Monday, October 19, 2015

ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް


ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް
ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ. ބުޅަލުގެ ފުށުން އިންސާނުންނަށް ޖެހެނީ ވަރަށް މަދު ބަލިތަކެކެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރިކުރުވަނީ އެންމެ ދެބަލީގެ ސަބަބުންނެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށްއަރާ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. 

ބުޅަލުގެ ޒަރީޢާއިން ބަލިފެތުރިދާނެ ގޮތްތައް
ބުޅަލުގެ ޒަރީޢާއިން ބަލިފެތުރިދާނެ ގޮތްތަކަކީ:-
·         ބުޅާދަތްއެޅުން ނޫނީ ވަކިއެޅުން
·         ބުޅަލުގައި އަތްލުން (ބީހުން)

·         ބުޅަލުގެ ނަޖިހުގައި އަތްލެވުން
·         ބުޅަލުގެ ނަޖިސް ކެވުން ނޫނީ ބޮވުން
ދަތްއަޅައިގެންނާއި ވަކި އެޅުމުން ބަލި އިންސާނާގެ ހަށިގަނޑަށް ވާޞިލްވާގޮތަކީ ބުޅަލުގެ އަނގައިގެ ތެރޭގައި ހުރި ޖަރާސީމު ދަތް އެޅުން ނޫނީ ވަކިއެޅުމުގެ ތެރޭގައި އިންސާނާގެ ހަމުގެ ތެރެއަށް ވާޞިލްވުމެވެ. ދަތްއަޅާއިރަށް ވަގުތުން ދަތްއެޅި ހިސާބު ސައިބޯނިލައިގެން ހޫނު ފެނުން ދޮވެލެވިއްޖެނަމަ، ބައްޔެއްގެ ޖަރާސީމު ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު ކުޑަކުރެވޭނެ އެވެ. ދަތްއެޅި ހިސާބު ރަތްވެ، ދުޅަވެއްޖެނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.
ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް
ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
(ހ) - ޓޮކްސޯޕްލާޒްމޯސިސް (Toxoplasmosis): ޓޮކްސޯޕްލާޒްމޯސިސް އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެކެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް ނުވަތަ ފަނީގެ ބިސް ހަށިގަނޑަށް ވަނުމުންނެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އިންސާނުންނަށާއި، އެހެނިހެން ޖަނަވާރުންނަށް ވާޞިލްވާގޮތް މެދުވެރިވެއެވެ. 

(ށ) - ރޭބީޒް (Rabies): ރޭބީޒް އަކީ އާންމު ގޮތެއްގައި ވަލުކުއްތާ ފަދަ ޖަނަވާރުތައް ދަތް އެޅުމުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް ރޭބީޒް ވައިރަސް ހުރި ބުޅަލެއް ދަތްއަޅައިފިނަމަ ބުޅާ ދަތްއަޅައިގެން ވެސް ރޭބީޒް ޖެހިދާނެ އެވެ. ދިވެހިރާޢްޖޭގައި އާންމުކޮށް ކުއްތާ ނުގެންގުޅޭތީ، ރާޢްޖެއިން މިބަލި ފެނިފައެއް ނުވެއެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ ބުޅަލުގެ ހަށިގަނޑުން ވެސް ރޭބީޒް ވައިރަސް ފެނިފައިވާކަން އެނގޭކަން ނެތެވެ. މިއީ ވެކްސިން ދީގެން ދިފާޢުވެވޭނެ ބައްޔެކެވެ. 

(ނ) - ކެޓް ސްކްރެޗް ޑިޒީޒް  (Cat scratch disease): ކެޓް ސްކްރެޗް ޑިޒީޒް އަކީ ބުޅަ ދަތްއަޅާ ނޫނީ ވަކިއަޅާ ތަނުގައި އުފެދޭ ބައްޔެކެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ.  މިބަލިޖެހެނީ "ބާރޓޮނެލާ ހެންސިލޭ"(Bartonella Henselae) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. މިހެންވެ މިބައްޔަށް "ބާރޓޮނެލޯސިސް" ކިޔައި އުޅެއެވެ. މިބަލިޖެހުމުން ބުޅާ ދަތް އަޅާ ތަނުގައި ރަތްކުލައިގެ ފޮޅެއް ކަހަލަ އެއްޗެއް ނަގާނެއެވެ. އޭގެ އިތުރުން ހުންއައުން، ބޮލުގައި ރިހުން، އަދި ގޮށްލުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ. 

(ރ) - ސަލްމަނެލޯސިސް (Salmanellosis): މިއީ ބުޅަލުގެ ސަބަބުން ފެތުރިދާނެ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބުޅަލާއި، މީދަލާއި، ހިކަނދި ފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގައި ސެލްމަނެލޯސިސް ޖައްސާ ޖަރާސީމު ހުރެއެވެ. މިބަލިޖެހެނީ ބުޅަލާއި، ހިކައްޖާއި، މީދާ ފަދަ ޖަނަވާރުގެ ބޮޑުކަމުނަޖިހާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުންނެވެ. އެހެންކަމުން ސެލްމަނެލޯސިސް ގިނައިން ފެތުރެނީ ޖަރާސީމާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ކެއުމުންނެވެ. އެގޮތުން ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗާއި ތަޣައްޔަރުވެގެން ވެސް ސެލްމަނެލޯސިސް ޖެހިދާނެ އެވެ.

(ބ) - ކެމްޕައިލަބެކްޓީރިއޯސިސް(Campylobacteriosis) : ކެމްޕައިލަބެކްޓީރިއޯސިސް އަކީ (ކާނާވިހަވުމުގެ) ބޭރަށްހިންގުމުގެ ވައްތަރެކެވެ. ބަލިޖެހިފައިވާ ޖަނަވާރު(ބުޅާ، ކުއްތާ)ގެ ބޮޑުކަމުނަޖިހުގައި ބީހި، އަތްލައި ހެދުމަކީ  ކެމްޕައިލަބެކްޓީރިއޯސިސް ބަލިޖެހިދާނެ ކަމެކެވެ. ބަލިޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލުން، ބަނޑުގައި ރިހުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ޅ) - ގިއާރޑިއޭސިސް އަދި ކްރިޕްޓޯސްޕޮރީޑިއޭސިސް (Giardiasis, Cryptosporidiasis): ގިއާރޑިއާ، އަދި ކްރިޕްޓޯސްޕޮރީޑިއަމް ޖަރާސީމު ބުޅަލުގެ ހަށިގަނޑުގައި ހުންނާތީ، ބުޅަލުގައި އަތްލާ ހެދުމަކީ މިދެބަލި ވެސް ޖެހިދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހިގެނީ ވެސް ބުޅާ ފަދަ ޖަރާސީމު އުފުލާ ޖަނަވާރުތަކުގައި އެއްވެސް ކަހަލަ ހުރަހެއްނެތި ބީހި އަތްލައި ހެދުމުންނެވެ. ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމަކީ އެންމެ އާންމުކޮށް މިބަލިތަކުގައި ފެންނާނެ އަލާމާތްތަކެވެ.

(ކ) - ޓޮކްސޯކޭރިއޭސިސް (Toxocariasis): ޓޮކްސޯކޭރިއޭސިސް އަކީ ބުޅަލުގެ ހަށިގަނޑުގައި އުޅޭ "ޓޮކްސޯކޭރާ ކޭޓައި" ކިޔާ ދިގުފަނީގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންނަށް ވަރަށް އާންމުކޮށް ޖެހޭ ބައްޔެކެވެ. ބުޅަލުގެ ނަޖިހާއި، ތަޣައްޔަރުވެފައިވާ ފެންބުއިން، ނުވަތަ ކާބޯތަކެތި ބޭނުންކުރުމުން މިބަލިޖެހިދާނެ އެވެ. ނޫނީ މިބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތް ( މިސާލަކަށް ވެއްޔަށް އަތްލައިހެދުމަށްފަހު) ނުދޮވެ، އަނގަޔަށް ލައިފިނަމަ ވެސް މިބަލިޖެހިދާނެއެވެ. ބަލީގެ ސަބަބުން ފެނިދާނެ އަލާމާތްތައް އެކިމީހުންނަށް ތަފާތުވެދާނެ އެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ގައިންބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ނިއުމޯނިޔާ ޖެހުން، ފުރަމޭ ބޮޑުވެ ދުޅަވުން ފަދަ ނުރައްކާތައް ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ.
(އ) - ދަދު (Ringworm): ދަދަކީ ފަންގަސް ގެ ސަބަބުން ޖެހޭ ހަމުގެ ބައްޔެކެވެ. ހަމުގައި ނަގާ ދަދު އާންމުކޮށް ހުންނަނީ ވަށްބުރުގެ ބައްޓަމަށެވެ. ބުޅާ ފަދަ ޖަނަވާރުގެ ގައިގައި އަތްލައިހެދުމުން އެފަދަ ޖަނަވާރުގެ ގައިން، އިންސާނުންގެ ގަޔަށް ދަދު ވާޞިލްވުމަކީ ވެދާނެގޮތެކެވެ. 

ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުން
ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ބުޅާ މަދުކުރުމުގެ ޕްރޮގްރާމް ހިންގުން
·         ބުޅަލުގައި އަތްލައި ހެދުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
·         ބުޅާ ދަތް އަޅާ ތަނެއް ހޫނު ފެނުން ސައިބޯނިލައިގެން ދޮވުން
·         ތަރުކާރީ، މޭވާ، ފަތްޕިލާވެލި ރަނގަޅަށް ދޮވެގެން ބޭނުންކުރުން
·         ދަނޑުވެރިކަން ކުރުމުގައ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުން
·         ދަނޑުހެއްދުމުގައި ބިންގަނޑަށް އަތްލާއިރު އަންގިލުން
·         ބިމަށް އަތްލައި ހެދުމަށްފަހު ރަނގަޅަށް އަތްދޮވުން
·         ކުޑަކުދިން ވެއްޔާއި ކުޅެ ހެދުމަށްފަހު އަތްދޮއްވުން ނޫނީ ވެއްޔާއި ކުޅެހެދިޔަނުދިނުން
·         ކުޑަކުދިން ބުޅާ ފަދަ ތަކެތީގައި އަތްލައިހެދިޔަނުދިނުން
މައުލޫމާތު :

No comments:

Post a Comment