އަތްދޮވުމުގެ
މުހިއްމުކަން
އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވެ، ސަލާމަތުން
ހުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ. މިއީ ފަސޭހައިން ކުރެވޭ އަތުން
ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ. ސައިބޯނި ލައިގެން އަތްދޮވުމަކީ
ކުޑަކުދިން އެންމެ ގިނައިން މަރުވާ ބަލިތައް ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ
ކަމެކެވެ.
އަތްދޮންނަށްޖެހެނީ ކީއްވެ؟
ސައިބޯނިލައިގެން އަތްދޮވުމަކީ ގައިންގަޔަށްއަރާ
ތަފާތު އެތައް ބަލިތަކެއް ހުއްޓުވޭނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު
އެއްގޮތެވެ. އެހެނީ ސައިބޯނިލައިގެން އަތްނުދޮވުމަކީ ގައިންގަޔަށްއަރާ ވަރަށް ގިނަ
ބަލިތައް ފެތުރެން ދިމާވާ ކަމެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި އުމުރުން 5
އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކޮންމެ އަހަރަކު މަރުވާ 6.6 މިލިޔަންކުދިންގެ
ތެރެއިން %17 މަރުވަނީ ނިއުމޯނިޔާ ޖެހިގެންނެވެ. %9 މަރުވަނީ ބޭރަށްހިންގުން
ޖެހިގެންނެވެ. އަރިދަފުސް ރޯގާ، ބޭރަށްހިންގުން، އިދިފުށަށްދަމާ ބަލި، އަދި ލޭގައި
ޖަރާސީމު އެޅުން ފަދަ ބަލިތައް ޖެހިގެން ކޮންމެ އަހަރަކު އުމުރުން 1 މަސްނުވާ 750
ހާސް ކުދިން ދުނިޔެ ދޫކުރެއެވެ.
އަތަށް ޖަރާސީމު ވާޞިލްވެ ބަލިޖެހޭގޮތްތައް
އަތަށް ޖަރާސީމު ވާޞިލްވެ ތިބާއަށާއި، އެހެން މީހުންނަށް
ބަލިޖެހިދާނެ ގޮތްތަކުގެ ތެރޭގައި:-
·
ބަލިމީހެއްގެ ގައިގައި އަތްލުމަށްފަހު އަތްނުދޮވެ، އަނގަ، ލޯ، އަދި
ނޭފަތުގައި އަތްލުން
·
އަރިދަފުސް ފޮޅުމަށްފަހު، އަތްނުދޮވެ، އެހެން މީހަކާ ސަލާމްކުރުމުން،
އެމީހަކު އަތްނުދޮވެ، އަނގަ، ލޯ، އަދި ނޭފަތުގައި އަތްލުން
·
ފާޚާނާކުރުމަށްފަހު އަތްނުދޮވެ، އެހެން މީހަކާ ސަލާމްކުރުމުން، އެމީހަކު
އަތްނުދޮވެ، އަނގަ، ލޯ، އަދި ނޭފަތުގައި އަތްލުން
·
ފާޚާނާ ކުރުމަށްފަހު އަތްނުދޮވެ، ކާބޯތަކެތީގައި އަތްލައިހެދުން، އަދި
އެއަށްފަހު އެކާބޯތަކެތި އެހެން ބަޔަކު ކެއުން
·
ކެއްސައި، ކިނބިހިއަޅައި، އަރިދަފުސް ފޮޅައި ހެދުމަށްފަހު އަތްނުދޮވުން
·
ޖަރާސީމު ހަރުލާފައި ހުރެދާނެ ތަންތަނުގައި އަތްލުމަށްފަހު އަތްނުދޮވެ،
އަނގަ، ލޯ، އަދި ނޭފަތުގައި އަތްލުން
·
ރޯމަސް ފަދަ ތަކެތީގައި އަތްލުމަށްފަހު އަތްނުދޮވުން
·
ކާތަކެތީގައި އަތްލުމުގެ ކުރިން އަތްނުދޮވުން
·
ކާތަކެތި ކެއުމުގެ ކުރިން އަތްނުދޮވުން
·
ޖަނަވާރެއްގެ ގައިގައި އަތްލައި، ނޫނީ ޖަނަވާރެއް އުފުލައިހެދުމަށްފަހު
އަތްނުދޮވުން
·
ކުނިކޮތަޅު، ޑަސްބިން ފަދަ ތަކެތީގައި އަތްލައި، އުފުލައި ހެދުމަށްފަހު
އަތްނުދޮވުން
އަތްދޮވުމަކީ އެހެން މީހުންނަށް
ބަލިފެތުރުން ހުއްޓުވޭނެ ކަމެއް
ސައިބޯނިލައިގެން އަތްދޮވުމަކީ އަތުގައި ހުންނަ
ޖަރާސީމުތައް މަރައި، ނައްތާލާނޭކަމެކެވެ. މިއީ އެހެން މީހުންނަށް ބަލިފެތުރުން
ހުއްޓުވޭނެ ކަމެކެވެ.
·
އަނގަ، ނޭފަތް، ނޫނީ ލޮލުގައި އަތްލުމަކީ ގިނަ ފަހަރު ނޭނގި ކުރެވޭ
ކަންކަމެވެ. މިތަންތަނުން ވަރަށް ފަސޭހައިން ހަށިގަނޑަށް ޖަރާސީމުތައް ވަންނަގޮތް
ވެއެވެ. އަދި މީހާއަށް ބަލިޖެހޭގޮތް ވެއެވެ.
·
އަތްނުދޮވެ، ކާތަކެތި ތައްޔާރުކޮށް، ކެއުމުގެ ތެރޭގައި އަތުގައި ހުންނަ
ޖަރާސީމުތައް ކާބޯތަކެއްޗަށް ވާޞިލްވެއެވެ. ވަކި ހާލަތްތަކެއްގައި ބައެއް ކަހަލަ
ކާބޯތަކެތީގައި ޖަރާސީމުތައް ހެދިބޮޑުވެ، އާލާވާގޮތް ވެއެވެ. އެއަށްފަހު
އެކާބޯތަކެތި ކެއުމުން ބަލިޖެހޭގޮތް ވެއެވެ.
·
ނުދޮވެ ހުންނަ އަތުގައި ހުންނަ ޖަރާސީމުތައް ވަރަށް ފަސޭހައިން އާންމުކޮށް
އަތްލައި ހަދާ ތަންތަނުގައި (މިސާލަކަށް ދޮރުގެ އަތްގަނޑު، އަލަމާރީގެ އަތްގަނޑު،
ގޮބު، ކުޅޭތަކެތި، ގޮނޑި، މޭޒު ފަދަ ތަކެތި) ހަރުލާގޮތް ވެއެވެ. އަދި އެހެން
މީހަކު އެތަންތަނުގައި އަތްލައި ހެދުމަށްފަހު، އަތްނުދޮވެ، އަނގަ، ލޯ، ނޫނީ
ނޭފަތުގައި އަތްލައިފިނަމަ ބަލިޖެހޭނެ އެވެ.
·
ސައިބޯނިލައިގެން އަތްދޮވުމަކީ ބޭރަށްހިންގުން، އަރިދަފުސް ރޯގާ ފަދަ ނޭވާލާ
ނިޒާމަށް ޖެހޭ ބަލިތައް، ލޮލުގެ ބަލިތައް އަދި ހަމުގެ ބަލިތަކުން
ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އަތްދޮންނާނެ ގޮތް ދަސްކޮށްދީ، އަތް ދޮވުމާމެދު
ހޭލުންތެރި ކުރުވުމަކީ މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބާރެއް
ލިބިގެންދާނެ ކަމެކެވެ. މުޖުތަމަޢުގެ އަފުރާދުން އަތްދޮވުމަށް ހޭލުންތެރިވުމުން :
·
ބޭރަށްހިންގުން ޖެހޭ މީހުންގެ ނިސްބަތް %31 ދަށްކުރެވެއެވެ.
·
ދިފާޢީ ނިޒާމު ދަށްމީހުންނަށް ބޭރަށްހިންގުން ޖެހޭ ނިސްބަތް %58 ދަށްކުރެވެއެވެ.
·
އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް %21-%16 ދަށްކުރެވެއެވެ.
އަތްނުދޮވުމަކީ ވަކިން ޚާއްޞަކޮށް
ކުޑަކުދިންނަށް ގެއްލުން ލިބޭނެ ކަމެއް
ކޮންމެ އަހަރަކު ނިއުމޯނިޔާ އާއި ބޭރަށްހިންގުން
ޖެހިގެން އުމުރުން 5 އަހަރުން ދަށުގެ 1.8 މިލިޔަން ކުދިން މަރުވެއެވެ.
މިދެބައްޔަކީ ދުނިޔޭގައި ކުޑަކުދިން އެންމެ ގިނައިން މަރުވާ ދެބައްޔެވެ.
·
ބޭރަށްހިންގުން ކޮންމެ 3 ކުދިންގެ ތެރެއިން އެއްކުއްޖެއް އަދި ނިއުމޯނިޔާ
ފަދަ ބަލިތައް ޖެހޭ ކޮންމެ 5 ކުދިންގެ ތެރެއިން އެއްކުއްޖެއް އަތްދޮވެގެން
ސަލާމަތްކުރެވިދާނެ އެވެ.
·
ގިނަ ބަޔަކު އަތްދޮވެ ހެދި ނަމަވެސް، ސައިބޯނި ލައިގެން އަތް ދޮންނަ މީހުން
ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. ސައިބޯނިލައިގެން އަތްދޮވުމަކީ
ޖަރާސީމުތަކުން އަތް ސާފުކޮށްދޭނެ ކަމެކެވެ.
·
ސުކޫލްތަކުގައި އަތްދޮވުމާމެދު ހޭލުންތެރިކޮށް، ސައިބޯނިލައިގެން
އަތްދޮވެވޭގޮތަށް ހަދާފައި ހުރުމަކީ ދަރިވަރުން ސުކޫލަށް ހާޟިރުވާ ނިސްބަތް
އިތުރުވާ ކަމެކެވެ.
·
ތުއްތުއިރު އަތްދޮވުން ފަދަ އާދަތައް ދަސްކޮށްދިނުމަކީ އެކަމުގެ މަންފާ
ކުޑަކުދިންނަށް ލިބޭނެ ކަމެކެވެ.
އަތްދޮންނަށްޖެހޭ ހާލަތްތައް
·
ކާތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކާތަކެތި ތައްޔާރުކުރާއިރު، އަދި
ކާތަކެތި ތައްޔާރުކުރުމަށްފަހު
·
ކެއުމުގެ ކުރިން
·
ބަލިމީހެއްގެ ގައިގައި އަތްލުމުގެ ކުރިން
·
ފާރުގަނޑެއްގައި ބޭސްއަޅައިދީ ހެދުމުގެ ކުރިންނާއި، އެފަދަ ކަމެއް
ކުރުމަށްފަހު
·
ފާޚާނާ ކުރުމަށްފަހު
·
ތުއްތު ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު، ތުއްތު ކުއްޖެއް ފާޚާނާ ކުރުމުން
ސާފުކޮށްދިނުމަށްފަހު
·
ކެއްސައި، ކިނބިހިއަޅާ ހެދުމަށްފަހު، އަދި ނޭފަތް ފޮޅުމަށްފަހު
·
ޖަނަވާރެއްގެ ގައިގައި ނޫނީ އެތަކެތީގެ ނަޖިހުގައި އަތްލެވުމަށްފހު
·
އޮޅުކޮށްގެން ގެންގުޅޭ ދޫނި، ޖަނަވާރު ފަދަ ތަކެތި އުފުލާ ހެދުމަށްފަހު
·
ކުނި ކޮތަޅު ފަދަ ތަކެތީގައި އަތްލުމަށްފަހު
·
ބަލިމީހަކަށް ބޭސްދިނުމުގެ ކުރިން
·
ބަލިމީހަކަށް އެއްވެސް ކަމެއް ކޮށްދިނުމުގެ ކުރިން
·
ލޮލަށް ލައްވާ ލެންސްގައި އަތްލުމުގެ ކުރިން
·
އެހެން މީހުންނާއި ސަލާންކުރުމުގެ ކުރިން
ހޮސްޕިޓަލް މާހައުލުގައި ކޮންމެ
އަތްދޮންނަށްޖެހޭ 5 ހާލަތް
·
ބަލިމީހެއްގެ ގައިގައި އަތްލުމުގެ ކުރިން
·
ޖަރާސީމުން އެއްކިބާވުން ލާޒިމުކުރާ ކަމެއްކުރުމުގެ ކުރިން
·
ބަލިމީހާގެ ހަށިގަނޑުން ބޭރުވި ދިޔަ އަކަށް ހުށަހެޅުމަށްފަހު
·
ބަލިމީހެއްގެ ގައިގައި އަތްލުމަށްފަހު
·
ބަލިމީހާ އޮންނަ ތަނުގައި ހުންނަ ތަކެތީގައި އަތްލުމަށްފަހު
އަތްދޮންނާނެ ގޮތް
އަތްދޮވުމަށް ހޭދަވާނެ ވަގުތަކީ 60-40 ސިކުންތެވެ.
1- ފެނުން އަތް ތެންމާލާށެވެ.
2- އަތުގެ ދެފުށުގައި ލެވޭ ވަރަށް
ސައިބޯނިލާށެވެ.
3- ދެއަތްތިލައިގެ އެތެރެފުށް
އުގުޅާލާށެވެ.
4- ވައަތު އިގިލިތައް ހުޅުވާފައި
ބަހައްޓައިގެން، ކަނާތުން ވައަތު އަތްތިލައިގެ ބޭރުފުށާއި، އިގިލިތަކުގެ ދޭތެރެ
ސާފުކުރާށެވެ. އަނެއް އަތްވެސް މިގޮތަށް ތަކުރާރު ކުރާށެވެ.
5- ދެއަތްތިލައިގެ އެތެރެފުށް
އިގިލިތަކުގެ ދޭތެރެއާއެކު އުނގުޅާށެވެ.
6- ދެއަތުގެ އިނގިލިތައް ކައިރިކޮށްފައި
ބަހައްޓައިގެން، އެއްއަތުގެ އިނގިލީގެ ބޭރުފުށް އަނެއް އަތުގެ އަތްތިލައިން
އުނގުޅާށެވެ.
7- ވައަތުގެ ބޮޑުވާ އިނގިލި ވަށައިގެން
ކަނާތުން އުނގުޅާށެވެ. އަނެއް އަތް ވެސް މިގޮތަށް ތަކުރާރު ކުރާށެވެ.
8- ވައަތުގެ އިނގިލިތައް ކައިރިކޮށްފައި
ބަހައްޓައިގެން، ކަނާތުން އަތްތިލައިގައި ވަށައިގެން އުނގުޅާށެވެ. އަނެއް އަތްވެސް
މިގޮތަށް ތަކުރާރު ކުރާށެވެ.
9- ފެނުން ސައިބޯނި ފިލުވާށެވެ.
10- ޓިޝޫއަކުން ފެން ހިއްކާށެވެ.
11- ޓިޝޫ ބޭނުންކޮށްގެން އިސްކުރު ބަންދުކުރާށެވެ.
12- މިހާރު އަތް ހުންނާނީ ޖަރާސީމު ފިލައި
ރައްކާތެރި ވެފައެވެ.
ފެނުން އަތްދޮވެވެން ނެތްނަމަ ހަދާނީ
ކިހިނެއް؟
ފެނުން އަތްދޮވެވެން ނެތްނަމަ، އަތް ސާފުކުރުމަށްޓަކައި
ހޭންޑް ރަބް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ. އެގޮތުން ބޭނުންކުރާ ހޭންޑް
ރަބް ނުވަތަ ސެނިޓައިޒަރ ގައި މަދުވެގެން %60 އަލްކޮހޯލް ހުރުން މުހިއްމެވެ. ގިނަ
ވައްތަރުގެ ޖަރާސީމުގެ ނިސްބަތް ހޭންޑް ރަބް އިން މަދުކޮށްދިނަސް، ބައެއް
ވައްތަރުގެ ޖަރާސީމުތައް ހޭންޑް ރަބް އިން އެއްކޮށް ނައްތާނުލެވޭކަން ފާހަގަ
ކުރެވެއެވެ.
އެންޓިސެޕްޓިކް ސޮލިއުޝަން
ބޭނުންކޮށްގެން އަތްތިލަ ސާފުކުރާނެގޮތް
އަތްތިލަ ސާފުކުރުމަށް ހޭދަވާނެ ވަގުތަކީ 30-20
ސިކުންތެވެ.
1- އެންޓި ސެޕްޓިކް ސޮލިއުޝަން އަތަށް
އަޅާށެވެ.
2- ދެއަތްތިލައިގެ އެތެރެފުށް
އުނގުޅާލާށެވެ.
3- ވައަތު އިގިލިތައް ހުޅުވާފައި
ބަހައްޓައިގެން، ކަނާތުން ވައަތު އަތްތިލައިގެ ބޭރުފުށާއި، އިގިލިތަކުގެ ދޭތެރެ
ސާފުކުރާށެވެ. އަނެއް އަތްވެސް މިގޮތަށް ތަކުރާރު ކުރާށެވެ.
4- ދެއަތްތިލައިގެ އެތެރެފުށް
އިގިލިތަކުގެ ދޭތެރެއާއެކު އުނގުޅާށެވެ.
5- ދެއަތުގެ އިނގިލިތައް ކައިރިކޮށްފައި
ބަހައްޓައިގެން، އެއްއަތުގެ އިނގިލީގެ ބޭރުފުށް އަނެއް އަތުގެ އަތްތިލައިން
އުނގުޅާށެވެ.
6- ވައަތުގެ ބޮޑުވާ އިނގިލި ވަށައިގެން
ކަނާތުން އުނގުޅާށެވެ. އަނެއް އަތް ވެސް މިގޮތަށް ތަކުރާރު ކުރާށެވެ.
7- ވައަތުގެ އިނގިލިތައް ކައިރިކޮށްފައި
ބަހައްޓައިގެން، ކަނާތުން އަތްތިލައިގައި ވަށައިގެން އުނގުޅާށެވެ. އަނެއް އަތްވެސް
މިގޮތަށް ތަކުރާރު ކުރާށެވެ.
8- މިހާރު އަތް ހުންނާނީ ޖަރާސީމު ފިލައި
ރައްކާތެރި ވެފައެވެ.
މައުލޫމާތު :
No comments:
Post a Comment