އަލްޒައިމާ
ބަލި
1-
ބަލީގެ
އަސްލު އަދި ޙަޤީޤަތް
ބައްޔަށް އާންމު ނަޒަރެއް
އަލްޒައިމާ ބައްޔަކީ (ހަދާންބަލިވުމުގެ
ބަލި) އުމުރުން ދުވަސްވާ ބައެއް މީހުންނަށް ކުރިމަތިވާ
ވަރަށް ތަޙައްމަލު ކުރަން އުދަގޫ
ހިތްދަތިކުރުވާ ބައްޔެކެވެ. ''މުސްކުޅިންގެ ވަބާ''ގެ ގޮތުގައި ބައެއް
ފަރާތްތަކުން މިބަލި ސިފަކޮށްފައި ވެއެވެ. ފަރުވާއެއް ހޯދިފައިނުވާ
މިބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އަޅާލުމާއި،
އޯގާތެރިކަން ލޯތްބާއި ކުލުނު، އަދި ހިތްވަރު
ދިނުމެވެ.
ބަލީގެ ތަޢާރަފް
އަލްޒައިމާ ބައްޔަ(Alzheimer’s disease)ކީ ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ.
މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި
ގުޅޭ މަރުކަޒަށް އަސަރުކޮށް ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް
ބަދަލުގެނުވައެވެ. ގިނަ އިލްމުވެރިން އެއްބަސްވާގޮތުގައި އެޕޯލިޕޯޕްރޮޓީން-އީ (Apolipoprotein-E) އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ
އަލްޒައިމާ ބަލި ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. މިބުނި ޕްރޮޓީންގެ
ބޭނުމަކީ ލޭގައި ކޮލެސްޓެރޯލް ދައުރުވުމަށް އެހީތެރިވުމެވެ. މިޕްރޮޓީން
ކޮންމެ މީހެއްގެ ހަށިގަނޑުގައި ވެސް ހުރެއެވެ. ނަމަވެސް މިޕްރޮޓީންގެ
އަލްޒައިމާ ބަލި ޖެހުމަށް މަގުފަހި ކުރާ ވައްތަރު ހުންނަނީ އާބާދީގެ 15
އިންސައްތަ މީހުންގެ ހަށިގަނޑުގައި ކަމަށް ބުނެވެއެވެ. މިޕްރޮޓީންތައް
ޖަމާވުމުން ސިކުނޑީގައި ހުންނަ ސެލްތައް
( Nerve cells) ހަލާކުކޮށްލައެވެ.
ނަތީޖާއެއްގެ ގޮތުން ސިކުނޑިން ހަށިގަނޑުގެ އެކި ހިސާބުތަކަށް ސިގްނަލް ނުވަތަ
މެސެޖް ފޮނުވުމުގައި ޒިންމާވާ ނިއުރޯޓްރާންސްމިޓަރ ތައް
މަދުކޮށްލައެވެ.
ނޯޓް: މިބުނި ޕްރޮޓީންއަކީ
ބަލިޖެހުމަށް މަގުފަހިކުރާކަމަށް
މިހާތަނަށް ހޯދިފައިވާ ހަމައެކަނި ޖެނެޓިކް ފެކްޓަރ އެވެ. އެހެންކަމުން
މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބުތަކެއްގެ ސަބަބުން ކަން އަދި
ޔަގީންކަމާއި އެކު ހޯދިފައެއް ނުވެއެވެ.
އަލްޒައިމާ ބަލީގެ އުދަގޫ އާންމުކޮށް
ކުރިމަތިވަނީ އުމުރުން ދުވަސްވެފައިވާ މީހުންނަށެވެ. ދިރާސާތަކުން ދައްކާގޮތުގައި
އުމުރުން 64- 74 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ސައްތައަކުން 3
މީހުންނަށް މިބަލީގެ އުދަގޫތައް ކުރިމަތި ކުރުވައެވެ. ހަކުރު ބަލި އަދި ލޭގެ
ޕްރެޝަރ މައްޗަށް ދިއުން ފަދަ ބަލިތަކުގެ އަހުލުވެރިންނަށް މިބަލީގައި
ތަހައްމަލު ކުރަން ޖެހޭ އުދަގޫ ބޮޑުކަމަށް ދައްކައެވެ.
މިބަލިޖެހުމުން ހަދާން ހުރުން،
ވިސްނުން، ކަންކަން ދެނެގަތުން )ނަގައިގަތުން)
އަދި ކަންކަމަށް ނިޔާކަނޑައެޅުން ނުވަތަ ގޮތެއް ކަނޑައެޅުން
ފަދަ ކަންތައްތައް ނިންމުމުގައި
މައްސަލަތަކާއި ކުރިމަތިވާގޮތް ވެއެވެ. އުޅުމާއި މިޒާޖަށް ބަދަލު އައިސް،
ކަންކަމާއި މެދު ވަހުމާއި ޝައްކު އުފެދޭ ގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިޖެހިފައިވާ
މީހާއަށް އާންމު ދިރިއުޅުމުގައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.
އަލްޒައިމާ ބަލިޖެހުމުން
ފެނިދާނެ އަލާމާތްތައް
އަލްޒައިމާ ބަލީގެ އަލާމާތްތަކަކީ
މަޑުމަޑުން އިތުރުވަމުން އަންނަ ކަންތައްތަކެކެވެ. މިގޮތުން އަލްޒައިމާ
ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
(1) – ވަރަށް އަވަހަށް ހަދާންނެތުން : މިގޮތުން ވާހަކަ ދައްކާ ނިމޭއިރަށް އެބުނި އެއްޗެއް ހަދާން ނެތި ތަކުރާރުކޮށް ސުވާލުކުރަން ފަށައިފާނެއެވެ. ހަމަމިހެން ކުދިކުދި ކަންކަން ކޮންނިމޭތަނާއި އެކަން ހަދާން ނެތިދާނެ އެވެ. މިސާލަކަށް ކައިފައި ކެއިކަން ނުވަތަ ފެންބުއިފައި ފެންބުއިކަން ހަދާން ނެތިދާނެއެވެ.ތަންތަނާއި، އެއްޗެތި އަދި މީހުންގެ ނަން ހަދާން ނުހުންނަގޮތް ދިމާވެއެވެ. އާމައުލޫމާތުތައް ދަސްކުރަން އުދަގޫ ވާގޮތްވެއެވެ. ބަލީގެ ފަހު މަރުހަލާގައި އަމިއްލަ މައުލޫމާތުތައް ވެސް ހަދާން ނުހުންނަގޮތް މެދުވެރިއެވެ. މިސާލަކަށް އާއިލާގެ މެންބަރުންގެ ނަންތައް ހަދާންނެތުން، އުފަންވިތަން ބުނެދޭން ނޭގުން ފަދަ ކަންތައް މެދުވެރިވެއެވެ.
(2) – އާދަކޮށް ކޮށްއުޅޭ
ކަންތައްތައް ކުރާނެގޮތް ހަދާން ނެތެމުންދިއުން : މިގޮތުން ވަރަށް އާދައިގެ ކަންތައްތައް ވެސް
ކުރަން ނޭގިދާނެ އެވެ. މިސާލަކަށް ހެދުން ލުން، ގަމީހުގެ ގޮށްއެޅުވުން،
ކެއުން، ފުނާއެޅުން ފަދަ ކަންތައްތައް ކުރާނެގޮތް ނޭގިދާނެ އެވެ. ކެއްކުމުގައި
އެއްޗެތި އަޅާނެ ތަރުތީބު އޮޅުން، ފޯނު ކުރާއިރު ނަމްބަރު ތަކަށް ފިތަން
ނޭގިގެން ވެސް އުޅެދާނެ އެވެ.
(3) – ވާހަކަ ދައްކަން
އުދަނގޫވުން : މިގޮތުން ވަރަށް
އާދައިގެ އެއްޗަކަށް ކިޔާ ނަންވެސް ބުނެދެން ނޭގިގެން އުޅެދާނެ އެވެ.ގަލަން،
ރުމާ، އައިނު، ދަތްއުގުޅާ ބުރުސް ފަދަ އެއްޗެއް ބޭނުންވެގެން އުޅޭއިރު
އެއަށް ކިޔާނަން ނޭގިގެން އުޅެދާނެއެވެ. މިސާލަކަށް ދަތްއުގުޅާ ބުރުސް
ބޭނުންވުމުން ''އަގަޔަށް ލާ އެތި'' ފަދަ ބަހެއް ''ބުރުސް'' ގެ ބަދަލުގައި
ކިޔައިފާނެ އެވެ. ހަމަމިހެން ވަރަށް އާދައިގެ ބަސްތަކުގެ މާނަ ނޭގުމާއި،
ނުގުޅޭ ބަސްތައް ވާހަކަދައްކާއިރު ބޭނުންކޮށްދާނެ އެވެ.
(4) – ވަގުތާ، ތަން، އޮޅޭގޮތްވުން : މިގޮތުން ވަގުތާއި، ދުވަސް އޮޅޭގޮތް ވެއެވެ. ބޭރަށް ނިކުމެ އުޅޭއިރު
ބައެއް ފަހަރު މަގުއޮޅި، އެމީހާ ހުރީ ކޮންތަނަކު ކަމާއި، އެތަނެއް
އާދެވުނީ ކިހިނެއް ކަން ބުނެދެން ނޭގި ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރަށް
ނިކުމެ އުޅޭއިރު ވަރަށް ގިނައިން ދާން ބޭނުން ނޫން އެހެންތަނަކަށް ދެވޭގޮތް
ވެއެވެ. ކުރިން ގޮސްއުޅޭ ތަންތަނާއި، ކޮށްއުޅޭ ކަންތައްތައް ދެނެގަންނަށް
ނޭގިދާނެއެވެ. ދެކެ ފަރިތަ ރައްޓަހި މީހަކު ދިމާވިޔަސް އެއީ ކާކުކަން ނޭގުމަކީ ވެދާނެ ގޮތެކެވެ.
ގަޑިން ވީ ކިހާއިރެއް ކަމާއި، ގުނެމުން ދަނީ ކޮންއަހަރެއްގެ
ދުވަސްތައް ކަންވެސް ނޭގިދާނެ އެވެ.
(5) – ކަންތައްތަކާ މެދު
ވިސްނުން ކުޑަވުން : މިކަމުގެ ސަބަބުން
ނުގުޅޭ ކަންތައްތައް ކުރެވިދާނެ އެވެ. މިސާލަކަށް ނުގުޅޭ
ހެދުމެއް ލެވިދާނެއެވެ. މާނައަކީ ބޭރަށް
ދާއިރު ޕިޖާމާ ފަދަ ނިދާ ހެދުމެއްގައި ދެވިދާނެއެވެ. ހޫނު ދުވަހަކު
ދެތިން ހަތަރު ގަމީސް ނުވަތަ ހެދުން ލައިގެން ބޭރަށް ވެސް
ގޮސްދާނެއެވެ. ކުނި އުކާމީހާއަށް ބައިވަރު ލާރިތަކެއް ވެސް ދީފާނެއެވެ.
(6) – ޝަޚްޞިއްޔަތަށް
ބަދަލުއައުން : މިގޮތުން މީހާގެ
އުޅުމަށް ބަދަލު އައިސް ކުރިން ހުރި ސިފަތައް ދޫކޮށްލައިފާނެއެވެ. މިސާލަކަށް
ވަރަށް ގިނައިން ކަންކަމާއި، ޝައްކު ނުވަތަ ވަހުމު އުފެދިފައި ހުރެދާނެ
އެވެ. ކަމަކާއި ބިރުގެންފައި ވެސް ހުރެދާނެ އެވެ. އެއްވެސް
ކަމެއްގައި އިސްނަގަން ބޭނުންނުވެ،
ދަރިންނަށް ބަރޯސާވެގެން ހުރެދާނެއެވެ. މިސާލަކަށް ޓީވީ ބަލަން އެތައް އިރެން
ހޭދަކޮށްދާނެއެވެ. ހަމަމިހެން ރޭގަނޑު ހޭލާ ހުރެފައި ދުވާލުގެ
ވަގުތުތަކުގައި ނިދަންވެސް އާދަކޮށް ދާނެ އެވެ. އަބަދު އެއް އަބަދު އެއް ހެދުމެއް ލާން އާދަކޮށްދާނެއެވެ. ފެން
ނުވަރައި ގިނަ ދުވަހު ހުރެވެސް ދާނެއެވެ.ހެދުމެއް ލާން އާދަކޮށްދާނެއެވެ. ފެން
ނުވަރައި ގިނަ ދުވަހު ހުރެވެސް ދާނެއެވެ.
(7) – ކުއްލިއަކަށް މިޒާޖަށް
ބަދަލުއައުން : މިގޮތުން ބައެއް
ފަހަރު ކަމަކާއި ނުލައި ރުޅި އައިސްފައި ހުރެދާނެ އެވެ. އަނެއް ބައިފަހަރު
ހިތްހަމަނުޖެހި ދެރަވެފައި ވެސް ހުރެދާނެ އެވެ. ކުއްލިއަކަށް އުފާވެފައި
ހުރެފައި އޭގެ އިރުކޮޅެއް ފަހުން ރޯން ވެސް ފަށައިފާނެ އެވެ.
(8) – އެއްޗެތި ބެހެއްޓޭ ތަން
ހަދާންނެތުން، އަދި ނުގުޅޭ ތަންތަނުގައި އެއްޗެތި ބެހެއްޓުން : އާންމުކޮށް
ބޭނުންކޮށް އުޅޭ ތަޅުދަނޑި، އައިނު،
ފޮތް ފަދަ ތަކެތި ބޭއްވުނު ތަން ހަދާންނެތި ދާނެއެވެ. ހަމަމިހެން
އާންމުކޮށް އެއްޗެއް ނުބާއްވާނެ ތަނެއްގައި އެއްޗެއް ނުވަތަ އެބޭއްވުން
އެކަށީގެންނުވާ ތަނެއްގައި ވެސް ބާއްވައިދާނެ އެވެ. މިސާލަކަށް އައިނު
ނަގައި އައިސް އަލަމާރީގައި ބާއްވައިފާނެއެވެ. އިސްތިރި އައިސް
އަލަމާރިއަށް ލައިފާނެއެވެ. އަތުކުރީ ގަނޑި ހަކުރު ދަޅުގައި ބާއްވައިފާނެ
އެވެ.
(9) – ކުދިކުދި ހިސާބު
ނަންބަރު ހެދުމަށް އުދަނގޫވުން : މިސާލަކަށް 1 އަކާއި 1 އެއްކުރީމާ ނުވަތަ 2 އަކާއި 2 ގުނަކުރީމާ ވާވަރު ވެސް
ބުނެދެން ނޭގިދާނެއެވެ.
(10) – ވަރަށް އަވަހަށް
ޚިޔާލު ބަދަލުވާގޮތްވުން : މިގޮތުން ކަމެއް ކުރަން ފެށުމަށް ފަހު އެކަމެއް ދޫކޮށް އެހެން ކަމަކަށް ޝައުގުވެރިވެ،
އެކަމެއް ކުރަން ބޭނުންވެދާނެ އެވެ. ދަތުރެއް ފަދަ ތަނަކަށް
ދިއުމަށް އެއްބަސްވުމަށް ފަހު ފަހުން
ޚިޔާލު ބަދަލުވެ، ދިއުމަށް އިދިކޮޅު ހަދައިފާނެއެވެ.
(11) –
އެހެނިހެން އަލާމާތްތައް : މީގެ އިތުރުން ފެނިދާނެ ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - ކަންކަމާއި މެދު
ވަހުމާއި ޝައްކު އުފެދުން : މިސާލަކަށް ކޮންމެ ވެސް މީހަކު އެހެރީ މިވެނި ތަނަކުން
ވައްކަންކޮށްގެންނޭ ބުނެ ވާހަކަ ދައްކައި ހަދާފާނެ އެވެ.
(ށ) - ހުވަފެންތައް
ދެއްކުން : މިސާލަކަށް
އަސްލުގައި ވުޖޫދުނުވާ އެއްޗެއް ހުރިކަމަށް ބުނެ ދައްކަން އުޅެފާނެ
އެވެ. ހަމަ މިހެން ވުޖޫދު ނުވާ އަޑެއް އިވޭކަމަށް ބުނެ ވާހަކަ ދައްކަފާނެއެވެ.
(ނ) - ވަށައިގެން
ހިގާ ކަންތަކަށް ސަމާލުކަން ކުޑަވުން: މިގޮތުން ރައްޓަހިންނާއި، އާއިލާ އާއި އެކަހެރިވެ އުޅުމަށް ބޭނުންވެދާނެ
އެވެ.
(ރ) - މަންފާއެއް ނެތް ކަންތައްތައްކުރުން : މިސާލަކަށް ޕާސް ހުޅުވައި ލެއްޕުން،
ދޮރު ހުޅުވައި ލެއްޕުން، އަލަމާރިން އެއްޗެތި ތައް ނަގާފައި
އަނެއްކާ އަލަމާރިއަށް ލުން،
ތަކުރާރުކޮށް އެއްސުވާލެއް ކުރުން ފަދަ ކަންތައްތައް ކޮށްދާނެއެވެ.
(ބ) - ރުޅިއައިސްގެން
މީހުންނާއި މުޚާތަބުކުރުން : މިގޮތުން ކަމަކާއި ނުލައި މީހަކާއި ދިމާލަށް އެއްޗެތި ކިޔައި
ހަދައިފާނެއެވެ. އަދި މާބާރު އަޑުން ވާހަކަދައްކައި ހަދައިފާނެ އެވެ.
(ޅ) - ގަޔަށް
ކުޑަކަމު، ނުވަތަ ބޮޑުކަމު ދެވޭގޮތްވުން : މިގޮތުން ތިމާގެ އަމިއްލަ އިޚްތިޔާރަކާއި ނުލައި ބައެއް ފަހަރު ކުޑަކަމު
ނުވަތަ ބޮޑުކަމު ދެވޭގޮތް ވެއެވެ. މިއީ ބަލީގެ އެންމެ ނުރައްކާތެރި
ޙާލަތުގައި މެދުވެރިވެދާނެ ކަމެކެވެ.
އަލްޒައިމާ ބަލި ދެނެގަންނަނީ
ކިހިނެއް؟
ތިމާއަށް ނުވަތަ މައިންބަފައިން ނުވަތަ
އާއިލާގެ އެހެން ވެސް މީހަކަށް މިބަލީގެ އިސްވެ، ބަޔާންކުރެވުނު
އަލާމާތްތަކުން އަލާމާތެއް ފެނިއްޖެ ނަމަ ކަމުގެ ޚާއްޞަ ޑޮކްޓަރަކަށް
ދައްކައިގެން މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ. ހާސްވެ ކަންބޮޑުވުން، ބޮލަށް
އަނިޔާލިބުން، ބައެއް ކަހަލަ ކެމިކަލް ތަކުގެ ހަމަގެއްލުން، އަދި
ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން އަލްޒައިމާ ބަލީގެ އަލާމާތްތަކާއި
އެއްގޮތް އަލާމާތްތައް ފެންނަގޮތް ވެއެވެ.
ޑޮކްޓަރަށް ދެއްކުމުން ޖިސްމާނީ، ނަފްސާނީ،
ލެބޯޓްރީ، އަދި ނާރުތަކާއި ގުޅޭ ޓެސްޓްތަކުގެ އެހީގައި މިބުނި
އަލާމާތްތައް ކުރިމަތިވީ އަލްޒައިމާ ބަލީގެ
ސަބަބުން ކަން ކަނޑައެޅިދާނެ އެވެ. ހަމަ
މިހެން އަލްޒައިމާ ބަލިކަން ކަނޑައެޅުމުގެ ކުރިން ''ޑިމެންޝިއާ''(ހަދާންނެތުން)
މެދުވެރިކުރުވާ އެހެން ސަބަބުތައް ދެނެގަތުމަށް ވެސް ޓެސްޓްތައް ހަދައި
އުޅެއެވެ.
ކަނޑައެޅިގެން އަލްޒައިމާ ބަލިކަން
ޔަގީން ކޮށްދެވޭނެ ޓެސްޓެއް އަދިއެއް ހޯދިފައެއް ނެތެވެ. އަލްޒައިމާ ބަލީގެ
އަސަރު ހުރިނެތްގޮތް ދެނެގަތުމަށް މިހާރުވެސް މަރުވުމުން ސިކުނޑީގެ
ޓިޝޫތައް ނަގައިގެން ތަޙްލީލުކޮށް ހެދެއެވެ.
ނޯޓް: ޑިމެންޝިއާ(Dementia) ގެ
މާނައަކީ ސިކުނޑިން ހިންގާ ބައެއް
ކަހަލަ މަސައްކަތްތައް ހުއްޓުން އެރުމެވެ. މިސާލަކަށް ވިސްނުމާއި، ހަދާންކުރުން
ފަދަ ކަންތައްތަކަށް ބުރޫ އެރުމެވެ. ނުވަތަ ބަދަލު
އައުމެވެ.ނަތީޖާއެއްގެ ގޮތުން ސިކުނޑިން ބާރުފޯރުވާ އެތައްކަމަކަށް އޮޅުން
ބޮޅުން އަރައި، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ކުރާ އަދި ދިމާވާ ބައެއް
ކަންތައްތަކުގައި އުދަގުލާއި، ކުރިމަތިލާން ޖެހިދެއެވެ.
ބަލި ދެމިހުންނަ ގޮތާއި،
ނުރައްކާތެރިކަން
އަލްޒައިމާ ބަލި ޖެހުމަށް ފަހު
ދެމިހުންނަ މުއްދަތު އެކިމީހުންނަށް ތަފާތު ވެއެވެ. ބައެއް މީހުންނަށް 3-2
އަހަރުގެ މުއްދަތަށް އުދަގޫތައް ކުރިމަތިވާއިރު އަނެއްބައި މީހުންނަށް
20 އަހަރު ދުވަހުގެ މުއްދަތަށް ވެސް އުދަގޫތައް ކުރިމަތި ވެދާނެ އެވެ.
އާންމުގޮތެއްގައި ފުރަތަމަ އަސަރުކުރަނީ ސިކުނޑީގައިވާ ހަދާނާއި، ވިސްނުމާއި
ގުޅޭ ބައިތަކަށެވެ. އެއަށް ފަހު ސިކުނޑީގެ އެހެން ބައިތަކުން ވެސް
ސެލްތައް މަރުވެ، ބަލީގެ އަސަރު ފޯރައެވެ. އަލްޒައިމާ ބަލީގެ
އަހުލުވެރިންނަށް ފުރިހަމަ އަޅާލުން، އެހެންމީހުންގެ ކިބައިން ލިބެން
ޖެހެއެވެ. އެހެން ނުރައްކާތެރި ބައްޔެއް ނެތްކަމުގައި ވިޔަސް، އަލްޒައިމާ ބަލީގެ
ސަބަބުން ސިކުނޑީގެ ވަޒީފާއަށް ބުރޫއަރައި، އާޚިރު ނަތީޖާއެއްގެ
ގޮތުން''މަރުވުން'' ކުރިމަތި ކުރުވައެވެ.
އަލްޒައިމާ ބަލިން ދުރާލާ
ރައްކާތެރި ވެވިދާނެތަ؟
އަލްޒައިމާ ބަލި ޖައްސަނީ ވަކިކަމެއްގެ
ސަބަބުން ކަން އަދި ހޯދިފައިނުވާތީ މިބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް
އަދިއެއް ނެތެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ކަންތައްތަކުން
ދުރުވެ، ހުރުމަކީ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަންކަމެވެ. މިސާލަކަށް
ޖިސްމާނީ ގޮތުން ހަރަކާތްތެރި މީހަކަށްވުން، ނަފްސާނީ
ފިއްތުންތަކުން ދުރުވެހުރުން، ލޭގެ ޕްރެޝަރ އެކަށޭނަ ވަރެއްގައި
ބެހެއްޓުން، އަދި ބޮލަށް ހާނީއްކަވުން ކުޑަކުރުމަށްޓަކައި، ހެލްމެޓްއެޅުން
ފަދަ ކަންތައްތައް ހިމެނެއެވެ.
ހަދާންކުރަން ޖެހޭ އަނެއްކަމަކީ އަލްޒައިމާ
ބަލި ނޫނަސް ޑިމެންޝިއާ(ހަދާންނެތުން) މެދުވެރިކުރުވާ އެހެން ސަބަބުތަކާއި،
ބަލިތައް ހުންނަ ކަމެކެވެ. އަދި މިފަދަ ބަލިތައް ވަކިކަންތައްތަކެއް
އާދަކުރުމުން ދުރުހެލިވެވޭކަމެވެ. މިސާލަކަށް ހަށިގަނޑަށް ފައިދާހުރި ކާނާ
ބޭނުންކުރުން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން، ކަސްރަތުކުރުން،
ފަދަ އާދަތައް ހިފެހެއްޓުމަކީ ރަގަޅު ކަމެކެވެ.
މިހުރިހާ ކަމެއް މިގޮތަށް ހުރިނަމަވެސް
އަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމަކީ ފަހަރުގައި
އަލްޒައިމާ ބައްޔަށް މަގުފަހިވުމުގެ ފުރުޞަތު
ކުޑަވެދާނެ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން
ހާމަކުރެއެވެ.
- ވިޓަމިން
އީ އަދި އެހެނިހެން އެންޓިއޮކްސިޑެންޓް ތައް މެދުމިންވަރަކަށް ބޭނުންކުރުން.
-ހޯމޯސިސްޓެއިން(homocysteine)ގެ މިންވަރު ލޭގައި މަތިނަމަ ފޮލިކް
އެސިޑް، އަދި ވިޓަމިންބީ12 ބޭނުންކުރާ މިންވަރު އިތުރުކުރުން.
- ވަކި
ގަވާއިދެއްގެ ދަށުން ''ނޮން ސްޓީރޮއިޑަލް އެންޓި އިންފްލެމޭޓަރީ ޑްރަގްސް''(NSAIDs) ބޭނުންކުރުން.
- ކޮލެސްޓެރޯލްގެ
މިންވަރު ދަށްކުރުމަށް ދީއުޅޭ ''ސްޓެޓިން''(Statins)
ކިޔާ ބޭސް ބޭނުންކުރުން.
އަލްޒައިމާ ބަލިކަން އަވަހަށް
ދެނެގަންނާނެ 7 ކަންތައް
އަންނަނިވި އަލާމާތްތަކާ ކަންކަން
މިތަނުގައި ބަޔާންކުރުމުގެ ބޭނުމަކީ އަލްޒައިމާ ޖެހިފައިވާ މީހަކު ފަސޭހައިން
ދެނެގަތުމަށް އެހީތެރިވުމެވެ. ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހުރުން އެއީ
އަލްޒައިމާ ބަލި ޖެހިފައިވާކަން ޔަގީން ކޮށްދޭ ކަމެއް ނޫނެވެ. ނަމަވެސް މިއިން
ކަމެއް ނުވަތަ ކަންތައްތަކެއް ހުރި ނަމަ ޑޮކްޓަރަށް ދައްކައިގެން އަލްޒައިމާ
ބަލިތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމަކީ ބޭނުންތެރި ކަމެކެވެ.
އަލްޒައިމާ ބަލިކަން އަވަހަށް
ދެނެގަތުމަށް ފާހަގަކުރާނެ 7 ކަމަކީ:-
(1) - އެއްސުވާލެއް ތަކުރާރުކޮށް
އަހަމުން ގެންދިއުން
(2) - އެއްވާހަކައެއް ، އެއް ބަސްތަކެއް
ތަކުރާރުކޮށް ކިޔަމުން ގެންދިއުން
(3) - ކުރިން އާންމުކޮށް ކުރަމުން
ގެންދިޔަ ކަމެއް ކުރަން ހަދާންނެތުން : މިސާލަކަށް ކައްކަން ނޭނގުން، ތާސްކުޅެން
ނޭނގުން
(4) - ބިލްތަކަށް ފައިސާ ދައްކަން
ނޭނގުން / ޗެކުބުކް ބެލެންސް ކުރަން ނޭނގުން
(5) - އާންމުކޮށް ދާ ތަނަކަށް ގޮސް
އެނބުރި ގެއަށް އަންނަން ނޭގި ގެއްލުން / ނުގުޅޭ ތަންތަނުގައި އެއްޗެތި ބެހެއްޓުން
(6) - ފެންވަރައި ތާހިރުވުމަށް
ފަރުވާކުޑަކުރުން ، އަބަދު އެއް ހެދުމެއް އެޅުން
(7) - އެހެން މީހުންނަށް މާބޮޑަށް
ބަރޯސާވުން
އަލްޒައިމާ ބަލީގެ
ވައްތަރުތައް
ބޭސްވެރިކަމުގެ މާހިރުން ވަނީ
އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ.
(1) - އަވަހަށް
ކުރިމަތިވާ އަލްޒައިމާ ބަލި
(Early-onset Alzheimer’s disease): މިއީ
އަލްޒައިމާ ބަލީގެ ނާދިރު ވައްތަރެވެ. މިވައްތަރުގެ އުދަގޫތައް އުމުރުން
65 އަހަރު ވުމުގެ ކުރިން ކުރިމަތިވާން ފަށައެވެ. ނޫނީ މުސްކުޅި އުމުރުގެ ކުރީކޮޅު
ކުރިމަތިވާން ފަށައެވެ. ބަލީގެ އަހުލުވެރިންގެ ތެރެއިން މިވައްތަރު
ކުރިމަތިވަނީ %10 އަށްވުރެ މަދު މިންވަރެއްގެ މީހުންނަށެވެ. މިފަދަ
މީހުން މުސްކުޅިވާލެއް އަވަހެވެ. ޚާއްޞަކޮށް މިވައްތަރުގެ އަލްޒައިމާ
ބަލި ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންގެ މެދުގައި އާންމުކަން ފާހަގަ
ކުރެވެއެވެ. އާންމުގޮތެއްގައި މިބަލި ޖެހިފައި ތިބޭމީހުންގެ އުމުރުން 30
ނުވަތަ 40 ގެ އަހަރު ތަކުގެ ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް
ފޯރަންފަށާ ކަމަށްވަނީ އެގިފައެވެ.
އަވަހަށް ކުރިމަތިވާ އަލްޒައިމާ
ބައްޔާއި، 14 ނަންބަރު ކްރޮމޯސޯމްގެ ބަހާ ގައި ހުންނަ އައިބަކާއި، ގުޅުމެއް
ވާކަމަށްވަނީ ފާހަގަވެފައެވެ. މިވައްތަރު ކުރިމަތިވާ މީހުންނަށް
''މަޔޯކްލޮނަސް''(Myoclonus) ކިޔާ ހާލަތެއް ކުރިމަތިވާލެއް އިތުރުކަން
ފާހަގަކުރެވެއެވެ.
ނޯޓް: ''މަޔޯކްލޮނަސް'' މީގެ
މާނައަކީ ތަދުހުރުމާއި އެކު، ވަކި
މަސްގަނޑެއް ނުވަތަ ގްރޫޕެއްގެ މަސްތަކެއް ކުރުގެޅި ދިއުމެވެ. މިއީ
ވާގިއެރުން ފަދަ ކަމެކެވެ.
(2) - ލަހުން
ކުރިމަތިވާ އަލްޒައިމާ ބަލި
(Late-onset Alzheimer’s disease): މިއީ
އަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން 65 އަހަރު ވުމަށްފަހު
ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90 މީހުންނަށް
ކުރިމަތި ކުރުވައެވެ. ހަމަ މިހެން
އުމުރުން 85 އަހަރަށްވުރެ މައްޗަށް ގޮސްފައިތިބޭ މީހުންގެ ތެރެއިން %50
މީހުންނަށް މިވައްތަރު ކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ. މިއީ އުމުރުގެ ފަހުކޮޅު
ކުރިމަތިވާ އަލްޒައިމާ ބަލީގެ ވައްތަރެކޭ ވެސް ބުނެވިދާނެ އެވެ.
(3) -
އާއިލީގޮތުން ވާރުތަވާ އަލްޒައިމާ ބަލި (Familial Alzheimer's disease):މިއީ ވާރުތަވާ ކަމަށް
ޔަގީންކުރެވިފައިވާ އަލްޒައިމާ ބަލީގެ ވައްތަރު
އެވެ. އެހެންކަމުން މިވައްތަރު ވަކިވަކި
އާއިލާތަކުގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. މާނައަކީ
މައިންބަފައިން ކުރެ މީހަކަށް އަލްޒައިމާ ބަލި
ޖެހިފައިވާނަމަ އެމީހުންގެ ދަރިންގެ
ތެރެއިން ކޮންމެވެސް ބަޔަކަށް އުމުރުގެ ފަހުކޮޅު އަލްޒައިމާ ބަލީގެ
އުދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް ނާދިރު
މިވައްތަރު ކުރިމަތިވަނީ އުމުރުން 40 އަހަރުގެ ދުވަސްތައް ގުނަމުންދާ
މީހުންނަށެވެ.
ބޭސްވެރިކަމުގެ މާހިރުން ވަނީ
އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ.އެއީ
އަވަހަށް ކުރިމަތިވާ އަލްޒައިމާބަލި، ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި،
ވާރުތަވާ އަލްޒައިމާ ބަލި އެވެ.
ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި (Late-onset alzheimer's disease) މިއީއަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން
65 އަހަރުވުމަށްފަހު
ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90
މީހުންނަށްކުރިމަތި ކުރުވައެވެ. ހަމަ
މިހެން އުމުރުން 85 އަހަރަށްވުރެ މައްޗަށްގޮސްފައިތިބޭ މީހުންގެ ތެރެއިން
%50 މީހުންނަށް މިވައްތަރުކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ.
އަލްޒައިމާ
ބައްޔާ ގުޅޭ 7 ސުވާލާ ޖަވާބު
(1) - އަލްޒައިމާ
ބަލި ޖެހިފައި ހުރި މީހަކު ބޭނުންކޮށްގެން ނުވާނެ ބޭހެއް ވޭތަ؟
އަލްޒައިމާ ބަލީގެ އަހުލު ވެރިއަކު ނަމަ
ބަލީގެ އުދަގޫތަކާއި، އަދި އެހެނިހެން ޞިއްޙީ މައްސަލަތަކަށް
ބައެއް ބޭސްތައް ނެގިދާނެ އެވެ. ނަމަވެސް މާގިނަ ބޭސްތައް އެއްފަހަރާ ބޭނުން
ކުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ނުރަގަޅު އަސަރެއް ފޯރައިފާނެ
ކަމެއްކަން ހަދާންކުރަން ޖެހެއެވެ. މިގޮތުން ކަންކަމާއި މެދު
ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، މީހާގެ ސްލޫކާއި، މިޒާޖަށް
ބަދަލު އައުން، ނިދިނައުން، މާބޮޑަށް
ނިދި އަންނަގޮތްވުން، އަދި މަޢިދާގެ
މައްސަލަތައް ކުރިމަތި ކުރުވައެވެ.
ބައެއް ފަހަރު އަލްޒައިމާ ބައްޔާއި
ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަގޫތަކަށް ފަރުވާގެ ގޮތުން ބޭހެއް
ބޭނުންކުރަން ޖެހުމަކީ ވެސް ވެދާނެގޮތެކެވެ. ނަމަވެސް މިގޮތުން ވަކި
އަލާމާތެއް ނުވަތަ އުދަގުލެއް ކުޑަކުރުމަށް ބޭނުންކުރެވޭ ވަކި
ބޭހެއްގެ ސަބަބުން އެހެން އުދަގޫތައް އިތުރުވެ، ދިއުމަކީ ވެސް ވެދާނެ
ގޮތެކެވެ. މިސާލަކަށް ތިރީގައި މިވާ ކަންތައްތައް ބަލަމާހިގާށެވެ.
ü
ޓްރަންކްއަލައިޒަރ ފަދަ ބޭސްތަކުގެ ސަބަބުން ކަންކަމާއި
ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، ހަދާނަށް ބަދަލު
ގެނުވުން، ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ.
ü
ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ލޭގެ ޕްރެޝަރ
ދަށްވާގޮތް ވެއެވެ. އަދި ބައެއް ބޭސްތައް އަލްޒައިމާ
ބައްޔާއި ގުޅިގެން ދެވޭ ބޭސްތަކާއި، ދޯޅުވެ،
ފުށުއަރައި،
މައްސަލަ ފެންމަތިކުރުވައެވެ.
ބޭހެއް ބޭނުންކުރުމުގެ ކުރިން އެބޭހުގެ
ފައިދާއާއި، ގެއްލުމާއި ބެހޭގޮތުން ކަމުގެ ޚާއްޞަ ޑޮކްޓަރާއި، ވާހަކަ ދެއްކުމަކީ
ވަރަށް މުހިއްމު ކަމެކެވެ.
(2) - އަލްޒައިމާ ބަލީގެ އަހުލުވެރިއަކަށް ކާންދީ ހެދުމުގައި
އުދަގުލާއި ކުރިމަތިވޭތަ؟
ހަށިގަނޑަށް ފައިދާހުރި ކާނާ އަކީ
ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. ރަގަޅު ކާނާ
ބޭނުން ނުކުރާނަމަ އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް
އުދަގޫތައް އިތުރަށް ގޯސްވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން
އަލްޒައިމާ ބަލީގެ އަހުލުވެރިއަކަށް ކާންދީ ހެދުމުގައި އަންނަނިވި
ކަންތައްތަކަށް ސަމާލުވާށެވެ.
ü
ޑޮކްޓަރާއި ވާހަކަ ދައްކާށެވެ. ބައެއް ފަހަރު ކާހިތްނުވުން ކުރިމަތިކުރުވީ
ހާސްވެ ކަންބޮޑުވުން ފަދަ ކަމެއް ބަލިމީހާއަށް
ކުރިމަތިވެފައި ވުންކަމަށް ވެދާނެ އެވެ.
ü
ކެއުމަށް އަމުރު ނުކުރާށެވެ. ނުވަތަ ގަދަކަމުން ކާންދޭން
ނޫޅޭށެވެ. އޭގެ ބަދަލުގައި ކެއުމަށް ހިތްވަރު ދޭށެވެ. އަދި ނުކާން އުޅެނީ ކީއްވެގެންތޯ
ދެނެގަނެވޭތޯ ބަލާށެވެ. މިސާލަކަށް ކާންހުރި ތަކެތި ރަގަޅު
ނޫންކަމުގައި ވާނަމަ އެހެން އެއްޗެއް
ތައްޔާރުކޮށްދެވިދާނެ އެވެ.
ü
ހަށިގަނޑަށް މާބޮޑު ފައިދާއެއް ލިއްބައިނުދޭ ބުއިންތަކާއި ދުރުހެލިވާށެވެ.
މިސާލަކަށް ކަޅުސައި، އަދި ކަޅު ކޮފީ ފަދަ ބުއިންތައް
ނުދޭށެވެ.
ü
ފޮނި ހަކުރު އެކުލެވޭ ކާނާގެ ބާވަތްތަކަށްވުރެ ޕްރޮޓީން
އަދި ފެޓް ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ދިނުމަށް ސަމާލުކަން ދޭށެވެ.
ü
އެއްފަހަރާ މާގިނައިން ކާންދޭން ނޫޅޭށެވެ. އޭގެ ބަދަލުގައި
މަދުމަދުން ގިނަ ފަހަރު މަތިން ކާންދެވިދާނެއެވެ.
ü
ކުޑަކޮށް ހިގާލުން، ނުވަތަ ލުއި ކަސްރަތެއް ކޮށްލުން ފަދަ ކަމެއްކުރުމަށް
ހިތްވަރުދޭށެވެ. މިފަދަ ކަންކަމަކީ ކާހިތްވުން
މެދުވެރިވުމަށް ބާރުއަޅައިދޭ ކަންކަމެވެ.
ü
ފަސޭހައިން ހަޖަމްކުރެވޭ، އަދި ކެވިދާނެ ކާނާގެ ބާވަތްތައް
އިޚްތިޔާރު ކުރާށެވެ. އަދި ކެވޭނެ ގޮތަށް ތައްޔާރު ކޮށްފައި ކެއުމަށް
ބަލިމީހާގެ ކިބައިން އެދޭށެވެ.
ü
އިހްތިރާމާއި އެކު ކަންތައްތައް ކޮށްދޭށެވެ.
ކުޑަކުއްޖަކަށް ކަންތައްކުރާގޮތަށް ބޮޑުމީހާ އާއި މެދު ކަންތައް
ނުކުރާށެވެ. ނުކެއި ނަމަވެސް އޭގެ އަދަބެއްގެ ގޮތުން އެއްވެސް ކަމެއް
ނުކުރާށެވެ.
(3) - އަލްޒައިމާ ބަލީގެ ސަބަބުން
ޖިންސީ ގުޅުމަށް އަސަރު ކުރޭތަ؟
އަލްޒައިމާ ބައްޔާއި ގުޅިގެން ޖިންސީ
އެދުންވެރިކަމަށް އަންނަ ބަދަލު ހޯދައި ދެނެގަތުމަށް މާބޮޑު ދިރާސާއެއް
އަދި ކުރެވިފައެއް ނެތެވެ. ނަމަވެސް ބަލީގެ ވަރަށް ގިނަ އަހުލުވެރިންނަށް
ހާސްވެ ކަންބޮޑުވުން ފަދަ ކަންކަން މެދުވެރިކުރުވައެވެ. މިފަދަ ކަންކަމަކީ
ޖިންސީ އެދުންވެރިކަމާއި، ގުޅޭ މައްސަލަތައް މެދުވެރިކުރުވާ
ކަންތައްތަކެވެ. މިފަދަ ކަމެއް ހުރިނަމަ އަންނަނިވި ކަންތައްތައް ޙައްލަކަށް
ފުދޭނެ އެވެ.
ü
ޑޮކްޓަރާއި މަޝްވަރާކޮށް ހާސްވެ ކަންބޮޑުވުން ފަދަ ކަމެއް
ނުވަތަ އުޅުމާއި، ސްލޫކް އަދި މިޒާޖަށް ބަދަލު އައުން ފަދަ ކަމެއް
ހުރިތޯ ޔަގީން ކުރާށެވެ. މިކަންކަމަކީ ޖިންސީ އެދުންވެރިކަން
ކުޑަކުރުމަށް މެދުވެރި ކުރުވާ ކަންތައްތަކެވެ.
ü
އެއްވެސް ޞިއްޙީ މައްސަލައެއް ހުރިނަމަ އެކަމަށް ފަރުވާ
ކުރާށެވެ. މިސާލަކަށް ހުޅުތަކުގައި ރިހުން ފަދަ ބައްޔެއް ހުރިނަމަ ލަސްނުކޮށް އެކަމަށް
ބޭނުންވާ ފަރުވާ ދޭށެވެ.
ü
ޑޮކްޓަރާއި ވާހަކަ ދައްކައިގެން ބައްޔާއި ގުޅިގެން ދީފައި
ހުރި އެއްވެސް ބޭހަކުން ޖިންސީ އެދުންވެރިކަން ކުޑަވުން
ފަދަކަމެއް މެދުވެރިވެދާނެތޯ ޔަގީން ކުރާށެވެ.
(4) - އަލްޒައިމާ
ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނެއް ވޭތަ؟
އަލްޒައިމާ ބަލިން ރައްކާތެރިވުމަށް
ދެވޭ ވެކްސިނެއް އަދި އުފެދިފައެއް ނުވެއެވެ. ނަމަވެސް މިފަހަކަށް އައިސް
ވަނީ ވެކްސިން އެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. މިވެކްސިންގެ
ތަޖުރިބާކުރުމުގެ މަރުހަލާގައި އޭގެ ސަބަބުން ގިނަ އަދަދެއްގެ ނުރަގަޅު
އަސަރު ކުރިމަތިކުރުވާ ކަމަށް ފެންނާތީ އިތުރު ދިރާސާތައް ކުރުމަށްޓަކައި،
ތަޖުރިބާކުރުން ހުއްޓާލެވުނެވެ. އިތުރު ދިރާސާތައް މިހާރުވެސް ދަނީ
ހެދެމުންނެވެ. ވެކްސިނެއް ހެދުމަށް ވެސް އުދަގޫ
ވެގެން އުޅެނީ ބަލިޖެހޭ ސަބަބު
ކަނޑައެޅިގެން އަދި ހޯދިފައި ނުވާތީ އެވެ.
(5) - ކަސްރަތު ކުރުމަކީ އަލްޒައިމާ
ބަލީގެ އަހުލުވެރިންނަށް އެދެވިގެންވާ ކަމެއްތަ؟
މިބަލީގެ އަހުލުވެރިންނަށް ކަސްރަތު
ކުރުމަކީ ވަރަށް ފައިދާހުރި ކަމެއްކަމުގައި ވެއެވެ. މިގޮތުން
ކަސްރަތު ކުރުމަކީ ހަށިގަނޑަށް ބާރުލިބި، ތާޒާކަން ގެނެސްދީ ހިތަށް ފިނިކަން
ގެނެސްދޭ ކަމެކެވެ. ހަމަމިހެން ހަކަތަ އިތުރު ކުރުވައި، ފަސޭހައިން ނިދުމަށް
އެހީތެރިވެދެއެވެ. ހަށިގަނޑުގެ ހަމަހިފެހެއްޓުމަށް އެހީތެރިވުމުގެ
އިތުރުން، ސިކުނޑީގެ މަސައްކަތްތައް ބަރާބަރަށް ހިންގުމަށް ވެސް އެހީއަކަށް
ކަސްރަތުކުރުން ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހަމަ
ނުހިފެހެއްޓިގެން ވެއްޓުން ފަދަ ކަންތައްތަކުން މިންޖުކޮށްދެއެވެ.
ކުރެވިދާނެ ކަސްރަތުގެ ބާވަތާއި، އޭގެ
މިންވަރު ބިނާވެފައި އޮންނަނީ ބަލީގެ އުދަގޫތައް ކުރިމަތިވެފައި ހުރި
މިންވަރެއްގެ މައްޗަށެވެ. ބަލީގެ ކުރީކޮޅު ހިގާލުން، ގޮލްފް ކުޅުން، ނެށުން،
ބޮވްލިންގ ކުޅުން، ފެތުން ފަދަ ކަސްރަތުތައް ކުރެވިދާނެ އެވެ. ނަމަވެސް
ބަލިމީހާ ފެންނަ ހިސާބުގައި އޭނާ އުޅޭނޫޅޭގޮތް ބަލަން މީހަކު ހުންނަން
ޖެހޭނެ އެވެ.
އެއްވެސް ކަހަލަ ކަސްރަތު ޕްރޮގްރާމެއް
ކުރިއަށް ގެންދަން ފަށާނަމަ އެކަން ފެށުމުގެ ކުރިން ޚާއްޞަ ޑޮކްޓަރާއި،
މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ފަހަރުގައި ކަށީގެ
ބައްޔެއް، ނުވަތަ ހިތުގެ ބައްޔެއް ސަބަބުން މާބޮޑަށް ހެލިފެލިވެ އުޅުން
އެދެވިގެންވާ ކަމަކަށް ނުވެހިގައިދާނެތީ އެވެ.
(6) - ޖިންކޯ
ބައިލޯބާ އަކީ އަލްޒައިމާ ބައްޔަށް ފަރުވާގެ ގޮތުގައި ދެވޭ އެއްޗެއްތަ؟
ޖިންކޯ ބައިލޯބާ(
Gingko biloba) އަކީ ޖިންކޯ
ގަހުން އުފައްދާ ދިޔާ އެއްޗެއް ނުވަތަ މާއްދާ އެކެވެ. މިމާއްދާ އަކީ ހަދާނުގެ
ބައި ހީވާގިކުރާ އެއްޗެއް ކަމުގައި ދުވަސްތަކެއް ވަންދެން
ބެލެވިފައިވެއެވެ. 1997 ވަނަ އަހަރު އެމެރިކާގެ ހެދުނު
ދިރާސާއެއްގައި ބުނެފައިވަނީ ޖިންކޯ ބައިލޯބާ
އިން ފަހަރުގައި އަލްޒައިމާގެ
އުދަގޫތައް ކުޑަކުރުމުގައި އެހީތެރިކަމެއް ލިބިދާނެ ކަމަށެވެ. ނަމަވެސް މިމާއްދާ
ކަނޑައެޅިގެން އަލްޒައިމާ ބަލި ރަގަޅު ކުރުވާކަން ނުވަތަ އެބަލިން
ރައްކާތެރިކޮށްދޭކަން އަދި ހޯދިފައެއް ނުވެއެވެ. ޖިންކޯ ބައިލޯބާ މާގިނައިން
ބޭނުންކުރުމަކީ ލޭހިލުން ފަދަ ނުރައްކާތެރި ނުރަގަޅު އަސަރު މެދުވެރި
ކުރުވާ ކަމެއް ކަމަށްވަނީ ފާހަގަ ވެފައެވެ.
އެމެރިކާގެ ''ނޭޝަނަލް އިންސްޓިޓިއުޓް
އޮފް ހެލްތު''(NIH) އިން މިހާރު ވެސް ދަނީ
ޖިންކޯ ބައިލޯބާ އިން އަލްޒައިމާ ބައްޔަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް
އިތުރު ދިރާސާތައް ކުރަމުންނެވެ. ނަމަވެސް އަދި އަދާއި، ހަމައަށް ވެސް
އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
(7) - އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް
ހޯރމޯން ޓެސްޓް ކުރެވެމުންދޭތަ؟
އިއްދައިން ކެނޑުމަށްފަހު ދެވޭ އެސްޓްރަޖެން(estrogen) ހޯރމޯންގެ ފަރުވާ އިން އަލްޒައިމާ ބައްޔަށް އެއްވެސް ކަހަލަ
މަންފާ ކުރުވަނިވި، ނުވަތަ އަލްޒައިމާ ބަލިން ރައްކާތެރި ކުރުވަނިވި އަސަރެއް
ފެނޭތޯ ދަނީ ދިރާސާ ކުރެވެމުންނެވެ.
ކުރިން ހެދިފައިވާ ބައެއް ދިރާސާތައް
ދައްކާގޮތުގައި އިއްދައިން ކެނޑުމަށް ފަހު އެސްޓްރަޖެން ހޯރމޯންގެ
ފަރުވާ ލިބިގަންނަމުންދާ އަންހެނުންގެ ސިކުނޑީގައިވާ ހަދާނުގެ
ބައި ހިމެނޭ ހިސާބަށް ލޭފޯރުވުން ހޯރމޯންގެ ފަރުވާ ލިބިނުގަންނަ
އަންހެނުންގެ ސިކުނޑީގައިވާ އެހިސާބަށް ލޭފޯރާ މިންވަރަށްވުރެ އިތުރެވެ.
ހަމަމިހެން ދިރާސާއަކުން ފާހަގަވި ގޮތުގައި އެސްޓްރަޖެން ހޯރމޯންގެ
ސަބަބުން އަލްޒައިމާ ބައްޔާއި ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
ކުޑަކުރުމަކީ ވެދާނެ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކައިފައި ވަނީ
މިބަދަލުތައް ކުޑަނުކުރާ ކަމަށެވެ.
ބަޔާންކުރެވުނު ކަންތައްތައް ދެންނެވުނު
ގޮތަށް ހުރުމާއެކު، އެސްޓްރަޖަން އާއި، ސިކުނޑި އަށް ކުރާ އަސަރު އަދި
އަލްޒައިމާ ބައްޔާއި، ހުރި ގުޅުން އިތުރަށްވަނީ ދިރާސާ ކުރަން ޖެހިފައެވެ.
އެހެންކަމުން އަލްޒައިމާ ބައްޔަށް އެސްޓްރަޖެން ހޯރމޯން އިން އެކަށޭނަ
ލުޔެއް ލިބިދާނެތޯ ބެލުމަށް މިހާރުވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.
ނޯޓް: އެސްޓްރަޖެން ހޯރމޯންގެ
ފަރުވާ ލިބިގަތުމަކީ ރަހިމުގައި
ލޭހިލުން މެދުވެރިކުރުވާ ކަމެކެވެ. އަދި ދިގުމުއްދަތަކަށް ބޭނުންކުރުމަކީ
އުރަމަތީގެ ކެންސަރަށް މަގުފަހިކުރާ ކަމަކަށް ވުމާއި އެކު، އާންމުގޮތެއްގައި
އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް މިހޯރމޯންގެ ފަރުވާދީއެއް ނޫޅެއެވެ.
2 - ބަލިޖެހުމަށް މެދުވެރިވާ ސަބަބުތައް
އަލްޒައިމާ ބައްޔަށް
މަގުފަހިކުރާ ކަންތައްތައް
އަލްޒައިމާ ބަލި ޖެހެނީ ކީއްވެގެން ކަން
ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިބަލި
ކުރިމަތިވުމުގައި ގުޅި ލާމެހިފައިވާ އެތައް
ކަމެއް ޝާމިލްވާ ކަން ފާހަގަވެއެވެ.
ސިކުނޑީގައި ވަނީ ކިހިނެއް؟
އަލްޒައިމާ ބަލީގެ އަހުލުވެރިންގެ
ސިކުނޑިން އާދަޔާ ޚިލާފު އައިބުތައް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް
މިގޮތުން ހުންނަ ކަންކަމަކީ ކަނޑައެޅިގެން ބަލި މެދުވެރިވުމުގެ
އަސްލުކަން އަދި ބުނެދޭން ބަލި ދިރާސާކޮށް ހޯދާ ފަރާތްތައް ވެސް ވަނީ
ނުކުޅެދިފައެވެ.
''ނިއުރޯފިބްރިލަރީ
ޓޭންގްލްސް''(Neurofibrilary tangles) އޭ ކިޔޭ
އޮޅިފައިވާ އެއްޗެއް ނާރުން އުފެދެއެވެ.
''ބީޓާ އަމައިލޮއިޑް''(Beta-amyloid) އޭ ކިޔާ ޕްރޮޓީން އެއް ޖަމާވެ، ''އަމައިލޮއިޑް ޕްލޭކް''(Amyloid plaque) ކިޔާ ޕެޗްތަކެއް ސިކުނޑީގައި އުފެދެއެވެ. މިބުނި ''ޓޭންގްލްސް'' އަދި
''ޕްލޭކް'' ތައް ގުޅިގެން އޭގެ ވަށައިގެން ސަލާމަތުން ހުރި ސިކުނޑީގެ
ސެލްތައް ހަލާކުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑި ހިނދި އޭގެ
ސައިޒުން ކުޑަވާން ފަށައެވެ. މީގެ އިތުރުން ސިކުނޑިން ''ނިއުރޯ
ޓްރާންސްމިޓަރު''(Neurotransmitter) ތައް އުފައްދާ މިންވަރު މަދުކޮށްލައެވެ.
އެއްނާރުން އަނެއް ނާރަށް މެސެޖްތައް ފޮނުވުމުގައި ނިއުރޯ ޓްރާންސްމިޓަރު
ތަކަކީ މުހިއްމު އެއްޗެކެވެ. ސިކުނޑީގެ ސެލްތަކުން އުފައްދާ ނިއުރޯ
ޓްރާންސްމިޓަރު ތަކުގެ ތެރޭގައި ''އަސީޓައިލް
ކޮލިން''(acetylcholine)، ''ސިރޮޓޮނިން''(serotonin)، އަދި ''ނޯއެޕިނެފްރިން''(norepinephrine) ހިމެނެއެވެ.
މިބަދަލުތަކާއި ގުޅިގެން ހަދާން
ބަލިވުން، ވިސްނުން ކޮށިވުން، އަދި ސިކުނޑިން ބާރުފޯރުވާ އެހެން ބައެއް
މަސައްކަތްތަކަށް ބުރޫއަރާ ގޮތްވެއެވެ. މިބަދަލުތައް ބައެއް މީހުންނަށް
ކުރިމަތިވެފައި އަނެއްބައި މީހުންނަށް ކުރިމަތިނުވަނީ ކީއްވެގެންކަން އަދި
ހޯދިފައެއް ނުވެއެވެ. އާންމުގޮތެއްގައި ބަލިޖެހުމަށްފަހު މީހާ ދިރިހުންނަނީ
10-8 އަހަރާއި ދެމެދުގެ މުއްދަތެއްގައި ކަމަށް ވަނީ ފާހަގަވެފައެވެ. ނަމަވެސް
ބައެއް މީހުންނަށް މިމުއްދަތު ތަފާތުވުމަކީ ވަރަށް ގާތްކަމެކެވެ.
ބަލީގެ މަރުހަލާތައް
ބައްޔާއި ގުޅިގެން ކުރިމަތިވާ
އުދަގޫތައް މައިގަނޑު 3 މަރުހަލާ އަކަށް ބަހާލެވިފައި ވެއެވެ. އެއީ ފުރަތަމަ
މަރުހަލާގައި ފެންނަ އަލާމާތްތައް، މެދު މަރުހަލާގެ ތެރޭގައި ފެންނަ
އަލާމާތްތައް، އަދި ފަހު މަރުހަލާގައި ފެންނަ އަލާމާތްތައް މި 3 މަރުހަލާއެވެ.
(1) - ފުރަތަމަ (ފެށޭ)
މަރުހަލާ : މިމަރުހަލާގައި
އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ.
ü
ތިމާހުރީ ކޮންތަނެއްގައި ކަމާމެދު، އަރައިރުންވެ، ޝައްކު
އުފެދި، ފަސޭހައިން ގެއްލޭގޮތްވުން.
ü އަމިއްލައަށް ކަންތައްތައް ކުރަން ފަށައިގަންނަށް އުދަގޫވުން.
ü އާ، ނުވަތަ ބީރައްޓަހި ކަންތައްތައް ކުރުމަށް އިދިކޮޅު ހެދުން.
ü އެކިކަންކަމަށް އިޖާބަދިނުން، އަދި ކަންކަން ދެނެގަނެވުން ލަސްވުން.
ü އާންމުކޮށް ވާހަކަ ދައްކާ މިންވަރަށްވުރެ، ލަހުން ވާހަކަ ދެއްކުން.
ü ފައިސާ ފަދަ ތަކެތީގައި ހިފައިހަދަން އުދަގޫވުން.
ü ކަންކަމަށް ނިޔާ ކަނޑައަޅަން ނޭގުން. ނުވަތަ ކަންކަމުގައި ގޮތެއް
ނިންމަން އުދަނގޫވުން
ü އުޅުމަށް ބަދަލު އައުން.
(2) - ދެވަނަ
(މެދު) މަރުހަލާ : މިމަރުހަލާގައި
އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ.
ü ތިމާގެ
މީހުންނާއި، ގާތްރައްޓަހިން ދެނެގަންނަށް އުދަގޫވުން.
ü
އެއްތާކު މަޑުން ނުހުރެވުން.
ü
ކިޔުން، ލިޔުން، އަދި ގުނުން ފަދަ ކަންކަމުގައި މައްސަލަތަކާއި ކުރިމަތިވުން
ü
ރަގަޅު ގޮތަކަށް ކަމެއް ވިސްނައިގެން ރާވަން ނޭގުން.
ü
ހެދުން އެޅުމުގައި އުދަގުލާއި ކުރިމަތިވުން.
ü
ފަސޭހައިން ރުޅިއައުން.
ü
އެހެން މީހުންނާއި މެދު ވަހުމާއި، ޝައްކު އަދި ތުހުމަތު އުފެދުން.
ü
ވަގުތު އޮޅޭގޮތްވުން.
(3) - ތިންވަނަ
(ފަހު) މަރުހަލާ : މިމަރުހަލާގައި
އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެއެވެ
ü ފެންވެރުން،
ކެއުން، ހެދުން އެޅުން ފަދަ ކަންތައްތައް ހަދާން ނެތުން.
ü
އަމިއްލައަށް ފާޚާނާ އަށް ދާން ނޭގުން އަދި ހަރަކާތްކުރަން ނޭގުން.
ü
ކާތަކެތި ހަފައި، ދިރުވަން ނޭގުން، އަދި ބައެއް ފަހަރު ކެއުމަށް އިދިކޮޅު
ހެދުން.
ü
ހިގަން، ނުވަތަ ހަށިގަނޑު ހަމަ ހިފަހައްޓަން ނޭގުން: ނަތީޖާއެއްގެ ގޮތުން
ވެއްޓޭގޮތް ވުން.
ü
ހަވީރުގަޑީގައި ވާނުވާ ނޭގި ކަންކަމާއި މެދު ޚިޔާލު ތަފާތުވުން: މިގޮތަށް
ވުމަށް ''ހަދު އޮއްސުން'' އޭ ކިޔައެވެ.
ü
އަމިއްލަ ގަޔަށް ކުޑަކަމު، ނުވަތަ ބޮޑުކަމު ދެވޭގޮތްވުން.
ü
ހަށިގަނޑުގެ ބަރުދަން ލުއިވުން.
ü މާގިނައިން
ނިދުން..
އަލްޒައިމާ ބައްޔަށް
މަގުފަހިކުރާ ކަންތައްތައް
(1) - އުމުރު: އުމުރުން ދުވަސްވާ ވަރަކަށް އަލްޒައިމާ ބައްޔަށް
ހުށަހެޅުމުގެ ފުރުސަތު އިތުރު ކުރުވައެވެ.
އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން
65 އަހަރުން މަތީގެ %10 މީހުންނަކީ އަލްޒައިމާ ބަލީގެ އަހުލުވެރިން
ކަމުގައި ބުނެވެއެވެ. އަދި އުމުރުން 85 އަހަރުން މަތީގެ %50 މީހުންނަކީ
މިބަލިވެސް ތަހައްމަލު ކުރަން ޖެހިފައިވާ މީހުންކަމުގައި ބުނެވެއެވެ.
(2) - ޖިންސް: އަލްޒައިމާ ބަލި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޖެހޭ މިންވަރު
އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ.
(3) - އާއިލާގައި
ބަލި ވާރުތަވަމުން އައުން: ވަރަށް މަދުން ނަމަވެސް މިބަލި
ވާރުތަވާ ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ޚާއްސަކޮށް އުމުރުން 65 އަހަރުވުމުގެ
ކުރިން މިބަލީގެ އުދަގޫ ދިމާވެއްޖެ ނަމަ އެއީ އާއިލާގެ ފަރާތުން ކޮންމެވެސް
ސިފައެއްގައި ވާރުތަވެފައިވުން ކަމުގައި ބެލެވެއެވެ.
(4) - ޑައުން
ސިންޑްރޯމް:
ޑައުން ސިންޑްރޯމް
ޖެހިފައި ތިބޭ މީހުންނަށް އެމީހުންގެ އުމުރުން 30 ނުވަތަ 40 ގެ އަހަރުތަކުގެ
ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތި ކުރުމަކީ
ވެދާނެ ގޮތެއް ކަމަށް ތަޖުރިބާކާރުން
ބުނެއެވެ. ނަމަވެސް މިބަލި ހުންނަ މީހުންނަށް ވެސް އަލްޒައިމާ ބަލީގެ
އުދަގޫތައް ކުރިމަތި ކުރުވަނީ ކީއްވެގެން ކަން އަދި ހޯދިފައެއް
ނުވެއެވެ.
(5) - ބޮލަށް އަނިޔާއެއް ލިބުން: ބޮލަށް ލިބޭ ބައެއް ކަހަލަ
ނުރައްކާތެރި ގެއްލުން، ހާނީއްކަ، ނުވަތަ
އަނިޔާއާއި، ކޮންމެވެސް މިންވަރަކަށް
އަލްޒައިމާ ބައްޔާއި ގުޅުން ހުންނަ ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.
(6) - ވެށީގައި
އެކުލެވޭ ވިހަތައް: އެލްމިނިއަމް ފަދަ މާއްދާތަކަށް
ދިގުމުއްދަތަކަށް ހުށަހެޅުމަކީ އަލްޒައިމާ
ބަލި ކުރިމަތިވުމުގެ ފުރުސަތު
އިތުރުކުރާ ކަމެއްކަމަށް ބަލީގެ ދިރާސާކުރާ
ފަރާތްތަކުން ތުހުމަތު ކުރެއެވެ.
(7) - އެޕޯލިޕޯޕްރޮޓީން-އީ4
ވިރާސީ ބަހާ ހުރުން: ޚާއްޞަކޮށް މިބަހާ ދޮން، އަދި
އޭޝިޔާ ނަޞްލުގެ މީހެއްގެ ގައިގައި ހުރިނަމަ
އެމީހަކަށް އަލްޒައިމާގެ ބަލިޖެހުމުގެ
ފުރުޞަތު ބޮޑުކަމަށް ވަނީ އެގިފައެވެ.
(8) - ހަކުރު
ބަލި:
ހަކުރު ބަލި ހުރުމަކީ ވެސް
އަލްޒައިމާ ޖެހުމަށް މަގުފަހިކުރާ ކަމެއްކަމަށް ބައެއް ދިރާސާތަކުން ވަނީ
ދައްކާފައެވެ.
(9) - ހޯރމޯންގެ
ފަރުވާ ލިބިގަންނަމުން ދިއުން: އުމުރުން 65 އަހަރުވުމަށް ފަހު
އެސްޓްރަޖެން އަދި ޕްރޯޖެސްޓީރޯން ހޯރމޯންގެ ފަރުވާ ލިބިގަންނަމުން ދާނަމަ
އެމީހަކު އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުކަމަށް
ފަހުގެ ދިރާސާއެއް ބުނެއެވެ.
(10) - ދުންފަތުގެ
އިސްތިއުމާލު ކުރުން: ބައެއް ދިރާސާތަކުގައި ވަނީ
ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަލްޒައިމާ
ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު
އިތުރުވެދާނެ ކަމަށް ބުނެފައެވެ.
(11) - ހޯމޯސިސްޓެއިން
ގެ މިންވަރު މަތިވުން: ހޯމޯސިސްޓެއިން އަކީ
އާންމުގޮތެއްގައި މަދު މިންވަރަކަށް ލޭގައި އެކުލެވޭ
އެމިނޯ އެސިޑެކެވެ. ވިޓަމިންބީ12 އަދި
ފޮލިކް އެސިޑް މަދުވުމަކީ ލޭގައި ހޯމޯސިސްޓެއިންގެ މިންވަރު
މަތިވެގެންދާނެ ކަމެކެވެ. މިއެސިޑްގެ މިންވަރު
މަތި ނަމަ އަލްޒައިމާ ބަލި ޖެހުމުގެ
ފުރުޞަތު އިތުރުކަމަށް ބައެއް ދިރާސާތައް ބުނެއެވެ.
(12) - ބައެއް
އެހެންކަންތައްތައް: ލޭގެ ޕްރެޝަރ މައްޗަށް ދިއުން
އަދި ލޭގެ ކޮލެސްޓެރޯލް ގެ މިންވަރު މަތިވުން
ފަދަ ކަންކަމަކީ އަލްޒައިމާ ބަލި
ކުރިމަތިވުމުގެ ފުރުސަތު އިތުރުކޮށްދާނެ ކަމެއްކަމަށް ފަހުގެ ބައެއް ދިރާސާތައް
ބުނެފައިވެއެވެ.
ޑައުން ސިންޑްރޯމް އަދި އަލްޒައިމާ ބަލި
އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ޑައުން ސިންޑްރޯމް(down
syndrome)ގެ އަހުލުވެރިންނަށް ޞިއްޙީ މައްސަލަތައް ފެންމަތިވަމުން އާދެއެވެ. ނަމަވެސް
މި މައްސަލަތަކަކީ ގިނަފަހަރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މުސްކުޅިވަމުން އަންނަ
މީހުންނަށް ވެސް ދިމާވެދާނެ ކަންކަމެވެ. ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ 21
ނަންބަރު ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އެމީހުންގެ ދިފާޢީ
ނިޒާމްގައި އައިބުތައް އުފެދުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ
ތަފާތު ބަލިތަކަށް ފަސޭހަކަމާއި އެކު ހުށަހެޅޭގޮތް ވެއެވެ.
މިގޮތުން ލޭގެ ކެންސަރު،
ވާގިއެރުން، ނުވަތަ ފިޓް ޖެހުން، ލޯފުސްވުން، ހިތުގެ މައްސަލަތަކާއި، ނޭވާލުމުގެ
މައްސަލަތައް މެދުވެރި ކުރުވައެވެ.
ޑައުން ސިންޑްރޯމްގެ
އަހުލުވެރިން މާއަވަހަށް މުސްކުޅިވާކަން ފާހަގަކުރެވެއެވެ. އެހެން ކަމުން
އަލްޒައިމާ ބަލި ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންގެ މެދުގައި އާންމުކަން
ފާހަގަ ކުރެވެއެވެ. އާންމުގޮތެއްގައި މިބަލި ޖެހިފައި ތިބޭމީހުންގެ އުމުރުން 30
ނުވަތަ 40 ގެ އަހަރު ތަކުގެ ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް ފޯރަންފަށާ
ކަމަށްވަނީ އެގިފައެވެ. އާންމު އާބާދީގެ ތެރޭގައި ހިމެނޭ މީހުންނަށް އުމުރުން 65
އަހަރު ވުމުގެ ކުރިން އަލްޒައިމާ ބަލި ކުރިމަތި ވުމަކީ ނާދިރު ކަމެއް ކަމުގައި
ބުނެވެއެވެ.
ޑައުން ސިންޑްރޯމްގެ
އަހުލުވެރިންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުން އެބަލީގެ އަލާމާތްތައް
ފެންނަގޮތް ނުވަތަ ކުރިމަތިވާގޮތް އާދައިގެ މީހުންނަށް އަލްޒައިމާ ބަލި
ކުރިމަތިވުމުން ފެންނަގޮތާއި، ތަފާތު ކަމެއް ހުންނަކަމަށް ވަނީ ފާހަގަ
ކުރެވިފައެވެ. މިސާލަކަށް އަލްޒައިމާ ބަލީގެ ކުރީކޮޅު ދިމާވާ ''ހަދާން ނެތުން''
ފަދަ ކަންތައްތައް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ކުރީކޮޅު ކުރިމަތިވާކަން
ފާހަގަ ވެފައެއް ނުވެއެވެ.
އަދި ހަމަމިހެން އާންމުކޮށް
ފެންނަ ހުރިހާ އުދަގޫތައް ކުރިމަތި ނުވެވެސް ހިގައިދާނެ އެވެ. އާންމު
ދިރިއުޅުމުގައި ހުންނަ ބައެއް ކަންތައްތަކަށް ބަދަލު އައިސް، ފިޓް ޖެހުން ފަދަ
ކަންތައްތައް ކުރިމަތިވާން ފަށައެވެ. މީގެ އިތުރުން ވިސްނުމަށް ބަދަލު އައުން،
ކަންކަމަށް ނިޔާކަނޑައަޅަން ނޭގުން، ފަދަ ކަންތައްތައް ޑައުން ސިންޑްރޯމްގެ
އަހުލުވެރިންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުން މެދުވެރި ކުރުވައެވެ.
ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ މެދުގައި އަލްޒައިމާ
ބަލި އާންމުވެފައިވަނީ ކިހާ މިންވަރަކަށް؟
ތަފާތު ހިސާބުތައް
ލަފާކުރާގޮތުން ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ ތެރެއިން %25 މީހުންނަށް
އުމުރުން 35 އަހަރު ވުމަށްފަހު އަލްޒައިމާ ބަލީގެ އުދަގޫތައް ފެންނަށް ފަށައެވެ.
އުމުރުން ދުވަސްވާ ވަރަކަށް މިނިސްބަތް އިތުރުކުރުވައެވެ. ޑައުން ސިންޑްރޯމްގެ
އަހުލުވެރިންނަށް އަލްޒައިމާ ބަލި ޖެހުމުގެ ފުރުސަތު 5 ގުނަ އިތުރުކަމަށް
ބުނެވެއެވެ.
ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް އަލްޒައިމާ ބަލި
ޖެހެނީ ކީއްވެ؟
ފަހުގެ ދިރާސާތައް ދައްކާގޮތުން
ޑައުން ސިންޑްރޯމް އަހުލުވެރިންގެ ހަށިގަނޑުގައި އިތުރު ކްރޮމޯސޯމް އެއް އިނުމަކީ
ފަހަރުގައި އަލްޒައިމާ ބަލި މެދުވެރިކުރުވުމުގެ ސަބަބަކަށް ވެދާނެ އެވެ. އަދި
ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް މާއަވަހަށް މުސްކުޅިވުން ކުރިމަތިވުން މިއީ
ވެސް އަލްޒައިމާ ބަލި ޖެހުމުގެ ސަބަބެއް ކަމަށް ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަލްޒައިމާ ބަލި ވާރުތަވުން
ބަލީގެ ދިރާސާތައް ހަދަމުންދާ
މީހުންނަށް ވެސް އަދިވެސް ބަލިމެދުވެރިކުރުވާ ސަބަބެއް ހޯދިފައެއް
ނުވެއެވެ. ނަމަވެސް ވާރުތަކުރުވާ ބައެއް ކަންތައްތަކާއި، އަދި އެހެނިހެން
ބައެއް ކަންތައްތައް ގުޅިގެން ބަލީގެ އުދަގޫ މެދުވެރި ކޮށްފާނެ ކަމަށް
ވަނީ ބެލެވިފައެވެ. މައިންބަފައިން ގެ ކިބައިން ދަރިންނަށް މިބަލި ވާރުތަ
ވުމަކީ ވެދާނެ ކަމެކެވެ. އަދިވެސް މިކަމާއި ގުޅޭ އިތުރު ދިރާސާތައް ދަނީ
ކުރެވެމުންނެވެ.
މިބަލި ވާރުތަވުން
ކުރިމަތިވަނީ ކިހިނެއް؟
ސަލާމަތުން ހުރި ކޮންމެ މީހެއްގެ
ހަށިގަނޑުގައި 23 ޖޯޑަށް އެތުރިފައި ހުރި 46 ކްރޮމޯސޯމް އެކުލެވިގެންވެއެވެ.
އާންމުގޮތެއްގައި ކޮންމެ ޖޯޑެއްގައި ހިމެނޭ ދެ ކްރޮމޯސޯމް އިން
އެއް ކްރޮމޯސޯމް ލިބެނީ ބައްޕަގެ ފަރާތުންނެވެ. އަނެއް ކްރޮމޯސޯމް
މަންމަގެ ފަރާތުންނެވެ. ކޮންމެ ކްރޮމޯސޯމް އެއްގައި ''ޑީއެންއޭ''(DNA) ރޮދިފަށެއް ކަހަލަ ދިގު ދެ ''ސްޓްރޭންޑް"(strand)
އުފައްދައެވެ. މައިންބަފައިންގެ
ކިބައިން ވާރުތަވާ ސިފަތައް ވިރާސީ ބަހާތަކެއްގެ ގޮތުގައި ރައްކާކުރެވެނީ މި ބުނި
ސްޓްރޭންޑް ތަކުގައެވެ.
ވާރުތަވާ ކަންތައްތައް އުފުލާ އެންމެ
އަސާސީ ޔުނިޓަކީ ''ވިރާސީ ބަހާ"(gene) އެވެ.
ކޮންމެ ބަހާއެއް ވެސް ހަށިގަނޑުގައި އޭގެ ޒާތުގައި ޚާއްޞަ
ޕްރޮޓީންތަކެއް އުފެއްދުމަށް ސެލް އަށް
ކެމިކަލް އިންސްޓްރަކްޝަން ތައް ދެއެވެ.
އަލްޒައިމާ ބަލި ވާރުތަވޭތަ؟
ވިރާސީ އިލްމުގައި ހެދިފައިވާ
ދިރާސާތައް ހެކިދޭގޮތުގައި އަލްޒައިމާ ބައްޔާއި، ތަފާތު 4 ކްރޮމޯސޯމް އެއްގައި
ހިމެނޭ ބަހާ ތަކާއި، ގުޅުމެއްވެއެވެ. އެ ކްރޮމޯސޯމް ތަކަކީ ކްރޮމޯސޯމް 1، 4 ،
19، 21 މި ނަންބަރު ތަކުގެ ކްރޮމޯސޯމް ތަކެވެ.
ކްރޮމޯސޯމް ނަންބަރު 19 ގައި ހިމެނޭ
''އެޕޯއީ ބަހާ"(APOE
gene) އާއި، ލަހުން (އުމުރުގެ
ފަހުކޮޅު) ދިމާވާ އަލްޒައިމާ ބަލި(late
onset Alzheimer’s disease)
އާއި ގުޅުމެއް ވާކަމަށް ވަނީ ފާހަގަވެފައެވެ. ވަރަށް ގިނަ
ދިރާސާތަކުން ހާމަވެ، ޔަގީންވެފައިވާ ގޮތުގައި ވަކިވައްތަރެއްގެ ''އެޕޯއީ ބަހާ''
(އެޕޯއީ-4) ހުރުމަކީ އުމުރުގެ ކޮންމެ ވެސް
ދުވަސްވަރެއްގައި އަލްޒައިމާ ބަލީގެ އުދަގޫ
ކުރިމަތި ވުމަށް މެދުވެރިވެދާނެ
ސަބަބެކެވެ.
އަޖާއިބު ވާންޖެހޭ އަނެއްކަމަކީ ބައެއް
މީހުންނަށް ''އެޕޯއީ-4'' ވާރުތަވެފައި ހުރިނަމަވެސް އަލްޒައިމާ
ބަލި ކުރިމަތިނުވެ، ހިގައިދާނެ ކަމެވެ. އަދި އަނެއް ބަޔަކަށް
''އެޕޯއީ-4'' ވާރުތަ ވެފައި ނެތްނަމަވެސް އަލްޒައިމާ ބަލި ކުރިމަތި ކޮށްދާނެ
ކަމެކެވެ. އެހެންކަމާއެކު ޖުމްލަގޮތެއްގައި ''އެޕޯއީ'' އަކީ ވެސް
ކަނޑައެޅިގެން އަލްޒައިމާ ބަލި މެދުވެރިކުރުވާ ކަމެކޭ ބުނެވޭކަން
ނެތެވެ.
އަލްޒައިމާ ބަލި
ވާރުތަވުމުގައި ވިރާސީ ޢިލްމުގެ ދައުރު
ބައެއް އާއިލާތަކުގެ ތެރޭގައި
އަލްޒައިމާ ބަލި އިތުރުކަން ފާހަގަ ކުރެވެއެވެ. އާންމު ގޮތެއްގައި އަވަހަށް
(މުސްކުޅި އުމުރުގެ ކުރީކޮޅު) ދިމާވާ އަލްޒައިމާ ބަލި (early onset Alzheimer’s disease) ބައެއް އާއިލާތަކުގެ ތެރޭގައި އާންމު ކަމަށް ދިރާސާތައް
ދައްކައެވެ.
މިގޮތަށް ބަލިހުރި އާއިލާތަކުގެ
މީހުންގެ ޑީއެންއޭ ޓެސްޓްކޮށް ހޯދުމުން އެގުނީ އެފަދަ މީހުންގެ 21 ނަންބަރު
ކްރޮމޯސޯމް ގެ އެއް ބަހާގައި އައިބެއް ހުންނަ ކަމެކެވެ. އަދި މިއައިބާއި،
އުމުރު ކުރީކޮޅު ދިމާވާ އަލްޒައިމާ ބައްޔާއި ވަރަށް ބޮޑަށް ގުޅިފައިވާކަން
ވަނީ އެގިފައެވެ. މިފަހަކަށް އައިސް ވަނީ އަލްޒައިމާ ބައްޔާ ގުޅުން ހުރި
ބަހާތައް ކްރޮމޯސޯމް ނަންބަރު 1، އަދި 14 އިން
ވެސް ފެނިފައެވެ.
21 ނަންބަރު
ކްރޮމޯސޯމްގެ މިބުނި ބަހާއަށް އަލްޒައިމާ ބަލީގެ ދިރާސާކުރާ
ފަރާތްތައް ޝައުގުވެރިވި އަނެއް
ސަބަބަކީ ''ޑައުން ސިންޑްރޯމް'' (Down syndrome)
ކިޔާ ބައްޔާއި، މި ކްރޮމޯސޯމް އާއި ހުރި
ގުޅުމެވެ. ޑައުން ސިންޑްރޯމް އަހުލުވެރިންގެ 21 ނަންބަރު ކްރޮމޯސޯމްގެ
އިތުރު ކޮޕީއެއް އުފެދުމުގައި އިދެއެވެ. މިފަދަ މީހުން ދުވަސްވަމުން އަންނަ
ވަރަކަށް ސިކުނޑީގައި އައިބުތައް އުފައްދައެވެ. އަދި
އެއައިބުތަކާއި، އަލްޒައިމާ ބަލި ޖެހިފައި ތިބޭމީހުންގެ ސިކުނޑީގައި
އުފެދޭ އައިބުތަކާއި، އެއްގޮތް ކަމެއް ހުރެއެވެ.
އަލްޒައިމާ ބައްޔަށް
މަގުފަހިކުރާ ކަމާމެދު ދެބަސްވެވޭ ކަންތައްތައް
އެލްމިނިއަމް
އެލްމިނިއަމް(aluminum)
އާއި، އަލްޒައިމާ ބައްޔާއި، ގުޅުމެއް ވާކަމަށް ފުރަތަމަ
ތުހުމަތު ކުރެވުނީ އަލްޒައިމާ ބަލީގެ
އަހުލުވެރިންގެ ސިކުނޑިން އެލްމިނިއަމް ކޮންމެވެސް ވަރަކަށް
ހުރިކަން ހެދުނު ބައެއް ޓެސްޓްތަކުން ދެއްކުމުންނެވެ. މިގޮތުން ޓެސްޓް ހެދުނު
ބައެއް މީހުންގެ ސިކުނޑީގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް
އެލްމިނިއަމް ހުރިކަން ފާހަގަކުރެވުނެވެ.
ފަހުން ޝައްކު އުފެދުނު އަނެއް ކަމަކީ ހަމައެކަނި
އެލްމިނިއަމް އަކީ ސިކުނޑީގައި ކުރިން ހުރި އެއްޗަކަށް ނުވެދާނެ ކަމާއި،
މެދުގައެވެ.މާނައަކީ ސިކުނޑީގެ ޓެސްޓްތައް ހެދުމަށް ބޭނުންކުރެވުނު އަދަވާތްތަކުން ވެސް
ސިކުނޑި އަށް އެލްމިނިއަމް ކޮންމެވެސް ވަރަކަށް ފޭދިގެން ދިއުމަކީ އެކަށީގެންވާ
ކަމެއް ކަމަށް ގަބޫލު ކުރެވުމެވެ.
ގޭތެރޭގައި ބޭނުން ކުރެވޭ ބައެއް ތެލި،
ތަށި، ދޭފަތް ފަދަ ތަކެއްޗަކީ ވެސް އެލްމިނިއަމް ބޭނުންކޮށްގެން
ހަދައިފައި ހުންނަ ތަކެއްޗެވެ. އަދި ބައެއް ކަހަލަ ކާނާގެ ބާވަތްތަކުގައި
ވެސް ކޮންމެވެސް މިންވަރަކަށް އެލްމިނިއަމް އެކުލެވިގެންވެއެވެ. އެހެން
ކަމުން މިބުނި ގޮތަކުން އެލްމިނިއަމް ހަށިގަނޑަށް ދަމައިފިނަމަ ނުވަތަ
ނަގައިފިނަމަ އަލްޒައިމާ ބަލި މެދުވެރިވެދާނެ ކަމުގެ ބިރު
އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެވެއެވެ.
އެހެން ދިރާސާ އަކުން އެގިފައިވާ
ގޮތުގައި އެންޓަސިޑް، އަދި އެންޓިޕާސްޕިރެންޓް (ދާހިއްލުން
ކުޑަކުރުމަށް ބޭނުން ކުރެވޭ ބާވަތްތައް މިސާލަކަށް ކިހިލި ފަތް ދޮށުގައި އުގުޅާ
ތަކެތި) ފަދަ ބާވަތްތަކުގައި އެލްމިނިއަމް އެކުލެވޭނަމަ އެބޭނުންކުރާ
މީހުންނަށް އަލްޒައިމާ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
ތެލި ތަށިފަދަ ތަކެތީގައި އެކުލެވޭ
އެލްމިނިއަމް ކާނާގެ ތެރެއަށް ދެމުން އެއީ ނާދިރު ކަމެއް ކަމަށް ބައެއް
ފަރާތްތަކުން ބުނެއެވެ. އަދި އެލްމިނިއަމް އެކުލެވޭ ބައެއް ކަހަލަ
ކާނާ (އަލުވި) އަކީ ރަގަޅަށް ހަށިގަނޑަށް ދަމާ (ނަގާ) އެއްޗެއް
ނޫނެވެ. އެލްމިނިއަމް އާއި ގުޅޭގޮތުން ބަޔާންކުރެވުނު ކަންތައް މިބުނި ގޮތަށް
ހުރި ނަމަވެސް އަލްޒައިމާ ބަލި ޖެހުމުގައި އެލްމިނިއަމްގެ ދައުރެއް
އޮތްކަމަށް އަދިވެސް އިލްމުވެރިންނަށް ޔަގީން ކަމާއި އެކު ބުނެދޭކަން
ނޭގެއެވެ. އެހެން ކަމުން މިއީ އަދި ޝައްކު ނުވަތަ ތުހުމަތެއްގެ ތެރޭގައި ވާ
ކަމެކެވެ.
ޒިންކު
ޒިންކު(zinc)
ދެގޮތަކަށް އަލްޒައިމާ ބައްޔާއި ގުޅިފައިވެއެވެ. ބައެއް
ރިޕޯޓްތައް ބުނާގޮތުން ޒިންކް މާބޮޑަށް
މަދުވުމަކީ މައްސަލަ އެކެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުން
ޒިންކް މާބޮޑަށް އިތުރުވުމަކީ ވެސް މައްސަލަ އެކެވެ.
ޒިންކް މާބޮޑަށް މަދުވުން މައްސަލަ
އެއްގެ ގޮތުގައި ފާހަގަކުރެވުނީ ވަކި ސަރަހައްދު ތަކެއްގައި އަލްޒައިމާ
ބަލިޖެހިގެން މަރުވި މީހުންގެ ސިކުނޑީގައި ޒިންކް އެކުލެވޭ މިންވަރު
މާބޮޑަށް ދަށްވެފައިވާކަން އެމީހުން މަރުވުމަށް ފަހު ސިކުނޑި ނަގައިގެން
ކުރެވުނު ޓެސްޓްތަކުން ދެއްކުމުންނެވެ. ޒިންކް މާބޮޑަށް އިތުރުވުމަކީ މައްސަލަ
އެއްކަން ފާހަގަކުރެވުނީ އަމައިލޮއިޑް ޕްރޮޓީންތައް ޖަމާވެ،
''ޕްލޭކް'' އުފެއްދުމަށް ޒިންކް ވާގިވެރިވާކަން އެގުމުންނެވެ. މިގޮތުން
ޒިންކް ގެ ސަބަބުން އުފެދޭ ''ޕްލޭކް''
އަލްޒައިމާ ބައްޔާއި ގުޅިގެން ސިކުނޑީގައި އުފެދޭ ''ޕްލޭކް''
އާއި، އެއްގޮތް ކަމަށް ވެއެވެ.
ކާނާއިން އުފެދޭ ވިހަ
ކާނާގައި އެކުލެވޭ ވިހައިގެ ސަބަބުން
ބައެއް ހާލަތްތަކުގައި ''ޑިމެންޝިއާ''(ހަދާންނެތުން)
މެދުވެރިކުރުވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެފްރިކާ އަދި އިންޑިޔާގައި ހުންނަ
ބައެއް ކަހަލަ ''ލެގިޔޫމް''(Legume) ގެ
އޮށުގެ ތެރެއިން ނާރުތަކުގެ ނިޒާމަށް
ގެއްލުންދެނިވި، ދެމާއްދާއެއް ވަނީ ފެނިފައެވެ. މިބުނި ދެމާއްދާ ވެސް
ހަށިގަނޑުގައި ހުންނަ ''ގުލޫޓަމޭޓް''(Glutamate)
ކިޔާ މާއްދާއެއްގެ މަސައްކަތް
އިތުރުކުރުވައެވެ. އަލްޒައިމާ ބަލި މެދުވެރިވުމުގައި ގުލޫޓަމޭޓް ބައިވެރިވާ ކަމުގައި ވަނީ ބެލެވިފައެވެ.
ކެނެޑާގައި ''ޑޮމޮއިކް އެސިޑް''(Domoic acid) އާއި ތަޣައްޔަރުވެފައި ހުރި ''އިތާ'' ފާޑުގެ އެއްޗެއް ނުވަތަ
''މަސެލް''(Mussel) އޭ ކިޔޭ އެއްޗެއް ކެއުމުގެ ސަބަބުން އަލްޒައިމާ ބައްޔާއި،
ވައްތަރު ނާރުތަކުގެ ނިޒާމަށް ޖެހޭ ބައްޔެއް ކުރިން ކެނެޑާގައި އާންމުވެގެން
ދިޔައެވެ. ''ޑޮމޮއިކް އެސިޑް'' ވެސް ގުލޫޓަމޭޓް ގެ މަސައްކަތް އިތުރުކުރުވައެވެ.
މި ވިހަތައް ކަނޑައެޅިގެން ''ޑިމެންޝިއާ''(ހަދާންނެތުން) މެދުވެރި
ނުކުރި ނަމަވެސް ފަހަރެއްގައި ނާރު ސެލްތައް ހަލާކުރުމުގައި ދައުރެއް
އަދާކޮށްފާނެ ކަމަށްވަނީ ބެލެވިފައެވެ.
ވައިރަސްތައް
ނާރުތަކުގެ ނިޒާމަށް ޖެހޭ ބައެއް
ބަލިތަކުގައި ބައެއް ބާވަތުގެ ވައިރަސްތައް ނުރަގަޅު ރޯލެއް
އަދާކުރާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
މިފަދަ ވައިރަސްތައް ހަށިގަނޑުގައި
ދުވަސްތަކެއް ވަންދެން ހުރުމަށްފަހު، އެވައިރަސް އަށް އެކަށޭނަ ވަގުތަކާއި ދިމާކޮށް
ހަށިގަނޑަށް ހަމަލާދޭން ފަށައެވެ. އަހަރު ތަކެއް ވަންދެން އަލްޒައިމާ ބަލި ދިރާސާ
ކުރާ ފަރާތްތަކުން ވައިރަސް ނުވަތަ އެހެންވެސް އިންފެކްޝަން
އުފައްދާ އެޖެންޓަކާއި، މިބައްޔާއި، ގުޅުމެއް ހުރިތޯ ހޯދުމުގައި
ހަރަކާތްތެރި ވެފައިވެއެވެ. މިހާރު ވެސް މިބައްޔާއި، ވައިރަސް ފަދަ
ޖަރާސީމްތަކާއި، ގުޅުމެއް ހުރިތޯ ދެނެގަތުމަށް ދަނީ މަސައްކަތް
ކުރެވެމުންނެވެ.
3-
ބަލިޖެހިފައި ހުރިތޯ ދެނެގަތުން
އަލްޒައިމާ ބައްޔަކީ އޭގެ ކުރީކޮޅު ގިނަ
ފަހަރު ދެނެގަނެވޭ ބައްޔެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ
ބަލިހުރިކަން އެގުމަކާއި، ނުލައި އޭގެ އުދަގޫތައް އިތުރުވަމުން އަންނަ
ބައްޔެކެވެ. ވަރަށް ގިނަ ޑޮކްޓަރުން، ނަރުހުން، އަދި ބަލިމީހުންނާއި،
އެމީހާގެ ތިމާގެ މީހުން، އަލްޒައިމާ ބަލީގެ
އުދަގޫތައް ކުރިމަތިވާން ފެށުމުން އެއީ
މުސްކުޅިވުމުން ކުރިމަތިވާ ކަމެއް ކަމަށް ނިންމައި، އެކަމާއި އަޅާނުލައި
ދޫކޮށްލާތަން އާދެއެވެ.
އަލްޒައިމާގެ އެންމެ މައިގަނޑު އަލާމާތް
ނުވަތަ އުދަގޫ ކަމުގައި ބެލެވިފައިވާ ''ހަދާން ނެތުން'' ކުރިމަތި ކުރުވާ އެހެން
ކަންކަމަކީ ގިނަ ފަހަރު ފަރުވާކޮށްގެން ރަގަޅު ކުރެވޭ ކަންތައްތަކެވެ.
ނަމަވެސް އަލްޒައިމާ އަކީ އަދި ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އެހެން
ކަމުން ހަދާންނެތުން ފަދަ ކަންތައްތައް ކުރިމަތިވާން ފަށައިފިނަމަ
އޭގެ ސަބަބު ވީހާވެސް އަވަހަކަށް ހޯދައި ދެނެގަތުމަކީ މުހިއްމު
ކަމެކެވެ. މީގެ އިތުރުން އަލްޒައިމާ ބައްޔާއި ގުޅިގެން
ކުރިމަތިވާ ބައެއް ކަހަލަ އުދަގޫ ތަކަކީ އެކަށޭނަ ފަރުވާ ލިބިއްޖެ ނަމަ ރަގަޅު
ކުރެވޭނެ ކަންތައްތަކެވެ.
ބަލި ދެނެގަތުމަށް ހެދޭ
ޓެސްޓުތައް
(1) - ބަލިމީހާގެ މާޒީއާއި، މިހާރުގެ ޞިއްޙީ ހާލަތު : ބަލިމީހާގެ މާޒީގައި ކުރިމަތިވެފައި
ހުރި ކަންތައްތައް މިސާލަކަށް ޖެހުނު ބަލިތައް، ކުރެވުނު
އޮޕަރޭޝަންތައް، ފަދަ ކަންތައްތައް އެގުމަކީ
ބަލިމީހާގެ ޞިއްޙީ ހާލަތު ހުރިނެތްގޮތް
ކަނޑައެޅުމަށް މުހިއްމު ކަމެކެވެ. ހަމަމިހެން ބަލިމީހާ އަށް ފަރުވާނެ
ކުރާނެގޮތް ކަނޑައެޅުމާއި، އަދި އެމީހާގެ ޙާލަތު މުސްތަގުބަލްގައި
މޮނީޓަރ ކުރާނެގޮތް ކަނޑައެޅުމަށް ވެސް މިއީ މުހިއްމު ކަމެކެވެ.
މިގޮތުން ބަލިމީހާގެ ޙާލަތު
ދެނެގަތުމަށްޓަކައި ޑޮކްޓަރުން ވަރަށް ގިނަ
ސުވާލުތައް ކުރައްވާނެއެވެ. މިގޮތަށް
އަންނަނިވި ކަންތައްތަކާއި، ގުޅޭ ސުވާލުތައް ކުރުމަކީ އެކަށީގެންވާ
ކަމެކެވެ.
ü
ބަލިމީހާ ކާކުކަން ދެނެގަތުމަށް ބޭނުންވާ މައުލޫމާތު: ނަން
އެޑްރެސް އުޅޭތަން ފަދަ މައުލޫމާތު.
ü
ކުރިމަތިވާ އުދަގޫތަކުގެ މައުލޫމާތު.
ü
އެހެން އުދަގުލެއް ވޭތޯ ބެލުން.
ü
އެއްވެސް ބައްޔެއް މިހާރު ހުރިތޯ ބެލުން : މިސާލަކަށް
ހަކުރު ބަލި، ލޭގެ ޕްރެޝަރ މައްޗަށް ދިއުން.
ü
ކުރިން ބޭނުންކޮށްފައި ބޭސްތަކުގެ މައުލޫމާތު: ބޭސް
ބޭނުންކުރި ދުވަސްވަރާއި، ކީއްވެގެން ކަން.
ü
މިހާރުގެ ޞިއްޙީ ޙާލަތު.
ü
ނަފްސާނީ ޙާލަތު: ކައިވެނިކޮށްގެން ހުރިތޯ ބެލުން،
ދިރިއުޅުމުގެ ޙާލަތު.
ü
ވިސްނުމުގެ ފެންވަރާއި، ސިކުނޑީގެ ޙާލަތު ދެނެގަތުން.
(2) - ސިކުނޑީގެ ހާލަތު ދެނެގަތުން
: މިއީ ވިސްނުމުގެ ފެންވަރު ހުރިނެތްގޮތް
ބެލުމަށް ކުރެވޭ ވަރަށް ކުރު ޓެސްޓެކެވެ. މި ޓެސްޓް ކުރުމުގައި
ކުދިކުދި މައްސަލަތައް ޙައްލުކުރާނެގޮތް، ކަންކަމަށް ސަމާލުކަންދޭ މިންވަރު،
އެއްޗެތި ގުނުން، އަދި ކަންކަން ހަދާން ހުރިނެތް މިންވަރު ބެލުން ފަދަ
ކަންތައްތައް ކުރުވައެވެ. މިކަންކަމުގެ ސަބަބުން ސިކުނޑީގެ ގެއްލުން
ލިބިފައިހުރީ ކޮންހިސާބަކަށްތޯ ކަނޑައަޅަން
އެގެއެވެ.
(3) - ހަށިގަނޑު
ޓެސްޓްކުރުން : މިއީ
ހަށިގަނޑުގެ ޖިސްމާނީ ޙާލަތު ދެނެގަތުމަށް ހަށިގަނޑުގެ އެކި
ހިސާބުތައް ބަލައި ޗެކްކުރުމެވެ.
މިގޮތުން އަންނަނިވި ތަންތަނާއި، ކަންތައްތައް ބަލައި، ޗެކްކުރެވެއެވެ.
ü
ފިނިހޫނުމިން، ލޭގެ ޕްރެޝަރ، ހިތުގެ ތެޅުން، އަދި ނޭވާލުން.
ü
އިސްކޮޅާއި، ބަރުދަން.
ü
ހަންގަނޑާއި، އުރަމަތި.
ü
ބޮލާއި، ލޯ، ކަންފަތާއި، ނޭފަތް.
ü
އަނގަޔާއި، ކަރުތެރެ.
ü
ބަނޑާއި، ދަށްބަނޑު.
ü
ހިތާއި ފުއްޕާމޭ.
ü
ކަށިތަކާއި، މަސްތައް.
ü
ނާރުތަކާއި، ހަރަކާތްތައް.
ü
ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު.
(4) - މޭމަތީގެ އެކްސް-ރޭ ނެގުން : އެކްސް-ރޭ އަކީ ދަށް ޑޯޒެއްގެ ރޭޑިއޭޝަން ބޭނުންކޮށްގެން
ހަށިގަނޑު ސޫރަ ކުރަހާލުމަށް ބޭނުން ކުރެވޭ ޓެސްޓެކެވެ. ވައިނޮޅީގެ
ކަފިދުޅަވުން ފަދަ ކަންތަކުން ފެށިގެން ގޮސް، ބިދިފައިވާ ކަށީގެ ޙާލަތު
ދެނެގަތުމަށް ވެސް އެކްސް-ރޭ ގެ ބޭނުން ހިފައެވެ. މޭމަތީގެ އެކްސް-ރޭ ނަގަނީ
ހިތާއި، ފުއްޕާމޭ، އަދި އަރިކަށިތަކުގެ ޙާލަތު
ދެނެގަތުމަށްޓަކައެވެ. އަލްޒައިމާ ބައްޔާއި، އެއްގޮތް އަލާމާތްތައް
މެދުވެރިކުރުވާ އެހެން ކަމެއް ހުރިތޯ ބެލުމަށް މިޓެސްޓް ފަހަރުގައި
ހަދައިފާނެއެވެ.
(5) - ލެބޯޓަރީ ތަޙްލީލުތައް : ލެބޯޓަރީ ތަޙްލީލު ތަކަކީ ވަރަށްގިނަ ބަލިތައް
ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. މިގޮތުން ހަށިގަނޑުގެ އެކި އެކި
ޓިޝޫތަކާއި، ހަށިގަނޑުގެ އެކިބައިތަކުން އުފައްދާ ދިޔަ ފަދަ ތަކެތި
ތަޙްލީލު ކުރެވެއެވެ. މިގޮތުން އެންމެ އާންމު ގޮތެއްގައި ޓެސްޓް
ކުރެވެނީ ލޭ އަދި ކުޑަކަމުދާ ތަކެއްޗެވެ.
ލޭގެ ޓެސްޓްތައް ހެދެނީ ލޭގައި އެއްވެސް
ކަހަލަ މާއްދާއެއް މަދުތޯ، ލޭގެ ސެލްތަކުގެ ވައްތަރުތައް ހުރީ
ކިހާމިންވަރެއްގައިތޯ، ނުވަތަ އެއްވެސް ކަހަލަ ޢައިބެއް ހުރިތޯ
ދެނެގަތުމަށްޓަކައެވެ. ހަމަމިހެން އަލްޒައިމާ
ބަލީގެ އަހުލުވެރިންގެ ކިބައިގައި
ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ވަކިބާވަތެއްގެ ވިރާސީ ބަހާ އެއް ހުރިތޯ
ނުވަތަ ނެތްތޯ ބެލުމަށް ވެސް ލޭ ޓެސްޓް ކުރެވެއެވެ. ކުޑަކަމުދާ ތަކެތި
ޓެސްޓްކުރެވެނީ އެއްވެސް ކަހަލަ މާއްދާއެއް އުނިތޯ ނުވަތަ ގިނަތޯ
ބެލުމަށްޓަކައެވެ. މަދުން ނަމަވެސް ސިކުނޑިއާއި، ސްޕައިނަލް ކޯޑްގެ
ވަށައިގެން ހުންނަ ދިޔަ ނަގައިގެން ޓެސްޓް ކުރެވެއެވެ.
(6) - ސީޓީ
ސްކޭން (Computerized tomography / CT scan) : ސީޓީ ސްކޭން އަކީ ކުރުމުއްދަތެއްގެ
ތެރޭގައި އެކި އޭންގަލް ތަކުން ހަށިގަނޑުގެ ބައިވަރު އެކްސް-ރޭ
ނަގައިދޭ ޓެކްނޮލޮޖީ އެކެވެ. މިގޮތުން އެކްސް- ރޭ ގެ އެހީގައި ނެގޭ ސޫރަތައް
އެއަށްފަހު ކޮމްޕިއުޓަރަށް ނެގެއެވެ. ސީޓީ ސްކޭންގެ އެހީގައި އަލްޒައިމާ
ބަލީގެ ފަހުކޮޅު ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ސިކުނޑި
ކުޑަވެ، ހިނދުން ފަދަ ކަންތައްތައް ދެނެގަނެވެއެވެ.
(7) – މެގްނެޓިކް
ރެސޮނަންސް އިމޭޖިންގ ނުވަތަ އެމް އާރު އައި(Magnetic Resonance imaging) : މިއީ އެކްސް-ރޭ ބޭނުންކުރުމަކާއި، ނުލައި ހަށިގަނޑުން ވަރަށް ސާފު ސޫރަތައް
އުފައްދައިދޭ ޓެސްޓެކެވެ. މި ސޫރަ ނުވަތަ ފޮޓޯތައް އުފެއްދުމަށް އެކްސް-ރޭ
ގެ ބަދަލުގައި ބޭނުންކުރެވެނީ މެގްނެޓިކް ރޭޑިއޯ ވޭވް ތަކެކެވެ. ޓިއުމަރ
އަދި ސްޓްރޯކް ފަދަ ''ޑިމެންޝައާ'' މެދުވެރިކުރުވާ ކަންތައްތައް ދެނެގަތުމަށް
އެމް އާރު އައި އަކީ ބޭނުންތެރި ޓެސްޓެކެވެ. އަލްޒައިމާ
ބައްޔާއި ގުޅިގެން ސިކުނޑިއަށް އަންނަ
ބަދަލުތައް ވެސް މިޓެސްޓްގެ އެހީގައި ހޯދައިގަނެވެއެވެ.
(8) - އީ އީ ޖީ ހެދުން (Electroencephalography) : މިއީ ސިކުނޑީގައި ހިގާ ކަރަންޓްގެ މަސައްކަތް ތަޙްލީލުކޮށްގެން ސިކުނޑީގެ
މަސައްކަތް މިނެކިރާލާ ޓެކްނީކް އެކެވެ. ކަރަންޓްގެ މަސައްކަތް ހިގާނުހިގާގޮތް
ބެލެނީ ބޮލުގެ ނާށިގަނޑާއި ގުޅާލެވޭ ޚާއްޞަ އިލެކްޓްރޯޑް
ތަކެއްގެ އެހީގައެވެ. ބޮޑެތި
މީހުންނާއި، ކުޑަކުދިންނަށް ވެސް ނުރައްކަލެއް
ނެތި ތަކުރާރުކޮށް މިޓެސްޓް ހެދިދާނެ
އެވެ. ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް މިއީ ފައިދާހުރި
ޓެސްޓެކެވެ. އާންމުގޮތެއްގައި އީ އީ ޖީ ބޭނުންކުރެވެނީ ސިކުނޑިއަށް މެސެޖްތައް
ބަލައިގަތުން، ޖަޒުބާތު، ހަދާން، އަދި ބަހުރުވަ ނުވަތަ
ބަސްމޮށުންތެރިކަން ހުރިނެތްގޮތް ޓެސްޓްކުރުމަށެވެ.
ހަމަމިހެން އަލްޒައިމާ ބައްޔާއި
ގުޅިގެން ކުރިމަތިވާ ބައެއް އުދަގޫތައް ދެނެގަތުމުގައި ވެސް މިޓެސްޓްގެ އެހީ
ލިބިގަނެއެވެ.
(9) - އީ ސީ ޖީ ހެދުން (Electrocardiogram) : މިއީ
ހިތުގައި ހިންގާ ކަރަންޓްގެ މަސައްކަތް ދެނެގަނެ ރިކޯޑް ކުރުމެވެ. މިގޮތުން
ހިތުގައި ހިންގާ ކަރަންޓްގެ މަސައްކަތް ކުދިކުދި ގޮޅިޖަހާފައި ހުންނަ
ގަނޑެއްގައި، ގުދުލާފައި ހުންނަ ރޮގުތަކެއްގެ ސިފައިގައި ނުވަތަ ގްރާފެއްގެ
ސިފައިގައި ދައްކައިދެއެވެ. މިއިން ހިތާއި ބެހޭ މުހިއްމު
މައުލޫމާތު ޑޮކްޓަރަށް ލިއްބައިދެއެވެ.
މިސާލަކަށް ހިތުގެ ތެޅުމާއި، ވިންދު ޖަހާ މިންވަރު ދެނެގަނެވެއެވެ.
(10) - ނިއުރޯ
ސައިކޮލޮޖިކަލް ޓެސްޓް : ހިތުގެ ސައިޒު ބޮޑުވުން، ލޭފޮނުވުން ދަށްވުން، އަދި ކުރިން ހާރޓް އެޓޭކެއްގެ
ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެކަން މިޓެސްޓްގެ އެހީގައި ދެނެގަނެވެއެވެ.
އަލްޒައިމާ ބައްޔާއި އެއްގޮތް އަލާމާތްތައް
މެދުވެރިކުރުވާ އެހެންބަލިތައް ދިރާސާ
ކުރުމަށް މިޓެސްޓްގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެކެވެ.
މިޓެސްޓްގެ އެހީގައި އިންސާނާގެ
ސިކުނޑިއާއި، އޭނާގެ އުޅުމާއި، މިޒާޖް އަދި ސްލޫކާއި، ހުރި ގުޅުން
ދެނެގަނެވެއެވެ. މިޓެސްޓް ބޭނުންކުރެވެނީ ހަދާން ހުރުން، ވިސްނުން، ނަންނަމާއި
ބަސްބަސް ހަދާންކުރުން، އެކި ބަހުރުވަ ދެނެގަތުން ފަދަ ކަންތައްތަކުގައި
މައްސަލަ ކުރިމަތިވާގޮތް ވެއްޖެނަމަ އެވެ. އެހެންކަމުން ވިސްނުމާއި،
ޖަޒުބާތު، އަދި އުޅުމަށް ބަދަލު ގެނުވާ ހާލަތްތައް ދެނެގަނެ، ފަރުވާކުރުމުގައި
މިޓެސްޓްގެ ބޭނުން ހިފައެވެ.
ބަޔާންކުރެވުނު ފަދަ ހާލަތްތަކުގެ
ތެރޭގައި އަލްޒައިމާ ބަލި، ހާސްވެ ކަންބޮޑުވުމާއި، ހިތްހަމަ ނުޖެހުން ފަދަ
ނަފްސާނީ މައްސަލަތައް، ބައެއް ކަހަލަ ބޭސް ބޭނުންކުރުމުން ކުރިމަތިވާ
މައްސަލަތައް، ސްޓްރޯކް ޖެހުން، ޓިއުމަރު އުފެދުން ފަދަ ކަންތައްތައް
ހިމެނެއެވެ.
ބަލި ދިރާސާކުރުމަށް ހެދޭ
ޓެސްޓުތައް
ތިރީގައިވާ ކަންތައްތައް ބޭނުންކުރެވެނީ
އަދި ބަލި ދިރާސާކުރުމަށެވެ. އާންމުކޮށް ބަލި ދެނެގަތުމަށް އަދި ބޭނުމެއް
ނުކުރެއެވެ.
(1) - ޕީ އީ
ޓީ(ޕެޓް) ސްކޭން (Positron-Emission
Tomography or PET scan): މިއީ
ސިކުނޑިއާއި، ހިތް، ފުއްޕާމޭ އަދި އެހެނިހެން އެތެރެ ހަށީގެ
ގުނަވަންތައް ޓެސްޓްކުރެވޭ ''ތްރީ
ޑައިމެންޝަނަލް '' ސޫރަ އުފައްދައިދޭ ޓެކްނީކް އެކެވެ. މި ސްކޭންގެ އެހީގައި
ގުނަވަންތައް އޭގެ މަސައްކަތް އަދާކުރަމުންދާ ގޮތް ބަލާލެވެއެވެ.
ވަކިން ޚާއްޞަކޮށް ހިތުގެ ވަށައިގެންވާ ލޭހޮޅިތަކަށް ޖެހޭ ބަލިތަކާއި، އަދި
ކެންސަރު ދެނެގަތުމަށް ޕެޓް ސްކޭން ބޭނުންކުރެވެއެވެ. ޕެޓް ސްކޭންގެ
އެހީގައި ސިކުނޑީގެ ވަކި ހިސާބެއް ބަލައިގެން ހަށިގަނޑުގައި ވާގިއެރުން
ކުރިމަތިވާން އުޅެނީ ކޮންތަނެއްގައި ކަން ދެނެގަނެވެއެވެ. ހަމަމިހެން
ތުރުތުރު އަޅާ ބަލި، އަދި އަލްޒައިމާ ބަލި ފަދަ ބަލިތަކުގެ ޙާލަތު ދެނެގަނެވެއެވެ.
ހަމަމިހެން މިވައްތަރު ސްކޭންގެ އެހީގައި ދުޅަހެޔޮ މީހެއްގެ ސިކުނޑި
މަސައްކަތް ކުރަމުންދާގޮތާއި، އަލްޒައިމާ ޖެހިފައި ހުރިމީހެއްގެ
ސިކުނޑި މަސައްކަތްކުރާ ގޮތުގެ ތަފާތު ދައްކައިދެއެވެ.
(2) - ސްޕެކްޓް
ސްކޭން (Single Photon Emission
Computed Tomography(SPECT) - Scan) : މިއީ
ހިތާއި، ސިކުނޑި ފަދަ ބޮޑެތި ގުނަވަންތަކުގެ ''ތްރީ
ޑައިމެންޝަނަލް'' ސާފު ޞޫރަތައް
އުފައްދައިދޭ ޓެކްނިކް އެކެވެ. މިޓެސްޓް ހެދުމަށް ވަރަށް ކުޑަ މިންވަރެއްގެ
ރޭޑިއޯ އެކްޓިވް މާއްދާއެއް ހަށިގަނޑަށް އިންޖެކްޝަންގެ ސިފައިގައި
ފޯރުކުރެވެއެވެ. ހަށިގަނޑަށް ފޯރުކޮށްދެވުނު
ރޭޑިއޯ އެކްޓިވް މާއްދާއިން އުފައްދާ
ހަކަތަ ޚާއްޞަ ކެމެރާއަކުން ހޯދައިގަނެ، ޞޫރަތަކެއް އުފައްދައެވެ.
މިޓެސްޓްގެ އެހީގައި ސިކުނޑީގެ އެކި ހިސާބުގައި ލޭދައުރުވާގޮތް ދެނެގަނެ،
ސިކުނޑިން އަދާކުރާ ބައެއް ކަހަލަ މަސައްކަތްތައް ހުރިނެތްގޮތް
ދެނެގަނެއެވެ. މިގޮތުން އަލްޒައިމާ ބައްޔާއި
ގުޅިގެން އަންނަ ބަދަލުތައް ވެސް
މިޓެސްޓްގެ އެހީގައި ދެނެގަތުމަކީ އެކަށީގެންވާ ކަމެކެވެ.
(3) - އެމް
އާރު އެސް އައި(Magnetic Resonance
Spectroscopy Imaging) : މިއީ
ރޭޑިއޯ އެކްޓިވް މާއްދާއެއް ބޭނުން ކުރުމަކާއި ނުލައި، ސިކުނޑީގައި ބައެއް
ކަހަލަ މާއްދާތައް ހުރިނެތްގޮތް ބެލުމަށް ބޭނުންކުރެވޭ ޓެސްޓެކެވެ. ކުރިން
ބުނި އެމް އާރު އައި ހެން މިޓެސްޓް ގައި ވެސް ހަށިގަނޑުގެ ބޭނުންވާ ހިސާބެއްގެ
ސޫރަ ކުރަހައިދެއެވެ. މިޓެސްޓްގެ އެހީގައި، ސިކުނޑީގައި އުފެދޭ ޓިއުމަރު،
ސްޓްރޯކް ޖެހުން، ފިޓްޖެހުން، ހާސްވެ ކަންބޮޑުވުން، އަލްޒައިމާ ބަލި،
އަދި ސިކުނޑިއަށް ކުރިމަތިވާ އެހެން ބަލިތަކާއި ގުޅިގެން އަންނަ ބަދަލުތައް
ހޯދެއެވެ.
4- ބަލީގެ
ފަރުވާ
އަލްޒައިމާ ބައްޔަށް ދެވޭ
ފަރުވާ
އަލްޒައިމާ ބައްޔަށް
ފަރުވާއެއް ވޭތަ؟
އަދި މިހާތަނަށް މި ބައްޔަށް ފަރުވާއެއް
ހޯދިފައެއް ނުވެއެވެ. އަދި ބަލީގެ ނުރައްކާތެރިކަން ކުޑަކުރެވޭނެ
ގޮތެއްވެސް ހޯދިފައެއް ނުވެއެވެ. އަދި ބަލިން ރައްކާތެރިވެވޭނެ
ގޮތެއްވެސް ހޯދިފައެއް ނެތެވެ. ސަބަބަކީ ބަލި
ޖެހުމަށް މެދުވެރިވާ އަސްލު ސަބަބުތައް
އަދިއަދަން ދާންދެންވެސް ހޯދިފައިނުވާތީ އެވެ.
ނަމަވެސް އަލްޒައިމާ ބައްޔާއި ގުޅިގެން
ކުރިމަތިވާ ބައެއް ކަހަލަ އުދަގޫތައް ރަގަޅުކުރުމަށް ނުވަތަ
އެކަންތައްތައް ކުޑަކުރުމަށް އެހީވެދޭ ބައެއް ކަހަލަ ބޭސްތައް ހުރެއެވެ.
ބަލީގެ ކުރީކޮޅު މިފަދަ ބޭސްތައް ބޭނުންކޮށްފިނަމަ މާބޮޑު އުދަގުލެއްނެތި
ދިރިއުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަލްޒައިމާ ބައްޔާއި ގުޅިގެން
ކުރިމަތިވާ ހާސްވެކަންބޮޑުވުން، ނިދިނައުން، ފަދަ ކަންތަކަށް ދީއުޅޭ
ބޭސްތައްވެސް ހުރެއެވެ.
އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި
ނުވާތީ ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ
އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި، ހިތްވަރު
ދިނުމެވެ. މިގޮތުން އާއިލާގައި އަލްޒައިމާ ބަލީގެ އަހުލުވެރިއަކު
ހުރިނަމަ އެމީހަކަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.
ކަސްރަތު ކުރުން، ފައިދާހުރި ކާނާ
ބޭނުންކުރުން، ހިގާބިގާވެ، ހެލިފެލިވެ އުޅުން، އިޖްތިމާޢީ ކަންކަމުގައި
ބައިވެރި ހެދުން، ފަދަ ކަންތައްތަކަކީ އެހީއަކަށް ވާނެ ކަންތައްތަކެވެ.
ހަމަމިހޭން އުފާވެރި ވެއްޓެއްގައި ވަގުތު ހޭދަކޮށްލަން ލިބުމަކީވެސް އަލްޒައިމާ
ބަލީގެ އަހުލުވެރިޔާ އަށް ވަރަށް ހިތްހަމަޖެހުން ލިބިދޭނެ ކަމެއްކަން
ކަށަވަރެވެ.
އަލްޒައިމާ ބައްޔަށް ފަރުވާ
ކުރެވެނީ ކިހިނެއް؟
އަލްޒައިމާ ބަލީގެ އުދަނގޫތައް
ކުޑަކުރުމަށްދެވޭ ފަރުވާ ބަރޯސާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
ü
އުމުރު، އަދި މާޒީއާއި، މިހާރުގެ ޞިއްޙީ ޙާލަތު.
ü
ބަލިޖެހިފައިވާ މިންވަރު.
ü
ބައެއް ކަހަލަ ބޭސް، ޓެސްޓްތައް، އަދި ފަރުވާތައް
ބަލިމީހާއަށް ތަޙައްމަލު ކުރެވޭ މިންވަރު.
ü
ބަލީގެ ނުރައްކާތެރިކަން ލަފާކުރެވޭގޮތް.
ü - ބަލިމީހާ އިސްކަންދޭ ނުވަތަ އަހައްމިއްޔަތުދޭ ކަންތައްތައް.
އަލްޒައިމާ ބައްޔަށް
ފަރުވާކުރުމަށް ބޭނުންކުރެވޭ ބައެއް ބޭސްތައް
(1) –
އެރިކެޕްޓް (Aricept) : މިއީ އަލްޒައިމާ ބައްޔަށް
ފަރުވާކުރުމަށް އެންމެފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ބޭހެވެ. މިބޭހުގެ ސަބަބުން
''އަސީޓައިލް ކޮލިން"(acetylcholine) ބައިބައިވެގެން
ދިއުން ކުޑަކުރުވައެވެ. މިބުނި މާއްދާއަކީ ސިކުނޑީގެ
ސެލްތައް އެކަތި އަނެކައްޗާއި،
މުޢާމަލާތު ކުރުމުގައި އެހީތެރިވެދޭ ކެމިކަލް އެކެވެ. މިބޭހުގެ ޖެނެރިކް
ނަމަކީ ''ޑޮނެޕެޒިލް''(donepezil) އެވެ.
މިބޭސް ހަގީގީ ސިފައެއްގައި އަލްޒައިމާ
ބައްޔަށް ފަރުވާއަކަށް ނުފުދެއެވެ. އެކަމަކު ހަދާންނެތުން ފަދަ
ކަންތައްތައް ކުރިމަތިވުން ކުޑަކުރުވައެވެ.
މިބޭސް ބޭނުންކުރުމުގެ ނަތީޖާ އެންމެ
ރަގަޅުގޮތުގައި ފެންނަނީ ބަލީގެ ކުރީކޮޅުގައި ބޭސް ބޭނުންކުރެވިއްޖެ
ނަމަ އެވެ.
ބޭހުގެ ސަބަބުން ކުރިމަތިވެދާނެ
ނުރަގަޅު އަސަރުތަކުގެ ތެރޭގައި ބޭރަށް ހިންގުން، ހޮނޑުލުން، މޭނުބައިކުރުން،
ވަރުބަލިވުން، ނިދިނައުން، އަދި ހަށިގަނޑުގެ ބަރުދަން ލުއިވުން، ފަދަ
ކަންތައްތައް ހިމެނެއެވެ.
(2) –
އެކްޒެލަން އަދި ރެމިނައިލް (Exelon / reminyl) : މިބޭސްތައް ވެސް
''އަސީޓައިލް ކޮލިން''(acetylcholine) ބައިބައިވެގެން ދިއުން ކުޑަކުރުވައެވެ. މިބޭސް ބޭނުންކުރުމުގެ
ނަތީޖާ ވެސް އެންމެ ރަގަޅުގޮތުގައި ފެންނަނީ ބަލީގެ
ކުރީކޮޅުގައި ބޭސް ބޭނުންކުރެވިއްޖެ
ނަމަ އެވެ. ބޭހުގެ ސަބަބުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތައް
ކުރިން ބުނެވުނު އެރިކެޕްޓް އާއި އެއްގޮތެވެ. އެކްޒެލަން ގެ ޖެނެރިކް
ނަމަކީ ''ރިވަސްޓިގްމިން''(rivastigmine) އެވެ.
ރެމިނައިލްގެ ޖެނެރިކް ނަމަކީ
''ގަލަންޓަމިން''(galantamine) އެވެ.
2005 ވަނަ އަހަރުގެ އެޕްރީލް
މަހުގެ ތެރޭގައި ބައްޔާއި ގުޅޭ ދިރާސާއެއް ހެދުމުގެ ތެރޭގައި ރެމިނައިލް
ބޭނުންކުރަމުން ދިޔަ 13 މީހަކު މަރުވުމާއި ގުޅިގެން އެބޭސް ބޭނުންކުރުން
ހުއްޓާލެވުނެވެ. އެމީހުންތައް މަރުވެފައިވަނީ
ހާޓްއެޓޭކް ޖެހިގެންނާއި. ސްޓްރޯކް
ޖެހިގެންކަމަށް ވަނީ އެގިފައެވެ.
(3) – ނޭމެންޑާ (namenda) : މިބޭސް
ބޭނުންކުރެވެނީ އަލްޒައިމާ ބަލީގެ
އާދައިގެ ޙާލަތްތަކާއި، އަދި ނުރައްކާތެރި ޙާލަތްތަކުގައެވެ. މިބޭހުގެ
މަސައްކަތަކީ ސިކުނޑީގައި ހިމެނޭ ''ގުލޫޓަމޭޓް"
ކިޔާ ކެމިކަލް މެސެންޖަރއެއް
ރެގިއުލޭޓްކުރުމެވެ. ކަންކަމާއި، އެއްޗެތި ދަސްކޮށް ހަދާންކުރުމުގައި ދައުރެއް
ގޫޓަމޭޓް އަދާކުރެއެވެ. މިގޮތުން ސިކުނޑީގައިވާ ނާރުސެލްތަކަށް ވަކި ކަހަލަ
ކެމިކަލް އެއް ވަކި މިންވަރަކަށް ވަނަދިނުމަށްޓަކައި ގުލޫޓަމޭޓް
އަދާކުރަނީ '' ދޮރު ފާރަވެރިއެއް'' ގެ ރޯލެވެ. ގުލޫޓަމޭޓްގެ މަސައްކަތް
ނޭމެންޑާ ކޮންޓްރޯލް ކުރެއެވެ. މިބޭހުގެ ޖެނެރިކް ނަމަކީ ''މެމަންޓިން''(memantine) އެވެ.
ނޭމެންޑާ ކުރިން ބުނެވުނު ބޭސްތަކާއި
އެކު ބޭނުންކުރުމުން ލިބިދޭ ނަތީޖާ ރަގަޅު ކަމަށް ދައްކައެވެ. މިބޭސް
ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރުތަކުގެ ތެރޭގައި މާބޮޑަށް
ވަރުބަލިވުން، ކަންކަމާއި، ޚިޔާލު ތަފާތުވެ ސިކުނޑި އަރައިރުންވުން،
ބޮލުގައި ރިހުން އަދި ބޯއެބުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
(4) – ކޮގްނެކްސް (cognex): މިބޭސް
ވެސް ''އަސީޓައިލް ކޮލިން''(acetylcholine) ބައިބައިވެގެން ދިއުން ކުޑަކުރުވައެވެ. މިބޭހުގެ
ޖެނެރިކް ނަމަކީ ''ޓެކްރީން''(tacrine) އެވެ. މިބޭސް ބޭނުންކުރުމުން ކުރިމަތިވެދާނެ
ނުރަގަޅު އަސަރު ތަކުގެ ތެރޭގައި މޭނުބައިކޮށް ހޮނޑުލުން،
ބަނޑުގައި ރިހުން، ބޭރަށް ހިންގުން،
ހަޖަމުކުރަން އުދަގޫވުން، އަދި ހަންގަނޑުގައި ބިހިތަކެއް ނެގުން ފަދަ
ކަންތައްތައް ހިމެނެއެވެ.
މިބޭސް ބޭނުންކުރުމުން ފުރަމޭ އަށް
ގެއްލުން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ފުރަމޭ އަށް ގެއްލުން
ލިބޭތޯ ދެނެގަތުމަށް ޓަކައި ދޭތެރެ ދޭތެރެއިން ފުރަމޭ
މަސައްކަތްކުރާގޮތް ބެލުމަށް ޓެސްޓްތައް ހަދަން
ޖެހެއެވެ. ނަމަވެސް މިބޭހުން ކުރިމަތިވާ
ކުރިން ބުނި ނުރަގަޅު އަސަރުތަކުގެ ސަބަބުން މިބޭސް ބޭނުންކުރެވެނީ ވަރަށް
މަދުންކަން ފާހަގަ ކުރެވެއެވެ.
މިބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި
މިހާރުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރެވެމުންނެވެ.
އާބޭސްތަކާއި، އާވެކްސިނެއް އުފެއްދޭތޯ ވެސް
ދަނީ މަސައްކަތް ކުރެވެމުންނެވެ.
އެހެންކަމުން މިބައްޔަށް އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދުގައި އެތައް
ހާސްބަޔަކު މިހާރުވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.
އެޖިޓޭޝަން އަށް ފަރުވާކުރުން
އެޖިޓޭޝަން(Agitation)
ގެ މާނައަކީ ސުލޫކް އެވެ.
އެހެންގޮތަކަށް ބުނާނަމަ މީހާގެ އަމަލުތައް ހުންނަ ގޮތެވެ. އެހެންގޮތަކަށް
ބުނާނަމަ އެއީ އަލްޒައިމާ ބައްޔާއި ގުޅިގެން މީހާގެ އުޅުމާއި، ސްލޫކަށް
އަންނަ ބައެއް ކަހަލަ ބަދަލުތަކެވެ. މިސާލަކަށް ހަޅޭލެވުން، ހަރުއަޑުން
ވާހަކަ ދެއްކުން، މީހުންނާއި ދިމާލަށް ރުޅިއައިސްގެން އެއްޗެތި ގޮވުން،
ކަމަކާއި ރުޅިއައިސްގެން ޝަކުވާކުރުން، ދާނެ ދިމާލެއް ނޭގި ދެކޮޅަށް
ހިގައިހިގައި ހުރުން، ތިމާ އުޅެބޮޑުވި ހިސާބުގައި ތިމާއުޅޭ ގެއަށް ދާންނޭގި
ގެއްލިގެން އުޅުން، ހާސްވެ ކަންބޮޑުވުން، އަސްލެއް ނެތި މީހަކާއި މެދު
ޝައްކުކޮށް އެމީހަކު ދެކެ ބިރުގަނެގެން އުޅުން، ވުޖޫދުނުވާ ތަކެތި
ފެނުން، ވުޖޫދު ނުވާ އަޑުއަޑު އިވުން، އަދި މިނޫނަސް ތަފާތު ކަންތައްތައް
ހިމެނެއެވެ.
މިކަންތައްތަކުގެ ސަބަބުން ދިރިއުޅުމުގައި
އުދަގޫތަކާއި، ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު
އެއްކޮށްއުޅޭމީހުންނަށް ވެސް ބަލިމީހާގެ ކިބައިން
ފެންނަ މިފަދަ އާދަތަކުގެ ސަބަބުން
ކޮންމެވެސް މިންވަރެއްގެ ހިތްހަމަނުޖެހުމެއް ގެނެސްދެއެވެ.
މާބޮޑަށް ބިރުގަތުން، މާބޮޑަށް
ވަރުބަލިވުން، އުޅޭ ވެއްޓަށް ބަދަލުއައުން، އިންފެކްޝަން އަށް
ހުށަހެޅުން، އަދި އެހެން ބައެއް ޞިއްޙީ މައްސަލަތަކުގެ ސަބަބުން ވެސް
ބަލިމީހާގެ ސްލޫކަށް އަންނަ މިކަހަލަ ބަދަލުތައް އިތުރުކޮށް، އޭގެ ޙާލަތު
ނުރައްކާތެރި ކުރުވައެވެ.
އެޖިޓޭޝަން އަށް ފަރުވާކުރުމަށް
ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.
(ހ) - އެންޓިސައިކޯޓިކްސް:(antipsychotics) މިއީ ކަމަކާމެދު ގޮތެއް ކަނޑައަޅަން ނޭގި އަރައިރުންވުން، އަދި
އަސްލެއް ނެތި މީހަކު ދެކެ ބިރުގަނެގެން އުޅުން ފަދަ ކަންކަމަށް ފަރުވާ
ކުރުމަށް ބޭނުންކުރެވޭ ބޭސްތަކަކަށް ކިޔާނަމެކެވެ.
މިބޭސްތަކުގެ ސަބަބުން ތާއްޔަށް ޖެހުން،
އަދި އާދަޔާ ޚިލާފް ހަރަކާތްތައް ކުރެވުން ފަދަ ނުރަގަޅު އަސަރު ތައް
މެދުވެރިވެދާނެ އެވެ.
(ށ) - އެންޓިޑިޕްރެސެންޓްLantidepressants)
މިއީ ހާސްވެ
ކަންބޮޑުވުން ފަދަ ޙާލަތްތަކަށް ފަރުވާކުރުމަށް ދީއުޅޭ ބޭހެކެވެ. މިބޭސް ބޭނުންކުރުމުން
ކުރިމަތިވެދާނެ ނުރަގަޅު އަސަރުތަކުގެ ތެރޭގައި
ތާއްޔަށް ޖެހުން، ހިތްހަމަ ނުޖެހުން،
އަނގަތެރެ ހިކުން، އަދި ބަނޑުހިކުން ފަދަ މައްސަލަތައް ހިމެނެއެވެ.
(ނ) - އެންޓި
އެންޒައެޓީ ޑްރަގްސް:(anti-anxiety
drugs) މިބޭސްތަކުގެ ސަބަބުން ތާއްޔަށް
ޖެހުން މެދުވެރިކުރުމަކީ ގާތްކަމެކެވެ.
އަލްޒައިމާ ބައްޔާއި ގުޅޭ
ދިރާސާތައް
މިބައްޔަށް ފަރުވާއެއް ހޯދުމަށާއި،
ބައްޔާއި ގުޅޭ އެހެންކަންކަން ދެނެގަތުމަށް ކުރިން ބުނިހެން
މިހާރުވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. ބޭހެއް އާންމުންނާއި ހަމައަށް އައުމުގެ
ކުރިން އެބޭހަކުން ވާނެ ފައިދާއާއި، ގެއްލުން ބަލަން ޖެހެއެވެ. އަދި ބޭސް
ދިގުމުއްދަތަކަށް ބޭނުންކޮށްފިނަމަ ލިބިދާނެ ގެއްލުންވެސް ދެނެގަންނަށް
ޖެހެއެވެ.
އަލްޒައިމާ ބައްޔާއި ގުޅޭ ދިރާސާތައް
ވަރަށްގިނަ ފަރާތްތަކުން ދަނީ ހަދަމުންނެވެ. މިގޮތުން ބޭސް އުފައްދާ
ކުނފުނިތަކާއި، ބޮޑެތި ޔުނިވަސިޓީތަކާއި، ހޮސްޕިޓަލްތައް، އަދި ޞިއްޙީ
ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދައިފައި ހުންނަ ޖަމްޢިއްޔާ ތަކުން
ދަނީ ދިރާސާތައް ކުރަމުންނެވެ.
މިދިރާސާތަކުގައި ބެލެމުންދަނީ ބައްޔާއި
ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމާއި، ބަލީގެ އުދަގޫތައް
ކުޑަކުރެވިދާނެ ގޮތާއި، އަދި ބަލިން ރައްކާތެރިވެ، ބައްޔަށް ފުރިހަމަ
ސިފައެއްގައި ފަރުވާ ކުރެވޭނެ ގޮތެއް އޮތްތޯ އެވެ.
ހެދެމުންދާ ބައެއް ދިރާސާތަކުގައި
ބެލެމުންދަނީ ބައްޔަށް މަގުފަހިކުރާ ކަންތައްތައް އިތުރަށް ހޯދައި
ދެނެގަތުމަށެވެ. އަދި އެކަންތައްތަކުގެ ސަބަބުން ބަލިމެދުވެރިވަނީ ކިހެނެއްތޯ
ބެލުމަށެވެ. ހަމަމިހެން ބައްޔަށް ހުށަހެޅުން ކުޑަކުރެވިދާނެ
ކަންތައްތަކަކީ ވެސް ކޮބައިތޯ ދަނީ ދިރާސާ ކުރެވެމުންނެވެ. މިކަންތައްތައް ދިރާސާ
ކުރުމުގެ ބޭނުމަކީ ބަލީގެ ވާނުވާ ފުރިހަމައަށް ދެނެގަތުމެވެ. އެއީ ބަލި
މެދުވެރިވާގޮތް ނޭގި، ބައްޔަށް ފަރުވާއެއް ހޯދުމަކީ އުދަގޫކަމަކަށް
ވާނެތީ އެވެ.
މިހާރު ހެދެމުންދާ
ދިރާސާތަކަކީ ކޮބާ؟
(1) - އަލްޒައިމާ ބައްޔާއި، ވާރުތަވުން: އަލްޒައިމާ ބައްޔާއި، ބަލި
ވާރުތަވުމާއި ހުރިގުޅުން އިތުރަށް ބެލުމަށް ދަނީ ދިރާސާ ކުރެވެމުންނެވެ.
މިދިރާސާގެ ބޭނުމަކީ:-
ü
އާއިލާގައި ބަލިޖެހިފައި ތިބި މީހުންގެ މައުލޫމާތު
އެއްކުރުމާއި، ބައްޔަށް ބާރުފޯރުވާ ނަފްސާނީ އަދި އިޖްތިމާޢީ
ކަންތައްތަކަކީ ކޮބައިތޯ ބަލައި ދެނެގަތުން.
ü
ބަލިމީހުން، އާއިލާގެ އެހެން މެންބަރުން އަދި
ވޮލަންޓިއަރުންގެ ލޭގެ އަދި ޓިޝޫގެ ސާމްޕަލް ނެގުން: މިމައުލޫމާތުތައް އެއްކޮށް
ދިރާސާކުރުމުން ބައްޔަށް ފަސޭހައިން ހުށަހެޅެނީ ވަކި ކަހަލަ
މުޖުތަމައެއްގައި އުޅޭ ބަޔެއްތޯ ދެނެގަނެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތައް
އުއްމީދު ކުރެއެވެ.
(2) - އަލްޒައިމާ ބަލިޖެހިފައި ތިބިމީހުންނާއި،
އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ނިއުރޯ ޓްރާންސްމިޓަރު
ރިސެޕްޓަރު ހުރިމިންވަރު ބެލުން: ނިއުރޯ ޓްރާންސްމިޓަރަކީ ނާރު
ސެލްތަކުގެ މެދުގައި މުއާމަލާތް ކުރުމުގައި ޒިންމާވާ
ކެމިކަލްތަކެކެވެ. އެހެންގޮތަކަށް
ބުނާނަމަ ސިކުނޑިން ނާރުތަކުގެ އެހީގައި ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޮނުވާ
މެސެޖްތަކާއި، ސިގްނަލްތައް އުފުލައިދޭ ކެމިކަލްތަކެކެކެވެ.
އަލްޒައިމާ ބަލި ޖެހިފައިތިބޭ މީހުންގެ ސިކުނޑީގައި އަސީޓައިލް ކޮލިން އޭ ކިޔޭ
ނިއުރޯ ޓްރާންސްމިޓަރ މަދުކަންވަނީ ފާހަގަކުރެވިފައެވެ. ބަލިޖެހިފައިތިބޭ
މީހުންގެ ހަށިގަނޑުގައި މިކެމިކަލްތައް މަސައްކަތްކުރާގޮތް އަޅާކިޔައިގެން، ބަލި
މެދުވެރިވަނީ ކިހިނެއްކަން ދެނެގަނެވުމަކީ އެކަށީގެންވާ ކަމެކެވެ.
(3) – ނެފިރަސިޓަމް: މިއީ މިހާރު އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް
ޓެސްޓް ކުރެވެމުންދާ ބޭހެކެވެ. މިހާރު ބެލެމުންދަނީ މިބޭސް ބޭނުންކުރުމުން
އަލްޒައިމާ ބަލީގެ ސަބަބުން ކުރިމަތިވާ ހަދާން ނެތުން، ވިސްނުންކޮށިވުން، ފަދަ
ކަންތައްތަކަށް ޙައްލެއް ނުވަތަ ކުރިއެރުމެއް ލިބޭތޯ އެވެ.
(4) - އެމްޕްލެކްސް: މިއީވެސް މިހާރު އަލްޒައިމާ
ބައްޔަށް ފަރުވާކުރުމަށް ޓެސްޓް ކުރެވެމުންދާ ބޭހެކެވެ. ފަހުގެ ދިރާސާއަކުން
ދައްކާފައިވާ ގޮތުގައި މިބޭސް ބޭނުންކުރުމުން ހަދާންނެތުމުގެ މައްސަލައަށް
ކޮންމެވެސް ވަރެއްގެ ޙައްލެއް ލިއްބައިދެއެވެ.
(5) - މިލަޓޮނިން
ހޯރމޯންގެ ދިރާސާ:
މިއީ އަލްޒައިމާ ބައްޔާއި
ގުޅިގެން ނިދުމަށް ކުރިމަތިވާ މައްސަލަތަކަށް
ޙައްލެއް ހޯދުމަށް ނުވަތަ ލުއިކުރުމަށް
މިލަޓޮނިން ހޯރމޯން ގެ ބޭނުން ހިފިދާނެތޯ ބެލުމަށް ކުރެވޭ ދިރާސާ
އެކެވެ.
(6) - އަލްޒައިމާ
ބަލިން ރައްކާތެރިވެވޭނެގޮތެއް ހޯދުން: ބަލިން ރައްކާތެރިވެވޭނެ ގޮތެއް
އޮތްތޯވެސް ދަނީ ބެލެމުންނެވެ. މިގޮތުން
ބެލެމުންދަނީ އެސްޓްރޯޖެން ހޯރމޯން
ބޭނުންކޮށްގެން އަލްޒައިމާ ބައްޔާއި ގުޅިގެން ހަދާން ނެތުމުގެ މައްސަލަ
ކުރިމަތިވުން ލަސްކުރެވިދާނެތޯ ނުވަތަ ނޫންތޯ އެވެ.
(7) - ބީ-އަމައިލޮއިޑް ވެކްސިން: އާދަޔާ ޚިލާފަށް ގިނަ ނުރަގަޅު
އަސަރުތައް ވެކްސިންގެ ސަބަބުން ކުރިމަތިވާކަން ފާހަގަ ވުމުން މި
ވެކްސިން ޓެސްޓްކުރުންވަނީ ވަގުތީގޮތުން ހުއްޓާލެވިފައެވެ.
5- ބައްޔާއިއެކު
ދިރިއުޅެން އެނގުން
އަލްޒައިމާ ބަލި ޖެހުމުން
ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލުން
އަހެރެމެންނަށް އަރިދަފުސް ރޯގާ ފަދަ
ބައްޔެއް ޖެހުމުން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ރަގަޅުވާނެކަން
އެގެއެވެ. އެކަމަކު އަލްޒައިމާ ބަލި މިއާމުޅިން ތަފާތެވެ. މުޅިން ރަގަޅުނުވާ
މިބަލީގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމަށް ހީނުކުރާ ފަދަ ބޮޑެތި
ބަދަލުތައް ގެނުވައެވެ.
ދިގުމުއްދަތަކަށް ބަލީގައި
އުޅެން ޖެހުމުން ކުރިމަތިވެދާނެ ކަންތައްތައް
އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް
އާންމުގޮތެއްގައި އާދަޔާ ޚިލާފަށް ވަރުބަލިކަން މެދުވެރިވެއެވެ.
ނަތީޖާއެއްގެ ގޮތުން ކުރިން އަމިއްލައަށް ކުރަމުންއައި ކަންތައްތައް ކުރަން
ނުކުޅެދޭގޮތް ވެއެވެ. ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކުގެ ސަބަބުން، މީހާގެ
އުޅުމާއި، ފެންނަ ފެނުމަށް ބަދަލު އައިސް، އަމިއްލަ ނަފްސަށް އޮންނަ
އިތުބާރު ކުޑަވެ، ދިރިއުޅުމާއި މެދު މާޔޫސްވެވޭގޮތް ވެއެވެ.
ތިމާގެ އަމިއްލަ ނަފްސު ރަގަޅުނޫންކަން
އިހްސާސްވާން ފެށުމުން އެހެންމީހުންނާއި، ވަކިން އެކަނި ވަގުތުތައް ހޭދަކުރަން
ބޭނުންވެއެވެ. އާއިލީ އަދި އިޖްތިމާޢީ އެއްވުންތަކުން އެއްކިބާވެ، އެކަހެރިގޮތުގައި ވަގުތުތައް
ހޭދަކުރެވެން ފަށައެވެ. ކުރިންވެސް ބަޔާން ކުރެވިފައިވާ
ފަދައިން ކުއްލި ކުއްލިއަށް މިޒާޖަށް
ބަދަލު އައުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. މިސާލަކަށް ކުއްލިއަކަށް
ރުޅިއައިސްފައި އޭގެ އިރުކޮޅެއް ފަހުން އުފާވެ، ހަމަޖެހިފައި ހުރެދާނެ އެވެ.
ނޫނީ ހާސްވެ ކަންބޮޑުވެފައި ހުރެދާނެ އެވެ. ހިތްހަމަ ނުޖެހުމާއި،
އެކަހެރިކަން، އަދި ކަންކަމާއި، ޚިޔާލުތަފާތުވެ، މީހުންނާއި، މެދު ހިތް
ޝައްކުވެފައި ހުރެވުމަކީ ވަރަށް އާންމު ކަންތައްތަކެވެ.
ބަލިޖެހުމުން ތިމާގެ ބައިވެރިޔާ،
އާއިލީމީހުން، އަދި ޞިއްޙީ ލަފާދޭ މީހުންގެ އެހީ ވަރަށްބޮޑަށް
ބޭނުންވެއެވެ. ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ކުރިމަތިވާ ހިތްހަމަ
ނުޖެހުން ކުޑަކުރުމަށް އެކުގައިއުޅޭ މީހުންގެ އެހީއާއި، އެއްބާރުލުމަކީ
ވަރަށް މުހިއްމު އެއްޗެކެވެ.
ދިރިއުޅުމުގައި ދިމާވާ
ފިއްތުންތަކުގެ ސަބަބުން އަލްޒައިމާ ބައްޔަށް އަސަރު ކުރަނީ ކިހިނެއް؟
ދިރިއުޅުމުގައި ދިމާވާ ތަފާތު
ފިއްތުންތައް(stress) އިތުރުވުމަކީ ދިރިއުޅުމުގައި
ދިމާވާ ކަންތައްތަކަށް އެކަމުގެ އަސަރު ފޯރާނެ ކަމެކެވެ. ދިގުމުއްދަތަކަށް
ފިއްތުންތަކެއްގެ ތެރޭގައި އުޅެން ޖެހިއްޖެނަމަ ނުތަނަވަސްކަމާއި،
ހިތްހަމަ ނުޖެހުން، ނާއުއްމީދާއި، ހާސްވެ، ކަންބޮޑުވުން ފަދަ ކަންތައްތައް
މެދުވެރިކުރުވައެވެ. މިބުނި ހުރިހާ ކަންތައްތަކެއްގެ އާޚިރު ނަތީޖާއަކަށް
ވެގެންދަނީ އަލްޒައިމާ ބަލީގެ ޙާލަތު އިތުރަށް ނުރައްކާވެގެން ދިއުމެވެ.
ބަލީގެ އުދަގޫތައް ފޯރަނީ ހަމައެކަނި ބަލިޖެހިފައިވާ މީހާކާއަށް
އެކަންޏެއްނޫނެވެ. އަދިކިއެއްތަ، އޭގެ އުދަގޫ
އޭނާގެ އާއިލާގެ މެންބަރުންނާއި،
އެކީގައި އުޅޭ މީހުންނަށް ވެސް ފޯރައެވެ.
އަލްޒައިމާ ބަލި ޖެހުމުން
ދިރިއުޅުން ހަމައަކަށް އެޅުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
(ހ) - ވީވަރަކުން ބައްޔާއި ބެހޭ
މައުލޫމާތު ހޯދައި އެއްކުރާށެވެ. އާއިލާގެ މެންބަރުންނާއި، ތިމާގެމީހުން އަދި
ރައްޓަހިންނާއި، ބައްޔާއި ގުޅޭގޮތުން ވާހަކަ ދައްކާށެވެ. އެހެން މީހުންނާއި
އެކަހެރި ނުވާށެވެ. އެހެނީ އެހެން މީހުންގެ އެހީތެރިކަމަކީ ވަރަށް
ބޭނުންތެރި އެއްޗެކެވެ.
(ށ) - ކުރަން ބޭނުންވާ ކުރާހިތްވާ
ކަންތައްތައް ކުރާށެވެ. މިސާލަކަށް ޓީވީ ބަލާހިތްވުމުން އެބަލާހިތްވި،
ޕްރޮގްރާމެއް ބަލާލާށެވެ. ނުވަތަ ވާހަކަ ފޮތެއް މަޖައްލާއެއް ފަދަ އެއްޗެއް
ކިޔަން ބޭނުންވުމުން ކިޔާލާށެވެ.
(ނ) - ޑޮކްޓަރުންނާއި، ނަރުހުން
އަދި އެހެނިހެން ޞިއްޙީ ލަފާދޭ މީހުންގެ ކައިރީގައި ބޭނުންވާ ސުވާލެއް އަހަން
ފަސްނުޖެހޭށެވެ. އެމީހުންނަކީ އަބަދުވެސް ތިބާގެ ޚިދުމަތުގެ ތިބި
ބައެއް ކަމުގައި ދެކޭށެވެ.
(ރ) - އަލްޒައިމާ ބައްޔަށް އެހީ
ލިބޭނެ ވަޞީލަތެއް މުޖުތަމައުގައި ވާނަމަ އެވަޞީލަތެއްގެ ބޭނުން ހިފާށެވެ.
މިސާލަކަށް ކައުންސިލިންގ ދޭ ފަރާތްތައް، ނުވަތަ ބައްޔާއި ބެހޭ މައުލޫމާތުދޭ
ފަރާތްތަކާއި ބައްދަލުކޮށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދިދާނެއެވެ.
(ބ) - ސްޓްރެސް އާއި އެކު އުޅެން
ދަސްކުރާށެވެ. އަދި ސްޓްރެސް ވީވަރަކުން ކުޑަކުރެވޭތޯ ބަލާށެވެ. ދުވާލުގެ
ވަގުތުތައް ސްޓްރެސް ކުޑަކުރުމަށްޓަކައި ވަކިގޮތަކަށް ރާވާލައިގެން އެގޮތުގެ
މަތީން ކަންތައްތައް ކޮށް ނިންމިދާނެއެވެ. ސްޓްރެސް އަކީ ބަލީގެ
ނުރައްކާތެރިކަމާއި، ޙާލަތު އިތުރަށް ގޯސްކުރުވާ ކަމެކެވެ.
އަލްޒައިމާ ބައްޔާއެކު ވެސް
އާދައިގެ ދިރިއުޅުމެއް ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތައް
އަލްޒައިމާ ބައްޔާއި އެކު ދިރިއުޅެން
ޖެހުމަކީ ހަޔާތުގައި ދިމާވާ ގޮންޖެހުމެކެވެ. އެހެން ކަމުން
އަލްޒައިމާ ބަލި ޖެހިފައިވާ ނަމަވެސް ތިމާއާއި، އާއިލާގެ މެންބަރުން އަދި
ރައްޓަހިންގެ އެހީތެރިކަމާއި، އެއްބާރު ލުމާއި، އެކު އުފާވެރި ހިތްހަމަޖެހޭ
ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. މިގޮތުން ތިރީގައި މިވާ ކަންތައްތަކުން
އެހީ ލިބިގަނެވިދާނެ އެވެ.
ހަދާން ބަލިވުމުގެ މައްސަލަ
ކުރިމަތިވެފައިވާނަމަ ޢަމަލުކުރާނީ ކިހިނެއް؟
(ހ) - އަބަދުވެސް ނޯޓްފޮތެއް
ގެންގުޅޭށެވެ. އެއީ ނަމާއި، އެޑްރެސް، ފޯން
ނަންބަރު، އަދި އެޕޮއިންޓްމަންޓް ތައް،
ތިމާއަށް ކުރެވޭ ޚިޔާލުތަކާއި، އެހެނިހެން މުހިއްމު މައުލޫމާތުތައް،
ބޭނުންވުމުން ނޯޓް ކުރުމަށްޓަކައެވެ.
(ށ) - ގެޔާއި، ގޯތިތެރޭގައި
ހުންނަ މުހިއްމު ތަކެތީގައި ނަންޖަހައި ލޭބަލް
ހަރުކޮށްފައި ބަހައްޓާށެވެ. އޭރުން އެއީ
ކޮންއެއްޗެއްކަން ދެނެގަންނަށް ފަސޭހަވާނެއެވެ.
(ނ) - ގޭތެރެ، ބަދިގެ ފަދަ
ތަންތާގައި ހުރި އަލަމާރި، ހަރުގަނޑު، ކަބަޑް
ފަދަ ތަކެތީގެ އެތެރޭގައި ހުރީ
ކޮންއެއްޗެއްކަން އެގޭނެހެން ބޭރުގައި ލިޔެފައި ބަހައްޓާށެވެ.
(ރ) - މުހިއްމު ފޯނު ނަންބަރުތައް
ބޮޑުއަކުރުން ލިޔެ، ފޯނު ކައިރީގައި ފާރުގައި ނުވަތަ ބިތެއްގައި ހަރުކޮށްފައި
ބަހައްޓާށެވެ.
(ބ) - އެދުވަހަކު ކުރަންޖެހޭ ކަންތައްތަކާއި،
ކުރަންޖެހޭ ވަގުތު، ހަދާންކޮށްދިނުމަށް ރައްޓައްސެއް ނުވަތަ އާއިލާގެ
މެންބަރެއްގެ ކިބައިން އެދޭށެވެ. ކާގަޑި، ބޭސް ކާންޖެހޭ ވަގުތު، އަދި
އެޕޮއިންޓްމަންޓެއް އޮތްނަމަ އޭގެ ވަގުތާއި އޮތްކަން
ހަދާންކޮށްދިނުމަށް ބުނެވިދާނެ އެވެ.
(ޅ) - މުހިއްމު ތާރީޚްތަކާއި،
ދުވަސްތައް ހަދާންކުރުމަށް އަކުރު ބޮޑުކޮށް
ހަދައިފައި ހުންނަ ކަލަންޑަރެއް
ބޭނުންކުރާށެވެ. އަދި އެފަދަ ދުވަސްތައް މާކަރެއް ފަދަ އެއްޗަކުން ބޮޅުއަޅައި
ފާހަގަކޮށްފައި ބަހައްޓާށެވެ.
އެދުވަހަކު ކުރަންޖެހޭ
ކަންތައްތައް ރާވާލާނީ ކިހިނެއް؟
(ހ) - ކުރާހިތްވާ ކުރަންބޭނުންވާ
ކަންތައްތައް ބަލާށެވެ. އަދި އެއީ ތިމާކުރުން ރައްކާތެރި، ތިމާއަށް
ކުރެވިދާނެ ކަމެއްތޯ ބެލުމަށްފަހު އެކަމެއް ކުރާށެވެ.
(ށ) - ކަންތައްތައް ފަސޭހައިން
ރަގަޅަށް ކުރެވޭނީ ތިމާގެ ނަފްސު އެކަމަށް ތައްޔާރުވެއްޖެ ކަމަށް
ޔަގީންވުމުންނެވެ. މާނައަކީ ތިމާހުރީ އެފަދަ
ކަމެއްކުރެވިދާނެ ފަދަ ގޮތެއްގައިކަން
އަމިއްލައަށް އިހްސާސްވުމުންނެވެ.
(ނ) - ހަމަޖެހިގެން ކަންތައްތައް
ކުރެވޭތޯ ބަލާށެވެ. މާއަވަސް އަރުވާލައިގެން ކުރަން ބޭނުންވާ
ކަންތައްތައް ކޮށް ނިންމަން ނޫޅޭށެވެ. އަދި
އެހެންމީހަކު ތިމާކުރާ ކަންތައްތައް އަވަސްކުރަން
އުޅުނަ ނުދޭށެވެ.
(ރ) - ކަމެއް ކުރަން ފެށުމަށްފަހު
އެކަމެއް މާއުދަގޫވެ، ކުރިއަށް ނުދާގޮތް ވެއްޖެނަމަ އެކަމެއް ހުއްޓާލުމަށް ފަހު
އެކަށޭނަ ވަރަކަށް އަރާމްކޮށްލާށެވެ.
(ބ) - ކުރަން ބޭނުންވާ ކަމެއްގައި
އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ މީހެއްގެ ކިބައިން އެހީއަށް
އެދޭށެވެ.
އަމިއްލައަށް ގެއްލުނަ
ނުދިނުމަށް ހަދާނީ ކިހިނެއް؟
(ހ) – ބޭރަށް ނިކުމެލަން
މިސާލަކަށް ހިގާލަން، ވިޔަފާރިކޮށްލަން ދާން ބޭނުންނަމަ
ކޮންމެވެސް މީހެއްގެ ކިބައިން ތިބާއާއި،
އެކުގައި ދިއުމަށް އެދޭށެވެ.
(ށ) - ދާން ބޭނުންވާ ތަނެއް
ހަދާން ނެތިއްޖެނަމަ އެކުގައި ދާމީހާގެ އެހީހޯދާށެވެ. އަދި ހަދާން ބަލިވުމުގެ
މައްސަލަ ހުރުމުން ހަދާންނެތެނީ ކަމުގައި ބުނެ ކިޔައިދޭށެވެ.
(ނ) - އެކަނި ދާނަމަ އަތުގައި
ތިމާގެ ނަމާއި، އެޑްރެސް، އާއިލާ މީހުންގެ ފޯނު ނަންބަރު ލިޔެފައި އޮންނަ އެއްޗެއް
ގަނޑިއެއް ނުވަތަ އުޅާއެއްގެ ސިފައިގައި އޮންނަ އެއްޗެއްހެން
އަޅާފައި ބާއްވާށެވެ. އޭރުން ގެއްލިގެން އުޅުނަސް މީހެއްގެ އެހީގައި ތިމާގެ
އަހުލުވެރިންނާއި ހަމައަށް ވާޞިލްވެވިދާނެއެވެ.
މީހުންނާއި މުޚާޠަބުކުރާނީ
ކިހިނެއް؟
(ހ) - އަބަދުވެސް ލަސްލަހުން
އިހްތިރާމާއި އެކު ވާހަކަ ދައްކަން އާދަކުރާށެވެ. މާ އަވަހަށް ވާހަކަ
ދެއްކުމަކީ ނަގައިގަންނަށް އުދަގޫވާނެ ކަމެކެވެ.
(ށ) - މުޚާޠަބުކުރާމީހާ ވާހަކަ
ދައްކާނީ މާމަޑުން ނުވަތަ އަވަސްކޮށް ކަމުގައި ވާނަމަ ލަސްލަހުން، އަޑުއިވޭ
ވަރަށް ވާހަކަ ދެއްކުމަށް ބުނާށެވެ. އެމީހާ ބުނިއެއްޗެއް ނޭގުނުނަމަ އަލުން
ތަކުރާރު ކުރުމަށް އެދޭށެވެ.
(ނ) - މާއަޑުގަދަ މާހައުލެއްގައި
ވާހަކަ ދައްކަން ނުތިބޭށެވެ. އޭގެ ބަދަލުގައި ސާފުވައި ލިބޭ، ހަމަ ހިމޭން
ޖައްވެއް އިޚްތިޔާރު ކުރެވިދާނެ އެވެ.
އަލްޒައިމާ ބައްޔާ، ކާނާ އަދި
ކެއުން
ހަށިގަނޑަށް ފައިދާހުރި ހަމަހަމަ ކެއުމެއް
(ކާނާގެ ހުރިހާ ބާވަތެއް ލިއްބައިދޭ) އިޚްތިޔާރު ކުރުމަކީ
ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ރަގަޅު
ކާނާއަކީ ހަށިގަނޑުގައި ބާރުޖެއްސުމާއި، ހަށިގަނޑު ފުރިހަމަ ގޮތެއްގައި
މަސައްކަތްކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.
ސަމާލުކަން ދޭންޖެހޭ އަސާސީ
ބައެއް ކަންތައްތައް
ü
ތަފާތު ބާވަތްތަކުގެ ކާނާ ކެއުމުގައި ހިމަނާށެވެ.
ü
ފައިދާހުރި ކާނާ، އަދި ކަސްރަތުގެ އެހީގައި ހަށިގަނޑުގެ
ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓޭތޯ ބަލާށެވެ.
ü
ކޮލެސްޓެރޯލް މަދުން ހިމެނޭ ކާނާގެ ބާވަތްތައް އިޚްތިޔާރު
ކުރާށެވެ.
ü
ހަކުރު އެކުލެވޭ ފޮނިކާނާގެ ބާވަތްތައް ބޭނުންކުރުން ވަކި
މިންވަރެއްގައި ހިފަހައްޓާށެވެ.
ü
ލޮނު އެކުލެވޭ ކާނާ މެދުމިންވަރެއްގައި ބެހެއްޓޭތޯ
ބަލާށެވެ.
ü
ދުވާލަކު 8 ތަށީގެ ފެން ނުވަތަ ދިޔާތަކެތި ބޯން
އާދަކުރާށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި ބާވަތްތަކެވެ.
ü
ކޮފީ، ކަޅުސައި ފަދަ ކެފޭއިން އެކުލެވޭ
ބުއިންތަކާއި ދުރުހެލިވާށެވެ.
ü
ބޭނުންކުރެވޭ އެއްވެސް ކާނާއެއްގެ ސަބަބުން ކަމުންގެންދާ
ބޭހަށް އެއްވެސް އަސަރެއް ކޮށްދާނެތޯ ޑޮކްޓަރާއި މަޝްވަރާކޮށްގެން
ބަލައި ސާފުކުރާށެވެ.
ބަނޑު ހިކުމުން ރައްކާތެރިވުން
ü
ފައިބަރު މަތީ އަދަދަކަށް އެކުލެވޭ ކާނާގެ ބާވަތްތައް
ބޭނުންކުރާށެވެ. މިގޮތުން މޭވާ ތަރުކާރީ ޚިޔާރު ކުރެވިދާނެއެވެ. މޭވާތަރުކާރީގައި ފައިބަރުގައި
ބައި ބޮޑަށް ހުންނަނީ އޭގެ ތޮށީގައެވެ.
ü
ދުވާލަކު މަދުވެގެން 8 ތަށި ފެން ނުވަތަ ދިޔާތަކެތި
ބޯށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި
ބާވަތްތަކެވެ. ފެނާއި، ފައިބަރު އަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދޭ
މާއްދާތަކެކެވެ.
ü
އެކަށޭނަ ވަރަކަށް ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރާށެވެ.
މިގޮތުން ކޮންމެ ދުވާލަކު 20 މިނިޓްވަރު ހިގާލުން، ނުވަތަ ގޭގައި ކުރެވޭ
ކަހަލަ އާދައިގެ ލުއި ކަސްރަތެއް ކޮށްލެވިދާނެ އެވެ.
ü
ބޮޑުކަމުދާން ޖެހުމުން ނުގޮސް ނުހުންނާށެވެ. ބޮޑުކަމުދާން
ޖެހިފައި ހުރިނަމަ ނުގޮސް ހިފަހައްޓައިގެން ހުރުމަކީ އެއްގޮތަކަށް
ވެސް ރަގަޅު ގޮތެއް ނޫނެވެ.
ü
ކޮންމެހެން ބޭނުން ޖެހިއްޖެނަމަ ހަރުވެފައި ހުރި ބޮޑުކަމުދާތަކެތި މަޑުކޮށްދޭނޭ
މާއްދާއެއް ނުވަތަ ''ލެކްޒޭޓިވް'' އެއް ނެގިދާނެ އެވެ.
ނަމަވެސް ޑޮކްޓަރެއްގެ އިރުޝާދު ނެތި 2
ހަފްތާއަށްވުރެ ގިނަދުވަހު މިގޮތަށް ބޮޑުކަމުދިއުމަށް ބޭސް ބޭނުންކުރުމަކީ
ރަގަޅު ކަމެއް ނޫނެވެ.
ކެއުން
ü
ކާން ތައްޔާރުވުމުން އެހެން ކަންކަން ކުރަން ނޫޅޭށެވެ.
އެންމެ އެދެވިގެންވަނީ ކާތަކެއްޗަށް އިންސާފު ކުރަން ފެއްޓުމެވެ.
ü
ކާމޭޒު ދޮށަށް ދިއުމަށްފަހު ކާން ހެދިފައި ހުރި ތަކެއްޗަށް
ސަމާލުކަން ދޭށެވެ. އެހެންކަންކަމާއި، ތަކެއްޗާއި މެދު ވިސްނުން
ދޫކޮށްލާށެވެ. މިސާލަކަށް ކާއިރު، ލަވަ އަޑުއެހުން، ޓީވީ ބެލުން ފަދަ ކަންތަކާއި، ދުރުހެލި
ވެވިދާނެ އެވެ.
ü
ލަސްލަހުން ކާށެވެ. މާއަވަސް އަވަހަށް ކެއުމަކީ ރަގަޅު
ކަމެއް ނޫނެވެ.
ü
ހަރު އޮއްޓަރު ހުރި ތަކެތި ކާން ތައްޔާރުކޮށްފައި ހުރިނަމަ
ކުދިކުދި އެތިކޮޅަށް ބައިކުރާށެވެ. އެއަށްފަހު މަޑުމަޑުން ހަފަމުން
ކާށެވެ. ނުހަފައި ދިރުވުމަކީ ރަގަޅުގޮތެއް ނޫނެވެ.
ü
މާގިނައިން އެއްފަހަރާ އަގަޔަށް ނުލާށެވެ. އަނގަޔަށް
ލާންވާނީ ކެވޭވަރު ބަލައިގެންނެވެ. މިސާލަކަށް ސަމުސަލެއް ނުވަތަ
ބައިސަމުސާވަރު ރަގަޅުވާނެއެވެ.
އަނގަތެރެ ހިކޭނަމަ ހަދާނީ
ކިހިނެއް؟
އުމުރުން ދުވަސްވާވަރަކަށް ކަރުހިއްކުން
އިހްސާސް ވާލެއް ކުޑަވަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަތެރެ
ހިކިފައި ގިނައިރު ތަކެއްގައި ހުންނަ ގޮތްވެއެވެ. ބައެއް ކަހަލަ
ބޭސްތަކުގެ ސަބަބުން ވެސް އަނގަތެރެ ހިކުން މެދުވެރި ކުރުވައެވެ. އަނގަތެރެ
ހިކޭނަމަ އަންނަނިވި ކަންތައްތަކުން އެހީ ލިބިގަނެވިދާނެއެވެ.
ü
ދުވާލަކު މަދުވެގެން 8 ތަށި ފެން ނުވަތަ ދިޔާތަކެތި
ބޯށެވެ. ފެނުގެ އިތުރުން މޭވާ އަދި ތަރުކާރީ ޖޫހަކީ ފައިދާހުރި
ބާވަތްތަކެވެ. ހުން އައިސްފައި ހުންނަގޮތް ވާނަމަ ދިޔާތަކެތި ބޯ މިންވަރު
އިތުރުކުރަން ޖެހޭނެއެވެ.
ü
ޕާން، ބިސްކޯދު ފަދަ ތަކެތި ބޭނުންކުރާނަމަ ހޫނު ކިރުތައްޓަކައި
ލައި ފޯކޮށްގެން ކާށެވެ.
ü
ކޮންމެ ފަހަރަކު ކާއެތިކޮޅު ހަފާލުމަށް ފަހު ކުޑަ
ފެންފޮދެއް ބޯލާށެވެ. އޭރުން އަނގަތެރޭގައި ތެތްކަން އިތުރުވުމުގެ
އިތުރުން ކާތަކެތި ދިރުވަން ފަސޭހަވެގެން ދެއެވެ.
ü
ހަރުކޮށް ހުންނަ ކާއެއްޗެއް ނަމަ އެތަކެތި މަޑުކުރުމަށް ( ކާއެއްޗެއްގެ
ބާވަތަށް ބަލާފައި) ސޯސް، ދިޔާ ޗީޒް ނުވަތަ ބަޓަރު ފަދަ
މާއްދާއެއް އޭގެ ތެރެއަށް ނުވަތަ
މައްޗަށް އެޅިދާނެ އެވެ.
ü
ކޮމާޝަލް މައުތު ވޮޝް (އަނގަ ދޮންނަ ފެނެއް ) ބޭނުން
ނުކުރާށެވެ، މިފަދަ ފެނުގައި ބަނގުއާވި އެކުލެވުމުގެ ސަބަބުން އިތުރަށް
އަނގަތެރެ ހިކޭގޮތްވެއެވެ. އެހެންކަމުން ބަނގުއާވި އެއްކުރުމަކާއި
ނުލައި ހަދާފައި ހުންނަ އަނގަދޮންނަ ފެނެއް އިޚްތިޔާރު ކުރެވިދާނެއެވެ.
އަލްޒައިމާ
ބައްޔާއެކު ކަސްރަތުކުރުން
އަލްޒައިމާ
ބަލީގެ އަހުލުވެރިން ވީވަރަކުން
ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އެއީ މިކަމުގެ ސަބަބުން މަސްތައް ދެރަވެ
ނިކަމެތިވުން، ހިމާޔަތްކޮށް، ހެލިފެލިވެ ނޫޅުމުން ކުރިމަތިވާ ޞިއްޙީ
މައްސަލަތަކުން މިންޖުކޮށްދޭތީ އެވެ. މީގެ އިތުރުން ކަސްރަތު ކުރުމަކީ
މީހާގެ މިޒާޖު ރަގަޅުކޮށްދީ، ހިތްހަމަޖެހުމާއި، އަރާމް ހަށިގަނޑަށް
ލިއްބައިދޭނޭ ކަމެކެވެ.
ބައިސްކަލް ދުއްވުން، ބޭރަށް ނިކުމެ
ހިގާލުން ފަދަ ކަންތައްތަކަކީ އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް
މެދުވެރިވާ ހިތްހަމަ ނުޖެހުމާއި، ނުތަނަވަސްކަން ކުޑަކޮށްދޭނެ ކަމެކެވެ.
އެއީ މިބުނި ކަންތައްތަކަކީ އެކަންތައްތައް ފުރިހަމަކުރުމުގައި
ވިސްނައިގެން ގަރާރުތައް ނަގައި، ނުވަތަ ދެން ކުރަންޖެހެނީ ކޮންކަމެއްތޯ ބަލައި
ވިސްނަން ޖެހޭ ކަންކަމަށް ނުވާތީ އެވެ.
ދާއިމީގޮތެއްގައި ކުރާނެ ކަސްރަތެއް
އިޚްތިޔާރު ކުރުމުގެ ކުރިން ތިމާގެ ޚާއްޞަ ޑޮކްޓަރާއި، ވާހަކަ ދެއްކުމަކީ
މުހިއްމު ކަމެކެވެ. މިގޮތުން ޑޮކްޓަރު އަންނަނިވި ކަންތައްތައް
ބުނެދޭނެއެވެ.
ü ތިބާއަށް
ކުރެވިދާނެ، ކުރުން އެދެވިގެން ނުވާ ކަސްރަތުތައް.
ü
ކަސްރަތު ކުރެވޭނީ ކިހާ ބުރަކަމެއް އިހްސާސްވަންދެން ކަން.
ü ކިހާ ވަގުތެއް
ވަންދެން ކަސްރަތު ކުރުމުގައި ހޭދަކުރެވިދާނެ ކަން.
ތިބާއަށް އެންމެ އެކަށީގެންވަނީ ކޮން
ބާވަތެއްގެ ކަސްރަތެއް ކަން ބަރޯސާވެފައި އޮންނަނީ ބަލީގެ
އުދަގޫތައް ހުރިމިންވަރު، ހަށިގަނޑުގެ ދުޅަހެޔޮކަން މިކަންކަމުގެ މައްޗަށެވެ.
ކަސްރަތުކުރަން ހުއްދަ ލިބުމުން މަޑުމަޑުން ކަސްރަތު ކުރުން ކުރިއަށް
ގެންދަންވީ އެވެ.
ކަސްރަތު ކުރާއިރު ސަމާލުކަން
ދެވިދާނެ ބައެއް ކަންތައްތައް
(ހ) - ކަސްރަތު ކުރަން ފެށުމުގެ
ކުރިން އެކަމަށް ތައްޔާރު ވުމަށް ވާރމް އަޕެއް ޖައްސާށެވެ. ނިންމަންވާނީ
ރަގަޅަށް ފިނިކޮށްލައި ހަދައިގެންނެވެ.
(ށ) - 30މިނިޓް ވަންދެން ކަސްރަތު
ކުރަން ނިންމައިފައި ވާނަމަ 10 މިނިޓްގެ ސެޝަން އަކުން ފަށާށެވެ. އެއަށްފަހު
ކުރިއަށް ގެންދާށެވެ.
(ނ) - އެކަށޭނަ ވެއްޓެއް
އިޚްތިޔާރު ކުރާށެވެ. މިސާލަކަށް ލޫންދާ، ނުވަތަ
ކައްސާލާ ތަޅުންގަނޑެއްގެ މަތީގައި
ކަސްރަތު ކުރާކަށް ރަގަޅެއް ނުވާނެއެވެ.
(ރ) - ކޮޅަށް ތެދުވެހުރުމަށް،
ނުވަތަ ތެދުވެ ހަދަން މާބޮޑަށް އުދަގޫނަމަ އެދުގައި ވެސް ހެދިދާނެ ކަސްރަތުތައް ހުރެއެވެ.
(ބ) - ކަސްރަތު ކުރަމުން ދަނިކޮށް
މާބޮޑަށް ވަރުދެރަވެ، ނުވަތަ މާބޮޑަށް މާޔޫސްވާގޮތް ވެއްޖެނަމަ ކަސްރަތު ކުރުން
ހުއްޓާލާށެވެ.
(ޅ) - ކަސްރަތު ކުރުމުގެ ގޮތުން
އާންމުކޮށް ކުރާހިތްވާ ކަހަލަ ކަމެއް ވެސް ޚިޔާރު ކުރެވިދާނެއެވެ. މިސާލަކަށް
ބަގީޗާ ހެއްދުން، ހިގާލުން، ފެތުން ފަދަ ކަންތައްތައް އިޚްތިޔާރު ކުރެވިދާނެއެވެ.
6- ބަލިޖެހިފައިވާ
މީހުންނަށް އަޅާލުން
އަލްޒައިމާ ބަލިޖެހިފައިވާ
މީހަކު ބަލަހައްޓާ މީހާގެ ދައުރު
އަލްޒައިމާ ބަލި ޖެހިފައިވާ މީހަކު
ބަލަހައްޓައި އެމީހަކަށް އަޅާލާ މީހަކު ކިބައިގައި އަންނަނިވި ކަންތައް ހުންނަށް
ޖެހެއެވެ.
(1) - ތިމާއަކީ އަލްޒައިމާ ބަލި
ތަޙައްމަލު ކުރަމުންދާ ތިމާގެ ބައިވެރިޔާ، ގާތްތިމާގެ މީހަކު ނުވަތަ
ރަހުމަތްތެރިއަކު ބަލަންޖެހިފައިވާ މީހެއްކަން
ދަތުން.
(2) - ބައްޔާއި ބެހޭ މައުލޫމާތު
އެގިފައި ހުރުން: މިގޮތުން ބަލީގައި ކުރިމަތިވާ އުދަގޫތަކާއި، އެއުދަގޫތައް ކުޑަކުރުމަށް
ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން އެގެންޖެހޭނެ އެވެ.
(3) - ޑޮކްޓަރަށް ދައްކަން ޖެހޭ
ދުވަސްތަކާއި، ބަލިމީހާ އަށް ބޭސްދޭންވާގޮތާއި، ދޭންޖެހޭ ބޭސްތައް
އެގެން ޖެހޭނެއެވެ. އަދި ބަލިމީހާއަށް ބޭނުންވާ އެހެނިހެން ކަންތައްތައް
އެގެން ޖެހޭނެ އެވެ.
(4) - އަލްޒައިމާ ބަލީގެ
އަހުލުވެރިޔާ ބޭނުންވާ، ލޯތްބާއި، އެއްބާރުލުން ތިބާގެ ފަރާތުން އޭނާއަށް
ބަރާބަރަށް ލިބެން ޖެހޭނެ އެވެ. އަލްޒައިމާ ބަލިޖެހިފައިވާ
މީހަކަށް އެހީވެ، އަޅާލުމަކީ ފަސޭހަ
ކަމެއްނޫނެވެ. ނަމަވެސް އަންނަނިވި
ކަންތައްތައް ތަކުން ބަލިމީހާއާއި، އޭނާއަށް އަޅާލުމުގެގޮތުން ތިބާ
ބިނާކުރާ ގުޅުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފެނެއެވެ.
(5) - އަރާމް ކޮށްލަން
ވަގުތުކޮޅެއް ހޭދަކުރުން: ތިބާއަކީ ވެސް އިންސާނަކަށް ވީތީ
އެހެންމީހުންނެކޭ އެއްފަދައިން ވަރުބަލިކަން އިހްސާސް ވާނެއެވެ. އެހެން
ކަމުން ބަލިމީހާއަށް އަޅާލަމުން ވެސް ވީވަރަކުން އަރާމްކޮށް
ހިތްހަމަޖެހުން ލިބިގަތުމަށް މަސައްކަތްކުރާށެވެ. މިގޮތުން
ބައެއްފަހަރު އާއިލާގެ މެންބަރެއްގެ ނުވަތަ
ރައްޓެއްސެއްގެ އެހީ ލިބިގަނެވިދާނެއެވެ.
(6) - ވީވަރަކުން ބައްޔާއި ބެހޭ
މައުލޫމާތު ހޯދުން: އޭރުން ބަލިމީހާއަށް އެހީތެރިވެވޭނީ ކިހިނެއް ކަންތައްތައް
ކޮށްގެންކަން އެގޭނެއެވެ. އަދި ބަލިމީހާއަށް އައިސްދާނެ ބަދަލުތައް
ލަފާކޮށް އެފަދަ ކަންކަމަށް ތައްޔާރުވާން ކުރިން އެގޭނެއެވެ.
(7) - ބަލިޖެހިފައިވާ މީހާ
ވީވަރަކުން އެކި ހަރަކާތްތަކުގައި ބައިވެރިކުރުވުން : މިގޮތުން ގޭގައި އަދި ގެއިން
ބޭރުގައި ކުރެވޭ އެކިކަންކަމުގައި އަމަލީގޮތުން ބަލި މީހާއާއި އެކު
ބައިވެރިވެވިދާނެއެވެ. އަދި ވީވަރަކުން ބަލި މީހާއަށް ކުރެވިދާނެ ކަންތައްތައް
އެކަނިކުރަން ހިތްވަރުދޭށެވެ. މިސާލަކަށް ހެދުން އެޅުން، ފުނާއެޅުން
ފަދަ ކަންތައްތައް އަމިއްލައަށް ކުރުމަށް ބުނެ ހިތްވަރުދެވިދާނެއެވެ.
(8) - ބަލިޖެހިފައިވާ މީހާގެ
އާއިލާގެ ކަންތައްތަކުގައި ބަލިމީހާ އާ މަޝްވަރާކުރުން :މިގޮތުން ބަލިމީހާއަށް އުދަގޫކަމެއް
ދިމާވެފައިވާނަމަ އެކަމުގެ ޙައްލު ހޯދުމުގައި ބަލިމީހާއަށް އެހީތެރިވެދޭށެވެ.
(9) - ކުރެވިދާނެ ކަންތައްތަކެއް
ކަނޑައެޅުން: މިގޮތުން ކަނޑައަޅާ ކަންތައްތައް
ފުރިހަމަކުރެވޭތޯ ބަލާށެވެ. މާގިނަ ކަންތައްތައް ކުރަން ކަނޑައަޅައި
ނުކުރެވިދިއުމަކީ އެކަމުގެ ސަބަބުން ބަލިމީހާއަށް ނާއުއްމީދާއި މާޔޫސްކަން
ގެނުވާ ކަމެކެވެ.
(10) - ތިބާގެ ދިރިއުޅުން މުޅިން
އެކަމުގައި ހޭދަކޮށްނުލުން: މިގޮތުން ބައެއް ފަހަރު ތިބާގެ ރައްޓަހިންނާއި، ރަހުމަތްތެރިންނާއި، ބައްދަލުކޮށް
ކަންކަމާއި ޚިޔާލު ބަދަލުކޮށްލަން ވާނެއެވެ. ތިބާގެ ޙަޔާތުގެ ވަގުތުތައް
ހުންނަން ޖެހޭނީ ވަރަށް ރަގަޅަށް ރޭވި، އަތުރާލެވިފައެވެ.
(11) - އެހެންމީހެއްގެ އެހީހޯދުން
: ތިބާއަކީ ބަލިމީހާ ބެލެހެއްޓުމުގެ ޒިންމާ ނަގާމީހާ ކަމުގައިވި
ނަމަވެސް ތިބާއަށް ވެސް އެހެންމީހުންގެ އެހީތެރިކަމާއި، އެއްބާރުލުން
އެބަލިމީހާ ބަލަހައްޓައި، އަޅާލުމުގައި ބޭނުންވާނެ އެވެ. މިގޮތުން
ބަލިމީހާއަށް ދިމާވާ ކަންކަމުގައި ޚިޔާލު ބަދަލުކޮށް އެހީ ހޯދާލުމަށް ގާތް
ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެންބަރެއް އިޚްތިޔާރު ކުރެވިދާނެއެވެ.
އަލްޒައިމާ ބަލިޖެހިފައިވާ
މީހަކަށް އަޅާލުމުގައި ކުރިމަތިވާ ބައެއް ގޮންޖެހުންތައް
(ހ) -
އަލްޒައިމާ ބައްޔަކީ ވަރަށް ތަފާތު
ބައްޔެކެވެ. ބައެއް ފަހަރު ބަލިމީހާ އަމިއްލައަށް އާދައިގެ މީހަކު
ކަންތައްތައް ކުރާހެން ކޮށްފާނެއެވެ. އަނެއްބައި ފަހަރު ހުރިހާ ކަމެއް އެހެން
މީހަކަށް ބަރޯސާކޮށްގެން ހުރެދާނެއެވެ. މިއީ ތަބީޢީގޮތެއްގައި
ބަލިޖެހިފައިވާ މީހުންނަށް ދިމާވާ ކަމެކެވެ. ބައެއް ފަހަރު ދެވޭ ބޭހުގެ
ސަބަބުން ވެސް ބަލި މީހާއަށް ބަދަލުތައް ގެނުވައެވެ.
(ށ) - އަލްޒައިމާ ބައްޔަކީ އޭގެ
ޙާލަތު ދުވަހެއް ދުވަހަކަށް ނުރައްކާވަމުން
އަންނަ ބައްޔެކެވެ. ބޭސްތައް ބޭނުން
ކުރި ނަމަވެސް އެއިން ލުއިކަން ލިއްބައިދެނީ ކުރިމަތިވާ ބައެއް
އުދަގޫތަކަށެވެ. ބަލީގެ ޙާލަތު ނުރައްކާވެގެން އަންނަ އައުމަކަށް
ބަދަލެއް ނުގެނެއެވެ.
(ނ) - ހާސްވެ ކަންބޮޑުވުމަކީ
ވަރަށް ގިނައިން ބަލިމީހާ އަށް ކުރިމަތިވާ ކަމެކެވެ. އަދި މިހާލަތުގައި ބަލީގައި
ކުރިމަތިވާ އެހެން އުދަގޫތައް އިތުރަށް ގޯސްވެގެންދެއެވެ. މާނައަކީ
ނުރައްކާވެގެން ދެއެވެ. އެހެންކަމުން ހާސްވެ ކަންބޮޑުވުން ކުރިމަތިވުމުން
ބަލިމީހާއާއި މެދު ކަންތައްކުރާނެގޮތް އެގިފައިހުރުމަކީ މުހިއްމު ކަމެކެވެ.
އަލްޒައިމާ ބަލި ޖެހިފައިވާ
މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޢާންމު ބައެއް ކަންތައްތައް
އަލްޒައިމާ
ބައްޔަށް ފަރުވާއެއް އަދި ހޯދިފައެއް
ނުވެއެވެ. އަދި މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބަކާއި ހުރެކަން
ވެސް އެގިފައެއް ނެތެވެ. އެހެންކަމުން މިބަލިން ރައްކާތެރިވެވޭނެ
ގޮތެއް ވެސް ނެތެވެ. ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ
އެހެންމީހުންގެ އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި،
ހިތްވަރު ދިނުމެވެ. މިގޮތުން އާއިލާގައި އަލްޒައިމާ ބަލީގެ
އަހުލުވެރިއަކު ހުރި ނަމަ އެމީހަކަށް ޚާއްޞަ
ސަމާލުކަމެއް ދޭންޖެހޭނެ އެވެ.
އެގޮތުން މުހިއްމު ކަންދޭންޖެހޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
(1) - އަބަދު ވެސް ފެންނަ ހިސާބަކު މީހަކު ހުރުން: ބަލީގެ އަހުލުވެރިޔާ ފެންނަ ހިސާބުގައި މީހަކު ހުރުމުން އެމީހާގެ
ޖިސްމަށް ލިބޭގެއްލުންތަކުން ސަލާމަތްކޮށް ދެއެވެ.
(2) - ކަންކަމާއި
މެދު ހަދާން އާލާކޮށްދިނުމަށް މަސައްކަތްކުރުން: މިގޮތުން ކުރީގެ ހަދާންތަކުގެ
ވާހަކަތައް ދައްކައި ހެދިދާނެއެވެ. އަދި
ފޮޓޯ އަލްބަމްގައި ހުރި ކުރީގެ ފޮޓޯތައް
ދައްކައި، އެނެގި ދުވަސްވަރަކާއި، އެނަގާފައި ހުރިތަނަކާއި ބެހޭގޮތުން
ވާހަކަދައްކައި ހެދިދާނެ އެވެ. މިގޮތަށް ހެދުމުން ހަދާން ގަދަވުމަށް
މަގުފަހި ވެގެން ދެއެވެ.
(3) - އިހްތިރާމާއި އެކު ރީތިބަހުން މުޚާތަބު ކުރުން: ބަލިޖެހިފައިވާ މީހާއާއި ވީހާ ވެސް ރީތިބަހުން މުޚާތަބު ކުރުމަކީ ވަރަށް މުހިއްމު
ކަމެކެވެ. އެއީ މުޚާތަބުކުރެވޭ ގޮތަކުން ބަލިޖެހިފައިވާ މީހާ ދެރަވެ،
މާޔޫސްވުން، ހިތްދަތިވުން، ނުވަތަ ރުޅިއައުން ފަދަ ކަމެއް
ކުރިމަތިވެދާނެތީ އެވެ.
(4) - ވަކިގަވާއިދެއްގެ
މަތިން ކަންތައްތައް ކޮށްދިނުން: މިސާލަކަށް
ފެންވެރުމާއި ކެއުން، ބޭރަށް ހިގާލަން ދިއުން، ދުއްވާލަން
ދިއުން، ބާޒާރު ކޮށްލަން ގެންދިއުން
ފަދަ ބަލިމީހާ ހިތްހަމަޖެހޭ ފަދަ ކަންތައްތައް ވަކި އުސޫލަކުން ފުރިހަމަ
ކުރެވިދާނެ އެވެ. ވިސްނަންވީ އެއްވެސް ކަމަކަށް މަޖުބޫރު
ނުކުރުމަށެވެ. އޭގެ ބަދަލުގައި ކިޔައި، ވިސްނައިދީ އެއްބަސްވުމުން އެކަމެއް
ކޮށްދިނުމެވެ.
(5) - ބަލިމީހާ އަށް ބޭނުންވާ ތަކެތި ފަސޭހައިން ފެންނަ
ހިސާބެއްގައި ބެހެއްޓުން: މިސާލަކަށް އަރިދަފުސް ފޮޅާނެ
ޓިޝޫ، ރުމާ، ބޯނެ ފެން ފަދަ ތަކެތި އެދުކައިރީ އަތުޖެހޭ ހިސާބު ބެހެއްޓިދާނެ އެވެ.
(6) - ގޭގައި ހުންނަ އަލަމާރި، ކަބަޑް، ފަދަ ތަންތާގައި ހުރީ
ކޮންއެއްޗެއްކަން އެގޭނެހެން އެތަކެތީގައި ބޭރުގައި ލިޔެފައި ބެހެއްޓުން: މިސާލަކަށް ހެދުން ތައް ހުންނަ އަލަމާރީ ބޭރުގައި ''ހެދުންލާ އަލަމާރި''
މިހެން ލިޔެފައި ބެހެއްޓިދާނެ އެވެ.
(7) - ތިމާ ހިތްއެދޭ
ގޮތަށްވުރެ ބަލިމީހާއަށް ރަގަޅީ ކޮންގޮތެއްތޯ ބެލުން : މިސާލަކަށް ކެއުން ތައްޔާރުކުރާ އިރު ބަލިމީހާ
ބޭނުންވާގޮތް ސާފުކޮށް އެގޮތަށް އަމަލުކުރާށެވެ. ކާންދިނުން ރަގަޅީ
އެއްފަހަރާ ގިނައިން ކާންދިނުމުގެ ބަދަލުގައި ލުއިކޮށް ދުވާލަކު ދެތިން
ފަހަރަކު ދިނުމެވެ.
(8) - ހަވީރާ އިރާކޮޅު
މާގިނައިން ފެންބުއިން ރަގަޅު ނޫންކަމުގައި ބުނުން : އޭރުން ދަންވަރު ފާޚާނާ ކުރަން ތެދުވާކަން
ނުޖެހޭނެ އެވެ. ކުޑަކަމުދާންވުމުން ނުހިފެހެއްޓޭނަމަ އެދުމަތީގައި ރަބަރެއް
އެޅުން، ނުވަތަ ބޮޑެތި މީހުންނަށް ޚާއްޞަ ނެޕީ ބޭނުންކުރެވިދާނެ އެވެ.
(9) - ބަލިމީހާ
އުޅޭ ކޮޓަރި، ފާޚާނާގެ ދޮރު، ތަޅުލެވޭގޮތަށް ނުބެހެއްޓުން: އޭރުން އެތެރެއިން ތަޅެއް
ނުލެވޭނެ އެވެ. އެއީ ބައެއް ފަހަރު މިގޮތަށް
އެކަނި ތަޅުލައިގެން ކޮންމެ ފަދަ
ނުރައްކާތެރި ކަމެއް ވެސް ބަލީގެ އަހުލު ވެރިޔާ ކުރުމަކީ ގާތްކަމަކަށް ވާތީ އެވެ.
(10) - ގޭތެރޭގައި
ހުންނަ ލުއިލުއި ކަންކަން ކުރުމުގައި އަބަދުވެސް ބަލިޖެހިފައިވާ މީހާ
ބައިވެރިކުރުން:
މިސާލަކަށް ދޮވެފައި ހުރި
އެއްޗެތި ފަތްޖެހުން، ބާލީހު އުރަ ލައްވާލުން، ފަދަ ލުއި ކަންތައްތައް ބަލިމީހާ
ލައްވައި ކުރުވިދާނެ އެވެ.
އަލްޒައިމާ ބަލި ޖެހިފައިވާ
މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޚާއްޞަ ބައެއް ކަންތައްތައް
އަލްޒައިމާ ބަލި ޖެހިފައިވާ މީހަކާއި
މުޚާތަބުކޮށް ވާހަކަ ދެއްކުމަކީ އެއްގޮތަކުން ބުނާނަމަ ކުރިމަތިވާ
ގޮންޖެހުމެކެވެ. އެހެންކަމުން އެފަދަ މީހުންނާއި، ވާހަކަ ދައްކާއިރު ވަރަށް
އުދަގޫ ޙާލަތްތައް ކުރިމަތި ވެދާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ. މިގޮތުން
އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
- ކުރު ޖުމުލަ ތަކާއެކު އާދައިގެ
ބަހުރުވައިން ވާހަކަ ދައްކާށެވެ. ހަމަމިހެން މަޑުމައިތިރި ކަމާއެކު، ވާހަކަ
ދައްކަން އާދަކުރާށެވެ. ބަލިމީހާ އާއި ވާހަކަ ދައްކާއިރު އޭނާގެ މޫނަށް
ބަލާށެވެ. އޭރުން ބަލިމީހާގެ އިހްސާސްތައް ދެނެގަންނަށް ފަސޭހަވާނެ
އެވެ.
- ކުޑަކުއްޖަކާއި، ވާހަކަ ދައްކާ
ބީދައިން ބަލިމީހާއާ މުޚާތަބު ނުކުރާށެވެ. މިގޮތަށް ހެދުމުން ބަލިމީހާ
އަށް އެކަން އެގި، ހިތްހަމަ ނުޖެހޭގޮތް ވެއެވެ. ވާހަކަ ދައްކާއިރު
ކަންކަމަށް އަމުރުކުރާގޮތަށް ވާހަކަ ދައްކައިގެން ނުވާނެއެވެ. އޭގެ
ބަދަލުގައި އޭނާގެ ކިބައިން ކަމަކަށް އެދޭ ގޮތަށް ވާހަކަ ދައްކާށެވެ. މިސާލަކަށް
މިވެނި ކަމެއް ނުކުރައްޗޭ ބުނުމުގެ ބަދަލުގައި ދެން އެހެންވިޔަ ނުދޭނީ ދޯ
އޭ ބުނެ މުޚާތަބު ކުރެވިދާނެއެވެ.
- ޓީވީ، ރޭޑިއޯ، އަދި އެހެނިހެން
އަޑުއެހުމަށް އުދަގޫ ކަންތައްތަކާއި،
ވާހަކަ ދައްކާ ވަގުތު ދުރުވާށެވެ. އެއީ
މިކަމުގެ ސަބަބުން ބަލިމީހާ އަށް ތިބާ ބުނާއެއްޗެއް ފަސޭހައިން ނަގައި
ގަނެވޭނެތީ އެވެ.
- ބަލިމީހާ އަށް އޭނާގެ ފުރިހަމަ
ނަމުން މުޚާތަބު ކުރާށެވެ. އަދި ކަމަކާއި، ވާހަކަ ދައްކަން ފެށުމުގެ
ކުރިން އޭނާގެ ސަމާލުކަން ތިބާއަށް ހޯދާށެވެ. ވާހަކަ ދައްކާއިރު އަނގަޔަށް
އެއްޗެއް ލައިގެން ހުރެ ވާހަކަ ދެއްކުމަކީ ރަގަޅު ކަމެއް ނޫނެވެ.
ނުވަތަ ކަމުން ވާހަކަ ދެއްކުމަކީވެސް ރަގަޅު ކަމެއް ނޫނެވެ.
- ސުވާލެއް ކުރުމަށް ފަހު ބަލިމީހާ
އެއަށް ޖަވާބު ދާރީވުމަށް އެކަށޭނަ ވަގުތު ދޭށެވެ. ބަލިމީހާ ޖަވާބު ދޭން
ފެށުމުން އެވާހަކަ މެދުކަނޑާލާފާއި، ތިބާ ބޭނުންވާ ވާހަކައެއް ބުނަން
ނޫޅޭށެވެ.
- ބަލިމީހާ ބުނަން ބޭނުންވާ ބަހެއް
ހަދާންނެތިގެން އުޅޭހެން ހީވާނަމަ ރީތިކޮށް އެބަސް ބަލިމީހާ އަށް ބުނެދީ
ހަދާން ކޮށްދޭށެވެ. އަދި ކެތްތެރިކަމާއެކު ބަލިމީހާގެ
ސުވާލުތަކަށް ޖަވާބު ދާރީ ވާށެވެ.
(2) - ފެންވެރުވުން
ބަލިޖެހިފައިވާ ބައެއް މީހުން
ފެންވަރުވައި ސާފުކުރުމަކީ މާބޮޑު އުދަގުލަކާއި ކުރިމަތި ލާންޖެހޭ
ކަމަކަށް ނުވެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިއީ ނުރައްކާތެރި، ކަމަކަށް
އޮންނަނީ ވެފައެވެ. ރަގަޅު ރޭވުމެއްގެ މަތީން ފެންވަރުވައި
ސާފުކުރުން ކުރިއަށް ގެންދިއުމަކީ ތިބާއާއި، ބަލިމީހާ އަށްވެސް އެންމެ
ފައިދާހުރި ގޮތްކަން ޔަގީނެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް
ސަމާލުކަންދޭށެވެ.
-
ބަލިމީހާ އެއްބަސްވާ، އަދި އޭނާ ހަމައަކަށް
އެޅިފައި ހުންނަ ގަޑިއެއްގައި ފެންވަރުވަން ރާވައި، ކަނޑައަޅާށެވެ.
- ބައެއް މީހުން ފެންވަރުވައި، ސާފުކުރުމަކީ
ކުރަން އުދަގޫ، އަދި ނުރައްކާތެރި ކަމެއްކަން ދަންނާށެވެ. އެހެންކަމުން
މަޑުމައިތިރި ކަމާއި، އިޙްތިރާމާއި، ކެއްތެރިކަމާއި، އެކު ކަންތައްތައް
ކޮށްދޭށެވެ.
- އެވަގުތަކު ތިބާކުރަން އުޅޭކަމެއް
އަކުރުން އަކުރަށް ބަލިމީހާއަށް ކިޔައިދީ އެކަން ކުރުމަށް ރުހުން
ހޯދާށެވެ. އަދި އޭނާ އަމިއްލައަށް ކުރެވޭ ކަހަލަ ކަމެއްނަމަ ކުރުމަށް އެދޭށެވެ.
- ކުރިން ތައްޔާރު ވާށެވެ.
ފެންވަރުވަން ފެށުމުގެ ކުރިން ބޭނުންވާ ހުރިހާ ސާމާނެއް ފާޚާނާގައި ހުރިތޯ
ބަލާށެވެ.
- ފިނިހޫނު މިނަށް
ރައްކާތެރިވާށެވެ. މާބޮޑަށް ފިނިފެނުން ފެންވެރުމަކީ
ވެސް ރަގަޅުގޮތެއް ނޫނެވެ. އެންމެ
އެދެވިގެންވަނީ ތާފަނާ ފެނުން ފެންވެރުވުމެވެ.
- ބަލިމީހާ އެކަނި ފާޚާނާގެ
ތެރޭގައި ނުވަތަ ގިފިލީގައި ބަހައްޓާފައި ނުދާށެވެ. މިއީ ކޮންމެ ފަދަ
ނުރައްކަލެއް ވެސް ދިމާވެދާނެ ކަމެއްކަން ހަދާންކުރާށެވެ.
- ކޮންމެ ފަހަރަކު ފެންވެރުވުން
މުހިއްމެއް ނޫނެވެ. ބައެއް ފަހަރު ސްޕަންޖް ގަނޑެއް ފަދަ ގައި ދޮންނަ
އެއްޗެއްގެ އެހީގައި މުޅިހަށިގަނޑު ރީތިކޮށް ސާފުކުރެވިދާނެއެވެ.
(3) - ދަތް
އުގުޅުވުން
ބަލިމީހާ ގެ ދަތްތަކަށް
ފަރުވާތެރިވުމަކީ ވެސް މުހިއްމު ކަމެކެވެ. އަންނަނިވި ކަންތައްތަކަށް ސަމާލުވާށެވެ.
- ކޮންމެ ދުވަހަކު ބަލިމީހާގެ
ދަތްތައް އުގުޅުވާށެވެ. ދަތްޕިލަ ޖަހައިގެން އުޅޭމީހެއްނަމަ ދަތްޕިލަ
ނަގައިގެން ރަގަޅަށް ސާފުކުރުވާށެވެ. ދަތްޕިލަ ރަގަޅަށް ފިޓްވޭތޯ އާއި،
ހިރުގަނޑުގައި އެއްވެސް ކަހަލަ ކަމެއް ހުރިތޯ ބަލާށެވެ.
- ބަލިމީހާ އަނގަ ހުޅުވަން
އިދިކޮޅު ހަދައިފިނަމަ ހަމައެކަނި ދަތްތަކުގެ
ބޭރުން ސާފުކޮށްލާށެވެ. ދަތްތަކަށް
އަޅާލުމަށް ބޭނުންވާ އެހީ ދަތުގެ ޑޮކްޓަރެއްގެ ކިބައިން ލިބިގަންނާށެވެ.
- ބަލިމީހާ އަމިއްލަ އަށް
ދަތްއުގުޅަން ބުނެފިނަމަ ބުރުހުގައި ބޭސް ޖަހައިދިނުން ފަދަ ކަމަކުން ވިޔަސް
ބަލިމީހާ އަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. އޭރުން ބަލިމީހާ އަށް
ހިތްހަމަޖެހުން ލިބޭނެ އެވެ.
(4) - ހެދުން އެޅުވުން
ހެދުން އެޅުވުމަކީ ވެސް ކުޑަކަމެއް
ނޫނެވެ. މިއީވެސް ކެތްކުރަންޖެހޭ އެތައްކަމެއް ކުރިމަތިކުރުވާ
ޢަމަލެކެވެ. ލާނެ ހެދުމެއް އިޚްތިޔާރުކުރުން،
ހެދުން ލެއްވުން، އަދި ބޭލެއްވުން، ގޮށް
އެޅުވުމާއި، ޒިބު އެޅުވުން ފަދަ ކަންތައްތަކުގައި ބައެއް ފަހަރު އުދަގޫތަކާއި
ކުރިމަތިލާން ޖެހޭކަމަށް ފާހަގަވެއެވެ. އެހެންކަމުން އަންނަނިވި
ކަންތައްތައް އެހީއަކަށް ފުދޭނެ އެވެ.
- ކޮންމެ ދުވަހަކުވެސް
އެއްގަނޑިއެއްގައި ހެދުން އަޅުވައި ރީތިކުރަން
އާދަކުރާށެވެ. އޭރުން ބަލިމީހާ އަށް
އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްކަން އިހްސާސްވެ، އެގަނޑީގައި
އެކަންކުރަން ބޭނުންވެގެން އުޅޭނެ އެވެ.
- އަމިއްލައަށް ލެވޭވަރުގެ
އެއްޗެއްނަމަ، ނުވަތަ ވީވަރަކަކުން އަމިއްލައަށް ހެދުންލައި ހެދުމަށް ބުނެ،
ހިތްވަރު ދޭށެވެ. އެއްގޮތަކަށް ވެސް އަވަސްކުރާށޭ ބުނެ، ބަލިމީހާ އަށް
ފިއްތުން ކުރިމަތި ނުކުރާށެވެ.
- ބަލިމީހާ ލާން ބޭނުންވަނީ
ކޮންކަހަލަ ހެދުމެއްތޯ ބަލާށެވެ. އަދި އެގޮތުން ބޭނުންވާ ވަކިވައްތަރެއްގެ
ހެދުމެއް ހުރިނަމަ އެވައްތަރުގެ ދެތިން ހެދުން ނުވަތަ ގަމީސް ފަދަ ތަކެތި
ހޯދާފައި ބާއްވާށެވެ.
- ބަލިމީހާ ލާންޖެހޭ ތަކެތި
ތަރުތީބަކުން އަތުރާފައި އެގޭނެ ހެން ބަހައްޓާށެވެ. މިސާލަކަށް އެތެރެއިން ލާ
ސާމާނު އެންމެ ފުރަތަމަ އެއަށްފަހު ބޭރުން ލާ ހެދުން ފަދަ ތަކެތި
ބެހެއްޓިދާނެއެވެ.
- ބަލިމީހާ ކަމެއް ބޭނުންވެގެން
ބުނެފިނަމަ ހަދަންޖެހޭގޮތް ރީތި ބަހުން އަކުރުން އަކުރަށް ކިޔައިދޭށެވެ.
(5) - ކާންދިނުން
މިބަލީގެ ބައެއް މީހުން އަބަދުވެސް ކާން
ބޭނުން ވެދާނެއެވެ. އަނެއްބައި މީހުންނަށް ކާންދިނުން ވެސް އޮންނަނީ
ތަޙައްމަލު ކުރަން ދަތި އުދަގޫ ކަމަކަށްވެފައެވެ. އަންނަނިވި
ކަންތައްތަކުން އެހީ ލިބިގަންނާށެވެ.
- އެކަށޭނަ މާހައުލެއް ކެއުމަށް
އިޚްތިޔާރު ކުރާށެވެ. ޓީވީ، ރޭޑިޔޯ ފަދަ ތަކެތި ކާމޭޒު ކައިރީ ނުވަތަ އަޑުއިވޭ،
ހިސާބު ނުބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން ކެއުން ދޫކޮށްލާފައި
ޓީވީއިން ދައްކަމުންދާ އެއްޗަކަށް ބަލިމީހާގެ ސަމާލުކަން ދޭގޮތްވުމަކީ
ވެދާނެ ގޮތެކެވެ.
- ކާނާގެ ތަފާތު ވައްތަރުތައް
ހިމެނޭ ގޮތަށް ކެއުން ތައްޔާރު ކޮށްދޭށެވެ. ދުވާލަކު ބޮޑު 3 ކެއުމާއި،
އެއްވަރަށް ވަކިވަކިން ކުދި ކުދި ކެއުން ތައްޔާރު ކޮށްދޭށެވެ. އެއީ
އެއްފަހަރާ ގިނައިން ކެއުން އުދަގޫކަމަކަށް ވާނެތީ އެވެ.
- ބަލިމީހާ ފެންނަ ހިސާބުގައި
ބައެއް ކަހަލަ ކާނާގެ ބާވަތްތައް ބަހައްޓާށެވެ. އޭރުން ބައެއް ފަހަރު
އަމިއްލަ އަށް ފެނިގެން ވެސް ކާން އުޅެފާނެއެވެ.
- ބަލިމީހާ އަށް ފަސޭހައިން ފެން
ބޮވޭނެ ކަހަލަ ތައްޓެއް ހޯދާށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބައެއް
އާދައިގެ ތަށިން ތުންޖަހައިގެން ބޯއިރު ގަޔަށް ފެންފައިބާގޮތް ވެއެވެ.
އެހެން ކަމުން މިފަދަ މީހެއް ނަމަ ތުމެއް ލާފައި އިންނަ ތައްޓެއް ހޯދުން
މުހިއްމެވެ.
- އާދަކޮށް ޑޮކްޓަރަށް
ދައްކައިގެން ދަތާއި، ހިރުގަނޑުގެ ޞިއްޙަތު
ހުރިނެތްގޮތް ބަލައި ދެނެގަންނާށެވެ.
އެއްވެސް ކަހަލަ މައްސަލައެއް ހުރިނަމަ އެކަމަށް ފަރުވާ
ލިބިގަންނާށެވެ.
(6) - ކަންތައްތައް
ކުރުވައި ކަންކަމުގައި ބައިވެރި ކުރުވުން
ބަލިމީހާއަށް ކުރެވިދާނެ ކަންތައްތަކަކީ
ކޮބައިތޯ ބަލައި އެކަންކަން ކުރުވަން އުޅުމަކީ ބައެއް ފަހަރު ވަރަށް
ޝައުގު ހުންނަ ކަމަކަށް ވެދާނެއެވެ. އާކަމެއް ކުރަން ބަލިމީހާއަށް ދަސްކޮށް
ދިނުމުގެ ބަދަލުގައި މިހާރު ވެސް އެމީހާ ދަންނަ ކަމެއް ކުރުވުން ރަގަޅު
ކަމުގައި ފެނެއެވެ. އަންނަނިވި ކަންތައްތަކުން އެހީ
ލިބިގަނެވިދާނެއެވެ.
- މާގިނަ ކަންތައްތައް އެއްފަހަރާ
ކުރުވަން ނޫޅޭށެވެ. ކުދިކުދި ތަފާތު ކަންތައްތަކުގައި ބައިވެރިކޮށް
އެކަންތައްތައް ބަލިމީހާ ލައްވައި ކުރުވިދާނެއެވެ. މިގޮތުން ގޭތެރޭގައި
ކުރަން ހުންނަ ކުދިކުދި ކަންތައްތަކުގައި ބަލިމީހާ ބައިވެރި ކުރެވިދާނެ އެވެ.
- ކުރަން ބޭނުންވާ ކަމެއް
ފެށުމަށް އެހީތެރިވެދޭށެވެ. އަދި އެކަމެއް އެކި މަރުހަލާތަކަށް ބަހާލާށެވެ. ކޮންމެ
މަރުހަލާއެއް ނިމުމުން އެމަކަށް މަރުހަބާ ކިޔައި، ހިތްވަރުދޭށެވެ.
- ކަމެއް ފުރިހަމަކުރަމުން ދަނިކޮށް
އެއްވެސް ކަހަލަ ބަދަލެއް( ބައްޔާއި ގުޅިގެން ފެންނަ ) އާދޭތޯ
ބަލާށެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މަޑުމައިތިރި
ކަމާއެކު ކޮންމެވެސް ވާހަކައެއް ދައްކައިގެން އެކަމެއް ރަގަޅުކުރެވޭތޯ
އެހީތެރިވެދޭށެވެ.
(7) - ކަސްރަތު
ކުރުން
ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ
ބަލިމީހާ އަށާއި، އޭނާ ބަލަހައްޓާ މީހާ އަށް ވެސް ފައިދާތަކެއް ލިބިދޭނެ
ކަމެއްކަން ޔަގީނެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވުމުގެ
އިތުރުން ކަސްރަތު ކުރާ ވަގުތު ކޮޅަކީ ވެސް ބަލިމީހާ އާއި،
އެކިކަންކަމުގައި ޙިއްޞާ ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އަންނަނިވި
ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
- ބަލިމީހާ އަށް ރަގަޅީ
ކޮންކަހަލަ ކަސްރަތެއް ތޯ ބަލާށެވެ. މިގޮތުން
ހިގާލުން، ފެތުން، ނެށުން، ޓެނިސް
ކުޅުން، އަދި ބަގީޗާ ހެއްދުން ( ބަގީޗާގައި ކުރަން ހުންނަ ކަންތައްތައް
ކުރުން ) ފަދަ ކަންތައްތަކަކީ ކުރެވިދާނެ ކަންކަމެވެ.
- ކަސްރަތު ކުރަމުން ދަނިކޮށް
މާބޮޑަށް ވަރުދެރަވެ، ނުވަތަ މާބޮޑަށް މާޔޫސްވާގޮތް ވެއްޖެނަމަ ކަސްރަތު
ކުރުން ހުއްޓާލާށެވެ. މާބޮޑަށް ބަލިމީހާ ބަދަލުތައް އަންނަށް ފަށައިފިނަމަ
ޑޮކްޓަރެއްގެ ކައިރިއަށް ދާށެވެ.
- ކަސްރަތު ކުރަން ފެށުމުގެ
ކުރިން އެކަމަށް ތައްޔާރު ވުމަށް ވާރމް އަޕެއް ޖައްސާށެވެ. ނިންމަންވާނީ
ރަގަޅަށް ފިނިކޮށްލައި ހަދައިގެންނެވެ.
- 30މިނިޓް ވަންދެން ކަސްރަތު
ކުރަން ނިންމައިފައި ވާނަމަ 10 މިނިޓްގެ ސެޝަން އަކުން ފަށާށެވެ. އެއަށްފަހު
ކުރިއަށް ގެންދާށެވެ.
- އެކަށޭނަ ވެއްޓެއް އިޚްތިޔާރު
ކުރާށެވެ. މިސާލަކަށް ލޫންދާ، ނުވަތަ ކައްސާލާ ތަޅުންގަނޑެއްގެ މަތީގައި
ކަސްރަތު ކުރާކަށް ރަގަޅެއް ނުވާނެއެވެ.
- ކޮޅަށް ތެދުވެހުރުމަށް، ނުވަތަ
ތެދުވެ ހަދަން މާބޮޑަށް އުދަގޫނަމަ އެދުގައި ވެސް ހެދިދާނެ ކަސްރަތުތައް
ހުރެއެވެ. ކަސްރަތު ކުރުމަކީ ނިދުމަށް ފަސޭހަވާ ކަމެކެވެ.
- ބައެއް މީހުން އެހެން
މީހުންނާއި ބައިވެރިވެގެން ކަސްރަތު ކުރަން
ބޭނުންވެއެވެ. މިކަހަލަ މީހެއް ނަމަ
އެމީހަކާއި އެކު ކަސްރަތު ކްލާހަކަށް ގޮސް ކަސްރަތު ކުރެވިދާނެއެވެ.
(8) - ގަޔަށް ކުޑަކަމު ނުވަތަ ބޮޑުކަމުދެވުން
ބަލީގައި ދުވަސްވަމުން އަންނަ ވަރަކަށް
ތިމާގެ އިޚްތިޔާރަކާއި ނުލައި ފަހަރުވާ ނުހިފެހެއްޓި،
ކުޑަކަމުދެވޭގޮތް ވެއެވެ. ބައެއް މީހުންނަށް މަދުން
ނަމަވެސް ބޮޑުކަމުދެވޭގޮތް ވެއެވެ. މިއީ
ބަލިމީހާ އަށާއި، އަދި ބަލަހައްޓާ މީހާއަށް ވެސް ތަޙައްމަލު ކުރަން އުދަގޫ
ކަމަކަށް ވެއެވެ. ބައެއް ފަހަރު މިކަންތައް ދިމާވެފައި ހުރީ އެހެން
ބައްޔެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ޑޮކްޓަރާއި،
މަޝްވަރާކޮށްގެން އެހެން ސަބަބެއް ހުރިތޯ ވެސް ބެލިދާނެއެވެ. އަންނަނިވި
ކަންތައްތަކަށް ސަމާލުކަންދޭށެވެ.
- ވަކި ގަވާއިދެއްގެ ދަށުން
ފާޚާނާ އަށް ގެންދާށެވެ. މިސާލަކަށް ކޮންމެ 3
ގަޑިއިރުން 1 ފަހަރު ފާޚާނާ ކުރަން
ބުނެވިދާނެއެވެ. ބަލިމީހާ އެކަމަށް ބޭނުންވެގެން މަޑުކުރުމުގެ ބަދަލުގައި
އަބަދުވެސް ބަލިމީހާ ކުޑަކަމު، ނުވަތަ ބޮޑުކަމު ޙާޖަތަށް ދާންވެފައި
ހުރިތޯ ބަލަންވާނެއެވެ.
- ބަލިމީހާ ފާޚާނާ ކުރަން
ބޭނުންވެގެން އުޅޭ ކަމުގެ ނިޝާނެއް ފެނޭތޯ ބަލާށެވެ. މިސާލަކަށް ހަމަހިމޭނުން
ނުހުރެވުން، ލައިގެން ހުންނަ އެއްޗެއް ބާލަން އުޅުން ފަދަ ކަމެއް ކުރާނަމަ
އޭގެ މާނައަކީ ފާޚާނާއަށް ވަންނަން ބޭނުންވުން ކަމުގައި ވެދާނެއެވެ.
- ބަލިމީހާ އަށް ކުޑަކަމު
ދެވުނަސް ނުވަތަ ބޮޑުކަމު ދެވުނަސް އެކަމާއި
ހިތްހަމަ ނުޖެހިގެން ނޫޅޭށެވެ. އޭގެ
ބަދަލުގައި ބަލިމީހާއަށް ދެން އެފަދަ ގޮތަކަށް ވިޔަނުދޭށޭ ބުނެ ހިތްވަރު
ދޭށެވެ.
- ރޭގަނޑުގެ ވަގުތުތަކުގައި
މިކަންތައްތައް ކުރިމަތި ވިޔަ ނުދިނުމަށްޓަކައި ހަވީރުގެ
ވަގުތުތަކުގައި ކެފޭއިން އެކުލެވޭ ބުއިންތަކާއި،
ދުރުހެލިވާށެވެ. މާގިނައިން މިމައްސަލަ
ކުރިމަތިވާކަން ފާހަގަވާނަމަ ބަލިމީހާ ނިދާ އެދު ކައިރީގައި ބޮޑު
ޕްލާސްޓިކް ތައްޓެއް ފަދަ އެއްޗެއް ބެހެއްޓިދާނެއެވެ.
- ބަލިމީހާ ގޮވައިގެން ތަނަކަށް
ދާނަމަ ފަސޭހަ އިން ބޭލޭނެ ފަދަ ހެދުމެއް ލައްވާށެވެ. އޭރުން
ކުޑަކަމުދާން ޖެހުނަސް ފަސޭހައިން އެކަން ކުރެވޭނެ މަގު ތަނަވަސްވާނެއެވެ. މީގެ
އިތުރުން ބަލިމީހާގެ ހެދުމެއް އެކުގައި ގެންދާ ދަބަހުގައި ބާއްވާށެވެ.
އެއީ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހެދުން ބަދަލުކުރުމަށް ޓަކައެވެ.
(9) - ނިދުމަށް
ދިމާވާ މައްސަލަތައް
ރޭގަނޑުގެ ނިދާ ވަގުތަކީ ބަލީގެ
އަހުލުވެރިންނަށް ވަރަށް އުދަގޫ ވަގުތަކަށް އޮންނަނީ ވެފައެވެ. އެއީ
ވަރަށް ގިނަ މީހުންނަށް ނިދިނައުމުގެ މައްސަލަ ބައްޔާއި ގުޅިގެން ކުރިމަތިވާތީ
އެވެ. އަންނަނިވި ކަންތައްތަކުން އެހީ ލިބިގަންނާށެވެ.
- ހަވީރު ގަޑިން ފެށިގެން
ބަލިމީހާގެ ރޭގަނޑުގެ ނިދުމަށް ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ކޮޓަރީގެ އަލި
ފަނޑުކޮށް ބެހެއްޓުން، އަޑުމަޑުކޮށް ގޭތެރެ ބޭއްވުން، އަދި ބަލިމީހާއަށް އުދަގޫ
ނުވާނަމަ މަޑުމައިތިރި މިއުޒިކެއް ޖަހާފައި ބެހެއްޓިދާނެއެވެ.
- ކޮންމެ ރެއަކުވެސް
އެއްގަނޑިއެއްގައި ނިދަން އޮށޯތުމަށް ބުނާށެވެ.
ވަކި ގަވާއިދެއްގެ ދަށުން ނިދަން
ދާންވުމުން ކަންތައްކުރުމަކީ ވެސް ލިބޭނެ
އެހީއެކެވެ.
- ދުވާލުގެ ވަގުތުތަކުގައި
ކޮންމެވެސް ވަރަކަށް ކަސްރަތުކުރުމަށް ބާރުއަޅާށެވެ. ހަމަމިހެން މާގިނައިން
ދުވާލު ނުނިދުމަށް އިރުޝާދު ދޭށެވެ.
- ހަވީރުގެ ވަގުތު ތަކު ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވާށެވެ. ކެފޭއިން އެކުލެވޭ ބުއިންތައް ހަވީރު ގަޑީގައި ބޯނަމަ ރޭގަނޑު ފާޚާނާ ދާންޖެހުން އިތުރުވެ، އިރުއިރުކޮޅާ ހޭލެވި، ނިދިގެއްލޭގޮތް ވާނެއެވެ.
- ނިދާ ގަނޑީގައި ފަނޑުއައްޔެއް
ބަހައްޓާށެވެ. އަދިރި ވުމުން ބިރުގަންނަ ނަމަ ތަންކޮޅެއް އަލިމަޑު ބޮތްކެއް ނިދާ
ގަޑިއަށް އިޚްތިޔާރު ކުރެވިދާނެއެވެ.
(10) - ޚިޔާލުތަކާއި،
ވަހުމުތައް
ބަލީގެ ދުވަސްވަމުން އަންނަ ވަރަކަށް
އެކިއެކި ޚިޔާލުތަކާއި، ވަހުމުތައް ބަލިމީހާ އަށް ކުރެވޭގޮތް ވެއެވެ.
ވުޖޫދު ނުވާ ތަކެތި ފެނުން، އަޑުތައް އިވުން، ވަސްތައް ދުވުން، އަދި ރަހަލުން
ފަދަ ކަންތައްތައް ކުރިމަތި ވެއެވެ. އެހެންގޮތަކަށް ބުނާނަމަ
އެއްވެސް އެއްޗެއް ނެތަސް ތިމާގެ ވަށައިގެން ކޮންމެވެސް މީހަކު އުޅޭހެން
ހީވުން ނުވަތަ ކޮންމެވެސް މީހަކު ވާހަކަ ދައްކާހެން ހީވުން ފަދަ
ކަންތައްތައް މެދުވެރި ކުރުވައެވެ. އަންނަނިވި ކަންތައްތަކުން އެހީ
ލިބިގަންނާށެވެ.
- ބައެއް ފަހަރު ވުޖޫދު ނުވާ
ތަކެތި ފެނުން، އަދި އެކިއެކި ވަހުމުތަކާއި، ޚިޔާލުތައް ކުރެވުމަކީ
އެހެން ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެއެވެ. އެހެން ކަމުން ޑޮކްޓަރަށް
ދައްކައިގެން އަލްޒައިމާ ބަލި ނޫން އެފަދަ ކަމެއް ކުރިމަތި ކުރުވާ އެހެން
ބައްޔެއް ހުރިތޯ ބަލައި އެބައްޔަށް ފަރުވާ ލިބިގަނެވިދާނެ އެވެ.
- ބަލިމީހާ އެއްޗެއް އެބައުޅެޔޭ،
އަޑުއިވެޔޭ ފަދަ ބަހެއް ބުނުމުން ތިބާ އެކަމާއި، އިދިކޮޅު ނަހަދާށެވެ. އޭގެ
ބަދަލުގައި މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކައިގެން ބަލިމީހާއަށް
އެހެން އެއްޗެއް ނެތްކަން، ވިސްނައިދެވޭތޯ ބަލާށެވެ.
- މިފަދަ ކަމެއް ދިމާވެއްޖެނަމަ
ބަލިމީހާ އެހެން ތަނަކަށް ގެންދާށެވެ. މިސާލަކަށް ގޭތެރޭގެ އެހެން ތަނަކަށް
ގެންގޮސްގެން ވާހަކަ ދައްކަން އިނުން، ގޮވައިގެން ބޭރަށް ހިގާލަން ދިއުން ފަދަ
ކަންތައްތައް ކުރެވިދާނެ އެވެ.
- ޓީވީ އިން މާ ބަލަން އުދަގޫ
ކަހަލަ ޕްރޮގްރާމެއް ދައްކާނަމަ ޓީވީ ނިއްވާލާށެވެ. އެއީ ބަލިމީހާ އަށް
ބައެއް ފަހަރު ހަގީގަތާއި، ޓީވީ ފެންނަ ޕްރޮގްރާމް ދައްކާ އެއްޗެއް ތަފާތު
ކުރަން ނޭގިދާނެތީ އެވެ. މާނައަކީ ޓީވީ އެވަގުތު ފެންނަ ޕްރޮގްރާމަކީ
ހަގީގަތެއް ނުވި ނަމަވެސް ބަލިމީހާ އަށް އެއީ
ހަގީގަތެއް ކަމަށް ގަބޫލު ކުރެވިދާނެތީ
އެވެ.
- ބަލިމީހާ ހުރީ ރައްކާތެރި
ގޮތެއްގައިތޯ ބަލައި ޔަގީންކުރާށެވެ. އަދި އެއްވެސް މީހަކަށް ބަލިމީހާ ކޮށްފާނެ
ކަމަކުން ގެއްލުމެއް ލިބިދާނެތޯ ބަލާށެވެ.
(11) - މަގުއޮޅި
ގެއްލޭގޮތްވުން
މިއީ މަދުން ނަމަވެސް ބަލީގެ
އަހުލުވެރިން އެކަނި ބޭރަށް ގޮސްފިނަމަ ވެދާނެ ގޮތެކެވެ. މިގޮތުން އަންނަނިވި
ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.
- ބަލިމީހާ އަތުގައި ބަލިމީހާ
އަކީ ކާކު، ކޮންތާކު އުޅޭމީހެއްކަމާއި، އޭނާގެ ބަލިހާލަތު އެގޭނެ ފަދަ އެއްޗެއް
އަޅުވައިފައި ބާއްވާށެވެ. މިގޮތަށް ހެދުމުން އޭނާ ގެއްލިގެން އުޅެނިކޮށް
ފެންނަ މީހުންނަށް ވެސް ބަލިމީހާގެ އަހުލުވެރިންނާއި ހަމައަށް
ގެންގޮސްދިނުމުގައި އެހީއަކަށް ވާނެއެވެ.
- ބަލިމީހާގެ ފޮޓޯއެއް ނަގައިފައި
ނުވަތަ ބަލިމީހާ ފެންނާނެ މަންޒަރެއް ވީޑިއޯ ކޮށްފައި ބާއްވާށެވެ. އޭރުން
ގެއްލުނަސް ފުލުހުންގެ އެހީގައި ހޯދަން ފަސޭހަ ވާނެއެވެ.
- ބަލިމީހާ ކުޅުމުގެ ސަބަބުން
އޭނާއަށް އަދި އެހެންމީހުންނަށް ގެއްލުމެއް ވެދާނެ ފަދަ އެއްޗެއް
ބަލިމީހާގެ އަތުޖެހޭ ހިސާބުގައި ނުބާއްވާށެވެ.
- ގޭގެ ގޭޓް ދޮރު ތަޅުލާފައި
ބަހައްޓާށެވެ. އޭރުން ބަލިމީހާ އަށް ގޭގެ އެހެންމީހުންނަށް ނޭގި ގެއިން ނިކުމެގެން
ދާން އުދަގޫވާނެއެވެ.
(12) - ގޭތެރޭގެ
ރައްކާތެރިކަން
ބަލިމީހާ ގެ ރައްކާތެރިކަމަށް ޓަކައި ގޭގެތެރޭގައި
ތަކެތި އެތުރިފައި ހުންނަން ޖެހޭނީ ވަކިގޮތަކަށެވެ. މިގޮތުން އަންނަނިވި
ކަންތައްތަކަށް ސަމާލު ކަން ދެވިދާނެއެވެ.
- ގޭގެ ހުރިހާ ކޮޓަރިތަކެއްގެ
ވެސް ތަޅުދަނޑީގެ އިތުރު ކޮޕީއެއް ހަދާފައި ބާއްވާށެވެ. އޭރުން ބަލިމީހާ
ކޮޓަރިއެއްގައި އަމިއްލަ އަށް ތަޅުލެވިގެން ހުއްޓަސް ނެރެން ފަސޭހަ
ވާނެއެވެ. ބައެއް ފަހަރު މިގޮތަށް ކޮޓަރިއަށް ވަދެ ތަޅުލެވިގެން ހުރެ
ބަލިމީހާ ކޮންމެ ފަދަ ނުރައްކާތެރި ކަމެއް ކުރުމަކީ ވެސް އެކަށީގެންވާ
ކަމެކެވެ.
- ބަލިމީހާއަށް ޚާއްޞަ
ކުރެވިފައިވާ ފާޚާނާގެ ދޮރު އެތެރޭން ތަޅު ނުވަތަ
ތަންޑު އެޅުވޭގޮތަށް ނުބަހައްޓާށެވެ.
އެއީ ފަހަރުގައި މިކަމުގެ ސަބަބުން ވެސް ބަލިމީހާ އަށް ނުރައްކަލެއް
ކުރިމަތިވެދާނެތީ އެވެ.
- ބޭސް، އަދި އެހެނިހެން ގޭތެރެ
އަދި ބަނދިގޭގައި ބޭނުންކުރެވޭ ކެމިކަލް މާއްދާތައް ފަދަ ތަކެތި ވަކި
ހަރުގަނޑެއްގައި ތަޅުލާފައި ބަހައްޓާށެވެ.
އަދި ހުރިހާ އެއްޗެއްގައި ބޮޑުއަކުރުން
އޭގައި ހުރީ ކޮންއެއްޗެއްކަން އެގޭނެހެން ލިޔެފައި ބަހައްޓާށެވެ.
- ވަޅި، ލައިޓަރު، އަލިފާން
ފޮށިފަދަ ތަކެތި ބަލިމީހާގެ އަތުޖެހޭ ހިސާބު
ނުބަހައްޓާށެވެ. މިތަކެތި ހުންނަންވާނީ
ވަކިހަރުގަނޑެއްގައި ނުވަތަ ވަތްގަނޑެއްގައި ތަޅުލެވިފައި އެވެ.
(13) - ޑޮކްޓަރަށް
ދެއްކުން
އާދައިގެ މަތިން ހަމަޖެހިފައިވާ
އުޞޫލުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އަންނަނިވި
ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.
-
ބަލިމީހާ އެންމެ ހަމަޖެހިފައި ހުންނަ
ގަނޑިއެއް ބަލައި، އެގަނޑިއަކާއި ދިމާކޮށް ޑޮކްޓަރަށް ދައްކަން
އެޕޮއިންޓްމަންޓް ހައްދާށެވެ.
- ޑޮކްޓަރަށް ދައްކަން އުޅޭ
ވާހަކަ އެދުވަސް ޖެހުމުގެ ކުރިން ނުވަތަ ދާންކައިރިވުމުގެ ކުރިން ނޫނީ
ނުބުނާށެވެ. އަދި ދާންވުމުން ރީތިކޮށް ބުނެކިޔައިދީ އެއްބަސް ކުރުވާށެވެ.
- އެކުގައި އާއިލާގެ އެހެން
މެންބަރެއް ގެންދާށެވެ. އޭރުން އެކަކު ބަލިމީހާ އަށް
ރައްކާތެރިވާއިރު،އަނެކަކަށް ޑޮކްޓަރާއި މަޝްވަރާކުރެވޭނެ
އެވެ.
(14) - ބަލީގެ
އަހުލުވެރިޔާގެ ކައިރިއަށް ޒިޔާރަތްކުރުން
އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް
ޒިޔާރަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޒިޔާރަތް ކުރާ ކޮންމެ
މީހަކުގެ ނަމާއި، އެމީހަކާއި ބަލިމީހާ އާއި
ހުރި ގުޅުން ފަހަރުގައި ބަލިމީހާ ހަދާން
ނުހުރެދާނެއެވެ. އެކަމުގެ މިގޮތަށް ޒިޔާރަތް ކުރުމުން ބަލިމީހާ
އަށް ހިތްހަމަޖެހުން ގެނެސްދެއެވެ. މިގޮތުން މީހަކު ބަލިމީހާ އަށް ޒިޔާރަތް
ކުރަން އުޅޭނަމަ ވިސްނަންޖެހޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ
އެވެ.
- ބަލިމީހާ އެންމެ ހަމަޖެހިފައި
ހުންނަ ގަޑިއެއް ބަލާފައި އައުމަށް ޒިޔާރަތް ކުރަން ބޭނުން ބަޔަކު
ކައިރީގައި ބުނާށެވެ. އަދި އަންނަ އިރު ބަލިމީހާ އަށް ފައިދާއެއް ލިބިދާނެ
އެއްޗެއް ގެނެވިދާނެއެވެ. މިސާލަކަށް ބަލިމީހާ އަށް ދައްކަން ފޮޓޯ އަލްބަމެއް
ނުވަތަ ބަލިމީހާ ކިޔާލަން މަޖައްލާ އެއް ފަދަ ގެނެސްދެވިދާނެއެވެ.
- ބަލިމީހާ އާއި، ވާހަކަ
ދައްކަންވާނީ ރީތި ބަހުންނެވެ. މާގިނަ މީހުން
އެއްފަހަރާ އައުމަކީ ރަގަޅުގޮތެއް
ނޫނެވެ. އަދި ބަލިމީހާ އާއި މާކައިރީގައި ވާހަކަ ދައްކަން ތިބުމަކީ ވެސް ރަގަޅު
ގޮތެއް ނޫނެވެ. ހަރުއަޑުން ވާހަކަ ދެއްކުމުގެ ބަދަލުގައި މަޑުމަޑުން
ވާހަކަ ދެއްކިދާނެއެވެ.
- ބަލިމީހާ އާއި މުޚާތަބު
ކުރަންވާނީ ބަލިމީހާގެ ފުރިހަމަ ނަމުންނެވެ.
ނޫނީ އެމީހަކު ބަލިމީހާއަށް އާންމުކޮށް
މުޚާތަބުކޮށް އުޅޭ ނަމަކުންނެވެ. މިސާލަކަށް ދައްތަ ބޭބެ ފަދަ
ނަންނަމުންނެވެ. ބަލިމީހާއަށް ތިބާއަކީ ކާކުކަން ދެނެގަންނަށް ނޭގިއްޖެ ނަމަ
ބުނެ ކިޔައި ހަދާންކޮށްދޭށެވެ.
- ބަލިމީހާ އަށް ކިޔައިދިނުމުން
ނޭގުނު ނަމަވެސް ތަކުރާރުކޮށް ކިޔައިދީގެން ވިސްނައިދޭން ނޫޅޭށެވެ.
އަދި އެހެން ކޮންމެވެސް ވާހަކައެއް ބަލިމީހާ އާއި، ދައްކާށެވެ. އަދި
ބަލިމީހާއަށް ތިމާ ނޭގުނޭ ކިޔާފައި ހިތްހަމަ ނުޖެހިގެން އެކަމުގެ
ރުޅިވެރިކަން ހާމަ ނުކުރާށެވެ. އެއީ އެގޮތަށް
ދިމާވުމަކީ މިފަދަ ބަލީގެ
އަހުލުވެރިންގެ މެދުގައި އާންމު ކަމަކަށް ވާތީއެވެ.
ނޯޓް: މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ
ލިޔުމެކެވެ.
މައުލޫމާތު:
Center, W. -A. (n.d.). Alzheimer's
Disease Health Center. Retrieved 05 14, 2013, from http://www.webmd.com/:
http://www.webmd.com/alzheimers/default.htm
ޖަމީލް, ޑ. އ. (2007, 01 23). ހަދާން ބަލިވަމުން ދިއުން. Retrieved 04 15, 2013, from http://www.haveeru.com.mv/:
http://www.haveeru.com.mv/dhivehi/opinion/42446
ޖަމީލް, ޑ. އ. (2005, 06 28). ހަދާންބަލިވުމުގެ ބަލި ނުވަތަ އަލްޒައިމާގެ ހިތްދަތިކަން. Retrieved 05 16, 2013, from
http://www.haveeru.com.mv/: http://www.haveeru.com.mv/dhivehi/health/22620
ޖަމީލް, ޑ. އ. (2004, 06 15). އަލްޒައިމާ ބައްޔާ ދުވަސްވުން. Retrieved 05 15, 2013, from
http://www.haveeru.com.mv/: http://www.haveeru.com.mv/dhivehi/news/13629
އިތުރު ފާލަންތައް
No comments:
Post a Comment