Wednesday, October 4, 2023

ހޫނުވެގެން އަކުނިވިޔަށް ދެމުން

ހޫނުވެގެން އަކުނިވިޔަށް ދެމުން

ހޫނުވެގެން އަކުނިވަޔަށްދެމު(heat cramps)  މަކީ ހޫނުވެގެން ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. ހޫނުވެގެން އަކުނިވަށް ދެމުން އާންމުކޮށް ކުރިމަތިވަނީ ގަދަ ހޫނުގެ ތެރޭގައި ބުރަކޮށް މަސައްކަތްކުރާ އިރު ،ނޫނީ މާގަދަޔަށް ކަސްރަތުކުރުމުން ގަދަޔަށް ދާހިއްލާ މީހުންނަށެވެ. އެހެން ގޮތަކަށް ބުނާނަމަ ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ ހޫނު މާހައުލުގައި މާގަދަޔަށް ކަސްރަތުކުރުމުން ބޭއިޚްތިޔާރުގައި މަސްތައް ކުރުގެޅި، މަސްތަކުގައި ރިހުން މެދުވެރިވުމެވެ. ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ ހަށިގަނޑު މާހޫނުވުމުން ބޭއިކްތިޔާރުގައި މަސްތައް ކުރުގެޅި، މަސްތަކުގައި ރިހުމެވެ. މިގޮތަށް ގަދަޔަށް ނޫނީ މާބޮޑަށް ދާހިއްލުމަކީ ހަށިގަނޑުން ސޯޑިއަމް ނުވަތަ ލޮނުގެ ބައި އަދި ފެނުގެ ބައި ބޭރުވެގެންދާނެ ކަމެކެވެ. ނޫނީ ދަށްކޮށް މަދުކޮށްދޭނެ ކަމެކެވެ. ހަމަމިގޮތަށް ހަށިގަނޑުގެ ތެތްކަން ވެސް ދަށްކޮށްދޭނެ ކަމެކެވެ. އާންމު ގޮތެއްގައި ހޫނުވެގެން ދިމާވާ އަކުނިވަޔަށްދެމުން ރޭގަނޑުގެ ވަގުތުގައި ފަޔަށް ކުރިމަތިވާ އަކުނިވަޔަށްވުރެ، ވަރުގަދަވެފައި، ގިނައިރަށް ދެމިގެންދެއެވެ.


ހޫނުވެގެން އަކުނިވަށްދެމުމުގެ ސަބަބުން ހޫނުވެގެން ވަރުދެރަވުން ނޫނީ ހޫނުވެގެން އަނބުރައިގަތުމުގެ ފުރުޞަތު އިތުރުވާ ކަންތައްތަކުގެ ތެރޭގައި

·         އަކުނިވަޔަށް ދެމުމުން ވެސް ހޫނު ނޫނީ ގަދައަވީގައި ހޭދަކުރުން ނޫނީ މަޑުކުރުން

·         ހަށިގަނޑުން ބީވެގެން ދިޔަ ލޮނާއި ފެނުބައި އަނބުރާ ހޯދުމަށް ދިޔާތަކެތި ބޭނުން ނުކުރުން

އަކުނިވޔަށްދެމުމުގެ އަސަރުކުރާ މަސްތައް

ހޫނުވެގެން އަކުނިވަޔަށް ދެމުމުން އޭގެ އަސަރުކުރާ މަސްތަކުގެ ތެރޭގައި ކުޑަކަޅުވާގެ މަސްތައް، މުލައްދަނޑީގެ މަސްތައް، ބުރަކަށީގެ މަސްތައް އަދި ބަނޑުގެ މަސްތައް ހިމެނެއެވެ. ނަމަވެސް ކަސްރަތުކުރުމުގައި ނޫނީ ބުރަ މަސައްކަތެއް ކުރުމުގައި ބޭނުންކުރެވޭ ނޫނީ ބޭނުންކުރެވިދާނެ ކޮންމެ މަސްގަނޑަކަށް ނޫނީ މަސްތަކަކަށް ވެސް އަކުނިވަޔަށް ދެމުމަކީ އެކަށީގެންވާ ކަމެކެވެ.

ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ ހޫނުވެގެން ވަރުދެރަވުމުގެ އަލާމާތެކެވެ. ހޫނުވެގެން އަކުނިވަޔަށް ދެމުން ކުރިމަތިވާ ހިސާބު ނޫނީ މަސްތަކުގެ ތެރޭގައި އަންނަނިވި ހިސާބުތަކުގެ މަސްތައް ހިމެނެއެވެ.

·         ބަނޑު

·         މުލައްދަނޑި

·         އަތްތިލަ

·         ފައި

·         ފައިތިލަ

·         ބުރަކަށި

·         ކޮނޑު

ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ ހަށިގަނޑު މާބޮޑަށް ހޫނުވެފައިވާ ކަމުގެ ނިޝާނެކެވެ. މިހާލަތުގައި ހަށިގަނޑުގެ ފިނިހޫނުމިން ދަށްކުރަން މަސައްކަތްކޮށް، އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިމަކީ ހަށިގަނޑުގެ ފެން އެކަށޭނަ ވަރެއްގައި ބަހައްޓައިދީ، ހޫނުވެގެން ދިމާވާ ނުރައްކާތެރި މައްސަލަތައް ކަމުގައިވާ ހޫނުވެގެން ވަރުދެރަވުން އަދި ހޫނުވެގެން އަނބުރައިގަތުން ފަދަ ކަންތައްތައް ކުޑަކޮށްދޭނެ ކަމެކެވެ.

ސަބަބު

ހޫނު ގަދަ މާހައުލެއްގައި ނޫނީ ހޫނުގަދަ ރަތްދަކަ އަވީގެ ތެރޭގައި މާބުރަ މަސައްކަތްކުރުމަކީ ނޫނީ މާ ވަރުގަދަ ޖިސްމާނީ ހަރަކާތްތައް ކުރުމަކީ ހޫނުވެގެން އަކުނިވަޔަށްދެމުން ކުރިމަތިކުރުވާނެ ކަމެކެވެ. ހޫނުވެގެން އަކުނިވަޔަށް ދެމުން މެދުވެރިވަނީ ހަށިގަނޑުގެ ފިނިހޫނުމިން މަތިވުމާއި އެކު، ދާހިއްލައި، ދަލާއެކު ހަށިގަނޑުން ފެނާއި ލޮނުގެ ބައި މާގިނައިން ބޭރުވުމުންނެވެ.

ހޫނުވެގެން އަކުނިވަޔަށް ދެމުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

ހޫނުތެރޭގައި އުޅޭ ކޮންމެ މީހަކަށް ވެސް ހޫނުވެގެން އަކުނިވަޔަށް ދެމުން ކުރިމަތިވެދާނެ އެވެ. ހޫނުވެގެން އަކުނިވަޔަށް ދެމުމުގެ ހިރާސް ބައެއް މީހުންނަށް ތަންކޮޅެއް ބޮޑަށް އޮވެދާނެ އެވެ. ޚާއްޞަކޮށް ގަދަ ހޫނުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. މިފަދަ  ފުރުޞަތު ބޮޑު މީހުންގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

·         އެތުލީޓުން : މިސާލަކަށް ދުވާ މީހުން، ބައިސްކަލް ދުއްވާ މީހުން، ޓެނިސްކުޅޭ މީހުން

·         ދަނޑުވެރިން

·         ފަޔަރފައިޓަރުން

·         ލޭންޑް ސްކޭޕަރުން

·         ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތްކުރާ މީހުން

·         މިލިޓަރީ ތަމްރީނުތައް ހިންގާ މީހުން

·         އުމުރުން 65 އަހަރުން މަތީގެ މީހުން / އުމުރުން ދުވަސްވީ މީހުން

·         ފިރިހެނުން

މީގެ އިތުރުން ވެސް އަންނަނިވި ފަރާތްތަކަށް ވެސް ހޫނުވެގެން އަކުނިވަޔަށްދެމުމުގެ ހިރާސް އިތުރުކަން ފާހަގަވެއެވެ.

·         ބައެއް ކަހަލަ ބަލިތައް ހުންނަ މީހުން

·         އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް އުޅޭ މީހުން ނޫނީ އެއްގޮތަކަށް ވެސް ހެލިފެލިވެ ނޫޅޭ މީހުން

·         ކުރިން ހޫނުވެގެން މައްސަލަތައް ދިމާވެފައިވާ މީހުން

·         މަސްތުވާތަކެތި ބޭނުންކުރާ މީހުން

އަލާމާތްތައް

ހޫނުވެގެން އަކުނިވަޔަށް ދެމުން ކުރިމަތިވުމުން ފެންނަ މައިގަނޑު އަލާމާތަކީ މަސްތައް ކުރުގެޅި ހަރުއަރައި، ބާރުވެ ފިތިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވުމެވެ. އަކުނިވަޔަށް ދެމުމުން ހުންނަ ރިހުން އާދައިގެ ވަރަކުން ފެށިގެން ގޮސް، ވަރަށް ބޮޑަށް އިހުސާސް ކުރެވިދާނެ އެވެ. ބައެއް ފަހަރު މަސްތައް ކުރުގެޅި އަކުނިވަޔަށްދަމާފައި ހުއްޓައި ވެސް ފެނިދާނެ އެވެ. މިސާލަކަށް ފައިގެ އިގިލިތައް އަކުނިވަޔަށް ދަމައިފިނަމަ، އިގިލިތައް ކުރުގެޅި، ހަރުއަރައި، ވާންވެ ފިތިފައި ހުންނަ ގޮތަކަށް ހުރިހެން ހީވެދާނެ ނޫނީ ފާހަގަވެދާނެ އެވެ. އަކުނިވަޔަށް ދެމުމަކީ އޭގެ ޒާތުގައި އިޚްތިޔާރަކާ ނުލައި ކުރިމަތިވާ ކަމަކަށްވުމުން، މަސްތައް ކުރުގެޅި ހަރުއެރުން ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.

ހޫނުވެގެން އަކުނިވަޔަށް ދެމުމުން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.  

·         ކަސްރަތެއްކޮށްލާއިރަށް ވަރަށް ބޮޑަށް ދާހިއްލުން

·         މަސްތަކުގައި ރިހުން

·         އަކުނިވަޔަށްދެމުން

·         ބަނޑުގައި ރިހުން

·         އަތްފައިގެ މަސްގުޅަކެއުން

·         ދާހިއްލައިގެން ހަންގަނޑު ތެމިފައިހުރުން ނޫނީ ތެތްކޮށްހުރުން

·         ބޯއެނބުރުން

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ވަރުބަލިވުން ، ނޫނީ ވަރުދެރަވުން

ދެނެގަތުން

ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ އަމިއްލައަށް ވެސް ދެނެގަނެވިދާނެ ކަމެކެވެ. ރަތްދަކަ އަވި ނުވަތަ ހޫނުގެ ތެރޭގައި ޖިސްމާނީ ހަރަކާތެއް ކުރަނިކޮށް (ކުޅިވަރުކުޅުން، ކަސްރަތުކުރުން، މަސައްކަތެއް ކުރުން) މަސްތައް ކުރުގެޅި، ވާންވެ، ފިތޭކަމުގެ އިހުސާސް ކުރެވޭނަމަ އެއީ އަކުނިވަޔަށް ދެމުން ކަމަށް ވުމަކީ ގާތް ކަމެކެވ.

ހޫނުވެގެން އަކުނިވަޔަށްދެމުމުން ޑޮކްޓަރަށް ދައްކައިފިނަމަ ޑޮކްޓަރުން ބަލާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އަންނަނިވި ކަންތައްތައް ބަލައި އަހައި އޮޅުން ފިލުވައި ހަދާނެއެވެ.

·         ރިހުން ހުރި މިންވަރު

·         އަކުނިވަޔަށް ދެމުން ކުރިމަތިވީ ކޮންއިރަކުކަން

·         އަކުނިވަޔަށްދެމުން ދެމިދިޔައީ ކިހާ އިރެއް ވަންދެންކަން

·         އަކުނިވަޔަށްދެމުން އެމީހަކަށް އިހުސާސް ކުރެވުނުގޮތް

·         އެންމެ ފުރަތަމަ އަކުނިވަޔަށް ދެމުން ފާހަގަވީ ކޮންއިރަކުކަން

ހޫނުވެގެން އަކުނިވަޔަށްދެމުންކަމަށް ނިންމުމުގެ ކުރިން ފުރަމޭގެ ބައްޔެއް ނޫނީ ގުރުދާގެ ބައްޔެއް ނޫނީ ރެބްޑޯމެޔޯލައިސިސް ފަދަ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްތޯ ވެސް ބަލާނެއެވެ. ފަހަރުގައި ކުޑަކަމު ނަޖިސް އަދި ލޭގެ ޓެސްޓުތައް ހަދަންޖެހިދާނެ އެވެ. ހޫނުވެގެން އަކުނިވަޔަށް ދެމީ ނާރުގެ މައްސަލައެއް ހުރެގެން ކަމުގައިވާނަމަ ފަހަރުގައި އެމްއާރުއައި ފަދަ އިމޭޖިންގ ޓެސްޓެއް ވެސް ހަދަން ލަފާދީފާނެ އެވެ.

ފަރުވާ

ހޫނުވެގެން އަކުނިވަޔަށް ދެމުމަކީ އަމިއްލައަށް ވެސް ރަނގަޅުކުރެވިދާނެ ކަމެކެވެ. އަކުނިވަޔަށް ދެމުމުގެ ސަބަބުން ކުރުގެޅި، ރިހުން މެދުވެރިވެފައިވާ މަސްތައް ހަމައަކަށް އަޅުވައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކާބޯހައިޑްރޭޓް ލިބޭ ފަދަ (ދޮންކެޔޮ ވަކެއް ފަދަ އެއްޗެއް) އެއްޗެއް ނޫނީ ކާބޯހައިޑްރޭޓް ލިބޭ ސްނެކް އެއް ފަދަ އެއްޗެއް ކާލުން ނޫނީ ސްޕޯޓްސް ޑްރިންކް އެއް  (100 ޕްލަސް ފަދަ ބުއިމެއް / ލޮނު ޕެކެޓް ފަދަ ބުއިމެއް) ފަދަ އެއްޗެއް ބޯލުން : މީގެ ބޭނުމަކީ ލޮނުގެ ބައި އަދި ކާބޯހައިޑްރޭޓް ހަށިގަނޑަށް ހޯދައިދިނުމެވެ. ކޮންމެ 20-15 މިނިޓަކުން މިގޮތަށް އަމަލުކުރެވިދާނެ އެވެ.

·         އަވީގެ ތެރޭގައި ނުހުރެ، ހިޔާ ލިބޭ ފިނި ހިސާބަކަށްދިއުން

·         ކުރުގެޅިފައިވާ މަސްތައް މަސާޖުކޮށް، ސްޓްރެޗްކޮށް ހަމައަކަށް އަޅުވަން މަސައްކަތްކުރުން

·         އައިސްޕެކް ފަދަ ފިނި އެއްޗެއް ކުރުގެޅި ނޫނީ އަކުނިވަޔަށްދަމާފައިވާ މަސްތައް މަތީގައި އެޅުން

ފުރަތަމަ އެހީގެ ގޮތުގައި ކުރަންވީ ކަންތައްތައް

·         ކޮންމެ 20-15 މިނިޓަކުން ފެން ނޫނީ ސްޕޯޓްސް ޑްރިންކްސް ، ސްނެކް އެއް ފަދަ އެއްޗަކާއެކު ބޭނުންކުރުން : މިހެން ހެދުމުން ހަށިގަނޑަށް ކާބޯހައިޑްރޭޓް އަދި ލޮނުގެ ބައި އަނބުރާ ހޯދައިދެއެވެ.

·         ލޮނުގުޅަ ބޭހުގެ ގޮތުގައި ބޭނުންނުކުރުން

·         އަކުނިވަޔަށްދެމީ ކަސްރަތުކުރަނިކޮށްނަމަ، ކަސްރަތު ހުއްޓާލާފައި ހިޔަލަށް ވަނުން

·         އަކުނިވަޔަށްދެމީ ކަސްރަތުކުރަނިކޮށްނަމަ، އަކުނިވަޔަށް ދެމުން ރަނގަޅުވަންދެން އިތުރު ކަސްރަތެއް ނުކޮށް މަޑުކުރުން

ހޮސްޕިޓަލަށް ގެންދަންޖެހޭ ހާލަތްތައް : ހޫނުވެގެން އަކުނިވަޔަށްދެމުމުން އަންނަނިވި ހާލަތްތަކުގައި ކޮންމެހެން ވެސް ހޮސްޕިޓަލަށް ގެންދިއުން ބުއްދިވެރި އެވެ.

·         ރަނގަޅުނުވެ އެއްގަޑިއަރަށްވުރެ ގިނައިރުވުން

·         ލޯސޯޑިއަމް ޑައެޓް ނަގަމުންދިއުން

·         ހިތުގެ މައްސަލަ ހުރުން

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް

ހޫނުވެގެން އަކުނިވަޔަށް ދެމުމުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ހޫނު ގަދަ ދުވަސްވަރު ރައްކާތެރިވުމުގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ. ހޫނު ގަދަ ދުވަސްވަރު ރަތްދަކަ އަވީގެ ތެރޭގައި ބުރަ މަސައްކަތްނުކުރުމާއި، މާބުރަ ކަސްރަތުތައް ނުކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ހޫނު ދުވަސްވަރު ހޫނާއި ވިދިގެން ދިމާވާ ޞިއްހީ މައްސަލަތައް ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.

·         އެނާޖީ ޑްރިންކްސް ކޮކާކޯލާ ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން

·         އިލެކްޓްރޯލައިޓްސް ނުވަތަ އެކިކަހަލަ މައުދަންތަކާއި ލޮނުގެ ބައި ހިމެނޭ ބުއިންތައް ބޭނުންކުރުން

·         ވީވަރަކުން ހިޔާ ލިބޭ ހިސާބުގައި ނޫނީ ހިޔަލުގައި ވަގުތު ހޭދަކުރުން

·         މަސައްކަތުގައި އުޅޭއިރު ވެސް ގިނައިން ދިޔާއެއްޗެހި ބޭނުންކުރުން އަދި ވީވަރަކުން އަރާމުކުރުން

·         ބޭރުތެރޭގައި އުޅޭއިރު، ތޮފި، އެޅުން އަދި ގަޔަށްދޫ ތުނި، ކަފައިން ތައްޔާރުކޮށްފައި ހުންނަ އަންނައުނުލުން

·         އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން އަވީގެ ތެރެއަށް ނިކުތުމުގެ ކުރިން އުގުޅުން

އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް

·         ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް)

·         ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން

·         އަވީތެރޭގައި އުޅޭއިރު  ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން

·         ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން

·         ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން

·         ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން

·         ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން

·         ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން

·         ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އަންނައުނު ބޭނުންކުރުން

·         ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން

·         ހޫނުވުން އިތުރުކޮށްފާނެ ފަދަ ބޭސްތަކާއި ދުރުހެލިވުން

·         ދުވާލުގެ އެންމެ ހޫނުގަޑީގައި ބޭރުތެރޭގައި ނޫނީ އަވީގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ވީވަރަކުން ނުކުރުން

·         އަލަށް ހޫނު ހިސާބަކަށް ދާނަމަ، ގަދަ ހޫނަށް ހޭނެންދެން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުން

·         ހޫނުވެގެން ދިމާވާ މައްސަލަތައް ދިމާވުމުގެ ހިރާސް އިތުރު މީހެއްނަމަ ޚާއްޞަ ސަމާލުކަމެއް ދިނުން  

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.cdc.gov/niosh/topics/heatstress/heatrelillness.html

·         https://my.clevelandclinic.org/health/diseases/24866-heat-cramps

·         https://www.mayoclinic.org/first-aid/first-aid-heat-cramps/basics/art-20056669#:~:text=Heat%20cramps%20are%20painful%2C%20involuntary,are%20typical%20nighttime%20leg%20cramps.

  

No comments:

Post a Comment