ހީޓް
ސްޓްރޯކް
ހީޓް ސްޓްރޯކް(heat stroke) އަކީ ހޫނު
ދުވަސްވަރެއްގައި މާބޮޑަށް ހޫނުވެގެން ދިމާވެދާނެ ނުރައްކާތެރި ޞިއްޙީ
މައްސަލައެކެވެ. މިއީ އަވަސް ފަރުވާ ބޭނުންވާނެ ޞިއްޙީ ޙާލަތެކެވެ. އަދި މިއީ
ހޫނުވުމުގެ ސަބަބުން ދިމާވެދާނެ އެންމެ ނުރައްކާތެރި ޞިއްހީ މައްސަލަ އެވެ. ވަގުތުން
އަވަސް ފަރުވާ ނުލިބިއްޖެނަމަ މިއީ ފުރާނައަށް ނުރައްކާވެ، މަރުވުން އެކަށީގެންވާ
ހާލަތެކެވެ.
އާންމު ގޮތެއްގައި މިކަން ކުރިމަތިވަނީ ހަށިގަނޑު މާބޮޑަށް ހޫނުވެގެންނެވެ. ހަށިގަނޑު މާބޮޑަށް ހޫނުވަނީ ގިނައިރު އަވީގައި ނޫނީ ހޫނުގައި އުޅުމުން ނުވަތަ ގިނައިރު ގަދަ ހޫނުގައި ބުރަ މަސައްކަތްކުރުމުންނެވެ. ހީޓް ސްޓްރޯކް އާންމުކޮށް ޖެހެނީ ހަށިގަނޑުގެ ފިނިހޫނުމިން 104 ޑިގްރީ ފެރެންހައިޓް އަށްވުރެ މަތިވެއްޖެނަމަ އެވެ.
ސަބަބު
މިކަން ދިމާވަނީ ހަށިގަނޑުގެ
ފިނިހޫނުމިން ކޮންޓްރޯލްކުރަން އުދަނގޫވެ، އާދަޔާ ޚިލާފަށް މައްޗަށް ހަށިގަނޑުގެ ފިނިހޫނުމިން
ދިއުމުންނެވެ. ނުވަތަ ހަށިގަނޑުން ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުން
ހުއްޓާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ފިނިހޫނުމިން މަތިވެ،
ދާހިއްލުން ހުއްޓި، ހަށިގަނޑުގެ ހޫނުމިން ދަށްކޮށް ހަށިގަނޑުގެ ހޫނުކަން
ކުޑަކުރުމަށް ނުކުޅެދެއެވެ. ހީޓް ސްޓްރޯކް ޖެހުމުން ހަށިގަނޑުގެ ފިނިހޫނުމިން
15-10 މިނިޓްގެ ތެރޭގައި 104 ޑިގްރީ ފެރެންހައިޓް އަށްވުރެ މަތިވެގެން ދެއެވެ.
ހީޓް ސްޓްރޯކް ޖެހުމަކީ ހަށިގަނޑުން
ހޫނު އުފައްދާ މިންވަރު، ހަށިގަނޑުން ހޫނު ބޭރުކުރާ މިންވަރު އަށްވުރެ މަތިވުމުން
ވެދާނެ ގޮތެކެވެ. ގަދަ އަވީގައި ނުވަތަ ހޫނުގައި ގިނައިރު އުޅުން، އަދި އާދަޔާ
ޚިލާފަށް ގަދަޔަށް ހުންއައުން ފަދަ ކަންކަމަކީ އަނބުރައިގަތުން މެދުވެރިކުރުވާފާނެ
ކަންކަމެވެ.
ހީޓް ސްޓްރޯކްޖެހުމަށް ދިމާވާ
ސަބަބުތައް
(ހ) ހޫނު މާހައުލަށް
ހުށަހެޅުން : މާގިނައިރު ހޫނު ތެރޭގައި
އުޅުމަކީ ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށްދާނެ ކަމެކެވެ. އެހެންކަމުން ހީޓް
ސްޓްރޯކް ޖެހެނީ ގިނައިރުތަކެއް ވަންދެން ގަދަ ރަތްދަކަ އަވީގެ ތެރޭގައި ނޫނީ ގަދަ
ހޫނުގެ ތެރޭގައި އުޅެއްޖެނަމަ އެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ހީޓް ސްޓްރޯކް
އެންމެ ބޮޑަށް ދިމާވަނީ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްކުރާ
މީހުންނަށެވެ. މިގޮތުން ޖެހޭ ހީޓް ސްޓްރޯކަށް ޖެހޭ "ކްލެސިކް ހީޓް
ސްޓްރޯކް"(classic
heat stroke) އޭ ކިޔައެވެ.
(ށ) މާބުރަކޮށް މަސައްކަތްކުރުން : މިއީ ގަދަ ހޫނުގެ ތެރޭގައި
ގިނައިރުތަކެންދެން ބުރަ މަސައްކަތްކުރުމުން، ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ
ޚިލާފަށް މަތިވެ، ހީޓް ސްޓްރޯކް ޖެހުމެވެ. ގަދަ ހޫނުގެ ތެރޭގައި ބުރަ
މަސައްކަތްކުރުން ނޫނީ ކަސްރަތުކޮށް ހެދުމަކީ މި އުސޫލުން ހީޓް ސްޓްރޯކް
ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް ގިނަ ފަހަރު މިގޮތަށް ދިމާވަނީ އާންމު
ގޮތެއްގައި ގަދަ ހޫނުގެ ތެރޭގައި އުޅެފައިނުވާ މީހަކު ކުއްލިއަކަށް ނޫނީ ފުރަތަމަ
ދުވަސްކޮޅު ގަދަ ހޫނުގައި މަސައްކަތްކޮށް ނޫނީ ކަސްރަތުކޮށް ހަދާނަމަ އެވެ.
މިގޮތަށް ޖެހޭ ހީޓް ސްޓްރޯކް އަށް "އެގްޒާޝަނަލް ހީޓް ސްޓްރޯކް"(exertional heat stroke) އޭ ކިޔައެވެ.
ބަޔާންކުރެވުނު ކޮންމެ ހާލަތެއްގައި
ހީޓް ސްޓްރޯކް ޖެހުމަށް ބާރު ލިބޭނެ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ
ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެވެ.
·
މާގިނަ އަންނައުނު ލައިގެންހުރުން : މާބޯކޮށް ހެދުން އެޅުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުން
ހިއްލާ ދާ އާތްވަށް ވެގެން ދިއުމަށް ހުރަސްއަޅާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން
ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށް، ހަށިގަނޑު ފިނިކުރުމަށް ހުރަސްއަޅާ ކަމެކެވެ.
މިހެންވުމުން ހަށިގަނޑުގެ ފިނިހޫނުމިން މަތިވުމަށް ފުރުޞަތުލިބި، ހީޓް ސްޓްރޯކް
ޖެހުމަށް ބާރު ލިބިގެން ދެއެވެ.
·
ބަނގުރާބުއިން : ބަނގުރާ ބުއިމަކީ ހަށިގަނޑުގެ ފިނިހޫނުމިން
ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ހުރަސްއަޅާ ކަމެކެވެ. މިހެން ވުމުން ހަށިގަނޑުގެ
ފިނިހޫނުމިން މަތިވެ، ހީޓް ސްޓްރޯކް ޖެހުމަށް ބާރުއަޅައެވެ.
·
ހަށިގަނޑުން ފެންމަދުވުން : އެކަށޭނަ ވަރަށް ދިޔާތަކެތި ބޭނުންނުކުރާނަމަ ހަށިގަނޑުން
ފެން އިތުރަށް މަދުވެ، ހަށިގަނޑުގެ ފިނިހޫނުމިން ދަށްކުރަން ދަތިވެއެވެ. އެކަމުގެ
ސަބަބުން ހީޓް ސްޓްރޯކް ޖެހުމަށް ބާރުއަޅައެވެ.
މަގުފަހިކުރާ ކަންތައްތައް
ކޮންމެ މީހަކަށް ވެސް ހީޓް ސްޓްރޯކް
ކުރިމަތިވެދާނެ އެވެ. ނަމަވެސް ހީޓް ސްޓްރޯކް ޖެހުމުގެ ހިރާސް އިތުރުކުރާ
ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި
މިވަނީ އެވެ.
(ހ) އުމުރު : ގަދަ ހޫނަށް ތަހައްމަލުކުރުމުގެ ކުޅަދާނަކަން ބަރޯސާވަނީ
މަރުކަޒީ ނާރުތަކުގެ ނިޒާމުގެ ބާރު ނުވަތަ ހަރުދަނާކަމުގެ މައްޗަށެވެ. އުމުރުން
އެންމެ ހަގު އިރު މަރުކަޒީ ނާރުތަކުގެ ނިޒާމު ފުރިހަމަނުވެ ހުރުން އަދި އުމުރުން
ދުވަސްވުމުން މަރުކަޒީ ނާރުތަކުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން
ހަށިގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލު ތަހައްމަލުކުރަން އުދަނގޫވެ،
ދަތިވެއެވެ. މީގެ އިތުރުން ބަޔާންކުރެވުނު ދެ އުމުރުފުރާ އަކީ ވެސް އެކަށޭނަ
ވަރަށް ދިޔާތަކެތި ނެގުމަށް ވެސް ނުކުޅެދޭ ދެ އުމުރު ފުރާއަށްވުމުން ވެސް
މިދެއުމުރުފުރާ އަށް ހީޓް ސްޓްރޯކްޖެހުމުގެ ހިރާސް އިތުރުވެގެން ދެއެވެ.
(ށ) ގަދަ ހޫނުގައި
މަސައްކަތްކުރުން : ގަދަ ރަތްދަކަ
ހޫނުގައި ނޫނީ އަވީގައި މިލިޓަރީ ތަމްރީނުތައް ފުރިހަމަކުރުން، ފުޓްބޯޅަކުޅުން،
ދުވުން ފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހުމަށް މަގުފަހިވެދާނެ
ކަންކަމެވެ.
(ނ) ކުއްލިއަކަށް ގަދަ
ހޫނުގައި އުޅެން ފެށުން : ކުއްލިއަކަށް
ގަދަ ހޫނުގެ ތެރޭގައި އުޅެން ފެށުމަކީ ހޫނުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތައް
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިސާލަކަށް ހޫނު ގަދަ ގައުމަކަށް
އަލަށް ދަތުރުކުރުން، ހޫނު މޫސުން އަންނަ ގައުމުތަކުގައި ހޫނު މޫސުން ފެށޭތާ
ކުރީކޮޅު ހޫނު އެންމެ ގަދަވާ ދުވަސްވަރު ހީޓް ސްޓްރޯކް ޖެހުމުގެ ހިރާސް
އިތުރުވެގެން ދެއެވެ. އެހެންކަމުން މިގޮތަށް ހޫނު ގަދަވާ ދުވަސްވަރު
ގިނައިރު ހޫނުގައި އުޅުމުގެ ބަދަލުގައި ބޭރުތެރޭ އުޅޭ މިންވަރު މަދުކުރެވިދާނެ
އެވެ. އަދި އެގޮތަށް ހޫނުގެ ތެރޭގައި އުޅުމަށް ނަފުސު ހޭނުވިދާނެ އެވެ. ނަމަވެސް
ގަދަ ހޫނުގެ ތެރޭގައި ދުވަސް ގަނޑެއް އުޅެވެންދެން (ރަނގަޅަށް ހޭނެންދެން) އަދި
ވެސް ހީޓް ސްޓްރޯކް ޖެހުމުގެ ހިރާސް އޮވެދާނެ އެވެ.
(ރ) ބައެއް ކަހަލަ ބޭސްތައް
ބޭނުންކުރުން : ބައެއް ކަހަލަ ބޭސްތަކަކީ
ހަށިގަނޑުގައި ފެން ހިފެހެއްޓުމުގެ ގާބިލިއްޔަތުކަމަށް އަސަރުކުރުވާ ބޭސް ތަކެވެ.
އެހެންކަމުން ހޫނު ދުވަސްވަރު ލޭހޮޅިތައް ހިމަކޮށް ހަނިކުރުވާ ބޭސްތައް
ބޭނުންކުރާނަމަ، ސަމާލުވުމަކީ މުހިއްމު ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި
އެޑްރީނަލިންގެ މަސައްކަތް ހުއްޓުވައިގެން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރާ ބޭސްތައް
(ބީޓާ ބްލޮކަރސް) އަދި ހަށިގަނޑުން ފެނާއި ލޮނު ބޭރުކުރާ ބޭސް (ޑަޔުރެޓިކްސް)،
އަދި ނަފްސާނީ ބައްޔަށް ފަރުވާކުރުމަށް ދޭ ބައެއް ބޭސްތައް (އެންޓި ޑިޕްރެޝަންޓްސް
އަދި އެންޓިސައިކޮޓިކްސް) ފަދަ ބޭސްތައް ހިމެނެއެވެ.
(ބ) ބައެއް ކަހަލަ ބަލިތައް
ތަހައްމަލުކުރަމުން ގެންދިއުން : ހިތުގެ
ބަލި، އަދި ފުއްޕާމޭގެ ބަލިތައް ހުރުމަކީ ހީޓް ސްޓްރޯކް ޖެހުމުގެ ހިރާސް
އިތުރުކުރާ ކަމެކެވެ. ކުރިން ހީޓް ސްޓްރޯކް ޖެހިފައިވުމާއި، މާބޮޑަށް ހަށިގަނޑު
ބުރަހެލިވެ، ފަލަވުމާއި، އަދި ހެލިފެލިވެއުޅުން މަދުވުމަކީ ވެސް ހީޓް ސްޓްރޯކް
ޖެހުމަށް މަގުފަހިކުރާ ހިރާސްތަކެވެ.
އަލާމާތްތައް
·
ހަށިގަނޑުގެ ފިނިހޫނުމިން 40ޑިގްރީ ސެލްޒިއަސް އަށްވުރެ
މަތިވުން
·
ހަންގަނޑު ހޫނުވެ،ރަތްވެ، ހިކި، އެދުން
·
އަވަސް އަވަހަށް ބާރަށް ވިންދު ޖެހުން
·
މޭނުބައިކުރުން
·
ބޮލުގައި ރިހުން
·
ބޯއެނބުރުން
·
އަނބުރައިގަތުން
·
ވާނުވާ ނޭނގުން
މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ
ތެރޭގައި
·
ނަފްސާނީ ހާލަތަށް ބަދަލުއައުން
·
ވާހަކަ ދައްކަން އުދަނގޫވުން ނޫނީ އާގަންނަގޮތެއްހުރުން
·
ޚަބަރު ހުސްވުން ، ހޭނެތުން
·
ވަރަށް ބޮޑަށް ދާހިއްލުން
·
ފިޓުޖެހުން
އެމެރިކާގެ މެޔޯކްލިނިކް ވެބްސައިޓްގައި ހީޓް ސްޓްރޯކްގެ
އަލާމާތްތައް ބަޔާންކޮށްފައިވާ ގޮތް ތިރީގައި މިވަނީ އެވެ.
(ހ) ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށްދިއުން : އެގޮތުން ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްޒިއަސް
ނުވަތަ 104 ފެރެންހެއިޓް އަށްވުރެ މަތިވެގެންދެއެވެ. ހީޓް ސްޓްރޯކްގެ މައިގަނޑު
ނިޝާނަކީ މިއީ އެވެ.
(ށ) ނަފްސާނީ ހާލަތަށް ނޫނީ އުޅުމަށް
ބަދަލުއައުން : ވާނުވާނޭނގުން، ނުތަނަވަސްވުން، ހިމޭނުންނުހުރެވުން، ވާހަކަ ދައްކަން
އުދަނގޫވުން ނޫނީ ވާހަކަ ދައްކާއިރު އާގަތުން، ވަހުމުވުން، ޝައްކުވުން،
ފިޓުޖެހުން، ޚަބަރު ހުސްވުން މިހުރިހާ ކަންކަމަކީ ވެސް ހީޓް ސްޓްރޯކްގެ އަލާމާތް
ތަކެވެ.
(ނ) ދާހިއްލުމަށް ބަދަލުއައުން: މާހައުލު ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ހީޓް ސްޓްރޯކްގައި ހަންގަނޑު
އަތްލާއިރު ހުންނާނީ ހޫނުކޮށް، ހިކިފައެވެ. ނަމަވެސް ހޫނުގައި މާބުރަކޮށް
މަސައްކަތްކުރުމުން ކުރިމަތިވާ ހީޓް ސްޓްރޯކްގައި ހަންގަނޑު ހުންނާނީ ހިކިފައި
ނޫނީ ކޮންމެވެސް ވަރެއްގެ ތެތްކަމެއްގައެވެ.
(ރ) މޭނުބައިކުރުމާއި ހޮޑުލެވުން : މޭނުބައިކުރުމާއި ހޮޑުލެވުމަކީ ހީޓް ސްޓްރޯކް ޖެހުމުން ދިމާވެދާނެ ކަމެކެވެ.
(ބ) ހަން ރަތްވުން : ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދާ ވަރަކަށް ހަމުގެ ރަތްކަން އިތުރުވެ،
ހަންގަނޑު ރަތްވާނެ އެވެ.
(ޅ) ނޭވާލުން އަވަސްވުން : ނޭވާލުން އަވަސްވުމަކީ ހީޓް ސްޓްރޯކްގައި ދިމާވެދާނެ ކަމެކެވެ.
(ކ) ވިންދު އަވަސްވުން : ހިތުގެ ވިންދުޖެހުން އަވަސްވެގެންދެއެވެ. މިގޮތަށް ދިމާވަނީ ހަށިގަނޑު ހޫނު
މިން ދަށްކުރުމަށް ކުރާ މަސައްކަތުގައި ހިތަށް ބާރުބޮޑުވާތީ އެވެ.
(އ) ބޮލުގައި ރިހުން : ބޮލުގައި ރިހުމަކީ ވެސް ހީޓް ސްޓްރޯކްގައި ކުރިމަތިވެދާނެ ކަމެކެވެ.
ނުރައްކާތައް
އަވަސް މުއްދަތެއްގެ ތެރޭގައި
ހަށިގަނޑުގެ ފިނިހޫނުމިން ދަށް ނުކުރެވިއްޖެނަމަ، ގުރުދާ، ހިތް، ސިކުނޑި، އަދި
މަސްތައް ފަދަ ގުނަވަންތަކުގެ މަސައްކަތް ހުއްޓި، ފުރާނައަށް ގެއްލުންވުމަކީ
އެކަށީގެންވާ ކަމެކެވެ. ހީޓް ސްޓްރޯކް ޖެހުމުން އަވަސް ފަރުވާ ނުދެވި ގިނައިރު
ވާނަމަ، އެކަމުގެ ސަބަބުން ގުނަވަންތަކަށް ލިބޭ ގެއްލުން ބޮޑުވެގެން ދެއެވެ.
ހީޓް ސްޓްރޯކް ޖެހުމުން ހަށިގަނޑުން ފެންހުސްވުން، ހަށިގަނޑުން ލޮނުމަދުވުން،
އަދި ބައެއް ފަހަރު ލޭދައުރުވުމާއި ގުޅުންހުރި ޝޮކް ޖެހޭގޮތް ވެއެވެ. އަދި މީގެ
އިތުރުން ފިނިހޫނުމިން ކޮންޓްރޯލްކުރާ މަރުކަޒު ގެ މަސައްކަތް ދަށްކޮށްލައެވެ.
ނުވަތަ ހުއްޓުވާލައެވެ. މިއީ ވަރަށް ނުރައްކާ ކަމެކެވެ. ސަބަބަކީ މިހެންވެއްޖެނަމަ
ހަށިގަނޑުގެ ފިނިހޫނުމިން އަނެއްކާވެސް މަތިވެގެންދާނެތީ އެވެ. އަދި އޭގެ ފަހުގައި
އަނެއްކާވެސް ފިނިހޫނުމިން ކޮންޓްރޯލްކުރާ މަރުކަޒުގެ މަސައްކަތް ދަށްކޮށް،
އެގޮތަށް ގޮސް ހަށިގަނޑުގެ ފިނިހޫނުމިން ހުރިމިންވަރު މަތިކުރުވާތީއެވެ. ހޫނުވެގެން
އަނބުރައިގަތުން މެދުވެރިވުމުގެ އާޚިރު ނަތީޖާއަކީ މުޅި ހަށިގަނޑުން ލޭހިލި،
މީހާގެ މަރުވުމެވެ.
ދެނެގަތުން
ހީޓް ސްޓްރޯކްގެ އަލާމާތްތަކަށް ބަލައި،
ޓެސްޓުތައް ހެދުމަކާ ނުލައި ވެސް ޑޮކްޓަރުން ހީޓް ސްޓްރޯކް ޖެހިފައިވާކަން
ދެނެގަންނާނެ އެވެ. ނަމަވެސް ހީޓް ސްޓްރޯކްކަން ޔަގީންކުރުމަށާއި، ހީޓް ސްޓްރޯކްގެ
އަލާމާތްތައް ހުންނަ އެހެން ބަލިތައް ނުވަތަ ހާލަތްތައް ކަން ޔަގީންކުރުމަށް
ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން
އާންމުގޮތެއްގައި ހެދުމަށް ލަފާދީފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި
ޓެސްޓުތައް ހިމެނެއެވެ.
(ހ) ހަށިގަނޑުގެ ފިނިހޫނުމިން
ފުރަގަސް ފަރާތުން ބެލުން :
ރެކްޓަލް ޓެމްޕަރޭޗަރ(rectal
temperature) އަކީ
ހަށިގަނޑުގެ ކޯ ބޮޑީ ޓެމްޕަރޭޗަރ ބެލުމަށް އެންމެ ރަނގަޅު ގޮތެވެ. ނިއްކުރި
މަތިންނާއި، ކަންފަތުންނާއި، އަނގައިން ބަލާ މިންކުރާ ފިނިހޫނުމިނަށްވުރެ،
ފުރަގަސްފަރާތުން ބަލާ ޗެކުކުރާ ފިނިހޫނުމިން މާ ސީދާވެފައި، ފުރިހަމަކަން ފާހަގަ
ކުރެވެއެވެ.
(ށ) ލޭގެ ޓެސްޓުހެދުން : އެގޮތުން ލޭގައި ސޯޑިއަމް، ޕޮޓޭސިއަމް އަދި ތަފާތު
ގޭސްތަކުގެ އަސަރު ލޭގައި ހުރި މިންވަރު ބަލައި ޗެކުކުރެވެއެވެ. މީގެ ބޭނުމަކީ
މަރުކަޒީ ނާރުތަކުގެ ނިޒާމަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމެވެ.
(ނ) ކުޑަކަމުނަޖިސް
ޓެސްޓުކުރުން : ކުޑަކަމު ނަޖިސް
ޓެސްޓުކުރާއިރު އޭގެ ކުލަ ޗެކުކުރެވެއެވެ. އާންމު ގޮތެއްގައި ހޫނާއި ގުޅިގެން
ދިމާވާ ޞިއްހީ މައްސަލަތަކާއި ވިދިގެން ކުޑަކަމުނަޖިސްގެ ކުލަ ގަދަވެ،
އަނދިރިވެއެވެ. މީގެ އިތުރުން ގުރުދާ މަސައްކަތްކުރާގޮތް ބެލުމަށް ވެސް މިޓެސްޓުގެ
ބޭނުން ހިފައެވެ.
(ރ) މަސްތަކުގެ މަސައްކަތްހުރިނެތްގޮތް
ބެލުން : މިއީ މަސްތަކަށް
ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
(ބ) އިމޭޖިންގ ޓެސްޓުތައް : އެކްސްރޭ އަދި އެހެނިހެން އިމޭޖިންގ ޓެސްޓުތައް ވެސް
ހަދައިފާނެއެވެ. މިއީ ހީޓް ސްޓްރޯކް ކުރިމަތިވުމަށް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް
ހެދޭ ޓެސްޓެކެވެ.
ފަރުވާ
ހީޓް ސްޓްރޯކްގެ ފަރުވާގައި މައިގަނޑު
ގޮތެއްގައި މަސައްކަތްކުރެވެނީ ހީޓް ސްޓްރޯކް ޖެހިފައިވާ މީހާގެ ހަށިގަނޑު
ފިނިކޮށް، ހަށިގަނޑުގެ ފިނިހޫނުމިން ދަށްކުރެވޭތޯ އެވެ. އެއީ އެކަމުގެ ސަބަބުން
ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމުގައިވާ ސިކުނޑިއާއި، ހިތާއި، ގުރުދާ ފަދަ
ގުނަވަންތަކަށް ގެއްލުންވުން ކުޑަކުރުމަށްޓަކައެވެ. އަދި މިއީ އަވަސްފަރުވާ ވެސް
ބޭނުންވާ ހާލަތެކެވެ. ސަބަބަކީ ފަރުވާކުރުން ލަސްވެއްޖެނަމަ ހަށިގަނޑުގެ މުހިއްމު
ގުނަވަންތަކަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ.
އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް ނުވަތަ
އަމަލުކުރަންވީ ގޮތް ތައް ތިރީގައި މިވަނީ އެވެ.
·
ވަގުތުން އެންބިއުލެންސަށް ގުޅުން
·
އަނބުރައިގެންފައިވާ މީހާ ގާތުގައި މަޑުކުރުން
·
އަނބުރައިގެންފައިވާ މީހާ ހިޔާލިބޭ ފިނި ވައިލިބޭ ހިސާބަކަށް
މީހާ ގެންދިއުން
·
އަނބުރައިގެންފައިވާ މީހާގެ ހަށިގަނޑުހާމަކުރުން /
ލައިގެން އޮތް ހެދުން ފަދަ ތަކެތި ބޭލުން
·
އަނބުރައިގެންފައިވާ މީހާގެ ގައިގައި ފިނިހޫނުމިން
ދަށްކުރުމަށް ފެންއުގުޅުން
·
އަނބުރައިގެންފައިވާ މީހާ ގެ ފިނިހޫނުމިން ދަށްކުރުމަށް
ފަންކާގެ ފިނިވައި ލިބޭ ހިސާބެއްގައި ބޭއްވުން
·
ހަށިގަނޑު ފިނިކުރުމަށް މަސައްކަތްކުރުން
o ހަށިގަނޑު ފިނިކުރުމަށް
ފިނިފެން ބޭނުންކުރުން ނޫނީ ކޯލްޑް/ އައިސްބާތު ބޭނުންކުރުން
o ހަންގަނޑު ތެތްކުރުން ނޫނީ
ތެންމުން
o ހަންގަނޑު މަތީ ތެތް ފިނި
ފޮތިގަނޑެއް އެޅުން
o ބޭނުންކުރާ ފޮތިގަނޑު
ދެވަނަ ފަހަރަށް ބޭނުންކުރާއިރު ކޫލް ވޯޓަރ އިން ތެންމުން ނޫނީ ފޯކުރުން
·
ތެތް ފިނި ފޮތިގަނޑެއް ނިއްކުރިމަތި، ކަރުދޮށް،
ކިހިލިފަތްދޮށް، އަދި ފައިވަޅު ފަދަ ތަންތަނުގައި އެޅުން ނޫނީ ބޭއްވުން
·
ވަގުތުން އެއްވެސް އެއްޗެއް ބޯން ނުދިނުން
·
އަނބުރައިގެންފައިވާ މީހާ އަށް ބޮވޭވަރުވުމުން ފެންދިނުން
ނޫނީ ލޮނުފެން ދިނުން
ހީޓް ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް
ކުރެވިދާނެ ކަންތައްތައް
ހީޓް ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ
ކަންތައްތަކުގެ ތެރޭގައި:-
·
ގިނައިން ދިޔާތަކެތި (ފެން) ބުއިން : ފެން، ލޮނުފެން ފަދަ
ތަކެތި ބުއިމަށް އިސްކަން ދޭށެވެ. ކެފެއިން ހިމެނޭ އަދި ހަކުރު ގިނަ ބުއިންތަކާ
ދުރުހެލިވާށެވެ.
·
ބޭރަށް ނިކުމެއުޅޭއިރު ތޮފި، އަވި އައިނު، ކުޑަ ފަދަ
ތަކެތި ބޭނުންކުރުން
·
ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން
·
ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި
އަދި ތުނިކޮށް ހުންނަ އަންނައުނު
ބޭނުންކުރުން
·
ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް
ވަގުތު ހޭދަކުރުން
·
ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް
އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން
ހޫނުކަމާ ގުޅުންހުރި ބަލިތަކުން
ރައްކާތެރިވެވޭނެ ގޮތްތައް
·
ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި
ނަމަވެސް)
·
ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް
ބޭނުންކުރުން
·
އަވީތެރޭގައި އުޅޭއިރު
ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
·
ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15
އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
·
ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން
·
ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން
·
ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
·
ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ
ބުއިންތަކާ ދުރުހެލިވުން
·
ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި
އަދި ތުނިކޮށް ހުންނަ އަންނައުނު
ބޭނުންކުރުން
·
ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް
ވަގުތު ހޭދަކުރުން
·
ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް
އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން
ނޯޓް : މިއީ
މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
·
https://www.cdc.gov/niosh/topics/heatstress/heatrelillness.html
·
https://www.nhs.uk/conditions/heat-exhaustion-heatstroke/
No comments:
Post a Comment