މިއަދަކީ ދުނިޔޭގެ ދުންފަތުގެ
އިސްތިއުމާލުނުކުރާ ދުވަސް
މިއަދު 31 މެއި އަކީ ދުނިޔޭގެ ދުނިޔޭގެ ދުންފަތުގެ
އިސްތިއުމާލުނުކުރާ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1987 ވަނަ
އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ވަކި ޝިއާރެއް ކަނޑައަޅައި
މިދުވަސް ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ
"ދުންފަތް ހިމެނޭ ތަކެތި ބަންދުކުރުމުގައި ދުންފަތް އިޝްތިހާރު ނުވާގޮތް
ޚިޔާރު ކުރަމާ" މިއެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ދުންފަތް
ބަންދުކޮށްފައި ހުންނަ ސިގިރޭޓާއި، ދުންފަތް ޕެކެޓް ފަދަ ތަކެތީގެ ބޭރު
ބޭނުންކޮށްގެން ދުންފަތް އިތުރަށް އިޝްތިހާރުކުރުން ހުއްޓުވުމުގެ މައްޗަށެވެ. ދުނިޔޭގެ
ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަ ކުރުމުގެ
މައިގަނޑު ބޭނުމަކީ ދުންފަތުގެ ވަބާއިން އިންސާނުންނަށް ލިބެމުންދާ ، ޞިއްޙީ،
މާލީ، އަދި އިގުތިޞާދީ ގެއްލުންތަކާ މެދު އާންމުން ހޭލުންތެރިކޮށް، ދުންފަތާއި
އާންމުން ދުރުކޮށް، ދުންފަތުގެ ނުރައްކާތެރި ވަބާއިން އާންމު ރައްޔިތުން
މިންޖުކުރުމަށް މަސައްކަތްކޮށް ބާރު އެޅުމެވެ.
ދިވެހިރާއްޖޭގެ ތަފާސް ހިސާބުތައް
2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި
އުމުރުން 64-15 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް އަމާޒުކުރެވިގެން
ހިންގުނު "ސްޓެޕް ސާރވޭ" ގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި އުމުރުން
34-25 އަހަރާއި ދެމެދުގެ އުމުރުގެ ފިރިހެނުންގެ މެދުގައި ދުންފަތުގެ
އިސްތިއުމާލުކުރާ ނިސްބަތް އުޅެނީ %37.6 ގައެވެ. މިއުމުރުގެ އަންހެނުންގެ މެދުގައި
މިނިސްބަތް %1.8 ގައި އުޅޭއިރު، އުމުރުން 65-55 އަހަރާއި ދެމެދުގެ މީހުންގެ
މެދުގައި މިނިސްބަތް އުޅެނީ %9.2 ގައެވެ.
2011 ވަނަ އަހަރު 15-13 އަހަރާ ދެމެދުގެ އުމުރުގެ
ކުދިންނަށް އަމާޒު ކުރެވިގެން ހިންގުނު "ގްލޯބަލް ޔޫތު ޓޮބޭކޯ
ސާރވޭ" އިން ދައްކާގޮތުގައި %19.9
ކުދިން އެންމެ ފަހަރަކު ނަމަވެސް ދުންފަތުގެ އިސްތިއުމާލުކޮށްފައި ވެއެވެ.
މިސާރވޭގައި ބައިވެރިވި %11.2 ކުދިން ކޮންމެވެސް ސިފައެއްގައި ދުންފަތުގެ
އިސްތިއުމާލު ކުރެއެވެ. އޭގެތެރެއިން %4.3 ކުދިން ސިގިރޭޓް ބޯކަމަށް ބުނިއިރު،
%2.5 ކުދިން ބުނެފައިވަނީ ގުޑުގުޑާ ބޯކަމަށެވެ. ސާރވޭގައި ބައިވެރިވި 3/1 ކުދިން
ދިރިއުޅޭ ގޭގައި އެހެން މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ކޮންމެ 5
ކުދިންގެ ތެރެއިން 2 ކުދިން ދުންފަތުގެ ދުމަށް ހުށަހެޅޭ ކަމަށް ބުނިއިރު، ކޮންމެ 5
ކުދިންގެ ތެރެއިން 2 ކުދިންނަށްވުރެ ގިނަ ކުދިންގެ މައިންބަފައިންގެ ތެރެއިން
ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ކޮންމެ 10 ކުދިންގެ ތެރެއިން
9 ކުދިން ގަބޫލުކުރާ ގޮތުގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން
މަނާކުރަން ޖެހެއެވެ. އެންމެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށަނީ
އުމުރުން 18 އަހަރުވުމުގެ ކުރިންނެވެ. ދިވެހިރާއްޖޭގައި %27 މީހުން މަރުވަނީ
ދުންފަތާއި ސީދާ ގޮތެއްގައި ގުޅުންހުރި ބަލިތަކުގައެވެ. އާސަންދައިން އެންމެ
ގިނައިން ހޭދަކުރެވޭ 5 ބައްޔަކީ ދުންފަތާއި ގުޅުންހުރި ބަލިތަކެވެ.
ދުނިޔޭގެ ތަފާސް ހިސާބުތައް
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު
ގާތްގަނޑަކަށް ބިލިޔަނެއްހާ ފިރިހެނުން ދުންފަތުގެ އިސްތިއުމާލުކުރާކަމަށް
ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ލަފާކުރެވެއެވެ. އަދި 250 މިލިޔަން އަންހެނުން
ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ލަފާކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ
މިންވަރާއި، ނިސްބަތް ދުވަހެއް ދުވަހަކަށްދަނީ މަތިވަމުންނެވެ. ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ލަފާކުރާގޮތުގައި ދިވެހިރާއްޖޭގެ އާބާދީގައި ދުންފަތުގެ
އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ގާތްގަނޑަށް އާބާދީގެ %44 ގާތް ކުރާނެއެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން
މެދުވެރިވެ، އަދި ޅައުމުރުގައި މީހުންމަރުވާ އެންމެ އާންމު ސަބަބެއްކަމަށް
ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެއީ އެންމެ އާންމުކޮށް
މީހުން މަރުވާ އަށް ބަލީގެ ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ
ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން
އަހަރަކު 6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.
މީގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ
އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ދުންފަތުގެ
ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު ދުނިޔެ
ދޫކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުގައި
ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުން މަރުވެއެވެ.
އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާއިރު، ދުންފަތުގެ
އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް
ދިރާސާތަކުން ދައްކައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް،
އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް
ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ އަދަދު 8 މިލިޔަނަށް
އަރާނެކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ހާމަކުރެއެވެ. އަދި އޭގެތެރެއިން %80
މީހުން ނިސްބަތްވާނީ ފަގީރު ނުވަތަ މެދު ފަންތީގެ ގައުމުތަކަށް ކަމުގައި
ލަފާކުރެއެވެ. މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަށް
ވުމާއެކު، ދުންފަތުން ދުރުހެލިވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅައި،
އެކަމަށް މަސައްކަތް ފެށުމަކީ އުފާވެރި ހަޔާތެއްގައި ދެމިހުރުމަށް ކުރެވޭ ރަގަޅު
ކަމަކަށްވާނެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ
ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް
އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް
ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި
ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް،
ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް،
ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ
އޭޑްސް ދުވަހެވެ.
No comments:
Post a Comment