Monday, June 10, 2013

ޕްރޮސްޓޭޓް ގްލޭންޑް



ޕްރޮސްޓޭޓް ގްލޭންޑް

ޕްރޮސްޓޭޓް ގްލޭންޑަ(prostate gland)ކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިއީ ފިރިހެނާގެ ދަރިމައިވުމުގެ ނިޒާމުގައި ހިމެނޭ އެންމެ ބޮޑު އެކްސެސަރީ ގްލޭންޑް އެވެ. މިއީ އެއްބައި މަހުން އަނެއްބައި ގްލޭންޑް އިން އުފެދިފައިވާ ގުނަވަނެކެވެ.

ޕްރޮސްޓޭޓް ގްލޭންޑް އިންނަ ތަން

ޕްރޮސްޓޭޓް ގްލޭންޑް އިންނަނީ މަސާނާގެ ކަރުގެ ތިރިން، އެކްސްޓާރނަލް ޔުރެތުރަލް ސްފިންކްޓަރ ގެ މައްޗަށް އަދި ފުރަގަސް ފަރާތު ގެ ކުރިމައްޗަށް ވާގޮތަށެވެ. މާނައަކީ ކުޑަކަމުދާ ހޮޅި ގޮސްފައި އިންނާނީ ޕްރޮސްޓޭޓް ގްލޭންޑް ހުރަސް ކޮށް ޕްރޮސްޓޭޓް ގްލޭންޑުގެ ތެރެއިންނެވެ. ނުވަތަ ޕްރޮސްޓޭޓް ގްލޭންޑް އިންނާނީ އިންޓާނަލް ޔުރެތުރަލް އޮރިފައިސް ގެ ތިރިން ކުޑަކަމުދާ ހޮޅި ވަށާލާފައެވެ. ޕްރޮސްޓޭޓް ގްލޭންޑް އިންނަނީ ފުރަގަސް ފަރާތުގެ ކުރިމައްޗަށްކަމަށްވާތީ، ޕްރޮސްޓޭޓް ގްލޭންޑްގެ ހާލަތު ދެނެގަތުމަށް، ފުރަގަސްފަރާތުން އެތެރެއަށް އިގިލި ލައްވައިގެން ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ހުރިނެތްގޮތް ދެނެގަނެވެއެވެ. ފުރަގަސްފަރާތުގައިވާ ''ލެވޭޓަރ އޭނައި"(levator ani) އޭ ކިޔޭ މަސްކޮޅު އިންނަނީ ޕްރޮސްޓޭޓް ގްލޭންޑްގެ ތިރިން އަރިމައްޗަކަށް ވާގޮތަށެވެ. 

މިންތައް

ޕްރޮސްޓޭޓް ގްލޭންޑާ ފުރަގަސްފަރާތާ ދެމެދު ގާތްގަނޑަކަށް 4ސމ ހުރެއެވެ. މަނި ހޮޅިން ކުޑަކަމުދާ ހޮޅިއަށް މަނި ގެންގޮސްދޭ އިޖެކިއުލޭޓަރީ ޑަކްޓް ޕްރޮސްޓޭޓް ގްލޭންޑާ ގުޅިފައިވަނީ އޭގެ ފުރަގަހު(ފަހަތު)ންނެވެ. އަދި އިޖެކިއުލޭޓަރީ ޑަކްޓް ކުޑަކަމުދާ ހޮޅިއާ ގުޅެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ތެރޭގައެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ސަތަހައިގެ ކުރިމަތީ ފަރާތުން މަތިން ތިރިއަށް ގާތްގަނޑަކަށް 3ސމ ހުރެއެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ މަތީ ކައިރިން ފުޅާ މިނުގައި 4 ސމ ހުރެއެވެ. އަދި މިގްލޭންޑްގެ ބަރުދަނުގައި ގާތްގަނޑަކަށް 8 ގްރާމް ހުރެއެވެ.

ޕްރޮސްޓޭޓް ގްލޭންޑް އުފެދިފައިވާގޮތް

އާންމު ގޮތެއްގައި ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒުގެ ގޮތުގައި ސިފަކުރެވެނީ ވޯލްނަޓް އެއްގެ ސައިޒެވެ. ޕްރޮސްޓޭޓް ގްލޭންޑްގައި ކޮންމެވެސް ވަރަކަށް އެތެރެ ހަށީގެ ގުނަން ތަކުގައި ހުންނަ މަސް(smooth muscle) ހުރެއެވެ. ގާތްގަނޑަކަށް ޕްރޮސްޓޭޓް ގްލޭންޑުގެ 30 އިން ސައްތަ އަކީ މަހެވެ. މަނި ބޭރުވެގެންދިއުން ކުރިމަތިވާ ހިނދު މަނިތައް ބޭރަށް ފޮނުވުމުގައި މިމަސްކޮޅުތައް އެހީތެރިވެއެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ބާކީ 70 އިންސައްތަ އަކީ މަނިދިޔަ އުފައްދައި ދޫކުރާ ގްލޭންޑް ނުވަތަ ގޮށްތަކެވެ.ޕްރޮސްޓޭޓް ގްލޭންޑް ގެ ވަށައިގެން ވަރަށް ތުނި ދުލިފަށަލައެއް ވެއެވެ. މިދުލިފަށަލަ ބޮޑަށް ވައްތަރުވާނީ ލޭހޮޅިތަކުގެ ބޭރުގައި ހުންނަ ތުނި ދުލިފަށަލަ "އެޑްވެންޓިޝިއާ"(adventitia) އާއި އެވެ.

ޕްރޮސްޓޭޓް ގްލޭންޑްގެ ބައްޓަމަށް ބަލާއިރު ބަހާލެވިފައިވަނީ އޭގެ ބޭސް (ފޫ)، އޭޕެކްސް (ކޮޅު)، ކުރިމަތީ ސަތަހަ، ފުރަގަހު ނުވަތަ ފަހަތު ސަތަހަ، އަދި ދެ އަރިމަތީގެ ސަތަހަތަކެވެ.

ޕްރޮސްޓޭޓް ގްލޭންޑް ގެ ފޫ (base prostatae): ޕްރޮސްޓޭޓް ގްލޭންޑްގެ ފޫ އިންނަނީ ޕްރޮސްޓޭޓް ގްލޭންޑްގެ މަތީގައިވާ މަސާނާގެ ތިރީ ނުވަތަ ދަށު ސަތަހައިގައި ޖެހިފައެވެ. އަދި މިބައި އަމާޒުވެފައިވަނީ މައްޗަށްވާގޮތަށެވެ. މިބައިގެ ބޮޑުބައެއް ސީދާ ކުރިޔަށް ގޮސްފައިވަނީ މަސާނާގެ ފާރާއި ގުޅިގެންނެވެ. ހީސްހޮޅި ޕްރޮސްޓޭޓް ގްލޭންޑްގެ ތެރެއަށް ހުޅުވިފައިވަނީ މިބައިގެ ކުރިމައްޗަށްވުރެ ބޮޑަށް ފަހަތާއި ކައިރިވީ ކޮޅުންނެވެ.

ޕްރޮސްޓޭޓް ގްލޭންޑްގެ ކޮޅު (apex prostatae): ޕްރޮސްޓޭޓް ގްލޭންޑްގެ ކޮޅު އަމާޒުވެފައިވަނީ ތިރިއަށްވާގޮތަށެވެ. އަދި ކޮޅު ޖެހިފައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑްގެ ތިރިންވާ "ޔޫރޯޖެނިޓަލް ޑައަފްރަމް"ގެ މަތީ ފޭޝިއާ ގައެވެ.

ފަހަތު(ފުރަގަސް) ސަތަހަ (posterior surface): ޕްރޮސްޓޭޓް ގްލޭންޑް ފަހަތުބައި އިންނަނީ އިންސާނާގެ ފުރަގަސް ފަރާތާއި ދިމާވާގޮތަށެވެ. ނޫނީ ކުރިމަތިވާ ގޮތަށެވެ. ފުރަގަސްފަރާތު ދޮރާއި، ޕްރޮސްޓޭޓް ގްލޭންޑް އާއި ދެމެދު ގާތްގަނޑަކަށް 4 ސމ މިންވަރުގެ ދުރުމިނެއް ހުރެއެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ފަހަތު ފަރާތު މަތީ ބޯޑަރު ކައިރީގައި ކުޑަ އަޑިކޮޅެއް ހުރެއެވެ. ދެފަރާތުގެ އިޖެކިޔުލޭޓަރީ ޑަކްޓް ތައް ޕްރޮސްޓޭޓް ގްލޭންޑް ގެ ތެރެއިން ހުޅުވިފައި ވަނީ މިއަޑިކޮޅުތަކުންނެވެ.

ކުރިމަތީ ސަތަހަ (anterior surface): ކުރިމަތީ ފަރާތުގެ މަތިން ތިރިއަށް ދިގުމިނުގައި 2.5ސމ ހުރެއެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ކުރިމަތި ފަރާތް އިންނަނީ ޅިނދުގައިވާ ކަށިތަކުގެ ތެރެއިން ޕިޔުބިކް ސިމްފީސިސް އަށްވުރެ 2 ސމ ފަހަތުގައެވެ. ޕްރޮސްޓޭޓް ގްލޭންޑް އާއި ސިމްފީސިސް ޕިޔުބިސް ވަކިކޮށްދެނީ ސަރުބީ، ނުސާފުލޭ ދައުރުކޮށްދޭ ލޭހޮޅީގެ ޕްލެކްސަސް  އަކުންނެވެ. ކޮންމެ ފަރާތަކުން ވެސް ޅިނދު ކަށިގަނޑާއި، ޕްރޮސްޓޭޓް ގްލޭންޑް ހިފަހައްޓައިދޭ ލިގަމެންޓް "ޕިޔުބޯޕްރޮސްޓެޓިކް ލިގަމެންޓް"(puboprostatic ligament)ގެ ޒަރީޢާއިން އެއްސި ހިފެހެއްޓިފައި ވެއެވެ. ހީސްހޮޅި ޕްރޮސްޓޭޓްގެ ތެރެއިން ބޭރަށް ނިކުންނަނީ މިސަތަހައިންކަން ފާހަގަކުރެވެއެވެ.

އަރިމަތީ ސަތަހަ (lateral surface): އަރިމަތީ ސަތަހަ އަކީ އެންމެ ބޮޑަށް ދެފަރާތުން ބޭރަށް ނިކުމެފައި ހުންނަ ސަތަހަ ތަކެވެ. މިސަތަހަ ނިވާކުރެވިފައިވަނީ ލެވޭޓަރ އޭނައި މަސްކޮޅުގެ ކުރިމަތީ ބައިންނެވެ. ނަމަވެސް ނަމަވެސް ޕްރޮސްޓޭޓް އާއި މިދެންނެވި މަސްކޮޅު ވަކިކޮށްދިނުމަށް އެދެމެދުގައި ނުސާފުލޭ ދައުރުކޮށްދޭ ލޭހޮޅީގެ ޕްލެކްސަސް  ލެވިފައި ވެއެވެ.

ބައެއް ފަހަރު ލޯބު ތަކެއްގެ ގޮތުގައި ވެސް ޕްރޮސްޓޭޓް ގްލޭންޑް ބަހާލެވެއެވެ. އެބީދައިން ބަހާލެވިފައިވާގޮތް ތިރީގައި މިވަނީ އެވެ.

ކުރިމަތީ ލޯބު (anterior lobe): މިއީ ގްލޭންޑް ގެ އެއްވެސް ބައެއް ނުހިމެނި ހަމައެކަނި ފައިބަރާއި މަހުން އުފެދިފައިވާ ލޯބެކެވެ.

މެދު ލޯބު (median lobe): ކޯން ބައްޓަމަށް އިންނަ މިބައި އިންނަނީ ހީސްހޮޅި އާޢި ދެފަރާތުުގެ އިޖެކިޔުލޭޓަރީ ޑަކްޓް ތަކާއި ދެމެދުގައެވެ.

އަރިމަތީ ލޯބު (lateral lobe): މިއީ ޕްރޮސްޓޭޓް ގްލޭންޑް މައި ބައެވެ. ދެފަރާތުގެ އަރިމަތީ ލޯބު ވަކިވަނީ ޕްރޮސްޓޭޓް ގްލޭންޑްގައިވާ ހީސްހޮޅީގެ ބައިންނެވެ.

ފަހަތު ލޯބު (posterior lobe): މިބައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް ގެ އެންމެ ފަހަތަށް ނުވަތަ ފުރަގަހަށް ވާގޮތަށެވެ. ފުރަގަހުން އިގިލި ލައްވައިގެން ޕްރޮސްޓޭޓް ގްލޭންޑް ޗެކުކުރާއިރު އިގިލި ގޮސްޖެހޭނީ މިބައިގައެވެ.

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ޕްރޮސްޓޭޓް ގްލޭންޑް އިންނަނީ 3 ބަޔަކަށް ނުވަތަ ސަރަހައްދަކަށް ބެހިފައެވެ.

(ހ) – ސެންޓްރަލް ޒޯން (central zone): މިބައި އިންނަނީ އިޖެކިޔުލޭޓަރީ ޑަކްޓް ވަށާލައިފައެވެ. މުޅި ޕްރޮސްޓޭޓް ގްލޭންޑްގެ ބޮޑުމިނުގެ %25 ހިއްސާކުރަނީ މިބައެވެ. މިބައި އިންނަނީ އާންމު ގޮތެއްގައި ޕްރޮސްޓޭޓް މެދުން ބަހާލުމުން ބޮޑަށް ފަހަތަށް ނުވަތަ ފުރަގަހަށް ވާގޮތަށެވެ. މާނައަކީ ހީސްހޮޅި ގޮސްފައިވަނީ މިބައިގެ ކުރިމަތިންވާ ޓްރާންސިޝަނަލް ޒޯންގެ ތެރެއިންނެވެ. މިބައިގައިވާ ޑަކްޓް ތައް ހީސްހޮޅިއަށް ހުސްވަނީ ކުޑަކޮށް ލަބާލައިފައި ގޮހެވެ. ޕްރޮސްޓޭޓް ކެންސަރު އުފެދުމުގެ ފުރުޞަތު އެންމެ ކުޑަ (%5 އަށްވުރެ މަދު) ހިސާބަކީ މިއީ އެވެ.

(ށ) – ޓްރާންސިޝަނަލް ޒޯން (transitional zone): މިއީ ޕްރޮސްޓޭޓް ގްލޭންޑް ގެ މެދުގައި ހީސްހޮޅި ވަށާލައިފައި އިންނަ ބައެވެ. މުޅި ޕްރޮސްޓޭޓް ގްލޭންޑްގެ ބޮޑުމިނުގެ %10-5 ހިއްސާކުރަނީ މިބައެވެ. އާންމު ގޮތެއްގައި ޕްރޮސްޓޭޓް ބޮޑުވާބަލި ހުންނަ މީހުންނަށް ގިނަފަހަރު އޭގެ ސައިޒުން ބޮޑުވެގެންދާއިރު، އެ ބޮޑުވެގެންދަނީ މިބައިކަން ފާހަގަ ކޮށްލެވެއެވެ. ޕްރޮސްޓޭޓް ކެންސަރު %20 އުފެދެނީ މިހިސާބުގައި ކަން ފާހަގަ ކުރެވެއެވެ.

(ނ) ޕެރިފެރަލް ޒޯން (peripheral zone): ޕްރޮސްޓޭޓް ގްލޭންޑްގެ ފަހަތަށް ނުވަތަ އެންމެ ފުރަގަހަށްވާ ބައިގެ ގޮތަށް އިންނަ މިބަޔަކީ މުޅި ޕްރޮސްޓޭޓް ގްލޭންޑްގެ ބޮޑުމިނުގެ %65 ހިއްސާކުރާ ބައެެވެ. މިބައިގައިވާ ޑަކްޓްތައް ޕްރޮސްޓޭޓް ގްލޭންޑްގައިވާ ހީސްހޮޅީގެ ބައިގެ ތެރެއަށް ހުސްވެފައި ހުންނަނީ ވާޓިކަލް ކޮށެވެ. މިބައި އިންނަނީ ފުރަގަސް ފަރާތުގެ ފާރާއި ޖެހިގެންނެވެ. ފުރަގަހުން އިގިލި ލައްވައިގެން ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވެފައިވޭތޯ ބެލުމަށް ޓެސްޓު ހަދާއިރު ، އިގިލި ގޮސް ޖެހޭނީ މިބައިގައެވެ. އާންމު ގޮތެއްގައި ޕްރޮސްޓޭޓް ކެންސަރުގެ %80-70 ކުރިމަތިވަނީ މިހިސާބުގައެވެ.

ފައިބްރޯމަސްކިޔުލަރ ސްޓްރޯމާ (fibromuscular stroma): މިއީ ޕްރޮސްޓޭޓް ގްލޭންޑްގެ ކުރިމަތީ ބައިގައިވާ ހިސާބެވެ. ނުވަތަ ކުރިމައްޗަށްވާ ބައެވެ. މިބައި އެކުލެވިގެންވަނީ ހަމައެކަނި މަސް (ނަން ސްޓްރިޕްޑް މަސަލް) އަދި ފައިބަރީ ސެލޯށީގެ މައްޗަށެވެ.

މަހުގެ ސެލޯށި : ޕްރޮސްޓޭޓް ގްލޭންޑްގެ ސްޓްރޯމާ އަސްލު ބިނާވެގެންވަނީ ނޫނީ އެކުލެވިގެންވަނީ މަހުގެ ސެލޯށީގެ މައްޗަށެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ފައިބްރޯމަސްކިޔުލަރ ސްޓްރޯމާގައި މަހުގެ ސެލޯށިތައް ތަރުތީބު ކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ. އެންމެ ފުރަތަމަ ފައިބަރީ ކެޕްސޫލްގެ ދަށުން އިންނަނީ ރައްކާތެރިކޮށްދެނިވި ފަށަލަ އެކެވެ. އެއަށްފަހު ހީސްހޮޅީގެ ވަށައިގެންވާ ގޮތަށް ވަށްބުރަށް އެތުރިފައި ހުންނަ މަހުގެ ފަށަލަ އެއް ވެއެވެ. ކުރިން ބުނި ރައްކާތެރިކޮށްދެނިވި ފަށަލަ ނުވަތަ "ޝީތު" އާއި ފަހުން ބުނި މަސްފަށަލަ އާއި ދެމެދު، އެކަތި އަނެކަތީގެ މައްޗަށް އެތުރި މަސްހުނިވެފައިވާ މަހުގެ ޓިޝޫގެ ވަރުގަދަ ބޭންޑް އެއް ވެއެވެ. މިއެތުރުން ގަނޑުން އުފެދޭ ދާގަނޑުގެ ތެރެއަށް ޕްރޮސްޓޭޓް ގްލޭންޑްގެ އޮނިގަނޑު ނުވަތަ ގްލޭންޑިޔުލަރ ސްޓްރަކްޗަރ ގެނބިފައި ވެއެވެ. ނޫނީ ފެތިފައި ވެއެވެ. 

ޕްރޮސްޓޭޓް ގްލޭންޑްގެ މަސައްކަތް

ޕްރޮސްޓޭޓް ގްލޭންޑްގެ މައިގަނޑު މަސައްކަތަކީ މަނިދިޔަ(Seminal fluid) ދޫކުރުމެވެ. އެގޮތުން މަނިދިޔައިގެ 30 އިންސައްތަ ބޭރުކުރަނީ މިގްލޭންޑުންނެވެ. މަންޏަށް އޭގައި ހުންނަ ކިރު ކުލަ ގެނެސްދެނީ ޕްރޮސްޓޭޓް ގްލޭންޑުން ބޭރުކުރާ ހުދު ކިރު ކުލައިގެ ދިޔައިގެ ސަބަބުންނެވެ. މިދިޔައިގައި މަނި ގަނޑުކޮށްލާ އެންޒައިމް ހުރެއެވެ. މިކަމުގެ ސަބަބުން މަނި އޮލަވެ، ރަހިމުގެ ދޮރާ ކައިރީގައި މަނިތައް ހިފެހެއްޓިފައި ހުރުމުގެ ގާބިލިއްޔަތު ލިބިގެން ދެއެވެ.

ޕްރޮސްޓޭޓް ގްލޭންޑުން ބޭރުކުރާ ދިޔައިގައި އަލްކަލައިންގެ މިންވަރު މައްޗެވެ. ނަތީޖާއެއްގެ ގޮތުން މަންޏަކީ ވެސް އަލްކަލައިން ގެ ނިސްބަތް މަތި އެއްޗަކަށް ވެއެވެ. މިހެންވުމުން އަންހެނާގެ ކުރިމަތި ފަރާތުގައި ހުންނަ އެސިޑްގެ ނިސްބަތް ހަމައަކަށް އަޅުވައިދެއެވެ. އަދި މިކަމުގެ ސަބަބުން ދަރިފަނީގެ އުމުރު ދިގުކޮށްދެއެވެ. މާނައަކީ ދަރިފަނީގެ ހަރަކާތްތެރިކަން ދިގުދެމި ދެއެވެ. ޕްރޮސްޓޭޓް ގްލޭންޑުން ބޭރުކުރާ ދިޔައިގައި ޒިންކުގެ އިތުރުން ބައެއް ކަހަލަ އެންޒައިމްތައް ވެސް ހުރެއެވެ. އެގޮތުން ހުންނަ އެންޒައިމް ތަކުގެ ތެރޭގައި "ޕްރޮސްޓެޓިކް އެސިޑް ފޮސްފަޓޭޒް"(prostatic acid phosphatase)، އަދި "ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖަން"(PSA) ފަދަ އެންޒައިމް ތައް ހިމެނެއެވެ.

ހަށިގަނޑުން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރުމުގައި ޕްރޮސްޓޭޓް ގްލޭންޑް އެހީތެރި ވެދެއެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ޕްރޮސްޓޭޓް ގްލޭންޑުގެ ފަހަތުން ކުޑަ މަގަކުން ޕްރޮސްޓޭޓް ގްލޭންޑާ ގުޅިފައި އިންނަ މަނިގޮށުން ޕްރޮސްޓޭޓް ގްލޭންޑުން ބޭރުކުރާ ދިޔައާ އެއްކުރުމަށް ޕްރޮޓީން އެއް އުފައްދައެވެ. ޕްރޮސްޓޭޓް ގްލޭންޑްގެ ތެރޭގައި މަނިގޮށުން ދޫކުރާ ދިޔަ އާ، ޕްރޮސްޓޭޓް ގްލޭންޑުން ދޫކުރާ ދިޔަ، ދަރިފަނިތަކާ އެއްވެގެން ދެއެވެ. ޕްރޮސްޓޭޓް ގްލޭންޑުގެ މަސައްކަތް ތަންޒީމުކޮށް ހިންގަނީ "ޑައިހައިޑްރޯޓެސްޓޮސްޓަރޯން"(DHT) ކިޔާ ހޯރމޯން އެއްގެ އެހީގައެވެ.

ޕްރޮސްޓޭޓް ގްލޭންޑުން ޕްރޯޓިއޯލިޓިކް އެންޒައިމް(proteolytic enzyme) ތައް މަނީގެ ތެރެއަށް ދޫކުރެއެވެ. މިއީ މަނީގައި ހުންނަ މަނި ގަނޑުކުރާ މާއްދާތައް ބައިބައިކުރުމަށް އެހީތެރިވެދޭ އެންޒައިމް ތަކެކެވެ. މިކަމުގެ ސަބަބު މަންޏަށް ދިޔާއެއްޗެއްގެ ގޮތުގައި ހުރުމަށް އެހީތެރިވެދެއެވެ. އަދި ދިޔާވުމުން ނޫނީ ދިޔާކަންމަތީ ހުރުމުން އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ވާޞިލްވުމަށްފަހު ފަސޭހަކަމާއެކު އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ތެރޭގައި ދަތުރުކުރެވެއެވެ. ޕްރޯޓިއޯލިޓިކް އެންޒައިމްތައް ޕްރޮސްޓޭޓް ގްލޭންޑް އިން ބޭރުވަނީ ޕްރޮޮސްޓެޓިކް ޑަކްޓް(prostatic ducts) ތައް ހުރަސްކޮށެވެ. މިޑަކްޓް ތައް ހުޅުވެނީ ހީސްހޮޅިން ޕްރޮސްޓޭޓް ގްލޭންޑް ގެ ބައިގައިވާ ސެމައިނަލް ކޮލިކިޔުލަސް އޭ ކިޔާ އުުފުލުމުގައި ހުންނަ 12-10 ވަރަކަށް ލޯވަޅު ތަކުން ގޮސް ހީސްހޮޅިއަށެވެ. އަދި މިއެންޒައިމްތައް އެގޮތަށް ހީސްހޮޅީގެ ތެރެއަށް ދޫކުރަނީ މަނިބޭރުވުމުގެ ތެރޭގައެވެ.

ލޭދައުރުކުރުވުން

ޕްރޮސްޓޭޓް ގްލޭންޑް އަށް ސާފުލޭ ފޯރުކޮށްދެނީ ޕްރޮޮސްޓެޓިކް އާޓަރީ ތަކުންނެވެ. މިއީ އިންޓާނަލް އިލިއެކް އާޓަރީ ތަކުން ނިކުމެފައިވާ ގޮފިތަކެކެވެ. ބައެއް ފަހަރު އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ، އަދި މިޑްލް ރެކްޓަލް އާޓަރީގެ ގޮފިތަކުން ވެސް ޕްރޮސްޓޭޓް ގްލޭންޑް އަށް ލޭފޯރުކޮށްދީފާނެ އެވެ. ޕްރޮސްޓޭޓް ގްލޭންޑް އިން ނުސާފުލޭ އަނބުރާ ގޮސް ހުސްވަނީ އިންޓާނަލް އިލިއެކް ވެއިން އަށް ގޮސް ހުސްވާ ޕްރޮސްޓެޓިކް ވީނަސް ޕްލެކްސަސް ގެ ތެރެއަށެވެ. ސިމްޕެތެޓިކް، ޕެރެސިމްޕެތެޓިކް، އަދި ސެންސަރީ ނާރވް ތައް ޕްރޮސްޓޭޓް ގްލޭންޑް އަށް  އައިސްފައިވަނީ އިންފީރިއަރ ހައިޕޯގެސްޓްރިކް ޕްލެކްސަސް މެދުވެރިވެގެންނެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/subjects/subject/263. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/subjects/subject/263

Health, M. G. (2013). http://www.prostate-health-net.com/prostate_function.html. Retrieved from http://www.prostate-health-net.com/: http://www.prostate-health-net.com/prostate_function.html

Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

https://teachmeanatomy.info/pelvis/the-male-reproductive-system/prostate-gland/

https://www.news-medical.net/health/Prostate-Gland-Anatomy.aspx

https://www.bartleby.com/107/263.html

No comments:

Post a Comment