިގުނަލްތައް ދައުރުކުރާނެ އެވެ. ޑިޕޮލަރައިޒޭޝަން އަކީ އަކީ ވަރަށް ވަރަށް ކުޑަ ހިނދުކޮޅެކެވެ. އެހިނދުކޮޅުގެ ތެރޭގައި ނިއުރޯންގެ އެއްކޮޅުން އަނެއްކޮޅަށް ސިގުނަލް ދަތުރުކޮށްލާނެ އެވެ. އެގޮތުން ސިގުނަލް ދަތުރުކުރާނީ އެއްކޮޅަކަށެވެ. ޑިޕޮލަރައިޒޭޝަން އަށްފަހު އަނެއްކާ ވެސް ރިޕޮލަރައިޒޭޝަން(repolarization) ނުވަތަ ކުރިން ހުރި ހާލަތަށް ބަދަލުވާނެ އެވެ. މާނައަކީ ސޯޑިއަމް ނިއުރޯން އިން ބޭރަށް އައުމާއެކު، ޕޮޓޭޝިއަމް ނިއުރޯންގެ އެތެރެއަށް ދަމާލާނެ އެވެ. މިގޮތަށް މިމަސައްކަތް ހުއްޓިނެތި ކުރިޔަށްދާނެ އެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.


No comments:

Post a Comment