ގުރުދާ
ފޭލްވުން
ގުރުދާ ފޭލްވު(kidney failure)މުގެ
މާނައަކީ ދެގުރުދާގެ ތެރެއިން އެއްވެސް ގުރުދާއެއް އޭގެ ޒާތުގައި އަމިއްލައަށް
މަސައްކަތް ނުކުރެވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދެގުރުދާގެ ވެސް %90-85
މަސައްކަތް ނުކުރުމެވެ. ގުރުދާ ފޭލްވުން ބައެއް ފަހަރު އެކިޔުޓް ކަމެއްގެ ގޮތުގައި
ނޫނީ ކްރޯނިކް ކަމެއްގެ ގޮތުގައި ވެސް ކުރިމަތި ވެދާނެ އެވެ. ގުރުދާ ފޭލްވުމަކަށް
ފަރުވާއެއް ނޯވެއެވެ. ނަމަވެސް ފަރުވާއާއެކު އުފާވެރި ދިރިއުޅުމެއް
ހޭދަކުރެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ 2 މިލިޔަން މީހުންނަށް ގުރުދާ ފޭލްވުން
ކުރިމަތިވެފައި ވެއެވެ.
ގުރުދާ ފޭލްވުމަކީ ގުރުދާ ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާ އެވެ.
ސަބަބު
ގުރުދާ ފޭލްވުމަށް މަގުފަހިކުރާ އެންމެ
އާންމު ދެ ސަބަބަކީ ހަކުރު ބަލި، އަދި ލޭމައްޗަށްދިއުމެވެ. ޖިސްމާނީ އަނިޔާއަކުން،
ބައްޔަކުން ނޫނީ އެހެން ވެސް ކަމަކުން ގުރުދާ ފޭލްވުން ކުރިމަތިކޮށްފާނެ އެވެ.
ލޭގެ ހަކުރު ކޮންޓްރޯލްނުވެ މަތީގައި ހުރުމަކީ ގުރުދާ އާއި އެހެނިހެން
ގުނަވަންތަކަށް އޭގެ އަސަރުކޮށް ގެއްލުން ލިބޭނެ ކަމެކެވެ. ލޭމައްޗަށްދިއުމުގެ
މާނައަކީ ލޭހޮޅިތަކުގެ ތެރޭގައި ބާރުމިނާއެކު، ލޭދައުރުވުމެވެ. މިގޮތަށް ބާރުމިނާއެކު ލޭދައުރުވަމުންދާއިރު، އެކަމަށް (ލޭމައްޗަށްދިއުމަށް)
އެކަށޭނަ ފަރުވާ ނުނަގާނަމަ، ލޭހޮޅިތަކަށް ގެއްލުންވެ، އޭގެ އަސަރު ގުރުދާއަށް
ވެސް ކުރެއެވެ. ހަކުރުބަލި އަދި ލޭމައްޗަށްދިއުމުގެ އިތުރުން ގުރުދާ ފޭލްވުން
ކުރިމަތިކުރުވައިފާނެ އެހެން ސަބަބުތައް ތިރީގައި މިވަނީ އެވެ.
(ހ) ގުރުދާގައި ސިސްޓް އުފެދޭ ބަލި (PKD): މިއީ މައިންބަފައިންގެ ފުށުން ދަރިންނަށް
ވާރުތަކުރާ އޭގެ ސަބަބުން ގުރުދާގައި ބައިވަރު ސިސްޓްތައް އުފެދުމަށް މެދުވެރިވާ
ބައްޔެކެވެ.
(ށ) ގްލޯމެރިޔޫލަރ ޑިޒީޒް (glomerular disease):
ގްލޯމެރިޔޫލަރ ޑިޒީޒް ތަކަކީ އެބަލިތަކުގެ ސަބަބުން ލޭފުރޭނުމުގެ
މަސައްކަތަށް އަސަރުކުރުވާ ކަންކަމެވެ. ލޭފުރޭނުމުގެ މަސައްކަތަށް ބުރޫއަރާނަމަ،
ގުރުދާގެ މަސައްކަތް ހީނަރުވުމަށް މަގުފަހިކުރުވައެވެ.
(ނ) ސިސްޓެމިން ލޫޕަސް އެރިތުމަޓޯސަސް (SLE): މިއީ އުޓޯއިމިއޫން ޑިޒީޒް އެކެވެ، މިބަލީގެ
ސަބަބުން ހުންއައުން، ހުޅުތަކުގައި ރިހުން،
ހަމުގައި ބިހިނެގުން އަދި ގުނަވަންތަކަށް ގެއްލުންވާގޮތް ވެއެވެ.
މަދުފަހަރަކު ކުއްލިއަކަށް ވެސް ނޫނީ ވަރަށް ކުރު
މުއްދަތެއްގެ ތެރޭގައި ވެސް ގުރުދާ ފޭލްވާގޮތް ވެދާނެ އެވެ. އެގޮތުން އެކިޔުޓް
ކިޑްނީ ފޭލިއަރ އަކީ ގުރުދާއަށް ލިބޭ އަނިޔާއެއްގެ ސަބަބުން ކުއްލިއަކަށް ގުރުދާގެ
މަސައްކަތްތައް ހީނަރުވުމެވެ. އެކިޔުޓް ކިޑްނީ ފޭލިއަރ ދެތިން ގަޑިއިރުން ފެށިގެން
ދެތިން ދުވަހުގެ ތެރޭގައި ކުރިމަތިވެދާނެ އެވެ. މިއީ ވަގުތީ ކަމެކެވެ. އެކިއުޓް
ކިޑްނީ ފޭލިއަރ އާންމުކޮށް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
އުޓޯއިމިއޫން
ކިޑްނީ ޑިޒީޒްތައް
·
ބައެއް ކަހަލަ
ބޭސްތައް
·
މާބޮޑަށް
ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން
·
ކުޑަކަމުދާ ތަކެތި
ހިނގާ މަގު ބަންދުވުން
·
ހިތުގެ ބަލިތައް
·
ފުރަމޭގެ ބަލިތައް
ގުރުދާ ފޭލްވުމުގެ ހިރާސް އިތުރުކުރާ
ކަންތައްތައް
·
ހަކުރުބަލި ޖެހުން
·
ލޭމައްޗަށްދިއުން
·
ހިތުގެބަލި ހުރުން
·
އާއިލާގައި ގުރުދާގެބަލި ދައުރުވަމުން އައުން
·
އުފެދުމުގައި ގުރުދާގައި މައްސަލަ ހުރުން
·
އުމުރުން 60 އަހަރަށްވުރެ މަތިވުން
·
ބާރުގަދަ ތަދުކަނޑުވާ ބޭސްތައް ދިގުމުއްދަތަކަށް ބޭނުންކުރުން
·
ކަޅު ނަސްލުގެ މީހަކަށްވުން
އެކިޔުޓް ކިޑްނީ ފޭލިއަރ
ކުރިމަތިވާން ދިމާވާ ސަބަބުތައް
އެކިޔުޓް ކިޑްނީ ފޭލިއަރ ކުރިމަތިވަނީ އަންނަނިވި ހާލަތްތައް މެދުވެރިވުމުންނެވެ.
·
ގުރުދާއަށް
ލޭފޯރުކޮށްދިނުން ދަށްކުރާ ހާލަތެއް މެދުވެރިވުން
·
ސީދާ ގުރުދާއަށް
އަނިޔާއެއްވުން ނޫނީ އަނިޔާއެއްލިބުން
·
ގުރުދާއިން
މަސާނާއަށް ކުޑަކަމު ނަޖިސް އުފުލައިދޭ ހޮޅި ގުރުތާ ބެދުން
ގުރުދާއަށް ލޭފޯރުކޮށްދިނުމަށް ހުރަސްއަޅައި
އެކިޔުޓް ކިޑްނީ އިންޖަރީ ކުރިމަތިކުރުވައިފާނެ ހާލަތްތަކުގެ ތެރޭގައި :-
·
ހަށިގަނޑުން ލޭ
ނޫނީ ދިޔާތަކެތި މާގިނައިން ބޭރުވުން
·
ލޭމައްޗަށްދާތީ
ބޭނުންކުރާ ބޭސްތައް ބޭނުންކުރުން
·
ހާޓް އެޓޭކްޖެހުން
·
ހިތުގެ ބަލިތައް
·
ފުރަމޭ ފޭލްވުން
·
އިންފެކްޝަނެއްހުރުން
·
ތަދުކަނޑުވާ
ބާރުގަދަ ބޭސްތައް މާގިނައިން ބޭނުންކުރުން
·
ކުއްލިއަކަށް
ނުރައްކާތެރި މިންވަރަށް އެއްޗަކަށް ނޭސަރުވުން
·
ވަރަށް ބޮޑަށް
ހަށިގަޏޑު އަދައި ފިހުން
·
ވަރަށް ބޮޑަށް
ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން
ގުރުދާއަށް އަނިޔާވެ ގެއްލުންވުމަށް ދިމާވެދާނެ
ހާލަތްތަކުގެ ތެރޭގައި:-
·
ގުރުދާގެ
ވަށައިގެންވާ ލޭހޮޅިތަކުގައި ގަނޑުލޭކޮޅެއް އުފެދުން
·
ގުރުދާއަށް ލޭގެންގޮސްދޭ
ލޭހޮޅިއެއްގައި ސަރުބީ ޖަމާވެ، ލޭހިނގުމަށް ދަތިވުން
·
ގުލޯމެރިޔޫލަސްތައް
ދުލަވެ އިންފްލެމޭޝަން އުފެދުން
·
މާއަވަހަށް ލޭގެ
ރަތްދިރުތައް ހަލާކުކުރާ ހާލަތެއްކަމުގައިވާ ހީމޯލިޓިކް ޔުރިމިކް ސިންޑްރޯމް
ކުރިމަތިވުން
·
ކޯވިޑް 19 ފަދަ
އިންފެކްޝަންތައް
·
ގުރުދާއަށް
އަސަރުކޮށްފާނެ އުޓޯއިމިޔޫން ޑިސްއޯޑަރ ތައް : މިސާލަކަށް ސިސްޓެމިކް ލޫޕަސް
އެރިތުމަޓޯސަސް
·
ބައެއް ކަހަލަ
ބޭސްތައް : މިސާލަކަށް ބައެއް އެންޓިބަޔޮޓިކްތައް، ކެންސަރުގެ ފަރުވާ
ކީމޯތެރަޕީގައި ބޭނުންކުރާ ބޭސްތައް
·
ހަމަށް ކުރިމަތިވާ
ބައްޔެއްކަމުގައިވާ ސްކެލީރޯޑާމާ ކުރިމަތިވުން
·
ލޭގެ ބައްޔެއް
ކަމުގައިވާ ތްރޮމްބޮޓިކް ތްރޮމްބޯސައިޓޯޕީނިކް ޕާޕިއުރާ ކުރިމަތިވުން
·
ވިހަތައް :
މިސާލަކަށް ބަނގުރާ އަދި ކޮކެއިން ފަދަ ވިހަތައް
·
މަހުގެ ސެލޯށިތައް
ހަލާކުކޮށްލާ ބައްޔެއް ކަމުގައި ރެބްޑޯމެޔޯލައިސިސް ކުރިމަތިވުން : މިކަމުގެ
ސަބަބުން ދޫކުރާ ވިހަތަކުން ގުރުދާ ހަލާކުކޮށްލައެވެ.
·
ޓިއުމަރުގެ
ސެލްތައް ހަލާކުކުރާ ހާލަތެއްކަމުގައިވާ ޓިއުމަރ ލައިސިސް ސިންޑްރޯމް ކުރިމަތިވުން
: މިކަމުގެ ސަބަބުން ދޫކުރާ ވިހަތަކުން ގުރުދާ ހަލާކުކޮށްލައެވެ.
ގުރުދާއިން މަސާނާއަށް ކުޑަކަމު ނަޖިސް
ގެންގޮސްދޭ މަގު ގުރުތާ ބެދެން ދިމާވާ ހާލަތްތަކުގެ ތެރޭގައި : -
·
މަސާނާގެ ކެންސަރު
·
ކުޑަކަމުދާ
ނިޒާމުގައި ގަނޑުލޭކޮޅެއް އުފެދުން
·
ރަހިމުގެ ދޮރުގެ
ކެންސަރު
·
ގޮހޮރުގެ ކެންސަރު
·
ޕްރޮސްޓޭޓް
ބޮޑުވުން
·
ގުރުދާގައި
ހިލައުފެދުން
·
މަސާނާ
ކޮންޓްރޯލްކުރާ ފަތިނާރު އަށް ގެއްލުންވުން
·
ޕްރޮސްޓޭޓް
ކެންސަރު
އެކިޔުޓް ކިޑްނީ ފޭލިއަރ ކުރިމަތިވުމަށް
މަގުފަހިކުރާ ކަންތައްތައް
·
ފުރާނައަށް
ނުރައްކާވާފަދަ ބޮޑުބައްޔެއްގައި ހަސްފަތާލުގައި އެދުމަތިކުރުން
·
އުމުރުން
ދުވަސްވުން
·
އަތްފައިގެ
ލޭހޮޅިތަކުގައި ގަނޑުލޭކޮޅެއް އުފެދުން
·
ހަކުރުބަލިޖެހުން
·
ލޭމައްޗަށްދިއުން
·
ހިތުގެބައްޔެއްހުރުން
·
ގުރުދާގެ
ބައްޔެއްހުރުން
·
ފުރަމޭގެ
ބައްޔެއްހުރުން
·
ބައެއް ކަހަލަ
ކެންސަރުތަކާއި އޭގެ ފަރުވާތައް
ގުރުދާ ފޭލްވުމުން ވާގޮތް
ގްލޯމެރިޔޫލަސްތަކުން ލޭ ފިލްޓަރުކޮށް،
ފުރާނާކަމަށް ލަފާކުރާ މިންވަރު(estimated
glomerular filtration rate) ބަލައި،
ގުރުދާބަލީގެ މަރުހަލާތަކެއް ކަނޑައެޅިފައި ވެއެވެ. ގްލޯމެރިޔޫލަސްތަކުން
ލޭފުރޭނުން ލަފާކުރާ މިންވަރަ(eGFR)ކީ ގުރުދާ މަސައްކަތްކުރާ މިންވަރު އަންގައިދޭނެ
މިންގަނޑެކެވެ. އާންމުކޮށް ގްލޯމެރިޔޫލަސްތަކުން ލޭފުރޭނުން ލަފާކުރާ މިންވަރަ(eGFR)ކީ 100 އެވެ. ގްލޯމެރިޔޫލަސްތަކުން ލޭފުރޭނުން ލަފާކުރާ އެންމެ ދަށް މިންވަރަ(eGFR)ކީ 0 އެވެ. މާނައަކީ ގުރުދާއިން އޭގެ ޒާތުގައި އެއްވެސް މަސައްކަތެއް
ނުކުރުމެވެ.
ދުވަސްވީ ގުރުދާގެ ބަލި ބެހިފައިވާ
ދަރަޖަތައް ބެހިފައިވާގޮތް ތިރީގައި މިވަނީ އެވެ.
(ހ) ދަރަޖަ I: މިދަރަޖައިގައި ގުލޯމެރިޔޫލަސްތަކުން ލޭފުރާނާ މިންވަރު
ހުންނާނީ 90 އަށްވުރެ މަތި އަދި 100 އަށްވުރެ ދަށުގައެވެ. މިމަރުހަލާގައި
ގުރުދާއަށް އާދައިގެ މިންވަރަކަށް ގެއްލުން ވެފައި ހުރެދާނެ އެވެ. ނަމަވެސް ގުރުދާ
ރަނގަޅަށް މަސައްކަތް ކުރާނެއެވެ.
(ށ) ދަރަޖަ II: މިދަރަޖައިގައި ގުލޯމެރިޔޫލަސްތަކުން ލޭފުރާނާ މިންވަރު
ހުންނާނީ ދަށްވެގެން 60 ގައި އަދި މަތިވެގެން 89 ގައެވެ. މަރުހަލާ 1 އަށްވުރެ
ބޮޑަށް ގުރުދާއަށް ގެއްލުންވެފައި ހުންނާނެ އެވެ. ނަމަވެސް ގުރުދާ ރަނގަޅަށް
މަސައްކަތް ކުރާނެ އެވެ.
(ނ) ދަރަޖަ III: މިދަރަޖައިގައި ގުލޯމެރިޔޫލަސްތަކުން ލޭފުރާނާ މިންވަރު
ހުންނާނީ ދަށްވެގެން 30 ގައި އަދި މަތިވެގެން 59 ގައެވެ. މިމަރުހަލާގައި މެދު
މިންވަރަކުން ފެށިގެން ގޮސް، ނުރައްކާތެރި މިންވަރަކަށް ގުރުދާއަށް ގެއްލުންވެފައި
ހުންނާނެ އެވެ.
(ރ) ދަރަޖަ IV: މިދަރަޖައިގައި ގުލޯމެރިޔޫލަސްތަކުން ލޭފުރާނާ މިންވަރު
ހުންނާނީ ދަށްވެގެން 15 ގައި އަދި މަތިވެގެން 29 ގައެވެ. މިމަރުހަލާގައި
ނުރައްކާތެރި މިންވަރަކަށް ގުރުދާއަށް ގެއްލުންވެފައި ހުންނާނެ އެވެ.
(ބ) ދަރަޖަ V: މިދަރަޖައިގައި ގުލޯމެރިޔޫލަސްތަކުން ލޭފުރާނާ މިންވަރު
ހުންނާނީ 15 އަށްވުރެ ދަށުގައެވެ. މިމަރުހަލާގައި ގުރުދާ ހުންނާނީ ގާތްގަނޑަކަށް
ފޭލްވެފައެވެ.
ގުރުދާ ފޭލްވުމުން ފެންނަ
އަލާމާތްތައް
ގުރުދާ ފޭލްވުމަކީ އެންމެ ރެޔަކުން
ކުރިމަތިވާނެ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ގުރުދާ ފޭލްވަނީ މަޑުމަޑުން ގޮސް
ގުރުދާ ހީނަރުވަމުން ދިއުމުންނެވެ. ގިނަ މީހުންނަށް ގުރުދާގެ ބައްޔެއް ހުރިކަން
އެނގެނީ ވެސް ގުރުދާ ފޭލްވާކަން އެނގުމުންނެވެ. މިހެން ދިމާވަނީ ގުރުދާގެ ބަލީގެ
ކުރީކޮޅު ގިނަ މީހުންނަށް އޭގެ އަލާމާތްތައް ނުފެންނާތީ އެވެ. ނޫނީ އަލާމާތްތައް
ފެނުން މަދުވާތީ އެވެ. އުދަނގުލެއް ކުރިމަތި ނުވި ނަމަވެސް ދުވަސްވީ ގުރުދާ ބަލީގެ
ސަބަބުން ގުރުދާއަށް ގެއްލުންވުން މަޑުމަޑުން ކުރިމަތިވަމުން ދާނެއެވެ. އާންމު
ގޮތެއްގައި އަލާމާތްތައް ފެންނަނީ ބަލީގައި ބޮޑުވާވަރުވާ ފަހުންނެވެ. ގުރުދާ
ފޭލްވުމުގެ އަލާމާތްތައް އެކި މީހުންނަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ގުރުދާ އެކަށޭނަ ވަރަށް މަސައްކަތް ނުކޮށް،
ގުރުދާ ފޭލްވުމުން އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
·
ނިދަން އުދަނގޫވުން
·
ކާހިތްނުވުން އަދި އަނގައިން ދަބަރު ރަހަލުން
·
ވަރުދެރަވުން
·
އާދަޔާ ޚިލާފަށް ބޮޑަށް ވާޅުވެ،ވަރުބަލިވުން
·
މޭނުބައިކޮށް ހޮޑުލެވުން
·
ވާނުވާ ނޭނގުން /ކަންކަމާމެދު ވިސްނައި ފިކުރުކުރަން އުދަނގޫވުން
·
ގައި (ހަންގަނޑު) ހިކި، ހިރުވައި ކެހުން
·
ބަރުދަން ލުއިވުން
·
މަސްގުޅަކެއުން / މަސްތަކުގައި ރިހުން
·
ފައިތިލަ / ތަބިކަށި، އަތްތިލަ އަދި މޫނު ދުޅަވެ ފޮއްސިވުން
·
އަވަސް އަވަހަށް ކުޑަކަމުދާންޖެހުން
·
ލޭދަށްވުން
ހަށިގަނޑުގައި (ލޭގައި) އިތުރުވާ ފެނާއި،
ބޭކާރު ވިހަ މާއްދާތައް ދުޅަހެޔޮ ގުރުދާއިން ހަށިގަނޑުން ބޭރުކުރާނެ އެވެ.
ނަމަވެސް ގުރުދާ ފޭލްވެއްޖެނަމަ، ބޭކާރު ވިހަ މާއްދާތަކާއި އިތުރުވާ ފެނުގެ ބައި،
ލޭގައި ޖަމާވެ، މީހާ ބަލިކޮށްލައެވެ. ގުރުދާ ފޭލްވުމަށް ފަރުވާކުރަން ފެށުމާއެކު
އުދަނގޫތައް ލުއިވެ، ބަލިމީހާއަށް ފަސޭހަކަން އިހުސާސް ކުރެވެން ފަށާނެ އެވެ.
އެކިޔުޓް ކިޑްނީ ފޭލިއަރގެ އަލާމާތްތައް
·
ކުޑަކަމުދެވޭ
މިންވަރު މަދުވުން
·
އަތްތިލަ،
ފައިތިލަ، މޫނު ގައި ދިޔާތަކެތި ހަރުލައި ފޮއްސިވެ ދުޅަވުން
·
ނޭވާލާން
އުދަނގޫވުން
·
ވަރުބަލިވެ
ވާޅުވުން
·
ވާނުވާނޭނގުން
·
މޭނުބައިކުރުން
·
ވަރުދެރަވުން
·
ހިތުގެ ވިންދުގެ
ތަރުތީބު ގެއްލުން
·
މޭގައި ރިހުން ، މެޔަށް
ބާރުވުން
·
ފިޓުޖެހުން
·
ކޮމާއަށް ދިޔުން
ބައެއް ފަހަރު އެކިޔުޓް ކިޑްނީ ފޭލިއަރ ގައި އެއްވެސް
އަލާމާތެއް ފާހަގަނުވެދާނެ އެވެ. ނަމަވެސް ޓެސްޓުތަކުން އެކަން ފާހަގަ ކުރެވިދާނެ
އެވެ.
ދިމާވެދާނެ ނުރައްކާތައް
އެކިޔުޓް ކިޑްނީ ފޭލިއަރ ގެ ސަބަބުން ދިމާވެދާނެ
ނުރައްކާތައް ތިރީގައި މިވަނީ އެވެ.
·
ހަށިގަނޑުގައި
ފެންހަރުލުން : އެގޮތުން ފުއްޕާމޭގެ ފެންހަރުލުން ކުރިމަތިވެ،
ނޭވާލާން އުދަނގޫވުމަކީ ވެދާނެ ގޮތެކެވެ.
·
މޭގައި
ރިހުން : ގުރުދާ ފޭލްވެ، ހިތުގެ ވަށައިގެންވާ ދުލި ދުޅަވެއްޖެނަމަ
މޭގައި ރިހުން ފަދަ ކަމެއް ކުރިމަތިވެދާނެ އެވެ.
·
ދާއިމީކޮށް
ގުރުދާއަށް ގެއްލުންވުން : އެކިޔުޓް ކިޑްނީ އިންޖަރީ
ކުރިމަތިވާ ބައެއް މީހުންނަށް ގުރުދާ ބޮޑަށް ހަލާކުވެ. އޭގެ މަސައްކަތްތައް
ހީނަރުވެ، ގުރުދާއަށް ލިބުނު ގެއްލުން ދާއިމީ ކަމަކަށް ބަދަލުވެ، ކްރޯނިކް ކިޑްނީ
ޑިޒީޒް ފެންމަތިވާގޮތް ވެއެވެ.
·
ފުރާނަޔަށް
ނުރައްކާވުން : އެކިޔުޓް ކިޑްނީ ފޭލިއަރ ގެ ސަބަބުން ބައެއް
ފަހަރު ފުރާނައަށް ނުރައްކާވެ މަރުވުމަކީ ގާތް ކަމެކެވެ.
ދެނެގަތުން
ގުރުދާ ފޭލްވުން ދެނެގަތުމަށްޓަކައި
ޑޮކްޓަރުން ގުރުދާ މަސައްކަތްކުރާގޮތް ބެލުމަށް ތަފާތު ޓެސްޓުތައް ހަދާނެއެވެ.
ގުރުދާ ފޭލްވެފައިވާކަމަށް ޝައްކުކުރެވޭނަމަ އަންނަނިވި ޓެސްޓުތައް ހަދާނެއެވެ.
(ހ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތަކުގެ އެހީގައި ގުރުދާ އިން ބޭކާރު ވިހަ
މާއްދާތައް ބޭރުކުރާ ގޮތް ދެނެގަނެވޭނެ އެވެ.
(ށ) ކުޑަކަމު ނަޖިސް
ތަހުލީލުކުރުން: ކުޑަކަމުދާ ތަކެތި
ތަހުލީލުކޮށް އޭގައި ލޭ ނުވަތަ ޕްރޮޓީން ފަދަ މާއްދާއެއް ހުރިކަން ދެނެގަންނާނެ
އެވެ.
(ނ) އިމޭޖިންގ ޓެސްޓުތައް : ގުރުދާ ފޭލްވުން ދެނެގަތުމަށް ހަދައިފާނެ އިމޭޖިންގ
ޓެސްޓުތަކުގެ ތެރޭގައި އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭން އަދި އެމްއާރުއައި
ސްކޭން ފަދަ ޓެސްޓުތައް ހިމެނެއެވެ.
ފަރުވާ
ގުރުދާ ފޭލްވުމުގެ ފަރުވާ ބަރޯސާވަނީ
ގުރުދާ ފޭލްވުމަށް މެދުވެރިވި ސަބަބާއި، ކަމުގެ ކުޑަބޮޑުމިނަށެވެ. ދާއިމީކޮށް
ހުންނަކަމަކަށް ބޭސް ބޭނުންކުރާނަމަ (މިސާލަށް ލޭމައްޗަށްދިއުން ، ހަކުރުބަލި ފަދަ
ބަލިތަކަށް ގަވާއިދުން ބޭސް ބޭނުންކުރާނަމަ) ގުރުދާގެ ބަލި ކުރިމަތިވުން
ލަސްކުރުވައެވެ. ގުރުދާގެ މަސައްކަތް މަޑުމަޑުން ހީނަރުވަމުން އަންނަނަމަ އަންނަނިވި
ގޮތްތައް ބޭނުންކުރުމަށް ލަފާދޭނެ އެވެ.
·
ގަވާއިދުން ލޭގެ ޕްރެޝަރު ޗެކުކުރުން
·
ގަވާއިދުން ލޭގެ ޓެސްޓުތައް ހެދުން
·
ގަވާއިދުން ބޭސް (ބަލިމީހާގެ ކިބައިގައި ހުރި ބައްޔަށް މިސާލަކަށް
ހަކުރުބަލި) ބޭނުންކުރުން
ގުރުދާ ފޭލްވުމުގެ އަސާސީ ދެފަރުވާ އަކީ
ޑަޔަލިސިސް ހެދުން އަދި ގުރުދާ ބަދަލުކުރުމެވެ. ޑަޔަލިސިސް ހެދުމުން ނޫނީ ގުރުދާ
ބަދަލުކުރުމުން ގެއްލުންވެ ހަލާކުވެފައިވާ ގުރުދާ އިންކުރާ ބައެއް މަސައްކަތްތައް
ފުރިހަމަކޮށްދީ، ހަށިގަނޑުގައި އިތުރުވާ ވިހަ ބޭކާރު މާއްދާތަކާއި، އިތުރުވާ
ފެނުގެ ބައި ބޭރުކޮށް ދެއެވެ. މިކަމުގެ ސަބަބުން ބައެއް އުދަނގޫތަކަށް ލުއިކަން
ގެނެސްދެއެވެ.
ޑަޔަލިސިސް ހެދުން : ޑަޔަލިސިސް ގެ ދެވައްތަރެއް ވެއެވެ. އެއީ ހީމޯޑަޔަލިސިސް
އަދި ޕެރިޓޯނިއަލް ޑަޔަލިސިސް އެވެ. މިއިން ކޮންމެ ގޮތަކަށް ޑަޔަލިސިސް ހެދިޔަސް، ހަށިގަނޑުގައި
އިތުރުވާ ފެނުގެ ބައި އަދި ބޭކާރު ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރެއެވެ. ހީމޯޑަޔަލިސިސްގައި
ހަށިގަނޑުގައިވާ ލޭ ފުރާނައި ސާފުކޮށްދެނީ މެޝިނެއްގެ އެހީގައެވެ. ގިނަ މީހުންނަށް
ހަފްތާއަކު 4-3 ފަހަރު ޑަޔަލިސިސް ހަދަންޖެހޭނެއެވެ. ޕެރިޓޯނިއަލް ޑަޔަލިސިސް
ގައި ކެތީޓަރަކާ ގުޅިފައިވާ ޑަޔަލިސިސް
ސޮލިޝަން ހުރި ކޮތަޅެއް ބަލިމީހާގެ ބަނޑުގެ ބަތާނައިގައި ހަރުކުރެވެއެވެ.
ބަލިމީހާގެ ބަތާނަފަށާއި ގުޅިފައި އިންނާނީ ކެތީޓަރު އެވެ. ކޮތަޅުގައި ހުންނަ
ޑަޔަލިސިސް ސޮލިއުޝަން ކެތީޓަރުގެ ތެރެއިން ބަނޑުގެ ބަތާނަފަށަށް ގޮސް، އެތަނުން
ވިހަ މާއްދާތަކާއި އިތުރުވެފައިވާ ފެނުގެ ބައި އަނބުރާ ބޭރުގައިވާ ކޮތަޅަށް
ގެނެސްދެއެވެ. ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަކީ ގޭގައި ވެސް ކުރެވިދާނެ
ކަމެކެވެ.
ގުރުދާ ބަދަލުކުރުން : ގުރުދާ ބަދަލުކުރުމަކީ ދުޅަހެޔޮ ގުރުދާއެއް ހަށިގަނޑަށް
ލެއްވުމަށް ކުރެވޭ އޮޕަރޭޝަނެކެވެ. ގުރުދާ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށް އެންމެ
ގުރުދާއެއް ލައްވައިގެން ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތިކުރެވިދާނެ އެވެ.
ގުރުދާ ފޭލްވުމުން ޑަޔަލިސިސް ހަދާނަމަ
އެވްރެޖް ގޮތެއްގައި 10 އަހަރު ވަންދެން ދިރިހުރެދާނެ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް ބައެއް ފަހަރު 30 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުގެ ވެސް
ދިރިހުރެދާނެއެވެ. ގުރުދާ ބަދަލުކުރުމަށްފަހު ބަދަލުކުރި ގުރުދާ
ހަދިޔާކޮށްފައިވަނީ ދިރިހުރި މީހަކު ނަމަ ގާތްގަނޑަކަށް 20-12 އަހަރާއި ދެމެދުގެ
މުއްދަތަކަށް ދިރިހުރެދާނެކަމަށް ލަފާކުރެވެއެވެ. އަދި މަރުވެފައިވާ މީހެއްގެ
ގުރުދާ ނަގައި ލެއްވިނަމަ ގާތްގަނގަޑަކަށް 12-8 އަހަރާއި ދެމެދުގެ މުއްދަތަކަށް
ދިރިހުރެދާނެކަމަށް ލަފާކުރެވެއެވެ.
ގުރުދާ ފޭލްވުމަށް މެދުވެރިވި ސަބަބަށް
ރިއާޔަތްކޮށް އަންނަނިވި ބޭސްތައް ފަރުވާގެ ގޮތުގައި ލިޔެދީފާނެ އެވެ.
·
އޭސް އިންހިބިޓަރސް : މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ދީއުޅޭ ބޭސް ތަކެކެވެ.
·
ޑަޔުރެޓިކްސް : މިއީ
ހަށިގަނޑުގައި އިތުރުވާ ފެނުގެ ބައި މަދުކުރުމަށް ބޭނުންކުރާ ބޭސް ތަކެކެވެ.
·
ސްޓެޓިން : މިއީ ލޭގައި
ސަރުބީގެ މިންވަރު ދަށްކުރުމަށް ދީއުޅޭ ބޭސް ތަކެކެވެ.
·
އެރިތުރޯޕޮއިއެޓިން ސްޓިމިއުލޭޓިނގ އެޖެންޓްސް: މިއީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ ބޭސް
ތަކެކެވެ. ޚާއްޞަކޮށް ލޭދަށްނަމަ މިބޭސްތައް ލިޔެދީފާނެ އެވެ.
·
ވިޓަމިން ޑީ އަދި ކެލްސިޓްރިއޯލް : މިއީ ކަށިތައް ތުނިވެ، ހަލާކުވާކަން ފާހަގަވާނަމަ ދީއުޅޭ ބޭސް ތަކެކެވެ.
·
ފޮސްފޭޓް ބައިންޑަރސް : މިއީ ލޭގައި އިތުރުވާ ފޮސްފޭޓްގެ މިންވަރު ދަށްކުރުމަށް ދީއުޅޭ ބޭސްތަކެކެވެ.
ގުރުދާ ފޭލްވުމުން
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·
ގުރުދާ މަސައްކަތްކުރާގޮތް ލޭގެ ޓެސްޓުކޮށް ބަލަމުންގެންދިއުން
·
ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތްކުރުން
·
ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތްކުރުން
·
ލޮނާއި ޕްރޮޓީން ގިނަ ކެއުމާއި ދުރުހެލިވުން
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ގަވާއިދުން ޑޮކްޓަރަށް ދައްކައި އަންނަ ބަދަލުތައް ބަލަމުން ގެންދިއުން
·
ގަވާއިދުން ކަސްރަތުކޮށް ހެލިފެލިވެއުޅުމަށް ސަމާލުކަން ދިނުން
·
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
·
https://my.clevelandclinic.org/health/diseases/17689-kidney-failure
No comments:
Post a Comment