ލޭމައްޗަށްދިއުން
އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި
ދިނުމުގައި ނުވަތަ ލޭހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ
ހުރެއެވެ. ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު(ލޭގެ ޕްރެޝަރު) ހުންނަންޖެހޭ
މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ.
ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު
ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ލޭގެ ޕްރެޝަރަ(blood pressure)ކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައި ދިނުމުގައި
ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުކުރާއިރު އުފައްދާ ބާރު ނުވަތަ ޕްރެޝަރެވެ.
ހަށިގަނޑުގެ ބައިތަކަށް ކާނާ އަދި އޮކްސިޖަން ގެންގޮސްދެނީ ލޭގެ ޒަރީޢާއިން
ކަމަށްވުމުން، މިމަސައްކަތް ހިންގުމަށް ލޭގެ ޕްރެޝަރު އަބަދުވެސް އާދައިގެ
މިންވަރެއްގައި ހުންނަން ޖެހެއެވެ.
ލޭމައްޗަށްދިއު(hypertension)މަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު(ލޭގެ
ޕްރެޝަރު) އެމީހެއްގެ އުމުރާއި ޖިންސާ އަޅާ ބަލާއިރު،އާންމުކޮށް
ހުންނަން ޖެހޭ މިންވަރަށްވުރެ މަތީ މިންވަރެއްގައި ހުރުމެވެ.އާންމުގޮތެއްގައި
ބޮޑުމީހެއްގެ ލޭގެ ޕްރެޝަރު 80/120މިލިމީޓަރު މާކަރީ އާއި 89/139 މިލިމީޓަރު
މާކަރީ އާއި ދޭތެރޭގައި ހުރުން އެއީ މައްސަލަ އެއް ނޫނެވެ.
ލޭމައްޗަށްދިއުން(hypertension) ކަމަށް ބަލާނީ ހިތުން ލޭ ބޭރަށް ފޮނުވައިދިނުމުން(ހިތް ފިތޭއިރު)
އުފެދޭ ޕްރެޝަރު(systolic pressure) 140 މިލިމީޓަރު މާކަރީއަށް ނުވަތަ އެއަށްވުރެ މައްޗަށް
ދިއުމާއެކު، ހިތުން ލޭ ފޮނުވާލުމަށްފަހު ހިތަށް ދޫޖެހުން ލިބި ހިތް މަޑުޖެހިލާ
(ހަމައަކަށްއެޅޭ) ވަގުތުކޮޅު އުފެދޭ ޕްރެޝަރު(diastolic
pressure) 90 މިލިމީޓަރު މާކަރިއަށް ވުރެ
މައްޗަށް ދާއިމީ ގޮތެއްގައި ދިއުމުންނެވެ. އެހެންކަމުން ލޭމައްޗަށްދިއުމޭ ބުނެވެނީ
ދާއިމީ ސިފައެއްގައި ލޭގެ ޕްރެޝަރު މަތިވެފައިވާނަމަ އެވެ.
ލޭގެ ޕްރެޝަރު މައްޗަށްދިއުން(hypertension) ނުވަތަ ލޭމައްޗަށްދިއުން ސިފަކުރެވެނީ ގަދަބާރާއެކު، ނުވަތަ މަތީ
ޕްރެޝަރުގައި ހަށިގަނޑުގައި ލޭދައުރުކުރުމަށެވެ. ނުވަތަ ދާއިމީ ސިފައެއްގައި ލޭގެ
ޕްރެޝަރު 90/140 މިލިމީޓަރު މާކަރީއަށްވުރެ މަތީގައި ހުރުމަށެވެ. ދިވެހިންގެ
ތެރޭގައި ލޭމައްޗަށްދިއުމަށް "ލޭގެ ޕްރެޝަރު މަތިވުން" ، "ޕްރެޝަރު
މަތިވުން"، އަދި "ލޭމަތިވުން" ފަދަ ނަންތައް ކިޔައި އުޅެއެވެ.
ލޭގެ ޕްރެޝަރު މިންކުރާ މިންގަނޑުތައް
ލޭގެ ޕްރެޝަރަ(blood pressure)ކީ ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދިނުމުގައި
ލޭފޮނުވައިދޭ މައި ލޭހޮޅި ތަކަށްކުރާ ބާރެވެ. ލޭގެ ޕްރެޝަރު ބަލަނީ ސާފުލޭ
ދަތުރުކުރާ ލޭހޮޅި(artery)
ންނެވެ. ލޭގެ ޕްރެޝަރު ހުންނަ މިންވަރު މިނަނީ "މިލިމީޓަރު މާކަރީ"(millimeter mercury) އިންނެވެ.
ލޭގެ ޕްރެޝަރު ބަލާއިރު ދެބައެއް ފާހަގަ ކުރެވެއެވެ. އެއީ ސިސްޓޮލިކް ޕްރެޝަރު
އަދި ޑަޔަސްޓޮލިކް ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރުގެ މިއިން ކޮންމެ މިންގަނޑަކީ ވެސް
މުހިއްމު މިންގަނޑެކެވެ.
ސިސްޓޮލިކް ޕްރެޝަރު(systolic pressure): އަކީ ހިތުން
ލޭ ބޭރުކޮށްލުމަށް ހިތް ކުރުގެޅި ފިތޭއިރު(contraction)ހިތުން ހަށިގަނޑުގެ ބައިތަކަށް ސާފު ލޭގެންގޮސްދޭ(ސާފުލޭ
ދައުރުކުރާ) ލޭހޮޅި(artery)
ތަކުގެ ތެރޭގައި ލޭދައުރުވާ(އުފެދޭ) ބާރުމިނެވެ. ނުވަތަ އެފަދަ ލޭހޮޅިތަކުގެ
ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ.އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭ
ފޮނުވައިދިނުމުން ހަށިގަނޑުގެ ބައިތަކަށް ސާފު ލޭގެންގޮސްދޭ ލޭހޮޅި ތަކުގެ
ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އެފަދަ ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ
ޕްރެޝަރެވެ. ލޭގެ ޕްރެޝަރު ބަލާއިރު ފުރަތަމަ އިވޭ އަޑަކީ ސިސްޓޮލިކް ޕްރެޝަރުގެ
އަޑެވެ. އަދި ލޭގެ ޕްރެޝަރު ލިޔެފައި އިންނައިރު މަތީގައި އިންނަ ޢަދަދަކީ
ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. ސިސްޓޮލިކް ޕްރެޝަރު އެންމެ ރަގަޅީ 120
މިލިމީޓަރު މާކަރީ ނުވަތަ އެއަށްވުރެ ދަށުގައި ހުރުމެވެ.
ޑަޔަސްޓޮލިކް ޕްރެޝަރު(diastolic pressure): އަކީ ހިތުން
ލޭ ބޭރުކޮށްލުމަށްފަހު ހިތަށް ދޫޖެހުންލިބި ހަމައަކަށް އެޅޭއިރު(relaxation)ހިތުން ހަށިގަނޑުގެ
ބައިތަކަށް ސާފު ލޭގެންގޮސްދޭ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ.
ނުވަތަ އެފަދަ ލޭހޮޅިތަކުގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. އެހެން ގޮތަކަށް
ބުނާނަމަ މިއީ ހިތުން ލޭފޮނުވާދިނުމަށްފަހު މަޑުޖެހިލާ ވަގުތުކޮޅު(ހަމައަކަށް އެޅޭ
ވަގުތުކޮޅުގައި)ހިތުން ހަށިގަނޑުގެ ބައިތަކަށް ސާފު ލޭގެންގޮސްދޭ ލޭހޮޅިތަކުގެތެރޭގައި
ލޭދައުރުވާ ބާރުމިން ނުވަތަ އެފަދަ ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ ޕްރެޝަރެވެ. ލޭގެ
ޕްރެޝަރު ބަލާއިރު ދެވަނަ އަށް އިވޭ އަޑަކީ ޑޔަސްޓޮލިކް ޕްރެޝަރުގެ އަޑެވެ. އަދި ލޭގެ
ޕްރެޝަރު ލިޔެފައި އިންނައިރު ތިރީގައި ލިޔެފައި އިންނަ ޢަދަދަކީ ޑަޔަސްޓޮލިކް
ޕްރެޝަރު ހުންނަ ވަރެވެ. ޑަޔަސްޓޮލިކް ޕްރެޝަރު އެންމެ ރަގަޅީ 80 މިލިމީޓަރު
މާކަރީ ނުވަތަ އެއަށްވުރެ ދަށުގައި ހުރުމެވެ.
ލޭގެ ޕްރެޝަރު އާދައިގެ ގޮތެއްގައި ހުރިނަމަ ލިޔެފައި އިންނާނީ 80/120
މިލިމީޓަރު މާކަރީ މިހެންނެވެ. އެހެންކަމުން މީހެއްގެ ލޭގެ ޕްރެޝަރު އެންމެ ރަގަޅު
މިންގަނޑުގައި ހުރިކަމަށް ބަލާނީ 80/120 މިލިމީޓަރު މާކަރީ ނުވަތަ އެއަށްވުރެ
ދަށުގައި ހުރުމުންނެވެ. ނަމަވެސް ލޭގެ ޕްރެޝަރު ދަށްވަމުން ގޮސް މާބޮޑަށް
ދަށްވުމަކީ ވެސް ރައްކާތެރިކަމެއް ނޫނެވެ.
ލޭގެ ޕްރެޝަރު ބަހާލެވޭގޮތް (ބަހާލެވިފައިވާ މިންގަނޑުތައް)
ލޭގެ ޕްރެޝަރު ބަލާއިރު އާންމު ގޮތެއްގައި ހުންނަނީ 120/80 މިލިމީޓަރު
މާކަރީ އަށްވުރެ ދަށުގައެވެ. 120
މިލިމީޓަރު މާކަރީ އެއީ ސިސްޓޮލިކް ޕްރެޝަރު އެވެ. 80 މިލިމީޓަރު މާކަރީ އެއީ
ޑަޔަސްޓޮލިކް ޕްރެޝަރު އެވެ. ސިސްޓޮލިކް ޕްރެޝަރު އަކީ ހިތުން ލޭ ބޭރަށް
ފޮނުވާދޭއިރު ހުންނަ ޕްރެޝަރު އެވެ. ޑަޔަސްޓޮލިކް ޕްރެޝަރު އަކީ ހިތް ހަމައަކަށް
އެޅޭ ހިނދު ލޭހޮޅިތަކުގެ ތެރޭގައި ހުންނަ ޕްރެޝަރު އެވެ. ނުވަތަ ހިތުން
ލޭބޭރުކޮށްލުމަށްފަހު ހިތް އަރާމުކޮށްލާ ވަގުތު ނުވަތަ ހިތުން ލޭ ޕަމްޕްނުކުރާ
ވަގުތު ހުންނަ ޕްރެޝަރު އެވެ.
ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރު މީހާގެ އުމުރާއި ވަރަށް ބޮޑަށް ގުޅިފައި
ވެއެވެ. ޒުވާން އުމުރުގައި ޕްރެޝަރު ބަލާއިރު 90/140 ގައި ހުރެއްޖެނަމަ މިއީ މަތީ
އަދަދެކެވެ. މެދު އުމުރަށްވުރެ މައްޗަށް ދިއުމުން 90/140 ގައި ހުރިނަމަ އަދި ބޭސް
ނުކައި ޑޮކްޓަރުގެ އިރުޝާދުގެ މަތީން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އިރުޝާދު
ދޭނެއެވެ. ހަށިގަނޑަށް ނުރައްކާވަނީ ސިސްޓޮލިކް ޕްރެޝަރު 140 އަށްވުރެ މަތީގައި
ހުރެފައި އަދި ޑަޔަސްޓޮލިކް ޕްރެޝަރު 90 އަށްވުރެ މަތީގައި ދާއިމީ ސިފައެއްގައި
ހުރެއްޖެ ނަމައެވެ.
ލޭގެ ޕްރެޝަރު ބޮޑެތި
މީހުންގެ މެދުގައި ހުންނަކަމަށް ބަހާލެވޭގޮތް
|
|||
ދަރަޖަ
|
ސިސްޓޮލިކް ޕްރެޝަރު
|
ޑަޔަސްޓޮލިކް ޕްރެޝަރު
|
ލޭގެ ޕްރެޝަރު
|
ހުރުން އެދެވޭ މިންވަރަށްވުރެ ދަށްވުން
|
90 އަށްވުރެ ދަށް
|
60 އަށްވުރެ ދަށް
|
60/90 އަށްވުރެ ދަށް
|
ހުރުން އެދެވޭ އެންމެ ރަގަޅު މިންވަރު
|
119-90އާ ދެމެދު
|
79-60އާ ދެމެދު
|
60/90–79/119އާ ދެމެދު
|
ހުރުން އެދެވޭ އެންމެ މަތި މިންވަރު
|
129-120އާ ދެމެދު
|
84-80އާ ދެމެދު
|
80/120–84/129އާ ދެމެދު
|
ރަގަޅު މިނަށްވުރެ މަތިވުން
|
139-130އާ ދެމެދު
|
89-85އާ ދެމެދު
|
85/130–89/139އާ ދެމެދު
|
ލޭމައްޗަށްދިއުން : އާދައިގެ މިންވަރު 1
|
159-140އާ ދެމެދު
|
99-90އާ ދެމެދު
|
90/140–99/159އާ ދެމެދު
|
ލޭމައްޗަށްދިއުން : މެދު މިންވަރު 2
|
179-160އާ ދެމެދު
|
109-100އާ ދެމެދު
|
100/160–109/179އާ ދެމެދު
|
ލޭމައްޗަށްދިއުން : ނުރައްކާތެރި މިންވަރު 3
|
209-180އާ ދެމެދު
|
119-110އާ ދެމެދު
|
110/180–119/209އާ ދެމެދު
|
ލޭމައްޗަށްދިއުން : ވަރަށް ނުރައްކާތެރި މިންވަރު 4
|
210 އަށްވުރެ މަތި
|
120އަށްވުރެ މަތި
|
120/210 އަށްވުރެ މަތި
|
ނޯޓް : ލޭދަށްވެގެން، 60/90 މމމ އަށްވުރެ ދަށްވުން، އަދި
މަތިވެގެން، 90/140މމމ އަށްވުރެ މަތިވުމަކީ ބަލީގެ ހާލަތްތަކެވެ.
|
ލޭމައްޗަށްދިއުމުގެ ވައްތަރުތައް
ލޭމައްޗަށްދިއުމުގެ ދެވައްތަރެއް ވެއެވެ. ލޭމައްޗަށްދިއުމުގެ
މައިގަނޑު ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ "ޕްރައިމަރީ
ހައިޕަރޓެންޝަން" އެވެ. ދެވަނަ ވައްތަރަކީ "ސެކަންޑަރީ ހައިޕަރޓެންޝަން"
އެވެ.
(ހ) - ޕްރައިމަރީ ހައިޕަރޓެންޝަން (primary hypertension): އަކީ ވަކި ސަބަބެއް ބުނެދޭން ނޭގި (ވަކި ގުނަވަނެއްގެ
ބައްޔަކާއި ގުޅިގެން ނޫން ގޮތަށް) ލޭގެ ޕްރެޝަރު މައްޗަށް ގޮސް، ލޭމައްޗަށްދިއުން
މެދުވެރި ވުމެވެ. މިއީ ވަކި ސަބަބެއް ކަނޑައެޅިގެން ބުނެދޭން ނޭނގި
ލޭމައްޗަށްދިއުން މެދުވެރިވުމެވެ. ލޭމައްޗަށްދާ މީހުންގެ ތެރެއިން 95 އިންސައްތަ
މީހުންނަށް ލޭމައްޗަށްދިއުން މެދުވެރިވަނީ ލޭގެ ޕްރެޝަރު މައްޗަށްދިޔަ
ވަކިސަބަބެއް ކަނޑައަޅަން ނޭނގި އެވެ. (މަގުފަހިކުރާ
ކަންތައްތައް މިލިޔުމުގެ ތިރީގައި ބަޔާންކޮށްފައި ވާނެއެވެ).
ޕްރައިމަރީ ހައިޕަރޓެންޝަން(primary
hypertension) އަކީ ލޭމައްޗަށްދިއުން
މެދުވެރިވީ ކަނޑައެޅިގެން ވަކިކަމެއްގެ ސަބަބުންކަން ބުނަން ނޭނގޭ ވައްތަރެވެ.
މިވައްތަރުގެ ލޭމައްޗަށްދިއުން ގުޅިފައިވަނީ ވާރުތަވުން، އަދި ދިރިއުޅުމުގައި
ގެންގުޅެވޭ އާދަ ތަކާއެވެ. މިސާލަކަށް ކެއުމުގައި މާގިނައިން ލޮނު، ތެޔޮ އެއްޗެތި
ބޭނުންކުރުން، ބަރުދަން އިތުރުވުން، އަދި ހާސްވެ ފިކުރުބޮޑުވުން ފަދަ ކަންތައްތައް
މީގެ ތެރޭގައި ހިމެނެއެވެ. ލޭމައްޗަށްދިއުމުގެ އެންމެ އާންމުކޮށް ފެންނަ
ވައްތަރަކީ މިއީ އެވެ. އަދި އެންމެ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ
ލޭމައްޗަށްދިއުމުގެ ވައްތަރަކީ ވެސް މިއީ އެވެ. މިވައްތަރު އާންމުކޮށް
ކުރިމަތިވަނީ މެދު އުމުރުގެ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށެވެ.
ޕްރައިމަރީ ހައިޕަރޓެންޝަންގެ މައްސަލަ
ފެންމަތިވެގެން އަންނަނީ ހިތުން ލޭބޭރުކުރާ މިންވަރު(cardiac
output) އިތުރުވުން، ނުވަތަ ކުދި
ލޭހޮޅިތަކުގައި ލޭދައުރުވުމަށް ހުރަސްއަޅާ މިންވަރު(peripheral
resistance) އިތުރުވުން ފަދަ ކަމަކާ
ގުޅިގެންނެވެ. އެހެންކަމުން މިއިން ކަމެއް އިތުރުވާ ނުވަތަ މަތިކުރުވާ ފަދަ ކަމެއް
ކުރިމަތިވެއްޖެނަމަ އެކަމުގެ ސަބަބުން ދާއިމީ ގޮތެއްގައި ލޭމައްޗަށްދިއުން
މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިވައްތަރަށް "އަސާސީ
ލޭމައްޗަށްދިއުން" މިހެން ވެސް ކިޔައި އުޅެއެވެ.
ޕްރައިމަރީ ހައިޕަރޓެންޝަން މެދުވެރިވުމުގައި
ދައުރެއް އަދާކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފައެވެ.
އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - ސިމްޕަތެޓިކް ނާރުތަކުގެ
މަސައްކަތް އިތުރުވުން : ސިމްޕަތެޓިކް ނާރުތަކުގެ ނިޒާމަކީ އަހަރެމެންގެ
ބާރަކާނުލައި ހަށިގަނޑުގައި ހިނގާ ކަންތައްތައް ކޮންޓްރޯލްކުރާ ނާރުތަކުގެ
ނިޒާމްގެ ބައެކެވެ. މިނިޒާމް ހީވާގިވުމުން ލޭހޮޅިތައް ހަނިވުން މެދުވެރިކުރުވައި،
ކުދިކުދި ލޭހޮޅިތަކުގައި ލޭދައުރުވުމަށް ހުރަސްއަޅާ މިންވަރު އިތުރުވެގެން ދެއެވެ.
ނަތީޖާއެއްގެ ގޮތުން ލޭމައްޗަށްދިއުން މެދުވެރި ކުރުވައެވެ.
(ށ) - ރީނިން ބޭރުވުން : ސަބަބެއް ނެތި ރީނިން ކިޔާ ހޯރމޯނެއް ގުރުދާއިން ބޭރުވުން
އިތުރުވުމުން "އެންޖީއޯޓެންސިނަޖަން" ، "އެންޖީއޯޓެންސިން1"
އަށް ބަދަލުވުމަށް މަގުފަހިވެއެވެ. އަދި އެއަށްފަހު "އެންޖީއޯޓެންސިން2"
އަށް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން ލޭހޮޅިތައް ހަނިވެ، އެޑްރީނަލް ގްލޭންޑް
އިން "އެލްޑޮސްޓަރޯން" ދޫކުރަން ފަށައެވެ. އޭގެ ސަބަބުން ހަށިގަނޑުގައި
ލޮނާ ފެން ޖަމާވެ ލޭމައްޗަށްދިއުން މެދުވެރިކުރުވާ ގޮތްވެއެވެ.
(ނ) - އެޑްރީނަލް ގްލޭންޑް އިން "މިނެރަލޯކޯޓިކޮއިޑް" ކިޔާ ހޯރމޯނެއް
ބޭރުވުން އިތުރުވުން : މިނެރަލޯކޯޓިކޮއިޑް ހޯރމޯން
ބޭރުވުން އިތުރުވުމަކީ ވެސް ހަށިގަނޑުގައި ލޮނާ ފެންޖަމާވާގޮތްވެ،
ލޭމައްޗަށްދިއުން މެދުވެރިކޮށްފާނެ ކަމެއްކަމަށް ވަނީ ބެލެވިފައެވެ.
(ރ) – ޕްރޮސްޓަގްލޭންޑިން އަދި
ނައިޓްރިކް އޮކްސައިޑް ފަދަ ލޭހޮޅިތައް ފުޅާކުރާ މާއްދާތައް މަދުވުން : މިފަދަ މާއްދާތައް މަދުވުމަކީ ވެސް މިވައްތަރުގެ
ލޭމައްޗަށްދިއުން މެދުވެރިވުމުގައި ދައުރެއް އަދާކޮށްފާނެ ކަމެއްކަމަށް ބެލެވިފައި
ވެއެވެ.
(ށ) - ސެކަންޑަރީ ހައިޕަރޓެންޝަން (secondary
hypertension): އަކީ ހަށިގަނޑުގެ
ގުނަވަނެއްގައި ހުރި ފާހަގަކުރެވޭ ބައްޔެއްގެ ސަބަބުން ލޭމައްޗަށްދިއުން
މެދުވެރިވުމެވެ. މިއީ ދިމާވާ ހާލަތަކާ ގުޅިގެންނާ، ތަފާތު އެކިއެކި ބަލިތަކުގެ
ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމެވެ. ލޭމައްޗަށްދާ މީހުންގެ ތެރެއިން 5
އިންސައްތަ މީހުންނަކީ ތަފާތު ބަލިތައް ޖެހުމުގެ ސަބަބުން ލޭމައްޗަށްދިއުން
މެދުވެރިވާ މީހުންނެވެ. ލޭމައްޗަށް ދިއުމަށް މެދުވެރިވާ ގިނަ ސަބަބުތަކަކީ ދެވޭ
ފަރުވާއިން އެކަންކަން ރަގަޅުކުރެވިދާނެ ކަންކަމެވެ. މިކަންކަން ރަގަޅުވާ ވަރަކަށް
ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭނެ އެވެ.
ސެކަންޑަރީ ހައިޕަރޓެންޝަން(secondary
hypertension) އަކީ ލޭމައްޗަށްދިއުމުގެ އެހާ
އާންމު ވައްތަރެއް ނޫނެވެ. މިވައްތަރުގެ ލޭމައްޗަށްދިއުން އާންމު ގޮތެއްގައި
މެދުވެރިވަނީ ތިމާގެ ހަށިގަނޑުގައި ހުރި ކޮންމެވެސް ބައްޔެއްގެ ސަބަބުންނެވެ.
އެހެންކަމުން މިއީ އެހެން ބައްޔެއްގައި ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ލޭމައްޗަށްދިއުމުގެ
ވައްތަރެކެވެ.
މިވައްތަރުގެ ލޭމައްޗަށްދިއުން ދެނެގަތުމަށް ލޭގެ
ޕްރެޝަރު ބަލާއިރު މަތިކަމުގައިވާނަމަ އެހެން އިތުރު ޓެސްޓުތައް ހަދަން ޖެހެއެވެ.
މިސާލަކަށް ލޭ އަދި ކުޑަކަމު ނަޖިސް ޓެސްޓު ކުރެއެވެ. މިވައްތަރަށް ފަރުވާކުރުމަށް
ފުރަތަމަ ކުރަންޖެހޭ ކަމަކީ ލޭމައްޗަށްދިއުމަށް މެދުވެރިވި ސަބަބު ނުވަތަ ބަލި
ދެނެގަތުމެވެ. އެއަށްފަހު އެބައްޔަކަށް ފަރުވާކުރުމުން ލޭމައްޗަށްދިއުން ރަގަޅު
ވެދެއެވެ. ބޭނުންކުރަމުންދާ ބޭހެއްގެ ސަބަބުން ލޭމައްޗަށްދިއުން މެދުވެރިވިނަމަ،
އެބޭހެއް ބޭނުންކުރުން ހުއްޓާލުމުން، ރަގަޅު ވެދެއެވެ. އާންމު ގޮތެއްގައި
މިވައްތަރުގެ ލޭމައްޗަށްދިއުން ކުރިމަތިވަނީ އުމުރުގެ ކުރީކޮޅު އެވެ. މާނައަކީ
ޒުވާން އުމުރާ، ފުރާވަރުގެ އުމުރު ފުރާގައި ލޭމައްޗަށްދިއުން ކުރިމަތިވަނީ ގިނަ
ފަހަރު މިވައްތަރުގެ ސަބަބުންނެވެ.
ލޭމައްޗަށްދިއުމުގެ ފުރުޞަތު ބޮޑީ ކޮންބަޔަކަށް؟
1- އާއިލާގައި ލޭމައްޗަށްދިއުން ހުންނަ
މެންބަރުން ހިމެނޭ އާއިލާގެ މީހުން
2- ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
3- މާބަނޑު މީހުން
4- ދޭތެރެދުރުކުރާ ބޭސް ބޭނުންކުރާ
އަންހެނުން
5- އުމުރުން 35 އަހަރަށްވުރެ ދޮށީ މީހުން
6- އާދަޔާ ޚިލާފަށް ފަލަމީހުން
7- އާންމުކޮށް ހެލިފެލިވެ ހަރަކާތްތެރިވެ
ނޫޅޭ މީހުން
8- ތެޔޮ، އަދި ލޮނު ކެއުމުގައި މާގިނައިން
ބޭނުންކުރާ މީހުން
9- އާދަކޮށް ބަނގުއާވި ބޯމީހުން
ތަބީޢީ ގޮތެއްގައި ލޭގެ ޕްރެޝަރާ
ގުޅުންހުރި ކަންތައްތައް
- ހަށިގަނޑުގެ ހިސާބު : އާންމު ގޮތެއްގައި ހަށިގަނޑުގެ އެހެން ހިސާބުތަކަށްވުރެ
ފައިގައި ލޭގެ ޕްރެޝަރު މަތިކަން ފާހަގަ ކުރެވިފައިވެއެވެ.
- އުމުރު : އުފަންވާއިރު ލޭގެ ޕްރެޝަރު ދަށްކަން ފާހަގަ ކުރެވެއެވެ. އޭރު ހުންނަނީ
40/70 – 50/80 މިލިމީޓަރު މާކަރީ އާ ދެމެދުގައެވެ. އެއަށްފަހު މަޑުމަޑުން ލޭގެ
ޕްރެޝަރު މަތިވަމުން ގޮސް، އުމުރުން 20 އަހަރު ވާއިރު ލޭގެ ޕްރެޝަރު ހުންނަނީ
80/120 މިލިމީޓަރު މާކަރީ ގައެވެ. އުމުރުން ދުވަސްވާވަރަކަށް ނިސްބަތުން ލޭގެ
ޕްރެޝަރު މަތިވެއެވެ. އެގޮތުން އުމުރުން 80 ވަރަކަށް އަހަރުވާއިރު ލޭގެ ޕްރެޝަރު
90/170 މިލިމީޓަރު މާކަރީ އަށް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ.
- ޖިންސް : އާންމު ގޮތެއްގައި ލޭގެ ޕްރެޝަރު އަންހެނުންނަށްވުރެ ފިރިހެނުންގެ
ހަށިގަނޑުގައި ކުޑަ ތަންކޮޅެއް މަތިކަން ފާހަގަ ކުރެވެއެވެ.
- ހަށިގަނޑު ހުންނަގޮތް : އާންމު ގޮތެއްގައި އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަމީހުންގެ
ލޭގެ ޕްރެޝަރު މަތިކަން ވަނީ ފާހަގަ ކުރެވިފައެވެ. އާދައިގެ މީހުންނަށްވުރެ
ފަލަކޮށްތިބޭ މީހުންގެ ލޭގެ ޕްރެޝަރު 10-5 މިލިމީޓަރު މާކަރީ އާ ދެމެދުގެ
މިންވަރަކަށް އާދައިގެ ގޮތަކަށް ވެސް މަތިކަމަށް ވެއެވެ.
- ނަސްލު : އާންމު ގޮތެއްގައި ހުޅަނގު ގައުމުތަކުގެ އަހުލުވެރިންގެ ލޭގެ ޕްރެޝަރު
މަތިކަންވަނީ ފާހަގަ ވެފައެވެ.
- ރޭދުވާ : ދުވާލުގެ އެކި ވަގުތު ތަކުގައި ޕްރެޝަރު ތަފާތުކޮށް ހުރެދާނެ އެވެ. އާންމު
ގޮތެއްގައި ހެދުނުގެ ވަގުތުގައި ލޭގެ ޕްރެޝަރު ހުންނަނީ ތަންކޮޅެއް ދަށްކޮށެވެ.
އެހެން ކަމުން އާދައިގެ ގޮތެއްގައި ވެސް ދުވާލާ ރޭގަނޑުގެ ހުރިހާ ވަގުތު
ތަކެއްގައި ލޭގެ ޕްރެޝަރު އެއްވަރަކަށް ނުހުންނާނެ އެވެ.
- ކެއުން : އާންމު ގޮތެއްގައި ކެއުމަށްފަހު ލޭގެ ޕްރެޝަރު ކޮންމެވެސް ވަރަކަށް
މަތިވެގެން ދެއެވެ.
- ކަސްރަތު : ވަރުގަދަ ކަސްރަތެއް ކުރުމުން ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވެގެންދާކަމަށްވަނީ
ފާހަގަ ކުރެވިފައެވެ. މިއީ ވަގުތީ ކަމެކެވެ. ކަސްރަތުކޮށް ނިމި ހަށިގަނޑު
ހަމައަކަށް އެޅުމުން، ކުރިންހުރި މިންވަރަށް ލޭގެ ޕްރެޝަރު އަނބުރާ ވާޞިލް ވެއެވެ.
- ޖަޒުބާތީ ޝުއޫރު : ތަފާތު ޖަޒުބާތީ ޝުޢޫރުތަކާ ގުޅިގެން ލޭގެ ޕްރެޝަރަށް
ބަދަލު އާދެއެވެ. މިސާލަކަށް ބިރުގަތުން، އާދަޔާ ޚިލާފަށް އުފާވުން، އާދަޔާ
ޚިލާފަށް ރުޅިއައުން، އަދި ހާސްވެ ފިކުރުބޮޑުވުން ފަދަ ކަންކަމަކީ ލޭގެ ޕްރެޝަރު
މަތިވެދާނެ ކަންކަމެވެ.
- ޖިންސީ ގުޅުން ހިންގުން : ޖިންސީ ގުޅުން ހިންގާ ވަގުތު އާންމު ގޮތެއްގައި
ސިސްޓޮލީކް ޕްރެޝަރު މަތިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
- ނިދުން : އާންމު ގޮތެއްގައި އަރާމު ނިއްޖެއްގައި ނިދާފައި އޮންނަ ވަގުތު ލޭގެ
ޕްރެޝަރު ކުޑަ މިންވަރަކަށް ދަށްވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ބިރުވެރި
ހުވަފެނެއް ފެނުން ފަދަ ކަމެއް ނިދީގައި މެދުވެރިވެއްޖެނަމަ ލޭގެ ޕްރެޝަރު
މަތިވެގެން ދެއެވެ.
- މާހައުލުގެ ފިނިހޫނުމިން : ހޫނު ވެއްޓެއްގައި ނަމަ އާންމު ގޮތެއްގައި ސިސްޓޮލިކް
ޕްރެޝަރު ކޮންމެ ވެސް މިންވަރަކަށް މަތިވެދާނެ އެވެ. އަދި ޑަޔަސްޓޮލިކް ޕްރެޝަރު
ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
- ނޭވާލުން : އާންމު ގޮތެއްގައި އެތެރެއަށް ނޭވާލާން ފަށާތާ ކުރީކޮޅު ލޭގެ ޕްރެޝަރު ދަށް
ވެއެވެ. އަދި އެތެރެއަށް ނޭވާލާތާ ފަހުކޮޅު ލޭގެ ޕްރެޝަރު މަތިވެއެވެ. އަދި ބޭރަށް
ނޭވާލާއިރު އަނެއްކާވެސް ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ.
ޕްރައިމަރީ ހައިޕަރޓެންޝަން އަށް
މަގުފަހިކުރާ ކަންތައްތައް
މިވައްތަރުގެ ލޭމައްޗަށްދިއުން މެދުވެރިވަނީ
ކަނޑައެޅިގެން ވަކި ސަބަބެއް މެދުވެރިގެންކަން ބުނެދޭން ނޭނގުނަސް، އެކަމަށް
މަގުފަހިކުރާ ކަންތައްތަކެއްވަނީ ފާހަގަ ކުރެވިފައެވެ. ތިރީގައި މިވަނީ މިގޮތުން
ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތަކެވެ.
(1) - ވާރުތަވުން : ލޭމައްޗަށްދިއުމަކީ ބައެއް ފަހަރު އާއިލީ ގޮތުން ވާރުތަވާ
ކަމެކެވެ. ލޭގެ ޕްރެޝަރު ވަކި އާއިލާތަކުގެ ތެރޭގައި އާންމުކަން ވަނީ ފާހަގަ
ކުރެވިފައެވެ. މާނައަކީ މަންމަ، ބައްޕަ، ނުވަތަ އެއިން އެކެއްގެ ކިބައިގައި ވެސް
ލޭމައްޗަށްދިއުން ހުރިނަމަ، އެމީހުންގެ ދަރިންނަށް ލޭމައްޗަށް ދިއުމުގެ މައްސަލަ
ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މަންމައާ
ބައްޕައާ ދެމީހުން ކުރެ ކޮންމެ ވެސް އެކަކު ލޭމައްޗަށްދިއުން ތަހައްމަލުކުރާނަމަ،
އެމީހުންގެ ދަރިންނަށް ލޭމައްޗަށް ދިއުމުގެ ފުރުޞަތު 55 އިންސައްތަ އިތުރެވެ. އަދި
މަންމައާ ބައްޕައާ ދެމީހުންނަކީ ވެސް ލޭމައްޗަށްދާ މީހުންނަމަ މިފުރުޞަތު އެތައް
ގުނައަކަށް އިތުރުވެގެން ދެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ
ލޭމައްޗަށްދިއުމަކީ ލޭއަޅާބަލި ވާރުތަވާހެން ވިރާސީ ބަހާއެއްގެ ސަބަބުން ވާރުތަވާ
ބައްޔެއް ނޫންކަމެވެ.
(2) - އުފަންވާއިރު ބަރުދަން ލުއިވުން : އުފަންވާއިރު އާދަޔާ ޚިލާފަށް ބަރުދަން ލުއިކޮށް
ތިބޭކުދިން ބޮޑެތިވެ އުމުރުން ދުވަސްވުމުން ލޭމައްޗަށް ދިއުމުގެ ފުރުޞަތު
ބޮޑުކަމުގައި ބުނެވެއެވެ. މާނައަކީ މިފަދަ މީހުންނަށް އުމުރުގެ ފަހުކޮޅުގައި
ލޭމައްޗަށް ދިއުމަކީ ގާތް ކަމެކެވެ.
(3) - ކެއުމުގައި ލޮނު ބޭނުންކުރެވޭ މިންވަރު އިތުރުވުން : ބޭނުންކުރެވޭ ކާނާގައި ލޮނު ބޭނުންކުރެވޭ މިންވަރު
އިތުރުވުމަކީ ލޭމައްޗަށްދިއުމަށް މަގުފަހިވާ ކަމެކެވެ.
(4) - އާދަޔާ ޚިލާފަށް ފަލަވުން : އާދަޔާ ޚިލާފަށް ފަލަކޮށް ތިބޭމީހުންގެ ތެރޭގައި
ލޭމައްޗަށްދިއުން އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މިފަދަ މީހުންނަށް
ހަކުރު ބައްޔާ، ހިތުގެ ބަލިތައް އަދި އެހެނިހެން ޞިއްޙީ މައްސަލަތައް
ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަމަށް ޞިއްޙީ ތަޖުރިބާކާރުން އިންޒާރު ދެއެވެ.
ދިރާސާއަކުން ދައްކާގޮތުގައި ހަށިގަނޑުގެ ބަރުދަން އާންމުކޮށް ހުންނަންޖެހޭ
މިންވަރަށްވުރެ 20 އިންސައްތަ އިތުރުވެފައިވާނަމަ، އެފަދަ މީހުންނަށް އާދައިގެ
ވަރެއްގައި ބަރުދަން ހުންނަ މީހުންނަށްވުރެ ލޭމައްޗަށް ދިއުމުގެ ފުރުޞަތު 8 ގުނަ
އިތުރެވެ.
ހަށިގަނޑު މާބޮޑަށް ފަލަވުމަކީ ލޭމައްޗަށްދާ ކަމެކެވެ. އެހެނީ ހަށިގަނޑު
ފަލަވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ކާނާއާ އޮކްސިޖަންގެ މިންވަރު އިތުރުވާނެ
އެވެ. އެހެންކަމުން ލޭނާރު ތަކުގެ ތެރެއިން ދައުރުވާ ލޭގެ މިންވަރު އިތުރުވާން
ޖެހެއެވެ. މިއީ ލޭފޮނުވައިދޭ ސާފުލޭ ދަތުރުކުރާ ލޭހޮޅިތަކަށް ބާރުބޮޑުވާނެ
ކަމެކެވެ. އަދި މިއީ ލޭގެ ޕްރެޝަރު މަތިވާނެ ކަމެކެވެ. ހަށިގަނޑު މާބޮޑަށް
ފަލަވެއްޖެނަމަ ވިންދު އަވަސްވާނެ އެވެ. އަދި ހަކުރު ހަޖަމުކުރުމަށް ލެޔާއެކުވާ
އިންސިއުލިންގެ މާއްދާ ލޭގެތެރޭގައި އިތުރުވާނެ އެވެ. ލޭގެ ތެރޭގައި އިންސިއުލިން
އިތުރުވާނަމަ ހަށިގަނޑުގެ ތެރޭގައި ފެނާއި، ލޮނުގެ މާއްދާ(ސޯޑިއަމް) ހަށިގަނޑުން
ބޭރުނުވެ، ހިފެހެއްޓިފައި ހުންނަގޮތް ދިމާވެއެވެ. މިއީ ލޭގެ ޕްރެޝަރު މަތިވާނެ
ކަމެކެވެ.
އާދަޔާ ޚިލާފަށް ފަލަކޮށް ތިބޭމީހުން ތެލާ، ސަރުބީ އެކުލެވޭ ކާނާ
ބޭނުންކުރުމަށް މާބޮޑަށް ޝައުގުވެރި
ވެއެވެ. ނަތީޖާއަކީ ލޭހިނގާ ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ކޮބަނޑި
ގަނޑެއްގެ ސިފަޔަށް ޖަމާވެ، ލޭހޮޅީގެ އެތެރޭގެ ހޮއި ކުޑަވެ، ލޭހިނގާ މަގު
ހަނިވުމެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެގެން ދެއެވެ.
(5) - ހަށިގަނޑުގެ ހަރަކާތް (ޖިސްމާނީ
ހަރަކާތް) މަދުވުން : ހެލިފެލިވެ ހަރަކާތްތެރިވެ
ނޫޅޭމީހުން، މިސާލަކަށް އަބަދު އޮށޯވެގެން، އިށީދެގެން އިންނަމީހުން، ނުވަތަ
ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އަބަދު އެއްގޮތެއްގައި އިންނަންޖެހިފައިވާ
މީހުންނަށް ލޭމައްޗަށް ދިއުން މެދުވެރިވުމުގެ ފުރުޞަތު ބޮޑެވެ. މީހާގެ ހަށިގަނޑާ
ރޫފަ އެކަށޭނަ ވަރެއްގައި ހުންނަނަމަ، ލޭމައްޗަށްދިއުމަކީ ނާދިރު ކަމެކެވެ.
އާންމުކޮށް
ހެލިފެލިވެ ހަރަކާތްތެރި ކަމާއެކު ދިރިއުޅޭ މީހަކަށްވުރެ އެފަދަ ދިރިއުޅުމަކާ
ދުރުހެލި، ބުރަހެލިކޮށް އުޅޭ ނުވަތަ ގިނަ ވަގުތު އިށީދެ އޮށޯވެގެން ތިބޭ މީހުންނަށް
ލޭމައްޗަށްދިއުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ. އެހެނީ ހެލިފެލިވެ އުޅުން
މަދުވުމަކީ ހަށިގަނޑު ފަލާވާނެ ކަމެކެވެ. ހަށިގަނޑު ފަލަވުމަކީ ލޭމައްޗަށް
ދިއުމުގެ ނުރައްކާ ކުރިމަތިވާނެ ކަމެކެވެ. ހެލިފެލިވެ، ހަރަކާތްތެރިވެ ނޫޅޭ
މީހުންގެ ވިންދު އަވަސްވާނެ އެވެ. ވިންދު އަވަސް ވާ ވަރަކަށް ހިތުން
ލޭބޭރުކުރުމަށް ކުރަންޖެހޭ މަސައްކަތް ބުރަވާނެ އެވެ. ހިތުގެ މަސައްކަތް ބުރަވެ،
ވިންދު އަވަސްވުމަކީ ލޭހޮޅިތަކަށް ބާރުބޮޑުވާނެ ކަމެކެވެ. މިއީ ލޭގެ ޕްރެޝަރު
މަތިވާ ކަމެކެވެ.
(6) - ބަނގުއާވި އެކުލެވޭ ބުއިންތައް ބޭނުންކުރުން : ބަނގުއާވި އަދި ބަނގުއާވި އެކުލެވޭ ބުއިންތައް ބުއިމަކީ
އެކަމުގެ ސަބަބުން ލޭމައްޗަށްދިއުން މެދުވެރި ކުރުވާ ކަމެކެވެ. މިފަދަ ބުއިންތައް
ބޭނުންކުރުމުން ހިތުން ލޭބޭރުކުރާ މިންވަރު މަތިވެ، ހިތުގެ ވިންދުޖެހުން
އަވަސްވެގެން ދެއެވެ. މިކަން ކުރިމަތިވަނީ ބަނގުއާވީގައި ހިމެނޭ ކެމިކަލްތަކުގެ
ސަބަބުން "ސިމްޕަތެޓިކް ނާރު"(sympathetic
nerves)ތައް ހީވާގިވެ، އޭގެ ސަބަބުން
ލޭހޮޅިތައް ހަނިވެ، ލޭގެ ޕްރެޝަރު މަތިވެގެންދާތީ އެވެ. ނަތީޖާއެއްގެ ގޮތުން
ލޭމައްޗަށްދާގޮތް ވެއެވެ.
(7) - ދުންފަތުގެ އިސްތިޢުމާލުކުރުން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ލޭމައްޗަށް
ދިއުމަށް މަގުފަހިވާ ކަމެކެވެ. އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާނަމަ
ލޭމައްޗަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެއީ ދުންފަތުގައި ހިމެނޭ ނިކޮޓީންގެ
ސަބަބުން "އެޑްރީނަޖިކް ނާރވް އެންޑިންގ"(adrenergic
nerve endings) ތަކުން
"ނޯއެޑްރީނަލިން"(noradrenaline) ބޭރުވެ، އޭގެ ސަބަބުން ލޭހޮޅިތައް ހިމަކޮށްލައި، ލޭގެ ޕްރެޝަރު
މަތިކުރުވައި ލޭ މައްޗަށް ދިއުމަށް މަގުފަހިކުރާތީ އެވެ.
ދުންފަތާ
އެއްކޮށްފައިވާ އެކިއެކި ކެމިކަލް މާއްދާތަކަކީ ލޭހިނގާ ލޭހޮޅިތަކުގެ އެތެރޭގެ
ފަށަލަތައް ހަލާކުކުރާ މާއްދާ ތަކެކެވެ. މިގޮތަށް ލޭހޮޅިތަކުގެ އެތެރޭ ބަތާނަ ފަށް
ހަލާކުވުމަކީ ލޭހޮޅިތަކުގައި "ޕްލާކް" އުފެދުމަށް އެހީވެދޭ ކަމެކެވެ.
ވިންދު އަވަސްވެ، ލޭމައްޗަށްދާ ގޮތްވެއެވެ. ހިތުގެ ވިންދު އަވަސްވުމަކީ ހިތުން
ލޭބޭރުކުރުމަށް ކުރަންޖެހޭ މަސައްކަތް ބުރަވާނެ ކަމެކެވެ. ހިތުގެ މަސައްކަތަށް
ބުރަވާނަމަ، ލޭމައްޗަށްދިއުމަށް މަގުފަހި ވެއެވެ. މީގެ އިތުރުން ސިގިރޭޓްގައިވާ
ކާބަން މޮނޮކްސައިޑް އަކީ އޮކްސިޖަންގެ ބަދަލުގައި ލެޔާ އެކުވާ މާއްދާ އެކެވެ.
ލޭގައި މިމާއްދާ އިތުރުވެއްޖެނަމަ، އޭގެ ސަބަބުން ލޭގައި އޮކްސިޖަން މަދުވެ،
އިތުރަށް އޮކްސިޖަން ހޯދުމަށްޓަކައި ހިތުގެ މަސައްކަތް އިތުރުކުރުމަށް މަޖުބޫރު
ވެއެވެ. އަދި ލޭގެ ތެރޭގައި ލޭގެ ރަތް ސެލްތަކުގެ މިންވަރު މަތިވެއެވެ. މިއިން
ކޮންމެ ކަމަކީ ވެސް ލޭގެ ޕްރެޝަރު މަތިވާނެ ކަމެކެވެ.
(8) - ދަރިފަސްކޮޅު (ނަސްލު) : ބައެއް ނަސްލު ތަކުގެ މީހުންގެ މެދުގައި ލޭމައްޗަށްދިއުން އަނެއްބައި
ނަސްލުގެ މީހުންނަށްވުރެ އާންމުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދޮން ނަސްލުގެ
މީހުންނަށްވުރެ ކަޅު ނަސްލުގެ މީހުންގެ މެދުގައި ލޭމައްޗަށް ދިއުން އާންމުކަން
ފާހަގަ ކުރެވެއެވެ. އަދި ލޭމައްޗަށްދިއުމުގެ ސަބަބުން ކުރިމަތިވާ ބައެއް
ނުރައްކާތައް ކަމުގައިވާ ހާޓް އެޓޭކްޖެހުން، ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް
ކަޅުމީހުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ.
(9) - ޖިންސް : މެދު އުމުރުގެ މީހުންނާ، ޒުވާން އުމުރުގެ މީހުންނަށް ބަލާއިރު ލޭމައްޗަށްދާ
އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް އިތުރެވެ. އިއްދައިން ކެނޑުން
ކުރިމަތިވުމުގެ ކުރިން ލޭމައްޗަށް ދިއުމުގެ ފުރުޞަތު އަންހެނުންގެ މެދުގައި އެހާ އާންމެއް
ނޫނެވެ. އަދި އިއްދައިން ކެނޑުމުގެ ކުރިން ލޭމައްޗަށްދިއުން އަންހެނުންގެ މެދުގައި
ފިރިހެނުންނަށްވުރެ މަދުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެއުމުރު ފަހަނައަޅައި
ދިއުމަށްފަހު (އުމުރުން 50 އަހަރު ވުމަށްފަހު)، ދެޖިންސުގެ ދެމެދުގައި ލޭމައްޗަށްދިއުން އެއްވަރެއްގައި
ހުންނަކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ދިރާސާ ތަކުގައި އުމުރުން ދުވަސްވީ
ފިރިހެނުންގެ މެދުގައި އަންހެނުންނަށްވުރެ ލޭމައްޗަށް ދިއުން އާންމުކަމަށް
ބުނެފައި ވެއެވެ. ލޭމައްޗަށްދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް އަންހެނުންގެ
މެދުގައި މަދުކަން ފާހަގަ ކުރެވެއެވެ.
(10) - އުމުރު : ކޮންމެ އުމުރެއްގައި ވެސް ލޭމައްޗަށް ހިގައިދާނެ އެވެ. އާންމު ގޮތެއްގައި
ލޭގެ ޕްރެޝަރު މައްޗަށްދާނީ އުމުރުން 35 އަހަރު ވުމަށްފަހު ގައެވެ. އުމުރުން
ދުވަސްވީ މީހުންގެ މެދުގައި ލޭމައްޗަށްދިއުން އާންމެވެ. އުމުރުން ދުވަސްވީ
މީހުންނަށް ލޭމައްޗަށް ދިއުން މެދުވެރިވާގޮތް ދިމާވަނީ އުމުރުން ދުވަސްވުމުން
ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީ ޖަމާވެ، ލޭހިނގުމަށް ހުރަސްއަޅައި ލޭހޮޅި އެތެރޭގެ
ޕްރެޝަރ މަތިވެގެންދާތީ ކަމަށް ބެލެވެއެވެ. ކުޑަކުދިންނަށް ވެސް ލޭމައްޗަށްދިއުން
ކުރިމަތި ކުރުވައެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ސުކޫލަށްދާ އުމުރުފުރައިގެ
15-10 އިންސައްތަ ކުދިންނަށް ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް
ދިރާސާތަކުން ދައްކައެވެ.
(11) - ހަކުރު ބަލި : އާންމު ގޮތެއްގައި ހަކުރު ބަލި އަދި
ލޭމައްޗަށްދިއުން އަކީ ވަރަށް ގިނަ ގިނަފަހަރު އެކަތި އަނެކައްޗާއި ލާމެހި
ގުޅިފައިވާ ދެބަލިކަން ފާހަގަ ކުރެވެއެވެ. މާނަ އަކީ ހަކުރު ބަލި ހުރެއްޖެނަމަ
އެއާއި އެކުގައި ލޭމައްޗަށްދިއުން ވެސް އެމީހެއްގެ ގައިގައި ހުރުމެވެ. ހަކުރު ބަލި
ޖެހުމަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ހަލާކުކުރާ ކަމެކެވެ. މިކަމުގެ
ސަބަބުން ގުރުދާ އަދި ލޭހޮޅިތަކަށް ތަފާތު ބަލިތައް ޖެހެއެވެ. މިއީ ލޭގެ ޕްރެޝަރު
މަތިވުމަށް މެދުވެރިވާ ސަބަބެވެ.
(12) - ހާސްވެ ފިކުރުބޮޑުވުން : ދިރިއުޅުމުގައި ދިމާވާ އެކިއެކި
ފިއްތުންތަކުގެ ސަބަބުން ހާސްވެ ކަންބޮޑުވެ، ފިކުރުކޮށް ވިސްނައި ހަދާނަމަ
ލޭމައްޗަށްދިއުމަކީ ވަރަށް ގާތްކަމެއް ކަމަށް ޞިއްޙީ މާހިރުން ލަފާދެއެވެ. ފިކުރު
ބޮޑުވުމަކީ ނުވަތަ ކަންބޮޑުވެ ހާސްވުމަކީ ލޭގެ ޕްރެޝަރު މައްޗަށް ގޮސް، ދާއިމީ
ގޮތެއްގައި އެކަން ހުންނާނެ ކަމެކޭ ބުނެވޭކަން ނެތެވެ. ނަމަވެސް މާބޮޑަށް ފިކުރު
ބޮޑުވުމަކީ ލޭގެ ޕްރެޝަރު ކުއްލިއަކަށް މައްޗަށްދާގޮތް ދިމާވެއެވެ. އަދި ފިކުރު
ބޮޑުވުމާ ގުޅިގެން ލޭގެ ޕްރެޝަރު އަވަސް އަވަހަށް މައްޗަށްދާނަމަ، ދާއިމީ
ގޮތެއްގައި ލޭގެ ޕްރެޝަރު މަތީގައި ހުންނަގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން
ލޭހޮޅިތަކާ، ހިތާ، ގުރުދާއަށް ގެއްލުން ލިބެމުންދާނެ އެވެ.
(13) ކާނާގައި ޕޮޓޭސިއަމް ބޭނުންކުރެވޭ
މިންވަރު މަދުވުން : ޕޮޓޭސިއަމް އަކީ ހަށިގަނޑުގެ
ސެލްތަކުގައި ލޮނުގެ ބައި ނުވަތަ ސޯޑިއަމް އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް
އެހީތެރިވެދޭ މާއްދާ އެކެވެ. ޕޮޓޭސިއަމް މަދުވެއްޖެނަމަ ހަށިގަނޑުގައި ލޮނު
އިތުރުވެ، ލޭގެ ޕްރެޝަރު މަތިވެ، ލޭމައްޗަށްދިއުމަކީ ވެދާނެ ގޮތެކެވެ.
(14) ތެޔޮ އެކުލެވޭ ކާނާ މާގިނައިން ކެއުން ނުވަތަ
ހަށިގަނޑުގައި ސަރުބީ(ކޮލެސްޓްރޯލް) އެކުލެވޭ މިންވަރު މަތިވުން : ލޭގައި ސަރުބީ ނުވަތަ ކޮލެސްޓްރޯލް އެކުލެވޭ މިންވަރު
މަތިވުމަކީ ލޭމައްޗަށް ދިއުން މެދުވެރިކޮށްދާނެ ކަމެކެވެ. ލޭގެ ތެރޭގައި ސަރުބީ
(ކޮލެސްޓްރޯލް) އިތުރުވެއްޖެނަމަ، ލޭހޮޅިތަކުގެ ތެރޭގައި ކޮބަނޑި ގަނޑެއްގެ
ސިފަޔަށް ސަރުބީ ޖަމާވެ، ލޭހޮޅީގެ އެތެރޭގެ ހޮއި، ކުޑަވާގޮތް ވެއެވެ. ލޭނާރުގެ
އެތެރޭގެ ހޮއި ކުޑަވުމަކީ ލޭގެ ޕްރެޝަރު މަތިވާނެ ކަމެކެވެ.
(15) - ލޭގައި ޔޫރިކް އެސިޑް ގިނަވުން :ލޭމައްޗަށް ދިއުން މެދުވެރިވެފައިވާ ކޮންމެ 40 އިންސައްތަ
މީހުންގެ ލޭގެ ޓެސްޓް ތަކުން ޔޫރިކް އެސިޑްގެ މިންވަރު ލޭގައި އާދަޔާ ޚިލާފަށް
މަތިކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
ސެކަންޑަރީ ހައިޕަރޓެންޝަން
މެދުވެރިކުރުވާ ކަންތައްތައް
މިވައްތަރުގެ ލޭމައްޗަށްދިއުން އާންމު ގޮތެއްގައި
މެދުވެރިވަނީ ތިމާގެ ހަށިގަނޑުގައި ހުރި ކޮންމެ ވެސް ބައްޔެއްގެ ސަބަބުންނެވެ.
އެހެންކަމުން މިއީ އެހެން ބައްޔެއްގައި ގިނަ ދުވަސްވުމުގެ ސަބަބުން، ކުރިމަތިވާ
ލޭމައްޗަށް ދިއުމުގެ ވައްތަރެކެވެ. މިވައްތަރުގެ ލޭމައްޗަށްދިއުން މެދުވެރިކުރުވާ
ކަމަށް ފާހަގަ ކުރެވިފައިވާ ބައެއް ބަލިތަކާ ކަންތައްތައް ތިރީގައި މިވަނީ އެވެ.
(1) - ގުރުދާގެ ބަލިތައް : ހަށިގަނޑުގެ ދެފަރާތުގައިވާ ދެގުރުދާ އަކީ ވެސް ލޭގެ
ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ދެގުނަވަނެވެ.
ގުރުދާއަށް ޖެހޭ ބަލިތަކުގެ ސަބަބުން ގުރުދާގެ މަސައްކަތަށް ބުރޫއަރައި، ލޭގެ
ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ހުރަސްތަކާ ކުރިމަތިވެއެވެ. ލޭމައްޗަށްދިއުން
މެދުވެރިކުރުވާ ގުރުދާގެ ބަލިތަކުގެ ތެރޭގައި، ގުރުދާގެ ތަންތަންކޮޅު ހަލާކުވުން، ގުރުދާ ދުޅަވުން، ހަކުރު
ބަލިޖެހި ގުރުދާ ފޭލްވުން، ގުރުދާގައި ޓިއުމަރު އުފެދުން، ގުރުދާގައި ވައިކޮތަޅު
އުފެދުން، ގުރުދާއަށް ލޭފޮނުވައިދޭ މައިހޮޅި ބެދުން، ގުރުދާގައި ފެންހަރުލުން،
އަދި މިނޫނަސް ގުރުދާއަށް ދިމާވާ ތަފާތު ބަލި ތައް ހިމެނެއެވެ.
ގުރުދާގެ ބަލިތަކާ ގުޅިގެން ލޭމައްޗަށްދިއުން
މެދުވެރިވެއްޖެނަމަ، ލޮނާ ފެން ހަށިގަނޑުގައި ޖަމާވެ، ގުރުދާގެ ޓިޝޫތަކުން ބައެއް
އުނިވުން، ނުވަތަ ރީނިން(rennin)
ކިޔާ ހޯރމޯނެއް ބޭރުކުރުމުން ގުރުދާއަށް ލޭވާޞިލްވުން ދަށްވުން ފަދަ ކަންތައްތައް
ކުރިމަތި ވެއެވެ. ގުރުދާގެ ބަލިތަކާ ގުޅިގެން އުފަންވާ ލޭމައްޗަށްދިއުމަށް
"ރީނަލް ހައިޕަރޓެންޝަން"(renal hypertension) އޭ ކިޔައެވެ.
ރީނިން އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި
ބައިވެރިވާ އެހެން ދެހޯރމޯނެއް އުފެއްދުން ވެސް ކޮންޓްރޯލްކުރާ މާއްދާ އެކެވެ.
އެއީ ލޭހޮޅިތައް ހަނިވުން މެދުވެރިކުރުވާ "އެންޖީއޯޓެންސިން"(angiotensin) އާ، ފެނާ ލޮނު
ކުޑަކަމުދާ ނަޖިހާއެކު ބޭރުކުރުން ދަށްކޮށް، ލޭގެ ވޮލިއުމް މަތިކޮށްދޭ
"އެލްޑޮސްޓަރޯން"(aldosterone) އެވެ. ގުރުދާއަށް ލޭފޯރުކޮށްދޭ ލޭހޮޅި "ރީނަލް އާޓަރީ"(renal artery) ހަނިވެ
ހިމަވެއްޖެނަމަ، ގުރުދާއަށް ލޭފޯރުވުން ދަށްވެ، ލޭމައްޗަށްދިއުން މެދުވެރި
ކުރުވައެވެ. ސެކަންޑަރީ ހައިޕަރޓެންޝަން ގެ 80 އިންސައްތަ ކުރިމަތިވަނީ ގުރުދާގެ
ބަލިތަކުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.
(2) - އެޑްރީނަލް ގްލޭންޑްގެ ބަލިތައް : ހަށިގަނޑުގައި
ބައެއް މަސައްކަތްތައް ހިންގަނީ ހަށިގަނޑުގައި އުފައްދައިދޭ ހޯރމޯން ކިޔާ
ކެމިކަލްތަކަކާ ގުޅިގެންނެވެ. ނަމަވެސް ބައެއް ހޯރމޯން ތައް މާގިނައިން
އުފައްދައިދޭން ފަށައިފިނަމަ އޭގެ ސަބަބުން ލޭމައްޗަށްދިއުން މެދުވެރި އެވެ.
މިގޮތުން ފާހަގަކުރެވޭ ހޯރމޯން ތަކުގެ ތެރޭގައި ގުރުދާގެ މަތީގައި އިންނަ އެޑްރީނަލް
ގްލޭންޑް އިން އުފައްދައިދޭ ހޯރމޯން "ކޯޓިޒޯލް"، އަލް އެލްޑޮސްޓަރޯން،
އަދި އެޑްރީނަލިން ހިމެނެއެވެ. ކޯޓިޒޯލް އަކީ ލޭގެ ޕްރެޝަރާ، ހިތުގެ ވިންދު އެއް
މިނެއްގައި ހިފަހައްޓައި ދިނުމަށް އެހީވެ ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ
ހޯރމޯނެކެވެ. މިހޯރމޯން ލޭގެ ތެރޭގައި އިތުރުވުމަކީ ލޭމައްޗަށްދާނެ ކަމެކެވެ.
ލޭމައްޗަށްދިއުން މެދުވެރިކުރުވާ އެޑްރީނަލް
ގްލޭންޑްގެ ބަލިތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ކޯޓިޒޯލް އުފެއްދުމުން ފެންމަތިވާ
"ކުޝިންގޒް ސިންޑްރޯމް"(Cushing’s syndrome)،
މާގިނައިން އެލްޑޮސްޓަރޯން އުފެއްދުމުން ކުރިމަތިވާ
"ހައިޕައެލްޑޮސްޓަރޮނިޒަމް"(hyperaldosteronism)،
އަދި "ކޮންސް ސިންޑްރޯމް"(Conn’s syndrome)، އަދި
މާގިނައިން އެޑްރީނަލިން ބޭރުކުރުމުން އުފެދޭ ޓިއުމަރެއް ކަމުގައިވާ
"ފިއޯކްރޯމޯސައިޓޯމާ"(pherochromocytoma) ފަދަ ބަލިތައް ހިމެނެއެވެ.
(3) - ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން
ލޭމައްޗަށްދިއުން މެދުވެރިކުރުވައެވެ. ނުވަތަ ލޭމައްޗަށްދިއުން އިތުރަށް
ގޯސްވާގޮތް ވެއެވެ. ކޮކޭން، އަދި މަސްތުވާތަކެތި ބޭނުންކުރުމަކީ ވެސް ހިތުގެ
މަސްގަނޑަށް ގެއްލުންލިބި، ލޭހޮޅިތައް ހިމަވެ، ލޭގެ ޕްރެޝަރު މައްޗަށްދާނެ
ކަމެކެވެ. އެގޮތުން ލޭމައްޗަށްދިއުން މެދުވެރިކޮށްދާނެ ބޭސްތަކުގެ ތެރޭގައި:-
v
ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭސްތައް
v
ތަދުކަނޑުވަން ބޭނުންކުރާ ބޭސްތައް
v
ފަލަވުމުން ހިކުމަށް ބޭނުންކުރާ ބޭސްތައް
v
މައިގްރޭން ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސްތައް
v
އަރިދަފުސް ރޯގާއަށް ބޭނުންކުރެވޭ ބައެއް ބޭސްތައް
v
ހަށިގަނޑު ތަންތަން ދުޅަވުމުން ބޭނުންކުރެވޭ ބޭސްތައް
v
ކާހިތްނުވާތީ ދޭ ބޭސްތައް
v
ފިކުރުބޮޑުވާތީ ދޭ ބޭސްތައް
v
ސްޓީރޮއިޑް ފަދަ ބޭސްތައް
v
އެނޫން ބައެއް އެހެން ބޭސްތައް
(4) - ހިތުން ލޭބޭރުކުރާ މައި ލޭހޮޅި (އެއޯޓާ)
ހަނިވުން : އެއޯޓާ ހަނިވުމަކީ އުފެދުމުގައި
އެއޯޓާގެ ވަށަމިނުން ހަނިވެ ހިމަވުމެވެ. އުފެދުމުގައި ހުންނަ މިއައިބަކީ
ލޭމައްޗަށްދިއުން މެދުވެރިކުރުވާ ސަބަބެއް ކަމުގައިވަނީ ބެލެވިފައެވެ. މިގޮތުން
އެއޯޓާ ހަނިވަނީ "ވާތް ފަރާތުގެ ސަބްކްލެވިއަން އާޓަރީ"(left subclavian artery)
އޭ ކިޔޭ ލޭހޮޅި ކައިރިންނެވެ. އަދި މިގޮތަށް ދިމާވެއްޖެނަމަ އާންމު ގޮތެއްގައި
ލޭމައްޗަށްދަނީ ހަށިގަނޑުގައި ހިތުން މަތީގައިވާ ބައިތަކުގައި މިސާލަކަށް އަތުގައި
އެކަންޏެވެ. އޭގެ ބަދަލުގައި ހަށިގަނޑުގައި ހިތުން ތިރީގައިވާ ބައިތަކުގައި
މިސާލަކަށް ފައިގައި ލޭގެ ޕްރެޝަރު ހުންނާނީ އާދައިގެ މިންވަރެއްގައެވެ.
ލޭހޮޅިތައް
ހަރުވުމުންނާ، ބައެއް ކުދިން އުފަންވާއިރު އުފެދުމުގައި ހުންނަ އުނިކަމެއްގެ
ސަބަބުން ހިތުން ލޭފޮނުވައިދޭ ލޭހޮޅި ހިމަވެފައި ހުރެއެވެ. އަދި ބައެއް ފަހަރު
ހިތުން ގުރުދާއަށް ލޭފޮނުވައިދޭ ލޭހޮޅި ވެސް ހިމަވެފައި ހުރެއެވެ. މިއީ ލޭގެ
ޕްރެޝަރު މަތިވާ ކަންކަމެވެ.
(5) - ބަލިވެއިނުން ވިހަވުން : ބަލިވެއިނުން ވިހަވުމަކީ މާބަނޑުވުމުން ލޭމައްޗަށް
ދިއުމެވެ. ބަލިވެ އިންނަ ކޮންމެ 80 އިންސައްތަ މީހުންނަށް ކުރިމަތިވާ ކަމަށް
ބެލެވޭ މިވައްތަރުގެ ލޭމައްޗަށްދިއުން ބޮޑަށް އާންމީ އަލަށް ބަލިވެ އިންނަ
އަންހެނުންގެ މެދުގައިކަން ފާހަގަ ކުރެވެއެވެ. މާބަނޑު ދުވަސްވަރު
ލޭމައްޗަށްދިއުން ކުރިމަތިވަނީ ރަހިމުގައިވާ މަހުން ދޫކުރާ "ޕްރެޝަރ
ޕޮލިޕެޕްޓައިޑް"(pressure polypeptide) އެއްގެ ސަބަބުން ލޭހޮޅިތައް ހަނިވުން މެދުވެރިކުރުވާތީ އެވެ.
ބަލިވެއިނުމަކީ
އާންމު ގޮތެއްގައި ލޭމައްޗަށްދާ ކަމެއް ނޫނެވެ. ނަމަވެސް ބައެއް މީހުންނަށް ބަލިވެ
އިނދެ ފަހު 3 މަހުގެ ތެރޭގައި ލޭމައްޗަށްދާގޮތް ދިމާވެއެވެ. މާބަނޑު މީހުން
ލޭމައްޗަށްދިއުން 3 ހާލަތަކަށް ބެހިފައި ވެއެވެ.
§
ފުރަތަމަ
ހާލަތް : ބަލިވެ އިނުމާ ގުޅިގެން އެހެން އަލާމާތެއް ނުފެނި
ހަމައެކަނި ލޭމައްޗަށްދިއުން(PIHTN)
§
ދެވަނަ
ހާލަތް (މަހުވިހަވުން) : ލޭމައްޗަށްދިއުމާއެކު، ފޮއްސިވެ،
ކުޑަކަމު ނަޖިހުގައި ޕްރޮޓީންހުރުން(preeclampsia)
§
ތިންވަނަ
ހާލަތް : ކުރިންބުނި ހުރިހާ އަލާމާތްތައް ހުރުމާއެކު،
އަތްފަޔަށްބާރުއަރާ ދަތްޕިލާޖެހި އިދިފުށަށްދަމާގޮތްވުން(eclampsia)
މާބަނޑު
މީހުންނަށް ލޭމައްޗަށްދިއުމަށް ބޭސްކުރާއިރު އާންމުކޮށް ލޭމައްޗަށްދާ މީހުންނަށް
ދޭ ބޭސް ނުދީ އެކަން ހަމައަކަށް އެޅުވިދާނެއެވެ. އެގޮތުން ބޭސް ދިނުމުގެ
ބަދަލުގައި ގިނައިން އަރާމުކުރުމާ، ލޮނު ހުންނަ ކާނާ ދިނުން ހުއްޓާލުމާ، ނިދިހަމަވާ
ފަދަ ބޭހެއް(sedatives) ދިނުމުން ލޭގެ
ޕްރެޝަރު ކޮންޓްރޯލް ކުރެވިދާނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ވެސް
ލޭދަށްނުވެއްޖެނަމަ ލޭދަށްކުރުމަށްދޭ ބޭސް ބޭނުންކުރަން ޖެހެއެވެ. ބަލިވެއިނުމުން
ކުރިމަތިވާ ލޭމައްޗަށްދިއުން ވިހެއުމުން އާދައިގެ ގޮތެއްގައި ހުންނަ މިންވަރަށް
ދަށްވެގެން ދެއެވެ.
(6) - ނިދީގައި ނޭވާލުން ހުއްޓުން : މިމައްސަލަ ހުންނަ 50 އިންސައްތަ މީހުންނަށް
ލޭމައްޗަށްދިއުން މެދުވެރިވާ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.
(7) - ލޭގެ ރަތް ސެލްތައް އާދަޔާ ޚިލާފަށް
އިތުރުވުން : ލޭގެ ރަތްސެލް ތައް އާދަޔާ ޚިލާފަށް
އިތުރުވެއްޖެނަމަ ލޭގެ އޮލަކަން އިތުރުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކުދިކުދި
ލޭހޮޅިތަކުގައި ލޭދައުރުވުމަށް ހުރަސްއަޅާ މިންވަރު އިތުރުވެ، ލޭމައްޗަށްދިއުން
މެދުވެރި ކުރުވައެވެ.
(8) - ތައިރޮއިޑް ގްލޭންޑް އަދި
ޕެރަތައިރޮއިޑް ގްލޭންޑްގެ ބަލިތައް : ބައެއް
ހޯރމޯން ތައް މާގިނައިން އުފައްދައިދޭން ފަށައިފިނަމަ އޭގެ ސަބަބުން
ލޭމައްޗަށްދިއުން މެދުވެރި އެވެ. މިގޮތުން ފާހަގަކުރެވޭ ހޯރމޯން ތަކުގެ ތެރޭގައި
ތައިރޮއިޑް ގްލޭންޑް އިން އުފައްދައިދޭ ހޯރމޯން "ތައިރޮކްސިން" ހިމެނެއެވެ.
ތައިރޮކްސިން ކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި ހިތުވިންދުޖެހުމުގެ އަވަސް
ލަސްމިން ކޮންޓްރޯލްކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. ތައިރޮކްސިން
ހަށިގަނޑުގައި އިތުރުވާގޮތް ވެއްޖެނަމަ، ލޭހިނގާ ނިޒާމުގެ މަސައްކަތްތަކަށް ބާރު
ބޮޑުވެއެވެ. ލޭހިނގުމުގެ ނިޒާމަށް ބާރު ބޮޑުވުމަކީ ލޭގެ ޕްރެޝަރު މަތިވާނެ
ކަމެކެވެ. އަދި ހޯރމޯން ތައިރޮކްސިން މަދުވުމަކީ ވެސް ލޭގެ ޕްރެޝަރު މަތިވާނެ
ކަމެކެވެ. އެއީ ހަށިގަނޑުގައި ފެނުގެ ބައި އިތުރުވިޔަނުދީ ހިފަހައްޓައި ދިނުމަކީ
ހޯރމޯން ތައިރޮކްސިން ކޮށްދޭ މަސައްކަތެކެވެ. އެހެންކަމުން ތައިރޮއިޑް ދަށްވުމާ،
ތައިރޮއިޑް މަތިވުމަކީ ވެސް ލޭގެ ޕްރެޝަރު މައްޗަށްދިއުން މެދުވެރިކޮށްފާނެ
ކަންކަމެވެ.
(9) - ސިކުނޑިއާ ނާރުތަކުގެ ބަލިތައް : ސިކުނޑީގެ ބައިތަކުގެ ތެރޭގައި "މިޑަލާ
އޮބްލޯންގާޓާ" އަދި "ހައިޕޯތަލަމަސް" އަށް އަނިޔާއެއް ލިބި،
އެއްފަހަރާ ގިނަ ނާރުތަކެއް ހަލާކުވުމަކީ އޭގެ ސަބަބުން ލޭމައްޗަށްދިއުން
މެދުވެރިކޮށްދާނެ ކަމެކެވެ.
ލޭމައްޗަށްދިއުން މެދުވެރިކުރުވާ
ބޭސްތައް
ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން މަދުން ނަމަވެސް
ލޭމައްޗަށްދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ފާހަގަކުރެވިފައިވާ ބައެއް
ވައްތަރުގެ ބޭސްތައް ތިރީގައި މިވަނީ އެވެ.
v
ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭސް ތައް
v
ތަދުކަނޑުވަން ބޭނުންކުރާ ބޭސް ތައް
v
ފަލަވުމުން ހިކުމަށް ބޭނުންކުރާ ބޭސް ތައް
v
މައިގްރޭން ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސް ތައް
v
އެސްޓްރަޖަން ، އެރިތްރޯޕޮއިޓިން ފަދަ ހޯރމޯން ތައް
v
އެމްފިޓަމިން
v
ކޯޓިކޯސްޓީރޮއިޑް ތައް
v
ސައިކްލޯސްޕޮއިރިން
v
އެނޫން ބައެއް އެހެން ބޭސްތައް
o ނޭވަޔަށް އުދަނގޫވާތީ ދޭ ބޭސްތައް
o އަރިދަފުސް ރޯގާއަށް ދޭ ބައެއް
ބޭސްތައް
o ކާހިތް ކެނޑުވުމަށްދޭ ބޭސްތައް
o ބަނގުއާވި އެކުލެވޭ އުފެއްދުންތައް
o ކެފެއިން އެކުލެވޭ އުފެއްދުންތައް
o ގާނޫނީ ގޮތުން ބޭނުންކުރުން މަނާ
ބޭސްތައް
ލޭމައްޗަށްދިއުމަށް ފަރުވާގެ ގޮތުގައި
ބޭނުންކުރަމުންދާ ބޭސްތައް ކުއްލިއަކަށް ހުއްޓާލައިފިނަމަ، އެކަމުގެ ސަބަބުން
ލޭމައްޗަށްދިއުން އިތުރަށް ނުރައްކާވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް
ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެން ކަމުން ޑޮކްޓަރުންގެ ލަފަޔާ ނުލައި
އަމިއްލައަށް ލޭމައްޗަށްދާތީ ކާ ބޭސް ހުއްޓާލުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.
ލޭމައްޗަށްދިއުން ހުންނަކަން އެނގުމަށްފަހު، އެހެން
ބައްޔަކަށް ބޭސް ބޭނުންކުރާނަމަ، އެބޭހެއް ބޭނުން ކުރަން ފެށުމުގެ ކުރިން
ޑޮކްޓަރަކާ މަޝްވަރާކޮށް އެބޭނުންކުރާ ބޭހުގެ ސަބަބުން އިތުރަށް ލޭމައްޗަށްދިއުން
ގޯސްވެދާނެތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ބޭހެއް ބޭނުންކުރަން
ފެށުމުގެ އަބަދުވެސް ޑޮކްޓަރަކާ މަޝްވަރާކުރުމަކީ ހަދާން ބަހައްޓަންޖެހޭނެ
ކަމެކެވެ.
ލޭމައްޗަށް ދިއުމާ ގުޅުންހުރި 7 ސުވާލާ
ޖަވާބު
ސ1: ލޭހޮޅިތައް ލޭގެ ޕްރެޝަރު ކޮންޓްރޯލް
ކުރަނީ ކިހިނެއް؟
ޖ: ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި
ބޭނުންކުރެވޭ ފުރަތަމަ ގޮތަކީ ލޭހޮޅިތަކަށް އޭގެ ސައިޒު ބަދަލުކޮށްލުމުގެ
ކުޅަދާނަކަން ލިބިގެންވުމެވެ. ތަފާތު ސިގުނަލް ތަކާ ވިދިގެން ލޭހޮޅިތައް، ފިތި،
ހިމަވެ(ހަނިވެ)، ފުޅާވެގެން ދެއެވެ. މިބުނި ގޮތަށް ލޭހޮޅިތައް ފިތި ހަނިވެ، ނުވަތަ
ފުޅާވުން ކުރިމަތިވަނީ ހަށިގަނޑުން ދޫކުރާ ހޯރމޯން އެއްގެ ސަބަބުންނެވެ.
ލޭގެ ޕްރެޝަރަކީ ލޭހޮޅިތަކުގެ ތެރޭގައި
ލޭދައުރުވާއިރު އުފައްދާ ބާރުކަމަށްވުމާއެކު، ލޭހޮޅިތައް ހަނިވެ ހިމަވެއްޖެނަމަ،
ލޭގެ ޕްރެޝަރު މަތިވެ އުފުލިގެން ދެއެވެ. އެއީ ލޭދައުރުވުމަށް އޮންނަ ޖާގަ ކުޑަވެ،
ލޭހޮޅިތަކުގެ އެތެރޭގައި ލޭދައުރުވުން ބާރުވެގެންދާތީ އެވެ. އަދި ލޭހޮޅިތައް
ފުޅާވުމުން ލޭދައުރުވާނެ ޖާގަ އިތުރުވެ، ދައުރުކުރާ ބާރުމިން ދަށްވެގެން ދެއެވެ.
ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ. ލޭހޮޅިތައް ލޭގެ ޕްރެޝަރު
ކޮންޓްރޯލް ކުރަނީ މިބީދައިންނެވެ.
ސ2: ހިތް ލޭގެ ޕްރެޝަރު ކޮންޓްރޯލް
ކުރަނީ ކިހިނެއް؟
ޖ: ލޭދައުރުކުރާ ނިޒާމަކީ އިސްކުރަކާ ގުޅިފައިވާ
ހޮޅިއަކުން ފެން ޕަމްޕުކުރުމުގެ މަސައްކަތް ހިންގާގޮތަށް މަސައްކަތް ހިންގާ
ނިޒާމެކެވެ. މިގޮތުން އިސްކުރާ ގުޅިފައިވާ ހޮޅިން ފެން ދައުރުވާ މިންވަރު މަތިވި
ވަރަކަށް އޭގެ ޕްރެޝަރު ނުވަތަ ފޮނުވާ ބާރުމިން ވެސް މަތިވެގެން ދެއެވެ.
ހަށިގަނޑަށް ބޭނުންވާ ގޮތެއްގެ މަތީން ވަގުތާ ޙާލަތަށް ރިޢާޔަތްކޮށް، ހިތުން
ލޭބޭރުކުރާ މިންވަރު ތަފާތު ވެދާނެ އެވެ. މިސާލަކަށް ހާސްވެ ފިކުރުބޮޑުވުން ފަދަ
ކަމެއްގެ ތެރޭގައި މީހަކު އުޅޭނަމަ، ހިތުން ލޭބޭރުކުރާ ބާރުމިން މަތިވެ،
އަވަސްވެގެން ދެއެވެ. މާނައަކީ އެފަދަ ވަގުތު ތަކުގައި ލޭގެ ޕްރެޝަރު މަތިވެގެން
ދިއުމެވެ.
ސ3: އެޑްރީނަލިން ލޭގެ ޕްރެޝަރު
ކޮންޓްރޯލް ކުރަނީ ކިހިނެއް؟
ޖ: ހާސްވެ ފިކުރުބޮޑުވުން ނުވަތަ ދިމާވެގެން އުޅޭ ކަމެއްގެ
ސަބަބުން ހާސްވެ ބިރުގަތުން ފަދަ ހާލަތްތަކުގައި ހަށިގަނޑުގެ ބައިތަކަށް
އޮކްސިޖަން، އަދި ކާނާ އެކުލެވޭ ލޭ ބޭނުންވާ މިންވަރު އިތުރުވެއެވެ. އެއީ އެފަދަ
ހާލަތްތަކުގައި ހަށިގަނޑު އެކަމަށް ހާނައި، ހިފެހެއްޓުމަށްޓަކައެވެ. ކުރިން ބުނި
ހާލަތްތަކުގައި ހަށިގަނޑުން އެޑްރީނަލިން ހޯރމޯން ދޫކުރަން ފަށައެވެ. މިއީ ލޭގެ
ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ހޯރމޯން އެކެވެ.
އެޑްރީނަލިން އަންނަނިވި ކަންތައްތައް ފުރިހަމަކޮށް
ދެއެވެ.
-
ގަދަބާރާއެކު އަވަސް އަވަހަށް ލޭބޭރުކުރުމަށް (ހިތުން ވިންދުޖެހުމަށް)
ސިގުނަލް ކުރެއެވެ.
-
ލޭހޮޅިތައް ހަނިވެ ހިމަވުމަށް ސިގުނަލް ކުރެއެވެ. އަދި ލޭހޮޅިތަކަށް
ލިބިގެންވާ "އެކި ފަރާތްތަކަށް ދެމި ލެބިލުމުގެ ގާބިލިއްޔަތު"
ކޮންމެވެސް މިންވަރަކަށް ބީވެގެން ދެއެވެ. މިއިން ކޮންމެ ކަމަކީ އޭގެ ޒާތުގައި
އެކަނި ވެސް ލޭގެ ޕްރެޝަރު މަތިކުރުވާ ކަންތައްތަކެވެ. ހަމަމިހެން ސިކުނޑިއާ
އެހެން ބައިތަކަށް މިފަދަ ހާލަތްތަކުގައި ލޭފޮނުވާ މިންވަރު އިތުރުވެ،
އެހާލަތްތަކަށް ހަށިގަނޑު ތަހައްމަލުކުރުން ފަސޭހަވެގެން ދެއެވެ.
ސ4: ހާސްވެ ފިކުރުބޮޑުވުމުން
ލޭމައްޗަށްދިއުން މެދުވެރިކުރުވަނީ ކިހިނެއް؟
ޖ: ހާސްވުން، ފިކުރުބޮޑުވުން، ކަންބޮޑުވުން ފަދަ
ހާލަތްތަކާ ގުޅިގެން ލޭމައްޗަށްދިއުން މެދުވެރި ވެއެވެ. އަދި ދާއިމީ ގޮތެއްގައި
ހާސްވެ ފިކުރުބޮޑުވުން ކުރިމަތިވެއްޖެނަމަ، ލޭގެ ޕްރެޝަރު ވެސް ދާއިމީ
ސިފައެއްގައި މައްޗަށްޖެހި، ލޭމައްޗަށްދިއުން މެދުވެރި ކުރުވައެވެ. މިއަދު
އަހަރެމެންގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތުން ހާސްވެ ކަންބޮޑުވުމަކީ ވަރަށް
ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ދާއިމީ ކަމެކެވެ. ކޮންމެ މީހަކު ވެސް ދިރިއުޅެނީ
ކޮންމެވެސް ކަހަލަ ފިއްތުންތަކެއްގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އެކަމުގެ
ހައްލަކަށް ތިމާގެ ހަށިގަނޑަށް ބެލުމެއްނެތި ގިނައިން ކާންފެށުން، ދުންފަތުގެ
އިސްތިއުމާލުކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއަށް
މީހާ ގެނބިގެންދާގޮތް ވެއެވެ. މިބުނި ކަންތައްތަކަކީ ވެސް އޭގެ ޒާތުގައި
ލޭމައްޗަށްދިއުން މެދުވެރިކުރުވާ ކަންތައްތަކެވެ.
ހާސްވެ ފިކުރުބޮޑުވުން ފަދަ ކަންތައްތަކުން
ދުރުހެލިވެ ހުރުމަށް ގަވާއިދުން ކަސްރަތު ކުރެވިދާނެ އެވެ. ކަސްރަތު ކުރުމުން
އެހީތެރިކަމެއް ނުލިބޭނަމަ، ކައުންސިލިންގ ނެގިދާނެ އެވެ. އަދި މީގެ އިތުރުން
މިފަދަ ހާލަތްތަކުގައި މީހާގެ ހަށިގަނޑު ހަމައަކަށް އަޅުވައިދީ ހިތްހަމަ
ޖައްސައިދިނުމަށް އެހީތެރިވެދޭ ކަންތައްތައް ކުރެވިދާނެ އެވެ.
ސ5: ދުންފަތުގެ އިސްތިއުމާލުކުރުމުން
ލޭމައްޗަށްދިއުން މެދުވެރިކުރުވަނީ ކިހިނެއް؟
ޖ: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތުގެ
ބަލިތައް ޖެހުން، ތަފާތު ބާވަތްތަކުގެ ކެންސަރު ޖެހުން، ސްޓްރޯކްޖެހުން އަދި
މިނޫނަސް ތަފާތު ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވާ ކަމެކެވެ. ދުންފަތުގައި
ހިމެނޭ ނިކޮޓީން އަކީ އޭގެ ސަބަބުން ހިތުގެ ވިންދު ޖެހުން އަވަސްކޮށް، ލޭގެ
ޕްރެޝަރު މަތިކުރާ މާއްދާ އެކެވެ. މިމާއްދާގެ ސަބަބުން ލޭހޮޅިތައް ހަނިކޮށް
ލޭމައްޗަށްދިއުން މެދުވެރި ކުރުވައެވެ.
ލޭމައްޗަށްދިއުން ނުވަތަ ހިތުގެ ބައްޔެއް
ކުރިމަތިވެފައިވާނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ވަރަށް މުހިއްމު
ކަމެކެވެ. ޚާއްޞަކޮށް ދޭތެރެދުރުކުރާ ބޭސް ކައިއުޅޭ އަންހެނުންނަށް މިއީ ވަރަށް
މުހިއްމު ކަމެކެވެ. އެއީ ދޭތެރެދުރުކުރާ ގުޅަ ބޭސް ބޭނުންކުރުމާ، ދުންފަތުގެ އިސްތިއުމާލުކުރުމާ
އެކުވުމުން، ލޭހޮޅީގައި ގަނޑުލޭކޮޅެއް އުފެދުން، ހާރޓް އެޓޭކްޖެހުން،
ސްޓްރޯކްޖެހުން، އަދި ލޭމައްޗަށްދިއުމުގެ ފުރުޞަތު އެތައް ގުނައެއް
އިތުރުވެގެންދާތީ އެވެ.
ސ6: ލޮނު އެކުލެވޭ ކާނާގެ ސަބަބުން
ލޭމައްޗަށްދިއުން މެދުވެރިކުރުވަނީ ކިހިނެއް؟
ޖ: ލޮނު ގިނައަދަދަކަށް އެކުލެވޭ ކާނާގެ ބާވަތްތައް
ބޭނުންކުރުމަކީ ލޭމައްޗަށްދިއުން މެދުވެރިކުރުވާ ކަމެއްކަމަށް ދިރާސާތަކުން ވަނީ
ދައްކާފައެވެ. އެހެންކަމުން ކާތަކެތީގައި ލޮނު ހިމެނުން މަދުކޮށްލެވިއްޖެނަމަ،
ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ލޭމައްޗަށް ދިއުމުގެ ފުރުޞަތު ކުޑަވެގެންދާނެ އެވެ.
ކާތަކެތީގައި ބޭނުންކުރެވޭ ލޮނުގެ މިންވަރު
މަދުކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
-
ދުވާލަކު 3-2 ގްރާމްގެ ލޮނު ބޭނުންކުރާށެވެ. އެއީ ގާތްގަނޑަކަށް ކުޑަ
ސައިސަމުސަލެއްގެ ލޮނެވެ.
-
ރޯމޭވާ، ތަރުކާރީ އަދި ގޮދަނުގެ ބާވަތްތަކުން މުއްސަދި ކެއުމެއް އިޚްތިޔާރު
ކުރާށެވެ.
-
ކާނާގެ ބާވަތްތައް ގަންނައިރު "ލޮނުމަދު" ލޭބަލް ޖަހާފައި ހުންނަ
ބާވަތްތައް ގަންނާށެވެ.
-
ފާސްފުޑް ނުވަތަ ޖަންކް ފުޑުގެ ބާވަތްތައް ބޭނުންކުރުން މަދުކުރާށެވެ.
މިބާވަތްތަކުގައި ވަރަށް ގިނައިން ލޮނު ހުރެއެވެ.
-
ކައްކާއިރު ވީވަރަކުން ލޮނު ބޭނުންކުރުން މަދުކުރާށެވެ.
ސ7: ތެޔޮ އެކުލެވޭ ކާނާގެ ސަބަބުން
ލޭމައްޗަށްދިއުން މެދުވެރިކުރުވަނީ ކިހިނެއް؟
ޖ: ކާތަކެތީގައި މެދު މިންވަރަކަށް ތެޔޮ ނުވަތަ
ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތައް ހިމެނިދާނެ އެވެ. ކާތަކެތީގައި ފެޓް ޚާއްޞަކޮށް
ސެޗިޔުރޭޓެޑް ފެޓް ހިމެނޭ މިންވަރު ދެނެގަންނަން ޖެހެއެވެ. މިފަދަ ފެޓްގެ ސަބަބުން
ސީދާ ގޮތެއްގައި ލޭމައްޗަށްދިއުން މެދުވެރި ނުކުރި ނަމަވެސް، ދުވަސްވަމުން ގޮސް
ލޭހޮޅިތަކުގެ އެތެރޭ ފާރުގައި ކޮލެސްޓްރޯލްގެ ސިފައިގައި ކޮބަޑި ގަނޑެއްހެން
ޖަމާވެ، ލޮހޮޅިތައް ހިމަވެ، ހަނިވެ، ބެދޭގޮތް ކުރިމަތި ކުރުވައެވެ. ނަތީޖާއަކީ
ލޭމައްޗަށްދިއުން ކުރިމަތިވުމެވެ. އެހެން ކަމުން ތެޔޮ އެކުލެވޭ ކާނާގެ ބާވަތްތައް
މަދުކުރުމަކީ ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ލޭމައްޗަށް ދިއުމުން ފެނިދާނެ އަލާމާތްތައް
ގިނަ މީހުންނަށް ލޭމައްޗަށް ދިއުން ހުއްޓަސް އެކަން ނޭގިދާނެ އެވެ.
ލޭމައްޗަށް ދިއުމުން ފެންނަ އަލާމާތްތައް ގިނަ ފަހަރު ފެންނަނީ ނުރައްކާތެރި
ދަރަޖައަކަށް ލޭމައްޗަށްދިއުން މެދުވެރިވާ ފަހުންނެވެ. އެހެންކަމުން
ލޭމައްޗަށްދިއުން ދެނެގަނެވޭނެ އެންމެ ރަގަޅު ގޮތަކީ ލޭގެ ޕްރެޝަރު ބަލައި
ހެދުމެވެ. ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިނަމަ އަންނަނިވި ކަންތައްތައް
ފަހަރުގައި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
- އާދަޔާ ޚިލާފަށް ބޮލުގައި ރިހުން : މިގޮތުން އުފެދޭ ބޮލުގެ ރިހުމުގެ ތަދު
ހުންނަނީ ލޮލުގެ އެތެރެއިން ތަދުވާ ކަހަލަ ގޮތަކަށެވެ. އަދި ބައެއް ފަހަރު ލޮލުގެ
އެތެރެއިން ދިލަނަގާހެން ވެސް ހީވެދާނެ އެވެ. އަދި މިގޮތަށް އުފެދޭ ބޮލުގެ ރިހުން
ހެދުނު ކޮޅުގައި އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ. ދޭތެރެ ދޭތެރެއިން ނުވަތަ
އަބަދު ބޮލުގައި ރިހިފައި ހުރެދާނެ އެވެ.
- ލޮލުގެ ފެނުމަށް ބަދަލުއައުން : މިއީ ދާއިމީކޮށް ބޮލުގައި ރިހުމުން ލޮލުގެ
ނާރުތަކުގެ ބާރު ދަށްވުމުން ކުރިމަތިވާ ކަމެއްކަމަށްވަނީ ބެލެވިފައެވެ.
- ބޯއެނބުރުން، ހޮނޑުލެވުން
- ނޭފަތުން ލޭއައުން
- މާބޮޑަށް ވަރުބަލިވެ، ހަށިގަނޑުގެ ވަރުދޫވުން
- މޭގައި ރިހުން
- ނޭވާކުރުވެ ނޭވާލާން އުދަނގޫވުން
- ހިތުގެ ވިންދު އަވަސްވުން
- ކުޑަކަމުދާ ތަކެތީގައި ލޭހުރުން
- ފައިފޮއްސިވުން
-
ހިތުގެ ވިންދު ޖެހުމުގެ ހަމަގެއްލުން (ވިންދު އަވަސްވުން)
-
ކުޑަކަމުދިއުން އަވަސްވުމާ، ކުޑަކަމު ނަޖިސް ޓެސްޓުކުރާއިރު އަލްބުމިން ހުރުން
-
ފައިގެ ކުޑަހުޅާ އަތުގެ އިގިލިތައް ދުޅަވުން
-
މާބުރު އުދުހޭއިރު އިވޭ ކަހަލަ އަޑެއް އިވުން
-
ބޮލަށް އުދަނގޫވާ ކަހަލަ އިހުސާސް ތަކެއްވުން
-
ގުރުދާ އާ ގުޅުންހުރި ބައެއް ކަހަލަ މައްސަލަތައް ކުރިމަތިވުން
ލޭމައްޗަށްދިއުމާ ގުޅިގެން ލިބިދާނެ ގެއްލުންތައް
(ކުރިމަތިވެދާނެ ނުރައްކާތައް
ލޭމައްޗަށް ދިއުމުން ފަރުވާ ނުހޯދައި ގިނަދުވަސް ވުމުން ލޭނާރުތަކުގެ
ތެރޭގައި މައްސަލަ ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް
ނުރައްކާވާ ހިސާބަށް ދެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
(1) - ސްޓްރޯކްޖެހުން
ސްޓްރޯކް(stroke) ޖެހުން (އެއްފަޅި ވާގިނެތުން) މިބައްޔަށް މިޒަމާނުގައި
"ބްރެއިން އެޓޭކް"(brain attack) ގެ ނަމުން މުޚާތަބު ކުރެވެއެވެ. ސްޓްރޯކް ޖެހެނީ ސިކުނޑީގެ
ކޮންމެވެސް ހިސާބަކަށް ލޭދިއުމަށް ހުރަސް އެޅުމުންނެވެ. އޭގެ ސަބަބުން އޮކްސިޖަން
އާ ހަކަތައަށް ފެންބޮވައިގެންފައިވާ ސިކުނޑީގެ ސެލްތައް މަރުވަނީ އެވެ.
ލޭމައްޗަށްދިއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު 4
ގުނަ އިތުރުކުރާ ކަމެއްކަމަށް ބުނެވެއެވެ. ލޭމައްޗަށް ދިއުމުން ބޮޑެތި
ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ތަތްވެ، ލޭހިނގާ މަގު ހަނިވެ، ލޭހޮޅި ހަރުވެގެން
ދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ކުދި ލޭހޮޅިތަކުގެ ފާރު ތުނިވެ، ނުވަތަ
ހިމަވެ، ބެދިގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ލޭނާރެއް ފަޅައިގެންގޮސް
ސިކުނޑިއަށް ލޭއެޅުމަކީ ވެދާނެ ގޮތެކެވެ. އާޚިރު ނަތީޖާއަކީ އެއްފަޅި ވާގިނެތުން
ފަދަ ކަމެއް ދިމާވުމެވެ.
ސްޓްރޯކްޖެހުމަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން
ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ
ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ
އެއްފަރާތަށްވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް
ދިމާވެއެވެ. ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ
ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ.
ސްޓްރޯކް ޖެހުމަކީ ސިކުނޑީގައި އުފެދޭ ޒަޚަމެކެވެ.
ސްޓްރޯކް ޖެހެން ދިމާވާ ސަބަބަކީ ސިކުނޑީގެ ލޭނާރެއް ބެދިގެން، ނުވަތަ ފެޅިގެން ލޭބޭރުވެ،
ބޭނުންވާ މިންވަރަށް ސިކުނޑިއަށް ލޭނުލިބުމެވެ. މިގޮތަށް ދިމާވަނީ ސާފުލޭ
ދަތުރުކުރާ ލޭހޮޅިތަކުގެ "ކޮބަނޑި ގަނޑެއް"(plaque) ހެން ސަރުބީ ޖަމާވުމާ، ގަނޑުލޭކޮޅު(blood
clot) އުފެދި އޭގެ ސަބަބުން ލޭހޮޅި
ބެދުމުންނެވެ. މިފަދަ އެތިކޮޅު ތައް ހިތުގެ މަގުން ވެސް ސިކުނޑިއަށް އާދެއެވެ.
ސާފުލޭހޮޅި ތަކުގައި އުފެދޭ ގަނޑުލޭކޮޅު ބައެއް ފަހަރު ފުނޑުފުނޑުވެ، ވަރަށް
ކުދިކުދި އެތިކޮޅު ވެސް ސިކުނޑީގެ ލޭނާރުތަކުގެ ތެރެއަށް އައިސް ލޭނާރުތަކުގެ
ތެރޭގައި ތާށިވާގޮތް ވެއެވެ.ސްޓްރޯކްޖެހުމަކީ އަވަހަށް ފަރުވާ ބޭނުންވާނެ
ކަމެކެވެ.
ސްޓްރޯކް ޖެހުމުގެ ދެވައްތަރެއް ވެއެވެ.
އެއީ:-
(ހ) - އިސްކިމިކް ސްޓްރޯކް (ischemic stroke): މިއީ ސިކުނޑީގެ ލޭހޮޅިއެއްގައި
ގަނޑުލޭކޮޅެއް އުފެދި، އެކަމުގެ ސަބަބުން ސިކުނޑިއަށް ލޭފޯރުވުން ކުޑަވެ،
ސިކުނޑީގެ ސެލްތައް މަރުވެ، ސްޓްރޯކް ޖެހޭގޮތް މެދުވެރިވުމެވެ. 80 އިންސައްތަ
ސްޓްރޯކްޖެހުން ކުރިމަތިވަނީ މިބީދައިންނެވެ.
(ށ) - ހީމޮރޭޖިކް ސްޓްރޯކް (hemorrhagic stroke):
މިއީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ސިކުނޑީގެ ތެރެއަށް ލޭއެޅި،
ސިކުނޑީގެ ސެލްތަކަށް ގެއްލުން ލިބުމުން ސްޓްރޯކް ޖެހޭގޮތް މެދުވެރިވުމެވެ.
މިގޮތަށް ސްޓްރޯކް ޖެހުމުގެ އެންމެ އާންމު ސަބަބަކީ ލޭމައްޗަށް ދިއުމެވެ.
ސްޓްރޯކް ޖެހުމުން ފާހަގަކުރެވިދާނެ
ބައެއް ކަންތައްތައް
-
ކުއްލިއަކަށް ހަށިގަނޑުގެ އެއް ފަރާތުގެ އަތް، ފައި، އަދި މޫނު އައްސިވެ،
ވަރުދެރަވުން
-
ކުއްލިއަކަށް ލޮލުގެ ފެނުން ދަށްވުން (އެއްލޯ ނުވަތަ ދެލޮލުގެ ފެނުން
ދަށްވުން)
-
ހަށިގަނޑުގެ އެއްފަޅީގެ ވާގިނެތުން
-
ކުއްލިއަކަށް ބޯއަނބުރާ، ބޮލުގައި ރިހި، މޭނުބައިކޮށް ހޮނޑުލެވުން
-
ވާހަކަ ދައްކަން އުދަނގޫވުން އަދި ލިޔަން އުދަނގޫވުން
-
ކާތަކެތި ދިރުވަން އުދަނގޫވުން
-
ހިނގުމަށް އުދަނގޫވުން
-
މަދު ވަގުތުކޮޅަކަށް ހޭވެރިކަން ގެއްލުން
-
ކުއްލިއަކަށް ކަމަކާމެދު ވިސްނުން އަރާރުންވެ ގޮތެއް ނިންމަން އުދަނގޫވުން
-
ކުޑަކަމުދިއުމަށް ދަތިވެ އުދަނގޫވުން
ބައެއް ފަހަރު ވަގުތީ ސިފައެއްގައި ނުވަތަ
ކުރުމުއްދަތަކަށް ސްޓްރޯކްޖެހުން ކުރިމަތި ވެއެވެ. މިގޮތަށް ސްޓްރޯކް ޖެހުމަށް
"މިނީ ސްޓްރޯކް"(mini stroke) އޭ ކިޔައެވެ. މިގޮތަށް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ވަކި ހިސާބަކަށް
ކުރުމުއްދަތަކަށް މިސާލަކަށް 15 ވަރަކަށް މިނިޓް ވަންދެން ލޭލިބުން ހުއްޓިއްޖެނަމަ
އެވެ. މިގޮތަށް ކުރު މުއްދަތަކަށް ސްޓްރޯކް ޖެހުމަކީ ހަގީގީ ސްޓްރޯކެއް ޖެހެން
އުޅޭކަމުގެ އިންޒާރެކެވެ.
ސްޓްރޯކެއް ޖެހުމުން ފަރުވާގައި ތަފާތު ބޭސްތައް
ބޭނުންކުރެވެއެވެ. މިކަމުން ރައްކާތެރިވެ ހުރުމަށް އެންމެ އެދެވިގެންވާ ގޮތަކީ
ލޭގެ ޕްރެޝަރު މައްޗަށްދިޔަނުދީ ހިފެހެއްޓުމާ، ކެއުމުގައި ޞިއްޙީ ގޮތްތައް
ޚިޔާރުކުރުމާ، ކަސްރަތުކޮށްގެންނާ، އެހެނިހެން ގޮތްގޮތުން ވިޔަސް ހަށިގަނޑު
ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތް ކުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން
ދުރުހެލިވުން، މާބޮޑަށް ފަލަވިޔަނުދިނުން، ހަކުރު ބަލި ކޮންޓްރޯލް ގައި ބެހެއްޓުން
ފަދަ ކަންކަމަކީ ވެސް ސްޓްރޯކް ޖެހުމުން މިންޖުވެ ހުރުމަށް މުހިއްމު
ކަންތައްތަކެވެ.
(2) - ހިތުގެ ބަލިތައް
ލޭމައްޗަށް ދިއުމާ ގުޅިގެން ގިނަބަޔަކު ދުނިޔެ
ދޫކޮށްދަނީ އެއާ ގުޅިގެންދިމާވާ ހިތުގެ ބަލިތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން
ދައްކައެވެ. މިގޮތުން ކުރިމަތިވާ ހިތުގެ ބަލިތަކުގެ ގުރޫޕެއް ވެއެވެ. މިގުރޫޕްގައި
ހިމެނޭ ބަލިތަކަކީ ހިތް ފޭލްވުން، ހިތަށް ލޭލިބުން މަދުވާ ބަލި، އަދި ހިތުގެ
މަސްތަކުން ބައެއް އާދަޔާ ޚިލާފަށް ބޮޑުވާ ބަލި މިއެވެ.
(ހ) - ހިތް ފޭލްވުން (heart failure): ގިނަބަޔަކަށް ހީވެފައި އޮންނަ ގޮތާ
ޚިލާފަށް ހިތް ފޭލްވުމޭ ބުނާ ބަހުގެ މާނައަކީ "ހިތް ހުއްޓުމެއް"(cardiac arrest) ނޫނެވެ. އަދި
ކިއެއްތަ އޭގެ މާނައަކީ "ހިތުން ލޭފޮނުވައިދޭ ބާރު، އާންމުކޮށް ހުންނަ
މިންވަރަށްވުރެ ދަށްވުމެވެ". ހިތް ފޭލްވުމުން ހަށިގަނޑުގައި ލޭދައުރުކުރާ
ލޭދައުރުވުން ލަސްވެ، އަދި ހިތުގެ އެތެރޭގެ ޕްރެޝަރު އުފުލިގެން ދެއެވެ.
ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބައިތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން އާ ކާނާ
ހަށިގަނޑުގެ ބައިތަކަށް ފޮނުވައެއް ނުދެއެވެ.
ހިތުގެ އެތެރޭގެ ހަތަރު ބައި ދެމި ފުޅާވެ،
ހަށިގަނޑުގެ ބައިތަކަށް ފޮނުވުމަށް ލޭ ހިފެހެއްޓުމަށް މަސައްކަތް ކުރެއެވެ.
މިކަމުގެ ސަބަބުން ލޭ ހުއްޓިނެތި ދައުރުކުރުމަށް އެހީތެރިކަން ލިބެއެވެ. ހިތުގެ
މަސްތައް ދެރަވެ، ލޭބޭރުކުރުމަށް ނުކުޅެދުމުން، ގުރުދާއިން ހަށިގަނޑުގައި ލޮނާ
ފެން ޖަމާވުމަށް މެދުވެރި ކުރުވައެވެ. މިގޮތުން އަތްތިލަ، އަތް، ފައިތިލަ، ފައި،
ތަބިކަށި، އަދި އެތެރޭގެ ގުނަވަންތަކުގައި ފެންޖަމާވެއްޖެނަމަ ހަށިގަނޑު ފޮއްސިވެ
ދުޅަވެގެން ދެއެވެ. މިހާލަތަށް ކިޔަނީ "ކަންޖެސްޓިވް ހާޓް ފޭލިޔަރ"(congestive heart failure)
އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަންޖެސްޓިވް ހާޓް ފޭލިޔަރ އަކީ "ހިތުގެ
ވަށައިގެންވާ މަސްތައް ބަލިވުމުގެ ސަބަބުން ހިތުން ޕަމްޕްކޮށްދޭންޖެހޭ ލޭ
އެކަށީގެންވާ ވަރަށް ޕަމްޕްކޮށް ނުދިނުމެވެ". ނަތީޖާއެއްގެ ގޮތުން ހިތުގެ
ތެރޭގައި ލޭޖަމާވެ، އާދަޔާ ޚިލާފަށް ވަރުބަލިވެ، ނޭވާކުރުވެ، ކޮށިއަރައި،
ހާސްވާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިން ބުނިހެން އަތްފައި ދުޅަވެ
ފޮއްސިވެގެން ދަނި އެކަށީގެންވާ ފަރުވާ މިހާލަތުގައި ނުލިބިއްޖެނަމަ އެވެ.
ލޭމައްޗާ ދިއުމާ ގުޅިގެން ހިތް ފޭލްވުން
މެދުވެރިވަނީ ކޮރޯނަރީ އާޓަރީގެ ބަލި، އަދި ހިތުގެ މަސްތަކުން ބައެއް އާދަޔާ
ޚިލާފަށް ބޮޑުވާ ބަލީ ގެ ސަބަބުންނެވެ. ހިތް ފޭލްވުމުން ފެނިދާނެ އަލާމާތްތަކުގެ
ތެރޭގައި، ނޭވާކުރުވުން، ފައިފޮއްސިވެ ދުޅަވުން، ބަނޑުގައި ވައިހެދި ފުފުން،
ބޯއެނބުރުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، ރޭގަނޑު މާގިނައިން ކުޑަކަމުދާންޖެހުން،
އަދި މިނޫން ބައެއް ކަންތައްތައް ހިމެނެއެވެ.
(ށ) – ހިތަށް ލޭލިބުން މަދުވާ ބަލި (ischemic heart disease): ހިތަށް
ލޭލިބުން މަދުވާ ބައްޔަކީ ހިތުގެ ވަށައިގެންވާ މަސްތަކަށް އެކަށޭނަ ވަރަށް
ލޭނުލިބުމެވެ. މިބަލި އާންމު ގޮތެއްގައި ކުރިމަތިވަނީ ލޭހޮޅިތަކުގެ ތެރޭގައި
(ހިތާގުޅިފައިވާ ކޮރޯނަރީ އާޓަރީގެ ތެރޭގައި) ސަރުބީ ނުވަތަ ކޮލެސްޓްރޯލް ޖަމާވެ،
ލޭހޮޅި ހަރުވެ، ލޭހިނގާމަގު ހިމަވުމުން، ލޭދައުރުވާން ހުރަސްއަޅާތީ އެވެ. މިކަމުގެ
ސަބަބުން ހާޓް އެޓޭކް(heart attack) އެއް ޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ.
ހިތަށް ލޭލިބުން މަދުވާ ބަލީގެ ސަބަބުން ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި، މޭގައި ރިހުން، މޭގައި ހުންނަ ރިހުން ކަދުރާ ބުރަކަށި
އަދި އަތަށް ފެތުރިގެން ދިއުން، މެޔަށް އުދަނގޫވެ އަނބުރާގޮތްވުން، ދާހިއްލުން،
މޭނުބައިކުރާގޮތްވުން، ނޭވާކުރުވުން، މޭކަށިގަނޑު ނުވަތަ ބަނޑަށް ތަދުވުން، ނޭލާން
އުދަނގޫވުން، އާދަޔާ ޚިލާފަށް ވަރުބަލިވެ، މީހާ ހުދުވާގޮތްވުން، އަދި މިނޫން
ބައެއް ކަންތައްތައް ހިމެނެއެވެ.
(ނ) – ހިތުގެ މަސްތަކުން ބައެއް އާދަޔާ
ޚިލާފަށް ބޮޑުވާ ބަލި (hypertrophic
cardiomyopathy): ހިތުގެ މަސްތަކުން ބައެއް އާދަޔާ ޚިލާފަށް ބޮޑުވާ ބަލި
ކުރިމަތިވެއްޖެނަމަ، ހިތުގެ ވޭލްތަކަށް އޭގެ ވަޒީފާ ފުރިހަމަ ކުރުމުގައި އުދަނގުލާ
ކުރިމަތިލާން ޖެހެއެވެ. މިބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، މޭގައި
ރިހުން، ހިތުގެ ވިންދު އަވަސްވުން، ނޭވާކުރުވުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ވަރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހިތުގެ ބަލިތައް ދެނެގަތުމަށް ހެދޭ ބައެއް
ޓެސްޓުތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ބަލައި ޗެކުކުރުން، މޭގެ އެކްސްރޭ ނެގުން،
އީސީޖީ ހެދުން، ކޮރޯނަރީ އެންޖީއޯގްރާމް ހެދުން، އަދި މިނޫން ތަފާތު އެހެން
ޓެސްޓުތައް ވެސް ހިމެނެއެވެ.
(3) - ގުރުދާގެ ބަލިތައް
ގުރުދާ ފޭލްވުމާ، އަދި އެހެން ގުރުދާގެ ބައެއް
ބަލިތައް އުފަންކުރުވާ މައިގަނޑު ސަބަބެއް ކަމުގައި ލޭމައްޗަށްދިއުން ވަނީ ފާހަގަ
ކުރެވިފައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ގުރުދާގައިވާ ލޭހޮޅިތަކާ،
ފިލްޓަރުތައް ހަލާކުވެ، އޭގެ ސަބަބުން ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް
ގުރުދާގެ އެހީގައި، ކުޑަކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑުން ބޭރުކޮށްލުމަށް
ދަތިތަކާ ކުރިމަތި ކުރުވައެވެ.
ގުރުދާގެ ބަލިތަކުގެ ސަބަބުން ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ކުޑަކަމުދާ ތަކެތީގެ މިންވަރު
މަދުވުން، ކުޑަކަމުދާން އުދަނގޫވުން، ފައި ފޮއްސިވެ ދުޅަވުން، އަދި ރޭގަނޑު
ގިނަގިނައިން ކުޑަކަމުދާންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
ގުރުދާގެ ބައްޔެއް ހުރިތޯ ދެނެގަތުމަށް ލޭގައި
"ކްރިއެޓްނީން"(creatinine)
، "ޔޫރިއާ ނައިޓްރިޖަން"، އެކުލެވޭ މިންވަރު ބެލެއެވެ. މީގެ އިތުރުން ލޭގައި
ޕްރޮޓީން މަތިވުމަކީ ވެސް ގުރުދާގެ ބަލިތަކުގެ ނިޝާނެކެވެ. ހަމަމިހެން ބައެއް
ކުޑަކަމުދާ ތަކެތީގައި ލޭހުރުމަކީ ވެސް ގުރުދާގެ ބައްޔެއް ހުރިކަމުގެ
އިންޒާރަކަށް ވެދާނެ އެވެ.
ލޭމައްޗަށްދިއުމާ ގުޅިގެން ގުރުދާގެ ބަލިތައް
ނުވަތަ މައްސަލަތައް ކުރިމަތިވުން ހަކުރު ބަލީގެ އަހުލުވެރިންގެ މެދުގައި
އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި އާއިލާގެ މެންބަރުންގެ ތެރޭގައި ގުރުދާގެ
ބަލިތަކާ، އަދި ލޭމައްޗަށް ދިއުން އާންމުނަމަ، އެއާއިލާގެ އެހެން މެންބަރުންނަށް
މިގޮތަށް މައްސަލަ ދިމާވުމުގެ ފުރުޞަތު ބޮޑެވެ. އެމެރިކާ ފަދަ ގައުމުތަކުގެ
މީހުންގެ މެދުގައި މިމައްސަލަތައް އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ.
ގުރުދާގެ ބަލިތަކުން ރައްކާތެރިވެ ހުރުމަށް ދޭތެރެ
ދޭތެރެއިން ލޭގެ ޕްރެޝަރު ބަލައި ހެދުމާ، އެކަށޭނަ ވަރެއްގައި ލޭގެ ޕްރެޝަރު
ހިފެހެއްޓޭތޯ ބެލުމާ، ކަސްރަތު ކުރުން، އަދި ފައިދާހުރި ކާނާ ބޭނުންކުރުމާ،
ބައްޔާއި ގުޅިގެން ޑޮކްޓަރުން ދެއްވާ ބޭސްތައް ގަވާއިދުން ބޭނުންކުރުން ފަދަ
ކަންތައްތަކަށް އަހައްމިއްޔަތު ކަމެއް ދެވިދާނެ އެވެ.
(4) - ލޮލުގެ ބަލިތައް
ލޭމައްޗަށްދިއުމުން ފަރުވާނުކޮށް ގިނަ ދުވަސްތަކެއް
ވަންދެން ދޫކޮށްލައިފިނަމަ، ލޮލުގެ ފެނަށް ބަދަލު އައުން ފަދަ މައްސަލަތައް
ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭމައްޗަށްދިއުމުން ލޮލުގެ ފަހަތުގައިވާ
"އަލިދުލީ"(retina)ގައި ހިމެނޭ ލޭހޮޅިތައް ހަލާކުކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ
އަލިދުލި ހަލާކުވެގެން ދެއެވެ. ލޮލުގެ އަލި ދުއްޔަކީ އަހަރެމެންނަށް ފެންނަ
މަންޒަރުތައް ފޯކަސްކުރާ ތަނެވެ.
އާންމު ގޮތެއްގައި ލޭމައްޗަށް ދިއުމާ ގުޅިގެން
ލޮލަށް ދިމާވާ މައްސަލަ އަކީ ބޮލުގައި ރިހުމާއެކު، ލޮލުގެ އެތެރެއިން ތަދުހުރެ،
ދިލަނަގައި، އަދި ލޮލުގެ ފެނުމަށް ބަދަލު ގެނައުމެވެ. ގިނަ ފަހަރަށް މިގޮތަށް
ބޮލުގައި ރިއްސާލި ނަމަވެސް، އަދި އެއީ ލޭމައްޗަށްދިއުން ކަމުގައި ދެނެގަންނަން
އުދަނގޫވެއެވެ. އެހެންކަމުން މިކަން ޔަގީންކުރެވެނީ ލޭގެ ޕްރެޝަރު ޗެކުކޮށް، އަދި
އެހެނިހެން ޓެސްޓުތައްކޮށް ހަދައިގެންނެވެ.
ލޭމައްޗަށް ދިއުމާ ގުޅިގެން ލޮލުގައި މައްސަލައެއް
ހުރިތޯ ނުވަތަ ނެތްތޯ ދެނެގަތުމަށްޓަކައި ލޮލުގެ ޑޮކްޓަރުން
"އޮފްތަލްމޮސްކޯޕް" ކިޔާ އަދަވާތެއްގެ އެހީގައި ލޮލުގެ ގޮބޮޅީގެ
ފަހަތުން ލޮލުގެ އަލިދުލި އެކުލެވޭ ހިސާބު ބަލައި ޗެކުކުރެއެވެ. އެގޮތުން ލޮލުގެ
އަލިދުލީގައި މައްސަލަ ހުރިނަމަ އަންނަނިވި ކަންތައްތައް ޑޮކްޓަރުންނަށް
ފާހަގަވާނެ އެވެ.
-
ލޮލުގެ އަލިދުލީގެ ލޭހޮޅިތައް ހިމަވެ ތުނިވުން
-
ލޮލުގެ އަލިދުލީގެ ލޭހޮޅިން ދިޔާތަކެތި ބޭރުވުން
-
ލޮލުގެ އަލިދުލީގައި ތިކިތަކެއް ޖަހާފައި ހުރުން
-
ލޮލުގެ ނާރު ދުޅަވުން
-
ލޮލުގެ ފަހަތަށް ލޭފޫދިފައި ހުރުން
ލޭމައްޗަށް ދިއުމާ ވިދިގެން މެދުވެރިވާ ލޮލުގެ
މައްސަލަ މައިގަނޑު 4 ދަރަޖައަކަށް ބަހާލެވިފައި
ވެއެވެ. އެއީ:-
1 - ފުރަތަމަ
ދަރަޖަ : އާދައިގެ މިންވަރަކަށް ލޮލުގެ
އަލިދުލީގެ ލޭހޮޅިތައް ހިމަވެ ތުނިވުން
2 - ދެވަނަ
ދަރަޖަ : އާދަޔާ ޚިލާފަށް ލޮލުގެ އަލިދުލީގެ
ލޭހޮޅިތައް ހަރުވުން
3 - ތިންވަނަ
ދަރަޖަ : ލޭހިލުން، ލޮލުގެ އަލިދުލީގައި
ތިކިތަކެއް ހުރުން + ދެވަނަ ދަރަޖައިގެ ނިޝާންތައް
4 - ހަތަރުވަނަ
ދަރަޖަ : ލޮލުގެ ނާރުގެ ބުޑު ދުޅަވުން +
ތިންވަނަ ދަރަޖައިގެ ނިޝާންތައް
ލޭމައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ލޮލުގެ
މައްސަލައަށް ފަރުވާ ކުރުމުގައި އެންމެ އެދެވިގެންވާ ގޮތަކީ ލޭމައްޗަށް ދިއުމަށް
ފަރުވާކުރުން ކަމުގައި ބުނެވެއެވެ. މާނައަކީ ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރެވި
ރަގަޅުވުމުން ލޮލަށް އަންނަ ނުވަތަ އައިސްފައިވާ ބަދަލުތައް ވެސް މުޅިން ރަގަޅުވެ
ދެއެވެ. ހަމަމިހެން މިމައްސަލަތަކުން ރައްކާތެރިވުމަށް އޮތް އެންމެ ރަގަޅު
ހައްލަކީ ވެސް ލޭމައްޗަށް ދިއުން ދުރާލާ ރައްކާތެރިވެ ހުރުމެވެ. އެހެންކަމުން
ފައިދާހުރި ކާނާ ބޭނުންކުރުން، ލޮނު މަޑުކޮށް ކެއުން، އަދި ކަސްރަތު ކުރުމާ،
ކޮންމެވެސް ކަސްރަތެއް ލިބޭ ފަދަ ކުޅިވަރެއް ކުޅުން ފަދަ ކަންތައްތައް ކުރުމަކީ މުހިއްމު
ކަމެކެވެ.
ލޭމައްޗަށް ގޮސްފައިވޭތޯ ބަލައި
ދެނެގަތުން
ލޭމައްޗަށް ދިއުމަށް ބައެއް ފަހަރު "ހިމޭން
ބަލި"(silent disease) މިނަމުން މުޚާތަބު ކުރެވެއެވެ. އެއީ ލޭމައްޗަށް ދިޔަނަމަވެސް
ގިނަފަހަރު އެކަން އަހަރެމެންނަށް ނޭނގޭތީއެވެ. އަދި ނުރައްކާތެރި ދަރަޖައަކަށް
ލޭމައްޗަށް ނުދަނީސް ގިނަފަހަރު އޭގެ އަލާމާތްތައް ނުފެންނާތީ އެވެ. އެހެންކަމުން
ދޭތެރެ ދޭތެރެއިން ލޭގެ ޕްރެޝަރު ބަލައި ޗެކުކުރުމަކީ މުހިއްމު ކަމެކެވެ.
ޚާއްޞަކޮށް ތިމާގެ އާއިލާގެ ތެރޭގައި ލޭމައްޗަށްދާ މީހުން ތިބިނަމަ މިއީ އެހާމެ
މުހިއްމު އަދި އެދެވިގެންވާ ކަމެކެވެ.
ލޭގެ ޕްރެޝަރު ބެލުން
ލޭގެ ޕްރެޝަރު ބަލަނީ "ލޭބަލާ މެޝިން"(sphygmomanometer) އަދި
"ބަލިބަލާ ކަށިގަނޑު"(stethoscope) ގެ އެހީގައެވެ. ލޭގެ ޕްރެޝަރު ބެލުމަށް ދެމިންގަނޑެއް
ނޯޓުކުރެވެއެވެ. އެއީ ސިސްޓޮލިކް ޕްރެޝަރު އަދި ޑަޔަސްޓޮލިކް ޕްރެޝަރެވެ.
ސިސްޓޮލިކް ޕްރެޝަރަކީ "ހިތުން ލޭބޭރުކުރާއިރު ލޭނާރުތަކުގައި ހުންނަ
ޕްރެޝަރެ"ވެ. މިޕްރެޝަރު އާދައިގެ ވަރަކަށް ނަމަ ހުންނާނީ 120 މިލިމީޓަރު މާކަރީ
އަށްވުރެ ދަށުގައެވެ. ޑަޔަސްޓޮލިކް ޕްރެޝަރަކީ "ހިތުން ހަށިގަނޑުގެ
ބައިތަކަށް ލޭފޮނުވާފައި ހިތްއަރާމުކޮށްލައި ހަމައަކަށްއެޅޭ ވަގުތުކޮޅުގެ ތެރޭގައި
ލޭނާރު ތަކުގައި ހުންނަ ޕްރެޝަރެ"ވެ. މިޕްރެޝަރު އާދައިގެ ވަރަކަށް ނަމަ
ހުންނާނީ 80 މިލިމީޓަރު މާކަރީ އަށްވުރެ ދަށުގައެވެ.
ލޭގެ ޕްރެޝަރު މިންކުރެވެނީ "މިލިމީޓަރު
މާކިޔަރީ"(millimeter mercury) އިންނެވެ. ލޭގެ ޕްރެޝަރު ނޯޓުކުރާއިރު މައްޗަށް އިންނަ އަދަދަކީ
ސިސްޓޮލިކް ޕްރެޝަރެވެ. ތިރިއަށް އިންނަ އަދަދަކީ ޑަޔަސްޓޮލިކް ޕްރެޝަރެވެ. އެންމެ
ފަހުގެ ހޯދުންތަކަށް ބަލާއިރު އާދައިގެ މިންގަނޑެއްގައި ލޭގެ ޕްރެޝަރު ހުރިކަމަށް
ބަލަނީ 80/120 މިލިމީޓަރު މާކަރީ އަށްވުރެ ދަށުގައި ހުރިނަމަ އެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން ތިމާގެ އުމުރު،
ޖިންސް، ޖަޒުބާތީ ޝުއޫރު، ހިތުގެ ހާލަތު ހުރިނެތްގޮތް، ބޭނުންކުރެވޭ ބޭސް، އަދި ތިމާގެ
ހަރަކާތްތެރިކަން ހުރިމިންވަރު، ފަދަ ކަންތައްތަކާ ގުޅިގެން ލޭގެ ޕްރެޝަރު
މައްޗަށް ނުވަތަ ދަށަށް ދިއުމަކީ ވެދާނެ ގޮތެކެވެ. އެންމެ ފަހަރަކު ލޭ ބަލާއިރު
ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައި ހުރި ނަމަވެސް އެއީ އަދި ލޭމައްޗަށްދިއުން
ކަމުގައެއް ނުބެލެވޭނެ އެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ބެލުމުގައި ބޮޑަށް
އެދެވިގެންވަނީ ރަގަޅަށް އަރާމުކޮށްލުމަށްފަހު، ޖެހިޖެހިގެން 3 ވަރަކަށް ފަހަރު
ލޭގެ ޕްރެޝަރު ބެލުމެވެ.
ލޭމައްޗަށްދިމަށް ޝައްކުވެ، ޑޮކްޓަރަށް ދެއްކުމުން
ލޭގެ ޕްރެޝަރު ބެލުމުގެ އިތުރުން ބައްޔާ ގުޅޭ ވަރަށް ގިނަ ސުވާލުތައް ޑޮކްޓަރުން
އަހައި އޮޅުން ފިލުވާނެ އެވެ. ޚާއްޞަކޮށް ބައްޔަށް މަގުފަހިކުރާ ކަންތައްތަކާ
ގުޅޭގޮތުން ސުވާލުކުރާނެ އެވެ. އެއީ އެފަދަ އެއްވެސް ކަމެއް، އަމަލެއް
ކުރިމަތިވެފައިވޭތޯ ބެލުމާ، އަދި އެއިން ކަމެއްގެ ސަބަބުން އަސަރުކޮށްފައިވޭތޯ
ބެލުމެވެ.
ހަމަމިހެން ޖިސްމާނީ ބައެއް ޓެސްޓުތައް ކުރެވެއެވެ.
މިޓެސްޓުތައް ކުރުމަށް ބައެއް ފަހަރު ބަލިބަލާ ކަށިގަނޑު ބޭނުންކޮށްފާނެ އެވެ.
އަދި ހިތުގެ ވިންދުޖެހުން ހުރިނެތްގޮތް ވެސް ބަލާނެ އެވެ. ތިބާގެ ކިބައިގައި
ހިތުގެ ބައްޔެއް ހުރިކަމަށް ޝައްކުވެއްޖެނަމަ ފަހަރުގައި އަންނަނިވި ޓެސްޓުތައް
ހެދުމަށް އިރުޝާދު ދީފާނެ އެވެ.
-
އީސީޖީ (ECG): މިއީ ހިތް
މަސައްކަތްކުރާގޮތް ބަލައި ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދެނީ ފައި، އަތް،
އަދި މޭމައްޗަށް ގުޅާލެވޭ "އިލެކްޓްރޯޑް" ތަކެއްގެ އެހީގައެވެ.
އެއަށްފަހު ޓެސްޓުން ލިބޭ ނަތީޖާތައް ގުރާފު ކަރުދާހެއްގައި ކުރަހާލައެވެ.
-
އީކޯކާޑިއޯގްރާމް (Echocardiogram): މިޓެސްޓުގައި އަލްޓްރާ ސައުންޑްގެ އެހީގައި ހިތުގެ
އެތެރޭގެ ބައިތަކާ، އެއާ ގުޅިފައިވާ ވޭލްތަކުގެ ސޫރައެއް އުފައްދައެވެ. އަދި އޭގެ
އެހީގައި ހިތުން ލޭބޭރުކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ދިރާސާ ކުރެވެއެވެ.
-
ކާޑިއެކް ސްޓްރެސް ޓެސްޓު (cardiac stress test): މިޓެސްޓު ހެދުމަށް ސްޓޭޝަނަރީ ބައިސްކަލެއް ފަދަ
އެއްޗެއްގައި ކަސްރަތު ކުރަން ޖެހިދާނެއެވެ. އެއީ ހިތް މަސައްކަތްކުރުން އަވަސް
ކުރުމަށްޓަކައެވެ. އަދި މިހާލުގައި ވަނިކޮށް އީސީޖީ ހެދެއެވެ.
-
ކާޑިއެކް ކެތީޓަރައިޒޭޝަން (cardiac catheterization): ކެތީޓަރު ގެ މާނައަކީ "ކުޑަ
ލަންބާލެވޭ ހޮޅިކޮޅެކެވެ". މިޓެސްޓު ހެދުމަށް މިފަދަ ހޮޅިކޮޅެއް ދަންބަނޑުން ފައިގެ
ފަލަމަސްގަނޑަށް ފައިބައިފައިވާ ސާފުލޭ ދަތުރުކުރާ ލޭހޮޅި "ފެމޯރަލް
އާޓަރީ"(femoral artery) ގެ ތެރެއަށް ވެއްދުމަށްފަހު، މައްޗަށް ގެންގޮސް ހިތަށް
ލޭފޮނުވައިދޭ ލޭހޮޅި "ކޮރޯނަރީ އާޓަރީ"ތަކާ ހަމައަށް ވާޞިލް ކުރުވައެވެ.
މިޓެސްޓުގެ އެހީގައި "ކޮރޯނަރީ އާޓަރީ"ގައި އެއްވެސް ކަހަލަ ބެދުމެއް
ނުވަތަ ލޭދައުރުކުރުމަށް ހުރަސްއަޅާ ކަމެއް ހުރިތޯ ދެނެގަނެވެއެވެ. ހަމަމިހެން
ހިތުގެ އެތެރޭގައި ލޭދައުރުވުން ހުރިނެތްގޮތް ވެސް ބެލެއެވެ.
ލޭމައްޗަށް ދިއުމުންދެވޭ ފަރުވާ
ފަރުވާއަށް އަވަސްކަޅިއެއް
ލޭމައްޗަށްދިއުމަކީ ކުރީކޮޅު ފަރުވާ
ނުކުރެވިއްޖެނަމަ ނުވަތަ ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ސްޓްރޯކްޖެހުން، ހިތުގެ
ބަލިތައް ޖެހުން، އަދި ގުރުދާގެ ބަލިތައް ޖެހުން ފަދަ ކަންތައްތައް އުފަންކުރުވާނެ
ކަމެކެވެ. ލޭމައްޗަށް ދިއުމަށް ދެވޭ ފަރުވާގެ މައިގަނޑު މަގުޞަދަކީ ލޭގެ ޕްރެޝަރު
ދަށްކޮށްދީ، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް އެކަމުގެ އަސަރު ފޯރުވުން
ކުޑަކުރުމެވެ. އެހެންކަމުން ލޭމައްޗަށް
ދިއުމަށް އެކަށޭނަ ގޮތުގައި ފަރުވާކުރެވިއްޖެނަމަ ކުރިން ބުނި ގެއްލުންތަކުން
ހަށިގަނޑު ސަލާމަތް ކުރެވެއެވެ.
ލޭގެ ޕްރެޝަރު އާދައިގެ މިންވަރެއްގައި ހުރިކަމަށް
ބެލެވެނީ 80/120 މިލިމީޓަރު މާކަރީ އަށްވުރެ ދަށުގައި ލޭގެ ޕްރެޝަރު ހުރިނަމަ
އެވެ. ލޭގެ ޕްރެޝަރު އާންމުކޮށް ހުންނަންޖެހޭ މިންވަރަށްވުރެ މަތިނަމަ އެމީހަކު
އުޅެންޖެހޭނީ ވަރަށް ބަލައިގެންނެވެ. ލޭމައްޗަށްދިއުމަށް މަގުފަހިވާ ކަންތައްތަކުން
ދުރުވެ ހުރުމާއެކު، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން، ދުންފަތުގެ
އިސްތިއުމާލުކުރުމާ ދުރުހެލިވުން، އަދި ކަސްރަތުކުރުން ފަދަ ކަންތައްތައް
ކުރަންޖެހޭނެ އެވެ. ދާއިމީ ގުރުދާގެ ބައްޔެއް ނުވަތަ ހަކުރު ބަލި ހުންނަ
މީހެއްނަމަ، ލޭގެ ޕްރެޝަރު ހުރުން އެދެވިގެންވަނީ 80/130 މިލިމީޓަރު މާކަރީ
އަށްވުރެ ދަށުގައެވެ.
ލޭމައްޗަށްދިއުމަށް ފަރުވާކުރުމަށް ބޭނުންކުރެވޭ
މައިގަނޑު ދެގޮތަކީ ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކަށް ބަދަލު ގެނައުމާ، އަދި
ބޭސް ބޭނުންކޮށްގެން ފަރުވާކުރުމެވެ.
ޑޮކްޓަރުން ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައި ދޭ ބޭސް ގަވާއިދުން މެދުނުކަނޑާ ކާންވާނެއެވެ. އަދި ގަވާއިދުން
ޕްރެޝަރު ބަލާ ރިކޯޑްކޮށް ބަލަހައްޓަން ވާނެއެވެ. ލޭގެ ޕްރެޝަރަށް ފަރުވާ
ކުރުމުގައި ވެސް އެކިމީހުންނަށް ދޭބޭސްތައް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.
ލޭމައްޗަށްދިއުމުން ދޭނެ ބޭސް ކަނޑައަޅާނީ ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައިވާ
މިންވަރާ، އެމީހެއްގެ ޞިއްހީ ހާލަތު ހުރި މިންވަރާ، އެމީހެއްގެ ޓެސްޓުތަކުގެ
ނަތީޖާތަކަށް ބެލުމަށްފަހު ގައެވެ. ލޭމައްޗަށް ދިއުމަށް ފަރުވާ ކުރުމުގައި
ބަލިމީހާގެ ހާލަތަށް ބަލައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ދެގޮތަކަށް މަސައްކަތް
ކުރެވިދާނެ އެވެ. އެއީ:-
(ހ) - ދިރިއުޅުމުގައި ގެންގުޅެވޭ
އާދަތަކަށް ބަދަލުގެނައުން
މިގޮތުން އަންނަނިވި ކަންތައްތައް ފުރިހަމަ
ކުރެވިއްޖެނަމަ، އެއީ ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމަށް ލިބިދޭ އެހީއަކަށް
ނޫނީ ނުވާނެ އެވެ.
-
މާބޮޑަށް ފަލަނަމަ ބަރުދަން ލުއިކުރުން
-
ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން
-
ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން
-
ކާނާގައި ލޮނު ބޭނުންކުރެވޭ މިންވަރު މަދުކޮށްލުން
-
ކޮންމެ ދުވަހަކު ވެސް އާދަކޮށް ކަސްރަތުކުރުން
(ށ) - ބޭސް ބޭނުންކުރުން
ލޭމައްޗަށްދިއުމަށް ފަރުވާ ކުރުމަށް ބޭސް ބޭނުންކުރާ ގިނަ ބަޔަކު
ދެކޭގޮތުގައި ބޭސް ބޭނުންކުރުމަކީ ލޭމައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ހުރިހާ
ކަމެއް ހައްލުކޮށްދޭނެ ކަމެކެވެ. އެހެންގޮތަކަށް ބުނާނަމަ ބޭސް ބޭނުންކުރާނަމަ،
ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ނުގެނަޔަސް ރަގަޅުވާނެއެވެ. ނަމަވެސް މިއީ
ކުށްހީ އެކެވެ. އެހެނީ ހަމައެކަނި ބޭސް ބޭނުންކުރުމުން ކޮންމެ ވެސް ވަރަކަށް ލޭގެ
ޕްރެޝަރު ތިރިއަށް ޖެހިދާނެ އެވެ. ނަމަވެސް ބައެއް ފަހަރު ލޭގެ ޕްރެޝަރު
ހުންނަންޖެހޭ ރަގަޅުމިނަށް ތިރިނުވެ ހުންނަގޮތް ވެސް ދިމާވެއެވެ. އެހެންކަމުން
ބޭސް ބޭނުންކުރުމާއެކު، ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުމަކީ ފަސޭހައިން ލޭގެ
ޕްރެޝަރު ތިރިވާނެ ކަމެކެވެ. އަދި މިގޮތަށް ހެދުމުން ބައެއް ފަހަރު
ބޭނުންކުރަންޖެހޭ ބޭހުގެ މިންވަރު މަދުކުރެވޭގޮތް ވެސް ވުމަކީ ކައިރި ކަމެކެވެ.
ބޭސް ބޭނުންކުރަން ފެށުމަށްފަހު ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް ދައްކައިގެން
ބޭސް ނަގަންވާނެއެވެ.
ޕްރައިމަރީ ހައިޕަރޓެންޝަން ކުރިމަތިވެފައިވާ މީހުން މުޅި އުމުރުގައި ވެސް
ބޭސް ކާންޖެހޭނެ އެވެ. އެހެންކަމުން ބޭސް ހުއްޓާލަންޖެހޭނީ ޑޮކްޓަރަކާ މަޝްވަރާ
ކުރުމަށްފަހު، ހުއްޓާލުމަށް ލަފާދީފިނަމަ އެވެ. އެހެން ނޫނީ ހުއްޓާލުމަކީ
ރަގަޅުކަމެއް ނޫނެވެ.
ލޭމައްޗަށްދިއުމުން ބޭސް ކާންފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޭގެ
ޕްރެޝަރު ކޮންޓްރޯލްވެ، ލޭގެ ޕްރެޝަރު އާދައިގެ ގޮތެއްގައި ހުންނަންޖެހޭ
މިންވަރަށް ދަށަށް ދެއެވެ. މިހެންވުމުން ބަލިން ރަގަޅުވީކަމަށް ހީކޮށް ބައެއް
މީހުން ބޭސް ހުއްޓާލައެވެ. ނަމަވެސް މިއީ ރަގަޅުގޮތެއް ނޫނެވެ. އެހެނީ ލޭގެ
ޕްރެޝަރު ކޮންޓްރޯލްގައި މަތިވިޔަނުދީ ހިފެހެއްޓިފައި ހުންނަނީ ބޭނުންކުރެވޭ
ބޭހުގެ ސަބަބުންނެވެ. އަދި ބޭސް ހުއްޓާލުމުން ގިނަދުވަހެއްނުވެ، އަނެއްކާ ވެސް ލޭގެ
ޕްރެޝަރު މަތިވާގޮތް ވެއެވެ.
ލޭމައްޗަށް ދިއުމުގެ ފަރުވާގައި ބޭނުންކުރެވޭ
ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.
-
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް
-
އެންޖީއޯޓެންސިން2 ރިސެޕްޓަރ ބްލޮކާރޒް
-
ޑަޔުރެޓިކްސް
-
ބީޓާ ބްލޮކާރޒް
-
ކެލްސިއަމް ޗެނަލް ބްލޮކާރޒް
ގިނަ މީހުންނަށް އެންމެ އާންމުކޮށް ފުރަތަމަދެނީ ޑަޔުރެޓިކްސް އެވެ. ފުރަތަމަ
ޑަޔުރެޓިކްގެ ވައްތަރު ރަގަޅު ނޫންނަމަ ދެވަނަ ވައްތަރެއްގެ ޑަޔުރެޓިކް އެއް
ދީފާނެ އެވެ. ހަކުރު ބަލީގެ މީހުންނަށް އާންމުކޮށް ފުރަތަމަ ދީއުޅެނީ
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް އެވެ.
ކެއުން
ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ބާވަތްތައް
ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލޭގެ
ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާއިރު ކެއުމުގައި އަންނަނިވި
ކަންތައްތަކަށް ސަމާލުކަން ދޭންވާނެ އެވެ.
-
ހަށިގަނޑަށް ފައިދާހުރި ތަރުކާރީއާ މޭވާގެ ބާވަތްތައް ބޭނުންކުރުން
-
ތެލާ، ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލުން
-
ކަނޑުމަސް، އެއްގަމުމަސް، އަދި ގޮދަންގެ ބާވަތްތައް ބޭނުންކުރުން
އިތުރުކުރުން
-
ފޮނި ކާތަކެތި ބޭނުންކުރުން މަދުކުރުން
-
މެގްނީޒިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތައް
ބޭނުންކުރުން
ބޭސް ބޭނުންކޮށްގެން ފަރުވާކުރުން
ލޭމައްޗަށް ދިއުމުގެ ފަރުވާގައި ބޭނުންކުރެވޭ
ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.
-
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް
-
އެންޖީއޯޓެންސިން2 ރިސެޕްޓަރ ބްލޮކާރޒް
-
ޑަޔުރެޓިކްސް
-
ބީޓާ ބްލޮކާރޒް
-
ކެލްސިއަމް ޗެނަލް ބްލޮކާރޒް
(1)-
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް
އިންހިބިޓާރޒް(ACE inhibitors) އަކީ ހަނިވެފައިވާ ލޭހޮޅިތައް ފުޅާކޮށް، ދަށް ޕްރެޝަރުގައި
ލޭހޮޅިތަކުގައި ލޭދައުރުވުމަށް އެހީތެރިވެދޭ ބޭސް ތަކެކެވެ. ހަމަމިހެން ހަކުރު
ބައްޔާ، ލޭމައްޗަށް ދިއުމުގެ ސަބަބުން ގުރުދާއަށް ލިބޭ ގެއްލުންތައް
ހިމާޔަތްކުރުމުގައި އެހީތެރިވެދެއެވެ. ހިތާ ގުޅުންހުރި ތަފާތު ބަލިތަކަށް ފަރުވާ
ކުރުމުގައި މިބޭސްތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ލޭމައްޗަށްދިއުން، ހާޓް
އެޓޭކްޖެހުން، ހިތް ފޭލްވުން ފަދަ ކަންތައްތައް ހިމެނެއެވެ.
މަސައްކަތްކުރާގޮތް : އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް(angiotensin converting enzyme)
އަކީ ލޭގައި އެންޖީއޯޓެންސިން 1 އެންޖީއޯޓެންސިން 2 އަށް ބަދަލުވުމުގައި
މެދުވެރިއެއްގެ ދައުރު އަދާކުރާ އެންޒައިމް އެވެ. އެންޖީއޯޓެންސިން 2 އަކީ
ލޭހޮޅިތައް ހަނިކޮށް އޭގެ އެތެރޭގެ ޕްރެޝަރު މަތިކުރުވާ މާއްދާ އެކެވެ.
"އިންހިބިޓާރޒް"(inhibitors) ގެ މާނައަކީ "ކަމަކަށް ހުރަސްއަޅާ ނުވަތަ ކަމެއް މަނާކުރާ
އެއްޗެހި ތަކެވެ". އެހެންކަމުން އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް
އިންހިބިޓާރޒް އަކީ އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމްގެ މަސައްކަތް
ދަށްކޮށް، އެއެންޒައިމްގެ މަސައްކަތަށް ހުރަސްއަޅައި، އެންޖީއޯޓެންސިން 2 އުފެދުން
މަނާކޮށް ކުޑަކޮށްދޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން މިބޭސްތައް ބޭނުންކުރުމުން
ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ.
ހިމެނޭ ބޭސްތައް : އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް ގެ ގޮތުގައި ބެލެވޭ
ބޭސްތަކުގެ ތެރޭގައި "ކެޕްޓަޕްރިލް"، "އިނަލަޕްރިލް"،
"ލިސަނަޕްރިލް"، "ބިޒަނެޕްރިލް"، "ފޮސިނަޕްރިލް"،
"ރެމިޕްރިލް"، "ޕެރިންޑަޕްރިލް" އަދި
"ކްއިނަޕްރިލް" ފަދަ ބޭސްތައް ހިމެނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތައް : މިބޭސްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރު
ތަކުގެ ތެރޭގައި ކެއްސުން، ހަންގަނޑު ރަތްވެ ކެހުން، ހޮނޑުލުން، ބޭރަށްހިންގުން،
ބޮލުގައި ރިހުން، ބޯއެނބުރުން، ކަރާ، މޫނު އަދި ދޫ ދުޅަވުން، ހުންއައުން، އަނގަޔާ
އަރުތެރެ ފާރުވުން، އަތްފައި ފޮއްސިވެ ދުޅަވުން، ލޭގައި ޕޮޓޭސިއަމްގެ މިންވަރު
އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
މިބޭސްތައް ބޭނުންކުރުމުގައި
ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތައް
(ހ) – މިބޭސްތައް ބޭނުންކުރަންވާނީ ކެއުމުގެ 1
ގަޑިއިރުގެ ކުރިން ހައިބަނޑާހުރެއެވެ. ދުވާލަކު ބޭނުންކުރަންޖެހޭ ވަގުތާ، މިންވަރު
ބޭހުގެ އެކި ވައްތަރުތަކާ ގުޅޭގޮތަށް ތަފާތުވުމަކީ ވެދާނެ ކަމެކެވެ. މާނައަކީ އެއް
ބޭސް ދުވާލަކު 2 ފަހަރު ކާންޖެހޭނަމަ އެހެން ބޭހެއް ދުވާލަކު 3 ފަހަރު ނުވަތަ
އެންމެ ފަހަރަކު ވެސް ކާންޖެހިދާނެ އެވެ.
(ށ) – މިބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ލޮނު
އެކުލެވޭ ތަކެތި ބޭނުން ނުކުރާށެވެ. މިފަދަ ތަކެތީގައި ޕޮޓޭސިއަމް ހުރެއެވެ. އެއީ
މިބޭސްތަކަކީ އޭގެ ޒާތުގައި ޕޮޓޭސިއަމް ހަށިގަނޑުގައި އިތުރުކުރާ
އެއްޗަކަށްވެފައި، މިބޭހާއެކު ލޮނު އެކުލެވޭ ތަކެތި ބޭނުންކޮށްފިނަމަ، ޕޮޓޭސިއަމް
ހަށިގަނޑުގައި ޖަމާވުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ.
(ނ) – އެސްޕިރިން އަދި ތަދު ކެނޑުވުމަށް ހުންނަ
ޒާތް ޒާތުގެ ބޭސްތައް އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް
އާއެކު ނެގުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން
އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް ގެ ބާރުދަށްވެ،
ހަށިގަނޑުގައި ލޮނާ، ފެން ޖަމާވާގޮތް މެދުވެރިވެދާނެތީ އެވެ.
(ރ) – ލޭގެ ޕްރެޝަރު އަދި ގުރުދާގެ މަސައްކަތް
ހުރިނެތްގޮތް ޓެސްޓުތަކުގެ އެހީގައި ދެނެގަންނާށެވެ. އެއީ ބައެއް މީހުންނަށް
މިފަދަ ބޭސްތަކުގެ ސަބަބުން ގުރުދާ ފޭލްވާގޮތް މެދުވެރިވެދާނެތީ އެވެ.
(ބ) – ބޭސް ބޭނުންކުރުމުން ވެސް ރަގަޅުވާހެން
ހީނުވާ ނަމަވެސް ޑޮކްޓަރުގެ ލަފަޔާ ނުލައި ބޭސް ބޭނުންކުރުން ހުއްޓާނުލާށެވެ.
(ޅ) – މާބަނޑު މީހުން މިބޭސްތައް ބޭނުންކުރުން
އެދެވިގެނެއް ނުވެއެވެ. ޚާއްޞަ މާބަނޑުވުމަށްފަހު ފަހު 6 މަސް ދުވަހުގެ ތެރޭގައި
ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ މިކަމުގެ ސަބަބުން އުފަންވާއިރު ދަރިފުޅު
ޢައިބުވުން، ނުވަތަ މަރުވުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ. އަދި ބޭސް
ބޭނުންކުރަމުންދާ ދުވަސްވަރު ގާތުން ދިނުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ.
އެއީ މައިމީހާގެ ކިރާއެކު މިބޭސް ކޮންމެވެސް ވަރަކަށް ބޭރުވެގެންދާތީ އެވެ.
(2)-އެންޖީއޯޓެންސިން 2 ރިސެޕްޓަރ
ބްލޮކާރޒް
މަސައްކަތްކުރާގޮތް : އެންޖީއޯޓެންސިން 2 ރިސެޕްޓަރ ބްލޮކާރޒް(angiotensin 2 receptor blockers)
އަކީ ވެސް އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓާރޒް ގެ ސިފަތައް
ލިބިފައިވާ ބޭސް ތަކެކެވެ. އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް
އިންހިބިޓާރޒް އާ ޚިލާފަށް އެންޖީއޯޓެންސިން 2 ރިސެޕްޓަރ ބްލޮކާރޒް ބޭނުންކުރުމުން
ލޭހޮޅިތައް ހަނިކުރުމުގައި ބައިވެރިވާ ބައެއް ކެމިކަލްތަކުގެ އަދަދު
މަދުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ލޭދައުރުވުން ހަލުވިވެ، ލޭގެ ޕްރެޝަރު
ދަށްވެގެން ދެއެވެ.
ހިމެނޭ ބޭސްތައް : އެންޖީއޯޓެންސިން 2 ރިސެޕްޓަރ ބްލޮކާރޒް ގެ ގޮތުގައި ބެލެވޭ ބޭސްތަކުގެ
ތެރޭގައި "ލޮސަރޓާން"، "ވަލްސަރޓާން"، އަދި
"ކެންޑިސަރޓާން" ފަދަ ބޭސްތައް ހިމެނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތައް : އެންޖީއޯޓެންސިން 2 ރިސެޕްޓަރ ބްލޮކާރޒް ބޭނުންކުރުމުން
ކުރިމަތިވެދާނެ ނޭދެވޭ އަސަރު ތަކުގެ ތެރޭގައި ބޮލުގައި ރިހުން، ބޯއެނބުރުން،
ހޮނޑުލުން، ބޭރަށްހިންގުން، ބުރަކަށީގައި ރިހުން، ފައިގައި ރިހުން، ނިދިނައުން،
އަދި މިނޫން ބައެއް ކަންތައްތައް ވެސް ހިމެނެއެވެ.
ބޭނުންކުރުމުގައި ބަލަންޖެހޭ
ކަންތައްތައް : އެންޖީއޯޓެންސިން 2 ރިސެޕްޓަރ
ބްލޮކާރޒް ގެ ތެރޭގައި ހިމެނޭ ބޭސްތައް ހައިބަނޑާހުރެ، ނުވަތަ ކައި ނިމިގެން ވެސް
ބޭނުން ކުރެވިދާނެ އެވެ. މިބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު، ލޭގެ ޕްރެޝަރު
އަދި ގުރުދާގެ މަސައްކަތް ހުރިނެތްގޮތް ޓެސްޓުތަކުގެ އެހީގައި ދެނެގަތުމަކީ
މުހިއްމު ކަމެކެވެ.
(3)-ޑަޔުރެޓިކްސް
މަސައްކަތްކުރާގޮތް : ޑަޔުރެޓިކްސް(diuretics)
އަކީ ހަށިގަނޑަށް ބޭނުންނުވާ ފެނާ، ލޮނު ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން
ހަށިގަނޑުން ބޭރުކޮށްލުމުގައި އެހީތެރިވެދޭ ބޭސް ތަކެކެވެ. މިގޮތަށް އިތުރުވެފައި
ހުންނަ ފެނާ ލޮނު ހަށިގަނޑުން ބޭރުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުން
ލޭބޭރުކުރުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ. ލޭމައްޗަށްދިއުން، ހިތް ފޭލްވުން، ގުރުދާ
އަދި ފުރަމޭގެ ބަލިތަކަށް ފަރުވާކުރުމަށް ޑަޔުރެޓިކްސް ބޭނުން ކުރެވެއެވެ.
ހިމެނޭ ބޭސްތައް : ޑަޔުރެޓިކްސްގެ ގޮތުގައި ބެލެވޭ ބޭސްތަކުގެ ތެރޭގައި، "ހައިޑްރޯކްލޯރޯ
ތިއެޒައިޑް"، "ފިއުރަސެމައިޑް"، "ބިއުޓެނަމައިޑް"،
"ޓޯރސެމައިޑް"، "މީޓޮލަޒޯން"، އަދި
"ސްޕައިރޮނަލެކްޓޯން" ފަދަ ބޭސްތައް ހިމެނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތައް : މިބޭސްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރު
ތަކުގެ ތެރޭގައި އިރުއިރުކޮޅާ ކުޑަކަމުދާންޖެހުން، އާދަޔާ ޚިލާފަށް ގައިގެ
ބާރުދެރަވެ، ވަރުދޫވުން، މަސްތަކުގައި ރިހުން، ބޮލުގައި ރިހުން، ބޯއެނބުރުން،
ދާހިއްލުން، ފެނުމަށް ބަދަލުއައުން، ކަންކަމާ ޚިޔާލު ތަފާތުވެ ނިޔަތް
އަރާރުންވުން، ހަށިގަނޑުން ފެންހުސްވުން، ކެއްސުން، ހުންއައުން، އަރުތެރެ
ފާރުވުން، ބަރުދަން ލުއިވުން، ކާހިތްނުވުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި
މިނޫން ބައެއް ކަންތައްތައް ވެސް ހިމެނެއެވެ.
މިބޭސްތައް ބޭނުންކުރުމުގައި ސަމާލުކަން
ދޭންޖެހޭ ބައެއް ކަންތައްތައް
(ހ) – މިބޭސްތައް ބޭނުންކުރަން ފެށުމުގެ ކުރިން
އެހެން އެއްވެސް ކަމަކަށް ބޭހެއް ބޭނުންކުރާނަމަ އެކަން ޑޮކްޓަރަށް ކިޔައިދޭށެވެ.
އަދި އެހެން ޞިއްޙީ މައްސަލައެއް ހުރިނަމަ އެކަން ވެސް ޑޮކްޓަރު ގާތުގައި
ބުނާށެވެ.
(ށ) – ޑޮކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް ބޭސް
ބޭނުންކުރަން ހަދާން ކުރާށެވެ. ދުވާލަކު އެންމެ ގުޅައެއް ބޭނުންކުރާނަމަ ހެދުނު
ބޭނުންކުރެވިދާނެ އެވެ. އެއީ ރޭގަނޑު ބޭނުންކުރުމުން އިރުއިރުކޮޅާ
ކުޑަކަމުދާންޖެހި ރޭގަނޑުގެ ނިދި ޚަރާބު ވެދާނެތީ އެވެ.
(ނ) - މިބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު،
ލޭގެ ޕްރެޝަރު އަދި ގުރުދާގެ މަސައްކަތް ހުރިނެތްގޮތް ޓެސްޓުތަކުގެ އެހީގައި
ދެނެގަތުމަކީ މުހިއްމު ކަމެކެވެ.
(ރ) – އާންމު ގޮތެއްގައި ޑަޔުރެޓިކްސް ގެ ގޮތުގައި
ބެލެވޭ ބޭސްތައް ދީއުޅެނީ އެހެން ބޭސްތަކާ އެކީގައެވެ. އެހެން ކަމުން އެހެން
ބޭހަކާއެކު ބޭނުންކުރުމުން، ބޭހުގެ ސަބަބުން މެދުވެރިވޭ ނޭދެވޭ އަސަރުތަކުގެ
މިންވަރު އިތުރުހެން ހީވާނަމަ، ޑޮކްޓަރާ މަޝްވަރާކޮށްގެން ބޭސް ބޭނުންކުރާ ވަގުތު
ތަފާތު ކުރެވިދާނެ އެވެ.
(ބ) – މާބަނޑު ދުވަސްވަރު ޑަޔުރެޓިކްސް ބޭނުންކުރުން
އެދެވިގެން ނުވެއެވެ. ނަމަވެސް ބޭހުގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު
ދަރިފުޅަށް ސީދާގޮތެއްގައި ކުރާ އަސަރު އަދި ހޯދިފައެއް ނުވެއެވެ.
(ޅ) – ގާތުންކިރުދޭ މައިން ޑަޔުރެޓިކްސް
ބޭނުންކުރުން އެދެވިގެން ނުވެއެވެ. މައިމީހާގެ ކިރާއެކު ބޭސް ބޭރުވެ، ކުޑަދަރިފުޅަށް
ބޭހުގެ އަސަރުކޮށްފިނަމަ ހަށިގަނޑުން ފެންހުސްވުމަކީ ވެދާނެ ގޮތެކެވެ.
(ކ) – ކުޑަކުދިންނަށް ވެސް ބޮޑެތި މީހުންނެކޭ
އެއްފަދައިން ޑަޔުރެޓިކްސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ކުޑަކުދިންނަށް
ދޭންޖެހޭ ޑޯޒު ތަފާތު ވާނެއެވެ. އަދި ބައެއް ކަހަލަ ޑަޔުރެޓިކްސްގެ ސަބަބުން
ކެލްސިއަމް މަދުވާގޮތް ވެދާނެ އެވެ.
(އ) – އުމުރުން ދުވަސްވީ މީހުން މިފަދަ ބޭސް
ބޭނުންކުރާނަމަ ވަރަށް ބަލަންޖެހެއެވެ. އެއީ ބޯއެނބުރުމާ، ހޭނެތުން ފަދަ ކަމެއް
ހަށިގަނޑުން ފެން ހުސްވުމުގެ ސަބަބުން މެދުވެރިވެދާނެތީ އެވެ.
(4)- ބީޓާ ބްލޮކާރޒް
ބީޓާ ބްލޮކާރޒް(beta
blockers) އަކީ ވެސް ލޭމައްޗަށް ދިއުމަށް
ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ބޭސް ތަކެކެވެ.
މަސައްކަތްކުރާގޮތް : މިބޭސްތަކުގެ ސަބަބުން އެޑްރީނަލިން އިން ހިތަށް ގެންނަ
ބަދަލު(ހިތުގެ ވިންދު އަވަސްކުރުން ފަދަ ކަންތައްތައް)ތަކަށް ހުރަސް ކުރިމަތި
ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހިތް މަސައްކަތްކުރާ މިންވަރު ހަމައަކަށް އެޅި،
ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ. ހިތުން ވިންދު ޖަހާ މިންވަރު ކޮންޓްރޯލް
ކުރުމަށް ވެސް މިފަދަ ބޭސްތައް ބޭނުން ކުރެއެވެ.
ހިމެނޭ ބޭސްތައް : ބީޓާ ބްލޮކާރޒްގެ ގޮތުގައި ބެލެވޭ ބޭސްތަކުގެ ތެރޭގައި "ޕްރޯޕްރަނެލޯލް"،
"އެޓިނަލޯލް"، "ލެބިޓަލޯލް"، "ޓިމަލޯލް"،
"ބައިސަޕްރޯލޯލް"، "ސޯޓަލޯލް" ، "ޕިންޑަލޯލް" އަދި
މިނޫން އެހެން ބޭސްތައް ވެސް ހިމެނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތައް: މިބޭސްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ
އަސަރުތަކުގެ ތެރޭގައި ބޮލުގައި ރިހުން، ބޯއެނބުރުން، ނިދިނައުން، ތާއްޔަށްޖެހުން،
ވަރުދެރަވެ ވަރުބަލިވުން، އަތްފައި ފިނިވުން، ފޮއްސިވެ ދުޅަވުން، ޖިންސީ ވަޅޯކަން
ކުރިމަތިވުން، އަދި މިނޫން ބައެއް ކަންތައްތައް ވެސް ހިމެނެއެވެ.
މިބޭސްތައް ބޭނުންކުރުމުގައި ސަމާލުކަން
ދޭންޖެހޭ ބައެއް ކަންތައްތައް
(ހ) – މިބޭސްތައް ބޭނުންކުރަން ފެށުމުގެ ކުރިން
އެހެން އެއްވެސް ކަމަކަށް ބޭހެއް ބޭނުންކުރާނަމަ އެކަން ޑޮކްޓަރަށް ކިޔައިދޭށެވެ.
އަދި އެހެން ޞިއްޙީ މައްސަލައެއް ހުރިނަމަ އެކަން ވެސް ޑޮކްޓަރު ގާތުގައި
ބުނާށެވެ. މާބަނޑުނަމަ އެކަން ވެސް ބުނެދޭށެވެ.
(ށ) – ވިންދު ލަސްވުން، ނޭވާހިއްލުން، ހާރޓް
ބްލޮކް، އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރު ދަށްވުން ފަދަ ބައްޔެއް ހުރިނަމަ،
މިބޭސްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ މިބޭސްތަކުގެ
ސަބަބުން މިދެންނެވި ބަލިތަކުގެ ހާލަތު އިތުރަށް ނުރައްކާވެގެން ހިގައިދާނެތީ
އެވެ.
(ނ) – މިބޭސްތައް އަބަދުވެސް ބޭނުންކުރަންޖެހޭނީ
ކެއުމުގެ ތެރޭގައި ނުވަތަ ކެއުމުގެ ފަހުންނެވެ. ބޭނުންކުރަންޖެހޭ މިންވަރާ،
ބޭނުންކުރަންޖެހޭ ގޮތް ބަރޯސާވަނީ އެމީހެއްގެ ބަލީގެ ހާލަތު ހުރިނެތް ގޮތެއްގެ
މައްޗަށެވެ.
(ރ) – މިބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު
ވިންދު ހުރި މިންވަރު ބަލަމުން ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.
އާންމުކޮށް ހުންނަ މިންވަރަށްވުރެ ދަށްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ.
(ބ) – ބޭސް ބޭނުންކުރުން ހުއްޓާލުމުގެ ކުރިން ޑޮކްޓަރުގެ
ލަފާހޯދާށެވެ. މިބޭސްތަކާއެކު އެހެން އެއްވެސް ބޭހެއް ބޭނުންކުރާނަމަ ދިމާވެދާނެ
މައްސަލަތައް ޑޮކްޓަރުގެ ކިބައިން އަހައި އޮޅުން ފިލުވާށެވެ.
(5) – ކެލްސިއަމް ޗެނަލް ބްލޮކާރޒް
މަސައްކަތްކުރާގޮތް : ކެލްސިއަމް ޗެނަލް ބްލޮކާރޒް(calcium
channel blockers) އަކީ ވެސް
ލޭމައްޗަށް ދިއުމަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭސް ތަކެކެވެ. ހިތާ،
ލޭހޮޅިތަކުގެ ސެލްތަކަށް ކެލްސިއަމް ވާޞިލްވުން މިބޭސްތަކުގެ ސަބަބުން
ލަސްކުރުވައެވެ. ނުވަތަ ސެލްތަކުގެ ފާރުގައި ހުންނަ ކެލްސިއަމް އެއްފަޅިން
އަނެއްފަޅިއަށް ހުރަސްކުރާ ދޮރުތައް ބަންދުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ހިތުން
ލޭބޭރުކުރުން ފަސޭހަވެ، ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ.
ހިމެނޭ ބޭސްތައް : ކެލްސިއަމް ޗެނަލް ބްލޮކާރޒް ގެ ގޮތުގައި ބެލެވޭ ބޭސްތަކުގެ ތެރޭގައި
"އެމްލޮޑިޕިން"، "ނިފިޑިޕިން"، "ޑިލްޓިއެޒިމް"،
"ނިކާރޑިޕިން"، "ވިރަޕަމިލް" އަދި މިނޫން ބައެއް އެހެން
ބޭސްތައް ވެސް ހިމެނެއެވެ.
ދިމާވެދާނެ ނޭދެވޭ އަސަރުތައް : ކެލްސިއަމް ޗެނަލް ބްލޮކާރޒް ބޭނުންކުރުމުން ދިމާވެދާނެ
ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޮލުގައި ރިހުން، ބޯއެނބުރުން، އަނގަހިކުން،
ކެއްސުން، ވަރުދެރަވުން، މޭނުބައިކުރުން، އަތްފައި ފޮއްސިވެ ދުޅަވުން،
ބޭރަށްހިންގުން، ނުވަތަ ބަނޑުހިކުން އަދި މިނޫން ބައެއް އެހެން ކަންތައްތައް ވެސް
ހިމެނެއެވެ.
މިބޭސްތައް ބޭނުންކުރުމުގައި ސަމާލުކަން
ދޭންޖެހޭ ބައެއް ކަންތައްތައް
(ހ) – މިބޭސްތައް ބޭނުންކުރަން ފެށުމުގެ ކުރިން އެހެން
އެއްވެސް ކަމަކަށް ބޭހެއް ބޭނުންކުރާނަމަ އެކަން ޑޮކްޓަރަށް ކިޔައިދޭށެވެ. އަދި
އެހެން ޞިއްޙީ މައްސަލައެއް ހުރިނަމަ އެކަން ވެސް ޑޮކްޓަރު ގާތުގައި ބުނާށެވެ.
މާބަނޑުނަމަ އެކަން ވެސް ބުނެދޭށެވެ.
(ށ) – މިބޭސްތައް ބޭނުންކުރުން އެދެވިގެންވަނީ
ކާތަކެތި ނުވަތަ ކިރާ އެކުގައެވެ. ބޭނުންކުރަންޖެހޭ މިންވަރާ، ބޭނުންކުރަންޖެހޭ
ގޮތް ބަރޯސާވަނީ އެމީހެއްގެ ބަލީގެ ހާލަތު ހުރިނެތް ގޮތެއްގެ މައްޗަށެވެ.
(ނ) - މިބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު
ވިންދު ހުރި މިންވަރު ބަލަމުން ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އާންމުކޮށް
ހުންނަ މިންވަރަށްވުރެ ދަށްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ.
(ރ) - ބޭސް ބޭނުންކުރުން ހުއްޓާލުމުގެ ކުރިން
ޑޮކްޓަރުގެ ލަފާހޯދާށެވެ. މިބޭސްތަކާއެކު އެހެން އެއްވެސް ބޭހެއް ބޭނުންކުރާނަމަ
ދިމާވެދާނެ މައްސަލަތައް ޑޮކްޓަރުގެ ކިބައިން އަހައި އޮޅުން ފިލުވާށެވެ.
(ބ) – މިބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ގުރޭޕް
ފުރުޓް ނުވަތަ އޭގެ ޖޫސް ބޭނުންކުރުން އެދެވިގެން ނުވެއެވެ.
(ޅ) – މިބޭހާއެކު ލޭގެ ޕްރެޝަރު ދަށްކުރުމަށްދޭ އެހެން ބޭހެއް
ބޭނުންކޮށްފިނަމަ، ފަހަރުގައި ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެދާނެ އެވެ.
އެހެންކަމުން ޑޮކްޓަރާ މަޝްވަރާކޮށް މިކަމުގައި ލަފާހޯދުމަކީ މުހިއްމު ކަމެކެވެ.
ލޭމައްޗަށްދިއުމުން ދުރާލާ ރައްކާތެރިވުން
ލޭމައްޗަށްދިއުމަކީ ރައްކާތެރިވެވިދާނެ ބައްޔެކެވެ. ގަވާއިދުން ބޭސް
ބޭނުންކުރާނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްވެ، އެކަށޭނަ މިންގަނޑެއްގެ ތެރޭގައި
ހިފެހެއްޓޭނެ އެވެ. އަދި ނުރައްކަލެއް ކުރިމަތިވުމެއްނެތި ދިގު އުމުރެއްގައި
ދެމިހުރެވިދާނެ އެވެ. ފަރުވާއާމެދު ފަރުވާ ކުޑަކޮށްފިނަމަ ހިތަށްނުގެނެވޭފަދަ
ނުރައްކަލެއް ކުރިމަތިވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.
ލޭގެ ޕްރެޝަރު ހުރުން ރަގަޅުކަމަށް ބަލާ އެންމެ
މަތީ މިންގަނޑަށް ޕްރެޝަރު މަތިވެގެން ހިގައްޖެނަމަ، އެކަމާމެދު ފިޔަވަޅު އަޅާ
ޕްރެޝަރު ހުންނަންޖެހޭ ރަގަޅުމިނަށް ތިރިކުރުމަށް މަސައްކަތްކުރެވޭތޯ ބެލުމަކީ
މުހިއްމު ކަމެކެވެ.
ލޭމައްޗަށްދިއުމުން ދުރާލާ ރައްކާތެރިވުމަށް
އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(1) - އެކަށޭނަ ވަރެއްގައި ބަރުދަން
ބެހެއްޓުން : މާބޮޑަށް ބަރުދަން އިތުރުވުމަކީ
ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން އަބަދުވެސް އެކަށޭނަ
ވަރެއްގައި ހަށިގަނޑުގެ ބަރުދަން ބެހެއްޓުމަށް މަސައްކަތް ކުރާށެވެ.
(2) - ކަސްރަތުކުރުން : ގަވާއިދުން ކަސްރަތުކުރުމަކީ ލޭމައްޗަށްދިއުމުން
ރައްކާތެރިވުމަށް އެޅޭނެ ހެޔޮ ފާލެކެވެ. ހެލިފެލިވެ ނޫޅޭ މީހުންނަށްވުރެ ޖިސްމާނީ
ގޮތުން ހަރަކާތްތެރި މީހުންނަށް ލޭމައްޗަށް ދިއުމުގެ ފުރުޞަތު ކުޑައެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ކަހަލަ ކަސްރަތެއް ކުރުމަކީ
އާދައަކަށް ހަދާށެވެ.
(3) - ކާނާގައި ތެލާ،ލޮނު ބޭނުންކުރެވޭ
މިންވަރު މަދުކުރުން : ލޮނު މަޑުކޮށް ކެއުމަކީ
ލޭމައްޗަށްދިއުމުން ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. އެގޮތުން
ކެއުމުގައި ބޭނުންކުރެވޭ ތަފާތު ކާނާގެ ބާވަތްތަކުގައި ލޮނު ހިމެނޭ މިންވަރު
ދަށްކޮށްލެވިދާނެ އެވެ. އަދި ލޮނު ގިނައިން ހިމަނައިގެން ތައްޔާރުކުރާ ކެއުންތަކާ
މުޅިން ދުރުހެލިވެވިދާނެ އެވެ.
(4) - ފިކުރުތަކާ ދުރުހެލިވުން : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން
ކުރިމަތިވާ ހާސްވެ ފިކުރުބޮޑުވުން ފަދަ ކަންކަމާ ދުރުހެލިވެ ހުރުމަކީ
ލޭމައްޗަށްދިއުން ކުޑަކޮށްދޭނެ ކަމެކެވެ.
(5) - ވަކި ކަހަލަ މާއްދާތަކެއް ކާނާގެ
ތެރެއިން ހަށިގަނޑަށް ހޯދައިދިނުން : ކެއުމުގައި
ބޭނުންކުރެވޭ ވަކި ކަހަލަ މާއްދާތަކެއްގެ ސަބަބުން ވެސް ލޭމައްޗަށް ދިއުމުން
ރައްކާތެރިވެ، ހުރުމަށް މަގުފަހިވެގެން ދެއެވެ. މިގޮތުން އަންނަނިވި މާއްދާތައް
ކާނާގައި ހިމެނުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.
- ޕޮޓޭސިއަމް : ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ލޭމައްޗަށް ދިއުން
ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާންމުގޮތެއްގައި ކާނާގެ ބާވަތްތަކުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ޕޮޓޭސިއަމް ލިބޭނެ އެވެ. އެހެންކަމުން ގުޅަބޭހުގެ
ގޮތުގައި ކޮންމެހެން ޕޮޓޭސިއަމް ނަގާކަން ނުޖެހޭނެ އެވެ. ރޯމޭވާ، ތަރުކާރީ، ކިރާ
މަހުގެ ބާވަތްތަކަކީ ޕޮޓޭސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކެވެ.
- ކެލްސިއަމް : ކެލްސިއަމް މަދުނަމަ، ލޭމައްޗަށްދިއުން އެކަށީގެންވާ ކަމަށް ބައެއް
ފަރާތްތަކުން ހާމަކުރެއެވެ. އެކަމަކު ކެލްސިއަމް ގުޅަ ބޭސް ބޭނުންކުރުމުން
ލޭމައްޗަށްދިއުން ރަގަޅުކޮށްދޭކަން ބޭސްވެރިކަމުގެ ގޮތުން އަދި ސާބިތުވެފައެއް
ނުވެއެވެ. ހަށިގަނޑަށް ދުވާލަކު 1000 މިލިގްރާމްގެ ކެލްސިއަމް ބޭނުން ވެއެވެ.
މާބަނޑު މީހުންނާ، އުމުރުން ދުވަސްވީ މީހުންނަށް ކެލްސިއަމް ބޭނުންވާ މިންވަރު
މިއަށްވުރެ އިތުރުވާނެ އެވެ. ކިރު، ޔޯގަޓް، އަދި ޗީޒަކީ ކެލްސިއަމް އިން
މުއްސަދިވެފައިވާ ކާނާގެ ބާވަތްތަކެވެ.
- މެގްނީޒިއަމް : މެގްނީޒިއަމް ހަށިގަނޑަށް ލިބޭ މިންވަރު މަދުވުމަކީ ވެސް ލޭމައްޗަށްދިއުން
މެދުވެރިކޮށްފާނެ ކަމެއްކަމަށް ބެލެވެއެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ
ވަރަށްވުރެ އިތުރަށް މެގްނީޒިއަމް ބޭނުންކުރުމަކަށް ޑޮކްޓަރުން އިރުޝާދެއް
ނުދެއްވައެވެ. ގޮދަން، ބަދަން، އޮށް، އަދި އެކިފާޑުގެ މަދު ތަކަކީ މެގްނީޒިއަމް
އެކުލެވޭ ބާވަތްތަކެވެ.
- މަހުތެޔޮ : މަހުތެޔޮ ގިނަ މިންވަރަކަށް ބޭނުންކުރުމަކީ ފަހަރުގައި ލޭމައްޗަށްދިއުން
ކުޑަކުރުމަށް އެހީތެރިވެދާނެ ކަމެއްކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް
ބޭސްވެރިކަމުގެ ގޮތުން މިކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. މަހުތެޔޮ ގުޅަ
މިކަމުގެ ފަރުވާއަކަށް ބޭނުންކުރުމަކަށް ވެސް އިރުޝާދެއް ނުދެއެވެ. އެއީ އެކަމުގެ
ސަބަބުން ނުރަގަޅު އަސަރެއް ހަށިގަނޑަށް ކޮށްފާނެތީ އެވެ.
- ލޮނުމެދު : ބައެއް ދިރާސާތަކުން ދައްކާގޮތުގައި ލޮނުމެދު ބޭނުންކުރުމަކީ ލޭގެ
ކޮލެސްޓްރޯލް ދަށްކޮށްދީ. ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާ
އެކެވެ. އަދި ބައެއް ކަހަލަ ކެންސަރުގެ ބާވަތްތަކުން ދުރުހެލިވެ ހުރުމަށް ވެސް
ލޮނުމެދު ބޭނުންކުރުން އެހީއަކަށް ވާކަމަށް މިދިރާސާގައި ބުނެފައި ވެއެވެ.
(6) - އެހެން ބައެއް ކަންތައްތައް
·
ދުންފަތުގެ އިސްތިއުމާލު ނުކުރުން ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
·
ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން
·
ރާނުބުއިން، ނުވަތަ ބަނގުރާ
ބުއިން ހުއްޓާލުން
ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ
ލިޔުމެކެވެ.
މަޢުލޫމާތު :
-
ވެބްއެމްޑީ.ކޮމް
-
ކްލިނިކަލް މެޑިސިން – ކުމާރު އެންޑް ކްލާކު – އިންޓަނޭޝަނަލް އެޑިޝަން
-
އިންޓްރަޑަކްޝަން ޓު ހާރޓް ޑިޒީޒް – ޑރ މިދުހަތު އަލްފަޠާޠިރީ – އަޒުހަރު
ޔުނިވަސިޓީ
-
ކޮމިޔުނިޓީ މެޑިސިން – ޑރ އަހުމަދު އަލް މުސައްލަމީ – އަޒުހަރު ޔުނިވަސިޓީ
-
ޕްރިންސިޕަލްސް އޮފް ސްޕެޝަލް ޕެތޮލޮޖީ – ޑރ ޖަމާލު ނަދާ – ގާހިރާ ޔުނިވަސިޓީ
-
ހިއުމަން ފިޒިއޮލޮޖީ – ކާޑިއޯވެސްކިޔުލާރ ސިސްޓަމް – ޑރ މަޖުދީ ޞަބްރީ –
އަޒުހަރު ޔުނިވަސިޓީ
-
ހަވީރު ނޫހުގެ އެކިއެކި އަދަދުތައް
ނޫސް,
ހ.
(2008, 03 11). ލޭމައްޗަށްދިއުން - ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްސަބަބު. Retrieved 05 25, 2013, from
http://www.haveeru.com.mv/dhivehi/health/59358:
http://www.haveeru.com.mv/dhivehi/health/59358
ނޫސް, ހ. (2007, 04 24). ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމުގައި ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުން ރަގަޅު. Retrieved 04 04, 2013, from
http://www.haveeru.com.mv/: http://www.haveeru.com.mv/dhivehi/health/46166
އިސްމާއީލްފުޅު, މ. (2002). ލޭމައްޗަށްދިއުން ދެނެގަތުމާ ރައްކާތެރިވުން. މާލެ: ނޮވެލްޓީ ޕްރެސް.
އިތުރު ފާލަންތައް
No comments:
Post a Comment