ހޫނުވެގެން
ވަރުދެރަވުން
މާ ހޫނުގަދަ ދުވަސްވަރެއްނަމަ، ހޫނުވެގެން މާބޮޑަށް ވަރުދެރަވު(heat exhaustion)މަކީ ވެދާނެ ގޮތެކެވެ. މިއީ ހޫނު ދުވަސްވަރެއްގައި ހަށިގަނޑުގެ ފިނިހޫނުމިން މާމަތިވުމުން ދިމާވެދާނެ ކަމެކެވެ. މިހެން ދިމާވަނީ ހަށިގަނޑުން ފެނާއި ލޮނު މަދުވުމުންނެވެ. ނޫނީ ހަށިގަނޑުން އާދަޔާ ޚިލާފަށް ބޮޑަށް ލޮނާއި، ފެން ބޭރުވުމުންނެވެ. މިގޮތަށް ހަށިގަނޑުން ފެނާއި، ލޮނު ބޭރުވަނީ މައިގަނޑު ގޮތެއްގައި އާދަޔާ ޚިލާފަށް ބޮޑަށް ދާހިއްލުމުގެ ސަބަބުން، ބޭރުވާ ދަލާއެކުގައެވެ. ހޫނުވެގެން ވަރުދެރަވުމަކީ ހޫނުވުމުނެ ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރެއިން އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެކެވެ.
ހޫނުގަދަވުމުން ދިމާވާ މައްސަލަތައް
މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ގަދަ ހޫނުގައި، ރަތްދަކަ އަވީގެ ތެރޭގައި
އުޅުމާއި، އެފަދަ މާހައުލެއްގައި މަސައްކަތްކުރުން ހިމެނެއެވެ. ހޫނުވެގެން
ވަރުދެރަވާ ހާލަތުގައި އެކަށޭނަ ފަރުވާ ނުދެވިއްޖެނަމަ، ހޫނުވެގެން
އަނބުރައިގަތުން ނުވަތަ ހީޓް ސްޓްރޯކް ޖެހުމަކީ ވެދާނެ ގޮތެކެވެ.
ސަބަބު
ހަށިގަނޑުގެ "ކޯ ބޮޑީ
ޓެމްޕަރޭޗަރ" އަކީ ހަށިގަނޑުގެ ފިނިހޫނުމިން، އަދި ދިރިއުޅޭ މާހައުލުގައި
ހުންނަ ފިނިހޫނުމިނާ ވިދިގެން ނިކުންނަ ނަތީޖާ އެކެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ
ފިނިހޫނުމިން އެވެ. ހަށިގަނޑުގެ "ކޯ ބޮޑީ ޓެމްޕަރޭޗަރ"(core body temperature) އެކަށޭނަ މިންވަރެއްގައި
ހިފެހެއްޓުމަށްޓަކައި ހޫނު މޫސުމުގައި ހޫނު އެތެރެވާ މިންވަރު އަދި ފިނި
މޫސުމުގައި ހޫނު ބޭރުވާ މިންވަރު، ހަށިގަނޑުން ކޮންޓްރޯލްކޮށް، އިންތިޒާމު
ކުރަންޖެހެއެވެ. ހަށިގަނޑުގެ އެވްރެޖް ކޯ ބޮޑީ ޓެމްޕަރޭޗަރ އަކީ 37 ޑިގްރީ ސެލްޒިއަސް
ނުވަތަ 98.6 ޑިގްރީ ފެރެންހައިޓް އެވެ.
ހަށިގަނޑު ފިނިކޮށްދިނުން
ހޫނު ދުވަސްވަރު ހަށިގަނޑު ފިނިކޮށްދެނީ
ނޫނީ ހަށިގަނޑުގެ ހޫނު ބޭރުކޮށްދީ، ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދެނީ
ދާހިއްލައި ހަށިގަނޑުން ހޫނު ބޭރުކޮށްގެންނެވެ. ހަށިގަނޑުގައި ހިއްލާ ދާ އާވީގެ
ގޮތުގައި ބޭރުވެގެންދިއުމަކީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކޮށްދޭނެ
ކަމެކެވެ. ނަމަވެސް ހޫނު ގަދަ ދުވަސްވަރެއްގައި ރަތްދަކަ އަވީގައި ބުރަކޮށް
މަސައްކަތްކުރުން، ނޫނީ ހަށިގަނޑަށް ބާރުކުރާ ކަހަލަ މާގަދަޔަށްކުރަންޖެހޭ
ކަސްރަތުތައްކުރުން ފަދަ ކަންތައްތައް ކުރުމަކީ ހަށިގަނޑުގެ ފިނިހޫނުމިން
ދަށްކޮށް، އެންމެ އެދެވޭގޮތުގައި ހަށިގަނޑު ފިނިކުރުމަށް ނުކުޅެދިދާނެ ކަމެކެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ހޫނުވެގެން
އަކުނިވަޔަށް ދެމުން ކުރިމަތިވުމަކީ ގާތް ކަމެކެވެ. ހޫނުވެގެން އަކުނިވަޔަށް
ދެމުމަކީ ހޫނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރެއިން އެންމެ އާދައިގެ
ގޮތެއްގައި ދިމާވާނެ ކަމެކެވެ. ހޫނުވެގެން އަކުނިވަޔަށް ދެމުން ކުރިމަތި
ވެއްޖެނަމަ ފާހަގަވެދާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ދާހިއްލުން، ވަރުބަލިވެ
ވާޅުވުން، ކަރުހިއްކައި ފެންބޮވުން، އަދި މަސްތައް ކުރުގެޅި އަކުނިވަޔަށްދެމުން
ހިމެނެއެވެ. އެކަށޭނަ ފަރުވާ ނުދެވިއްޖެނަމަ ހޫނުވުމުން ކުރިމަތިވާ އަކުނިވަޔަށް
ދެމުން ގޯސްވެގެން ގޮސް، ހޫނުވެގެން ވަރުދެރަވުން ކުރިމަތިވުމަކީ ގާތް
ކަމެކެވެ.
ދިޔާއެއްޗެހި ގިނައިން ބުއިމާއި،
ސްޕޯޓްސް ޑްރިންކްސް ފަދަ ބުއިންތައް ބޭނުންކުރުމަކީ ހޫނުވެގެން ދިމާވާ
އަކުނިވަޔަށްދެމުން ރަނގަޅުކޮށްދޭނެ ކަމެކެވެ. ހޫނުވެގެން އަކުނިވަށްދެމުމަށް ދެވޭ
އެހެން ފަރުވާތަކުގެ ތެރޭގައި ހިޔާލިބޭ ހިސާބަކަށް އަކުނިވަޔަށް ދަމައިގެންފައިވާ
މީހާ ގެންދިއުން، ފިނިވައި ލިބޭ ތަނަކަށް ނޫނީ އޭސީކޮށްފައިވާ ތަނަކަށް ގެންދިއުން
އަދި އަރާމުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެހެނިހެން ސަބަބުތައް
·
ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން : ހަށިގަނޑުން
ފެނާއި ލޮނުގެ ބައި މަދުވުމަކީ ހަށިގަނޑުން ދާހިއްލުމާއި، ހަށިގަނޑުގެ
ފިނިހޫނުމިން އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމަށް ހުރަސްއަޅާ ކަމެކެވެ.
·
ބަނގުރާބުއިން : ބަނގުރާ ބުއިމަކީ ހަށިގަނޑުގެ
ފިނިހޫނުމިން ކޮންޓްރޯލްކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ހުރަސް އަޅާ ކަމެކެވެ.
·
ހޫނު ދުވަސްވަރު މާބޯކޮށް ހެދުންއެޅުން : ހޫނު ދުވަސްވަރު
މާބޯކޮށް ހެދުން އެޅުމަކީ ވެސް ހަށިގަނޑުން ދާތައް ބޭރުކޮށް، ހަށިގަނޑުން ހޫނު
ބޭރުކުރުމަށް ހުރަސް އަޅާ ކަމެކެވެ.
މަގުފަހިކުރާ ކަންތައްތައް
ހޫނުވެގެން ވަރުދެރަވުން ކުރިމަތިވުމަށް
މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) އުމުރު : ހޫނުވެގެން ވަރުދެރަވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ
ތެރޭގައި ތުއްތުކުދިން، 4 އަހަރުން ދަށުގެ ކުޑަކުދިން، އުމުރުން 65 އަހަރުން
މަތީގެ މީހުން ހިމެނެއެވެ. ކުޑަކުދިންނަށް މިގޮތަށް ދިމާވަނީ ކުޑަކުދިންގެ
ހަށިގަނޑުގައި ފިނިހޫނުމިން ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތު ކުޑަކުދިންގެ
ކިބައިގައި ފުރާފުރިހަމަނުވާތީ އެވެ. އުމުރުން ދުވަސްވީ މީހުންގެ ކިބައިގައި
ހުންނަ ބަލިތަކާއި، ބޭނުންކުރާ އެކިކަހަލަ ބޭސްތަކުގެ ސަބަބުން ފިނިހޫނުމިން
ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ހުރަސްއަޅައެވެ.
(ށ) ބައެއް ކަހަލަ ބޭސްތައް :
ބައެއް ކަހަލަ ބޭސް ތަކަކީ ހަށިގަނޑުގެ
ފެނުގެ މިން އެކަށޭނަ ގޮތެއްގައި ހިފެހެއްޓުމާއި ފިނިހޫނުމިން ކޮންޓްރޯލްކުރުމުގެ
މަސައްކަތަށް ހުރަސްއަޅާ ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި
ލޭމައްޗަށްދިއުމާއި، ހިތުގެ ބަލިތަކަށް ދޭ ބޭސްތައް (ބީޓާ ބްލޮކަރސް އަދި
ޑަޔުރެޓިކްސް)، ނޭސަރުގެ އަލާމާތްތައް ކުޑަކޮށްދޭ ބޭސްތައް (އެންޓިހިސްޓަމައިން)،
ހަށިގަނޑު ހަމައަކަށް އަޅުވައިދޭ ބޭސްތައް (ޓްރަންކްއިލައިޒަރ). ނަފްސާނީ ބަލީގެ
އަލާމަތްތައް ކުޑަކޮށްދޭ ބޭސްތައް (އެންޓިސައިކޮޓިކްސް) އަދި މަސްތުވާ ތަކެތީގެ ތެރޭގައި
ހިމެނޭ ކޮކެއިން އަދި އެމްފިޓަމިން ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކަކީ
ހަށިގަނޑުގެ ފިނިހޫނުމިން ނުވަތަ ކޯ ބޮޑީ ޓެމްޕަރޭޗަރ އިތުރުކޮށްދޭ ބޭސް ތަކެކެވެ.
(ނ) ހަށިގަނޑު ބުރަހެލިވެ،
ފަލަވުން : މާބޮޑަށް ބުރަހެލިވެ،
ފަލަވުމަކީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ހުރަސް އަޅާ ކަމެކެވެ.
އަދި ހަށިގަނޑުގެ ހޫނުމިން އިތުރުކޮށްދޭ ކަމެކެވެ.
(ރ) ކުއްލިއަކަށް
ފިނިހޫނުމިން ބަދަލުވުން : ހޫނު
ތެރޭގައި އުޅުމަށް ކުރިން އާދަވެފައި ނުވާ މީހެއްނަމަ، އަލަށް ނޫނީ ކުއްލިއަކަށް
ފިނިހޫނުމިން ބަދަލުވުން (ހޫނުގަދަވުން ނޫނީ ގަދަހޫނަށް ހުށަހެޅުން) ނޫނީ
ކުއްލިއަކަށް ގަދަ ހޫނުގެ ތެރޭގައި އުޅެން ފެށުމުން ހޫނުވެގެން ވަރުދެރަވުން
ކުރިމަތިވުމަކީ ގާތް ކަމެކެވެ. ގަދަ ހޫނަށް ހޭނެން ހަށިގަނޑަށް ވަގުތު
ބޭނުންވެއެވެ. ފިނިހިސާބަކުން ހޫނު ހިސާބަކަށް އަލަށް ދާއިރު، ނޫނީ ކުއްލިއަކަށް
ހޫނު ހިސާބެއްގައި އުޅެން ފެށުމަކީ ކުރީކޮޅު ހޫނުވެގެން ވަރުދެރަވުން
ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ.
(ބ) ހީޓް އިންޑެކްސް މަތިވުން
(heat
index): ހީޓް އިންޑެކްސް އަށް "އެޕޭރަންޓް ޓެމްޕަރޭޗަރ"(Apparent temperature) ވެސް ކިޔައި އުޅެއެވެ. މިއީ ވައިގެ
ފިނިހޫނުމިނާއި ވައިގެ ނޫނީ ޖައްވުގެ ތެތްކަން އެއްކުރުމުން ނިކުން މިންވަރެކެވެ.
އެޕޭރަންޓް ޓެމްޕަރޭޗަރ އިން މިންކޮށްދެނީ އިންސާނާގެ ހަށިގަނޑަށް އަސްލު
އިހުސާސްވާ ފިނިހޫނު މިނެވެ. ޖައްވުގެ ތެތްކަން މަތިނަމަ، ހަށިގަނޑުގައި ހިއްލާ ދާ
ފަސޭހަކަމާއެކު އާތްވަށް ވެގެން ނުދެއެވެ. އަދި ހަށިގަނޑުގެ ފިނިހޫނުމިން
ދަށްކުރުމުގައި ހުރަސްތަކާ ދިމާވެއެވެ. މީގެ ސަބަބުން ހޫނުވެގެން ވަރުދެރަވުން
އަދި ހޫނުވެގެން އަނބުރައިގަތުން ނުވަތަ ހީޓް ސްޓްރޯކް ޖެހުމުގެ ހިރާސް
އިތުރުކުރުވައެވެ. ހީޓް އިންޑެކްސް 91 ފެރެންހައިޓް ނުވަތަ 33 ޑިގްރީ ސެލްޒިއަސް
ވުރެ މަތިނަމަ، ހަށިގަނޑުގެ ފިނިހޫނުމިން ދަށްކުރުމަށް މަސައްކަތްކުރުމަކީ
އެދެވިގެންވާ ކަމެކެވެ.
ހޫނުވެގެން ވަރުދެރަވުމުގެ
ފުރުޞަތު ބޮޑު ފަރާތްތައް
·
އުމުރުން ދުވަސްވީ މީހުން
·
ލޭމައްޗަށްދާ މީހުން
·
ހޫނު ގަދަ ތަންތަނާއި، ހިސާބުގައި މަސައްކަތްކުރާ މީހުން
އަލާމާތްތައް
ހޫނުވެގެން ވަރުދެރަވުމުގެ އަލާމާތްތައް
ކުއްލިއަކަށް ވެސް ފެނިދާނެއެވެ. ނޫނީ މަޑުމަޑުން ފެންނަމުން ވެސް އައިސްފާނެ
އެވެ. މަޑުމަޑުން ފެންނަމުން އަންނާނީ ހޫނުގެ ތެރޭގައި ގިނައިރު ތަކެއް ވަންދެން
ބުރަ ކަސްރަތުކުރުމަށްފަހު ހޫނުވެގެން ވަރުދެރަވުން ކުރިމަތިވާނަމަ އެވެ.
ހޫނުވެގެން ވަރުދެރަވެއްޖެނަމަ ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ވަރަށް ބޮޑަށް ދާހިއްލުން / ހަށިގަނޑުގެ ފިނިހޫނުމިން
މަތިވުން
·
އަތްފައި(ހަންގަނޑު) ފިނިވުން
·
އަވަސް އަވަހަށް ބަލިކޮށް ވިންދުޖެހުން / ހިތުގެ ވިންދު އަވަސްވުން
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ވަރުބަލިވުން / ވާޅުވުން / ވަރުދެރަވުން
·
ބޮލުގައި ރިހުން
·
ބޯއެނބުރުން
·
އަނބުރައިގަތުން
·
އަކުނިވަޔަށްދެމުން
·
ނުތަނަވަސްވުން
·
ކަރުހިއްކުން
·
ކުޑަކަމުދެވޭ މިންވަރު މަދުވުން
·
ކޮޅަށް ހުންނައިރު ލޭގެ ޕްރެޝަރު ދަށްވުން
ނުރައްކާތައް
ހޫނުވެގެން ވަރުދެރަވާ ހިނދު އެކަށޭނަ
ފަރުވާ ނުދެވިއްޖެނަމަ، ހޫނުވެގެން އަނބުރައިގަތުމަކީ ވެދާނެ ގޮތެކެވެ. ހީޓް
ސްޓްރޯކް ނުވަތަ ހޫނުވެގެން އަނބުރައިގަތުމަކީ ފުރާނައަށް ނުރައްކާވެދާނެ އަދި
އަވަސްފަރުވާ ބޭނުންވާނެ ހާލަތެކެވެ. އާންމު ގޮތެއްގައި މިހާލަތުގައި ހަށިގަނޑުގެ
ފިނިހޫނުމިން 40 ޑިގްރީ ސެލްޒިއަސްވުރެ މައްޗަށްދެއެވެ. ހީޓް ސްޓްރޯކަށް އެދެވޭ
ފަރުވާ އަވަހަށް ނުދެވިއްޖެނަމަ، ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް (ސިކުނޑި،
ހިތް، ގުރުދާ) ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ދެނެގަތުން
ހޫނުވެގެން ވަރުދެރަވުމުގެ
އަލާމާތްތަކަށް ބަލައި، ޓެސްޓުތައް ހެދުމަކާ ނުލައި ވެސް ޑޮކްޓަރުން ހޫނުވެގެން
ވަރުދެރަވުން ކުރިމަތިވެފައިވާކަން
ދެނެގަންނާނެ އެވެ. ނަމަވެސް ހީޓް ސްޓްރޯކްކަން ޔަގީންކުރުމަށް ފުރަގަސް ފަރާތުން
ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ޗެކުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ހޫނުވެގެން
ވަރުދެރަވުމުން އާންމުގޮތެއްގައި ހެދުމަށް ލަފާދީފާނެ ޓެސްޓުތަކުގެ ތެރޭގައި
އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
(ހ) ލޭގެ ޓެސްޓުހެދުން : އެގޮތުން ލޭގައި ސޯޑިއަމް، ޕޮޓޭސިއަމް އަދި ތަފާތު
ގޭސްތަކުގެ އަސަރު ލޭގައި ހުރި މިންވަރު ބަލައި ޗެކުކުރެވެއެވެ.
(ނ) ކުޑަކަމުނަޖިސް
ޓެސްޓުކުރުން : ކުޑަކަމު ނަޖިސް
ޓެސްޓުކުރާއިރު އޭގެ ކުލަ ޗެކުކުރެވެއެވެ. އާންމު ގޮތެއްގައި ހޫނާއި ގުޅިގެން
ދިމާވާ ޞިއްހީ މައްސަލަތަކާއި ވިދިގެން ކުޑަކަމުނަޖިސްގެ ކުލަ ގަދަވެ،
އަނދިރިވެއެވެ. މީގެ އިތުރުން ގުރުދާ މަސައްކަތްކުރާގޮތް ބެލުމަށް ވެސް މިޓެސްޓުގެ
ބޭނުން ހިފައެވެ.
(ރ) މަސްތަކުގެ
މަސައްކަތްހުރިނެތްގޮތް ބެލުން : މިއީ
މަސްތަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
(ބ) އިމޭޖިންގ ޓެސްޓުތައް : އެކްސްރޭ އަދި އެހެނިހެން އިމޭޖިންގ ޓެސްޓުތައް ވެސް
ހަދައިފާނެއެވެ. މިއީ ހޫނުވެގެން ވަރުދެރަވުން ކުރިމަތިވުމަށް މެދުވެރިވި
ސަބަބުތައް ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
ހޮސްޕިޓަލަށް ގެންދަންޖެހޭ
ހާލަތްތައް
·
ރަނގަޅުނުވެ އެއްގަޑިއަރަށްވުރެ ގިނައިރުވުން
·
އަލާމާތްތައް އިތުރަށް ގޯސްވުން
·
މެދުނުކެނޑި ހޮޑުލެވުން
·
ހޭވެރިކަމަށް ބަދަލުއައުން، ވާނުވާ ނޭނގުން، އެއްވެސް
އެއްޗެއް ބޯން ނުކުޅެދުން
·
ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްޒިއަސް އަށްވުރެ
މަތިވުން
ފަރުވާ
ހޫނުވެގެން ވަރުދެރަވާ މީހުންނަށް އާންމު
ގޮތެއްގައި ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދެވެއެވެ. އެގޮތުން ގައިގައި ތެތް
ފޮތިގަނޑެއް އަޅައި، ފަންކާ ޖަހައިގެން ހަށިގަނޑު ފިނިކުރެވޭތޯ ބަލައެވެ. މީގެ އިތުރުން
އައިވީ ގުޅައިގެން ހަށިގަނޑަށް ފެން ފޯރުކޮށްދެވެއެވެ. ހަށިގަނޑުން ފެން ބޭރުވާ މިންވަރާއި،
އެތެރެވާ މިންވަރު ބަލަމުން ގެންދާނެއެވެ. އާންމު ގޮތެއްގައި ގިނަ މީހުން އެދުމަތިކުރާތާ
24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވެގެން ދޫކޮށްލާނެއެވެ.
އަވަސްފަރުވާގެ ގޮތުގައި ކުރަންވީ
ކަންތައްތައް / އަމަލުކުރަންވީ ގޮތް
·
ހެދުން ، ބޫޓު، އިސްޓާކީނު ފަދަ ތަކެތި ބާލުވައި،
ހަށިގަނޑު ހާމަކުރުން
·
ހިޔާލިބޭ ހިސާބަކަށް މީހާ ގެންދިއުން ނުވަތަ ފިނި
ހިސާބެއްގައި މީހާ އަރާމުކުރުމަށް ބޭއްވުން
·
ފިނި،ތެތް ފޮތިގަނޑެއް ގައިގައި އެޅުން/އުގުޅުން
·
ކޫލް ބާތެއް ނެގުން
·
ފަންކާ ޖަހައިގެން ފިނިހޫނުމިން ދަށްކުރެވޭތޯ ބެލުން / ހަށިގަނޑު ފިނިކުރުމަށް ފަންކާ ޖެހުން
·
އަރާމުކުރުން
·
އެތިފޮދު ފޮދުން އާދައިގެ ފެންދިނުން
·
އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުން
·
ވަރުދެރަވެފައިވާ މީހާގެ ބޯ، މޫނު، ކަދުރާ ފިނިފެނުން
ދޮވުން
މީގެ އިތުރުން :
·
ހޫނުވެގެން ވަރުދެރަވުން ކުރިމަތިވުމާއެކު
އެންބިއުލެންސަށް ގުޅުން
·
އެންބިއުލެންސް ލަސްވާނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ގެންދިއުން
·
އެންބިއުލެންސް ނޫނީ ހޮސްޕިޓަލަށް ގެންދިއުމަށް ކާރެއް
ފަދަ އެއްޗެއް ލިބެންދެން ވަރުދެރަވެފައިވާ މީހާގެ ގާތުގައި އެހެން މީހަކު
މަޑުކުރުން
ހޫނުކަމާ ގުޅުންހުރި ބަލިތަކުން
ރައްކާތެރިވެވޭނެ ގޮތްތައް
·
ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި
ނަމަވެސް)
·
ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް
ބޭނުންކުރުން
·
އަވީތެރޭގައި އުޅޭއިރު
ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
·
ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15
އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
·
ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން
·
ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން
·
ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
·
ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ
ބުއިންތަކާ ދުރުހެލިވުން
·
ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި
ހުންނަ އަންނައުނު ބޭނުންކުރުން
·
ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް
ވަގުތު ހޭދަކުރުން
·
ހޫނުވުން އިތުރުކޮށްފާނެ ފަދަ ބޭސްތަކާއި ދުރުހެލިވުން
·
ދުވާލުގެ އެންމެ ހޫނުގަޑީގައި ބޭރުތެރޭގައި ނޫނީ އަވީގެ
ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ވީވަރަކުން ނުކުރުން
·
އަލަށް ހޫނު ހިސާބަކަށް ދާނަމަ، ގަދަ ހޫނަށް ހޭނެންދެން
ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުން
·
ހޫނުވެގެން ދިމާވާ މައްސަލަތައް ދިމާވުމުގެ ހިރާސް އިތުރު
މީހެއްނަމަ ޚާއްޞަ ސަމާލުކަމެއް ދިނުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.cdc.gov/niosh/topics/heatstress/heatrelillness.html
·
https://www.mayoclinic.org/diseases-conditions/heat-exhaustion/symptoms-causes/syc-20373250
No comments:
Post a Comment