Thursday, May 12, 2016

މައްސަރުތެރޭގައި މާގިނައިން ލޭފޭބުން

މައްސަރުތެރޭގައި މާގިނައިން ލޭފޭބުން

"މެނޮރެޖިއާ"(Menorrhagia) ނިސްބަތްކުރެވެނީ މައްސަރު ތެރޭގައި މާގިނައިން ލޭފޭބުން ނުވަތަ މައްސަރުތެރޭގައި ލޭފޭބުން ދިގުދެމި ދިއުމަށެވެ. މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަކީ ތަބީޢީ ނޫންގޮތެއްގައި ރަހިމުން ލޭފޭބުމުގެ އެންމެ އާންމު ވައްތަރެވެ. ނުވަތަ ސަބަބެވެ. މާގިނައިން ލޭފޭބުން ކަމަށް ބަލަނީ ޖެހިޖެހިގެން އެތައް ގަޑިއިރެއް ވަންދެން ލޭފޭބުމުގެ ސަބަބުން ކޮންމެ ގަޑިއަކުން ގަޑިއަކުން ޕެޑް ބަދަލުކުރަންޖެހުން ނުވަތަ ލޭފޭބުމުގެ ސަބަބުން ޕެޑް ފޯވުން ކުރިމަތިވާނަމަ އެވެ. ބައެއް ތައުރީފު ތަކުގައި މައްސަރު ތެރޭގައި މާގިނައިން ލޭފޭބުން މާނަކުރެވެނީ " މައްސަރުގެ ލޭ ފޭބުން 7 ދުވަހަށްވުރެ ދިގުމުއްތަކަށް ދިގުދެމި ދިއުމަށެވެ".

އަލާމާތްތައް
·        މައްސަރުގެ ތެރޭގައި ކޮންމެ ގަޑިއިރަކު އެއްޕެޑަށްވުރެ ގިނަ ޕެޑް ލޭފޭބުމުގެ ސަބަބުން ފޯވެ، ޖެހިޖެހިގެން ދެތިން ގަޑިއިރުވަންދެން މިގޮތަށް ލޭފޭބުން
·        މައްސަރުގެ ތެރޭގައި ލޭފޭބުން ކޮންޓްރޯލްކުރުމަށްޓަކައި އެއްޕެޑަށްވުރެ ގިނަ ޕެޑް އެއްފަހަރާ ބޭނުންކުރަންޖެހުން
·        މައްސަރު ތެރޭގައި ލޭފައިބާ މިންވަރު އިތުރުވެ، ޕެޑް ބަދަލުކުރުމަށް ރޭގަނޑު ތެދުވަންޖެހުން
·        މައްސަރުގެ ލޭފޭބުން ހަފްތާއަކަށްވުރެ ދިގުމުއްދަތަކަށް ދެމިގެންދިއުން
·        މައްސަރު ތެރޭގައި ގަނޑުގަނޑަށް ހުންނަ ލޭފޭބުން އެއްދުވަހަށްވުރެ ގިނަ ދުވަހަށް ހުރުން
·        މައްސަރު ތެރޭގައި ލޭފޭބުމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ބުރޫއެރުން
·        މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުން
·        ލޭމަދުވުމުގެ އަލާމާތްތައް ފެނުން
o       ވަރުބަލިވުން
o       ވާޅުވުން
o       ނޭވާކުރުވުން
ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
·        މައްސަރު ތެރޭގައި މާގިނައިން ލޭފޭބުން : އެގޮތުން ގަޑިއިރެއްގެ ތެރޭގައި އެއްޕެޑަށްވުރެ ގިނަ ލޭފޭބުވުމުގެ ސަބަބުން ފޯވެ، އެގޮތަށް ދެތިން ގަޑިއިރަށް ލޭފޭބުން ދެމިގެންދިއުން
·        ދެމައްސަރު ދޭތެރޭގައި އާދަޔާ ޚިލާފަށް ލޭފޭބުން
·        އިއްދައިން ކެނޑުމަށްފަހު ކުރިމަތި ފަރާތުން ލޭފޭބުން

ސަބަބުތައް
މައްސަރު ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރިވާ ސަބަބު ބައެއް ފަހަރު ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އާންމު ގޮތެއްގައި މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.


(ހ) ހޯރމޯންތަކުގެ މިންގަނޑަށް ބަދަލުއައުން :ހަށިގަނޑުގައި ހުންނަ އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންގަނޑަށް ބަދަލުއައުމަކީ މައްސަރުގެ ތެރޭގައި ރަހިމުގެ ފާރު އާދަޔާ ޚިލާފަށް ބޯވާނެ ކަމެކެވެ. މިގޮތަށް އާދަޔާ ޚިލާފަށް ރަހިމުގެ ފާރު ބޯވުމުން މައްސަރުގެ ތެރޭގައި ލޭފޭބުން އިތުރުވާނެއެވެ. މިމައްސަލަ ބޮޑަށް ކުރިމަތިވަނީ މައްސަރު ކަންތައްޖެހޭތާ ކުރީކޮޅު ފުރާވަރުގެ ކުދިންނަށާއި، އިއްދައިން ކެނޑެން ކައިރިވެފައިވާ އަންހެނުންނަށެވެ. ބިސްއުފައްދާ ތަނުގެ މަސައްކަތަށް ބުރޫއަރާފައިވާނަމަ ވެސް ހޯރމޯންތަކުގެ މިންވަރަށް ބަދަލު އައުމަކީ ވެދާނެ ގޮތެކެވެ.

(ށ) ބިސް އުފައްދާތަނުގެ މަސައްކަތަށް ބަދަލުއައުން : ބިސްއުފައްދާ ތަނުގެ މަސައްކަތަށް ބަދަލުއައުން ނުވަތަ ބުރޫއެރުމަކީ އެތަނުން ދޫކުރާ ހޯރމޯން  ޕްރޯޖެސްޓަރޯން ދޫކުރުމަށް ހުރަސްއަޅާނެ ކަމެކެވެ. މިހެންވުމުން ހޯރމޯންގެ މިންގަނޑަށް ބަދަލުއައިސް، މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރި ވެއެވެ.

(ނ) ރަހިމުގައި ފައިބްރޮއިޑް އުފެދުން : ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ ދަރިމައިވާ އުމުރުގައި އަންހެނުންނަށް ދިމާވާ ކަމެކެވެ. ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން މެދުވެރިވެދާނެ ކަމެކެވެ.

(ރ) ރަހިމުގައި މަސްކޮޅު އުފެދުން :ރަހިމުގައި މަސްކޮޅު އުފެދުމަކީ ހޯރމޯންތަކުގެ މިންގަނޑަށް އަންނަ ބަދަލު ތަކުގެ ސަބަބުން، ދަރިމައިވާ އުމުރުގައި އަންހެނުންނަށް ދިމާވާ ކަމެކެވެ. ރަހިމުގައި ޕޮލީޕް ނުވަތަ މަސްކޮޅު އުފެދުމަކީ މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން މެދުވެރިވެދާނެ ކަމެކެވެ.

(ބ) އެޑީނޯމަޔޯސިސް : އެޑީނޯމަޔޯސިސް ކުރިމަތިވަނީ ރަހިމުގެ ފާރުގެ ތެރޭގައި ހުންނަ ގްލޭންޑް ތައް ރަހިމުގެ މަސްފަށަލައިގެ ތެރޭގައި އަށަގަތުމުންނެވެ. މިހެން ދިމާވުމަކީ މައްސަރުގެ ތެރޭގައި ލޭފޭބުން އިތުރުވެ، މައްސަރުގެ ތެރޭގައި ތަދު އިތުރުވާނެ ކަމެކެވެ. އެޑީނޯމަޔޯސިސް އާންމު ގޮތެއްގައި ކުރިމަތިވަނީ ދަރިން ލިބިފައި ތިބޭ މެދުއުމުރުފުރާގެ މީހުންނަށެވެ.

(ޅ) ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅު ލެއްވުން : ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތެރެކޮޅު ލެއްވުމަކީ މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރިވެދާނެ ކަމެކެވެ.

(ކ) ކެންސަރު ޖެހުން : މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ރަހިމުގެ ކެންސަރު، ބިސްރަވައިގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު ފަދަ ކެންސަރުގެ ވައްތަރުތައް ހިމެނެއެވެ.

(އ) ލޭފޭއްދުމަށް ދިމާވާ ބަލިތައް : ލޭފޭއްދުމަށް ދިމާވާ ބަލިތަކުގެ ސަބަބުން ވެސް މައްސަރުގެ ތެރޭގައި އާދަޔާ ޚިލާފަށް ލޭފޭބުމަކީ އެކަށީގެންވާ ކަމެކެވެ. ލޭފޭއްދުމަށް މެދުވެރިވާ ބައްޔެއްކަމުގައިވާ "ވޮން ވިލީބްރޭންޑް ޑިޒީޒް" އަކީ މިފަދަ ހާލަތެކެވެ.

(ވ) ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ތަދުކަނޑުވާ ބޭސްތައް، ލޭދިޔާކުރާ ބޭސްތަކުގެ ސަބަބުން މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަކީ އެކަށީގެންވާ ކަމެކެވެ.

(މ) ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި ދުޅަ އުފައްދާ ބަލި ހުރުން (PID): މިއީ ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާ ހޮޅި ފަދަ ނަސްލު އުފައްދާ ނިޒާމު ނުވަތަ ދަރިމައިވުމުގެ ނިޒާމުގެ ބައިތަކުގައި ދުޅައުފެދި، ޖަރާސީމު އަށަގަންނަ ހާލަތެކެވެ.

(ފ) ރަހިމުން ބޭރުގައި ގަރުބަގަތުން ނޫނީ ބައިގެންދިއުން : ރަހިމުން ބޭރުގައި މިސާލަކަށް ބިސްދަތުރުކުރާ ހޮޅީގައި ދަރިފުޅު ގަރުބަގަތުމާއި، ދަރިވެއްޓުން ނުވަތަ ބައިގެންދިއުމަކީ ވެސް މައްސަރުގެ ލޭ ގިނައިން ފޭބުމަށް ދިމާވެދާނެ ކަމެކެވެ.

(ދ) އެހެނިހެން ކަންތައްތައް : ބައެއް އެހެނިހެން ޞިއްހީ މައްސަލަތަކުގެ ސަބަބުން ވެސް މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަށް މެދުވެރިކޮށްފާނެ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގެ މައްސަލަތައް ، ފުރަމޭގެ ބަލިތައް، ގުރުދާގެ ބަލިތައް، އަދި އެންޑޯމެޓްރީއޯސިސް ފަދަ މައްސަލަތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް
މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން ކުރިމަތިވަނީ ހޯރމޯންގެ މިންގަނޑަށް އަންނަ ބަދަލުގެ ސަބަބުން ބިސް ދޫކުރުމާއި ނުލައި، މައްސަރުގެ ބުރުޖެހުމުންނެވެ. އާންމު ގޮތެއްގައި މައްސަރުގެ ތެރޭގައި ބިސްއުފައްދާ ތަނުން ބިސް ދޫކުރުމުން، މައްސަރު ޖެހުން ގަވާއިދުން ކުރިމަތިވާ ހޯރމޯން ޕްރޮޖެސްޓަރޯން ދޫކުރުމަށް ބާރުއަޅާނެއެވެ. ނަމަވެސް ބިސް ދޫނުކުރުމުން ، ޕްރޮޖެސްޓަރޯންގެ މިންގަނޑަށް ބަދަލުއައިސް، މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން މެދުވެރި ކުރުވައެވެ.
ބިސްދޫކުރުމެއްނެތި، މައްސަރު ޖެހުން އާންމުކޮށް ކުރިމަތިވަނީ ދެއުމުރުފުރާގެ މީހުންނަށެވެ. އެއީ:-
(ހ) - ފުރާވަރުގެ ކުދިން (ބާލިޣުވިތާ ކުރީކޮޅު) : ބާލިޣުވާތާ ކުރީ މައްސަރުތެރޭގައި ލޭފޭބުމުގެ ފުރުޞަތު އިތުރުކަން ފާހަގަ ކުރެވެއެވެ.
(ށ) - އުމުރުން ދުވަސްވީ މީހުން (އިއްދައިން ކެނޑުމާއި ކައިރިވެފައިވާ) : މައްސަރު ތެރޭގައި މާގިނައިން ލޭފޭބުމުގެ ފުރުޞަތު އުމުރުން 50-40 އަހަރާއި ދެމެދުގެ މީހުންނަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

ދިމާވެދާނެ ނުރައްކާތައް
މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން ނޫނީ މައްސަރުގެ ލޭފޭބުން މާބޮޑަށް ދިގުދެމިދިއުމަކީ އޭގެ ސަބަބުން އެހެނިހެން މައްސަލަތައް ދިމާވެދާނެ ކަމެކެވެ. އެގޮތުން ދިމާވެދާނެ މައްސަލަ (ނުރައްކާ) ތަކުގެ ތެރޭގައި:-
(ހ) - ދަގަނޑު އުނިވުމުގެ ސަބަބުން ލޭމަދުވުން : ލޭމަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހަން ދޮންފޫޑުވުން، ވަރުބަލިވުން، ވާޅުވުން، ނޭވާކުރުވުން، ހިތުގެ ވިންދު އަވަސްވުން، ބޮލުގައި ރިހުން، އަދި ބޯއެނބުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ށ) - މައްސަރުތެރޭގައި އާދަޔާ ޚިލާފަށް ދަށްބަނޑުގައި ރިހުން

ދެނެގަތުން
މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން ދެނެގަތުމަށް ބަލިމީހާގެ ގާތުން  މައުލޫމާތު ތައް އަހައި އޮޅުން ފިލުވުމުގެ އިތުރުން ޖިސްމާނީގޮތުން ބަލާބެލުންތަކާއި، ހަދަންޖެހޭ ޓެސްޓުތައް ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން އާންމުކޮށް އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ.

(ހ) - ލޭގެ ޓެސްޓުހެދުން : ލޭގަނޑުވުން ފަދަ ކަމެއް ހުރިތޯ، ތައިރޮއިޑް މައްސަލަ، ގުރުދާ، ފުރަމޭގެ މައްސަލަ ހުރިތޯ އާއި، ލޭމަދުވުން ފަދަ ކަމެއްހުރިތޯ ލޭގެ ޓެސްޓުތަކުގެ އެހީގައި ދެނެގަނެވިދާނެ އެވެ.

(ށ) - ޕެޕްސްމިއަރ ހެދުން : ޕެޕްސްމިއަރ ހެދުމަކީ ރަހިމުގެ ދޮރުމަތިން މެދު މިންވަރެއްގެ ސެލް ކޮޅެއް ނެގުމަށްފަހު، އެސެލްތަކުގައި އާދަޔާ ޚިލާފު އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. ޓެސްޓުކުރާއިރު ރަހިމުގެ ދޮރު ބެލުމަށް ބޭނުންކުރާ ޚާއްޞަ އާލަތެއް ބޭނުންކުރާނެ އެވެ. މިޓެސްޓު ހަދާނީ މިކަމަށް ތަމްރީނު ލިބިފައިވާ ޚާއްޞަ ޑޮކްޓަރުން ނުވަތަ ޞިއްހީ އެހީތެރިންނެވެ. ޕެޕްސްމިއަރ ޓެސްޓު ހެދުމަށް ލަފާދެނީ ޖިންސީ ގުޅުން ހިންގާތާ 3 އަހަރުވެފައިވާ އުމުރުން 65-21 އަހަރާއި ދެމެދުގެ (އުމުރުން 65-18 އަހަރާއި ދެމެދުގެ) މީހުންނަށެވެ. އަދި މިޓެސްޓު ހެދުމަށް ލަފާދެނީ ކޮންމެ 3 އަހަރަކުން 1 ފަހަރު އެވެ. ޓެސްޓު ހެދުމަށްފަހު ޕޮޒިޓިވް ނަމަ، ވީއެންމެ އަވަހަކަށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަންވާނެ އެވެ.
(ނ) - ރަހިމުގެ ބަތާނަ ފަށުގެ ބަޔޮޕްސީ ހެދުން : މިއީ ރަހިމުގެ އެތެރެއިން ޓިޝޫކޮޅެއް ނަގައިގެން ޓެސްޓު ކުރުމެވެ. ބަޔޮޕްސީ ހެދުމުން ކެންސަރު ފަދަ އާދަޔާ ޚިލާފު ކަމެއް ހުރިނަމަ އެކަން ދެނެގަތުމަށް އެހީތެރިކަން ލިބިގެން ދެއެވެ.

(ރ) - ސްކޭންކުރުން : ސްކޭންކުރުމުން، ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، އަދި ޅިނދު ހިމެނޭ ހިސާބުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު އުފެދުމެއް، ސިސްޓެއް ފަދަ ކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ،
މިޓެސްޓުތަކުގެ ނަތީޖާއަށް ބަރޯސާކޮށް އިތުރު ޓެސްޓުތައް ހެދުމަށް ވެސް ލަފާދީފާނެއެވެ. އެގޮތުން އަންނަނިވި ޓެސްޓުތައް ހަދަންޖެހިދާނެއެވެ.

(ބ) - ރަހިމު ސްކޭންކުރުން (sonohistogram) : މިއީ ރަހިމުގެ ތެރެއަށް ދިޔައެއް އިންޖެކްޓްކުރުމަށްފަހު، ރަހިމު ސްކޭންކޮށްގެން ބެލުމެވެ.

(ޅ) - ހިސްޓިރޮސްކޮޕީ ހެދުން (Hysteroscopy): މިއީ ކުރިމަތިފަރާތުން ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުމެވެ.
(ކ) - ޑީއެންސީ ހެދުން : ޑީއެންސީ ގެ އެހީގައި ރަހިމުގެ ބަތާނަށް ކަހާލެވި، ލޭފޭބުމަށް މެދުވެރިވާ ސަބަބެއް ހުރިތޯ ބަލާލެވޭނެ އެވެ. ލޭފޭބުމަށް ދިމާވާ ކަމެއްގެ ފަރުވާގެ ގޮތުގައި ވެސް ޑީއެންސީ ހަދަންޖެހިދާނެ އެވެ.

ފަރުވާ
މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން ބަރޯސާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
·        ބަލިމީހާގެ އާންމު ޞިއްހަތު ހުރިނެތްގޮތް
·        ލޭފޭބުމަށް މެދުވެރިވި ސަބަބާއި، ނުރައްކާތެރިކަން ހުރި މިންވަރު
·        ބަލިމީހާއަށް ދޭ ފަރުވާ ތަހައްމަލުކުރެވިދާނެ މިންވަރު
·        މައްސަރުގެ ލޭފޭބުމަށް މަދުކުރެވިދާނެ ކަމަށް ލަފާކުރެވޭ ނިސްބަތް
·        މުސްތަގުބަލްގައި ދަރިމައިވުމަށް ރާވާފައިވާގޮތް
·        ބަލިހާލަތުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު
·        ބަލިމީހާގެ ޚިޔާލާއި ވިސްނުން ހުރިގޮތް

އާންމުކޮށްދޭ ބޭސް ފަރުވާތަކުގެ ތެރޭގައި:-
·        ދަގަނޑު ބޭސް ދިނުން : މިއީ ލޭފޭބުމުގެ ސަބަބުން މެދުވެރިވާ ލޭމަދުވުމުގެ މައްސަލަ ހައްލުކުރުމަށް ދޭ ބޭހެކެވެ.
·        ތަދުކަނޑުވާ ބޭސްތައް ދިނުން : މިސާލަކަށް ތަދާއި، މައްސަރުގެ ވޭން ކުޑަކުރުމަށް އަދި ލޭފޭބުން މަދުކުރުމަށް ބުރޫފަން ފަދަ ބޭސްތައް ދީއުޅެއެވެ. ނަމަވެސް ބައެއް މީހުންނަށް މިފަދަ ތަދުކަނޑުވާ ބޭސްތަކުގެ ސަބަބުން ލޭފޭބުން އިތުރުވުމަކީ ވެސް ވެދާނެ ގޮތެއްކަން ވިސްނުމުގައި ބަހައްޓަންޖެހެއެވެ.
·        ޓްރެނެކްސަމިކް އެސިޑް (ލޭފޭބުން ކުޑަކުރާބޭސް) ދިނުން : މިބޭހުގެ ސަބަބުން ގަނޑުވެފައިލޭކޮޅު ބައިބައިވެގެން ދިއުން ހުއްޓުވައި، ލޭމަނާކޮށްދެއެވެ.
·        ދޭތެރެދުރުކުރާ ގުޅަ ބޭސް ދިނުން : މައްސަރުގެ ކަންތައް ހަމައަކަށް އަޅުވައި ލޭފޭބުން ކުޑަކުރުމަށް ބޭނުންކޮށް އުޅެއެވެ.
·        ހޯރމޯންގެ ފަރުވާ ދިނުން : އެސްޓްރަޖަން ނޫނީ ޕްރޮޖެސްޓަރޯން ހޯރމޯން އެކުލެވޭ ގުޅަބޭސް ހޯރމޯން އެކުލެވޭ ފަރުވާގެ ގޮތުގައި ދީއުޅެއެވެ. މިބޭސްތަކުގެ ސަބަބުން ވެސް ލޭފައިބާ މިންވަރު ކުޑަކޮށްދެއެވެ.
·        ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅު ލެއްވުން ނޫނީ ހޯރމޯނަލް އައިޔޫޑީ ލެއްވުން : މިފަދަ އެތިކޮޅުތަކުގެ ސަބަބުން އޭގައި ހިމެނޭ ބޭސް ރަހިމަށް ދޫކުރުމުން މައްސަރު ހަމައަކަށް އަޅުވައިދޭ، މައްސަރުގެ ތެރޭގައި ލޭފޭބުން ދަށްކޮށްދެއެވެ.

އޮޕަރޭޝަންކޮށްގެން ދެވޭ ފަރުވާތަކުގެ ތެރޭގައި:-
·        ޑީއެންސީ ހެދުން : މިކަމުގައި ހަދާގޮތަކީ ރަހިމުގެ ބަތާނަ ފަށުގެ މަތީ ފަށަލަތައް ވަކިކޮށް ނަގަނީ އެވެ. މިގޮތަށް ހެދުމުން މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުން ހުއްޓޭނެ އެވެ.
·        ރަހިމުގެ ލޭހޮޅި އެއްޗަކުން ބައްދާލުން (ޔުޓެރިން އާޓަރީ އެމްބޮލައިޒޭޝަން)
·        ސްކޭންގެ އެހީގައި ރަހިމުގައި ހުންނަ ފައިބްރޮއިޑް ޓިޝޫތައް ހަލާކުކޮށްލުން
·        އޮޕަރޭޝަން ކޮށްގެން ރަހިމުގެ ފައިބްރޮއިޑް ނެގުން
·        ރަހިމުގެ ބަތާނަފަށް (އެންޑޯމީޓްރީއަމް) ދާއިމީ ގޮތެއްގައި ހަލާކުކޮށްލުން : މިހެން ހަދައިފިނަމަ އުމުރަށް ދޭތެރެ ދުރުކުރާބޭސް ކާންޖެހޭނެ އެވެ. އަދި ދަރިން ލިބުމަކީ ނާދިރު ކަމެކެވެ.
·        ހިސްޓީރޮސްކަޕީ ހެދުން (Hysteroscopy): މިޓެސްޓުގެ އެހީގައި ކުރިމަތި ފަރާތުން ކެމެރާ އެއް ލައްވައިގެން ރަހިމުގެ ދޮރު ހުރަސްކޮށް ރަހިމުގެ އެތެރެ ބެލެއެވެ. ރަހިމުގެ ބަތާނައިގައި ލޭފޭބުން މެދުވެރިކޮށްދާނެ ގަނޑެއް ނޫނީ އުފެދުމެއް ފަދަ އެއްޗެއް ހުރިނަމަ މިޓެސްޓުގެ އެހީގައި ދެނެގަނެވޭނެ އެވެ.
·        ރަހިމު ނެގުން (hysterectomy): މިއީ އޮޕަރޭޝަންކޮށްގެން ރަހިމާއި، ރަހިމުގެ ދޮރު ނެގުމެވެ.

މައުލޫމާތު :

No comments:

Post a Comment