ގުރުދާގެ
ކެންސަރު
ގުރުދާ
ކޮންމެ މީހެއްގެ ވެސް ދެގުރުދާ(Kidney) އޮވެއެވެ. މިއީ ތޮޅިއޮށެއްގެ ސިފައިގައި އޮންނަ ގުނަވަނެކެވެ. ގުރުދާގެ
ބޮޑުމިނަކީ އަތްމުށެއްގެ މިންވަރެވެ. މިއީ އެތެރެހަށީގައި ބުރަކައްޓާއި ކައިރީގައި
ބަނޑުގެ ފަހަތުން ތިރީގައި އޮންނަ ގުނަވަނެކެވެ. ކޮންމެ ގުރުދާއެއް ވެސް އޮންނަނީ އެތެރެ ހަށީގެ ފަހަތު ބައިގައި
މައިބަދައިގެ ދެފަރާތުގައެވެ. މާނައަކީ އެއް ގުރުދާ މައިބަދައިގެ ކަނާތް
ފަރާތުގައެވެ. އަދި އަނެއް ގުރުދާ މައިބަދައިގެ ވާތް ފަރާތުގައެވެ. ކޮންމެ
ގުރުދާއެއްގެ މަތީގައި ކުޑަކުޑަ ގޮށެއް ނޫނީ ގްލޭންޑް އެއް އޮވެއެވެ. މިގްލޭންޑަށް
ކިޔަނީ "އެޑްރީނަލް ގްލޭންޑް"(adrenal gland) އެވެ. ގުރުދާ
އާއި އެޑްރީނަލް ގްލޭންޑް ނިވާކުރެވިފައިވަނީ ތުނި، ކަނާރީ ސަރުބީ ފަށަލަ އަކުންނެވެ.
މިފަށަލައަށް ކިޔަނީ " ގެރޯޓާ'ސް ފޭޝިއާ"(gerota’s fascia) އެވެ.
ގުރުދާ ކޮށްދޭ އެއް މަސައްކަތަކީ ލޭގެ
ތެރޭގައި އުފެދޭ ބޭނުމެއްނެތް ބައިތައް ފުރާނައިދީ، އިތުރުވާ ފެނާއި، ލޮނު ކުޑަކަމުދާ
ނަޖިހަށް ބަދަލުކުރުމެވެ.ކުޑަކަމު ނަޖިސް ގުރުދާގައި ޖަމާވެފައި ހުންނަނީ ގުރުދާގެ
މެދުގައިވާ "ރީނަލް ޕެލްވިސް"(renal pelvis) ގައެވެ.
ކުޑަކަމުދާ ނަޖިސް ގުރުދާ އިން ފޮނުވަނީ ގުރުތާ ނުވަތަ ޔުރެޓަރ(ureter) ކިޔާ ދެހޮޅީގެ މަގުން މަސާނާ(bladder) އަށެވެ.
މަސާނާއަށް ޖަމާވާ ކުޑަކަމުދާ ނަޖިސް ހަށިގަނޑުން ބޭރުވަނީ ކުޑަކަމުދާ ހޮޅިންނެވެ.
ގުރުދާކޮށްދޭ އަނެއް މަސައްކަތަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރާ މާއްދާއެއް (ރެނިން ހޯރމޯން އުފެއްދުން) އުފައްދައި
ދިނުމާއި، ލޭގެ ރަތް ސެލް، އުފެއްދުމަށް ބޭނުންވާ ހޯރމޯން އެއްކަމުގައިވާ
"އެރިތުރޯޕޮއިޓިން ހޯރމޯން"(erythropoietin) އުފެއްދުމެވެ.
އިންސާނާއަށް ދެގުރުދާ އަކީ ވެސް މުހިއްމު
އެއްޗެކެވެ. ނަމަވެސް އެންމެ ގުރުދާއާއެކު ވެސް ދުޅަހެޔޮ ދިރިއުޅުމެއް
ވޭތިކުރެވިދާނެ އެވެ.
ގުރުދާގެ
ކެންސަރު
ގުރުދާގެ ކެންސަރަ(kidney cancer)ކީ ގުރުދާގައި އުފެދިގެން އަންނަ ކެންސަރެވެ. ގުރުދާގެ ކެންސަރަކީ ގުރުދާގެ ސެލްތައް ޣައިރު ތަބީޢީ ގޮތެއްގައި ހެދިބޮޑުވުމެވެ. ނޫނީ މިއީ ޣައިރު ތަބީޢީ ސެލްތައް އެއްވެގެން އުފެދޭ ސެލް ފުނިވަރެކެވެ. ގުރުދާގައި ދެބާވަތެއްގެ ކެންސަރެއް އުފެދެއެވެ. އެއީ ރީނަލް ސެލް ކާސިނޯމާ(renal cell carcinoma) ނުވަތަ ހައިޕަރނެފްރޯމާ(hypernephroma)، އާއި ވިލްމުސް ޓިއުމަރު(wilms tumor) ކިޔާ ބާވަތުގެ ކެންސަރެވެ. ގުރުދާގެ ކެންސަރުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ ރީނަލްސެލް ކާސިނޯމާ އެވެ. ނޫނީ ހައިޕަނެފްރޯމާ އެވެ. ހައިޕަރނެފްރޯމާ އާންމުގޮތެއްގައި ބޮޑެތިމީހުންނަށް (ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް) ޖެހޭއިރު، ވިލްމުސް ޓިއުމަރު ގިނައިން ޖެހެނީ ކުޑަކުދިންނަށެވެ (މެޔޯކްލިނިކް، 2023).
ގުރުދާގެ ކެންސަރު ޖެހޭ ނިސްބަތް
އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިހެން ދިމާވާން މެދުވެރިވާ އެއް
ސަބަބަކީ ސީޓީ ސްކޭން ހެދުން ފަދަ އިމޭޖިންގ ޓެސްޓުތައް ހެދުން އިތުރުވުން
ކަމުގައި ވެދާނެ އެވެ. އާންމު ގޮތެއްގައި ކުޑަކޮށް އޭގެ އަސަރު ހަމައެކަނި
ގުރުދާގައި ހުއްޓައި ގުރުދާގެ ކެންސަރު ބަލީގެ ކުރީކޮޅުގައި ދެނެގަނެވޭކަން ފާހަގަ
ކުރެވެއެވެ (މެޔޯކްލިނިކް، 2023).
ގުރުދާގެ ކެންސަރު އެންމެ އާންމު އުމުރު
ފުރާ އަކީ އުމުރުން 74-65 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. އަންހެނުންނަށްވުރެ
ފިރިހެނުންނަށް ގުރުދާ ކެންސަރު ޖެހޭ މިންވަރު ދެގުނައިތުރެވެ. ކަޅުމީހުންނާއި،
އެމެރިކާގެ މީހުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް.
2023).
ސަބަބު
ގުރުދާ ކެންސަރު ޖެހުމަށް މެދުވެރިވާ ވަކި
ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ހޯދިފައިވާގޮތުން ގުރުދާގެ ކެންސަރު ފެށިގެން
އަންނަނީ ގުރުދާގެ ކުދިކުދި ސެލްތަކުގެ ޑީއެންއޭ އަށް ބަދަލު އައުމުންނެވެ. ސެލްގެ
ޑީއެންއޭ އަކީ ސެލްއަށް ކުރަންވީ ކަންތައްތައް އިރުޝާދު ދޭ ފަރާތެވެ. ޑީއެންއޭ
އަށް ބަދަލުގެ ސަބަބުން ސެލްއަށް އާދަޔާ ޚިލާފަށް އަވަހަށް ގިނަވެ، އިތުރުވާން
އަންގައެވެ. އާދަޔާ ޚިލާފަށް ކޮންޓްރޯލެއް ނެތި އިތުރުވާ ޣައިރު ތަބީޢީ ދިރުތައް
އެއްވެ، ޓިއުމަރެއް އުފައްދައެވެ. ގިނަ ފަހަރު ގުރުދާގެ ސަތަހައިން ބޭރަށް
ނިކުންނަ ވަރަށް ޓިއުމަރު ބޮޑުވެގެން ދެއެވެ. ބައެއް ފަހަރު ހަށިގަނޑުގެ އެހެން
ހިސާބުތަކަށް ވެސް ކެންސަރު ސެލްތައް ލޭގެ ތެރެއިން ދައުރުވެ، އެހިސާބުތަކުގައި
ވެސް ކެންސަރުގެ އަސަރު ފަތުރުވައެވެ (މެޔޯކްލިނިކް، 2023).
ކެންސަރު ޖެހެނީ ސެލްތަކުގެ އެތެރޭގައި
ހުންނަ ޑީއެންއޭ އަށް ބަދަލު އައުމުންނެވެ. ޑީއެންއޭ އަކީ ވިރާސީ ބަހާތައް
އުފައްދައިދޭ، އިންސާނާގެ ސެލްތަކުގެ އެތެރޭގައި ހުންނަ ކެމިކަލް ތަކެކެވެ.
ސެލްތައް މަސައްކަތްކުރާގޮތް ރަމަތަކޮށް ކޮންޓްރޯލްކުރަނީ ވިރާސީ ބަހާ ތަކުންނެވެ.
މައިންބަފައިންގެ ފުށުން ވާރުތަކުރާ ޑީއެންއޭ އަކީ ވަރަށް ގިނަ ސިފަތަކާ ކަންކަން
ކަނޑައެޅުމުގައި ބައިވެރިވާ އަސާސީ މަޞްދަރެކެވެ (ކެންސަރ.އޯރގް، 2023).
ބައެއް ވިރާސީ ބަހާތައް ސެލްތަކުގެ
ހެދިބޮޑުވުން ކޮންޓްރޯލްކޮށް، އާސެލްތައް އުފައްދައި، އަދި އޭގެ ފަހުން
ނެތިދެއެވެ. ސެލްތައް ހެދިބޮޑުވެ، ބައިބައިކުރުވައި، ކޮންޓްރޯލެއް ނެތި އާސެލްތައް
އުފައްދައި، ދެމެހެއްޓުމަށް އެހީތެރިވެދޭ ވިރާސީ ބަހާތަކަށް ކިޔަނީ
"އޮންކޯޖީންސް"(oncogenes) އެވެ. ސެލްތައް ބައިބައިވުން
ކޮންޓްރޯލްކޮށް، އޭގެ އެކަށޭނަ ވަގުތުގައި ސެލްތައް މަރައި ނައްތާލާ ވިރާސީ ބަހާ
ތަކަށް ކިޔަނީ "ޓިއުމަރ ސަޕްރެޝަރ ޖީން"(tumor suppressor gene) އެވެ (ކެންސަރ.އޯރގް، 2023).
ކެންސަރު ޖެހެނީ އޮންކޯޖީން ތައް ހީވާގި ކުރުވައި ، މުރާލިކުރުވުމާއި،
ޓިއުމަރ ސަޕްރެޝަރ ޖީން ތަކުގެ މަސައްކަތް މަނާކޮށް ހުއްޓުވުމުންނެވެ. މިހެންވުމުން
އެއްވެސް ކޮންޓްރޯލެއްނެތި ސެލްތައް ހެދިބޮޑުވާން ފަށައެވެ. ގުރުދާ ކެންސަރުގެ
ވައްތަރުތައް ކުރިމަތިވުމުގައި ތަފާތު ވިރާސީ ބަހާތަކަށް ބަދަލުތައް އައުން
ޝާމިލްވާކަން ފާހަގަ ކުރެވެއެވެ.
މަގުފަހިކުރާ ކަންތައްތައް
ގުރުދާގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ
ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އުމުރުން ދުވަސްވުން : އުމުރުން ދުވަސްވާވަރަކަށް ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރު
ކުރުވައެވެ.
·
ޖިންސް : ރީނަލް ސެލް
ކާސިނޯމާ ކުރިމަތިވުމުގެ ހިރާސް އަންހެނުންނަށްވުރެ 2 ގުނަ ފިރިހެނުންނަށް
އިތުރުކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ދިމާވަނީ ފިރިހެނުން ނިސްބަތުން
ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރުވެފައި، މަސައްކަތުގެ މާހައުލުން
ކެންސަރު ޖައްސަނިވި ކެމިކަލްތަކަށް ހުށަހެޅުމުގެ ހިރާސް ފިރިހެނުންގެ ތެރޭގައި
އިތުރުވާތީ ކަމަށް ފަހަރުގައި ވެދާނެ އެވެ (ކެންސަރ.އޯރގް، 2023).
·
ނަސްލު : އެމެރިކަން
އެފްރިކަން ނަސްލުގެ މީހުންގެ މެދުގައި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ރީނަލް
ސެލް ކާސީނޯމާ އާންމުކަން ފާހަގަ ކުރެވެއެވެ. (ކެންސަރ.އޯރގް، 2023).
·
ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް
އެކަން ނުކުރާ މީހުންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. ދުންފަތުގައި
އިސްތިއުމާލު ކުރުމުގައި ގިނަ ދުވަސްވާވަރަކަށް މިހިރާސް އިތުރުވެގެން ދެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން އެ ހިރާސް ކުޑަވެގެން ދެއެވެ
(މެޔޯކްލިނިކް.ކޮމް 2023). މިއީ ރީނަލް ސެލް ކާސިނޯމާ ޖެހުމުގެ ހިރާސް އިތުރުކުރާ
ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތަށް ބަލައި، ކެންސަރު ޖެހުމުގެ
ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ (ކެންސަރ.އޯރގް، 2023).
·
މޮޓާވުން: ހަށިގަނޑު
ފަލަވެ، ބަރުހެލިވެ، މޮޓާވުމަކީ ގުރުދާގެ ކެންސަރު ޚާއްޞަކޮށް ރީނަލް ސެލް
ކާސިނޯމާ ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ހަށިގަނޑުގެ ބަރުދަން
އެއްވަރެއްގައި ހުންނަ މީހުންނަށްވުރެ ހަށިގަނޑު މޮޓާކޮށް ތިބޭ މީހުންނަށް
މިހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑު ބަރުހެލިވެ، މޮޓާވި ވަރަކަށް
ގުރުދާގެ ކެންސަރުގެ ހިރާސް އިތުރުކުރެއެވެ (މެޔޯކްލިނިކް.ކޮމް 2023). ހަށިގަނޑު
ފަލަވެ މޮޓާވުމަކީ ރީނަލް ސެލް ކާސިނޯމާއަށް މަގުފަހިކުރުވާ ބައެއް ބަދަލުތައް
ހޯރމޯންތަކަށް ގެނުވާ ކަމެކެވެ (ކެންސަރ.އޯރގް، 2023).
·
ލޭމައްޗަށްދިއުން : ލޭމައްޗަށްދިއުމަކީ ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ
(މެޔޯކްލިނިކް.ކޮމް، 2023). ލޭމައްޗަށްދިއުމުގެ ބޭސް ބޭނުންކުރިޔަސް، މިހިރާސް
ދަށްވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ (ކެންސަރ.އޯރގް، 20203).
·
ގުރުދާ ފޭލްވުމަށް ފަރުވާ ހޯދުން : ދުވަސްވީ ގުރުދާގެ ބައްޔަށް ދިގު މުއްދަތަކަށް ޑަޔަލިސިސް ހަދާ މީހުންނަށް
ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ
(މެޔޯކްލިނިކް.ކޮމް، 2023).
·
އާއިލާގެ ތެރޭގައި ބަލި ދައުރުވުން : އާއިލާގެ މެންބަރަކަށް ކުރިން ގުރުދާގެ ކެންސަރު
ޖެހިފައިވާ ނަމަ އެއާއިލާގެ އެހެން މެންބަރުންނަށް ގުރުދާގެ ކެންސަރު ޖެހުމުގެ
ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް.ކޮމް، 2023).
·
މަސައްކަތުގެ މާހައުލުން ކެމިކަލް އަށް ހުށަހެޅުން : މަސައްކަތުގެ މާހައުލުން ކެންސަރު ޖައްސަނިވި
ކެމިކަލްތަކަށް ޚާއްޞަކޮށް "ޓްރައިކްލޯރޯއީތައިލީން"(trichlorethylene) އަށް ހުށަހެޅުމަކީ ރީނަލް ސެލް ކާސިނޯމާ
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (ކެންސަރ.އޯރގް، 2023).
·
ބައެއް ކަހަލަ ބޭސްތައް : ބައެއް ދިރާސާތަކުން ހޯދިފައިވާ ގޮތުގައި އެސިޓަމައިނޯފެން ބޭނުންކުރުމާއި
ގުރުދާގެ ކެންސަރު ޖެހުމާއި ގުޅުމެއް އޮވެދާނެ އެވެ (ކެންސަރ.އޯރގް، 2023).
·
ވާރުތަވާ ބައެއް ކަހަލަ ބަލިތައް : ބައެއް މީހުންނަކީ އުފެދުމުގައި
ބައެއް ކަހަލަ ކެންސަރަށް މަގުފަހިކުރާ ވިރާސީ ބަހާ ވާރުތަވެފައި ތިބޭ މީހުންނެވެ.
މިގޮތުން ވިރާސީ ބަހާގެ އަންނަ ބަދަލުގެ ސަބަބުން ކެންސަރަށް މަގުފަހިވުމުގެ
ހިރާސް އޮވެއެވެ. އެގޮތުން ވާރުތަވާ ބައެއް ކަހަލަ ބަލިތައް ހުރުމަކީ ގުރުދާގެ
ކެންސަރަށް މަގުފަހިކުރާ ކަމެކެވެ. މިފަދަ ބަލިތަކުގެ ތެރޭގައި އަންނަނިވި
ބަލިތައް ހިމެނެއެވެ.
o ވޮން ހިޕެލް
ލިންޑައު ޑިޒީޒް (won
hippel lindau disease): މިބަލި ހުންނަ މީހުންނަށް ހަށިގަނޑުގެ އެކި
ހިސާބުތަކުގައި ކެންސަރުގެ ޓިއުމަރު ތަކާއި، ސިސްޓް ތައް އުފެދުމުގެ ހިރާސް
އޮވެއެވެ. މިފަދަ މީޙުންނަށް ޅައުމުރުގައި ކްލެއަރ ސެލް ރީނަލް ސެލް ކާސިނޯމާ
ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. މީގެ އިތުރުން ފަހަރުގައި ބިނައިން ޓިއުމަރުތައް
ލޯ، ޗިސްމޭ، ސިކުނޑި، މައިބަދަ ފަދަ ބައިތަކުގައި އުފެދޭގޮތް ވެއެވެ. އަދި
އެޑްރީނަލް ގްލޭންޑްގައި ފިއޯކްރޯމޯސައިޓޯމާ ވެސް އުފެދޭގޮތް ވެއެވެ. މިހާލަތް
ކުރިމަތިވަނީ "VHL" ކިޔާ ވިރާސީ ބަހާއަށް ބަދަލުއައުމުންނެވެ (ކެންސަރ.އޯރގް، 2023). ވޮން
ހިޕެލް ލިންޑައު ޑިޒީޒް، ބާރޓް ހޮގް ޑޫބެ ސިންޑްރޯމް ފަދަ ވާރުތަވާ ބަލިތައް
ހުރުމަކީ ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް.ކޮމް،
2023).
o ހެރެޑިޓަރީ ޕެޕިލަރީ
ރީނަލް ސެލް ކާސިނޯމާ(hereditary
papillary renal cell carcinoma): އުފެދުމުގައި މިހާލަތު މެދުވެރިވާ މީހުންނަށް ޕެޕިލަރީ
ރީނަލް ސެލް ކާސިނޯމާ ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. ނަމަވެސް ހަށިގަނޑުގެ
އެހެން ހިސާބުތަކުގައި ކެންސަރު އުފެދޭކަން ފާހަގައެއް ނުކުރެވެއެވެ. މިހާލަތާއި "MET" ކިޔާ ވިރާސީ ބަހާ އަށް އަންނަ ބަދަލާއި ގުޅުން އޮންނަކަމަށް ބެލެވިފައި
ވެއެވެ (ކެންސަރ.އޯރގް، 2023).
o ހެރިޑިޓަރީ
ލެއިއޯމެޔޯމާ ރީނަލް ސެލް ކާސިނޯމާ(hereditary
leiomyoma renal cell carcinoma) : މިބަލި ހުންނަ މީހުންނަށް ހަމާއި، ރަހިމުގައި ފައިބްރޮއިޑް
ހެދުމުގެ ހިރާސް އޮވެއެވެ. މީގެ އިތުރުން ގުރުދާގައި ޕެޕިލަރީ ރީނަލް ސެލް
ކާސިނޯމާ ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. މިބައްޔާއި ގުޅުން އޮންނަ ވިރާސީ ބަހާ
އަކީ " FH " އެވެ (ކެންސަރ.އޯރގް،
2023).
o ބާރޓް ހޮގް ޑޫބެ
ސިންޑްރޯމް (birt
hog dube syndrome): މިބަލި ހުންނަ މީހުންނަށް ތަފާތު ވައްތަރުގެ ކުދި ހަމުގެ
ބިނައިން ޓިއުމަރުތައް އުފެދޭގޮތް ވެއެވެ. އަދި ތަފާތު ވައްތަރުގެ ގުރުދާގެ
ކެންސަރު ފެންމަތިވުމުގެ ހިރާސް އޮވެއެވެ. އެގޮތުން ރީނަލް ސެލް ކާސިނޯމާ އަދި
އޮންކޯސައިޓޯމާ ތައް އުފެދުމުގެ ފުރުޞަތު އޮވެއެވެ. އެހެން ބައެއް ސެލޯށިތަކުގައި
ބިނައިން އަދި ކެންސަރުގެ ޓިއުމަރު އުފެދުމުގެ ހިރާސް ވެސް މިބަލި ހުންނަ
މީހުންނަށް އޮވެއެވެ. މިބައްޔާއި ގުޅުން އޮންނަ ވިރާސީ ބަހާ އަކީ " FLCN" އެވެ (ކެންސަރ.އޯރގް،
2023).
o ފެމިލިއަލް ރީނަލް
ކެންސަރ (familial
renal cancer): މިހާލަތު ހުންނަ މީހުންނަށް ކަރާއި، ކަދުރާ ހިމެނޭ
ހިސާބުގައި ޕެރަގެންގްލިއޯމާ ކިޔާ ޓިއުމަރު ތަކެއް އުފެދެއެވެ. މީގެ އިތުރުން
ތައިރޮއިޑް ގްލޭންޑްގައި ޓިއުމަރު އުފެދެއެވެ. ހަމައެހެންމެ މިހާލަތު ހުންނަ
މީހުންނަށް އުމުރުން 40 އަހަރުވުމުގެ ކުރިން ގުރުދާގެ ކެންސަރު ޖެހޭކަމަށް ފާހަގަ
ކުރެވިފައި ވެއެވެ. މިހާލަތް ހުންނަ މީހުންނަށް ކެންސަރު ޖެހެނީ " SDHD " އަދި "SDHB" ކިޔާ ވިރާސީ ބަހާ ތަކަށް އަންނަ ބަދަލު ތަކަކުންނެވެ (ކެންސަރ.އޯރގް،
2023).
o ކައުޑެން ސިންޑްރޯމް
(cowden
syndrome): މިބަލި ހުންނަ މީހުންނަށް އުރަމަތި، ތައިރޮއިޑް އަދި
ގުރުދާގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރުވައެވެ. ބެލެވިފައިވާ ގޮތުގައި " PTEN " ކިޔާ ވިރާސީ ބަހާއަށް
އަންނަ ބަދަލާއި މިކެންސަރާއި ގުޅުމެއް ވެއެވެ (ކެންސަރ.އޯރގް، 2023).
o ޓިއުބެރަސް
ސްކެލިރޯސިސް(tuberous
sclerosis): މިބައްޔަކީ ފިޓުޖެހުމާއެކު ވިސްނުމުގެ ގާބިލްކަމަށް
ބަދަލުގެނުވާ އަދި ވަރަށް ގިނަ ގުނަވަންތަކުގައި ކެންސަރު އުފެދުމަށް ދިމާވާ
ބައްޔެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023). އާންމު ގޮތެއްގައި މިބަލި
ހުންނަ މީހުންނަށް ކެންސަރަށް ބަދަލުނުވާ ބިނައިން ޓިއުމަރު ހަން، ސިކުނޑި،
ފުއްޕާމޭ، ލޯ، ގުރުދާ ފަދަ ގުނަވަންތަކުގައި އުފެދެއެވެ. ބައެއް ފަހަރު މިބަލި
ހުންނަ މީހުންނަށް ކްލެއަރ ސެލް ރީނަލް ކާސިނޯމާ ކުރިމަތި ވެއެވެ. މިހާލަތުގައި
ގުރުދާގެ ކެންސަރަށް މަގުފަހިކުރަނީ "TSC1 " އަދި "TSC2" ކިޔާ ވިރާސީ ބަހާ ތަކަކަށް އަންނަ ބަދަލުތަކަކުންނެވެ. ނޫނީ އެވިރާސީ
ބަހާތަކުގައި ހުންނަ އުނިކަމަކުންނެވެ (ކެންސަރ.އޯރގް، 2023).
o ސިކްލް ސެލް
ޓްރެއިޓް އެންޑް ސިކްލް ސެލް ޑިޒީޒް (sickle
cell disease & trait): ސިކްލް ސެލް ޑިޒީޒް ހުންނަ މީހުން ނޫނީ ސިކްލް ސެލް
ކެރިއަރުން ނުވަތަ ޓްރެއިޓުންނަށް ރީނަލް މެޑުލަރީ ކާސިނޯމާ ކުރިމަތިވުމުގެ ހިރާސް
އިތުރުކަމަށް ދައްކައެވެ. ރީނަލް ސެލް ކާސިނޯމާގެ ވަރަށް މަދުން ކުރިމަތިވާ
މިވައްތަރު ބޮޑަށް ފާހަގަކުރެވެނީ ޅަފުރާގެ ކުދިންގެ ފުށުންނެވެ. އަދި މިއީ ވަރަށް
އަވަހަށް ހެދިބޮޑުވާ ކެންސަރެކެވެ. އަދި މިއީ ފަރުވާކުރަން ވެސް އުދަނގޫވާ
ކެންސަރެކެވެ. ރީނަލް މެޑުލަރީ ކާސިނޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުވަނީ "SMARCB1" ކިޔާ ވިރާސީ ބަހާ އަކަށް އަންނަ ބަދަލުތަކަކުން ކަމަށް ބެލެވިފައި ވެއެވެ
(ކެންސަރ.އޯރގް، 2023).
އަލާމާތްތައް
ގުރުދާގެ ކެންސަރަކީ އޭގެ ކުރީކޮޅުގައި
މާގިނަ އަލާމާތްތަކެއް ފެންނަ ކެންސަރެއް ނޫނެވެ. ނަމަވެސް ދުވަސްވާ ވަރަކަށް
އަލާމާތްތަކާއި، ނިޝާންތައް ފާހަގަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
ކުޑަކަމު ނަޖިހުގައި ލޭހުރުން : އެގޮތުން ކުޑަކަމުދާ ތަކެތީގެ ކުލަ، ރަތް،
ފިޔާތޮށި އަދި ކޯލާ ކުލައިގައި ވެސް ހުރެދާނެއެވެ.
·
އުނަގަނޑުގައި ނޫނީ އަރިކަށީގައި ނުފިލާ ތަދެއް ހުރުން
·
އަރިކަށިން ގުރުދާ އޮންނަ ހިސާބުގައި ދުޅައެއް އުފެދުން
·
ކާހިތްނުވުން
·
ނުތަނަވަސްވުން
·
ބަރުދަން ލުއިވުން
·
މަޑު ހުމެއް ހުންއައުން
·
ވަރުބަލިވުން
·
ކަށީގައި ރިހުން
·
ލޭމައްޗަށްދިއުން
·
ލޭދަށްވުން
·
ކެލްސިއަމް މަތިވުން ނޫނީ ގިނަވުން
ދެނެގަތުން
ގުރުދާގެ ކެންސަރު ބަލިމީހާގެ ފުށުން
ފެންނަ އަލާމާތްތަކާއި ފާހަގަވާ ނިޝާންތަކުން ވެސް ފަހަރުގައި ދެނެގަނެވިދާނެއެވެ.
ނޫނީ އެހެން ބައްޔަކަށް ނޫނީ ޞިއްޙީ މައްސަލަތަކަށް ހަދާ އިމޭޖިންގ ޓެސްޓުތަކުން
ވެސް ގުރުދާގެ ކެންސަރު ހުރިކަން ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް ހަގީގަތުގައި
ގުރުދާގެ ކެންސަރު ދެނެގަނެވޭނީ ލެބޯޓަރީ ޓެސްޓުތަކުން ގުރުދާގެ ސެލްތަކަށް
އައިސްފައިވާ ބަދަލުތައް ބަލައިގެންނާއި، ބައްޔަށް ޝައްކުވުމުން ހަދާ އިމޭޖިންގ
ޓެސްޓުތަކުން ފާހަގަވާ ކަންތަތަކަށް ބަލައިގެންނެވެ.
ބަލިމީހާގެ ދުޅަހެޔޮކަމުގެ މާޒީ
އަދި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުން
ގުރުދާގެ ކެންސަރަށް ތުހުމަތުކުރެވޭ
އަލާމާތްތަކެއް ފާހަގަވާނަމަ، ބަލިމީހާގެ ޞިއްޙީ ހާލަތު ހުރިނެތްގޮތް، ބައްޔަށް
މަގުފަހިކުރާ ފަދަ ބަލިމީހާގެ ކިބައިގައި ހުރިތޯ އަހައި އޮޅުން ފިލުވާނެއެވެ. ޖިސްމާނީގޮތުން
ހަށިގަނޑު ބަލައި ޗެކުކުރާއިރު، ދަށްބަނޑުން އަރިކައްޓާއި ގާތްވީ ހިސާބުން
ދުޅައެއް ހުންނަކަން ފާޙަގަ ކުރެވިދާނެ އެވެ. ބަލިމީހާގެ ހަށިގަނޑު ބަލައި
ފާހަގަވާ ކަންތައްތަކަށް ރިއާޔަތްކޮށް އިތުރު ޓެސްޓުތައް ހެދުމަށް ލަފާދޭނެ އެވެ.
ގުރުދާގެ ކެންސަރު ހުރިކަން ދެނެގަތުމަށް
އަންނަނިވި ޓެސްޓުތައް ހަދަންޖެހިދާނެ އެވެ.
(ހ) ކުޑަކަމުދާ ތަކެތި
ޓެސްޓުކުރުން : މިޓެސްޓުތަކުގެ އެހީގައި
ބަލީގެ އަލާމާތްތައް ފެންނަނީ ކިހިނެއްވެގެން ފަހަރުގައި ލަފާކޮށްލަން އެނގިދާނެ
އެވެ. ކުޑަކަމުދާ ތަކެތި ޓެސްޓުކުރާއިރު ކުޑަކަމު ނަޖިހުގައި ލޭހުރިކަން ނުވަތަ
ނެތްކަން ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި ގުރުދާގެ ކެންސަރު ޖެހިފައިވާނަމަ
ކުޑަކަމު ނަޖިހުގައި ލޭހުރުމަކީ ގާތް ކަމެކެވެ. ޓްރާންސިޝަނަލް ސެލް ކާސިނޯމާ
ހުރިނަމަ ކުޑަކަމު ނަޖިހުގެ ނަމޫނާ އެއް ބޭނުންކޮށްގެން "ޔޫރިން
ސައިޓޮލޮޖީ"(urine
cytology) ހަދާއިރު
ކުޑަކަމު ނަޖިހުގައި ކެންސަރުގެ ސެލްތައް ހުރިކަން ފާހަގަވާނެ އެވެ.
(ށ) ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުތަކުގެ އެހީގައި ލޭގެ ސެލްތަކުގެ ވައްތަރުތައް
ހުރި މިންގަނޑުތަކާއި، އަދި ލޭދަށްވުން(anemia)
ފަދަ ކަމެއް ހުރިނަމަ އެކަމެއް ދެނެގަނެވޭނެ
އެވެ. ލޭގެ ރަތް ސެލްތައް ގިނަވުން(polycythemia)
ކުރިމަތިވެދާނެ އެވެ. މިއީ ގުރުދާ ކެންސަރުގެ
ސެލްތަކުން އެރިތުރޯޕޮއިޓިން ހޯރމޯން އުފެއްދުމަށް ބާރުއެޅުމުން ކަށީގެ މަދުން
އިތުރަށް ލޭގެ ރަތް ސެލްތައް އުފެއްދުމުން ދިމާވާ ކަމެކެވެ. މީގެ އިތުރުން ލޭގައި
ލޮނުގެ ބައި، އަދި ގުރުދާ ގެ މަސައްކަތް ހުރިނެތްގޮތް ވެސް ލޭގެ ޓެސްޓުތަކުގެ އެހީގައި ދެނެގަނެވިދަނެ
އެވެ. ފުރަމެއިން އުފައްދާ ޅިންތާ(enzyme) ތައް އިތުރުވެފައި ހުރެދާނެ އެވެ. އަދި
ލޭގައި ކެލްސިއަމް ވެސް ގިނަވެފައި ހުރެދާނެ އެވެ.
(ނ) އިމޭޖިންގ ޓެސްޓުތައް : އިމޭޖިންގ ޓެސްޓުތަކުގެ އެހީގައި ގުރުދާގައި ޓިއުމަރެއް
ނޫނީ ޣައިރު ތަބީޢީ ކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. އިމޭޖިންގ ޓެސްޓު
ތަކުގެ ތެރޭގައި އެކްސްރޭ، އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭން އަދި އެމްއާރުއައި
ފަދަ ޓެސްޓުތައް ހިމެނެއެވެ.
·
ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ (ސީޓީ) ސްކޭން ހެދުން (CT scan): ސީޓީ
ސްކޭންގައި ހަށިގަނޑުގެ ތަސްވީރުތައް ކްރޮސް-ސެކްޝަންކޮށް ނަގާލެވެއެވެ. ސީޓީ
ސްކޭންގެ އެހީގައި ޓިއުމަރު ހުރިތަން، ސައިޒް އަދި ބައްޓަން ދެނެގަނެވެއެވެ. މީގެ
އިތުރުން ގުރުދާގެ ވަށައިގެންވާ ބައިތަކާއި، ލިމްފް ގޮށްތަކަށް ވެސް ކެންސަރުގެ
އަސަރު ފޯރައިފައި ވޭތޯ ބެލުމަށް ވެސް ސީޓީ ސްކޭން ހެދެއެވެ. މީގެ އިތުރުން
ގުރުދާގެ ބަޔޮޕްސީ ހެދުމަށް ގުރުދާއިން ނަމޫނާ ނަގާއިރު ވެސް ގުރުދާގައި
ކެންސަރުގެ އަސަރު ހުރި ހިސާބަށް ތިނޯސް ނުވަތަ ކަށި ފޯރުވުމަށް ސީޓީ ސްކޭންގެ
ބޭނުން ހިފައެވެ. ސީޓީ ހަދާއިރު ގުރުދާގެ ތެރެ ރަނގަޅަށް ފެންނާނެ ގޮތް
ހެދުމަށްޓަކައި ކޮންޓްރަސްޓް ޑައި އެއް އިންޖެކްޝަންގެ ގޮތުގައި ލޭގެ ތެރެއަށް
ފޮނުވޭނެ އެވެ. ކޮންޓްރަސްޓް ޑައި އަކީ ގުރުދާ އަށް ގެއްލުން ދެނިވި އެއްޗެކެވެ.
ގިނަ ފަހަރު މިގޮތަށް ގެއްލުންވަނީ ޓެސްޓު ހަދާއިރު ވެސް ގެއްލުންވާން ފަށާފައި
ހުންނަ ގުރުދާއަށެވެ. އެހެންކަމުން ޓެސްޓު ހެދުމުގެ ކުރިން ގުރުދާގެ މަސައްކަތްހުރިނެތްގޮތް
ބެލުމަށް ލޭގެ ޓެސްޓު ހެދުމަކީ މުހިއްމު ކަމެކެވެ (ކެންސަރ.އޯރގް، 2023).
·
މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ސްކޭން ހެދުން (MRI scan): ކޮންޓްރަސްޓް
ޑައި އަށް ނޭސަރުވާތީ ،ނޫނީ ގުރުދާ ގެ މަސައްކަތް ރަނގަޅަށް ނުކުރާތީ ސީޓީ ސްކޭން
ނުހެދޭ މީހުންނަށް ފަހަރުގައި އެމްއާރުއައި ސްކޭން ހަދަންޖެހިދާނެ އެވެ. މީގެ
އިތުރުން ބަނޑުކައިރީގައިވާ ބޮޑެތި ލޭހޮޅިތަކަށް (އިންފީރިއަރ ވީނާ ކޭވާ ފަދަ)
ކެންސަރުގެ އަސަރުކޮށްފައިވާނަމަ ވެސް އެމްއާރުއައި ސްކޭން ހަދަންޖެހިދާނެ އެވެ.
ސަބަބަކީ ސީޓީ ސްކޭން އަށްވުރެ ލޭހޮޅިތަކުގެ ތަސްވީރު އެމްއާރުއައި ސްކޭން އިން
ރީތިކޮށް ފާހަގަވާތީ އެވެ. އަދި ސިކުނޑިއާއި މައިބަދައަށް ގުރުދާގެ ކެންސަރުގެ
އަސަރު ފެތުރިފައިވާނަމަ ވެސް އެމްއާރުއައި ސްކޭން ހަދައިފާނެ އެވެ
(ކެންސަރ.އޯރގް، 2023).
·
އަލްޓްރާ ސައުންޑް ސްކޭން ހެދުން (ultrasound scan): ސްކޭންގެ އެހީގައި
ގުރުދާގައި ދުޅައެއް ނޫނީ ގަނޑެއް ހުރިނަމަ ނޫނީ ޓިއުމަރެއް ހުރިނަމަ ދެނެގަނެވޭނެ
އެވެ. އާންމު ގޮތެއްގައި ގުރުދާގެ ޓިއުމަރު ހުންނަނީ ހަރުކޮށެވެ. މީގެ އިތުރުން
ގުރުދާގެ ބަޔޮޕްސީ ހަދާއިރު ވެސް އަލްޓްރާ ސައުންޑްގެ ބޭނުން ހިފަންޖެހެއެވެ. އެއީ
ބަޔޮޕްސީގެ ނަމޫނާ ނެގުމަށް ބޭނުންވާ ކަށި ގުރުދާއިން ބޭނުންވާ ހިސާބަށް
ފޯރުވުމަށްޓަކައެވެ (ކެންސަރ.އޯރގް، 2023).
·
މޭގެ އެކްސްރޭ ނެގުން (chest
x ray): ގުރުދާގެ ކެންސަރު ހުރިކަން އެނގުމަށްފަހު ފަހަރުގައި މޭގެ
އެކްސްރޭ އެއް ނަގައިފާނެއެވެ. މިއީ ގުރުދާގެ ކެންސަރުގެ އަސަރު ފުއްޕާމެޔަށް
ކޮށްފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ (ކެންސަރ.އޯރގް، 2023).
·
އެންޖިއޯގްރަފީ ހެދުން (angiography): އެންޖިއޯގްރަފީ އަކީ
ލޭހޮޅިތަކުގެ އެކްސްރޭ އެކެވެ. އެންޖީއޯގްރަފީ ހެދުމަށް ކޮންޓްރަސްޓް ޑައި އެއް
ރީނަލް އާޓަރީގެ ތެރެއަށް ފޯރުކޮށް ދެވެއެވެ. މިޑައި ގެ އެހީގައި ލޭހޮޅިތަކުގެ
އައުޓްލައިން ނުވަތަ ބޭރު ރޮނގު ފާހަގަ ކުރެވޭނެ އެވެ. އެއަށްފަހު އެކްސްރޭ އެއް
ނެގޭނެ އެވެ. މިއެކްސްރޭގެ އެހީގައި ގުރުދާގައިވާ ޓިއުމަރަށް ލޭފޯރުކޮށްދޭ ގޮތުގެ
މަގުޗާޓެއް ނުވަތަ ޗާޓެއް ކުރެހި ފާހަގަ ވެގެންދާނެއެވެ. ނޫނީ ފާހަގަ ކުރެވޭނެ
އެވެ. ބައެއް މީހުންނަށް އޮޕަރޭޝަންގެ ކުރިން ވެސް މިޓެސްޓު ހެދެއެވެ. އަދި
ގުރުދާގެ ކެންސަރު ދެނެގަތުމަށް ވެސް މިޓެސްޓު ހެދެއެވެ. މިހާރު އެންޖިއޯގްރަފީ
ހަދަނީ ވަކިން ހަދާ އެކްސްރޭ ޓެސްޓެއްގެ ބަދަލުގައި ސީޓީ ސްކޭން ނޫނީ އެމްއާރުއައި
ސްކޭން ފަދަ ޓެސްޓެއްގެ ތެރެއިން ކުރެވޭ ކަމެއްގެ ގޮތުގައެވެ (ކެންސަރ.އޯރގް،
2023).
·
ކަށީގެ ސްކޭން ހެދުން (bone scan): ކަށީގެ ސްކޭން އެއް
ހެދުމުން ގުރުދާގެ ކެންސަރު އަސަރު ކަށިތަކަށް ފޯރާފައިވާނަމަ އެކަން ދެނެގަނެވޭނެ
އެވެ. މަދު މިންވަރެއްގެ ބާރު ދަށް ރޭޑިއޯއެކްޓިވް ސާމާރު ލެޔަށް
އިންޖެކްޓްކުރުމުން، ކަށީގައިވާ ޣަޢިރު ތަބީޢީ (ކެންސަރުގެ އަސަރުހުރި)
ހިސާބުތަކުގައި ޖަމާވާނެއެވެ. މީގެ އިތުރުން ގުރުދާގެ ކެންސަރުގެ އަސަރު ކައްޓަށް
ފޯރުމުން ފެނިދާނެ އަލާމާތްތައް (މިސާލަކަށް ރިހުންތައް، ލޭގެ ޓެސްޓުތަކުން
ކެލްސިއަމް އިތުރުވެފައި ހުރުން) ފާހަގަވާނަމަ ވެސް ފަހަރުގައި ކަށީގެ ސްކޭން އެއް
ހަދަން ޖެހިދާނެ އެވެ (ކެންސަރ.އޯރގް، 2023).
(ރ) ބަޔޮޕްސީ ހެދުން (biopsy): ބައެއް
ފަހަރު ގުރުދާ އިން (ޝައްކު ކުރެވޭ ހިސާބުން) ކުޑަ ސެލޯށި ނަގައިގެން އެސެލޯށި
ކޮޅު ބޭނުންކޮށްގެން ބަޔޮޕްސީ ހަދައިފާނެއެވެ. މިއީ ކެންސަރުގެ އަސަރު ހުރިތޯ
ބެލުމަށް ކުރެވޭ ކަމެކެވެ.
ގުރުދާގެ ކެންސަރު ބަހާލެވިފައިވާ
މަރުހަލާތައް
ވައްތަރުތައް
(ހ) ރީނަލް ސެލް ކާސިނޯމާ ނުވަތަ
ހައިޕަނެފްރޯމާ (renal
cell carcinoma): ރީނަލް ސެލް ކާސިނޯމާ ނުވަތަ ހައިޕަރނެފްރޯމާ(Hypernephroma) ޖެހޭ ވަކި ސަބަބެއް އަދި ހޯދިފައި ނެތްނަމަވެސް، ދުންފަތުގެ
އިސްތިއުމާލުކުރާ މީހުންނަށް މިބާވަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 5 ގުނަ
އިތުރެވެ. ޞިއްޙީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ކެމިކަލްގެ ސަބަބުން ވެސް
މިކެންސަރު ޖެހޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މިބާވަތުގެ ކެންސަރު ގިނައިން
ޖެހެނީ އުމުރުން 50 އަހަރަށްވުރެ މަތީ ފިރިހެނުންނަށެވެ.
ގުރުދާއަށް ޖެހޭ ކެންސަރުގެ %85 އަކީ
ރީނަލް ސެލް ކާސިނޯމާ އެވެ. ބޮޑެތި މީހުންނަށް އެންމެ އާންމުކޮށް ޖެހޭ ގުރުދާގެ
ކެންސަރުގެ ވައްތަރަކީ ވެސް މިއީ އެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ކެންސަރު
އުފެދެނީ ކޮންމެވެސް އެއް ގުރުދާއެއްގައި އެންމެ
ސިންގަލް ޓިއުމަރެއްގެ ގޮތުގައެވެ. ނަމަވެސް ދެ ގުރުދާގައި ވެސް
މިވައްތަރުގެ ކެންސަރު އުފެދިދާނެ އެވެ. މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ
ލެއިން ކާނާއާޢި ދިޔާތަކެތި ގުރުދާއަށް ނަގައިދޭ ހިމަހޮޅިތަކުގެ ދާރަ ފަށުގައި
ހުންނަ ދިރު ނޫނީ ސެލްތަކުންނެވެ. ރީނަލް ސެލް ކާސިނޯމާ ގެ އެންމެ އާންމު
ވައްތަރަކީ ކްލެއަރ ސެލް ރީނަލް ސެލް ކާސިނޯމާ އެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
ރީނަލް ކެންސަރ އަށް "ރީނަލް ސެލް
ކާސިނޯމާ"(renal
cell carcinoma)، "ހައިޕަނެފްރޯމާ"(hypernephroma)، "ރީނަލް ސެލް އެޑީނޯކާސިނޯމާ"(renal cell adenocarcinoma)، ފަދަ ނަންތައް ވެސް ކިޔައެވެ. ގުރުދާގެ
ކެންސަރުޖެހޭ ކޮންމެ 10މީހުންގެ ތެރެއިން 9 މީހަކަށް ޖެހެނީ މިވައްތަރުގެ
ކެންސަރެވެ (ކެންސަރ.އޯރގް، 2022).
ރީނަލް ސެލް ކާސިނޯމާ ފެށިގެން އަންނަނީ
ގުރުދާގައި އެންމެ ސިންގަލް ޓިއުމަރެއްގެ ގޮތުގައެވެ. ބައެއް ފަހަރު އެއް
ގުރުދާގައި ވަކި ދެ ޓިއުމަރު ނޫނީ ކޮންމެ ގުރުދާއެއްގައި ވެސް ޓިއުމަރެއް
އުފެދިފައި އިނދެފާނެއެވެ. ލެބް ޓެސްޓުތަކުން ކެންސަރު ސެލްތަކަށް އައިސްފައި ހުންނަ
ބަދަލުތަކަށް ރިޢާޔަތްކޮށް ރީނަލް ސެލް ކާސިނޯމާ ތަފާތު ކުދި ބައިތަކަށް ވެސް
ބެހިފައި ހުރެއެވެ (ކެންސަރ.އޯރގް، 2022).
އަލާމާތްތައް:
·
ބަލީގެ ފުރަތަމަ މަރުހަލާގައި ވެސް ބަލިކަމުގެ އިހްސާސް އެމީހަކަށް ކުރެވުން
·
ބަރުދަން ލުއިވުން
·
ކާހިތްނުވުން
·
ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
·
ސަބަބެއް ނޭނގި ހުންއައުން
·
ބަނޑުގައި ރިހުން
ފަރުވާ:
·
އޮޕަރޭޝަން ކުރުން
·
ރޭޑިއޭޝަން ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ
މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ
ޑޮކްޓަރެކެވެ. މިބާވަތުގެ ކެންސަރަށް ކީމޯތެރަޕީއިން ރަގަޅު އަސަރެއް
ނުކުރާކަންވަނީ ފާހަގަކުރެވިފައެވެ.
ރީނަލް ސެލް ކާސިނޯމާގެ
ވައްތަރުތައް
ކްލެއަރ ސެލް ރީނަލް ކާސިނޯމާ : ރީނަލް ސެލް ކާސިނޯމާ ގެ އެންމެ އާންމު ވައްތަރަކީ ކްލެއަރ
ސެލް ރީނަލް ސެލް ކާސިނޯމާ އެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023،
ކެންސަރ.އޯރގް، 2023). ރީނަލް ސެލް ކާސިނޯމާ ޖެހޭ ކޮންމެ 10 މީހުންގެ ތެރެއިން 7
މީހުންނަށް ޖެހެނީ މިވައްތަރުގެ ގުރުދާގެ ކެންސަރެވެ. މިވައްތަރުގެ ކެންސަރުގައި
ލެބޯޓަރީ އިން ބަލާއިރު ސެލްތައް ހުންނަނީ ވަރަށް ސާފުކޮށެވެ. ނޫނީ ދޮންފޫޑު
ކޮށެވެ (ކެންސަރ.އޯރގް، 2023).
ނޮން ކްލެއަރ ރީނަލް ސެލް
ކާސިނޯމާ : ވައްތަރު ބެހިފައިވާ އިތުރު
ވައްތަރުތައް ތިރީގައި މިވަނީ އެވެ.
ޕެޕިލަރީ ރީނަލް ސެލް ކާސިނޯމާ :
މިއީ
ދެވަނަ އަށް އެންމެ އާންމު ރީނަލް ސެލް ކާސިނޯމާ އެވެ. ރީނަލް ސެލް ކާސިނޯމާ ޖެހޭ
މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން 1 އަކަށް ޖެހެނީ މިވައްތަރުގެ
ގުރުދާގެ ކެންސަރެވެ. މިވައްތަރުގެ ގިނަ ކެންސަރުގައި ޓިއުމަރުން އިގިލިތަކެއްހެން
ހުންނަ ނިކުތުންތަކެއް ނުވަތަ "ޕެޕިއްލާ" އުފެދިފައި ހުރެއެވެ، ބައެއް
ޑޮކްޓަރުން މިވައްތަރަށް "ކްރޯމޯފިލިކް ރީނަލް ސެލް ކާސިނޯމާ"(chromophilic
renal cell carcinoma) ވެސް ކިޔައެވެ. މިގޮތަށް ކިޔަނީ ވަކި ޚާއްޞަ ޑައި އެއް
ބޭނުންކޮށްގެން، މައިކްރޮސްކޯޕުން ބަލާއިރު ކެންސަރުގެ ސެލްތަކުގެ ކުލަ ފިޔާތޮށި
ކުލައަށް ފެންނަށް ހުންނާތީ އެވެ (ކެންސަރ.އޯރގް،
2023).
ކްރޯމޯފޯބް ރީނަލް ސެލް ކާސިނޯމާ
: ރީނަލް ސެލް ކާސިނޯމާ %5 ހިއްސާކުރަނީ
މިވައްތަރުގެ ކެންސަރެވެ. މިވައްތަރުގައި ކެންސަރު ސެލްތައް ލެބޯޓަރީ ޓެސްޓުގައި
ބަލާއިރު ހުންނާނީ ދޮންފޫޑުކޮށެވެ. ނަމަވެސް ކްލެއަރ ސެލް ރީނަލް ކާސިނޯމާ ގައި
ހުންނަ ވަރަށް ވުރެ ސައިޒުން ބޮޑުވެފައި، އެހެން ޚާއްޞަ ފާހަގަކުރެވޭ ސިފަތައް
ހުންނާނެ އެވެ (ކެންސަރ.އޯރގް، 2023).
ވަރަށް މަދުން ޖެހޭ ރީނަލް
ކާސިނޯމާގެ ވައްތަރުތައް :
މިވައްތަރުގެ ކެންސަރުތައް ޖެހެނީ ވަރަށް މަދުންނެވެ. ނިސްބަތުން ބަލާއިރު
ގުރުދާއަށް ޖެހޭ ކެންސަރުތަކުގެ %1 އަށްވުރެ ވެސް މަދުންނެވެ. ގުރުދާއަށް ޖެހޭ
ނާދިރު ކެންސަރުތަކުގެ ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ
(ކެންސަރ.އޯރގް، 2023).
·
ކަލެކްޓިންގ ޑަކްޓް ރީނަލް ސެލް ކާސިނޯމާ
·
މަލްޓިލޮކިޔުލަރ ސިސްޓިކް ރީނަލް ސެލް ކާސިނޯމާ
·
މެޑުލަރީ ކާސިނޯމާ
·
މިއުސިނަސް ޓިބިއުލަރ އެންޑް ސްޕިންޑްލް ސެލް ކާސިނޯމާ
·
ނިއުރޯބްލާސްޓޯމާ-އެސޯޝިއޭޓަޑް ރީނަލް ސެލް ކާސިނޯމާ
އަންކްލެސިފައިޑް ރީނަލް ސެލް ކާސިނޯމާ : މިއީ
ސެލްތަކަށް ބަލައިގެން އެއްވެސް ވައްތަރަކަށް ނުފެތޭ ވައްތަރަކަށް ކިޔާ ނަމެކެވެ. އެއީ
މިވައްތަރުގައި އެއްވައްތަރަށްވުރެ ގިނަ ވައްތަރަށް ފެތޭ ކެންސަރު ސެލްތައް
ފެންނަށް ހުންނާތީ އެވެ.
(ށ) ވިލްމުސް ޓިއުމަރު (wilm’s tumor): ވިލްމުސް ޓިއުމަރަކީ އުމުރުން 5-1 އަހަރާއި ދެމެދުގެ ކުދިންގެ ގުރުދާ
އަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. ކުޑަކުދިންނަށް ޖެހޭ ގުރުދާގެ ކެންސަރުގެ އެންމެ
އާންމު ވައްތަރަކީ މިއީ އެވެ. ގުރުދާ އަށްޖެހޭ ކެންސަރުގެ %5 އަކީ ވިލްމުސް
ޓިއުމަރެވެ(މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023). އާންމު ގޮތެއްގައި އަބަދު
ވެސް ކަހަލަ ގޮތަކަށް ވިލްމުސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށެވެ.
އަލާމާތްތައް:
·
ބަނޑުގައި އަތްލާ ބެލުމުން އޮމާންކަމެއްނެތް ހަރުތަނެއްގައި އަތްޖެހުން
·
ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
·
ބަނޑަށް އުދަގޫވުން
·
ހުންއައުން
·
ކާހިތްނުވުން
·
ބަރުދަން ލުއިވުން
ފަރުވާ:
·
އޮޕަރޭޝަން ކުރުން
·
ރޭޑިއޭޝަން ދިނުން
·
ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ
މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ
ޑޮކްޓަރެކެވެ
(ނ) ޓްރާންސިޝަނަލް ސެލް ކާސިނޯމާ
(transitional
cell carcinoma): ޓްރާންސިޝަނަލް ސެލް ކާސިނޯމާ އަކީ ގުރުދާއަށް ޖެހޭ
ކެންސަރުގެ %7-6 ހިއްސާކުރާ ކެންސަރު ތަކެވެ. މިވައްތަރުގެ ކެންސަރު އާންމުކޮށް
ފެށިގެން އަންނަނީ މަސާނާއަށް ކުޑަކަމު ނަޖިސް ގުރުދާއިން ގެންގޮސްދޭ ހޮޅި
"ގުރުތާ" ގުރުދާ އާއި ގުޅިފައިވާ ހިސާބު ނުވަތަ ރީނަލް ޕެލްވިސް
އިންނެވެ. މިވައްތަރުގެ ކެންސަރު ގުރުދާގެ އިތުރުން މަސާނާ އަދި ގުރުދާ އާއި
މަސާނާ ގުޅުވައިދޭ ހޮޅި ނުވަތަ ގުރުތާގައި ވެސް އުފެދޭގޮތް
ވެއެވެ(މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023). މިވައްތަރުގެ ކެންސަރަށް
"ޔޫރޯތިލިއަލް ކާސިނޯމާ"(urothelial
carcinoma) ވެސް ކިޔައެވެ (ކެންސަރ.އޯރގް،
2023).
މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނި
ރީނަލް ޕެލްވިސްގެ ބަތާނަފަށް ނުވަތަ ކައިރިފަށުގައި ހުންނަ ސެލްތަކުންނެވެ. މި
ބަތާނަ ފަށުގައި އާންމުކޮށް ހުންނަނީ "ޓްރާންސިޝަނަލް ސެލް"(transitional cells) ތަކެވެ. މިއީ މަސާނާ އަދި ގުރުތާގެ ބަތާނަ
ފަށުގައި ވެސް ހުންނަ ސެލްތަކާ ވައްތަރު ސެލްތަކެކެވެ. މިވައްތަރުގެ ކެންސަރާއި
ދުންފަތުގެ އިސްތިއުމާލުކުރުން އަދި މަސައްކަތުގެ މާހައުލުން ކެންސަރު ޖައްސަނިވި
ތަފާތު ކެމިކަލް ތަކަށް ހުށަހެޅުމާއި ގުޅުން އޮންނަކަމަށް ހޯދިފައި ވެއެވެ. ޓްރާންސިޝަނަލް
ސެލް ކާސިނޯމާ އާޢި، ރީނަލް ސެލް ކާސިނޯމާ ގައި ހުންނަނީ ދާދި އެއް އަލާމާތްތަކާއި
ނިޝާންތަކެކެވެ. އެގޮތުން ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި
ކުޑަކަމުނަޖިހުގައި ލޭހުރުން އަދި އުނަގަނޑުގައި ރިހުން ފަދަ ކަންތައްތައް
ހިމެނެއެވެ (ކެންސަރ.އޯރގް، 2023).
(ރ) ރީނަލް ސާކޯމާ (renal
sarcoma): މިއީ
ގުރުދާއަށް ޖެހޭ ކެންސަރުތަކުގެ ތެރެއިން އެންމެ އާންމު ނޫން ވައްތަރެވެ.
މިވައްތަރުގެ ހިއްސާކުރަނީ ގުރުދާއަށް ޖެހޭ ކެންސަރުތަކުގެ އެންމެ %1 އެވެ. ނޫނީ
އެއަށްވުރެ ވެސް މަދު މިންވަރެކެވެ. މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ
ގުރުދާގައި ހުންނަ ލޭހޮޅިތަކުންނާއި އަދި ގުޅުވައިދެނިވި ސެލޯށި ތަކުންނެވެ.
މިވައްތަރުގެ ކެންސަރަށް ފަރުވާ ނުކޮށްފިނަމަ ކައިރީގައިވާ ސެލޯށިތަކާއި،
ކަށިތަކަށް ފޯރާގޮތް ވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
ގުރުދާގެ ކެންސަރު ދަރަޖަކުރުން
އިންސާނާއަށް ގިނަ ކެންސަރުތައް
ބަހާލެވިފައިވަނީ ދަރަޖަ ކުރެވިގެންނެވެ. ދަރަޖަކުރުމަކީ ކެންސަރު ފަރުވާ ރޭވުމަށް
އެހީތެރިވެދޭނެ ކަމެކެވެ. ދަރަޖަކުރުން ބަރޯސާވާ ކަންތައްތައް ތިރިގައި މިވަނީ
އެވެ.
·
ޓިއުމަރު ހުރި ތަން އަދި ސައިޒު
·
ލިމްފް ގޮށްތަކަށް ކެންސަރުގެ އަސަރު ފޯރާފައިވާ މިންވަރު
·
ކެންސަރު ފެތުރިފައިވާ ދަރަޖަ، ނޫނީ އެހެން ގުނަވަންތަކާއި ހިސާބުތަކަށް
ފެތުރިފައިވާ މިންވަރު
ކެންސަރު ދަރަޖަކުރުމުގައި ކެންސަރު
ދެނެގަތުމަށް ހެދޭ ތަފާތު އެކި ޓެސްޓުތަކުން ލިބޭ މައުލޫމާތު ތަކުގެ ބޭނުން
ޑޮކްޓަރުން ހިފާނެއެވެ.
ދަރަޖަ1 Stage I: ޓިއުމަރުގެ ބޮޑު މިނަކީ 7 ސމ ނުވަތަ އެއަށްވުރެ ކުޑައެވެ.
ކެންސަރު ހުންނާނީ ހަމައެކަނި ގުރުދާ ގައެވެ. ވަށައިގެންވާ ލިމްފް ގޮށްތަކަށް ނޫނީ
ވަށައިގެންވީ ހިސާބަށް ފެތުރިފައެއް ނުވާނެއެވެ.
ދަރަޖަ2 Stage II: ޓިއުމަރުގެ ބޮޑުމިން 7ސމ އަށްވުރެ ބޮޑުވާނެ އެވެ. އެކަމަކު
އަދި ވެސް ކެންސަރު ހުންނާނީ ހަމައެކަނި ގުރުދާ ގައެވެ. ވަށައިގެންވާ ލިމްފް
ގޮށްތަކަށް ނޫނީ ވަށައިގެންވީ ހިސާބަށް ފެތުރިފައެއް ނުވާނެއެވެ.
ދަރަޖަ 3 Stage III: ޓިއުމަރު ހުންނާނީ ގުރުދާގެ އިތުރުން ބޮޑެތި ލޭހޮޅިތަކަށް
(އިންފީރިއާ ވީނާ ކޭވާ، އަދި ރީނަލް ވެއިން) ފެތުރިފައެވެ. މީގެ އިތުރުން ގުރުދާގެ
ވަށައިގެންވާ ސެލޯށިތަކާއި ލިމްފް ގޮށްތަކަށް ވެސް ކެންސަރު ފެތުރިފައި ހުންނާނެ
އެވެ.
ދަރަޖަ4 Stage IV؛ ގުރުދާގެ އިތުރުން އެޑްރީނަލް ގްލޭންޑް އަށް ވެސް
ގުރުދާގައި ހުރި ކެންސަރު ފެތުރިފައި ހުންނާނެ އެވެ. ދުރުގައި ހުންނަ ލިމްފް
ގޮށްތަކާއި ގުނަވަންތަކަށް ވެސް ގުރުދާގެ ކެންސަރު ފެތުރިފައި ހުންނާނެ އެވެ.
ފަރުވާ
ގުރުދާގެ ކެންސަރުގެ ފަރުވާ ފެށިގެން
އަންނަނީ ކެންސަރުގެ ޓިއުމަރު ނެގުމަށް ކުރެވޭ އޮޕަރޭޝަން އިންނެވެ. ގުރުދާގެ
ކެންސަރުގެ އަސަރު ހުރީ ހަމައެކަނި ގުރުދާ ކަމުގައިވާ ނަމަ ދެވޭ ހަމައެކަނި ފަރުވާ
އަކީ އޮޕަރޭޝަންކޮށްގެން ކެންސަރުގެ އަސަރު ހުރި ބައިތައް ހަށިގަނޑުން
ވަކިކުރުމެވެ. ނަމަވެސް ގުރުދާއިން ބޭރަށް ނޫނީ ދުރު ހިސާބުތަކަށް ކެންސަރު
ފެތުރިފައިވާނަމަ އިތުރު ފަރުވާތައް ބޭނުންވާނެ އެވެ (މެޔޯކްލިނިކް، 2023).
ގުރުދާގެ ކެންސަރަށް ދެވޭ ފަރުވާ
ބަރޯސާވަނީ ބަލިމީހާގެ އާންމު ދުޅަހެޔޮކަން، ކުރިމަތިވެފައިވާ ގުރުދާގެ ކެންސަރުގެ
ވައްތަރު، އަދި ކެންސަރު ހުރި މަރުހަލާ ފަދަ ކަންކަމުގެ މައްޗަށެވެ.
އޮޕަރޭޝަންކުރުން
ގުރުދާގެ ކެންސަރަށް ދެވޭ މައިގަނޑު ފަރުވާ
އަކީ އޮޕަރޭޝަންކޮށްގެން ކެންސަރުގެ ޓިއުމަރު ހަށިގަނޑުން ވަކިކުރުމެވެ. ނޫނީ
އޮޕަރޭޝަންކޮށްގެން ކެންސަރުގެ ޓިއުމަރު ނެގުމެވެ. އޮޕަރޭޝަންކުރުމުގެ އަމާޒަކީ
ކެންސަރުގެ ޓިއުމަރު ހަށިގަނޑުން ވަކިކުރުމާއެކު، ގުރުދާގެ މަސައްކަތްތައް ކުރިން
ހުރި ހާލަތަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ. ގުރުދާގެ ކެންސަރާއި ގުޅިގެން
ކޮށްފާނެ އޮޕަރޭޝަންތައް ތިރީގައި މިވަނީއެވެ (މެޔޯކްލިނިކް، 2023).
އޮޕަރޭޝަންކުރުމަކީ ގުރުދާގެ ކެންސަރުގެ ގިނަ ދަރަޖަތަކުގެ ފަރުވާގައި ކުރެވޭ
ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
(ހ) އޮޕަރޭޝަންކޮށްގެން ކެންސަރުގެ
އަސަރުހުރި ގުރުދާ އެއްކޮށް ނެގުން (radical
nephrectomy): މީގެ މާނައަކީ އޮޕަރޭޝަންކޮށްގެން މުޅި ގުރުދާ އެއްކޮށް
ނެގުމާއި، ވަށައިގެންވާ ދުލަހެޔޮ ސެލޯށިތަކުން ފަށަލައެއް ނެގުމެވެ. މީގެ އިތުރުން
ބައެއް ފަހަރު ވަށައިގެން ކައިރީގައިވާ ބައެއް ބައިތައް މިސާލަކަށް ލިމްފް
ގޮށްތައް، އެޑްރީނަލް ގްލޭންޑް އަދި އެހެނިހެން ބައިތައް ވެސް ނަގައިފާނެ އެވެ.
ބަނޑުން ތަންކޮޅެއް ކަފާލައިގެން ނޫނީ ލޯވަޅު އަޅައިގެން ވެސް މިއޮޕަރޭޝަން
ކޮށްދާނެއެވެ (މެޔޯކްލިނިކް، 2023).
(ށ) އޮޕަރޭޝަންކޮށްގެން
ގުރުދާއިން ބައެއް (ކެންސަރުގެ އަސަރު ހުރި ހިސާބު ) ކަފައި ނެގުން (partial
nephrectomy): މިއޮޕަރޭޝަންގައި މުޅި ގުރުދާ އެއްކޮށް ނެގުމުގެ
ބަދަލުގައި ގުރުދާގައި ކެންސަރުގެ އަސަރު ހުރި ހިސާބު ކަފައި ނެގެއެވެ. އަދި އޭގެ
ވަށައިގެންވާ ދުޅަހެޔޮ ސެލޯށިތަކުން ވެސް ބޯޑަރެއް ކަފައި ނެގެއެވެ. ބަނޑުން
ތަންކޮޅެއް ކަފާލައިގެން ނޫނީ ލޯވަޅު އަޅައިގެން ވެސް މިއޮޕަރޭޝަން ކޮށްދާނެއެވެ.
ގުރުދާގެ ސްމޯލް ކިޑްނީ ކެންސަރު ތަކަށް މިއީ އާންމުކޮށް ދެވޭ ފަރުވާ އެކެވެ. އަދި
އެންމެ ގުރުދާއެއް އިންނަ މީހެއްގެ ގުރުދާގައި ކެންސަރު އާލާވިޔަސް މިފަރުވާ
ދީއުޅެއެވެ. ފަހުން ދިމާވެދާނެ މައްސަލަތައް (ގުރުދާގެ ބަލިތައް ޖެހުން،
ޑަޔަލިސިސް ހަދަންޖެހުން) ކުޑަކުރުމަށާއި، ގުރުދާގެ މަސައްކަތްތައް ދަމަހައްޓައި
ރައްކާތެރިކުރުމަށް، މުޅި ގުރުދާ އެއްކޮށް ނެގުމުގެ ބަދަލުގައި ގުރުދާއިން ބައެއް
ނެގުމަށް ޑޮކްޓަރުން ލަފާދީ އުޅެއެވެ (މެޔޯކްލިނިކް، 2023).
ގުރުދާގެ ކެންސަރާއި ގުޅިގެން ކުރަންޖެހޭ
އޮޕަރޭޝަނާ ގުޅޭ ލަފާ ބަރޯސާވަނީ ކެންސަރުގެ ވައްތަރު، ކެންސަރުގެ މަރުހަލާ އަދި
ކެންސަރު ޖެހިފައިވާ ބަލިމީހާގެ އާންމު ދުޅަހެޔޮ ނޫނީ ޞިއްޙީ ޙާލަތުގެ މައްޗަށެވެ.
އޮޕަރޭޝަން ނޫން އެހެން
ފަރުވާތައް
ސްމޯލް ކިޑްނީ ކެންސަރުތައް ނައްތާލުމަށް
ފަރުވާގެ ގޮތުގައި ބައެއް ފަހަރު އޮޕަރޭޝަންކުރުން ނޫން ގޮތްތައް
ޚިޔާރުކުރަންޖެހެއެވެ. އެގޮތުން ދެވޭ ފަރުވާގެ ތެރޭގައި ގަނޑުކޮށްގެން ދެވޭ ފަރުވާ
އަދި ފިއްސައިގެންދެވޭ ފަރުވާ ހިމެނެއެވެ. މިފަރުވާތައް އާންމުކޮށް ދެވެނީ ބަލިމީހާގެ
ޞިއްޙީ ހާލަތަށް ބަލައި، އޮޕަރޭޝަންކުރުމުން ފުރާނައަށް ނުރައްކާވެދާނެ ފަދަ
ހާލަތްތަކުގައެވެ (މެޔޯކްލިނިކް، 2023).
(ހ) ކެންސަރު ސެލްތައް
ގަނޑުކޮށްލުން (cryoablation): މިފަރުވާގައި
ހަމުގެ ތެރެއިން ގުރުދާގައިވާ ޓިއުމަރާއި ހަމައަށް އެތެރެ ހުސްކޮށް އޮންނަ
ތިނޯހެއް ނޫނީ ކަށްޓެއް ފަދަ އެއްޗެއް އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި
ފޮނުވާލެވެއެވެ. ތިނޯސް ނުވަތަ ކަށީގެ ތެރެއިން "ކޯލްޑް ގޭސް"(cold gas) ފޮނުވައިގެން ކެންސަރު ސެލްތައް ގަނޑުކޮށް މަރާލެވެއެވެ. ނޫނީ
މަރާލައި ނައްތާލެވެއެވެ.
(ށ) ކެންސަރު ސެލްތައް
ފިއްސާލުން ނޫނީ ފިހެލުން (radiofrequency
ablation): މިފަރުވާގައި ހަމުގެ ތެރެއިން ގުރުދާގައިވާ ޓިއުމަރާއި
ހަމައަށް ޚާއްޞަ ޕްރޯބެއް، ކަށްޓެއް ނޫނީ ތިނޯހެއް ފަދަ އެއްޗެއް އަލްޓްރާ
ސައުންޑް ސްކޭންގެ އެހީގައި ފޯރުވެއެވެ. ފޯރުކުރެވުނު ކަށި ނުވަތަ ޕްރޯބްގެ
އެހީގައި ކެންސަރު ސެލްތަކަށް އިލެކްޓްރިކް ކަރަންޓް ފޯރުކޮށްގެން ކެންސަރުގެ
ސެލްތައް އަންދާލައެވެ. ނޫނީ ފިހެލައި މަރާލައެވެ (މެޔޯކްލިނިކް، 2023).
އެޑްވާންސްޑް އަދި ރިކަރަންޓް
ކިޑްނީ ކެންސަރުގެ ފަރުވާ
ކެންސަރަށް ފަރުވާ ކުރުމަށްފަހު ރަނގަޅުވެފައި
އަނބުރާ އަލުން އަންނަ ކެންސަރާއި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިފައި
ހުންނަ ކެންސަރު އެއްކޮށް ރަނގަޅުނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ
ހާލަތުގައި ބައެއް ފަރުވާތައް ފޯރުކޮށްދެވެނީ ކެންސަރު ކޮންޓްރޯލްކޮށް، އޭގެ
އަސަރު ކުޑަކޮށްދީ، ބަލިމީހާއަށް ލުއިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. އެގޮތުން
ދެވޭ ބައެއް ފަރުވާ ތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2023).
(ހ) ވީއެންމެ ބޮޑަކަށް
ކެންސަރުގެ އަސަރު ހުރި ހިސާބު އޮޕަރޭޝަންކޮށްގެން ކަފައިނެގުން : އޮޕަރޭޝަންކޮށްގެން އެއްކޮށް ކެންސަރުގެ ޓިއުމަރު
ނުނެގޭނެހެން ހީވާނަމަ، ވީއެންމެ ބޮޑަކަށް ކެންސަރުގެ އަސަރު ހުރި ހިސާބު
އޮޕަރޭޝަންކޮށްގެން ކަފައި ނަގަން ޑޮކްޓަރުން މަސައްކަތް ކުރެއެވެ. ހަށިގަނޑުގެ
އެހެން ހިސާބެއްގައި ކެންސަރުގެ އަސަރު ހުރިނަމަވެސް މިގޮތަށް އޮޕަރޭޝަންކޮށްގެން
ނެގެއެވެ (މެޔޯކްލިނިކް، 2023).
(ށ) ޓާގެޓެޑް ތެރަޕީ (targeted
therapy): ޓާގެޓެޑް ޑްރަގް ތެރަޕީ އަމާޒުކުރަނީ ކެންސަރު ސެލްތަކުގެ
ތެރޭގައި ނޫނީ ކެންސަރު ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ އުނިކަމަކަށެވެ. ނޫނީ
އެސެލްތަކުގައި ހުންނަ ތަބީޢަތާ ޚިލާފު ކަންތައްތަކަށެވެ. ނޫނީ ކެންސރު ސެލް ހިމާޔަތް
ލިބިގަންނަ ވަކި ޚާއްޞަ ސިފަތަކަކަށެވެ. މިތަބީޢަތާ ޚިލާފު ކަންކަމަށް
ހުރަސްއަޅައިގެން ޓާގެޓެޑް ތެރަޕީ އިން ކެންސަރު ސެލްތައް މަރައި ނައްތާލައެވެ.
އެމީހަކަށް އެންމެ އެކަށޭނައީ ޓާގެޓެޑް ތެރަޕީގައި ބޭނުންކުރާ ކޮންބޭހެއްތޯ
ކަނޑައެޅުމަށް ބައެއް ފަހަރު ކެންސަރު ސެލްތައް ޓެސްޓުކޮށް ބަލަންޖެހެއެވެ
(މެޔޯކްލިނިކް، 2023). މިއީ ވެސް އޮޕަރޭޝަންކުރުން އެދެވިގެންނުވާ ހާލަތްތަކުގައި
ދީއުޅޭ ފަރުވާ އެކެވެ. ޓާގެޓެޑް ތެރަޕީގައި ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން
ކެންސަރު ސެލްތަކަށް ކާނާ ހޯދައިދޭ ލޭހޮޅިތައް އަދި ޕްރޮޓީން ތައް އުފެދި ބޮޑުވުން
ހުއްޓުވައިދެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
(ނ)
އިމިޔުނޯތެރަޕީ(immunotherapy): އިމިޔުނޯތެރަޕީ
ކެންސަރާއި ހަނގުރާމަކުރުމަށް ނޫނީ ކެންސަރު ނައްތާލުމަށް ދިފާޢީ ނިޒާމުގެ ބޭނުން
ހިފައެވެ. ދިފާޢީ ނިޒާމުން ކެންސަރާއި ދެކޮޅަށް މަސައްކަތް ނުކޮށްފާނެއެވެ. މިހެން
ދިމާވަނީ ކެންސަރު ސެލްތަކުން އެސެލްތައް ދިފާޢީ ނިޒާމުން މިންޖުވެ އިނުމަށް
އެހީތެރިވެދޭ ޕްރޮޓީން އެއް އުފައްދާތީ އެވެ. އިމިޔުނޯތެރަޕީގައި މިމަސައްކަތަށް
ހުރަސްއަޅައިގެން ކެންސަރު ނައްތާލުމަށް ނޫނީ ކެންސަރުގެ އަސަރު ކުޑަކުރުމަށް
މަސައްކަތް ކުރެއެވެ (މެޔޯކްލިނިކް، 2023). މިއީ ބައެއް ފަހަރު ގުރުދާގެ
ކެންސަރަށް ދެވޭ އަސާސީ ފަރުވާއަށް ވެސް ވެދާނެއެވެ. ނޫނީ އޮޕަރޭޝަންކުރުމާއެކު
ކުރިޔަށްގެންދެވޭ ފަރުވާ އަކަށް ވެސް ވެދާނެ އެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
(ބ) ރޭޑިއޭޝަން ތެރަޕީ(radiation
therapy): ކެންސަރުގެ ސެލްތައް މަރާލުމަށްޓަކައި އެކްސްރޭ ފަދަ
މަސްދަރުތަކުން ބާރުގަދަ ހަކަތައިގެ ދޯދިތަކާއި، ޕްރޮޓޯންސް މިފަރުވާގައި ބޭނުން
ކުރެވެއެވެ. ގުރުދާގެ ކެންސަރު ޖެހި އޭގެ އަސަރު ކަށިތަކާއި ސިކުނޑިއަށް
ކޮށްފައިވާނަމަ ބައެއް ފަހަރު ފަރުވާގައި ރޭޑިއޭޝަން ތެރަޕީ ދޭކަން ފާހަގަ
ކުރެވެއެވެ (މެޔޯކްލިނިކް، 2023). މީގެ އިތުރުން އޮޕަރޭޝަން ކުރުމުން ފުރާނައަށް
ނުރައްކާވެދާނެ ފަދަ ހާލަތްތައް، އަދި އެންމެ ގުރުދާއެއް ހުރުން ފަދަ
ހާޅަތްތަކުގައި ވެސް ރޭޑިއޭޝަން ތެރަޕީ ދީއުޅެއެވެ. ރޭޑިއޭޝަން ތެރަޕީ
އާންމުކޮށްދެނީ ގުރުދާގެ ކެންސަރާއި ގުޅިގެން ކުރިމަތިވާ ރިހުންތައް ފަދަ
ކަންތައްތައް ލުއިކޮށްދިނުމަށެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް. 2023).
(ޅ) ކީމޯތެރަޕީ (chemotherapy): މިއީ
ގުރުދާގެ ކެންސަރަށް ދެވޭ އަސާސީ ފަރުވާއެއް ނޫނެވެ. ނަމަވެސް ބައެއް
ހާޅަތްތަކުގައި ޓާގެޓެޑް ތެރަޕީ އަދި އިމިޔުނޯތެރަޕީ ދިނުމަށްފަހު ކީމޯތެރަޕީ
ކުރިޔަށް ގްންގޮސްދާނެ އެވެ. ކީމޯތެރަޕީގައި ބޭނުންކުރާ ބޭސްތައް ދެވެނީ އަނގައިން
ކާ ބޭސްތަކެއްގެ ގޮތުގައި ނޫނީ އިންޖެކްޝަންގެ ޒަރީޢާޢިން ލޭގެ ތެރެއަށް
ފޯރުކޮށްދެވޭ ބޭސްތަކެއްގެ ގޮތުގައެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް.
2023).
ރައްކާތެރިވުން
ގުރުދާގެ ކެންސަރުން ރައްކާތެރިވުމަށް
އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ހަށިގަނޑުގެ ބަރުދަން އެކަށޭނަ ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭތޯ ބެލުން
·
ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
- މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - 2005
- https://www.mayoclinic.org/diseases-conditions/kidney-cancer/symptoms-causes/syc-20352664
- https://my.clevelandclinic.org/health/diseases/9409-kidney-cancer-overview#:~:text=Kidney%20cancer%20develops%20when%20cells,surgery%2C%20chemotherapy%20and%20radiation%20therapy.
- https://www.cancer.org/cancer/kidney-cancer/about/what-is-kidney-cancer.html
No comments:
Post a Comment