Thursday, March 2, 2023

ނެފްރިޓިކް ސިންޑްރޯމް

ނެފްރިޓިކް ސިންޑްރޯމް

ނެފްރިޓިކް ސިންޑްރޯމް(nephritic syndrome)  އަކީ ކުޑަކަމުނަޖިހުގައި ލޭހުރުން، ލޭމައްޗަށްދިއުން، ކުޑަކަމުދެވުން މަދުވުން، އަދި ދުޅަވެ ފޮއްސިވުން ކުރިމަތިކުރުވާ ކްލިނިކަލް ސިންޑްރޯމް އެކެވެ. މިއީ ގުލޯމެރިޔޫލަސް ދުޅަވުމުން(glomerulonephritis) ފެންނަ އަލާމާތްތަކެކެވެ.  ކޮންމެ އުމުރެއްގައި ވެސް ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ. ކުރިމަތިވާ ސަބަބު އުމުރަށް ރިޢާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިމަތިވާގޮތް ސަބަބަށް ރިއާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ (ހަޝްމީ އަދި ޕާންޑޭ، 2022).

ނެފްރިޓިކް ސިންޑްރޯމް އެކިޔުޓް (ދެތިން ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި ލޭގެ ކްރިއެޓިނިން މިންވަރު މަތިވުން) ކަމެއްގެ ގޮތުގައި ނޫނީ ކްރޯނިކް ( އެތައް އަހަރަކުން ގުރުދާގެ މަސައްކަތްތައް ހީނަރުވުން) ކަމެއްގެ ގޮތުގައި ވެސް ކުރިމަތިވެދާނެ އެވެ. މީގެ އިތުރުން ޕްރައިމަރީ އަދި ސެކަންޑަރީ ސަބަބު ތަކާ ހެދި ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ (ހަޝްމީ އަދި ޕާންޑޭ، 2022).


ނެފްރިޓިކް ސިންޑްރޯމް އަކީ ގުރުދާގައި އިންފްލެމޭޝަން އުފެދުން ނޫނީ ގުރުދާ ދުޅަވުމުން (މައިގަނޑުގޮތެގައި ގްލޯމެރިޔޫލަސް ދުޅަވުން) ފެންނަ ބައިވަރު އަލާމާތްތަކަކާއި، ނިޝާންތަކަށް ކިޔާ ނަމެކެވެ. މިގޮތަށް ގުރުދާ ދުޅަވުމުން ގުރުދާގެ މަސައްކަތް ހީނަރުވެއެވެ. މިބަލީގެ ސަބަބުން ކުޑަކަމު ނަޖިހުގެ ތެރެއިން ލޭ އަދި ޕްރޮޓީން ބޭރުވާގޮތް ވެއެވެ (އަޑާ.ކޮމް، 2022).

ސަބަބު

ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވަނީ ގުރުދާގައި ހުންނަ ގުލޯމެރިޔޫލަސް ތަކުގައި އިންފްލެމޭޝަން އުފެދި ދުޅަވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ގްލޯމެރިޔޫލަސް އަކީ ގުރުދާގައި ލޭފުރާނަދޭ އަސާސީ ޔުނިޓް ކަމަށްވުމުން ގްލޯމެރިޔޫލަސް ދުޅަވުމުން އޭގެ އަސަރު ގުރުދާގެ މަސައްކަތަށްކޮށް، ގުރުދާގެ މަސައްކަތަށް ހީނަރުކަން ގެނުވައެވެ. ނުވަތަ ލޭފުރޭނުމުގެ މަސައްކަތަށް ލޮޅުން އަރާގޮތް ވެއެވެ. މި އިންފްލެމޭޝަންގައި ގުރުދާއިން ވެސް ފެށިގެން އަތުވެދާނެ އެވެ. ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގައި އުފެދޭ އިންފެކްޝަންއެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް މިބަލި ކުރިމަތިވެދާނެ އެވެ.

އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ.

(ހ) ޕްރައިމަރީ ގްލޯމެރިޔޫލަރ ޑިޒީޒް : މިސާލަކަށް ބާރގަރސް ޑިޒީޒް ނުވަތަ އައިޖީއޭ ނެފްރޯޕަތީ އަދި މެންބްރޭނޯޕްރޮލިފެރޭޓިވް ގްލޯމެރިޔުލޯނެފްރައިޓިސް ގެ ސަބަބުން ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ. ބާރގަރސް ޑިޒީޒް އަކީ ނެފްރިޓިކް ސިންޑްރޯމް ކުރިމަތިކުރުވާ ވަރަށް އާންމު ސަބަބެކެވެ.

(ށ) ބެކްޓީރިއަލް އިންފެކްޝަންތައް : މިސާލަކަށް މެތިސިލިން އަށް ނުގުޑާ ސްޓެފައިލޮކޯކަސް އޯރިއަސް ޖަރާސީމުން ޖެހޭ އިންފެކްޝަން، ނިއުމޯކޯކަލް ޖަރާސީމުތަކުން ކުރިމަތިވާ ނިއުމޯނިޔާ، ޓައިފޮއިޑް ހުން، އިންފެކްޓިވް އިންޑޯކާޑައިޓިސް، އަދި ސެކަންޑަރީ ސިފިލިސް ފަދަ އިންފެކްޝަންތަކުގެ ސަބަބުން ނެފްރިޓިކް ސިންޑްރޯމް ކުރިމަތިކުރުވައެވެ. ސްޓްރެޕްޓޮކޯކަސް ޖަރާސީމުން ޖެހޭ އަރުތެރޭގެ އިންފެކްޝަން އަށްފަހު ކުޑަކުދިންނަށް ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވުމަކީ ވަރަށް އާންމު ކަމެކެވެ.

(ނ) ވައިރަލް އިންފެކްޝަންތައް : މިސާލަކަށް ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަމޭ ދުޅަވުން، ކޯފުއްޕި، ފާނަބަސަނދު، ހިމަބިހި އަދި ގްލޭންޑިއުލަރ ފީވަރ (މޮނޯނިއުކްލިއޯސިސް) ގެ ސަބަބުން ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވާގޮތް ވެއެވެ.

(ރ) މަލްޓިސިސްޓެމިކް އިންފްލެމޭޓަރީ ޑިޒީޒް : މިސާލަކަށް ވެސްކިޔުލައިޓިސް، ގޫޑްޕޭސްޗަރސް ސިންޑްރޯމް، އަދި ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ފަދަ ބަލިތަކުގެ ސަބަބުން ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ.

(ބ) ބަނޑުތެރޭގައި މުލިހި ޖެހުން : މިއީ ބަނޑުގެ އެތެރޭގައި ނޫނީ އެތެރެހަށީގައި ޖަހާ މުލިއްސެވެ. މިފަދަ އެތެރެ ހަށީގެ ގުނަވަނެއްގެ ކައިރީގައި ނޫނީ ގުނަވަނެއްގެ މަތީގައި ވެސް ޖަހައިފާނެ އެވެ.

(ޅ) ޕެރަސައިޓިކް އިންފެކްޝަންތައް : މިސާލަކަށް މެލޭރިޔާ ފަދަ ބަލިތަކުގެ ސަބަބުން ވެސް ނެފްރިޓިކް ސިންޑްރޯކް ކުރިމަތި ވެދާނެ އެވެ.

އަލާމާތްތައް

ނެފްރިޓިކް ސިންޑްރޯމްގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ހަޝްމީ އަދި ޕާންޑޭ، 2022).

·         ލޯވަށައިގެން ދުޅަވެ ފޮއްސިވުން

·         ފައިތިލަ ދުޅަވެ ފޮއްސިވުން

·         ކުޑަކަމު ނަޖިހުގައި ލޭހުރުން (ކުޑަކަމުނަޖިސް ކޯލާ ކުލައަށް ހުރުން)

·         ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުރުން

·         ކުޑަކަމުނަޖިހުން ފޮނުއެރުން

·         ލޭމައްޗަށްދިއުން / ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވުން

·         ކުޑަކަމުދާތަކެތި ބޭރުވާ މިންވަރު މަދުވުން ނޫނީ ދަށްވުން

·         ލޭގައި ޔޫރިއާ ، ނައިޓްރޯޖަން އިތުރުވުން

ނެފްރިޓިކް ސިންޑްރޯމްގެ އާންމު އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދެވޭ މިންވަރު މަދުވުން، ކުޑަކަމުދާ ތަކެތީގައި ލޭހުރުން، މޫނާއި ފައިތިލަ ފޮއްސިވެ ދުޅަވުން، އުނަގަނޑުގައި ރިހުން، އަރިކަށީގައި ރިހުން، ބޮލުގައި ރިހުން، އަދި ނޭވާކުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ނެފްރިޓިކް ސިންޑްރޯމް ކުރިމަތިވާން މެދުވެރިވި ސަބަބަކާއި ގުޅިގެން ފެނިދާނެ އަލާމާތްތައް މިސާލަކަށް ބިހިނެގުން، ހުޅުތަކުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ (އަޑާ.ކޮމް، 2022).  

އެކިޔުޓް އަދި ކްރޯނިކް ނެފްރިޓިކް ސިންޑްރޯމްގެ އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެކިޔުޓް ނެފްރިޓިކް ސިންޑްރޯމްގެ އަލާމާތްތައް

·         މޫނާއި، ފައިތިލަ ފޮއްސިވުން : ފޮއްސިވުމަކީ ހަށިގަނޑުގައި ފެންޖަމާވުމުން ދިމާވާ ގޮތެކެވެ. އާންމު ގޮތެއްގައި މިގޮތަށް ފެން ޖަމާވަނީ ހަމުގެ ދަށުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މީހާ ފެންނާނީ ފޮއްސިވެ ފުފިފައި ހުންނަހެނެވެ.

·         ކުޑަކަމުދެވޭ މިންވަރު މަދުވުން : ކުޑަކަމުދެވޭ މިންވަރު މަދުވުން ކަމަށް ބަލަނީ 24 ގަޑިއިރުގެ ތެރޭގައި 500 އެމްއެލް އަށްވުރެ މަދު މިންވަރެއް ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުވުމަށެވެ.

·         ކުޑަކަމުދާ ތަކެތީގައި ލޭހުރުން : ކުޑަކަމުދާ ތަކެތީގައި ލޭހުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މިގޮތަށް ލޭ ހުންނައިރު ކޮންމެ ފަހަރަކު ކުޑަކަމު ނަޖިސް ރަތްކުލައިގައި ނުހުރެދާނެ އެވެ. ކުޑަކަމުނަޖިހުގައި ލޭ ދެގޮތަކަށް ހުރެއެވެ. އެއީ ހަމަ ލޮލަށް ނުފެންނަށް ވަރަށް އަދި ހަމަ ލޮލަށް ފެންނަ ވަރަށެވެ.

·         ލޭމައްޗަށްދިއުން : މިއީ ގުރުދާގެ މަސައްކަތް ހީނަރުވެ، ބުރޫއެރުމުން ވާގޮތެއްކަމަށް ވެދާނެއެވެ. ލޭމައްޗަށްދިއުން ކަމަށް ބަލަނީ ބޮޑެތި މީހުންނަށް ލޭގެ ޕްރެޝަރު 90/140މިލިމީޓަރ މާކަރީ އަށްވުރެ މަތީގައި ހުރުމަށެވެ. ކުޑަކުދިންނަށް ލޭމައްޗަށްދިއުން ކަނޑައަޅާނީ އެކުއްޖެއްގެ އުމުރާއި، ސައިޒަށް ބަލާފައެވެ.

·         ހުންއައުން، ވަރުދެރަވުން، ވަރުބަލިވުން، ވާޅުވުން

·         ކާހިތްނުވުން، ހޮޑުލެވުން، ބަނޑުގައި ރިހުން

·         ނުތަނަވަސްވުން އަދި މޭނުބައިކުރުން

ކްރޯނިކް ނެފްރިޓިކް ސިންޑްރޯމްގެ އަލާމާތްތައް

·         ފޮއްސިވުން

·         ލޭމައްޗަށްދިއުން

·         ގުރުދާ ފޭލްވުން (ފަހު މަރުހަލާގައި) : ގުރުދާ ފޭލްވުމުގެ އަލާމާތްތަކުގެ ތެރޭގައި

o       ހަންގަނޑު ކަހައި ހިރުވައި ބިހިނެގުން

o       ކާހިތްނުވުން

o       މޭނުބައިކުރުން

o       ހޮޑުލެވުން

o       ވަރުބަލިވެ، ވާޅުވުން

o       ނޭވާލާން އުދަނގޫވުން

ނުރައްކާތައް

ނެފްރިޓިކް ސިންޑްރޯމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ގުރުދާ ފޭލްވުން

·         ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވެ މާމަތީގައި ހުރުން

·         ލޭގައި ޔޫރިއާ، ނައިޓްރޯޖަން އަދި ކްރިއެޓިނިން ގެ މިންވަރު މަތިވުން

·         ލޭގައި ޕޮޓޭސިއަމް ގިނަވުން

·         ލޭގައި ފޮސްފަރަސް ގިނަވުން

·         ލޭގައި ކެލްސިއަމް މަދުވުން

·         ހިތުގެ މަސައްކަތްތައް ފޭލްވުން ނޫނީ ބުރޫއެރުން

·         ލޭމައްޗަށްދިއުމުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ފިޓްޖެހި، ހޭވެރިކަމަށް ބަދަލުއައުން

ދެނެގަތުން

ނެފްރިޓިކް ސިންޑްރޯމް ދެނެގަތުން ބަރޯސާވަނީ ބަލިމީހާގެ ހަށިގަނޑު ޗެކުކޮށް ބަލާބެލުންތަކާއި، އަދި ކުޑަކަމުދާތަކެތި ޓެސްޓުކޮށް ބަލައިގެންނެވެ. ނެފްރިޓިކް ސިންޑްރޯމް ހުންނަ މީހުންގެ ލޭމައްޗަށް ގޮސްފައި ހުންނާތީ، ލޭގެ ޕްރެޝަރު ޗެކުކޮށް ހަދާނެއެވެ. މީގެ އިތުރުން އަންނަނިވި ކަންތައްތަކަށް ބަލާނެއެވެ.

·         ކުޑަކަމު ނަޖިހުގެ ކުލަ ގަދަ ކުލައަކަށް (މިސާލަކަށް ރަތްކުލަ) ހުރިތޯބެލުން، ކުޑަކަމު ނަޖިސް ފުސްކޮށް ހުރިތޯބެލުން

·         ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުރިތޯބެލުން : އާންމުކޮށް ޕްރޮޓީން ހުންނަނީ ނެފްރޯޓިކް ސިންޑްރޯމް ގެ ހާލަތުގައެވެ.

·         ލޭގައި ކްރިއެޓިނިން އަދި ޔޫރިއާ ގިނަވުން

·         ލޭގައި ނައިޓްރޯޖަން މުއްސަދި ބައިތައް ގިނަވުން

·         ހަށިގަނޑުގައި ދިޔާތަކެތީގެ މިންވަރު ގިނަވެ، ފޮއްސިވެ ދުޅަވުން

·         ގުރުދާއިން ލޭފުރާނާ މިންވަރު ޚާއްޞަކޮށް ގުލޯމެރިޔޫލަސްއިން ލޭފުރޭނުން ދަށްވުން

ނެފްރިޓިކް ސިންޑްރޯމްގެ ސަބަބުން ދެނެގަތުމަށް ފަހަރުގައި ގުރުދާގެ ބަޔޮޕްސީ އެއް ވެސް ހަދައިފާނެއެވެ.

ނެފްރިޓިކް ސިންޑްރޯމް ހުންނަ މީހެއްގެ ހާލަތު ދެނެގަތުމަށް އަންނަނިވި ކަންތައްތަކަށް އަމަލުކޮށް، ޓެސްޓުތައް ކޮށް ހަދައިފާނެއެވެ.

(ހ) ބަލިމީހާގެ މާޒީ އޮޅުންފިލުވުން : ބަލިމީހާއަށް ބަލީގެ އަލާމާތްތައް ފެންނަށް ފެށީ ކޮންއިރަކުތޯ އާއި، ކޮންމެ ގުރުދާއަކުންމެ، ޕްރޮޓީން ބޭރުކުރަން ފެށި ދުވަސްވަރު ހޯދުމަށް މަސައްކަތްކުރާނެއެވެ.

(ށ) ކުޑަކަމު ނަޖިސް ހުންނަގޮތް ބެލުން : ވަރަށް ކުލަގަދަކޮށް ހުންނަ ކުޑަކަމު ނަޖިހުގައި އޭގެ ތާސީރު މަތިވެފައި، ލޭހުރުމަކީ ގާތް ކަމެކެވެ.

(ނ) ލޭގެ ޕްރެޝަރު ޗެކުކުރުން : ލޭމައްޗަށް ގޮސްފައިވުމަކީ ގުރުދާ ހީނަރުވެފައިވާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ.

(ރ) ފޮއްސިކަން ދެނެގަތުން : ފޮއްސިވަނީ ދިޔާތަކެތި ސެލޯށި ތަކުގައި ޖަމާވެގެންނެވެ. ފޮއްސިވުމަކީ ލޭގައި ޕްރޮޓީން މަދުވެ، ކުޑަކަމު ނަޖިހުގައި ޕްރޮޓީން އިތުރުވި ކަމުގެ ނިޝާނަކަށް ވެދާނެއެވެ.

(ބ) ޔޫރިން ޑިޕްސްޓިކް ޓެސްޓުހެދުން : މިއީ ކުޑަކަމު ނަޖިހުގައި ޕްރޮޓީން އަދި ލޭހުރިތޯ ބެލުމަށް ކުޑަކަމު ނަޖިސް ބޭނުންކޮށްގެން ހެދޭ ވަރަށް ސާދާ ޓެސްޓެކެވެ. މިޓެސްޓުގައި ކުޑަކަމު ނަޖިހުގެ ނަމޫނާގެ ތެރެއަށް ޓެސްޓު-ސްޓްރިޕް ކަރުދާސްކޮޅެއް ގަންބާލެވެއެވެ. އަދި އެގޮތުގެ ތެރެއިން ކުޑަކަމު ނަޖިހުގައި ލޭ އަދި ޕްރޮޓިން ހުރިކަން ދެނެގަނެވޭނެ އެވެ.

(ޅ) ކުޑަކަމުނަޖިސް ޓެސްޓުކުރުން : ކުޑަކަމު ނަޖިހުގައި ލޭ އަދި ޕްރޮޓީން ހުރިތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރެވެއެވެ.

(ކ) ލޭ ޓެސްޓުކުރުން : ލޭ ޓެސްޓުކޮށްގެން ލޭގައި ލޮނުގެ ބައި، ކްރިއެޓިނިން، ބްލަޑް ޔޫރިއާ ނައިޓްރޯޖަން، އިމިއުނޯގްލޯބިއުލިން، އެންޓިބޮޑީޒް އަދި ގުޅުންހުރި އެހެނިހެން މާއްދާތައް ޓެސްޓު ކުރެވެއެވެ.

(އ) ގުރުދާގެ ބަޔޮޕްސީ ހެދުން : ގުރުދާ ބަޔޮޕްސީ މިހާލަތުގައި ހެދުމުގެ މައިގަނޑު ބޭނުމަކީ ކްރޯނިކް ގްލޯމެރިޔޫލޯނެފްރައިޓިސް އާއި އެއާއި އެއްގޮތް އެހެން ބަލިތަކާއި ހުރި ތަފާތު ދެނެގަތުމެވެ.

 

ފަރުވާ

ނެފްރިޓިކް ސިންޑްރޯމްގެ ފަރުވާ ބަރޯސާވަނީ އެބަލި ކުރިމަތިވި ސަބަބަކަށެވެ. ލޭމައްޗަށްދާތީ ބޭނުންކުރާ ބޭހާއި، އަދި ގުރުދާގައި އުފެދޭ ދުޅަ ތިރިކުރުމަށް ބޭސް ބޭނުންކުރެވެއެވެ. އާންމު ގޮތެއްގައި އަންނަނިވި ކަންތައްތައް ކުރެވެއެވެ.

·         އަރާމުކުރުން / ބެޑްރެސްޓުކުރުން

·         ކެއުމުގައި ލޮނު، ޕޮޓޭޝިއަމް، އަދި ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު ވަކި މިނެއްގައި ހިފެހެއްޓުން

·         ލޭމައްޗަށްދިއުން ކޮންޓްރޯލްކުރުމަށް ބޭސް ބޭނުންކުރުން

·         ދުޅަތިރިކުރުމަށް ބޭސް ބޭނުންކުރުން

·         ހަށިގަނޑުން ފެން ބޭރުކުރުމަށް ބޭސް ބޭނުންކުރުން

·         ޑަޔަލިސިސް ހެދުން

ނެފްރިޓިކް ސިންޑްރޯމްގެ ފަރުވާއަކީ ސަޕޯޓިވް ފަރުވާ އެކެވެ. ނެފްރިޓިކް ސިންޑްރޯމްގައި އާންމުކޮށްދޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ބައިތައް ހިމެނެއެވެ.

ލޭމައްޗަށްދާތީ ބޭސް : މިއީ ލޭމައްޗަށް ގޮސްފައިވާ މީހުންނަށްދޭ ލޭގެ ޕްރެޝަރު ދަށްކުރުމަށްދޭ ދޭ ބޭސްތަކެކެވެ.

ޑަޔުރެޓިކްސް : މިއީ ހަށިގަނޑުގައި އިތުރުވާ ފެނާއި، ލޮނު ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެ ދިނުމަށް ދީއުޅޭ ބޭސްތަކެކެވެ. މިބޭސްތަކުގެ ސަބަބުން ހަށިގަނޑުގައި ދިޔާތަކެތި ޖަމާވުން ކުޑަކޮށްދެއެވެ.

ކޯޓިކޯސްޓީރޮއިޑް : މިއީ ގުރުދާގައި އުފެދޭ ދުޅައާޢި އިންފްލެމޭޝަން ތިރިކޮށްދީ، އަވަހަށް އިންފްލެމޭޝަން ފަސޭހަކޮށްދޭ ބޭސް ތަކެކެވެ.

އިމިޔުނޯމޮޑިއުލޭޓަރސް : މިއީ ވެސް ނެފްރިޓިކް ސިންޑްރޯމްގެ ފަރުވާގައި ބައެއް ފަހަރު ބޭނުންކުރާ ބޭސް ތަކެކެވެ. އިމިޔުނޯމޮޑިއުލޭޓަރސް އާޢި އެންޓިބަޔޮޓިކް ބޭނުންކުރުމުގައި ފަރުވާތެރިވާންޖެހެއެވެ.

އެންޓިބަޔޮޓިކްސް : ގުލޯމެރިޔޫލަސް ދުޅަވުން ނުވަތަ ގްލޯމެރިޔުލޯނެފްރައިޓިސް ކުރިމަތިވީ ޖަރާސީމެއްގެ ސަބަބުން ކަމުގައިވާނަމަ، އިންފެކްޝަނަށް ފަރުވާ ކުރުމަށް ނޫނީ ޖަރާސީމު ނައްތާލުމަށް އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ދޭންޖެހިދާނެ އެވެ.

ޑަޔަލިސިސް ހެދުން : ބައެއް ހާލަތްތަކުގެ ގުރުދާ ފޭލްވުމުން ޑަޔަލިސިސް ހަދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.ncbi.nlm.nih.gov/books/NBK562240/

·         https://ada.com/conditions/nephritic-syndrome/

·         https://www.amboss.com/us/knowledge/Nephritic_syndrome/

·         https://medlineplus.gov/ency/article/000495.htm 

No comments:

Post a Comment