ރަހިމުގައި ފައިބްރޮއިޑް އުފެދުން
ފައިބްރޮއިޑަކީ ރަހިމުގެ މަސްގަނޑުގައި އުފެދޭ ޓިއުމަރގެ ވައްތަރެކެވެ ރަހިމުގައި
އުފެދޭ ފައިބްރޮއިޑަށް މަޔޯމާ އަދި ލިޔޯމަޔޯމާވެސް ކިޔައެވެ މިއުފެދި ބޮޑުވަނީ ރަހިމުގެ މަސްގަނޑުގެތެރޭގައި ނުވަތަ ދެފަރާތުގައެވެ. މީގެ ބޮޑުމިން ތަފާތު މިންވަރަށް ހުރެއެވެ. ކުޑަ
ފަސްއޮށެއްވަރުގެފައިބްރޮއިޑް ހުންނައިރު ބަރަބޮލެއްވަރުގެ ފައިބްރޮއިޑްވެސް
ހުރެއެވެ. ކިތައްމެ ބޮޑުވިޔަސް
މިވައްތަރު ޓިއުމަރ ކެންސަރަކަށް ބަދަލެއް ނުވާނެއެވެ. އާންމުގޮތެއްގައި ރަހިމުގައި ފައިބްރޮއިޑް އުފެދެނީ ދަރިމައިވާ
އުމުރުފުރާ ގައެވެ.
ފައިބްރޮއިޑް ވަކިވަރަކަށް ވުރެ ބޮޑުވެއްޖެ ނަމަ ރަހިމު އެއްފަރާތަކަށް ދިއުމަކީ
ވަރަށް ގާތް ކަމެކެވެ. އަދި ވަށައިގެންވާ އެތެރެހަށީގެ ގުނަވަންތަކަށް ބާރު
ބޮޑުވެއެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އުނދަގޫތަކާއި ކުރިމަތި ވެއެވެ.
އޭގެތެރޭގައި މަސާނާއަށް ފިތި ބާރުބޮޑުވުމުން އަވަސްއަވަހަށް ކުޑަކަމުދާން
ޖެހެއެވެ. ހިމަގޮހޮރަށް ފިތި ބާރު ބޮޑުވުމުން ބޮޑުކަމުދާން އުދަގޫވެ ދައްބަނޑުގައި
ރިއްސާގޮތް ވެއެވެ. އަދިމައްސަރު ކަންތަކުގެ ދުވަސްވަރު ގިނައިން ލޭފައިބާގޮތް
ވެއެވެ. މީގެއިތުރުން ބަލިވެއިނދެއްޖެނަމަ ވިހަން އުދަގޫވެ ސިޒޭރިއަން
ހަދައިގެންދަރިފުޅު ނަގަން ޖެހިދެއެވެ
.
ފައިބްރޮއިޑް އުފެދޭ ހަގީގީ ސަބަބެއް ނޭގެއެވެ. ނަމަވެސް ހަށިގަނޑުގައިހުންނަ
އަންހެން ހޯމޯން އެސްޓްރަޖަންގެ މިންވަރު މައްޗަށް ދިއުމަކީފައިބްރޮއިޑް ޖެހުމުގެ
ފުރުޞަތު އިތުރުވާ ސަބަބެކެވެ. އަދި ފައިބްރޮއިޑްބޮޑުވަމުންދާ ބާރުމިންވެސް
އަވަސްވެއެވެ. މިސާލަކަށް ބަލިވެއިދެއެސްޓްރަޖަންހޯމޯން މައްޗަށްދާން ފެށުމުން
ފައިބްރޮއިޑް ބޮޑުވާލެއްއަވަސްވެއެވެ. އަދި އިއްދައިންކެޑި މިހޯމޯން ދަށަށް
ދިއުމުން ފައިބްރޮއިޑްކުޑަވެ ކަމީނާވެއެވެ. އަދި އެއްކޮށް ނެތިދިޔުމަކީވެސް
ވާކަމެކެވެ
.
ބަލިވެއިންނަ އުމުރުގެ %25 މީހުންގެ ރަހިމުގައި ފައިބްރޮއިޑް ހުރެއެވެ. ފައިބްރޮއިޑް އެންމެ ގިނައިން ހުންނަނީ 35 އަހަރާއި
50 އަހަރާ ދެމެދުގެއަނހެނުންގެ ރަހިމުގައެވެ. ދިރާސާތަކުން ދައްކާ
ގޮތުގައިއެއްކުއްޖަކަށްވުރެ ގިނަކުދިން ވިހާ މައިންގެ ރަހިމުގައި
ފައިބްރޮއިޑްއުފެދުމަކީ ވަރަށް ނުވާކަމެކެވެ. ކޮންމެ 4 އަންހެނުންގެ ތެރެއިން 3 މީހުންނަށް އެމީހުންގެ ހަޔާތުގެ
ކޮންމެވެސް ދުވަސްވަރެއްގައި ރަހިމުގައި ފައިބްރޮއިޑް އުފެދުމުގެ މައްސަލަ
ދިމާވެއެވެ. ނަމަވެސް ގިނަ މީހުންނަށް އެކަން ފާހަގަނުކުރެވި ހިނގައިދާނެ އެވެ.
އެއީ އޭގެ އަލާމާތްތައް ނުފެނިދާނެތީ އެވެ.
އާންމު ގޮތެއްގައި ރަހިމުގެ ފައިބްރޮއިޑް އުފެދިގެން އަންނަނީ ރަހިމުގެ
މަޑުމަސް ފަށަލަ(myometrium) އިންނެވެ. އެންމެ ސެލްއެއް ތަކުރާރުކޮށް ބައިބައިވުމުގެ
ނަތީޖާއެއްގެ ގޮތުންކައިރީގައިވާ އެހެން ޓިޝޫތަކާ ތަފާތު، ހަރު ރަބަރު ކަހަލަ ބޮޑިވަރެއް އުފެދިގެން
ދެއެވެ. ފައިބްރޮއިޑް ހެދިބޮޑުވަމުން އަންނަގޮތް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.
ބައެއް ފަހަރު ވަރަށް ލަސްލަހުން، މަޑުމަޑުން އުފެދެމުން އަންނައިރު، އަނެއްބައި
ފަހަރު ވަރަށް އަވަހަށް ބޮޑުވެއެވެ. ނޫނީ ބައެއް ފަހަރު އުފެދުމަށްފަހު، އޭގެ
ސައިޒު އެއްވަރެއްގައި ހުންނަގޮތް ވެއެވެ. ވަރަށް ގިނަ ފަހަރު މާބަނޑު ދުވަސްވަރު
ފާހަގަކުރެވޭ ފައިބްރޮއިޑް ވިހައި، ރަހިމު ހަމައަކަށް އެޅުމުން އޭގެ ސައިޒުން
ކުޑަވެ، ހިނދި، ނެތިދާކަން ފާހަގަ ކުރެވެއެވެ.
ސަބަބު
ރަހިމުގައި ފައިބްރޮއިޑް އުފެދޭ ހަގީގީ ސަބަބުތައް އަދި ހޯދިފައެއް ނުވެއެވެ.
އެކި ދިރާސާތަކާއި، ކްލިނިކަލް ތަޖުރިބާތަކުގެ އަލީގައި ފައިބްރޮއިޑް އުފެދޭކަމަށް
ފާހަގަކުރެވިފައިވާ ކަންތައްތައް ތިރީގައި މިވަނީ އެވެ.
ވިރާސީގޮތުން އަންނަ ބަދަލުތައް : ވަރަށް ގިނަ ފައިބްރޮއިޑް ގައި
ހުންނަ ސެލްތަކުގައި، ތަބީގޮތުން ރަހިމުގެ ސެލްތަކުގައި ނުހުންނަ، ވިރާސީ
ބަދަލުތަކެއް އައިސްފައި ހުންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އާއިލާތަކުގެ
ތެރޭގައި ފައިބްރޮއިޑް ދައުރުވަމުން އަންނަކަމުގެ ހެކިތައް ވެސް ހޯދުންތަކުގެ
އަލީގައި ފެނިފައި ވެއެވެ. އެއްމާބަނޑު ދެކުދިންގެ ތެރޭގައި ފައިބްރޮއިޑް
އުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވިފައި ވެއެވެ.
ހޯރމޯންތައް : ބަލިވެއިނުމަށް ތައްޔާރުވުމުގެ ގޮތުން، މައްސަރުގެ
ތެރޭގައި ރަހިމުގެ ފާރު ހެދިބޮޑުވުމަށް ބާރުއަޅާ ދެހޯރމޯން އަކީ އެސްޓްރަޖަން އަދި
ޕްރޯޖެސްޓަރޯން އެވެ. މިއީ ރަހިމުގައި ފައިބްރޮއިޑް އުފެދުމަށް ބާރުއަޅާ ދެހޯރމޯން
އެވެ. އާންމު ގޮތެއްގައި ރަހިމުގެ މަސްފަށަލައިގެ ސެލްތަކުގައި ހުންނަވަރަށްވުރެ
ގިނައިން ފައިބްރޮއިޑްގެ ސެލްތަކުގައި އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން
ރިސެޕްޓަރުތައް ހުރެއެވެ. މިދެހޯރމޯން އުފެދުން ދަށްވާތީ އިއްދައިން ކެނޑުމުން
ފައިބްރޮއިޑްތައް ކުޑަވެ، ހިނދޭގޮތް ވެއެވެ.
އެހެނިހެން ކަންތައްތައް : އިންސިއުލިން-ލައިކް ގްރޯތު
ފެކްޓަރ އަކީ ފައިބްރޮއިޑް އުފެދުމަށް އަސަރު ފޯރުވާ މާއްދާ އެކެވެ.
މަގުފަހިކުރާ ކަންތައްތައް
ރަހިމުގައި ފައިބްރޮއިޑް އުފެދުމަށް މަގުފަހިވާ ފަދަ ބައެއް ކަންތައްތައް
ހޯދިފައި ވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި:-
ވާރުތަވުން : ދައްތަ، ނުވަތަ މަންމަގެ ފައިބްރޮއިޑްގެ ހުރުމަކީ
ކޮއްކޮމެންނާއި، ދަރިންނަށް ފައިބްރޮއިޑް ހުރުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.
ނަސްލު : އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ކަޅު އަންހެނުންގެ
މެދުގައި ރަހިމުގައި ފައިބްރޮއިޑް އުފެދުން އާންމުކަން ފާހަގަ ކުރެވެއެވެ. އަދި
އުމުރުން މާހަނގުއިރު ކަޅުމީހުންގެ ފުށުން ފައިބްރޮއިޑް ފާހަގަ ވެއެވެ. އަދި
އާދަޔާ ޚިލާފަށް ބޮޑެތި ފައިބްރޮއިޑް އުފެދޭކަން ފާހަގަ ކުރެވެއެވެ.
މާއަވަހަށް ހައިޟުވުން (ބާލިޣުވުން) : އުމުރުން 10
އަހަރުވުމުގެ ކުރިން ޙައިޟުވުން (މައްސަރުކަންތައްޖެހުން) ކުރިމަތިވާ ކުދިންނަށް
ރަހިމުގައި ފައިބްރޮއިޑް އުފެދުމުގެ ފުރުޞަތު ބޮޑެވެ.
އެހެނިހެން ކަންތައްތައް : ފައިބްރޮއިޑް އުފެދުމަށް
މަގުފަހިވާ އެހެނިހެން ކަންތައްތަކުގެ ތެރޭގައި ރަތް ކުލައިގެ އެއްގަމުމަސް މާގިނައިން ބޭނުންކުރުން، ފެހިކަން ގަދަ ފަތާއި
ތަރުކާރީއާއި މޭވާ، މާމަދުން ބޭނުންކުރުން، ބަނގުރާ ބުއިން، ފަދަ ކަންތައްތައް
ހިމެނެއެވެ.
ރަހިމުގައި ފައިބްރޮއިޑް ހުންނަ ގިނަ މީހުންނަށް އެއްވެސް
އުދަގުލެއްއަލާމާތެއް ނުފެނެއެވެ. ނަމަވެސް ބައެއް އަންހެނުންނަށް
ތިރީގައިވާއަލާމާތް ތަކުން އަލާމާތެއް ނުވަތަ އަލާމާތް ތަކެން ފެނިދާނެއެވެ.
·
މައްސަރުތެރޭގައި ގިނައިން
ލޭފޭބުން
·
މައްސަރު ކަންތައް ދިގުލައިގެން
ދިއުން ( 7 ދުވަސް ނުވަތަ އެއަށްވުރެ އިތުރުވުން)
·
ދަށްބަނޑަށް ބާރުބޮޑުވެ،
ރިއްސުން
·
މައްސަރުކަންތައް ދިމާވާއިރު
ތަދުވުން
·
އަވަސް އަވަހަށް
ކުޑަކަމުދާންޖެހުން، އަދި ކުޑަކަމުދާއިރު އުދަނގޫވުން
·
ކުޑަކަމުގޮސް ނިމިގެން ރަގަޅަށް
މަސާނާ ހުސްނުވުން
·
ބޮޑުކަމުދާން އުދަނގޫވުން
(ބަނޑުހަރުވުން)
·
ބުރަކަށީގައި ރިހުން
·
ފައިގައި ރިހުން
·
ބަލިވެއިނުން ލަސްވުން
·
ޖިމާއުވާއިރު ތަދުވުން
ފައިބްރޮއިޑްގެ ސަބަބުން ތޫނު ތަދެއް ހުރުމަކީ ވަރަށް މަދުން ދިމާވާނެ
ކަމެކެވެ. ފައިބްރޮއިޑް އަށް ލޭނުލިބުމަކީ ފައިބްރޮއިޑް މަރުވެ ހިނދޭނެ ކަމެކެވެ.
ފައިބްރޮއިޑްގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ބަރޯސާވަނީ ފައިބްރޮއިޑް
އުފެދިފައި ހުންނަ ހިސާބު، ފައިބްރޮއިޑްގެ ސައިޒު، އަދި ފައިބްރޮއިޑް އުފެދިފައި
ހުންނަ މިންވަރެއްގެ (ގިނަމަދުމިނެއްގެ) މައްޗަށެވެ.
(ހ) - ސަބްމިޔުކޯޒަލް ފައިބްރޮއިޑް (submucosal fibroid): މިއީ ރަހިމުގެ
އެތެރެއަށް ބޮޑުވާ ފައިބްރޮއިޑް އެވެ. މިވައްތަރުގެ ފައިބްރޮއިޑްގެ ސަބަބުން
މައްސަރު ކަންތައް ދިގުލައި ދިއުމާއި، މައްސަރުގެ ތެރޭގައި ގިނައިން ލޭފޭބުމުގެ
ފުރުޞަތު ބޮޑެވެ. ބައެއް ފަހަރު މިވައްތަރުގެ ފައިބްރޮއިޑްގެ ސަބަބުން
ދަރިމައިވުމަށް ހުރަސްއެޅުމަކީ ވެދާނެ ގޮތެކެވެ.
(ށ) - ސަބްސެރޯޒަލް ފައިބްރޮއިޑް (Subserosal fibroid): މިއީ ރަހިމުން ބޭރަށް
ނިކުންނަ ފައިބްރޮއިޑް އެވެ. މިވައްތަރުގެ ފައިބްރޮއިޑް ބޮޑުވެ، ބައެއް ފަހަރު
މަސާނާ އަށް ފިއްތުމަކީ ވެދާނެ ކަމެކެވެ.
މަސާނާ އަށް ފިއްތުމަކީ އޭގެ ސަބަބުން ކުޑަކަމުދާއިރު އުދަނގޫވާނެ
ކަމެކެވެ. ރަހިމުގެ ފުރަގަހުން ފައިބްރޮއިޑް އުފެދި ބޮޑުވެއްޖެނަމަ، ފުރަގަސް
ފަރާތަށް ފިއްތުމާއެކު، ނާރުތަކަށް ފިތި، އޭގެ ސަބަބުން ބުރަކަށީގައި ރިހުން
ކުރިމަތިވެދާނެ ކަމެކެވެ.
(ނ) – އިންޓްރަމިޔޫރަލް ފައިބްރޮއިޑް (Intramural
fibroid): ބައެއް ފަހަރު ފައިބްރޮއިޑް ރަހިމުގެ މަސްފަށަލައިގެ ތެރޭގައި
ހެދިބޮޑުވެއެވެ. މިވައްތަރުގެ ފައިބްރޮއިޑް އާދަޔާ ޚިލާފަށް ބޮޑުވެއްޖެނަމަ،
ރަހިމުގެ ބައްޓަމަށް ބަދަލުގެނުވައި، މައްސަރުގެ ތެރޭގައި ގިނައިން ލޭފޭބުމާއެކު،
މައްސަރު ދިގުލައި ދިއުން ކުރިމަތިކުރުވައި، މައްސަރުގެ ތެރޭގައި ދަށްބަނޑަށް ބާރުވެ، ރިއްސުން
ކުރިމަތި ކުރުވައެވެ.
ނުރައްކާތައް
ފައިބްރޮއިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި :-
·
މައްސަރުތެރޭގައި މާގިނައިން
ލޭފޭބުމުގެ ސަބަބުން ލޭމަދުވުން ކުރިމަތިވުން
·
ދަރިމައިނުވުން : މިހެން
ދިމާވަނީ ފައިބްރޮއިޑްގެ ސަބަބުން ބިސްދަތުރުކުރާ ހޮޅި ބެދުން ފަދަ ކަމެއް
ދިމާވުމުންނެވެ. ސަބްމިޔުކޯޒަލް ފައިބްރޮއިޑް ސަބަބުން ބަނޑުގައި ދަރިފުޅު
ގަރުބަގަނެ، ހެދިބޮޑުވުމަށް ބުރަސް އަޅައެވެ.
ގިނަފަހަރަށް ރަހިމުގައި ފައިބްރޮއިޑް ހުރިކަން އެނގެނީ ޑޮކުޓަރަށްދެއްކުމުން
ޑޮކްޓަރު ދަށްބަނޑު ބެލުމުންނެވެ. ޑޮކުޓަރު ފައިބްރޮއިޑްހުރިކަމަށް ޝައްކު ކުރާނީ
ދައްބަނޑު ބަލާއިރު ރަހިމުގެ ސިފައަށްބަދަލުއައިސް ގޮށްގޮށް ލައިފައި ހުންނަ
ނަމައެވެ. މިގޮތަށް ހުރެއްޖެ ނަމަސްކޭން ކޮށްގެން އެއީ ފައިބްރޮއިޑެއްތޯ
ބަލަންޖެހޭނެއެވެ. އަދި އެއީއޯވަރީގެ ޓިއުމަރއެއް ނޫންކަން ޔަގީން ކުރަން
ޖެހޭނެއެވެ.
ފައިބްރޮއިޑް އުފެދިފައި ހުރުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި
ޓެސްޓުތައް ހިމެނެއެވެ.
ސްކޭންކުރުން : މިއީ ފައިބްރޮއިޑް ހުރިކަމަށް ޝައްކުކުރެވޭނަމަ،
ޔަގީންކުރުމަށްޓަކައި ކުރެވޭ ކަމެކެވެ. ސްކޭންގެ އެހީގައި ރަހިމުގައި ފައިބްރޮއިޑް
އަދި އެނޫން އުފެދުންތައް ހެދިފައި ހުރިތޯ ދެނެގަނެވިދާނެ އެވެ.
ލެބޯޓްރީ ޓެސްޓުތައް : ރަހިމުން ލޭފައިބާނަމަ، އޭގެ
ސަބަބު ހޯދުމަށް ލޭގެ ޓެސްޓުތައް ހަދަން ޖެހިދާނެ އެވެ. އެގޮތުން ހެދޭ
ޓެސްޓުތަކުގެ ތެރޭގައި "ކޮމްޕްލީޓް ބްލަޑް ކައުންޓް"، ލޭފާއްދާ ފަދަ
ބައްޔެއްހުރިތޯ ބެލުމަށް ހަދާ ޓެސްޓުތައް، އަދި ތައިރޮއިޑްގެ މަސައްކަތް
ހުރިނެތްގޮތް ބެލުމަށް ލޭގެ ޓެސްޓުތައް ހެދުން ހިމެނެއެވެ.
އެހެނިހެން ޓެސްޓުތައް
އެމްއާރުއައި: އެމްއާރުއައިގެ އެހީގައި ފައިބްރޮއިޑްގެ ކުޑަބޮޑު
މިނާއި، އެއުފެދިފައި ހުރި ހިސާބު ދެނެގަނެވި، ފައިބްރޮއިޑްގެ ވައްތަރު
ދެނެގަނެވި، ފަރުވާ ކުރިޔަށްގެންދާނޭގޮތް ކަނޑައަޅަން ފަސޭހަވެގެން ދެއެވެ.
ރަހިމުން އެތިކޮޅެއް ނަގައިގެން ޓެސްޓުކުރުން (ބަޔޮޕްސީ
ހެދުން) : މިގޮތަށް ޓެސްޓުކުރުމުގެ ބޭނުމަކީ ރަހިމުގައި އުފެދިފައިވާ އުފެދުމަކީ
ކެންސަރުތޯ ނުވަތަ ނޫންތޯ ޔަގީންކުރުމެވެ.
ހިސްޓީރޯސޮނޮގްރަފީ : މިޓެސްޓު ހެދުމަށް ރަހިމުގެ
އެތެރެއަށް ދިޔާ ފެނެއް ފަދަ އެއްޗެއް އިންޖެކްޝަންގެ ގޮތުގައި ފޮނުވާނެލޭވޭނެ
އެވެ. އަދި އެއަށްފަހު ސްކޭން ކުރެވޭނެ އެވެ. އާންމުކޮށް ސްކޭން ކުރުމުން ނުފެންނަ
ކަންކަން ހިސްޓީރޯސޮނޮގްރަފީ އިން ފާހަގަ ކުރެވޭނެ އެވެ. މައްސަރުގެ ތެރޭގައި
މާގިނައިން ލޭފައިބާނަމަ، މިޓެސްޓު ހެދުމަށް ލަފާދެއެވެ.
ހިސްޓީރޯސަލްޕިންގަރަފީ : މިޓެސްޓު ހެދުމުގެ ކުރިން
ރަހިމުގެ އެތެރެ އާއި، ބިސްދަތުރުކުރާ ހޮޅީގެ އެތެރެ، ހުރިނެތްގޮތް އެކްސްރޭގެ
އެހީގައި ފަސޭހަކަމާއެކު ބަލާލުމަށް އެހީތެރިވެ ދިނުމަށް، ޑައި އެއް
ބޭނުންކުރެވެއެވެ. ޚާއްޞަކޮށް ދަރިމައިނުވާނަމަ، މިޓެސްޓު ހެދުމަށް ލަފާދެއެވެ. ނޫނީ
ދަރިމައިވުމަށް މަސައްކަތްކުރާ މީހުންނަށް މިޓެސްޓު ހެދުމަށް ލަފާދެއެވެ.
ހިސްޓީރޮސްކަޕީ : މިޓެސްޓު ހެދުމަށް ރަހިމުގެދޮރުގެ އެތެރެއިން
ކުޑަކުޑަ ބައްތިއެއް ރަހިމުގެ ތެރެއަށް ފޯރުކޮށް، ރަހިމުގެ އެތެރެ ބެލޭނެ އެވެ.
އެއަށްފަހު ސާފު "ސަލައިން" ރަހިމުގެ ތެރެއަށް އިންޖެކުޓްކޮށް، ރަހިމުގެ
އެތެރެ ފުޅާކުރެވެއެވެ. މީގެ ބޭނުމަކީ ރަހިމުގެ ބަތާނަ ފަށާއި، ބިސްދަތުރުކުރާ
ހޮޅި ރަހިމަށް ހުޅުވިފައިވާ ހިސާބު ހުރިނެތްގޮތް ބެލުމަށް ފަސޭހަކުރުމެވެ. ހިސްޓީރޯސްކަޕީގެ
އެހީގައި ރަހިމުގެ އެތެރެއަށް ނިކުމެފައި ހުންނަ ފައިބްރޮއިޑް ދެނެގަނެވޭނެ އެވެ.
ނަމަވެސް ރަހިމުގެ ފާރުގައި ނޫނީ ރަހިމުން ބޭރުގައި އުފެދިފައި ހުންނަ
ފައިބްރޮއިޑް ދެނެނުގަނެވޭނެ އެވެ.
ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ ގިނަ ފަހަރު ފަރުވާ ކުރަންޖެހޭނެ ކަމެއް
ނޫނެވެ. ފަރުވާކުރުމަށް ވަރަށް ގިނަ ގޮތްތަކާ ބޭސްތައް ވެސް ހުރެއެވެ. ނަމަވެސް
ރަހިމުގައި ފައިބްރޮއިޑް އުފެދުމުން ދެވޭ އެންމެ ރަނގަޅު ފަރުވާ އަކީ އޮޕަރޭޝަން
ކޮށްގެން ރަހިމު ނެގުމެވެ.
ރަހިމުގައި ފައިބްރޮއިޑް އުފެދިފައި ހުންނަ ގިނަ އަންހެނުންނަށް އެއްވެސް
ކަހަލަ އުނދަގުލެއް އިހުސާސެއް ނުވާނެއެވެ. ނޫނީ އުނދަގޫތައް އިހުސާސްވާނީ ވަރަށް
ކުޑަ މިންވަރަކަށެވެ. އެހެންކަމަށްވާނަމަ އަންނަ ބަދަލުތައް ބަލަމުން ގެންދެވިދާނެ
އެވެ. ހަދާންކުރަންވީ ފައިބްރޮއިޑް އަކީ ކެންސަރަށް ބަދަލުވާނެ އެއްޗެއް ނޫނެވެ.
ނަމަވެސް ފައިބްރޮއިޑްގެ ސަބަބުން ބައެއް ފަހަރު ބަލިވެ އިނުމަށް ހުރަސްއަޅައިފާނެ
އެވެ. ފައިބްރޮއިޑް އާންމު ގޮތެއްގައި ބޮޑުވަމުން އަންނާނީ ވަރަށް ލަސް
ލަހުންނެވެ. އަދި އިއްދައިން ކެނޑުމަށްފަހު ފައިބްރޮއިޑް ހިނދި ކަމީނާ
ވަމުންދާނެއެވެ.
ބޭސް ބޭނުންކުރުން
ރަހިމުގައި ފައިބްރޮއިޑް އުފެދުމުން ދެވޭ ބޭސް އަމާޒުކުރަނީ މައްސަރުގެ ބުރު
އިންތިޒާމުކޮށްދޭ ހޯރމޯންތަކަށެވެ. މައްސަރުގައި މާގިނައިން ލޭފޭބުން،
ދަށްބަނޑުގައި ރިހުން ފަދަ ކަންކަމަށް ފަރުވާކުރުމަކީ ފައިބްރޮއިޑް ފިލައިދާނެ
ކަމެއް ނޫނެވެ. ނަމަވެސް ފައިބްރޮއިޑް ބޭހުގެ ސަބަބުން ހިދިދާނެ އެވެ. އެގޮތުން
ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ބޭސް ތަކެވެ.
ގޯނާޑޮޓްރޮޕިން – ރިލީޒިންގ ހޯރމޯން އެގޮނިސްޓް : މިބޭސްތައް ކުރާކަމަކީ
އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން އުފެއްދުމަށް ހުރަސްއެޅުމެވެ. މިގޮތަށްވުމުން
ވަގުތީގޮތުން އިއްދައިން ކެނޑިފައިވާ ހާލަތަކަށް މީހާ ގެންދެއެވެ. އޭގެ
ނަތީޖާއެއްގެ ގޮތުން މައްސަރުކަންތައް ޖެހުން ހުއްޓިދެއެވެ. ފައިބްރޮއިޑް
ހިނދެއެވެ. ލޭމަދުވުމުގެ މައްސަލަ މަޑުމަޑުން ރަގަޅުވެއެވެ. ފައިބްރޮއިޑްގެ
އޮޕަރޭޝަންކުރުމުގެ ކުރިން ފައިބްރޮއިޑް ހިންދާލުމަށްޓަކައެވެ. މިބޭސްތައް
ބޭނުންކުރާއިރު، ބައެއް މީހުންނަށް ހޫނުވުން ކުރިމަތިވެއެވެ. މިބޭސްތައް 6-3 މަހާ
ދެމެދުގެ މުއްދަތަކަށްވުރެ އިތުރަކަށް ބޭނުމެއް ނުކުރެއެވެ. މިބޭސްތައް
ބޭނުންކުރުމުން ހުއްޓާލުމުން ފައިބްރޮއިޑްގެ އުދަނގޫތައް އެނބުރި އާދެއެވެ.
ދިގުމުއްދަތަކަށް މިބޭސްތައް ބޭނުންކުރުމަކީ ކަށިތުނިވެދާނެ ކަމެކެވެ.
ޕްރޮޖެސްޓިން- ރިލީޒިންގ އިންޓްރަޔުޓެރިން ޑިވައިސް : މައްސަރުގައި
މާގިނައިން ލޭފޭބުމުގެ އުދަނގޫ މިޑިވައިސް ބޭނުންކުރުމުން ލުއިކޮށްދެއެވެ.
މިޑިވައިސް އިން ހަމައެކަނި އުދަނގޫތަކަށް ލުއިކަން ގެނެސްދެނީ އެވެ. ފައިބްރޮއިޑް
ހިންދާލައި، އަދި ފައިބްރޮއިޑް ނައްތައެއް ނުލައެވެ.
އެހެނިހެން ބޭސްތައް : އެގޮތުން ދޭތެރެ ދުރުކުރާ
ބޭސްތައް ފަދަ ބޭސްތައް ލިޔެދީފާނެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން މައްސަރުގައި
ލޭބޭރުވުން ކޮންޓްރޯލްކޮށް ދެއެވެ. ނަމަވެސް ފައިބްރޮއިޑް ހިންދައެއް ނުލާނެއެވެ.
ފައިބްރޮއިޑް އާއި ގުޅިގެން އުފެދޭ ތަދުތައް ކެނޑުވުމަށް ތަދުކަނޑުވާ ބޭސްތައް
ބޭނުން ކުރެވެއެވެ. ފައިބްރޮއިޑްގެ ސަބަބުން ކުރިމަތިވާ ލޭބޭރުވުން، ތަދުކަނޑުވާ
ބޭސް ބޭނުންކޮށްގެން ނުހުއްޓުވޭނެ އެވެ. ލޭފޭބުމުގެ ސަބަބުން ލޭމަދުވުން
ކުރިމަތިވެއްޖެނަމަ، ވިޓަމިންތަކާ، ދަގަނޑު ބޭސް ބޭނުންކުރަން އިރުޝާދު ދެވިދާނެ
އެވެ.
އޮޕަރޭޝަން ކުރުން
އޮޕަރޭޝަންކޮށްގެން ފައިބްރޮއިޑް ނެގުން : ވަރަށް ބައިވަރު
ފައިބްރޮއިޑް، ނޫނީ ވަރަށް ބޮޑުކޮށް ފުންކޮށް ފައިބްރޮއިޑް ހެދިފައި ހުރިނަމަ،
އޮޕަރޭޝަންކޮށްގެން ފައިބްރޮއިޑް ކަފައި ނެގެއެވެ. މިގޮތަށް އޮޕަރޭޝަން ކޮށްގެން
ފައިބްރޮއިޑް ނަގަނީ ބަނޑުން ކަފާލައިގެންނެވެ. މިގޮތަށް ފަރުވާ ކުރުމުން ލިބޭ
ފައިދާއަކީ ރަހިމު ސަލާމަތުން ބެހެއްޓުމާއެކު ބަލިވެއިނުމުގެ ފުރުޞަތު އޮތުމެވެ.
ނަމަވެސްދެވަނަފަހަރަށް ފައިބްރޮއިޑް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ
.
އޮޕަރޭޝަންކޮށްގެން ރަހިމު ނެގުން : ރަހިމުގައި އުފެދޭ
ފައިބްރޮއިޑަށް ލިބޭ ހަމައެކަނި ދާއިމީ ފަރުވާކަމަށް ސާބިތު ކުރެވިފައިވަނީ
އޮޕަރޭޝަންކޮށްގެން ރަހިމު ނެގުމެވެ. މިއީ ވަރަށް ބޮޑު އޮޕަރޭޝަނެކެވެ.
އޮޕަރޭޝަންކޮށްގެން ރަހިމު ނެގުމަކީ ދަރިން ލިބުމުގެ ގާބިލިއްޔަތު ގެއްލިގެންދާނެ
ކަމެއްކަން ހަދާންކުރަން ޖެހޭނެއެވެ. އަދި މިއޮޕަރޭޝަނުގައި ބައެއް ފަހަރު
ބިސްއުފައްދާތަން ނުވަތަ ބިސްރަވަ ވެސް ނެގެއެވެ. ބިސްރަވަ ނަގައިފިނަމަ މައްސަރު
ކަންތައް ޖެހުން ހުއްޓޭނެއެވެ. މާނައަކީ އެމީހަކު އިއްދައިން ކެނޑުނީ އެވެ. މިގޮތަށް
ފަރުވާ ކުރުމުން ބަލިވެއިނުމުގެ ފުރުޞަތު އެއްކޮށްގެއްލުނީއެވެ. ނަމަވެސް މިފަދަ
އޮޕަރޭޝަނެއްގެ ފައިދާއަކީ ދެން އިތުރުފައިބްރޮއިޑެއް ނުއުފެދޭނެއެވެ
.
އޮޕަރޭޝަންކޮށްގެން ފައިބްރޮއިޑް ނުނެގި
ނަމަވެސް ކުރެވޭ ބައެއް ކަންތައްތައް
ޔުޓެރިން އާޓަރީ އެމްބޮލައިޒޭޝަން : މިޕްރޮސީޖަރގައި
ހަދާގޮތަކީ ލޭދައުރުވުން ހުއްޓުވާފަދަ އެއްޗެއް (މާއްދާއެއް) ރަހިމަށް ލޭފޮނުވާ
ލޭހޮޅިއަށް އިންޖެކްކޮށްގެން، ފައިބްރޮއިޑް އަށް ލޭފޮނުވުން ހުއްޓުވާލަނީ އެވެ.
މިހެން ހެދުމުން ފައިބްރޮއިޑް ހިނދި މަރުވެއެވެ. މިއީ ފައިބްރޮއިޑް ހިންދާލައި،
ފައިބްރޮއިޑްގެ އުދަނގޫތައް ކުޑަކުރުމަށް ރަގަޅު ގޮތެކެވެ. ބިސްއުފައްދާތަން،
ނުވަތަ އެހެން ގުނަވަނަކަށް ލޭފޮނުވުމަށް ހުރަސްއަޅައިފިނަމަ، މައްސަލަތަކާ
ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
މެޔޯލައިސިސް : މިއީ ލެޕަރޮސްކޮޕިކް ޕްރޮސީޖަރ އެކެވެ. މިޕްރޮސީޖަރ
ގައި އިލެކްޓްރިކް ކަރަންޓް، ނުވަތަ ލޭޒަރ ބޭނުންކޮށްގެން، ފައިބްރޮއިޑްއަށް
ލޭފޮނުވައިދޭ، ލޭހޮޅިތައް ހަލާކުކޮށްލައި، ފައިބްރޮއިޑް ހިންދާލަނީ އެވެ.
ލެޕަރޮސްކޮޕިކް މެޔޯމެކްޓަމީ : މިޕްރޮސީޖަރ ގައި ރަހިމު އޭގެ
މަގާމުގައި ބެހެއްޓުމަށްފަހު، ހަމައެކަނި ފައިބްރޮއިޑް ނަގަނީ އެވެ. ފައިބްރޮއިޑް
ވަރަށް ކުދިކޮށް، އަދި މަދުން ހުރިނަމަ، ބަނޑުގައި ލޯވަޅެއް އަޅައިގެން
ފައިބްރޮއިޑް ތައް ނަގައެވެ.
ހިސްޓީރޮސްކަޕިކް މެޔޯމެކްޓަމީ : މިއީ ރަހިމުގެ އެތެރޭގައި (ސަބްމިޔުކޯޒަލް
ފައިބްރޮއިޑް) ހުރިނަމަ ހެދިދާނެ ޕްރޮސީޖަރ އެކެވެ. މިޕްރޮސީޖަރގައި ކުރިމަތި
ފަރާތުން ރަހިމުގެ ތެރެއަށް އަދަވާތެއް ވެއްދުމަށްފަހު، ފައިބްރޮއިޑް ކަފައިގެން
ނެގެއެވެ.
އެންޑޯމެޓްރީއަލް އެބްލޭޝަން : މިޕްރޮސީޖަރ ގައި ޚާއްޞަ
އަދަވާތެއް ރަހިމުގެ ތެރެއަށް ވެއްދެއެވެ. އެއަށްފަހު ހޫނު، މައިކްރޯވޭވް އެނާރޖީ،
ހޫނު ފެން، ނުވަތަ އިލެކްޓްރިކް ކަރަންޓް ބޭނުންކޮށްގެން، ރަހިމުގެ ބަތާނަފަށް
ހަލާކުކޮށްލަނީ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މައްސަރު ކަންތައް ޖެހުން
ހުއްޓުން، ނުވަތަ މައްސަރުގައި ލޭފޭބުން މަދުކޮށްލައެވެ. ރަހިމުން ލޭފޭބުން
ހުއްޓުވުމަށް މިއީ ބޭނުންކުރެވިދާނެ ރަގަޅު ޕްރޮސީޖަރ އެކެވެ.
މަސްދަރު :
·
ރަހިމުގައި ފައިބްރޮއިޑް
އުފެދުން – ޑރ މުޙައްމަދު ފައިޞަލް – ކަވާސާ.ކޮމް
No comments:
Post a Comment