Friday, August 23, 2013

ކެންސަރު

ކެންސަރު
ހަށިގަނޑުގެ ސެލްތަކަށް ނަޒަރެއް
ކެންސަރަ(cancer)ކީ ކޮބައިތޯ އެގުމުގެ ކުރިން ހަށިގަނޑުގައިވާ ސެލްތަކާއި، އޭގެ ވަޒީފާއާއި ވައްތަރުތަކަކީ ކޮބައިތޯ ބަލާލަމާ ހިގާށެވެ. އެތައް މިލިއަން ސެލްތަކެއް ހަށިގަނޑުގައި ވާއިރު ތަފާތު ގޮތްގޮތަށް އޭގެ ވަޒީފާ ފުރިހަމަ ކުރާ ސެލްތައް ވެއެވެ.

ސެލް އަކީ ކޮބާ ؟
ސެލް(cell) އަކީ ކޮންމެ ދިރޭ އެއްޗެއްގެ އަސްލު ކަމުގައި ބުނެވިދާނެ އެވެ. އިންސާނާގެ ހަށިގަނޑު ވެސް އުފެދިފައިވަނީ އެތައް މިލިއަން ސެލް ތަކެއް އެއްވެގެންނެވެ. ކޮންމެ ސެލްއަކަށްމެ، އެއަށް ޚާއްޞަ ވަޒީފާތަކެއް ލިބިފައި ވެއެވެ. ގުނަވަނެއް އުފެދެނީ ގުޅުންހުރި ސެލްތަކެއްގެ ގުރޫޕެއް އެއްވުމުންނެވެ. މިސާލަކަށް މޭގަނޑު އުފެދިފައިވަނީ ''ހެޕަޓަސައިޓް"(hepatocyte) އޭ ކިޔޭ ސެލްތަކަކުންނެވެ. ނިޒާމެއް އުފެދެނީ ގުޅުންހުރި ގުނަވަން ތަކެއް އެއްވުމުންނެވެ. މިސާލަކަށް ނޭވާލާ ނިޒާމް އުފެދިފައިވަނީ ފުއްޕާމޭ، ވައިނޮޅި، ނޭފަތް ފަދަ ގުނަވަންތައް ގުޅިގެންނެވެ. އިންސާނަކު ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމަށް ހަށިގަނޑުގައިވާ ހުރިހާ ނިޒާމްތަކެއް އޭގެ ވަޒީފާ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެއެވެ.


ސެލް ބަހާލެވިފައިވާ މައިގަނޑު ބައިތައް
ހަށިގަނޑުގެ ތަނަކަށް ނުވަތަ ބަޔަކަށް ބައްޔެއްގެ ސަބަބުން ނުވަތަ އަނިޔާއެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ އެތަނެއްގައި ހުންނަ ސެލްތައް ހަލާކުވެ ދެއެވެ. އެއާއި އެކު މުޅިން އާސެލްތައް އުފެދެން ފަށައެވެ. ހަލާކުވި ތަނެއް ރަގަޅުވަނީ އެތަނެއްގައި ހުރި ވައްތަރެއްގެ އާސެލްތައް އުފެދި ފުރިހަމަ ވުމުންނެވެ. މިގޮތުން ހަލާކުވެ، ނެތިދިއުމަށް ފަހު އެތަނެއްގައި އާސެލް އުފެދޭ ގޮތަށް ރިއާޔަތް ކޮށް އިންސާނާގެ ހަށިގަނޑުގެ ސެލްތައް މައިގަނޑު 3ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ އަންނަނިވި 3ބަޔެވެ.

(ހ) – ހަރަކާތްތެރި ސެލް ތައް (labile cells): މިއީ އަބަދުވެސް އާވެ އާވެ ހުންނަ ސެލްތަކެކެވެ. މިވައްތަރު ގެ ސެލްތައް ގިނަދުވަސްވެ، ހަލާކުވާ ވަރަކަށް އޭގެ އާ ސެލްތައް އުފައްދަ އެވެ. މިވައްތަރުގެ ސެލްތައް ހުންނަނީ ހަންގަނޑު، އަގަ، ކަރުތެރެ، އަޑުފޮށި، ކާތަކެތި ހިގާ ހޮޅި، ރަހިމުގެ ކަރު، ރަހިމް، ނޭވާލުމުގެ ނިޒާމް، ހަޖަމުކުރުމުގެ ނިޒާމް، ކުޑަކަމުދާ ނިޒާމް، އަދި ކަށީގެ މަދު ފަދަ ތަންތާގައެވެ. ކަށީގެ މަދުން އަބަދުވެސް ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް އާ ސެލްތައް އުފައްދަމުން ގެންދެއެވެ. ހަމަ މިހެން ގައިގެ ހަންފޮޅި، ހަންގަޑު ނެއްޓި ދާހިނދު، ހަމުގެ ސެލްތައް އާވެ، އާހަންގަނޑެއް އުފެދި ދެއެވެ.

(ށ) – ސާބިތު ސެލްތައް (stable cells): މިއީ ހަށިގަނޑަށް އޭގެ ބޭނުން ޖެހުމުން އާވެ އިތުރުވާ ސެލްތަކެކެވެ. ފުރިހަމަ ގޮތުގައި ހަށިގަނޑު ހުންނަ އިރު މިވައްތަރުގެ ސެލްތައް އިތުރެއް ނުވާނެ އެވެ. މިވައްތަރުގެ ސެލްތައް ހުންނަނީ މޭގަނޑު، ކުޅުއުފައްދާ ގޮށްތަކާއި، ގުރުދާގެ ހޮޅިތަކާއި، ޕެންކްރިއާސް ފަދަ ގުނަވަންތަކުގައެވެ. ކަށި އަދި އެއާއި ގުޅިފައިވާ ކާރޓިލޭޖް ތަކުގައި ވެސް ހުންނަނީ މިވައްތަރު ގެ ސެލްތަކެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ގޮތަކުން ވިޔަސް މިބުނި ގުނަވަންތަކުން ތަނެއް ހަލާކުވެއްޖެނަމަ އެތަނެއް ފޫބައްދައި ރަގަޅުކުރުމަށް އާސެލްތައް އުފައްދާނެ އެވެ.

(ނ) – ދާއިމީ ސެލްތައް (permanent cells): މިއީ އުފެދި ފުރިހަމަވުމަށް ފަހު ދުވަހަކު ވެސް އާނުވާ ސެލްތަކެކެވެ. އެހެންކަމުން މިވައްތަރުގެ ސެލްތައް ދުވަހަކު ވެސް އިތުރެއް ނުވާނެ އެވެ. މިވައްތަރު ގެ ސެލްތައް ހުންނަނީ ނާރުތަކުގެ ނިޒާމް، އަދި ހިތުގެ މަސްތަކާއި، ހަށިގަނޑުގެ ކަށިތަކާއި ގުޅިފައިވާ މަސްތަކު ގައެވެ. ސިކުނޑިއަށް ލިބޭ ގެއްލުން ރަގަޅު ނުވަނީ މިސަބަބާއި ހުރެއެވެ.

ކެންސަރުގެ ސެލްތައް
" ހަށިގަނޑުގައި ކެންސަރު ސެލް(cancer cells) އުފެދެމުންދާނީ، އާދައިގެ އެހެން ސެލްތަކާ ވެސް އެކުގައެވެ. ނަމަވެސް ކެންސަރު ސެލް އިތުރުވަމުންދާ ނިސްބަތް ހަށިގަނޑުގެ އެހެން ސެލްތަކަށްވުރެ މާގިނައެވެ. އެހެންކަމުން ކެންސަރު ސެލްތަކަށް އާލޭހޮޅިތައް އުފެދި، ހަށިގަނޑުގައިވާ ލޭގެ ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރަމުންދަނީ މިސެލްތަކެވެ. ނަތީޖާއަކީ ހަށިގަނޑުގައިވާ އެހެން ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތައް އެސެލްތަކަށް ނުލިބުމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިގަނޑުން ލޭމަދުވެގެން ދިއުމެވެ.
ކެންސަރު ސެލްތަކުގެ ހަރަކާތްތައް އާދައިގެ އެހެން ސެލްތަކާ ބައެއް ގޮތްގޮތުން ތަފާތެވެ. އޭގެތެރޭގައި:-
·         ކެންސަރު ސެލް ހަށިގަނޑުގެ ވަކިތަނެއްގައި ހިފެހެއްޓިފައެއް ނުހުރެއެވެ.
·         ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކުގެ ޓިޝޫތަކުގެ ތެރެއަށް ކެންސަރު ސެލްތައް ވަދެ، މުޅި އެގުނަވަނެއްގެ ހަރަކާތުގެ ނިޒާމަށް ބުރޫއަރުވައެވެ.
ބައެއް ކެންސަރު ސެލް، އެސެލްތައް ފުރަތަމަ އުފެދުނު ހިސާބުން ވަކިވެ، ލޭހޮޅިތަކުގެ ތެރެއިންނާއި، ލިމްފް ދަތުރުކުރާ ހޮޅިތަކުގެ ތެރެއިން ހަށިގަނޑުގެ ދުރު ހިސާބުތަކަށް ދަތުރުކޮށް، އެހިސާބުގައި ހާލިހަދާ އިތުރު ޓިއުމަރު ނުވަތަ ގަނޑު އެތަންތާގައި އުފައްދައެވެ. މިބާވަތުގެ ކެންސަރު އަށް ކިޔަނީ ފުރަތަމަ އުފެއްދި ކެންސަރު އިން އުފެއްދި ދެވަނަ ކެންސަރު ނުވަތަ ސެކަންޑްރީ ކެންސަރު އެވެ. " (އިސްމާއީލްފުޅު)

ކެންސަރު
ކެންސަރަކީ ކޮބާ ؟
ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ދެވަނަ އެންމެ ގިނައިން މީހުން މަރުވާ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.

ކުރިން ބުނިހެން ހަށިގަނޑުގެ ސެލްތަކަކީ ވަކި އުސޫލެއްގެ ދަށުން ނެތި، އާވެދާ ސެލްތަކެކެވެ. މިގޮތަށް ސެލްތައް ދުވަސްވުމުން ނެތި، އާވަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ.އަދި ވަކި ތަރުތީބަކާއި ހަމަތަކެއްގެ ދަށުންނެވެ. ބައެއް ފަހަރު މިގޮތަށް އާވެދާ ސެލްތައް އެއްވެސް އުސޫލެއް، ނުވަތަ ގަވާއިދެއް ނުވަތަ ހަމައެއް ލަމައެއް ނެތި އާވެ، އިތުރުވެ، ގިނަވަމުން އާދެއެވެ. މިބުނި އުސޫލުން އިތުރުވެ، ބޮޑުވަމުންދާ ސެލްތަކުގެ ފުނިވަރަށް ކިޔަނީ ''ޓިއުމަރ''(Tumor)އެވެ.

ޓިއުމަރ ހަށިގަނޑުގައި ބޭނުމެއް ނެތް ''ގަނޑެ"އް، ނުވަތަ ''ދުޅަ''އެއް އުފައްދައެވެ. އެހެންކަމުން ޓިއުމަރ އަކީ ހަށިގަނޑުގައި އުފެދޭ ''ދުޅަ''އެކެވެ. އަދި ކެންސަރަކީ މިފަދަ ދުޅައިގެ ވައްތަރެކެވެ. ޓިއުމަރ އުފެދުމަށް ''ގަނޑުލުން'' މިހެން ކިއިދާނެ އެވެ. އަދި ޓިއުމަރ އަށް ''ގަނޑު'' މިހެން ވެސް ކިޔައި އުޅެއެވެ.

ނޯޓް: ދިވެހިން އާންމުކޮށް ''ގަނޑުލުން'' ކިޔަނީ ''ގޮށްލުން'' މިކަމަށް ނިސްބަތް ކޮށެވެ. ގޮށްލުމަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެތުރިފައިވާ ލިމްފް ގޮށްތައް ދުޅަވުމަށް ކިޔައި އުޅޭ ބަހެކެވެ. އެހެން ކަމުން ކެންސަރާއި ވިދިގެން ގަނޑުލުން އަދި އާންމުކޮށް ކިޔައިއުޅޭ ގޮށްލުން މިއީ މުޅިން ތަފާތު ދެކަމެކެވެ. ނަމަވެސް ލިމްފް ގޮށް ތަކަށް ކެންސަރު ޖެހި ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ

ކެންސަރުގެ އިލްމީ ތައުރީފަކީ ''އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް(ކޮންޓްރޯލްނުވާ ވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ''.

ޓިއުމަރ ގެ ވައްތަރުތައް
މިބުނި އުސޫލުން އުފެދޭ ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ''ބިނައިން ޓިއުމަރ"(benign tumor) އަދި ''މެލިގްނަންޓް ޓިއުމަރ''(Malignant Tumor)ވެ. މިދެވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ ''މެލިގްނަންޓް ޓިއުމަރ'' އަށެވެ.އަދި ކެންސަރު ގެ އަސަރު ފޯރާފައިވާ ސެލްތަކަށް ''މެލިގްނަންޓް ސެލް''(Malignant cells) އޭ ކިޔައެވެ. ޓިއުމަރ އަށް ކާނާ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.

(ހ) - ބިނައިން ޓިއުމަރ (Benign Tumor): މިއީ ވަރަށް މަދުން މެނުވީ ހަށިގަނޑަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ޓިއުމަރ އެއް ނޫނެވެ. އަދި މިއީ ހަށިގަނޑު އެހެން ބައިތަކަށް ފެތުރޭ އެއްޗެއް ނޫނެވެ. އޮޕަރޭޝަން ކޮށްގެން މިފަދަ ޓިއުމަރ ގެ އަސަރު އެއްކޮށް ދުއްވާލެވެ އެވެ. އަދި އެގޮތަށް އޮޕަރޭޝަން ކޮށްގެން ނެގުމަށްފަހު އަލުން މިވައްތަރުގެ ޓިއުމަރ އާލާވުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ޓިއުމަރ ސައިޒުން ކުޑަވާނެ އެވެ. އަދި ބޮޑުވަމުން އަންނާނީ ވަރަށް ލަސްލަހުންނެވެ. މިފަދަ ޓިއުމަރ ގެ ސަބަބުން ކާތަކެތި ހިގާހޮޅި(Oesophagus)އަދި ގުރުދާ އިން މަސާނާއަށް ކުޑަކަމުދާތަކެތި ގެންދާ ހޮޅި(Ureter)ފަދަ ގުނަވަންތައް ބެދުމަކީ މެދުވެރިވެދާނެ ކަމެކެވެ.

(ށ) - މެލިގްނަންޓް ޓިއުމަރ(Malignant Tumor) : އާންމު ގޮތެއްގައި ކެންސަރޭ ބުނެވެނީ މެލިގްނަންޓް ޓިއުމަރ އަށް ނިސްބަތް ކޮށެވެ. ކެންސަރަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ހަށިގަނޑުން ވަކި ކުރި ނަމަވެސް އަލުން އުފެދުމަކީ އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރު ގެ ދުޅަ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް އަވަސްކަމާއި އެކު، ފެތުރި އެބައިތައް ހަލާކު ކޮށްލައެވެ. ލޭ، ސިކުނޑިއާއި، ސްޕައިނަލް ކޯޑްގެ ވަށައިގެންވާ ދިޔަ(CSF)އަދި ހަށިގަނޑުގައިވާ ލިމްފް ހޮޅިތަކުގެ އެހީގައި ކެންސަރު ހަށިގަނޑުގެ ދުރު ބައިތަކަށް ފެތުރި، އެތަންތަނަށް ބާރު ގަދަކޮށް، އަތްގަދަކޮށް، އަދި އެތަންތާގައި ވެސް އާ ޓިއުމަރ ތަކެއް އުފައްދައެވެ. ކެންސަރު ޖެހުމަށް ފަހު އޭގެ ބާރު މުޅިހަށިގަނޑަށް ގަދަވެގެން ދަނީ މިބުނި އުސޫލުންނެވެ. ކެންސަރު ގެ އާޚިރު ނަތީޖާ އަކަށް ވަނީ ''މަރުވުމެވެ''.

ކެންސަރު ފެތުރޭގޮތް
" ކެންސަރު ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ބަލީގެ އަސަރު ފެތުރިގެން ދިއުމެވެ. މިގޮތުން ކެންސަރުގެ އަސަރު ހަށިގަނޑުގައި ފެތުރެމުންދަނީ ތިރީގައި މިބަޔާންކުރާ އުޞޫލުތަކާ އެއްގޮތަކަށެވެ.
(ހ) - ހަށިގަނޑުގައި ކެންސަރު އުފެދުނު ފުރަތަމަ ހިސާބުގައި ބަލި ފެތުރެމުންދިއުން
(ށ) – ހަށިގަނޑުގައި ކެންސަރުގެ އަސަރު ފުރަތަމަ ފެށުނު ގުނަވަނާ އެގުނަވަނަކާއި، ގުޅިފައިވާ ޓިޝޫތައް ފިޔަވައި، އެހެން ހިސާބުތަކަށް ބަލި ފެތުރެމުންދިއުން
(ނ) - ލިމްފް މަގުން ކެންސަރު ފެތުރުން : ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ލިމްފް ދިޔަވަރުގެ ތެރެއަށް ކެންސަރުގެ ސެލްތައް ފެތުރި، ލިމްފް ގްލޭންޑް ނުވަތަ ލިމްފް ނޯޑް ގައި ކެންސަރު ސެލްތައް ހަރުލާ އެތަންތާގައި މިބަލި ފެތުރެމުންދިއުން
(ރ) - ލޭގެ މަގުން ކެންސަރު ފެތުރުން: ލޭގެ ތެރެއަށް ކެންސަރުގެ ސެލްތައް ދަތުރުކޮށް، ލޭގެ ތެރޭގައި މިސެލްތައް ފެތުރެމުންދިއުމާއި، އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް މިސެލްތައް ދަތުރުކޮށް އެތަންތާގައި ސެލްތައް ހަރުލައި، ފުރަތަމަ އުފެދުނު ކެންސަރުން އުފައްދާ ދެވަނަ ކެންސަރު އުފެދުން. މިގޮތުން އުފެދޭ ދެވަނަ ކެންސަރު އެންމެ އާންމުކޮށް ޖެހޭ ކަމަށް ބެލެވޭ އެއް ގުނަވަނަކީ ފުއްޕާމޭ އެވެ. އެތެރެހަށީގެ ގުނަވަންތަކުގެ ތެރެއިން އެންމެ އާންމުކޮށް ޖެހެނީ ފުރަމޭ އަށެވެ. ނަމަވެސް ހަށިގަނޑުގެ އެތެރޭގެ ކޮންމެ ގުނަވަނަކަށް ވެސް ފަސޭހަކަމާއެކު ކެންސަރު ޖެހިދާނެ އެވެ. "(އިސްމާޢީލްފުޅު)
ކެންސަރުގެ ވައްތަރުތައް
ކެންސަރު ސެލް އުފަންވެގެން އަންނަ ޓިޝޫގެ ވައްތަރަށް ނިސްބަތްކޮށް ބަލާއިރު، ކެންސަރުގެ ބާވަތްތަކާ ވައްތަރުތައް ބަހާލެވިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ:-

(ހ) – ކާސިނޯމާ (carcinoma): ކާސިނޯމާ އަކީ ހަށިގަނޑުގެ ގުނަވަންތަކުގެ ބަތާނަ ފަށު(epithelium) ގައި ހުންނަ ސެލް(epithelial cells) ތަކަށް ޖެހޭ ކެންސަރުގެ ބާވަތް ތަކެވެ. މިސާލަކަށް ހަމުގައި ހުންނަ "ބޭސަލް ސެލް ތަކަށްޖެހޭ ކެންސަރަ"(basal cell carcinoma) ކީ ކާސިނޯމާގެ ވައްތަރެކެވެ. ހަމުގެ ކެންސަރުގެ ވައްތަރުތައް، ޕްރޮސްޓޭޓް ކެންސަރު، އުރަމަތީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ބިސް އުފައްދާ ތަނުގެ ކެންސަރު، އަދި ގޮހޮރުގެ ކެންސަރު ފަދަ ބާވަތްތަކަކީ ކާސިނޯމާގެ ތަފާތު ވައްތަރުތަކެވެ. ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާންމުކޮށް ފެންނަނީ ކާސިނޯމާގެ ވައްތަރުތައް ކަން ފާހަގަ ކޮށްލެވެއެވެ.

(ށ) – ސާރކޯމާ (sarcoma): ސާރކޯމާ އަކީ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރޭގައި ހުންނަ "ކަނެކްޓިވް ޓިޝޫ"ގެ ގޮތުގައި ބެލެވޭ ޓިޝޫ ތަކުން އުފެދިގެން އަންނަ ކެންސަރުގެ ބާވަތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ މަސް، މަޑުކަށި، ކަށި، ފެޓް، ލޭހޮޅި، ލިމްފް ދަތުރުކުރާ ހޮޅި ފަދަ ބައިތަކަށް ޖެހޭ ކެންސަރެވެ. މިސާލަކަށް ކައްޓަށްޖެހޭ ކެންސަރަ(osteosarcoma) ކީ ސާރކޯމާގެ ވައްތަރެކެވެ. ސާރކޯމާ އަކީ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން އެހާ އާންމު ވައްތަރެއް ނޫނެވެ.

(ނ) – ލުކީމިޔާ (leukemia): ލުކީމިޔާ އަކީ ލެޔަށްޖެހޭ ކެންސަރުގެ ބާވަތެވެ. މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ކަށީގެ މަދުގައި އުފެދޭ ލޭގެ ސެލްތައް އުފައްދާ ޓިޝޫ ތަކުންނެވެ. ނުވަތަ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

(ރ) – ލިމްފޯމާ  (lymphoma): ލިމްފޯމާ އަކީ ލިމްފް ދައުރުކުރާ ނިޒާމްގައި ހިމެނޭ ލިމްފް ގްލޭންޑް ތަކާ ލިމްފް ގޮށް ތަކަށް ޖެހޭ ކެންސަރުގެ ބާވަތްތަކެވެ. ނުވަތަ ދިފާޢީ ނިޒާމްގައި ހިމެނޭ ސެލްތަކަށްޖެހޭ ކެންސަރެވެ. މިސާލަކަށް "ބާރކިޓްސް ލިމްފޯމާ"(burkitt’s lymphoma) އަކީ ލިމްފޯމާ ގެ ވައްތަރެކެވެ.

ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކަންތައްތައް ނުވަތަ ސަބަބުތައް
ގިނަ ކެންސަރު ތަކަކީ ސަބަބު ނޭގި، އޭގެ ޒާތުގައި އުފެދެން ފަށާ އެއްޗެކެވެ. އެގިފައިވާ ކެންސަރު އުފައްދާ މާއްދާ(Carcinogen)އެއްގެ ސަބަބުން ޖެހެނީ ވަރަށް މަދު ބާވަތެއްގެ ކެންސަރެކެވެ. މިބުނި ''ކާސިނޯޖެން'' ނުވަތަ މާއްދާ ހަށިގަނޑުގައި ހުންނަ ތަބީއީ ސެލްތައް، ''ލޭޓެންޓް'' (ވަންހަނާވެފައިވާ/ފޮރުވިފައިވާ / ހަމަހިމޭން) ޓިއުމަރ ސެލްތަކަށް ބަދަލުކުރުވައެވެ. މިއީ ''ޓިއުމަރ ގެ ފެށުން''(Tumour initiation)ކަމުގައި ބެލެވެއެވެ. މިބަދަލުގެ ތެރޭގައި އެ ސެލްތަކުގައި ހިމެނޭ ޑީއެންއޭ މޮލިކިއުލް ތަކަށް ވެސް ބަދަލު ގެނުވައެވެ. ފަހުން މިބުނި ލޭޓެންޓް ޓިއުމަރ ސެލްތައް ކާސިނޯޖެން އެއް ނުވަތަ އެނޫން މާއްދާއެއްގެ އަސަރު ފޯރުމުން ހިލިގަނެ، އިތުރުވެ، ޓިއުމަރ އެއްގެ ސިފަ ޖެހެން ފަށައެވެ. މިގޮތަށް ވުމަށް ކިޔަނީ '' ޓިއުމަރ ކުރިފަޅައިގެން އައުން ނުވަތަ ޓިއުމަރ ކުރިއެރުން'' ނުވަތަ (Tumour promotion)' މިހެންނެވެ.

ކެންސަރު ޖެހޭ ވަކިސަބަބެއް ކުރިން ބުނިހެން ބުނަން ނޭގުނަސް އެކަމަށް މަގުފަހިކުރުވާ ކަންތައްތަކެއް ވާކަން ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ބައެއް ކަންކަމަކީ އެމީހަކު ދިރިއުޅޭ މާހައުލެއްގައި ހުންނަ ކަމަކަށް ނުވަތަ އެމީހެއްގެ ކިބައިގައި އަށަގެންފައިހުރި އާދައަކަށް ވެސް ވެދާނެއެވެ. އުފެދުމުގައި އެމީހެއްގެ ކިބައިގައި ކެންސަރު ވާރުތަކުރާގޮތް ހުރުމަކީ ކެންސަރެއް އުފެދިގެން އައުމުގައި މުހިއްމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ މީހުންނަށް ކެންސަރު ޖެހެނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ކުރިމަތިވާ ތިމާވެއްޓާ ނުވަތަ އެމީހަކު ދިރިއުޅޭ މާހައުލާ ގުޅުންހުރި ކަންތައްތަކުގެ ސަބަބުންނެވެ.
ދިވެހިންގެ ތެރޭގައި ވެސް ކެންސަރަށް މަގުފަހިވާ ކަހަލަ އާދަތައް ހުރިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން(ބިނޑި ސިގިރޭޓް ސުއްޓާ ބުއިން، ގުޑުގުޑާ ބުއިން)، މަސްތުވާތަކެތި ބޭނުންކުރުން، ދުފުން، ސްޕާރީ ފަދަ ތަކެތި ބޭނުންކުރުން، އަވީގެ ތެރޭގައި މާގިނައިން އުޅުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުރާ މަސައްކަތުގެ ބާވަތުން ބައެއް ކަހަލަ ދުމާ ކެމިކަލްތަކަށް ހުށަހެޅުމަކީ ވެސް ކެންސަރަށް މަގުފަހިކުރާ ކަންކަމެވެ.
ކެންސަރަށް މަގުފަހިކުރާ ކަމަށް ފާހަގަކުރެވޭ ބައެއް ކަންކަމާއި، އަދި އެކަންކަމާއި ކެންސަރާއި ގުޅުން ހުރި މިންވަރު ތިރީގައި މިވަނީ އެވެ.

(1) – އުމުރު : ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް އުމުރުން 50އަށްވުރެ މައްޗަށް ގޮސްފައި ތިބޭ މީހުންނަށް ކެންސަރު ޖެހޭ މިންވަރު އިތުރުކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. ކެންސަރު ޖެހިގެން މަރުވާ ގިނަމީހުންގެ އުމުރު އުޅެނީ 70-50އަހަރާއި ދެމެދުގައެވެ. ކުޑަކުދިންނާއި، ފުރާވަރު އުމުރު އަދި ޒުވާން އުމުރާއި، މެދުއުމުރުގެ މީހުންނަށް ވެސް ކެންސަރު ޖެހުމަކީ ވެދާނެ ގޮތެކެވެ.

(2) – ޖިންސް :  ދެޖިންސް ގެ މީހުންނަށް ވެސް ކެންސަރު ޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް އެކި ވައްތަރުގެ ކެންސަރު ޖެހޭ ނިސްބަތް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ތަކެއް ހުރެދާނެއެވެ. މިސާލަކަށް ފުއްޕާމޭގެ ކެންސަރު، އަދި އަގައިގެ ކެންސަރު، ފިރިހެނުންގެ މެދުގައި އާންމު ކަން ފާހަގަ ކުރެވެއެވެ. އުރަމަތީގެ ކެންސަރު އަދި ތައިރޮއިޑް ގްލޭންޑް ގެ ކެންސަރު އަންހެނުންގެ މެދުގައި އާންމު ކަން ފާހަގަކުރެވެއެވެ.

(3) – ނަސްލާއި ކުލަ : ހުރިހާ ނަސްލެއް އަދި ހަންގަނޑު ކޮންމެ ކުލައެއްގެ މީހަކަށް ވެސް ކެންސަރު ޖެހިދާނެއެވެ. ނަމަވެސް ބައެއް ބާވަތުގެ ކެންސަރު ވަކި ނަސްލެއް ނުވަތަ ވަކި ކުލައިގެ ހަންގަނޑެއް ލިބިފައިވާ މީހުންގެ މެދުގައި ގިނަވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ހަމުގެ ކެންސަރު ހަންގަނޑު ދޮން ކުލަ އަލި މީހުންގެ މެދުގައި އާންމު ކަން ފާހަގަ ކުރެވިފައި ވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ރަހިމުގެ ކަރު ގައި ކެންސަރު އުފެދޭ ނިސްބަތް ދޮންމީހުންނަށް ވުރެ ކަޅުމީހުންގެ މެދުގައި ގިނަކަން ވަނީ ފާހަގަކުރެވި ފައެވެ.

(4) – ޒަވާޖީ ޙަޔާތާ ވިހެއުން : ޒަވާޖީ ހަޔާތެއް ފެށުމަކީ ބައެއް ކަހަލަ ކެންސަރު ޖެހުމާއި ދުރުކޮށްދޭ ކަމެކެވެ. މިސާލަކަށް މީހަކާއި ނީދެ ތިބޭ އަންހެނުންނަށް މީހަކާއި އިދެގެން އުޅޭ އަންހެނުންނަށް ވުރެ، އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. އަދި ގާތުން ކިރުދޭ މައިންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވެއެވެ. މާ އަވަހަށް މީހަކާއި އިނުމަކީ ރަހިމުގެ ކަރަށް ކެންސަރު ޖެހުމުގެ މަގުފަހިކުރުވާ ކަމެއްކަމުގައި ބުނެވެއެވެ.

(5) – ވާރުތަވުން : ކަނޑައެޅިގެން ކެންސަރު ވާރުތަކުރެއޭ ބުނާކަން ނޭގެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ކެންސަރު އެއް އާއިލާއެއްގެ ފަރުދުންގެ މެދުގައި އާންމުކަން ފާހަގަކުރެވިފައި ވެއެވެ. އަދި ބައެއް ވައްތަރުގެ ކެންސަރާއި ކްރޯމޯސޯމް އަށް ލިބިފައިހުރި ގެއްލުމަކާއި، ނުވަތަ ޖީން އަކަށް އައިސްފައިވާ ބަދަލަކާއި، ގުޅުން ހުރެދާނެ ކަމުގައި ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިސާލަކަށް ލޭގެ ކެންސަރު އަދި ލިމްފް ގޮށްތަކަށް ޖެހޭ ކެންސަރާއި، ކްރޯމޯސޯމް ގައި އުފެދިފައި ހުރި އައިބަކާއި ގުޅުން ހުންނަކަމަށް ބެލެވިފައި ވެއެވެ. އެހެންކަމުން ކެންސަރަކީ ކަނޑައެޅިގެން ވާރުތަކުރާ ކަމެއް ކަމަށް ނުވިޔަސް ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަންތައްތައް ވާރުތަކޮށްދޭ ކަމަށް ބެލެވެއެވެ.

" ބައެއް ޙާލަތްތަކުގައި އެއްއާއިލާއެއްގެ އެތައް މެންބަރުންތަކަކަށް ކެންސަރު ޖެހިފައި އެބަހުއްޓެވެ. ދިރާސާތަކުން ދައްކާގޮތުގައި ބައެއް ކަހަލަ ކެންސަރު ތަކުގައި ވާރުތަވާގޮތް ހުރެއެވެ. ކެންސަރު ޖެހިފައިވާ މީހުންގެ ދަރި ފަސްކޮޅަށް ބަލާއިރު އާއިލާގެ އެއް މެންބަރަކަށް ޖެހިފައިވާ ބާވަތުގެ ކެންސަރު (ހަމަ އެއް ގުނަވަނަކަށް) އާއިލާގެ އެހެން މެންބަރުންނަށް ޖެހިފައި އެބަހުއްޓެވެ. މިސާލަކަށް އުރަމަތީގެ ކެންސަރު ޖެހިފައިވާ މަންމަޔަކަށް، ލިބިފައިވާ ދަރީންގެ ތެރެއިން، ބައެއް ދަރީންނަށް އުރަމަތީގެ ކެންސަރު ޖެހިފައި އެބަހުއްޓެވެ. "(މުޙައްމަދު އިސްމާޢީލްފުޅު)
(6) – ދިރިއުޅުމުގެ ޙާލަތު ނުވަތަ ފެންވަރު : ބައެއް ބާވަތުގެ ކެންސަރަކީ މެދުފަންތީގެ ނުވަތަ އާދައިގެ މިންވަރެއްގައި ދިރިއުޅުމުގެ ހާލަތު ހުންނަ މީހުންނަށް ޖެހޭ ކެންސަރެކެވެ. ބައެއް އެހެނިހެން ވައްތަރުގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންނަށް ޖެހޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް ހަމުގެ ކެންސަރު، އަދި ބަނޑުގެ ކެންސަރު ޖެހޭ މިންވަރު މެދުފަންތީގެ ނުވަތަ އެއަށްވުރެ ދިރިއުޅުމުގެ ފެންވަރު ދަށް އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަން ފާހަގަ ކުރެވެއެވެ. އުރަމަތީގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަމަށް ފާހަގަ ކުރެވެއެވެ.

(7) – މަސައްކަތުގެ ވެށި : ދަނޑުވެރިންނާއި، މަސްވެރިން ފަދަ ގިނަވަގުތު އަވީގައި އުޅެން ޖެހޭ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. ކާޕެންޓްރީ، ފަދަ ތަންތާގައި މަސައްކަތް ކުރާ މީހުންނަށް ނޭފަތާއި، އަދި ނޭވާލާ ނިޒާމްގެ ބައިތަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

(8) – ދިރިއުޅުމުގައި ގެންގުޅެވޭ އާދަކާދަ ތައް
(ހ) - ދުންފަތުގެ އިސްތިއުމާލު ކުރުން : ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އެކަން ނުކުރާ މީހުންނަށްވުރެ ބޮޑެވެ. "ބިޑި ސިގިރޭޓް ސުއްޓާ އަދި ގުޑުގުޑާ ބޯމީހުންނަށް ގިނައިން ޖެހެނީ ފުއްޕާމޭގެ ކެންސަރު އެވެ. އަދި ދުންފަތުގެ އިސްތިއުމާލު މަދުންކުރާ މީހުންނަށްވުރެ ގިނައިން ކުރާމީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ބިޑި ސުއްޓާ ސިގިރޭޓް އަދި ގުޑުގުޑާއިން އުފެދޭ ދުމުގައި ނިކޮޓީން، ކާބަން މޮނޮކްސައިޑް އަދި ވިހަ ގޭސްތަކާއި އެކިއެކި ކެމިކަލްތައް އެކުލެވިފައި ވެއެވެ. އެހެން ކަމުން މިފަދަ ދުން ފުއްޕާމޭގެ ތެރެއަށް ހިނގައްޖެނަމަ، ފުއްޕާމޭގެ އެތެރޭގެ ދުލިފަށް ތަކުގައި ތަތްވެ މުށިކުލައިގެ ގެދަބުޅިއެއް ޖަހަން ފަށައެވެ. އަދި  މިގެދަބުޅި ހިފާފައިވާ ހިސާބުގައި ކެންސަރު އުފެދޭގޮތް ވުމަކީ ވަރަށް ކައިރި ކަމެކެވެ.
ބޭނުންކުރާ ކޮންމެ ސިގިރޭޓަކަށް 20 މިލިގްރާމް ތާރު ހަށިގަނޑުގެ ތެރެއަށް ފޮނުވާލައެވެ. އެހެން ކަމުން ދުވާލަކު 20 ސިގިރޭޓް ބޯމީހެއްނަމަ އަހަރަކު 150 ގްރާމް ތާރު އެމީހެއްގެ ހަށިގަނޑަށް އެތެރެވާނެ އެވެ. ތާރަކީ ވިހައެއްކަމުން މިއީ ފުއްޕާމެޔަށްހުރި ވަރަށް ބޮޑު ނުރައްކަލެކެވެ." (މުހައްމަދު އިސްމާއީލްފުޅު)
(ށ) – ދުފުން : ދުންފަތް ލައިގެން ދުފާމީހުންނަށް ގިނައިން ޖެހެނީ އަނގައިގެ ކެންސަރު އެވެ. ދުފާމީހުންގެ އަނގައިގެ އެއްތަނެއްގައި ހަންޕުޑުގަނޑު ބާއްވައިގެން އުޅޭނަމަ، ނޫނީ އަނގަ ސާފުނުކޮށް ހަންޕުޑު ގަނޑާއެކު ނިދާނަމަ، ހަންޕުޑުގަނޑު ޖެހޭ  ހިސާބުގައި ކެންސަރު އުފެދޭގޮތް ދިމާވެއެވެ.

(ނ) -  ރާބުއިން : ރަލާއި، ރާއެކުލެވޭ ބުއިންތައް ބޭނުންކުރުމަކީ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށް ދޭ ކަމެކެވެ.

(ރ) - ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ : މާގިނައިން ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ ބޭނުންކުރުމަކީ އަގަޔާއި، ބަނޑާއި، އަދި ކާތަކެތި ހިގާހޮޅިއަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

(ބ) - ޚިތާނުކުރުން : ޚިތާނުކޮށްފައި ތިބޭ މީހުންނަށްވުރެ ޚިތާނު ނުކޮށް ތިބޭ މީހުންގެ ފިރިހެން ހަށި ނުވަތަ ޖިންސީ ގުނަވަނަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

(ޅ) ފޮނިކާނާ : ބައެއް ބާވަތުގެ ފޮނިކާނާ މާގިނައިން ބޭނުން ކުރުމުން މަސާނާ ކެންސަރު ފަހަރުގައި ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

(9) - ކެމިކަލް އަދި ބައެއް އެހެނިހެން މާއްދާތައް
(ހ) – ޓޮބޭކޯ :  ސިގިރެޓްގައި ހުންނަ ''ޓޮބޭކޯ''އޭ ކިޔޭ މާއްދާއަކީ ފުއްޕާމެޔާއި، އަނގަޔާއި، ފުރަމޭ އަދި ކުޑަކަމުދާ ނިޒާމުގެ ބައިތަކަށް ކެންސަރު ޖެހުމުގެ ސަބަބެއް ކަމުގައި ބެލެވެއެވެ.

(ށ) – އަލްފަޓޮކްސިން : "ފަންގަސް'' އިން އުފެދޭ ކެމިކަލް ބާވަތެއް ކަމުގައިވާ ''އަފްލަޓޮކްސިން''(alphatoxin) އަކީ ފުރަމޭގެ ކެންސަރު ޖެހުމުގެ އެހީތެރިވެދޭ މާއްދާއެއް ކަމުގައި ތަޖުރިބާކާރުން ހާމަކުރެއެވެ.

(ނ) – ހޯރމޯން ތައް : އެސްޓްރަޖެން އަކީ ރަހިމުގެ އެތެރެން ލެވިފައިވާ ތުނި ދުލިފަށަލަ(endometrium) އަށް ކެންސަރުޖެހުން އިތުރުކޮށްދޭ ހޯރމޯން އެކެވެ. އެންޑްރަޖެން އަކީ ފުރަމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރު ޖެހުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ. ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރު އަދި އަންހެނުންގެ އުރަމަތީގެ ކެންސަރު އަކީ ހޯމޯންގެ ސަބަބުން ޖެހޭ ކެންސަރުގެ ބާވަތްތަކެވެ.
(ރ) – ބައެއް ކެމިކަލްތައް : އެސްބެސްޓޯޒް އޭ ކިޔޭ ކެމިކަލް މާއްދާއަކަށް ހުށަހެޅުމަކީ ފުއްޕާމެޔާއި، އޭގެ ވަށައިގެންވާ ފަށަލައަށް ކެންސަރު ޖެހުމުގައި އެހީތެރިވެދޭ ކަމެކެވެ. ހަމަމިހެން ''ނިކެލް'' އަދި ''ކްރޯމިއަމް'' އަކީ ވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގައި އެހީވެދޭ މާއްދާތަކެކެވެ. ވިހާރަކަ ނުވަތަ އާރސެނިކް ގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމަށް ވެއެވެ.

(ބ) – ވައިރަސް : ބައެއް ކަހަލަ ވައިރަސް ތަކުގެ ސަބަބުން، ނޭފަތާއި، ކަރުތެރެ، ލޭ، މޭގަނޑު ނުވަތަ ފުރަމޭ، އަދި އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމަށް ބުނެވެއެވެ. މިސާލަކަށް ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން މޭގަނޑަށް ކެންސަރު ޖެހޭއިރު، ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ރަހިމުގެ ދޮރަށް ކެންސަރު ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ.

(ޅ) – އިރުގެ ދޯދި : އިރުގެ އަލިން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކުގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެންދާ ކަމުގައި ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އަޔޮނައިޒިންގ ރޭޑިއޭޝަން ގެ ސަބަބުން ލޭ، އަދި ހަމާއި، ފުއްޕާމޭގެ ކެންސަރު ޖެހޭކަން ފާހަގަކުރެވެއެވެ.

(ކ) – "ރޭޑިއޯ އެކްޓިވް މާއްދާތައް : އެކްސްރޭ ނަގާވަގުތު ފޮނުވައިދޭ އަލިންނާއި، ރޭޑިޔޯ އެކްޓިވް މެޝިންތަކުން ފޮނުވާ މިފަދަ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު އުފެދޭކަންވަނީ ކަށަވަރުވެފައެވެ. ހޯދުންތަކުން އެނގުނު ގޮތުގައި އެކްސްރޭ ނެގުމުގައި އުޅޭ ޓެކްނީޝަނުންނަށް ހަމުގެ ކެންސަރު އަދި ލޭގެ ކެންސަރު ޖެހިފައި އެބަހުރިއެވެ. މިގޮތުން މެޝިނަރީ ތަކުން ފޮނުވާ ރޭޑިއޭޝަން އިން ކެންސަރު ޖެހޭއިރު އިރުގެ ދޯދީގައި އެކުލެވިފައިވާ ރޭޑިއޭޝަނުން ހަމުގެ ކެންސަރު ޖެހެއެވެ."(އިސްމާއީލްފުޅު)
" ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ފާހަގަކުރެވޭ މީހުން
1-      ބިޑި، ސުއްޓާ، ސިގިރޭޓް އަދި ގުޑުގުޑާއިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
2-      ދުންފަތްލައިގެން ދުފާމީހުން
3-      ވެހިކަލްގެ ދުމާއި، ނުސާފުވައި ބޭރުކުރާ ކާރުޚާނާ ތަކާއި ކައިރި ހިސާބުގައި ދިރިއުޅޭމީހުން
4-      ސިމެންތި ޓިނާއި މިފަދަ ތަކެތި ތައްޔާރުކުރާ ކާރުޚާނާ ތަކުގައި މަސައްކަތްކުރާމީހުން
5-      ގިނައިން އެކްސްރޭ ނެގޭ މީހުންނާއި، އެކްސްރޭ ނެގުމުގެ މަސައްކަތުގައި އުޅޭމީހުން
6-      ގިނަ މީހުންނާއެކު ޖިންސީގުޅުން ހިންގާ އަންހެނުން
7-      އިއްދައިން ކެނޑިފައިވާ މީހުން: ޚާއްޞަކޮށް ރަހިމުގެ ކެންސަރު ޖެހެއެވެ
8-       ޅައުމުރުގައި މީހުންނާ އިނުމާއި މާ ޅައުމުރުގައި ވިހެއުން " (މުހައްމަދު އިސްމާޢީލްފުޅު)
ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތައް
ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތަކާ ފާހަގަކުރެވިދާނެ ނިޝާންތައް އެކި ކެންސަރުގައި ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް އާންމުކޮށް ކޮންމެ ކަހަލަ ކެންސަރެއްގައި ވެސް ފެނިދާނެ އަލާމާތްތަކާ އުދަނގޫތަކެއް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ކެންސަރުގެ އާންމު އަލާމާތްތަކުގެ ތެރޭގައި:-
·         ވަރުބަލިވުން
·         ހަށިގަނޑުގެ އެކި ތަންތާގައި ގަނޑުލާފައި ހުރުން
·         ކާހިތްނުވުން
·         ބަރުދަން ލުއިވުން
·         ހަށިގަނޑުގެ އެކި ހިސާބު ތަކުން ލޭއައުން
·         ހަމަށް ބަދަލުއައުން : އެގޮތުން ހަމުގައި ކަޅުތިލަ އުފެދުން، އުފެދިފައި ހުންނަ ކަޅުތިލަ ބޮޑުވުން، އިތުރު ކަޅުތިލަ ނެގުން، ހަމުގެ ކުލަ އަދިރިވުން، ރީނދޫވުން، ނުވަތަ ރަތްވުން
·         ފާރުހެދި ފަސޭހަނުވެ ދިގުލައިދިއުން
·         މޭނުބައިކުރުމާ ހޮނޑުލެވުން
·         ބަނޑުހިކުން
·         ބޭރަށްހިންގުން
·         ކެއްސުމާ ނޭވާކުރުވުން
·         ކާތަކެތި ދިރުވަން އުދަނގޫވުން
·         އަޑުކުރަކިވެ ބެދުން
·         ހަޖަމުކުރަން އުދަނގޫވުން (ކެއުމަށްފަހު އުދަނގޫތަކެއްވުން)
·         ހަށިގަނޑުގެ އެކި ހިސާބުގައި ހުޅުތަކާ މަސްތަކުގައި ރިހި ތަދުވުން
·         ހަށިގަނޑުގެ އެކި ތަންތަން ދުޅަވެ ތަދުވުން
·         ދިގުމުއްދަތަކަށް ހުންއައުމާއެކު ރޭގަނޑަށް ދާހިއްލުން
·         ނިދިނައުން
·         ފަހަރުވާ ހިފެހެއްޓޭގޮތް ނުވުން
·         ބޮޑު ގޮހޮރު ބެދޭގޮތްވުން
·         ބަނޑުގައި ފެންހެދުން
·         އަނގަފާރުއެޅުން
ކެންސަރާއި ގުޅިގެން މަރާ ހަމައަށް މީހާގެ ހާލަތު ގެންގޮސްދޭ ބައެއް ސަބަބުތައް
(1) – ލޭދަށްވުން : މިކަން ކުރިމަތިވަނީ ކަށީގެ މަދަށް ކެންސަރުގެ އަސަރު ފޯރުން، ޓިއުމަރ އުފެދިފައިވާ ތަނުގައި ފާރު އުފެދި، ލޭބޭރުވުން، ފޮލިކް އެސިޑް މަދުވުން( ޓިއުމަރ ސެލްތައް ފޮލިކް އެސިޑްގެ ބޭނުން ހިފުމުން)، ލޭގައި ދަނގަޑުގެ ބައި މަދުވުން، ފަދަ ކަންތައް ތަކުގެ ސަބަބުންނެވެ.

(2) - ކާނާ ގޯސްވުން : މިއީ ހަޖަމުކުރާ ނިޒާމަށް ކެންސަރުގެ އަސަރު ފޯރުމުން ކާތަކެތި ދިރުވުމާއި، ހަޖަމުކުރުމަށް، އަދި ކާނާ ހަށިގަނޑަށް ނެގުމަށް ހުރަސް އަޅާތީ މެދުވެރިވާ ކަމެކެވެ.

(3) - ގުރުދާ ފޭލްވުން : މިއީ ނަސްލު އުފައްދާ ނިޒާމް އަދި ކުޑަކަމުދާ ނިޒާމް އަދި ފުރަގަސްފަރާތުގައި ޓިއުމަރ އުފެދި ކުޑަކަމުދާ ނިޒާމްގެ ބައިތައް ބެދުމުން ކުރިމަތިވާ ކަމެކެވެ.

(4) - ރީދޫ ވުމާއި މޭގަނޑު ފޭލްވުން : މިއީ މޭގަނޑު، ޗިސްމޭ، އަދި ޕެންކްރިއާސް ގައި ޓިއުމަރ އުފެދުމުން މެދުވެރިވާ ކަމެކެވެ.

(5) - ސިކުނޑީގެ ޕްރެޝަރ އިތުރުވުމާއި، ސިކުނޑީގައިވާ އަސާސީ މަރުކަޒުތައް ޕްރެޝަރގެ ސަބަބުން ފެތޭގޮތްވުން : މިއީ ސިކުނޑީގައި އުފެދޭ ޓިއުމަރގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

(6) - ހަށިގަނޑު އަނަރޫފަވުން : މިއީ ހަލާކުވެފައިވާ ޓިއުމަރ ސެލްތަކުން ބޭރުކުރާ ވިހައިގެ ސަބަބުން، ލޭދަށްވުން، ކާނާ ގޯސްވުން، އަދި ތަފާތު ގުނަވަންތައް ފޭލްވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ކެންސަރު ޖެހިފައިވާކަން ދެނެގަތުން
ކެންސަރަށް މަގުފަހިކުރާ ކަންތައްތަކާ، ކެންސަރަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ބަލިމީހެއްގެ ފުށުން ފެނުނު ނަމަވެސް ކެންސަރު ކަން ކަނޑައަޅާނީ ނުވަތަ ކަނޑައެޅޭނީ ކޮންމެހެން ބަލަންޖެހޭ ބެލުންތަކާ، ހޯދަންޖެހޭ ހޯދުންތަކާ، ހަދަންޖެހޭ ޓެސްޓުތަކާ، ކުރަންޖެހޭ އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށްފަހު އަންނަ ނަތީޖާއަށް ބަލައިގެންނެވެ. ކެންސަރު ޖެހިފައިވާކަން ދެނެގަތުމަށް މައިގަނޑު ގޮތެއްގައި ކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) – "ބަލީގެ މަޢުލޫމާތު ހޯދުން : ބައްޔާއި ބެހޭގޮތުން ހޯދޭ މައުލޫމާތުތައް ބިނާވެފައި އޮންނާނީ ބަލިމީހާގެ އިހްސާސް ތަކާއި، ކެކުޅުންތަކާއި ބަދަލުވަމުން އަންނަ ބަލީގެ އަލާމާތްތަކާއި، އެމީހެއްގެ އަމިއްލަ ޞިއްޙަތާއި، މިފަދަ ކަންކަމުގެ މައްޗަށެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
·         ބަލީގެ ސަބަބުންވާ އުދަނގޫތައް
·         ބަލި ފެށިގެން އައިގޮތާއި، މިހާރު ފާހަގަކުރެވޭ އަލާމާތްތައް
·         ބޭނުންކުރި ބޭހަކާ އެބޭހުން ލިބުނު ނަތީޖާ
·         އެއްވެސް ބައްޔެއްގައި ކުރިން އުޅުނުނަމަ އެކަމުގެ މައުލޫމާތު
·         ޢާއިލާގެ ޞިއްޙަތާއި ބެހޭ މަޢުލޫމާތު
·         ހިތް ހަމަޖައްސާލުމުގެ ގޮތުން ކުރާ އަމިއްލަ ޒާތީ ކަންތައްތައް
·         ދިރިއުޅުމަށްކުރާ މަސައްކަތް " (އިސްމާޢީލްފުޅު)
(ށ) – ހަށިގަނޑު ބަލައި ޗެކުކުރުން : ބަލިމީހާގެ ހަށިގަނޑު ބަލައި ހަދާއިރު، ކެންސަރުގެ އެއްވެސް ނިޝާނެއް ހުރިތޯ ބަލައި ޗެކުކުރާނެ އެވެ. ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ގަނޑެއް އުފެދިފައި ހުރިތޯ، ހަމަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވޭތޯ، އެއްވެސް ގުނަވަނެއްގެ ސައިޒުން ބޮޑުވެފައިވޭތޯ ވެސް ބަލާނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން، ހިތުގެ ވިންދުޖެހުން، ނޭވާލުން، ލޭގެ ޕްރެޝަރު، ފިނިހޫނުމިން، ފަދަ ކަންތައްތަކަށް ބަދަލު އައިސްފައިވޭތޯ ވެސް ބަލާނެއެވެ. ހަށިގަނޑުގައި އެއްވެސް ކަހަލަ ދުޅައެއް ހުރިތޯ ވެސް ބަލާނެއެވެ.

(ނ) – ލެބޯޓްރީ ޓެސްޓުތައް ހެދުން : އާންމު ގޮތެއްގައި ކުރެވޭ ޓެސްޓު ތަކުގެ ތެރޭގައި ހިމެނެނީ:-
·         ލޭ ޓެސްޓުކުރުން
·         ކުޅު ޓެސްޓުކުރުން
·         ކުޑަކަމު ނަޖިސް ޓެސްޓުކުރުން
·         ބޮޑުކަމު ނަޖިސް ޓެސްޓުކުރުން

(ރ) – އިމޭޖިންގ ޓެސްޓުތައް ހެދުން :  އާންމު ގޮތެއްގައި ހެދޭ އިމޭޖިންގ ޓެސްޓު ތަކުގެ ތެރޭގައި ހިމެނެނީ:-
·         އެކި ހިސާބުތަކުގެ އެކްސްރޭ ނެގުން
·         އަލްޓްރާ ސައުންޑް ސްކޭން ހެދުން
·         ސީޓީ ސްކޭން ހެދުން
·         މެގްނެޓިކް ރެޒޮނަންސް އިމޭޖިންގ ހެދުން
·         އެންޑޯސްކަޕީ ހެދުން

(ބ) – ބައިއޮޕްސީ ހެދުން : މިއީ ބަލި އުފެދިފައިވާ ހިސާބުން ކުޑަ އެތިކޮޅެއް ނަގައިގެން ކެންސަރުގެ އަސަރެއް ހުރިތޯ ބެލުމަށް ކުރާ ޓެސްޓެކެވެ.

"ބައްޔާއި ބެހޭގޮތުން ހޯދޭ މައުލޫމާތު ތަކާއި، ހަށިގަނޑުން ފެންނަ ފެނުންތަކާއި، އަދި ޓެސްޓްތަކުން ލިބޭ ނަތީޖާތަކަކީ ބަލިމީހާގެ ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައެޅުމުގައި ވަރަށް މުހިއްމު ކަމެކެވެ. ވީމާ ހޯދޭ މައުލޫމާތު ތަކަކީ ތެދު މައުލޫމާތުތަކަކަށް ހެދޭތޯ ސަމާލުކަން ދިނުން މުހިއްމެވެ."(މުޙައްމަދު އިސްމާޢީލްފުޅު)
ކެންސަރަށް ދެވޭ ފަރުވާ
ކެންސަރަށް ދެވޭ ފަރުވާ މައިގަނޑު 3ބަޔަކަށް ބެހިގެންވެއެވެ. އެއީ އޮޕަރޭޝަން ކޮށްގެން ކެންސަރު ޖެހިފައިވާ ބައި، ކަފައި ނެގުމާއި، ކީމޯތެރަޕީ ހެދުން، އަދި ރޭޑިއޭޝަން ތެރަޕީ ހެދުމެވެ. ބައެއް ވައްތަރުގެ ކެންސަރަށް ފަރުވާ ކުރުމަށް މި 3ގޮތް ވެސް ބޭނުންކުރެވެއެވެ.

(1) - އޮޕަރޭޝަން ކުރުން
އޮޕަރޭޝަން ކުރުން(surgery) ބިނާވެފައި އޮންނަނީ ކެންސަރުގެ ބާވަތާއި، ޖެހިފައިވާ މިންވަރު ނުވަތަ ފެތުރިފައިވާ މިންވަރުގެ މައްޗަށެވެ. މިގޮތުން އެންމެ ފުރަތަމަ ޖެހެނީ ''ބައިއޮޕްސީ''(biopsy) ހަދާށެވެ. ބައޮޕްސީ ހެދުމުގެ މާނައަކީ ހަށިގަނޑުގެ ގުނަވަނަކުން ކުޑައެތިކޮޅެއް ވަކިކޮށްގެން ނެގުމެވެ. މިގޮތުން ކެންސަރު ޖެހިފައިވާ ގުނަވަނުން ނެގޭ ސާމްޕަލް ޓެސްޓް ކޮށްގެން އެހިސާބަށް ޖެހިފައިވާ ކެންސަރުގެ ހާލަތު ދެނެގަނެވިދާނެއެވެ. އޮޕަރޭޝަން ކުރާ އިރު ނެގެން އޮތް އެންމެ ބޮޑުމިނަކަށް ނުވަތަ މިންވަރަކަށް ކެންސަރު ޖެހިފައިވާ ބައި ނެގޭތޯ ބަލައެވެ.

(2) -  ކީމޯތެރަޕީ ދިނުން
ކީމޯތެރަޕީ(chemotherapy) އަކީ ކެންސަރުގެ ސެލްތައް މަރާލުމަށް ނުވަތަ ކެންސަރު ފެތުރިގެން ދިއުން ހުއްޓުވުމަށް ބޭނުންކޮށް އުޅޭ ބޭހުގެ ފަރުވާ އެވެ. ތަފާތު ވައްތަރުގެ ކެންސަރު ސެލްތައް އިޖާބަދޭނީ ތަފާތު ބޭސްތަކަށެވެ. އެހެންކަމުން ހުރިހާ ވައްތަރެއްގެ ކީމޯތެރަޕީ އެއްގޮތެއް ނުވާނެ އެވެ. ބައެއް ފަހަރު އެކަށޭނަ ނަތީޖާއެއް ކީމޯތެރަޕީ ގެ އެހީގައި ހޯދުމަށްޓަކައި، ތަފާތު އަށެއްކަ ބޭސް ވެސް އެއްފަހަރާ ބޭނުންކުރަން ޖެހިދާނެ އެވެ.

ބައެއް ފަހަރު ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭހުގެ ސަބަބުން "ނޭދެވޭ އަސަރެއް"(side effects) ހަށިގަނޑަށް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިއަދު ބޭނުންކުރެވޭ ކީމޯތެރަޕީ ގެ ސަބަބުން ކުރިމަތި ވަނީ ވަރަށް ކުދި ކުދި އާދައިގެ އުދަގޫ ތަކެވެ. މިގޮތުން ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި ހޮނޑުލެވުން، ބޭރަށް ހިންގުން، ގައިގެ ވަރު ދެރަވުން، އިސްތަށި ފޭބުން، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އިސްތަށި ފޭބުން ފަދަ މައްސަލަތައް ފަރުވާ ކުރުން ހުއްޓާލުމުން ރަގަޅު ވެއެވެ. ދިފާއީ ބާރު ދަށްވުމުން ބަލިތަކަށް ހުށަހެޅޭލެން ފަސޭހަ ވެފައި، އަދި ފަސޭހަވުން ލަސްވެއެވެ. ކީމޯތެރަޕީގެ ސަބަބުން ދިމާވާ އުދަގޫތަކުން މިންޖުވުމަށް ބޭސް ވެސް ބޭނުންކުރެވިދާނެ އެވެ.

ވަރަށް ގިނަ ފަހަރު އޮޕަރޭޝަނަށް ފަހު ކީމޯތެރަޕީ ހަދަން ޖެހެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކޮށްގެން ނެގި ނަމަވެސް ކެންސަރުގެ އަސަރު އެކުލެވޭ ސެލްއެއް ހުރިނަމަ އެ ސެލްއެއް ނައްތާލުމެވެ. ހަމަމިހެން އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ބައެއް ފަހަރު ކީމޯތެރަޕީގެ ފަރުވާ ދެވެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން އޭގެ ކުރިން ޓިއުމަރ ހިންދާލުމެވެ.

އެއް ނަޒަރަކުން ބަލާއިރު ކީމޯތެރަޕީ އަކީ ކެންސަރުގެ ސެލްތައް ވިހަކޮށް މަރާލާ ކެމިކަލް ތަކެކެވެ. މިކެމިކަލްތަކަށް ''ސެލްތައް ވިހަކުރުވަނިވި ކެމިކަލް'' އޭ ކިޔައެވެ. އެންމެ ފުރަތަމަ ކީމޯތެރަޕީ ތައާރަފު ވެގެން އައި ދުވަސްވަރު ''ރެވި ގޭސް'' ކީމޯތެރަޕީ ހެދުމަށް ބޭނުންކުރެވުނެވެ. މިބުނި މާއްދާ އަކީ ފުރަތަމަ ބޮޑުހަގުރާމައިގައި ކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވުނު މާއްދާއެކެވެ.

ކޮންމެ ގޮތަކުން ބެލިޔަސް ކެންސަރުގެ ސެލްތަކަށް ވިހަކުރުވަނިވި ކޮންމެ އެއްޗަކީ ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހުރި ނުރައްކާއެއް ކަމުގައި ދަންނަށް ޖެހެއެވެ. މާނައަކީ ކެންސަރުގެ ސެލްތައް މަރާލުމަށްޓަކައި ކީމޯތެރަޕީ ހަދާއިރު މަދުން ނަމަވެސް ހަށިގަނޑުގައި އެކުލެވޭ ދުޅަހެޔޮ ސެލްތައް ވެސް މަރުވެދެއެވެ. ކެންސަރު ޖެހިފައިވާ ސެލްތަކާއި، ސަލާމަތުން ހުރި ސެލްތައް ދެނެގަންނާނެ މައިގަނޑު ގޮތަކީ އެދެވައްތަރުގެ ސެލްތައް ވެސް އިތުރުވެ، ބައިބައިވެ، ބޮޑުވާ ބާރުމިން ބެލުމެވެ. އާންމުގޮތެއްގައި ކެންސަރުގެ ސެލްތައް އިތުރުވެ، ބޮޑުވާލެއް އަވަސްވާނެއެވެ. ޓިއުމަރ ނުވަތަ ގަނޑެއްގެ ސިފައިގައި ކެންސަރުގެ އަސަރު ފާޅުވަނީ މިސަބަބަށްޓަކައެވެ.

އާންމުގޮތެއްގައި ކީމޯ ތެރަޕީގެ ފަރުވާ ދެވެނީ އިންޖެކްޝަން ނުވަތަ އައި.ވީ ގުޅައިގެން އޭގެ ޒަރީއާއިން ދެވޭ ތިއްކެއްގެ ސިފައިގައެވެ. ބޭސްތައް ލޭގެތެރެއަށް އިންޖެކްޝަން ޒަރީއާއިން ފޮނުވާލުމުން މުޅިހަށިގަނޑުގައި ދައުރުވާން ފަށައެވެ. އެއަށްފަހު އެއާއި ބައްދަލުވާ ކެންސަރުގެ ސެލްތަކަށް ހަމަލަދެއެވެ. ވަރަށް ގިނައިން ކީމޯތެރަޕީގެ ގޮތުގައި ދެވޭ ބޭހުގެ ތާސީރު ދަށްކުރުމަށްޓަކައި(dilute)''ސަލީން''(saline) ބޭނުންކޮށްގެން ( އައި.ވީ ގުޅައިގެން ) ހަށިގަނޑަށް ފޮނުވެއެވެ. އެއީ ތާސީރު މަތި ބޭހުގެ ސަބަބުން ލޭހޮޅިއަށް ނުރައްކާތެރި ވިޔަ ނުދިނުމަށް ޓަކައެވެ.

ތަފާތު ބޭސްތަކުގެ ގިނަ ޑޯޒްތަކެއް އެއްފަހަރާ ނަގަން ޖެހިއްޖެ ނަމަ ކޮންމެ ފަހަރަކު ވަކި ވަކިން އިންޖެކްޝަން ޖެހުމުގެ ބަދަލުގައި ލޭނާރަށް ހޮޅިކޮޅެއް ގުޅައި އެހޮޅި ކޮޅު ސިރިންޖް ގައި ހަރުކޮށްފައި ބެހެއްޓިދާނެ އެވެ. މިއީ އިންޖެކްޝަން ޖެހުމުން ލިބޭ ''ހިތްހަމަ ނުޖެހުން'' ކުޑަކުރުމަށް ހެދޭގޮތެކެވެ. ބައެއް ފަހަރު ހަށިގަނޑުގެ ވަކިބަޔަކަށް ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭހުގެ ތާސީރު މަތި(concentrated) ޑޯޒެއް ދޭން ޖެހިދާނެއެވެ. މިގޮތުން އިންޖެކްޝަން ޖެހެނީ ސީދާ ކެންސަރު ޖެހިފައިވާ ހިސާބު ފާހަގަކޮށް އެހިސާބަކަށެވެ. މިސާލަކަށް މަސާނާ އަށް ކެންސަރު ޖެހުމުން ބޭސް ސީދާ މަސާނާ އަށް ޕަމްޕުކުރެވެއެވެ. މިހާލަތުގައި ކެންސަރު ޖެހިފައިވާ ޓިޝޫތަކަށް އޭގެ އަސަރު ސީދާ ސިފައެއް ގައި ކުރެއެވެ.

އެކި ކެންސަރުގެ ވައްތަރަށް ފަރުވާ ކުރުމަށް ކީމޯތެރަޕީ ހަދަންޖެހޭ މުއްދަތާއި މިންވަރު ވެސް ތަފާތެވެ. ބައެއް ފަހަރު 2 ހަފްތާ އަށް ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ވެސް ފަރުވާ ދެއެވެ. އަނެއްބައި ފަހަރު އެތައް މަސްތަކެއް ވަންދެން ވެސް ފަރުވާ ލިބިގަންނަށް ޖެހެއެވެ.

(3) – ރޭޑިއޯތެރަޕީ ދިނުން
ރޭޑިއޯތެރަޕީ(radiotherapy) އަކީ ރޭޑިއޭޝަން ބޭނުންކޮށްގެން ކެންސަރަށް ދެވޭ ފަރުވާ އެވެ. މިގޮތަށް ފަރުވާ ދޭއިރު ކެންސަރު ޖެހިފައިވާ ސެލްތައް ނައްތާލުމަށްޓަކައި ބާރުގަދަ ހަކަތަ އެކުލެވޭ ދޯދިތައް ބޭނުންކުރެވެއެވެ. މިފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރާކަން ނުޖެހެއެވެ. އެކަމަކު ޑަކްޓަރުން އަންގަވާ އުސޫލުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ލިބިގަންނަށް ޖެހެއެވެ.

އާންމު ގޮތެއްގައި ރޭޑިއޭޝަން ގެ ފަރުވާ ދެނީ ހަށިގަނޑުގެ ކެންސަރު ޖެހިފައިވާ ހިސާބަށް އެކަންޏެވެ. ނުވަތަ ކެންސަރުގެ އަސަރު ހުރި ހިސާބަށެވެ. މީގެ ބޭނުމަކީ ރޭޑިއޭޝަންގެ ސަބަބުން ދުޅަހެޔޮ ކަންމަތީ ހުރި ސެލްތައް ހަލާކުވެގެން ދިޔަ ނުދިނުމެވެ. ދެގޮތަކަށް ރޭޑިއޯ ތެރަޕީ ހެދެއެވެ. އެއްގޮތަކީ ހަށިގަނޑުގެ ބޭރުން މެޝިނެއްގެ އެހީގައި ބޭނުންވާ ހިސާބަށް ފަރުވާ ކުރުމެވެ. އަނެއް ގޮތަކީ ހަށިގަނޑުގެ އެތެރޭގައި ބޭނުންވާ ހިސާބެއްގައި ''ރޭޑިއޯ އެކްޓިވް އިމްޕްލާންޓް'' އެއް ބަހައްޓައިގެން ފަރުވާ ދިނުމެވެ.

ރޭޑިއޯ ތެރަޕީ ގެ އަސާސީ ބޭނުމަކީ ހަމައެކަނި އެންމެ ތަނެއްގައި އުފެދިފައި ހުރި ( ފެތުރިފައި ނުވާ މިސާލަކަށް ހަންގަނޑު ނޫނީ އުރަމަތީގައި ހުރި ކެންސަރު ) ޓިއުމަރ އަކަށް ފަރުވާ ކުރުމެވެ. ބައެއް ފަހަރު އޮޕަރޭޝަނަށް ފަހު ރޭޑިއޯ ތެރަޕީ ހަދަން ޖެހެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކޮށްގެން ނެގި ނަމަވެސް ކެންސަރުގެ އަސަރު އެކުލެވޭ ސެލްއެއް ހުރިނަމަ އެ ސެލްއެއް ނައްތާލުމެވެ. ހަމަމިހެން އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ބައެއް ފަހަރު ރޭޑިއޯ ތެރަޕީގެ ފަރުވާ ދެވެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން އޭގެ ކުރިން ޓިއުމަރ ހިންދާލުމެވެ.
މެޝިނެއްގެ އެހީގައި ރޭޑިއޭޝަންގެ ފަރުވާ ދޭނަމަ އާންމުގޮތެއްގައި ކުރުމުއްދަތެއްގެ ތެރޭގައި ތަކުރާރު ކޮށް ފަރުވާ ލިބިގަންނަން ޖެހެއެވެ. މިފަރުވާގެ ވަގުތާއި މުއްދަތު ކަނޑައެޅިފައި އޮންނަނީ ކެންސަރުގެ ވައްތަރު، އޭގެ ސައިޒް، އުފެދިފައި ހުރިތަން، އަދި ޑޮކްޓަރުން އިޚްތިޔާރު ކުރާ ޑޯޒްގެ މައްޗަށެވެ. ފަރުވާ ދެނީ ހަށިގަނޑުގެ އެތެރޭގައި ކެންސަރު އުފެދިފައި ހުރި ހިސާބުގައި ''ރޭޑިއޯ އެކްޓިވް އިމްޕްލާންޓް''(radioactive implant) އެއް ބަހައްޓައިގެން ކަމުގައިވާނަމަ އާންމު ގޮތެއްގައި ކުރުމުއްދަތެއް ހޮސްޕިޓަލުގައި އެދުމަތިކޮށްފައި ބާއްވައެވެ.

ރޭޑިއޭޝަން ގެ ފަރުވާ ދިނުމުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ވަރުބަލިވުން، ފަރުވާދެވުނު ހިސާބަކުން އިސްތަށި ފޭބުން، އަދި ހަންގަޑަށް އަވިން އެދުމުން އުފެދޭ ކަހަލަ ބަދަލެއް އާދެއެވެ. މީގެ އިތުރުން ރޭޑިއޭޝަން ގެ ފަރުވާ ދިގުމުއްދަތަކަށް ދިނުމުން ބައެއް ކަހަލަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރު ވެސް ކުރިމަތި ކުރުވައެވެ.

(4) - ހޯމޯން ތެރަޕީ ދިނުން 
"ހޯމޯން ތެރަޕީ(hormonal therapy) ދިނުމަކީ ވެސް ބައެއް ކެންސަރަށް ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ގޮތެކެވެ. ހޯމޯން ދޫކުރާ ގުނަވަނަކަށް ކެންސަރު ޖެހިއްޖެނަމަ އެގުނަވަނަކަށް ބޭނުންވާ ހޯމޯނުން ކުރާ އަސަރުގެ އިދިކޮޅު އަސަރު ކުރާ ހޯމޯނެއް ދީގެން ކެންސަރަށް ފަރުވާ ކުރެވެއެވެ. މިސާލަކަށް ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހިއްޖެނަމަ ފަރުވާ ކުރުމުގައި އީސްޓްރަޖަން ކިޔާ އަންހެން ހޯރމޯން ބޭނުންކޮށްގެން ފަރުވާ ދެވެއެވެ. މިގޮތުން ހޯމޯން ބޭނުންކޮށްގެން ފަރުވާދޭ ކެންސަރުތަކުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ރަހިމުގެ ކެންސަރު އަދި ތައިރޮއިޑް ގްލޭންޑްގެ ކެންސަރު އެވެ. ހޯމޯން ތެރަޕީ ދިނުމުން ކުރިމަތިވާ އުދަގޫތައް ކީމޯތެރަޕީ ދިނުމުންވާ އުދަގޫތަކަށްވުރެ ކުޑައެވެ."(މުހައްމަދު އިސްމާއީލްފުޅު)
(5) - އެހެން ބައެއް ފަރުވާތައް
ތަފާތު ކެންސަރު ތަކަށް އެކެންސަރެއްގެ ވައްތަރާއި ގުޅޭގޮތުން ދެވޭ ފަރުވާ ތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ކަށީގެ މަދު ބަދަލުކުރުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ކެންސަރުން ރައްކާތެރިވެ ހުރުން
ކެންސަރުން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެވިދާނެއެވެ.

(1) - ދުންފަތުގެ އިސްތިއުމާލު ނުކުރުން
ދުންފަތަކީ ހުރިހާ މާނައެއް ގައި ވެސް ޞިއްޙަތަށް ގެއްލުން ހުރި އެއްޗެކެވެ. އެހެން ކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ނެގޭ އެންމެ އައުލާކަން ބޮޑު ގަރާރުކަން ޔަގީނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމުން ފުއްޕާމޭ، އަނގަ، މައިދާ، ގުރުދާ، މަސާނާ، އަދި ޕެންކްރިއާސް ފަދަ ގުނަވަންތަކަށް ކެންސަރު ޖެހުން ކުޑަކޮށްދެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ސިގިރޭޓް ބޯ ކޮންމެ ފަހަރަކު 60 އަށްވުރެ ގިނަ ނުރައްކާތެރި މާއްދާތައް ހަށިގަނޑަށް ވާސިލްވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ދުމުގެ ސަބަބުން ފުއްޕާމޭ އަދި ވައި ދަތުރުކުރާ މަގުތަކުގެ އެތެރޭ ކައިރިފަށުގައި މުށިކުލަ އަށް ދަމިލަ ޖަހާގޮތް ވެއެވެ. ނަތީޖާ އެއްގެ ގޮތުން މިދަމިލަ ތަކާއި ވިހަމާއްދާތައް ތަތްވާގޮތް ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ ބަޔަކު އުޅޭ މާހައުލެއްގައި އުޅޭނަމަ އެބައިމީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ވަގުތު ވީހާވެސް އެމީހުންނާއި ދުރުގައި އުޅެވޭތޯ ބަލާށެވެ. އެހެނީ ދުންފަތުގެ އިސްތިއުމާލު ކުރާ ބަޔަކާއި އެކު ތިމާ ވާނަމަ ނުސީދާ ސިފައެއްގައި ތިމާގެ ހަށިގަނޑަށް އޭގެ އަސަރު ފޯރުވައެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ 3000 މީހުން އަހަރެއްގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވެއެވެ.

(2) -  ތަފާތު ބާވަތްތަކުގެ ފައިދާހުރި ކާނާ ބޭނުންކުރުމަށް އާދަކުރުން
ހަށިގަނޑަށް ފައިދާހުރި ކާނާގެ އެކި ބާވަތްތައް ބޭނުންކުރުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާ ކުރާ ފަރާތްތައް ބުނާގޮތުގައި 30އިންސައްތަ ކެންސަރުގެ ބާވަތްތައް ފަލަވުމާއި، ބޭނުންކުރެވޭ ކާނާގެ ބާވަތްތަކާއި ގުޅިފައި ވެއެވެ.

ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތައް ދުވާލަކު މަދުވެގެން 5ފަހަރު ކޮންމެވެސް މިންވަރަކަށް ބޭނުންކުރަން އާދަކުރާށެވެ. ފެހިކަން ގަދަ ތަރުކާރީ އާއި ފަތް ބޭނުންކުރާށެވެ. މިގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް، އާފަލް، ކެރެޓް، ކިއުކަމްބާ، ކޮޕީފަތް، ކެބެޖް، ބްރޮކޮލީ، ސޯޔާބީންސް، ޓޮމާޓޯ، އަދި އެހެނިހެން ބާވަތްތަކުގެ ތޮޅިއާއި ފަތުގެ ބާވަތްތައް ހިމެނެއެވެ.

ވަކިބާވަތެއް ބޭނުންކުރުމުން ކަނޑައެޅިގެން މިވެނި ވައްތަރެއްގެ ކެންސަރުން ހިމާޔަތްކޮށްދޭނޭ ބުނާކަން ނޭގެއެވެ. ނަމަވެސް ބައެއް ވައްތަރު ގެ ކާނާ ބޭނުންކުރުމުން ވަކިވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަން ވަނީ އެގިފައެވެ. މިސާލަކަށް ޓޮމާޓޯ ބޭނުންކުރާނަމަ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހަމަމިހެން ކެބެޖް، ބްރޮކޮލީ، އަދި ކޮލިފްލާވަރ ބޭނުންކުރާނަމަ މަސާނާ، ގޮހޮރު، އަދި ޕްރޮސްޓޭޓް ގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ރޯމޭވާ އާއި ތަރުކާރީގެ ބާވަތްތަކުގައި ފައިބަރ ، ވިޓަމިން، އަދި މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިގެން ވެއެވެ. އެހެން ކަމުން މިފަދަ ބާވަތްތައް ބޭނުންކުރުމުން ގޮހޮރާއި، މައިދާ އަދި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ. ހަމަ މިހެން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތަކުން ވެސް ދުރުކޮށްދެއެވެ.

ފެޓް މަދުމިންވަރަކަށް އެކުލެވޭ ކާނާ އިޚްތިޔާރު ކުރާށެވެ. އެހެނީ ފެޓް ގިނައަދަދަކަށް ހިމެނޭ ކާނާ ބޭނުންކުރުމުން ގޮހޮރު، ރަހިމް، ފުރަގަސްފަރާތް، އަދި ޕްރޮސްޓޭޓް ގްލޭންޑަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރުވައެވެ.

(3) - ހަށިގަނޑުގެ ބަރުދަން ހަމަހަމަ މިނެއްގައި ހިފެހެއްޓުން
މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވިޔަނުދީ އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބަލާށެވެ. އެހެނީ މާބޮޑަށް ފަލަވުމަކީ ވެސް ވަރަށް ގިނަ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އެހެން ކަމުން އަބަދުވެސް ކޮންމެ ވެސް ކަހަލަ ކަސްރަތެއް ނުވަތަ ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ.

ކަސްރަތު ކްލާހަކަށް ގަވައިދުން ގޮސްގެންވެސް ކަސްރަތު ކުރެވިދާނެ އެވެ. މިފަދަ ގޮތަކަށް ނުދެވޭނަމަ ކޮންމެ ދުވަހަކު ބޭރަށް ނިކުމެ ހިގާލުން، ދުވެލުން ފަދަ ކަމެއް ކުރެވިދާނެ އެވެ. ހަފްތާ އަކު މަދުވެގެން އެއް ފަހަރު ފެތުން ފަދަ ކަސްރަތެއް ކުރުމަކީ ވެސް ރަގަޅު ކަމެކެވެ.

(4) - ގަދަ އަތްވަށް މާބޮޑަށް ނިކުމެނޫޅުން
އިރުން ފޮނުވާ އަލްޓްރާ ވައިލެޓް ރޭޑިއޭޝަން އަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެކެވެ. ހަމުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ މާއްދާއެއް ވެސް މެއެވެ. މިބުނި ވައްތަރުގެ ދޯދިތައް އެކުލެވިގެން ވަނީ ހެދުނު 10އަކާއި، ހަވީރު 4އަކާއި ދެމެދުގައި އޮންނަ ވަގުތުގައެވެ. ވީމާ ހޫނު ދުވަސްވަރު މިބުނި ގަޑީގައި ބޭރު އުޅޭ ވަގުތު މަދުކުރަން އާދަކުރާށެވެ. ބޭރަށް ނިކުމެ އުޅޭ ނަމަވެސް އަވީގައި ހޭދަކުރުމުގެ ބަދަލުގައި ހިޔާ އޮތްތަނެއް ޚިޔާރު ކުރާށެވެ.

ހަމުގެ ކެންސަރު އާންމުކޮށް ޖެހެނީ މޫނު، ކަންފަތް، އަތް ފައި ފަދަ ގުނަވަންތަކަށެވެ. އެހެންކަމުން އަވީގައި އުޅޭ އިރު މިބުނި ހިސާބުތައް ފޮރުވޭފަދަ ހެދުމެއް ޚިޔާރު ކުރެވިދާނެ އެވެ. ތޮއްޕެއް ބޭނުންކުރުމުން މޫނާއި ކަންފަތް ހިމާޔަތްކޮށް ދެއެވެ.

(5) - ހަށިގަނޑު ޗެކްކުރުން
އާދަކޮށް ވަކި ގަވާއިދެއްގެ ދަށުން ޑޮކްޓަރަކާއި މަޝްވަރާކޮށްގެން ތިމާގެ ހަށިގަނޑު ޗެކްކުރަން ހަދާން ކުރާށެވެ. ގޮހޮރު، ފުރަގަސްފަރާތް، އަނގަ، އަދި ހަންގަޑު ކެންސަރު ގެ އަލާމާތެއް ހުރިތޯ ޓެސްޓްކޮށް ސްކްރީން ކުރާށެވެ. ފިރިހެނެއް ނަމަ ޕްރޮސްޓޭޓް އަދި އަންހެނެއް ނަމަ ރަހިމުގެ ކަރާއި، އުރަމަތި ޗެކްކުރާށެވެ. މިގޮތަށް އާދަވެ، ޓެސްޓްކޮށް ބަލައި ހެދުމުން ކުރީކޮޅުގައި ކެންސަރު ދެނެގަތުމަށް އެހީއަކަށް ވެއެވެ.

ޑޮކްޓަރުންގެ އެހީއާއި ނުލައި ވެސް އުރަމަތި އަދި ހަންގަނޑަށް ބަދަލެއް އައިސްފައި ހުރިތޯ ބެލިދާނެ އެވެ. މިގޮތުން އުރަމަތި ނުވަތަ ހަންގަނޑު ގެ އެއްވެސް ހިސާބެއްގައި އާންމުކޮށް ނުހުންނަ ބަދަލެއް އައިސްފައި ހުރިތޯ ބަލައި، އަދި އެފަދަ ބަދަލެއް ހުރިކަން ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދައި އިތުރު ޓެސްޓްތައް ހެދިދާނެއެވެ.

(6) – އެހެނިހެން ބައެއް ކަންތައްތައް
·         ހަށިގަނޑު ސާފުކޮށް ބެހެއްޓުން
·         ރޭޑިއޭޝަން ހަށިގަނޑަށް ދިއުން މަދުކުރުމަށް މަސައްކަތްކުރުން : އެކްސްރޭ ނެގުން މަދުކުރުން
·         ތަފާތު ކެމިކަލްތަކަށް ހުށަހެޅޭ ފަދަ މަސައްކަތްކުރާނަމަ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރުން މިސާލަށް: މާސްކު، އަންގި، ބޫޓު، އައިނު، ތޮފި، ގައުން، އޭޕްރަން ފަދަ ތަކެތި ބޭނުންކުރުން
·         މަސްތުވާ ތަކެތި ބޭނުންކުރުމާ، ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން
·         އިސްލާމީ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް ތިމާގެ ޖިންސީ އަމަލުތައް ބެހެއްޓުން
·         ދިގުމުއްދަތަކަށް ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރާނަމަ ގަވާޢިދުން ޑޮކްޓަރަށް ދެއްކުން

ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މައުލޫމާތު:
·         ބީބީސީ.ކޮމް
·         ސީއެންއެން.ކޮމް
·         އެހެނިހެން ބައެއް ވެބްސައިޓް ތަކާއި ފޮތްތައް

No comments:

Post a Comment