Thursday, May 12, 2016

ފިތުގައި ހިލަ އުފެދުން

ފިތުގައި ހިލަ އުފެދުން
ފިތު ހިލަ ނުވަތަ ފިތުގައި ހިލަ އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ.  އިންސާނާގެ ހަށިގަނޑުގައިވާ ބިލިއަރީ ނިޒާމް ގެ ކޮންމެ ހިސާބެއްގައި ވެސް ހިލަ އުފެދިދާނެއެވެ. އެގޮތުން ފިތް، ބައިލް ޑަކްޓް، ކޮމަން ބައިލް ޑަކްޓް އަދި މިނޫން ބައިތަކުގައި ވެސް ހިލަ އުފެދިދާނެއެވެ. ބިލިއަރީ ނިޒާމްގައި ހިލަ އުފެދި ބެދުމަކީ ރީނދޫވުން ކުރިމަތި ކުރުވާނެ ކަމެކެވެ.
އިންސާނުންގެ ގެ ފިތަކީ ފުރަމޭގައި އުފައްދާ ހަޖަމުކުރުމަށް ބޭނުންވާ ދިޔައެއް ފަހުން ބޭނުންކުރުމަށްޓަކައި ރައްކާކޮށްފައި ބަހައްޓާ ތަނެކެވެ. ކޮމަން ބައިލް ޑަކްޓް ގައި ހަރުކުރެވިފައިވާ ފިތަކީ ތުނިކޮތަޅެއްގެ ސިފައިގައިވާ އެއްޗެކެވެ. ފިތުގައި ހިލަ އުފެދުމަކީ މިކޮތަޅުގެ ތެރޭގައި ހަރުވެލިފުށް ތަކެއް ފަދަ އަދި ބައެއް ފަހަރު ކުދި ބޯޅަ ވަރުގެ ހިލަކޮޅުކޮޅު އުފެދުމެވެ.

ފިތު ހިލައިގެ ސައިޒް
ފިތުގައި ހިލަ އެކި ވަރަށް އެކި ސައިޒަށް އުފެދެއެވެ. އެގޮތުން ކުދި ވެލިފުށް ވަރުގެ ހިލައިން ފެށިގެން ގޮސް ކުދި ބޯޅަ ވަރުގެ ހިލަ ވެސް އުފެދެއެވެ. ފިތުގައި ބޮޑު އެއްހިލަ ނޫނީ ކުދި ގިނަ ހިލަތަކެއް ވެސް އުފެދިދާނެ އެވެ. އެގޮތުން މިފަދަ ހިލަ ބިލިއަރީ ނިޒާމްގެ ކޮންމެ ހިސާބެއްގައި ވެސް އުފެދިދާނެ އެވެ. 

ފިތުގައި އުފެދޭ ހިލައިގެ ވައްތަރުތައް
ފިތުގައި އުފެދޭ ހިލަ އެކި ގޮތަށް ހުރެދާނެއެވެ. އެގޮތުން އުފެދޭ ހިލައިގައި ހިމެނޭ މާއްދާ އާއި ގުޅޭގޮތުން ފިތުގައި އުފެދޭ ހިލަ އަންނަނިވި ބައިތަކަށް ނުވަތަ ވައްތަރުތަކަށް  ބަހާލެވިދާނެއެވެ.

(ހ) ކޮލެސްޓްރޯލް ހިލަ: މިވައްތަރުގެ ހިލަ ހުންނަނީ ފެހި، ރީނދޫ ނުވަތަ ހުދު ކުލައިގައެވެ. ފިތުގައި އުފެދޭ ހިލައިގެ 80 އިންސައްތަ އަކީ ކޮލެސްޓްރޯލް ހިލައެވެ. 

(ށ) ޕިގްމެންޓް ހިލަ: މިއީ ކުދިކޮށް އަދިރި ކުލައިގައި ނޫނީ ކަޅުކޮށް ހުންނަ ހިލަތަކެކެވެ. މިވައްތަރުގެ ހިލައިގައި ހުންނަނީ ކެލްސިއަމް ސޯލްޓް އަދި ބިލިރޫބިން އެވެ.

ފިތުގައި ހިލަ އުފެދުމަށް މެދުވެރިވާ ސަބަބުތައް
ނިސްބަތުން ބަލާއިރު ފިތުގައި ހިލައުފެދުމަކީ ދިވެހިރާއްޖޭގައި ވެސް ޢާންމު ކަމެކެވެ. މިމައްސަލަ ގިނައިން ދިމާވަނީ މެދުއުމުރުގެ އަންހެނުންނަށެވެ. އެމީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ ދެގުނަ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. މީގެ ސަބަބެއް ކަމުގައިވަނީ އަންހެން ހޯރމޯން އެސްޓްރޯޖަން އަކީ ފުރަމޭ ގަނޑުން ނެރޭ ކޮލެސްޓްރޯލް ގިނަކުރާ އެއްޗަކަށްވާއިރު، ކޮލެސްޓްރޯލް އަކީ ފިތުގައި އުފެދޭ ހިލައިގެ އެކުލެވުމަކަށް ( ހިމެނޭ އެއްޗަކަށް ) ވާތީ އެވެ. 

ފިތުގައި ހިލަ އުފެދޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ފިތުގައި ހިލައުފެދުމަށް ސަބަބުވެރިކުރުވާ ކަމަށް ލަފާކުރެވޭ ގިނަ ކަންތައްތަކެއް ވާކަން ވަނީ ފާހަގަ ކުރެވިފައެވެ. 

(ހ) ފިތުގައި ހުންނަ ބައިލްގައި މާގިނައިން ކޮލެސްޓްރޯލް ހުރުން : އާންމު ގޮތެއްގައި ފުރަމެއިން އުފައްދައި ފިތުގެ ތެރެއަށް ފޮނުވާލާ ކޮލެސްޓްރޯލްތައް ވިރުވާލުމަށް ބޭނުންވާ ވަރަށް ކެމިކަލްތައް ބައިލްގައި ހުންނާނެ އެވެ. ނަމަވެސް ފިތުން ވިރުވާލެވޭ ވަރަށްވުރެ ގިނައިން ކޮލެސްޓްރޯލް ފުރަމެއިން އުފައްދާނަމަ، ފިތުގެ ތެރޭގައި އިތުރުވާ ކޮލެސްޓްރޯލްތައް އޮލަވެ، ގަނޑު އެތިކޮޅުތަކަށް ބަދަލުވެ، އެންމެ ފަހުން ހިލަ ކޮޅަކަށް ބަދަލުވެއެވެ. 

(ށ) ފިތުގައި ހުންނަ ބައިލްގައި މާގިނައިން ބިލިރޫބިން ހުރުން : ބިލިރޫބިން އަކީ ލޭގެ ރަތް ސެލްތައް ބައިބައިވެގެން ދިއުމުގެ ތެރޭގައި އުފެދިގެން އަންނަ ކެމިކަލް އެކެވެ. ބައެއް ހާލަތްތަކުގައި މިސާލަކަށް ފުރަމޭގައި ލަކުނުލުން، ބިލިއަރީ ނިޒާމުގައި ޖަރާސީމު އަށަގަތުން، ބައެއް ކަހަލަ ލޭގެ ބަލިތަކުގައި ފުރަމޭ އިން ބިލިރޫބިން އުފެދުން އިތުރުވެ، ފިތުގައި ހިލައުފެދުމަށް ބާރުއަޅައެވެ. 

(ނ) ފިތުގައި ހުންނަ މައްސަލަތަކުގެ ސަބަބުން ފިތުގައި ހުންނަ ދިޔަތައް ރަނގަޅަށް ބޭރުކޮށް ހުސްނުކުރެވުން : ފިތުގެ އެތެރޭގައިވާ ދިޔަ ނުވަތަ ބައިލް ފުރިހަމައަށް ބޭނުން ނުކުރެވުމުގެ ސަބަބުން އޭގެ ތެރޭގައި ދިޔަ އޮލަވެ ގަނޑު އެތިކޮޅަކަށް ބަދަލުވެ، (ބައިލްގައި ކޮލެސްޓްރޯލް އެކުލެވޭތީ) އެންމެ ފަހުން ހިލައަކަށް ބަދަލުވެއެވެ. މާބަނޑު އަންހެނުންނަށް މިމައްސަލަ ދިމާވާ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. 

(ރ) އުފެދުމުގައި ފިތުގައި ހިލަ އުފެދެން މެދުވެރިވާ ފަދަ ވިރާސީ ބަހާއެއް ހުރުން

ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަންތައްތައް 

(ހ) ހަށިގަނޑު މާބޮޑަށް ބުރަހެލިވެ ފަލަވުން : ހަށިގަނޑު މާބޮޑަށް ބުރަހެލިވެ ފަލަވުމަކީ ކޮލެސްޓްރޯލްގެ މިންވަރު މަތިވެ، ފިތުން ބައިލް ބޭރުކޮށް ހުސްކުރުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމެކެވެ. 

(ށ) ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުން، ބަލިވެއިނުން، އިއްދައިން ކެނޑުމުން ހޯރމޯންގެ ފަރުވާ ނެގުން : މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވެ، ކޮލެސްޓްރޯލްގެ މިންވަރު މަތިވެ، ފިތުން ބައިލް ބޭރުކޮށް ހުސްކުރުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމެކެވެ. 

(ނ) ހަކުރު ބަލި : ހަކުރު ބަލީގެ ސަބަބުން ވެސް ފިތުގައި ހިލައުފެދުން އިތުރުކޮށްދެއެވެ. މިގޮތަށް ދިމާވަނީ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި ލޭގައި ހުންނަ ސަރުބީގެ ވައްތަރެއް ކަމުގައިވާ ޓްރައިގްލިސެރައިޑް މަތިވުމުގެ ފުރުޞަތު އޮންނާތީ އެވެ. ޓްރައިގްލިސެރައިޑްގެ މިންވަރު މަތިވުމަކީ ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަމެކެވެ. 

(ރ) ސަރުބީ ގެ މިންވަރު ދަށްކުރުމަށް ބޭސް ބޭނުންކުރުން : ސަރުބީ މަތިވުމުން ސަރުބީގެ މިންވަރު ދަށްކުރުމަށްދޭ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ބައިލް ގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވެ، ކޮލެސްޓްރޯލް އެކުލެވޭ ހިލަ، ފިތުގައި އުފެދުމަށް މަގުފަހި ވެއެވެ. 

(ބ) ކުއްލިއަކަށް ބަރުދަން ލުއިކޮށްލުން: ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީވެސް ފިތުގައި ހިލަ އުފެދުން މެދުވެރިވެދާނެ ސަބަބެކެވެ. އެއީ ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމުން ފުރަމޭ އިން ކޮލެސްޓްރޯލް އުފެއްދުން އިތުރުވެ، ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާތީ އެވެ. 

(ޅ) ގުނަވަން ބަދަލުކުރުން : ކަށީގެ މަދު ބަދަލުކުރުން، އަދި ގުރުދާ ބަދަލުކުރުމަކީ ވެސް ފިތުގައި ހިލަ އުފެދުމަށް ބާރުއަޅައިދޭ ކަންކަމެވެ.

(ކ) އާއިލާގެ ތެރޭގައި ފިތުގައި ހިލަ އުފެދުން ދައުރުވަމުން އައުން : އާއިލާގެ މެންބަރުންގެ މެދުގައި ކުރިއްސުރެ ފިތުގައި ހިލަ އުފެދުން ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުމަކީ ވެސް ފިތުގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމެކެވެ. 

 (އ) އެހެނިހެން ކަންތައްތައް
v     އަންހެނަކަށްވުން
v     އުމުރުން 60 އަހަރަށްވުރެ މަތިވުން
v     މާބަނޑުވުން
v     ތެލާއި ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތައް މާގިނައިން ކެއުން
v     ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުން
v     އެސްޓްރަޖަން އެކުލެވޭ ހޯރމޯންގެ ފަރުވާ ނެގުން
ފިތުގައި ހިލަ އުފެދުމުން ފެނިދާނެ އަލާމާތްތައް
ފިތުގައި ހިލަ އުފެދޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ އޭގެ ސަބަބުން އެއްވެސް ޝަކުވާއެއް ކުރާ ބައެއް ނޫނެވެ. އެމީހުންގެ ފިތުގައި ހިލަ އުފެދިފައިވާކަން އެނގެނީ އެހެން ކޮންމެވެސް ކަމެއްގައި ބަނޑުގެ ސްކޭނެއް ހެދުމުން ނުވަތަ އެކްސްރޭއެއް ނެގުން ފަދަ ކަމެއް ކުރުމުންނެވެ. ފިތުގައި ހިލަ އުފެދުމުން އާންމުކޮށްކުރާ ބައެއް ޝަކުވާތައް ނުވަތަ ފެންނަ އަލާމާތްތައް ތިރީގައި މިވަނީ އެވެ. 

v     ބަނޑުގެ ކަނާތްފަރާތުން މަތީބައިގައި ރިއްސުން : މިތަދު ބައެއް ފަހަރު ރަގަޅުވެފައި އަނެއްބައި ފަހަރު ބޮޑުވެއެވެ. ބައެއް ފަހަރު ތޫނު ތަދެއްގެ ގޮތުގައި އައިސް އަނެއް ބައި ފަހަރު ސިފަކުރަން ނޭގޭކަހަލަ ގޮތަކަށްވާ އުދަގުލެއް ފަދަ ތަދަކަށް ވެސް ވެއެވެ. ބައެއް ފަހަރު މިތަދު ބުރަކައްޓާއި ދިމާލަށް ނުވަތަ ކަނާތް ފަރާތު ކޮނޑުހުޅާއި ދިމާލަށް ވެސް ދަތުރުކުރެއެވެ. ގިނަ ފަހަރު ތަދު ބޮޑުވަނީ އެއްޗެއް ކެއުމަށްފަހު ގައެވެ.
v     ހުންއައުން
v     ރީނދޫވުން: އެގޮތުން ލޯ އަތްފަދަ ގުނަވަންތައް ރީނދޫވުމަކީ ވެދާނެ ގޮތެކެވެ.
v     މޭނުބައިކުރުން
v     ހޮނޑުލުން
v     ކޮނޑުމައްޗާ ދިމާލުން ބުރަކަށްޓަށް ތަދުވުން
v     ކަނާތު ކޮނޑަށް ތަދުވުން
ދިމާވެދާނެ ނުރައްކާތައް
(ހ) ފިތް ދުޅަވެ ދޮސްގަތުން : ފިތުގެ ފެށޭ ހިސާބު (ކަރު) ގައި ހިލަ ތާށިވުމަކީ ފިތް ދުޅަވެ، ދޮސްގަތުމަށް މެދުވެރިވެދާނެ ކަމެކެވެ. މިފަދަ ހާލަތުގައި ބަނޑުގެ ކަނާތް ފަރާތުން މަތީބައިގައި ރިހުމާއެކު، ހުންއައުމަކީ އެކަށީގެންވާ ކަމެކެވެ. 

(ށ) ކޮމަން ބައިލް ޑަކްޓް ބެދުން : ފިތުގައި ހިލަ އުފެދުމަކީ ފިތުން ކުޑަ ގޮހޮރަށް ބައިލް ގެންގޮސްދޭ ހޮޅީގެ ތެރޭގައި ފިތުގައި އުފެދޭ ހިލަ ތާށިވެ، އެހޮޅި ބައްދައިލައިފާނެ ކަމެކެވެ. މިހާލަތުގައި ރީނދޫވުމާއެކު، މިހޮޅީގައި ޖަރާސީމު ހަރުލުމަކީ އެކަށީގެންވާ ކަމެކެވެ. 

(ނ) ޕެންކްރިއެޓިކް ޑަކްޓް ބެދުން : ޕެންކްރިއެޓިކް ޑަކްޓަކީ ޗިސްމޭ އިން ކޮމަން ބައިލް ޑަކްޓަށް އައިސްފައިވާ ހޮޅި އެކެވެ. ޗިސްމޭގައި އުފައްދާ ހަޖަމުކުރުމަށް އެހީވެދޭ ދިޔަ ނުވަތަ ޖޫސް ބޭރުކުރަނީ ނޫނީ ދޫކުރަނީ މިހޮޅިންނެވެ. ފިތުގައި ހިލަ އުފެދުމަކީ ޕެންކްރިއެޓިކް ޑަކްޓް، ބެދި، އޭގެ ސަބަބުން ޗިސްމޭ ދުޅަވެ، ދޮސްގަނެދާނެ ކަމެކެވެ. ޗިސްމޭ ދުޅަވުމަކީ ބަނޑުގައި ނުފިލާ ތަދެއް ހުރުމާއެކު އޭގެ ސަބަބުން ހަސްފަތާލުގައި އެދުމަތި ވާން ޖެހިދާނެ ކަމެކެވެ. 

(ރ) ފިތުގެ ކެންސަރު : ފިތުގައި ހިލަ އުފެދުމަކީ ފިތަށް ކެންސަރުގެ ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. ފިތުގައި ހިލަ އުފެދުމަކީ ފިތުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމަކަށް ވިޔަސް ފިތަށް ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި މިފަދަ ހާލަތުގައި ކެންސަރު ޖެހެނީ ވަރަށް މަދުންނެވެ. 

ބަލިދެނެގަތުމަށްޓަކައި ހެދޭ ޓެސްޓްތައް
ފިތުގައި އުފެދިފައިވާ ހިލަ އުފެދުމަށް ތަފާތު ޓެސްޓުތައް ހެދެއެވެ. އަދި ތަފާތު ބެލުންތައް ބަލައި ޗެކުކުރެވެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
(ހ) ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ބަނޑުގައި ރިހުން ހުރި ހިސާބާއި މުޅި ހަށިގަނޑު ބަލައި ޗެކުކޮށް ހަދާނެއެވެ. 

(ށ) ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުތައް ހަދަނީ ޖަރާސީމުގެ އަސަރު ހުރިތޯ ބަލާށާއި، އެއްވެސް ކަހަލަ ބެދުމެއް ބިލިއަރީ ނިޒާމުގައި ހުރިތޯ ބަލާށާއި، އެހެން  އެއްވެސް މައްސަލަ އެއް ހުރިތޯ ދެނެގަތުމަށެވެ. ފުރަމޭ ގެ މަސައްކަތްތައް ރަގަޅަށްކުރޭތޯ ބަލަން ހަދާ ލޭގެ ޓެސްޓްތަކާއި، ޗިސްމޭ ގެ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް ހަދާ ލޭގެ ޓެސްޓްތައް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

(ނ) ބަނޑުގެ ސްކޭން ހެދުން : ފިތުގައި ހިލައުފެދިފައިވާކަން ޔަގީންކުރުމުގެ ގޮތުން ހަދާ އެންމެ އާންމު ޓެސްޓަކީ ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން އެވެ. މިޓެސްޓުން ފިތުގައިވާ ހިލަ އަދި ފިތުގެ ބިތްތަކަށް އައިސްފައިވާ ބަދަލުތައް ދައްކައިދެއެވެ.

(ރ) ބަނޑުގެ ސީޓީ ސްކޭން ހެދުން : ބަނޑުގެ ސީޓީ ސްކޭން އަކީ ވެސް ބައެއް ގައުމުތަކުގައި ހަދާ ޓެސްޓެކެވެ. ނަމަވެސް އެފަދަ ޓެސްޓެއް ހެދުން ރަގަޅުވާނީ އަލްޓްރާ ސައުންޑް ސްކޭން އިން ފުރަމޭ ގައި ނުވަތަ އެއާއި ގުޅިފައިވާ ހޮޅިތަކުގައި ދުޅައެއް ހުރިކަމަށް ޝައްކުކުރެވި އެކަން ދިރާސާ ކުރުމަށްޓަކައެވެ. 

(ބ) އިންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯ ޕެންކްރިއެޓޮގްރަފީ ހެދުން : މިއީ ފިތުގައި ހިލަ އުފެދުމާއެކު އެއާއި ގުޅިފައިވާ ހޮޅިތަކުގެ ތެރޭގައި ހިލަ އުފެދި ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި އެހޮޅިތައް ބެނދިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ޅ) މެގްނެޓިކް ރިސޮނެންސް  ރެޓްރޯގްރޭޑް ކޮލަންޖިއޯ ޕެންކްރިއެޓޮގްރަފީ ހެދުން : މިއީ ވެސް ފިތުގައި ހިލަ އުފެދުމާއެކު އެއާއި ގުޅިފައިވާ ހޮޅިތަކުގެ ތެރޭގައި ނުވަތަ ފިތާއި، ފުރަމޭގެ ތެރޭގައި ހިލަ އުފެދި ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި އެހޮޅިތައް ބެނދިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ކ) އެންޑޮސްކަޕިކް އަލްޓްރާ ސައުންޑް : މިއީ އެންޑޮސްކަޕީ އާއެކު ބަނޑުގެ ސްކޭން ވެސް ހެދުމެވެ. މިއީ ވެސް ފިތުގައި އުފެދޭ ހިލަ ދެނެގަތުމަށް ހެދިދާނެ ޓެސްޓެކެވެ. 

(އ) ކޮލެސްކިންޓިގްރަފީ (ހިޑާ ސްކޭން : ހެޕަޓޯބިލިއަރީ ޑައިއެސިޓިކް އެސިޑް) : މި ޓެސްޓުގެ އެހީގައި ފިތް އޭގައި ހުރި ދިޔަތައް ހުސްކުރުމަށް ރަނގަޅަށް ފިއްތައިލާތޯ ބެލިދާނެ އެވެ. މިޓެސްޓު ހެދުމަށް ރޭޑިއޯ އެކްޓިވް މާއްދާއެއް ހަށިގަނޑަށް ފޮނުވުމަށްފަހު، ފިތުގެ ހަރަކާތްތައް ބަލައި މޮނީޓަރ ކުރެވެއެވެ. 

ފަރުވާ
ބޭސް ބޭނުންކުރުން
ފިތުގައި އުފެދިފައިވާ ހިލަ ވިރުވާލުމަށް ކާނޭ ބޭހެއްވޭތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. ތަންކޮޅެއް ކުރިން މިފަދަ ބޭސް ބޭނުން ކުރެވުނެވެ. ނަމަވެސް އެފަދަ ބޭހެއްގެ ސަބަބުން ވިރިގެންދަނީ ވަރަށް މަދު ހިލަ ކޮޅެކެވެ. އަދި އެފަދަ ބޭހެއް ބޭނުންކުރާނަމަ ދެއަހަރުވަންދެން ހުއްޓާނުލައި ބޭސް ބޭނުންކުރަން ޖެހެއެވެ. ހިލަކޮޅު ވިރިގެން ދިޔަނަމަވެސް އަލުން އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮވެއެވެ. އެފަދަ ބޭހެއް ބޭނުން ކުރަމުން ދަނިކޮށް ފިތް ދުޅަވެ، ޖަރާސީމް އަޅައި ހޮސްޕިޓަލްގައި އެދުމަތިކުރެވޭ މީހުން ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ބަލީގެ ނުރަގަޅު އަސަރު މުޅި ހަށިގަނޑަށް ކުރެއެވެ. ވުމާއެކު މިފަދަ ބޭސް ބޭނުންކުރުމަކީ މިހާރު އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ.

ގުރުދާގައި އުފެދޭ ބައެއް ވައްތަރުގެ ހިލަތައް ގޮއްވާލައި އެއެއްޗެތި ކުޑަކަމުދާ ތަކެއްޗާއި އެކު ނެރެއެވެ. މިފަދަ ހުނަރެއް ފިތުގައި އުފެދޭ ހިލައަށް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ބައެއް ބަލި މީހުންނަށް މިފަދަ ފަރުވާ ބޭނުންކުރުމަކީ ނުވެސްކުރެވޭނެ ކަމެކެވެ. ވުމާއެކު އެފަދަ ފަރުވާއެއް ފިތުގައި އުފެދޭ ހިލައަށް އެއްވެސް ބަޔަކު ބޭނުމެއްނުކުރެއެވެ. 

އޮޕަރޭޝަންކުރުން
ފިތުގައި ހިލަ އުފެދުމުން ދެވޭ ރަނގަޅު ފަރުވާ އަކީ ހިލަ އާއިއެކު ފިތްވެސް ނެގުމަށް އޮޕަރޭޝަން ކުރުމެވެ. މިއޮޕަރޭޝަންގެ ނަމަކީ ކޮލެސިސްޓެކްޓޮމީ އެވެ. ކުރިން ބަނޑު ހުޅުވާލައިގެން ކުރަމުން އައި އޮޕަރޭޝަން މިހާރު ކުރަމުންދަނީ ބަނޑުގައި ތިން ހަތަރު ލޯވަޅު އަޅައިގެންކުރާ ލެޕަރޮސްކޯޕިކް އޮޕަރޭޝަނެއްގެ ގޮތުގައެވެ. އެހެންކަމުން މިއީ ބަނޑު ހުޅުވާލައިގެންނާއި، ބަނޑުގައި ލޯވަޅު އަޅައިގެން ވެސް ކުރެވިދާނެ އޮޕަރޭޝަނެކެވެ. 

ބަނޑުގައި ލޯވަޅު އަޅައިގެން އޮޕަރޭޝަންކުރުން : މިއީ މިހާރު އެންމެ އާންމުކޮށް މިއޮޕަރޭޝަން ކުރާގޮތެވެ. ބަނޑުގައި އަޅާލެވޭ ލޯވަޅުތަކުގެ އެހީގައި ބަނޑުގެ ތެރެއަށް އޮޕަރޭޝަންގައި ބޭނުންކުރެވޭ އާލަތްތަކާއި، އަލިކަންދޭ ބައްތި އާއި، ކެމެރާ ފޯރުވައިގެން ހަށިގަނޑުގެ އެތެރެ ވީޑިޔޯ މޮނީޓަރަކުން ބަލަމުން އޮޕަރޭޝަން ކުރެވިދާނެ އެވެ. މީގެ ސަބަބުން ހޮސްޕިޓަލްގައި އޮންނަންޖެހޭ މުއްދަތު ކުރުވެފައި ކުރިން ހުރި ޙާލަތަށް އަނބުރާއަންނަލެއް އަވަސްވެއެވެ. 

ބަނޑުފަޅައިގެން އޮޕަރޭޝަންކުރުން : މިއީ ބަނޑުފަޅައިގެން ހިލައާއި ފިތް ނެގުމުގެ އޮޕަރޭޝަން ކުރުމެވެ. މިއޮޕަރޭޝަނަށްފަހު ކުޑަ ދުވަސްކޮޅު ހޮސްޕިޓަލްގައި އޮންނަށް ޖެހިދާނެ އެވެ. 

ރައްކާތެރިވުން
ފިތުގައި ހިލަ އުފެދުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ގަޑިން ގަޑިއަށް ކެއުން ނުވަތަ ނުކައި ގިނައިރު ނުހުރުން
·         މާބޮޑަށް ފަލަނަމަ ހަށިގަނޑުގެ ބަރުދަން މަޑުމަޑުން ލުއިކުރުން : އެދެވިގެންވަނީ ހަފްތާއަކު 1- ½ ދެމެދުގެ މިންވަރެއް ލުއިކުރެވޭތޯ ބެލުމެވެ.
·         ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓޭތޯ ބެލުން : އެގޮތުން ގަވާއިދުން ކަސްރަތުކުރުމާއި، ކެއުމުގައި ހަށިގަނޑަށް ފައިދާހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަން ދެވިދާނެ އެވެ.
މައުލޫމާތު :
·         ޑރ ޢަބުދުﷲ ޢުބައިދު – ފިތުގައި ހިލަ އުފެދުން - 22 ސެޕްޓެމްބަރ 2009 -  ހަވީރު ނޫސް - މާލެ، ދިވެހިރާއްޖެ

No comments:

Post a Comment