އުރަމަތި
އުރަމަތި(breast)
ނުވަތަ ކިރަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައެއްގެ ގޮތުގައި ބެލެވޭ
ގުނަވަނެކެވެ. ފިރިހެނުންގެ އުރަމަތި ހުރި ނަމަވެސް އެއީ ފިރިހެނާގައި
ހަށިގަނޑުގައި މުހިއްމު ދައުރެއް އަދާކޮށްދޭ ގުނަވަނެއް ނޫނެވެ. އުރަމައްޗަކީ
އަންހެނާގެ އަންހެންވަންތަކަން ދައްކައިދޭ އެއް ގުނަވަން ކަމުގައި ވެސް އޮންނަނީ
ވެފައެވެ.
އާންމު ގޮތެއްގައި އުރަމަތި އިންނަނީ މޭކަށިތަކުގެ 6-2 ކަށިކޮޅާ
ދޭތެރޭގައެވެ. އުރަމަތި ހަރުލާފައި އިންނަނީ މޭމަތީގައިވާ "ޕެކްޓޯރަލިސް
މޭޖަރ"(pectoralis major) ކިޔާ މަސްގަނޑުގެ މަތީގައެވެ. އުރަމަތި އެކުލެވިގެންވަނީ ކިރު
ބޭރުކުރާ ގްލޭންޑް ތަކާ، ސަރުބީ އަދި އުރަމަތި މޭމަތީގައި ހިފަހައްޓައިދިނުމަށް ބޭނުންވާ
"ކަނެކްޓިވް ޓިޝޫ"(connective tissue) ތަކުގެ މައްޗަށެވެ. އުރަމައްޗަކީ އޭގެ ޒާތުގައި ވެސް ސަރުބީ އިން
ނިވާކުރެވިފައިވާ ގުނަވަނެކެވެ. ކޮންމެ އުރަމައްޗެއްގައި ކިރުއުފައްދާ 20 ވަރަކަށް
ގޮނބު(lobes)
ހުރެއެވެ. މިއިން ކޮންމެ ކޮންމެ ގޮނބެއްގައި އެތައް ބައިވަރު ކިރު އުފައްދާ ކުދި
ގޮނބުތައް ނުވަތަ ގްލޭންޑްތައް(lobules)
ހުރެއެވެ. ކިރު އުފައްދާ ގްލޭންޑްތައް ހުޅުވިފައި ހުންނަނީ ކިރު އުފުލާ މަގު(lactiferous ducts) ތަކަށެވެ.
މިމަގުތަކުން ވަށްގަނޑާ(nipple)
ދިމާލަށް ކިރުގެންދާނެ އެވެ. ގާތުންކިރުދޭ
މައިންގެ އުރަމަތީގައި ގާތުންދޭ ދުވަސްވަރު ކިރު އުފައްދާ ގްލޭންޑްތައް އުފެދި އުރަމައްޗަށް
އިތުރުވަމުންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ހުއްޓިނެތި އުރަމައްޗަށް
ކިރުއެރެމުންދާނެ އެވެ. އަދި ގާތުންދިނުން ހުއްޓުމުން، މިގްލޭންޑްތައް އިތުރުވުން
ހުއްޓި އުރަމައްޗަށް ކިރުއެރުން ވެސް ހުއްޓިގެންދާނެ އެވެ.
ވަށްގަނޑުގައި އާންމުކޮށް ހުންނަނީ ފިޔާތޮށި ނުވަތަ މުށި ކުލައެކެވެ.
ވަށްގަނޑުގެ ސަތަހައިގައި ރޫޖެހިފައި ހުންނާނެ އެވެ. ގާތްގަނޑަކަށް 20-15 ދެމެދުގެ
އަދަދަކަށް ކުދިކުދި ލޯވަޅު ވަށްގަނޑުގައި ހުންނާނެ އެވެ. މިލޯވަޅުތަކަކީ ކިރު
އުފުލާ މަގު ތަކުން ވަށްގަނޑަށް ހުޅުވިފައިވާ ހުޅުވުން ތަކެކެވެ.
ވަށްގަނޑު ގެ ވަށައިގެންވާ ސަރަހައްދު(areola)ގެ ހަން ހުންނަނީ އަނދިރި ކުލަޔަކަށެވެ. މާބަނޑުވުމުން
މިހިސާބުގެ ހަމުގެ ކުލަ ގަދަ މުށި ނުވަތަ ކަޅު ކުލަޔަކަށް ބަދަލުވުމަކީ ވެދާނެ
ގޮތެކެވެ. ނަމަވެސް ގާތުންދީ ނިމުމުން މިހިސާބުގެ ކުލަ ކުރިން ހުރިގޮތަށް ބަދަލުވެ
ދިއުމަކީ ގާތްކަމެކެވެ. ވަށްގަނޑުގެ ވަށައިގެންވާ ހަމުގައި ތެޔޮ ބޭރުކުރާ ގްލޭންޑް(sebaceous gland) ތައް
ހުރެއެވެ. މިތެޔޮ ބިހި ނުވަތަ ގޮށްތަކުން ބޭރުކުރާ ތެޔޮ މާއްދާގެ ސަބަބުން
ގާތުންދޭ ދުވަސްވަރު ވަށްގަނޑުގައި ތެޔޮކަމެއް އުފައްދައިދީ، ވަށްގަނޑު
ސާފުކޮށްދީ، އޮމާންކޮށްދޭނެ އެވެ. މިގޮތަށް ތެޔޮކަމެއް ވަށްގަނޑުގައި އުފެދުމަކީ ގާތުންދޭ
ދުވަސްވަރު، ވަށްގަނޑު ހިކި، ފާރުވުމުން ރައްކާކޮށްދޭނޭ ކަމެކެވެ.
އުރަމަތީގެ ބަރުދަނާ، ވަށަމިން، އެކިމީހުންނަށް، އަދި އުމުރުގެ އެކި
ދުވަސްވަރު (އަންނަ ބަދަލުތަކާ ގުޅިގެން) ތަފާތުވާނެ އެވެ. އަންހެންކުއްޖަކު
ބާލިޣުވަންދެން އުރަމަތި ހުންނަނީ ކުޑަކޮށް، އަދި ރަގަޅަށް ފުރިހަމަ ނުވެއެވެ.
ނަމަވެސް ބާލިޣުވުމުން އެސްޓްރަޖަން(estrogen)
އަދި ޕްރޮޖެސްޓަރޯން(progesterone) ހޯރމޯންގެ އެހީގައި އުރަމަތި ހެދިބޮޑުވަމުން އަންނާނެ އެވެ.
މާބަނޑު ދުވަސްވަރު މިހޯރމޯން ތަކުގެ ސަބަބުން އުރަމަތި އިތުރަށް ބޮޑުވެ
ފުރިހަމަވާނެ އެވެ. ވިހެއުމާއެކު ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ
"ޕްރޮލެކްޓިން"(prolactin)
ހޯރމޯން އިން އުރަމަތިން ކިރުއުފެއްދުމަށް ބާރުއަޅާނެ އެވެ. އުމުރުން ދުވަސްވުމުން
އުރަމަތި ކުޑަވެ ހިނދޭގޮތް ވާނެއެވެ. އާންމު ގޮތެއްގައި ވާތް ފަރާތު އުރަމަތި
ކަނާތް ފަރާތު އުރަމައްޗަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުވާނެ އެވެ. ގާތުންދޭ ފެށުމުން
އުރަމަތިން ފުރަތަމަ ބޭރުވާ ކިރަށް ކިޔަނީ "ކޮލަސްޓްރަމް" އެވެ.
ކޮލަސްޓްރަމް ހުންނަނީ ރީނދޫ ކުލައިގައެވެ. ކޮލަސްޓްރަމް އަށް ރީނދޫ ކިރު މިހެން
ވެސް ކިޔައި އުޅެ އެވެ.
"ރީދޫ ކިރަކީ އޮލަ އަދި ރީދޫކުލަޔަށް ހުންނަ އޭގައި ވަރަށް ގިނައިން ކުޑަދަރިފުޅު ހިމާޔަތް ކުރުމަށްޓަކައި އެންޓިބޮޑީ ހުންނަ
ދިޔާއެއްޗެކެވެ. ވިހެއުމަށްފަހު ގާތްގަޑަކަށް
ހަފުތާއެއްހައި ދުވަސްވަންދެން މިކިރު އަންނާނެއެވެ. މިއީ ކުޑަދަރިފުޅަށް ވަރަށް މުހިއްމު ވަރަށް ބޭނުންތެރި ކިރެކެވެ. އަދި ފުރަތަމަ ހަފުތާގައި އުރަމަތިން އަންނަ
މިކިރުން ދަރިފުޅަށް ފުދޭނެއެވެ. ވަރަށް
މަދުފަހަރަކު ނޫނީ އިތުރު ކާނާއެއް ބޭނުމެއް ނުވާނެއެވެ. މިކިރުގައި ވަރަށް ގިނައަދަދަކަށް ޕްރޮޓީން
ހުންނާނެއެވެ. ނަމަވެސް ކާބޯހައިޑުރޭޓު
ހުންނަވަރު އާދައިގެ ކިރަށްވުރެ މަދުވާނެއެވެ. މިއީ ކުޑަދަރިފުޅުގެ ބަނޑުގައި ހަޖަމް ކުރަން ވަރަށް
ފަސޭހަ އަދި ދަރިފުޅަށް އެންމެ ބޭނުންވަރަށް
ހުރިހާ މާއްދާއެއް ހުންނަ މިއާއި އެއްފަދަ އެހެން އެއްވެސް ކާނާއެއް ނެތް ކިރެކެވެ. " (މާބަނޑު ދުވަސްވަރު އުރަމަތިން
ކިރުފޭބުމަކީ ތަބީއީ ކަމެއްތަ؟ - ޑރ މުޙައްމަދު ފައިޞަލް – ކަވާސާ.ކޮމް)
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
:
Anatomy, G. (n.d.). http://education.yahoo.com/reference/gray/subjects/subject/271.
Retrieved 06 05, 2013, from http://education.yahoo.com/reference/gray/:
http://education.yahoo.com/reference/gray/subjects/subject/271
Anne Waugh, A. G.
(2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness.
Galasgow: CHURCHIL, LIVINGSTONE.
ފައިޞަލް, މ. ޑ. (2010, 01 01). http://kavaasaa.com/sihhat/manma-dharifulhu/maabadu/maa-bandu-dhuvasvaru-uramathin-kiru-beyruvumakee-thabee-kameitha-68.html.
Retrieved 06 10, 2013, from http://kavaasaa.com/:
http://kavaasaa.com/sihhat/manma-dharifulhu/maabadu/maa-bandu-dhuvasvaru-uramathin-kiru-beyruvumakee-thabee-kameitha-68.html
No comments:
Post a Comment